ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/01ސުޕްރީމް ކޯޓު · 19 އޮކްޓޫބަރު 2017

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 އޮކްޓޫބަރު 2017ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2014/SC-A/01

ދަޢުވާކުރާ ފަރާތް: އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް

ދަޢުވާލިބޭ ފަރާތް: އިސްމާޢީލް ރަފީޢު

މައްސަލައިގެ ބާވަތް: ފައިސާ ހޯދުން

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 06 އޮކްޓޯބަރ 2013

ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖެނުވަރީ 2014

ނިމުނު ތާރީޚް: 19 އޮކްޓޯބަރ 2017

މައްސަލަ ނިންމި ގަޑި: 14:50

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

އިސްތިއުނާފުކުރެވުނު ޤަޟިއްޔާ

ނަންބަރު: 2012/HC-A/238

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ހުށަހެޅުނު ތާރީޚް: 09 އޮގަސްޓް 2012

ނިމުނު ތާރީޚް: 27 މެއި 2013

މައްސަލައިގެ ޚުލާސާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާއިން، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އިސްމާޢީލް ރަފީޢު ކުޅަ ދަޢުވާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، އެ ދަޢުވާގައި ހިމެނޭ ބިލްތަކަށް އެއްބަސްވެވިފައިވާ ގޮތުގެ މަތިން ފައިސާ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާ ޝަރީޢަތުން ނަގައިދެވެން ނެތްކަމަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ބާޠިލްކުރުމާއެކު ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކުރެވިފައިވާ ސަބަބުތަކަށް ރިޢާޔަތްކޮށް އެއްބަސްވެފައިވާ ގޮތުގެމަތިން އެ ބިލްތަކަށް ފައިސާ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ، ޤާނޫނީ ހަމަތަކުގެ މަތިން ނަގައިދެވޭނެ ފައިސާއެއްކަމުގައި ކަނޑައަޅައި، ހައިކޯޓުގެ އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އެ 04 ބިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން 20 އޮގަސްޓް 2011 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ ފައިސާ، އެކުޖުމްލަ އެ ބިލްތަކަށް ފައިސާ ނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ، ޤާނޫނީ ހަމަތަކުގެ މަތިން ނަގައިދެވޭނެ ފައިސާއެއްކަމުގައި ކަނޑައަޅައި، ހައިކޯޓުގެ މި ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 04 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އެ 04 ބިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން 20 އޮގަސްޓް 2011 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ ފައިސާ، ޖުމްލަ 3,730,492/-ރ. (ތިން މިލިޔަން ހަތް ލައްކަ ތިރީސްހާސް ހަތަރުސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަކީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މި ފައިސާ އިސްމާޢިލް ރަފީޢު އަށް ލިބިދިނުމަށްޓަކައި 27 މެއި 2013 އިން ފެށިގެން މަސް ހަމަކޮށް، ކޮންމެ މަހަކު 414,499/- ރ. (ހަތަރު ލައްކަ ސާދަހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ހައިކޯޓުން ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމަށްބުނެ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން، ބެލެވިފައިވާ މައްސަލައެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ލިބުނީ ލ. މާވަށް، ވިކްޓަރީހައުސް، އިސްމާޢީލް ރަފީޢު އަށެވެ.

ފާހަގަކުރެވުނު ނުކުތާތައް

1- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގައި އެ ކޯޓުން ކޮށްފައިވާ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާއި ޤާނޫނާ ޚިލާފުވާ ގޮތަށް ކަމަށް ބުނެ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށާއި، މި މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކުގެ މައްޗަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ މައްޗަށާއި، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށް، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.

(ހ) ފުރަތަމަ ކަމަކީ، ލ. މާވަށް، ވިކްޓްރީހައުސް، އިސްމާޢީލް ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރަމުން ފާހަގަކޮށްފައިވަނީ މުޅި ޖުމްލަ 6 ނުކުތާކަމަށްވާއިރު، އޭގެ ތެރެއިން އެއްވެސް ނުކުތާއެއްގައި، "މިފަދަ ވިޔަފާރި މުޢާމަލާތުތަކުގައި ޢާންމުވެފައިވާ ޢުރުފަށް" ބަލައި އެއްވެސް ނިންމުމެއް ނިންމަވައި ދެއްވުމަށް އެދިފައި ނުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބައްލަވައި ފައިޞަލާކުރެއްވިއިރު، ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާ (11 ވަނަ ޞަފްޙާ) ގައި " މިފަދަ މުޢާމަލާތް ތަކުގައި ޢާންމުވެފައިވާ ޢުރުފަށް" ބަލަންޖެހޭނެކަމަށް ކަނޑައަޅުއްވައި، ޖޫރިމަނާގެ ފައިސާ ދެއްކުމަށް ނިންމަވާފައިވާ ނިންމެވުމަކީ، ނޭދޭކަމަކަށް ދެވިފައިވާ ފަރުވާއަކަށް ވާތީއާއި، ނުވަތަ، ދަޢުވާކުރާ ފަރާތުން ކޮށްފައިނުވާ ދަޢުވާއަކަށް ކުރެވިފައިވާ ޙުކުމެއްކަމަށްވާތީ އާއި، މިނުކުތާއަކީ ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ދިޔައިރުވެސް ނަގާފައިވާ ނުކުތާއަކަށް ނުވާތީ، ޢުރުފަށް ރިޢާޔަތް ކުރެވިގެން ކަމަށް ބަޔާންކޮށް ނިންމަވާފައިވާ ހައިކޯޓުގެ ނިންމެވުމަކީ، ނޭދޭކަމަކަށް ދެވިފައިވާ ފަރުވާއަކަށްވާތީއާއި، ނޭދޭކަމަކަށް ފަރުވާދީގެން ނުވާނެކަމަށް ބަޔާންކުރާ ޤާޢިދާއަކީ، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ އުޞޫލަކަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ނިންމެވުމެއްކަމަށް ބުނެ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ށ) ދެވަނަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެ ޙުކުމުގައި، އެއްބަސްވެފައިވާ ގޮތުގެމަތީން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ބިލްތަކަށް ފައިސާނުދެއްކުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާއަކީ ޤާނޫނީ ހަމަތަކުގެ މަތިން ނަގައިދެވޭނެ ފައިސާއެއްކަމަށާއި އެ ޙުކުމުގައި އެގޮތަށް ކަނޑައަޅާފައިވާ ސަބަބުތަކަކީ އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (4) ވަނަ ނަންބަރުގެ (ނ) ގައި ބަޔާންކުރެވިފައިވާ ސަބަބުތައް ކަމާއި، އަދި އެ ޙުކުމުގައި އެ 04 ބިލަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން 20 އޮގަސްޓް 2011 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ ފައިސާ، އެކު ޖުމްލަ ނުދެއްކުމުގެ ސަބަބުން 20 އޮގަސްޓް 2011 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ ފައިސާ، އެކު ޖުމްލަ 3,730,492/-ރ. (ތިންމިލިޔަން ހަތްލައްކަ ތިރީސްހާސް ހަތަރުސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަކީ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއް ކަމަށާއި މި ފައިސާ އިސްމާޢިލް ރަފީޢު (ދ.ރ.ކާޑް އަށް ލިބިދިނުމަށްޓަކައި، 27 މެއި 2013 އިން ފެށިގެން މަސްހަމަކޮށް ކޮންމެ މަހަކު 414,499/-ރ. (ހަތަރުލައްކަ ސާދަހާސް ހަތަރުސަތޭކަ ނުވަދިހަ ނުވަ ރުފިޔާ) ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޙުކުމްކޮށްފައިވާ ކަމާއި، އެ ޙުކުމް ބިނާކޮށްފައިވަނީ އެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކުރެވިފައިވާ ސަބަބުތަކުގެ މައްޗަށްކަން އެނގެން އޮންނަކަމާއި، އެގޮތުން ހައިކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) އަށް ބަލާއިރު، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ތެލުގެ ބާވަތްތައް ގަތުމަށް ބޭނުންވުމުން، އެންމެ ފުރަތަމަވެސް އެ ކުންފުނީގެ ފަރާތުން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އަށް ފޮނުވަނީ އެ ކުންފުނީގެ ޕާރޗޭސް އޯޑަރެއްކަމާއި، އެ ޕާރޗޭސް އޯޑަރާ އެއްގޮތަށް ތެލުގެ ބާވަތްތައް އައި. އާރް. ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ޑެލިވަރ ކޮށްދެނީ ކަމާއި، މިއީ ލިޔެކިޔުމުން ފެންނަން އޮންނަ މިންވަރުކަމުން ޕާރޗޭސް އޯޑަރއަކީ ތެޔޮ ވިއްކުމަށް އެދި ހުށަހެޅުނު ހުށަހެޅުން ކަމާއި އަދި ޑެލިވަރ ކޮށްދިނުމަކީ އެކަން ޢަމަލީ ގޮތުން ޤަބޫލުކުރުން ކަމުގައި ކޮންޓްރެކްޓްގެ ޢާއްމު ޤާޢިދާތަކުގެ މަތިން ބެލެވޭކަމާއި، އަދި ފޮނުވޭ ޕާރޗޭސް އޯޑަރގައި ގަންނަން ބޭނުންވާ ތެލުގެ ބާވަތްތަކުގެ މިންވަރުތަކާއި، އަގުތައް ވަކިވަކިން ބަޔާންކުރެވިފައި ވުމުންނާއި، ތެޔޮވިއްކާފައިވަނީވެސް އެމިންވަރުތަކަށް އެ އަގުތަކަށް އަދި އެބާވަތްތަކަށްކަން ޑެލިވަރީ ނޯޓުންނާއި ފައިސާއާއި ތަކެތީގެ ބިލުން ސާފުކޮށް އެނގެން އޮންނާތީ، އެ މުޢާމަލާތާ ގުޅިގެން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ޕާރޗޭސް އޯޑަރ ގައިވާ ހުށަހެޅުމުގެ މައްޗަށް ވެފައިވާ އެއްބަސްވުމެއްކަމާއި، އަދި ޑެލިވަރީ ނޯޓުގައިވާ ގޮތުގެމަތިން ތެޔޮ ޑެލިވަރކުރާ ހިސާބުން އެއްބަސްވުމުގެ މާއްދާތައް ފުރިހަމަ ވާނެކަމާއި، އެހެންކަމުން ތެޔޮ ޑެލިވަރ ކުރުމަށްފަހު ނުވަތަ ޑެލިވަރީއާއެކު އެކީގައި ފޮނުވާ ބިލުގައި ދެފަރާތުގެ ދެމެދުގައި ކުރިން ވާހަކަ ދެކެވި އެއްބަސްވެފައިނުވާ ޝަރުޠެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެ ޝަރުޠަކީ ޢާއްމު އުސޫލެއްގެ ގޮތުން އެހުށަހެޅުމުގެ މައްޗަށްވެވުނު އެއްބަސްވުމެއްގެ ބައެއް ކަމަށް ނުބެލެވޭނެކަމާއި،

އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/292 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން އެއްބަސްވުމުގައި އެއްބަސްވުމަށް ބަދަލުގެނެވޭނޭ ވަކި ޚާއްޞަ ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެއްބަސްވުމުގެ ބައިވެރިން ޢަމަލުކުރާ ގޮތުން އެއްބަސްވުމަށް ބަދަލު ގެނެވިދާނެކަމާއި، މިގޮތުން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މުޅި މުޢާމަލާތާ ގުޅޭގޮތުން ލިޔެކިޔުމުން ވެވިފައިވާ އެއްބަސްވުމެއް ވުޖޫދުވެފައި ނެތްއިރު، މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ ތެޔޮ ގަނެވިއްކުމުގެ އެންމެހައި މުޢާމަލާތަށްބަލާއިރު، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން އައި.އާރް.ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ތެލުގެ ބާވަތް ޑެލިވަރ ކުރުމަށްފަހު ޙަވާލުކުރެވޭ ކޮންމެ ބިލެއްގައިވެސް މި މައްސަލައިގައި ހިމެނޭ ބިލްތަކުގައި ބަޔާންކޮށްފައިވާ އިސްވެ ދެންނެވި 2 ޝަރުޠު ހިމެނިފައިވާ ކަމާއި، އަދި އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ބިލުތަކާ ޙަވާލުވާ ފަރާތަކީ އެބިލުގައިވާ ޖޫރިމަނާ ކުރުމުގެ ޝަރުޠު ޤަބޫލުކުރުމާއި ނުކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ، އަދި ތެލުގެ މުޢާމަލާތާ ގުޅިގެން އޮޅުވެލި ލާމް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއި، އައި. އާރް. ސްޓޯރ (އިސްމާޢިލް ރަފީޢު) އާ ދެމެދު އެއްބަސްވެފައިވާ ކަންތައްތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރާއި ބާރު ލިބިފައިވާފަދަ މަޤާމެއްގައި ތިބި ފަރާތްތަކަކަށް ނުވިނަމަވެސް، މިފަދަ ވިޔަފާރީގެ މުޢާމަލާތްތަކުގެ ޢާއްމުވެފައިވާ ޢުރުފަށްބަލާއިރު، މުދަލަކަށް އޯޑަރ ދިނުމުން އެ އޯޑަރާ އެއްގޮތަށް މުދާ ޑެލިވަރ ކުރުމަށްފަހު، ފައިސާގެ ބިލް ޙަވާލުކުރުމުން އެ ބިލެއް ބަލައިގަތުމާއެކު އެތަނެއްގައި ހަމަޖެހިފައި އޮންނަ ޢާއްމު އުޞޫލާ އެއްގޮތުގެ މަތިން ކަމާބެހޭ ވެރިންނާ ހަމައަށް އެކަށީގެންވާ އަވަސްމިނެއްގައި އެބިލެއް ލިބޭނެކަމަށް ޤަބޫލު ކުރަންޖެހޭ ކަމާއި، އަދި ކަމާބެހޭ ވެރިން އެބިލް ބެލުމަށްފަހު، ކުރިން އެއްބަސްވެފައިނުވާ ޝަރުޠެއް ނުވަތަ އެނޫންވެސް އެހެން ކަމެއް އެބިލްގައިވާނަމަ، އެކަމެއް ވީ އެންމެ އަވަހަކަށް ޙައްލުކުރަން މަސައްކަތްކުރަން ޖެހޭކަމާއި، އެފަދަ ކަމެއް ފާހަގަ ނުކޮށް، އަދި އެފަދަ ކަމެއް އުޅޭކަމުގެ މަޢުލޫމާތު ބިލް ފޮނުވި ފަރާތާ ޙިއްޞާނުކޮށް ތިބެފިނަމަ ބެލެވޭނީ، އެބިލެއް އެ އޮތްގޮތަށް ޤަބޫލު ކުރިކުރުމެއް ކަމުގައި ނޫނީ ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ނުފެންނައިރު، މި މައްސަލައިގައި ހިމެނޭ ބިލްތަކާމެދު އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްވެ ދެންނެވި ގޮތުގެމަތީން ޢަމަލުކޮށްފައިނުވާކަން ސާފުކޮށް އެނގޭކަމާއި،

އެހެންކަމުން މި މައްސަލައިގައި ވާހަކަ މިދެކެވޭ، އައި. އާރް. ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކޮށްފައިވާ 04 ބިލުންކުރެ ކޮންމެ ބިލެއްގައިވެސް "މި ބިލުގައިވާ ތަކެތި ގެންދެވުމަށްފަހު ބަދަލުކުރެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި ބިލުގައިވާ ފައިސާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ދެއްކެވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ، އިތުރުވާ ކޮންމެ ދުވަހަކަށް ބިލްގައިވާ ޖުމްލަ ޢަދަދުގެ 2% ދައްކަން ވާނެއެވެ." މި ފަދައިން ލިޔެފައިވާ ލިޔުމާއި މެދު އެކުންފުނީގެ ފަރާތުން އިޢުތިރާޟް ކުރުމެއްނެތި ތިބިތިބުމަކީ އެކަން ޟިމްނީ (Implied) ގޮތުން ޤަބޫލުކޮށްގެން ތިބި ތިބުމެއްކަމާއި، އަދި އެކަން އެގޮތަށް ހިނގާފައިވުމަކީ އިސްވެ ދެންނެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/292 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމަށް، އެ އެއްބަސްވުމަށްފަހު ދެފަރާތުގެ ޢަމަލުތައް ހުރިގޮތުން އެއްބަސްވުމަށް ބަދަލުއައިސް، އައި. އާރް. ސްޓޯރ (އިސްމާޢިލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޙަވާލުކޮށްފައިވާ އިސްވެ ބަޔާންކުރެވިފައިވާ 04 ބިލުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކަކީ އެ ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނިފައިވާ އެއަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙުރުމަތްތެރިކޮށް ހިތަންޖެހޭ ޝަރުޠުތަކެއް ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،

އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ރ) ގައި، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައާއި ހައިކޯޓުގެ މި ޤަޟިއްޔާގައި ވާހަކަ މިދެކެވޭ އައި. އާރް. ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ބިލްތަކަށް ފައިސާ ދެއްކިފައި ނުވަނީ އެކުންފުނީގެ ފައިސާ ދައްކަން ބޭނުންވެގެން ފައިސާ ދައްކަން ދިއުމުން ޖޫރިމަނާ ފައިސާއާއެކުގައި ނޫނީ އެ ބިލްތަކަށް ފައިސާ ބަލައި ނުގަންނާނެކަމަށް އައި. އާރް. ސްޓޯރ ( އިސްމާޢީލް ރަފީޢު) ގެ ފަރާތުން ބުނެ އެބިލްތަކަށް ފައިސާ ބަލައިގަތުމަށް އިންކާރުކުރުމުން ކަމަށާއި، ޖޫރިމަނާ ފައިސާ ނުހިމަނާ އެބިލްތަކަށް ފައިސާ ދައްކަން ތިބިކަމަށް އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާއިރު، އައި. އާރް. ސްޓޯރ (އިސްމާޢިލް ރަފީޢު) ގެ ފަރާތުން އެކަމާ އިންކާރުކޮށް ދައްކާފައިވާ ވާހަކައަށް ބަލާއިރު، އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެބިލްތަކަށް ފައިސާ ދެއްކުމަށް އައުމުން ޖޫރިމަނާ ފައިސާއާ އެކުގައި ނޫނީ އެ ބިލްތަކަށް ފައިސާ ބަލައިނުގަންނާނެކަމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ބުނެފައި ނުވާނެކަމަށާއި، ސިވިލް ކޯޓުގައި ދަޢުވާ ކުރުމުގެކުރިން އެ ބިލްތަކަށް ފައިސާ ދެއްކުމަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްވެސް މަސައްކަތެއްވެސް ކޮށްފައި ނުވާކަމަށާއި، އަދި ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި ދަޢުވާ ކުރުމުގެ ކުރިން އެތައްގޮތަކުން އެ ބިލްތަކަށް ފައިސާ ހޯދުމަށް މަސައްކަތް ކުރެވިފައިވާކަމަށާއި، އެގޮތުން ސިވިލް ކޯޓުގައި ދަޢުވާކުރުމުގެ ކުރިން 15 އޯގަސްޓް 2011 ވަނަ ދުވަހު އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ސިޓީއެއް ފޮނުވާ 20 އޯގަސްޓް 2011 ވަނަ ދުވަހާ ހަމައަށް ބިލްތަކަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދެއްކުމަށްވެސް އެންގިފައިވާކަމަށާއި، ނަމަވެސް އެ އެންގުމަށް އިޖާބަ ނުދިނުމުން ސިވިލް ކޯޓަށް ދަޢުވާ ހުށަހަޅާފައިވަނީ 20 ސެޕްޓެމްބަރ 2011 ގައި ކަމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ބުނާ ބުނުން ސާބިތުވާފަދަ ލިޔެކިޔުންތައް މި ޤަޟިއްޔާއާ ގުޅިގެން ހުށަހެޅިފައިވާއިރު،

ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ދަޢުވާކުރުމަށް އެދި ހުށަހެޅުމުގެ ކުރިން އަދި އެ ޤަޟިއްޔާގައި އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ކުރި ދަޢުވާގައި އެ ތާރީޚެއްގެ ނިޔަލަށް ޖޫރިމަނާ ފައިސާގެ ހިސާބު ހަދާފައިވާ 20 އޯގަސްޓް 2011 ގެ ތާރީޚުގެ ކުރިން އެ ފައިސާ ދެއްކުމަށް އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކޮށްފައިވާކަމާއި، އެފަދައިން އެމަސައްކަތް ކުރުމުން އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) އިން ޖޫރިމަނާ ފައިސާއާ އެކުގައި ނޫނީ އެ ބިލްތަކަށް ފައިސާ ބަލައި ގަތުމަށް އިންކާރުކޮށްފައިވާކަން ޝަރީޢަތަށް ސާބިތު ވާފަދަ އެއްވެސް ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަމާއި، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި އެ ބިލްތަކެއްގެ ފައިސާ އާއި އެ ބިލްތަކެއްގެ ފައިސާ ނުދެއްކުމުގެ ސަބަބުން އަރަމުން ދިޔަ ޖޫރިމަނާ ފައިސާ ހޯދުމަށް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހުށަހެޅި ދަޢުވާގައި ހިމެނޭ ބިލްނަންބަރ 2011/152، 2011/195، 2011/210، 2011/220 މި 04 ބިލްގައި ހިމެނޭ މުދަލުގެ އަގުގެ ޖުމްލަތަކާއި، އަދި އެއިން ކޮންމެ ބިލަކަށް ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުން ޖޫރިމަނާ އަރަމުން ގޮސްފައިވާގޮތް އަންގައިދޭ ލިޔުމެއް އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހައިކޯޓުގެ މި ޤަޟިއްޔާއާ ގުޅިގެން ހުށަހަޅާފައިވާކަމާއި، އަދި އެ ލިޔުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޝަރީޢަތުގެ ފަރާތުން ދިނުމަށްފަހު، އެ ލިޔުންތަކުގައި އެ ހަތަރު ބިލްގެ ފައިސާއާއި، އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ އަރާފައިވާ ގޮތުގެ ހިސާބު ހެދުމުގައި އެއްވެސް މައްސަލައެއްވާނަމަ އެކަން ޝަރީޢަތަށް ބަޔާންކޮށްދިނުމަށް ޝަރީޢަތުގެ ފަރާތުން އެދުމުން، އެ ލިޔުންތަކުން އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް އެ ލިޔުން ދިރާސާ ކުރުމަށްފަހު އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،

އެ ކުންފުނީން ފާހަގަކުރާ ހަމައެކަނި ނުކުތާއަކީ، އިޝާރާތް ކުރެވިފައިވާ ބިލްތަކުގައިވާ ޖޫރިމަނާގެ ވާހަކައަކީ އެ ކުންފުންޏާ ވާހަކަ ދައްކައިގެން އެ ކުންފުނީން އެކަމާ އެއްބަސްވެގެން ހިމަނާފައިވާ ކަމަކަށްނުވާތީ، އެ ޖޫރިމަނާ ފައިސާއަކީ އެ ކުންފުނީން ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާކަމާ، އެހެންކަމުން އިސްވެ ބަޔާންކުރެވިފައިވާ ނުކުތާތަކުގައި އެ ނުކުތާއަށް ޝަރީޢަތުން ޖަވާބު ދެވިފައިވާކަމާއި،

އިސްވެ ބަޔާންކުރެވުނު ލިޔުމަށްބަލާއިރު، އައި.އާރ ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާ ނަންބަރު 2011/152 ބިލްގައިވާ ތާރީޚަކީ 08 މާރޗް 2011 ކަމާއި، އެބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ މުއްދަތު ހަމަވިއިރު އެ ބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެ ބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން ފަށާފައިވަނީ 23 މާރޗް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެ ބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް %2 (އިންސައްތައި) ގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 151 ދުވަހަށްކަމާއި، އެއީ ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާ ގައި އައި. އާރ. ސްޓޯރ (އިސްމާޢީލް ރަފީޢު) އިން ދަޢުވާ ހުށަހެޅި ތާރީޚް ކަމުގައިވާ 20 ސެޕްޓެމްބަރ 2011 ގެ އެއްމަސްދުވަސް ކުރީގެ ތާރީޚެއް ކަމާއި، އެ ބިލުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ333,500/- ރ. (ތިންލައްކަ ތިރީސް ތިންހާސް ފަސްސަތޭކަ) ރުފިޔާ ކަމާއި، މިޢަދަދުގެ 2% އިންސައްތައަކީ 6,670/-ރ. (ހަހާސް ހަސަތޭކަ ހަތްދިހަ) ރުފިޔާ ކަމާއި، އެހެންކަމުން 151 ދުވަހަށް އެ ބިލުގެ ޖޫރިމަނާގެ ގޮތުގައި 1007,170/-ރ. (އެއްމިލިޔަން ހަތްހާސް އެއްސަތޭކަ ހަތްދިހަ) ރުފިޔާ އަރާފައިވާކަމާއި،

މީގެއިތުރުން އައި. އާރ. ސްޓޯރ (އިސްމާޢީލް ރަފީޢު) ގެ ފަރާތުން އޮޅުވެލި ލާމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވާ ނަންބަރު 2011/195 ބިލަށް ބަލާއިރު، އެ ބިލް ކުރެވިފައިވާ ތާރީޚަކީ 17 މާރޗް 2011 ކަމާއި، އެ ބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ މުއްދަތު ހަމަވިއިރު އެ ބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެ ބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން ފަށާފައިވަނީ 01 އޭޕްރީލް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެ ބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް 2% އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 142 ދުވަހަށްކަމާއި، އެ ބިލުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ 357,050/-ރ. (ތިއްލައްކަ ފަންސާސް ހަތްހާސް ފަންސާސް) ރުފިޔާ ކަމާއި، މި ޢަދަދުގެ 2% އިންސައްތައަކީ 7,141/-ރ. )ހަތްހާސް އެއްސަތޭކަ ސާޅީސް އެކެއް( ރުފިޔާ ކަމާއި، އެހެންކަމުން 142 ދުވަހަށް އެ ބިލުގެ ޖޫރިމަނާގެ ގޮތުގައި1,014,022/- ރ. (އެއްމިލިޔަން ސާދަހާސް ބާވީސް( ރުފިޔާ އަރާފައިވާކަމާއި،

އަދި އައި. އާރ. ސްޓޯރ )އިސްމާޢީލް ރަފީޢު( ގެ ފަރާތުން ހުށަހަޅާފައިވާ ތިންވަނަ ބިލަށް ބަލާއިރު، އެ ބިލަކީ ނަންބަރު 2011/210 ބިލްކަމާއި، ބިލް ކުރެވިފައިވާ ތާރީޚަކީ 31 މާރޗް 2011 ކަމާއި، އެ ބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ މުއްދަތު ހަމަވިއިރު އެ ބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން ފަށާފައިވަނީ 15 އޭޕްރީލް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް %2 އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 128 ދުވަހަށްކަމާއި، އެ ބިލުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ 300,200/-ރ. (ތިންލައްކަ ދުއިސައްތަ) ރުފިޔާ ކަމާއި، މި ޢަދަދުގެ 2% އިންސައްތައަކީ /-6004ރ. (ހަހާސް ހަތަރު( ރުފިޔާ ކަމާއި، އެހެންކަމުން 128 ދުވަހަށް އެ ބިލުގެ ޖޫރިމަނާގެ ގޮތުގައި 768,512/-ރ. (ހަތްލައްކަ ފަސްދޮޅަސް އަށްހާސް ފަސްސަތޭކަ ބާރަ) ރުފިޔާ އަރާފައިވާކަމާއި،

އަދި ހަތަރުވަނަ ބިލްކަމުގައިވާ، ބިލް ނަންބަރު 2011/220 އަށް ބަލާއިރު، ބިލް ކުރެވިފައިވާ ތާރީޚަކީ 04 އޭޕްރީލް 2011 ކަމާއި، އެ ބިލްގައިވާ މުދާ ކްރެޑިޓަށް ދޫކުރެވިފައިވާ މުއްދަތަކީ 15 ދުވަސް ކަމާއި، އެ މުއްދަތު ހަމަވިއިރު އެ ބިލްގައިވާ ފައިސާ ދައްކާފައިނުވާތީ، އެ ބިލްގައި ލިޔެފައިވާފަދައިން ޖޫރިމަނާ ކުރަން ފަށާފައިވަނީ 19 އޭޕްރީލް 2011 ވަނަ ދުވަހުން ފެށިގެން ކަމާއި، އަދި އެ ބިލަށް ޖޫރިމަނާ ކޮށްފައިވަނީ ބިލްގެ ޖުމްލަ ފައިސާގެ ޢަދަދުން ދުވާލަކަށް 2% އިންސައްތައިގެ ރޭޓުން 20 އޯގަސްޓް 2011 ގެ ނިޔަލަށްވާ 124 ދުވަހަށްކަމާއި، އެ ބިލުގައިވާ މުދަލުގެ އަގުގެ ޖުމްލައަކީ 379,350/-ރ. ( ތިންލައްކަ ހަތްދިހަ ނުވަހާސް ތިންސަތޭކަ ފަންސާސް) ރުފިޔާ ކަމާއި، މި ޢަދަދުގެ 2% އިންސައްތައަކީ 7587/-ރ. (ހަތްހާސް ފަސްސަތޭކަ އަށްޑިހަ ހަތެއް) ރުފިޔާ ކަމާއި، އެހެންކަމުން 124 ދުވަހަށް އެ ބިލުގެ ޖޫރިމަނާގެ ގޮތުގައި 940,788/-ރ. (ނުވަލައްކަ ސާޅީސް ހާސް ހަތްސަތޭކަ އަށްޑިހަ އަށެއް) ރުފިޔާ އަރާފައިވާކަމާއި، މިކަންކަން އައި.އާރ ސްޓޯރ )އިސްމާޢީލް ރަފީޢު) ގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާންކުރެވުނު ލިޔެކިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011ޤަޟިއްޔާގައި އިސްމާޢީލް ރަފީޢު ކޮށްފައިވާ ދަޢުވާގައި، 04 ބިލުގައިވާ ފައިސާ ހޯދުމުގެ އިތުރަށް އެ ބިލްތަކުގައިވާ ފައިސާ އެ ބިލްތަކުގެ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ފައިސާ ނުދައްކައި އިތުރުވާ ކޮންމެ ދުވަހަކަށް އެ ބިލްތަކުގެ ތެރެއިން ކޮންމެ ބިލެއްގެ ޖުމްލަ ޢަދަދުގެ 2% (ދޭއް އިންސައްތަ) ގެ ޖޫރިމަނާ ކުރެވޭނެކަމަށް އޮތް، ޖޫރިމަނާގެ ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާކަމާއި، އަދި އެ ޖޫރިމަނާގެ ފައިސާ ހޯދުމަށް އެދި ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވާއިރު، އެ ޖޫރިމަނާގެ ފައިސާ ލިބިދިނުމަށް ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ، އިސްމާޢިލް ރަފީޢުގެ ފަރާތުން ނޭދޭ ކަމެއްގެ މައްޗަށް ކަމަށް ޠަޢުނު ކުރުމުގެ ޖާގައެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

(ރ) ހަތަރުވަނަ ކަމަކީ، ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ދެފަރާތުގެ ދެމެދުގައި ކުރެވޭ ކޮންޓްރެކްޓުގެ މައިގަނޑު އަސާސަކީ، އެ ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމާއި ޤަބޫލު، އެ ކޮންޓްރެކްޓް ކުރުމުގެ މައްޗަށް އޮންނައޮތުން ކަމަށްވާއިރު، ރުހުމާއި ޤަބޫލު އުފެދެނީ ކޮންޓްރެކްޓްގެ ދެބައިވެރިންގެ ތެރެއިން އެއް ބައިވެރިޔާ ބޭނުން ވާގޮތް، އަނެއް ބައިވެރިޔާ ބޭނުންވާގޮތާ އެއްގޮތް ވެގެން ދިއުމުން ކަމަށްވާއިރު، ކޮންޓްރެކްޓްގެ އެއް ބައިވެރިއަކު ހުށަހަޅާ ހުށަހެޅުމާ އެއްގޮތަށް ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާގެ ރުހުމާއި ޤަބޫލު އޮތުން އެއީ ކޮންޓްރެކްޓް ޞައްޙަވެގެން ދިއުމަށްޓަކައި ބޭނުންވާ އަސާސީ ރުކުނެއް ކަމަށްވާއިރު، ކޮންޓްރެކްޓްގެ އީޖާބު ނުވަތަ ހުށަހެޅުން ހުށަހަޅަންޖެހޭ ފަރާތުން، ވާހަކަ ދެއްކުމަށް ކުޅަދާނަ ވެގެންވާ ޙާލަތުގައި ސުކޫތުވެގެން ނުވަތަ ހަނުހުރެގެން އީޖާބު ނުވަތަ ހުށަހެޅުން ޙާޞިލުވާނެ ކަމުގެ ތަޞައްވުރެއް ނެތްކަމާއި، އަދި ހަމައެހެންމެ ޢާންމުގޮތެއްގައި، ވަކިކަމަކާ ގުޅިލާމެހިފައިވާ އެއްވެސް ޙާލަތަކާއި ގުޅުމަކާ ނުލައި ހަމައެކަނި ސުކޫތުވެގެން ނުވަތަ ހަނުހުރެގެން ހުންނަ ހުރުމަކީ، ޤަބޫލުވުމެއް ކަމުގައިވެސް ނުބެލެވޭނެކަމާއި، އެއީ، ކޮންޓްރެކްޓްގެ ބައިވެރިން ބޭނުންވާގޮތް ބަޔާންކުރުމަކީ، އީޖާބީ ޢަމަލެއް ކަމުގައި ވެފައި ސުކޫތު ވުމަކީ، ސަލްބީ ކަމަކަށް ވާތީ ކަމާއި، މިހެންވެ، ވާހަކަ ދެއްކުމުގެ ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ހުރުމާއެކު ހަނުހުންނަ ހުރުމުގެ ޢާއްމު ޤާޢިދާއެއް އިސްލާމީ ޝަރީޢަތުގެ ފިޤުހު ޢިލްމްވެރިން ކަނޑައަޅާފައި ވާކަމާއި، އެޤާޢިދަކީ "لاينسب لساكت قول" ނުވަތަ "ސުކޫތު ވެގެން ހުންނަ މީހާއަށް އެއްވެސް ބަހެއް ނިސްބަތެއް ނުކުރެވޭނެއެވެ." މިފަދައިން ބުނާ ޢާންމު ޤާޢިދާ ކަމާއި ނަމަވެސް މި ޤާޢިދާއަށް އިސްތިސްނާއެއް ވާކަމާއި އެ އިސްތިސްނާގައި ބުނަނީ "ولكنّ السكوت فى معرض الحاجة بيان" ނުވަތަ "ނަމަވެސް ކަމެއް ސާފުކޮށް ބަޔާންކޮށްދޭންޖެހޭ މަޤާމެއްގައި ސުކޫތުވެގެން ހުންނަ ހުރުމަކީ ބަޔާންކޮށްދޭ ބަޔާންކޮށްދިނުމެކެވެ." މިފަދައިންކަން އެނގެން އޮންނަ ކަމާއި، އެހެން ކަމުން ޢާންމު ޤާޢިދާއަކީ ވަކި ކަމަކާ ގުޅިލާމެހިފައިވާ އެއްވެސް ޙާލަތަކާ ގުޅުމެއް ނެތި ހަމައެކަނި ސުކޫތުވެގެން ހުންނަހުރުމަކީ ޤަބޫލުވުމެއްކަމުގައި ނުބެލެވުންކަމަށް ވިއަސް އިސްލާމީ ފިޤުހުގެ އަޙްކާމުތަކާއި ދަލީލުތަކާއި ފިޤުހުވެރިންގެ ރައުޔުތަކުގެ މައްޗަށް ބަލާއިރު، ފިޤުހުވެރީން މި ޢާންމު ޤާޢިދާއަށް އޮތް އިސްތިޘްނާއެއްގެ ގޮތުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިސްތިސްނާގެ ދަށުން ކޮންޓްރެކްޓްގެ އީޖާބު ނުވަތަ ހުށަހެޅުން ހުށަހެޅި ފަރާތުން، އެ އީޖާބާ ގުޅޭ ގޮތުން އެ އީޖާބު ރައްދުވި ފަރާތުގެ ޤަބޫލުވުން، ޞަރީޙަވެގެން އައުމަށް އިންތިޒާރު ނުކުރާ ކަމުގެ މައްޗަށް އެ މުޢާމަލާތެއްގެ ޠަބީޢަތުން، ނުވަތަ އެ ވިޔަފާރީއެއްގެ ޢުރުފުން ނުވަތަ އެނޫން އެހެން ޙާލަތްތަކަކުން ދަލީލު ލިބޭ ކަމުގައި ވާނަމަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ހުށަހެޅި ފަރާތުގެ ހުށަހެޅުމަށް، އެ ހުށަހެޅުން ޤަބޫލު ކުރަންޖެހޭ ފަރާތުން އެހުށަހެޅުން ހުށަހެޅިފައިވާކަން އެނގި ހުރެ އެ ހުށަހެޅުން ޤަބޫލު ނުކުރާކަން ނާންގައި ސުކޫތުވެގެން ހުރިކަމުގައި ވިޔަސް ހުށަހެޅި ހުށަހެޅުން ޟިމްނީކޮށް ޤަބޫލުކޮށްފައިވާކަމަށް ބެލެވޭފަދަ ޤަރީނާތަކެއް ހުރެއްޖެނަމަ، އެ ކޮންޓްރެކްޓް ފުރިހަމަވެފައިވާ ކަމުގައި ބަލަންޖެހޭކަން އެނގެން އޮންނަ އޮތުމެވެ.

(ބ) ފަސްވަނަ ކަމަކީ، އެކި އެކި ފަރާތްތަކުގެ މެދުގައި ހިންގާ މަދަނީ މުޢާމަލާތްތަކާ ގުޅިގެން ކުރެވޭ ކޮންޓްރެކްޓްތަކުގެ ދަށުން އުފެދޭ އިލްތިޒާމްތައް ފުރިހަމައަށް، އަދާކުރަމުން ދިއުމަށް ބާރުއެޅުމުގެ ގޮތުން ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ ޖަޒާއީ ޝަރުޠުތައް އެ ކޮންޓްރެކްޓްތަކުގައި ހިމެނުން އެ ކޮންޓްރެކްޓްތަކުގެ ބައިވެރިންގެ މައްޗަށް މަނާވާ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތުމާއި އިސްލާމީ ޝަރީޢަތުގައި ހުއްދަކުރެވިފައިވާ ތިންބާވަތުގެ ޝަރުޠުގެ ތެރެއިން މީސްތަކުންގެ މެދުގައި ޢުރުފެއްގެ ގޮތުގައި އިސްތިޤުރާރުވެފައިވާ ޝަރުޠުތަކުގެ ތެރޭގައި ޖަޒާއީ ޝަރުޠު ހިމެނޭތީއާއި، ޝަރުޠު ޖަޒާއީ އަކީ ކޮންޓްރެކްޓްގެ އެއް ބައިވެރިއެއްގެ މައްޗަށް ކޮންޓްރެކްޓުގެ ދަށުން ލާޒިމުވާކަމެއް ތަންފީޒުނުކުރުމުން ނުވަތަ ތަންފީޒުކުރުން ލަސްކުރުމުން އެކަމުން ގެއްލުންވި އަނެއްބައިވެރިޔާއަށް ޙައްޤުވާ ބަދަލުގެ މިންވަރު ވަޒަންކުރުމުގެ މައްޗަށް ވެވޭ އެއްބަސްވުމެއް ކަމުގައިވެފައި، މި މައުޟޫޢުގައި އިސްލާމީ ފިޤްހުގައި ހުރި އަޙްކާމްތަކާއި ދަލީލުތަކުގެ މައްޗަށް ރިޢާޔަތްކުރާއިރު، އިސްލާމީ ޝަރީޢަތުގައި އަސްލު އިލްތިޒާމަކީ "އައްދައިނު" (ދަރަނި) އަކަށް ވުމުން ރިބާއަކަށް ނުވާ އެންމެހައި މާލީ ޢަޤުދުތަކުގައި ޝަރުޠު ޖަޒާއީއަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެންވާ ޝަރުޠެއްކަން އެނގެން އޮތުމުގެ އިތުރަށް، ކޮންޓްރެކްޓަކީ ޤާނޫނަކުން ވަކި ގޮތަކަށް އޮތުން ލާޒިމުނުކުރާހާ ހިނދަކު ވަކި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗަކަށް ނުވާތީ ކޮންޓްރެކްޓެއްގެ އީޖާބާއި ޤަބޫލު ފުރިހަމަކުރެވިފައިވަނީ އަނގަބަހުން އެއް ފަރާތަކުން ހުށަހަޅާ ހުށަހެޅުމަކަށް އަނެއް ފަރާތުން އަނގަބަހުން އިޖާބަދީގެން ކަމުގައިވިޔަސް ނުވަތަ އެއް ފަރާތުން ލިޔެ ހުށަހަޅާ ހުށަހެޅުމަކުން ލިޔުމުން އިޖާބަދިނުމުގެ މައްޗަށްކަމުގައިވިޔަސް ނުވަތަ ޢަމަލީގޮތުން ކުރާ ކަމަކުން ހުށަހަޅާ ހުށަހެޅުމަކަށް އިޖާބަދިނުމުގެ ގޮތުން އަނެއް ފަރާތަކުން ކުރާ ޢަމަލެއްގެ ޒަރީއާއިން ކަމުގައިވިޔަސް، ނުވަތަ ކޮންޓްރެކްޓެއްގެ އީޖާބާއި ޤަބޫލު ފުރިހަމަވެފައިވަނީ ދެފަރާތެއްގެ ދެމެދުގައި ބަދަލުކުރެވިފައިވާ މާނަ ދޭހަވާ އިޝާރާތުގެ ޒަރީއާއިން ކަމުގައިވިޔަސް، މިފަދަ ކޮންމެ ޙާލަތެއްގައިވެސް ކޮންޓްރެކްޓްކުރެވުނީ ކަމުގައި ބެލެވޭނެކަމާއި އަދި އެއް ފަރާތުން ހުށަހަޅާ ހުށަހެޅުމަކަށް ޞަރީޙަ ބަހުން އިޖާބަދިނުމަކާ ނުލައި، އެ ހުށަހެޅުން ރައްދުވީ ފަރާތުން އެ ހުށަހެޅުން ބަލައިގަނެފައިވާ ކަން ދޭހަވާގޮތަކަށް ޢަމަލުކުރުމަކީވެސް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ އިތުރުން ޤާނޫނު ނަންބަރު 91/4 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 20 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާ ގޮތުންވެސް އެ ހުށަހެޅުން ޤަބޫލުކުރެވުނީކަމަށް ބެލެވެންޖެހޭނެ ކަމެއްކަން އެނގެންއޮންނާތީ ކޮންޓްރެކްޓެއްގެ ދެ ބައިވެރިންގެ ތެރެއިން އެކަކު ހުށަހަޅާ ހުށަހެޅުމެއް، އެ ހުށަހެޅުން ރައްދުވި ފަރާތުން ބަލައިގަނެފައިވާކަން ދޭހަވާގޮތަށް ޢަމަލުކުރުމަށްފަހު އަނގަބަހުން ނުވަތަ ލިޔުމުން އެ ކޮންޓްރެކްޓެއްގެ އީޖާބާއި ޤަބޫލު ފުރިހަމަނުވާކަމަށް ބުނެ ކުރީގައި ޟިމްނީގޮތުން ޤަބޫލުކޮށްފައިވާކަން ދޭހަވާ ކޮންޓްރެކްޓެއްގެ ދަށުން އެ ފަރާތަކުން އުފުލަންޖެހޭ ޒިންމާއިން ބަރީޢަވެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް ނެތަތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ޙުކުމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކަކީ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަނޫން ސަބަބަތަކެއް ކަމަށް ބަލާނެ ތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

(ޅ) ހަވަނަ ކަމަކީ، އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް ރަފީޢުއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، އިސްމާޢީލް ރަފީޢުގެ ފަރާތުން ސަޕްލައިކޮށްދީފައިވާ ޑީސަލާއި ޕެޓްރޯލްގެ އިސްވެ އިޝާރާތް ކުރެވުނު 04 ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ބިލްތަކުގައިވާ ފައިސާ ނުދައްކައިފިނަމަ، ފައިސާ ނުދައްކައި އިތުރުވާ ކޮންމެ ދުވަހަކަށް އެ ބިލްތަކުގައިވާ ޖުމްލަ ޢަދަދުގެ %2 (ދޭއް އިންސައްތަ) ގެ ޖޫރިމަނާއެއް ޝަރުޠު ޖަޒާއީ އެއްގެ ގޮތުގައި ހިމަނާފައިވާ ކަމާއި، އެ ބިލްތަކުގައިވާ ގޮތުގެ މަތިން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކަންޖެހޭ ފައިސާ ޖޫރިމަނާއާއެކު އިސްމާޢީލް ރަފީޢުއަށް ދައްކާފައިނުވާތީ އިސްމާޢީލް ރަފީޢު ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ އެ ބިލްތަކުގައިވާ ގޮތުގެ މަތީން އެ ފައިސާ ޖޫރިމަނާއާއެކު ހޯދުމުގެ ދަޢުވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން ސާފުކޮށް އެނގޭކަމާއި، ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި ޖޫރިމަނާގެ ފައިސާ ނަގައިދޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވާއިރު، އިސްމާޢިލް ރަފީޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގައި ޖޫރިމަނާ ފައިސާ ހޯދުމަށްއެދި ސިވިލް ކޯޓުގެ ނަންބަރު 1878/Cv-C/2011 ޤަޟިއްޔާގައި ނިންމި ނިންމުން އިސްތިއުނާފުކޮށްފައިވާއިރު، އަދި އެ ހަތަރު ބިލުގައި ބުނާ ގޮތުގެމަތިން އިސްމާޢީލް ރަފީޢުއަށް ލިބެންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށް މުޠާލަބާ ކުރުމާއި ނުކުރުމަކީ އިސްމާޢިލް ރަފީޢަށް ލިބިފައިވާ ޙައްޤެއް ކަމަށް ވިޔަސް ބުނެވުނު 04 ބިލުގައި ބުނާގޮތުގެމަތިން އަރާ ޖޫރިމަނާ ފައިސާ ހޯދުމުގެ ޙައްޤުން، އިސްމާޢީލް ރަފީޢު ތަނާޒުލް ވެފައިވާކަމަށް ބެލެވޭފަދަ ޙުއްޖަތެއް ނެތަތީ، އިސްވެ އިޝާރާތް ކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި ފައިސާ ހޯދުމަށް އިސްމާޢީލް ރަފީޢު ދަޢުވާކޮށްފައިވާ ބަޔާންކުރެވިދިޔަ ހަތަރު ބިލުނޫން އެހެން ބިލެއް ނުވަތަ ބިލްތަކެއް އިސްމާޢީލް ރަފީޢުގެ ފަރާތުން އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވުމުން އެ ބިލްތަކަށް އިސްމާޢީލް ރަފީޢުގެ ފަރާތުން ފައިސާ ބަލައިގަތްއިރު، ޖޫރިމަނާ ފައިސާ ނުނަގައި އިސްމާޢިލް ރަފީޢު ތަނާޒުލެއްދީފައިވާ ކަމަށް އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނި ނަމަވެސް އެކަމަކީ، ބުނެވުނު ދެ ޤަޟިއްޔާގައި ފައިސާ ހޯދުމަށް އިސްމާޢީލް ރަފީޢު ދަޢުވާ ކޮށްފައިވާ އިސްވެ ބަޔާންކުރެވިދިޔަ 04 ބިލުގައި ބުނާ ގޮތުގެމަތިން ފައިސާނުދައްކައިފިނަމަ، އެބިލްތަކުގައިވާ އުޞޫލުގެ މަތިން އަރާ ޖޫރިމަނާ ފައިސާ ހޯދުމުގެ ޙައްޤު އިސްމާޢީލް ރަފީޢުގެ ފަރާތުން ދޫކޮށްލާފައިވާ ކަމަށް ބަލަންޖެހޭ ފަދަ ޤަރީނާއެއް ނުވަތަ ޙުއްޖިއްޔަތެއް އޭގެ ޒާތުގައި ޤާއިމްވާ ކަމެއްކަމަށް ނުވާތީއާއި އަދި ވަކި ބިލެއްގައި ހިމެނޭ ޖޫރިމަނާއެއް ނުވަތަ ޖުމްލަކޮށް ބިލްތަކުގައި ހިމަނަމުންދިޔަ ޖޫރިމަނާ ދޫކޮށްލުމަށް ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް އެއްބަސްވެފައި ވާކަމަށް ބެލެވޭފަދަ ޤަރީނާތަކެއް ނެތަތީ، މިދަޢުވާގައި ބުނާ ބިލްތަކުގެ ޖޫރިމަނާ ފައިސާގެ މައްސަލަ އިސްމާޢީލް ރަފީޢުގެ ފަރާތުން ދޫކޮށްލާފައިވާކަމަށް ބަލަންޖެހޭކަމަށް ބުނެ އޮޅުވެލި ލާމު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ޙުކުމް ރަނގަޅުނޫން ކަމަށް، ހުށަހަޅާފައިވާ ނުކުތާތަކަކީ، ޝަރުޢީ އަދި ޤާނޫނީ ގޮތުން ޞައްޙަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނުކުތާތަކެއް ކަމަށް ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަ އޮތުމެވެ.

ޙުކުމް

އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ހައިކޯޓުގެ ނަންބަރު 2012/HC-A/238 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމީއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ