ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2024] SC 29 · 2024/SC-A/06ސުޕްރީމް ކޯޓު · 30 މޭ 2024

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓު
17 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 މޭ 2024ބާވަތް: ޖިނާއީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 29 2024/SC-A/06 ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޙުސްނުއްސުޢޫދު ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 30 މެއި 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2023/HC-A/219

އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ނެތް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤާނޫނީ ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުޝާދު

ޖިނާއީ - ބަންދު މުރާޖަޢާކުރުން - އަސްލީ އަދަބު - ބަދަލީ އުގޫބާތް - ޖަލު ހުކުމެއް ޖުރިމާނާއަށް ބަދަލުކުރުން - ޖުރިމާނާ އަދަބު - ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

ފިހުރިސްތު

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގެ ފަސްފަހަތް 1

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު 3

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފު 4

މާނަކުރުމުގައި އުފެދިފައިވާ ޚިލާފުގައި ޝާމިލުވާ މާއްދާތައް 6

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 11

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 11

ހުކުމް 11

` ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2024] SC 29 ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު: (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި) ތަޢާރުފު

1. މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/219 ގަޒިއްޔާގައި އެ ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައެކެވެ. މިއީ، މި މައްސަލައިގެ ބާވަތުން، މައްސަލަ ރައްދުވާ ޚަސްމެއް ނެތި ސުޕްރީމް ކޯޓުގައި ހިންގި ގަޒިއްޔާއެކެވެ.

މައްސަލައިގެ ފަސްފަހަތް

2. ސ. ހިތަދޫ، ތަބިވައްގެ، މުޙައްމަދު ޤިޔާސް، މާލޭގައި ހުންނަ މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، އެ ތަނުގައި އޭނާ ބަހައްޓާފައިހުރި ކޮޓަރި ތެރޭގައި ހުރި ޕްލާސްޓިކް ގޮނޑިއަކުން ޖަހައި، އެ ކޮޓަރީގެ ކުޑަދޮރުގައި ޖަހާފައިވާ ޕްލާސްޓިކް ޝީޓް ފަޅާލުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، އޭނާގެ މައްޗަށް ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ.

3. ކްރިމިނަލް ކޯޓުގެ ނަންބަރު 2022/Cr-C/211 ގަޒިއްޔާގައި މުޙައްމަދު ޤިޔާސްގެ މައްޗަށް ކުށް ސާބިތުވުމުން، އެ ކުށުގެ އަސްލީ އަދަބެއްގެ ގޮތުގައި ކަނޑައެޅެން އޮތް ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް ދިނުމަށް އޭނާ ކޯޓަށް ހުށަހެޅުމުން އެ ކުށުގެ ބަދަލީ އަދަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ -/7600 ރުފިޔާ އިން ޖުރިމާނާކޮށް، އެ ޖުރިމަނާ ތަންފީޒުކުރުމުގެ ގޮތުން، އެ ފައިސާ 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.

4. މުޙައްމަދު ޤިޔާސްގެ މައްޗަށް ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ކަނޑައެޅި ޖުރިމާނާގެ އަދަބާއި އެއްގޮތަށް އެ ފައިސާ މީރާއަށް ދައްކާފައިނުވާތީވެ، މީރާގެ ގަވާއިދުތަކާ އެއްގޮތަށް އެ ފައިސާ ދެއްކުމަށް އޭނާއަށް އެއްމަސް ދުވަހުގެ މުހުލަތެއް ދީ އެ ފައިސާ 08 ފެބްރުވަރީ 2023 ދުވަހުގެ ކުރިން މީރާއަށް ދެއްކުމަށް އަންގައި ނޯޓިސްއެއް ފޮނުވިއެވެ. ހުކުމާ އެއްގޮތަށް މުޙައްމަދު ޤިޔާސް މީރާއަށް ޖުރިމާނާ ފައިސާ ދައްކާފައިނުވާތީވެ، އެ ޖުރިމާނާ ތަންފީޒު ނުކުރެވުނުކަން 8 މާރިޗް 2023 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގިއެވެ.1

5. މީރާއިން މުޙައްމަދު ޤިޔާސްއަށް ނޯޓިސް ފޮނުވައި، ހުކުމުގައިވާ 6 މަސްދުވަހުގެ އިތުރަށް އެއް މަސްދުވަހުގެ މުހުލަތެއް މީރާއިން ދީފައިވާ ސަބަބަކީ، "ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެގޮތުގެ އާއްމު އުސޫލު" ގެ 2 ވަނަ މާއްދާއަށް ރިއާޔަށްކޮށް، ދައުލަތަށް ދައްކަންޖެހޭ އެންމެހާ ފައިސާއާމެދު އެ އޮތޯރިޓީއިން އަމަލުކުރަމުން އަންނަ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އޭނާއަށްވެސް އިތުރު ފުރުސަތެއް ދިނުމަށެވެ.

6. ޖުރިމާނާގެ އަދަބު ތަންފީޛު ނުކުރެވުނުކަން 08 މާރިޗް 2023 ގައި އެންގުމާއެކު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުން މުޙައްމަދު ޤިޔާސްގެ މައްޗަށް ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަބު، އޭނާގެ މައްޗަށް ސާބިތުވި ކުށަށް ކަނޑައަޅާފައިވާ އަސްލީ އަދަބަށް (ޖަލު އަދަބަށް) ބަދަލުކޮށްދިނުމަށް އެދި ޕްރޮސިއުޓަރ ޖެނެރަލްގެ ފަރާތުން 14 މާރިޗް 2023 ދުވަހު ކްރިމިނަކް ކޯޓަށް ހުށަހެޅިއެވެ.

7. އަދަބު މުރާޖައާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމް ހުށަހަޅާފައިވަނީ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 30 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު ކަމަށް ނިންމައި، އެ ފޯމް ބަލައި ނުގަތުމަށް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރ ނިންމިއެވެ. ރަޖިސްޓްރަރގެ ނިންމުމުގައި ބުނެފައިވަނީ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 30 ވަނަ މާއްދާގައި ބުނެފައިވަނީ ޖުރިމާނާ ފައިސާ ދެއްކުމަށް ދިން މުއްދަތު ހަމަވާއިރު، އެ ފައިސާ ދައްކާފައިނުވާނަމަ، ފައިސާ ދެއްކުމަށް ދެވުނު މުއްދަތު ހަމަވިފަހުން 30 ދުވަހުގެ ތެރޭގައި އެ މައްސަލައި އަދަބު ޖަލު އަދަބަށް ބަދަލުކުރަން ކޯޓަށް ހުށަހަޅަންވާނެކަމަށް ކަމަށް ވާތީވެ، އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީވެ، އެ މައްސަލަ ކްރިމިނަލް ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

8. ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރގެ ނިންމުން މުރާޖައާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ރަޖިސްޓްރަރގެ ނިންމުމަށް ތާއީދުކޮށް އެ ކޯޓުގެ ނަންބަރު 145/RNM/2023/24 ނިންމުން (ރަޖިސްޓްރާގެ ނިންމުން އަލުން ބަލައި ނިންމިގޮތް) ނިންމާފައިވެއެވެ. އެ ނިންމުމުގައިވެސް ޖުމްލަ ގޮތެއްގައި ބުނެފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަންދު މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ އެކަމަށް ކަނޑައަޅާފައި އޮތް މުއްދަތު ފަހަނައަޅައި ދިޔުމަށްފަހުގައި ކަމަށްވާތީ އެ ފޯމު ބަލައި ނުގަތުމަށް ރަޖިސްޓްރަރ ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު

9. ކްރިމިނަލް ކޯޓުގެ ނަންބަރު 145/RNM/2023/24 ނިންމުމާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު

2023/HC-A/219 ގަޒިއްޔާއިންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ ނިންމުމަކީ، ސުޕްރީމް ކޯޓުގެ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ2 38 ވަނަ މާއްދާ އާއި، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ3 8 ވަނަ މާއްދާގެ (ހ) އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/219 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 30 ވަނަ މާއްދާއަކީ ޖުރިމާނާގެ ޚާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ޚާއްސަ މާއްދާއެއް ކަމަށާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނާފަދައިން އެ އުސޫލުގެ 38 ވަނަ މާއްދާ މި ހާލަތަށް ތަތުބީގު ނުކުރެވޭނެ ކަމަށާއި، ސަބަބަކީ 38 ވަނަ މާއްދާއަކީ އާންމު އުސޫލު ބަޔާންކުރާ މާއްދާ ކަމަށް ވާތީ ކަމަށެވެ. ޖުރިމާނާ އަދަބު ކަނޑައެޅޭ މައްސަލަތަކުގައި އަމަލުކުރުމަށް އާންމު އުސޫލު ކަނޑައަޅާފައިވާ ގޮަތަށް ޚާއްސަ އުސޫލެއް ވަކި ބާބެއްގައި ވަކި މާއްދާއެއް ސާފު އިބާރާތުން ބަޔާންކޮށްފައިވުމުން އެ އުސޫލުގައި އޮތް އާންމު މާއްދާއަށް ރުޖޫއަވާންޖެހޭ ސަބަބެއް ނެތްކަމަށާއި، އެހެންކަމުން ކްރިމިނަލް ކޯޓުގެ ނަންބަރު 145/RNM/2023/24 ނިންމުން (ރަޖިސްޓްރާގެ ނިންމުން އަލުން ބަލައި ގޮތެއް ނިންމުން) ބާތިލު ކުރަންޖެހޭފަދަ ގާނޫނީ ސަބަބެއް ނެތްކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްތިއުނާފު

11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. މިއީ އެ އިސްތިއުނާފުގެ މައްސަލައެވެ.

12. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ، އިސްތިއުނާފު ކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ 30 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ، މާނަކޮށްފައިވަނީ، ގާނޫނު މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ޚިލާފަށް ކަމަށެވެ.

13. އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ގަވާއިދު މާނަކުރުމުގައި ކްރިމިނަލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ގެންގުޅެފައިވަނީ މާނަކުރުމުގެ ވަރަށް ހަރުކަށި އުސޫލެއް ކަމަށެވެ. މި މޭރުމުން ދެ ކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައި ވެއެވެ. ޕްރޮސިކިއުޝަނުން ބުނެފައިވަނީ، ދަށު ކޯޓުންނާއި ހައިކޯޓުން ގާނޫނު މާނަކޮށްފައިވަނީ:

(1) ގާނޫނު އެކުލަވާލި މަޤްސަދު ނުވަތަ އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ގެއްލޭގޮތަށް؛ އަދި

(2) ކޯޓުން ކުރާ ޙުކުމެއްގެ ބާރު އެކީ ކެނޑި، އެކަމާ ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް؛ ކަމަށެވެ.

14. ޕްރޮސިކިއުޝަނުގެ އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ބުނެފައިވަނީ، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި "ކޮންމެ ގާނޫނަކީވެސް، އެ ގާނޫނު އެކުލަވާލުމުގެ ކުރީގައި ހިނގައިދިޔަ ކަމެއް ރަނގަޅު ކުރުމަށްޓަކައި، ނުވަތަ އެ އިރެއްގައި ދިމާވި އުނިކަމެއް ނުވަތަ ހުސްކަމެއް ފޫބެއްދުމަށްޓަކައި، ތައާރަފް ކޮށްފައިވާ ގާނޫނެއް" ކަމަށް ބަލަންވާނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާއި ދަށު ކޯޓުގެ ނިންމުމާއި ހައިކޯޓުގެ ނިންމުން ތައާރުޒުވާ ކަމަށެވެ. އަދި އެ ގާނޫނުގެ 17 ވަނަ މާއްދާގައި، ގާނޫނެއް މާނަކުރުމުގައި، އެ ގާނޫނެއް އެކުލަވާލި މަޤްސަދަށް، ނުވަތަ އެ ގާނޫނުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެގޮތަށް ގާނޫނު މާނަކުރުމަށް އިސްކަންދޭންވާނެ ކަމަށާއި އެ ގާނޫނުގެ މަގުސަދުތައް ހާސިލު ނުވާނެގޮތަކަށް އެ ގާނޫނު މާނަކުރެވިގެން ނުވާނެކަމަށް އޮންނަ އޮތުމާއި ދަށު ކޯޓުގެ ނިންމުމާއި ހައިކޯޓުގެ ނިންމުން ޚިލާފުވާ ކަމަށް ދެކޭ ކަމަށެވެ. އިތުރަށް ބުނެފައިވަނީ، ގާނޫނުލްއުގޫބާތު ކުށްވެރިންނަށް ލުއިގޮތަށް ފަރުމާކޮށް، އެ ގާނޫނުގެ ދަށުން ކުށްވެރިންނަށް ލުއި އަދަބު ކަނޑައެޅުމުގެ ގޮތުން ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުނުވާނެ ގޮތަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ. މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ އުސޫލާ ޚިލާފަށް ކޯޓުން ކުރާ ހުކުމެއްގެ ބާރު އެކީ ކަނޑުވާލެވި، އެކަމާ ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް ނޭޅި ހުކުމް ތަންފީޒު ނުކުރެވޭނެ ގޮތަކަށް ގާނޫނު މާނަކުރުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.

މާނަކުރުމުގައި އުފެދިފައިވާ ޚިލާފުގައި ޝާމިލުވާ މާއްދާތައް

15. މި މައްސަލައިގައި ސުޕްރީމް ކޯޓުން މާނަކޮށް ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާގައި ހިމެނެނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަދާފައިވާ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު"ގައި ބަޔާންކޮށްފައިވާ ދެ މާއްދާއެކެވެ. އެއީ، އެ އުޞޫލުގެ 30 ވަނަ މާއްދާ އާއި 38 ވަނަ މާއްދާއެވެ.

16. އުސޫލުގެ 30 ވަނަ މާއްދާ ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ.

"ޙުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ މައްސަލަ މި އުޞޫލުގެ ޖަދުވަލު 01 ގައިވާ ފޯމުން ކޯޓަށް ހުށަހަޅަންވާނެއެވެ."

17. އުސޫލުގެ 38 ވަނަ މާއްދާ ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ.

"(ހ) ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޛު ކުރުމަށް ތަންފީޛު އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަދަބު ތަންފީޛު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޛު ނުކުރެވުނު ކަމަށް ތަންފީޛު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ތަންފީޛު އިދާރާއިން އެ ނިންމުމާއި އެއާއި ގުޅުންހުރި އެންމެހާ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މައްސަލަ މި އުޞޫލުގެ ޖަދުވަލު 01  ގައިވާ ފޯމުން ކޯޓަށް ހުށަހަޅަންވާނެއެވެ."

18. "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" އަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު (2014) ގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށް ގާނޫނުލްއުގޫބާތުގެ 1000 ވަނަ މާއްދާގެ ދަށުން ހަދާފައިވާ އުސޫލެކެވެ. ގާނޫނުލްއުގޫބާތު (2014) އިން ގާއިމުކޮށްފައިވާ ކުށްކުށަށް އުގޫބާތް ދިނުމުގެ އުސޫލުން ހާސިލުކުރަން ބޭނުންވާ އެއް މަގްސަދު ބަޔާންކޮށްފައިވަނީ އެ ގާނޫނުގެ 1201 ވަނަ މާއްދާގައެވެ. އެގޮތުން އެ މާއްދާގެ (ހ) އިން އެނގޭ ގޮތުގައި ޖަލުގައި ބަންދުކުރަނީ ބައެއް ބާވަތުގެ ކުށްތަކުގައެވެ. ނަމަވެސް އެ މާއްދާގައި ބުނެފައިވާ ގޮތުން އެފަދަ ކުށްތަކުގައި ކަނޑައެޅޭ އަދަބަކީ ހަމައެކަނި ޖަލަށްލުން ކަމަށް ވުން ލާޒިމުނުވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އެ މާއްދާގައިވާ އުސޫލަށް ބަލައިގެން އެކަށީގެންވާ އެހެން ބަދަލީ އަދަބެއް ދެވިދާނެ ކަން އެނގެއެވެ. އަދި ގާނޫނުލްއުގޫބާތު (2014) ގެ 1202 ގެ ދަށުން ޖަލަށްލުމުގެ ބަދަލުގައި ގޭގައި ބަންދުކުރުން ނުވަތަ ޖުރިމާނާކުރުން ނުވަތަ މުޖުތަމައަށް ޚިދުމަށް ކުރުމަށް އަމުރުކުރުން، ނުވަތަ ކުށްވެރިޔާ އުޅޭނޫޅޭ ގޮތް ބެލުމުގެ އަމުރެއް ކުރުން ނުވަތަ ފަރުވާގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް އަމުރުކުރުން ފަދަ އަދަބެއް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ގާނޫނުލްއުގޫބާތު (2014) ގެ 1203 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގޮތަށް ޖަލަށް ލުމުގެ ބަދަލުގައި ދެވޭ އަދަބެއްގެ ޝަރުތުތަކާ އެއްގޮތަށް ކުށްވެރިޔާ އަމަލުނުކޮށްފިނަމަ، ޖަލަށް ލުމުގެ އަސްލީ އަދަބު ވަގުތުން ތަންފީޒުކުރަން އެންގުމުގެ ބާރު ކޯޓަށް ލިބިގެންވާ ކަމަށެވެ. މި މާއްދާއިން އެނގެނީ ކުށްވެރީންނަށް އަދަބު ދިނުމަށް ގާނޫނުލްއުގޫބާތުގައި ފުރިހަމަ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމާއި، ޖަލަށްލުމުގެ ބަދަލުގައި ދެވިދާނެ އެހެނިހެން ބަދަލީ އުގޫބާތްތަކެއް ކަނޑައެޅިފައިވާ ކަމާއި، ބަދަލީ އުގޫބާތާ އެއްގޮތަށް ކުށްވެރިޔާ އަމަލުނުކޮށްފިނަމަ، ކަންކުރާނެ ގޮތް ބަޔާންކުރެވިފައިވާ ކަމެވެ. އެހެން ކަމުން މިއީ މި ގާނޫނުގެ ވަށައިގެންވާ މައިގަނޑު ސިޔާސަތެއް ކަމަށްވުމާއެކު، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި އުސޫލުތައް މާނަކުރަންވާނީ މި ބަޔާންކުރި މަގުސަދުތަކަށް ނަސްރުލިބޭ ގޮތަށެވެ.

19. "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު"ގައި ހިމެނޭ 30 ވަނަ މާއްދާ އާއި 38 ވަނަ މާއްދާ ވެސް މާނަކުރަންވާނީ ގާނޫނުލްއުގޫބާތުގެ މައިގަނޑު ސިޔާސަތުތަކުގެ އިމުގެ ތެރެއިން އެ ސިޔާސަތުތައް ހާސިލުވާނެ ގޮތަކަށެވެ. އެއާ އިދިކީލިވާ ގޮތަކަށް ނޫނެވެ. މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަކީ އެއީ އެވެ. މީގެ އިތުރުން މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނާ އުސޫލާ ޚިލާފަށް ކޯޓުން ކުރާ ހުކުމެއްގެ ބާރު ކެނޑޭނެ ގޮތަކަށްވެސް ގާނޫނު މާނަކޮށްގެން ނުވާނެއެވެ.

20. ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް4 ގަޒިއްޔާގެ ހުކުމުގައި، ގާނޫނު މާނަކުރުމުގެ ހަމަތައް ބަޔާން ކޮށްފައިވެއެވެ. އެ ހުކުމުގެ 16 ވަނަ ޕެރެގްރާފުގައި ބުނެފައިވަނީ:

"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބު ހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބުހިފި ނަމަވެސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިނަމަވެސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުންކަމެވެ. އެހެންކަމުން ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ."

މި ގޮތަށެވެ.

21. "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 30 ވަނަ މާއްދާގައި ބުނެފައިވަނީ ބަދަލީ އުގޫބާތެއްގެ ގޮތުގައި ކަނޑައެޅިފައިވާ ޖުރިމާނާ ނުދައްކައިފިނަމަ އަސްލު ޖަލުގެ އަދަބު ތަންފީޒުކުރުމަށްޓަކައި، އެ ޖުރިމާނާ ދައްކަން އޮތް މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެ ކަމަށެވެ. އުސޫލުގެ 30 ވަނަ މާއްދާ ލިޔެފައި އޮތީ އެ އުސޫލުގެ ބާބުތަކުގެ ތެރެއިން ޖަލުހުކުމެއް، ޖުރިމާނާ އަކަށް ބަދަލުކުރުމާބެހޭ ބާބުގައެވެ.

22. "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ފަރުމާކޮށްފައިވާ އޮނިގަނޑަށް ބަލާއިރު، އެ އުސޫލުގެ ދެވަނަ ބާބުގައި ވަނީ އަދަބުގެ މިންވަރު މަތިކުރުމުގެ ވާހަކައެވެ. ތިންވަނަ ބާބުގައިވަނީ އަދަބުގެ މިންވަރު ދަށް ކުރުމުގެ ވާހަކައެވެ. ހަތަރުވަނަ ބާބުގައިވަނީ ތަފާތު އަދަބުތައް އެއްހަމަ ކުރުމުގެ ވާހަކައެވެ. ފަސްވަނަ ބާބުގައިވަނީ ގޭގައި ބަންދުކުރުމުގެ ވާހަކައެވެ. ހަވަނަ ބާބުގައިވަނީ މުޖުތަމައަށް ޚިދުމަތްކުރުމުގެ ވާހަކައެވެ. ހަތްވަނަ ބާބުގައިވަނީ ޖުރިމާނާގެ ވާހަކައެވެ. އަށްވަނަ ބާބުގައިވަނީ އުޅޭނޫޅޭގޮތް ބެލުމުގެ އަމުރުގެ ވާހަކައެވެ. ނުވަވަނަ ބާބުގައިވަނީ ޕްރޮބޭޝަން އަމުރުގެ ވާހަކައެވެ. ދިހަވަނަ ބާބުގައިވަނީ މަސްހުނިކޮށް އަދަބު ދިނުމުގެ ވާހަކައެވެ. އެގާރަވަނަ ބާބުގައި ލިޔެފައިވަނީ ކޯޓުން ކަނޑައަޅާ މަތީގައި ބަޔާންކުރެވުނު ބަދަލީ އަދަބުތައް މުރާޖައާ ކުރަންޖެހޭ ހާލަތުގައި އެކަން ކުރާނޭ އިޖުރާއަތުގެ ވާހަކައެވެ.

23. އަތުގައި މި އޮތް މައްސަލައިގައި މެދުވެރިވެފައިވާ ހާލަތަކީ، އެގާރަވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތަށް ބަދަލީ އަދަބެއް ކަމަށްވާ ޖުރިމާނާގެ ޝަރުތާއެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ޖުރިމާނާ ކުރުމަށް ނިންމި ނިންމުން މުރާޖައާކޮށް އަސްލު އުގޫބާތް ކަމުގައިވާ ޖަލު އަދަބަށް ބަދަލު ކުރުމުގެ ހާލަތެއް މެދުވެރިވެފައެވެ. އެހެންކަމުން އެ ހާލަތުގައި އަމަލުކުރަންޖެހޭ އިޖުރާއަތު އެގާރަ ވަނަ ބާބުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތުމުން މި ބާބުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް އަމަލުކުރަންޖެހެއެވެ. މިގޮތަށް މި އުސޫލުގެ 38 ވަނަ މާއްދާއަށް އަމަލުކުރަންޖެހޭ އިރު، އުސޫލުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތާއި، އުސޫލުގެ 38 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ފުށުއަރައެވެ. މިހާލަތުގައި މި ދެ މާއްދާ މާނަކޮށް ސުލްހަކުރަންވާނީ ގާނޫނުލްއުގޫބާތުގެ މައިގަނޑު ސިޔާސަތު ހާސިލުކުރެވޭނެ ގޮތަކަށް އަދި ކުށްވެރިޔާގެ މައްޗަށް ކަނޑައެޅިފައިވާ އަސްލު ހުކުމް ތަންފީޒުކުރެވޭނެ ގޮތަށެވެ. މި މައްސަލައިގައި ދިމާވެފައިވާ ހާލަތަކީ ކުށްވެރިޔާގެ މައްޗަށް ކަނޑައެޅިފައިވާ ބަދަލީ އަދަބެއް އެ އަދަބުގައިވާ ޝަރުތާއެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ނުވަތަ އެއްބާރުނުލުމުގެ ސަބަބުން އޭނާގެ އަދަބު މުރާޖައާ ކުރަންޖެހޭ ހާލަތެއްކަމަށް ވުމުން، އެ ހާލަތުގައި އަމަލުކުރަންޖެހޭ ގޮތް އެގާރަވަނަ ބާބުގައިވާ 38 ވަނަ މާއްދާގައިވާ އާއްމު އުސޫލަށް ފެތޭ ހިނދު، ޖުރިމާނާއާ ބެހޭ ވާހަކަތައް ބަޔާންކުރާ ޚާއްސަ ކަންކަން ބަޔާންކުރާ ބާބަކީ ހަތްވަނަ ބާބުކަމަށް ވީނަމަވެސް، ހަތްވަނަ ބާބުގައިވާ 30 ވަނަ މާއްދާ ގައިވާ މުއްދަތާއި 38 ވަނަ މާއްދާގެ (ށ) ގައިވާ މުއްދަތު ފުށުއަރަނީ އުސޫލު ޑްރާފްޓުކުރުމުގެ ތެރެއިން އަރާފައިވާ އޮޅުމަކުންކަން ސާފުކޮށް އެނގެން އޮތުމުން، މި ހާލަތުގައި އިސްކަންދޭންޖެހޭނީ ގާނޫނުގެ ސިޔާސަތާއި މަގްސަދު ހާސިލުވާނެ ގޮތަކަށް އަދި ކޯޓުގެ ހުކުމް ތަންފީޒުކުރެވޭނެ ގޮތަށް މި ދެ މާއްދާ މާނަކޮށް ސުލްހަކުރުމަށް ކަމަށްވާތީވެ، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ސުޕްރީމް ކޯޓުގެ ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް5 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ މާނަކުރުމުގެ އުސޫލާ އެއްގޮތަށް، މި މައްސަލައިގައި ކްރިމިނަލް ކޯޓުން މުއްދަތު ގުނުމުގައި އަމަލުކުރަންޖެހޭނީ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 38 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

24. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

25. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ހުކުމް

އިސްވެ މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން:

ދެން ފަހެ، މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 145/RNM/2023/24 ނިންމުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2023/HC-A/219 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ކްރިމިނަލް ކޯޓުގެ ނަންބަރު

2022/Cr-C/211 ގަޒިއްޔާގައި މުޙައްމަދު ޤިޔާސްގެ މައްޗަށް ކަނޑައެޅިފައިވާ ޖުރިމާނާގެ ހުކުމް "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް މުރާޖައާ ކުރުމަށް މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަތުމަށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

1 220-NTR/NTR/2023/10

2 ނަންބަރު 02/2021

3 ގާނޫނު ނަންބަރު 4/2011

4 2020/SC-A/46

5 2020/SC-A/46

2019/SC-A/300 [2021] SC 778

2024/SC-A/06 [2024] SC 29

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ