ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2023/SC-HCL/19, 2023/SC-L/80

ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ޖުލައި 2023ދަށު ކޯޓު: ހައިކޯޓު HC-RM/2023/18ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2023/18، 95-CR/161/2023/15، 1845/Cv-C/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 1845/Cv-C/2020 ގައި 16 ނޮވެންބަރު 2022 ގައި ކުރި ޙުކުމުގެ އިސްތިއުނާފު، މުއްދަތު ހަމަވުމަށްފަހު ހުށަހެޅި ކަމަށްވާތީ ހައިކޯޓުގެ ރަޖިސްޓްރާރ 95-CR/161/2023/15 ގައި 16 ފެބުރުއަރީ 2023 ގައި ބަލައިނުގަތެވެ. އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނުފެންނާތީ ހައިކޯޓުގެ ފަނޑިޔާރުން HC-RM/2023/18 ގައި 16 އޭޕްރިލް 2023 ގައި ނިންމިއެވެ.
ވާޤިޢާ
ސިވިލް ކޯޓުން 16 ނޮވެންބަރު 2022 ގައި ޙުކުމްކުރި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބުނީ 22 ޑިސެންބަރު 2022 ގައެވެ. ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް 06 ޑިސެންބަރު 2022 ގައި އިޞްލާޙު ގެނެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ މުއްދަތު ބަންދު ދުވަސް ހިމަނައިގެން ގުނަން ކަނޑައެޅިފައިވިއެވެ. ކުންފުނިން ހައިކޯޓަށް އިސްތިއުނާފު ހުށަހެޅީ 02 ފެބުރުއަރީ 2023 ގައެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓުން ޙުކުމްކުރީ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް 06 ޑިސެންބަރު 2022 ގައި އިޞްލާޙު ގެނައުމުގެ ކުރިން ކަމަށްވިޔަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނީ އިޞްލާޙަށްފަހު ނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ އިސްތިއުނާފުގެ މުއްދަތު ގުނަންވީ ބަންދު ދުވަސްތައް ހިމަނައިގެންތޯއާއި، އިސްތިއުނާފު މުއްދަތު ހަމަވުމަށްފަހު ހުށަހެޅިކަމަށް ނިންމުން ރަނގަޅުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ބުނީ، ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމުގައި ނިންމުމަށް ވާޞިލުވި ގޮތާއި ސަބަބުތައް ހާމަކޮށްފައި ނުވާ ކަމަށާއި، އިސްތިއުނާފު ހުށަހެޅީ މުއްދަތުގެ ތެރޭގައިކަން ދައްކާ ހެކި ހުށަހެޅި ނަމަވެސް އެކަމަށް އަލިއަޅުވާފައި ނުވާ ކަމަށާއި، 05 ފެބުރުއަރީ 2023 ގައި ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަން ނެރުމުގެ ކުރިން އިސްތިއުނާފުގެ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސިވިލް ކޯޓުން ޙުކުމްކުރިއިރު ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދު ދުވަސް ނުހިމަނައި މުއްދަތު ގުނަމުން ދިޔަ ނަމަވެސް، 06 ޑިސެންބަރު 2022 ގެ އިޞްލާޙާއެކު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ މުއްދަތު ގުނަނީ ބަންދު ދުވަސް ހިމަނައިގެންނެވެ. ރިޕޯޓު ލިބުނު 22 ޑިސެންބަރު 2022 ގައި ޢަމަލުކުރަމުން އައީ އިޞްލާޙު ގެނެވުނު ގަވާއިދު ކަމަށްވާތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގެ ދަށުން 30 ދުވަހުގެ މުއްދަތު 22 ޖަނަވަރީ 2023 ގައި ހަމަވި ކަމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ނިންމުމެކެވެ. މި އުޞޫލަކީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައިވެސް ބަޔާންވާ އުޞޫލެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: ސިވިލް ކޯޓުގެ 1845/Cv-C/2020 ގެ ޙުކުމުގެ އިސްތިއުނާފު، މުއްދަތު ހަމަވުމަށްފަހު ހުށަހެޅި ކަމަށްވާތީ ބަލައިނުގަތް ހައިކޯޓުގެ ރަޖިސްޓްރާރގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި HC-RM/2023/18 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް 06 ޑިސެންބަރު 2022 ގައި ގެނެވުނު އިޞްލާޙުގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައިވާ ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަންޖެހެނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

HN2 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު އިސްތިއުނާފުކުރާ ފަރާތަށް ލިބުނީ ޙުކުމްކުރި ދުވަހަށްފަހު ނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ހައިކޯޓަށް އިސްތިއުނާފުކުރުމުގެ 30 ދުވަހުގެ މުއްދަތު ގުނަންފެށޭނީ ރިޕޯޓު ލިބުނު ތާރީޚުން ފެށިގެންނެވެ.

HN3 ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަންޖެހެނީ، އިސްތިއުނާފުކުރެވޭ މައްސަލައިގެ ރިޕޯޓު ލިބުނުއިރު ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމާބެހޭ ގޮތުން ޢަމަލުކުރަމުން އައި ގަވާއިދުގެ މަތިންނެވެ. އެހެންކަމުން، ދަށު ކޯޓުން ޙުކުމްކުރީ ގަވާއިދަށް އިޞްލާޙު ގެނައުމުގެ ކުރިން ކަމަށްވިޔަސް، ރިޕޯޓު ލިބުނީ އިޞްލާޙަށްފަހު ނަމަ، މުއްދަތު ގުނަންޖެހެނީ އިޞްލާޙު ގެނެވުނު ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.

HN4 ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތު ބަންދު ދުވަސްތައް ހިމަނައިގެން ގުނަންޖެހޭކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް 06 ޑިސެންބަރު 2022 ގައި ގެނެވުނު އިޞްލާޙުން ބަޔާންކޮށްފައިވާތީ، 05 ފެބުރުއަރީ 2023 ގައި ސުޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަން ނެރުމުގެ ކުރިން މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް ބުނެ ހުށަހަޅާ ނުކުތާއަކީ ހައިކޯޓުގެ ނިންމުން ރަނގަޅަށް ނޫންކަމަށް ބެލޭނެ ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، އަޙްމަދު މުޢުތަޞިމް ޢަދުނާން، ޙުސްނުއްސުޢޫދު (ރިޔާސަތު)
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2023/SC-HCL/19

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2023/SC-L/80

ހުށަހެޅުނު ތާރީޚު: 03 ޖުލައި 2023

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ޢާންމު ނަން: ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ދާއިމީ އެޑްރެސް: ގ. ހިޔާކުރި، މާލެ

މިހާރުގެ އެޑްރެސް: ގ. ހިޔާކުރި، މާލެ

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-RM/2023/18

ހުށަހެޅުނު ތާރީޚު: 02 މާރޗް 2023

ނިމުނު ތާރީޚު: 16 އޭޕްރިލް 2023

4. ހުށަހެޅިފައިވާ މައްސަލަ

1ސިވިލް ކޯޓުގެ ނަންބަރު 1845/Cv-C/2020 ގަޟިއްޔާގައި 16 ނޮވެންބަރު 2022 ގައި ކުރެވިފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 02 ފެބުރުއަރީ 2023 ގައި ހުށަހަޅާފައިވެއެވެ.

2ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމުގައިވާތީ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު 95-CR/161/2023/15 "ރަޖިސްޓްރާރގެ ނިންމުން" އިން 16 ފެބުރުއަރީ 2023 ގައި ނިންމާފައިވެއެވެ.

3ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް އެދި ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން ހައިކޯޓުގެ ނަންބަރު 18/HC-RM/2023 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް" ގައި ވަނީ، ރަޖިސްޓްރާރ ގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ ސަބަބެއް އޮތްކަމުގައި ނުފެންނާތީ އެނިންމުން ބާޠިލުކުރާނެ ތަނެއް ނެތްކަމަށެވެ.

4މިއީ، ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު 18/HC-RM/2023 ނިންމުން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ނިމުނު ގޮތެވެ.

5މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރަމުން ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ބުނެފައިވަނީ، ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތުގެ ރިޕޯޓުގައި، އެ ނިންމުމަށް ވާޞިލުވި ގޮތާއި ސަބަބުތައް ހާމަކޮށްފައި ނުވާކަމަށާއި، މައުޟޫޢީ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ، މައްސަލަ ހުށަހެޅިއިރު އިސްތިއުނާފު ކުރުމުގެ މުއްދަތުކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައިކަން އަންގައިދޭ ހެކިތައް ހައިކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުން މުރާޖަޢާކޮށް ނިންމި ނިންމުމުގައި އެކަންކަމަށް އެއްވެސް ވަރަކަށް އަލިއަޅުވާފައި ނުވާކަމަށެވެ.

6ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުމުގައި، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ބަޔާންކުރުމުގައި ރިޢާޔަތްކޮށްފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 280 (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ އެ ޤާނޫނުގެ 283 ވަނަ މާއްދާ (ހ)، (ށ) އަދި (ނ) އަށެވެ.

7HN3މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައި ވަނީ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވަނީ 16 ނޮވެންބަރު 2022 ގައި ކަމުން، އޭރު ޢަމަލުކުރަމުން ދިޔަ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު ގުނާނީ ބަންދު ދުވަސްތައް ނުހިމަނައެވެ. މިގޮތުން ބަލާއިރު، އިސްތިއުނާފު ކުރުމުގެ މުއްދަތު 29 ޑިސެންބަރު 2022 ގެ ނިޔަލަށް ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވެއެވެ.

8HN1HN4ބަޔާންވެދިޔަ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދަށް 06 ޑިސެންބަރު 2022 ގައި އިސްލާޙު ގެނެވިފައިވާއިރު، މި އިސްލާޙުގައި ވާގޮތުން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގައިވާ މުއްދަތު ގުނާނީ ބަންދު ދުވަސް ހިމަނައިގެންކަން އެނގެއެވެ. މި އިސްލާޙާއި، އޭގެ ފަހުން 05 ފެބުރުއަރީ 2023 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަން ގައި މުއްދަތު ގުނުމާ ގުޅޭގޮތުން ބަޔާންވެފައިވަނީ އެއް އުސޫލެއްކަން އެނގެއެވެ.

9HN2ހައިކޯޓުގެ ރަޖިސްޓްރާރ ގެ ނިންމުމުގައި ބަޔާންވެފައިވަނީ، 22 ޖަނަވަރީ 2023 ގެ ނިޔަލަށް އިސްތިއުނާފުކުރުމުގެ ފުރުސަތު ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ކަމަށެވެ. އެއީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުނު ތާރީޚު ކަމުގައިވާ 22 ޑިސެންބަރު 2022 އިން ފެށިގެން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 283 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) (06 ޑިސެމްބަރު 2022 ގައި ގެނެވުނު އިސްލާޙު) ގައިވާ ގޮތުގެމަތިން، ބަންދު ދުވަސްތައް ހިމަނައިގެން ދެވުނު 30 ދުވަހުގެ މުއްދަތު ހަމަވާ ތާރީޚުކަމުގައި ބުރަވެވެއެވެ. އެހެންކަމުން އިސްތިއުނާފުކުރަން ހުށަހެޅުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދަށް 06 ޑިސެންބަރު 2022 ގައި ގެނެވުނު އިސްލާޙާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުމެއް ކަމުގައި ދެކެމެވެ.

1005 ފެބުރުއަރީ 2023 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަން ނެރުމުގެ ކުރިން އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހަޅަން އޮންނަ މުއްދަތު ގުނަނީ ބަންދު ދުވަސްތައް ހިމަނައިގެން ނޫންކަމަށް އިސްތިއުނާފީ ނުކުތާގައި ބުނެފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް 06 ޑިސެމްބަރު 2022 ގައި ގެނެވުނު އިސްލާހުގެ 37 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ހައިކޯޓަށް އިސްތިއުނާފުކުރަން އޮންނަ މުއްދަތު ގުނަންޖެހެނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ބަޔާންކޮށްފައިވާތީއާއި، އިސްތިއުނާފުކުރެވޭ މައްސަލައިގެ ރިޕޯޓު 22 ޑިސެމްބަރު 2022 ގައި ލިބުނުއިރު ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމާބެހޭ ގޮތުން އަމަލުކުރަމުން އައި ގަވާއިދަކީ އެއީ ކަމަށްވާތީވެ، އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބަލާނެ ތަނެއް ނެތެވެ.

5. ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންތައް އެގޮތަށް ހުރުމުން، ހައިކޯޓުގެ ނަންބަރު 18/HC-RM/2023 "ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

އަޙްމަދު މުޢުތަޞިމް ޢަދުނާން

ޙުސްނުއްސުޢޫދު (ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

05 މުޙައްރަމް 1445

23 ޖުލައި 2023

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 32/2021
  2. ސުޕްރީމް ކޯޓުގެ ނަންބަރު 2023/SCPD-01 ޕްރެކްޓިސް ޑައިރެކްޝަން
  3. ސުޕްރީމް ކޯޓުގެ ނަންބަރު SCPD-01/2023 ޕްރެކްޓިސް ޑައިރެކްޝަން
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 280 ވަނަ މާއްދާގެ (ހ) ގެ (1)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ހ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ށ)
  • މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ 283 ވަނަ މާއްދާގެ (ނ)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) (06 ޑިސެންބަރު 2022 ގެ ކުރިން)
  • ދިވެހިރާއްޖޭގެ ހައިކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ހ) (06 ޑިސެންބަރު 2022 ގެ އިޞްލާޙު)
  • ސުޕްރީމް ކޯޓުގެ ނަންބަރު 2023/SCPD-01 ޕްރެކްޓިސް ޑައިރެކްޝަން (05 ފެބުރުއަރީ 2023)

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ