ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/26

މުޙައްމަދު އަސްލަމް ވ. ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ދައުލަތް)

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 4 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 4 ނޮވެމްބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 1217/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 1217/Cv-C/2019
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ކަނޑައެޅީ، އުފަން ތާރީޚަކީ 27 އޮގަސްޓު 1943 ކަން އެނގޭނެ ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި، ކޮއްކޮގެ އައިޑީ ކާޑުގައިވާ އުފަން ތާރީޚަކީ ޝަރީޢަތުން ޞައްޙަކަމަށް ސާބިތުކޮށްފައިވާ ތާރީޚެއް ނޫންކަމުން އެއާ އަޅައިބަލައިގެން އައިޑީ ކާޑުގައިވާ ތާރީޚު ޞައްޙަ ނޫންކަމަށް ނުބެލޭނެކަމަށެވެ. ކޮއްކޮބޭބެކަން ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގައި، އުފަން ތާރީޚު ބަދަލުކޮށްދެވޭނެ ހަމައެއް ނެތްކަމަށް ޙުކުމްކުރިއެވެ.
ވާޤިޢާ
މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި އުފަން ތާރީޚަކަށް އޮތީ 26 އޮގަސްޓު 1956 އެވެ. އެއީ ޞައްޙަ ތާރީޚެއް ނޫންކަމަށާއި ޞައްޙަ ތާރީޚަކީ 27 އޮގަސްޓު 1943 ކަމަށް ކަނޑައަޅައިދިނުމަށް އޭނާ ކުރިން ކުރި ދަޢުވާ ސިވިލް ކޯޓުގެ 1221/Cv-C/2016 ޤަޟިއްޔާއިން ސާބިތުނުވާކަމަށް ނިންމައި، ހައިކޯޓުގެ 2017/HC-A/208 ޤަޟިއްޔާއިން އެ ނިންމުން ދެމެހެއްޓިއެވެ. އެ ޙުކުމުގައި، އޭނާގެ ކޮއްކޮ އޭނާއަށްވުރެ ދޮށިވާކަމަށް ބުނާ ނުކުތާ އެކަށީގެންވާ ހެކިތަކާއެކު ދަށު ކޯޓަށް އަލުން ހުށަހެޅިދާނެކަމަށް ކަނޑައެޅުމުން، ހަމަ އެ ދަޢުވާ ސިވިލް ކޯޓަށް އަލުން ހުށަހެޅިއެވެ. އެ ދަޢުވާގައި އިތުރަށް ހުށަހެޅި ހަމައެކަނި ލިޔުމަކީ ކޮއްކޮގެ އައިޑީ ކާޑުގެ ނަކަލެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އައިޑީ ކާޑުގައިވާ އުފަން ތާރީޚު ބަދަލުކޮށްދިނުމަށް ކުރިން ކުރި ދަޢުވާއެއް ސިވިލް ކޯޓުން ނިންމައި، ހައިކޯޓުން އެ ނިންމުން ދެމެހެއްޓުމަށްފަހު، ކޮއްކޮ ދޮށިވާކަމުގެ ނުކުތާ ހެއްކާއެކު އަލުން ހުށަހެޅުމަށް ދިން ހުއްދައިގެ ދަށުން ހުށަހެޅި ދަޢުވާގައި، ކުރިން ނިންމާފައިވާ ލިޔެކިޔުން އަލުން ވަޒަންކުރަންޖެހޭތޯ، ކޮއްކޮބޭބެކަމާ އުފަން ތާރީޚު ފުށުއެރުމުން އުފަން ތާރީޚު ރަނގަޅު ނޫންކަން ސާބިތުވޭތޯ، އަދި ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ނިންމުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު އަސްލަމް ބުނީ، ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓާއި ބޯޓުފަހަރުގެ ވަޒީފާއަށް ދިއުމުގެ ހުއްދައަށާއި ކޮއްކޮގެ އައިޑީ ކާޑަށް ސިވިލް ކޯޓުން ފުރިހަމައަށް ރިޢާޔަތްކޮށްފައި ނުވާކަމަށާއި، ސުޕްރީމް ކޯޓުގެ 2016/03 ނަންބަރު އާންމު ސިޓީއާއި ހެއްކާބެހޭ ޤާނޫނާ ޚިލާފަށް ހެކިންގެ ހެކިބަސް ނުނަގައި މައްސަލަ ނިންމީ ކަމަށެވެ. ދައުލަތުން އެދުނީ ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން ކަނޑައެޅީ، އައިޑީ ކާޑުގައިވާ އުފަން ތާރީޚާ ގުޅޭ ޚުޞޫމަތަކީ ކުރިން ނިހާއީވެ ރެސް ޖުޑިކާޓާ ވެފައިވާ ކަމެއްކަމަށާއި، 2017/HC-A/208 ޤަޟިއްޔާއިން ދިން ހުއްދައަކީ މުޅިން އައު ޝަރީޢަތެއް ފެށުމުގެ ފުރުޞަތެއް ނޫން، ކޮއްކޮ ދޮށިވާކަމުގެ ހަނި ނުކުތާ ބަލައިދިނުމުގެ ހުއްދައެއްކަމަށެވެ. ކުރިން ވަޒަންކުރި ލިޔެކިޔުން އަލުން ވަޒަންކުރަން ނުޖެހޭކަމަށާއި، ކޮއްކޮބޭބެކަމާ އުފަން ތާރީޚު ފުށުއެރުމުން އެކަނި އައިޑީ ކާޑުގައިވާ ތާރީޚު ރަނގަޅު ނޫންކަމަށް ޙުއްޖަތް ޤާއިމުނުވާކަމަށާއި، ހެކިބަސް ނުނަގަން ނިންމީ އެކަށީގެންވާ ސަބަބަކަށްޓަކައި ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ޙުކުމް ދެމެހެއްޓިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ސިވިލް ކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އައިޑީ ކާޑުގައިވާ އުފަން ތާރީޚަކީ ޞައްޙަ ނޫން ތާރީޚެއްކަމަށާއި ޞައްޙަ ތާރީޚަކީ ވަކި ތާރީޚެއްކަމަށް ކަނޑައަޅައިދިނުމަށް ކުރި ދަޢުވާ ސިވިލް ކޯޓުން ބައްލަވައި ނިޔާކުރައްވާފައިވާއިރު، އެ ނިޔާ އިސްތިއުނާފުކުރުމުން ހައިކޯޓުން ދެމެހެއްޓުމާއެކު، އެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވުމާއެކު ނުވަތަ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމާއެކު، ހަމަ އެ ތާރީޚާ ގުޅޭގޮތުން އުފައްދާ ޚުޞޫމަތާމެދު ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނުވަތަ ރެސް ޖުޑިކާޓާ ވެފައިވާ ނިޔާއެއް އަދުލުއިންސާފުގެ ނިޒާމުގެ ތެރެއިން ކުރިން ކުރެވި ނިމިފައިވެއެވެ؛ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއްގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އިސްތިއުނާފު މަރުޙަލާގެ ބޭރުން އެ ފަރާތްތަކުގެ މެދުގައި އެކަމާ ގުޅިގެން އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫނެވެ.

HN2 ހައިކޯޓުން ދަށު ކޯޓުގެ ޙުކުމް ދެމެހެއްޓުމާއެކު ވަކި ނުކުތާއެއް ހެއްކާއެކު ދަށުކޯޓަށް އަލުން ހުށަހަޅައިފިނަމަ ބަލައިދިނުމަށް ހުއްދަ ދީފައިވުމަކީ، ކަނޑައެޅި ނިޔާގެ ބާރު ލިބިގެންދާ ކަންކަން އަލުން ވަޒަންކޮށް، މުޅިން އައު ޝަރީޢަތެއް އަލުން ފަށައިގެން ހިންގުމަށް ހުޅުވައިދިން ފުރުޞަތެއް ނޫނެވެ؛ އެ ހުއްދައިގެ މަޤްޞަދަކީ، ކުރިން ކަނޑައެޅި ކަންކަން އެގޮތުގައި ދެމެހެއްޓުމާއެކު، ހަމައެކަނި އެ ނުކުތާ ވަކިން ބަލައި، މައްސަލައިގެ އިންޞާފަށް ކޮންމެހެން ހާޖަތްތެރި ހާލަތެއް ހެއްކާއެކު ފާހަގަކޮށްދެވޭނަމަ އެކަމުގެ މައްޗަށް ނަޒަރުކުރުމުގެ ފުރުޞަތު ދިނުމެވެ؛ މި ނޫން ގޮތަކަށް ބަލައިފިނަމަ ރެސް ޖުޑިކާޓާގެ ހަމައާއި ޝަރީޢަތުގެ ނިޒާމުގެ އާންމު އަސާސަކަށް ބުރޫއަރާނެއެވެ.

HN3 ކުރިން ނިހާއީ ނިޔާއެއްގައި ހުށަހަޅައި ގޮތް ކަނޑައަޅާފައިވާ ހަމަ އެ ލިޔެކިޔުމާއި ހަމަ އެ ނުކުތާތައް، އަލުން ހުށަހެޅުމަށް ދިން ހަނި ހުއްދައިގެ ދަށުން ހުށަހެޅި ދަޢުވާއެއްގައި ތަކުރާރުކުރުމުން، އެ ކަންކަމުގެ މައްޗަށް އިސްތިއުނާފީ ކޯޓުން އަލުން އައު ރިޢާޔަތެއް ކުރަންޖެހޭ ޤާނޫނީ ހަމައެއް ނެތެވެ.

HN4 ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނާނަމަ، ރިޢާޔަތްކޮށްފައި ނުވަނީ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކަކަށްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތުގެ ޒިންމާއެކެވެ؛ ފަނޑިޔާރު ހެއްކަށް ރިޢާޔަތްކޮށް، ރިޢާޔަތްކުރި ގޮތް ބަޔާންކޮށްފައިވާއިރު، އެ ރިޢާޔަތްކުރުން ޚިލާފުވަނީ ޤާނޫނީ ކޮން އުޞޫލަކާކަން ސާފުކޮށް ބަޔާންކޮށްދެވިފައި ނުވާނަމަ، ހެއްކަށް ރިޢާޔަތް ނުކުރިކަމުގެ ނުކުތާ ޤާއިމެއް ނުވާނެއެވެ.

HN5 ކޮއްކޮބޭބެކަމާމެދު ސުވާލު ނުއުފެދޭ ޙާލަތުގައި، އެ ހަޤީޤަތާ ފުށުއަރާގޮތަށް އައިޑީ ކާޑުގައިވާ އުފަން ތާރީޚު އޮތުމުން ސުވާލު އުފެދެނީ ދެ މީހުންގެވެސް އައިޑީ ކާޑުގައިވާ އުފަން ތާރީޚާމެދުގައެވެ؛ ހަމައެކަނި އެ ފުށުއެރުމަކީ، އެއިން އެކެއްގެ އުފަން ތާރީޚަކީ ޞައްޙަ ނޫން ތާރީޚެއްކަމަށް ނުވަތަ ޞައްޙަ ތާރީޚަކީ ވަކި ތާރީޚެއްކަން ކަނޑައެޅުމަށް ޙުއްޖަތް ޤާއިމުވާ ފުށުއެރުމެއް ނޫނެވެ؛ އެފަދަ ޙުއްޖަތެއް ޤާއިމުކުރުމުގެ ދޮރު ހުޅުވޭނީ، ފުށުއެރުން އުފެދެނީ ސީދާ އެ ވަކި މީހާގެ އުފަން ތާރީޚުގައިވާ މައްސަލައަކުންކަމާއި، އަނެކާގެ އުފަން ތާރީޚަކީ ކަނޑައެޅިގެން ޞައްޙަ ތާރީޚެއްކަން ދަލީލުކުރާ ހެކިތަކެއްގެ މަތިންނެވެ.

HN6 ޝަރީޢަތަށް ހުށަހަޅާ ހެކިންގެ ހެކިބަސް ނަގާނީތޯއާމެދު ގޮތް ކަނޑައެޅުމަކީ ޝަރީޢަތަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެކެވެ؛ ހެކިބަހެއް ނުނަގަން ނިންމުމަކީ ހަމައެކަނި އެކަމަށް ބަލައި ޚަޞްމެއްގެ ޙައްޤެއް ގެއްލިއްޖެކަމަށް ބެލެވޭނެ ކަމެއް ނޫނެވެ؛ ބަލަންޖެހެނީ އެފަދައިން ނިންމި ސަބަބު ބަޔާންވެގެންވޭތޯއާއި، އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯއެވެ.

HN7 ހެކިން ހުށަހަޅާފައިވަނީ ކޮއްކޮބޭބެކަން ސާބިތުކުރުމަށްކަމަށްވެފައި، ކޮއްކޮބޭބެކަމާ އުފަން ތާރީޚު ފުށުއަރާކަން ސާބިތުވުމަކުން އައިޑީ ކާޑުގައިވާ އުފަން ތާރީޚާ ގުޅޭ ދަޢުވާ ސާބިތުވުމަށް ކާފީ ހެކި ޤާއިމުވާނެ ޤާނޫނީ ހަމައެއް ނެތްހިނދު، ހެކިން ޙާޟިރުކޮށް ހެކިބަސް ނެގި ކަމުގައިވިޔަސް މައްސަލައިގެ ނަތީޖާއަށް ބަދަލު ނާންނާނެކަމަށް ބަޔާންކޮށް ހެކިބަސް ނުނަގަން ނިންމުމަކީ އެކަށީގެންވާ ސަބަބެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު ފައިސަލް
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙައްމާދު ވާފިރު، ފާޠިމަތު ސިމާނާ ޢަބްދުﷲ، މުޙައްމަދު ޒަޔާން ޢަބްދުﷲ، އެޓަރނީ ޖެނެރަލްގެ އޮފީސް
ބެންޗު
ޢަބްދުލްމާނިޢު ޙުސައިން (ރިޔާސަތު)، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރިޔާސަތު
ޢަބްދުލްމާނިޢު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުލްމާނިޢު ޙުސައިން · ތާއީދުކުރެއްވީ: މުޙައްމަދު ޝަނީޒް ޢަބްދުﷲ
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ފާޠިމަތު ފަރްހީޒާ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭ ހައިކޯޓު

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނު ގޮތް

ގަޒިއްޔާ ނަންބަރު:

2021/HC-A/26

އިސްތިއުނާފު ކުރި ފަރާތް:

މުޙައްމަދު އަސްލަމް

އިސްތިއުނާފު ރައްދުވި ފަރާތް:

ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ދައުލަތް)

މައްސަލައިގެ ބާވަތް:

ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ (އުފަން ތާރީޚް ބަދަލުކުރުމަށް އެދުން)

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ނިމުނު ތާރީޚް:

24 ޖުމާދަލްއޫލާ 1448

04 ނޮވެންބަރު 2026

ހައިކޯޓުގައި ގަޒިއްޔާ ރަޖިސްޓްރީ ކުރި ތާރީހު:

18 ޖުމާދަލްއާޙިރާ 1442

31 ޖަނަވަރީ 2021

އިސްތިއުނާފު ކުރި ނިންމުން:

ނަންބަރު:

1217/Cv-C/2019

ނިންމި ތަން:

ސިވިލް ކޯޓު

ބާވަތް:

ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ

ހުށަހެޅުނު ތާރީހު:

18 މާރިޗު 2019

ނިމުނު ތާރީހު:

18 ނޮވެންބަރު 2020

އިސްތިއުނާފުކުރި ފަރާތް

މުޙައްމަދު އަސްލަމް

އައިޑީ ކާޑު ނަންބަރު […]

ޤާނޫނީ ވަކީލު: އޒ. މުޙައްމަދު ފައިޞަލް

އިސްތިއުނާފު ރައްދުވި ފަރާތް

ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ދައުލަތް)

ޤާނޫނީ ވަކީލު:

ސްޓޭޓް އެޓަރނީ އޒ. ޙައްމާދު ވާފިރު

ސްޓޭޓް އެޓަރނީ އޒއ. ފާޠިމަތު ސިމާނާ ޢަބްދުﷲ

ސީނިއަރ ސްޓޭޓް އެޓަރނީ އޒ. މުޙައްމަދު ޒަޔާން ޢަބްދުﷲ

* މަދަނީ - ދައުލަތުގެ އިދާރާއެއް ހިމެނޭ އިދާރީ ޠަބީޢަތުގެ ދަޢުވާ - އުފަން ތާރީޚު ބަދަލުކުރުން - ކޮއްކޮބޭބެކަމުގެ ހަގީގަތާ އުފަން އުމުރު ފުށުއެރުން - ހެކިބަސް ނުނަގަން ނިންމުން - ރެސް ޖުޑިކާޓާ - ސުޕްރީމް ކޯޓުގެ ނަންބަރު: ‎2016/03‎ އާންމު ސިޓީ - ގާނޫނު ނަންބަރު: ‎24/76‎ (ހެއްކާބެހޭ ގާނޫނު) (މީގެ ފަހުން "ހެއްކާ ބެހޭ ގާނޫނު") ގެ 2 އަދި 5 ވަނަ މާއްދާ - ގާނޫނު ނަންބަރު ‎7/92‎ (އުފަން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާ ބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާ - ގާނޫނު ނަންބަރު: ‎13/2010‎ (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) (މީގެ ފަހުން "ފަނޑިޔާރުންގެ ގާނޫނު") ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރު

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

ތައާރަފު

1މިއީ، ސިވިލް ކޯޓުގެ ނަންބަރު ‎1217/Cv-C/2019‎ ގަޒިއްޔާ (މީގެ ފަހުން "އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ") އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު ‎2021/HC-A/26‎ ގަޒިއްޔާއިން ބެލި އިސްތިއުނާފު (މީގެ ފަހުން "އިސްތިއުނާފު") ނިންމި ގޮތުގެ ރިޕޯޓެވެ.

2މި އިސްތިއުނާފު ހުށަހަޅާފައި ވަނީ މުޙައްމަދު އަސްލަމް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "މުޙައްމަދު އަސްލަމް") އެވެ. އިސްތިއުނާފު ރައްދުވަނީ ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ދައުލަތް) (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް") އަށެވެ.

އިސްތިއުނާފުކުރި ގަޒިއްޔާ

3އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއަކީ، މުޙައްމަދު އަސްލަމްއަށް ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހަދައިދީފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ނަންބަރު ކާޑު (މީގެ ފަހުން "އައިޑީ ކާޑު") ގައި މުޙައްމަދު އަސްލަމްގެ އުފަން ތާރީހު ކަމުގައި ލިޔެފައިވާ 26 އޮގަސްޓު 1956 މި ތާރީޚަކީ ރަނގަޅު ތާރީހެއް ނޫން ކަމަށާއި، މުޙައްމަދު އަސްލަމްގެ ސައްހަ އުފަން ތާރީހަކީ 27 އޮގަސްޓު 1943 ކަމުގައި ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކުރުމުން ބެލި ގަޒިއްޔާއެކެވެ.

4މި ގަޒިއްޔާގައި ހުކުމްކުރައްވާފައި ވަނީ އަންނަނިވި ފަދައިންނެވެ.

""ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު އަސްލަމްއަށް ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން ހަދައިދީފައިވާ ނަންބަރު އައިޑީކާޑުގައި ލިޔެފައިވާ އުފަންތާރީޚު ކަމުގައިވާ 26 އޯގަސްޓް 1956 މިތާރީޚުއަކީ މުޙައްމަދު އަސްލަމްގެ ޞައްޙަ އުފަންތާރީޚު ނޫންކަން، ޝަރީޢަތަށް ސާބިތުކުރެވޭފަދަ ހެކި މުޙައްމަދު އަސްލަމްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާތީ، މުޙައްމަދު އަސްލަމްގެ އުފަންތާރީޚުގެ ގޮތުގައި، ޑިޕާރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން ހަދައިދީފައިވާ ނަންބަރު އައިޑީކާޑުގައި ލިޔެފައިވާ 26 އޯގަސްޓް 1956 މިތާރީޚަކީ މުޙައްމަދު އަސްލަމްގެ ޞައްޙަ އުފަންތާރީޚް ނޫންކަމުގައި ކަނޑައަޅައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފީމެވެ."

5އިސްތިއުނާފުކޮށްފައި ވަނީ މިގޮތުގެ މަތިން ކުރެއްވި ނިޔާއެވެ.

އިސްތިއުނާފު

6އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ ހަތަރު ނުކުތާއެވެ.

6.1. ފުރަތަމަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ގާނޫނު ނަންބަރު: ‎13/2010‎ (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) (މީގެ ފަހުން "ފަނޑިޔާރުންގެ ޤާނޫނު") ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ކަންކަމަށް އެންމެ ފުރިހަމަ ގޮތުގައި ރިއާޔަތް ނުކޮށް ކަމަށެވެ.

6.2. ދެ ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު: ‎2016/03‎ އާންމު ސިޓީ (މީގެ ފަހުން "ނަންބަރު ‎2016/03‎ އާންމުސިޓީ") ގެ 2 ވަނަ ނަންބަރާއި އަދި 4 ވަނަ ނަންބަރާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.

6.3. ތިން ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ގާނޫނު ނަންބަރު: ‎24/76‎ (ހެއްކާބެހޭ ގާނޫނު) (މީގެ ފަހުން "ހެއްކާ ބެހޭ ޤާނޫނު") ގެ 2 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.

6.4. ހަތަރު ވަނަ ނުކުތާގައި ފާހަގަކޮށްފައި ވަނީ، ރާއްޖޭގެ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފުވެފައިވާ ކަމަށެވެ.

7މި އިސްތިއުނާފު ނިންމައިދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެދިފައި ވަނީ، އިސްތިއުނާފުކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި ޖަހާފައިވާ އުފަން ތާރީހު އިސްލާހުކޮށް، މުޙައްމަދު އަސްލަމްގެ އުފަން ތާރީހަކީ 27 އޮގަސްޓް 1943 ކަމަށް ކަނޑައަޅައިދިނުމަށެވެ.

8އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައި ވަނީ، ދަށުކޯޓުގެ ހުކުމް ދަމަހައްޓައިދިނުމަށެވެ.

ސަރިޔަތަށް ފާހަގަވާ ނުކުތާތައް

9ހުށަހަޅާފައިވާ އިސްތިއުނާފުގައި ފާހަގަކުޅަ ނުކުތާތަކާއި އިސްތިއުނާފީ މުޅި ބަހުސަށް ބަލާއިރު ސަރިޔަތުގެ ކުރިމަތީގައިވާ ސުވާލުތަކަކީ، (ހ) ދަށުކޯޓަށް ހުށަހެޅި ލިޔެކިއުމަށް ސަރިޔަތުން ރިއާޔަތްކުރެއްވީ ރަނގަޅަށްތޯ އާއި، (ށ) ދަށުކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަސް ނެންގެވުމެއް ނެތި މައްސަލަ ނިންމެވުމުގައި ސަރިޔަތުން ރިއާޔަތްކުރެއްވި ގޮތް ރަނގަޅުތޯ، މިއެވެ.

10މި ސުވާލުތަކަށް ނަޒަރުކުރުމުގެ ކުރިން ދެނެގަންނާން ޖެހޭ މުހިއްމު އެހެން ކަމެއް އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ބ) އިން ފާހަގަވެއެވެ. އެއީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއަކީ މި ކޯޓުގެ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގެ ކަނޑައެޅުއްވުމެއްގެ މައްޗަށް ހިންގާފައިވާ ގަޒިއްޔާއެއް ކަމެވެ. ހަވާލާދެވުނު މި ކޯޓުގެ ގަޒިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މި ކޯޓުން ނިޔާކުރައްވާފައިވާ ގަޒިއްޔާއެކެވެ. ފާހަގަވާކަމަކީ، ހަވާލާދެވުނު ސިވިލް ކޯޓުގެ ގަޒިއްޔާގައި ވެސް އަދި އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ވެސް މުޙައްމަދު އަސްލަމް ކުރާ ދައުވާއަކީ، އެއްވެސް ތަފާތެއް އަދި ފަރަގެއް ނެތް ގޮތުން ކަނޑައެޅިގެން އެއް ދައުވާއެއް ކަމެވެ. ވީމާ އިސްތިއުނާފީ ސުވާލުތަކަށް ނަޒަރުކުޅައުމުގެ ކުރީން، ހަވާލާ ދެވޭ، މި ކޯޓުގެ ގަޒިއްޔާ އާއި ސިވިލް ކޯޓުގެ ގަޒިއްޔާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް އިސްކޮށް ނަޒަރުކުޅައުން ހުއްޓެވެ.

ސިވިލް ކޯޓުގެ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާ

11ސިވިލް ކޯޓުގެ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްވެ ފާހަގަކުޅަ ފަދައިން މި ގަޒިއްޔާގައި ވެސް މުޙައްމަދު އަސްލަމް ދައުވާކުޅައީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއެކޭ އެއްފަދައިން، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހަކީ ސައްހަ ނޫން ތާރީހެއް ކަމަށް ކަނޑައަޅައި، ސައްހަ ތާރީހަކީ 27 އޯގަސްޓް 1943 ކަމުގައި ކަނޑައެޅުމަށެވެ.

12މި ދައުވާގައި މުޙައްމަދު އަސްލަމް ރިއާޔަތްކުޅައުމަށް ހުށަހެޅި މައިގަނޑު ލިޔެކިއުމަކީ، މުޙައްމަދު އަސްލަމްގެ ދަރި އަޙްމަދު ފަޔާޟްގެ "އުފަންދުވަހުގެ ސެޓްފިކެޓް" އާއި، މުޙައްމަދު އަސްލަމަށް ދޫކޮށްފައިވާ، "ރާއްޖޭން ބޭރުގައި ދުއްވާ ބޯޓުފަހަރުގެ ވަޒީފާއަށް ދިއުމުގެ ހުއްދަ"އިގެ ނަކަލެވެ.

13ދައުލަތުން ރިއާޔަތްކުޅައުމަށް އެދުނު ލިޔެކިއުމުގެ ތެރޭގައި، 22 އެޕްރީލް 2006 ގައި ގެއަށް ހަދައިދީފައިވާ "މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ"ގެ ނަކަލާއި، 03 ސެޕްޓެމްބަރ 1980 ގައި ގެއަށް ހަދައިދީފައިވާ "މާލޭ ގޭގޭގެ މީހުންގެ ރަޖިސްޓްރީ"ގެ ނަކަލާއި، 30 ޖުލައި 2006 އާއި 10 ޑިސެމްބަރ 2007 އަދި 10 ނޮވެމްބަރ 2013 މި ތިން ތާރީހުގައި މުޙައްމަދު އަސްލަމް ހުށަހަޅާފައިވާ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭ ފޯމް"ގެ ނަކަލު ހިމެނެއެވެ.

14މި ގަޒިއްޔާގައި ހުކުމްކުރައްވާފައި ވަނީ، މުހައްމަދު އަސްލަމްގެ އައިޑީ ކާޑުގައި އުފަން އަހަރު ކަމުގައި ލިޔެފައިވާ 1956 ވަނަ އަހަރަކީ މުހައްމަދު އަސްލަމްގެ ސައްހަ އުފަން އަހަރު ނޫންކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތު ނުވާ ކަމަށެވެ. މި ގޮތުގެ މަތިން ކަނޑައެޅުއްވުމުގައި އިސްގާޒީ ޢަބްދުﷲ ޢަލީ ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ހުލާސާ ތިރީގައި މި ބަޔާންކުރަނީއެވެ.

14.1. މުޙައްމަދު އަސްލަމްގެ އުފަން ތާރީހަކީ 26 އޯގަސްޓް 1956 ކަމުގައި އައިޑީ ކާޑުގައި އޮންނަ ކަމަށެވެ.

14.2. މުޙައްމަދު އަސްލަމްގެ އުފަން އަހަރަކީ 1956 މި އަހަރުކަމުގައި، ދައުލަތުން ހުށަހެޅި ރަށްވެހިންގެ ރަޖިސްޓަރީ އާއި، މާލޭގެ ގޭގޭގެ މީހުންގެ ރަޖިސްޓަރީ އާއި އައިޑީ ކާޑު ހައްދަން އެދި ހުށަހެޅި ފޯމުތަކުގައި ބަޔާންކޮށްފައިވާކަން އެނގޭ ކަމަށެވެ.

14.3. މުޙައްމަދު އަސްލަމް ހުށަހެޅި، އުފަންދުވަހުގެ ސެޓިފިކެޓްގައި މުޙައްމަދު އަސްލަމްގެ އުފަން ތާރީހުކަމުގައި 27 އޯގަސްޓް 1943 ކަމަށް ލިޔެފައިވާ ތާރީހާއި، 17 މާރިޗު 1984 ގައި ހައްދާފައިވާ ރާއްޖޭން ބޭރުގައި ދުއްވާ ބޯޓުފަހަރުގެ ވަޒީފާއަށް ދިއުމުގެ ހުއްދާގައި މުޙައްމަދު އަސްލަމްގެ އުމުރަކީ 40 އަހަރު ކަމުގައި ލިޔެފައިވާ އުމުރާ ދިމާވާ މީލާދީ އަހަރުކަމުގައިވާ 1944 މި އަހަރާ ދިމާނުވާ ކަމަށެވެ.

14.4. ގާނޫނު ނަންބަރު ‎7/92‎ (އުފަން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާ ބެހޭ ގާނޫނު) ގެ 12 ވަނަ މާއްދާގައި، "އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްފަހު އެ ސެޓްފިކެޓްގައިވާ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއް ކަމުގައި ވެގެން އެ ތާރީޚް ރަނގަޅު ކުރަންވެއްޖެނަމަ އެ ތާރީޚު ބަދަލުކުރެވޭނީ އެ ސެޓްފިކެޓްގައިވާ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމާއި އަލުން ހުށަހަޅާ ތާރީޚަކީ ރަނގަޅު ތާރީޚު ކަމަށް ޝަރީޢަތަށް ސާބިތުކޮށްދީ އެކަމުގެ ޝަރުޢީ ލިއުމެއް ހޯދައި އެ ލިޔުމާއި އެކު ހުށަހެޅުމުން" ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

14.5. ހެއްކާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގައި، ޝަރުއީ ނުވަތަ ގާނޫނީ ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެއްކެއްކަމުގައި ބެލެވޭނީ ހަމަ އެލިޔުމެއް ކަމުގައި ބަޔާންކުރާ ކަމަށާއި، އުފަން ތާރީހު ކަނޑައެޅުމުގައި އަސްލަކަށް ބެލެވޭނެ ލިޔުންތަކަކީ ފޫޅުމާ ފޯމާއި ވިހާ މަރުވާ އާއި، އުފަންދުވަހުގެ ރަޖިސްޓަރީ އާއި، އުފަންދުވަހުގެ ސެޓްފިކެޓާއި، ރަށްވެހިންގެ ރަޖިސްޓަރީ އާއި، ގޭ މީހުންގެ ރަޖިސްޓަރީ ފަދަ ލިޔުންތަކާއި އެއާ އެއްފަދަ ސަރިޔަތުން އެ މައްޗަށް ބުރަވެ ވަރިކައިވެނި ފަދަ ތަސައްރަފު އެ މައްޗަށް ސައްހަކޮށް ބަލާފައިވާ އެ ފަދަ ލިޔުންތައް ކަމަށެވެ.

14.6. އުފަން ތާރީހު ސާބިތުކުރުމުގައި ޝަފަހީ ހެކިބަހުގެ މައްޗަށް ބުރަވެވޭނީ އުފަން ތާރީހު ސާބިތުކުރުމަށް އެ މައްޗަށް ސަރިޔަތުން ބުރަވެވޭފަދަ ރަސްމީ ލިޔުމެއް ނެތް ހާލަތުގައި ކަމަށާއި، މުޙައްމަދު އަސްލަމްގެ އުފަން ތާރީހު ސާބިތުކުރުމަށް ސަރިޔަތުން އެ މައްޗަށް ބުރަވެވޭ ކިތާބީ ހެކި ހުރި ކަމަށެވެ.

14.7. މުޙައްމަދު އަސްލަމް އުފަންވިއިރު ތަސައްރަފު ފުދިފައިވާ ބަޔަކަށް ނުވާ، މުހައްމަދު އަސްލަމާ އެއްފުރާވަރު މީހުންނަކީ، މުޙައްމަދު އަސްލަމްގެ އުފަން ތާރީހު ރަސްމީކޮށް ލިޔެފައިވާ ލިޔުންތައް އެ މައްޗަށް ހުއްޓައި، އެ ލިޔުންތަކުގައިވާ އުފަން ތާރީހު ނަފީކޮށް ތައުނުކުރުމަށް ހެކިންގެ ގޮތުގައި ބަލައިގަނެވޭނެ ހެކިން ކަމުގައި ބެލެވެން ނެތް ކަމަށެވެ.

14.8. މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން އަހަރު ނަފީކޮށް ތައުނުކުރާފަދަ ލިޔުމެއް ނެތުމުން، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން އަހަރަކީ މުޙައްމަދު އަސްލަމްގެ އުފަން އަހަރު ނޫން ކަމުގައި ބަލާނެ ތަނެއް ނެތް ކަމަށެވެ.

ހައިކޯޓުގެ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާ

15ސިވިލް ކޯޓުގެ ހަވާލާވެދުނު ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާ މުޙައްމަދު އަސްލަމް އިސްތިއުނާފަށް ހުށަހެޅުމުން މި ކޯޓުން ބެލި ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގައި ފަނޑިޔާރުން ފާހަގަކުރެއްވި މުހިއްމު ނުކުތާތަކުގެ ހުލާސާ މި ބަޔާންކުރަނީއެވެ.

15.1. މުޙައްމަދު އަސްލަމް ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، މުޙައްމަދު އަސްލަމްގެ އުފަންދުވަސް އަންގައިދޭ ރަސްމީ ލިޔުމެއް އޮތް ކަމަށާއި، އެއީ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑު ކަމަށާއި، މި އައިޑީ ކާޑުގައި މުޙައްމަދު އަސްލަމްގެ އުފަން އަހަރަކީ 1956 ކަމުގައި ލިޔެފައި ވަނީ، މި އައިޑީ ކާޑު ހެއްދުމަށް އެދި ހުށަހެޅި ފޯމަށާއި، ގެއަށް ހައްދާދީފައިވާ ރަށްވެހިންގެ ރަޖިސްޓަރީއަށް ބަލައިގެންކަން އެނގޭ ކަމަށާއި، މި ގޮތުގެމަތިން ހުށަހެޅި ފޯމުގައިވާ އެންމެހައި މައުލޫމާތަކީ ތެދު ކަމަށް މުޙައްމަދު އަސްލަމް އިގުރާރުވެފައިވާ ކަމަށާއި، އަދި ގެއަށް ހައްދާދީފައިވާ މާލޭ ރަށްވެހިންގެ ރަޖިސްޓަރީތަކުގައި ވެސް މުޙައްމަދު އަސްލަމްގެ އުފަން އަހަރަކީ 1956 ކަމަށް ބަޔާންވެގެންވާ ކަމަށާއި، މި ރަޖިސްޓަރީތަކުގައި އެއްވެސް ކުށެއް ވާނަމަ ތިން ދުވަހުގެ ތެރޭގައި އެކަން މާލޭ މުނިސިޕަލްޓީއަށް އަންގަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެފަދަ ޝަކުވާއެއް މުޙައްމަދު އަސްލަމް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

15.2. މުހައްމަދު އަސްލަމްގެ އުފަން ތާރީހު އަންގައިދޭ އެންމެ ސައްހަކަން ބޮޑު ލިޔުމަކީ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑު ކަމާއި، މި އައިޑީ ކާޑު ހައްދާދީފައި ވަނީ ގެއަށް ހައްދާދީފައިވާ ރަށްވެހިންގެ ރަޖިސްޓަރީ އާއި އައިޑީ ކާޑު ހެއްދުމަށް އެދި ހުށަހެޅި ފޯމުގައިވާ މައުލޫމާތަށް ބަލައިގެން ކަމަށްވެފައި، އެ ހުރިހާ މައުލޫމާތަކީ ތެދު ހަގީގަތްކަމަށް މުޙައްމަދު އަސްލަމް ވަނީ ކަމާބެހޭ ރަސްމީ އިދާރާގައި އިގުރާރުވެފައި ކަމަށާއި، މުޙައްމަދު އަސްލަމް އަމިއްލައަށް އިޤުރާރުވެފައިވާ ކަމަކާ ދެކޮޅު އަދި މުޙައްމަދު އަސްލަމްގެ އުފަން ތާރީހު އަންގައިދޭ ލިޔުންތަކުގެ ތެރެއިން ފެންނަން އޮތް އެންމެ ސައްހަކަން ބޮޑު ލިޔުމާ ދެކޮޅު އެ ކަންކަން ނަފީކުރާފަދަ ހަރުދަނާ ހެކިތަކެއް ސަރިޔަތަށް ހުށަހެޅުމަކީ މުޙައްމަދު އަސްލަމް އުފުލަންޖެހޭ ބުރައެއްކަން އެނގެން އޮތްއިރު، މުޙައްމަދު އަސްލަމް ހުށަހެޅި ލިޔުންތަކަށް ބެލުމުން މުޙައްމަދު އަސްލަމްގެ އުފަން ތާރީހުކަމަށް މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ކަމުގައިވާ 1956 މި އަހަރު ނަފީކޮށް ތައުނުކުރެވޭފަދަ ލިޔުމެއް ފެންނަން ނެތް ކަމަށެވެ.

15.3. އިސްތިއުނާފު އަޑުއެހުންތައް ނިމި ހުކުމްކުރުމަށް ބޭއްވި އަޑުއެހުމުގައި، މި މައްސަލައާ ގުޅިގެން އައު ކަމެއް އެނގިފައިވާ ކަމަށާއި، މިގޮތުން މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި އުފަން އަހަރު މިހާރު އޮތް ގޮތުން މުޙައްމަދު އަސްލަމްގެ ކޮއްކޮ މުޙައްމަދު އަސްލަމްއަށް ވުރެ ދޮށިވާކަމަށް ބުނެ ލިޔުންތަކެއް ހުށަހެޅުމަށް އެދިފައިވާ ކަމަށާއި، އެހެން ނަމަވެސް މުޙައްމަދު އަސްލަމް ފާހަގަކުރި އެ ކަމަކީ މީގެ ކުރިން ދަށުކޯޓުގައި ވެސް އަދި މި ކޯޓުގައި ވެސް ފާހަގަކުރި ކަމަކަށް ނުވެފައި، މި ކޯޓުން މައްސަލަ ބަލާފައި ވަނީ ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާއި ގަރީނާތައް އަސާސްކަމުގައި ބަލައިގެން ކަމުގައި ވާތީ އެކަން އިތުރަށް މި ކޯޓުން ބަލައި މި ހިނދުގައި ގޮތެއް ކަނޑައެޅެން ނެތްކަމަށް އެންގިފައި ވާނޭ ކަމަށާއި، އެހެންނަމަވެސް، މި މައްސަލައިގެ ބާވަތަށް ބަލާއިރު އަދި މުޙައްމަދު އަސްލަމް ފާހަގަކުރާ ކަމަކީ މުހިއްމު ކަމެއް ކަމުގައި ބެލެވޭތީ އަލަށް ފާހަގަކުރެވުނު އެ ހެއްކާއެކު މައްސަލަ އަލުން ދަށުކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް މުޙައްމަދު އަސްލަމަށް އެންގިފައިވާނެ ކަމަށެވެ.

16މި ގަޒިއްޔާގައި ހުކުމްކުރައްވާފައި ވަނީ "މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލައިގައި މުޙައްމަދު އަސްލަމްގެ ފަރާތުން ފާހަގަކޮށްފައިވާ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި އޭނާގެ އުފަން އަހަރު އޮތް ގޮތުން އޭނާއަށް ވުރެ އޭނާގެ ކޮއްކޮ ދޮށިވާކަމަށް ބުނާ ބުނުން އެކަށީގެންވާ ހެކިތަކާއި އެކު ދަށުކޯޓަށް އަލުން ހުށަހަޅައިފިނަމަ މި މައްސަލަ ބަލައިދިނުމަށް އަންގައި އެ ގޮތުގެ މަތީން" ކަމަށެވެ.

ސިވިލް ކޯޓާއި ހައިކޯޓުން ކުރައްވާފައިވާ މި ދެ ހުކުމުގެ ނަތީޖާ

17HN1ދަންނާން ޖެހޭ ކަމަކީ، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހަކީ ސައްހަ ނޫން ތާރީހެއް ކަމާއި، ސައްހަ ގޮތަކީ 27 އޯގަސްޓް 1943 ކަމުގައި ކަނޑައެޅުމަށް އެދި މުޙައްމަދު އަސްލަމް ކުޅަ ދައުވާ ސިވިލް ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާއިން ބައްލަވައި ނިޔާކުރައްވާފައި ވާތީ އާއި، އަދި އެ ގަޒިއްޔާ މި ކޯޓުގައި އިސްތިއުނާފު ކުޅައުމުން މި ކޯޓުން ބައްލަވާފައިވާ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގައި "ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި" މި ފަދައިން ހުކުމްކުރައްވާފައި ވުމާއި، އަދި މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވުމާއެކު ނުވަތަ އިސްތިއުނާފުކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވުމާއެކު، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަންތާރީހުގެ ސައްހަކަމާއި އުފަންދުވަހުގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދޭ ތާރީހާ ގުޅޭ ގޮތުން މުޙައްމަދު އަސްލަމް އުފައްދާ ހުސޫމަތާމެދު، އާންމު އުސޫލުން ބަލާއިރު ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ނުވަތަ ރެސް ޖުޑިކާޓާ ވެފައިވާ ނިޔާއެއް އަދުލުއިންސާފުގެ ނިޒާމުގެ ތެރެއިން ކުރިން އެ ވަނީ ކުރެވި ނިމިފައި ކަމެވެ.

18ސުޕްރީމް ކޯޓުގެ ނަންބަރު ‎2016/SC-A/25‎ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (ދައުލަތް) ގަޒިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދައަށް އިޝާރާތް ކުރައްވާފައި ފާހަގަކުރައްވާފައި ވަނީ ".... އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން ނުވަތަ ޓްރައިބިއުނަލަކުން ވަކި ފަރާތްތަކެއް ހިމެނޭ ވަކި ކަމެއް (ނުވަތަ ކަންތަކެއް)ގެ މައްޗަށް ނިޔާއެއް ކަނޑައަޅައިފިނަމަ، އެ ނިންމުމަކީ، އިސްތިއުނާފު މަރުޙަލާގެ ތެރެއިން އެކަމާމެދު ދަޢުވާ ކުރުމުގެ ބޭރުން، އެ ފަރާތްތަކުން އެ ނިޔާ ކަނޑައެޅި ކަމަކާ (ނުވަތަ ކަންތައްތަކާއި) ގުޅިގެން، އެ ފަރާތްތަކުގެ މެދުގައި އަލުން ދަޢުވާ ކުރެވޭނެ ކަމެއް ނޫނެވެ." މި ފަދައިންނެވެ.

19HN2ނަމަވެސް، މި ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ހަމައެއް ނެތް ކަމަށް ކަނޑައަޅުއްވައި ހުކުމްކުރެއްވި ކަމުގައި ވިޔަސް، ހަމަ އެ ހުކުމުގެ ފަހު ބައިގައި "މި މައްސަލައިގައި މުޙައްމަދު އަސްލަމްގެ ފަރާތުން ފާހަގަކޮށްފައިވާ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި އޭނާގެ އުފަން އަހަރު އޮތް ގޮތުން އޭނާއަށް ވުރެ އޭނާގެ ކޮއްކޮ ދޮށިވާކަމަށް ބުނާ ބުނުން އެކަށީގެންވާ ހެކިތަކާއި އެކު ދަށުކޯޓަށް އަލުން ހުށަހަޅައިފިނަމަ މި މައްސަލަ ބަލައިދިނުމަށް" ވެސް ކަނޑައަޅުއްވާފައި ވާތީ، އާންމު އުސޫލުން ބޭރުން ނާދިރު ހުއްދައެއް މި ގަޒިއްޔާއިން މުޙައްމަދު އަސްލަމަށް ލިބިގެން ވެސް ދިޔައެވެ. އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއަކީ މި ހުއްދައިގެ ދަށުން ހުށަހެޅުމުން ނިޔާކުރެއްވި ގަޒިއްޔާއަކީއެވެ.

20ގާނޫނީ އިންތަކުގެ މައްޗަށް ވިސްނާއިރު ސަމާލުވާން ޖެހޭ ކަމަކީ، މި ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާއިން ދިން މި ހުއްދައިގެ ނަތީޖާއަކީ، އެ ގަޒިއްޔާގެ ހުކުމް ނިހާއީވާ ހާލަތުގައި، އެ ގަޒިއްޔާއިން ކަނޑައެޅި ނިޔާގެ ބާރު ލިބިގެންދާ ކަންކަން އަލުން ވަޒަންކޮށް، މުޅިން އައު ސަރިޔަތެއް އަލުން ފަށައިގެން ހިންގުމަށް ހުޅުވައިދިން ފުރުސަތެއް ނޫން ކަމެވެ. އެ ހުއްދައިގެ މަގުސަދަކީ، މުޙައްމަދު އަސްލަމަށްވުރެ މުޙައްމަދު އަސްލަމްގެ ކޮއްކޮ ދޮށިކަމަށް ފާހަގަކޮށް ހެއްކާއެކު ދަށު ކޯޓަށް ހުށަހަޅާ ހާލަތުގައި، މުޙައްމަދު އަސްލަމް ކުރިން ކުޅަ ދައުވާއާ ގުޅިގެން މި ކޯޓުން ބެލި ހަވާލާދެވޭ ގަޒިއްޔާގައި ކަނޑައެޅުއްވި ކަންކަން އެ ގޮތުގައި ބަލައިގަނެ، އެ ކަނޑައެޅުއްވުންތައް އެ ގޮތުގައި ދެމެހެއްޓުމާއެކު، ހަމައެކަނި އެ ނުކުތާ ވަކިން ބަލައި، މި ކޯޓުގެ ހަވާލާދެވޭ ގަޒިއްޔާގައި ކަނޑައެޅުއްވި ކަންކަން ނަފީވެ ފުށުން ޖެހިދާފަދަ، މައްސަލައިގެ އިންސާފަށް ކޮންމެހެން ހާޖަތްތެރި ހާލަތެއް، އަލުން ހުށަހެޅި ނުކުތާގައި ހެއްކާއެކު ފާހަގަކޮށްދެވޭ ނަމަ އެކަމެއްގެ މައްޗަށް ނަޒަރުކުޅައުމަށް ފުރުސަތެއް ދިނުމެވެ. އެއީ މުޅިން އައު ސަރިޔަތެއް އަލުން ފަށައިގެން ހިންގާން ދީފައިވާ ހުއްދައެއް ކަމަށް އެއްވެސް ހާލެއްގައި ބަލައިގެން ނުވާނެއެވެ. މި ނޫން ގޮތަކަށް މި ކަން ބަލައިފި ނަމަ، އިސްވެ ބަޔާންކުރި، ރެސް ޖުޑިކާޓާގެ ހަމަ އާއި ސަރިޔަތުގެ ނިޒާމުގެ އާންމު ކިތަންމެ އަސާސަކަށް ބުރޫ އަރާނެއެވެ.

21ވީމާ މި އިސްތިއުނާފީ ބަހުސާމެދު ނަޒަރު ހިންގާން ވާނީ ވެސް މި ފާހަގަކުރި ހަނި ދާއިރާގެ ތެރެއިން ކަމުގައި ދެކެމެވެ.

ހުށަހެޅި ލިޔެކިއުމަށް ސަރިޔަތުން ރިއާޔަތްކުރި ގޮތާމެދު

22މި ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާއިން ދިން ހުއްދައަކީ، މުޙައްމަދު އަސްލަމަށް ވުރެ "އޭނާގެ ކޮއްކޮ ދޮށިވާކަމަށް ބުނާ ބުނުން އެކަށީގެންވާ ހެކިތަކާއި އެކު ދަށުކޯޓަށް އަލުން ހުށަހަޅައިފިނަމަ" އެކަން ބަލައިދިނުމެވެ.

23މި ގޮތުގެ މަތިން އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ހުށަހެޅިއިރު މުޙައްމަދު އަސްލަމް ރިއާޔަތްކުޅައުމަށް އެދި ހުށަހެޅި މައިގަނޑު ލިޔެކިއުމަކީ، މުޙައްމަދު އަސްލަމްގެ ދަރި އަޙްމަދު ފަޔާޟްގެ "އުފަންދުވަހުގެ ސެޓްފިކެޓް" އާއި، މުޙައްމަދު އަސްލަމަށް ދޫކޮށްފައިވާ، "ރާއްޖޭން ބޭރުގައި ދުއްވާ ބޯޓުފަހަރުގެ ވަޒީފާއަށް ދިއުމުގެ ހުއްދަ"އިގެ ނަކަލެވެ. މިއީ ސިވިލް ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާގައި ވެސް މުޙައްމަދު އަސްލަމް ހުށަހެޅި މައިގަނޑު ލިޔެކިއުމެވެ. އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި އިތުރަށް ހުށަހެޅި ހަމައެކަނި ލިޔުމަކީ މުޙައްމަދު އަސްލަމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ ކަމަށް ފާހަގަކޮށް ހުށަހެޅި 'ޢަބްދުއްސައްތާރު މޫސާ'ގެ އައިޑީ ކާޑުގެ ނަކަލެވެ. މި ލިޔުމުން ސާބިތުކޮށްދޭން ބޭނުން ވަނީ "މުޙައްމަދު އަސްލަމްގެ ކޮއްކޮގެ ޢުމުރު މުޙައްމަދު އަސްލަމްގެ އުމުރަށްވުރެ ދޮށި" ކަން ކަމަށް ދައުވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި މިހާރު އޮތް އުފަން ތާރީހު ސާބިތުކުރުމަށް ކަމަށް ފާހަގަކޮށް، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގެ ނަކަލު ވެސް ދައުވާ ފޯމުގައި ހެކީގެ ބައިގައި ލިސްޓްކޮށްފައިވެއެވެ. މިއީ ވެސް ކުރިން ހުށަހެޅި ދައުވާގައި ވެސް ހެކީގެ ގޮތުގައި ހުށަހެޅި ލިޔުމެކެވެ.

24ދައުލަތުން ވެސް ރިއާޔަތްކުޅައުމަށް އެދި ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާގައި ހުށަހެޅި ލިޔެކިއުމަށެވެ. މި ލިޔެކިއުމުގެ ތެރޭގައި ހިމެނެނީ، 22 އެޕްރީލް 2006 ގައި ގެއަށް ހަދައިދީފައިވާ "މާލޭގެ ރަށްވެހިންގެ ރަޖިސްޓަރީ"ގެ ނަކަލާއި، 03 ސެޕްޓެމްބަރ 1980 ގައި ގެއަށް ހަދައިދީފައިވާ "މާލޭގެ ގޭގޭގެ މީހުންގެ ރަޖިސްޓްރީ"ގެ ނަކަލާއި، 30 ޖުލައި 2006 އާއި 10 ޑިސެމްބަރ 2007 އަދި 10 ނޮވެމްބަރ 2013 މި ތިން ތާރީހުގައި މުޙައްމަދު އަސްލަމް ހުށަހަޅާފައިވާ "ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭ ފޯމް"ގެ ނަކަލެވެ.

25މި އިސްތިއުނާފުގައި މުޙައްމަދު އަސްލަމްގެ ފަރާތުން ފާހަގަކުޅައީ، މުޙައްމަދު އަސްލަމް ހެކީގެ ގޮތުގައި ހުށަހެޅި، މުޙައްމަދު އަސްލަމްގެ ދަރިއެއްގެ އުފަން ދުވަހުގެ ސެޓިފިކެޓަކީ މި މައްސަލާގައި ހަވާލާދެވޭ އެންމެ ދުވަސްވީ ލިޔުން ކަމަށާއި، ކޮންމެ ކަމެއްގައި ވެސް އެންމެ ސައްހަ މައުލޫމާތު ހިމެނޭނީ އެކަމާ އެންމެ ދާދި ގާތުގައި ތައްޔާރުކުރެވޭ ލިޔުންތަކުގައި ކަމަށާއި، ސަރކިއުލަރ ނަންބަރު ‎2016/03‎ އާންމުސިޓީގެ 2 ވަނަ ނަންބަރަށް ބަލާއިރު އުފަން ތާރީހު އަންގައިދޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުން ހުރި ކަމުގައިވާނަމަ، އުފަން ތާރީހު ކަނޑައެޅުމަށް ބަލަން ޖެހޭނީ އެންމެ ސައްހަކަން ބޮޑު ލިޔުމަކަށް ކަމަށް ވެފައި، މި މައްސަލާގައި އުފަން ތާރީހު އަންގައިދޭ އެންމެ ސައްހަ ލިޔުމަކަށް ވާނީ މި ހަވާލާދޭ އުފަންދުވަހުގެ ސެޓިފިކެޓް ކަމަށާއި، މި ސެޓިފިކެޓްގައި މުހައްމަދު އަސްލަމްގެ އުފަން ތާރީހު ކަމަށް ބަޔާންކޮށްފައި ވަނީ 27 އޯގަސްޓް 1943 ކަމަށެވެ. އަދި ހެކީގެ ގޮތުގައި މުޙައްމަދު އަސްލަމް ދެން ހުށަހެޅި، ރާއްޖެއިން ބޭރުގައި ދުއްވާ ބޯޓުފަހަރުގެ ވަޒީފާއަށް ދިއުމުގެ ހުއްދާގައި ބަޔާންކޮށްފައިވާ މުޙައްމަދު އަސްލަމްގެ އުމުރަށް ބަލާއިރު ހަވާލާދެވޭ ސެޓިފިކެޓްގައިވާ އުފަން ތާރީހާ ދިމާވާތީ އެ ސެޓިފިކެޓްގައިވާ މައުލޫމާތަށް ބާރު ލިބިގެންދާ ކަމަށެވެ. ނަމަވެސް މައްސަލަ ނިންމެވުމުގައި މި ދެ ލިޔުމަށް ސަރިޔަތުން ރިއާޔަތްކުރައްވާފައި ނުވާ ކަމަށެވެ.

26މުޙައްމަދު އަސްލަމް އަލަށް ހުށަހެޅި، 'ޢަބްދުއްސައްތާރު މޫސާ'ގެ އައިޑީ ކާޑުގެ ނަކަލާ ގުޅޭ ގޮތުން މި އިސްތިއުނާފުގައި މުޙައްމަދު އަސްލަމްގެ ފަރާތުން ފާހަގަކުޅައީ، 'ޢަބްދުއްސައްތާރު މޫސާ' އަކީ މުޙައްމަދު އަސްލަމްގެ ކޮއްކޮ ކަމަށްވާއިރު، 'ޢަބްދުއްސައްތާރު މޫސާ' އާއި މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ މައުލޫމާތަށް ބެލުމުން މުޙައްމަދު އަސްލަމަށްވުރެ 'ޢަބްދުއްސައްތާރު މޫސާ' ދޮށިކަން ފާހަގަ ވާނެ ކަމަށާއި، ބޭބެއަށް ވުރެ ކޮއްކޮ ދޮށިވުމަކީ ހަމަބުއްދި ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ހެއްކާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގައިވާ ގޮތުން، ސަރިޔަތަށް ހުށަހެޅޭ، އެ މަޖިލީހަކުން ހުއްދަކުރާ ކޮންމެ ލިޔުމަކީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ކަމަށާއި، އެހެން ނަމަވެސް 'ޢަބްދުއްސައްތާރު މޫސާ'ގެ އައިޑީ ކާޑުގައިވާ އުފަން ތާރީހާއި އުމުރަށް، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސަރިޔަތުން ފުރިހަމަ ގޮތުގައި ރިއާޔަތްކުރައްވާފައި ނުވާ ކަމަށެވެ.

27HN3މުޙައްމަދު އަސްލަމް ހަވާލާދޭ އުފަންދުވަހުގެ ސެޓިފިކެޓާއި ބޯޓުދަތުރުކުރުމުގެ ވަޒީފާއަށް ފުރުމުގެ ހުއްދައާ ގުޅޭ ގޮތުން ރިއާޔަތްކޮށްދިނުމަށް އެދި ދަށުކޯޓާއި މި އިސްތިއުނާފުގައި ވެސް މުޙައްމަދު އަސްލަމް ފާހަގަކުޅަ ކަންކަމަކީ، ސިވިލް ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎1221/Cv-C/2016‎ ގަޒިއްޔާ އާއި އެ ގަޒިއްޔާ އިސްތިއުނާފު ކުރުމުން މި ކޯޓުން ބެލި ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގައި ވެސް ހަމަ އެ ލިޔެކިއުން ހުށަހަޅައި، ހަމަ އެ ގޮތުގެ މަތިން ފާހަގަކުޅަ ކަންކަމެވެ. އެ ކަންކަމާ ގުޅިގެން އެ ގަޒިއްޔާތަކުގައި ވަނީ ގޮތް ކަނޑައަޅުއްވައި ނިޔާ ކުރައްވާފައެވެ. މި ގޮތުގެ މަތިން ކަނޑައެޅުއްވި ކަންކަން ހުލާސާ ގޮތެއްގައި ކުރިން ބަޔާންކޮށްފައި އެ ވަނީއެވެ. އެއީ މިހާރު ނިހާއީވެ ކަނޑައެޅި ނިޔާގެ ބާރު ހިނގާ ކަންކަމެވެ. ވީމާ ކުރިންމެ ބަޔާންކުރި ފަދައިން، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާއަކީ މުޅިން އައު ސަރިޔަތެއް އަލުން ފަށައިގެން ހިންގުމަށް ހުޅުވައިދިން ފުރުސަތެއްގެ މައްޗަށް ހިންގެވި ސަރިޔަތަކަށް ނުވާހިނދު، މުޙައްމަދު އަސްލަމް ހަވާލާދޭ އުފަންދުވަހުގެ ސެޓިފިކެޓާއި ބޯޓުދަތުރުކުރުމުގެ ވަޒީފާއަށް ފުރުމުގެ ހުއްދައާ ގުޅޭ ގޮތުން މުޙައްމަދު އަސްލަމް ފާހަގަކުޅަ ކަންކަމުގެ މައްޗަށް ސަރިޔަތުން ކުރިން ގޮތްތަކެއް ކަނޑައަޅުއްވައި ނިންމަވާފައި ވާތީ ހަމަ އެ ކަންކަމުގެ މައްޗަށް މި ކޯޓުން އަލުން އައު ރިއާޔަތެއް ކުރާން ޖެހޭ ގާނޫނީ ހަމައެއް މުޙައްމަދު އަސްލަމްގެ ފަރާތުން ފާހަގަކޮށްދެވޭ ތަނެއް ނުފެނެއެވެ.

28އަދި އެހެން ނޫން ނަމަވެސް އެނގެން އޮތް ހަގީގަތަކީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމަވާފައި ވަނީ، މުޙައްމަދު އަސްލަމް ހަވާލާދޭ އުފަންދުވަހުގެ ސެޓިފިކެޓާއި ބޯޓުދަތުރުކުރުމުގެ ވަޒީފާއަށް ފުރުމުގެ ހުއްދައަށް ސަރިޔަތުން ފުރިހަމައަށް - އަދި އެއީ އަލުން ކަމަށް ވިޔަސް، އަދި އެއީ ކުރަން ނުޖެހޭ ކަމެއް ކަމަށް ވިޔަސް - ރިއާޔަތްކުރެއްވުމަށް ފަހުގައި ކަން، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (އ) އަދި (ވ) އިން އެނގެން އޮންނަ ކަމެވެ. ވީމާ ރިއާޔަތް ނުކުރައްވާކަމަށް ފަހަގަކުރަނީ ވެސް ރަނގަޅު އަސާސެއްގެ މައްޗަކަށް ނޫންމެއެވެ.

29އަނެއްކޮޅުން، 'ޢަބްދުއްސައްތާރު މޫސާ'ގެ އައިޑީ ކާޑުގައިވާ އުފަން ތާރީހާއި އުމުރަށް ސަރިޔަތުން ފުރިހަމަ ގޮތުގައި ރިއާޔަތް ނުކުރައްވާކަމަށް ފާހަގަކުޅައިރު، އެނގެން އޮތް ހަގީގަތަކީ، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމަވާފައި ވަނީ އެކަމަށްމެ ރިއާޔަތްކުރައްވައިގެން ކަމެވެ. މި ގޮތުން، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (މ) ގައި "މުޙައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮކަމުގައި މުޙައްމަދު އަސްލަމް ބުނެފައިވާ ޢަބްދުއްސައްތާރު މޫސާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ގައި ޢަބްދުއްސައްތާރު މޫސާގެ އުފަން ތާރީޚަކަށް ލިޔެފައިވާ 13 މެއި 1949 މި ތާރީޚާއި މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައި އެވާ އުފަން ތާރީހާއި އަޅުވާ ބެލުމަށް ބުނެފައިވާ ޢަބްދުއްސައްތާރު މޫސާގެ އުފަން ތާރީޚަކީ ޝަރީޢަތުން އެ މައްޗަށް ޞައްޙަ ތާރީޚެއްކަމަށް ބަލާ ޘާބިތުކޮށްފައިވާ ތާރީޚަކަށް ނުވާއިރު އެއްޗެއް އެ އެއްޗަކާއި އަޅުވާ ބެލޭނީ އެ އެއްޗެއް އެއީ ޝަރީޢަތުން ޞައްޙަކަމަށް ބަލާފައިވާ އެ އެއްޗެއް ކަމުގައިވާ އެއްޗަކާއި ކަމުގައި ވާތީ، މުޙައްމަދު އަސްލަމްގެ ކޮއްކޮއެއް ކަމުގައި ބުނެފައިވާ ޢަބްދުއްސައްތާރު މޫސާގެ އައިޑީ ކާޑުގެ އުފަން ތާރީޚާއި އަޅުވާ ބަލައިގެން މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީޚު ޞައްޙަ ނޫން ތާރީޚެއްކަމަށް ބެލުމަށް ޢަބްދުއްސައްތާރު މޫސާގެ އައިޑީ ކާޑުގައިވާ އުފަން ތާރީޚު އެއީ މުޙައްމަދު އަސްލަމްގެ އުފަން ތާރީޚު ކަނޑައެޅުމަށް އޮތް ޙުއްޖަތަކަށް ބެލެވޭނެ ދަލީލެއް ކަމުގައި ނުވާކަން އެނގެން އޮންނަ އޮތުމެވެ" މި ފަދައިން ބަޔާންކުރައްވާފައިވެއެވެ.

30HN4ސުޕްރީމް ކޯޓުގެ ނަންބަރު ‎2019/SC-A/58‎ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު ގަޒިއްޔާގައި ބަޔާންކުރައްވާފައި ވަނީ، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ، ފަނޑިޔާރުން ރިއާޔަތްކުރައްވާފައި ނުވަނީ ގާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން [ހެއްކަކަށްކަން] ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ. އަދި ހަމަ ސުޕްރީމް ކޯޓުގެ ނަންބަރު ‎2019/SC-A/98‎ ފެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ގަޒިއްޔާގައި ބަޔާންކުރައްވަނީ، ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާ އިޝާރާތްކުރަނީ ފަނޑިޔާރެއްގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތަށް ކަމުގައިވާއިރު، ފަނޑިޔާރު ހެކި ވަޒަންކުރި ގޮތް ގާނޫނަކާ ނުވަތަ ގާނޫނީ އުސޫލަކާ ހިލާފުވާނަމަ، ހިލާފުވެފައި ވަނީ ހެކި ވަޒަންކުރުމުގެ ކޮން އުސޫލަކާކަން ބުނެދެވެން ވާނެ ކަމަށެވެ. އަދި ފާހަގަކުރައްވާފައި ވަނީ، އިސްތިއުނާފުކުރެވޭ މައްސަލަތައް ތިން މަރުހަލާގައި ބެލުމުގެ މާނައަކީ ކޮންމެ މަރުހަލާއަކުން އެއް ކަމެއް ތަކުރާރުކުރުމެއް ނޫން ކަމަށާއި، ކޮންމެ މަރުހަލާއެއްގައި ވެސް ހުށަހެޅިފައި ހުރި ހެކި، އެންމެ ފުރަތަމަ މަރުހަލާގައި ވަޒަންކުރި ގޮތަށް އަލުން ވަޒަންކުރުމެއް ނޫން ކަމަށެވެ.

31'ޢަބްދުއްސައްތާރު މޫސާ'ގެ އައިޑީ ކާޑުގައިވާ އުފަން ތާރީހާއި އުމުރަށް ސަރިޔަތުން ރިއާޔަތްކުރައްވައި، ރިއާޔަތްކުރެއްވި ގޮތް ބަޔާންކުރައްވާފައިވާއިރު، އެ ރިއާޔަތްކުރެއްވުން ހިލާފު ވަނީ ގާނޫނީ ކޮން އުސޫލަކާކަން، އިސްވެ މި ފާހަގަކުރި ގާނޫނީ އުސޫލުތަކުގައި ބަޔާންވެގެންވާ ގޮތުގެ މަތިން މި އިސްތިއުނާފުގައި މުޙައްމަދު އަސްލަމްގެ ފަރާތުން ސާފުކޮށް ބަޔާންކޮށްދެވިފައިވާ ތަނެއް ނުފެނެއެވެ.

32HN5އެކަކީ ކޮއްކޮ ކަމާއި އަނެކަކީ ބޭބެ ކަމާމެދު ސުވާލު ނުއުފެދޭ ހާލަތުގައި، މި ކޮއްކޮބޭބެކަމުގެ ހަގީގަތާ ފުށުއަރާ ގޮތަށް އައިޑީ ކާޑުގައިވާ އުފަން ތާރީހު އޮތް ނަމަ އެހައި ހިސާބުން ސުވާލު އެ އުފެދެނީ އެ ދެ މީހުންގެ، އެބަހީ ކޮއްކޮ އަދި ބޭބެ ވެސް އައިޑީ ކާޑުގައިވާ އުފަން ތާރީހާ މެދުގައެވެ. އެ ފުށުއެރުމަކީ ހަމަ އެކަނި އެ ކަމަށް ބަލައި، އެއިން އެކެއްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހަކީ ސައްހަ ނޫން ތާރީހެއް ކަމަށް، ނުވަތަ ސައްހަ ތާރީހަކީ ވަކި ތާރީހެއްކަން ކަނޑައެޅުމަށް ހުއްޖަތް ގާއިމުވާ ފުށުއެރުމެއް ނޫނެވެ. އެ ފަދަ ހުއްޖަތެއް ގާއިމުކުރުމުގެ ދޮރު ހުޅުވޭނީ، ކޮއްކޮބޭބެކަމުގެ ހަގީގަތާ އުފަން ތާރީހު ފުށުއަރަނީ ސީދާ އެ ވަކި މީހާގެ އުފަން ތާރީހުގައިވާ މައްސަލައަކުންކަމާއި، އަނެކާގެ އުފަން ތާރީހަކީ ކަނޑައެޅިގެން ސައްހަ ތާރީހެއްކަން ދަލީލުކުރާ ހެކިތަކެއްގެ މަތިންނެވެ.

33ވީމާ މި މައްސަލައަށް ބަލާއިރުގައި، ކޮއްކޮބޭބެކަމުގެ ހަގީގަތާ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ފުށުއެރުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ރަނގަޅު ނޫން ކަމަށް އުސޫލެއްގެ ގޮތުން ވެސް ހުއްޖަތް ގާއިމުވާ ކަމެއް ނޫނެވެ. އަނެއްކޮޅުން، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހާމެދު އުފައްދާ ސުވާލާ ގުޅިގެން ހުށަހެޅި ލިޔެކިއުން ވަޒަންކުރެއްވުމަށްފަހު މި ކޯޓުގެ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގައި، "މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބެލުމުން މުޙައްމަދު އަސްލަމްގެ އުފަން ތާރީޚު ކަމަށް އޭނާގެ އައިޑީ ކާޑުގައި ލިޔެފައިވާ ތާރީޚު ކަމުގައިވާ 1956 މި އަހަރު ނަފީކޮށް ތަޢުނުކުރާފަދަ ލިޔުމެއް ފެންނަން ނެތްކަން އެނގެން އޮންނަ" ކަމަށް ކަނޑައަޅުއްވާފައި ވާތީ އަދި އެއީ މިހާރު ވެސް ދިރި ދެމި އޮތް، އުސޫލެއްގެ ގޮތުން ނިހާއީ ވެފައިވާ ކަނޑައެޅުއްވުމަކަށް ވާތީއާވެސްއެކު، ކޮއްކޮބޭބެކަމުގެ ހަގީގަތާ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ފުށުއަރާކަމުގެ ސަބަބުން މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ރަނގަޅު ނޫން ކަމުގެ މައްޗަށް، މި ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގެ ކަނޑައެޅުންތައް އިންސާފުގެ ހާޖަތަށްޓަކައި ނަފީވެ ފުށުން ޖެހޭފަދަ ހުއްޖަތެއް ގާއިމުވުމަށްޓަކައި ހަރުދަނާ ހެއްކަށް ބޭނުން ޖެހޭކަން ވެސް މި ތަނުގައި ފާހަގަކުރަމެވެ.

34ވީމާ މި އެންމެހައި ކަންކަމަށް ބަލާއިރު އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި ހުށަހެޅި ލިޔެކިއުމަށް ސަރިޔަތުން ރިއާޔަތްކުރެއްވުމުގައި ގޯހެއް ވާކަމަށް ފެންނާކަށް ނެތެވެ.

ހެކިބަސް ނެންގެވުމެއް ނެތި މައްސަލަ ނިންމެވުމުގައި ސަރިޔަތުން ރިއާޔަތްކުރެއްވި ގޮތާމެދު

35އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގައި މުޙައްމަދު އަސްލަމް ހުށަހެޅި "ހެކިންގެ ލިސްޓް" އަށް ބަލާއިރު، 'ޢަބްދުއްސައްތާރު މޫސާ' ޝަފަހީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެއެވެ. މި ހެކި ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "ޢަބްދުއްސައްތާރު މޫސާއަކީ މުޙައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމާއި، ޢަބްދުއްސައްތާރު މޫސާ، މުޙައްމަދު އަސްލަމަށްވުރެ ޢުމުރުން ހަގުކަން ސާބިތުކުތުމަށް" ކަމަށެވެ.

36އަދި އެ ފަހުން ފޮނުވި ސިޓީއެއްގައި 'މުޙައްމަދު ޒާހިރު ޙުސައިން' އަދި 'ޔޫސުފް ޢަބްދުﷲ' ހެކިންގެ ގޮތުގައި ހުށަހަޅާ ކަމަށް ބަޔާންކޮށްފައިވެއެވެ. މި މީހުންގެ ކިބައިން ސާބިތުކޮށްދޭން ބޭނުންވާ ކަމަކީ "ދައުވާކުރާ މުޙައްމަދު އަސްލަމަކީ ޢަބްދުއްސައްތާރު މޫސާގެ އެއްބަނޑުއެއްބަފާ ބޭބެ" ކަން ކަމަށް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

37މި އިސްތިއުނާފުގައި މުޙައްމަދު އަސްލަމްގެ ފަރާތުން ފާހަގަކުޅައީ، 'ޢަބްދުއްސައްތާރު މޫސާ' އަކީ މުޙައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮކަން ބަޔާންކުރުމުގެ ގޮތުން ދެ ހެއްކަކު ޝަރީޢަތަށް ހުށަހެޅި ކަމަށާއި، ނަމަވެސް މި ދެ ހެކިން ސަރިޔަތަށް ހާޒިރުކޮށް ހެކިބަސް ނަންގަވާފައި ނުވާ ކަމަށާއި، މި ހެކިންގެ ހެކިބަސް ނުނެންގެވުމަށް ޝަރުއީ އަދި ގާނޫނީ ސަބަބެއް ސަރިޔަތުން ފާހަގަ ނުކުރައްވާ ކަމަށެވެ. ނަންބަރު ‎2016/03‎ އާންމު ސިޓީގެ 4 ވަނަ ނަންބަރުގައިވާ ގޮތުން ބޭބެއަށްވުރެ ކޮއްކޮގެ އުމުރު ދޮށިވެއްޖެ ހާލަތުގައި އުމުރާ ބެހޭގޮތުން ގޮތެއް ކަނޑައަޅާނީ ހެކިންގެ ހެކިބަހުން ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މުޙައްމަދު އަސްލަމް ހުށަހެޅި ހެކިންގެ ހެކިބަސް ނަންގަވާފައި ނުވަނީ މި އުސޫލާ ހިލާފަށް ކަމަށެވެ.

38އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާ ނިންމެވި ގޮތުގެ ރިޕޯޓަށް ބަލާއިރު، މުޙައްމަދު އަސްލަމް ހުށަހެޅި ހެކިންގެ ހެކިބަސް ނަންގަވާފައި ނުވާ ކަމާއި އަދި ހެކިބަސް ނުނަންގަވާން ނިންމެވި ސަބަބަކީ ކޮބައިކަން އެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ފ) ގައި ސާފުކޮށް ބަޔާންކުރައްވާފައިވާކަން އެނގެއެވެ. މި ގޮތުން އެ އަކުރުގައި ބަޔާންކުރައްވާފައި ވަނީ "ހެކިންގެ ހެކިބަހުން އުފަން ތާރީޚާއިމެދު ގޮތެއް ކަނޑައެޅޭނީ، އުފަން ތާރީޚް އަންގައިދޭ އެއްވެސް ރަސްމީ ލިޔުމެއް ނެތްކަން ޝަރީޢަތަށް ސާބިތުވާ ޙާލަތުގައި ކަމަށާއި، އަދި ރަސްމީ ލިޔުމެއްގައި އޮތް އުމުރަކީ، އަސްލު އުމުރު ނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭނަމަ، އެފަދަ މައްސަލަތަކުގައި ހެކިންގެ ހެކިބަހުން އުފަން ތާރީޚާއިމެދު ގޮތެއް ނިންމިދާނެކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު ‎2016/03‎ އާންމު ސިޓީގެ 03 އަދި 04 ވަނަ ނަންބަރުން އެނގެން އޮންނަކަމާއި، މުޙައްމަދު އަސްލަމްގެ ފަރާތުން ޝަރީޢަތަށް ހެކިން ހުށަހަޅާފައި ވަނީ، ޢަބްދުއްސައްތާރު މޫސާއަކީ މުޙައްމަދު އަސްލަމްގެ ކޮއްކޮ ކަން ސާބިތުކޮށްދިނުމަށްކަމަށާއި، މުޙައްމަދު އަސްލަމްގެ އުފަން ތާރީޚަކީ 27 އޯގަސްޓް 1943 ކަން އެނގޭނެ ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާކަމާއި، ޢަބްދުއްސައްތާރު މޫސާގެ އުފަން ތާރީޚަކީ 13 މެއި 1949 ކަމާއި، އަދި ޢަބްދުއްސައްތާރު މޫސާއަކީ މުހައްމަދު އަސްލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށް ވާތީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، މުޙައްމަދު އަސްލަމްގެ އުފަން ތާރީޚް 27 އޯގަސްޓް 1943 އަށް ބަދަލުކޮށްދިނުމަށް އެދިފައިވާއިރު، ހުށަހެޅިފައިވާ ލިޔުންތަކުން މުޙައްމަދު އަސްލަމްގެ އުފަން ތާރީޚަކީ 27 އޯގަސްޓް 1943 ކަން އެނގެން ނެތަތީ، މުޙައްމަދު އަސްލަމް އެދިފައިވާ ފަދައިން އެ ފަރާތުގެ އުފަން ތާރީޚަކީ 27 އޯގަސްޓް 1943 ކަމުގައި ކަނޑައެޅޭނެ ހަމައެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ" މި ފަދައިންނެވެ.

39HN6މި ކޯޓުގެ ނަންބަރު ‎2011/HC-A/192‎ މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް ގަޒިއްޔާގައި ބަޔާންކުރައްވާފައި ވަނީ "..... މިހެންކަމުން ޚަސްމުންގެ ފަރާތުން ހުށައަޅާ އެންމެހާ ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށައެޅުމުގެ ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ ކޯޓުތަކުން ކުރަން ޖެހޭނެކަމެއްކަމާއި، އެހެންނަމަވެސް ޚަސްމުންގެ ފަރާތުން ޝަރީޢަތަށް ހުށައެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން މައްސަލައާއި ގުޅުންހުރީ ކޮން ހެކިތަކެއްކަމާއި، ހެކި ހުށަހެޅެނީ ކޮންކަމެއް ސާބިތުކުރުމުގެ ބޭނުމުގައިކަން މައްސަލަ ބައްލަވާ ފަނޑިޔާރަކު ވަޒަންކުރުމަށްފަހު ޝަރީޢަތުން ބަލައިގަނެވިދާނެ ހެކިތަކާއި ބަލައި ނުގަނެވޭނެ ހެކިތައް އަދި ޝަރީޢަތަށް ޙާޟިރުކުރެވޭނެ ހެކިންނާއި ޙާޟިރުނުކުރެވޭނެ ހެކިން ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރެއިން ކަނޑައެޅިދާނެކަމާއި، ނަމަވެސް ޚަސްމުންގެ ފަރާތުން ޝަރީޢަތަށް ހުށައަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ބަލައިގަނެވެން ނެތް ނުވަތަ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވެން ނެތް ހެކި ހުރިނަމަ އެކަން އެ ގޮތަށް ނިންމަން ޖެހުނު ސަބަބެއް މައްސަލަ ބައްލަވާ ފަނޑިޔާރު، އެ މައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވަން ޖެހޭނެކަމާއި އަދި ހެކިން ޙާޟިރުނުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ސަބަބަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެކަށީގެންވާ ސަބަބެއްކަމުގައި ވެސް ވާން ޖެހޭނެ" ކަމަށެވެ.

40އަދި ހަމަ މި ކޯޓުގެ ނަންބަރު ‎2019/HC-A/383‎ ވެލްލޭންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ނޫރިދޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޒިއްޔާގައި ބަޔާންކުރައްވާފައި ވަނީ "ގުޅުން ނެތް ހެކިން ޙާޟިރުކޮށް ޝަރީޢަތުގެ ވަގުތު ނަގައިލުމަކީ ކުރަންޖެހޭނެ ކަމެއް ނޫނެވެ. ވުމާއެކު، ޚަޞްމުންގެ ފަރާތުން ހުށަހަޅާ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން، ހުށަހެޅިފައިވާ މައްސަލައާ ގުޅުންހުރި ހެކިތަކާއި ގުޅުން ނެތް ހެކިތައް ދަނެގަނެ، އަދި ހެކިތައް ހުށަހަޅާފައި ވަނީ ކޮންކަމެއް ސާބިތުކުރުމަށްކަން ފަނޑިޔާރު ބަލަން ވާނެއެވެ. އަދި އެކަންކަން ވަޒަންކުރުމަށްފަހު، ޝަރީޢަތުގެ ފަރާތުން ބަލައިގަނެވޭނެ ހެކިތަކާއި ބަލައިނުގަނެވޭނެ ހެކިތަކުގެ އިތުރުން، ޝަރީޢަތަށް ޙާޟިރުކުރަންޖެހޭ ހެކިންނާއި، ޙާޟިރުނުކުރެވޭނެ ހެކިން ކަނޑައަޅާނީ އެ މައްސަލައެއް ބަލާ ފަނޑިޔާރެވެ. އެ ބާރަކީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެކެވެ" މި ފަދައިންނެވެ.

41އަދި ސުޕްރީމް ކޯޓުގެ ނަންބަރު ‎2017/SC-A/26‎ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ގަޒިއްޔާގައި ބަޔާންކުރައްވާފައި ވަނީ "..... މި ނޫން ވެސް އެހެނިހެން ސަބަބުތަކަށްޓަކައި، މައްސަލައާ ގުޅޭ ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ އެއްފަރާތް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައި ވެސް މިފަދަ ބާރުތަކެއް ކަނޑައެޅިގެން ޤާނޫނަކުން ކޯޓުތަކަށް ލިބިދެވިފައި ނެތް ނަމަވެސް، ކޯޓުތަކުގެ ކޭސް މެނޭޖްމަންޓުގެ ތެރޭގައި ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ ހެކިން ހާޒިރުނުކުރަން ނިންމާފައިވެއެވެ. އަދި މިފަދަ ނިންމުންތަކުގެ ނަތީޖާއަކީ ހެކި ހާޒިރުކުރުމަށް އެދޭ ޚަޞްމެއްގެ ޙައްޤު ގެއްލުނީ ކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަން ވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަ ގޮތަށް ބެލުމުން އެނގެއެވެ" މި ފަދައިންނެވެ.

42ވީމާ އުސޫލެއްގެ ގޮތުން ބަލާއިރު ސަރިޔަތަށް ހުށަހަޅާ ހެކިންގެ ހެކިބަސް ނަގާނީތޯއާމެދު ގޮތް ކަނޑައެޅުމަކީ ސަރިޔަތަށް ލިބިގެންވާ ތަގުދީރީ ބާރުގެ ތެރޭގައި ހިމެނިގެންވާ ކަމެއްކަން އެނގޭހިނދު، ހެކިބަހެއް ނުނަގާން ނިންމުމަކީ ހަމައެކަނި އެކަމަށް ބަލައި ހަސްމެއްގެ ހައްގެއް ގެއްލިއްޖެ ކަމަށް ބެލެވޭނޭ ކަމެއް ނޫނެވެ. ބަލާން ޖެހެނީ އެ ފަދައިން ނިންމި ސަބަބު ބަޔާންވެގެންވޭތޯ އާއި އެ ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯއެވެ.

43HN7މި މައްސަލައަށް ބަލާއިރުގައި، އިސްވެ ބަޔާންކުރި ފަދައިން މުޙައްމަދު އަސްލަމް ހުށަހެޅި ހެކިންގެ ހެކިބަސް ނުނަންގަވަން ނިންމެވި ސަބަބު ބަޔާންކުރައްވާފައިވެއެވެ. އެ ސަބަބަށް ބަލާއިރު އިޝާރާތްކުރައްވާ ކަމަކީ، މުޙައްމަދު އަސްލަމް ހުށަހަޅާފައިވާ ހެކިން ހާޒިރުކޮށް ހެކިބަސް ނެގި ކަމުގައި ވިޔަސް މައްސަލައިގެ ނަތީޖާއަށް ބަދަލު އަންނާން ނެތް ކަމަށެވެ. އެހެނީ، ހެކި ހުށަހަޅާފައި ވަނީ ކޮއްކޮބޭބެކަން ސާބިތުކުރުމަށް ކަމަށްވީހިނދު، ކޮއްކޮބޭބެކަމުގެ ހަގީގަތާ އުފަން ތާރީހު ފުށުއަރާކަން ސާބިތުކުރުމަކުން ހުށަހަޅާފައިވާ ލިޔެކިއުމުން ގާއިމުވާން އޮތް ހުއްޖަތަށް ބަދަލު ނާންނަ ކަމަށެވެ.

44ކުރިންމެ ފާހަގަކުރި ފަދައިން، ކޮއްކޮބޭބެކަމުގެ ހަގީގަތާ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ފުށުއެރުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ރަނގަޅު ނޫން ކަމަށް އުސޫލެއްގެ ގޮތުން ވެސް ހުއްޖަތް ގާއިމުވާ ކަމެއް ނޫނެވެ. އަނެއްކޮޅުން، މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހާމެދު އުފައްދާ ސުވާލާ ގުޅިގެން ހުށަހެޅި ލިޔެކިއުން ވަޒަންކުރެއްވުމަށްފަހު މި ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގައި "މުޙައްމަދު އަސްލަމްގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބެލުމުން މުޙައްމަދު އަސްލަމްގެ އުފަން ތާރީޚު ކަމަށް އޭނާގެ އައިޑީ ކާޑުގައި ލިޔެފައިވާ ތާރީޚު ކަމުގައިވާ 1956 މި އަހަރު ނަފީކޮށް ތަޢުނުކުރާފަދަ ލިޔުމެއް ފެންނަން ނެތްކަން އެނގެން އޮންނަ" ކަމަށް ކަނޑައަޅުއްވާފައި ވާތީ އަދި އެއީ މިހާރު ވެސް ދިރި ދެމި އޮތް، އުސޫލެއްގެ ގޮތުން ނިހާއީ ވެފައިވާ ކަނޑައެޅުއްވުމަކަށް ވާތީއާވެސްއެކު، ކޮއްކޮބޭބެކަމުގެ ހަގީގަތާ މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ފުށުއަރާކަމުގެ ސަބަބުން މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހު ރަނގަޅު ނޫން ކަމުގެ މައްޗަށް، މި ކޯޓުގެ ހަވާލާދެވޭ ނަންބަރު ‎2017/HC-A/208‎ ގަޒިއްޔާގެ ކަނޑައެޅުންތައް އިންސާފުގެ ހާޖަތަށްޓަކައި ނަފީވެ ފުށުން ޖެހޭފަދަ ހުއްޖަތެއް ގާއިމުވުމަށްޓަކައި ހަރުދަނާ ހެތްކަށް ބޭނުން ޖެހޭހިނދު، ކޮއްކޮބޭބެކަމުގެ ހަގީގަތާ އުފަން ތާރީހު ފުށުއަރާކަމަށް ސާބިތުވުމަކުން މުޙައްމަދު އަސްލަމްގެ އައިޑީ ކާޑުގައިވާ އުފަން ތާރީހާ ގުޅޭ ގޮތުން މުޙައްމަދު އަސްލަމް ކުރާ ދައުވާ ސާބިތުވުމަށް ކާފީ ހެކި ގާއިމުވާނެ ގާނޫނީ ހަމައެއް ނެތެވެ.

45ވީމާ، މުޙައްމަދު އަސްލަމް ހުށަހެޅި ހެކިންގެ ހެކިބަސް ނުނަންގަވަން ސަރިޔަތުން ނިންމެވި ސަބަބުގެ އަސާސް ގޯސް ކަމުގައި ކަނޑައަޅާނެ ގާނޫނީ ހަމައެއް ނުފެނެއެވެ.

ނިންމަން ފެންނަ ގޮތް

46ވީމާ މި ފާހަގަކުޅަ އެންމެހައި ކަންކަމަށް ބަލާއިރު، އިސްތިއުނާފުކޮށްފައިވާ ގަޒިއްޔާގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި މި އިސްތިއުނާފު ނިންމަން ފެނެއެވެ.

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ ރައުޔު

47މި އިސްތިއުނާފު ނިންމަންވީ ގޮތާމެދު ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔުގައި ކަނޑައަޅުއްވާފައިވާ ނަތީޖާއަށް އަހުރެން ތާއީދުކުރަމެވެ. ނަމަވެސް، އެ ނަތީޖާއަށް އަހުރެން ވާޞިލުވަނީ ތަފާތު، އަދި އެއަށްވުރެ ހަނި ސަބަބަކަށްޓަކައި ކަމަށްވާތީ، އެ ސަބަބު ކުރުކޮށް ބަޔާންކުރަމެވެ.

48އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައި އެދިފައިވަނީ، އަދި މި ކޯޓުގައި ވެސް އެދެނީ، ދެ ކަމެއް އެކުގައި ކަނޑައަޅައިދިނުމަށެވެ. އެއީ، އައިޑީ ކާޑުގައިވާ 26 އޮގަސްޓު 1956 އަކީ ޞައްޙަ އުފަން ތާރީޚު ނޫންކަމަށާއި، ޞައްޙަ އުފަން ތާރީޚަކީ 27 އޮގަސްޓު 1943 ކަމަށެވެ.

49ޤާނޫނު ނަންބަރު ‎7/92‎ (އުފަންވުން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާ ބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގައި، ސެޓްފިކެޓެއްގައިވާ އުފަން ތާރީޚު ބަދަލުކުރެވޭނީ "އެ ސެޓްފިކެޓްގައިވާ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމާއި އަލުން ހުށަހަޅާ ތާރީޚަކީ ރަނގަޅު ތާރީޚު ކަމަށް ޝަރީޢަތަށް ސާބިތުކޮށްދީ" ކަމަށް ބަޔާންކޮށްފައިވާ ފަދައިން، އުފަން ތާރީޚު ބަދަލުކޮށްދިނުމަށް އެދޭ ފަރާތުން ސާބިތުކުރަންޖެހެނީ އޮތް ތާރީޚު ރަނގަޅު ނޫންކަން އެކަންޏެއް ނޫނެވެ؛ އަލަށް ހުށަހަޅާ ތާރީޚަކީ ރަނގަޅު ތާރީޚުކަން ވެސްމެއެވެ. މި ދައުވާއަކީ އައިޑީ ކާޑުގައިވާ ތާރީޚާ ގުޅޭ ދައުވާއެއް ކަމުގައި ވިޔަސް، ވަކި ތާރީޚެއް އުފަން ތާރީޚުކަމަށް ކަނޑައަޅައިދިނުމަށް އެދޭ ފަރާތުން އެ ތާރީޚު ސާބިތުކުރަންޖެހޭނެކަމީ، ސާބިތުކުރުމުގެ ބުރައިގެ ޢާންމު އުޞޫލުން ވެސް އަންނަ ނަތީޖާއެވެ. އެހެންކަމުން، މި ދައުވާ ކާމިޔާބުވުމަށްޓަކައި މި ދެ ކަންތައް ވެސް ސާބިތުވާންޖެހެއެވެ.

5027 އޮގަސްޓު 1943 އަކީ އިސްތިއުނާފު ކުރާ ފަރާތުގެ އުފަން ތާރީޚުކަން ސާބިތުކުރުމަށް ހުށަހަޅާފައިވަނީ، ދަރިފުޅު އަޙްމަދު ފަޔާޟްގެ އުފަންދުވަހުގެ ސެޓްފިކެޓާއި، ރާއްޖޭން ބޭރުގައި ދުއްވާ ބޯޓުފަހަރުގެ ވަޒީފާއަށް ދިއުމުގެ ހުއްދައެވެ. މި ދެ ލިޔުމުން އެ ތާރީޚު ސާބިތުނުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު ‎1221/Cv-C/2016‎ ޤަޟިއްޔާގައި ކަނޑައަޅައި، މި ކޯޓުގެ ނަންބަރު ‎2017/HC-A/208‎ ޤަޟިއްޔާގައި އެ ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް ނިންމާފައިވާއިރު، އެ ނިންމުން މިހާރު ނިހާއީވެފައިވެއެވެ. އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގައި އެ ތާރީޚު ސާބިތުކުރުމަށް އިތުރު އެއްވެސް ލިޔުމެއް ހުށަހަޅާފައެއް ނުވެއެވެ. އަލަށް ހުށަހެޅި ހަމައެކަނި ލިޔުމަކީ ޢަބްދުއްސައްތާރު މޫސާގެ އައިޑީ ކާޑުގެ ނަކަލެވެ. ހެކިން ހުށަހަޅާފައިވަނީ ވެސް، ޢަބްދުއްސައްތާރު މޫސާއަކީ އިސްތިއުނާފު ކުރާ ފަރާތުގެ އެއްބަނޑު އެއްބަފާ ކޮއްކޮކަމާއި، އޭނާ އިސްތިއުނާފު ކުރާ ފަރާތަށްވުރެ އުމުރުން ހަގުކަން ސާބިތުކުރުމަށެވެ. އޭގެ ތެރެއިން އެއްވެސް ހެއްކަކު ހުށަހަޅާފައިވަނީ، 27 އޮގަސްޓު 1943 އަކީ އިސްތިއުނާފު ކުރާ ފަރާތުގެ އުފަން ތާރީޚުކަން ބުނެދިނުމަކަށް ނޫނެވެ.

51އިސްތިއުނާފު ކުރާ ފަރާތުގެ އުފަން ތާރީޚަކީ 27 އޮގަސްޓު 1943 ކަމަށް ބަޔާންކުރާ ލިޔުމަކީ، ދަރިފުޅު އަޙްމަދު ފަޔާޟްގެ ނަންބަރު ‎491/79‎ އުފަންދުވަހުގެ ސެޓްފިކެޓެވެ. އިސްތިއުނާފު ކުރާ ފަރާތަށް 1984 ގައި ދޫކޮށްފައިވާ ބޯޓު ހުއްދައިގައި އެފަރާތުގެ އުމުރުކަމަށް ލިޔެފައިވަނީ 40 އަހަރެވެ. މިލިޔުމަށް ބެލުމުން އިސްތިއުނާފު ކުރާ ފަރާތް އުފަންވެފައިވަނީ 1944 ގައެވެ. މި ސެޓްފިކެޓަށް މި ކޯޓުން ނަންބަރު ‎2017/HC-A/208‎ ޤަޟިއްޔާގައި ރިޢާޔަތްކުރައްވައި ގޮތެއް ކަނޑައަޅުއްވާފައިވާއިރު، އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގައި ވެސް ދަށު ކޯޓުން އެ ލިޔުމަށް އަލުން ރިޢާޔަތްކުރައްވައި، ދަށު ކޯޓުގެ ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ޅ) ގައި، ދަރިފުޅު އުފަންވިއިރު "އަޙްމަދު ފަޔާޟްގެ ބައްޕަ މުޙައްމަދު އަސްލަމްގެ އުމުރަކީ 20 (ވިހި) އަހަރުކަން އެނގެން އޮންނާތީ" އައިޑީ ކާޑުގައިވާ ތާރީޚު ޞައްޙަ ނޫންކަމަށް ބެލެވޭނެ ހުއްޖަތެއް އެ ލިޔުމުން ޤާއިމުނުވާކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަހުރެން އިތުރަށް ފާހަގަކުރާ ކަމަކީ، ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓަކީ ދަރިފުޅުގެ އުފަންވުން ރަސްމީކޮށް ރެކޯޑުކުރާ ލިޔުމެއް ކަމަށްވެފައި، އޭގައި ބައްޕަގެ އުފަން ތާރީޚުގެ ގޮތުގައި އޮންނަ ތާރީޚަކީ ރަޖިސްޓްރީކުރިއިރު ދަރިފުޅުގެ ޢާއިލާގެ ފަރާތުން ދެވުނު މަޢުލޫމާތެއް ކަމާއި، އިދާރާއިން ބައްޕަގެ އުފަންވުން ކަށަވަރުކޮށްގެން ލިޔެފައިވާ ތާރީޚެއް ނޫން ކަމެވެ. އެއާ ޚިލާފަށް، 03 ސެޕްޓެމްބަރު 1980 ގެ މާލޭ ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، 22 އެޕްރީލް 2006 ގެ މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީއާއި، 2006، 2013 ގައި އައިޑީ ކާޑު ހެއްދުމަށް އެދި އިސްތިއުނާފު ކުރާ ފަރާތް އަމިއްލައަށް ހުށަހެޅި ފޯމުގައި - އެ ފޯމުތަކުގައިވާ މަޢުލޫމާތަކީ ތެދު ކަމަށް އިޤުރާރުވެ - އުފަން އަހަރަކީ 1956 ކަމަށް ބަޔާންކޮށްފައިވެއެވެ. ވަކި ތާރީޚެއް ޞައްޙަކަމަށް ކަނޑައަޅައިދިނުމަށް އެދޭ ފަރާތުގެ އަމިއްލަ މަޞްލަޙަތަށް ބުރަވާ ބަޔާނެއް (‎self-serving declaration‎)، ހަމަ އެ ފަރާތުން އެކި ފަހަރުމަތިން ދީފައިވާ އެއާ ޚިލާފު އިޤުރާރުތަކާ އަޅައިބަލާއިރު، އެ ބަޔާނަށް ދެވޭނެ ބުރަދަން ކުޑަވެއެވެ. މި ލިޔުންތަކުގެ ބުރަދަން ކިރުމަކީ ދަށު ކޯޓުގެ ކަމެއް ކަމަށްވެފައި، އެ ކިރުން ގޯސްކަން އިސްތިއުނާފު ކުރާ ފަރާތަށް ދައްކައިދެވިފައި ނުވާތީ، އެ ސެޓްފިކެޓަށް އަލުން ރިޢާޔަތްކުރެވުނު ނަމަވެސް އުފަން ތާރީޚަކީ 27 އޮގަސްޓު 1943 ކަން ސާބިތުކުރުމަށް އެ ލިޔުން ފުދޭ ކަމަކަށް އަހުރެން ނުދެކެމެވެ.

52އެހެންކަމުން، ހުށަހެޅުނު ހެކިން ޝަރީޢަތަށް ޙާޟިރުކޮށް، އެ ހެކިން ސާބިތުކޮށްދިނުމަށް ހުށަހެޅި ކަންކަން އެކީ ސާބިތުވިކަމަށް ބެލިޔަސް، އެއިން ދޭހަވާނެ އެންމެ ދުރަކީ، އައިޑީ ކާޑުގައިވާ އުފަން އަހަރާމެދު ސުވާލެއް އުފެދުމެވެ. އިސްތިއުނާފު ކުރާ ފަރާތުގެ އުފަން ތާރީޚަކީ 27 އޮގަސްޓު 1943 ކަން އެއިން ސާބިތެއް ނުވެއެވެ. އަދި ދައުވާގައި އެދިފައިވާ ތާރީޚުގެ ބަދަލުގައި އެހެން ތާރީޚެއް، ނުވަތަ ވަކި ތާރީޚެއް ނެތި އުފަން އަހަރު، ކަނޑައަޅައިދިނުމަކަށް އެދިފައެއް ވެސް ނުވެއެވެ. ދަށު ކޯޓުގެ ޝަރީޢަތް ނިންމި ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ފ) ގައި، "މުޙައްމަދު އަސްލަމްގެ އުފަން ތާރީޚަކީ 27 އޯގަސްޓް 1943 ކަން އެނގޭނެ ކިތާބީ ހެއްކެއް ހުށަހަޅާފައި ނުވާކަމާއި" އަދި "ހުށަހެޅިފައިވާ ލިޔުންތަކުން މުޙައްމަދު އަސްލަމްގެ އުފަން ތާރީޚަކީ 27 އޯގަސްޓް 1943 ކަން އެނގެން ނެތަތީ" އެ ތާރީޚު ކަނޑައެޅޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ މި ސަބަބަށްޓަކައެވެ. މިއީ މަދަނީ ދައުވާއެއް ކަމަށްވެފައި، ބެލެންސް އޮފް ޕްރޮބަބިލިޓީސް (‎balance of probabilities‎) ގެ މިންގަނޑުން ބެލިޔަސް، އެދޭ ތާރީޚު ސާބިތުކުރާނެ ހެއްކެއް ނެތެވެ. އެ ކަނޑައެޅުމަކީ ރެކޯޑާ އެއްގޮތް، ޤާނޫނީގޮތުން ރަނގަޅު ކަނޑައެޅުމެއްކަމަށް އަހުރެން ދެކެމެވެ.

53މި ސަބަބު މި އިސްތިއުނާފު ނިންމުމަށް ފުދޭތީ، އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ދަށު ކޯޓުން ނަގަންޖެހޭނެތޯ، ނުވަތަ ނުނެގުމަށް ބަޔާންކުރި ސަބަބު އެކަށީގެންވޭތޯ، މިއީ މި މައްސަލަ ނިންމުމަށް ގޮތެއް ކަނޑައަޅަންޖެހޭ ސުވާލެއްކަމަށް އަހުރެން ނުދެކެމެވެ.

54އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު ‎1217/Cv-C/2019‎ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް ކަނޑައަޅައި މި އިސްތިއުނާފު ނިންމުމަށް ތާއީދުކުރަމެވެ.

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

55މި މައްސަލައިގައި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔަށް ތާއިދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު

56މި ނިޔާއަކީ މަދަނީ އިޖުރާއާތުގެ ގާނޫނު ގައިވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިދާނެ ނިޔާއެކެވެ. އިސްތިއުނާފުކުރުމުގެ އާންމު މުއްދަތަކީ މި ނިޔާކުރާ ދުވަހުން ފެށިގެން ތިރީސް ދުވަހެވެ.

ހުކުމް

ދެންފަހެ އިސްވެ ބަޔާންކުޅަ ކަންކަން އެ ގޮތުގައި ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު ‎1217/Cv-C/2019‎ ގަޒީއްޔާގެ ހުކުމް ބާތިލުކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، މި އިސްތިއުނާފު ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފީމެވެ.

މި ގަޒީއްޔާ ބަލައި ހުކުމް ކުރީ:

ފަނޑިޔާރު ފާޠިމަތު ފަރްހީޒާ

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

(ރިޔާސަތު)

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 7/92 (އުފަން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތުކުރުމާ ބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1)
  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
  • ސުޕްރީމް ކޯޓުގެ 2016/03 ނަންބަރު އާންމު ސިޓީ
  • 2017/HC-A/208
  • 2016/SC-A/25
  • 2019/SC-A/58
  • 2019/SC-A/98
  • 2011/HC-A/192
  • 2019/HC-A/383
  • 2017/SC-A/26

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ