އެޓާރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/58
ޝަރީޢަތް ނިމުނުގޮތް
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
08 އޭޕްރިލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/415
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
އިސްމާޢީލް ޢަބްދުލްޙަމީދު
އެޓަރނީ ޖެނެރަލްގެ އޮފީސް
ޤާނޫނީ ވަކީލު: އަޙްމަދު ސިނާޒް، އެސް. ސީ. އެންޑް ސީ ޕާރޓްނަރސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ ޢަލީ ޝުހައިލް މުޙައްމަދު،
ސްޓޭޓް އެޓަރނީ ސަހުނާ ޢަބްދުއްޞަމަދު
މަދަނީ – ވޮރަންޓީގެ ޙައްޤު – ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) – ކޮރަޕްޝަން މައްސަލަތަކުގައި މަދަނީ ދަޢުވާތައް އުފުލުމުގެ ހަމަތައް
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އިސްމާޢީލް ޢަބްދުލްޙަމީދު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ދައުލަތް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/58 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ އިސްމާޢީލް ޢަބްދުލްޙަމީދު، (މީގެ ފަހުން "އިސްމާޢީލް ޢަބްދުލްޙަމީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.
މައްސަލައިގައި ކަންހިނގާ ދިޔަގޮތް
"އުފުލި-5" މި ނަމުގައި އިންޑޮނޭޝިޔާގައި ބަނދެވޭ ލޭންޑިންގ ކްރާފްޓެއް ("އުޅަނދު") ގަތުމަށްޓަކައި ދިވެހި ސަރުކާރު (މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން) އާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު 19 ޖުލައި 2007 ވަނަ ދުވަހު އެއްބަސްވުމެއް (މީގެ ފަހުން "އެއްބަސްވުން" މިހެން އިޝާރާތްކޮށްފައިވާ) ގައި ސޮއިކޮށްފައި ވެއެވެ.
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އުޅަނދުގެ CIF (އަގާއި އިންޝުއަރެންސާ އަދި ފްރައިޓް ހިމެނޭ ގޮތަށް) ކޮންޓްރެކްޓުގެ އަގަކީ US$ 565,000.00 (ފަސްލައްކަ ފަސްދޮޅަސް ފަސްހާސް އެމެރިކާ ޑޮލަރު) އެވެ. މި ދެންނެވި އަގުގެ ތެރެއަށް ތަކެތި އަގު ބޮޑުވުމުގެ ސަބަބުން، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން އުޅަނދުގެ އަގަށް US$105,000.00 (އެއްލައްކަ ފަސްހާސް އެމެރިކާ ޑޮލަރު) ފަހުން އިތުރުކުރެވުނު ކަމާއި އަގަށް ގެނެވުނު މި ބަދަލުގެ ތެރޭގައި އިންޝުއަރެންސް ފައިސާ ހިމެނޭކަން އެނގެން އޮވެއެވެ. އެހެންކަމުން، އުޅަނދުގެ ޖުމްލަ އަގަކީ US$ 670,000.00 (ހަލައްކަ ހަތްދިހަ ހާސް އެމެރިކާ ޑޮލަރު) އެވެ.
ފައިސާގެ މުޢާމަލާތް ކުރުމަށް އެއްބަސްވެފައިވަނީ، ބޭންކު މެދުވެރިކޮށް ޓެލެގްރެފިކް ޓްރާންސްފާރ (ޓީޓީ) އަކުން ކަމާއި، ނަމަވެސް ފަހުން، ފައިސާގެ މުޢާމަލާތް ކުރާނީ ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ހުޅުވައިގެން ކަމަށް ދިވެހި ސަރުކާރާއި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވިއެވެ. މިގޮތުން އުޅަނދުގެ އަގު އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް އަދާކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސް ގައި 30 މާރިޗު 2008 ގައި ހުޅުވި ލެޓަރ އޮފް ކްރެޑިޓް (އެލްސީ) އަކުންނެވެ.
އުޅަނދުގެ އަގު ދެއްކުމަށް އެއްބަސްވެފައިވާ ގޮތަކީ، އެޑްވާންސްގެ ގޮތުގައި އުޅަނދުގެ އަގުގެ %50 އަށް ވާ ފައިސާ އެއްބަސްވުމުގައި ސޮއިކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި އުޅަނދުގެ އަގުގެ ބާކީ ފައިސާ އަދާކުރަންޖެހެނީ އުޅަނދު ޙަވާލުކުރާތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ. އުޅަނދުގެ ޖުމްލަ އަގު ކަމުގައިވާ US$670,000.00(ހަލައްކަ ހަތްދިހަ ހާސް އެމެރިކާ ޑޮލަރު) ތެރެއިން ދިވެހި ސަރުކާރުން ނުދައްކާވާ ފައިސާއަކީ US$ 26,250.00(ސައްބީސްހާސް ދުއިސައްތަ ފަންސާސް އެމެރިކާ ޑޮލަރު) އެވެ. އެހެންކަމުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ދިވެހި ސަރުކާރުން ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދަކީ US$ 643,750.00 (ހަލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ކަން އެނގެން އޮންނަ ކަމާއި މިއީ ދިވެހި ސަރުކާރުން އުޅަނދު ގަތުމަށް ކުރި ޖުމްލަ ޚަރަދު ("އުޅަނދު ގަތުމަށް ކުރި ޚަރަދު") އެވެ.
އެއްބަސްވުމުގައިވާ ފަދައިން އުޅަނދު ޙަވާލުކުރަންޖެހެނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައެވެ. މިގޮތުން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚަކީ އެއްބަސްވުމުގައި ސޮއިކުރި ތާރީޚު (19 ޖުލައި 2007) އިން ފެށިގެން 18 އޮކްޓޫބަރު 2007 ގެ ނިޔަލަށެވެ. ނަމަވެސް މި އުޅަނދު މާލެ ގެނެވިފައިވަނީ މި ދެންނެވި ތާރީޚު ފަހަނައަޅާ ދިޔަތާ 1 (އެކެއް) އަހަރު ދުވަހަށްފަހު، 23 އޮކްޓޫބަރު 2008 ގައެވެ.
އުޅަނދާ ޙަވާލުވުމަށް އެއްބަސްވެވިފައިވަނީ އެ އުޅަނދު މާލެ ގެނައުމަށްފަހު ގައެވެ. ނަމަވެސް، އެ އުޅަނދު މާލެ އައުމުގެ ކުރިން، ޕްރޮޓޮކޯލް އޮފް ޑެލިވަރީ އެންޑް އެކްސެޕްޓެންސް އޮފް ދަ ވެސެލް ("އުޅަނދު ޙަވާލުވިކަމުގެ ލިޔުން") ގައި، އޭރު މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން ހިންގެވުމާ ޙަވާލުވެ ޑިރެކްޓަރެއްގެ މަގާމުގައި ހުރި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކުރިއެވެ. މިގޮތަށް އޭނާ އުޅަނދާ ޙަވާލުވިކަމުގެ ލިޔުމުގައި ސޮއިކޮށްދީފައިވަނީ، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން އުޅަނދު އޭރު އޮތް ގައުމު ކަމުގައިވާ އިންޑޮނޭޝިޔާގައި، 28 އެޕްރީލް 2008 ވަނަ ދުވަހު އެވެ. އިސްމާޢީލް ޢަބްދުލްޙަމީދު އުޅަނދާ ޙަވާލުވިކަމުގެ ލިޔުމުގައި ސޮއިކޮށްދިނީ، އުޅަނދުގެ އަގު ދިވެހި ސަރުކާރުން ދައްކާ ޚަލާސްކޮށް ނިންމަންޖެހެނީ، އުޅަނދު މާލެ އައުމަށްފަހު ކަމުގައި ވިޔަސް، އުޅަނދު ޙަވާލުވިކަމުގެ ލިޔުމުގައި ސޮއިކުރުމުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް އުޅަނދުގެ އަގު ދެއްކުމަށް ދިވެހި ސަރުކާރުން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ލެޓަރ އޮފް ކްރެޑިޓް ("އެލްސީ") ގެ ފައިސާ އަވަހަށް ލިބިދިނުމުގެ ބޭނުމުގައި ނުނިޔަތެއް އޮވެގެންކަން އެނގެއެވެ.
އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން އުޅަނދު ވިއްކާއިރު އުޅަނދަކީ ބޭނުން ނުކުރާ އައު އެއްޗެއްކަން ޔަޤީންކޮށްދޭ ހިނދު، އުޅަނދު ބަނުމުގައި ނުވަތަ ބޭނުންކޮށްފައިވާ އާލާތްތަކުގައި އަދި ވަޑާމުގައި އެއްވެސް އުނިކަމެއް ނުހުންނާނެކަން ކަށަވަރުކޮށްދެއެވެ. ނަމަވެސް އެ ނޫން ގޮތަކަށް އޮންނަ ޙާލަތުގައި، އެ ކަންކަން ރަނގަޅުކުރުމަށް އުޅަނދު ޙަވާލުކުރާ ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ވޮރަންޓީ އެއް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ދޭންވާނެ ކަމަށް ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައެވެ. މި ވޮރަންޓީގެ ދަށުން އުޅަނދު ބަނދެފައި ހުރި ގޮތުގެ ސަބަބުން އެއްވެސް މައްސަލައެއް އުޅޭ ކަމަށްވާނަމަ އެ ކަމެއް ރަނގަޅު ކުރުމަށް ވޮރެންޓީގެ ދަށުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ލިޔުމަށާއި، އެގޮތުން ފޮނުވާ ނޯޓިސް ލިބުމާއެކު، އިތުރު އަގެއް ނެގުމަކާ ނުލައި އެކަމެއް ރަނގަޅު ކޮށްދިނުން ނުވަތަ އެ އެއްޗެއް ބަދަލުކޮށް ދިނުމަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވެފައިވާކަން އެނގެން އޮވެއެވެ.
އުޅަނދު މާލެ ގެނެވުނުއިރު، އުޅަނދުގެ ވޮރަންޓީގެ މުއްދަތު ހަމަވާން ބާކީ އޮތީ އެންމެ ދެ ދުވަހެވެ. އުޅަނދު މާލެ ގެނެވުނުއިރު، ބޯޓުގެ ހަލް އޮމާންކުރަންޖެހިފައި ވުމާއި، އުޅަނދުގައި އަލުން ދަވާދުލާންޖެހިފައި ވުމާއި އަދި އުޅަނދުގެ ވީލްހައުސް ބައެއް ލަކުނޑިތައް ބަދަލު ކުރަންޖެހިފައިވުން ފާހަގަކޮށްފައި ވެއެވެ. އަދި އުޅަނދުގައި ހުންނަންޖެހޭ ވާވެލާވެލީގެ ލިސްޓުގައި ހިމެނޭ ތަކެތި މަދު ކަމުގައި ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން، އުޅަނދަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދަ އުޅަނދެއް ނޫންކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޖިނާއީ ދަޢުވާއުފުލުން
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން، އުޅަނދު ރާއްޖޭގައި ބަނދަރު ކުރުމުގެ ކުރިން، އިސްމާޢީލް ޢަބްދުލްޙަމީދު ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ގެ ފައިސާ، އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ހޯދައި ދިނުމަށްޓަކައި އޭތި ލިބުނުކަމަށް ދައްކައި އުޅަނދާ ޙަވާލުވި ކަމުގެ ލިޔުމުގައި ސޮއިކޮށްފައިވާތީ، އަދި މި ޢަމަލުގެ ސަބަބުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒް ފައިދާތަކެއް ވެފައިވާތީ، އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސަރުކާރުގެ މުވައްޒަފަކު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ޖިނާއީ ދަޢުވާ ދައުލަތުން އުފުލައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އިސްމާޢީލް ޢަބްދުލްޙަމީދު 01 (އެކެއް) އަހަރާއި 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 567/Cr-C/2010 (2334/JC/2009) ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
އިސްވެ ބުނެވުނު ޖިނާއީ މައްސަލަ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސާބިތުވުމުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/233 ޤަޟިއްޔާ އިންނެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ޙުކުމަށް ތާއީދު ކޮށެވެ. މި ދެންނެވި ޖިނާއީ މައްސަލަ އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބަލައި ޙުކުމްކޮށްފައިވަނީ އިސްމާޢީލް ޢަބްދުލްޙަމީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ތާއީދު ކޮށެވެ. އިސްވެ ދެންނެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި އިސްމާޢީލް ޢަބްދުލްޙަމީދުގެ ޖިނާއީ މި ޢަމަލުގެ ނަތީޖާއެއްގެ ގޮތުން، އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (5) ވަނަ އަކުރުގެ ދަށުން ދައުލަތަށް ލިބެން އޮތް ވޮރަންޓީގެ ޙައްޤު ގެއްލިފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
މަދަނީ ދަޢުވާއުފުލުން
ލެޓަރ އޮފް ކްރެޑިޓް (އެލްސީ) މެދުވެރިކޮށް އުޅަނދުގެ އަގު އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ހޯދައި ދިނުމަށްޓަކައި އުޅަނދު ލިބުމުގެ ކުރިން، އޭތި ލިބުނު ކަމަށް ދައްކައި އުޅަނދާ ޙަވާލުވިކަމުގެ ލިޔުމުގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކުރުމުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ވޮރަންޓީގެ ޙައްޤު ގެއްލިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްމާޢީލް ޢަބްދުލްޙަމީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވާތީވެ އޭނާގެ އެ ޢަމަލުގެ ސަބަބުން ދަޢުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އުޅަނދު ގަތުމަށް ކުރި ޚަރަދު US$643,750.00 (ހަލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) އިސްމާޢީލް ޢަބްދުލްޙަމީދުގެ ކިބައިން އެކީ އެއްފަހަރާ ދައުލަތަށް ލިބިދިނުމަށް އެދި ދަޢުލަތުގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ.
ސިވިލް ކޯޓުގެ ނިންމުން
ބަޔާންވެދިޔަ މަދަނީ މައްސަލަ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސިވިލް ކޯޓުގައި އުފުލައި އެ ކޯޓުގައި ހިންގާފައިވަނީ އެ ކޯޓުގެ ނަންބަރު 2389/Cv-C/2014 ޤަޟިއްޔާގައެވެ. މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ ދައުލަތާ ދެކޮޅަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.
13.1. އެއްބަސްވުމުގައިވާ ގޮތުގެމަތިން އެއްބަސްވުމުގައި ސޮއިކުރާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި އުޅަނދު މާލެ އާ ހަމައަށް ގެނެސް ޙަވާލުކުރުމަކީ އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއް ކަމާއި، އުޅަނދު ބަނުމުގައި ހުރި މައްސަލައެއްގެ ސަބަބުން ނުވަތަ މެނުފެކްޗަރިންގ ޑިފޯލްޓެއްގެ ސަބަބުން، އުޅަނދު ޙަވާލު ކުރާތާ 180 (ސަތޭކަ އަށްޑިހަ) ދުވަހުގެ ތެރޭގައި އެކަން ޙައްލުކޮށްދޭންޖެހޭ ވޮރަންޓީއެއް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައުލަތަށް ދީފައިވާކަމަށް ބަޔާންކޮށްފައިވާކަން.
.13.2 ދައުލަތުގެ ފަރާތުން އެ އުޅަނދަކީ ބައު އެއްޗެއް ކަމަށް ބުނާ ބުނުން ފިޔަވައި އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅާފައި ނުވާއިރު، އެ އުޅަނދުގައި ހުރި އެއްވެސް ކަމަކީ ޑެމޭޖެއް ނުވަތަ ވަކިން ޚާއްޞަކޮށް އިރިކަވަރަބަލް ޑެމޭޖެއް ކަމަށް މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ނަންބަރު 99-F/VST/2009/31 (22 މާރިޗު 2009) ނޯޓިހުގައި ފާހަގަކޮށްފައި ނުވާކަމަށާއި، އެ އުޅަނދުގައި ހުރިނަމަ ހުރި ކަންކަމަކީ "އިމްޕާފެކްޝަންސް" ގެ ގޮތުގައި ބެލެވޭ ކަންކަން ކަމަށް އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަމަށާއި، މި ކަންކަން އިސްލާޙުކޮށް ދިނުމަށް އެދި ފޮނުވި ނޯޓަށް އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުން ޖަވާބުދީފައި އޮތް ކަމާއި ނަމަވެސް އެ މައްސަލަތައް ޙައްލުކުރުމަށް ދައުލަތުން ބޭނުން ނުވުމުން އެ ކަންކަން ޙައްލުކުރެވިފައި ނުވާކަން.
13.3. މި މައްސަލައިގެ ޝަރީޢަތަށް ހެކިބަސް ދީފައިވާ ފަރާތްތަކުގެ ބަހުން އުޅަނދަށް ލިބިފައިވާ ގެއްލުމަކީ އިރިކަވަރަބަލް ޑެމޭޖެއް ކަމަށް ނުދެކޭ ކަމަށާއި، އަދި ސްޓަރަކްޗަރއަށް ގެއްލުމެއް ވެފައިވާކަން ނޭގޭ ކަމަށާއި، އަދި ދިގު ދަތުރު ކުރާ ދަގަނޑު އުޅަނދުތަކުގެ ދަތުރު ނިމުމުން އާދަވެ ބަލަހައްޓާ ބެލެހެއްޓުމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކެއް އެފަދަ އުޅަނދުގައި އަބަދުވެސް ހުންނަ ކަމަށާއި، އަދި އުޅަނދުގައި ހުރިއްޔާ ހުރި ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ އާދަވެ ބަލަހައްޓާ ބެލެހެއްޓުމުގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކެއް ކަމަށް އެނގެން އޮންނަކަން.
އިސްވެ ބަޔާންވެދިޔަ ޙާލަތުގައި އުޅަނދު ވަނިކޮށް، އެ އުޅަނދުގެ ފުރިހަމަ އަގު ދައުލަތަށް އިކުއިޓަބަލް ރެމެޑީއެއްގެ ގޮތުގައި ނަގައިދެވިދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށާއި، އަދި މި ޙާލަތުގައި އެފަދަ ބަދަލެއް ދައުލަތަށް ނަގައިދިނުމަކީ ދައުލަތަށް ނުޙައްޤު މަންފާއެއް ނަގައިދިނުން ކަމަށް ބެލެވިދާނެ ކަމެއް ކަމަށާއި، އުޅަނދު ބޭނުން ކުރުމަށް ދައުލަތުން ޢުޒުރުވެރިވާ ޙާލަތުގައި އަދި މި ދަޢުވާ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ކޮށްފައި އޮތްއިރު، އެ އުޅަނދު އިސްމާޢީލް ޢަބްދުލްޙަމީދު އާ ޙަވާލުނުކޮށް، އުޅަނދު ވީރާނާވެގެން ދިޔުން ހުއްޓުވާ އުޅަނދު ރައްކާތެރިކޮށް އަދި ބެލެހެއްޓުމުގެ ގޮތުން އެއްވެސް ޒިންމާއެއް ދައުލަތުން އަދާކުރުމަކާ ނުލައި އަދި ގެއްލުން ކުޑަ ކުރުމަށް ދައުލަތުން އެދެވޭ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި، މިހާރު އެ އުޅަނދަކީ ބޭނުން ނުކުރެވޭ އުޅަނދެއް ކަމަށް ބުނެ، އެ އުޅަނދު ގަތުމަށް ހޭދަކޮށްފައިވާ US$ 643,750.00 (ހަލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) އިސްމާޢީލް ޢަބްދުލްޙަމީދުގެ ކިބައިން އެކީ އެއްފަހަރާ ދަޢުލަތަށް ލިބިދިނުމަށް އަންގާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ޙުކުމްކޮށްފައި ވެއެވެ.
ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށް ބުނެ، ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާ އިންނެވެ. އެ ޙުކުމަށް ވާސިލުވުމުގައި ތިރީގައި މިވާ ކަންކަމަށް އެ ކޯޓުން ރިޢާޔަތްކޮށްފައި ވެއެވެ.
މާލޭ މުނިސިޕަލްޓީގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ފަރާތުން 22 މާރިޗު 2009 ގައި އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ނަންބަރު 99-F/VST/2009/31 ސިޓީގައި ފާހަގަކޮށްފައިވާ ބޯޓުގެ ހަލްއޮމާންކުރަންޖެހިފައި ވުމާއި، އުޅަނދުގައި އަލުން ދަވާދުލާންޖެހިފައި ވުމާއި އަދި އުޅަނދުގެ ވީލްހައުސް ބައެއް ލަކުޑިތައް ބަދަލު ކުރުން ފަދަ ކަންކަމަކީ މެނުފެކްޗަރިންގ ޑިފޯލްޓެއް ނޫންކަން ސިވިލް ކޯޓަށް ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ފަރާތްތަކުން ބުނެފައިވާ ކަމަށާއި، އަދި އެއީ މެނުފެކްޗަރިންގ ޑިފޯލްޓެއް ކަމަށް ދައުލަތުގެ ފަރާތުންވެސް ބުނެފައިނުވާ ކަމަށާއި، އެއްބަސްވުމުގެ 5 ވަނަ މާއްދާއަށް ބަލައިފި ހިނދަކު ވޮރެންޓީގެ ފުރުޞަތު ލިބުނު ނަމަވެސް، ދައުލަތުން ހުށަހަޅާފައިވާ ގޮތަށް އުޅަނދު ބަދަލުކުރުމުގެ ނުވަތަ އުޅަނދު އަނބުރާ ރައްދުކުރުމުގެ ފުރުޞަތު ލިބިގެން ނުވާކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ލަޠީފް ވ. އާމިނަތު ޝާހިދާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގައި ގެއްލުމުގެ ބަދަލު ލިބިދިނުމުގައި 3 (ތިނެއް) ކަމަކަށް ރިޢާޔަތްކުރަންޖެހޭކަން އެނގެން އޮންނަ ކަމަށާއި، އެއީ ފުރަތަމައަށް "ޚަތައު"، ދެވަނަ އަށް "ގެއްލުން" އަދި ތިންވަނައަށް ކުރި "ޚަތައު" ގެ ޢަމަލާއި ލިބުނު ގެއްލުމާއި ދެމެދު ގުޅިފައިވާ ގުޅުން ކަމަށާއި، ދައުލަތުން ހަމައެކަނި ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ޚަތައު އެއް ހިނގާފައިވާކަން ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުންނާއި ސިވިލް ކޯޓުގެ ނަންބަރު 2398/Cv-C/2014 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ ކަމަށާއި، ދައުލަތުން ސާބިތުކޮށްދޭން ޖެހޭ ދެވަނަ ރުކުނަކީ ކުރި ޢަމަލާއި ލިބުނު ގެއްލުމާއި ހުރި ގުޅުން ކަމަށާއި، މި ރުކުން ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ތަކުންނާއި، ދައުލަތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެ އުޅަނދު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން ނުވަތަ ނޫންކަން އެނގެން ނެތްކަން.
ދައުލަތުން ސާބިތުކޮށް ދޭންޖެހޭ ތިންވަނަ ރުކުނަކީ ގެއްލުން ކަމަށާއި، ނަމަވެސް އެވަރުގެ ގެއްލުމެއް ލިބިފައިވާކަން އެނގެން ނެތްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށާއި، ހުށަހެޅިފައިވާ ކިތާބީ ހެކި ތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2389/Cv-C/2014 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނާތީ، އެ ޚަތައުގެ ސަބަބުން މުޅި އުޅަނދުގެ އަގު ހޯދަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ދެންނެވުނު ޤަޟިއްޔާއިން ޤާއިމުކޮށްފައިވާ އުސޫލާއި ސިވިލް ކޯޓުގެ ނަންބަރު 2389/Cv-C/2014 ޤަޟިއްޔާ ނިންމުމުގައި ޚިލާފުވެފައިވާކަމަށް ބަލާނެ ތަނެއް ނެތްކަން.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރެވުނު އިސްތިއުނާފު
މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވަނީ ތިރީގައި އެވާ 02 (ދޭއް) ނުކުތާއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ގަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގެ 3.4 ގައި ދައުލަތަށް ލިބުނު ގެއްލުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޢަބްދުލްޙަމީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ދައުލަތަށް އުޅަނދު ލިބުމުގެ ކުރިން އުޅަނދު ޙަވާލުވިކަމުގެ ލިޔުމުގައި އިސްމާޢީލް ޢަބްދުލްޙަމީދު ސޮއިކުރުމުގެ ސަބަބުން ދައުލަތަށް ލިބިގެންވާ ވޮރަންޓީގެ ޙައްޤު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ އޮތް އޮތުމަށް ރިޢާޔަތް ކުރުމެއްނެތި ކަމުގައިވާތީ، އެ ނިންމުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3.4 ގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ކިބައިން ދައުލަތަށް ނަގައިދިނުމަށް އެދިފައިވާވަރުގެ ގެއްލުމެއް ލިބިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށާއި ހުށަހަޅާފައިވާ ކިތާބީ ހެކި ތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2389/CV-C/2014 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން ނެތް ކަމުގައި ކަނޑައަޅާފައިވަނީ މައްސަލައިގައި ކަން ހިނގާފައިވާގޮތް ކަމަށް ދައުލަތުން ބަޔާންކުރި ވާޤިޢާތަކާއި އެ ކަންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރުމެއްނެތި ނިންމާފައިވަނީ ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދައުލަތުން މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވާ ދެ ނުކުތާއަކީ، ހަމަ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށަހެޅި މައިގަނޑު ސަބަބުތަކެވެ. މީގެ ތެރެއިން މި ރައުޔުގެ 18 ވަނަ ޕެރެގްރާފްގެ (ށ) ގައި ތަފުޞީލު ދެވިފައިވާ ދެވަނަ ނުކުތާއަކީ ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި، ބަޔާންކުރި ވާޤިޢާތައް ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރުމެއްނެތި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ. މައްސަލައެއްގެ ވާޤިޢާތައް ސާބިތުކުރުމާއި ހެކި ވަޒަންކުރުން ފަދަ ކަންކަމަކީ އިސްތިއުނާފީ މަރުޙާލާގައި ކުރާކަމެއް ނޫނެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ ކުރިމައްޗަށް ހުށަހެޅުނު ކަންކަމުގެ މައްޗަށް އެ ކޯޓުން ބަލައި، ރިޢާޔަތްކޮށް އެ ކޯޓުން ޙުކުމެއްކޮށްފައިވާ ކަމާއި، މައްސަލައެއްގައި ޚަސްމަކާ ދެކޮޅަށް މައްސަލައެއް ނިމޭ ހިނދު، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ހެއްކާއި ޤަރީނާއަށް ރިޢާޔަތްކޮށްފައި ނުވާ ކަމަށް ބުނާނަމަ، ފަނޑިޔާރުން ރިޢާޔަތް ކޮށްފައިނުވާ ޤާނޫނީ ކޮން ނުކުތާއަކާ ގުޅިގެން ހުށަހަޅާފައިވާ ކޮން ހެއްކެއްކަން ބުނެދިނުމަކީ އެހެން ބުނާ ފަރާތެއްގެ ޒިންމާއެކެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާ ކޮންމެ ކަމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާ ކަމަކަށް ވާންވާނެ ކަމާއި، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުގައި ހުށަހަޅާފައިވާ ދެވަނަ ނުކުތާއަކީ މި ދެންނެވި ތަރަހައިގެ ބޭރުންވާ ނުކުތާއެކެވެ.
ދައުލަތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް ދެއްވައި، އިސްމާޢީލް ޢަބްދުލްޙަމީދުގެ ކިބައިން ބަދަލުގެ ގޮތުގައިUS$ 643,750.00 (ހަލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ނަގައި ދިނުމަށެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖަވާބުގެ ޚުލާސާއަކީ، ދައުލަތުގެ އިސްތިއުނާފު ބިނާކޮށްފައިވަނީ ވޮރަންޓީގެ ޙައްޤު ގެއްލުން ކަމުގެ މައްޗަށް ކަމުގައިވާތީވެ، އެކަން ބިނާވަނީ ވޮރަންޓީގެ ޙައްޤު ނެތުމުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ ޙައްޤަކީ ކޮބައިތޯ ބެލިގެން ކަމާއި، މި ކަމަށް ބަލާއިރު އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (5) ވަނަ އަކުރުގައި ބަޔާންކުރާ ވޮރަންޓީގެ ދާއިރާއަކީ މެނުފެކްޗަރިންގ ޑިފޯލްޓް ފަދަ ކަންކަން ރަނގަޅު ކުރުން ކަމަށް ދެކޭ ކަމާއި، ދައުލަތުން އެދިފައިވަނީ އެއްބަސްވުމުގައިވާ ފަދަ އުޅަނދަކަށް އެ އުޅަނދު ނުވާތީ ކަމަށް ދެކިގެން އުޅަނދު ބަދަލުކުރުން ނުވަތަ އަނބުރާ ފޮނުވާލުން ކަމަށް ވާހިނދު މި ކަންކަން ވޮރަންޓީގެ ތެރޭގައި ނުހިމެނޭ ކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އެހެންކަމުން، އިސްތިއުނާފު ދައުރުވާ އަސާސަކީ އިސްމާޢީލް ޢަބްދުލްޙަމީދު ކުރި ޢަމަލުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ދައުލަތަށް ލިބެން އޮތް ވޮރަންޓީގެ ޙައްޤު ގެއްލިފައިވާތީވެ އެކަމުގެ މަދަނީ ބަދަލު ހޯދުމުގެ މައްޗަށެވެ.
ވޮރަންޓީގެ ޙައްޤު
ވޮރަންޓީގެ ޙައްޤަކީ ދައުލަތުގެ ފަރާތުން އިސްތިއުނާފު ބިނާކުރާ މައިގަނޑު އަސާސް ކަމުގައިވާތީ ވޮރަންޓީގެ ޙައްޤާ ގުޅޭގޮތުން ބަލާލުން މުހިއްމެވެ. އެއްބަސްވުމުގައި ވޮރަންޓީގެ ޙައްޤާ ގުޅޭގޮތުން ބަޔާންކޮށްފައިވަނީ އެއްބަސްވުމުގެ 5 ވަނަ މާއްދާ ގައެވެ.
މި މާއްދާގެ ފުރަތަމަ އަކުރުގައި ބަޔާންކޮށްފައިވަނީ، އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ އުޅަނދަކީ އެއްވެސް ގޮތަކަށް ބޭނުންކޮށްފައިނުވާ، އެންމެ ފަހުގެ ވަސީލަތްތަކާ އާލާތްތަކާއެކު ހަދާފައިވާ އުޅަނދަކަށް ވާންވާނެ ކަމަށް އުޅަނދު ފޯރުކޮށްދޭ ފަރާތުން ޔަޤީންކަން ދޭންވާނެއެވެ. އުޅަނދު އާންމު ގޮތެއްގައި ބޭނުންކުރުމުގައި ދިމާވާ ކަންތައްތައް ފިޔަވައި މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ އުޅަނދު ޑިޒައިން ކުރުމުގައި ނުވަތަ ބޭނުންކޮށްފައިވާ އާލާތެއްގެ ސަބަބުން ނުވަތަ އުޅަނދުގެ މަސައްކަތްކުރާ ފަރާތެއްގެ ސަބަބުން ނުވަތަ ފޯރުކޮށްދޭ ފަރާތުގެ ޢަމަލެއްގެ ސަބަބުން އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ޔަޤީންކަން ދޭންވާނެއެވެ.
މި މާއްދާގެ ދެވަނަ އަކުރުގައިވަނީ ފޯރުކޮށްދޭ އުޅަނދުގައި އެއްވެސް މައްސަލައެއް ވާނަމަ އެކަން ލިޔުމުން އުޅަނދު ފޯރުކޮށްދިން ފަރާތަށް އަންގަންވާނެއެވެ. އަދި ތިންވަނަ އަކުރުގައި، މިފަދަ ނޯޓިސް އެއް އުޅަނދު ފޯރުކޮށްދިން ފަރާތަށް ލިބުމުން އިތުރު އަގެއް ނެގުމަކާ ނުލައި މަރާމާތުކޮށް ދިނުން ނުވަތަ އުޅަނދުގައި ނުވަތަ އުޅަނދުގެ ބައެއްގައި އައިބެއް ހުރިނަމަ އެކަމެއް ރަނގަޅު ކޮށްދޭން ވާނެއެވެ. އަދި ހަމަ އެހެންމެ ހަތަރުވަނަ އަކުރުގައި، ނޯޓިސް ދިނުމަށްފަހު 30 (ތިރީސް) ދުވަހުގެ ތެރޭގައި އުޅަނދަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާއެއް ދީފައިނުވާނަމަ، އުޅަނދު ފޯރުކޮށްދިން ފަރާތުގެ ޒިންމާގައި އަދި އެ ފަރާތުގެ ޚަރަދުގައި އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް ގަތް ފަރާތުން ކުރެވިދާނެ ކަމަށާއި އަދި އެ މަސައްކަތްކުރާނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެހެން ޙައްޤަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށެވެ. މި ވޮރެންޓީގެ މުއްދަތަކީ އުޅަނދު ހަވާލުކުރާ ތާރީޚުން ފެށިގެން 180 (ސަތޭކަ އަށްޑިހަ) ދުވަހެވެ.
ވޮރަންޓީގެ ޙައްޤުގެ ދަށުން ދަޢުވާކުރެވޭނެ ޙައްޤުތަށް ބަޔާންކޮށްފައިވަނީ ތިރީގައި އެވާ ގޮތަށެވެ. އެއީ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (V) އެވެ.
“any claims arising under this warranty shall be limited to all manufacturing defaults, not including accidents or operational damages and shall be the sole responsibility of the Supplier”
މި ވޮރަންޓީގެ ދަށުން ހުށަހަޅާ މައްސަލަތަކުގައި އުޅަނދު ފޯރުކޮށްދޭ ފަރާތް (އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑު) ޒިންމާވާނީ އުޅަނދު އުފެއްދުމުގައި ހުރި އުނިކަންކަން ނުވަތަ އުޅަނދު ބަނުމުގައި ހުރި މައްސަލަތައް ކަމާއި، އުޅަނދު ދުއްވުމުގައި ލިބޭ ގެއްލުމާއި އެކްސިޑެންޓްވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ޒިންމާ މި ވޮރަންޓީގެ ތެރޭގައި ނުހިމެނޭނެއެވެ.
ކޮރަޕްޝަން މައްސަލަތަކުގައި މަދަނީ ދަޢުވާތައް އުފުލުމުގެ ހަމަތައް
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގައި ކަނޑައަޅާފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތު ވެއްޖެނަމަ، އެ ކުށުގެ ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދަޢުވާތައް އުފުލުމަށް އެ ޤާނޫނު ހުރަހެއް ނާޅައެވެ. ކޮމަން ލޯ ނިޒާމަށް ޢަމަލުކުރާ ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި މަދަނީ ބަދަލު ނަގައިދިނުމުގައި އާންމު ގޮތެއްގައި ދެ ގޮތަކަށް ދަޢުވާ އުފުލައެވެ. އެއީ، ޓޯރޓްސް ޤާނޫނުގެ ދަށުން ނުވަތަ އިކުއިޓީ ހަމަތަކުގެ މަތިން، ދައުލަތުގެ މުވައްޒަފަކު އޭނާގެ ވާޖިބު އަދާކުރުމުގައި ދަމަހައްޓަންޖެހޭ އަމާނާތްތެރިކަމުގެ މަސްއޫލިއްޔަތުން އެއްކިބާ ވެފައިވާތީވެ، ފިޑިއުޝަރީ ޑިއުޓީ އާ ޚިލާފުވުމުން އެޖެންސީ ލޯގެ ހަމަތަކުގެ މަތިން އުފުލޭ ދަޢުވާ ތަކެވެ. ދިވެހިރާއްޖޭގައި މި ބާވަތުގެ ދަޢުވާތައް އުފުލުމުގައި އިސްކަންދީފައިވަނީ ޓޯރޓްސް ލޯގެ ހަމަތަކަށް ކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާޙީމް ލަތީފް ވ. އާމިނަތު ޝާހިދާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަށް ބެލުމުން އެނގެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިބްރާޙީމް ލަތީފް ވ. އާމިނަތު ޝާހިދާ ގައި ބަޔާންކޮށްފައި ވަނީ ބަދަލު ހޯދުމަށް ދަޢުވާކުރާ ފަރާތަށް ބަދަލު ޙައްޤުވަނީ ލިބުނު ގެއްލުމާ މަސްއޫލުވާ ފަރާތުގެ މައްޗަށް އޮތް ކޮން ޤާނޫނީ މަސްއޫލިއްޔަތަކާ ޚިލާފުވުމުން ލިބިފައިވާ ކޮން ގެއްލުމެއްގެ ބަދަލެއް ކަމާއި އަދި އެ ޤާނޫނީ މަސްއޫލިއްޔަތަކީ މަދަނީ މަސްއޫލިއްޔަތެއްކަން ނުވަތަ ޖިނާއީ މަސްއޫލިއްޔަތެއްކަން ދަޢުވާގައި ސާބިތު ކުރަންވާނޭކަމަށް ވަނީ ބަޔާންކޮށްފައެވެ. ގެއްލުމެއް މެދުވެރިކުރުވާ ކޮންމެ ތަޤްސީރީ ނުވަތަ އިހުމާލީ މަސްއޫލިއްޔަތަކީ އެ ޚަތައުގެ ސަބަބުން އޭގެ ޒިންމާ އުފުލަންޖެހޭ ފަރާތުން އެ ކަމަށް ބަދަލު ދޭންޖެހޭ ކަމެއް ކަމާއި، އަދި މިކަން ސާބިތު ކުރުމުގައި ބަލާނީ، އެ ކުރި ޢަމަލަކީ ޝަރުޢިއްޔަތެއް ނެތް އިހުމާލީ ޢަމަލެއް ނުވަތަ ޚަތައެއް ތޯއާއި، އެކަމުގެ ސަބަބުން ގެއްލުމެއް ނުވަތަ ޑެމޭޖެއް ވެފައިވޭތޯ އާއި އަދި އެ ޚަތައު ނުވަތަ އިހުމާލީ ޢަމަލާއި ލިބުނު ގެއްލުމާއި އޮތް ގުޅުމުގެ މައްޗަށް ކަން އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ.
މިފަދަ މައްސަލަތަކުގައި ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން ޤާނޫނުގައި ސާފު އުޞޫލުތަކެއް ބަޔާންކޮށްފައި ނުވެއެވެ. ނަމަވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި:
"..މި ޤާނޫނުގައި ބުނެފައިވާ ކުށެއް ސާބިތުވެއްޖެ މީހަކަށް އެމީހަކު ކުރި ކުށުގެ ސަބަބުން، އެއްވެސް މުދަލެއް ނުވަތަ ފައިސާއެއް ލިބިފައިވާނަމަ، އެ ގޮތުން ލިބުނު މުދަލާއި، ފައިސާއާއި، އެ ފައިސާއިން ހޯދާފައިވާ މުދަލާއި ތަކެތި، ކޮންމެ މީހެއްގެ އަތުގައި ނުވަތަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ނުވަތަ އެހެން މީހަކަށް ވިއްކައި ނުވަތަ ދީފައިވިޔަސް، އެ އެއްޗެއް އަތުލެވޭނެ"
މި ފަދައިން ބަޔާންކޮށްފައި ވެއެވެ.
ބަޔާންވެދިޔަ ޤާނޫނުގެ ނައްޞަށް ބަލާއިރު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދަލާއި އަދި ފައިސާ އިން ހޯދާފައިވާ އެހެނިހެން މުދަލާއި ތަކެތި ހޯދުމަށް ދަޢުވާކުރުމުގެ އިޚްތިޔާރު ދައުލަތަށް އޮންނަކަން އެނގެއެވެ. މިފަދަ ނާޖާއިޒު ގޮތަކަށް ހޯދާފައިވާ ތަކެތި ރާއްޖެއިން ބޭރުގައި ހުރި ކަމުގައިވިޔަސް ޤާނޫނުގައި ކަނޑައަޅާފައިވާ އިންތިޒާމުތަކުގެ ތެރެއިން އެތަކެތި ހޯދުމުގެ އިޚްތިޔާރު ދައުލަތަށް އޮވެއެވެ.
ދައުލަތުގެ މުވައްޒަފަކު ކުޅަ ޢަމަލެއްގެ ސަބަބުން ނުވަތަ އޭނަގެ އިހުމާލުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ޒިންމާ އޭނާ އުފުލަން ވާނެއެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ކުށެއް ދައުލަތުގެ މުވައްޒަފެއްގެ މައްޗަށް ސާބިތުވާ ހިނދު އެ ޢަމަލުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާ އާއި މުދާ ހިމެނޭގޮތުން މަދަނީ ގެއްލުމުގެ ބަދަލު ދިނުމަކީ އެ މުވައްޒަފުގެ މައްޗަށް އޮތް ޒިންމާއެކެވެ.
މި ބާވަތުގެ ކޮރަޕްޝަން މައްސަލަތަކުގައި މަދަނީ ދަޢުވާތައް އުފުލުމުގައި ބަލާ މިންގަނޑަކީ ދައުލަތުގެ މުވައްޒަފަކު ކުރި ކުށުގެ ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ މައްޗަށެވެ. މި ތަރަހައިގެ ތެރެއިން އުފުލޭ ދަޢުވާ ބިނާ ވާންޖެހޭނީ، ދައުލަތުގެ މުވައްޒަފު އެ ކުށް ނުކުރިނަމަ، ދައުލަތަށް އެ މުޢާމަލާތުން ލިބޭނެ މަންފާ ހޯދުމެވެ.
އުޞޫލުތައް ތަޠުބީޤުކުރުން
ބަޔާންވެދިޔަ އުޞޫލުތަކަށް ބަލައި ހުށަހެޅިފައިވާ މި މައްސަލައިގައި ބަލަންޖެހޭނީ އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމަކީ ކޮބައިތޯ ކަމާއި، އެ އަށްފަހު އެ ކުށުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމެއް ދެނެގަނެ އެ ގެއްލުމެއްގެ ބަދަލު ހޯދުމަށެވެ.
މިގޮތުން އިސްމާޢީލް ޢަބްދުލްޙަމީދު ކުރިކުށުގެ ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމަކީ ވޮރަންޓީ ލިބުމުގެ ޙައްޤު ބީވެގެން ދިއުންކަން އިސްމާޢީލް ޢަބްދުލްޙަމީދުގެ މައްޗަށް އުފުލުނު ޖިނާއި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްމާޢީލް ޢަބްދުލްޙަމީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ގައި ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އިސްމާޢީލް ޢަބްދުލްޙަމީދު އެ ކޮރަޕްޝަން ޢަމަލު ނުހިންގިނަމަ، ދައުލުތަށް ލިބޭނެ މަންފާއަކީ ވޮރަންޓީގެ ޙައްޤު ލިބުމެވެ. ވީމާ، އިސްމާޢީލް ޢަބްދުލްޙަމީދު ޒިންމާވާންޖެހޭނީ، ވޮރަންޓީގެ ޙައްޤު ދައުލަތަށް ލިބުނުނަމަ، އެކަމުގެ ސަބަބުން ދައުލަތަށް ލިބޭނެ މަންފާއާ އެއްވަރުގެ ބަދަލެއް ދިނުމަށެވެ. ވޮރަންޓީގެ ދަށުން، އުފުލަންޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޒިންމާތައް އިސްމާޢީލް ޢަބްދުލްޙަމީދު އުފުލައި އެކަމުގެ ބަދަލު ދައުލަތަށް އޭނާ ދޭން ޖެހޭނެއެވެ.
ވޮރަންޓީގެ ދަށުން އުޅަނދު ވިއްކި ފަރާތް (އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑް) ޒިންމާވާންޖެހޭނީ އުޅަނދު ބަނުމުގައި ހުންނަ މައްސަލަތައް ކަމުގައިވާ މެނުފެކްޗަރިންގ ޑިފޯލްޓް ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އުޅަނދު ބަނުމުގައި މެނުފެކްޗަރިންގ ޑިފޯލްޓެއް ހުރިނަމަ، އެކަމެއް ރަނގަޅުކޮށް ދިނުން ނުވަތަ އެކަމަށް ދާނެ ޚަރަދު އިސްމާޢީލް ޢަބްދުލްޙަމީދުގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ދެކެމެވެ. ނަމަވެސް ދައުލަތުން އުޅަނދުގެ ވޮރަންޓީގެ ދަށުން ޙައްލެއް ހޯދުމަށް އެދިފައިވަނީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދަ އައު އުޅަނދަކަށް އެ އުޅަނދު ނުވުމާއި، ވާވެލާވެލި ފަދަ އާލާތްތައް މަދުވުން ފަދަ ކަންކަން ނެތުމުން ކަމުގައިވާތީވެ މި ކަންކަމަކީ ވޮރަންޓީގެ ދަށުން ރަނގަޅު ކުރެވިދާނެ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމުގެ ޙައްލު ހޯދުމަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އައިލެންޑް ލޮޖިސްޓިކް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ދައުލަތަށް އޮންނަކަން އެއްބަސްވުމަށް ބެލުމުން އެނގެއެވެ. ދައުލަތުން އިތުރަށް ފާހަގަކުރާ ކަންތަކުގެ ތެރޭގައި ހިމެނެނީ، ދިގު ދަތުރެއްކޮށްފައި އައުމުގެ ސަބަބުން އުޅަނދަށް ލިބިފައިވާ ގެއްލުންތައް ރަނގަޅު ކުރުމުގެ ފުރުސަތު ވޮރަންޓީ އޮތްނަމަ ލިބިގެންދާނޭ ކަމަށް ދެކޭ ކަމަށެވެ. މިކަމަށް ބަލާއިރު، މިފަދަ ގެއްލުންތަކުން ރައްކާތެރިކަން ހޯދުމަށްޓަކައި އެއްބަސްވުމުގައި މެރިން އިންޝުއަރެންސެއް އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީވެ ދިގު ދަތުރެއްކޮށްފައި އައުމުގެ ސަބަބުން އުޅަނދަށް ލިބިފައިވާ ގެއްލުމަކީ ވޮރަންޓީގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން އެނގެއެވެ.
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، މި މައްސަލައިގައި އިސްމާޢީލް ޢަބްދުލްޙަމީދު ކުރި ކުށުގެ ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމަކީ ވޮރަންޓީގެ ޙައްޤު ގެއްލުންކަން އެނގޭ ކަމާއި، މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުގެ މުވައްޒަފު ޒިންމާވާންޖެހެނީ، ކޮރަޕްޝަންގެ އެ ޢަމަލު ނުކުރިނަމަ ދައުލަތަށް އެ މުޢާމަލާތުން ލިބޭނެ މަންފާއަށް ކަމާއި، އެއްބަސްވެފައިވާ ގޮތަށް އެ މުޢާމަލާތް ހިނގިނަމަ، ދައުލަތަށް ލިބޭނެ މަންފާއަކީ ވޮރަންޓީގެ ޙައްޤުލިބުން ކަމާއި، ދައުލަތުން ކޮށްފައިވާ ދަޢުވާގައި ބިނާކުރާ އުޅަނދު ގަތުމަށް ކުރި ޚަރަދު މަދަނީ ބަދަލެއްގެ ގޮތުގައި އިސްމާޢީލް ޢަބްދުލްޙަމީދުގެ ކިބައިން ނަގައިދިނުމަށް އެދިފައިވަނީ މި ދެންނެވި ވޮރަންޓީގައި ކަނޑައަޅާފައިވާ ނިސްބަތުން ބޭރުންކަމުގައި ވާތީވެ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި އެ ކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/415 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.