ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުﷲ ޢާޡިމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ކްރިމިނަލް ކޯޓު 145-B7/SHN/(813,815,816,817-2020)/2024/15
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ރިޝްވަތު ހިފުމާއި މަނީ ލޯންޑްރިންގގެ ދަޢުވާތަކެއްގައި، އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭސީސީ ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނަކުން ތަޙްޤީޤުކުރުމާއި، ދަޢުވާއަށް ފޮނުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ލަފާ ނުހޯދުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) (1) ގެ ދަށުން ދަޢުވާ އުފުލުމުގައިވާ އުނިކަމެއްގެ ގޮތުގައި ބަލައި، ދަޢުވާތައް މައުޟޫޢީ ގޮތުން ނުބަލައި ބޭރުކުރެވޭނެ ސަބަބެއްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުދަށުކޯޓުގެ ނިންމުން ބާޠިލު، ދަޢުވާތަކުގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް އެންގި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ތަޙްޤީޤު ކުރިއަށް ގެންދާނެ ގޮތަކީ ތަޙްޤީޤީ އިދާރާތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ؛ ތުހުމަތުކުރެވޭ ފަރާތަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤަކުން މަޙްރޫމްކުރެވިފައިވާކަން ސާބިތުވާ ޙާލަތު ފިޔަވައި، ޤާނޫނީ ނައްޞަކުން ފެންނާން ނެތް ބަހާނާތަކަށް ބިނާކޮށް ތަޙްޤީޤު ކުރިގޮތާއި ތަޙްޤީޤުގެ ޒާތަށް ފަނޑިޔާރު ގޮތް ނިންމުމަކީ ތަޙްޤީޤީ އިދާރާތަކުގެ އިޚްތިޞާޞްގެ ތެރެއަށް ކޯޓު ވަނުމެވެ.
HN2 ތަޙްޤީޤު ކުރި ނިޔަތާއި ތަޙްޤީޤު ހިންގި އިޖުރާއަތާއި ސުވާލުކުރެވުނު މީހުންގެ ޢަދަދު ފަދަ ކަންކަމަކީ މައުޟޫޢީ ގޮތުން ޝަރީޢަތް ނުކޮށް ދަޢުވާތައް ބޭރުކުރެވޭފަދަ ޢުޛުރުތަކެއް ނޫނެވެ؛ ފަރާތެއް ސުވާލު އުފައްދާފައި ނުވާ ކަމެއްގައި (މިސާލަކަށް ދައުލަތުގެ ހެޔޮ ނިޔަތް) ފަނޑިޔާރު އަމިއްލަ ޚިޔާލެއްގެ މައްޗަށް ގޮތް ނުނިންމާނެއެވެ.
HN3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މާއްދާގައިވާ 'ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ ކަންކަން' އަކީ ކޮންމެ ކުށަކާ ގުޅިގެން ވަކިވަކިން ބަލަންޖެހޭ، ތަޙްޤީޤުގެ ނަތީޖާއާ ގުޅޭ ކަންކަމެވެ (ކުށުގެ ރުކުންތައް)؛ ތަޙްޤީޤު ހިންގި ގޮތާ ގުޅޭ ކަމެއް ނޫނެވެ؛ އެ ކަންކަން ފުރިހަމަވޭތޯ ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެވެ.
HN4 ތަޙްޤީޤުގައި ބަޔާން ނަގަންޖެހޭ ފަރާތްތަކާއި ހޯދަންޖެހޭ ހެކިތަކާއި ދަޢުވާއާއެކު ހުށަހަޅާނެ ހެކިތައް ކަނޑައަޅަންޖެހޭ ފަރާތަކީ މުއްތަހަމެއް ނޫނެވެ.
HN5 ރިޔާސީ ޤަރާރުތަކުގެ ފަދަ ލިޔުންތައް މާނަކުރަންވާނީ ޤާނޫނުތައް މާނަކުރުމުގެ އާންމު ހަމަތަކާ އެއްގޮތަށް، ކޮމިޝަން އުފެއްދި މަޤްޞަދު ގެއްލޭގޮތަށް ނޫނެވެ؛ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުވެސް މާނަކުރަންވާނީ ރިޔާސީ ޤަރާރުގެ މަޤްޞަދާއި ކޮމިޝަނުގެ މަސްއޫލިއްޔަތު ނަފީނުވާ ގޮތަށެވެ.
HN6 ތަޙްޤީޤު އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތައް ލިބިދީފައިވާ ރިޔާސީ ކޮމިޝަނަކަށް ޖޮއިންޓް އިންވެސްޓިގޭޝަން ކުރެވޭނެއެވެ؛ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ނަތީޖާގައި ފުލުހުން މައްސަލަ ދަޢުވާއަށް ފޮނުވުމަކީ އިޖުރާއީ ގޯހެއްގެ ގޮތުގައި ބަލައި މައްސަލަ ކޯޓުން ބޭރުކުރެވޭނެ ޤާނޫނީ ސަބަބެއް ނޫނެވެ.
HN7 ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދުމަކީ ޤާނޫނީ ޝަކުލިއްޔާތެއް ފުރިހަމަކުރުމުގެ ގޮތުން ކުރުމުގެ އިޚްތިޔާރު އޮތް ކަމެކެވެ؛ އެ ލަފާ ނުހޯދުމަކީ ދަޢުވާއަށް އަސަރުނުކުރާ އިޖުރާއީ ކަމެއް ކަމުން، އެއީ ދަޢުވާއެއް މައުޟޫޢީ ގޮތުން ނުބަލައި ބޭރުކުރުމުގެ ހުއްޖަތެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- މުޙައްމަދު ނިޔާޒް، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު
މައްސަލައިގެ ތަޢާރުފު:
1މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-B7/SHN/(813,815,816,817-2020)/2024/15 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (މީގެފަހުން "ޕްރޮސިކިއުޝަން" ނުވަތަ "ދައުލަތް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޝިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޒި.ފުވައްމުލައް، ހޯދަޑު މައުނާ / ޢަބްދުﷲ ޢާޘިމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢާޘިމް")އެވެ. މައްސަލައިގައި ކަންހިގާފައިވާގޮތް:
2ޢާޡިމް އަކީ 12 އޮކްޓބަރޯ 2011 އިން 14 އޭޕްރީލް 2016 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރި މީހެކެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި އިސްކޮށް މަސައްކަތް ކުރަމުން ދިޔަ ޓީމް 8 ގެ ލީޑަރަކީ ޢާޠިމް އެވެ. މިތަޙްޤީޤުގައި ޝާމިލުވާ ފަރާތްތަކަށް މިތަޙްޤީޤު ކުރިއަށް ދާގޮތް ބުނެދިނުމާއި އޭ.ސީ.ސީގެ ސިއްރު މަޢުލޫމާތު ޙިއްސާ ކުރުމާއި ތަޙްޤީޤު ވަކި ކޮޅަކަށް އަނބުރާލުމުގެ މުޤާބިލެއްގެ ގޮތުން، އެސް.އޯ.އެޕް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން ދޫކުރި ނަންބަރު 193 ޗެކުގައިވާ - -/50,000$ (ފަންސާސް ހާސް) އެމެރިކާ ޑޮލަރު މީނާގެ އެކައުންޓަށް 02 ޖޫން 2015 ގައި ޖަމާކޮށް މުޢާމަލަތު ތަކެއް ހިނގާފައި ވެއެވެ. މީގެ އިތުރުން، އެސް.އޯ.އެފްގެ އެކައުންޓުން 14 ޖޫން 2015 ގައި ދޫކޮށްފައިވާ ނަންބަރު 203 ޗެކުގައިވާ -/50،000$ ޑޮލަރު "ބައި މ" ކިޔާ ވިޔަފާރިއެއްގެ އެކައުންޓް މެދުވެރިކޮށް މުޢާމަލާތު ތަކެއް ހިންގާފައިވެއެވެ.
3އެހެންވެ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުންނާއި، އެޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ 2 ދައުވާއާއި، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ އެޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުން މަނީ ލޯންޑްރިންގ ކުށުގެ 2 ދައުވާ 06 ޑިސެންބަރު 2020 ގައި ޢަބްދުﷲ ޢާޡިމްގެ މައްޗަށް އުފުލާފައިވެއެވެ.
4އެ ދައުވާތައް ކްރިމިނަލް ކޯޓުގައި ބަލަމުންދިޔައީ އެކޯޓުގެ ނަންބަރު 815/Cr- ، 813/Cr-C/2020 816/Cr-C/2020 ، C/2020 އަދި 817/Cr-C/2020 ޤަޝިއްޔާތަކުންނެވެ. މިދައުވާތަކާއި ގުޅިގެން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާގައި ޢަބްދުﷲ ޢާޡިމްގެ ފަރާތުން މައިގަނޑު ދެ ހުށަހެޅުމެއް ހުށަހެޅިއެވެ.
5ފުރަތަމަ ހުށަހެޅުމަކީ، މިދަޢުވާތަކަކީ، ދަޢުވާއެއް އުފުލުމަށްޓަކައި ފުރިހަމަވާންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ޖިނާއީ ކުށްކުށް ތަޙްޤީޤް ކުރުމާއި، ޖިނާއީ ކުށްކުށުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނު، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނު") ގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިލްތިޒާމްތައް ފުރިހަމަކުރުމެއްނެތި އުފުލާފައިވާ ދަޢުވާތަކެއް ކަމަށްބުނެ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ހަވާލާދީ އެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން މި ދަޢުވާތައް ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމެވެ.
6ދެވަނަ ހުށަހެޅުމަކީ، މިދަޢުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ، ސަބަބުތަކުގައި ތަފްޞީލް ކޮށްދެވިފައިވާ ފަރާތްތަކުގެ ހެކިބަހަކީ ޝަރީޢަތަށް ޤަބޫލުކުރެވޭނެ ހެކިތަކެއް ނޫންކަމަށްބުނެ، އެހެކިތައް ބަލައިނުގަތުމަށް އެދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމެވެ.
7މިހުށަހެޅުންތަކާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޢަބްދުﷲ ޢާޘިމްގެ ފަރާތުން ދެވަނައަށް ހުށަހެޅި ހުށަހެޅުން ބަލައި ގަނެވޭނެ ނެތްކަމަށެވެ. މާނައަކީ، މިދަޢުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ޝަރީޢަތަށް ބަލައިގަނެވޭނެއެވެ.
8ނަމަވެސް، ޢަބްދުﷲ ޢާޘިމްގެ ފަރާތުން ހުށަހެޅި ފުރަތަމަ ހުށަހެޅުމާއި ގުޅިގެން ދެ ފަރާތުން ފާހަގަކުރި ކަންކަމަށާއި، މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ބެލުމަށްފަހު، ދަށު ކޯޓުގެ ފަނޑިޔާރު ބުރަވެފައިވަނީ، ޢަބުދުﷲ ޢާޡިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިލްތިޒާމްތައް ފުރިހަމަ ކުރުމެއްނެތި އުފުލާފައިވާ ދަޢުވާތަކެއް ކަމަށްވާތީ، މިދަޢުވާތައް ޝަރީޢަތުން ބެލޭނެ ތަނެއް ނެތްކަމަށެވެ. އެހެންވެ، މިދަޢުވާތައްވަނީ ޝަރީޢަތް ނުކޮށް ބޭރުކޮށްލެވިފައެވެ.
9ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ހ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޢަބްދުﷲ އާޘިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދަޢުވާއާއި މަނީ ލޯންޑަރިންގ ކުށުގެ ދެ ދަޢުވާއަކީ ޝަރީޢަތުން ބަލަންޖެހޭ ތަނެއް ނެތް ދަޢުވާ ތަކެއް ކަމަށް ކަނޑައެޅުން، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެނިންމުން އިސްތިއުނާފު ކުރިއެވެ. މިއީ އެގޮތުން ބެލި އިސްތިއުނާފީ ޤަޟިއްޔާއެވެ. އިސްތިއުނާފީ ނުކުތާ:
10ކްރިމިނަލް ކޯޓުގެ ނަންބަރ 145-B7/SHN/(813,815,816,817-2020)/2024/15 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، މިނިންމުމުގެ މިބައި އިސްތިއުނާފު ކުރުމަށް ޕްރޮސިކުޝަނުން ހުށަހެޅީ 02 (ދޭއް) ނުކުތާ އެވެ. އެނުކުތާކަކީ؛
10.1. ކްރިމިނަލް ކޯޓުގެ ނަންބަރ 145-B7/SHN/(813,815,816,817-2020)/2024/15 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ 27 ވަނަ ނުކުތާގައި، ކްރިމިނަލް ކޯޓުގެ ނަންބަރު 2020/Cr-C/813,815,816,817 ޤަޟިއްޔާގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76 ވަނަ މާއްދާއާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
10.2. ކްރިމިނަލް ކޯޓުގެ ނަންބަރ 145-B7/SHN/(813,815,816,817-2020)/2024/15 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގެ 27 ވަނަ ނުކުތާގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/115 (އަޙްމަދު ނިހާން ޙުސައިންމަނިކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަން ހިންގާ މައްސަލަތަކުގައި ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ދަޢުވާކުރުމަށް ހުށަހެޅުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަން ނުޖެހޭނެކަމަށް ނިންމާފައިވާ އުސޫލު ކްރިމިނަލް ކޯޓުގެ ނަންބަރު 2020/Cr-C/813,815,816,817 ޤަޟިއްޔާއަށް ތަޠުބީޤުނުކުރެވޭނެކަމަށް ނިންމާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. ދެފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:
11އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ތަފްޞީލުގައި ދައުލަތުން ފާހަގަކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ގުޅިގެން ތަޙްޤީޤެއް ހިންގުމަށް ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން މިމައްސަލާގައި ފުރިހަމަ ވާކަމަށެވެ. މި ނިންމުމުގައި ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 10 ވަނަ މާއްދާއާއި އެ ޤާނޫނުގެ މަޤްސަދަށް ރިޢާޔަތްކުރައްވައި، ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖޮއިންޓް އިންވެސްޓިގޭޝަން ހިންގުމުގެ އުސޫލުތަކަށް އަދި މައްސަލާގައި ކަންވެފައިވާގޮތަށް އެކަށީގެންވާ ވަރަށް ރިޢާޔަތް ކުރެއްވުމެއް ނެތިކަމަށެވެ. ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމަށް ހުރަސްއަޅާ މާއްދާއެއް ނެތްކަމަށާއި މިޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) އާއި (ރ) އަދި 10 ވަނަ މާއްދާގެ (ށ) ގެ ދަށުން ރިޔާސީ ކޮމިޝަނުން ބަލާ މައްސަލައެއްގައި ޤާނޫނުތަންފީޛުކުރާ އެހެން އިދާރާތަކުގެ އެހީތެރިކަން ހޯދުމަކީ ކޮމިޝަންގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށާއި އެކަން ކުރަން އޮތް މަގަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން އިދާރާތައް ގުޅިގެން ތަޙްޤީޤެއް ހިންގުންކަމަށެވެ. އެހެންކަމުން، މިމައްސަލާގައި ޖޮއިންޓް އިންވެސްޓިގޭޝަން ހިންގާފައިވަނީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާއާ އެއްގޮތަށްކަމަށް ދެކޭކަމަށެވެ.
12އިސްތިއުނާފު ރައްދުވާ ފަރާތުން މިނުކުތާގެ ރައްދުގައި ބުނެފައިވަނީ ދައުލަތުގެ މުޅި އިސްތިއުނާފީ ނުކުތާގެ ތަފްޞީލް އެއްކޮށް ކިޔާލުމުންވެސް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" (އެސެޓް ރިކަވަރީ ކޮމިޝަން) އިން ތަޙްޤީޤްކުރި މި މައްސަލައިގައި ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް އެއްކިބާ ކުރަންޖެހޭ ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާކަމަށެވެ. އަދި ތަޙްޤީޤުކުރުމުގެ މަސްއޫލިއްޔަތު ފުރަތަމަ އުފުލީ ކޮން އިދާރާއަކުން ކަން ބަޔާންކޮށް އެއިދާރާއިން ތަޙްޤީޤުކުރި ކުރުމުގައި ދިވެހި ފުލުހުންގެ އިދާރާ އާއި އޭ.ސީ.ސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިފައިވާކަމެއްވެސް ދައުލަތުން ބަޔާން ނުކުރާކަމަށެވެ. އަދި މިނުކުތާގައި ދައުލަތުން ބަޔާންކުރާ ކަންކަމަކީ ކޮބައިކަން ސާފު ނޫންކަމަށާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 76 ވަނަ މާއްދާގެ ދަށުން ޖޮއިންޓް އިންވެސްޓިގޭޝަންއަކީ ކުރެވޭ އެއްޗެއްކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވާކަމަށާއި، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ ދަށުން އެސެޓް ރިކަވަރީ ކޮމިޝަންތައް ފަދަ ކޮމިޝަންތަކަށްވެސް ރިޔާސީ ގަރާރުގައި އެކަން ހުއްދަކުރާނަމަ، ޖޮއިންޓް އިންވެސްޓިގޭޝަން ކުރެވޭނެކަމަށް ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ކްރިމިނަލް ކޯޓުގެ ނިންމެވުމުގައި ކަނޑައަޅާފައިވާކަމަށާއި އެހެންނަމަވެސް އެނިންމުން، މިމައްސަލައިގައި އިސްތިއުނާފުކޮށްފައިނުވާކަމަށެވެ. އަދި ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ
(ށ) އަކީ "ޖޮއިންޓް އިންވެސްޓިގޭޝަން" އަށް ކަނޑައެޅިފައިވާ މަގުކަމަށް ދައުލަތުން ބަޔާންކޮށްފައިވީނަމަވެސް، އެމާއްދާގައި ބަޔާންކޮށްފައިވަނީ، ތަކެތި ކޮމިޝަނާ ޙިއްސާކުރުމުގެ ވާހަކަ ކަމަށެވެ. އެމާއްދާގެ ނައްސުން އެއީ ޖޮއިންޓް އިންވެސްޓިގެޝަންއާ ގުޅުމެއް ހުރި މާއްދާއެއްކަން އެއްވެސް ވަރަކަށް ދޭހައެއް ނުވާކަމަށެވެ. އެހެންކަމުން ޖުމްލަ ގޮތެއްގައި މިނުކުތާގައި ދައުލަތުގެ އޮތް ޝަކުވާއަކީ ކޮބައިކަން ފަހުމީ ނުވާކަމަށެވެ.
13އިސްތިއުނާފީ ދެވަނަ ނުކުތާގެ ތަފްސީލްގައި ދައުލަތުން ބުނެފައިވަނީ މި ނުކުތާގައި ހަވާލާދީފައިވާ ހައިކޯޓުގެ ޤަޟިއްޔް (އަޙްމަދު ނިހާން ޙުސައިންމަނިކު ޤަޟިއްޔާ) އާއި މިމައްސަލައާއި ފަރަޤުކުރުމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގެ 25 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. މިގޮތުން، މިމައްސަލައަކީ ރިޔާސީ ކޮމިޝަންގެ ޤާނޫނު އައުމުގެ ކުރިންވެސް އޭސީސީން ތަޙްޤީޤު ކުރަމުންދިޔަ ލިޔުންތަކުން އެނގޭކަމަށެވެ. އަޙްމަދު ނިހާން ޙުސައިންމަނިކު މައްސަލައިގައި ކަންވެފައިވާ ފަދައިން މިމައްސަލައަކީވެސް އެސީސީން ކުރިން ތަޙްޤީޤުކުރަމުންދިޔަ މައްސަލައެއްކަމަށާއި، މައްސަލައެއްގެ ތަޙްޤީޤުގައި ތުހުމަތުކުރެވޭ މީހާގެ ބަޔާން ނަގާފައިނުވުމަކީ ތަޙްޤީޤް ކޮށްފައިނުވާކަމަށް ނުވަތަ އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ހިންގާފައިނުވާކަމަށް މާނަކުރެވޭނެ ސަބަބެއްނޫންކަމަށެވެ. ތަޙްޤީޤުކުރަން ފެށުމާއެކު ތަޙްޤީޤުގެ ކުރީ މަރުހަލާގައި ތުހުމަތުކުރެވޭ މީހާގެ ބަޔާން ނަގަންޖެހޭނެކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނީ އަސާސެއް ނެތްކަމަށާއި އެހެންކަމުން އަޙްމަދު ނިހާން ޙުސައިންމަނިކުގެ މައްސަލައާ މިމައްސަލައާ މިއީ އެއްގޮތް ދެ މައްސަލަކަމަށާއި މި ދެމައްސަލާގައި ޢަމަލުކުރަންޖެހޭނީ އެއްގޮތަށްކަމަށެވެ. އެއީ މިފަދަ މައްސަލަތަކުގައި ރިޔާސީ ކޮމިޝަންގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަން ނުޖެހުންކަމަށެވެ.
14މީގެ އިތުރުން، ރިޔާސީ ކޮމިޝަނަކުން ތަޙްޤީޤުކުރާ މައްސަލަތައް ދަޢުވާކުރުމަށް ހުށަހެޅުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަންޖެހޭކަމަށް ބެލިނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތާއި އޭ.ސީ.ސީ އަކީ އެފަދަ ލަފާއެއް ހޯދަންޖެހޭ މުއައްސަސާތަކެއް ނޫންކަމަށާއި، ޖޮއިންޓް އިންވެސްޓިގޭޝަންތަކުގައި އެކި އިދާރާތަކުން އެކި މަސައްކަތް ކުރެވިދާނެކަމަށެވެ. އަދި އެގޮތުން އެ އިދާރާއަކުން ކުރާ މަސައްކަތެއް ކުރާނީ އެ އިދާރާއެއްގައި ކަނޑައެޅިފައި އޮންނަ އިޖުރާއަތުގެ ތެރެއިންކަމަށެވެ.
15މިނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މިމައްސަލައިގެ ޝަރީޢަތުގެ ކުރީގެ ހުށަހަޅާ ހުށަހެޅުން ހުށަހަޅާފައިވަނީ 16 މާރިޗް 2021 ގައިކަމަށާއި، މިހުށަހެޅުންތަކާއި ގުޅިގެން އަޑުއެހުންތައް ނިއްމާލާފައިވަނީ ސެޕްޓެނބަރް 2021 ގައި ކަމަށެވެ. އަޙްމަދު ނިހާން ޙުސައިންމަނިކު ޤަޟިއްޔާ ނިންމާފައިވަނީ 22 ޑިސެނބަރް 2022 ގައި ކަމަށާއި އެހެންކަމުން މިނިންމުމަކީ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅައި ނިމުނު ފަހުން ނިންމާފައިވާ ނިންމުމެއް ކަމަށްވުން، މިނިންމުމުގައިވާ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ނިންމާފައިވާކަމަށްބުނެ އިސްތިއުނާފީ ނުކުތާއެއް ބިނާކުރެވޭނީ އެންމެ ކުޑަމިނުން އެނިންމުމަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ނިންމުމެއްކަމަށް ވާނަމަ ކަމަށެވެ. ދައުލަތުން ބަޔާންކުރާ ނިންމުމަކީ ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބަހުސް ނިމުނުއިރު ވުޖޫދުގައި ނުވެސް ނެތް ނިންމުމެއް ކަމަށެވެ. މީގެ އިތުރުން ޖޮއިންޓް އިންވެސްޓިގޭޝަން އަކީ ތަޙްޤީޤްކުރާ އިދާރާތަކުގެ ތެރެއިން ބޭނުން އިރަކު ބޭނުންވާ އިޖުރާއަތުތަކެއް ބޭނުންކޮށްގެން އެއިރަކު ފަސޭހަކަމަށް ހީވާ އުސޫލުތަކެއް އެއީ އިޖުރާއަތުކަމަށް މާނަކޮށް ބޭނުންގޮތަކަށް މައްސަލަތައް ތަޙްޤީޤުކުރަން ހުޅުވާލެވޭ ދޮރަކަށް ވެގެންނުވާނެކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް:
16ޕްރޮސިކިއުޝަނުން މިކޯޓުގައި އެދިފައިވަނީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ޢަބްދުﷲ ޢާޘިމްގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން ފުރަތަމަ ހުށަހެޅުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް މިމައްސަލައަކީ މައުޟޫއީގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅުއްވާދެއްވުމަށެވެ. އިސްތިއުނާފުރައްދުވާ ފަރާތުން އެދޭގޮތް:
17އިސްތިއުނާފު ރައްދުވާފަރާތުން އެދިފައިވަނީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދީ މައްސަލަ ނިންމަވައިދެއްވުމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް: ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގަންޖެހޭ ފަދަ ސަބަބެއްނެތްކަމަށް ބުނާ ބުނުން:
18ދަށުކޯޓުން ނިންމި ނިންމުގެ 27 ވަނަ ނަންބަރުގައި ބަޔާން ކޮށްފައި އޮތީ؛ " ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އަޙްމަދު ނިހާން ޙުސައިންމަނިކު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤް ކުރެވޭނެ ކަމަކަށް ނުދެކެމެވެ. އަދި ރިޔާސީ ކޮމިޝަން ވުޖޫދުވުމާހަމައިން އެކޮމިޝަނަށް ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ބެލުމަކީ އެ މިކޮޝަނާ މަތިކޮށްފައިވާ ޒިންމާއެއް ކަމާއި، އެ މައްސަލައާ ގުޅިގެން އެއްވެސް ފަރާތަކުން ތަޙްޤީޤެއް ހިނގާފައިވާނަމަ، އެ ތަޙްޤީޤަށް ހޯދާފައިވާ ހުރިހާ ހެކި ޤަރީނާއާއި މަޢުލޫމާތު އެ ކޮމިޝަނުން ހޯދައި މައްސަލައިގެ ތަޙްޤީޤް ނިންމައި ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ދަޢުވާ ކުރުމަށް ހުށަހެޅުމަކީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތް ކަމަށްވާތީ، މިމައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަންޖެހޭ ފަދަ ސަބަބެއް މެދުވެރިނުވަނީސް އެފަދަ އިންވެސްޓިގޭޝަން އަކުން މައްސަލަ ތަޙްޤީޤް ކުރިކުރުމަކީ ދައުލަތުން ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ބެލެވެން ނެތެވެ. އަދި މިތަޙްޤީޤްއްގެ ނަތީޖާއަކީ އިޖުރާއަތްތައް އޮޅުން ބޮޅުންވެ ތަޙްޤީޤް ފަސާދަވުން ކަމުގައި ދެކެމެވެ."
19HN1ތަޙްޤީޤު ކުރިއަށް ގެންދާނެ ގޮތަކީ ތަޙްޤީޤީ އިދާރާތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަޙްޤީޤު ކުރިއަށް ގެންދިޔަ ގޮތާއިމެދު މުއްތަހަމު ހުށަހަޅާ ހުށަހެޅުމެއްގައި، ތަޙްޤީޤު ކުރިއަށް ގެންދިޔައީ، ޤާނޫނުއަސާސީން އޭނާއަށް ލިބިދޭ ޙައްޤަކުން މަޙުރޫމްކޮށްގެންކަމަށް ބުނާ ޙާލަތުގައި، އެކަން ސާބިތުވާނަމަ، އެތަޙުޤީޤާއި މެދު އުފައްދާ ސުވާލަށް ޝަރީޢަތުން ޖަވާބު ދޭންޖެހޭނެއެވެ. ތަޙްޤީޤު ކުރިގޮތާއިމެދު ޖިނާއީ އިޖުރާއަތުގެ ޤާނޫނު ނުވަތަ އެނޫންވެސް ޤާނޫނީ ނައްޞަކުން ފެންނާންނެތް، އެކިއެކި ބަހަނާތަކާއި ޢުދުރު ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުމުން، އެކަންކަމަށް މާބޮޑު ސަމާލުކަމެއް ބުރަދަނެއްދީގެން، ތަޙްޤީޤު ކުރިގޮތާއިމެދު ނުވަތަ ތަޙްޤީޤުގެ ޒާތަށް ފަނޑިޔާރުން ގޮތް ނިންމުމަކީ ތަޙްޤީޤު އިދާރާތަކުގެ އިޚްތިޞާޞްގެ ތެރެއަށް ކޯޓުތަކުން ވަންނަ ވަނުމެކެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމު ހިންގުމަށް ކުރިމަތިވާ ހުރަހެކެވެ.
20HN2އެހެނީ، ހުރިހާ ފަނޑިޔާރުން ހިތް އެދޭ ގޮތަކަށް ތަޙްޤީޤެއް ނިންމިފައި އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. ވީމާ، އެދަޢުވާއެއް އެފަނޑިޔާރެއްގެ އަތްމައްޗަށް އެރުމުން، ތަޙްޤީޤު ކުރިގޮތާއިމެދު ނުވަތަ ތަޙްޤީޤުގެ ޒާތަށް ނިސްބަތްކޮށް އުފައްދާ ކޮންމެ ސުވާލަކަށް ފަނޑިޔާރު ގޮތް ކަނޑައަޅަން ވެއްޖެނަމަ، މައުޟޫޢީ ގޮތުން ބަލައި ޝަރީޢަތް ހިންގޭނީ އެފަނޑިޔާރަކު އިޚްތިޔާރު ކުރާ ދަޢުވާއެއްގެ އެކަންޏެވެ. ތަޙްޤީޤު ކުރި ނިޔަތާއި ތަޙްޤީޤު ހިންގި ގޮތުގެ އިޖުރާއަތާއި ތަޙްޤީޤުގައި ސުވާލު ކުރެވުނު މީހުންގެ ޢަދަދާއި މިކަންކަމަކީ، މަޢުޟޫޢީ ގޮތުން ޝަރީޢަތް ނުކޮށް ދަޢުވާތައް ބޭރުކުރެވޭފަދަ ޢުޛުރު ތަކެއްނޫނެވެ.
21މަތީގައި ލިޔެފައިވާ ޕެރެގްރާޕްގައި އޮތް " މިމައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަންޖެހޭ ފަދަ ސަބަބެއް މެދުވެރިނުވަނީސް އެފަދަ އިންވެސްޓިގޭޝަން އަކުން މައްސަލަ ތަޙްޤީޤް ކުރިކުރުމަކީ ދައުލަތުން ހެޔޮ ނިޔަތުގައި ކޮށްފައިވާ ކަމެއްކަމަށް ބެލެވެން ނެތެވެ." މިއީ ފަނޑިޔާރުގެ އަމިއްލަ ޚިޔާލެއް ކަމަށް ފެނެއެވެ. ސަބަބަކީ، ޖޮއިންޓް އިންވެސްޓިގޭޝަނެއް ހެދި ހެދުމާއި ގުޅޭ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހުށަހެޅުމުގައި ސުވާލު ކޮށްފައި ނެތީމައެވެ.
22ވީމާ، އެދަޢުވާއެއް ޝަރީޢަތުގައި މަޢުޟޫޢީ ގޮތުން ބެލުމަކާއި ނުލައި އެދަޢުވާއެއް ކޯޓުން ބޭރުވެގެންދާނެ ދިފާޢުތަކަކީ ކޮބާކަން، އިޢުތިރާޟް ތަކަކީ ކޮބާކަން ނޫނީ ހުށަހެޅުން ތަކަކީ ކޮބާކަން ބަލަންޖެހޭނީ، ޤާނޫނުއަސާސީ އާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި އެނޫންވެސް ޖިނާއީ ކުށްކަނޑައަޅާފައިވާ ޤާނޫނުތަކުގައި ބަޔާން ކުރާ ދިފާޢުތަކާއި އިޢުތިރާޟް ތަކާއި ހުށަހެޅުންތަކަކީ ކޮބާކަން ބެލުމަށް ފަހުގައެވެ. ފުރަތަމަ ހުށަހެޅުން:
23އިސްތިއުނާފު ރައްދުވާ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާއާ ޙަވާލާދީ، އެޤާނޫނުގެ 119 ވަނަމާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅި ހުށަހެޅުމެވެ. ޙަވާލާދެވޭ މާއްދާތަކުގައިބަޔާން ކުރަނީ؛ ޝަރީޢަތުގެ ކުރިން 117. ނަރީޢަތުގައި މަޢުޝޫޢީގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ހުށަހެޅިދާނެ ހުށަހެޅުން ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޟެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅިދާނެއެވެ. ޝަރީޢަތުގެ ކުރިން 119. (ހ) އަންނަނިވި ހުށަހެޅުންތަކަކީ ޝަރީޢަތް ފެށުމުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކެކެވެ. މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ހުށަހެޅުމެއް ހުށަނާޅައިފިނަމަ، އެކަންކަން ހުށަހެޅުމަށް އޮތް ފުރުޞަތު ދޫކޮށްލީ ކަމުގައި ބެލޭނެއެވެ. (1) ދަޢުވާ އުފުލުމުގައި އަދި/ނުވަތަ ދަޢުވާ ހުށަހަޅާ ފޯމުގައި އުނިކަމެއް ވާނަމަ އެކަން؛
24އިސްތިއުނާފު ރައްދުވާ ފަރާތުގެ ފުރަތަމަ ހުށަހެޅުމުގެ މައިގަނޑު ވާހަކައަކީ، ދަޢުވާ އުފުލުމުގައި އުނިކަމެއް އެބަ ހުއްޓެވެ. ވީމާ، މިދަޢުވާތައް މަޢުޟޫޢީ ގޮތުން ބެލުމަކާއި ނުލައި ގޮތެއް ނިންމާށެވެ. އެއުނިކަމަކީ ކޮބާތޯ ބަލާއިރު، އިސްތިއުނާރު ރައްދުވާ ފަރާތުން މައިގަނޑުގޮތެއްގައި ވާހަކަ ދައްކާފައިވަނީ ތަޙްޤީޤު ކުރިއަށް ގެންދިޔަ ގޮތާއި މެދުގައެވެ.
25HN3ޖިނާއީ ދަޢުވާއެއް އުފުލުމުގައި އުނިކަމެއް ހުރުމަކީ ކޮބާ ހެއްޔެވެ؟ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާން ކުރަނީ؛ ދަޢުވާއެއް އުފުލޭއިރު 80. (ހ) ޖިނާއީ ކުށެއްގެ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލަން ޤާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވުން ދަޢުވާއެއް އުފުލޭއިރު 80. (ހ) ޖިނާއީ ކުށެއްގެ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް އެ ދަޢުވާއެއް އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ.
(ރ) މީހެއްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ކުރުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެފައިވާކަން ކަށަވަރުކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ޒިންމާއެކެވެ.
26މަތީގައިވާ މާއްދާގައި ބަޔާން ކުރަނީ، "އެ މީހެއްގެ މައްޗަށް އެ ދަޢުވާއެއް އުފުލަންވާނީ، އެ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން ފުރިހަމަވެގެންނެވެ." މިކަން ފުރިހަމަ ވެފައިވޭތޯ ކަށަވަރު ކުރާ ފަރާތަކީ، ޕްރޮސިކިއުޓަރ ޖެނެރަލްކަން މަތީގައިވާ ނައްޞުން އެނގެއެވެ.
27ސުވާލަކީ އެކުށަކާއި ގުޅޭ ގޮތުން ފުރިހަމަވާންޖެހޭ ކަމަށް ޤާނޫނުގައި ބަޔާން ކުރާ އެންމެހައި ކަންކަމަކީ ކޮބާ ހެއްޔެވެ؟ މިއީ ކޮންމެ ކުށަކާއި ގުޅިގެން ވަކިވަކިން ބަލަންޖެހޭ ކަމެކެވެ. މިއީ ކުށެއްގެ ތަޙްޤީޤު ހިންގި ގޮތާއި ގުޅޭ ކަމެއް ނޫނެވެ. ނަމަވެސް ކުށެއްގެ ތަޙްޤީޤު ހިންގުމަށްފަހު އެކަމުގެ ނަތީޖާ އާއި ގުޅޭ ކަމެވެ. މިސާލަކަށް ވައްކަމެއްގެ ތަޙްޤީޤު ހިންގާ ނިންމުމަށްފަހު، ދަޢުވާ ކުރަން ފޮނުވާއިރު، ވަގަށްނެގި މުދައު ކަމަށް ބުނާ އެއްޗަކީ މުއްތަހަމުގެ މިލްކެއް ނޫންކަން ތަޙްޤީޤުން ބެލިފައި ނެތްނަމަ، ވައްކަމުގެ ކުށަކާއި ގުޅޭ ގޮތުން ފުރިހަމަވާންޖެހޭ ކަމަށް ޤާނޫނުގައި ބަޔާން ކުރާ އެންމެހައި ކަންކަން އެވަނީ ފުރިހަމަ ނުވެއެވެ. ސަބަބަކީ، ވައްކަމެއް ވައްކަމަކަށްވާނީ އެހެން މީހެއްގެ މުދަލެއް އޭނާއަށް ނޭގި ސިއްރުން ނެގުމުން ކަމަށްވާތީއެވެ.
28HN4މިމައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ސުވާލު އުފައްދަނީ ތަޙްޤީޤުގެ ޒާތާ ގުޅޭ ގޮތުންނެވެ. ނުވަތަ ތަޙްޤީޤު ކުރިއަށް ގެންދިޔަ ގޮތާއި ގުޅޭ ގޮތުންނެވެ. ތަޙްޤީޤުން ހޯދި ހޯދުންތަކާއި ގުޅިގެން، މުއްތަހަމުގެ މައްޗަށް އުފުލުނު ރިޝްވަތު ހިފުމުގެ ކުށާއި މަނީ ލޯންޑްރިންގ ކުށާއި ގުޅިގެން، ޤާނޫނުގައި ބަޔާން ކުރާ ކަމެއް ތަޙްޤީޤުން ފުރިހަމަ ކޮށްފައި ނެތްކަމަށް ބުނެ ސުވާލެއް ނުއުފައްދައެވެ. ތަޙްޤީޤީ އިދާރާއަކުން ކުރާ ތަޙްޤީޤަކާއި ގުޅިގެން، ބަޔާން ނަގަންޖެހޭ ފަރާތްތަކާއި ހެކި ޤަރީނާގެ ގޮތުގައި ހޯދަންޖެހޭ ތަކެއްޗަކީ ކޮބާކަމާއި ތަޙްޤީޤުން ހޯދޭ ހޯދުންތަކުގެ އަލީގައި ދަޢުވާއާއެކު ހުށަހަޅާނީ ކޮންކޮން އެއްޗެއްކަން ކަނޑައަޅަންޖެހޭ ފަރާތަކީ މުއްތަހަމެއް ނޫނެވެ.
29އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ފުރަތަމަ ހުށަހެޅުމުގެ ތަފްޞީލުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބުތަކަކަކީ ކޮބާކަމާއި، ޖިނާއީ ކުށާ ގުޅޭ ގޮތުން ފުރިހަމަވާންޖެހޭ އެންމެހައި ކަންކަން ފުރިހަމަވެގެން ކަމާއި، މިމައްސަލައިގައި، ޖޮއިންޓް އިންވެސްޓިގޭޝަނަށް ބައެއް މީހުން ޙާޟިރުކޮށް ސުވާލު ކޮށްފައި ނުވާތީ، ތަޙުޤީޤު ވަކިދިމާލަކަށް އަނބުރާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ދެކޭކަމާއި، ޖޮއިންޓް އިންވެސްޓިގޭޝަން ރިޕޯޓްގައި ބަޔާން ކުރާ 203 ނަންބަރު ޗެކާއި ގުޅިގެން ރިޝްވަތުގެ މުޢާމަލާތެއް ހިންގިކަން ބަޔާން ކޮށްފައި ނެތްއިރު، ރިޝްވަތުގެ ދަޢުވާ ކޮށްފައިވަނީ ތަޙްޤީޤު ފުރިހަމަ ނުވަނީސް ކަމާއި، -$50،000 ގަތުމަށް ބޭނުންވާ ފައިސާ، މިމުޢާމަލާތާއި ގުޅުންހުރި ފަރާތްތަކުގެ އެކައުންޓުގައި ނެތުމަކީ، ނަގުދު ފައިސާއިން ޑޮލަރު ނުގަނެވޭނެ ކަމުގެ ހުއްޖަތެއް ނޫންކަމަށް ބުނާ ބުނުމާއި، ތަޙްޤީޤަށް ހޯދި ބައެއް މީހުންގެ ބަޔާން ޝަރީޢަތަށް ހުށަހެޅުމަކާއި ނުލައި އަނެއް ބައެއްގެ ބަޔާން ޝަރީޢަތަށް ހުށަހަޅާފައިވަނީ، މައްސަލަ ވަކިގޮތަކަށް ބައްޓަންކޮށް ޝަރީޢަތަށް ނުބައި ތަޞައްވަރެއް ދިނުމަށް ކަމަށް ބުނާ ބުނުމާއި، ޢާޡިމް އާ -$50،000 ގެ ޗެކް ޙަވާލު ކުރީ ޢަބުދުﷲ ޒިޔަތު ކަމެއް ނުވަތަ މުޙައްމަދު ޢައްލާމް ލަޠީފުކަން ތަޙްޤީޤަށް ސާފުކުރެވިފައި ނެތްކަން އެނގޭއިރު، ޔަޤީން ނުވާ ކަންތައްތަކެއްގެ މައްޗަށް ތަޙްޤީޤު ރިޕޯޓް ލިޔެފައިވާ ކަމަށް ދެއްކި ވާހަކަތަކާއި، ޔޫ.އެސް. ޑޮލަރުގެ މުޢާމަލާތެއް ކޮށްގެން، ޢާޡިމްގެ މައްޗަށް ތަޙްޤީޤު ކުރިއިރު، މިބާވަތުގެ މުޢާމަލާތު ކުރި އެހެން ގިނަ ބައެއްގެ މައްޗަށް ތަޙްޤީޤުކޮށްފައި ނުވާކަމަށް ބުނެ ހަމަހަމަކަމުގެ ޙައްޤު ގެއްލޭކަމަށް ބުނެ ދެއްކި ވާހަކަތަކާއި، ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގައި ބަޔާން ކުރާ ހަމަހަމަ ކަމާއި ތަފާތު ނުކުރުމުގެ ޙައްޤު ކަށަވަރު ކޮށްދިނުމުގެ ޒިންމާ ޕްރޮސިކިއުޓަރ ޖެނެރަލްއަށް އޮތް ގޮތުގެ ވާހަކަ އާއި، ޑޮލަރު ގަނެ ވިއްކުމުގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރޭގައި ރަގަޅު މީހުން ހިމެނޭކަމަށާއި އެފަދަ މީހުންގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ކަމަށް ޕްރޮސިކިއުޓަރ ޢާންމުކޮށް ބުނެފައިވާއިރު، ޢާޡިމް ހިމެނެނީ ރަގަޅު މީހުންގެ ލިސްޓުގައި ކަމަށް ޤަބޫލު ކުރެވޭކަމަށް ބުނެ ދެއްކި ވާހަކަތަކާއި، މިމައްސަލައަކީ، އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އޭ.ސީ.ސީ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތެރެއިން އެސެޓް ރިކަވަރީ ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމާފައިވާ މައްސަލައެއްކަމަށްވާއިރު، ދަޢުވާ އުފުލެނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިންކަމަށް ބުނެ ދެއްކި ވާހަކަ ތަކެވެ. އެސެޓް ރިކަވަރީ ކޮމިޝަން:
30އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދުމަށް ނެރުނު ނަންބަރު:2018/14 ރިޔާސީ ޤަރާރާއި އަދި އެޤަރާރަށް އިޞްލާޙު ގެނެސް ނެރުނު ނަންބަރު:2018/16 ރިޔާސީ ޤަރާރަށް ބަލާއިރު، އެޤަރާރުތަކުގެ އިސްބަހުގައި ބަޔާން ކުރަނީ؛ " 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙްޤީޤުކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާހިނދު؛ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނާތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙްޤީޤުކުރެވި އިންސާފު ޤާއިމުކުރެވިފައިނުވަނީ އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް އަހުރެންނަށް ފެނުނުހިނދު؛ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތަކުގެތެރެއިން އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤުނުކުރެވި ހުރި މައްސަލަތަކުގައި މިނިވަން، މުސްތަޤިއްލު އަދި އިތުބާރުހިފޭ ތަޙުޤީޤެއްކޮށް، ޙަޤީޤަތްހޯދައި، ޢާންމުކުރުމަކީ އިންސާފު ޤާއިމުރުމަށްޓަކައި ދައުލަތުން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމަށް އަހުރެން ދެކޭހިނދު؛ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން؛ އަހުރެން، އިބްރާހިމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ކޮމިޝަނެއް އުފައްދައި؟..." މިފަދައިންނެވެ. މިކޮމިޝަން އުފެއްދި މަޤްޞަދު ބަޔާންވެދިޔަ ވާހަކަ ތަކުން ސާފުވެއެވެ.
31މިކޮމިޝަން އުފެއްދުމުގެ މައިގަޑު އަސާސީ ދެ މަޤްޞަދެއް އެބަ އޮތެވެ. އެއީ، ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްވެ ނަހަމަގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަޙްޤީޤުކުރެވި އިންސާފު ޤާއިމު ކުރެވިފައިނުވާތީ، އެމައްސަލަތަކުގެ ތަޙްޤީޤު ހިންގުމާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމެވެ. ނުވަތަ ރިކަވަރީ ކުރުމެވެ.
32މިކަން ކުރުމަށްޓަކައި ކޮމިޝަނުން ޢަމަލު ކުރަންވީ ގޮތް އެޤަރާރު ގައި ބަޔާން ކުރަނީ؛ "މިކޮމިޝަނުން ބަލަންޖެހޭކަމަށް ޢާންމު ރައްޔިތުންނަށް ފެންނަ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި، ކޮމިޝަނުން ބަލަން ނިންމާ މައްސަލަތަށް ތަޙްޤީޤުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު މި ކޮމިޝަނާ މަތިކޮށް؛ މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙްޤީޤުކުރެވޭ މައްސަލަތާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމުގައި ކަނޑައަޅައި؛ މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވުނު މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް އަހުރެން ކަނޑައެޅުމާ ހަމައަށް ދެމި އޮންނާނޭ ކޮމިޝަނެއްކަމުގައި ކަނޑައަޅައި؛ މި ޤަރާރު އެކަށައަޅަމެވެ."
33HN5ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ މިބާވަތުގެ ލިޔުންތައްވެސް ތަރުޖަމާކޮށް މާނަ ދޭންވާނީ، ޤާނޫނުތައް މާނަ ކުރުމުގެ ޢާންމު ހަމަތަކާއި އެއްގޮތަށެވެ. ވީމާ، މިކޮމިޝަން އުފެއްދުމުގެ މަޤްޞަދު ގެއްލޭގޮތަށް މިޤަރާރުތައް މާނަ ކުރެވިގެން ނުވާނެއެވެ.
34HN6ބަޔާންވެދިޔަ ޤަރާރުގައި "މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙްޤީޤުކުރެވޭ މައްސަލަތާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެއް ކަމުގައި ކަނޑައަޅައި" ފައިވެއެވެ. ވީމާ، މިކޮމިޝަނުން ތަޙްޤީޤު ކުރާނީ ތަޙްޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތައް ލިބިގެންވާ އިދާރާއެއް ފަދައިންނެވެ. ވީމާ، އެސެޓް ރިކަވަރީ ކޮމިޝަނަށް ތަޙްޤީޤު އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތައް ލިބިދީފައިވާކަމަށް ރިޔާސީ ޤަރާރުގައި ބަޔާންކޮށްފައި އޮތްއިރު، އެސެޓް ރިކަވަރީ ކޮމިޝަނަށް ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުކުރެވޭނެ ކަމަށް ދޭހަވާ މާނައެއް މިމައްސަލައިގައި ދަށު ކޯޓުން ނެރެންޖެހޭ ޤާނޫނީ ހުއްޖަތެއް ނެތެވެ. ޤާނޫނު ނަންބަރު: 4/2019 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު):
35މަތީގައި ބަޔާންވެދިޔަ ރިޔާސީ ކޮމިޝަނުގެ މައްޗަށް، 24 ޖޫން 2019 ގައި ޢަމަލު ކުރަންފެށި ޤާނޫނު ނަންބަރު: 4/2019 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) ހިނގާކަމަށް ބެލިނަމަވެސް، އެޤާނޫނު ތަރުޖަމާ ކުރަންޖެހޭނީ ރިޔާސީ ޤަރާރުގައި ބަޔާން ކުރާ އެކޮމިޝަނެއްގެ މަޤްޞަދާއި، އެކޮމިޝަނުގެ މަސްއޫލިއްޔަތުތައް ނަފީވެގެން ނުދާނެ ގޮތަކަށެވެ. އެކަން މިޤާނޫނުގެ 4 ވަނަ މާއްދާއިން އެނގެއެވެ. އެހެނީ، ރިޔާސީ ޤަރާރުގެ މަޤްޞަދާއި މަސްއޫލިއްޔަތަކީ އެޤާރާރަކުން ކަނޑައަޅާ ކަމެކެވެ.
36މިޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) އަށް ބެލުމުން، ރިޔާސީ ކޮމިޝަނަކަށް ޖޮއިންޓް އިންވެސްޓިގޭޝަން ކުރެވިދާނެކަން އެނގެއެވެ. އެއަކުރުގައި ބަޔާން ކުރަނީ " ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުން؛ އަދި މިގޮތުން ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި ޖިނާއީ މައްސަލައެއް ބަލަންޖެހިއްޖެނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނު ތަންފީދުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން." މިފަދައިންނެވެ. އެބާރު ބޭނުން ކުރަންވީ ގޮތެއް ޤާނޫނުގައި ބަޔާނެއް ނުކުރެއެވެ.
37ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ނަންބަރު: 2019/R-1052 (ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) 160 ވަނަ މާއްދާގެ (ބ) ގައި ބަޔާން ކުރާގޮތުން، ޖޮއިންޓް އިންވެސްޓިގޭޝަނެއް ހެދުމަށް އެއްބަސްވުމަކީ، ޖިނާއީ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުންނަށް ލިބިގެންވާ އިޚްތިޞާޞްގެ ހައިސިއްޔަތަށް އުނިކަމެއް އަންނާނެ ކަމެއް ނޫނެވެ. ވީމާ، ރިޔާސީ ކޮމިޝަނުން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން، އެމައްސަލައެއްގައި ދަޢުވާ ކުރުމަށް ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަކީ، އިޖުރާއީ ގޯހެއްގެ ގޮތުގައި ބަލައިގެން އެ މައްސަލައެއް ކޯޓުން ބޭރު ކޮށްލެވޭނެ ޤާނޫނީ ސަބަބެއް ނޫނެވެ.
38HN7ސުވާލަކީ، ރިޔާސީ ކޮމިޝަނުން ތަޙްޤީޤު ކުރާ މައްސަލައެއްގައި، އެކޮމިޝަނުން ދަޢުވާ ކުރަން ފޮނުވޭނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ކަމަށް ރިޔާސީ ކޮމިޝަން ތަކުގެ ޤާނޫނުގައި އޮތް އޮތުމަށް ވެގެން ދާނީ ކިހިނެތް ހެއްޔެވެ؟ ކުރިން ބުނިހެން، އެސެޓް ރިކަވަރީ ކޮމިޝަނުގެ މައްޗަށް ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު ހިގާނެ ކަމަށް ބެލިނަމަވެސް، އެކޮމިޝަނުން ތަޙްޤީޤު ކުރާ މައްސަލައެއްގައި ދަޢުވާ ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދުމާއި ނުހޯދުމަކީ ކުރެވިދާނެ ކަމެކެވެ. ސަބަބަކީ، ރިޔާސީ ޤަރާރުގައި ވަރަށް ސާފުކޮށް، ބަޔާން ކޮށްފައިވަނީ ކޮމިޝަނުން ތަޙްޤީޤުކުރެވޭ މައްސަލަތާ ގުޅިގެން ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް އެކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ. އެސެޓް ރިކަވަރީ ކޮމިޝަނަށް ތަޙްޤީޤީ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތައް ލިބިދީ އެކަން ކަނޑައެޅީ ރިޔާސީ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާއެވެ. ވީމާ، އެކޮމިޝަނުން ތަޙްޤީޤުކޮށް ނިންމުމަށްފަހު، ދަޢުވާ ކުރަން ފޮނުވުމާމެދު ރައީސުލްޖުމްހޫރިއްޔާގެ ލަފައެއް އިތުރަށް ހޯދަކަށްނުޖެހޭނެއެވެ. އެހެނީ، ތަޙްޤީޤީ އިދާރާތަކަށް ލިބިދީފައިވާ ބާރުތައް ބަޔާން ކުރާގޮތުން، އެފަދަ އިދާރާއަކުން ތަޙްޤީޤު ކުރާ މައްސަލައެއްގައި ދަޢުވާ ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަން ނުޖެހޭނެތީއެވެ. ވީމާ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި "...ތަޙުޤީޤު ފުރިހަމަ ވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން، އެފަދަ މައްސަލަ ތަކުގައި ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އިޚްތިޔާރު ކޮމިޝަނަށް..." ލިބިދީފައި އޮތް އޮތުމުގެ މާނަ ކުރަންޖެހޭނީ، ތަޙްޤީޤީ އިދާރާތަކަށް އެހެން ޤާނޫނުތަކުން ލިބިދީފައިވާ ބާރުތައް އޮތް ގޮތުގެ މައްޗަށް ބަލައި ގެންނެވެ. ވީމާ، އެލަފާ ނުހޯދުމަކީ، އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައިވާ ތަޙްޤީޤަކާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނާއި ގުޅިގެން ހިންގާފައިވާ ތަޙްޤީޤަކާއި ގުޅިގެން، ހުށަހަޅާ ދަޢުވާއެއް މައުޟޫޢީ ގޮތުން ބެލުމަކާއި ނުލައި ކޯޓުން ބޭރުކޮށްލުމުގެ ހުއްޖަތެއް ކަމުގައި މާނަ ކޮށްގެން ނުވާނެއެވެ. އެކަން ވާންޖެހޭނީ، ޤާނޫނީ ޝަކުލިއްޔާތު ފުރިހަމަ ކުރުމުގެ ގޮތުން، ކުރުމުގެ އިޚްތިޔާރު އޮތްކަމެއްގެ ގޮތުގައި ނޫނީ އެކަން ނުކުރިޔަސް ދަޢުވާއަށް އަސަރެއް ނުކުރާނެ އިޖުރާއީ ގޯހެއްގެ ގޮތުގައެވެ.
39މިމައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު، ޢާޡިމް ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގައި، މިކަމެއް ހިނގި ދުވަސްވަރާއި ބެހޭ ގޮތުން އޭނާ ދެއްކި ވާހަކައަކީ ރަގަޅު ވާހަކަ ތަކެއް ނޫނެވެ. މިދަޢުވާ ތަކުގައި ބަޔާން ކުރާ ޑޮލަރުގެ މުޢާމަލާތު ހިންގާފައިވަނީ ޢާޡިމް އެންޓި-ކޮރަޕްކޮމިޝަންގައި މަސައްކަތް ކުރި ދުވަސް ވަރުއެވެ. ޢާޘިމް އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ، މިޑޮލަރުގެ މުޢާމަލާތުގެ ތުހުމަތު ހިންގި ފަހުންނެވެ. ވީމާ، ޢާޡިމް އެ ބޯޑަށް ޢައްޔަން ކުރީ، ޢާޘިމްއަކީ ޑޮލަރު މާރުކުރި މީހުންގެ ތެރެއިން ރަގަޅު މީހަކަށްވާތީކަމެއް، ނޫނީ ޢާޘިމްގެ ކިބައިން އަނެއްކާވެސް މިބާވަތުގެ މުޢާމާލަތަކަށް ޢާޒިމް ބޯޑަށް އައްޔަކުންރި ފަރާތަކުން އެދޭތީކަމެއް ބުނާކަށް ނގެއެވެ.
40އަދި ހަމައެހެންމެ، "އެސް.އޯ.އެފް އިން ގަނެފައިވާ ޑޮލަރުގެ މުޢާމަލާތެއް. ދެން ޙަޤީޤަތަކީ އަޅުގަނޑުގެ މުޢާމަލާތެއްވެސް ނޫން އޭގަ އަޅުގަނޑު އިންވޯލްވެ އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާވީމާ، މީގެ ގޯސްވަނީ. އެޑޮލަރ މުޢާމަލާތުގެ އަޞްލު ވެރިފަރާތަކީ ކާކު ކަމާއި އަދި އަޅުގަނޑުގެ އެކައުންޓަށް..." މިމޭރުމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢާޡިމް ދެއްކި ވާހަކަތަކުން އަންގައިދެނީ، ދަޢުވާގައި ބަޔާން ކުރާ ޑޮލަރުގެ މުޢާމަލާތު ޢާޘިމްގެ އެކައުންޓު މެދުވެރިކޮށް ހިންގާފައިވާ ކަމެވެ. އެމުޢާމަލާތުގެ ވެރިފަރާތް ސާބިތުކޮށްދިނުން އޮންނާނީ މިދަޢުވާގެ ދިފާޢުގެ ތެރޭގައެވެ. ވީމާ ތަޙްޤީޤު ކުރިގޮތާއި ގުޅުވައިގެން ނެގި އިޖުރާއީ ނުކުތާއަކުން މިދަޢުވާ ކޯޓުން ބޭރުވެގެން ނުވާނެކަން ޢާޘިމްގެ މިވާހަކަ ތަކުން ސާފުވެއެވެ.
ނިންމަން ފެންނަ ގޮތް
41ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު15/2024/(813,815,816,817-2020)/145-B7/SHN ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުން ބާޠިލު ކުރަންޖެހެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު
42މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދު ކުރަމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު
43މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް ތާއިދު ކުރަމެވެ.
ޙުކުމް
ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރ 145-B7/SHN/(813,815,816,817-2020)/2024/15 ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ޢަބުދުﷲ ޢާޘިމްގެ މައްޗަށް ޕްރޮސިކިއުޝަނުން އުފުލާފައިވާ މިޤަޟިއްޔާގައި ޙަވާލާދެވޭ 04 (ހަތަރެއް) ދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް އަންގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޝިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ފަނޑިޔާރު މުޙައްމަދު ނިޔާޒް (ރިޔާސަތް) ފަނޑިޔާރު ޙުސައިން މަޒީދު
ފުޓްނޯޓު
- ދރކ. ނަންބަރު
- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ދަޢުވާ ހުށަހަޅާ ފޯމް
- ރިޝްވަތު ހިފުން
- މަނީ ލޯންޑްރިންގ
- ރިޝްވަތު ހިފުން
- މަނީ ލޯންޑްރިންގ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 76، 80، 117 ވަނަ މާއްދާ އަދި 119 ވަނަ މާއްދާގެ (ހ) ގެ (1) އަދި (3)
- ޤާނޫނު ނަންބަރު 4/2019 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާ، 6 ވަނަ މާއްދާގެ (ރ)، 9 ވަނަ މާއްދާގެ (ހ)، 10 ވަނަ މާއްދާ
- ރިޔާސީ ޤަރާރު ނަންބަރު 14/2018 އަދި 16/2018 (ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާ
- ގަވާއިދު ނަންބަރު 2019/R-1052 (ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު) ގެ 160 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 2 އަދި 24 ވަނަ މާއްދާ (ދަޢުވާގެ އަސާސް)
- ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާ (ދަޢުވާގެ އަސާސް)
- ހައިކޯޓުގެ 2022/HC-B12/115 (އަޙްމަދު ނިހާން ޙުސައިންމަނިކު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) (ދައުލަތުން ހަވާލާދީ)
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.