ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/197

އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު މުޞްޠަފާ ޙުސައިން

ބައެއް ބަދަލުކުރި
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 22 ޑިސެމްބަރު 2025ދަށު ކޯޓު: ސިވިލް ކޯޓު 254/Cv-C/2020ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ސިވިލް ކޯޓު 254/Cv-C/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން 2018 ވަނަ އަހަރުގެ މާރިޗު އަދި އެޕްރީލް މަހުގެ ކުލީގެ ގޮތުގައި -/400,000ރ. ކުއްޔަށްހިފި ކުންފުނިން ދޭން ޙުކުމްކޮށް، ގެއްލުމުގެ ބަދަލާއި ލިކުއިޑޭޓަޑް ޑެމޭޖަސް ސާބިތުނުވާކަމަށް ކަނޑައެޅިއެވެ. ޔޫޓިލިޓީސް ބިލްތަކުގެ ފައިސާ ސެކިއުރިޓީ ޑިޕޮސިޓުން އުނިކުރެވުނެވެ.
ވާޤިޢާ
ކުއްޔަށް ދީފައިވާ ރެސްޓޯރަންޓެއް ކުއްޔަށްހިފި ކުންފުނިން 01 އެޕްރީލް 2018 ގައި ތަން ހުސްކޮށް ވެރިފަރާތާ ޙަވާލުކޮށްފައިވާއިރު، އެއްބަސްވުމުގައިވާ 2 މަސްދުވަހުގެ ނޯޓިސް ދީފައި ނުވެއެވެ. ކުލި ބާކީވުމާއި އެހެނިހެން ގެއްލުންތަކުގެ ބަދަލު ހޯދުމަށް ވެރިފަރާތުން ސިވިލް ކޯޓުގައި ދަޢުވާ އުފުލިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުރިން ބާޠިލުކުރެވުނު އެއް މައުޟޫޢެއްގެ ޤަޟިއްޔާއެއްގައި ހުށަހެޅި ހެކިތަކަށް ދަށު ކޯޓުން ރިޢާޔަތްކުރުމަކީ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ކަމެއްތޯއާއި، ހެކި ވަޒަންކުރުމުގައި ގޯހެއް ހަދާފައިވޭތޯއާއި، ކުއްޔަށްހިފި ފަރާތުން މަހުގެ 1 ވަނަ ދުވަހު ތަން ހުސްކޮށް ވެރިފަރާތާ ޙަވާލުކުރުމުން އެ މަހުގެ ކުލި ދައްކަންޖެހޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުއްޔަށްހިފި ކުންފުނިން ބުނީ ބާޠިލުކުރެވުނު ކުރީގެ ޤަޟިއްޔާއެއްގެ ހެކިތަކަށް ރިޢާޔަތްކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާ ޚިލާފު ކަމެއްކަމަށާއި، ތަން ދޫކޮށްދިޔައީ ވެރިފަރާތުން އަންގައިގެންކަން ސާބިތުނުވާކަމަށް ކަނޑައެޅުމަކީ ހެކި ވަޒަންކުރުމުގެ ކުށެއްކަމަށާއި، އެޕްރީލް މަހުގެ ކުލި ނަގައިދިނުމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފު ކަމެއްކަމަށެވެ. ވެރިފަރާތުން ބުނީ ކުލި ދައްކަންޖެހެނީ މަހުގެ 1 ވަނަ ދުވަހުކަމަށާއި ނޯޓިސް ނުދީ ދިޔަ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ބާޠިލުކުރެވުނު ޤަޟިއްޔާގެ ހެކިތައް ދަށު ކޯޓުން ފައިލުގެ ރެކޯޑުގައި ހިމަނައި ބަލައިގަތުމަކީ ފަނޑިޔާރުންގެ ޤާނޫނާ ޚިލާފު ކަމެއް ނޫންކަމަށާއި، ހެކި ވަޒަންކުރުމުގައި ގޯހެއް ނުހަދާކަމަށް ކަނޑައެޅިއެވެ. ނަމަވެސް، އެއްބަސްވުމުގެ 3 ވަނަ މާއްދާއަކީ ކުލި ދައްކަންވީ ވަގުތު ކަނޑައަޅާ މާއްދާއެއްކަމަށާއި، 1 އެޕްރީލް 2018 ގައި ދެފަރާތުގެ ޢަމަލުން (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)) އެއްބަސްވުން ނިމުނުކަމަށާއި، ނޯޓިސް ނުދިނުމުގެ ނަތީޖާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އުފެދުން ކަމަށް ބަލައި، އެޕްރީލް މަހުގެ ކުލީގެ -/200,000ރ. ދޭން ކުރި ނިންމުން ބާޠިލުކުރެވުނެވެ.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި (އެޕްރީލް މަހުގެ ކުލީގެ 200,000 ރުފިޔާ ދޭން ކުރި ނިންމުން ބާޠިލު)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހަމަ އެ މައުޟޫއުގައި ޙުކުމްކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ބާޠިލުކޮށްފައިވާ ޤަޟިއްޔާއެއްގައި ހުށަހެޅިފައިވާ ހެކިތައް، އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ފައިލުގެ ރެކޯޑްގެ ގޮތުގައި ހިމަނައި، އެ ޤަޟިއްޔާގެ ހެކިތަކެއްގެ ގޮތުގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލައިގަނެފައިވާނަމަ، އެ ހެކިތަކަށް ރިޢާޔަތްކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ނުބެލެވޭނެއެވެ.

HN2 ދަޢުވާ ރައްދުވި ފަރާތުން އިންކާރުކޮށްފައިވަނިކޮށް، ދަޢުވާކުރާ ފަރާތުން ހުށަހެޅިގޮތަށް ކުރީގެ ޤަޟިއްޔާގައި ނަގާފައިވާ ހެކިބަސްތަކާއި، ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމާނަމަ، އެ ނިންމުމަށް ވާޞިލުވީ ސަބަބު ލިޔެ ބަޔާންކުރިނަމަ، އެ ނިންމުން ފުރިހަމަވާނެއެވެ.

HN3 އެއްބަސްވުމާ ޚިލާފަށް ތަންދޫކޮށް ދިއުމުން ހުށަހެޅި ދަޢުވާއެއް ކަމުގައިވާނަމަ، ތަންދޫކޮށް ދިޔައީ އެއްބަސްވުމާ ޚިލާފަށްކަން އެއްބަސްވުމުގެ މާއްދާތަކަށް ޙަވާލާދީ ބުނެދީފައި އޮންނާނެއެވެ.

HN4 ކުއްޔަށްހިފި ފަރާތުން ތަންދޫކޮށް ދިޔައީ ގޭގެ ވެރިފަރާތުން އަންގައިގެންކަން ހުށަހެޅިފައިވާ ހެކިތަކުން މަދަނީ މިންގަނޑުން ސާބިތުވާގޮތެއް އިސްތިއުނާފުކުރާ ފަރާތަށް ބަޔާންކޮށްދެވިފައިނުވާނަމަ، ދަށު ކޯޓުގެ ފަނޑިޔާރު ހެކި ވަޒަންކުރުމުގައި ގޯހެއް ހަދާފައިވާކަމަށް ނުބެލެވޭނެއެވެ.

HN5 ކުލީގެ އެއްބަސްވުމުގައި ކޮންމެ މަހެއްގެ 1 (އެކެއް) ވަނަ ދުވަހު ކުލި ދައްކަންވާނެކަމަށް ބަޔާންކޮށްފައި އެވަނީ ކުލި ދައްކަންވީ ދުވަސް ނުވަތަ ވަގުތު ބަޔާންކޮށްދިނުމުގެ ބޭނުމުގައެވެ. އެއީ ކުލި ދައްކަންޖެހޭނެތޯ ނުވަތަ ނޫންތޯ ގޮތް ކަނޑައެޅުމުގެ ބޭނުމަށް ބޭނުން ހިފިދާނެ މާއްދާއެއް ނޫނެވެ. އެ މާއްދާގައި ބަޔާންކޮށްފައި އެވަނީ ކުލީގެ އިލްތިޒާމްގެ މުއްދަތެއް ނޫނެވެ. އެހެންކަމުން، އެ މާއްދާއަށް ރިޢާޔަތްކޮށްގެން ކުލީގެ އިލްތިޒާމްގެ މުއްދަތު ކަނޑައެޅޭކަށް ނެތެވެ.

HN6 ކުލިދައްކަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ހަމައެކަނި ކަލަންޑަރަށް ރިޢާޔަތްކޮށްގެން އެ ސުވާލުގެ ޖަވާބު ނުހޯދޭނެއެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަސްތައް ނުވަތަ ޢިބާރާތްތައް ކިޔަންޖެހޭނީ އެ ބަސްތައް ނުވަތަ ޢިބާރާތްތައް ބޭނުންކޮށްފައިވާ މަޤްޞަދާއި ޙާލަތަށް ބަލައިގެންނެވެ.

HN7 ކުއްޔަކީ ތަނުގެ ޙިޔާޒަތާއި ތަން ބޭނުންކުރުމުގެ މުޤާބިލުގައި ދައްކަންޖެހޭ އެއްޗެއްކަމުގައިވާއިރު، ކުއްޔަށްހިފި ތަން ގޯތީގެ ވެރިފަރާތަށް އަނބުރާ ޙަވާލުކުރުމަށްފަހު، އަދި އެއްވެސް ދެބަސްވުމެއްނެތި އެތަނާ ގޭގެ ވެރިފަރާތުން ޙަވާލުވެ އެތަނުގެ ޙިޔާޒަތު ގޭގެ ވެރިފަރާތުގެ ދަށުގައިއޮތްހިނދު، ކުރިއަށްހިނގާ ދުވަސްތަކަށް ކުލިދައްކަންޖެހޭނެ ޤާނޫނީ ހަމައެއް ނެތެވެ.

HN8 ކުއްޔަށްދިން ތަން ކުއްޔަށްހިފި ފަރާތުން ހުސްކުރުމުން، ހަމަ އެދުވަހު ގޭގެ ވެރިފަރާތުން އެއްވެސް ދެބަސްވުމެއް، ދެކޮޅުވެރިކަމެއްނެތި އެތަނާ ޙަވާލުވެފައިވާނަމަ، އެ ދެފަރާތުގެ ޢަމަލުން އެއްބަސްވުމަށް ޢަމަލުކޮށް ނިމިއްޖެކަމަށް ބެލޭނެއެވެ. އޭގެ ޤާނޫނީ އަސާސަކީ، ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވާނަމަ، ބެލޭނީ އެ ކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށްކަމަށް ބަޔާންކުރާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) އެވެ.

HN9 ދެފަރާތުގެ ޢަމަލުން ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އެނގެން އޮތްހިނދު، ކުލި ދެއްކުމުގެ އިލްތިޒާމެއް ވުޖޫދުގައިވެސް ނެތް ޙާލަތެއްގައި، އެ މަހުގެ ކުއްޔަށް ގޭގެވެރިފަރާތުން ލުޔެއް ދިންކަން ކުއްޔަށްހިފި ފަރާތުން ސާބިތުކޮށްދޭންޖެހޭކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް ނެތެވެ.

HN10 ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްހިފި ތަން ދޫކޮށްލާނަމަ ދޭންވާ އެޑްވާންސް ނޯޓިސް ކުއްޔަށްހިފި ފަރާތުން ދީފައިނުވުމަކީ، އެއްބަސްވުމާއި އެ ފަރާތުން ޚިލާފުވި ޚިލާފުވުމެއްކަމުގައި ބެލިނަމަވެސް، އޭގެ ނަތީޖާއަކީ ކުލީގެ އިލްތިޒާމް އުފުލަންޖެހުމެއް ނޫނެވެ. އެ ޙާލަތުގައި، އޭގެ ނަތީޖާއަކަށްވާނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އުފަންވުމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި މި އުޞޫލު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

HN11 ނޯޓިސް ނުދިނުމުގެ ސަބަބުން ލިބުނު ޙަޤީޤީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ގޭގެ ވެރިފަރާތަށް އޮތެވެ. މިސާލަކަށް، އެތަން އެހެން ފަރާތަކަށް ކުއްޔަށް ނުދެވުނުނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ފުރުސަތު އޮންނާނެއެވެ.

HN12 ގޭގެ ވެރިފަރާތުން ކުއްޔަށް ދިން ތަނާ އަނބުރާ ޙަވާލުވެ، އެ ފަރާތުގެ ޙިޔާޒަތުގެ ދަށުގައި އެތަން އޮތްހިނދު، އެތަނަކަށް އެ މަހަށް ކުލި ދައްކަންޖެހޭނެކަމަށް ބެލުމަކީ، ޤާނޫނީ ގޮތުން ލިބިއޮތް ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު، ޤާނޫނީ ގޮތުން ތަންނުދޭ މަންފާއެއް ނުވަތަ މުއްސަނދިކަމެއް ހޯދުމުގެ ޙައްޤަކަށް ބަދަލުވެގެންދާނެކަމެކެވެ.

HN13 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން ފާހަގަވަނީ، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މަޤްޞަދަކީ، ވީ ގެއްލުން ފޫބައްދައިދިނުންކަމެވެ. އިނާމެއް ދިނުމެއް ނޫންކަމެވެ. އަދި އަދަބެއް ދިނުމެއް ނޫންކަމެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މުޙައްމަދު އަޒުމީ، ޕްރިމިއަރ ޗެމްބާރސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޙުސައިން ވަޙީދު، ވަޙީދު އެންޑް އެސޯސިއޭޓްސް
ބެންޗު
ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން، އިބްރާހީމް މާހިރު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޙަސަން ޝަފީޢު · ތާއީދުކުރެއްވީ: ޢަބްދުލްމާނިޢު ޙުސައިން، އިބްރާހީމް މާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

މައްސަލައިގެ ތަޢާރަފު

1މިއީ ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] / މުޙައްމަދު މުޞްޠަފާ ޙުސައިންއެވެ.

ކަންހިނގާފައިވާ ގޮތް

2މުޙައްމަދު މުޞްޠަފާ ޙުސައިންއާ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު "[…]" ގްރައުންޑް ފްލޯރގައި ހަދާފައިވާ ރެސްޓޯރަންޓް، ތަކެއްޗާއެކު ކުއްޔަށް ދިނުމަށް 01 ޖޫން 2017 ގައި އެއްބަސްވުމެއް ވެފައިވެއެވެ. މި އެއްބަސްވުމުގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ […] / ނަޖުވާ ޢަލީއެވެ.

307 ނޮވެންބަރު 2017 ގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުން ކަމަށްވާ، ނަޖުވާ ޢަލީ އާއި އާއިޝަތު ރިމްނާއާ ދެމެދު ކުންފުނީގެ ހިއްސާ ބަދަލުކުރުމާއި ގުޅޭގޮތުން އެއްބަސްވެވުނު ގޮތް ކަމަށްބުނެ ކުންފުނީގައި ނަޖުވާ ޢަލީއަށް ކަނޑައެޅިފައިވާ ހިއްސާ ޢާއިޝަތު ރިމްނާއަށް ވިއްކާ އެކަން ދެފަރާތުން ޤަބޫލުކޮށްފައިވާކަމަށް ބުނެ ދެފަރާތުން ސޮއިކޮށްފައިވާ ސިޓީއެއް، މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ފޮނުވާފައިވެއެވެ.

4އިންޑަލްޖް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު މުޞްޠަފާ ޙުސައިންއާ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުން އޭގެ ޓަރމްސް ތަކާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާކަމާއި އެގޮތަށް އެއްބަސްވުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ބަޔާންކޮށް ކުންފުނީގެ ފަރާތުން 17 ނޮވެންބަރު 2017 ގައި މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ސިޓީ ފޮނުވާފައިވެއެވެ. އަދި އެއްބަސްވުމުގެ ބާކީ މުއްދަތަށް ލީސް އެގްރީމެންޓް ވެލިޑޭޓް ކުރުމަށްޓަކައި ޢާއިޝަތު ރިމްނާ، ޒިންމާ އުފުލާނެކަމަށް ސޮއިކޮށް މުޙައްމަދު މުޞްޠަފާ ޙުސައިން އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

5ލީސް އެގްރީމެންޓާ އެއްގޮތަށް މާރިޗު 2018 ގެ ކުލި ދެއްކުމަށް، އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި ދައްކާފައި ނުވާކަމާއި، 01 އެޕްރީލް 2018 ގައި ތަންހުސްކޮށްފައިވާތީ، ކުއްޔަށްވާ ފައިސާއާއި، އެހެނިހެން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓުގައި މުޙައްމަދު މުޞްޠަފާ ޙުސައިން ދަޢުވާ އުފުލިއެވެ. އެ މައްސަލަ ބަލާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާ އިންނެވެ.

6މިއީ ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި އެ ކޯޓުގެ ޙުކުމް

7[…] / މުޙައްމަދު މުޞްޠަފާ ޙުސައިން އާއި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު "[…]" އެވެކިޔާ ގޯތީގެ ގްރައުންޑް ފްލޯރގައި ހަދާފައިވާ ރެސްޓޯރަންޓް، ތަކެއްޗާއެކު ކުއްޔަށް ދިނުމަށް 01 ޖޫން 2017 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައްކަންޖެހޭ ކުލި ދައްކާފައިނުވާތީ، ކުލީގެ ގޮތުގައި -/400,000ރ. (ހަތަރުލައްކަ ރުފިޔާ) އާއި، ކުއްޔަށްހިފިތަން ދޫކުރިއިރު ނުދައްކާ ހުރި ޔޫޓިލިޓީސްގެ ބިލްތަކަށް އަރާ 102,626/60ރ. (އެއްލައްކަ ދެހާސް ހަސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އާއި، ތަން ދޫކުރިއިރު ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށްވާ -/45,900ރ. (ސާޅީސް ފަސްހާސް ނުވަސަތޭކަ ރުފިޔާ) އާއި، ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި -/100,000 (އެއްލައްކަ ރުފިޔާ) އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއިން އެއްފަހަރާ ހޯދުމަށް އެދި މުޙައްމަދު މުޞްޠަފާ ޙުސައިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.

8ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ؛

"ދެންފަހެ، […]، މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލައިގައި، ތަން ދޫކޮށްފައި ދިޔައިރު ތަނުގައި ހުރި ތަކެއްޗަށް ގެއްލުންވެފައިވާކަމަށް ބުނެ ހޯދަން އެދިފައިވާ -/45,900 (ސާޅީސް ފަސްހާސް ނުވަސަތޭކަ ރުފިޔާ) އަދި ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި ހޯދަން އެދިފައިވާ -/100,000 (އެއްލައްކަ ރުފިޔާ) އަކީ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް އިން މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ދޭންޖެހޭ ފައިސާއެއްކަން ސާބިތުނުވާކަމަށް ކަނޑައަޅައި،

ދެފަރާތުގެ ދެމެދު ވެފައިވާ ކުލީގެ އެއްބަސްވުމުގެ ދަށުން ތަން ދޫކޮށްފައި ދިޔައިރު ތަނުގެ ޔޫޓިލިޓީސް ބިލްތަކަށްވާ އެކުޖުމްލަ 102,626/60ރ. (އެއްލައްކަ ދެހާސް ހަސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އަކީ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް އިން މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ދޭންޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑައަޅައި، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ބެހެއްޓިފައިވާ -/200,000ރ. (ދެ ލައްކަ ރުފިޔާ) އިން ޔޫޓިލިޓީސް ބިލްތަކަށް ދައްކަންޖެހޭ 102,626/60ރ. (އެއްލައްކަ ދެހާސް ހަސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އުނިކުރުމުން، ތަނުގެ ޔޫޓިލިޓީސް ބިލްތަކަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއިން މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ދައްކަންޖެހޭ އިތުރު ފައިސާއެއް ނެތްކަމަށް ކަނޑައަޅައި،

އެއްބަސްވުމުގެ ދަށުން 2018 ވަނަ އަހަރުގެ މާރޗް މަހާއި އެޕްރީލް މަހުގެ ކުއްޔަށްވާ އެކުޖުމްލަ -/400,000 (ހަތަރުލައްކަ ރުފިޔާ) އަކީ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއިން މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ދޭންޖެހޭ ފައިސާއެއްކަން ސާބިތުވާކަމަށް ކަނޑައަޅައި،

ބުނެވިދިޔަ، -/400,000 (ހަތަރުލައްކަ ރުފިޔާ) މުޙައްމަދު މުޞްޠަފާ ޙުސައިންއަށް ލިބިދިނުމުގެ ގޮތުން މިއަދު 12 މެއި 2022 މިދުވަހުން ފެށިގެން މީލާދީ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއަށް އަންގައި ޙުކުމްކޮށްފީމެވެ."

މިފަދައިންނެވެ.

އިސްތިއުނާފީ ނުކުތާތައް

9ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށަހަޅާފައިވެއެވެ.

9.1 ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

9.2 ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)، (ށ) ގެ (1) ވަނަ ނަންބަރު އަދި ގެއްލުމުގެ ބަދަލު ނެގުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލް

ފުރަތަމަ ނުކުތާއާ ގުޅޭ

10ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގައި، މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާކަމަށް ބުނެ ކިތާބީ އަދި ޝަފަހީ ހެކި ބަޔާންކޮށްފައިވީނަމަވެސް، އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދިޔައިރު، 27 ފެބުރުވަރީ 2020 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހަޅާފައިވާ ހެކި ލިސްޓަށް ބަލާއިރު، އެ ހެކި ލިސްޓުގައި، އެއްވެސް ކިތާބީ ހެއްކެއް އަދި ޝަފަހީ ހެއްކެއް އެ މައްސަލައިގައި ހުށަހަޅާފައި ނުވާކަމާއި އެ ހެކި ލިސްޓްގައި ބަޔާންކޮށްފައިވަނީ، ދަޢުވާ ސާބިތުކުރުމަށް / ދިފާޢުވުމަށް ހުށަހަޅާ ލިޔުންތައް ބައިގައިވަނީ، "4751/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅި ބަދަލުކުރެވިފައިވާ ހެކިލިސްޓް އެ ލިސްޓްގައިވާ ހެކިތަކަށްވުރެއް އިތުރަށް ހުށަހަޅާނެ އިތުރު ހެއްކެއްނެތް" މިފަދައިންކަމާއި، އަދި ދަޢުވާ ސާބިތުކުރުމަށް / ދިފާޢުވުމަށް ހުށަހަޅާ ޝަފަހީ ހެކިން، މިބައިގައި ބަޔާންކޮށްފައިވަނީ "ޝަފަހީ ހެކިބަސް ވަނީ ޤަޟިއްޔާގައި ނަގާފައެވެ. މި ހެކިންގެ ހެކިބަހަށް ބައްލަވައި މައްސަލާ ނިންމަވާދެއްވުން އެދެމެވެ." މިފަދައިންކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ. އަދި އެ ހެކިލިސްޓްގައި، "ޝަރީޢަތުން ފައިސަލާ ކުރުމުގައި ރިޢާޔަތް ކުރެވޭނީ މިލިޔުމުގައިވާ ހެކިންގެ މައްޗަށް އެކަނިކަމާއި، އަދި އިތުރު ހެކިން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

11ސިވިލް ކޯޓުގެ ނަންބަރު 4751/Cv-C/2018 ޤަޟިއްޔާއަކީ، 29 ނޮވެންބަރު 2018 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅުމާ ގުޅިގެން ބެލުނު މައްސަލައެއްކަމާއި، އެ މައްސަލަވަނީ 30 ސެޕްޓެންބަރު 2019 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަދި / ނުވަތަ އެފަރާތުގެ ޤާނޫނީ ވަކީލު ކޯޓަށް ޙާޟިރުވުމުގެ އަމުރަކަށް ޙާޟިރުނުވުމުގެ ސަބަބުން ބާޠިލުކުރެވިފައިކަމާއި، އަދި މިގޮތަށް ޙުކުމް ކުރުމުގެ ސަބަބުން މި މައްސަލައަކީ ވަކި މައްސަލައެއްގެ ގޮތުގައި ނިމިފައިވާ މައްސަލައެއްކަމާއި، އަދި މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަކީ ހަމައެކަނި މި މައްސަލައިގައި ބޭނުމަށް ބޭނުންކުރެވޭނެ ތަކެތިކަމަށް ފާހަގަކޮށްފައިވެއެވެ.

12ސިވިލް ކޯޓުގައި ޢަމަލުކުރަމުންދިޔަ އުޞޫލަކީ، އެއް މައުޟޫއެއްގައި ހުށަހެޅުނު މައްސަލައެއް ނަމަވެސް، ކުރިން ހުށަހެޅުނު މައްސަލަ ބާޠިލުކުރެވިގެން މައްސަލަ ހުށަހަޅާ ޙާލަތެއްގައި ކުރިން މައްސަލަ ހިންގާފައިވާ ހިސާބުން ކުރިއަށް ގެންދިޔުންކަމާއި، އެގޮތަށް ކުރިއަށް ގެންދަނީ މައްސަލައިގައި ހިމެނޭ ދެ ޚަސްމުން އެގޮތަށް ކުރިއަށް ގެންދިއުމަށް އެއްބަސްވާ ޙާލަތުގައިކަމާއި، އަދި މިގޮތަށް ކުރިއަށްދާ ޙާލަތުގައިވެސް ހެކިތަކަކީ އަލުން އަނެއްކާ އާ މައްސަލައަށް ހުށަހަޅަންޖެހޭ ތަކެތިކަމާއި، މިގޮތަށް ޢަމަލުކުރަންޖެހޭކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ކަނޑައަޅާފައިވާކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

13މައްސަލައިގައި ޙުކުމެއް ކުރުމަށް ހުށަހަޅާ ހެކިތަކަކީ ކޮބައިކަން މައްސަލައިގައި ހުށަހަޅާ ހެކި ލިސްޓްއިން ސާފުކޮށް އެނގެންޖެހޭކަމާއި، އެއީ މީގެކުރިން މައްސަލައެއްގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަކަށް ރިޢާޔަތްކުރުންކަމަށްވާނަމަ، އެ މައްސަލައެއްގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހަޅަންޖެހޭނެކަމަށާއި، ނަމަވެސް، އިސްތިއުނާފުކޮށްފައި މިވާ މައްސަލައިގެ ހެކިލިސްޓް، އެ ލިސްޓެއްގެ މައްޗަށް ބިނާކޮށް ޝަރީޢަތުން ރިޢާޔަތްކުރަންޖެހޭ އެންމެހާ ހެކިތައް ކަނޑައަޅާފައިވާ މިލިޔުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާކަމާއި، އެދިފައިވަނީ، ސިވިލް ކޯޓުގެ 4751/Cv-C/2018 ޤަޟިއްޔާގައި އެހެން ޤާޟީއަކަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމަށްކަމަށްވާއިރު، އެއީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފުކަމެއްކަމަށް، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއިން ފާހަގަކޮށްފައިވެއެވެ.

14މި މައްސަލައިގައި ނެގިފައިވާ ޝަފަހީ ހެކިންގެ ހެކިބަހަކީ އެހެން ޤާޟީއެއްގެ ކުރިމަތީގައި ނެގިފައިވާ ހެކިބަހެއްކަމާއި، ޤާޟީއެއްގެ ކުރިމަތީގައި ހެކިބަސްދޭ ވަގުތަކީ އެ ހެކިބަސް ވަޒަންކުރެވޭ ވަގުތުކަމާއި، ހެކިވަޒަން ކުރުމުގައި ހެކިވެރިޔާ ހެކިބަސްދޭގޮތާ، ކުރާ ސުވާލުތަކަށް ދޭޖަވާބާ އަދި އެހެނިހެން ކަންކަމަކީ، އެ ހެކި ވަޒަންކުރުމުގައި، ޤާޟީ ނަޒަރުކުރާ ކަންތައްތައްކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

15އިސްތިއުނާފުކުރާ ފަރާތުން ކުއްޔަށްހިފާފައިވާ ތަނުން ނިކުމެގެން ގޮސްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން އަންގައިގެންކަން ސާބިތުކުރުމުގެގޮތުން އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަކީ، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަދި މުޙައްމަދު މުޞްޠަފާ ޙުސައިންއާ ދެމެދު ކުރެވުނު މެސެޖްތަކުގެ ކޮޕީ (އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްއިން މުޙައްމަދު މުޞްޠަފާ ޙުސައިން އެތަނުން ނިކުތުމަށް އަންގާފައިވާކަން ސާބިތުކުރުމަށް) އަދި ދެ ޝަފަހީ ހެކިން ކަމުގައިވާ […]/ ޙަމަދު ޢަބްދުލްޣަނީ އަދި […]، އިބްރާހީމް ވަޙީދުކަމަށް، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

16ސިވިލް ކޯޓުގެ 254/Cv-C/2020 ޤަޟިއްޔާގައި އިސްތިއުނާފުކުރާ ފަރާތުން 1 އެޕްރީލް 2018 ގައި ތަން ހުސްކޮށް ގޮސްފައިވަނީ އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އަންގައިގެންކަން ހުށަހަޅާފައިވާ ހެކިތަކުން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާކަމާއި، މިއީ ހެކިވަޒަންކުރުމުގައިވާ ކުށެއްކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.

17އެގޮތުން، މުޙައްމަދު މުޞްޠަފާ ޙުސައިންގެ ދަރިކަމަށްވާ ސަލްމާން މުޞްޠަފާ ޙުސައިންއާ މުޢާމަލާތް ކުރުމަށް 18 މާރިޗު 2018 ގައި އަންގާފައިވާކަމާއި، ސަލްމާން މުޞްޠަފާ ޙުސައިންގެ ފަރާތުން ތަނުން ނުކުތުމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަމާއި، އެ މައުލޫމާތު ހިއްސާކުރުމަށް 27 މާރިޗު 2018 ގައި ކުރި މެސެޖުގައި އިސްތިއުނާފުކުރާ ފަރާތުން އެފަރާތަށް ގުޅުމަށް އެދިފައިވީ ނަމަވެސް، ސިވިލް ކޯޓުގެ ޙުކުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ގުޅުމަށް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން އެދިފައިވާކަމަށް ބަޔާންކޮށްފައިވާކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ. މުޙައްމަދު މުޞްޠަފާ ޙުސައިންގެ ޖަވާބު ނުލިބިގެން އަނެއްކާވެސް، 31 މާރިޗު 2018 ގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު މުޞްޠަފާ ޙުސައިންއާ ވާހަކަ ދެއްކުމަށް ގުޅުމުގެ ފުރުސަތަކަށް އެދިފައިވާކަމާއި، 27 މާރިޗު 2018 ގައި މުޙައްމަދު މުޞްޠަފާ ޙުސައިންގެ ބަހުންނާ ޢަމަލުން އައްޔަންކޮށްފައިވާ މަންދޫބެއް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެތަނުން ނިކުތުމަށް އަންގާފައިވާކަން ހިއްސާކޮށް ގުޅުމަށް އެދުމުން މުޙައްމަދު މުޞްޠަފާ ޙުސައިން އެކަމަށް އެއްވެސް ޖަވާބެއް ނުދޭކަމާއި، މަންދޫބުގެ އެންގުން ބަދަލުކޮށް ނުވަތަ ނަފީކޮށްފައި ނުވާކަމަށް ފާހަގަކޮށްފައިވެއެވެ.

18[…]/ ޙަމަދު ޢަބްދުލްޣަނީ ދީފައިވާ ހެކިބަހުގައި، މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން އައްޔަންކޮށްފައިވާ މަންދޫބެއް 31 މާރިޗު 2018 ގައި އެހެންބަޔަކަށް ތަންކުއްޔަށްދިނުމުގެ ގޮތުން ދެއްކިކަމަށްވަނީ ހެކިބަސްދީފައިކަމާއި، ސަލްމާން މުޞްޠަފާ ޙުސައިން 31 މާރިޗު 2018 ގައި ކުއްޔަށްހިފާފައިވާ ތަން ތަޅުއަޅުވަމުން ގެންދިޔަކަމަށްވެސް ހެކިބަސްދީފައިވާކަމާއި، އަދި […]، އިބްރާހީމް ވަޙީދު ވެސް ވަނީ މިކަންކަން މިހެން ހިނގިކަމަށް ހެކިބަސްދީފައިކަމާއި، މީގެއިތުރުން، އިބްރާހީމް ވަޙީދު 31 މާރިޗު 2018 ގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުގެ މުދާ ކުއްޔަށްހިފާފައިވާ ތަނުން ނެރެން ފަށާފައިވާކަމަށްވެސް ހެކިބަސް ދީފައިވާކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.

ދެވަނަ ނުކުތާއާ ގުޅޭ

19ދަށު ކޯޓުގެ ނިންމުމުގައި، މުޙައްމަދު މުޞްޠަފާ ޙުސައިން އެދިފައިވާ ގޮތުގެމަތިން މާރިޗު 2018 އާއި އެޕްރީލް 2018 ގެ ކުލިދެއްކުމަށް ޙުކުމްކޮށްފައިވާކަމާއި، މިނުކުތާގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާރިޗު 2018 ގެ ކުލިދެއްކުމަކަށް އެއްވެސް އިއުތިރާޒެއް ނުކުރާކަމަށާއި، މާރިޗު މަހަކީ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން އެތަން ބޭނުންކޮށްފައިވާ އެ ތަނުގެ ޚިދުމަތް ލިބިފައިވާ މުއްދަތަކަށްވުމުގެ ސަބަބުން އެ މުއްދަތަށް ކުލީގެ ފައިސާ ދައްކަންޖެހޭކަމާމެދު ސުވާލެއް ނެތްކަމަށް އިންޑަލްޖް ޕްރައިވެޓްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

20އެޕްރީލް 2018 ގެ ކުލި ދައްކަންޖެހޭނެކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން އިއުތިރާޒުކުރާ ކަމަށާއި، ސިވިލް ކޯޓުން މިނުކުތާއާމެދު ގޮތްކަނޑައެޅިއިރު، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތަން ހުސްކޮށްފައިވަނީ 1 އެޕްރީލް 2018 ގައި ކަމާމެދު ދެފަރާތުގެ ދެމެދުގައި ދެބަސްވުމެއް ނެތްކަމަށާ، އެއްބަސްވުމުގެ ދަށުން ކޮންމެ މަހެއްގެ ކުލި ދައްކަންޖެހެނީ އެމަހެއްގެ 1 (އެކެއް) ވަނަ ދުވަހުގައިކަން އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާއި، 1 އެޕްރީލް 2018 ގައި އިސްތިއުނާފުކުރާ ފަރާތުން ކުއްޔަށްހިފާފައިވާ ތަން ދޫކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުން އަންގައިގެންކަމާ އަދި އެޕްރީލް 2018 ގެ ކުލިދައްކަން ނުޖެހޭނެކަން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެއްވިފައި ނުވުމުން، އެ ފައިސާއަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޒިންމާވާން ޖެހޭނެކަމަށް ކަނޑައަޅާ ފައިވާކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.

21ނަމަވެސް، މައްސަލައިގައި ހުށަހަޅާފައިވާ އެންމެހާ ހެކިތަކަށް ބަލާއިރު، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް ތަނުން ނުކުތުމަށް ސަލްމާން މުޞްޠަފާ ޙުސައިން އަންގާފައިވާކަން މުޙައްމަދު މުޞްޠަފާ ޙުސައިންއާ ހިއްސާކޮށްފައިވާނެކަމަށާއި، ސަލްމާން މުޞްޠަފާ ޙުސައިންގެ މި އެންގުން ނަފީކޮށްފައިނުވާއިރު، އެއަށް އެއްވެސް ރައްދެއް މުޙައްމަދު މުޞްޠަފާ ޙުސައިން ދީފައިނުވާކަމާއި، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ 2 (ދޭއް) ޝަފަހީ ހެކިންގެ ހެކިބަހުންވެސް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ތަނުން 31 މާރިޗު 2018 ގައި ނުކުތުމުގެ މަސައްކަތް ފަށާފައިވާކަން ސާބިތުވާކަމާއި، ހަމައެއާއެކު ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ތަން ހުސްކުރަންޖެހޭ ޙާލަތެއް ތަން ހުސްކުރުމަށް 7 (ދުވަހުގެ) މުއްދަތެއް ދިނުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިވެއެވެ.

22އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން 31 މާރިޗު 2018 ގެ ރޭގަނޑުން ފެށިގެން ތަން ހުސްކުރުމުގެ މަސައްކަތް ފަށާފައިވާނެކަމާއި، 01 އެޕްރީލް 2018 ނިމުމުގެ ކުރިއަށް މަސައްކަތް ނިންމާފައިވާކަމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށް، މިއީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެވެސް ކުޑަ މުއްދަތެއްކަން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކޮށްފައިވަނީ، އެފަރާތުން އެޕްރީލް 2018 ގައި ކުއްޔަށްހިފާފައިވާ ތަނުގެ އެއްވެސް ބޭނުމެއް ހިފާފައިނުވާކަމާއި، ސީދާ ގެއްލުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާގައި ކަނޑައަޅާފައިވާފަދައިން ދެވިފައިވާ ޚިދުމަތަކަށް ނަގައިދެވޭ ފައިސާއެއްކަމަށްވާއިރު، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޕްރީލް 2018 ގައި ކުއްޔަށްހިފާފައިވާ ތަނުގެ އެއްވެސް ބޭނުމެއްކޮށްފައި ނުވާއިރު މުޅި މަހުގެ ކުލި ކޮންމެ މަހެއްގެ 1 (އެކެއް) ވަނަ ދުވަހު ދައްކަންޖެހޭކަމަށް ބުނެ އެ ކުލި ދެއްކުމަށް އަންގާނެ އެއްވެސް ޤާނޫނީ އަސާސެއް ނެތްކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

23އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ،

"ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގައި (މުޙައްމަދު މުޞްޠަފާ ޙުސައިން ވ. އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް) އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް ކިތާބީ އަދި ޝަފަވީ ހެއްކެއް ހުށަހަޅާފައިނުވާއިރު ސިވިލް ކޯޓުގެ އެހެން ޤަޟިއްޔާއެއްގައި ހިންގާފައިވާ މައްސަލައެއްގެ ހެކިތަކަށް ރިޢާޔަތްކޮށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށްކަން ކަނޑައަޅައިދިނުން؛ އަދި

ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގައި (މުޙައްމަދު މުޞްޠަފާ ޙުސައިން ވ. އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް) އިސްތިއުނާފުކުރާ ފަރާތުން ކުއްޔަށްހިފާފައި ހުރިތަނުން ނިކުމެގެން ދިޔައީ އިސްތިއުނާފުރައްދުވާ ފަރާތުން އަންގައިގެންކަން ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އެންމެހާ ހެކިތަކަށް ރިޢާޔަތްނުކޮށް އަދި ހެކި ވަޒަން ކުރުމުގެ ކުށަކުންކަން ކަނޑައަޅައިދީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެނައުން؛ އަދި

ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގައި (މުޙައްމަދު މުޞްޠަފާ ޙުސައިން ވ. އިންޑަލްޖް ޕްރައިވެޓް ލިމިޓެޑް) އިސްތިއުނާފުކުރާ ފަރާތުން އެޕްރީލް 2018 ގެ ކުލީގެ ގޮތުގައި 200,000ރ. (ދެލައްކަ ރުފިޔާ) ދެއްކުމަށް ޙުކުމްކޮށްފައިވަނީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)، (ށ) ގެ (1) ވަނަ ނަންބަރު އަދި ގެއްލުމުގެ ބަދަލު ނެގުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާގައި (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް) ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަން ކަނޑައަޅައިދިނުން."

މިފަދައިންނެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކުރި ކަންކަން

ފުރަތަމަ ނުކުތާއާގުޅޭ

24ދިވެހިރާއްޖޭގެ ހައިކޯޓަށް އާންމު އުސޫލުން ހުށަހެޅޭނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/8 އަދި 2014/HC-A/215 ޤަޟިއްޔާގައި، ހައިކޯޓުން މައްސަލަ ބަލާނީ މައްސަލަ ހުށަހެޅި ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވާކަމާއި، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ނަންބަރު 4751/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅި ހެކި ލިސްޓުކަމަށް ދަޢުވާ ހުށަހެޅި ލިޔުންތައް ބައިގައިވާކަމާމެދު އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާ ކަމަށާއި، އަދި ޝަފަހީ ހެކިންގެ ހެކިބަސް އެޤަޟިއްޔާގައި ނެގިފައިވާކަމަށް ހުށަހެޅިކަމަށްވެސް އެއްބަސްވާކަމާއި، މިފަދައިން ހެކި ހުށަހެޅުމުން، ބާޠިލުކޮށްފައިވާ ޤަޟިއްޔާއެއްގައި ހުށަހެޅި ހެކި ބަލައިނުގަނެވޭނެކަމަށާއި، އެހެން ޤަޟިއްޔާއެއްގައި ނެގި ހެކިބަހަށް ރިޢާޔަތްނުކުރެވޭނެ ކަމަށް ބުނެ އެ ނުކުތާ ދަށު ކޯޓުގައި ފާހަގަކޮށްފައިނުވާކަމާއި، އެކަމަށް އިއުތިރާޟުކުރުމުގެ ފުރުސަތު އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް ދަށު ކޯޓުގައި ލިބިފައިވާކަން އެނގޭކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، މިއީ މި މަރުހަލާގައި ހުށަހެޅޭނެ ނުކުތާއެއް ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

25އިސްވެ ފާހަގަކުރި ފަދައިން، ދަށު ކޯޓުގައި މި ނުކުތާ ފާހަގަކޮށްފައިނުވާކަމަށް ބުނެވިފައިވަނީ، ދަށު ކޯޓުގެ ފުރިހަމަ ރިޕޯޓު އޭރު ލިބިފައިނުވާތީކަމަށާއި، ހައިކޯޓުގެ އެންމެފަހުގެ އަޑުއެހުމަށްފަހު، ރިޕޯޓު ލިބިފައިވާތީ، އިސްތިއުނާފު ޖަވާބުން އެބައި އުނިކުރުމަށް ބޭނުންވާކަމަށް ބުނެ މުޙައްމަދު މުޞްޠަފާ ޙުސައިންގެ ވަކީލު ސިޓީ ފޮނުވާފައިވެއެވެ.

ދެވަނަ ނުކުތާއާގުޅޭ

26ތަނުގެ ތަޅުބަދަލުކޮށް ތަން އެހެން މީހަކަށް ކުއްޔަށްދިނުމުގެ މަސައްކަތްކުރީ 01 އެޕްރީލް 2018 ގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެތަނުން ނިކުތުމުގެ ކުރިންކަން އެނގެން ނެތްކަމަށާއި، ސަލްމާން މުޞްޠަފާ ޙުސައިން ތަނުގެ ތަޅުބަދަލުކޮށް ތަން އެހެން މީހަކަށް ކުއްޔަށްދިނުމުގެ މަސައްކަތްކުރީ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަނުން ނިކުމެގެން ދިޔަފަހުންކަމާއި، އަބްދުލްޣަނީގެ ހެކިބަހުގައި އެކަމެއް ހިނގައިދިޔައީ އެތަނުން ނިކުމެގެން ދިޔަފަހުން ކަމަށް ބުނެފައިނުވާކަމާއި، އެހެންކަމުން ހެކިވެރިޔާގެ ހެކިބަހުން އެނގެން ނެތްކަމެއް، ވަކިގޮތަކަށް އޮތްކަމަކަށް ޕްރިޒިއުމް ނުކުރެވޭނެކަމާއި، މި ވާޤިއާ ނޭނގި ދިފާއުން ހުށަހެޅި ދިފާޢު ސާބިތުނުވާނެކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

27ހެއްކާބެހޭ ޤާނޫނުގެ 145 ވަނަ މާއްދާގެ (ށ) އަށް ބަލާއިރުވެސް، ވަކި ކަމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ސާބިތުކުރުން ލާޒިމުވާ ޙާލަތުގައި އެކަމެއް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، މި ޤާނޫނުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، އެކަމެއް ވުޖޫދުގައިވާކަމަށް ނުވަތަ ނުވާކަމަށް ބުނާ ފަރާތުގެ ކިބައިގައިކަން އެނގޭކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން، ދަފްޢެއް ނަގާ ފަރާތުން މަދަނީ މިންގަނޑުން އެދަފްޢު ސާބިތުކޮށްދޭންޖެހޭނެ ކަމަށާއި، އެމިންގަނޑުން އެދަފްޢު ސާބިތުކޮށްނުދެވޭނަމަ އެދަފްޢު ލިބިގެން ނުވާކަމަށް ކޯޓުން ކަނޑައަޅަންވާނެކަމަށް އެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމަށްވެސް، ފާހަގަކޮށްފައިވެއެވެ. ދަފްޢުގެ އެންމެ މުހިއްމު ވާޤިއާކަމަށްވާ، އިސްތިއުނާފުކުރާ ފަރާތުން ކުއްޔަށްހިފިތަން ދޫކޮށްދިޔައީ، މުޞްޠަފާ ޙުސައިން އަންގައިގެންކަން ދިފާޢުން ހުށަހެޅި ހެކިތަކުން ސާބިތުނުވާކަމާއި، މައްސަލައިގައި ހެކިބަސްދީފައިވާ ފަރާތުގެ ހެކިބަހަށް ބަލާއިރު، ހެކިބަސްދީފައިވާ ފަރާތްތަކަކީ ކުންފުނީގެ އެމްޑީއާ އެއިރު ކައިވެނީގެ ގުޅުމެއް އޮތް ފަރާތެއްކަމާއި އެފަރާތުގެ ވިޔަފާރީގެ މަސްލަހަތު ހިމެނޭ ފަރާތްތަކުން ހެކިބަސް ދީފައިވާކަމާއި، އަދި ފޯނު ކޯލެއްގެ އަޑުއެހި ފަރާތެއްގެ ހެކިބަސް ދީފައިވާކަމާއި، އެއީ ހިއަސޭ އެވިޑެންސްކަމާއި، މިކަންކަން ތަފްސީލުކޮށް ޝަރީޢަތުގައި ހުށަހަޅާފައިވާނެކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިން ފާހަގަކޮށްފައިވެއެވެ.

28ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/85 ޤަޟިއްޔާގައި ވެސް ބަޔާންކުރަނީ އުނިކުރަންޖެހެނީ ކޮންޓްރެކްޓުގެ ދަށުން ލިބެންޖެހޭ ޚިދުމަތުގެ ތެރެއިން ލިބިފައިވާ ޚިދުމަތުގެ އަގުކަމަށްކަމާއި، ކޮންޓްރެކްޓަށް ބަލާއިރު، އެއްބަސްވުމުގެ 03 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކުރަނީ ކޮންމެ މަހެއްގެ 01 ވަނަ ދުވަހު ކުލި ދައްކަންވާނެކަމަށްކަމާއި، އަދި އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ކުއްޔަށްހިފި ފަރާތުން އެއްބަސްވުން ބާޠިލުކުރާނަމަ 2 މަހުގެ ނޯޓިހެއް ދޭންވާނެކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެފަރާތުން ތަން ދޫކޮށްދިޔައީ އެފަދަ ނޯޓިހަކާ ނުލައިކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިން ފާހަގަކޮށްފައިވެއެވެ. ތަން ދޫކޮށްދިޔައީ، މަހުގެ 01 ވަނަ ދުވަހުކަމާއި، ކުއްޔަށް ދެ ފަރާތަށް ލިބެންޖެހޭ ކުލީގެ ފައިސާއިން އެއްވެސް މިންވަރެއް އުނިވާނީ ލިބިފައިވާ އަގެއް ނުވަތަ ޚިދުމަތުގެ އަގު ކެނޑުމަށްފަހުގައިކަމާއި، އެހެންނަމަވެސް، މި މައްސަލައިގައި ކުއްޔަށްދިން ފަރާތަށް ލިބެންޖެހޭ ފައިސާއެއް ކުއްޔަށްހިފި ފަރާތުން ދީފައިނުވާކަމާއި، އެހެންކަމުން، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ 2 މަސް ދުވަހުގެ ނޯޓިސްވެސް ނުދޭކަމާއި، މާނައަކީ ދެމަހުގެ ކުލީގެ ފައިސާ އުސޫލެއްގެ ދަށުން އެއްބަސްވުން ބާޠިލުކުރުމުގެ ކުރިން ކުއްޔަށްދިން ފަރާތަށް އެއްބަސްވުމުގެ ދަށުން ލިބެންޖެހޭތީ، އުނިކުރަންޖެހޭ އަދަދެއް ނެތްކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ނޯޓިސް ދިނުމަކާނުލައި، ދިޔުމުގެ ސަބަބުން ކުލީގެ އެއްބަސްވުމާ އެއްގޮތަށް ކުއްޔަށްނެގި ފަރާތަށް މަހުގެ 01 ވަނަ ދުވަހު ކުއްޔަށް ދޫކުރި ފަރާތަށް ކުއްޔަށްހިފި ފަރާތުން -/200,000ރ. (ދެލައްކަ ރުފިޔާ) ދޭންޖެހޭކަން ސާބިތުވާކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިން ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

29ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ރަނގަޅަށްކަމަށާއި އެ ޤަޟިއްޔާއަށް އެއްވެސް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވެއެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

30މި އިސްތިއުނާފުގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަމަކީ، މި މައްސަލައިގައި؛

30.1 ހުށަހަޅާފައިނެތް ކިތާބީ އަދި ޝަފަހީ ހެއްކަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވޭތޯ؛ އާއި

30.2 އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކި ވަޒަންކުރުމުގައި ދަށު ކޯޓުން ގޯހެއް ހަދާފައިވޭތޯ؛ އަދި

30.3 2018 އެޕްރީލް މަހުގެ ކުލި ނަގައިދިނުމަށް ދަށު ކޯޓުން ނިންމާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްތޯއެވެ.

މައްސަލައިގައި ހުށަހަޅާފައިނެތް ކިތާބީ އަދި ޝަފަހީ ހެއްކަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވޭތޯ

31އިސްތިއުނާފީ ފުރަތަމަ ނުކުތާގައި، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައިގަނޑު ޝަކުވާއަކީ، މި މައްސަލައިގައި ހުށަހަޅާފައިނުވާ ކިތާބީ ހެއްކަށް ރިޢާޔަތްކޮށްފައިވާކަމަށާއި އަދި އެއީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފުކަމެއް ކަމަށް ބުނެ ކުރާ ޝަކުވާއެއްކަން އެނގެއެވެ.

32ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ:

5. "(ހ) ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ.

(1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ.

(2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް.

(3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން."

މިފަދައިންނެވެ.

33އިސްތިއުނާފުކޮށްފައިވާ ދަށު ކޯޓުގެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، "ހެކިންގެ ލިސްޓް" ގެ ގޮތުގައި ހުށަހެޅި ފޯމުގައި "ދަޢުވާ ސާބިތު ކުރުމަށް / ދިފާޢުވުމަށް ހުށަހަޅާ ލިޔުންތައް" މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވަނީ، "4751/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅި ބަދަލުކުރެވިފައިވާ ހެކި ލިސްޓް އެ ލިސްޓުގައިވާ ހެކިތަކަށްވުރެން އިތުރަށް ހުށަހަޅާނެ އިތުރު ހެއްކެއް ނެތް." މިފަދައިންނެވެ.

34ބުނެވިދިޔަ ފޯމުގައި، "ދަޢުވާ ސާބިތުކުރުމަށް / ދިފާޢުވުމަށް ހުށަހަޅާ ޝަފަހީ ހެކިން" މި ސުރުހީގެ ދަށުން ބަޔާންކޮށްފައިވަނީ، "ޝަފަހީ ހެކިބަސްވަނީ 4751/Cv-C/2018 ޤަޟިއްޔާގައި ނަގާފައެވެ. މި ހެކިންގެ ހެކިބަހަށް ބައްލަވައި މައްސަލަ ނިންމަވައި ދެއްވުން އެދެމެވެ." މިފަދައިންނެވެ.

35ސިވިލް ކޯޓުގެ ނަންބަރު 4751/Cv-C/2018 ޤަޟިއްޔާއަކީ، މިހާރު އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާއާ އެއް މައުޟޫޢެއްގައި ހުށަހެޅި ސިވިލް ކޯޓުގައި ބަލަމުންގޮސް، ދަޢުވާ ފޯމު ބާޠިލުކޮށްފައިވާ ޤަޟިއްޔާއެއްކަން ދެފަރާތުގެ ބަހުން އެނގެއެވެ. އަދި، މި މައްސަލައިގައި ކަންކޮށްފައިވާ ގޮތަށް ހެކި ލިސްޓްގައި ކުރީގެ ޤަޟިއްޔާގެ ވާހަކަ ބަޔާންކުރުމަކީވެސް، އޭރު ޢަމަލުކުރަމުންދިޔަ ގޮތެއްކަންވެސް އިސްތިއުނާފުކުރާ ފަރާތުގެ ބަހުންވެސް އެނގެއެވެ. ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، މިފަދައިން ހެކި ހުށަހަޅާ ޙާލަތުގައިވެސް، ދަޢުވާ ރައްދުވާ ފަރާތުގެ އިޢުތިރާޒެއް އޮތްތޯ ކޯޓުން ބަލާކަމަށާއި، މިފަދައިން ހެއްކަށް ރިޢާޔަތްކުރަނީ ދެފަރާތުން އެގޮތަށް އެއްބަސްވާ ޙާލަތުގައި އެކަނި ކަމަށެވެ.

36ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުގެ އެ ބުނުމަށް ބާރުދޭ އެއްވެސް ޤާނޫނީ ޙުއްޖަތެއް އިސްތިއުނާފުކުރާ ފަރާތުން މި އިސްތިއުނާފުގައި ހުށަހަޅާފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

37އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި މުޙައްމަދު މުޞްޠަފާ ޙުސައިން ފާހަގަކޮށްފައިވަނީ، އިސްވެ ބަޔާންކުރެވުނުގޮތަށް ހެކި ބަލައިގަނެ ހެއްކަށް ރިޢާޔަތްކުރުމަށް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަށު ކޯޓުގައި އިންކާރުކޮށްފައި ނުވާކަމަށެވެ.

38ނަމަވެސް، 01 މާރިޗު 2020 ގައި، ސިވިލް ކޯޓުގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލު މުޙައްމަދު ޢަޒުމީގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި، "...މި މައްސަލައަކީ އާ މައްސަލައެއް ގޮތަށް ބަލަމުންދާ މައްސަލައަކަށްވުމުންނާއި އަދި ސިވިލް ކޯޓުގެ 4751/Cv-C/2018 ނަންބަރު ޤަޟިއްޔާއަކީ ބާޠިލުކުރެވިފައިވާ މައްސަލައަކަށްވުމުގެ ސަބަބުން އެ މައްސަލާގައި ނަގާފައިވާ ހެކިންގެ ހެކިބަހަކީ މިހާރު ހިންގަމުންދާ ޤަޟިއްޔާގައި ބޭނުން ކުރެވޭނެ ހެކިބަހެއް ކަމަށް ޤަބޫލެއް ނުކުރަމެވެ. އެހެންކަމުން، އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެނީ މިހާރު ހިންގަމުންދާ މައްސަލާގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިން އަލުން ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތަށް ކަށަވަރުކޮށްދީ ދަޢުވާލިބޭ ފަރާތަށް ދަޢުވާއިން ދިފާއުވުމަށް ލިބިފައިވާ ޙައްޤު ޔަޤީންކޮށްދިނުމެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގެއެވެ. 07 އެޕްރީލް 2021 ގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގެ 1.2 ގައި ބަޔާންކޮށްފައިވަނީ، "ދަޢުވާކުރާ ފަރާތަށް ހެކި ލިސްޓް ހުށަހަޅަން ލިބުނު ފުރުޞަތުގައި ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައިވަނީ ކިތާބީ އަދި ޝަފަހީ ހެއްކަށް ސިވިލް ކޯޓުގެ ނަންބަރު 4751/Cv-C/2018 ޤަޟިއްޔާގައި ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުމަށާއި ބަޔާނަށް ރިޢާޔަތްކުރުމަށެވެ. ނަމަވެސް، ޝަރުޢީ އުޞޫލަކީ ކޮންމެ މައްސަލައެއްގައި ވެސް ރިޢާޔަތް ކުރަންޖެހޭނީ އެ މައްސަލައެއްގައި ނުވަތަ އެ ޤަޟިއްޔާއެއްގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ހެކިބަޔާން ތަކަށެވެ. އެހެންކަމުން، މި މައްސަލާގައި ދަޢުވާކުރާ ފަރާތުން އެއްވެސް ކިތާބީ އަދި ޝަފަހީ ހެއްކެއް ބަލައިގަތުމަށް ދަޢުވާލިބޭ ފަރާތުން އިއުތިރާޒުކުރަމެވެ." މިފަދައިންނެވެ.

39މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ހެކި ބަލައިގަތުމަށް ސާފުކޮށް، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިވާކަން ބުނެވިދިޔަ ކަންކަމުން އަހުރެންނަށް ފާހަގަކުރެވެއެވެ.

40އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގައި ދަޢުވާއާ ގުޅިގެން ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި ލިޔުންތައްކަމަށް ބަޔާންކޮށް، 9 (ނުވައެއް) ހެކި ބަޔާންކޮށްފައިވާކަން އެނގެއެވެ. އެއީ، ސިވިލް ކޯޓުގެ ނަންބަރު 4751/Cv-C/2018 ޤަޟިއްޔާގެ ހެކި ލިސްޓްގެ ގޮތުގައި ހުށަހަޅާފައިވާ ހެކި ލިސްޓްގައި ބަޔާންކޮށްފައިވާ ހެކިތައްކަން ވެސް އެނގެއެވެ. އަދި އެ ހެކި ލިސްޓާއި، އެ ޤަޟިއްޔާގައި ނަގާފައިވާ ހެކި ބަޔާންތައް އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާކަން ވެސް އެނގެއެވެ.

41ނަމަވެސް، ދަށު ކޯޓުގެ ރިޕޯޓުން ފެންނަން ނެތްކަމަކީ، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައި ވަނިކޮށް، އެ ހެކިތައް ބަލައިގަނެ އެ ހެކިތަކަށް ރިޢާޔަތްކުރުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ސަބަބުކަން އަހުރެންނަށް ފާހަގަކުރެވެއެވެ.

42HN1އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ މި މައްސަލައިގައި ހުށަހެޅިފައިނުވާ ހެއްކަށްކަމަށާއި އެއީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފުކަމެއް ކަމަށެވެ. އަހުރެންނަށް އިސްތިއުނާފުކުރާ ފަރާތުގެ މިބުނުމަށް އެއްބަހެއް ނުވެވެއެވެ. ފަނޑިޔާރު ރިޢާޔަތްކޮށްފައިވަނީ، ކޯޓަށް ހުށަހެޅިފައިވާ ހެކިތަކެއްގެ މައްޗަށްކަން، އެ ޤަޟިއްޔާގެ ލިޔުންތަކުން ފެންނަން އެބައޮތެވެ. އެއީ ހަމަ މި މައުޟޫއުގައި ސިވިލް ކޯޓުގައި ހިންގާ ޙުކުމްކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ބާޠިލުކޮށްފައިވާ ޤަޟިއްޔާއެއްގައި ހުށަހެޅިފައިވާ ލިޔުންތަކެއްކަން ވެސް އިސްތިއުނާފުކޮށްފައިވާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިވާ ލިޔުންތަކުން ސާފުވެއެވެ. އަދި އެ ހެކިތައް އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ފައިލުގެ ރެކޯޑްގެ ގޮތުގައި ހިމަނައި، އެއީ އިސްތިއުނާފުކުރެވިފައިވާ ޤަޟިއްޔާގެ ހެކިތަކެއްގެ ގޮތުގައި ދަށު ކޯޓުގެ ފަނޑިޔާރު ބަލައިގަނެފައިވާ ހެކިތަކެއްކަން ސާފެވެ. އެހެންކަމުން، އެ ހެކިތަކަށް ރިޢާޔަތްކުރި ކުރުމަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ބެލިދާނެކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

43HN2ދަށު ކޯޓުގައި ދަޢުވާ ރައްދުވި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިވަނިކޮށް، ދަޢުވާކުރާ ފަރާތުން ހުށަހެޅިގޮތަށް ކުރީގެ ޤަޟިއްޔާގައި ނަގާފައިވާ ހެކިބަސްތަކާއި، ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ ނިންމުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމުގައި އެ ނިންމުމަށް ވާޞިލުވީ ސަބަބު ލިޔެ ބަޔާންކުރިނަމަ، އެ ނިންމުން ފުރިހަމަވާނެކަމަށް އަހުރެން ދެކެމެވެ.

44ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، މައްސަލައިގައި ހުށަހަޅާފައި ނެތް ކިތާބީ އަދި ޝަފަހީ ހެއްކަށް ދަށު ކޯޓުން ރިޢާޔަތްކޮށްފައިވާކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި ބަހުސްގައި އިސްތިއުނާފުކުރާ ފަރާތަށް ކުރިއަތުލެވިފައިވާކަމަށް ކަނޑައެޅިދާނެ ކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކި ވަޒަންކުރުމުގައި ދަށު ކޯޓުން ގޯހެއް ހަދާފައިވޭތޯ ބެލުން

45އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަނުން ނިކުމެގެން ގޮސްފައިވަނީ މުޙައްމަދު މުޞްޠަފާ ޙުސައިން އަންގައިގެންކަން ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ، ހެކި ވަޒަންކުރުމުގެ ކުށަކުން ކަމަށާއި އެ ނުކުތާ ސާބިތުކުރުމަށް ހުށަހެޅި އެންމެހާ ހެކިތަކަށް ދަށު ކޯޓުން އެކީ ބަލާފައި ނުވާކަމަށް ބުނެ އެކަން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން މި އިސްތިއުނާފުގައި ފާހަގަކުރެއެވެ.

46ދަށު ކޯޓުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގެ (ށ) ގައި ހެކި ވަޒަންކުރި ގޮތް ބަޔާންކޮށްފައިވެއެވެ. ދަށު ކޯޓުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގެ (ށ) ގެ vii ގައި ބަޔާންކޮށްފައިވަނީ؛

"ޢާންމު އުޞޫލެއްގެ ގޮތުން މަދަނީ ޚުސޫމާތުތަކުގައި ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ ޒިންމާއެއްކަމާއި، ނަމަވެސް، ދައުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ ދަޢުވާލިބޭ ފަރާތުގެ ޒިންމާއެއްކަމާއި، މި ދަޢުވާއަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ދަޢުވާލިބޭ ފަރާތުން ތަން ދޫކޮށްފައި ދިއުމުން ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައިވާއިރު، ތަން ދޫކޮށް ދިޔައީ ދަޢުވާކުރާ ފަރާތުން އަންގައިގެންކަން ސާބިތުކޮށްދިނުމަކީ ދަޢުވާލިބޭ ފަރާތުގެ ޒިންމާއެއްކަމުގައިވާއިރު، ދަޢުވާލިބޭ ފަރާތުން ބުނާ ބުނުމާއި އެއް ޝަފަހީ ހެކި ފިޔަވައި، އެ މުޢާމަލާތާ ގުޅިގެން ދެކެވުނު (ޗެޓް ލޮގް) އެއްވެސް ވާހަކައެއްގައި ދަޢުވާކުރާ ފަރާތުން އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށް ދަޢުވާލިބޭ ފަރާތަށް އަންގާފައިވާކަމަށް ބާރުދޭ އެއްވެސް ހެއްކެއް ނެތުމުން، ދައުވާލިބޭ ފަރާތުން 01 އެޕްރީލް 2018 ގައި ތަން ހުސްކޮށް ގޮސްފައިވަނީ އެއްބަސްވުން ބާޠިލުކޮށް ތަން ހުސްކުރުމަށް ދަޢުވާކުރާ ފަރާތުން އަންގައިގެންކަމަށް ހުށަހެޅި ހެކިތަކުން ޝަރީޢަތަށް ބުރަވެވެން ނެތްކަމަށެވެ."

މިފަދައިންނެވެ.

47HN3ބުނެވިދިޔަ ޕެރެގްރާފްގައި "މި ދަޢުވާއަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ދަޢުވާލިބޭ ފަރާތުން ތަން ދޫކޮށްފައި ދިއުމުން ހުށަހަޅާފައިވާ ދަޢުވާއެއްކަމުގައިވާއިރު،..." މިފަދައިން ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވީނަމަވެސް، މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެ ދަޢުވާއަކީ، އެއްބަސްވުމުގެ ދަށުން އެފަރާތަށް ލިބެންޖެހޭކަމަށް އޭނާ ދެކޭ ފައިސާތަކެއް ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެއެވެ. އެގޮތުން، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަން ދޫކޮށްދިޔައިރު ނުދައްކައިވާ ކުލީގެ ފައިސާއާއި، ނުދައްކައިވާ ޔުޓިލިޓީސް ބިލްތަކުގެ ފައިސާއާއި، ތަނަށް ލިބިފައިވާ ގެއްލުމުގެ ބަދަލަށް ނުދީވާ ފައިސާ އަދި ލިކުއިޑޭޓެޓް ޑެމޭޖަސްގެ ފައިސާ ހޯދުމަށް އެދިފައިވާކަން އެނގެއެވެ. އެއްބަސްވުމާ ޚިލާފަށް ތަންދޫކޮށް ދިއުމުން ހުށަހެޅި ދަޢުވާއެއް ކަމުގައިވާނަމަ، ތަންދޫކޮށް ދިޔައީ އެއްބަސްވުމާ ޚިލާފަށްކަން އެއްބަސްވުމުގެ މާއްދާތަކަށް ޙަވާލާދީ ބުނެދީފައި އޮންނާނެކަމުގައި އަހުރެން ދެކެމެވެ. އެގޮތުން، އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށްހިފި ފަރާތުން ތަން ދޫކޮށްލާނަމަ ޢަމަލުކުރަންވީ ގޮތް އެއްބަސްވުމުގައި ބަޔާންވެގެންވާއިރު، އެކަންކަމާއި ޚިލާފަށް ކުއްޔަށްހިފި ފަރާތުން ޢަމަލުކޮށްފައިވާކަމަށް ބުނެ އެކަންކަން ކުއްޔަށްދޭ ފަރާތުން ބަޔާންކުރީހެވެ. ނަމަވެސް، ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާގައި އެއިންކަމެއް ބަޔާންކޮށްފައިވާތީއެއް ނުފެނެއެވެ.

48ދަށު ކޯޓުގެ ފަނޑިޔާރު ރިޢާޔަތްކުރިގޮތަށް، މި މައްސަލައިގައި ހުށަހެޅިފައިވާ ދަޢުވާއާމެދު ގޮތް ކަނޑައެޅުމަށްޓަކައި، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަން ދޫކޮށް ދިޔައީ މުޙައްމަދު މުޞްޠަފާ ޙުސައިން އަންގައިގެންކަން ނުވަތަ ނޫންކަން ދެނެގަތުން ކޮންމެހެން މުހިންމުކަމަށް ބަލައިގެން ކުރިއަށްދާއިރު، ދަށު ކޯޓުން ނިންމާފައި އޮތީ، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަން ދޫކޮށް ދިޔައީ މުޙައްމަދު މުޞްޠަފާ ޙުސައިން އަންގައިގެންކަން ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި މި އިސްތިއުނާފުގައި އޮތް އެއް ސުވާލަކީ، އެ ނިންމުމަށް ވާސިލުވުމުގައި ދަށު ކޯޓުގެ ފަނޑިޔާރު ހެކި ވަޒަންކުރިގޮތް ގޯސްކަމަށް ބުނެ އުފައްދާ ސުވާލެއްކަން އެނގެއެވެ.

49ދަށު ކޯޓުން ހެކި ވަޒަންކުރިކުރުން ރަނގަޅުނޫން ކަމަށް ބުނެ އެކަން ދައްކުވައިދިނުމުގެ ގޮތުން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފުރަތަމަ ކަމަކަށް ފާހަގަކޮށްފައިވަނީ، ކުލީގެ މުޢާމަލާތާ ގުޅިގެން މުޙައްމަދު މުޞްޠަފާ ޙުސައިންގެ ދަރި ސަލްމާން މުޞްޠަފާ ޙުސައިންއާ މުޢާމަލާތްކުރުމަށް މުޙައްމަދު މުޞްޠަފާ ޙުސައިން 18 މާރިޗު 2018 ގައި އަންގާފައިވާކަމަށް ބުނެ އެކަމެވެ. މިއީ، މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ދެބަސްވާކަމެއް ނޫންކަން އެނގެއެވެ. އެހެންކަމުން، މިއީ ޚިލާފެއް ނެތް ވާޤިޢާއެއްގެ ގޮތުގައި ބަލަންޖެހޭކަމަށް އަހުރެން ދެކެމެވެ.

50ދަށު ކޯޓުން ހެކި ވަޒަންކުރިކުރުން ރަނގަޅުނޫން ކަމަށް ބުނެ އެކަން ދައްކުވައިދިނުމުގެ ގޮތުން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، އިސްވެ ބުނެވިދިޔަގޮތަށް ސަލްމާން މުޞްޠަފާ ޙުސައިންއާ މުޢާމަލާތްކުރުމަށް މުޙައްމަދު މުޞްޠަފާ ޙުސައިން އެންގިފަހުން ސަލްމާން މުޞްޠަފާ ޙުސައިން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް އެތަނުން ނުކުތުމަށް އެންގިކަމަށް ބުނެ އެކަމާއި، އަދި އެގޮތަށް ސަލްމާން މުޞްޠަފާ ޙުސައިން އެންގިކަން މުޙައްމަދު މުޞްޠަފާ ޙުސައިންއަށް މެސެޖަކުން އަންގައި ގުޅައިދިނުމަށް އެދުމުންވެސް މުޙައްމަދު މުޞްޠަފާ ޙުސައިން ގުޅާފައި ނުވާކަމަށް ބުނެ އެކަމެވެ.

51ނަމަވެސް، ސަލްމާން މުޞްޠަފާ ޙުސައިންއާ މުޢާމަލާތްކުރުމަށް މުޙައްމަދު މުޞްޠަފާ ޙުސައިން އެންގިފަހުން ސަލްމާން މުޞްޠަފާ ޙުސައިން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް އެތަނުން ނުކުތުމަށް އެންގިކަން ދައްކުވާދޭ އެއްވެސް ހެއްކެއް ދަށު ކޯޓަށް ހުށަހެޅިކަމަށް ބުނެ އެކަން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ. އިންޑަލްޖް ޕްރައިވެޓް ލިމިޓެޑްގެ ޝަކުވާއަކީ، ސަލްމާން މުޞްޠަފާ ޙުސައިން ތަން ހުސްކުރަން އެންގިކަމަށް ބުނެ އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު މުޞްތަފާ ޙުސައިންއަށް ކުރި މެސެޖާ ގުޅިގެން މުޙައްމަދު މުޞްޠަފާ ޙުސައިން ގާތު ގުޅުމަށް އެދުމުން ގުޅާފައިނުވާ ނުވުމާއި، އެ އެންގުން މުޙައްމަދު މުޞްޠަފާ ޙުސައިން ބަދަލުކޮށް ނުވަތަ ނަފީކޮށްފައިނުވާތީ އެ ޝަކުވާކަން އެނގެއެވެ.

52ބުނެވިދިޔަ ޝަކުވާއަށް ބަލާއިރު، އެ ޝަކުވާގެ މައްޗަށް ބިނާކޮށް، ދަށު ކޯޓުގެ ފަނޑިޔާރަށް ހެކި ވަޒަންކުރުމުގައި ގޯހެއް ހެދިފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުވެއެވެ.

53އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން އިސްތިއުނާފުގައި ފާހަގަކޮށްފައިވާފަދައިން ދަށު ކޯޓުގެ ރިޕޯޓުގައި ކުށެއް އޮތްކަން އަހުރެންނަށްވެސް ފާހަގަކުރެވެއެވެ. އެއީ ދަށު ކޯޓުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގެ (ށ) ގެ 7 ގައި، "...އަދި އެއަށްފަހު ދަޢުވާކުރާ ފަރާތަށް ގުޅުމަށް ދަޢުވާލިބޭ ފަރާތުގެ ކިބައިން އެދުނުކަމާއި،..." މިފަދައިން ބަޔާންކޮށްފައިވާ ޢިބާރާތްކަން ފާހަގަކުރެވެއެވެ. ނަމަވެސް، އެ ކުށަކީ، އެއީ ލިޔުމުގައި އޮތް ކުށެއްކަމުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.

54ދަށު ކޯޓުން ހެކި ވަޒަންކުރިކުރުން ރަނގަޅުނޫންކަމަށްބުނެ އެކަން ދައްކުވައިދިނުމުގެ ގޮތުން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ، ސަލްމާން މުޞްޠަފާ ޙުސައިން 31 މާރިޗު 2018 ގައި އެހެން ބަޔަކަށް އެތަން ކުއްޔަށްދިނުމުގެ ގޮތުން އެތަން ދެއްކިކަމަށާއި އެތަނުގެ ތަންތަނުގައި ތަޅުއަޅުވަމުން ދިޔަކަމަށް ބުނެ، އިބްރާހިމް ވަހީދު އާއި ޙަމަދު ޢަބްދުލްޣަނީ ހެކިބަސް ދީފައިވާކަމަށް ބުނެ އެކަމެވެ. ނަމަވެސް، އެ ހެކިބަހުން ސަލްމާން މުޞްޠަފާ ޙުސައިން އެތަނުން ނުކުތުމަށް އެންގިކަމަށް ދަލާލަތުކުރާގޮތެއް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ބަޔާންކޮށްދީފައިވާކަން އަހަރެންނަކަށް ފާހަގައެއް ނުވެއެވެ.

55HN4ނަމަވެސް، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަންދޫކޮށް ދިޔައީ މުޙައްމަދު މުޞްޠަފާ ޙުސައިން އަންގައިގެންކަން ހުށަހެޅިފައިވާ ހެކިތަކުން މަދަނީ މިންގަނޑުން ސާބިތުވާގޮތެއް އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް މި އިސްތިއުނާފުގައި ވެސް ބަޔާންކޮށްދެވިފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

56އެހެންކަމުން، ދަށު ކޯޓުން ހެކި ވަޒަންކުރުމުގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ބުނާފަދަ ގޯހެއް ދަށު ކޯޓުގެ ފަނޑިޔާރު ހަދާފައިވާކަމަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

57ބުނެވިދިޔަ ކަންކަން އެހެންހުރުމުން، މައްސަލައިގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ހެކި ވަޒަންކުރުމުގައި ދަށު ކޯޓުން ގޯސްހަދާފައިވާކަމަށް ބުނެ އެފަރާތުން ހުށަހަޅާފައިވާ މިބަހުސްގައި އެ ފަރާތަށް ކުރިއަތުލެވިފައިވާކަމަށް ކަނޑައެޅިދާނެކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

އެޕްރީލް މަހުގެ ކުލި ނަގައިދިނުމަށް ދަށު ކޯޓުން ނިންމާފައިވަނީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1 ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްތޯ

58މި އިސްތިއުނާފުގައި ކުއްޔާގުޅިގެން ދެފަރާތުންވެސް އެއްބަސްވާ ޙަޤީޤަތެއް އޮތްކަން އެނގެއެވެ. އެ ޙަޤީޤަތަކީ، 2018 މާރިޗު މަހުގެ ކުލި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ދައްކާފައި ނުވާކަމެވެ. މި އިސްތިއުނާފުގައި ތަން ހުސްކުރުމާ ގުޅޭގޮތުން ދެފަރާތުންވެސް އެއްބަސްވާ ޙަޤީޤަތެއް އޮތްކަން އެނގެއެވެ. އެ ޙަޤީޤަތަކީ، 01 އެޕްރީލް 2018 ގައި ތަން ހުސްކޮށް މުޙައްމަދު މުޞްޠަފާ ޙުސައިންއާ ތަން ޙަވާލުކޮށްފައިވާކަމެވެ. މި އިސްތިއުނާފުގައި، ކުއްޔާ ގުޅިގެން ދެފަރާތުގެ ދެމެދުއޮތް ހަމައެކަނި ދެބަސްވުމަކީ، 2018 އެޕްރީލް މަހުގެ ކުއްޔާމެދު އޮތް ދެބަސްވުމެއްކަން އެނގެއެވެ.

59މި ނުކުތާގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ފާހަގަކުރަނީ، 2018 އެޕްރީލް މަހުގެ ކުލި އެފަރާތުން ދޭންޖެހޭނެކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާ (ށ) ގެ (1) ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއާ ޚިލާފަށްކަމަށެވެ. މިގޮތުން، މައިގަނޑު ގޮތެއްގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އެޕްރީލް މަހު އެ ތަން ބޭނުންކުރުމުގެ ފުރުސަތުވެސް ނެތްއިރު، އެ މަހަށް ކުލި ދައްކަންޖެހޭނެކަމަށް ކަނޑައެޅި އެޅުން ޤާނޫނާ ޚިލާފުކަމަށް ބުނެއެކަމެވެ.

60ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ؛

23." (ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ހިލާފު އަމަލެއް ކޮށްފިނަމަ، އެއަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެއަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ:

(1) ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން

(2) އެފަދަ ހިލާފު އަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓުގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން."

މިފަދައިންނެވެ.

61ދަށު ކޯޓުން އެޕްރީލް މަހުގެ ކުލި ނަގައިދިނުމަށް ނިންމާފައިވާ ސަބަބަށް ބަލާއިރު، ދަށު ކޯޓުގެ ރިޕޯޓުގެ 5 ވަނަ ނަންބަރުގެ (ނ) ގެ v ގައި ބަޔާންކޮށްފައިވަނީ؛

"2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުލި ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭތޯ ބަލާއިރު، ދަޢުވާލިބޭ ފަރާތުން ތަން ހުސްކޮށްފައިވަނީ 01 އެޕްރީލް 2018 ކަމާމެދު ދެފަރާތުގެ ދެމެދު ދެބަސްވުމެއް ނެތްއިރު، އެއްބަސްވުމުގެ ދަށުން ކޮންމެ މަހެއްގެ ކުލި ދައްކަންޖެހެނީ އެމަހެއްގެ 01 (އެކެއް) ވަނަ ދުވަހުގައިކަން އެއްބަސްވުމުގެ 03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، 01 އެޕްރީލް 2018 ގައި ދަޢުވާލިބޭ ފަރާތުން ތަން ހުސްކޮށްދާއިރު، އެ މަހުގެ ކުލި ދައްކަންނުޖެހޭނެކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވާކަން ދަޢުވާލިބޭ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ އާއި، އެއްބަސްވުމުގެ މުއްދަތުގައި ކުރިން ކުއްޔަށްހިފާ ފަރާތުން އެއްބަސްވުން ބާޠިލުކުރާނަމަ 02 (ދޭއް) މަސްދުވަހުގެ ނޯޓިސް ލިޔުމުން ތަނުގެ ވެރިފަރާތަށް ދޭންވާނެކަމަށް އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެ މާއްދާގައި ބަޔާންކުރާ ނޯޓިސް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދީފައިނުވާކަން އެނގެން އޮތުމުން، އެޕްރީލް މަހުގެ ކުއްޔަށްވާ -/200,000ރ. (ދެލައްކަ ރުފިޔާ) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވާކަމެވެ."

މިފަދައިންނެވެ.

62ތަން ހުސްކޮށްފައިވަނީ 01 އެޕްރީލް 2018 ކަމާމެދު ދެފަރާތުގެ ދެމެދު ދެބަސްވުމެއް ނެތްއިރު، އެޕްރީލް މަހުގެ ކުލި ނަގައިދިނުމަށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމީ އެއް ސަބަބަށްވުރެ ގިނަ ސަބަބުތަކުގެ މައްޗަށް ބަލައިގެންކަން އެނގެއެވެ. އެގޮތުން، އެޕްރީލް މަހުގެ ކުލި ނަގައިދިން ފުރަތަމަ ސަބަބަކީ، އެއްބަސްވުމުގެ ދަށުން ކޮންމެ މަހެއްގެ ކުލި ދައްކަންޖެހެނީ އެ މަހެއްގެ 01 (އެކެއް) ވަނަ ދުވަހުގައިކަން އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ އެ ސަބަބަށްޓަކައިކަން އެނގެއެވެ. އެޕްރީލް މަހުގެ ކުލި ނަގައިދިން ދެވަނަ ސަބަބަކީ، 01 އެޕްރީލް 2018 ގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ތަން ހުސްކޮށްދާއިރު، އެ މަހުގެ ކުލި ދައްކަން ނުޖެހޭނެކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިންގެ ފަރާތުން ބުނެފައިވާކަން އިންޑަލްޖް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވާތީ އެ ސަބަބަށްޓަކައިކަން އެނގެއެވެ. އެޕްރީލް މަހުގެ ކުލި ނަގައިދިން ތިންވަނަ ސަބަބަކީ، އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށްހިފާ ފަރާތުން އެއްބަސްވުން ބާޠިލުކުރާނަމަ 02 (ދޭއް) މަސްދުވަހުގެ ނޯޓިސް ލިޔުމުން ތަނުގެ ވެރިފަރާތަށް ދޭންވާނެކަމަށް އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގައި ބަޔާންކުރާ ނޯޓިސް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދީފައިނުވާކަން އެނގެން އޮތުމުން އެ ސަބަބަށްޓަކައިކަން އެނގެއެވެ.

63މި ދެފަރާތުގެ ދެމެދުވެފައި އޮތް އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކުރަނީ:

"3. Monthly Rent: MRF.200,000.00 (two hundred thousand Maldivian Rfuiya) shall be paid on the 1st of each month. Shoukd the Lessee fails to pay the monthly rent before the 10th of the month, a late payment charge of 2% will be levied in addition and shall be paid along with monthly rent in prorate. If the rent is not paid by the 10th of the running month, the Land Lord reserves the right to terminate this agreement by serving a 7 days written notice and the Lessee shall vacate the Restaurant with in the 7 days."

މިފަދައިންނެވެ.

64HN5ބުނެވިދިޔަ މާއްދާގައި ކޮންމެ މަހެއްގެ 1 (އެކެއް) ވަނަ ދުވަހު ކުލި ދައްކަންވާނެކަމަށް ބަޔާންކޮށްފައި އެވަނީ ކުލި ދައްކަންވީ ދުވަސް ނުވަތަ ވަގުތު ބަޔާންކޮށްދިނުމުގެ ބޭނުމުގައިކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. ނަމަވެސް، އެއީ ކުލި ދައްކަންޖެހޭނެތޯ ނުވަތަ ނޫންތޯ ގޮތް ކަނޑައެޅުމުގެ ބޭނުމަށް ބޭނުން ހިފިދާނެ މާއްދާއެއްކަމުގައި އަހުރެން ނުދެކެމެވެ. އެ މާއްދާއަށް ބަލައިގެން ކުލި ދައްކަން ޖެހޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅާނަމަ ހަމައެކަނި ބަލަންޖެހޭނީ އެ މާއްދާގައި ބުނާ ވަގުތު ޖެހިއްޖެތޯ ނުވަތަ ނޫންތޯއެވެ.

65އަހުރެންގެ ކުރިމަތީގައި އޮތް މައްސަލައިގައި، ދަށު ކޯޓަށް އެހިނދު ގޮތްކަނޑައަޅަން ޖެހިފައި އޮތް ސުވާލަކީ، އެޕްރީލް މަހުގެ ކުލި ދައްކާނެ ވަގުތަކާމެދު އޮތް ސުވާލެއްކަމަށް އަހުރެންނަކަށް ނުބެލެވެއެވެ. ދަށު ކޯޓަށް ގޮތްކަނޑައަޅަން ޖެހިފައި އޮތް ޙަޤީޤީ ސުވާލަކީ، އެޕްރީލް މަހުގެ ކުލި ދައްކަންޖެހޭނެތޯ ނުވަތަ ނޫންތޯ އޮތް ސުވާލުކަމުގައި އަހުރެންނަށް ޤަބޫލުކުރެވެއެވެ.

66HN6އެޕްރީލް މަހުގެ ކުލި ދައްކަންޖެހޭނެތޯ ނުވަތަ ނޫންތޯ އޮތް ސުވާލުގެ ޖަވާބު ހޯދުމަށް ދަށު ކޯޓުގެ ފަނޑިޔާރު އެންމެ ފުރަތަމަ ރިޢާޔަތްކޮށްފައި އޮތީ މި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމުގެ 3 ވަނަ މާއްދާއަށްކަން އެނގެއެވެ. އެހެންނަމަވެސް، ކުލިދައްކަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ހަމައެކަނި ކަލަންޑަރަށް ރިޢާޔަތްކޮށްގެން އެ ސުވާލުގެ ޖަވާބު ހޯދިދާނެކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބަސްތައް ނުވަތަ ޢިބާރާތްތައް ކިޔަންޖެހޭނީ އެ ބަސްތައް ނުވަތަ ޢިބާރާތްތައް ބޭނުންކޮށްފައިވާ މަޤްޞަދާއި ޙާލަތަށް ބަލައިގެންކަމުގައި އަހުރެން ފާހަގަކުރަމެވެ.

67ސުވާލަކީ، ތަން ކުއްޔަށްހިފި ފަރާތުން ކުއްޔަށްހިފި ތަން މަހެއްގެ 1 ވަނަ ދުވަހު، ގޭގެ ވެރިފަރާތުގެ އެނގުމާއި ފެނުމުގެ ތެރެއިން، ދޫކޮށް ދިއުމުން، އަދި އެ ތަނުގެ ވެރިފަރާތުން އެއްވެސް އިންކާރެއްނެތި އެ ތަނާ ހަމަ އެ ދުވަހު އަނބުރާ ޙަވާލުވުމުން އެތަނުގެ ޙިޔާޒަތު ގޭގެ ވެރިފަރާތަށް ލިބިއޮތް ނަމަވެސް، ކޮންމެ މަހެއްގެ 1 ވަނަ ދުވަހު އެ މަހެއްގެ ކުލި ދައްކަންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތަތީ، އެ ސަބަބަށްޓަކައި، އެ މަހުގެ ކުލި ދައްކަންޖެހޭނެތޯއެވެ؟ ކޮންމެ މަހެއްގެ 1 ވަނަ ދުވަހު އެ މަހެއްގެ ކުލި ދައްކަންވާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި އޮތުމަކުން، ބުނެވިދިޔަ ޙާލަތުގައި ކުލި ދައްކަންޖެހޭނެކަން ނުވަތަ ނޫންކަން ކަނޑައެޅިގެން ސާފުވާކަމުގައި އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ. ކުރިންވެސް ފާހަގަކުރިފަދައިން އެ މާއްދާގައި ބަޔާންކޮށްފައި އެވަނީ ކުލި ދައްކަންވީ ވަގުތުކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައި އެވަނީ ކުލީގެ އިލްތިޒާމްގެ މުއްދަތުކަމުގައި އަހުރެންނަކަށް ބުރައެއް ނުވެވެއެވެ. އެހެންކަމުން، އެ މާއްދާއަށް ރިޢާޔަތްކޮށްގެން ކުލީގެ އިލްތިޒާމްގެ މުއްދަތު ކަނޑައެޅިދާނެކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

68HN7މި މައްސަލައިގައި އޮތް ކުލީގެ މުޢާމަލާތަށް ބަލާއިރު، ކުއްޔަކީ އެތަނުގެ ޙިޔާޒަތާއި އެތަން ބޭނުންކުރުމުގެ މުޤާބިލުގައި ދައްކަންޖެހޭ އެއްޗެއްކަމުގައިވާއިރު، ކުއްޔަށްހިފި ތަން ގޯތީގެ ވެރިފަރާތަށް އަނބުރާ ޙަވާލުކުރުމަށްފަހު، އަދި އެއްވެސް ދެބަސްވުމެއްނެތި އެތަނާ ގޭގެ ވެރިފަރާތުން ޙަވާލުވެ އެތަނުގެ ޙިޔާޒަތު ގޭގެ ވެރިފަރާތުގެ ދަށުގައިއޮތްހިނދު، ކުރިއަށްހިނގާ ދުވަސްތަކަށް ކުލިދައްކަންޖެހޭނެ އަސާސެއް އޮންނާނެ ތޯއެވެ؟ އެފަދަ އަސާސެއް އޮތްކަމަށް ދަށު ކޯޓުގެ ފަނޑިޔާރު ބަޔާންކޮށްފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުވެއެވެ. އަދި އެފަދަ އަސާސެއް އޮތްކަމަށް މުޙައްމަދު މުޞްޠަފާ ޙުސައިންވެސް މި އިސްތިއުނާފުގައި ބަޔާންކޮށްދީފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

69ކުއްޔަށްހިފި ފަރާތުން ކުއްޔަށްހިފި ތަން ހުސްކޮށް، ގޭގެ ވެރިފަރާތުގެ އަތުގައި، އެޕްރީލް މަހުގެ 1 ވަނަ ދުވަހު، އެތަނުގެ ތަޅުދަނޑި އޮތްއިރު، އެ މަހުގެ ކުލި ދެއްކުމުގެ ޒިންމާ އަދިވެސް ދެމި އޮންނާނެކަމަށް ބެލުމަކީ، އިންސާފުވެރި ގޮތަކަށް ވާނެތޯއެވެ؟ އެއީ ޢަދުލުވެރި ގޮތަކަށް ވާނެތޯއެވެ؟ އެއީ ޤާނޫނީ ހަމައަކަށް ވާނެތޯއެވެ؟ އެފަދަ ބޭއިންސާފު، ޢަދުލުވެރިކަމެއްނެތް ނަތީޖާއަކަށް ޤާނޫނުން ފުރުޞަތު ދޭނެކަމަކަށް އަހުރެންނަކަށް ނުބެލެވެއެވެ. އަދި އެފަދަ ޤާނޫނީ ހަމައެއް އޮތްކަމަކަށްވެސް އަހުރެންނަކަށް ނުބެލެވެއެވެ.

70HN8މި މައްސަލައިގެ ވާޤިޢާތަކަށް ޤާނޫނީ ހަމައިން ބަލާއިރު، މި ދެފަރާތުގެ ދެމެދު އޮތް އެއްބަސްވުމަށް ޢަމަލުކޮށް 1 އެޕްރީލް 2018 ގައި ނިމިއްޖެކަން އަހުރެންނަށް ދޭހަވެއެވެ. އެކަން އެގޮތަށް ދޭހަވަނީ، ކުއްޔަށްދިން ތަން ކުއްޔަށްހިފި ފަރާތުން ހުސްކުރުމުން، ހަމަ އެދުވަހު ގޭގެ ވެރިފަރާތުން އެއްވެސް ދެބަސްވުމެއް، ދެކޮޅުވެރިކަމެއްނެތި އެތަނާ ޙަވާލުވެފައިވާތީ އެ ދެފަރާތުގެ ޢަމަލުންނެވެ. އެކަން އެގޮތަށް އަހުރެންނަށް ދޭހަވާ ޤާނޫނީ އަސާސަކީ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) އެވެ. އެ މާއްދާގައި ބަޔާންކުރަނީ، ކޮންޓްރެކްޓެއްގެ ބައިވެރިން އެ ކޮންޓްރެކްޓަކީ، އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށް އެއްބަސްވާނަމަ، ބެލޭނީ އެ ކޮންޓްރެކްޓަކީ އެމައްޗަށް ޢަމަލުކޮށް ނިމިއްޖެ ކޮންޓްރެކްޓެއް ކަމަށެވެ.

71HN9އެހެންކަމުން، ކުލީގެ އެއްބަސްވުން ދެފަރާތުގެ ޢަމަލުން އެޕްރީލް މަހުގެ 1 ވަނަ ދުވަހު ނިމުމަކަށް ގެނެސްފައިވާއިރު، އެޕްރީލް މަހަށް ދައްކަންޖެހި ނުދައްކައިވާ ކުއްޔެއް އޮތްކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

72އެޕްރީލް މަހުގެ 1 ވަނަ ދުވަހު ދެފަރާތުގެ ޢަމަލުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަން އެނގެން އޮތްހިނދު، ކުލި ދެއްކުމުގެ އިލްތިޒާމެއް ވުޖޫދުގައިވެސް ނެތް ޙާލަތެއްގައި، އެ މަހުގެ ކުއްޔަށް ގޭގެވެރިފަރާތުން ލުޔެއް ދިންކަން ކުއްޔަށްހިފި ފަރާތުން ސާބިތުކޮށްދޭންޖެހޭކަމަށް ބަލަންޖެހޭ ޤާނޫނީ ހަމައެއް އޮތްކަން އަހުރެންނަކަށް ފާހަގައެއްނުކުރެވެއެވެ.

73HN10މި މައްސަލައިގެ ވާޤިޢާތަކަށް ނަޒަރުކުރާއިރު، ކުއްޔަށްހިފި ފަރާތުން، ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށްހިފި ތަން ދޫކޮށްލާނަމަ، 2 (ދޭއް) މަސްދުވަހުގެ އެޑްވާންސް ނޯޓިސް ލިޔުމުން ދޭންވާނެކަމަށް މި ދެފަރާތުގެ ދެމެދުވެފައި އޮތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމާމެދު އެއްވެސް ދެބަސްވުމެއް ނެތްކަން އެނގެއެވެ. އަދި ބުނެވިދިޔަ 2 (ދޭއް) މަސްދުވަހުގެ އެޑްވާންސް ނޯޓިސް މި މައްސަލައިގައި ދީފައިނުވާކަމާމެދުވެސް އެއްވެސް ދެބަސްވުމެއް ނެތްކަން އެނގެއެވެ.

74ބުނެވިދިޔަ ގޮތަށް ކުއްޔަށްހިފި ފަރާތުން 2 (ދޭއް) މަސްދުވަހުގެ އެޑްވާންސް ނޯޓިސް ދީފައިނުވުމަކީ، އެއްބަސްވުމާއި އެ ފަރާތުން ޚިލާފުވި ޚިލާފުވުމެއްކަމުގައި ބެލިނަމަވެސް، އޭގެ ނަތީޖާއަކީ އެޕްރީލް މަހުގެ ކުލީގެ އިލްތިޒާމް އުފުލަންޖެހުން ކަމުގައި އަހުރެންނަކަށް އެއްބަހެއްނުވެވެއެވެ. އަހުރެންނަށް ފާހަގަކުރެވޭ ގޮތުގައި އެ ޙާލަތުގައި، އޭގެ ނަތީޖާއަކަށްވާނީ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އުފަންވުމެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި އިސްވެ ބުނެވިދިޔަ އުޞޫލު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.

75ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ:

"23. (ހ) ކޮންޓްރެކްޓެއްގެ ބައިވެރިޔަކު އެ ކޮންޓްރެކްޓަކާ ޚިލާފު ޢަމަލެއް ކޮށްފިނަމަ، އެޢަމަލެއް ކުރުމުން ލިބުނު ގެއްލުމަކަށް އެޢަމަލުކުރި މީހަކު، ބަދަލުދޭން ޖެހޭނެއެވެ.

(ށ) މިމާއްދާގެ (ހ) ގައިވާ ގޮތުން ބަދަލުދޭން ޖެހޭނެ ގެއްލުމަކީ:

(1)ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ސީދާ ލިބޭ ގެއްލުން.

(2)އެފަދަ ޚިލާފު ޢަމަލެއް ކުރުމުން ލިބިދާނެކަން ކޮންޓްރެކްޓްގެ ބައިވެރިންނަށް އެނގިފައިވާ ގެއްލުން."

މިފަދައިންނެވެ.

76HN11މި މައްސަލައަށް ބަލާއިރު، ނޯޓިސް ނުދިނުމުގެ ސަބަބުން ލިބުނު ޙަޤީޤީ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ގޭގެ ވެރިފަރާތަށް އޮތެވެ. މިސާލަކަށް، އެތަން އެހެން ފަރާތަކަށް ކުއްޔަށް ނުދެވުނުނަމަ، އެ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ފުރުސަތު އޮންނާނެކަމުގައި އަހުރެން ދެކެމެވެ. ނަމަވެސް، އެ ޙައްޤު ހޯދުމަށް އެމޭރުމުން ދަޢުވާކޮށްފައިވާކަން އަހުރެންނަކަށް ފާހަގައެއް ނުކުރެވެއެވެ.

77HN12ގޭގެ ވެރިފަރާތުން، އެޕްރީލް މަހުގެ 1 ވަނަ ދުވަހު ކުއްޔަށް ދިން ތަނާ އަނބުރާ ޙަވާލުވެ، އެ ފަރާތުގެ ޙިޔާޒަތުގެ ދަށުގައި އެތަން އޮތްހިނދު، އެތަނަކަށް އެ މަހަށް ކުލި ދައްކަންޖެހޭނެކަމަށް ބެލުމަކީ، ޤާނޫނީ ގޮތުން ލިބިއޮތް ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު، ޤާނޫނީ ގޮތުން ތަންނުދޭ މަންފާއެއް ނުވަތަ މުއްސަނދިކަމެއް ހޯދުމުގެ ޙައްޤަކަށް ބަދަލުވެގެންދާނެކަމެއްގެ ގޮތުގައި އަހުރެންނަށް ފާހަގަކުރެވެއެވެ.

78HN13އިސްތިއުނާފުކުރި ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާއިން އަހުރެންނަށް ފާހަގަވަނީ، ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މަޤްޞަދަކީ، ވީ ގެއްލުން ފޫބައްދައިދިނުންކަމެވެ. އިނާމެއް ދިނުމެއް ނޫންކަމެވެ. އަދި އަދަބެއް ދިނުމެއް ނޫންކަމެވެ.

79ޤާނޫނީ ހަމައިން ބެއްޔަސް، ޢަދާލަތުގެ ހަމައިން ބެއްޔަސް އަދި ބުއްދީގެ ހަމައިން ބެއްޔަސް އެޕްރީލް މަހުގެ ކުލި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭނެކަމަކަށް އަހުރެންނަކަށް އެއްބަހެއް ނުވެވެއެވެ.

80ބުނެވިދިޔަ ކަންކަން އެހެން ހުރުމުން، އެޕްރީލް މަހުގެ ކުލި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭނެކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށްބުނެ، އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މިބަހުސްގައި އެފަރާތަށް ކުރިއަތުލެވިފައިވާކަމަށް ކަނޑައެޅިދާނެކަމަށް އަހުރެންނަށް އެއްބަސްވެވެއެވެ.

ނިންމަން ފެންނަގޮތް

81އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގެ ނިންމުމުގައި، 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުލީގެ ގޮތުގައި އިންޑަލްޖް ޕްރައިވެޓް ލިމިޓެޑުން، މުޙައްމަދު މުޞްޠަފާ ޙުސައިންއަށް -/200,000ރ. (ދެލައްކަ ރުފިޔާ) ދޭންޖެހޭނެކަމަށް ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭކަމަށް ނިންމަން ފެނެއެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

82ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު

83ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

84މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 254/Cv-C/2020 ޤަޟިއްޔާގެ ޙުކުމުގައި، 2018 ވަނަ އަހަރުގެ އެޕްރީލް މަހުގެ ކުލީގެ ގޮތުގައި އިންޑަލްޓް ޕްރައިވެޓް ލިމިޓެޑުން، […]/ މުޙައްމަދު މުޞްޠަފާ ޙުސައިންއަށް -/200,000ރ. (ދެލައްކަ ރުފިޔާ) ދޭންޖެހޭނެކަމަށް ނިންމާފައިވާ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން

ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)

ފަނޑިޔާރު އިބްރާހީމް މާހިރު

ފުޓްނޯޓު

  1. ރަޖިސްޓްރޭޝަން ނަންބަރު C-0516/2015
  2. […]
  3. 21 ޑިސެންބަރު 2025 ގައި މުޙައްމަދު މުޞްޠަފާ ޙުސައިންގެ ވަކީލު ޙުސައިން ވަޙީދު ފޮނުވާފައިވާ ސިޓީ
  4. ޤާނޫނު ނަންބަރު 4/91
  5. [2021] SC 52
  6. ޤާނޫނު ނަންބަރު 13/2010 (މީގެ ފަހުން، ފަނޑިޔާރުންގެ ޤާނޫނުކަމަށް ބުނެފައި އެވަނީ މި ޤާނޫނަށް ނިސްބަތްކޮށެވެ.)
  7. [2021] SC 52
  8. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  9. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  10. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) އަދި (2) ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ)
  • ސުޕްރީމް ކޯޓުގެ 2019/SC-A/85 (ދައުލަތް ވ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް) [2021] SC 52

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ