އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` އަޙްމަދު ރަޝީދު ވ. ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ފަސްފަހަތް
ރ. މަޑުއްވަރީ، ސައިމާވިލާ، އަޙްމަދު ރަޝީދު، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގައި އިސްލާމިކް ކޯޑިނޭޓަރެއްގެ ވަޒީފާ 13 ޖޫން 2010 އިން ފެށިގެން އަދާކުރަމުން ދަނިކޮށް 22 ނޮވެންބަރު 2018 ގައި ނަސޭހަތް ދިނުމެއް ނެތި އަދި ސަބަބު އެންގުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވެއެވެ.
އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވާކަން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އިން 22 ނޮވެންބަރު 2018 ގައި ފޮނުވާފައިވާ ސިޓީގައެވެ. މި ސިޓީގައި ބަޔާން ކޮށްފައިވަނީ،
"2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ބޭނުންވާ މުވައްޒަފުންގެ ކޮންޓްރެކްޓް ކުރުމުގެ މަސައްކަތް ފަށައިގެން މި ގެންދަނީ ކުރަމުންނެވެ. އަޙްމަދު ރަޝީދުގެ ވަޒީފާގެ ކޮންޓްރެކްޓް އިތުރު މުއްދަތަކަށް އާ ކުރުމަށް ގަސްދު ނުކުރާ ކަމުގައި ދަންނަވަމެވެ. މި ނިންމުމާއެކު، މި ހިނގާ ނޮވެންބަރު މަހުގެ އިތުރުން 2018 ޑިސެންބަރު، 2019 ޖެނުއަރީ އަދި 2019 ފެބްރުއަރީ، މި ތިން މަހުގެ މުސާރަ، އެ މަހެއްގެ މުވައްޒަފުންގެ މުސާރަ ފައިސާ ޖަމާކުރާ ތާރީޚުގައި، މިހާރު ވެސް މުސާރަ ފައިސާ ޖަމާކުރަމުން ގެންދާ އަޙްމަދު ރަޝީދުގެ ބޭންކް އެކައުންޓަށް ޖަމާކުރާނެ ކަމުގައި ވެސް ދަންނަވަމެވެ."
މިފަދައިންނެވެ.
އަޙްމަދު ރަޝީދު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުން، ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އަޙްމަދު ރަޝީދަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) އަދި (އ) ގެ ދަށުން ދާއިމީ މުވައްޒަފެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އަޙްމަދު ރަޝީދަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމު އަނބުރާ ދިނުމަށް އަމުރުކޮށް ދިނުމަށާއި، އަޙްމަދު ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލަ 2019 ފެބުރުވަރީ މަހުގެ ފަހުން ނިމޭ ނަމަ މާރިޗު މަހުން ފެށިގެން ފާއިތުވާ ކޮންމެ މަހެއްގެ މުސާރަ އާއި އިތުރު އެލަވަންސްތައް ދިނުމަށް ކަނޑައަޅައިދިނުމަށް އެދި އަޙްމަދު ރަޝީދު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.
އަޙްމަދު ރަޝީދު ހުށަހެޅި މައްސަލަ ޓްރައިބިއުނަލްއިން ނިންމާފައިވަނީ، ދެ ފަރާތުގެ މަސްލަހަތަށް ބަލާއިރު، އަޙްމަދު ރަޝީދަށް އަލުން އަނބުރާ ވަޒީފާ ދޭން އަންގާނެ ތަނެއް ނެތް ކަމަށާއި، އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމުގައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް މާލީ ބަދަލުގެ ގޮތުގައި-/212,634ރ (ދެ ލައްކަ ބާރަހާސް ހަ ސަތޭކަ ތިރީސް ހަތަރު ރުފިޔާ) އަޙްމަދު ރަޝީދަށް ނަގައިދިނުމަށެވެ. އަދި މި ފައިސާ 25 ފެބުރުވަރީ 2021 އިން ފެށިގެން (ރަސްމީ ބަންދުނޫން) 21 (އެކާވީސް) ދުވަހުގެ ތެރޭގައި އަޙްމަދު ރަޝީދުއަށް ދިނުމަށް ޓްރައިބިއުނަލުން އަމުރު ކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ވިލާ އެޑިއުކޭޝަނަލް ސަރވިސަސްގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ.
އެ ނުކުތާގައި އެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވަނީ ޓްރައިބިއުނަލްގެ ނިންމުމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 (އެކެއް) އަހަރު ދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް ނަގައި ދިނުމަށް ނިންމާފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާ އާއި ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާއާ ޚިލާފަށް ކަމުގައެވެ.
ވިލާ އެޑިއުކޭޝަނަލް ސަރވިސަސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ، އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށްވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް މާލީ ބަދަލުގެ ގޮތުގައި 212,634/- (ދެލައްކަ ބާރަހާސް ހަސަތޭކަ ތިރީސްހަތަރެއް) ރުފިޔާ ނަގައިދިނުމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް، ޤާނޫނާ ޚިލާފަށް އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 159,476/-ރ (އެއްލައްކަ ފަންސާސް ނުވަހާސް ހަތަރުސަތޭކަ ހަތްދިހަ ހަ ރުފިޔާ) ވިލާ އެޑިއުކޭޝަނަލް ސަރވިސަސްގެ ފަރާތުން އަޙްމަދު ރަޝީދުއަށް 14 ޑިސެންބަރު 2021 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ދިނުމަށް ކަނޑައަޅައެވެ.
މި ފަދައިން ހައިކޯޓުން ނިންމާފައިވަނީ ވަޒީފާއިން ވަކިކުރުމަށް އަޙްމަދު ރަޝީދަށް ފޮނުވި ނޯޓިހުގައިވާ 03 (ތިނެއް) މަސްދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް، ޓްރައިބިއުނަލުން ނަގައިދީފައިވާ ޖުމުލަ އަދަދުން އުނިކުރުން ކަން އެ ނިންމުގައި ބަޔާން ކޮށްފައި ވެއެވެ. އަދި ޓްރައިބިއުނަލުން ނަގައިދީފައިވާ އަދަދަކީ، އަޙްމަދު ރަޝީދަށް މަހެއްގެ މައްޗަށް ވަޒީފާއިން ލިބޭ މުސާރައާއި ޢިނާޔަތުގެ ޖުމުލަ ޢަދަދު ކަމުގައިވާ 17,719/50ރ (ސަތާރަ ހާސް ހަތްސަތޭކަ ނަވާރަ ރުފިޔާ ފަންސާސް ލާރި) އިން އަހަރު ދުވަހަށް (12 މަސްދުވަހަށް) ޖެހޭ ފައިސާ އަދަދެވެ.
މިއީ، ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ އަޙްމަދު ރަޝީދުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް
ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ފަސް ނުކުތާއެވެ.
(ހ) އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ އަޙުމަދު ރަޝީދުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމެއްގައި ކަމަށް ވުމުން، ހައިކޯޓުގެ ނިންމުމުގައި ޢަދުލުވެރި ބަދަލެއް ކަމަށް ކަނޑައަޅާފައިވާ ބަދަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަނޑައަޅާފައިވާ ބަދަލެއް ކަން.
(ށ) ހައިކޯޓުން މައްސަލަ ނިންމުމުގައި ޙަވާލާދީފައިވާ ހައިކޯޓުގެ ޤަޟިއްޔާތަކަކީ 2017 ގައި ނިންމާފައިވާ ޤަޟިއްޔާތަކަކަށް ވާއިރު، އޭގެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) މައްސަލައިގައި މި ބާވަތުގެ ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލު ކަނޑައަޅާފައިވާތީ، މި މައްސަލައިގައި ހައިކޯޓުން ޙަވާލާ ދީފައިވާ އެ ކޯޓުން 2017 ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ޢަމަލު ކުރަމުން ދިޔަގޮތަށް ޢަމަލު ކުރާނެ ޤާނޫނީ ބުރަދަނެއް ނެތްކަން.
(ނ) މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށް ކަނޑައަޅާފައިވާ މިންވަރު އެ ގޮތުގެމަތިން ކަނޑައަޅާފައިވާ ސަބަބަކީ، އަޙުމަދު ރަޝީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުވެ އޮތުން ކަމުގައިވާއިރު، ހައިކޯޓުން ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކޮށްފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާގެ 21 ވަނަ ޕެރެގްރާފުގެ (ރ) އަދި (ޅ) ގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަން.
(ރ) އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމު ނުކޮށް ކަމަށްވާއިރު، ހައިކޯޓުން ބަދަލުގެ މިންވަރު ކަނޑައެޅުމުގައި 03 (ތިނެއް) މަސް ދުވަސް އުނިކުރުމަށްފަހު ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމާ ޚިލާފަށްކަން.
(ބ) ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާއާ ޚިލާފަށް މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބެލުމެއް ނެތި ހައިކޯޓުން ގެއްލުމުގެ ބަދަލުގެ މިންވަރު ކުޑަކޮށްފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަން.
މި ކަންކަން ފާހަގަ ކުރުމަށްފަހު އަޙްމަދު ރަޝީދުގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައި، އެ ނިންމުންތައް ބާޠިލުކޮށް، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން އެ ގޮތުގެމަތިން ދަމަހައްޓައި ދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ވިލާ އެޑިއުކޭޝަނަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ހަތަރު ނުކުތާ ފާހަގަ ކޮށްފައިވެއެވެ.
(ހ) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/267 ޤަޟިއްޔާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި އަޙުމަދު ރަޝީދުއަށް ނަގައިދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ފައިސާއެއް އަޙުމަދު ރަޝީދުއަށް ދައްކާ ޚަލާސް ކޮށްފައިވާކަން.
(ށ) ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ޙަވާލާދީގެން ކަމަށާއި، އިސްތިއުނާފުކޮށްފައިވާ މައްސަލަ ހައިކޯޓުން ތަޠުބީޤު ކޮށްފައިވަނީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ހަމަތައްކަން.
(ނ) އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން އަޙުމަދު ރަޝީދުގެ ވިސްނުމުގެ މައްޗަށް ބިނާކޮށް ބުނާބުނުމުގެ އިތުރުން އިސްތިއުނާފީ ނުކުތާތަކުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށް ނުދީ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ހުސައިން ޝަމީމް ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފުކަމެއްކަން. އަދި މި މައްސަލައިގައި އަޙްމަދު ރަޝީދު ހުށަހަޅާފައިވާ ނުކުތާތަކުގައި ޤާނޫނީ ބަހުސެއް އޮތްކަމުގައި ނުދެކޭކަން.
(ރ) ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ބެލިދާނެ މިންގަނޑުތަކެއް ކަމުން ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅާނެ ޤާނޫނީ އުޞޫލެއް ނެތްކަން.
(ބ) ހައިކޯޓުގެ ނަންބަރު 2016/HC-A/586 ޤަޟިއްޔާގެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާއަށްވުރެ ކުރީގެ ނިންމުމެއް ކަމުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް މި މައްސަލަ ނިންމަންޖެހޭ ޤާނޫނީ އަސާސެއް ނެތްކަން.
މި ނުކުތާތައް ފާހަގަ ކުރުމަށް ފަހު ވިލާ އެޑިއުކޭޝަނަލް ސަރވިސަސްގެ ފަރާތުން އެދިފައިވަނީ އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ދިނުމަށެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
މައްސަލައިގެ ދެ ފަރާތުގެ ވާހަކަތަކަށް ބަލާއިރު، މި މައްސަލައިގައި ޝަރީޢަތުން ޖަވާބުދޭންޖެހޭ ސުވާލަކީ، އަޙްމަދު ރަޝީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހެޅި 05 (ފަހެއް) ނުކުތާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ފަދައިން ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދީފައިވާ 01 (އެކެއް) އަހަރުގެ ދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާގެ ޢަދަދުން 03 (ތިނެއް) މަސްދުވަހުގެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާގެ ޢަދަދު އުނިކޮށް ހައިކޯޓުން ނަގައިދީފައިވާ ބަދަލުގެ މިންވަރަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން އަދުލުވެރި ބަދަލެއް ހެއްޔެވެ؟ އަދި އެ ނިންމުން ޤާނޫނީ އުސޫލުތަކާ އެއްގޮތް ހެއްޔެވެ؟
ބަދަލުގެ މިންވަރު ކަނޑައެޅުން
އަޙްމަދު ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ 05 (ފަހެއް) ނުކުތާގައި އަޙުމަދު ރަޝީދު މައިގަނޑު ގޮތެއްގައި ޤާނޫނީ ގޮތުން ޙައްލެއް ހޯދުމަށް އެދިފައިވަނީ، އަޙުމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމު ނުކޮށްކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ކަނޑައަޅާފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ އާއި ޢިނާޔަތަށްވާ ފައިސާގެ ތެރެއިން 03 (ތިނެއް) މަސް ދުވަހުގެ ފައިސާ އުނިކޮށް، 09 (ނުވައެއް) މަސް ދުވަހުގެ ފައިސާ ނަގައިދިނުމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.
މި ކަންކަން ފާހަގަކުރަމުން އަޙްމަދު ރަޝީދު ފާހަގަ ކޮށްފައިވަނީ ގެއްލުމުގެ ބަދަލުގެ މިންވަރު ހައިކޯޓުން އުނިކުރި ކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި، ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފު ކަމުގައެވެ. މީގެ އިތުރުން ގެއްލުމުގެ ބަދަލު ކުޑަކުރުމުގައި ހައިކޯޓުގެ ޢާއިޝަތު ޢާޠިޔާ ނަޞީރު ވ. ސިވިލް ސަރވިސް ކޮމިޝަން މައްސަލަ އެ ކޯޓުން މި މައްސަލައަށް ތަޠުބީޤު ކުރިކުރުން ވެސް ޤާނޫނާ ޚިލާފު ކަމުގައެވެ.
އަޙްމަދު ރަޝީދު އެދިފައިވާ ގޮތަށް މި މައްސަލައިގައި ހައިކޯޓުގެ ނިންމުން ރަނގަޅުތޯ ނުވަތަ އެ ޤަޟިއްޔާގައި ބަދަލުގެ ގޮތުގައި ނަގައިދީފައިވާ ޢަދަދަކީ ޢަދުލުވެރި ބަދަލެއްތޯ ކަނޑައެޅުމުގެ ކުރިން ހައިކޯޓުން ބަދަލުގެ މިންވަރު ކުޑަ ކުރުމަށް ނިންމި ސަބަބުތަކަށް ރުޖޫއަވުން މުހިންމުކަމުގައި ދެކެމެވެ.
ހައިކޯޓުން ބަދަލުގެ މިންވަރު ކަނޑައަޅާފައިވާ ގޮތް
ހައިކޯޓުގެ ކުރިމަތީގައި މި މައްސަލައިގައި އޮތް މައިގަނޑު ސުވާލަކީ މި މައްސަލައިގައި އަޙްމަދު ރަޝީދަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި ލިބޭ ފައިސާއާ އެއްވަރުގެ ޢަދަދެއް ޓްރައިބިއުނަލުން ކަނޑައަޅާފައި އޮތް އޮތުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޢަދުލުވެރި ބަދަލެއްކަން ނުވަތަ ނޫންކަމުގެ ސުވާލެވެ. މި ސުވާލުގެ ޖަވާބު ދިނުމަށް އެ ކޯޓުން ފަށާފައިވަނީ ޤާނޫނުގެ އެ މާއްދާގެ (ރ) ތަފުސީލު ކުރަމުންނެވެ. މި ގޮތުން ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލު ކުރިގޮތުން އެ މުވައްޒަފަކަށް ސީދާގޮތުން ލިބުނު ގެއްލުމަށާއި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުންކަމަށްވާ ނަމަ، އެކަމުގައި އެ މުވައްޒަފު ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަންވާނެކަމުގައި އެ އަކުރުގައި އޮންނަ އޮތުމަށް ހަވާލާދީފައިވެއެވެ. އެއަށްފަހު، ހައިކޯޓުން މައްސަލަ ނިންމުމާ ހަމައަށް ޢަދުލުވެރި ބަދަލު ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބުނެފައިވާ ކަންކަން އިތުރަށް ތަފުސީލުކޮށްފައިވާ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ހައިކޯޓުން ރުޖޫޢަވެފައިވެއެވެ.
މި ގޮތުން ހައިކޯޓުގެ ނިންމުމުގެ 14 ވަނަ ޕެރެގްރާފުގައި ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) މައްސަލައާ ޙަވާލާދީ، އެ މައްސަލައިގައި ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ރިޢާޔަތް ކުރެވިދާނެ ކަމުގައި ބަޔާންކޮށްފައިވާ ކަންކަން ވަކިވަކިން ފާހަގަކޮށް އެކަންކަން މި މައްސަލައަށް ތަޠުބީޤު ކޮށްފައިވެއެވެ. މި ގޮތުން ހައިކޯޓުން ފާހަގަ ކޮށްފައިވާ އަންނަނިވި ކަންކަން ކުރު ގޮތަކަށް އަހުރެން ނަކަލު ކުރަމެވެ.
(ހ) މި މައްސަލައިގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަން.
(ށ) އަޙްމަދު ރަޝީދަކީ ވިލާ އިންޓަރނޭޝަނަލް ހައިސްކޫލުގައި 08 (އަށެއް) އަހަރަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައިވާ މީހެއްކަން.
(ނ) ވަޒީފާއިން ވަކިކުރުމަށް ދިން ނޯޓިހުގެ މުއްދަތުގެ މުސާރަ ޢިނާޔަތްތައް އަޙްމަދު ރަޝީދަށް ދީފައިވާކަން.
(ރ) އަޙްމަދު ރަޝީދަކީ އެހެން ވަޒީފާއެއް އަދާކުރެވިދާނެ، އަދި ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު އޮތް މީހެއްކަން.
(ބ) ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އަޙްމަދު ރަޝީދު އެއްވެސް މަސައްކަތެއް ކުރިކަން ނުވަތަ އެހެން ވަޒީފާއެއް ހޯދަން އުޅުމާއި، އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބަލާއިރު، އަޙްމަދު ރަޝީދު އެހެން ވަޒީފާއެއް އަދާ ނުކުރާ ކަމާއި، ވަޒީފާއިން ވަކިކުރި ފަހުން އެހެން ވަޒީފާއެއްގައި ނޫޅޭކަން.
ހައިކޯޓުން މައްސަލަ ނިންމަމުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) މައްސަލައާ ޙަވާލާދީ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަޙްމަދު ރަޝީދާ އެއްކޮޅަށް ހުރި ކަންކަމާއި، ދެކޮޅަށް ހުރިކަންކަން ވަކިވަކިން ބަޔާން ކޮށްފައިވެއެވެ. މި ގޮތުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުން ކުޑަކުރުމަށް އަޙްމަދު ރަޝީދު ކުރިކަމެއް ނެތްކަމާއި، އަޙްމަދު ރަޝީދަކީ އެހެން ވަޒީފާއެއް އަދާކުރުމުގެ ފުރުސަތު އޮތް މީހެއްކަމާއި، އަޙްމަދު ރަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހުގެ މުއްދަތަށް (03 މަސްދުވަހަށް) ޖެހޭ މުސާރަ އިނާޔަތްތައް ލިބިދިނުމަށް ފަހު ކަން ފާހަގަކޮށްފައިވެއެވެ. އަދި އަޙްމަދު ރަޝީދަށް ހައިކޯޓުން އުނިކޮށްފައިވާ ފައިސާއަކީ ޓްރައިބިއުނަލުން ބަދަލުގެ މިންވަރުގެ ގޮތުގައި ނަގައިދީފައިވާ ފައިސާގެ ތެރެއިން ނޯޓިހުގެ މުއްދަތަށް ޖެހޭ ފައިސާގެ އަދަދުކަން އެ ނިންމުމުން ސާފުކޮށް އެނގެއެވެ. އަދި މިއީ ސުޕްރީމް ކޯޓުގައި ދެ ފަރާތުގެ ދެމެދުގައި ޚިލާފުއޮތް ކަމެއް ވެސް ނޫނެވެ. ދެ ފަރާތުންމެ އެއްބަސްވާ ދެވަނަ ކަމަކީ، ހައިކޯޓުން އަޙްމަދު ރަޝީދަށް ދިނުމަށް ކަނޑައެޅި ފައިސާ ހަމައަށް އަޙްމަދު ރަޝީދަށް ލިބިފައިވާ ކަމެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ބުރަދަން
އިސްތިއުނާފީ ހުރިހާ ނުކުތާތަކެއްގެ ރައްދުގައިހެން ވިލާ އެޑިއުކޭޝަނަލް ސަރވިސަސްއިން ބުނެފައިވަނީ، އެ ނުކުތާތަކުން ފާހަގަ ކުރެވޭ ޤާނޫނީ ބަހުސެއް ނެތްކަމުގައެވެ. އިތުރަށް ތަފުސީލުގައި ވާހަކަ ދައްކަމުން ވިލާ އެޑިއުކޭޝަނަލް ސަރވިސަސްއިން ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ ހައިކޯޓުގެ ނިންމުން ޚިލާފުކަމުގައި ބުނާއިރު، އެ ޚިލާފުވަނީ ކިހިނަކުން ކޮން ގޮތަކަށްކަން އަޙްމަދު ރަޝީދަށް ބުނެދެވިފައިނުވާ ކަމުގައެވެ. އަދި ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) މައްސަލައާ ޚިލާފަށް ހައިކޯޓުން މި މައްސަލަ ނިންމި ކަމުގައި ބުނާއިރު، އެ މައްސަލައަށް ފުރިހަމައަށް ހައިކޯޓުން ރިޢާޔަތްކޮށްފައިވާ ކަމުގައްޔާއި، އެކަން ހައިކޯޓުގެ ނިންމުމުން ސާފުކޮށް ފެންނަ ކަމުގައި އެ ފަރާތުން ބުނެފައިވެއެވެ.
އިސްތިއުނާފީ މައްސަލަތަކުގައި ގިރާކުރަންޖެހޭ އޮޅިގަނޑު
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ ބުނާ ގޮތުން ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ އެއް ހާލަތަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުންނަ ހާލަތެވެ. މިއީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތު ބަޔާންކުރާ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ވެސް ބަޔާންވެފައިވާ ހާލަތެވެ.
ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ކުރާ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތަކާއި ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ހާލަތުތައް ތަފުސީލު ކުރަމުން، މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން ނިންމާފައިވާ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ."
އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ނިންމުމުގައި ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ، ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ އޮޅިގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަނި ކަމަށެވެ. އަދި އިސްތިއުނާފީ ދައުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ އޮޅިގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އިސްތިއުނާފު ކުރަން ހުށަހަޅާފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބު ކުރެވޭނޭކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް ހިމެނޭކަން އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާ ނަމަ ކަމުގައި އެ މައްސަލައިގެ ނިންމުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވެއެވެ އެ އޮޅިގަނޑު ގިރާނުކުރެވޭ މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާ އާއި ފަނޑިޔާރުންގެ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ސުޕްރީމް ކޯޓުން އެ މައްސަލައިގައި އިތުރަށް ކަނޑައަޅާފައި ވެއެވެ. އިސްތިއުނާފުކުރުމުގައި ގިރާކުރަންޖެހޭ މި ބަޔާންކުރެވުނު އޮޅިގަނޑަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ކޯޓުތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ވެސް ގިރާ ކުރަންޖެހޭ މިންގަނޑެވެ.
އުސޫލުތައް ތަޠުބީޤު ކުރުން
މި މައްސަލަ އިސްތިއުނާފު ކުރަމުން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، އެ ނުކުތާތަކުން ފާހަގަ ކުރެވޭ ޤާނޫނީ ބަހުސެއް ނެތެވެ. ހައިކޯޓުގެ ނިންމުން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާ ޚިލާފު ކަމުގައި ބުނާއިރު، އެ އަކުރާ ހައިކޯޓުގެ ނިންމުން ޚިލާފުވާ ގޮތެއް އަޙްމަދު ރަޝީދަށް ބުނެދެވިފައި ނުވެއެވެ.
މީގެ އިތުރަށް ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ނިންމާފައިވާ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) މައްސަލައާ ޚިލާފު ކަމުގައި ބުނާއިރު، ހައިކޯޓުގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ އެ މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތައް ތަޠުބީޤުކޮށްފައިވެއެވެ. އަދި ހައިކޯޓުން އެ އުސޫލުތައް ތަޠުބީޤުކުރި ކުރުމުގައި އޮތް އައިބެއް، ހެދިފައިވާ ގޯހެއް ނުވަތަ އުސޫލުތައް ތަޠުބީޤުކޮށްފައިވާ ވާޤިޢާއެއް ގޯސްކޮށް ބަޔާންކޮށްފައި އޮތްކަމަށް އަޙްމަދު ރަޝީދު ފާހަގަ ކޮށްފައިނުވެއެވެ.
އަޙްމަދު ރަޝީދުގެ ފަރާތުން އިތުރަށް ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، ހައިކޯޓުން އެ ކޯޓުގެ ޢާއިޝަތު ޢާޠިޔާ ނަޞީރު ވ. ސިވިލް ސަރވިސް ކޮމިޝަން މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށާއި، މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ބެލުމެއް ނެތި ބަދަލުގެ މިންވަރު ކުޑަކޮށްފައިވާ ކަމުގައި ބުނާއިރު، ހައިކޯޓުގެ ޢާއިޝަތު ޢާޠިޔާ ނަޞީރު ވ. ސިވިލް ސަރވިސް ކޮމިޝަން މައްސަލައަކީ މި މައްސަލަ ނިންމުމުގައި އަދި ވަކިން ޚާއްޞަކޮށް މި މައްސަލައިގެ ބަދަލުގެ މިންވަރު ކުޑަ ކުރުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވާ މައްސަލައެއް ނޫންކަން އެ ކޯޓުގެ ނިންމުމުން ސާފުކޮށް އެނގެއެވެ.
މީގެ އިތުރަށް، މި މައްސަލައިގައި ހައިކޯޓުން އަޙްމަދު ރަޝީދަށް ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ 159,476/-ރ (އެއްލައްކަ ފަންސާސް ނުވަ ހާސް ހަތަރު ސަތޭކަ ހަތްދިހަ ހަ ރުފިޔާ) އެ ކޯޓުން މައްސަލަ ނިންމި ފަހުން އަޙްމަދު ރަޝީދަށް ހަމައަށް ލިބިފައިވާކަން މި މައްސަލައިގައި އަޙްމަދު ރަޝީދު ދައްކާފައިވާ ވާހަކަތަކުންނާއި، ހުށަހެޅިފައިވާ "ފައިސާ ޙަވާލުވިކަމުގެ ސްލިޕް"ން އެނގެއެވެ.
ކަންމިހެން އޮތުމުން، މި މައްސަލަ އިސްތިއުނާފު ކުރަމުން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާތަކުން އުފެދޭ ޤާނޫނީ ބަހުސެއް އަހުރެންނަށް ސާފެއް ނުވެއެވެ. އަދި މި އިސްތިއުނާފު ބަލައިގަތުމަށް އަހުރެންނަށް ނުފެނެއެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
މަތީގައި ބަޔާން ކުރި ސަބަބުތައް އެ ގޮތުގެ މަތިން ހުރުމާއެކު، އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭ ހައިކޯޓުގެ ނަންބަރު 2021/HC-A/267 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމުން،ހައިކޯޓުގެ ނަންބަރު 2021/HC-A/267 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އަޙްމަދު ރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.