ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2026/SC-HCL/03, 2026/SC-L/11

އިބްރާހީމް ވަޙީދު ވ. ސަނިއްޔާ މުޙައްމަދު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 މާރިޗު 2026ދަށު ކޯޓު: ހައިކޯޓު HC-IH/2025/23ބާވަތް: ޢާއިލީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-IH/2025/23، 2/F-12-C/79
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
1983 ގައި ކޯޓަކުން 2/F-12-C/79 ގައި ނިންމީ ސަނިއްޔާ މުޙައްމަދަކީ މުޙައްމަދު ޢަލީގެ ދަރިއެއް ކަމަށެވެ. އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް މުޙައްމަދު ޢަލީގެ ދަރި އިބްރާހީމް ވަޙީދު އެދުނުއިރު، ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/23 ގައި ހުއްދަ ނުދިނީ އޭނާއަކީ ޙައިޞިއްޔަތު އޮތް ފަރާތެއްކަން ނޭނގޭތީއެވެ.
ވާޤިޢާ
މަރްޔަމް އިބްރާހީމް ޢަބްދުއްރަޙްމާން ޢުމަރާ ކައިވެނިކުރިތާ 4 މަހާއި 27 ދުވަހުން ސަނިއްޔާ ވިހެއީ، ކުރީގެ ފިރިމީހާ މުޙައްމަދު ޢަލީ ވަރިކުރިތާ 1 އަހަރު ނުވަނީސްއެވެ. ދަރިލެއްވުމުގެ ގަވާއިދުގެ ދަށުން ދަރިއަކީ މުޙައްމަދު ޢަލީގެ ދަރިއެއް ކަމަށް ކަނޑައެޅި. މުޙައްމަދު ޢަލީ ނިޔާވުމުން ފެމިލީ ކޯޓުގެ ތަރިކައިގެ ނިންމުމުގައި ސަނިއްޔާ ވާރިސެއްގެ ގޮތުގައި ނުހިމަނާތީ އޭނާ ހައިކޯޓަށް އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ދަރިލެއްވުމުގެ ޤަޟިއްޔާއެއްގައި ބައްޕައެއްގެ ގޮތުގައި ކަނޑައެޅުނު މީހާ ނިޔާވުމަށްފަހު، އޭނާގެ ދަރިއަކަށް (ކައިވެނީގެ ބައިވެރިއެއް ނޫން ތިންވަނަ ފަރާތަކަށް) އެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައިޞިއްޔަތު ލިބޭތޯ؛ އަދި ހުއްދަ ނުދިން ހައިކޯޓުގެ ނިންމުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފުތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިބްރާހީމް ވަޙީދު ބުނީ، 1983 ގެ ޤަޟިއްޔާއާ ބެހޭ މަޢުލޫމާތު ލިބުނީ ސަނިއްޔާ ތަރިކައިގެ މައްސަލަ ހައިކޯޓަށް ހުށަހަޅައި ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ހުށަހެޅުމުން ކަމަށާއި، އޭނާއަކީ މުޙައްމަދު ޢަލީގެ އުފަން ދަރިއެއްކަން ސާފުކޮށް އެނގެން އޮތްއިރު ޙައިޞިއްޔަތު ނެތްކަމަށް ނިންމީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 38 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަރިލެއްވުމުގެ ޤަޟިއްޔާއެއްގެ މައިގަނޑު އަސާސަކީ ކައިވެނި ކަމުން، ކައިވެނީގެ ދެ ބައިވެރިން ފިޔަވައި ތިންވަނަ ފަރާތަކަށް އެފަދަ ނިންމުމަކާމެދު ސުވާލު އުފައްދައި ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލުމުން ނުރަނގަޅު ނަތީޖާތައް ކުރިމަތިވާނެއެވެ. މުޙައްމަދު ޢަލީ ދުނިޔޭގައި ނެތްއިރު، ކައިވެނީގެ ތެރޭ ދެމީހުންގެ ދެމެދު ހިނގި ޒާތީ ކަންތައްތައް ތިންވަނަ ފަރާތަކަށް ސާބިތުކޮށްދެވުން ނާދިރެވެ. އެހެންކަމުން ހައިކޯޓުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ނިންމުން ޤާއިމް: 1983 ވަނަ އަހަރު ނިންމާފައިވާ 2/F-12-C/79 ދަރިލެއްވުމުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދަ އިބްރާހީމް ވަޙީދަށް ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން HC-IH/2025/23 ގައި ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަރިލެއްވުމާ ގުޅިގެން ހިންގާ ޤަޟިއްޔާއެއްގެ މައިގަނޑު އަސާސަކީ ކައިވެނި ކަމުގައިވާތީ، ކައިވެނީގެ ގޮތުން ގުޅިފައިވާ ދެ މީހުން ފިޔަވައި ތިންވަނަ ފަރާތަކަށް އެފަދަ ނިންމުމަކާމެދު ސުވާލު އުފައްދައި، ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ކުރިމަތިވެގެންދާނެ ކަމެކެވެ.

HN2 ކައިވެނީގެ ދެ ބައިވެރިންގެ ތެރެއިން އެކަކު ދުނިޔޭގައި ނެތްއިރު، ދަރިލެއްވުމުގެ މައްސަލަ ބަހުސަކަށް ހުޅުވާލުމުގެ ފުރުޞަތު ދެވުނު ނަމަވެސް، އެ ކައިވެނީގެ ތެރޭގައި ދެމީހުންގެ ދެމެދުގައި ހިނގާފައިވާ ޒާތީ ކަންތައްތައް ސާބިތުކޮށްދިނުމަކީ ތިންވަނަ ފަރާތަކަށް ކުރުން ނާދިރު ކަމެކެވެ.

HN3 ކައިވެނީގެ ބައިވެރިއެއް ނޫން ތިންވަނަ ފަރާތަކުން (ބައްޕައެއްގެ ގޮތުގައި ކަނޑައެޅުނު މީހާގެ ދަރިއަކުން) ދަރިލެއްވުމުގެ ޤަޟިއްޔާއެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނުއިރު، އެ ފަރާތަކީ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައިޞިއްޔަތު އޮތް ފަރާތެއްކަން އެނގެން ނެތުމުން ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމި ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަބްދުﷲ ޙަމީދު، ޢަލީ ރަޝީދު ޙުސައިން، މުޙައްމަދު ސަލީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް

ނަންބަރު: 2026/SC-HCL/03

1. މައްސަލަ ހުށަހެޅި ފޯމާ ގުޅޭ މަޢުލޫމާތު

ފޯމު ނަންބަރު: 2026/SC-L/11

ހުށަހެޅުނު ތާރީޚު: 15 ފެބްރުވަރީ 2026

2. މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

ފުރިހަމަ ނަން: އިބްރާހީމް ވަޙީދު

ޢާންމު ނަން: އިބްރާހީމް ވަޙީދު

ދާއިމީ އެޑްރެސް: [REDACTED]

މިހާރުގެ އެޑްރެސް: [REDACTED]

3. ހައިކޯޓުގެ ފަނޑިޔާރުންގެ ނިންމުމާގުޅޭ މަޢުލޫމާތު

ނިންމުމުގެ ނަންބަރު: HC-IH/2025/23

ހުށަހެޅުނު ތާރީޚު: 10 ނޮވެންބަރު 2025

ނިމުނު ތާރީޚު: 15 ޖަނަވަރީ 2026

4. ހުށަހެޅިފައިވާ މައްސަލަ

[1]4.1 [REDACTED] ކޯޓުން 24 އެޕްރީލް 1983 ގައި ނިންމާފައިވާ އެކޯޓުގެ ނަންބަރު 2/F-12-C/79 ޤަޟިއްޔާއަކީ އެޓަރނީ ޖެނެރަލްގެ ފަރާތުން، [REDACTED]، މަރްޔަމް އިބްރާހީމްގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުނު ޤަޟިއްޔާއެކެވެ. މިއީ މަރްޔަމް އިބްރާހީމް، [REDACTED]، ޢަބްދުއްރަޙްމާން ޢުމަރުއާ ކައިވެނިކުރިތާ 4 މަހާއި 27 ދުވަހުން ދުވަސްފުރާ ވިހޭ ދަރިލެއްވުމުގެ މައްސަލައެވެ.

[2]4.2 20 އޮކްޓޫބަރު 1978 ގައި ޢަބްދުއްރަޙްމާން ޢުމަރުއާ ކައިވެނި ކުރުމުގެ ކުރިން، މަރްޔަމް އިބްރާހީމް ވަނީ، [REDACTED] މުޙައްމަދު ޢަލީ އާ އިނދެ، 6 އޮކްޓޫބަރު 1977 ގައި ވަރިވެފައިވެއެވެ. އިސްވެ ބަޔާންވެދިޔަ ޤަޟިއްޔާގައި ހިމެނޭ ދަރިފުޅު، ސަނިއްޔާ މުޙައްމަދު، މަރްޔަމް އިބްރާހީމް ވިހާފައިވަނީ 16 ޖުލައި 1978 ގައެވެ.

[3]4.3 [REDACTED] ކޯޓުގެ ނަންބަރު 2/F-12-C/79 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ، މަރްޔަމް އިބްރާހީމް ވިހެއި ދަރިފުޅު ވިހެއީ، ޢަބްދުއްރަޙްމާން ޢުމަރު އާ ކައިވެނިކުރިތާ 4 މަހާއި 27 ދުވަހުން ކަމަށްވެފައި، ދަރިފުޅު ވިހެއީ ޢަބްދުއްރަޙްމާން ޢުމަރުއަށް ދަރިލެއްވުމުގެ މުއްދަތުގެ ކުރިން ކަމަށްވާތީ އާއި، މުޙައްމަދު ޢަލީ ވަރިކުރި ފަހުން ވިހެއުމާ ދެމެދު 1 އަހަރު ނުވާތީ، ދިވެހިރާއްޖޭގައި ދަރިލެއްވުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން މި ދަރިއަކީ މުޙައްމަދު ޢަލީގެ ދަރިއެއް ކަމަށް ކަނޑައަޅަންޖެހޭ ކަމަށާއި، އެ ކައިވެނީގައި މުޙައްމަދު ޢަލީ ޖިމާޢުވީކަމަށް އިޢުތިރާފުވާކަމަށްޓަކަޔާއި، މަރްޔަމް އިބްރާހީމް އެހެން މީހަކާއެކު ޒިނޭކޮށްފައިވާކަމަށް މުޙައްމަދު ޢަލީ ބުނެފައި ނުވާތީ މުޙައްމަދު ޢަލީ އަށް ލިޢާން ދެވެން ނެތްކަމަށެވެ.

[4]4.4 ކަން މިހެން އޮއްވާ، މުޙައްމަދު ޢަލީ ނިޔާވެގެން މުޙައްމަދު ޢަލީގެ ތަރިކައިގެ މައްސަލަ ފެމިލީ ކޯޓުން ނިންމިއިރު ސަނިއްޔާ މުޙައްމަދު، މުޙައްމަދު ޢަލީގެ ވާރިސެއްގެ ގޮތުގައި ހިމަނާފައި ނުވާތީ، ފެމިލީ ކޯޓުގެ އެ ޤަޟިއްޔާ ސަނިއްޔާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

[5]4.5 ސުޕްރީމް ކޯޓަށް ހުށަހެޅިފައި މިވާ މައްސަލައިގައި، މައްސަލަ ހުށަހަޅާ ފަރާތަކީ މުޙައްމަދު ޢަލީގެ ފިރިހެން ދަރި، އިބްރާހީމް ވަޙީދުއެވެ. އިބްރާހީމް ވަޙީދުގެ ފަރާތުން ބުނެފައިވަނީ، [REDACTED] ކޯޓުން ނިންމާފައިވާ ޤަޟިއްޔާގެ މަޢުލޫމާތެއް ލިބިފައިވަނީ ސަނިއްޔާ މުޙައްމަދުގެ ފަރާތުން ތަރިކައިގެ މައްސަލަ ހައިކޯޓަށް ހުށަހެޅިއިރު، [REDACTED] ކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓު ހުށަހެޅުމާ ހަމައިންނެވެ. އަދި އެކަން އެނގުމާއެކު [REDACTED] ކޯޓުގެ ނަންބަރު 2/F-12-C/79 ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި އިބްރާހީމް ވަޙީދު ހައިކޯޓަށް ހުށަހެޅިއެވެ.

[6]4.6 ހައިކޯޓުގެ ނަންބަރު HC-IH/2025/23 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" (15 ޖަނަވަރީ 2026) އިން އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވަނީ އިބްރާހީމް ވަޙީދު އަކީ [REDACTED] ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައިޞިއްޔަތު އޮތް ފަރާތެއްކަން އެނގެން ނެތުމުން މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ނުފެންނަ ކަމަށެވެ.

[7]4.7 މިއީ ބަޔާންވެދިޔަ ހައިކޯޓުގެ ނަންބަރު HC-IH/2025/23 ނިންމުން އިބްރާހީމް ވަޙީދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ މިކޯޓުން ބަލައި ނިމުނުގޮތެވެ.

[8]4.8 ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފުގައި އިބްރާހީމް ވަޙީދު ބުނެފައިވަނީ، އޭނާއަކީ [REDACTED] ކޯޓުން މައްސަލަ އެމީހެއްގެ މައްޗަށް ނިންމާފައިވާ މުޙައްމަދު ޢަލީގެ އުފަން ދަރިއެއް ކަމަށާއި، ފެމިލީ ކޯޓުން ނިންމާފައިވާ މުޙައްމަދު ޢަލީގެ ތަރިކައިގެ މައްސަލަ ސަނިއްޔާ މުޙައްމަދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަން ހައިކޯޓަށް ހުށަހެޅިފައިވާ ލިޔުންތަކުން ސާފުކޮށް އެނގެން އޮތްއިރު، [REDACTED] ކޯޓުން މުޙައްމަދު ޢަލީގެ މައްޗަށް ނިންމާފައިވާ ދަރިލެއްވުމުގެ މައްސަލަ އިސްތިއުނާފުކުރުމުގެ ޤާނޫނީ ޙައިޞިއްޔަތު އިބްރާހީމް ވަޙީދު އަށް ނެތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 38 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ.

[9]4.9 [REDACTED] ކޯޓުން ނިންމާފައިވާ އެކޯޓުގެ ނަންބަރު 2/F-12-C/79 ޤަޟިއްޔާއަކީ ދަރިލެއްވުމާ ގުޅިގެން ހިންގިފައިވާ ޤަޟިއްޔާއަކަށް ވެފައި، އެ މައްސަލައިގެ މައިގަނޑު އަސާސަކީ ކައިވެނި ކަމުގައިވާތީ، ކައިވެނީގެ ގޮތުން ގުޅިފައިވާ ދެ މީހުން ފިޔަވައި ތިންވަނަ ފަރާތަކަށް އެފަދަ ނިންމުމަކާމެދު ސުވާލު އުފައްދައި، ބަހުސްކުރުމުގެ ފުރުޞަތު ހުޅުވާލުމަކީ އޭގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ކުރިމަތިވެގެންދާނެ ކަމެކެވެ. އެ ކައިވެނީގެ ދެ ބައިވެރިންގެ ތެރެއިން މުޙައްމަދު ޢަލީ މިވަގުތު ދުނިޔޭގައި ނެތްއިރު، މައްސަލަ ބަހުސަކަށް ހުޅުވާލުމުގެ ފުރުޞަތު ދެވުނު ނަމަވެސް، އެ ކައިވެނީގެ ތެރޭގައި ދެމީހުންގެ ދެމެދުގައި ހިނގާފައިވާ ޒާތީ ކަންތައްތައް ސާބިތުކޮށްދިނުމަކީ ތިންވަނަ ފަރާތަކަށް ކުރުން ނާދިރު ކަމެކެވެ.

5. ނިންމުން

އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2025/23 "އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިމުނު ގޮތް" އަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައިފީމެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިޖުރާއީ ނިންމުން މުރާޖަޢާކުރި ފަނޑިޔާރުން

ޢަބްދުﷲ ޙަމީދު

ޢަލީ ރަޝީދު ޙުސައިން

މުޙައްމަދު ސަލީމް

19 ރަމަޟާން 1447

08 މާރޗް 2026

ފުޓްނޯޓު

  1. ޤާނޫނު ނަންބަރު 22/2010
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 38 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ