ޢާއިޝަތު ޒަޢީމާ ޠައްތިބް ވ. މުޙައްމަދު ފަރްހަތު ޠައްޔިބް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު 170/HMC/2018
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތަރިކައިގެ އެއްމެދު ޢިމާރާތުގެ ފްލެޓް ގުރުއަތުން ވާރިޘަކަށް ހަމަޖައްސައި އަނެއް ވާރިޘަށް އަގުން ބައި ދިނުމަށް ދެ ވާރިޘުން އެއްބަސްވެފައިވާކަމަށް ކަނޑައެޅުމާއި، ޝަރުޢީ އަގުކޮމިޓީގެ އަގާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ނުދިނުމާއި، ދަޢުވާގައި ހިމެނޭ ބޭންކު އެކައުންޓްތަކާމެދު ގޮތެއް ނުނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފު ކަމެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުއަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޚަޞްމުން ޝަރީޢަތުގައި ދައްކާ ވާހަކަ މަޙްޟަރުކޮށް ސޮއިކުރުވަންވާނެއެވެ؛ ޚަޞްމަކު މަޙްޟަރުގައި ސޮއިކުރުމަށް އިންކާރުކޮށްފިނަމަ، އެ ބަޔާނަކީ އޭނާ ދެއްކި ވާހަކައާ އެއްގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ދެ މުވައްޒަފަކު ހެކިވެ ސޮއިކޮށް ފަނޑިޔާރުވެސް ސޮއިކުރަންވާނެއެވެ. އެ އިޖުރާއަތަށް ޢަމަލުނުކޮށް އެންމެ މުވައްޒަފަކު ސޮއިކޮށްފައިވާ ބަޔާނެއްގެ މައްޗަށް ބިނާކޮށް، ޚަޞްމަކު ވަކި ގޮތަކަށް އެއްބަސްވެފައިވާކަމަށް ނުބެލެވޭނެއެވެ.
HN2 ވާރިޘުން ވަކި ގޮތަކަށް އެއްބަސްނުވާ ހާލަތުގައި، އެއްމެދު ޢިމާރާތެއްގެ ފްލެޓަކީ ވާރުތަވެދާނެ މުދަލެއް ނަމަވެސް އެއްމެދު ޢިމާރާތުގެ ބިމަކީ ބައިކޮށް ހެދޭ ބިމެއް ނޫންކަމުން، ކޯޓުން ޚަޞްމުން އެއްބަސްވާ ކަންކަން ފާހަގަކޮށް، އެއްބަސްނުވާ ކަންކަމުގައި ދެ ފުށް ފެންނަ އުޞޫލަކުން ޢަމަލުކުރަންވާނެއެވެ؛ އަދި ޚަޞްމުން އެއްބަސްނުވެ ކޯޓުން ގޮތެއް ނިންމާނަމަ އެ ނިންމުމަށް ވާޞިލުވި ގޮތް ފަނޑިޔާރު ސާފުކޮށް ބަޔާންކުރަންވާނެއެވެ.
HN3 ޚުޞޫމާތެއްގައި ތަނެއް ނުވަތަ އެއްޗެއް އަގުކުރާއިރު ބަލަންވާނީ އަގުކުރާ ވަގުތު އެ ތަނެއް ހުރި ހާލަތަށް ބަލައި އަގު ކަނޑައެޅުމަށެވެ؛ ޚަޞްމަކު ބުނާ މިންވަރަށް ޚަރަދުވެފައިވޭތޯ ބެލުމެއް ނޫނެވެ.
HN4 ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަ ބެލުމުގެ ޙައްޤުގެ ތެރޭގައި، ދިފާޢުގައި ވާހަކަދައްކަން ތައްޔާރުވާނެ އެކަށީގެންވާ ވަގުތު ނުލިބޭ ގޮތަށް ޝަރީޢަތް އަވަސް ނުކުރުން ހިމެނެއެވެ؛ އިންސާފުން ޝަރީޢަތްކުރުމަކީ ހުރިހާ ފަރާތަކަށް ވާހަކަދެއްކުމާއި އަނެއް ފަރާތުގެ ހުށަހެޅުންތައް ތަޢުނުކުރުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ދިނުމެވެ.
HN5 ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓު ޚަޞްމުންނާ ހިއްސާކުރި ދުވަހުމެ، އެ އަގާއި ގުރުއަތުގެ ނަތީޖާއާމެދު ޚަޞްމެއްގެ ބަހެއް ނުހޯދާ ޙުކުމްކުރުމަކީ ޤާނޫނުއަސާސީގެ 42 (ހ) އިން ކަށަވަރުކޮށްދޭ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤު ނިގުޅައިގަތުމެވެ؛ އަގު ތަޢުނުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ދެފުށް ފެންނަ ގޮތަށް ދޭންވާނެއެވެ.
HN6 ކޯޓުން މައްސަލަ ނިންމުމުގައި ދަޢުވާގެ ކޮންމެ ބަޔަކާމެދު ގޮތެއް ނިންމައި، ހެކި ވަޒަންކޮށް، ނިންމުން ސާފުކޮށް ބަޔާންކުރަންވާނެއެވެ؛ ދަޢުވާގައި އެދިފައިވާ ކަމަކާމެދު (ބޭންކު އެކައުންޓްތަކުގެ ފައިސާ) ގޮތެއް ނުނިންމުމަކީ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިސްތިއުނާފުކުރުމުގެ ޙައްޤަށް އަސަރުކުރާ ކަމެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އަޙްމަދު މުޢިއްޒު
- އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
- މުޙައްމަދު ޝަފީޢު
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- މުޙައްމަދު ފަރީދު
- ބެންޗު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ފަނޑިޔާރު ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު މުޙައްމަދު ނިޔާޒް، ފަނޑިޔާރު ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2019/HC-A/193
އިސްތިއުނާފުކުރި ފަރާތް: ޢާއިޝަތު ޒަޢީމާ ޠައްޔިބު، މާލެ މ.އޮޅުހާ
އިސްތިއުނާފު ރައްދުވި ފަރާތް: މުޙައްމަދު ފަރްހަތު ޠައްޔިބު، މާލެ ގ.ޑޭޒީމާގެ
މައްސަލައިގެ ބާވަތް:ތަރިކަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ފަނޑިޔާރު ޙަސަން ޝަފީޢު
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ރަޖަބް 1440 26 މާރިޗު 2019 -----------------------------------------------------------------------------------------------------
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 170/HMC/2018
ނިންމި ތަން: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
ބާވަތް: ތަރިކަ
ހުށަހެޅުނު ތާރީޚް: 08 މެއި 2018 ނިމުނު ތާރީޚް: 17 ފެބްރުވަރީ 2019
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
ޢާއިޝަތު ޒަޢީމާ ޠައްޔިބު މ.އޮޅުހާ/ މާލެ މުޙައްމަދު ފަރްހަތު ޠައްޔިބު ގ.ޑޭޒީމާގެ/ މާލެ
ބަދަލުގައި: މުޙައްމަދު ޝަފީޢު މ.ތްރީސިސްޓަރސް/ މާލެ
ވަކީލު: އަޙްމަދު މުޢިއްޒު ބަދަލުގައި: މުޙައްމަދު ފަރީދު، ރޭވަވިލާ ފ.ފީއަލި
ތަރިކަ- ޝަރީޢަތުގެ ކޮމިޓީން އަގުކުރުން- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ- ހުށަހަޅާ ނުކުތާއާ ގުޅޭގޮތުން ގޮތް ނިންމުން.
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
[1]މާލެ ގ.ޑޭޒީމާގެ، ޙަފީޡާ މުޙައްމަދު ދީދީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު25 (A044191 ނޮވެމްބަރު 2017 ގައި ނިޔައުވެފައިވާތީ، އެމަރްޙޫމާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތުގެ ފުލެޓު ނަންބަރ 5-G-05 (ރަޖިސްޓްރީ ނަންބަރު އ.އ.ހ-(01/5-G-05/102 ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް އެދި ވާރިޘުންގެ ތެރެއިން އެމަރްޙޫމާގެ ފިރިހެންދަރި މާލެ ގ.ޑޭޒީމާގެ، މުޙައްމަދު ފަރްހަތު ޠައްޔިބު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު(A158142 ގެ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ ކޯޓުން މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާއިންނެވެ.
[2]މިހާރު މި ބެލެވޭ ޤަޟިއްޔާއަކީ ބަޔާންކުރަނިވި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި މާލެ މ.އޮޅުހާ، ޢާއިޝަތު ޒަޢީމާ ޠައްޔިބު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A450820) (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢާއިޝަތު ޒަޢީމާ ޠައްޔިބު")ގެ ފަރާތުން ހުށަހަޅާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މާލެ، ގ.ޑޭޒީމާގެ މުޙައްމަދު ފަރްހަތު ޠައްޔިބު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު ފަރްހަތު ޠައްޔިބު")އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
[3]އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދު ދީދީ 25 ނޮވެމްބަރު 2017ގައި ނިޔާވެފައިވެއެވެ. މަރްޙޫމާގެ ވާރިޘުންގެ ގޮތުގައި ތިބީ ފިރިހެން ދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އާއި އަންހެން ދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މުޙައްމަދު ފަރްހަތު ޠައްޔިބު ހުށަހެޅި ފޯމުގައި ނިޔާވި މީހާގެ މުދަލުގެ ތެރެއިން ޝަރީޢަތް މެދުވެރިކޮށް ހަމަޖައްސަން ބޭނުންވަނީ ހުޅުމާލެ ބިމުގެ ނަންބަރު 10233 ގައިވާ ނަންބަރު 5-G-05 އެޕަރޓްމަންޓާއި، ބޭންކް އޮފް މޯލްޑިވްސް އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި މަރްޙޫމާގެ ނަމުގައި ހުރި އެކައުންޓްތަކުގައި ހުރިނަމަ ފައިސާކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެނަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގައި އެދިފައިވަނީ މަރްޙޫމާގެ މުދަލުގެ ތެރެއިން ހުޅުމާލޭގައި ހުރި ނަންބަރު 5-G-05 އެއްމެދު އިމާރާތުގެ ފްލެޓް ވާރިޘުންގެ މެދުގައި ހަމަޖައްސައި ދިނުމަށްކަމަށްވާތީ، އެ މައްސަލައިގެ ތެރޭގައި ބެލިފައިވަނީ މަރްޙޫމާގެ މުދަލުގެ ތެރެއިން ހަމައެކަނި ނަންބަރު 5-G-05 އެންމެދު ޢިމާރާތާއި ފްލެޓާއި މެދު ގޮތެއް ކަނޑައެޅުމުގެ ބައި ކަމުގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
[4]މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ރަޖިސްޓަރީ ނަންބަރު އ.އ.ހ01/5-G-05/102- އެއްމެދު ޢިމާރާތުގެ ފްލެޓުގެ ރަޖިސްޓަރީ (ހުޅުމާލެ ބިމުގެ ނަންބަރު 10233/ފްލެޓުގެ ނަންބަރު 5-G-05) އިން ހުޅުމާލެ ނަންބަރު 5-G-05 (ފުލެޓް އޭރިޔާ 655 އަކަފޫޓު) ފުލެޓުގެ މިލްކުވެރި ފަރާތަކީ ޙަފީޡާ މުޙައްމަދުދީދީ ކަން އެނގެއެވެ.
[5]ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމިގޮތް:
[6]ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާގައި އެކޯޓުން ޙުކުމްކޮށްފައިވަނީ،
[7]"ދެންފަހެ، ގ.ޑޭޒީމާގެ ޙަފީޘާ މުޙައްމަދު ދީދީ (ދ.ރ.އ.ކާޑް ނަންބަރު (A044191 25 ނޮވެމްބަރު 2017 ގައި ނިޔައުވެފައިވާތީ، އެމަރްޙޫމާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި ހުޅުމާލޭގައި ހުރި އެއްމެދު ޢިމާރާތުގެ ފުލެޓް ނަންބަރު 5-G-05 (ރަޖިސްޓްރީ ނަންބަރު އ.އ.ހ.(01/5-G-05/102 ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް އެދި ވާރިޘުންގެ ތެރެއިން އެމަރްޙޫމާގެ ފިރިހެންދަރި ގ.ޑޭޒީމާގެ މުޙައްމަދު ފަރްހަތު ޠައްޔިބު (ދ.ރ.އ.ކާޑް ނަންބަރު: (A158142 ގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ މިމައްސަލައަށް ބަލާއިރު،
[8]އަލްމަރުޙޫމާ ޙަފީޡާ މުޙައްމަދުދީދީ 25 ނޮވެމްބަރ 2017 ގައި ސްރީލަންކާގައި ނިޔާވެފައިވާކަމާއި، ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ތިބީ ފިރިހެންދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އާއި، އަންހެންދަރި އާއިޝަތު ޒަޢީމާ ޠައްޔިބުކަން ހެކިންގެ ހެކިބަހާއި، ވާރިޘުންގެ ބަހާއި، ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާކަމާއި، ޙަފީޒާ މުޙައްމަދު ދީދީ ނިޔާވިއިރު ތަރިކައިގެ ގޮތުގައި ހުރި ނަންބަރު 5-G-05 އެންމެދު އިމާރާތުގެ ފުލެޓް ވާރިޘުން މެދުގައި ހަމަޖެއްސުމައްޓަކައި، ފުލެޓް އަގުކުރުމުން ފްލެޓްގެ އަގެއްގެ ގޮތުގައި އަގުކޮމެޓީއިން ކަނޑަ އަޅާފައިވާ އަގަކީ629136/= ރ (ހަލައްކަ ނަވާވީސްހާސް އެއްސަތޭކަ ތިރީސް ހަޔެއް) ރުފިޔާ ކަމާއި، މިފުލެޓްގެ އަގުން ފިރިހެންދަރި މުޙައްމަދު ފަރްހަތު ތައްޔިބު އަށް އަންހެންދަރިއަކަށް ލިބޭއެއްޗެއްގެ ދެބައި ދިނުމުން /=419424 (ހަތަރުލައްކަ ނަވާރަހާސް ހަތަރު ސަތޭކަ ސައުވީސް) ރުފިޔާ ޖެހޭއިރު، އަންހެންދަރި އައިޝަތު ޒަޢީމާ ޠައްޔިބުއަށް =/209712ރ (ދެލައްކަ ނުވަހާސް ހަތްސަތޭކަ ބާރަ) ރުފިޔާ ޖެހޭކަމާއި، ފުލެޓް ދެވާރިޘުންގެ ތެރެއިން ވާރިޘަކަށް ހަމަޖެއްސުމަށް ގުރުއަތުން ހަމަޖައްސައި ފުލެޓް ލިބޭ ފަރާތުން ފުލެޓުގެ އަގުން އަނެއްފަރާތަށް ލިބެންޖެހޭ ހައްޤު މިންވަރު ފައިސާއިން ދިނުމަށް ދެފަރާތުންވެސް އެއްބަސްވެފައިވާތީ، ދެވާރިޘުންގެ ފަރާތުން ޝަރީއަތުގައި ގުރުއަތު ލުމުން ގުރުއަތުން ފުލެޓް ލިބިގެންދިޔައީ ފިރިހެންދަރި މުޙައްމަދު ފަރްހަތު ޠައްޔިބުއަށް ކަމަށްވާތީ މުޙައްމަދު ފަރްހަތު ޠައްޔިބުގެ ފަރާތުން ފުލެޓްގެ އަގުން އަންހެންދަރި އައިޝަތު ޒަޢީމާ ޠައްޔިބު އަށް ދޭންޖެހޭ 209712/=ރ. (ދެލައްކަ ނުވަހާސް ހަތްސަތޭކަ ބާރަ) ރުފިޔާ އަންހެންދަރި އައިޝަތު ޒަޢީމާ އާއި މުޙައްމަދު ފަރްހަތު ޠައްޔިބު ޙަވާލުކުރުމުން، ނަންބަރު 5-G-05 (ރަޖިސްޓްރީ ނަންބަރު އ.އ.ހ- (01/5-G-05/102 އެންމެދު އިމާރާތުގެ ފުލެޓް ފިރިހެންދަރި ގ.ޑޭޒީމާގެ މުޙައްމަދު ފަރްހަތު ޠައްޔިބު (ދ.ރ.އ.ކާޑް ނަންބަރު A158142) އަށް މިލްކުވެގެންވާކަމަށް ކަނޑައަޅައި ޙުކުމް ކުރީމެވެ."
[9]މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
[10]ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ޢާއިޝަތު ޒަޢީމާ ޠައްޔިބުގެ ފަރާތުން 3 (ތިނެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ؛
[11]އިސްތިއުނާފުކުރެވޭ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާ ނިންމުމުގައި، ނިޔާވި ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ނަންބަރު އ.އ.ހ- 01/5-G-05/102 ހުޅުމާލެ ފުލެޓު ދެ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްޓަކައި ގުރުއަތު ލައި، ގުރުއަތުން ފުލެޓު ލިބޭ ފަރާތުން އަނެއް ފަރާތަށް ފުލެޓުގެ އަގުން އެ ފަރާތަށް ލިބެންޖެހޭ ޙައްޤު މިންވަރު ފައިސާއިން ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ކަނޑައަޅައި ނިންމާފައިވަނީ މައްސަލަ ހިނގަމުންދިޔައިރު ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
[12]ފުލެޓު އަގުކޮށް ޝަރުޢީ އަގު ކޮމިޓީން ނިންމާފައިވާ އަގަކީ އެފަދަ ފުލެޓެއް ބާޒާރުގައި ވިއްކާ އަގު ނޫންކަމާއި، އެއީ ހަމައެކަނި އެ ފުލެޓުގެ އިމާރާތް ނުވަތަ ސްޓްރަކްޗަރގެ އަގަށް ނުވަތަ ކޮށްފައިވާ މަސައްކަތަށް ކިޔާފައިވާ އަގުކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
[13]މަރުޙޫމާގެ ތަރިކައިގެ ތެރެއިން ގޮތެއް ނިންމާފައިވަނީ ހަމައެކަނި ފްލެޓާމެދު އެކަނި ކަމާއި، މަރްޙޫމާގެ ނަމުގައި ހުރި ބޭންކް އެކައުންޓްތަކާމެދު ތަރިކައިގެ މައްސަލައިގައި އެއްވެސް ގޮތެއް ނިންމާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
[14]އިސްވެ ބަޔާންކުރެވުނު އިސްތިއުނާފީ ފުރަތަމަ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މައްސަލަ ހިނގަމުން ދިޔައިރު މައްސަލައިގެ އެއްވެސް ހިސާބެއްގައި ފުލެޓުގެ ވެރިފަރާތް ކަނޑައެޅުމަށް ގުރުއަތުލުމަށް، އަދި ގުރުއަތު ލައިގެން ކާމިޔާބުވާ ފަރާތުން ކާމިޔާބު ނުވި ފަރާތަށް ޙައްޤު މިންވަރު ލިބިދިނުމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެފައިނުވާނެކަމުގައެވެ. އިސްތިއުނާފުކުރެވޭ މި މައްސަލައިގައި 2 ސެޕްޓެމްބަރ 2018 ގައި ބޭއްވުނު ޝަރީޢަތުގައި އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގައި ހިމެނޭ ފުލެޓު ލިބުމަށްއެދޭ ކަމަށާއި، އެއްވެސް ޙާލެއްގައި ގުރުއަތުލުމަށް އެއްބަސްވެފައިނުވާކަމަށާއި، އިސްތިއުނާފުކުރެވޭ މައްސަލައިގައި 17 ފެބްރުއަރީ 2019ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލިހުގައި ކޯޓުން ތައްޔާރުކުރި ބަޔާނުގައި އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށްފައިނުވާތީ މިކަން އިތުރަށް ސާބިތުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
[15]ދެވަނަ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ކުރެވޭ މައްސަލައާ ގުޅިގެން، ޝަރުޢީ އަގު ކޮމިޓީއިން ފުލެޓު އަގުމަގުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ކަމާގުޅޭ ތަފްޞީލުތައް ނުހިމަނައި ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށާއި، މިގޮތުން އިމާރާތް ބޭނުންކޮށްފައިވާ މުއްދަތާއި ގުޅިގެން ފުލެޓުގެ އަގު ދަށްވެފައިވާނަމަ (ނުވަތަ ޑިޕްރިޝިއޭޓް ވެފައިވާކަމަށް) ބަލާފައިވާނަމަ، އެއީ ކޮން ފޯމިއުލާއަކުން ޖެހި ހިސާބެއްކަން އެނގެންނެތްކަމަށެވެ. މި މައްސަލަ ނިންމާފައިވާގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ފުލެޓު މިލްކުކުރުމަށްފަހު އެއަށްވުރެ އެތަށް ގުނައެއް އަގު ބޮޑުކޮށް ބާޒާރުގައި ފުލެޓު ވިއްކާލައި، އޭގެއިން ފައިދާ ހޯދުމުގެ ފުރުޞަތު އެ ފަރާތަށް ލިބިދެވޭކަމުގައި ބުނެފައިވެއެވެ.
[16]ތިންވަނަ އިސްތިއުނާފީ ނުކުތާގެ ތަފްޞީލުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފޯމުގައި ޝަރީޢަތް މެދުވެރިކޮށް ހަމަޖައްސަން ބޭނުންވާ މުދަލާއި ފައިސާގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާގައި މަރުޙޫމާގެ ނަމުގައި ހުރި އެކައުންޓްތަކުގައި ހުރި ފައިސާ ވެސް ހިމަނާފައިވާކަމަށާއި، އެހެނަސް މައްސަލަ ނިންމުމުގައި ފުލެޓު ފިޔަވައި އެއްވެސް މުދަލަކާމެދު ގޮތެއް ނިންމާފައިނުވާކަމަށެވެ. ކޯޓުތަކަށް ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް ނިންމުމުގައި އެ މައްސަލައެއްގެ ޚަޞްމުން އެދިފައިވާ ކަންކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެކަމާއި، އަދި އެދިފައިވާ ކަމަކަށް ގޮތެއް ކަނޑަނާޅާނަމަ، އެކަމުގެ ސަބަބު ބަޔާންކުރަންޖެހޭނެކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެ، މި ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ޙަވާލާދީފައިވެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުގެ ރައްދު
[17]އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ 2 ސެޕްޓެމްބަރު 2018ގައި އިސްތިއުނާފުކުރާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ދިން ބަޔާނުގައި ބޭންކުގައި ހުރި ފައިސާއެއް އަދި ބޭންކް އެކައުންޓުގެ މަޢުލޫމާތެއް ދީފައިނުވާކަމަށާއި، އަދި މި ބަޔާނުގައި އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ބުނެފައިވަނީ އޭނާއަށް އެއްމެދު އިމާރާތުގެ ފުލެޓުން ލިބޭ އެއްޗެއް އޭގެ ޒާތުން ބޭނުންވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވަނީ އެއްމެދު އިމާރާތުގެ ފުލެޓު ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްކަމަށާއި، އަދި އެ ފުލެޓުގެ އަގުކޮށް، އިސްތިއުނާފުކުރާ ފަރާތަށް ލިބޭ އެއްޗެއް އޭގެން ދީ، އިސްތިއުނާފު ރައްދުވާ ފަރާތަށް ފުލެޓު ހަމަޖައްސައިދިނުމަށްކަމަށެވެ. ދަޢުވާފޯމުގައި އެކައުންޓެއްވާނަމަ ފައިސާ ބަހަން ބޭނުންވާކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނިނަމަވެސް، އެފަދަ މަޢުލޫމާތެއް ވާރިޘުން ކުރެ އެއްވެސް ފަރާތަކާ ހިއްސާކޮށްފައިނުވާކަން ބަޔާންތަކުން އެނގޭކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
[18]ފުލެޓު އަގުކުރުމަށް ނިންމާފައިވަނީ 2 ސެޕްޓެމްބަރ 2018ގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުންވެސް ފުލެޓު އޭގެ ޒާތުން ބޭނުންވާކަމަށާއި، ހިއްސާކުރަން ބޭނުންނުވާކަމުގައި ބުނުމުން، ދެން ޖެހޭނީ އަގުކުރުމަށްކަމަށް އެ އަޑުއެހުމުގައި އެންގުމަށްފަހު ކަމަށާއި، ފުލެޓު އަގުކުރަން ނިންމުމުން، އެކަމާ އެއްވެސް ފަރާތަކުން އިންކާރުކޮށްފައިނުވާކަމަށާއި، އަގު ކޮމިޓީގެ ރިޕޯޓު 17 ފެބްރުއަރީ 2019ގެ އަޑުއެހުމުގައި ހިއްސާކުރުމުން އަގާމެދުވެސް ދެ ފަރާތުން އިންކާރުކޮށްފައިނުވެ، ގުރުއަތު ލާން ބޭނުންކަމަށް ދެ ފަރާތުން އެއްބަސްވެ، އެ ދުވަހު ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީކަމަށާއި، ގުރުއަތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފުލެޓު ލިބުމުން، ބަޔާނުގައި ސޮއިކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކުރީކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
[19]އަގުކޮމިޓީގެ އަގާއި ގުޅިގެން ދަށު ކޯޓުގައި ޗެލެންޖްކޮށްފައިނުވާކަމަށާއި، މިކަން ޔަޤީންވަނީ ގުރުއަތުލުމުގެ ކުރިން ކުރިޔަށް ދިޔަ ހުރިހާ އިޖުރާއަތެއްގައިވެސް ބައިވެރިވެފައި އޮތުމާއި، އެހެންނަމަވެސް ގުރުއަތުން ފްލެޓު ދިމާނުވުމާއި ހަމައިން އަޑުއެހުމުގައި ޒުވާބުކޮށް އަޑުގަދަކުރުމަށްފަހު ސޮއިނުކުރާނެކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން ނުކުމެގެން ދިޔައީ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
[20]އިސްތިއުނާފުކުރެވޭ ދަޢުވާއަކީ ތަރިކައާ ބެހޭ ދައުވާއެއްކަމަށްވާއިރު، މިފަދަ ދަޢުވާތަކަކީ ޚުސޫމަތެއް އޮވެގެން ހުށަހަޅާ ދަޢުވާއެއްކަމަށްނުވާއިރު، އަދި މިފަދަ ދަޢުވާތަކުގައި މައްސަލަ ހުށަހަޅަނީ ދައުވާ ރައްދުވާ ފަރާތެއް ނެތް ގޮތުގައި ކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/296 މުޙައްމަދު ޖަމީލް އާއި ޒުބެއިދާ މޫސާ ވ. ޒާހިރު އާދަމް ޤަޟިއްޔާ މި މައްސަލައިގެ މައްޗަށް މުޅިން ހިނގާނެކަމަށް ޤަބޫލުނުކުރާކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
[21]ގުރުއަތުން ފުލެޓު ލިބޭ ފަރާތުން އަނެއް ފަރާތަށް ފުލެޓުގެ އަގުން އެ ފަރާތަށް ލިބެންޖެހޭ ޙައްޤު މިންވަރު ފައިސާއިން ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ނިންމާފައިވަނީ މައްސަލަ ހިނގަމުންދިޔައިރު ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
[22]އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް ރަޖިސްޓްރީ ނަންބަރު 5-G-05 އ.އ.ހ-01/5-G-05/102 ހުޅުމާލެ ފުލެޓު ދެ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްޓަކައި ގުރުއަތު ލައި، ގުރުއަތުން ފުލެޓު ލިބޭ ފަރާތުން އަނެއް ފަރާތަށް ފުލެޓުގެ އަގުން އެ ފަރާތަށް ލިބެންޖެހޭ ޙައްޤު މިންވަރު ފައިސާއިން ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ކަނޑައަޅައި ނިންމާފައިވަނީ މައްސަލަ ހިނގަމުންދިޔައިރު ކޯޓުގައި ދައްކާފައިވާ ވާހަކަތަކާއި ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ފުލެޓު އަގުކުރުމަށް ނިންމާފައިވަނީ 2 ސެޕްޓެމްބަރ 2018ގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުންވެސް ފުލެޓު އޭގެ ޒާތުން ބޭނުންވާކަމަށާއި، ހިއްސާކުރަން ބޭނުންނުވާކަމުގައި ބުނުމުން، ދެން ޖެހޭނީ އަގުކުރުމަށްކަމަށް އެ އަޑުއެހުމުގައި އެންގުމަށްފަހު ކަމަށާއި، ފުލެޓު އަގުކުރަން ނިންމުމުން، އެކަމާ އެއްވެސް ފަރާތަކުން އިންކާރުކޮށްފައިނުވާކަމަށާއި، އަދި މިހާރު އިސްތިއުނާފުކުރާ ފަރާތުން އެ މޭރުމުން ވާހަކަ ދައްކަނީ ގުރުއަތު ލައި، ގުރުއަތުން މި ފުލެޓު އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބުމުން، އެކަމާ އިސްތިއުނާފުކުރާ ފަރާތުން ހިތްހަމަނުޖެހޭތީކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
[23]ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މަރުޙަލާގައި މި މައްސަލަ ކުރިއަށް ދިޔައިރު، ކަން ހިނގާފައިވާގޮތް ސާފުކުރުމަށް އެ ޝަރީޢަތުގެ އޯޑިއޯ/ވީޑިއޯ ރިކޯޑިންގ ހޯދުމަށް އެދުމުން، 2018 ވަނަ އަހަރުގެ ޝަރީޢަތްތައް ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނޫންކަމުން، ރެކޯޑިންގ ނެތްކަމުގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަންގާފައިވެއެވެ. އެހެންކަމުން، މި މައްސަލައިގައި ބަރޯސާވާންޖެހެނީ ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، ޝަރީޢަތުގެ މަޙްޟަރު ބަޔާންތަކަށެވެ. މިގޮތުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ އަލީގައި، އަންނަނިވި ކަންކަން ބަޔާންކުރަމެވެ.
[24]ތާރީޚް ފިޔަވަޅު ތަފްޞީލް
[25]31 ޖުލައި 2018
(ފުރަތަމަ އަޑުއެހުން) މުޙައްމަދު ފަރްހަތު ޠައްޔިބުގެ ބަޔާން ނެގިފައި
[26](މި ބަޔާނުގައި މި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ) މި ބަޔާނުގައި މުޙައްމަދު ފަރްހަތު ޠައްޔިބު ބުނެފައިވަނީ މުޙައްމަދު ފަރްހަތު ޠައްޔިބުގެ މަންމަ އަލްމަރްޙޫމާއަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީ ނިޔާވެފައިވާތީ މަރްޙޫމާގެ ތަރިކަ ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް އެދޭކަމަށާއި، މަރްޙޫމާ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ފިރިހެންދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އަދި އަންހެންދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބު ތިބިކަމަށާއި، މުދަލަކަށް ހުރީ ފްލެޓް5-G-05ކަމަށާއި، ބޭންކުގައި ފައިސާ ހުރި ކަމެއް ނޭނގޭކަމަށް
[27]31 ޖުލައި 2018 (ފުރަތަމަ އަޑުއެހުން) ޢަލީ މުޞްޠަފާ އާއި ޠަލްޙަތު ޢަބްދުއްރައްޒާޤުގެ ބަޔާން ނެގިފައި (މި ބަޔާނުގައި މި ފަރާތްތަކުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ) މި ފަރާތްތަކުގެ ބަޔާނުގައިވަނީ އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީ ނިޔާވެފައިވާކަމަށާއި، އެ މަރްޙޫމާ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ ފިރިހެން ދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އަދި އަންހެންދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބުކަމަށާއި، ތަރިކައިގެ ގޮތުން ހުޅުމާލޭގައި ފުލެޓެއް ރެޖިސްޓްރީކުރެވިފައިވާކަން އެނގޭކަން
[28]02 ސެޕްޓެމްބަރު 2018
(ދެވަނަ އަޑުއެހުން) ޢާއިޝަތު ޒަޢީމާ ޠައްޔިބުގެ ބަޔާން ނެގިފައި
[29](މި ބަޔާނުގައި މި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ) މި ބަޔާނުގައި ޢާއިޝަތު ޒަޢީމާ ޠައްޔިބު ބުނެފައިވަނީ މަންމަ އަލްމަރްޙޫމާއަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީ ނިޔާވެފައިވާކަމަށާއި، އެ މަރްޙޫމާ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ ފިރިހެންދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އަދި އަންހެންދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބުކަމަށާއި، ތަރިކައިގެ ގޮތުގައި ހުޅުމާލޭގައި މަރްޙޫމާގެ ނަމުގައި ރެޖިސްޓްރީކުރެވިފައިވާ ނަންބަރު 5-G-05 އެއްމެދު އިމާރާތުގެ ފުލެޓާއި، ސްރީލަންކާގައި ހުރި މަންމަގެ ގެއަކާއި، މަންމަ ބޭނުންކުރި ގަހަނާތައް ހުރި ކަމަށާއި، ހުޅުމާލެ ކޯޓުގައި އެދިފައިވަނީ އެއްމެދު އިމާރާތުގެ ފްލެޓް ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްކަމަށާއި، އެއްމެދު އިމާރާތުން ލިބޭ އެއްޗެއް އޭގެ ޒާތުން ބޭނުންކަމަށާއި، ދެ މީހުންނަށް ހިއްސާކުރަން ބޭނުންނުވާކަމަށާއި، ދެ މީހުންގެ މެދުގައި ތަން ހަމަޖައްސައި ދެ މީހުންނަށް ނަން ބަދަލުކުރަން ބޭނުންނުވާކަމަށާއި، ސްރީލަންކާގައި ހުރި ގެ ބޭބެއަށްދީ، ހުޅުމާލެ ފްލެޓް ޢާއިޝަތު ޒަޢީމާ ޠައްޔިބަށް ހަމަޖައްސަން ބޭނުންވާކަން
[30]02 ސެޕްޓެމްބަރު 2018
(ދެވަނަ އަޑުއެހުން) މުޙައްމަދު ފަރްހަތު ޠައްޔިބުގެ ބަޔާން ނެގިފައި
[31](މި ބަޔާނުގައި މި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ) މި ބަޔާނުގައި މުޙައްމަދު ފަރްހަތު ޠައްޔިބު ބުނެފައިވަނީ މަންމަ އަލްމަރްޙޫމާއަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީ ނިޔާވެފައިވާކަމަށާއި، އެ މަރްޙޫމާ ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ ފިރިހެންދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އަދި އަންހެންދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބުކަމަށާއި، ތަރިކައިގެ ގޮތުގައި ހުޅުމާލޭގައި މަރްޙޫމާގެ ނަމުގައި ރެޖިސްޓްރީކުރެވިފައިވާ ނަންބަރު 5-G-05 އެއްމެދު އިމާރާތުގެ ފުލެޓާއި، ސްރީލަންކާގައި ހުރި މަންމަގެ ގެއަކާއި، މަންމަ ބޭނުންކުރި ގަހަނާތައް ހުރި ކަމަށާއި، ހުޅުމާލެ ކޯޓުގައި އެދިފައިވަނީ އެއްމެދު އިމާރާތުގެ ފްލެޓް ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށްކަމަށާއި، އެއްމެދު އިމާރާތުން ލިބޭ އެއްޗެއް އޭގެ ޒާތުން ބޭނުންކަމަށާއި، އަދި ބޭނުންވަނީ އެއްމެދު އިމާރާތް އަގުކޮށް ޢާއިޝަތު ޒަޢީމާ ޠައްޔިބުއަށް ލިބޭ އެއްޗެއް ދިނުމަށާއި އަދި ފްލެޓް މުޙައްމަދު ފަރްހަތު ޠައްޔިބަށް ލިބިދިނުންކަން
[32]19 ނޮވެމްބަރ 2018 ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއަށް ފޮނުވި ނަންބަރުHMC-B2/198/2018/32 ސިޓީ އަލްމަރްޙުމާ ޙަފީޡާ މުޙައްމަދުދީދީގެ ގެ އަގުކުރުމަށް އަންގާފައި
[33]5 ޑިސެމްބަރ 2018 ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު B-AR/2018/02 ސިޓީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހިނގަމުންދާ ނަންބަރު 170/HMC/2018 ޤަޟިއްޔާއާ ގުޅިގެން، ގ.ޑޭޒީމާގެ އަލްމަރްޙޫމާއަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގައި ހިމެނޭ، ހުޅުމާލެ ނަންބަރު 10233 ގޯތީގައިވާ، 5-G-05، 655 އަކަފޫޓު ދެކޮޓަރީގެ ފުލެޓް އަގަކީ 629,136.00 ރުފިޔާ ކަމުގައި ކަނޑައަޅާފައި
[34]17 ފެބްރުއަރީ 2019
(ތިންވަނަ އަޑުއެހުން) މުޙައްމަދު ފަރްހަތު ޠައްޔިބުގެ ބަޔާން ނެގިފައި
[35](މި ބަޔާނުގައި މި ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ) މި ބަޔާނުގައި މުޙައްމަދު ފަރްހަތު ޠައްޔިބު ބުނެފައިވަނީ އަލްމަރްޙޫމާއަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލެ ނަންބަރު 5-G-05 ފްލެޓް ވާރިޘުންގެ މެދުގައި ހަމަޖެއްސުމަށް ދެ ފަރާތުގެ މެދުގައި ގުރުއަތުލުމުން ފްލެޓް ލިބިގެން ދިޔައީ މުޙައްމަދު ފަރްހަތު ޠައްޔިބަށްކަމަށާއި، މި ފްލެޓް ލިބުމުން، އަގުން ޢާއިޝަތު ޒަޢީމާ ޠައްޔިބުއަށް ލިބެންޖެހޭ -/209712 ރުފިޔާ ދައްކާނެކަން
[36]17 ފެބްރުއަރީ 2019
(ތިންވަނަ އަޑުއެހުން) ޢާއިޝަތު ޒަޢީމާ ޠައްޔިބުގެ ނަމުގައި ތައްޔާރުކުރެވިފައިވާ ބަޔާން
[37](މި ބަޔާނުގައި ޢާއިޝަތު ޒަޢީމާ ޠައްޔިބު ސޮއިކޮށްފައެއްނުވޭ. މި ބަޔާނުގައި ފާޠިމަތު ލިއުޝާ / ކ. އޮފިސަރ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވޭ) މި ބަޔާނުގައިވަނީ "އަޅުގަނޑުގެ މަންމަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލެ ނަންބަރު 5-G-05 ފްލެޓް ވާރިޘުންގެ މެދުގައި ގުރުއަތުލުމުން ފްލެޓް ލިބިފައިވަނީ ފިރިހެން ދަރި މުޙައްމަދު ފަރްހަތު ޠައްޔިބަށެވެ. މިފްލެޓްގެ އަގުން ލިބޭ އެއްޗެއް އަޅުގަނޑު ބޭނުމެވެ." މިފަދައިން
[38]17 ފެބްރުއަރީ 2019 (ޙުކުމް) ޙުކުމް ޙުކުމުގައިވަނީ " ... ފުލެޓް ދެވާރިޘުންގެ ތެރެއިން ވާރިޘަކަށް ހަމަޖެއްސުމަށް ގުރުއަތުން ހަމަޖައްސައި ފުލެޓް ލިބޭ ފަރާތުން ފުލެޓުގެ އަގުން އަނެއްފަރާތަށް ލިބެންޖެހޭ ހައްޤު މިންވަރު ފައިސާއިން ދިނުމަށް ދެފަރާތުންވެސް އެއްބަސްވެފައިވާތީ، ދެވާރިޘުންގެ ފަރާތުން ޝަރީއަތުގައި ގުރުއަތު ލުމުން ގުރުއަތުން ފުލެޓް ލިބިގެންދިޔައީ ފިރިހެންދަރި މުޙައްމަދު ފަރްހަތު ޠައްޔިބުއަށް ކަމަށްވާތީ މުޙައްމަދު ފަރްހަތު ޠައްޔިބުގެ ފަރާތުން ފުލެޓްގެ އަގުން އަންހެންދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބު އަށް ދޭންޖެހޭ 209712/=ރ. (ދެލައްކަ ނުވަހާސް ހަތްސަތޭކަ ބާރަ) ރުފިޔާ އަންހެންދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބު އާއި މުޙައްމަދު ފަރްހަތު ޠައްޔިބު ޙަވާލުކުރުމުން، ނަންބަރު 5-G-05 (ރަޖިސްޓްރީ ނަންބަރު (01/5-G-05/102 އެއްމެދު ޢިމާރާތުގެ ފުލެޓް ފިރިހެންދަރި ގ.ޑޭޒީމާގެ މުޙައްމަދު ފަރްހަތު ޠައްޔިބު (ދ.ރ.އ.ކާޑް ނަންބަރު A158142) އަށް މިލްކުވެގެންވާކަމަށް ކަނޑައަޅައި ޙުކުމް ކުރީމެވެ."
[39]މި މައްސަލައާ ގުޅޭ އަޑުއެހުންތަކުގައި، ދެ ފަރާތުންވެސް ބުނެފައިވަނީ އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގެ ހިމެނޭ ހުޅުމާލެ އެއްމެދު ޢިމާރާތުގެ ފުލެޓް ނަންބަރު 5-G-05 ބޭނުންވާކަމަށާއި، ދެ ފަރާތުގެ މެދުގައި ތަން އެކުއެކީގައި ހަމަޖެއްސުމަށް ބޭނުންނުވާކަމަށެވެ. މި މައްސަލައާ ގުޅިގެން ބޭއްވުނު ދެވަނަ އަޑުއެހުމުގައި އެ ތަން އަގުކުރުމާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާކަން ނެގިފައިވާ ބަޔާންތަކުން އެނގެއެވެ. މިކަމަށް އިސްތިއުނާފުކުރާ ފަރާތުން އިޢުތިރާޟުކޮށްފައެއްނުވެއެވެ. މި އަޑުއެހުމަށް ފަހު، ޝަރީޢަތުން ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އަލްމަރުހޫމާ ޙަފީޡާ މުޙައްމަދުދީދީގެ ގެ އަގުކުރުމަށް ޑިޕާރމަންޓްގައި އެދިފައިވެއެވެ. އަދި އެއާ ގުޅުގެން ގ.ޑޭޒީމާގެ އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގައި ހިމެނޭ، ހުޅުމާލެ ނަންބަރު 10233 ގޯތީގައިވާ، 5-G-05، 655 އަކަފޫޓު ދެކޮޓަރީގެ ފްލެޓް އަގުކޮށް، އެކަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓާއި ހިއްސާކޮށްފައިވެއެވެ. އަދި 17 ފެބްރުއަރީ 2019ގެ އަޑުއެހުމުގައި ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާކަން އެނގެއެވެ. އެހެނަސް، ގުރުއަތުގެ ނަތީޖާއާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނެއް ނެތެވެ. އިސްތިއުނާފުކުރާ ފަރާތުގެ ބަޔާނުގެ ގޮތުގައި ތައްޔާރުކުރެވިފައިވާ ބަޔާނުގައި ސޮއިކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފެއްކަން އެނގެއެވެ.
[40]މައްސަލައިގެ ޚަޞްމުން ޝަރީޢަތުގައި ދައްކާ ވާހަކަ މަޙުޟަރުކޮށް، އޭގައި ސޮއިކުރުމަކީ ޢަމަލުކުރަމުންދާ ގޮތެވެ. މިކަން މި މައްސަލަ ހިނގަމުންދިޔައިރު ޢަމަލުކުރަމުންދިޔަ ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6ގެ 228ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. މި މާއްދާގައިވަނީ ޝަރީޢަތުގައި ދަޢުވާކުރާ ފަރާތާއި، ދަޢުވާލިބޭ ފަރަތާއި، ހެކިން ޝަރީޢަތުގެ މަޖިލީހުގައި ދައްކާ ވާހަކަތައް މަޙުޟަރުކުރާ ގޮތަށް ހަމަޖެހިފައިވާކަމާއި، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި، ހެކިންނާއި އަދި މީގެ އިތުރުން ޤަޟިއްޔާއާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރެވޭ މީހަކު، ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކައިގެ މަޙުޟަރުގައި ސޮއިކުރުމަށް އިންކާރުކޮށްފައިވާނަމަ އެ ބަޔާނަކީ އެ މީހަކު ދެއްކި ވާހަކައާ އެއްގޮތަށް ލިޔެފައިވާ ބަޔާނެއްކަމަށް ހެކިންގެ ގޮތުގައި ދެ މުވައްޒަފަކު ސޮއިކުރަންވާނެކަމެވެ. ދެ މުވައްޒަފަކު ހަމަނުވާ ކޯޓުތަކުގައި އެހެންމީހަކު ހޯދަންވާނެއެވެ. އަދި ސޮއިކުރާ ދެ ހެކިންގެ އިތުރުން ފަނޑިޔާރު ސޮއިކުރަންވާނެއެވެ. އެހެންކަމުން، ބަހުސްގެ ބޭނުމަށް އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ވާރިޘުންގެ ތެރެއިން ޙަފީޡާ މުޙައްމަދުދީދީގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ހުޅުމާލެ ނަންބަރު 5-G-05 ފްލެޓް ގުރުއަތުން ލިބޭ ފަރާތެއް ދެނެގަތުމަށް އިސްތިއުނާފުކުރާ ފަރާތުން އެއްބަސްވެ،ގުރުއަތުގައި ބައިވެރިވުމަށްފަހު، ގުރުއަތުން އެތަން އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބުމަށްފަހު އެކަމަށް އިންކާރުކޮށް،ބަޔާނުގައި ސޮއިކުރުމަށް އިންކާރުކޮށްފައިވާކަމުގައި ބެލިނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ގުރުއަތުގައި ބައިވެރިވެފައިވަނީ އެކަމަށް އެއްބަސްވެގެންކަމުގެ މައްޗަށް އެކުލެވޭ ވާޤިއާ މަޙުޟަރުކުރުމަށް ސޮއިކޮށްފައިވަނީ އެންމެ މުވައްޒަފެކެވެ. މިކަން ކޮށްފައިވަނީ ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގައި މިކަން ކުރުމަށް އޮންނަ އިޖުރާއަތާއި ޚިލާފަށެވެ. މިކަން އިޖުރާއަތާއި އެއްގޮތަށް ދިޔަ ނަމަހީ، މިކަމުގައި އިސްތިއުނާފުކުރާ ފަރާތުގެ ރުހުން އޮތްކަމުގައި ބެލެވުނީހެވެ. އެހެނަސް، މި ޙާލަތުގައި 17 ފެބްރުއަރީ 2019ގައި އިސްތިއުނާފުކުރާ ފަރާތުގެ ނަމުގައި ތައްޔާރުކޮށް، ކޯޓުގެ ކ.އޮފިސަރ ސޮއިކޮށްފައިވާ ބަޔާނުގެ މައްޗަށް އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގެ ހިމެނޭ ހުޅުމާލެ އެއްމެދު އިމާރާތުގެ ފްލެޓް ދެވާރިޘުންގެ ތެރެއިން ވާރިޘަކަށް ހަމަޖެއްސުމަށް ގުރުއަތުން ހަމަޖައްސައި ފުލެޓު ލިބޭ ފަރާތުން ފުލެޓުގެ އަގުން އަނެއް ފަރާތަށް ލިބެންޖެހޭ ހައްޤު މިންވަރު ފައިސާއިން ދިނުމަށް ދެފަރާތުންވެސް އެއްބަސްވެފައިވާކަމަށް ބެލެވޭކަށްނެތެވެ.
[41]ޝަރީޢަތުގެ ބަޔާންތަކަށް ބެލުމުން، އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގެ ހިމެނޭ ހުޅުމާލެ އެއްމެދު އިމާރާތުގެ ފުލެޓް ދެވާރިޘުންގެ ތެރެއިން ވާރިޘަކަށް ހަމަޖެއްސުމަށް ގުރުއަތުން ހަމަޖައްސައި ފުލެޓް ލިބޭ ފަރާތުން ފުލެޓުގެ އަގުން އަނެއް ފަރާތަށް ލިބެންޖެހޭ ހައްޤު މިންވަރު ފައިސާއިން ދިނުމަށް ވާހަކަ ދެކެވިފައިވަނީ ޝަރީޢަތުގެ ދެވަނަ އަޑުއެހުން، 2 ސެޕްޓެމްބަރ 2018ގެ އަޑުއެހުމުގައިކަން އެނގެއެވެ. މި އަޑުއެހުމުގައި އެއްމެދު އިމާރާތް އަގުކޮށް އިސްތިއުނާފުކުރާ ފަރާތަށް ލިބޭ އެއްޗެއް ދިނުމަށް ބޭނުންވާކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާއިރު، އެއްމެދު އިމާރާތް ދެ މީހުންގެ ނަމަށް ބަދަލުކުރަން ބޭނުންނުވާކަމަށާއި، ހުޅުމާލެ ފުލެޓް ލިބުމަށް އެދޭ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން، އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގެ ހިމެނޭ ހުޅުމާލެ އެއްމެދު އިމާރާތުގެ ފްލެޓް ނަންބަރު 5-G-05 މަރްޙޫމާގެ ދެ ވާރިޘުންގެ ތެރެއިން ވާރިޘަކަށް ހަމަޖެއްސުމަށް ގުރުއަތުން ހަމަޖައްސައި، ފްލެޓް ލިބޭ ފަރާތުން ފްލެޓްގެ އަގުން އަނެއް ފަރާތަށް ލިބެންޖެހޭ މިންވަރު ފައިސާއިން ދިނުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމަކަށް ނުބެލެވޭނެއެވެ.
[42]ދެން އޮތް ސުވާލަކީ، ދެ ފަރާތުން ވަކި ގޮތަކަށް އެއްބަސްނުވާ ޙާލަތުގައި ޝަރީޢަތުން ޢަމަލުކުރާ ގޮތަކީ ކޮބައިތޯއެވެ؟ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ގެ 26 ވަނަ މާއްދާގައިވަނީ އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެ މީހެއްގެ ވާރިޘުންގެ މެދުގައި، އެ ބިމެއް ނުވަތަ ގޯއްޗެއް ވަކި ގޯތިތަކަކަށް ބައިކޮށްދެވިދާނެކަމަށެވެ. އަދި އަމިއްލަ ބިމެއް ނުވަތަ ގޯއްޗެއް އޮތް މީހަކު މަރުވެއްޖެނަމަ، އެ ބިމާއި ނުވަތަ ގޯއްޗާއި، އެ ބިމެއް ނުވަތަ ގޯއްޗެއްގައިވާ ޢިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ އެންމެންގެ ނަމުގައި، އެ ބަޔަކު އެދޭނަމަ، އެ ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީކޮށް، ވަކިވަކި ރަޖިސްޓްރީއެއް ހަދައިދޭންވާނެކަމަށެވެ. އެހެންކަމުން، މި މާއްދާއިން އެނގިގެންދަނީ ބިމެއް އޮތް ފަރާތެއް މަރުވެއްޖެނަމަ، އެ މީހެއްގެ ވާރިޘުންގެ މެދުގައި، އެ ބިމެއް ބައިކޮށްދޭކަމެވެ. އަދި މިއީ މި ބާވަތުގެ މައްސަލަތަކުގައި ވާރިޘުން ވަކި ގޮތަކަށް އެއްބަސްނުވާނަމަ، ޢަމަލުކުރަމުންދާވެސް ގޮތެވެ.
[43]މިމައްސަލަ ދަށު ކޯޓުގެ މަރުޙަލާގައި ފައިސަލާކުރެވުނުއިރު ޢަމަލުކުރެވެމުން ދިޔައީ ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެބިމާބެހޭ ޤާނޫނު)ގެދަށުން ހެދިފައިވާ އެއްމެދު އިމާރާތާބެހޭ ޤަވާޢިދަށެވެ.އެއްމެދު އިމާރާތެއްގެ ފްލެޓެއް ނުވަތަ ބައެއްގަނެ، ދީ، ލިބިގަނެ މިލްކުކުރެވޭނީ ހަމައެކަނި ދިވެހިންނަށް ކަމަށާއި،އެއްމެދު އިމާރާތް އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައިވެސް ރަޖިސްޓްރީކުރެވިދާނެކަމަށާއި،އެއްމެދު އިމާރާތުގެ ކޮންމެ ފްލެޓަކަށް ނުވަތަ ބަޔަކަށް ހެދޭ ރަޖިސްޓްރީގައި ބުނެފައިވާ ފްލެޓް ނުވަތަ ބައި މިލްކުކުރާ ފަރާތަކީ ނިސްބަތުންއެއްމެދު އިމާރާތުގެ ބިމުގެ މިލްކުވެރިއެއްކަމާއި، އަދި އެއްމެދު އިމާރާތުގެ ބިމަކީ،އެއްމެދު އިމާރާތުގެ ބިމުގެވެރި ފަރާތްތަކަށް ވަކިވަކިން ކަނޑައަޅައި،ބައިކޮށް ހެދޭނެ ބިމެއް ނޫންކަމުގައި(ހަދައިދެވޭ ރަޖިސްޓްރީގައި)ބަޔާންކުރަންވާނެކަން މި ގަވާއިދުން އެނގެއެވެ.އިމާރާތެއް އެއްމެދު އިމާރާތެއްގެ ގޮތުގައި ރަޖިސްޓްރީވުމުން، އެ އިމާރާތެއްގައި ހަދާފައިވާ ފްލެޓްތައް ވިއްކާ،ހިބައިން،ނުވަތަ ވަސިއްޔަތުން، ނުވަތަ އެނޫންވެސް ގޮތަކުން ދިނުމާއި،ކުއްޔަށްދީހެދުމުގެ އިޚްތިޔާރު އެ ފްލެޓްގެ ވެރިފަރާތަށް ލިބިގެންވާކަމުގައި ބަޔާންކުރެއެވެ. މި ގަވާއިދަށް ބަލާއިރު، އެއްމެދު އިމާރާތެއް ވިއްކާ، ހިބައިން ނުވަތަ ވަސިއްޔަތުން ދެވޭނެކަން އެނގޭއިރު، މީގެ ތެރޭގައި އެއްމެދު އިމާރާތް ވާރުތަވުންވެސް ހިމެނޭނެކަމުގައި ދެކެމެވެ. އެހެނަސް، އެއްމެދު އިމާރާތެއްގެ ބިމަކީ ބައިކޮށް ހެދޭ ބިމެއްނޫންކަން އެނގޭއިރު، މިކަމާ ގުޅޭ ގޮތުން ޢަމަލުކުރާނެ ގޮތްތައް ކޯޓުން ކަނޑައެޅުމުގައި، މި ބާވަތުގެ ކަންކަމާ ގުޅޭ ގޮތުން މައްސަލައިގެ ޚަޞްމުން އެއްބަސްވާ ކަންކަން ފާހަގަކޮށް، އެއްބަސްނުވާކަންކަމުގައި ދެ ފުށް ފެންނަ އުޞޫލަކުން ޢަމަލުކުރަންޖެހޭނެ ކަމާއި، ދެ ފަރާތުން އެއްބަސްނުވެ ޝަރީޢަތުން ގޮތެއް ނިންމާ ޙާލަތުގައި، އެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ގޮތް ސާފުކޮށް ބަޔާންކޮށްދޭންވާނެކަމުގައި ދެކެމެވެ.
[44]ފުލެޓު އަގުކޮށް ޝަރުޢީ އަގު ކޮމިޓީން ނިންމާފައިވާ އަގަކީ އެފަދަ ފުލެޓެއް ބާޒާރުގައި ވިއްކާ އަގު ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ
[45]ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާއާ ގުޅިގެން އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގެ މައްސަލައިގެ ބޭނުމަށް އެ ގެ އަގުކުރުމަށްފަހު ތަފްޞީލު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވުމަށް 19 ނޮވެމްބަރު 2018ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދިފައިވެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 5 ޑިސެމްބަރު 2018ގައި ފޮނުވާފައިވާ "ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓް" އަށް ބެލުމުން، އަގުކޮށްފައިވަނީ އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގައި ހިމެނޭ، ހުޅުމާލެ ފްލެޓް ނަންބަރު 10233 ގޯތީގައިވާ ނަންބަރު 5-G-05، 655 އަކަފޫޓުގެ ދެކޮޓަރީގެ ފްލެޓް ކަމާއި، މި އެޕާޓްމަންޓްގައިވަނީ ތަޅުންއަޅާ މުށިޖަހާ، ދޮރާއި ދޮރުފަތް ހަރުކޮށް، ފެންވައިރުކޮށް، ކަރަންޓުވައިރުކޮށް، ދިއްލުންތަކާއި ފަންކާ ހަރުކޮށް، ކުލައާއި ދަވާދު ލާފައިކަން އެނގެއެވެ. މި އެޕާޓްމަންޓް އެކުލެވިގެންވަނީ 2 (ދޭއް) ކޮޓަރިއާއި، 2 (ދޭއް) ފާޚާނައާއި، ބަދިގެއާއި، ސިޓިންގރޫމްއެއްގެ މައްޗަށްކަން އެނގެއެވެ. މި އެޕާޓްމަންޓުގެ އަގަކީ 629,136.00ރ. (ހަލައްކަ ނަވާވީސްހާސް އެއްސަތޭކަ ތިރީސް ހަ ރުފިޔާ) ކަމުގައި ކޮމިޓީން ކަނޑައަޅައި، މި އެޕާޓްމަންޓަށް އަގު ކިޔާފައިވަނީ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، މިހާރު ހުރި ޙާލަތާއި އިމާރާތް ބޭނުންކޮށްފައިވާ މުއްދަތަށް ބެލުމަށްފަހު، ތަކެއްޗާއި މަސައްކަތުގެ އަގު މި އަގުގެ ތެރޭގައި ހިމަނައިގެންކަމުގައި މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
[46]ސުރުހީގައިވެސް ބަޔާންކޮށްފައިވާ ފަދައިން ފުލެޓު އަގުކޮށް ޝަރުޢީ އަގު ކޮމިޓީން ނިންމާފައިވާ އަގަކީ އެފަދަ ފުލެޓެއް ބާޒާރުގައި ވިއްކާ އަގު ނޫންކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި، ތަކެތީގެ ޝަރުޢީ އަގެއް ކަނޑައަޅަން ޖެހިއްޖެ ޙާލަތެއްގައި ނުވަތަ އިންސްޕެކްޝަނެއް ނުވަތަ އެސެސްމެންޓެއް ހަދަންޖެހިއްޖެ ޙާލަތުގައި ޢަމަލުކުރާނެގޮތް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދު" ގައެވެ. މި ޤަވާއިދުގައިވާ ގޮތުގެ މަތިން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަންތަނާއި، ތަކެތީގެ ޝަރުޢީ އަގުކުރުމަށާއި، އިންސްޕެކްޓްކުރުމަށާއި، އެސެސްމެންޓްތައް ހެދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ޝަރުޢީ އަގު ކޮމިޓީއެއް އޮންނަންވާނެކަމާއި، އަގު ކޮމިޓީއަށް ބޭނުންވާ އެންމެހާ އިދާރީ ކަންތައްތައް ހަމަޖައްސައި ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންކަމުގައި ބަޔާންކުރެއެވެ. ޝަރުޢީ އަގު ކޮމިޓީގެ ބަދަލުގައި، އަގުކުރާ ނުވަތަ އިންސްޕެކްޓްކުރާ ނުވަތަ އެސެސްކުރާ ޕްރޮފެޝަނަލް އެހެން ފަރާތެއްގެ ވެލުއޭޝަނަކަށް ރިޢާޔަތްކުރަންޖެހޭކަމަށް މައްސަލަބަލާ ފަނޑިޔާރަށް ބުރަވެވިއްޖެނަމަ، އެފަދަ އިވެލުއޭޝަން ރިޕޯޓަކަށް ރިޢާޔަތްކުރުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމުގައި މި ޤަވާޢިދުގައި ބަޔާންކުރެއެވެ. ތަންތަނާއި ނުވަތަ ތަކެތީގެ އަގު ކަނޑައެޅުމަށް (ނުވަތަ އިންސްޕެކްޓްކުރުމަށް ނުވަތަ އެސެސްކުރުމަށް) އަގު ކޮމިޓީއަށް ފޮނުވުމުން، ޝަރުޢީ އަގު ކޮމިޓީން އަގުކޮށް (ނުވަތަ އިންސްޕެކްޓްކޮށް ނުވަތަ އެސެސްކޮށް) ނިމުމުން، އޭގެ ރިޕޯޓެއް އަގުކުރުމަށް (ނުވަތަ އިންސްޕެކްޓްކުރުމަށް ނުވަތަ އެސެސްކުރުމަށް) އެދުނު ކޯޓަށް ފޮނުވަންވާނެކަމުގައި މި ޤަވާޢިދުގައި ބަޔާންކުރެއެވެ.
[47]ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/09 ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް ޤަޟިއްޔާގައި ބަޔާންކުރަނީ، ތަންތަނާއި ތަކެތި އަގުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އުޞޫލަކީ، ޚުސޫމަތްތެރި މައްސަލައަކާ ގުޅިގެން ތަންތަނާއި ތަކެތި އަގުކުރުމުގައި، އެ ތަނެއް ނުވަތަ އެ އެއްޗެއް އަގުކުރާއިރު، ހުރި ޙާލަތަށް ބަލައި އެ ތަނެއް ނުވަތަ އެ އެއްޗެއްގެ އަގު ކަނޑައެޅުންކަމާއި، އެ އެއްޗެއް ނުވަތަ އެ ތަނެއް ހެދުމަށް ޚަރަދުވިކަމަށް ދަޢުވާކުރާ ފަރާތަކުން ނުވަތަ ދަޢުވާލިބޭ ފަރާތަކުން ބުނާ މިންވަރު އެތަނަކަށް ޚަރަދުވެފައިވޭތޯ ބެލުންނޫންކަމަށެވެ.
[48]އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބަލާއިރު، އެޕާޓްމަންޓަށް އަގުކިޔާފައިވަނީ ކޮށްފައިވާ މަސައްކަތުގެ ފެންވަރަށާއި ޙާލަތަށް ބަލައިގެން ކަމުގައި އެ ރިޕޯޓުގައި ބަޔާންކުރެއެވެ. އެހެނަސް، އެކަންކަމުގެ އިތުރު ތަފްޞީލެއް ދީފައެއްނުވެއެވެ. ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ 5 ޑިސެމްބަރު 2018ގައި ކަން އެނގެއެވެ. މި ރިޕޯޓު މައްސަލައިގެ ޙަސްމުންނާއި ހިއްސާކޮށްފައިވާކަން އެނގޭކަށްނެތެވެ. 02 ސެޕްޓެމްބަރު 2018ގައި މައްސަލައިގެ ދެވަނަ އަޑުއެހުން ބޭއްވުމަށްފަހު، ދެން އަޑުއެހުމެއް ބާއްވާފައިވަނީ 17 ފެބްރުއަރީ 2019ގައެވެ. އެ ދުވަހު މި ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓުގެ އަގާއި ގުޅޭ ގޮތުން މުޙައްމަދު ފަރްހަތު ޠައްޔިބުގެ ބަދަލުގައި އެ ޝަރީޢަތަށް ހާޒިރުވި މޫސާ އަޙްމަދުގެ ބަޔާނުގައި އޮތީ "...މި ފްލެޓް ލިބުމުން އަގުން ޢާއިޝަތު ޒައީމާ ޠައްޔިބުއަށް ލިބެންޖެހޭ -/209712ރ (ދެލައްކަ ނުވަހާސް ހަތްސަތޭކަ ބާރަ ރުފިޔާ) އަޅުގަނޑު މިހުރީ ޢާއިޝަތު ޒައީމާ ޠައްޔިބުއަށް ދައްކާގޮތަށެވެ." މިފަދައިންނެވެ. މިހެން އޮތުމުން، ޝަރުޢީ އަގުކޮމިޓީގެ އަގު އެ ދުވަހު ޝަރީޢަތުގައި ހިއްސާކޮށްފައިވާކަން އެނގެއެވެ. އަދި ހަމަ އެދުވަހު އެ މައްސަލައިގެ ޙުކުމްކޮށްފައިވާކަންވެސް އެނގެންއޮތުމުން، ޝަރުޢީ އަގުކޮމިޓީގެ އަގާއި ގުޅޭ ގޮތުން ވާހަކަދެއްކުމުގެ އެކަށީގެންވާ ފުރުޞަތު ދެވިފައިވާކަމުގައި ބެލެވޭކަށްނެތެވެ. އަދި މިކަމަށް މި މަރުޙަލާގައި އިންކާރުކުރަނީ އިސްތިއުނާފުކުރާ ފަރާތުން ކަމުން، ދަށު ކޯޓުގެ މަރުޙަލާގައި ޝަރުޢީ އަގުކޮމިޓީގެ އަގާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ހޯދާފައިވާކަން އެނގޭކަށްނެތެވެ.
[49]ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެއްގައި، އިންސާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ. ކޮންމެ މީހަކަށްމެ، އަންނަނިވި ޙައްޤުތައް ލިބިގެންވާކަން ބަޔާންކުރަނިވި މާއްދާއިން ކަށަވަރުކޮށްދެއެވެ. އެއީ،
[50]ޤާނޫނަކުން ޤާއިމުކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި، އެ މީހެއްގެ މައްސަލަ ބެލުމާއި؛
[51]އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އެ މީހެއްގެ މައްސަލަ ބެލުމާއި؛
[52]އިސްތިސްނާ ޙާލަތްތަކުގައި ފިޔަވައި، ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި މައްސަލަ ބެލުމާއި؛
[53]އިންސާފުން ޝަރީޢަތް ކުރުމެވެ.
[54]ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އެ މީހެއްގެ މައްސަލަ ބެލުން" އަސާސީ ޙައްޤެއްގެ ގޮތުގައި ބަޔާންވެގެންވާއިރު، އެ ތަނުގައި އެ ބުނަނީ އެކަށީގެންވާ މުއްދަތަކަށްވުރެ ލަސްނުކޮށް މައްސަލަ ނިންމާ ވާހަކަ އެކަނިނޫންކަމާއި، ދިފާޢުގައި ވާހަކަދައްކަން ތައްޔާރުވާން އެކަށީގެންވާ މިންވަރެއްގެ ވަގުތު ނުލިބޭ ގޮތަށް ޝަރީޢަތް އަވަސްކުރުންވެސް އޭގެ ތެރޭގައި ހިމެނޭކަމަށް ބެލެވޭކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/61 ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙަސަން ޤަޟިއްޔާއިން ފާހަގަވެއެވެ. ދިފާޢުވުމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭކަމީ، International Covenant on Civil and Political Rights މި މުޢާހަދާގައިވެސް ލާޒިމުކުރާކަމެކެވެ. ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމަކީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ދީ، އަދި އަނެއް ފަރާތުން ހުށަހަޅާ ކަންކަން ތައުނު ކުރުމަށް ފުރުޞަތުދިނުމާއިއެކު، މައްސަލައިގެ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއެކު ޢަމަލުކުރުމަށެވެ. މި މަފްހޫމްގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ކޮބައިކަން އެ މީހަކަށް ނާންގައި، އެ ދައުވާއަށް ޖަވާބުދާރީވާން ނުވަތަ ދިފާއުވާން ފުރުޞަތު ދިނުމެއްނެތި، ފަނޑިޔާރަށް ޙުކުމް ނުކުރެވޭކަން ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވައެވެ.
[55]މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޝަރުޢީ އަގުކޮމިޓީގެ ރިޕޯޓު ލިބުމަށްފަހު، އަޑުއެހުން ބާއްވާފައިވަނީ 17 ފެބްރުއަރީ 2019ގައެވެ. އެ ދުވަހު ޝަރުޢީ އަގުކޮމިޓީގެ އަގު އިއްވުމަށްފަހު، މި އަޑުއެހުމުގައި ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާކަން އެނގެއެވެ. އެހެނަސް، ޝަރުޢީ އަގުކޮމިޓީއިން ކަނޑައަޅާފައިވާ އަގާއި ގުޅޭ ގޮތުންނާއި، ގުރުއަތުގެ ނަތީޖާއާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނެއް ނެތެވެ. އިސްތިއުނާފުކުރާ ފަރާތުގެ ބަޔާނުގެ ގޮތުގައި ތައްޔާރުކުރެވިފައިވާ ބަޔާނުގައި ސޮއިކޮށްފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުއައްޒަފެއްކަން އެނގެއެވެ. ބަޔާންކުރަނިވި ކަންކަމާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުގެ ސާފު ބަހެއްނެތި، އަދި އިސްވެ ބަޔާންވެދިޔަ 17 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އިޖުރާއަތާއި އެއްގޮތަށް ޢަމަލުކުރުމެއްނެތި، އެ ދުވަހު ވަނީ މައްސަލައިގެ ޙުކުމްކޮށްފައެވެ.
[56]ޝަރުޢީ އަގުކޮމިޓީއިން ހުށަހަޅާފައިވާ އަގު ތައުނުކޮށް، އެއާ ގުޅިގެން ވާހަކަދެއްކުމުގެ ފުރުޞަތު ދަށު ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންގޮސްފައިވާ ގޮތުން އިސްތިއުނާފުކުރާ ފަރާތަށް ލިބިފައިވާކަމުގައި ބެލެވޭކަށްނެތެވެ. މި މައްސަލައިގައި ދެ ފަރާތް ޙާޟިރުކޮށް، ޝަރުޢީ އަގު ކޮމިޓީގެ އަގު ހިއްސާކޮށް، ގުރުއަތުލާ، ގުރުއަތުގެ ނަތީޖާއާ ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ނެތްއިރު، ހަމަ އެ ދުވަހު މައްސަލައިގެ ޙުކުމްކޮށްފައިވުމުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ހިންގުމަށްޓަކައި ލިބިދެވެންޖެހޭ އަސާސީ ޙައްޤުތައް ނިގުޅައިގަނެފައިވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތެވެ. އެހެންކަމުން، މި މައްސަލައިގައި މި ބަޔާންކުރި ފުރުޞަތުތައް ދެފުށްފެންނަ ގޮތަށް މައްސަލައިގެ ޚަޞްމުންނަށް ލިބިދެވޭންޖެހޭކަމުގައި ދެކެމެވެ.
[57]މަރުޙޫމާގެ ނަމުގައި ހުރި ބޭންކް އެކައުންޓްތަކާމެދު ތަރިކައިގެ މައްސަލައިގައި އެއްވެސް ގޮތެއް ނިންމާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
[58]ދަށު ކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތުން "ތަރިކައިގެ މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް އެދިފައިވަނީ "ހުޅުމާލެ ބިމުގެ ނަންބަރު 10233 ގައިވާ ނަންބަރު 5-G-05 އެޕާޓްމަންޓް"އާއި "ބޭންކް އޮފް މޯލްޑިވްސް އަދި ސްޓޭޓް ބޭންކް އޮން އިންޑިއާގައި މަރުޙޫމާގެ ނަމުގައި ހުރި އެކައުންޓްތަކުގައި ހުރިނަމަ ހުރި ފައިސާއެއް" ނިޔާވި މީހާގެ މުދަލުގެ ތެރެއިން ޝަރީޢަތް މެދުވެރިކޮށް ހަމަޖައްސުމަށެވެ. މި މައްސަލައާ ގުޅިގެން ނެގިފައިވާ ބަޔާންތަކުގައި އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީ ނިޔާވިއިރު، މުދަލަކަށް ހުރީ ފްލެޓް 5-G-05 ކަމާއި، ބޭންކުގައި ފައިސާ ހުރި ކަމެއް ނޭނގޭކަމުގައި މުޙައްމަދު ފަރްހަތު ޠައްޔިބު ބުނެފައިވެއެވެ. އަދި ޢާއިޝަތު ޒަޢީމާ ޠައްޔިބު ބުނެފައިވަނީ އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ތަރިކައިގެ ގޮތުގައި ހުރީ ހުޅުމާލޭގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު 5-G-05 އެއްމެދު އިމާރާތުގެ ފްލެޓާއި، ސްރީލަންކާގައި ހުރި ގެއާއި، ގަހަނާތައް ކަމުގައެވެ.
[59]މި މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ "އިތުރު ބަޔާން" މި ސުރުހީގެ ދަށުން ފާހަގަކޮށްފައިވަނީ "އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީ 25 ނޮވެމްބަރު 2017ގައި ސްރީލަންކާގައި ނިޔާވެފައިވާކަމަށާއި، ނިޔާވިއިރު ވާރިޘުންގެ ގޮތުގައި ތިބީ ފިރިހެން ދަރި މުޙައްމަދު ފަރްހަތު ޠައްޔިބު އާއި އަންހެން ދަރި ޢާއިޝަތު ޒަޢީމާ ޠައްޔިބުކަމަށާއި، ތަރިކައިގެ ގޮތުގައި ހުރީ ހުޅުމާލޭގައި ޙަފީޡާ މުޙައްމަދު ދީދީގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު 5-G-05 އެއްމެދު ޢިމާރާތުގެ ފްލެޓާއި، ސްރީލަންކާގައި ހުރި ޙަފީޡާ މުޙައްމަދު ދީދީގެ ގެޔަކާއި، ޙަފީޡާ މުޙައްމަދު ދީދީ ބޭނުންކުރި ގަހަނާތަކެއްކަމަށާއި، މި މުދަލުގެ ތެރެއިން ސްރީލަންކާގައި ހުރި ޙަފީޡާ މުޙައްމަދު ދީދީގެ ގޭގެ މައްސަލަ މިތަރިކައިގެ ތެރޭގައި ބެލުމުގެ އިޚްތިޞާސް މިކޯޓަށް ލިބިގެންނުވާކަން ފާހަގަ ކުރެވޭކަމާއި، ވާރިޘުން މި މައްސަލާގައި އެދިފައިވަނީ ޙަފީޡާ މުޙައްމަދު ދީދީގެ މުދަލުގެ ތެރެއިން ހުޅުމާލޭގައި ހުރި ނަންބަރު 5-G-05 އެއްމެދު ޢިމާރާތުގެ ފްލެޓްގެ މައްސަލަ ވާރިޘުންގެ މެދުގައި ހަމަޖައްސައި ދިނުންކަމަށްވާތީ މި މައްސަލައިގެ ތެރޭގައި ބެލެވިފައިވަނީ ޙަފީޡާ މުޙައްމަދު ދީދީގެ މުދަލުގެ ތެރެއިން ހަމައެކަނި ނަންބަރު 5-G-05 އެއްމެދު ޢިމާރާތާއި ފްލެޓާއި މެދު ގޮތެއް ކަނޑަ އަޅައިދިނުމުގެ ބައިކަން ފާހަގަކުރެއެވެ." މިފަދައިންނެވެ.
[60]މި މައްސަލައިގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ނެގިފައިވާ ބަޔާންތަކުގައި މައްސަލައިގެ ޚަޞްމުން ބަޔާންކޮށްފައިވާ އަލްމަރްޙޫމާ ޙަފީޡާ މުޙައްމަދުދީދީގެ ސްރީލަންކާގައި ހުރި ގެއާއި، އަދި އެމަރްޙޫމާގެ ގަހަނާތަކާއި ގުޅޭ ގޮތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ނިންމާފައިވާކަން އެނގެއެވެ. މިކަމުގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ގޮތް މި މަރުޙަލާގައި މި ނުކުތާގެ މައްޗަށް އިސްތިއުނާފުކޮށްފައެއްނުވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މަރްޙޫމާގެ ނަމުގައި ހުރި އެކައުންޓަކުގައި ހުރި ފައިސާ ޝަރީޢަތް މެދުވެރިކޮށް ހަމަޖެއްސުމަށް އެދިފައިވެއެވެ. އެހެނަސް، މި ނުކުތާއާ ގުޅޭ ގޮތުން މި މައްސަލައިގައި ގޮތެއް ނިންމާފައެއްނުވެއެވެ. މައްސަލައިގެ ނިންމުމަށް ފަނޑިޔާރު ވާސިލުވި ސަބަބުތައް ބަޔާންކުރުމުގައި، މައްސަލައިގައި ހިމެނޭ ދައުވާގެ ކޮންމެ ބަޔަކާމެދު ގޮތެއް ނިންމަންވާނެއެވެ. އެ ނުކުތާއާއި ގުޅިގެން ހުރި ހެކިތަކާއި، އެ ހެކިތައް ވަޒަންކޮށް، ފަނޑިޔާރުގެ ނިންމުން ސާފުކޮށް އޮޅުންފިލާނެ ގޮތަށް ފަނޑިޔާރު ބަޔާންކުރަންވާނެއެވެ. މިކަން މިގޮތަށް ބަޔާންކޮށްފައި ނެތްނަމަ، އެކަމުގެ ސަބަބުން ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ޚަޞްމުންނަށް ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤަށް އަސަރުކުރާނެއެވެ. އެހެންކަމުން، ބޭންކް އޮފް މޯލްޑިވްސް އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މަރްޙޫމާގެ ނަމުގައި ހުރި އެކައުންޓަކުގައި ހުރި ފައިސާއާ މެދު ޝަރީޢަތް މެދުވެރިކޮށް ގޮތެއް ނިންމުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާތީ، މިކަމާ ގުޅޭ ގޮތުން ނިންމިގޮތެއް ފަނޑިޔާރު ބަޔާންކުރަންވާނެ ކަމުގައި ދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
[61]ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، މިމައްސަލައިގައި ކަނޑައެޅުނު ތަރަހައިގެ ތެރެއިން މައްސަލައިގެ ވާގިއާ ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
[62]ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު
[63]ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
[64]މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
[65]ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 170/HMC/2018 ޤަޟިއްޔާގެ ޙުކުމް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް، މި މައްސަލައިގައި ކަނޑައެޅުނު ތަރަހައިގެ ތެރެއިން މައްސަލަ އަލުން ބެލުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙްވީލުކޮށް، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
މުޙައްމަދު ނިޔާޒް
ޙަސަން ޝަފީޢު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ
- International Covenant on Civil and Political Rights ގެ 14 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (b)
- ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 (ބަޔާން މަޙްޟަރުކުރުމާއި ސޮއިކުރުމާބެހޭ މާއްދާ) (މަދަނީ އިޖުރާއަތުގެ ޤާނޫނުން ބާޠިލުވެފައި)
- ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) - ނިޔާވި މީހާގެ ބިން ވާރިޘުންގެ މެދުގައި ބައިކުރުމާބެހޭ މާއްދާ
- އެއްމެދު ޢިމާރާތާބެހޭ ޤަވާޢިދު (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް)
- ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދު (ސުޕްރީމް ކޯޓު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) - މައްސަލަ ތަޙްވީލުކުރުމާބެހޭ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/09 (ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/61 (ޢަލީ މުރުތަޟާ ވ. ރައުފިއްޔާ ޙަސަން)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/15 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ ސަރކިއުލަރ 2015/02/SC އާއި ޕްރެކްޓިސް ޑައިރެކްޝަން 01/2022-SCPD (ތަރިކައިގެ މައްސަލަތައް ސިވިލް ކޯޓުގައި ބެލުން)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.