ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ޝިފާޢު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މުޙައްމަދު ޝިފާޢުގެ މައްޗަށް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓު (މީގެ ފަހުން "މަނަދޫ މެޖިސްޓްރޭޓް ކޯޓު") ގެ ނަންބަރު 16/D12C/2020 ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް") އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން، މުޙައްމަދު ޝިފާޢުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެއް އެ ގަޒިއްޔާގައި ހުށަހެޅިއެވެ. މި ހުށަހެޅުންތަކާއި ގުޅިގެން، މި ދަޢުވާތަކަކީ ދަޢުވާ އުފުލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އުފުލާފައިވާ ދަޢުވާތަކެއް ނޫންކަމަށް ކަނޑައަޅައި، އެ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން މި ހުށަހެޅުމާމެދު ނިންމިއެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާއިން މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ.
މިއީ، ބުނެވުނު ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލައާމެދު މި ކޯޓުން ނިންމި ގޮތެވެ.
މި މައްސަލައިގައި މި ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ ދަށު ކޯޓަށް އަލުން ހުށަހެޅުމަށް އިސްތިއުނާފުގެ މަރުހަލާއިން އަންގާ މައްސަލަތަކުގައި، ދަށު ކޯޓަށް މައްސަލަ ހުށަހެޅުމުގެ މުއްދަތެއް ޤާނޫނެއްގައި އަދި ގަވާއިދެއްގައިވެސް ބަޔާންކޮށްފައިނުވާއިރު، އެފަދަ މައްސަލަތަކުގައި މުއްދަތު ގުނާނީ ކިހިނެތްކަމާމެދު އުފެދޭ ސުވާލެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
މުޙައްމަދު ޝިފާޢުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ އޮފީހުގެ ނަންބަރު 1798/2019/D/2 ފޯމުން އިތުބާރުކުރެވޭ މަޤާމެއްގައިހުރި މީހަކު ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށާއި، މީހަކު، ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދަޢުވާކުރުމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓަށް 21 ނޮވެންބަރު 2019 ގައި މައްސަލައެއް ހުށަހެޅިއެވެ. މި ދަޢުވާއަކީ ދަޢުވާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ބަލައި، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C-B/196/2019/1 ސިޓީން އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއެވެ.
މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 2020/HC-N-A/09 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާޠިލުކޮށް، އެ މައްސަލައަކީ އެ މައްސަލައާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއި ކަންކަން ފުރިހަމަކުރުމާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، އެ ކޯޓުން ބަލައިގަނެ ކުރިއަށްގެންދަންޖެހޭ މައްސަލައެއްކަމަށެވެ. މިގޮތަށް ހައިކޯޓުން ޙުކުމްކުރީ 11 ފެބްރުއަރީ 2020 ގައެވެ.
މި ޙުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އަލުން މައްސަލަ ހުށަހަޅާފައިވަނީ 22 ޖުލައި 2020 ގައެވެ. އަދި މި ދަޢުވާ އެ ކޯޓުން ބެލީ އެ ކޯޓުގެ ނަންބަރު 16/D12C/2020 ގަޒިއްޔާއިންއެވެ.
ދަށުކޯޓުގެ ނިންމުން
މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 16/D12C/2020 ގަޒިއްޔާގައި މުޙައްމަދު ޝިފާޢުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ 4 (ހަތަރެއް) ހުށަހެޅުމެއް ހުށަހެޅިއެވެ. ފުރަތަމަ ހުށަހެޅުމަކީ، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 16/D12C/2020 ގަޒިއްޔާއިން ބަލަމުންދާ ދަޢުވާތަކަކީ، ދަޢުވާ އުފުލުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ ދަޢުވާއަކަށްވާތީ، އެއީ ދަޢުވާކުރުމަށް ހުރަހަކަށްވާނެ ދިފާޢުއެއްކަމުގައި ދެކޭތީ، މި ދަޢުވާއަކީ ކޯޓުން ބަލައިގަނެ، މި ދަޢުވާއާމެދު މައުލޫއީގޮތުން ބަލައި ގޮތެއް ކަނޑައެޅެން ނެތް ދަޢުވާއެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން ހުށަހެޅި ހުށަހެޅުމެވެ.
މި ހުށަހެޅުމާއި ގުޅިގެން މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/SHN/(16/D12C/2020)/(2022)/01 "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި އެ ކޯޓުގެ ނަންބަރު 16/D12C/2020ގަޒިއްޔާއިން ބަލަމުންދާ މައްސަލައިގެ ދަޢުވާ ފޯމު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވަނީ 22 ޖުލައި 2020 ގައި ކަމަށާއި، އަދި އެއީ ހައިކޯޓުން މައްސަލަ ނިންމި ތާރީޚުން ފެށިގެން 162 (ސަތޭކަ ފަސްދޮޅަސް ދޭއް) ދުވަސް ފަހުން ކަމަށެވެ. މުޙައްމަދު ޝިފާޢުއަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވޭތާ 45 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންޖެހޭ ފަރާތެއްކަމަށާއި، މި މައްސަލަ ދަށު ކޯޓަށް ހުށަހެޅުނުއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށިފައިނުވާތީ، މި މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅޭނީ ތަޤާދުމްގެ އުޞޫލުން، ހައިކޯޓުން މައްސަލަ ނިންމާ ދުވަހުން ފެށިގެން 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައިކަމަށް ދެކޭކަމަށެވެ.
މުޙައްމަދު ޝިފާޢުގެ މައްޗަށް ދައުލަތުން އުފުލާފައިވާ 03 (ތިނެއް) ދަޢުވާއަކީ ދަޢުވާ އުފުލުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އުފުލާފައިވާ ދަޢުވާ ނޫންކަމަށާއި، އަދި ދަޢުވާ އުފުލުމުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ފާއިތުވީފަހުން ދަޢުވާ އުފުލާފައިވާއިރު، ދަޢުވާ ނުއުފުލާ ލަސްވެފައިވާ ސަބަބު، ދަޢުވާ ފޯމާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ނުވާތީ، މި ދަޢުވާއަކީ ދަޢުވާގެ މައުލޫގައި ބަލައި ގޮތް ކަނޑައެޅެން ނެތް ދަޢުވާއެއް ކަމަށެވެ. އަދި މި ހުށަހެޅުމާމެދު މިގޮތަށް ނިމުމުން، ދެން ހުށަހެޅި ހުށަހެޅުންތަކާމެދު އިތުރު ނިންމުމެއް ނިންމަންޖެހޭ ކަމަށް ނުދެކޭކަމަށް އެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާގައި ޙުކުމްކުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ. މިގޮތަށް ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
10.1 މި މައްސަލައިގައި ބުނާ ޙާލަތުގައި މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާ އުފުލަންޖެހޭނެ މުއްދަތެއްގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 45 (ސާޅީސް ފަހެއް) ދުވަސް ކަމަށް ދަށު ކޯޓުން ބަލާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބުނާ އަސާސްގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށާއި، އެހެންކަމުން، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަޤާދުމުގެ އުޞޫލު މި މައްސަލައަށް ތަޠުބީޤުކޮށްފައިވަނީ އެ މާއްދާގެ ރޫޙާ ޚިލާފަށްކަމަށް ނުފެންނަކަން؛
10.2 މި މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ، ބަލައިގަނެ ކުރިއަށް ގެންދިއުމަށް އަންގާފައިވާ މައްސަލައަކަށްވާތީ، މިއީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ދަޢުވާ އުފުލުމުގެ މާނައާއި ތަފާތު ޙާލަތެއްކަން؛
10.3 މި މައްސަލައިގައި އޮތީ އިޖުރާއީ ގޮތުން ފުރިހަމަކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމެއްކަމަށް ދައުލަތުން ބުނެފައިވާއިރު، ދަޢުވާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅި ބަޔާންވެގެންވަނީ މުއްތަހަމުގެވެސް ހައްޤުގައިކަމަށްވާއިރު، އެކަށީގެންވާ ސަބަބެއްނެތި މައްސަލަ ހުށަހެޅުން ލަސްވުމަކީ މައްސަލަ މައުލޫއީގޮތުން ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭފަދަ ސަބަބެއްކަން؛
އަލުން މައްސަލަ ހުށަހަޅައިފިނަމަ ބަލަންޖެހޭނެކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ މިފަދަ މައްސަލަ ހުށަހެޅުމަށް ޤާނޫނުގައި ވަކި މުއްދަތެއް ކަނޑައެޅިފައި ނެތުމަކީ ދައުލަތުން މީހެއްގެ މައްޗަށް ދަޢުވާ ހުށަހެޅުން ވަކި އިމެއް، މުއްދަތެއް ނެތި ބޭނުން ދުވަހަކު އެފަދަ މައްސަލަތައް ހުށަހެޅުން ހުއްދަކުރެވޭނެކަމެއް ނޫންކަން މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަށް ބަލާއިރު އެނގެން އޮންނަކަމަށާއި، މި މައްސަލަ އަލުން ހުށަހެޅުމަށް 162 (ސަތޭކަ ފަސްދޮޅަސް ދޭއް) ދުވަހުގެ ދިގު މުއްދަތެއް ހިނގާފައިވާއިރު، މިއީ މިފަދަ މައްސަލައެއް ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ދަށުކޯޓުން ބަލާފައިވާގޮތް ޤާނޫނީގޮތުން ގޯސްކަމަށް ބަލަންޖެހޭ ސަބަބެއް ނެތްކަން؛
މި ސަބަބުތަކުގެ މައްޗަށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
ހައިކޯޓުގެ ނަންބަރު2022/HC-B12/8 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން މައިގަނޑު 2 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ.
12.1 ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
12.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާއަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް، ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަލީމް އަދި އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ ގަޒިއްޔާ އާއި، ސުޕްރީމް ކޯޓުގެ ޢަދުނާނު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާ އާއި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ސައްމާޙު އަޙްމަދު ފަތުޙީ ގަޒިއްޔާ އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ސަޢީދު ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދަށު މަރުހަލާއަށް އަލުން ހުށަހެޅިދާނެކަމަށް އިސްތިއުނާފީ މަރުހަލާއިން ކަނޑައެޅުމުން މައްސަލަ ހުށަހެޅުމުގައި މުއްދަތު ބަލާނެގޮތް
(ހ) ފުރަތަމަ ފަހަރަށް ދަޢުވާ އުފުލުމަށްފަހު މުއްދަތު ގުނުން ހުއްޓިދާނެތޯ
މި މައްސަލައިގެ ހާދިސާ ހިނގާފައިވަނީ ޖިނާއީ އިޖުރާއަތު ޤާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ކުރިން ކަމުގައިވާތީ، މި މައްސަލައިގައި ރިއާޔަތްކޮށްފައިވާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އިސްލާހު ކުރެވުމުގެ ކުރިން އޮތް ގޮތަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި، ޖިނާއީ ކުށެއްގެ ދަޢުވާލިބޭ ފަރާތަކީ އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމަށްފަހު، އެ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، އެމީހާ ފަނޑިޔާރުގެ ކުރިމައްޗަށް އެންމެ ފުރަތަމަ ހާޒިރުކުރެވޭތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގައި ޖިނާއީ ދަޢުވާތަކާ ގުޅޭ ތަގާދުމްގެ އުސޫލު ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނާ އެކި މުއްދަތުތައް ފަހަނައަޅައިދާއިރުވެސް މީހެއްގެ މައްޗަށް ދަޢުވާއެއް އުފުލާފައިނުވާނަމަ، އެ މާއްދާގައި ބަޔާންކުރާ މުއްދަތަށްފަހު ދެން ދަޢުވާ ނުއުފުލޭނެއެވެ. ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) ގައި ކުށެއްގެ ދަޢުވާ ދައުލަތުން އުފުލުމާއެކު، އެ ކުށަކާ ގުޅިގެން ދަޢުވާކުރުމަށް އޮތް މުއްދަތު ގުނުން ހުއްޓުމަކަށް އަންނާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ.
ދައުލަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނަނީ މި މައްސަލައިގައި ދަޢުވާ އުފުލުމަށް އޮތް 45 ދުވަހުގެ މުއްދަތު ގުނުން ހުއްޓޭނެކަމަށެވެ. ސަބަބަކީ ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މުޙައްމަދު ޝިފާޢުގެ މައްޗަށް އެންމެ ފުރަތަމަ ދަޢުވާ އުފުލާފައިވަނީ 21 ނޮވެންބަރު 2019 ގައި ކަމުގައިވާތީއެވެ. އަދި މިހާރު ބަލަމުންދާ މައްސަލައަކީ މުޙައްމަދު ޝިފާޢުގެ މައްޗަށް އެންމެ ފުރަތަމަ ފަހަރަށް ދަޢުވާ އުފުލުމުން އެ ދަޢުވާ ނުބެލޭނެކަމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން ކަނޑައެޅުމުން، އެ ދަޢުވާއަކީ ކުރިއަށް ގެންދެވިދާނެ ދަޢުވާއެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވާތީ، ދެވަނަ ފަހަރަށް އެ ދަޢުވާ އުފުލުމުގެ މައްސަލަކަމުގައިވާތީއެވެ. އެހެންކަމުން، ދެވަނަ ފަހަރަށް ދަޢުވާ ކޯޓަށް ހުށަހެޅުމުގައި އިތުރު މުއްދަތު ގުނުމެއް ނެތި، ދަޢުވާ ބަލައިގަނެވެން ވާނެކަމަށް ދައުލަތުގެ ފަރާތުން ބުނެއެވެ.
މި ނުކުތާގެ ރައްދުގައި މުޙައްމަދު ޝިފާޢުގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ދައުލަތުން ބުނާ ގޮތަށް ޤާނޫނު މާނަކުރަންވެއްޖެނަމަ އަވަހަށް ދަޢުވާ އުފުލުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނާނެކަމަށާއި، އަދި މި މައްސަލަ އިސްތިއުނާފު ކުރަމުން ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފުވާ ގޮތް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު2022/HC-B12/8 ގަޒިއްޔާގެ 30 ވަނަ ޕެރެގްރާފްގައި މި މައްސަލައިގައިވާ ހާލަތަށް ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) އިން ނެރެވޭ މާނަ ތަޠުބީޤު ކުރެވެންނެތީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ. އެގޮތުން، ޤާނޫނުލްޢުޤޫބާތުގެ 61 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ ފުރަތަމަ ދަޢުވާ އުފުލުމާ ގުޅޭގޮތުންކަމަށާއި، މި މައްސަލައިގައިވަނީ ދެވަނަ ފަހަރަށް ދަޢުވާ އުފުލުމަށް ފުރުސަތު ލިބުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުން ކަމުގައިވާއިރު، ދައުލަތުގެ ފަރާތުން ވަކާލާތުކުރާ ގޮތަށް، މި މައްސަލައިގައި 21 ނޮވެންބަރު 2019 ގައި އެންމެ ފުރަތަމަ ދަޢުވާ އުފުލާފައިވާތީ، ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅުމުގައި މުއްދަތެއް ގުނަން ނުޖެހޭނެކަމަށް ބަލައިފިނަމަ، މިކަންވާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 50 ވަނަ މާއްދާގެ ދަށުން އަވަހަށް ދަޢުވާކުރަންވާނެކަމަށް އޮންނަ އޮތުމާވެސް ޚިލާފުކަމެއްކަމަށެވެ. މައްސަލަތައް އަވަހަށް ބަލައި ތަޙްޤީޤު ކުރަންވާނެކަމަށް އޮންނަ އޮތުމަކީ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ.
ހައިކޯޓުގެ މި ރައުޔަށް އަހުރެންވެސް ތާއީދުކުރަމެވެ. އެހެނީ، ހައިކޯޓުންވެސް ފާހަގަކޮށްފައިވާ ފަދައިން، ފުރަތަމަ ދަޢުވާ އުފުލުމަށްފަހު، ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅުމުގައި މުއްދަތެއް ގުނަން ނުޖެހޭނެކަމަށް ބަލައިފިނަމަ، ޤާނޫނުތަކުގައި ވަކި މުއްދަތެއްގެ ތެރޭގައި ދަޢުވާ އުފުލުމަށް އޮންނަ އޮތުމުގެ މަޤުސަދުވެސް ގެއްލިގެންދާނެތީއެވެ. ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅުމުގައި އެއްވެސް ހިފެހެއްޓުމެއްނެތި، ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ ޙައްޤުތަކަށްވެސް އުނިކަން އަންނާނެ ފަދައިން، ކުއްލި ގޮތަކަށް ކޮންމެ ވަގުތެއްގައިވެސް ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެތީއެވެ. އެހެންކަމުން، ދައުލަތުން ބުނާ ގޮތަށް ޤާނޫނު މާނަކުރަންވެއްޖެނަމަ، އެމީހެއްގެ މައްޗަށް އަވަހަށް ދަޢުވާ އުފުލުމާ ގުޅޭ އަސާސީ ޙައްޤަށްވެސް އަދި ޤާނޫނުގައި ތަގާދުމްގެ މުއްދަތުތައް ބަޔާންވެފައި އޮތުމުގެ މަޤުސަދަށް އުނިކަން އަންނާނެ ފަދައިން ޤާނޫނު މާނަނުކުރެވޭނެއެވެ.
(ށ) ދެވަނަ ފަހަރަށް ދަޢުވާ އުފުލޭނެ މުއްދަތު
ދަށު ކޯޓުން ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ނިންމާ މައްސަލަތަކުގައި، އެއީ އަލުން ހުށަހަޅައިފިނަމަ ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ހައިކޯޓުން ނުވަތަ ސުޕްރީމް ކޯޓުން ކަނޑައަޅާ ހާލަތްތަކުގައި، ދައުލަތުން ދެވަނަ ފަހަރަށް ދަޢުވާ އުފުލަންޖެހޭނީ ކިހާ މުއްދަތެއްގެ ތެރޭގައި ހެއްޔެވެ؟ ޖިނާއީ އިޖުރާއަތު ޤާނޫނުގައި މިފަދަ ހާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިނުވެއެވެ. އެހެންކަމުން، ދެން ރުޖޫއަވާންޖެހޭނީ ޢާންމު ޤާނޫނެއްގެ ދަށުންވިޔަސް ދެވިފައިވާ އިރުޝާދަކަށެވެ.
މި މައްސަލައިގައި މަނަދޫ މެޖިސްޓްރޭޓް ކޯޓުންވެސް އަދި ހައިކޯޓުންވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތްކޮށްފައިވެއެވެ. އެ އަކުރުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
ވަކި ކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތެއްގައެވެ.
އެހެންކަމުން، ޤާނޫނުގައިވާ އިރުޝާދަށް ބަލައިފިނަމަ، ވަކި މުއްދަތެއް ޤާނޫނެއްގައި ބަޔާންކޮށްފައިނުވާ ހާލަތެއްގައި ދެން ބަލަންޖެހޭނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނެތި އެކަމެއް ކޮށްފައިވޭތޯ ނުވަތަ ނޫންތޯއެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން ޢަމަލުކުރުމުގެ ނަތީޖާއަކީ ކޮންމެ މައްސަލައެއްގެވެސް ވަށައިގެންވާ ހާލަތަށް ރިއާޔަތްކުރުމާއެކު، ކަމެއް ކުރުމުގައި ލަސްވި ލަސްވުމަކީ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ލަސްވި ލަސްވުމެއްތޯ ކަނޑައެޅުމެވެ. އެހެންކަމުން، މި އަކުރުގެ ދަށުން މައްސަލައިގެ ހާލަތުގެ މައްޗަށް ބިނާކޮށް ދަޢުވާ އުފުލުމަށް ހަ މަސް ދުވަސް ހޭދަވެފައިވީ ނަމަވެސް، އެގޮތަށް މެދުވެރިވީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ދައުލަތަށް ސާބިތުކޮށްދެވިއްޖެނަމަ، އެފަދަ ލަސްވުމެއްވެސް ބަލައިގަތުމުގެ އިހްތިމާލު މި މާއްދާގެ ދަށުން އޮތްކަން ފާހަގަކުރެވެއެވެ. ހަމަ އެފަދައިން، މައްސަލައެއްގެ ވަށައިގެންވާ ހާލަތްތަކަށް ރިއާޔަތްކޮށް ދަޢުވާކުރުމަށް އެކަށީގެންވާ މުއްދަތަކީ ވަރަށް ކުރު މުއްދަތެއްކަމަށް ކަނޑައެޅުމުގެ ފުރުސަތުވެސް މި މާއްދާގެ ދަށުން ލިބިދެވިފައިވާކަން ފާހަގަކުރެވެއެވެ.
ވުމާއެކު، އިސްތިއުނާފީ ކޯޓުން ދަޢުވާކުރުމަށް މައްސަލައެއް އަލުން ދަށު ކޯޓަށް ހުށަހެޅިދާނެކަމަށް ކަނޑައެޅުމުން، ޖިނާއީ އިޖުރާއަތު ޤާނޫނުގައިވެސް އަދި މުއްތަހަމުގެ މައްޗަށް ދަޢުވާ އުފުލާ ކުށާ ގުޅޭ ޤާނޫނެއްގައިވެސް އެފަދަ މައްސަލަ ހުށަހަޅާނެ މުއްދަތުތަކެއް ކަނޑައަޅާފައި ނުވާނަމަ، ދެން ރުޖޫއަވާންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި މުއްދަތު ބަލާނެ ގޮތަށެވެ.
ކަން މިހެން އޮތްއިރު، ޖިނާއީ އިޖުރާއަތު ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ 45 ދުވަހުގެ މުއްދަތަކީ ދެވަނަ ފަހަރަށް ދަޢުވާ ކޯޓަށް ހުށަހެޅުމަށްޓަކައި، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގެ ދަށުން، އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައެޅިދާނެ ހެއްޔެވެ؟
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) އަކީ އެކި ހާލަތްތަކަށް ފަސޭހައިން ތަތުބީޤުކުރެވިދާނެ، ނުވަތަ ފްލެކްސިބަލް މާއްދާއެއް ކަމުގައިވާއިރު، މި މާއްދާގެ ރޫޙަކީ، ކޮންމެ މައްސަލައެއްގައިވެސް ވަށައިގެންވާ ހާލަތްތަކަށް ރިއާޔަތްކޮށް ގޮތް ކަނޑައެޅުމެވެ. އެއް މައްސަލައިގައި އެކަށީގެންވާ މުއްދަތަކީ އަނެއް މައްސަލައިގައި އެކަށީގެންވާ މުއްދަތެއްކަމަށް ނުވެދާނެއެވެ.
ދެވަނަ ފަހަރަށް ދަޢުވާ ހުށަހެޅުމުގެ މުއްދަތެއް ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމީ ޤާނޫނީ ހުސްކަމެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސިފަކުރެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ގަޒިއްޔާތަކާ ހަވާލާދީ ބުނެފައިވަނީ، ޤާނޫނުގައިވާ ހުސްކަމެއް ކޯޓުތަކަށް ފޫނުބެއްދޭނެކަމަށާއި، ޤާނޫނުގައި ބަޔާންނުކުރާ މުއްދަތެއް ކޯޓަށް ކަނޑަނޭޅޭނެކަމަށެވެ.
ދެވަނަ ފަހަރަށް ދަޢުވާ އުފުލާއިރު ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭ މުއްދަތު ކަނޑައެޅުމުގައި ޤާނޫނީ ހުސްކަމެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ. ސަބަބަކީ، ޤާނޫނެއްގައި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، ދެން ޢަމަލުކުރަންޖެހޭނެ ގޮތް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާތީއެވެ.
އެ މާއްދާގެ ދަށުން ކަމެއް ކުރުމަށް ލަސްވި ފަރާތުން ސާބިތުކޮށްދޭންޖެހޭނީ؛
(1) އެކަށީގެންވާ އަވަސް މިނެއްގައި ކަންކޮށްފައިވާކަން
(2) ކަންކުރުމުގައި އެއްވެސް ބޭކާރު ލަސްވުމެއް ނުހިމެނޭކަން
މި މާއްދާގެ ސާފު އިބާރާތުން ލަސްވުންތައް ހުއްދަކުރެއެވެ. އެހެންނަމަވެސް ލަސްވާ ލަސްވުން ބިނާވާންޖެހެނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށެވެ.
މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބުނާ އެކަށީގެންވާ މުއްދަތަކީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބުނާ 45 ދުވަހުގެ މުއްދަތު ކަމުގައި ކަނޑައެޅުމުގެ ނަތީޖާއަކީ، މި ބާވަތުގެ އެންމެހައި މައްސަލަތަކުގައި ކަން ހިނގާދިޔަ ގޮތް ވަޒަންކޮށް އެ މައްސަލައިގައިވާ ހާލަތަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައިވާ އުސޫލު ވަކި ވަކިން ތަޠުބީޤުކުރުމުގެ ފުރުސަތު ގެއްލިގެންދިޔުމެވެ. އަދި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ގޮތް ކަނޑައެޅުމަށް އޮންނަ މިންގަނޑު ހަނިވެގެންދިޔުމެވެ.
މި މައްސަލައިގައި އެކަށީގެންވާ ލަސްތަކެއްވޭތޯ ކަނޑައެޅުމުގައި ބަލަންޖެހޭނީ ދަޢުވާ ފޯމާއި ލިޔެކިޔުންތައް ތައްޔާރުވެފައިވާ މައްސަލައެއް އެއީ ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް އިސްތިއުނާފީ ކޯޓަކުން ކަނޑައެޅުމުން، އެ މައްސަލައިގެ ދަޢުވާ ފޯމާއި އެންމެހައި ލިޔެކިއުންތައް ހުށަހަޅަން ނަގާނެ މުއްދަތެވެ. އެއީ ޙުކުމްކުރާ ތާރީޚުން ފެށިގެން ޕޯސްޓުގެ ޒަރީއާއިން ކަމުގައިވިޔަސް ނުވަތަ އީމެއިލް މެދުވެރިކޮށްވިޔަސް، ނުވަތަ މީހަކު ކޯޓަށް ފޮނުވައިގެން ކަމުގައިވިޔަސް މައްސަލަ ހުށަހަޅަން ނަގާނެ ވަގުތެވެ.
މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 16/D12C/2020 ގަޒިއްޔާއާ ގުޅިގެން އެ ކޯޓުން "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ދައުލަތުގެ ފަރާތުން ދެވަނަ ފަހަރަށް މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާ އުފުލަންވާނީ ތަޤާދުމްގެ އުސޫލުން ހައިކޯޓުން މައްސަލަ ނިންމާ ދުވަހުން ފެށިގެން 45 ދުވަހުގެ ތެރޭގައިކަމަށް ކަނޑައަޅާފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ހަނިވާ ފަދަ ގޮތަކަށެވެ. ޤާނޫނެއްގައި ވަކި ގޮތަކަށް ޢަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާނަމަ، ޤާނޫނުގައިވާ ކަންކަން ހަނިވާފަދަ ގޮތަކަށް ނުވަތަ މަހްދޫދުވާ ފަދަ މޭރުމަކުން ކޯޓުތަކަށް ޤާނޫނު މާނައެއް ނުކުރެވޭނެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ދައުލަތުން ދެވަނަ ފަހަރަށް މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިތޯ ކަނޑައެޅުމަށްޓަކައި ބަލަންޖެހޭނީ، ދަޢުވާ އުފުލާފައިވަނީ އެކަށީގެންވާ އަވަސް މިނެއްގައިތޯއާއި އެއްވެސް ބޭކާރު ލަސްވުމެއް މި މައްސަލައިގައި ހިނގާފައިވޭތޯއެވެ.
މި މައްސަލައަށް އުސޫލު ތަޠުބީޤުކުރުން
21 ނޮވެންބަރު 2019 ގައި މުޙައްމަދު ޝިފާޢުގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، އަދި މީހަކު ކުޑަކުއްޖަކަށް އެމީހެއްގެ ޖިންސީ ގުނަވަނެއްކަމަށް ބެލެވޭ އެއްވެސް ތަނެއް ދެއްކުމުގެ ކުށުގެ ދަޢުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 1798/2019/D/2 ފޯމު އެ އޮފީހުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިއެވެ.
މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C-B/196/2019/1 ސިޓީން ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ދަޢުވާތަކަކީ ޖިނާއީ އިޖުރާއަތު ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ދަޢުވާ ފޯމަކަށް ނުވާތީ، އެ ފޯމު އެ ކޯޓުން ބަލައިގެންފައިނުވާކަމަށެވެ. ފޯމު ހުށަހެޅި ތާރީޚުކަމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައިވަނީ 24 ނޮވެންބަރު 2019 އެވެ.
މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ހައިކޯޓުގެ ނަންބަރު 2020/HC-N-A/09 ގަޒިއްޔާއިން 11 ފެބްރުއަރީ 2020 ގައި ބާޠިލުކުރިއެވެ. މި ނިންމުން ބާޠިލުކުރި ސަބަބަކީ މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދަޢުވާ ފޯމު ހުށަހެޅި ތާރީޚަކީ 24 ނޮވެންބަރު 2020 (އާދީއްތަ ދުވަހެއް) ކަމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުން ބަލާފައި އޮތްނަމަވެސް، މައްސަލައިގެ ދަޢުވާ ފޯމު ހުށަހެޅީ 21 ނޮވެންބަރު 2019 (ބުރާސްފަތި ދުވަހެއް)ގެ 14:21 ގައިކަމުގައިވާތީއެވެ. އަދި އެ ތާރީޚާއި ގަޑީގައި މަނަދޫ މެޖިސްޓްރޭޓް ކޯޓުން ދަޢުވާ ފޯމާ ހަވާލުވިކަން ސޮއިކޮށްފައިވާ ލޮގުން އެނގެން އޮންނަކަމަށާއި، މިކަން މިގޮތަށް ހިނގާފައިވަނީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މުޢާމަލާތް ކުރެވިގެންކަމަށާއި، އަދި މިކަން މިހެން ހިނގާފައިވަނީ ޖިނާއީ އިޖުރާއަތު ގަވާއިދުގެ 105 ވަނަ މާއްދާގައި ބަޔާންވެގެންވާ އުސޫލުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މަނަދޫ މެޖިސްޓްރޭޓް ކޯޓާ ދެމެދު މައްސަލަ ހުށަހެޅުމަށް އެހެންގޮތަކަށް ކަނޑައެޅިގެން (ރަސްމީ ގަޑިން ބޭރުން) ކަމުގައިވާތީ، މި މައްސަލައަކީ އަލުން ހުށަހަޅައިފިނަމަ، އެ ކޯޓުން ބަލައިގަންނަންޖެހޭ މައްސަލައެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
ފުރަތަމަ ފަހަރު ދަޢުވާ ހުށަހަޅަން ސާފު މުއްދަތެއް އޮއްވައި، އެ މުއްދަތުގެ ތެރޭގައި ސުވާލު އުފެދޭ ގޮތަކަށް ދަޢުވާ ހުށަހެޅުމުން، އެއީ ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ހައިކޯޓުން 11 ފެބްރުއަރީ 2020 ގައި ކަނޑައެޅުމުން، އެ ފުރުސަތުގެ ބޭނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހިފާފައިވަނީ 22 ޖުލައި 2020 ގައި، ހައިކޯޓުން ޙުކުމްކުރި ތާރީޚުގެ 162 (ސަތޭކަ ފަސްދޮޅަސް ދޭއް) ދުވަސް ފަހުންނެވެ.
އަދި މިހާރު ބަލަމުންދާ މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި އަލުން ދަޢުވާ ހުށަހެޅުމަށް ދިގު މުއްދަތެއް ފާއިތުވެފައިވާކަމަށް ޤަބޫލުކުރާކަމަށެވެ.
ދެވަނަ ފަހަރަށް މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާ އުފުލުމަށް ލަސްވި ލަސްވުމަކީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާވި ލަސްވުމެއްތޯ ބަލާއިރުގައި، މި މައްސަލައިގައި އިތުރު ތަޙްޤީޤެއް ހިނގާފައިނުވާކަމަށާއި، ދަޢުވާ ފޯމަށްވެސް އެއްވެސް ބަދަލެއް ގެނެސްފައިނުވާއިރު، މިއީ މި ހާލަތުގައި އެކަށޭނަ ނުވަތަ ރީޒަނަބަލް މުއްދަތެއްކަމަށް ޤަބޫލުނުކުރެވޭކަމަށް ޚުދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް ބުނެފައިވާކަމަށް މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައި ފާހަގަކޮށްފައިވެއެވެ. އަދި މައްސަލަ ހުށަހެޅުން ލަސްވެފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން މާޗް މަހުގައި މާލެ ލޮކްޑައުންއަށް ދިޔުމުން ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނާއިރު، ލޮކްޑައުންގެ މުއްދަތުގައިވެސް ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދިޔަކަމަށް އެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް ދެކެވުނު ވާހަކަތަކުން އެނގިގެން ދިޔައީ މުޙައްމަދު ޝިފާޢުގެ މައްޗަށް އެންމެ ފުރަތަމަ ދަޢުވާ އުފުލި، އަދި އެ މައްސަލައިގެ އިސްތިއުނާފު މަސައްކަތްތައްވެސް ކުރިއަށް ގެންގޮސްފައިވަނީ އަތޮޅުތެރޭ ޤާއިމުކުރެވިފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގޮފިތަކުންކަމެވެ. އެގޮތުން، މި މައްސަލަ އެންމެ ފުރަތަމަ އިސްތިއުނާފުކުރެވުނު ހައިކޯޓުގެ ނަންބަރު 2020/HC-N-A/09 ގަޒިއްޔާވެސް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ދައުލަތުގެ ވަކީލުން ކުޅުދުއްފުށީގައި ތިބެގެންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓުގައި މަޢުލޫމާތު ދީފައިވެއެވެ. ވުމާއެކު، މާޗް 2020 ގައި މާލޭގައި އޮތް ލޮކްޑައުންއާއި މި މައްސަލަ އޮތް ގޮތަށް މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އަލުން ފޮނުވާލުމުގެ ހުރަހަކީ ކޮބައިކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބުނެދެވިފައިނުވެއެވެ. އަދި އެކަން ކުރުމަށް 5 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވިއިރު، މިއީ ބޭކާރު ލަސްވުންތަކެއް ކަމުގައި އަހުރެން ދެކެމެވެ.
މި މައްސަލައިގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މައްދާގެ (ށ) ގައި ބުނާ 45 ދުވަހުގެ މުއްދަތެއް އެއީ އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައަޅާފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައިވާ ކަންކަން ހަނިވާ ފަދަ މޭރުމަކުންނެވެ. އެހެންކަމުން، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމުގައި ރިއާޔަތްކުރި ޖިނާއީ އިޖުރާއަތު ޤާނޫނުގެ 94 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ތަގާދުމްގެ އުސޫލުން ބޭނުންކުރިގޮތަށް އަހުރެން ތާއީދު ނުކުރިނަމަވެސް، އެ ކޯޓުން މި މައްސަލައާ ގުޅިގެން ވާސިލުވި ނިންމުމަށް، އަދި ހައިކޯޓުން އެ ނިންމުމަށް ތާއީދުކޮށްފައި އޮތް އޮތުމަށް އަހުރެންވެސް ތާއީދުކުރަމެވެ. އެއީ، މުޙައްމަދު ޝިފާޢުގެ މައްޗަށް ދަޢުވާ އުފުލުމުގައި އެކަށީގެންނުވާ ދިގު މުއްދަތެއް ހިނގާފައިވާކަމަށް ކަނޑައެޅުމެވެ.
މިއަދު ހުށަހަޅާފައިމިވާ މައްސަލައަކީ ކޯޓުތަކުން ޤާނޫނު މާނަކުރުމާއި ތަޠުބީޤުކުރުމުގެ މައްސަލައެއް ނޫނެވެ. އަދި މި މައްސަލައަކީ މިއީ ނިޒާމުގެ ތެރޭގައި "ހަރުނުލައިގެން" އުޅޭ މައްސަލައެއްކަމަށް ދައުލަތުގެ ފަރާތުން ސިފަކުރި ނަމަވެސް، މި މައްސަލަ އެންމެ ފުރަތަމަވެސް ކޯޓަށް ވައްދަން މަސައްކަތް ކޮށްފައިވަނީ ޤާނޫނުގައި ބުނާ މުއްދަތުގެ ރަސްމީ ގަޑީގެ ފަހުންކަމުގައިވާއިރު، އެކަންވެސް އެއް ފަރާތްކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ދައުލަތަށް ހައިކޯޓުން ފުރުސަތު ދިނުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ހުށަހަޅާފައިވަނީ އެއިގެ 5 މަސް ދުވަސް ފަހުން، ޔަޤީނާ ގާތަށް، އެއްވެސް ކޯޓަކުން މިފަހަރު އެ މައްސަލަ ބަލައިނުގަންނާނެ މުއްދަތެއް ފަހުންނެވެ. ސަބަބުވެރި އިންސާނެއްގެ މިންގަނޑުން، ދަޢުވާ ފެއިލްކޮށްލަން ބޭނުންވާނަމަ ޢަމަލުކުރާނީ މި ފަދަ ގޮތަކަށެވެ.
މިކަމެއް ހިނގާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފެއްގެ އިހުމާލުގެ ސަބަބުންކަމުގައިވީ ނަމަވެސް، ނުބައި ނިޔަތެއް އޮވެގެން ކަމުގައިވީނަމަވެސް، ނުވަތަ ބައެއްގެ ނުފޫޒުގެ ސަބަބުން ކަމުގައިވީނަމަވެސް، ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދަޢުވާ ނުއުފުލާ އޮތް އޮތުމަކީ، އެކަމެއް ފޫބެއްދުމަށްޓަކައި ކޯޓުތަކަށް އިތުރަށް ކަމެއް ކޮށްދެވޭނެކަމެއް ނޫނެވެ. މިފަދަ ކަންކަމުގައި ކޯޓުތަކަށް މައްސަލަ ހުށަހަޅައިގެން ކޯޓުތައް އިމްތިހާނުކޮށް، ކޯޓުތަކުން ޤާނޫނު ވާންކޮށްދޭނެކަމަށް ބެލުމުގެ ސަގާފަތާ ދުރުހެލިވާންޖެހެއެވެ.
ޤާނޫނުގައިވާ ގޮތުގެ މަތިން އަދަބުދެވި އިންސާފު ޤާއިމުކުރެވޭނީ ހަމައެކަނި ކޯޓުތަކަށްކަމަށް ހީކުރެވުމަކީ ކުށްހީއެކެވެ. ކޯޓުތަކަކީވެސް ޤާނޫނުތައް ނަގަހައްޓައި، ކުށް ކުރާ މީހުންނަށް އަދަބުދީ، އިންސާފު ގާއިމުކުރެވުމުގައި ދައުލަތުގެ ކަމާބެހޭ އެހެނިހެން އިދާރާތަކާ އެއް އަމާޒެއްގައި ހިއްސާވާ ފަރާތެއް ކަމުގައިވީނަމަވެސް، ކޯޓުތަކަށް ކޯޓުތަކުގެ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ދައުލަތުގެ ދެން ހުރި މުއައްސަސާތަކުން ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން އިންސާފަށް ވާސިލުވުމަށްޓަކައި މަގު ކޮށައިދީ، އެފަދަ މާހައުލެއް ޤާއިމުކޮށްދިނުމުންނެވެ. ކުށްކުރުން ހުއްޓުވައި މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ދައުލަތުގެ އެންމެހައި އިދާރާތަކުން ޤާނޫނު އެއްފަރާތްކޮށް، އެއްވެސް ފަރުވާލެއް ނެތި ޢަމަލުކުރުމުން، އެކަންކަން ތާއަބަދު ކޯޓުތަކުން ފޫބައްދައިދިނުމުގެ އާޚިރު ނަތީޖާއަކީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ކެނޑިގެންދިޔުމެވެ.
ކޯޓުތަކުން ކުށްކުރާ މީހުންގެ މައްޗަށް ކުށް ސާބިތުވާ ހާލަތުގައި އަދަބު ކަނޑައެޅުމުގެ ބާރު ލިބިދެވިފައިވާއިރު، އިންސާފަކީ ހަމަ އެކަނި ކޯޓުތަކާ ހަމައިން ދެވޭ އެއްޗެއް ނޫނެވެ. ތަހުޤީޤީ އިދާރާތަކުންނާއި ދައުލަތުގެ ފަރާތުން ދަޢުވާ އުފުލާ ފަރާތްތަކުންނާއި އަދި އަދަބު ތަންފީޒުކުރަންތިބޭ ފަރާތްތަކަކީވެސް އިންސާފު ޤާއިމުކުރުމުގެ އެންމެ އިސް ހަރުފަތުގައި ޝާމިލުވާ ފަރާތްތަކެވެ. 2008 ވަނަ އަހަރު ތަސްދީޤުކުރި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 13 އަހަރު ފުރިފައިވާއިރު، އެ ޤާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ޒިންމާ އުފުލައި، ޤާނޫނުތަކާ އެއްގޮތަށް ޢަމަލުނުކުރެވުމުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި އެންމެހައި ފަރާތްތަކަށް ލިބިދެވުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ. ހުށަހެޅިފައިމިވާ މައްސަލައިގައިނަމަ، ޖިންސީ ގޯނާގެ ޝިކާރައަކަށްވާކަމަށް ބުނާ ކުޑަކުއްޖާއަށެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 16/D12C/2020 ގަޒިއްޔާއާ ގުޅިގެން "ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން" ގައާއި، ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) މާނަކޮށްފައިވަނީ އެ އަކުރު ތަޠުބީޤުކުރުމުން ނެރެވޭ ނަތީޖާ ހަނިވާގޮތަށް ކަމުގައިވީނަމަވެސް، ބުނެވުނު ދެ ނިންމުމުގައިވެސް މުޙައްމަދު ޝިފާޢުގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަކީ އެކަށީގެންނުވާ ދިގު މުއްދަތެއް ފާއިތުވީ ފަހުން އުފުލާފައިވާ ދަޢުވާތަކެއްކަމަށް ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިނުވެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވާފައިވާ ފަދައިން މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ 21 ނޮވެންބަރު 2019 ގައެވެ. މި ދަޢުވާއަކީ ދަޢުވާކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމެއްކަމަށް ބަލައި، މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C-B/196/2019/1 ސިޓީން އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއެވެ. މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ހުކުމްކުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބާތިލުކޮށް، އެ މައްސަލައަކީ އެ މައްސަލައާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއި ކަންކަން ފުރިހަމަކުރުމާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އަލުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، އެ ކޯޓުން ބަލައިގަނެ ކުރިއަށްގެންދަންޖެހޭ މައްސަލައެއްކަމަށެވެ. މިގޮތަށް ހައިކޯޓުން ޙުކުމްކުރީ 11 ފެބްރުއަރީ 2020 ގައެވެ.
އިސްވެ ބަޔާންކުރިގޮތަށް، މި މައްސަލަ އަލުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ހައިކޯޓުން ދީފައިވަނީ 11 ފެބްރުއަރީ 2020 ގައެވެ. މި ޙުކުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މަނަދޫ މެޖިސްޓްރޭޓް ކޯޓަށް އަލުން މައްސަލަ ހުށަހަޅާފައިވަނީ - އޭގެ 5 މަސްދުވަސް ފަހުން - 22 ޖުލައި 2020 ގައެވެ.
ދަށުކޯޓުން ބަލައިނުގަންނަ ނުވަތަ ޝަރިއަތުގެ ކުރީ މަރުހަލާގައި ބޭރުކޮށްލާ މައްސަލައެއް އެއްވެސް ސަބަބަކާހުރެ އަލުން ދަށުކޯޓަށް ހުށަހެޅުމުގެ ހުއްދަ ހައިކޯޓުންދޭ ހާލަތުގައި އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަލުން ދަށުކޯޓަށް ހުށަހަޅާނޭ މުއްދަތު ޖިނާއީ އިޖުރާއަތު ގާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ. މި ހާލަތުގައި ދަށުކޯޓަށް މައްސަލަ ހުށަހަޅާނޭ މުއްދަތެއް ގާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ހާލަތުގައި ދެން އަމަލުކުރެވޭނެ މުއްދަތެއް ކަމަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި ބުނެފައިވަނީ އެއްވެސް ސަބަބަކާހުރެ އަލުން ދަށުކޯޓަށް ހުށަހެޅުމުގެ ހުއްދަ ހައިކޯޓުންދޭ ހާލަތުގައި އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަށުކޯޓަށް ހުށަހަޅަންޖެހޭނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަގާދުމުގެ އުޞޫލާ އެއްގޮތަށް 45 ދުވަހުގެ ތެރޭގައި ކަމަށެވެ. ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި، މައްސަލައެއްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 45 ދުވަހުގެ ތެރޭގައި ދައުވާކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވަނީ އެމައްސަލައެއްގައި ތަހުގީގު ނިންމައި އެންމެ ފުރަތަމަ ދައުވާކުރާއިރު ދައުވާލިބޭމީހާ ހުރީ ބަންދުގައި ކަމަށްވާނަމައެވެ. އެހެންކަމުން ދަށު ކޯޓަށް އަލުން މައްސަލައެއް ހުށަހެޅުމުގެ ހުއްދަ ހައިކޯޓުން ދޭ ހާލަތުގައި، ހައިކޯޓުން އެ ހުއްދަދޭ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ ދައުވާއެއް ދަށުކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށާއި އެ މުއްދަތުގެ ފަހުން އެ ދައުވާއެއް އަލުން ހުށަނޭޅޭނެ ކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ގަބޫލެއް ނުކުރެވެއެވެ.
މި މައްސަލައިގައި އުފެދޭ މައިގަނޑު އެއް ސުވާލަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަކިކަމަކަށް ސަރީހަބަހުން ދައުވާކުރާނެ މުއްދަތެއް ކަނޑައަޅާފައި ނެތް ހާލަތެއްގައި އެބާވަތުގެ އެހެން ހާލަތަކަށް އަމާޒުކޮށްގެން އެ ގާނޫނުގައި އޮތް މުއްދަތަކާ އަޅާކިޔައިގެން ދައުވާ ހުށަހަޅާނެ މުއްދަތެއް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެންވޭތޯ ނުވަތަ ނޫންތޯއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މުއްދަތު ކަނޑައެޅިފައިނުވާ ކަމަކަށް ކޯޓުން ވަކި މުއްދަތެއް ކަނޑައަޅައިގެން ނުވާނެ ކަމަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ރައުޔުގައި ބަޔާންކޮށްފައި އޮތް އޮތުމަށް އަހުރެން ތާއީދުކުރަމެވެ. ދެން އޮތް ސުވާލަކީ، އެހެން ހާލަތެއްގައި ދައުވާ ހުށަހަޅަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައި އޮތް މުއްދަތަކަށް ގިޔާސްކޮށްގެން، ހައިކޯޓުން ހުއްދަދޭ މައްސަލަތަކުގައި ދައުވާ އަލުން ދަށު ކޯޓަށް ހުށަހެޅުމަށް މުއްދަތެއް ކަނޑައެޅުމުގެ ބާރު ހައިކޯޓަށް ލިބިގެން ނުވާނަމަ، ހައިކޯޓުން އެ ހުއްދަދޭތާ ކިތައްމެ ދުވަހެއް ވާފަހުންވެސް އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅިދާނެ ހެއްޔެވެ. ގާނޫނެއްގެ ދަށުން ދައުލަތުގެ މުވައްޒަފަކަށް ކަމެއް ކުރުން ލާޒިމުކޮށްފައިވާ ނަމަ، އެކަމެއް ކުރަން ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނެތް ނަމަވެސް، ހިތުހުރިހައި ދުވަހަކަށް އެކަމެއް ނުކޮށް ދަންމާލުމުގެ ފުޅާ އިޚްތިޔާރު ދައުލަތުގެ އެ މުވައްޒަފަކަށް ލިބިގެންނުވެއެވެ. ޚާއްސަކޮށް އެކަމެއް ނުކޮށް ލަސްކުރުމުގެ ސަބަބުން ފަރުދެއްގެ ހައްގަކަށް އަސަރުކުރާނަމަ އެކަމުގެ ސީރިއަސްކަން އިންތިހާއަށް ގުނަވެގެންދާނެއެވެ. ވީމާ، އެކަމެއް ވީހައި އަވަހަކަށް ކުރުމަކީ ލާޒިމުކަމެކެވެ. ހަމައެކަނި އިސްތިސްނާ ހާލަތަކީ މަގުބޫލު ސަބަބެއް ނުވަތަ އުޒުރެއް އޮންނަ ހާލަތެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ރައުޔުގައި ވިދާޅުވެފައިވަނީ އެކަމެއް ކުރަންޖެހޭނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައިވާ ގޮތަށް "ވަކިކަމެއް ކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވާނަމަ، އެކަމެއް ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތަށް" ކަމަށް ބަޔާންކޮށްފައި އޮންނަ ގާނޫނީ ހަމައިގެ ތެރެއިން ކަމަށެވެ. މި ރައުޔަށް އަހުރެންވެސް ތާއީދުކުރަމެވެ. އެހެނީ، އެއީ ދައުލަތުގެ ހުރިހާ މުވައްޒަފުންވެސް ކަންކުރަންޖެހޭ ގޮތެވެ. ތަބާވާންޖެހޭ މިންގަނޑެވެ. ނަގަހައްޓަންޖެހޭ އުސޫލެކެވެ. އިހްތިރާމްކުރަންޖެހޭ ހަމައެކެވެ. ދައުލަތުގެ މުވައްޒަފުން އެއާއޮގޮތަށް އަމަލުކުރުމަށް ގާނޫނުއަސާސީ ލާޒިމުކުރާ ގާނޫނުގެ ވެރިކަމުގެ މައި އަސާސެކެވެ. މި އުސޫލާ ޚިލާފުވެއްޖެ ނަމަ ނިކުތުން ގާނޫނުއަސާސީ ލާޒިމުކުރާ ނަތީޖާއަކީ އެ އުސޫލާ ޚިލާފުވާ މުވައްޒަފުން ޖަވާބުދާރީ ކުރުވުމެވެ. ޖަވާބުދާރީ ކުރެވޭނެ ދައުލަތުގެ އިދާރީ އޮނިގަނޑެއް އޮތުމެވެ. އަދި އިތުރަށް ފާހަގަކޮށްލާނަމެވެ. މީގެ އިތުރުން، ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ވަކިކަމެއް ކުރަން އޮންނަ ހާލަތުގައި އެކަމެއް ކުރުން މި އުސޫލުގެ އެންމެ ފުނަށް ދެމިގެންވެއެވެ.
ގާނޫނެއްގެ ދަށުން ކުރުން ލާޒިމުކޮށްފައިވާ ކަމެއް ކުރަން ވަކި މުއްދަތެއް ކަނޑައެޅިފައި ނެތް ކަމެއް "ކުރަންވާނީ އެކަށީގެންވާ އަވަސްމިނުގައި، ބޭކާރު ލަސްވުންތަކެއް ނުހިމެނޭ ގޮތަށް" ކަމަށް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވާތީވެ، އަތުގައި މި އޮތް މައްސަލައިގެ ވާގިއާތަކަށް ބަލާއިރު، ސަބަބުވެރި މީހެއްގެ މިންގަނޑުން ބަލާއިރު، މި މައްސަލަ ހުށަހަޅަން ހައިކޯޓުން ހުއްދަދީފައިވާ ތާރީޚުން ފެށިގެން 5 މަސް ހޭދަވެގެންދިޔައިރު، އެ މައްސަލަ ދަށުކޯޓަށް ހުށަނޭޅިއޮތީ މަގުބޫލު ސަބަބެއް އޮވެގެން ހެއްޔެވެ. ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، މި ސުވާލަށް ލިބެނީ ސަލްބީ ޖަވާބެކެވެ. އެ މައްސަލަ އަލުން ކޯޓަށް ނުވެއްދި 5 މަސްދުވަހަށް ލަސްވި ލަސްވުން މެދުވެރިވެފައިވަނީ މަގުބޫލު ސަބަބެއް އޮވެގެންކަން ބުނެދެވިފައެއް ނެތެވެ. ލަސްވެފައިވަނީ ކޮވިޑް ރޯގާގެ ބަންދުތަކާ ހުރެކަމަށް ބުނެފައިވާއިރު، އެ މުއްދަތުގައި އީމެއިލް އިން ނުވަތަ އެނޫންވެސް ގޮތަކަށް އެ މައްސަލަ ހުށަހަޅަން މަސައްކަތް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރިކަން ދައުލަތަށް ދެއްކިފައި ނެތެވެ. އެމުއްދަތުގެ ތެރޭގައި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ ކޯޓުތަކަށް މައްސަލަތައް ހުށަހެޅެމުންދިޔަ އިރު، މަނަދޫ ކޯޓު އެއިން އިސްތިސްނާވީ ސަބަބެއްވެސް ބުނެދެވިފައި ނެތެވެ. އަދި މައްސަލައިގެ ފައިލުގެ މައްޗަށް ނުވަތަ ވީހާއަވަހަކަށް އެ މައްސަލަ މަނަދޫ ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށް އެއްވެސް މުވައްޒަފެއްގެ ވިސްނުން ތަތުބީގުކުރިކަންވެސް އެންމެ ކުޑަމިނުން އެނގެން ނެތެވެ.
ދެން އުފެދޭ ސުވާލަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އުސޫލަށް ބެލުމެއްނެތި، މައްސަލަ ހުށަހެޅުން ލަސްވި އެކަށީގެންވާ މަގުބޫލު ސަބަބެއް ނެތް ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން ދަށު ކޯޓަށް އަންގައިފިނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ ކޮންކަމެއްތޯއެވެ. ސުޕްރީމް ކޯޓުން ގަޒިއްޔާއެއްގެ ހުކުމުގައި ކަނޑައަޅާ ކޮންމެ އުސޫލަކީ ދަށުކޯޓުން ތަބައަ ވާންޖެހޭ އުސޫލަކަށްވާއިރު، ސުޕްރީމް ކޯޓުން ގާނޫނުގައި (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި) ބަޔާންކޮށްފައިވާ އުސޫލެއް މުގުރާލައި ރޫޅާލުންވެސް އެއީ ގާއިމުވެގެންދާނޭ އަދި ދަށުކޯޓުން ތަބައަވާން ޖެހޭނޭ އުސޫލަކަށްވާއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގާނޫނީ އުސޫލަށް ބެލުމެއްނެތި - މާނައަކީ ލަސްވުން މެދުވެރިކުރި މަގުބޫލު ސަބަބެއް ނެތި – މި މައްސަލަ އަލުން ދަށުކޯޓަށް ހުށަހެޅިދާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ އޭގެ ގާނޫނީ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އެހެނީ، ދައުލަތުގެ މުވައްޒަފުން ގާނޫނުތަކުގެ ދަށުން ކުރަން ލާޒިމުވާކަންކަން މަގްބޫލު ސަބަބެއް ނެތި ލަސްވެ ދިއުމުގެ ސަބަބުން އެކަން ކުރުވުމުގެ އަމުރަކަށް އެދިގެން އަންނަ ގިނަ މައްސަލަތަކެއް ކޯޓަށް ހުށަހެޅޭއިރު، މި މައްސަލަ ދައުލަތުން އެދޭގޮތަށް ނިންމައިފިނަމަ، ދައުލަތުގެ މުވައްޒަފުން މަގާމުގެ ބާރު ތައައްސުފީ ގޮތުން ބޭނުން ހިފައި، އެކިއެކި ފަރާތްތަކުން ހޯދުމަށް އެދޭ ލައިސަންސް ތަކާއި ހުއްދަތައް ނުދީ ވަކި މުއްދަތެއް ނެތް ގޮތަކަށް ދިގުދެންމި ކަމުގައިވިޔަސް މި ގަޒިއްޔާއިން އުފެދިގެންދާނޭ އުސޫލުގެ ސަބަބުން، ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅިގެންދާނެއެވެ. ޖުޑިޝަލް ރިވިއު އާއި ގާނޫނުގެ ވެރިކަމުގެ މަފްހޫމު ބިންގަލުން ފެށިގެން ރޫޅިގެންދާނެއެވެ. އަހުރެންވެސް އެއްބަހެވެ. ސުވާލު އުފެދިފައިވާ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ކުރެވެނީ ވަރަށް ޚުތޫރަތްތެރި، އަދި ވަރަށް ހަޑިމުޑުދާރު އަމަލަކަށް ތުހުމަތުކުރެވޭ ދައުވާއެކެވެ. އެހެންނަމަވެސް، ދައުލަތުގެ މުވައްޒަފެއްގެ އިހުމާލުން ހިނގި މި އަމަލުގެ މަތީގައި މި ކޯޓުން މަލަން އަޅަން އުޅެފިނަމަ، މުޅި އަދުލު އިންސާފުގެ ހަމަތަކާއި ގާނޫނުގެ ވެރިކަމާއި ޖުޑިޝަލް ރިވިއުގެ އަސާސްތައް މުގުރިގެން ދާނެ އެވެ.
އެހެންކަމުން، މި މައްސަލައިގައި އަލުން އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް މި މައްސަލައިގައި ދައުވާ ކުރަން އެދޭނަމަ، އަލުން މައްސަލަ ތަހުގީގުކޮށް އައު ހެއްކާއެކު މައްސަލަ އަލުން ހުށަހެޅުން ނޫންގޮތެއް އޮތް ކަމަކަށް ނުފެނެއެވެ.
މަތީގައި މި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެ މަތިން ހުރުމުން،
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 16/D12C/2020 ގަޒިއްޔާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު އެ ކޯޓުން ނިންމާފައިވާ ނަންބަރު D12C/SHN/(16/D12C/2020)/(2022)/01 ނިންމުމާއި ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާގައި ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ) މާނަކުރުމުގައި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތު ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށްފައިވަނީ ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ) ހަނިވާގޮތަށް ކަމަށް ކަނޑައަޅައި،
ނަމަވެސް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/SHN/(16/D12C/2020)/(2022)/01 ނިންމުމާއި ހައިކޯޓުގެ ނަންބަރު 2022/HC-B12/8 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ހުއްޖަތްތަކެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިނުވާކަމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.