ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 54 · 2020/SC-A/61ސުޕްރީމް ކޯޓު · 19 މޭ 2021

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު ނިޝާމް

ސުޕްރީމް ކޯޓު
18 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 19 މޭ 2021ބާވަތް: ކޯޓު އަމުރު

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

\ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2020/SC-A/61

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އަޙްމަދު ނިޝާމް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު

19 މެއި 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2019/HC-A/366

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

އަޙްމަދު ނިޝާމް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ޤާނޫނީ ވަކީލު: އިސްމާޢީލް މުޙައްމަދު، ޓޯޓަލް ލީގަލް ސޮލިއުޝަންސް ޤާނޫނީ ވަކީލު:ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް،ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދު، ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ ފާޠިމަތު މީޝާ

ޖިނާއީ – ކޯޓު އަމުރު – ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާ މާނަކުރުން – ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ - ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ – ކުށުގެ ތުހުމަތުގައިވާ މީހާ ވަކި މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުން – ޖިނާއީ ބޮޑެތި ކުށްތަކާއި ކުދި ކުށްތަކުގެ ގޮތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު – ޖިނާއީ ކުށެއްގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިތޯ ވަޒަންކުރުން - ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުން

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ އަޙްމަދު ނިޝާމް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ، އަޙްމަދު ނިޝާމް މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ނިޝާމް"( ގެ މައްޗަށް ތުހުމަތުކުރެވިފައިވާ މާރާމާރީ ހިންގުމުގެ މައްސަލައާ ގުޅިގެން، އަޙްމަދު ނިޝާމް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް، ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ބާޠިލް އަމުރެއް ކަމަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/366 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

15 ޖޫން 2019 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އަޙްމަދު ނިޝާމް އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސ.ހިތަދޫ، ގްރީންވިލާ، ލައިޒާ މުޙައްމަދުގެ ގައިގާ ތަޅާ މާރާމާރީ ހިނގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައިވެއެވެ. އަޙްމަދު ނިޝާމް ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަކަމަށާއި، އޭނާ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވާނެކަމަށް ބެލެވޭތީ އަދި އަޙްމަދު ނިޝާމްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، 15 ޖޫން 2019 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 15 ޖޫން 2019 ގެ 15:15 އިން 25 ޖޫން 2019 ގެ 15:14 ގެ ނިޔަލަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވެއެވެ.

ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްދިނުމަށް އެދި ފުލުހުންގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 25 ޖޫން 2019 ގެ 15:13 އިން 10 ޖުލައި 2019 ގެ 15:12 ގެ ނިޔަލަށް، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް އޭނާ ބަންދުންގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު145-J/MA/2019/1422 އަމުރު ނެރެފައިވެއެވެ.

އެހެންނަމަވެސް، އަޙްމަދު ނިޝާމުގެ މައްޗަށް ތުހުމަތު ކުރެވުނު ކުށަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ބާވަތުގެ ކުށެއް ކަމުގައި ނުވާއިރު، އެކަމަށް ރިޢާޔަތްކުރުމެއް ނެތި ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) އާ ޚިލާފަށް ކަމަށާއި، އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ދެވަނަ ފަހަރަށް ހާޟިރުކުރެވޭ ޙާލަތުގައި ފަނޑިޔާރަށް ލާޒިމު ވެގެންވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އެކަމަށް ޤާނޫނު މާނަކޮށް ނިންމާފައިވާ ނިންމުން ތަޠުބީޤުކުރުން ކަމުގައިވާތީ، މި ޙާލަތުގައި ޢަމަލުކުރަންޖެހޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2018/HC-A/134 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ކަމަށްބުނެ، ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2019/1422 ކޯޓު އަމުރު ބާޠިލުކޮށްދިނުމަށް އެދި އަޙްމަދު ނިޝާމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާއިންނެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ އެ ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2019/1422 ކޯޓު އަމުރު ވަނީ ބާޠިލްކޮށްފައެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ކުށުގެ ތުހުމަތުގައިވާ މީހާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ނެރެދެވިދާނެ 3 (ތިނެއް) ގޮތެއް އޮންނަކަމާއި، އެގޮތުން:

(ހ) ފުރަތަމަ ގޮތަކީ، ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ކުރިމަތިވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުންކަމާއި، މި ހާލަތުގައި މިގޮތަށް އަމުރު ނެރުމަކީ، ފަނޑިޔާރުގެ މައްޗަށް ލާޒިމު ކަމެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި "އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ." މި އިބާރާތުން އެނގެން އޮންނަކަން؛

(ށ) ދެވަނަ ގޮތަކީ، ވަކި ދުވަހަކަށް ކުށުގެ ތުހުމަތުގައިވާ މީހަކު ބަންދުކުރުން ކަމާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތް ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތުމާއެކު، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކޮންމެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، 15 (ފަނަރަ) ދުވަހަށް ވުރެ އިތުރު ނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކުރުންކަމާއި، މި ހާލަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) އިން ފެށިގެން (ރ) އަށް ބަޔާންކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް، ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމާއި ނުކުރުމަކީ، ލާޒިމުކަމެއް ނެތް ތަޤްދީރީ (discretional) ކަމެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި "އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރެވިދާނެއެވެ" މިހެން އޮތް އިބާރާތުން އެނގެން އޮންނަކަން؛

(ނ) ތިންވަނަ ގޮތަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވާ މީހެއްގެ ބަންދުގެ މުއްދަތު ހަމަވުމުން އަދި އެފަދަ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ބޮޑު ކުށެއްކަމަށްވާނަމަ، ކުރިން ދިން ބަންދުގެ މުއްދަތުގެ އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަން އަމުރުކުރުންކަމާއި، މި ގޮތަށް ބަންދުކުރަން އަމުރުކުރާއިރު، ތުހުމަތުގައިވާ މީހާއާ ތުހުމަތުކުރެވުނު ކުށާއި ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށް ލިބިފައިނުވާނަމަ، އިތުރުކޮށްދޭ މުއްދަތު 15 (ފަނަރަ) ދުވަހަށްވުރެ އިތުރު ނުކުރުމަކީ، ފަނޑިޔާރަށް ލާޒިމު ކަމެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) އިން އެނގޭކަމާއި، މިފަދައިން ބަންދުކޮށްފައިވާ މިހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، 15 (ފަނަރަ) ދުވަހަށް ވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި، ނަމަވެސް މި ޙާލަތުގައި ބަންދުކުރެވޭ މުއްދަތު 15 (ފަނަރަ) ދުވަހަށްވުރެ ދިގު ކުރުމާއި ޝަރީޢަތް ނިމެންދެން ބަންދުކުރުން އެއީ ތަޤްދީރީ ކަމެއްކަން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) އިން އެނގޭކަން؛

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/336 ޤަޟިއްޔާ އާއި އެކޯޓުގެ ނަންބަރު 2018/HC-A/134 ޤަޟިއްޔާ ގައި ޤާއިމުކުރެވިފައިވާ މައިގަނޑު އުސޫލާއި، ޖިނާއި އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ދަށުން ފަނޑިޔާރަށް ލިބިގެންވީ އިޚްތިޔާރީ ބާރުގެ ތެރެއިން ކޯޓުން ނެރުމަށް ނިންމާ އަމުރެއްގެ ދަށުން ބަންދުގައި މީހަކު ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 (ފަނަރަ) ދުވަސްކަމާއި، އަދި ބުނެވުނު ހާލަތުގައި މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހޭކަމާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ދަށުން ދެވޭ ބަންދުގެ މުއްދަތު (ފަނަރަ) 15 ދުވަހަށް ވުރެ އިތުރުކުރުމަކީ ޖިނާއީ އިޖުރާއަތު ދަންނަ ކަމެއް ނޫންކަމާއި، އެ ކަމުގައި ޤާނޫނު ހުރީ ހަނުކަމާއި، މިހެންކަމުން ވަކި ބާވަތެއްގެ މައްސަލައެއްގައި ބަންދުގެ މުއްދަތު 15 (ފަނަރަ) ދުވަހަށްވުރެ އިތުރުކުރެވޭ ކަމަށް ބަޔާންކުރުމަށްފަހު، އެ ނޫން ބާވަތުގެ މައްސަލަތަކާއި މެދު ޤާނޫނު އެއްޗެއް ނުބުނެ ހުރުމުގެ މަފްހޫމެއްކަމުގައި ބެލެވެނީ ބުނެވުނު ބާވަތުގެ ބޮޑެތި ކުށްތައް ފިޔަވައި އެހެނިހެން ކުށްތަކުގެ ތުހުމަތުކުރެވޭ ފަރާތް ތަޙްޤީޤު މަރުހަލާގެ ތެރޭގައި 15 (ފަނަރަ) ދުވަހަށްވުރެ އިތުރަށް ބަންދުކޮށްފައި ނުބޭތިއްބުންކަމާއި، އަދި އެކަން ޤާނޫނުގައި ނުލިޔެ ދޫކޮށްލާފައިވަނީ ހަނދާން ނެތިގެން ނުވަތަ އޮޅިގެންކަމުގައިވެސް ނުބެލެވޭކަން؛ އަދި

އަޙްމަދު ނިޝާމުގެ ބަންދަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަށް ރިޢާޔަތްކޮށްކަން އެނގޭކަމާއި، އަޙްމަދު ނިޝާމުގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ބޮޑު ކުށެއް ނޫން ކަމާއި، މިހެންކަމުން ކުރިން ދިން 10 (ދިހައެއް) ދުވަހުގެ މުއްދަތު ހަމަވާތީ ފުލުހުންގެ ފަރާތުން ދެވަނަ ފަހަރަށް އަޙްމަދު ނިޝާމުގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅުމުން އެ ހާލަތުގައި އިތުރުކުރެވޭނީ ހަމައެކަނި 5 (ފަހެއް) ދުވަހަށްވުރެ އިތުރުނުވާ މުއްދަތެއް ނަމަވެސް، އަޙްމަދު ނިޝާމުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ނަންބަރު 145-J/MA/2019/1422 ކޯޓު އަމުރުން އަޙްމަދު ނިޝާމު އިތުރު 15 (ފަނަރަ) ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރުމުގެ ނަތީޖާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން އަޙްމަދު ނިޝާމްގެ ބަންދަށް 25 (ފަންސަވީސް) ދުވަސް ދެވުންކަމާއި، އެ ގޮތަކީ ބުނެވުނު ސަބަބުތަކަށްޓަކައި ޤާނޫނާ އެއްގޮތް ގޮތެއް ނޫންކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 2 (ދޭއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ރ) ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަކޮށްފައި އޮތް ގޮތުން، އެ މާއްދާގައިވާ ހާލަތުގައި ހުންނަ މީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމް ކަމެއްކަން ކަނޑައަޅާފައިވީ ނަމަވެސް، އެ މާއްދާގައިވާ އިބާރާތަކީ އަމުރުގެ އިބާރާތެއް ނަމަވެސް، އެ ޤާނޫނުގެ މަޤްޞަދަށް ބެލުމުން މުޅި މާއްދާ އޮތް ގޮތުން އެއީ "އިބާހާ" ގެ (އެކަމަކީ ހުއްދަކަމެއްކަން ދޭހަ ކޮށްދިނުމުގެ) ލަފްޒެއްކަން އެނގޭކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދެވަނަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތުން، ކުދި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުން 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދުކުރުމާ ގުޅޭގޮތުން ޤާނޫނުގައި ވަކި އެއްޗެއް ބުނެފައިނުވާކަމަށް ކަނޑައަޅާފައިވަނީ، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/366 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދު ދިނުމުގެ ގޮތުން އަޙްމަދު ނިޝާމްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައިވާ ކަންކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވާ ކަމަށާއި، އެކަމަށް އިޢުތިރާޟު ނުކުރާކަމަށް ބުނެފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި "އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ" މިފަދައިން ޤާނޫނުގައި ލިޔެފައި އޮތްނަމަވެސް، މި ހާލަތަކީ ފުރަތަމަ ފަހަރަށް މީހަކު ހިފާ ހައްޔަރުކޮށްގެން ކޯޓަށް ގެންނަ (ނުވަތަ ތަޙްޤީޤު) މަރުހަލާ ކަމުގައިވާތީ، އަދި މި މަރުޙަލާގައި ޝަރީޢަތަށް މައްސަލައެއް ހުށަހެޅިފައި ވެސް ނުވާނެ ކަމުން، މިފަދައިން ޤާނޫނުގައި ލިޔެފައިވަނީ ރަނގަޅަށް ނޫންކަމުގައިވާތީ، އެ މާއްދާ މާނަކޮށްދިނުމަށް އެދޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެކަށައެޅި އެންމެ އަސާސީ އެއްކަމަކީ ކުށުގެ ބާވަތަށް ބަލައިގެން އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކަނޑައެޅުން ކަމާއި، އެގޮތުން ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބޮޑެތި ކުށްތަކެއްގެ ގޮތުގައި ވަކި ކުށްތަކެއް ކަނޑައަޅާފައި އޮތުމުން އެ ނޫން ކުށްތަކަކީ ކުދި ކުށްތަކެއްކަން ޤާނޫނު ދަންނަކަން އެނގެން އޮންނަކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދެވަނަ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާސިމް އިބްރާހިމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް ގައިވެސް މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރާއިރު އެ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލަންޖެހޭކަމުގައި ކަނޑައަޅާފައިވާއިރު، މައްސަލައިގެ ބާވަތަށް ބެލުމެއްނެތި އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ލިބިފައި ހުރި ހެކި ޤަރީނާގެ މައްޗަށް ބަލާފައި އެ މީހެއްގެ މައްޗަށް ބަންދުގެ މުއްދަތު 15 (ފަނަރަ) ދުވަހަށް ވުރެވެސް އިތުރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދޭއިރު، އެކަމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މުއްތަހުމުގެ ޙައްޤުތަކަށް އިސްކަންދިނުމާއި، އެ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނޭ ފަދައިން ޖިނާއީ ކުށްތަކުގެ ތަޙްޤީޤުކުރުމަށް ބާރުއަޅާފައިވާ އޮތް އޮތުމާ ޚިލާފު ކަމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

މިމައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން

މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން މާނަކޮށްފައިވަނީ ޤާނޫނާ އެއްގޮތަކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. މި މައްސަލައިގައި ގޮތް ކަނޑައަޅަންޖެހެނީ މައިގަނޑު ގޮތެއްގައި 2 (ދޭއް) ކަމެއްގެ މައްޗަށެވެ. އެއީ:

ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު، އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި، އެ މީހަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ޙާލަތްތަކުން ޙާލަތެއް ކުރިމަތިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަކީ ފަނޑިޔާރު ކުރަންޖެހޭ (ލާޒިމު) ކަމެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ރ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށްކަން ނުވަތަ ނޫންކަން؛ އަދި

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ 'ޖިނާއީ ބޮޑެތި ކުށް' ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުން ފިޔަވާ އެހެން (ކުދި) ކުށް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުން، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ބަންދުކުރެވޭނީ 15 (ފަނަރަ) ދުވަހަށް ވުރެ އިތުރުނުވާ ގޮތެއްގެމަތިން ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާއި އެއްގޮތަށްކަން ނުވަތަ ނޫންކަން.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ދަށުން ކުރާ އަމުރު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރެވިދާނެ ގޮތްތައް ބަޔާންކުރުމުގައި، އެ މާއްދާގެ (ށ) ގެ ދަށުން، ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، އެ މީހަކީ (1) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއްކަމަށް ބެލެވޭނަމަ؛ ނުވަތަ (2) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް؛ ނުވަތަ (3) އޭނާ ފިލައިފާނެ ކަމަށް؛ ނުވަތަ (4) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް؛ ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެނަމަ، އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަކީ ފަނޑިޔާރު ކުރަންޖެހޭ (ލާޒިމު) ކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަށް ޖުމްލަ ކޮށް ބެލުމުން، އެ މާއްދާގެ އަކުރުތަކުގައި އެކި ޙާލަތްތަކުގައި ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ. އެގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ހ) ގައި "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި، އޭނާ ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެމަތިންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ފަނޑިޔާރު ނެރެންވާނެ..." ކަމުގައި ބަޔާންކޮށް، ތިރީގައި ބަޔާންކޮށްފައިވާ އަމުރުތަކަށް ހަވާލާދީފައިވެއެވެ.

"(1) މި މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރެއް؛

(2) މި މާއްދާގެ (ނ) ގެ ދަށުން އެއްވެސް ޝަރުޠެއް ނެތި އޭނާ ބަންދުން ދޫކުރުމުގެ އަމުރެއް؛

(3) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން އޭނާ ކަފާލާތުގެ އުސޫލުން ދޫކުރުމުގެ އަމުރެއް؛

(4) މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އޭނާ ޝަރުޠަކާއެކު ބަންދުން ދޫކުރުމުގެ އަމުރެއް."

އެހެކަމުން، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކުރުމަށް ފަނޑިޔާރަކަށް އަމުރުކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުންކަން ސާފެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު އަމަލުކުރަންޖެހޭ ގޮތް އެނގޭ ތާވަލެއް ހިމަނަމެވެ.

މާއްދާ ހެކީގެ ނިސްބަތް ފުރިހަމަވާންޖެހޭ ޙާލަތް ނަތީޖާ

60 (ށ) މީހާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން. އޭނާ ބަންދުން ދޫކޮށްލައިފި ނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރި ވެދާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުން.

(1) އޭނާއާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތް ކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ (2) އޭނާ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ (3) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ (4) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން (މީގެ ފަހުން "ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ސަބަބު") ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރުން.

60 (ނ) ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތުން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ސަބަބުން ކުރެ ސަބަބެއް ނެތުން. އެއްވެސް ޝަރުޠަކާ ނުލައި އޭނާ ބަންދުން ދޫކޮށްލުމަށް އެންގުން.

60 (ރ) ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ސަބަބުން ކުރެ ސަބަބެއް ނެތުން. އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

(1) ކަފާލާތުގެ އުސޫލުން އޭނާ ބަންދުން ދޫކުރުން؛ ނުވަތަ

(2) ކޯޓުން ކަނޑައަޅާ ޝަރުޠުތަކަކާއެކު އޭނާ ބަންދުން ދޫކުރުން.

60 (ބ) ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތްނަމަވެސް، އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރުން. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ސަބަބުން ކުރެ ސަބަބެއް އޮތުން. ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތްކޮށް، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުން.

60 (ޅ) ކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވުން. ޖިނާއީ ބޮޑު ކުށެއް ކަމުގައިވުން؛

އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ބޭނުންވުން؛ އަދި

މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުން. 15 (ފަނަރަ) ދުވަހަށްވުރެ އިތުރު ނުވާގޮތަށް ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު.

60 (ކ) އޭނާ ބަންދުކޮށްފައި ވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބުން. - 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތާއި، އެ މާއްދާގެ (ބ) ގައި ބުނާ ޙާލަތަކީ އާންމު ހާލަތުގައި، ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑު ކުށެއް ކަމުގައި ނޫންނަމަ ވެސް، އަމަލުކުރާން އޮތް ގޮތެވެ. އެ ދެ އަކުރުގެ ދަށުންވެސް ބަންދުގައި ބެހެއްޓޭނީ އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ސަބަބުން ކުރެ ސަބަބެއް ވުޖޫދުގައި ގައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިގެންނެވެ. އެ ދެ އަކުރުގެ ތަފާތަކީ، ތުހުމަތުކުރެވިފައިވާ މީހާއާ ދެކޮޅަށް ހުރި ހެކީގެ ނިސްބަތާއި އަޅަން އޮތް ފިޔަވަޅެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުން، (އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން) ކުށުގެ ތުހުމަތުގައިވާ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަން ޖެހެއެވެ. އެއާ ޚިލާފަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ގޮތުން، (އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރުން) އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެ ވަގުތު ނެތްކަމުގައިވިޔަސް، ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރެއްޖެނަމަ، ފަނޑިޔާރަށް ލިބިގެންވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރެވެ.

މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) އަދި (ކ) ގައި، ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ބަންދުކުރެވޭ މީހާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އޭނާ ބަންދުކުރުމަށް ފަނޑިޔާރު ދީފައިވާ މުއްދަތު ހަމަވުމަށްފަހު އޭނާ އިތުރަށް ބަންދުގައި ބެހެއްޓުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާއިން ބޭނުންނަމަ، އޭނާ ބަންދު ކުރެވުނު މުއްދަތު ހަމަވުމުގެ ކުރިން އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމުން، އިތުރު މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމުގެ ހުއްދަ ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ. އެހެންނަމަވެސް، އޭނާއާ އެ ކުށާ ގުޅުވައިދޭ އެކަށީގެންވާ މިންވަރެއްގެ ހެއްކެއް އެހާތަނަށްވެސް ލިބިފައިނުވާނަމަ، އެފަދައިން އިތުރުކޮށްދޭ މުއްދަތު، 15 (ފަނަރަ) ދުވަހަށްވުރެ އިތުރުވެގެން ނުވެއެވެ. އަދި އޭނާ ބަންދުކޮށްފައިވަނިކޮށް، އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ، އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ފަނޑިޔާރަށް ލިބިގެންވެއެވެ.

މިހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގައި ބޮޑެތި ކުށްކުށާއި ގުޅިގެން، ތުހުމަތުކުރެވޭ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާނަމަ ޝަރީޢަތް ނިމެންދެން އޭނާ ބަނދުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްގެ ގޮތުގައި އޮވެފައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި އެނޫން (ޖިނާއީ ބޮޑެތި ކުށް ނޫން އެހެން) ކުށާއި ގުޅިގެން ކުށް ތުހުމަތުގައިވާ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަކީ ފަނޑިޔާރަށް ލާޒިމު ކަމެއްގެ ގޮތުގައި ބެލުމަކީ ބަލައިގަންނަން ދަތިކަމެކެވެ.

މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، އެ ޤާނޫނުގެ 59 ވަނަ މާއްދާއަށް ޙަވާލާދީފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި އެކަންޏެވެ. އެހެން ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއަކީ ބަންދާމެދު ގޮތެއް ނިންމާއިރު ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކުރާ މާއްދާ ކަމުގައިވުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކުރާ ހުރިހާ ފަރާތެއް ބަންދުކުރުމުގެ ކުރިން، 59 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ފަނޑިޔާރު ރިޢާޔަތް ކުރަންވާނެ ކަމުގައި ދެކެމެވެ. އަދި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި ފާހަގަކޮށްފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާ އެކުގައި ކިޔުމުން، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބާއްވާ ޝަރީޢަތުގެ މަޖިލީހަކީ އެހެން ޝަރީޢަތުގެ މަޖިލިސްތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހަޅާ ކަންކަމަށް މައްސަލަ ބަލާ ފަނޑިޔާރު ރިޢާޔަތްކޮށް، ހެކި ހުށަހެޅިފައިވާނަމަ، އެ ހެއްކަށް ދެވޭ ބުރަދަން ވަޒަންކޮށް ނިންމުންތައް ނިންމަންޖެހޭ މަޖިލީހެކެވެ.

ހަމަ އެއާއެކު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ހާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކެވެ. އަދި އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މާއްދާއެއްގައި ނުވަތަ އަކުރެއްގައި އެފަދައިން ބަޔާންކޮށްފައި ނެތްނަމަވެސް، ކުށުގެ ތުހުމަތުކުރެވޭ މީހަކު ބަންދުގައި ބެހެއްޓުމަށް ނުވަތަ މިނިވަންކުރުމަށް ނިންމުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކުރަންޖެހެއެވެ. މިގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) އަދި (ކ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ހާލަތްތަކަށް ބަލަންވާނެކަމަށް ސީދާ ބަޔާންކޮށްފައި ނުވިނަމަވެސް، އެ ދެ އަކުރަކީ އެ މާއްދާގެ (ބ) ގެ ދަށުން ބަންދުކުރުމުގައި، ތުހުމަތުކުރެވުނު ކުށަކީ ބޮޑުކުށެއްނަމަ ޢަމަލުކުރަންޖެހޭ ގޮތް ކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ އަލީގައި، ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ފަނޑިޔާރު އެ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރަންޖެހޭނެ ކަމުގައި އަހުރެން ދެކެމެވެ.

މީހަކު ބަންދުކުރުމުގެ ކުރިން ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ޙާލަތެއް ވުޖޫދުގައިވުން ހިމަނާފައިވަނީ، ނުވަތަ އެފަދަ ޙާލަތެއް އޮތުން ޝަރުޠުކޮށްފައިވަނީ، ކުށުގެ ކުޑަބޮޑު މިނަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ޙާލަތެއް އޮތްކަމުގައި ބެލުން (presumption) ހުއްޓުވުމަށް ކަމުގައި ދެކެމެވެ. އަދި މިހެންކަމުން، މީހަކު ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރަންޖެހެނީ، އެ މީހެއްގެ މައްޗަށް އުފުލިފައިވާ ދަޢުވާއާއި ހެކީގެ ނިސްބަތާއި ވަކިން (separate to)، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެ މީހަކު ބަންދުގައި ބެހެއްޓިދާނެ ޙާލަތެއް ވުޖޫދުގައިވާކަން ނުވަތަ ނޫންކަން ކޯޓުން ވަޒަންކުރުމަށްފަހު، އެފަދަ ޙާލަތެއް އޮތްނަމައެވެ. އެހެނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އޮތް މިންގަނޑުން މީހަކު ކުށެއް ކުރިކަން ސާބިތުވުމުގެ ކުރިން، އެ މީހަކީ މައުސޫމު މީހެއްކަމުގައި ބަލަން (presumption of innocence) ޖެހެއެވެ.

މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ އަކުރުތަކަށް ބެލުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ ފުރުޞަތު އޮންނަނީ އެ މާއްދާގެ (ށ) އަދި (ކ) ގެ ދަށުންނެވެ. މިގޮތުން، ބޮޑު ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިފައިވާ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރެއްގެ ގޮތުގައި އޮތްކަމެއް ނަމަވެސް، އެ ނޫން ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން (ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ) ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަން ޖެހެއެވެ. މިއީ، ޤާނޫނުގެ ލަފްޒީ މާނައަށް ބެލުމުން، ނުވަތަ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބުނާ އާންމު މާނައަށް ބެލުމުގެ އުޞޫލު ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާއެވެ. އަދި އެ ނަތީޖާއަކީ ހަމަޖެހޭ ނަތީޖާއެއް ކަމުގައި ބަލައިގަންނަން ދައްޗެވެ. އެހެންކަމުން، މި ޙާލަތުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ މާނަކުރުމަށް އެންމެ އެކަށޭނައީ މަޤްޞަދަށް ބެލުމުގެ އުޞޫލު ކަމުގައި ދެކެމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ މަޤްޞަދުތަކަކީ:

"(ހ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ތަޙްޤީޤުތައް ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަޙްޤީޤުތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛

(ށ) ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތެއްގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުން؛

(ނ) ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތައް ވީހާވެސް އިންޞާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުސޫލުތައް ކަނޑައެޅުން."

ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަކުރުމުގައި، އެ އަކުރުގައި ބަޔާންކުރާ ލަފުޒުތަކުގެ ބޭރުން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިވާކަން އެނގޭން ނެތެވެ. އެހެންނަމަވެސް، ޤާނޫނީ މާއްދާއެއް (މި ޙާލަތުގައި މާއްދާއެއްގެ އަކުރެއް) މާނަކުރާއިރު މުޅި މާއްދާގައި ބަޔާންކުރާ ކަންކަމަށާއި، އެ މާއްދާއަށް އަސަރުކޮށްފާނެ އެހެން މާއްދާތަކަށާއި، ޖުމްލަކޮށް ޤާނޫނުން ގެންނަ ބަދަލަށް ނުވަތަ ހާސިލުކުރަން މަސައްކަތްކުރާ މަޤްޞަދަށް ރިއާޔަތްކުރަންވާނެ ކަމުގައި ދެކެމެވެ. އަދި އިސްވެ ފާހަގަކުރެވުނު މަޤްޞަދުތަކަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ މާނަކުރާއިރު، ޖިނާއީ ބޮޑު ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ އޭނާ 15 (ފަނަރަ) ދުވަހަށްވުރެ ދިގު މުއްދަތަކަށް، ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވުން ކަމުގައިވެފައި، ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އޭނާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންޖެހުން ކަމުގައި ބެލިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

މި ރައުޔުގެ 15 ވަނަ ޕެރެގްރާފުން ފެށިގެން 20 ވަނަ ޕެރެގްރާފްގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަން އެފަދައިން ހުރުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ އިބާރާތުގައި، މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ (1) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއްކަމަށް ބެލެވޭނަމަ؛ ނުވަތަ (2) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް؛ ނުވަތަ (3) އޭނާ ފިލައިފާނެ ކަމަށް؛ ނުވަތަ (4) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް؛ ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައި، އޭނާގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމުގައި ބަޔާންކޮށްފައިވަނީ، އެއީ ފަނޑިޔާރަށް ކުރުން ލާޒިމުކަމެއްގެ ގޮތުގައި ކަމުގައި ބެލުމަކީ ނުވަތަ އެގޮތަށް އެ މާއްދާ މާނަކުރުމަކީ އިންސާފުގެ ހަމަތަކަށާއި ބަންދުގައި ބެހެއްޓޭ މީހާގެ އަސާސީ ޙައްޤުތަކަށް ބަލާއިރު، އެކަށީގެންވާ ގޮތެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މިހެންކަމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ރ) ގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަނޑިޔާރަށް ލިބިގެންވާ ބާރު މާނަކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.

އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާމެދު އުފެދިފައި މިވާ ސުވާލުތަކުގެ އެންމެ ފަސޭހަ އަދި ސާފު ހައްލަކީ، އެ އަކުރުގެ އިބާރާތް ޤާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް އިސްލާޙު ކުރުންކަމުގައިވެސް އަހުރެން ދެކެމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ދަށުން ބަންދު ކުރެވޭ މުއްދަތު

އަޙްމަދު ނިޝާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ކްރިމިނަލް ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާއެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރަށް ލިބިގެންވާ އިޚްތިޔާރީ ބާރުގެ ދަށުން އޭނާގެ ބަންދުގެ މުއްދަތަކީ 10 (ދިހައެއް) ދުވަސް ކަމުގައި ކަނޑައަޅާފައި ވަނިކޮށް، އެ މުއްދަތު ހަމަވާތީ، އަޙްމަދު ނިޝާމް އިތުރު މުއްދަތަކަށް ބަންދުކުރުމަށް ފުލުހުން އެދުމުން، އޭނާގެ ބަންދުގެ މުއްދަތަށް 15 (ފަނަރަ) ދުވަސް އިތުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެކޯޓުގެ ނަންބަރު 2018/HC-A/134 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ކަމަށް އަޙްމަދު ނިޝާމް ބުނެފައިވެއެވެ. މި ނުކުތާއާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/366 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ބ) ގައި، މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ނޫން ނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން، ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުކުރެވޭނީ އެކު ޖުމްލަ 15 (ފަނަރަ) ދުވަހަށް ވުރެ އިތުރުނުވާ ގޮތެއްގެ މަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) މިފަދައިން މާނަކޮށްފައިވަނީ، ވަކި ބާވަތެއްގެ މައްސަލަތަކުގައި ބަންދުގެ މުއްދަތު 15 (ފަނަރަ) ދުވަހަށް ވުރެ އިތުރު ކުރެވިދާނެ ކަމުގައި ބަޔާންކުރުމަށްފަހު، އެ ނޫން ކުށް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދު މުއްދަތު 15 (ފަނަރަ) ދުވަހަށް ވުރެ އިތުރުކުރުމާއި ބެހޭގޮތުން އެ ޤާނޫނުގައި އެއްޗެއް ބުނެފައިނުވާތީ، ޖިނާއީ ބޮޑުކުށެއް ނޫން އެހެން (ކުދި) ކުށް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ބަންދު މުއްދަތު 15 (ފަނަރަ) ދުވަހަށް ވުރެ އިތުރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަކަމެއް ނޫންކަމުގައި ދެކިގެންކަން އެނގެން އޮވެއެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ހިނދު، އެ ނުކުތާގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ ހަމައެކަނި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަންދުގެ މުއްދަތު އިތުރުކުރުމާ ބެހޭގޮތުން ބުނެފައި އޮތް ބުނުމުގެ މައްޗަށް ކަމާއި، މާއްދާގެ ތަފްސީލަށް ނުވަތަ އެ މާއްދާގައި އެކި ޙާލަތްތަކާއި ގުޅުވާ ހެކީގެ މިންވަރަށް ހަވާލާދީފައިވާ ވުމަށް އެއްވެސް ރިއާޔަތްތެރިކަމެއް ދީގެންކަން އެނގޭން ނެތެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި، ކުށެއްގެ ތުހުމަތުގައިވާ މީހަކު ބަންދުކުރެވޭނީ އެކު ޖުމްލަ 15 (ފަނަރަ) ދުވަހަށް ވުރެ އިތުރުނުވާ ގޮތެއްގެ މަތިން ކަމުގައި ބަޔާންކޮށްފައިވަނީ ވަކި ޙާލަތްތަކެއްގައިކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން، ކުށުގެ ތުހުމަތުގައިވާ މީހާ 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވާނެ ގޮތުގެމަތިން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޙާލަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ކުރިމަތިވަނީ، (1) ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި އެވަގުތު ނެތް ޙާލަތުގައި، (2) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބުނާ 4 ސަބަބުން ކުރެ ސަބަބެއް އޮވެފައި، (3) އޭނާގެ މައްޗަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރިނަމަ ކަން އެ އަކުރުގެ ނައްސުން ސާފެވެ. އަދި މި އަކުރުގައި، ކުށުގެ ކުޑަބޮޑުމިނަށް ޙަވާލާދީފައި ނުވެއެވެ.

އެހެންނަމަވެސް، ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަށް ދީފައިވާ ތަޢުރީފުގެ ނަތީޖާއަކީ، އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ބޮޑު ކުށެއް ކަމުގައިވާނަމަ، އެ މީހެއްގެ ބަންދުގެ މުއްދަތު އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) ގެ ދަށުން އިތުރު ކުރުން ނަމަވެސް، ކުޑަ ކުށެއް ކުރިކަމުގެ ތުހުމަތުގައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރު ނުވުމެވެ.

މި ބަހުސަށް ބަލާއިރު، ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެ މާއްދާގެ (ބ) ގެ ދަށުން ބަންދުކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ގޮތުން ކަމާއި، އެ މާއްދާގެ (ޅ) ގައި ބަޔާންކުރާ ފަދައިން މުއްދަތު އިތުރުކުރެވޭނީ މީހާއާއި ކުށާ ގުޅުވާދޭ އެކަށޭނަ ހެކި ހުރެގެންނެވެ. މީގެ މާނައަކީ ކުށުގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް އެ މިންވަރަށް ހެކި ލިބިފައި ނުވާނަމަ އޭނާގެ ބަންދުން ވީއްލުމެވެ. އުސޫލެއްގެ ގޮތުން، މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށެއް އޭނާ ކުރިކަން އަންގައިދޭ ހެކި ނެތްނަމަ، އޭނާގެ މިނިވަންކަން ގައިދުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.

އެހެންނަމަވެސް، މި މާނަކުރުމުގެ ނަތީޖާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ނުހިމެނޭ ކުށަކާއި ގުޅިގެން، އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ބަންދުކޮށްފައިވާ މީހާ ފުރަތަމަ ބަންދުކުރާ މުއްދަތަކީ 10 (ދިހައެއް) ދުވަސް ކަމުގައިވާނަމަ، އޭނާ ބަންދުކުރެވޭ މުއްދަތު 15 (ފަނަރަ) ދުވަހަށް ވުރެ އިތުރު ނުކުރުމުގެ ގޮތުން، އެ 10 (ދިހައެއް) ދުވަހާއި ވިދިގެން އެމީހަކު ބަންދުކުރާނަމަ 5 (ފަހެއް) ދުވަހަށްވުރެ އިތުރަށް އެމީހަކު ބަންދުގައި ނުބެހެއްޓުމެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ހާޞިލުކުރަން ބޭނުންވި ނަތީޖާ ހެއްޔެވެ؟

ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފާހަގަކުރައްވާފައިވާ ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި، މައްސަލަ ބަލާ ފަނޑިޔާރު މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހެއެވެ. އެ ދެ ސުވާލަކީ:

ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަމެވެ.

ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ އެކި އަކުރުތަކުގައި ބަޔާންކޮށްފައިވަނީ ކުށުގެ ތުހުމަތާއި ގުޅިގެން ފަނޑިޔާރާއި ހިއްސާކޮށްފައިވާ އެކި ހެއްކަށް ބަލައި، އެ ޙާލަތުގައި (ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ) ފަނޑިޔާރު އަޅަންޖެހޭ ފިޔަވަޅުތައް ކަމުން، އިސްވެ ބަޔާންކުރި ދެ ސުވާލުން ކުރެ ފުރަތަމަ ސުވާލަށް ޖަވާބު ދިނުމުގައި އެންމެ ފުރަތަމަ ބަލަންޖެހެނީ ހެކި ހުރިކަން ނުވަތަ ނޫންކަން، އަދި ހެކި ހުރިނަމަ، ހުރި ހެކީގެ ނިސްބަތާއި ބުރަދަނަށެވެ. އެއީ، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުން ނުވަތަ ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެ ވަގުތު ހެކި ނެތް ނަމަވެސް، އެ ކުށް ކުރިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުރުމެވެ.

ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ހެކި ނެތް ނަމަ، ދެވަނަ ސުވާލަށް ޖަވާބު ހޯދުމުގެ މާނައެއް ނެތެވެ. އެއީ، އެފަދަ ޙާލަތެއްގައި އެ މީހަކު ބަންދުގައި އިތުރަށް ބެހެއްޓުމަށް ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ހާލަތް) ހުއްދަކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ބެލުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވުރު ކުރާ ކަމެއް ނޫންކަމުންނެވެ. މިކަމަށް އިތުރަށް ބާރު ލިބިދެނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ނައްސުން، އެއިން ޙާލަތެއް ވުޖޫދުގައި ނުވާނަމަ، "...އެއްވެސް މީހަކާމެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ..." ކަމުގައި ބަޔާންކޮށްފައިވާތީއެވެ.

މިއާ ޚިލާފަށް، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ހެކި ހުރިނަމަ، ދެވަނަ ސުވާލުގެ ޖަވާބު ހޯދުމުގެ ގޮތުން، އެ މީހަކު ބަންދުގައި ބެހެއްޓުން ހުއްދަކުރާ (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައިވާ) ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ބަލަންޖެހެއެވެ. ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި ފާހަގަކޮށްފައިވާ ގޮތުން، ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަ، ނުވަތަ ތުހުމަތުކުރެވުނު ކުށް މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް އެ ވަގުތު ހެކި ނެތްނަމަވެސް، ކޮންމެވެސް މިންވަރެއްގެ ހެކިހުރިކަން ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، އަދި އެ މީހަކު ބަންދުގައި ބެހެއްޓުން ހުއްދަކުރާ ސަބަބެއް އޮތްނަމަ، ވަކި މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން އެ މީހަކު ބަންދުގައި ބެހެއްޓިދާނެއެވެ.

ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެންވެސް ތާއީދުކޮށްފައިވާ ހިނދު، މި ބަލާ މައްސަލައާއި ގުޅިގެން އުފައްދާފައިވާ ސުވާލާއި ހުށަހަޅާފައިވާ އިތުރު ތަފްޞީލުގެ އަލީގައި، އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން ވަކި މުއްދަތަކަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭނީ އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިނަމަ އެކަނި ކަމުގައި އަހުރެން ޤަބޫލުކުރަމެވެ. އެއާއި ޚިލާފަށް، މީހަކު ކުރިކަމަށް ތުހުމަތުކުރެވެނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއްކަމުގައި ނުވެފައި، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ލިބިފައިވަނީ ކޮންމެސް މިންވަރެއްގެ ހެކި ކަމުގައިވެފައި، ތުހުމަތުކުރެވުނު ކުށް އެ މީހާ ކުރިކަމަށް ތުހުމަތުކުރެވޭ ވަރަށް އެ ވަގުތު ހެކި ލިބިފައި ނެތްނަމަ، އެ މީހަކު ބަންދުގައި ބެހެއްޓުން ހުއްދަކުރާ ސަބަބެއް (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ހާލަތުން ކުރެ ޙާލަތެއް) އޮތްނަމަވެސް، އެ ހެކީގެ މައްޗަށް އެކަނި ބިނާކޮށް މީހެއްގެ މިނިވަންކަން ނިގުޅައިގަތުމަކީ ކުރެވިގެންވާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ، ޤާނޫނު ތަންފީޛުކުރާ އިދާރާއަށް ކުށުގެ ތުހުމަތު ކުރެވުނު މީހާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ނުހޯދުނުނަމަ، އެފަދަ ހެއްކެއް ހޯދުމަށް ތުހުމަތުގައިވާ މީހާ ބަންދުކޮށްފައި ބެހެއްޓުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެއީ، ބަންދާމެދު ގޮތް ކަނޑައެޅުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް ގެންނަ މީހާ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ފަނޑިޔާރަށް ދެއްކުމަކީ (ނުވަތަ މީހާއާ ކުށާ ގުޅުވޭ ގޮތުގެ ހެކި ހުށަހެޅުމަކީ) ޤާނޫނު ތަންފީޛުކުރާ އިދާރާއެއް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާގެ މަސްއޫލިއްޔަތެކެވެ. ފަނޑިޔާރު ބަންދާމެދު ގޮތް ކަނޑައެޅުމުގެ މަރުޙަލާގައި އެފަދައިން ހެކި ހުށަހަޅާފައި ނެތުމުގެ ސަބަބުން ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ބަންދުން ވީއްލިގެން ދާނެކަމަށްޓަކައި، އެއީ، އެކަމުގެ ސަބަބުން ނިކުމެދާނެ ނޭދެވޭ ނަތީޖާއެއް ފޫބެއްދުމުގެ ގޮތުން، މީހަކު ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫނެވެ. އެއާއި ޚިލާފަށް، ތުހުމަތު ކުރެވޭ ކުށަކީ ބޮޑު ކުށެއް ކަމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައި ކުށެއް ނޫންނަމަ، ބަންދާމެދު ގޮތެއް ނިންމުމުގެ މަރުޙަލާގައި ކުށް ކުރިކަމުގެ ތުހުމަތު ކުރެވިފައިވާ މީހާ ބަންދުގައި ހުންނަތާ 15 (ފަނަރަ) ދުވަސް ހަމަވުމުގެ ކުރިން، ޤާނޫނު ތަންފީޛު ކުރާ އިދާރާއިން އެމީހާ އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެކި ފަނޑިޔާރަށް ހުށަހަޅައިފިނަމަ، އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ 4 ހާލަތުން ކުރެ ޙާލަތެއް ވުޖޫދުގައިވާނަމަ، އެ (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ)) މާއްދާގެ ދަށުން އެމީހަކު ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުރަހެއް އޮތްކަމުގައި ނުދެކެމެވެ.

އިސްވެދިޔަ ޕެރެގްރާފް 33 ގައިވާ ފަދައިން އެ މާއްދާ މާނަކުރުމުގެ ނަތީޖާއަކީ، އެކަށީގެންވާ ހެކި ފަނޑިޔާރާއި ހިއްސާކޮށް އެ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމުގައި ފަނޑިޔާރަށް ޤަބޫލު ނުކުރެވޭނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ފަދައިން، ބޮޑު ކުށެއް ކަމުގައިނުވާ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު 15 (ފަނަރަ) ދުވަހަށްވުރެ އިތުރުނުވުމެވެ. އެހެންނަމަވެސް، އިސްތިއުނާފު ކުރެވިފައިވާ މި މައްސަލައިގައި ހައިކޯޓުން ބަޔާންކޮށްފައިވާ ފަދައިން، ތުހުމަތުގައިވާ މީހަކު ބަންދުގައި ބެހެއްޓުމަކީ ކުށުގެ ކުޑަބޮޑުމިނާއި ގުޅުވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ، މީހެއްގެ މިނިވަންކަން ގައިދު ވާންވާނީ އެ މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑު މިނަށް ބަލައިގެނެއް ނޫނެވެ. އެކަން ބިނާވާންވާނީ، އޭނާ އެ ކުށެއް ކުރިކަމަށް ދައްކުވާދޭ ހެކީގެ މައްޗަށާއި، އެ މީހަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބުނާ މިންގަނޑުން ބަންދުގައި ބަހައްޓަންޖެހޭ މީހަކަށް ވުމުގެ ނުވަތަ ނުވުމުގެ މައްޗަށް ކަމުގައި އަހުރެން ދެކެމެވެ. އަދި ކޯޓުތަކުން މިފަދަ މައްސަލަތައް ނިންމުމުގައި މިކަންކަމަށް ސަމާލުވުން މުހިންމު ކަމުގައިވެސް ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2019/HC-A/366 ޤަޟިއްޔާގެ ޙުކުމް ބާޠިލްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ