ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2024/HC-A/183

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓުން ބާޠިލުކޮށްފައިޙުކުމުގެ ހާލަތު
ހައިކޯޓު · 25 ޑިސެމްބަރު 2024ދަށު ކޯޓު: ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު D5C/RNAB/2024/1ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު D5C/RNAB/2024/1
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓު: 2025/SC-A/09, 2025/SC-A/10 — ހައިކޯޓުގެ ޙުކުމް ބާޠިލުކޮށްފައި

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ކޯޓު އަމުރަކުން ބަންދުކުރުމަށްފަހު ފުލުހުން ދޫކޮށްލާ މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނަންވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގެ ދަށުންތޯ ނުވަތަ (ނ) ގެ ދަށުންތޯ، އަދި މުއްދަތު ހަމަވިފަހުން ހުށަހެޅި ދަޢުވާތައް ބަލައިނުގަތުމަށް ރަޖިސްޓްރާރ ނިންމި ނިންމުން ޞައްޙަތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ދަށުކޯޓުގެ ނިންމުން ޤާއިމް (އަޣްލަބިއްޔަތުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އިސްތިއުނާފީ ނުކުތާގައި ދަށުކޯޓުގެ ނިންމުން ބިނާކޮށްފައިވާ ޤާނޫނީ އަސާސް (94 ވަނަ މާއްދާގެ (ހ)) ތަޠުބީޤުކުރި ގޮތް ގޯސްކަމާއި އެކަމުގައި އުފެދޭ ޤާނޫނީ ބަހުސް ފާހަގަކޮށްފައި ނުވާނަމަ، އެހެން އަކުރެއް ((ނ)) މާނަކުރި ގޮތަށް އިޢުތިރާޟުކުރުމުން ދަށުކޯޓުގެ ނިންމުން ބާޠިލުކުރެވޭނެ ސަބަބެއް ނުވެއެވެ.

ޕެރ. 24-26، ފަނޑިޔާރު ޙަސަން ޝަފީޢުމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައިވާ ފަނޑިޔާރު ބަންދުން ދޫކޮށްލާ ޙާލަތަކީ، ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭހިނދު 60 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލާ ޙާލަތެވެ؛ އިތުރު މުއްދަތަކަށް ބަންދުކުރުމަށްފަހު ފަހުން ދޫކޮށްލާ ޙާލަތެއް ނޫނެވެ.

ޕެރ. 42، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN3 94 ވަނަ މާއްދާގެ (ނ) ގައިވާ ފުލުހުން ބަންދުން ދޫކޮށްލާ ޙާލަތަކީ، ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ފުލުހުންނަށް ފެނިގެން ދޫކޮށްލާ ޙާލަތެވެ.

ޕެރ. 43-44، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN4 ކޯޓު އަމުރަކުން ބަންދުގައި ބަހައްޓާ މީހެއްގެ ތަޙްޤީޤު ނިންމުމަށް ލިބޭ މުހުލަތު 94 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ކަނޑައަޅާފައިވާއިރު، އެ މުހުލަތުގެ ތެރޭގައި ކޯޓުން ނުވަތަ ފުލުހުން ދޫކޮށްލުމުން ތަޙްޤީޤަށް އިތުރު މުހުލަތެއް ލިބޭ ގޮތަށް ޤާނޫނު އަންދާޒާކޮށްފައި ނުވެއެވެ؛ އެފަދަ އިތުރު މުއްދަތެއް ދޭން ބޭނުންނަމަ މާއްދާގައި ސާފުކޮށް ބަޔާންކުރެވުނީހެވެ.

ޕެރ. 45-46، ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN5 އެހެންކަމުން، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވުނު މީހެއްގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު ގުނަންވާނީ 94 ވަނަ މާއްދާގެ (ހ) ގެ ދަށުންކަމަށް ބުނެ ދަށުކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙަސަން ޝަފީޢު، މުޙައްމަދު ނިޔާޒް، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
އެބައޮތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވާ 2 (ދޭއް) ޤަޟިއްޔާއެއްގެ ޝަރީޢަތް ނިންމިގޮތެވެ. މި ޤަޟިއްޔާތަކުގެ ތަފްސީލު ތިރީގައި އެވަނީއެވެ.

1.1 މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2023/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލަމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-A/384 ޤަޟިއްޔާއިންނެވެ.

1.2 މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލަމުންދަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-A/183 ޤަޟިއްޔާއިންނެވެ.

2ބަޔާންވެދިޔަ ނިންމުންތައް އިސްތިއުނާފުކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (މީގެ ފަހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް' ނުވަތަ 'ދައުލަތް' ކަމަށް ބަޔާންކޮށްފައިވާ) ގެ ފަރާތުންނެވެ. އިސްތިއުނާފުކޮށްފައިމިވާ މައްސަލަތަކަކީ، ދަށުކޯޓުގެ ޝަރީޢަތްތައް ފަށައިފާނުވާ މައްސަލަތަކަކަށްވާތީ އަދި ދެފަރާތުގެ ބަސް ހޯދައިގެން ކުރިއަށް ގެންގޮސް ނިންމާފައިވާ ނިންމުންތަކަކަށްނުވާތީ، މި ޤަޟިއްޔާތައް ކުރިއަށް ގެންގޮސްފައިވަނީ، ދައުލަތުން ހުށަހަޅާފައިވާ ގޮތަށް، އިސްތިއުނާފުރައްދުވާ ފަރާތެއް ނެތިއެވެ.

3ބަޔާންކުރެވުނު ރަޖިސްޓްރަރގެ ނިންމުންތައް އަލުންބަލައި ނިންމިގޮތްތަކަކީ އެއް ޤާނޫނީ އަސާސެއްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކަކަށްވާތީ، މި މައްސަލަތަކުގެ ޝަރީޢަތް ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންގެ އެއް ބެންޗަކުން 2 (ދޭއް) ޤަޟިއްޔާ އެކުއެކީގައެވެ.

ކަންހިނގާފައިވާ ގޮތް

4މި މައްސަލަތަކަކީ ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ހުށަހަޅާފައިވާ މައްސަލަތަކެއްކަމަށް ރަޖިސްޓްރަރ ނިންމާފައިވެއެވެ. އިސްތިއުނާފުކުރެވިފައިވަނީ އެ ނިންމުންތައް މުރާޖަޢާކޮށްދިނުމަށް ހުށަހެޅުމުން އެ ނިންމުންތައް މުރާޖަޢާކޮށް ނިންމި ނިންމުންތަކެކެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-A/384 ޤަޟިއްޔާ

5ނ.މަނަދޫ/ ފެހިވިލާގެ، އަޙުޒަމް ޢަބްދުއްޝަކޫރު މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭތީ، 22 މެއި 2023 ގައި އޭނާ ހައްޔަރުކޮށްފައިވެއެވެ. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުން އަޙުޒަމް ޢަބްދުއްޝަކޫރު 23 މެއި 2023 އިން ފެށިގެން 26 މެއި 2023 ގެ ނިޔަލަށް ބަންދުކޮށްފައިވެއެވެ. އަދި އޭގެ ފަހުން، އެ ކޯޓުން 26 މެއި 2023 އިން ފެށިގެން 09 ޖޫން 2023 ގެ ނިޔަލަށް އަޙުޒަމް ޢަބްދުއްޝަކޫރުގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވެއެވެ. އެއަށްފަހު، 08 ޖޫން 2023 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އޭނާ ބަންދުން ދޫކޮށްލިކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ "ހައްޔަރުން ދޫކުރިކަމުގެ ލިޔުން" އިން އެނގެން އޮވެއެވެ.

6އަޙުޒަމް ޢަބްދުއްޝަކޫރުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ އުފުލުމަށް ދައުލަތުގެ ފަރާތުން 24 ޖުލައި 2023 ގައި މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ދަޢުވާ ހުށަހެޅިއެވެ. 1 މީގެ ފަހުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ ކަމަށް ބަޔާންކޮށްފައިވާނީ މި މާއްދާއަށް ރިޢާޔަތްކޮށެވެ. 2 ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު "ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް" 3 މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/MA/2023/12 ކޯޓު އަމުރު 4 މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/MA/2023/13 ކޯޓު އަމުރު

7ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅާފައިވަނީ މުއްދަތު ހަމަވިފަހުންކަމަށް ބުނެ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމިއެވެ. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RN/2023/01 "ރަޖިސްޓްރަރގެ ނިންމުން" ގައި ބަޔާންކޮށްފައިވަނީ: "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 759/2023/D/3 ދަޢުވާ ފޯމުން، ނ.މަނަދޫ/ ފެހިވިލާގެ، އަޚުޒަމް ޢަބްދުއްޝަކޮރުގެ މައްޗަށް ދަޢުވާކުރުމަށް 2023 ޖުލައި 24 ގައި މިކޯޓަށް ފޮނުވާފައިވާ މައްސަލާގައި ދަޢުވާލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކޮށްފައިވަނީ 2023 މޭ 23 ވަނަ ދުވަހު 20:55 ގައިކަމަށްވުމާއި އަދި ތަޙްޤީޤުކުރުމުގެ މުއްދަތު އިތުރުކޮށްފައިނުވުމުން، ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚަކީ 2023 ޖުލައި 23 ކަމަށްވީނަމަވެސް، މިކޯޓަށް މިމައްސަލަ ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުންކަމަށްވުމުން، މި މައްސަލަ ބަލައިނުގަތުމަށް ނިންމައިފީމެވެ."

8ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމަށް ދައުލަތުން ހުށަހެޅުމުން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ނިންމުން" ގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "5. މަތީގައި ބަޔާންކުރެވިފައި މާއްދާގެ އަކުރުތަކަށް ބަލާއިރު، ބުނެވުނު ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިފައިވާގޮތަށް މިމައްސަލައަށް ތަތްބީގުކުރެވޭނީ ބަންދާމެދު ގޮތެއްނިންމުމަށް ތުހުމަތުކުރެވޭ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެވޭ ހިނދު، 60 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) ގެ ދަށުން ދޫކޮށްލެވޭ މީހުންނާއި، ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއްނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ދޫކޮށްލާ މީހުންނަށްކަމަށް ޝަރީޢަތަށް ގަބޫލުކުރެވެއެވެ.

6.އެހެންކަމުން މިމައްސަލާގައި ދަޢުވާލިބޭ އަޚުޒަމް ޢަބްދުއްޝަކޮރަކީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއްނިންމުމުގެ މަޖިލިހުގައި، ބަންދުގައި ބަހައްޓަން ނިންމުނު ފަރާތަކަށްވެފައި، އަދި އެނިންމި ނިންމުމަކީ ޝަރީޢަތްނިމެންދެން ބަންދުގައި ބަހައްޓަން ނިންމި ނިންމުމަކަށް ނުވާތީ، މިހާލަތުގައި ޝަރީޢަތަށް ގަބޫލުކުރެވެނީ މިމައްސަލާގައި އަޚުޒަމް އަބްދުއްޝަކޫރުގެ މައްޗަށް ދަޢުވާއުފުލަން ޖެހޭނީ ބުނެވުނު ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ މުއްދަތުގައިކަމެވެ."

9ރަޖިސްޓްރަރގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2023/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" ގައި ނިންމާފައިވެއެވެ. މި ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-A/384 ޤަޟިއްޔާގައެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-A/183 ޤަޟިއްޔާ

102023 ޑިސެންބަރު 07 ވަނަ ދުވަހު 19:30 ހާއިރު ނ.މާޅެންދޫ/ ފިނިހިޔާ ގެއިން ވައްކަން ކޮށްފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، 07 ޖަނަވަރީ 2024 ގައި ނ.މާޅެންދޫ/ ބާރޑްލައިން، މުޙައްމަދު ޢީސާ ހައްޔަރުކޮށްފައިވެއެވެ. 08 ޖަނަވަރީ 2024 އިން ފެށިގެން 15 ޖަނަވަރީ 2024 ގެ ނިޔަލަށް، މުޙައްމަދު ޢީސާ ބަންދުކުރުމަށް މިލަދުންމަޑުލު ދެކުނުބުރީ ގޮހީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވެއެވެ. އެއަށްފަހު، 15 ޖަނަވަރީ 2024 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މުޙައްމަދު ޢީސާ ދޫކޮށްލާފައިވާކަން އެ ޚިދުމަތުގެ "ހައްޔަރުން ދޫކުރިކަމުގެ ލިޔުން" އިން އެނގެއެވެ.

11ދައުލަތުން، މުޙައްމަދު ޢީސާގެ މައްޗަށް އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާ، 10 މާރިޗް 2024 ގައި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގައި އުފުލިއެވެ.

12ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅާފައިވަނީ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމިއެވެ. މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ނަންބަރު D5C/2024/01 "ރަޖިސްޓްރަރގެ ނިންމުން" ގައި ބަޔާންކޮށްފައިވަނީ، "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 240/2024/D/1 ދަޢުވާ ފޯމުން ނ.މަޅެންދޫ/ ބާރޑްލައިން މުޙައްމަދު ޢީސާ (އައި.ޑީ ގެ މައްޗަށް ދަޢުވާކުރުމަށް 2024 މާރޗް 10 ވަނަ ދުވަހު މިކޯޓަށް ފޮނުއްވާފައިވާ ދަޢުވާ ހުށަހަޅާ ފޯމާއި ގުޅިގެން ދަންނަވަމެވެ. މައްސަލައިގައި ދަޢުވާ ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުމަށް ބަލާއިރު މައްސަލާގައި ދަޢުވާލިބޭ ފަރާތް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކޮށްފައިވަނީ 2024 ޖަނަވަރީ 08 ވަނަ ދުވަހުގެ 11:15 ގައި ކަމަށްވުމާއި، އަދި ތަޙްޤީޤް ކުރުމުގެ މުއްދަތު އިތުރު ކޮށްފައިނުވުމުން، މިކޯޓަށް ދަޢުވާ ފޯމު ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުން ކަމަށްވުމުން މިމައްސަލަ ބަލައި ނުގަތުމަށް ނިންމައިފީމެވެ."

13މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/RNAB/2024/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން"ގެ "ފާހަގަކުރެވުނު ކަންތައްތައް" މި ސުރުހީގެ ދަށުން ތިރީގައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. "1. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބަޔާންކޮށްފައިވަނީ މި މައްސަލާގައި ދަޢުވާލިބޭ މުޙައްމަދު ޢީސާގެ މައްޗަށް ދަޢުވާ އުފުލަން ޖެހޭނީ ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) 94 ވަނަ މާއްދާގެ (ނ) ގެ ދަށުންކަމަށެވެ. އެއީ މުހައްމަދު ޢީސާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންކަމަށް ވާތީއެވެ.

2. މުހައްމަދު ޢީސާގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލާގައި، މުޙައްމަދު ޢީސާ 07 ޖަނަވަރީ 2024 ދުވަހު ހައްޔަރުކޮށް، ބަންދާމެދު ގޮތެއްނިންމުމަށް 08 ޖަނަވަރީ 2024 ދުވަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުމުން، 07 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމާއި، އެ މުއްދަތު ހަމަވަނީ 15 ޖަނަވަރީ 2024 ދުވަހުކަމާއި، އަމުރާ އެއްގޮތަށް މުހައްމަދު ޢީސާ ބަންދުގައި ބަހައްޓަމުން އައިސް 15 ޖަނަވަރީ 2024 ދުވަހުގެ ވަގުތެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތުން މުޙައްމަދު ޢީސާ ބަންދުން ދޫކޮށްލާފައިވާކަން އެނގެން އޮވެއެވެ.

3. ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) 94 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ މުއްދަތަކީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާ ފުލުހުންކޮށްފައިވާ ހައްޔަރަށްވުރެ އިތުރަށް ބަންދުގައި ނުބަހައްޓައި ދޫކޮށްލެވޭ މީހާއަށް ނުވަތަ މީހުންނަށް ދަޢުވާކުރުމުގައި މުއްދަތު ގުނެވޭ މާއްދާއެއްކަމަށް ޝަރީޢަތަށް ބުރަވެވޭކަމާއި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާ، ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމުމުން، އެގޮތުގައި އެމީހާ ބަންދުގައި ބަހައްޓަމުން ގޮސް ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވީމަ ނުވަތަ ހަމަވާން ކައިރިވީމަ ދިވެހިފުލުހުންގެ ޚިދުމަތުން އެމީހާ ދޫކޮށްލުމުން، އެމީހާއަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި މިމާއްދާއަށް ތަތުބީޤުނުކުރެވޭކަމާއި، އެގޮތަށް ޢަމަލުކުރާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެއްމަޤުޞަދާ ވެސް ފުށުއަރާކަމާއި، އެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެއްމަޤުޞަދަކީ ވީހާވެސް އިންސާފުވެރިކޮށް އަވަސްމިނެއްގައި ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްސަލަބަލައި ނިޔާއިއްވުންކަމާއި، އަދި އެގޮތަށް އަމަލުކުރާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތު އެޕްލައި ކުރެވޭނެ ހާލަތު އުފަންކުރުމާއި ނުކުރުމުގެ ބާރު ދިވެހިފުލުހުންގެ ޚިދުމަތަށް ލިބިދެވޭކަމާއި، މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު މުހައްމަދު ޢީސާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި މުޙައްމަދު ޢީސާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވުމުންނާއި، އަދި އެ އަމުރާ އެއްގޮތަށް މުޙައްމަދު ޢީސާ ބަންދުގައި ގެންގުޅެފައިވާކަން އެނގެން އޮތުމުން މުޙައްމަދު ޢީސާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި ދަޢުވާކުރުމުގެ މުއްދަތު ތަތުބީޤު ކުރެވެނީ ބުނެވުނު ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތެވެ.

4. މުހައްމަދު ޢީސާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި، ދަޢުވާކުރުމަށް މިކޯޓަށް ފޮނުވާފައިވަނީ ބުނެވުނު ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައިވާ މުއްދަތު ފަހަނައަޅައި ދިޔަފަހުންކަން އެނގެއެވެ."

14ރަޖިސްޓްރަރގެ ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތްކަމަށް މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ނިންމުން" ގައި ނިންމާފައިވެއެވެ. މި ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2024/HC-A/183 ޤަސިއްޔާގައެވެ.

އިސްތިއުނާފީ ނުކުތާ

15ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މި ދެ ޤަޟިއްޔާގައިވެސް ހުށަހަޅާފައިވަނީ މައިގަނޑު 1 (އެކެއް) އިސްތިއުނާފީ ނުކުތާއެވެ. އެ ނުކުތާއަކީ:

15.1 ޤާނޫނު ނަންބަރު 21/2022 (ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ނ) މާނަކޮށް ތަޠުބީޤުކޮށްފައިވަނީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ

(ނ) އާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. އިސްތިއުނާފީ ނުކުތާއާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި ކަންކަން

16ތަޙްޤީޤުކުރުމުގެ މުއްދަތު ގުނުމުގައި ފުލުހުން ގުނާފައިވަނީ ތުހުމަތުކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލި ތާރީޚުން ފެށިގެންކަމާއި، އެއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގެ ސާފު ނައްޞުގައި އޮތް އިރުޝާދަށް ތަބާވެގެން ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

17ދަށުކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތަށް މާނަކުރުމުން 94 ވަނަ މާއްދާގައިވާ "ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެ" ކަމަށް ބަޔާންކުރާ މުއްދަތު، ހިނގާނީ ފުރަތަމަ ހައްޔަރުކޮށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާ މީހުންގެ ތެރެއިން ބަންދުން ދޫކުރާ މީހުންނަށާއި، ހައްޔަރު ކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންގޮސް ފުލުހުންގެ ބަންދުން ދޫކުރާ މީހުންނަށްކަމަށާއި، އެ މާނަކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ފިޔަވާ އެހެން މާއްދާތައް ކިޔުމުން، އެންމެ ރަނގަޅު މާނަކުރުމެއް ނޫންކަން އެނގޭކަމަށާއި، މި މާނަކުރުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައިވާ ސާފު އިބާރާތުގެ ތެރެއަށް އިތުރު ބައިތަކެއް އިތުރުކޮށްގެން މާނަކުރުންކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.

18ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނާ ގުޅިގެން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި މުއްދަތު ގުނުމުގައި ބަލާނެ ގޮތް ބަޔާންކޮށްދިނުމުގައި، އެ މާއްދާގެ

(ނ) އާ ޚިލާފަށް އިތުރުކަމެއް ބަޔާންކޮށްފައިވާކަމާއި، އެއީ "ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭތާ" މިފަދައިންކަމާއި، މިފަދައިން 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިނުވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ހެދުމުގައި ޤަޞްދުގައި ގެނެސްފައިވާ ތަފާތެއްކަން މުޅި 94 ވަނަ މާއްދާ އެކުގައި ކިޔުމުން ސާފުވާނެކަމަށާއި، އެ މާއްދާ އިޞްލާހު ކުރުމުގެ މަޤްޞަދަކީވެސް އެ ފަދައިން މީހުން ބަންދުން ދޫވެގެން ނުދިއުންކަން އެނގޭ ކަމާއި، އެއީ 94 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ޙާލަތު ފިޔަވައި މުޅިން ތަފާތު ޙާލަތެއް (ނ) ގައި ބަޔާންކޮށް، އެ ޙާލަތުގެ މުއްދަތު ގުނާނެ ގޮތް ބަޔާންކޮށްފައި އޮތުމުންކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

19މި މައްސަލައިގައި ވުޖޫދުވެފައިވާ ޙާލަތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދެ ޙާލަތުގެ ތެރެއިން ކޯޓުން ދޫކޮށްލާ ޙާލަތް ކަމަށާއި އެ ޙާލަތުގައި ދަޢުވާކުރުމުގެ މުއްދަތު ގުނަން ފަށަނީ "ބަންދުން ދޫކޮށްލާ" ތާރީޚުން ފެށިގެންކަމަށް ޤާނޫނުގެ ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.

20ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ، ބަހެއް، ނުވަތަ އިބާރާތެއް ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށާއި، މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ޤާނޫނުއަސާސީއާއި ޤާނޫނުތައް މާނަކުރުމުގައި ތަޠުބީޤުކުރަމުން އަންނަ ކަމަށް ދައުލަތުން ބަޔާންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2020/SC-A/78,79 (މުޙައްމަދު ހަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ) ޤަޟިއްޔާ ފާހަގަކޮށްފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ގޮތް

21އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2023/1 ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ނިންމުމާއި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/RNAB/2024/1 ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ނިންމުން ބާޠިލު ކަމަށް ކަނޑައަޅައިދީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 759/2023/D/3 ދައުވާ ހުށަހަޅާ ފޯމުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓަށް ހުށަހަޅައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމުގައި ކަނޑައަޅައި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 240/2024/D/1 ދައުވާ ހުށަހަޅާ ފޯމުން މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކީ އެ ކޯޓަށް ހުށަހަޅައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމުގައި ކަނޑައަޅައި ހައިކޯޓުގެ ނަންބަރު 2023/HC-A/384 ޤަޟިއްޔާ އަދި 2024/HC-A/183 ޤަޟިއްޔާ ނިންމައިދިނުމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވޭ ކަންތައްތައް

22މި އިސްތިއުނާފުތަކަކީ، ރަޖިސްޓްރާރގެ ނިންމުން އަލުން ބަލައި ގޮތެއް ނިންމުމުން އެ ނިންމުންތައް އިސްތިއުނާފު ކުރުމުން ބެލެވޭ އިސްތިއުނާފުތަކެކެވެ. އިސްތިއުނާފު ކޮށްފައިވާ ނިންމުންތައް އޭގެ މައްޗަށް ބިނާވެފައިވާ ރަޖިސްޓްރާރގެ ނިންމުމަށް ބަލާއިރު، އެ ނިންމުމުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ދައުލަތުން ހުށަހެޅި ދަޢުވާތަކަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވިފަހުން ހުށަހެޅި މައްސަލަތަކަކަށްވާތީ، އެ މައްސަލަތައް ބަލައިގަނެވެން ނެތްކަމަށެވެ. ރަޖިސްޓްރާރގެ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ ވަކި އަކުރަކާ ހަވާލާދީފައިނުވެއެވެ.

23ބުނެވުނު ރަޖިސްޓްރާރގެ ނިންމުންތައް މުރާޖައާކުރުމަށް އެދި ދައުލަތުގެ ފަރާތުން އެދުމުން، ދަށު ކޯޓުގެ މި މައްސަލަތަކުގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ އުފުލަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތުގައި ނޫންކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައިކަމަށެވެ.

24HN1ދައުލަތުން މި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގައި ފާހަގަކޮށްފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ދައުލަތުން ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ދަށުކޯޓުން މާނަކޮށް ތަތުބީޤުކޮށްފައިވާ ގޮތް ގޯސް ކަމަށެވެ. ނަމަވެސް، ދަށުކޯޓުގެ ފަނޑިޔާރުގެ ނިންމުން ބިނާކުރި ޤާނޫނީ އަސާސަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ކަން ސާފުކޮށް އެނގެން އޮވެއެވެ.

25ދައުލަތުގެ އިސްތިއުނާފީ ނުކުތާގައި، އަދި ދައުލަތުން މި ކޯޓަށް ހުށަހެޅި ބަހުސްގައިވެސް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ދަށުކޯޓުން މި މައްސަލަތަކަށް ތަޢުބީޤުކުރިގޮތް ގޯސްކަމަށް ފާހަގަކޮށް އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ފާހަކޮށްފައިނެތްހިނދު، ދައުލަތުން ހުށަހަޅާފައިވާ ގޮތަށް މި އިސްތިއުނާފު ކުރިއަށް ގެންދެވިދާނެ ކަމަށް އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

26HN5ދައުލަތުން ހުށަހަޅާފައިވާ އިސްތިއުނާފު ނުކުތާއަށް ބިނާކޮށް، އިސްތިއުނާފުކޮށްފައިމިވާ، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2023/1 ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ނިންމުމާއި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D5C/RNAB/2024/1 ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމި ނިންމުން ބާޠިލްކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ނިންމަން ފެނެއެވެ.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު

27ޕްރޮސިކިއުޝަނުން އިސްތިއުނާފަށް ހުށަހަޅާފައިވާ ދެ މައްސަލައަށް ބަލާއިރު، ދަށު ކޯޓުގެ ރަޖިސްޓްރާރ މި ދެމައްސަލަ ދަށު ކޯޓަށް ބަލައިނުގަތުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ 94 ވަނަ މާއްދާއަށް ޙަވާލާދީ، ދަޢުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށްބުނެއެވެ. އެހެންވެ، ޕްރޮސިކިއުޝަނުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް ދަށު ކޯޓުގައި އެދުމުން، އެކޯޓުގެ ފަނޑިޔާރު ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް، މިދެއްމައްސަލައިގެ މައްޗަށް ހިނގާނީ، ޖިނާއީ އިޖުރާއަތުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރާ މުއްދަތު ކަމަށް ޤަބޫލު ނުކުރެވޭ ކަމަށް ނިންމައި، މި ދެމައްސަލައިގެ މައްޗަށް ހިނގާނީ އެޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ މުއްދަތު ކަމަށް ބަޔާން ކޮށް، ރަޖިސްޓްރާރ ގެ ނިންމުމަށް ތާއީދު ކޮށްފައިވެއެވެ.

28ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާ ކޮށްދިނުމަށް ޕްރޮސިކިއުޝަނުން ދަށު ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި އޮތީ "މިމައްސަލައަކީ އެޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައި މިމައްސަލަ މިކޯޓަށް ހުށަހެޅުމުގެ ހުއްދަ ދެއްވުން އެދި..."

29މިހުހެޅުމާއި ގުޅިގެން ދަށު ކޯޓުގެ ފަނޑިޔާރު ނިންމާފައިވަނީ، "...94 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ މުއްދަތަކީ ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާ، ފުލުހުންކޮށްފައިވާ ހައްޔަރަށްވުރެ އިތުރަށް ބަންދުގައި ނުބަހައްޓައި ދޫކޮށްލެވޭ މީހާއަށް ނުވަތަ މީހުންނަށް ދަޢުވާކުރުމުގައި މުއްދަތު ގުނެވޭ މާއްދާއެއްކަމަށް ޝަރީޢަތަށް ބުރަވެވޭކަމާއި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވާ މީހާ، ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމުމުން، އެގޮތުގައި އެމީހާ ބަންދުގައި ބަހައްޓަމުން ގޮސް ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވީމަ ނުވަތަ ހަމަވާން ކައިރިވީމަ ދިވެހި ފުލުހުންގެ ޚިދުމަތުން އެމީހާ ދޫކޮށްލުމުން، އެމީހާއަށް ދަޢުވާކުރުމުގެ މުއްދަތު ގުނުމުގައި މިމާއްދާ އަށް ތަތުބީޤުނުކުރެވޭކަމާއި، އެގޮތަށް ޢަމަލުކުރާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އިކްކާ އެއްމަޤް ޞަދާވެސް ފުށުއަރާކަމާއި، އެހެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ އެއްމަޤް ޞަދަކީ ވީހާވެސް އިންސާފްވެރިކޮށް އަވަސް މިނެއްގައި ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާގެ މައްސަލަބަލައި ނިޔާއިއްވުންކަމާއި، އަދި އެގޮތައް ޢަމަލުކުރާނަމަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ގައި ބުނާ މުއްދަތު އެޕްލައި ކުރެވޭނެ ހާލަތު އުފަންކުރުވުމާއި ނުކުރުވުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިދެވޭކަމާއި...." މިފަދައިންނެވެ. ވީމާ، ދަށު ކޯޓުން ޖިނާއީ އިޖުރާއަތުގެ 94 ވަނަ މާއްދާގެ (ނ) ތަރުޖަމާ ކޮށްފައި ވާކަން އެނގެއެވެ.

30ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދުތައް މާނަ ކުރަންޖެހޭނީ، ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ މައްޗަށް މަޢުޟޫޢީ ގޮތުން ޝަރީޢަތް ހިންގުން ހުއްޓޭ ގޮތަކަށް ނޫނެވެ. ޤާނޫނުތައް މާނަ ކުރުމުގެ އެއްއުޞޫލަކީ، ޙައްލު ހޯދައިދިނުމުގެ އުޞޫލު (mischief rule) އެވެ. އެއީ އެޤާނޫނެއް ތަޢާރަފު ކުރުމުގެ ކުރިން އޮތް ޙާލަތު ރަގަޅު ކުރުމަށް ފާސްކުރާ ޤާނޫނަކުން، ކުރިން އޮތް ޙާލަތަށްވުރެ ގޯސް ނަތީޖާއެއް ނިކުންނަ މާނަ ކުރުމެއް އެޤާނޫނަށް ނުދިނުމުގެ އުޞޫލެކެވެ.

31ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޢާރަފުވުމުގެ ކުރިން ކުށްކުށުގެ ތުހުމަތުގައިވާ މީހުންގެ މައްޗަށް ލަހުން ނަމަވެސް ދަޢުވާކޮށް މަޢުޟޫޢީ ގޮތުން ޝަރީޢަތް ހިންގޭނެ ނިޒާމެއް އޮތެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ، ކުށްކުށުގެ ތުހުމަތުގައިވާ މީހުންގެ މައްޗަށް އަވަހަށް ތަޙްޤީޤު ހިންގައި، އަވަހަށް ދަޢުވާކޮށް އަވަހަށް ޝަރީޢަތްކޮށް ނިންމުމެވެ. ޤާނޫނުގައި މުއްދަތުތައް ބަޔާން ކުރަނީ، މިދެންނެވި ގޮތަކަށް އަވަހަށް ކަންކަން ކޮށް ނިންމާށެވެ. ނަމަވެސް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން، ދަޢުވާކުރުމުގެ މަރުޙަލާއާ ހަމައިން، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވެގެންކަމަށް ބުނެ، ކުށްކުށުގެ ތުހުމަތުގައިވާ މީހުންގެ މައްޗަށް ޝަރީޢަތް ނުހިންގޭނެ ތަރުޖަމާއެއް ދޭންފެށުމަކީ، މިޤާނޫނު އައުމުގެ ކުރިން އޮތް ޙާލަތަށްވުރެ ގޯސް ޙާލަތަކަށް ދިއުމެވެ. ނަތީޖާއަކީ މަޑުމަޑުން ނަމަވެސް ބަލަން ތިއްބާ ކުށްކުރާ މީހުންގެ ސުވަރުގެއަކަށް މިރާއްޖެ މިދަނީ ބަދަލު ވަމުންނެވެ.

32މިދެމައްސަލައަށް ބަލާއިރު، އެއް މައްސަލައަކީ، މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ޓްރެފިކް ކުރުމުގެ ތުހުމަތު އޮތް މައްސަލައެކެވެ. އަނެއް މައްސަލައަކީ، އަމިއްލަ މީހެއްގެ ގެއަކަށް ވަދެ ވައްކަން ކޮށްޤާން ޖުޅޭ މައްސަލައެކެވެ. ވެގެން އުޅޭ ގޮތަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ މާނަ ކުރި ގޮތެއްގެ ސަބަބުން، މިދެމީހުންކުރެ މީހެއްގެ މައްޗަށް ކޯޓެއްގައި ޝަރީޢަތް ހިންގޭ ގޮތް ނުވުމެވެ. އެކެއްގެ ދަޢުވާ ޕްރޮސިކިއުޝަނަށް ކޯޓަށް ވެއްދުނު ކަމަށްވަނީ ދަޢުވާ ކޯޓަށް ވައްދަންޖެހޭ ތާރީޚަށްވުރެ 01 (އެކެއް) ދުވަސް ފަހުންނެވެ. ޤާނޫނަށް މާނަކުރި ގޮތެއްގެ ސަބަބުން، ދަޢުވާ ކުރުމުގެ މުއްދަތު ހަމަވެގެން، ކުށުގެ ތުހުމަތުގައިވާ މީހާގެ ޙައްޤެއް ރައްކާތެރި ކޮށްދެވުނުކަމަށް ބެލިނަމަވެސް، ވައްކަން ކުރެވުނު ގޭގެ ވެރިފަރާތުގެ ޙައްޤު، މުޖުތަމަޢުގެ ޙައްޤު މިކަންކަމަށް ވެގެން ދާނީ ކިހިނެތްތޯ ބަލައި ވިސްނުމަކީ ފަނޑިޔާރުންގެ ދައުރެކެވެ.

33ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާއަށް ތަފާތު އެކި ފަހަރު މަތިން އިސްލާޙު ގެނެވި، އެމާއްދާއަކީ، ދަޢުވާކުރުމުގެ މުއްދަތު ކަނޑައަޅާ ބަޔާން ކުރާ މާއްދާގެ ގޮތުގައި އޮތް އޮތުން، "ބަންދުގައިވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތު" މިގޮތަށް ބަދަލު ކޮށްފައި ވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގައި އޮތް ގޮތުން، 94 ވަނަ މާއްދާގެ (ނ) އަކީ ވަކިން އޮތް އަކުރެކެވެ. އެއަކުރު ކިޔަންޖެހެނީ 94 ވަނަ މާއްދާގެ ދެން ހުރި އަކުރުތަކާއި ގުޅުވައިގެންނެއް ނޫނެވެ. 94 ވަނަ މާއްދާގެ (ނ) ގައި އޮތީ: " ޖިނާއި ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ)ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާޢެއް އުފުލާންވާނެއެވެ."

34ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ތެރެއިން ދޫކޮށްލާ މީހުންގެ މައްޗަށް ދަޢުވާ ކުރުމުގެ މުއްދަތުގެ ވާހަކައެވެ. ސުވާލަކީ މިމާއްދާގައި ބަޔާން ކުރާ ފުލުހުން ދޫކޮށްލާ މީހުންނަކީ ކޮބާހެއްޔެވެ؟ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) އާއި 45 ވަނަ މާއްދާގެ (ނ) ގެ ދަށުން، ކުށްކުށުގެ ތުހުމަތު ކުރެވިގެން ހައްޔަރު ކުރާ މީހުން ފުލުހުން ދޫކޮށްލައެވެ. ނަމަވެސް އެއީ ފަނޑިޔާރެއްގެ ކުރިމައްޗަށް އޭނާ ފުރަތަމަ ޙާޟިރުކުރުމުގެ ކުރިން ފުލުހުން ބަލާ ބެލުންތަކަށްފަހު އިތުރަށް ހައްޔަރުގައި ބަހައްޓަންޖެހޭ ކަމަށް ނުފެނިގެންނެވެ. 94 ވަނަ މާއްދާގެ (ނ) ގައި ބަޔާން ކުރަނީ، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރު ކުރުމަށްފަހު ޖިނާއީ އިޖުރާއަތުގެ 60 ވަނަ މައްދާގެ (ނ) ނުވަތަ (ރ) ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ، ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ނ) ނުވަތަ (ރ) އަކީ ކުށުގެ ތުހުމަތު ކުރުވިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރާ މީހާ ބަންދުކުރާ އަކުރު ތަކެއް ނޫނެވެ. ވީމާ، "...ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ،" ކަމަށް 94 ވަނަ މާއްދާގެ (ނ) އެބަޔާން ކުރާ މީހަކީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެއްކަމަށް އެނގެއެވެ. އަދި އެމީހަކީ، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރު ކޮށްފައިވާ މީހަކަށް ވާނެކަންވެސް އެނގެއެވެ. ވީމާ، ފުލުހުން ދޫކޮށްލާ މީހަކީ، ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު ނިންމާ ނިންމުމެއްގެ ދަށުން ބަންދުގައި ހުރި މީހަކު ފުލުހުން ދޫކޮށްލާ ޙާލަތުކަން އެނގެވެ.

35ވީމާ، ކުށެއްގެ ތުހުމަތުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް، ބަންދު ކޮށްފައިވާ މީހަކު، ފުލުހުން ދޫކޮށްލައިފިނަމަ، އޭނާގެ މައްޗަށް ދަޢުވާ ކުރަންޖެހޭނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ

(ނ) ގެ ދަށުންނެވެ. އަދި އޭނާގެ މައްޗަށް ދަޢުވާ ކުރުން، ބަންދުން ދޫކޮށްލާ ތާރީޚުން ފެށިގެން، 60(ފަސްދޮޅަސް) ދުވަހަށް ވުރެ އިތުރުވެގެން ނުވާނެއެވެ.

36މިމައްސަލަތަކުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ހ) ތަތުބީޤެއް ނުކުރެވޭނެއެވެ. ސަބަބަކީ، އެއަކުރުގައި ބަޔާން ކުރަނީ ބަންދުގައި ހުރި މީހެއްގެ މައްޗަށް ދަޢުވާ ކުރުމުގެ މުއްދަތު ކަމަށްވާތީއެވެ.

37ބަޔާންވެދިޔަ ސަބަބުތައް އެހެންހުރުމުން، ދަށުކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން މުރާޖަޢާކޮށް ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުން ބާޠިލުކޮށް، މިދެމައްސަލަ ދަށު ކޯޓަށް ހުށަހެޅުމުން، ބަލައިގަންނަން ޖެހޭކަމަށް އަންގަންޖެހެއެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

38ހުށަހެޅިފައިވާ ދެ އިސްތިއުނާފުގައިމެ ބަހުސް ހިނގާފައި ވަނީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައި ވަނިކޮށް، ފަހުން ކޯޓަށް ނުވަތަ ފުލުހުންނަށް ފެނިގެން އެ މީހަކު ބަންދުން ދޫކޮށްލައިފި ނަމަ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އިން ތަހުގީގު ނިންމުމަށް އިތުރު މުއްދަތެއް ލިބޭނެތޯއާމެދުގައެވެ. ދަށު ކޯޓުން ނިންމާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހާލަތަކީ، ކޯޓުން މީހެއްގެ ބަންދު ދެމެހެއްޓުމަށްފަހު ފަހުން ބަންދުން ދޫކޮށްލާ ހާލަތު ނޫން ކަމަށެވެ.

39ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައި ވަނީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަދުކޮށްފައިވާ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާ ހާލަތުގައި ތަހުގީގު ނިންމުމާއި، ދައުވާ ކުރުމަށް ލިބޭނެ މުހުލަތެވެ.

40ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ، ކޯޓަށް ނުވަތަ ފުލުހުންނަށް ފެނިގެން ބަންދުން ދޫކޮށްލުމަށް ނިންމައިފި ނަމަ ތަހުގީގު ނިންމުމާއި، ދައުވާ ކުރުމަށް ލިބޭނެ މުހުލަތެވެ. ސުވާލަކީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައި ވަނިކޮށް، ފަހުން ކޯޓަށް ނުވަތަ ފުލުހުންނަށް ފެނިގެން އެ މީހަކު ބަންދުން ދޫކޮށްލާ ހާލަތުގައި ވެސް މި މާއްދާ ތަތުބީގު ކުރެވޭނެ ހެއްޔެވެ؟

41ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި ވަނީ "ޖިނާއީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު އެ މާއްދާގެ (ނ) ނުވަތަ (ރ)ގެ ދަށުން ދޫކޮށްލާފައިވާ މީހެއްނަމަ، ނުވަތަ އޭނާ ދޫކޮށްލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށްވާނަމަ، އޭނާ ބަންދުން ދޫކޮށްލާތާ 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލައެއް ހުށަހެޅޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ދަޢުވާޢެއް އުފުލާންވާނެއެވެ." މި ފަދައިންނެވެ. މި މާއްދާގައި ބަންދުން ދޫކޮށްލާ ދެ ހާލަތެއް ބަޔާންކުރެއެވެ. އެއީ ފަނޑިޔާރު ބަންދުން ދޫކޮށްލުމާއި، ފުލުހުން ބަންދުން ދޫކޮށްލުމެވެ.

42HN2ފަނޑިޔާރު ބަންދުން ދޫކޮށްލާ ކަމަށް، އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ނ) އަދި (ރ)ގެ ދަށުން ބަންދުން ދޫކޮށްލާ ހާލަތަށެވެ. އުސޫލެއްގެ ގޮތުން، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ (ނ) އަދި (ރ)ގެ ދަށުން މީހަކު ބަންދުން ދޫކޮށްލުމަށް އަމުރު ކުރާނީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައި ވަނީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަނޑައަޅައި، ބަންދު އިތުރަށް ދެމެހެއްޓުމާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރާ މަޖިލީހުގައިކަން، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އަދި އެ މާއްދާގެ ހަވާލާދެވުނު (ނ) އަދި (ރ) ގައިވާ އިބާރާތުން އެނގެއެވެ. ވީމާ ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި، ފަނޑިޔާރު ބަންދުން ދޫކޮށްލުން ކަމަށް ބަޔާންކޮށްފައި ވަނީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރެވޭހިނދު ބަންދުން ދޫކޮށްލާ ދޫކޮށްލުމަށެވެ. އިތުރު މުއްދަތަކަށް ބަންދުކުރުމަށްފަހު ފަހުން ކޯޓުން ބަންދުން ދޫކޮށްލާ ހާލަތަކަށް ނޫނެވެ.

43HN3ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ފުލުހުން ބަންދުން ދޫކޮށްލާ ހާލަތަކީ ކޮބައިތޯ ވިސްނާއިރު، އިސްވެ ބަޔާންކުރި ފަދައިން އެ މާއްދާގައި ފުރަތަމަ ބަޔާންކޮށްފައިވާ ހާލަތަކީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރާހިނދު ފަނޑިޔާރު ބަންދު ދޫކޮށްލާ ހާލަތު ކަމަށްވެފައި، ފުލުހުން ބަންދުކޮށްފައިވާ މީހަކު ބަންދުން ދޫވާނެ އަނެއް ގޮތަކީ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުނުކޮށް ފުލުހުންނަށް ފެނިގެން ބަންދުން ދޫކޮށްލުން ކަމަށް ވާތީ އެ މާއްދާގައި "ނުވަތަ" އަކަށް ފަހު ބަޔާންކޮށްފައިވާ، ފުލުހުން ބަންދުން ދޫކޮށްލާ ހާލަތަކީ ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ބަންދުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއް ނެތި ބަންދުން ދޫކޮށްލުމަށް ފުލުހުން ނިންމާ ހާލަތުކަން ދޭހަވެއެވެ.

44ވީމާ، ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ބަންދުން ދޫކޮށްލާ ދެ ހާލަތަކީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރުމުން ބަންދުން ދޫކޮށްލުމަށް އަމުރުކުރާ ހާލަތާއި، ފުލުހުން ބަންދުކޮށްފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް ފުލުހުންނަށް ފެނިގެން ބަންދު ދޫކޮށްލާ ހާލަތު ކަމުގައި އަހުރެންނަށް ފެނެއެވެ.

45HN4އެހެނީ، ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާގެ (ނ) އަކީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހަކު އިތުރު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ނިންމުމަށްފަހު، ފަހުން ކޯޓުން ނުވަތަ ފުލުހުން ބަންދުން ދޫކޮށްލާ ހާލަތެއްގައި ބަންދުން ދޫކޮށްލާ ދުވަހުން ފެށިގެން ތަހުގީގު ނިންމުމަށް ވަކިން އިތުރު މުހުލަތެއް ދިނުމުގެ ގަސްދެއްގައި އޮތް މާއްދާއެއްކަމަށް ފާހަގައެއް ނުވެއެވެ. ބަންދުކޮށްފައިވާ މީހުންގެ ތަހުގީގު ނިންމުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ހ) ނުވަތަ (ށ)ގެ ދަށުން ދީފައިވާ މުހުލަތުގެ އިތުރުން، ބަންދުން ދޫކޮށްލާ ހާލަތުގައި، ވަކިން އިތުރު މުއްދަތެއް ދޭން ކަނޑައަޅާނަމެ އެ މާއްދާގައި އެ ފަދައިން އެކަން ބަޔާންކުރެވުނީހެވެ. އެހެނަސް އެ މާއްދާގައި ބަޔާންކޮށްފައި ވަނީ އެފަދައަކުން ނޫނެވެ.

46ޖިނާއީ އިޖުރާއާތު ގާނޫނުގެ 94 ވަނަ މާއްދާއަކީ ކުށެއްގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށް ބަންދުކުރުމަށް ނިންމައިފި ނަމަ، ތަހުގީގު ނިންމުމާއި، ދައުވާ ކުރުމަށް ލިބޭ މުހުލަތު ކަނޑައަޅާ މާއްދާއެއްކަން މުޅި އެ މާއްދާއިން ސާފުކޮށް އެނގެއެވެ. ވީމާ ފުލުހުން ބަންދުކުރުމަށް ނިންމާ މީހެއްގެ ތަހުގީގު ނިންމުމަށް ލިބޭނެ މުހުލަތު އެ ދުވަހުގައި ފުލުހުންނަށް ސާފު ވާން ޖެހޭނެއެވެ. އެއްގޮތަކީ، ކުށެއްގެ ތުހުމަތުގައި ފުލުހުން ބަންދުކޮށްފައިވާ މީހާ އިތުރު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމުމެވެ. އެ ހާލަތުގައި ލިބޭނެ މުހުލަތު އެ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައި އެ ވަނީ އެވެ. އަނެއް ގޮތަކީ ހަމަ އެ ދުވަހުގައި އެ މީހަކު ބަންދުން ދޫކޮށްލުމެވެ. އެހެންޒާ ކޯޓުން ނިންމައިގެން ނޫނީ ފުލުހުންނަށް ފެނިގެން ބަންދުން ދޫކޮށްލުމަށް ނިންމުމެވެ. ބަންދުން ދޫކޮށްލީމާ ލިބޭނެ މުހުލަތު އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އެ ވަނީއެވެ. މިގޮތުގެ މަތިން ތަހުގީގު ނިންމަން ލިބޭ މުހުލަތު ކަނޑައެޅިފައިވާއިރު، އެ މުހުލަތުގެ ވަކި ހިސާބަކުން ބަންދުގައި ހުރި މީހާ ކޯޓުން ނުވަތަ ފުލުހުން ވިޔަސް ދޫކޮށްލައިފިނަމަ ތަހުގީގު ނިންމުމަށް އިތުރު މުހުލަތެއް ލިބޭ ގޮތަށް ގާނޫނު އަންދާޒާކޮށްފައި އޮތް ތަނެއް އަހުރެންނަކަށް ނުފެނެއެވެ. އަދި އެއީ ކަނޑައަޅަން ރައްކާތެރި ގޮތަކަށް ވެސް ނުވާނެއެވެ.

47ވީމާ މި ކަންކަމަށް ބަލާއިރު އިސްތިއުނާފުކޮށްފައިވާ ނިންމުންތަކަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަށް އަހުރެންނަށް ނުފެނެއެވެ. • ޙުކުމް: ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D12C/RNAB/2023/1 "ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ގޮތެއް ނިންމުން" އަދި މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ނިންމުން"ގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ. މިޤަސިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޙަސަން ޝަފީޢު (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހި ފުލުހުންގެ ޚިދުމަތުގެ ނަންބަރު "ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމް"
  2. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ D12C/MA/2023/12 ކޯޓު އަމުރު
  3. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ D12C/MA/2023/13 ކޯޓު އަމުރު ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 5 ޝަރީޢަތް ނިމުނގޮތު 2023/HC-A/384, 2024/HC-A/183
  4. މިލަދުންމަޑުލު ދެކުނުބުރީ ގޮހީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު D9C/MA/2024/01 ކޯޓު އަމުރު
  5. ޤާނޫނު ނަންބަރު: 34/2024 އިން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެވުނު 5 ވަނަ އިޞްލާޙުގައި މިމާއްދާވަނީ 17 ޑިސެމްބަރު 2024 ގައި އިޞްލާޙީ ކުރެވިފައިވެއެވެ. މިމައްސަލައިގެ މައްޗަށް ތަޠުބީގު ކޮށްފައިވަނީ 5 ވަނަ އިޞްލާޙުގެ ކުރިން އޮތް ގޮތެއެވެ.
  6. މިނައްޞުގައި ޖިނާއީ އިޖުރާއަތުގެ 60 ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީފައިވާ ގޮތް ރަގަޅު ކަމަކަށް ނުފެނެއެވެ.
  7. މި ރައުޔުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 94 ވަނަ މާއްދާއަށް ހަވާލާދީ ބަޔާންކޮށްފައި ކަންކަމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް 5 ވަނަ އިސްލާހު ގެނައުމުގެ ކުރިން އެ މާއްދާ އޮތް ގޮތުގެ މައްޗަށް ބިނާކޮށް ފާހަގަކޮށްފައި ކަންކަމެވެ. އެހެނީ މި މައްސަލައަކީ 5 ވަނަ އިސްލާހު އައުމުގެ ކުރީން ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާތީއެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ)، (ށ)، (ނ) (ޤާނޫނު ނަންބަރު 21/2022 - 4 ވަނަ އިޞްލާޙުން ގެނެވުނު ގޮތަށް)
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ)
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ރ) އަދި 45 ވަނަ މާއްދާގެ (ނ)
  • ޤާނޫނު ނަންބަރު 34/2024 (ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު) - ތަޠުބީޤުނުކުރެވޭކަން ފާހަގަކޮށް
  • ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ނ) (ދައުލަތުން ހަވާލާދީ)
  • ސުޕްރީމްކޯޓުގެ 2020/SC-A/78,79 (މުޙައްމަދު ހަލީމް، އަސްޢަދު ޝަރީފް ވ. ޔައުޤޫބު ޢަބްދުﷲ) (ދައުލަތުން ހަވާލާދީ)

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ