ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 40 · 2021/SC-F/02

މުޙައްމަދު އަނީސް ވ. މުޙައްމަދު ޝަވީދު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 ޖުލައި 2022ދަށު ކޯޓު: ސުޕްރީމް ކޯޓު 2012/SC-A/30ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2009/HC-A/319، 352/MC/2008، 462/MC/2004، 2003/HC-A/127
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ދެ އުޅަނދުގެ ކުލި ހޯދުމަށް މުޙައްމަދު އަނީސް ކުރި ދަޢުވާގައި މަދަނީ ކޯޓުން 352/MC/2008 ޤަޟިއްޔާއިން މިސްލީ ކުލި ކަނޑައެޅި ކަމަށް ހައިކޯޓުން ތާއީދުކުރިއެވެ. ސުޕްރީމް ކޯޓުން 2012/SC-A/30 ޤަޟިއްޔާއިން އެ ޙުކުމްތައް ބާޠިލުކުރުމުން، އެ ނިންމުން މުރާޖަޢާކުރަން އެދުނެވެ.
ވާޤިޢާ
ވިޔަފާރީގެ ބައިވެރިއަކު ނިޔާވުމުން އެ ހިއްސާ ވާރިސުންނަށް ބެހި މަދަނީ ކޯޓުގެ 462/MC/2004 ޤަޟިއްޔާގެ މުދަލުގެ ލިސްޓުގައި، އެ މައްސަލައިގެ ޚަޞްމެއް ނޫން މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލޯންޗެއް ހިމެނުނެވެ. އޭނާގެ ލޯންޗާއި ދޯންޏެއް ވާރިސުންނަށް ލިބުނު ދެ ރިސޯޓުގައި ބޭނުންކުރަމުން ދިޔައިރު، ކުލި ހޯދުމަށް ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޚަޞްމެއް ނޫން މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިވާ އުޅަނދެއް، މައުޟޫޢީ ބަހުސެއް ނެތި، އިސްތިއުނާފުނުކުރެވި ނިމިފައިވާ ޤަޟިއްޔާއެއްގައި އެހެން ފަރާތަކަށް ޖެއްސުމުން އެ ނިންމުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ލިބޭތޯއާއި، ކުލީގެ މުޢާމަލާތް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމުގައި އަސާސީ ގޯހެއް ހެދި ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ރަޖިސްޓްރީއަކީ މިލްކުވެރިކަމުގެ އެންމެ ވަރުގަދަ ހެކިކަމަށާއި، 462/MC/2004 ގައި ލޯންޗުގެ މިލްކުވެރިކަމާމެދު ބަހުސެއް ނުކުރާކަމަށާއި، ކުލީގެ މުޢާމަލާތް ހެކިބަހުން ސާބިތުވާކަމަށް މުޙައްމަދު އަނީސް ބުންޏެވެ. އެ ޤަޟިއްޔާ އިސްތިއުނާފުނުކޮށް ނިހާއީވެފައިވާތީ މިލްކުވެރިކަން ބަދަލުނުކުރެވޭނެކަމަށާއި، މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާއަށް ފެތޭ މައްސަލައެއް ނޫންކަމަށް ރައްދުވި ފަރާތުން ބުންޏެވެ.
ކޯޓުގެ ސަބަބުތައް
ރަޖިސްޓްރީއަކީ މިލްކުވެރިކަމުގެ އެންމެ ބާރުގަދަ ހެކިކަމަށާއި، ޚަޞްމެއް ނޫން މީހެއްގެ މުދާ މައުޟޫޢުން ބޭރުން އަސާސެއް ނެތި އެހެން ފަރާތަކަށް ޖެއްސުމަށް ނިހާއީ ދަރަޖަ ނުލިބޭނެކަމަށް ކޯޓުން ބުންޏެވެ. ކޮންޓްރެކްޓަކަށް ވަކި ސިފައެއް ލާޒިމުނުވާތީ ހެކިބަހުން ކުލީގެ މުޢާމަލާތް ސާބިތުވާކަމަށާއި، ހިލޭ ބޭނުންކުރިކަން ސާބިތުނުވާނަމަ ކުލި އަރާކަމަށާއި، ކުލި ސާފުނުވާއިރު މިސްލީ ކުލި ކަނޑައަޅަންޖެހޭކަމަށް ކޯޓުން ކަނޑައެޅިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލޯންޗަކީ އޭނާގެ މިލްކެއް ނޫންކަމަށް ނިންމި ބައި ކަނޑައެޅިގެން ޤާނޫނު އެއްފަރާތްކުރުމަށްފަހު ނިންމާފައިވާތީ ބާޠިލުކޮށް، އެ ލޯންޗަކީ މުޙައްމަދު އަނީސްގެ އުޅަނދެއްކަމަށާއި، ލޯންޗުގެ މިލްކުވެރިކަމާމެދު މަދަނީ ކޯޓުގެ 352/MC/2008 އާއި ހައިކޯޓުގެ 2009/HC-A/319 ޤަޟިއްޔާތަކުގައި ނިންމި ނިންމުންތައް ޤާނޫނީ އުޞޫލުތަކާ އެއްގޮތްކަމަށް ކަނޑައެޅުނެވެ. ދޯންޏަށް މިސްލީ ކުއްޔެއް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ނިންމި ބައި ބާޠިލުކޮށް، ލޯންޗާއި ދޯންޏަކީ ކުއްޔަށް ދީފައިވާ ދެ އުޅަނދުކަމަށާއި، އެ ދެ ޤަޟިއްޔާގައި ކަނޑައެޅި މިސްލީ ކުލި ޤާނޫނާ އެއްގޮތްކަމަށް ކަނޑައެޅުނެވެ. ދެ އުޅަނދު މުޙައްމަދު އަނީސްއާ ޙަވާލުކުރުމަކީ 352/MC/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޛުކުރުމުގެ ތެރެއިން ކުރިއަށް ގެންދެވިދާނެ ކަމެއްކަމަށް ކަނޑައެޅުނެވެ. (ފަނޑިޔާރުންގެ އިއްތިފާޤުން.) ދޯނި ޙަވާލުކުރުމާ ގުޅޭ ނުކުތާއާއި ކުރީގެ ފަނޑިޔާރަކު ނުފޫޒު ފޯރުވިކަމަށް ބުނާ ނުކުތާއާމެދު ގޮތެއް ނުނިންމެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާއަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރެވޭނީ ހަމައެކަނި ފާޅުކަންބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާ ނަމައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރެވިދާނެ ހާލަތްތަކަކީ، ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް، ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވެފައި، އެ ނިންމުން ބަދަލުނުކޮށްފިނަމަ، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެދާނެ ކަމަށް ފެންނަ ހާލަތާއި، މައްސަލަ ނިންމާ ފަހުން އައު ހެކި ލިބި، އެ ހެއްކަށް ރިއާޔަތް ނުކޮށްފިނަމަ ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެދާނެ ހާލަތާއި، އެ ހުކުމް ނުވަތަ އެ ނިންމުން ބަދަލުނުކޮށްފި ނަމަ، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެދާނެ ކަމަށް ސުޕްރީމް ކޯޓަށް ފެނުމެވެ.

HN2 މުދަލެއް ރަޖިސްޓްރީ ކުރުން ޤާނޫނީ ގޮތުން ލާޒިމު ކުރުމަށްފަހު، ވަކި މީހެއްގެ ނަމުގައި އެ މުދަލެއް ރަޖިސްޓްރީ ކުރުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަކީ، އެ މުދަލުގެ މިލްކުވެރިކަން ސާބިތު ކުރުމުގައި ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ ހެއްކެވެ.

HN3 ޤާނޫނީ ގޮތުން ޙުކުމެއް ނުވަތަ ނިންމުމެއް ނިހާއީ ވެފައިވާ ކަމުގައި ބެލެވޭނީ އެ ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރުމުގެ އެންމެހައި މަރުޙަލާއެއް ނިމިފައިވުމުން ނުވަތަ އިސްތިއުނާފު ކުރުމަށް އޮތް އެންމެހައި ފުރުސަތު ގެއްލިފައި ވުމުންނެވެ.

HN4 ޤާނޫނުގައި ބަޔާންވެފައިވާ އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ނުކުރެވި، އެ މުއްދަތު ފަހަނައަޅައި ދިޔަ ނަމަވެސް، މަޤުބޫލު ސަބަބެއް މެދުވެރިވި ކަމުގައި ބަލައި އިސްތިސްނާއީ ޙާލަތްތަކެއްގައި އިސްތިއުނާފު ބަލައިގަންނަ ސަބަބުތަކެއް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަށައެޅި ޢަމަލު ކުރެވެމުން ދެއެވެ. މި ސަބަބުތަކަކީ، މިއިން ސަބަބެއް ނިންމުމަކަށް ކުރިމަތި ވެއްޖެނަމަ، އެ ނިންމުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ގެއްލިގެން ދިއުމުގެ އިހުތިމާލު ކުރިމަތިވެދާނެ ސަބަބުތަކެކެވެ. މިފަދަ ސަބަބުތަކުގެ ތެރޭގައި، ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުމާއި، ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުމާއި، ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން ހިމެނެއެވެ.

HN5 ކޯޓަކުން ކުރާ ޙުކުމަކަށް ނިހާއީ ސިފަ ލިބިގެންދާނީ، ޤާނޫނާ އެއްގޮތަށް އިންސާފުވެރި ކަމާއެކު އެ މައްސަލަ ނިމިފައިވާ ނަމައެވެ. ޙުކުމެއް ބިނާކުރި އަސާސްތަކަކީ ޤާނޫނާ ޚިލާފު އަސާސްތަކެއް ނަމަ، އެ އަސާސްތަކުގެ މަތީގައި އެ ޙުކުމެއް އިސްތިޤުރާރުވެ ހަރެއް ނުލާނެއެވެ. މި ސަބަބަށްޓަކައި އެ ފަދަ ނިންމުމެއް އިސްތިއުނާފު ކުރުމަށް ޤާނޫނުގައި އޮންނަ މުއްދަތު ފަހަނައަޅައި ޒަމާންތަކެއް ދިޔަ ނަމަވެސް، އިސްތިއުނާފުގެ ދޮރު އާޚިރުގައި ހުޅުވި އެ މައްސަލައިގެ ނިންމުމާމެދު ބަހުސްކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.

HN6 ޤަޟިއްޔާއެއްގެ މައުޟޫޢުން ބޭރުން، އަދި އެ މައްސަލައިގެ ޚަޞްމެއް ކަމުގައި ވެސް ނުހިމެނޭ މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައިވާ މުދަލެއް، ޤާނޫނީ އެއްވެސް އަސާސެއް ނެތި، އެހެން ފަރާތަކަށް ލިބިގެންވާ މުދަލެއްކަމުގައި ކަނޑައަޅާފައި އޮތް އޮތުމަކީ، އެ މުދަލާމެދު ނިންމާފައިވާ ނިންމުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ދެވިދާނެ ކަމެއް ނޫނެވެ. އަދި އެފަދަ އަސާސެއް ނެތް ނިންމުމެއްގެ މައްޗަށް ބުރަވެ ނިންމާ ނިންމުމަކީ، ޤާނޫނީ އުސޫލުތައް އެއްފަރާތް ކުރުމަށް ފަހު ނިންމާ ނިންމުމެކެވެ.

HN7 ގިނަ ވިޔަފާރިތަކަކާއި ގިނަ މުދާތަކަކާ ގުޅިގެން ނިންމުންތަކެއް ނިންމާފައިވާ މައްސަލައެއް ނިމުނު ފަހުން ގިނަ އަހަރުތަކެއް ފާއިތުވެ، އެ ޤަޟިއްޔާގެ ނިންމުމުގެ މައްޗަށް އިތުރު އެތައް ބައެއްގެ ޙައްޤުތަކެއް ތަރުތީބުވެފައިވާ ހާލަތުގައި، އެ ޤަޟިއްޔާގެ އިސްތިއުނާފެއް ހުޅުވައިލުމަކީ އެ ޤަޟިއްޔާގައި ނިމިފައިވާ ނިންމުންތަކާމެދު އަލުން ބަހުސް ކުރުމަށް ޖާގަދެވި، އެތައް ފަރާތެއްގެ ޙައްޤުތަކަކާ ގުޅިފައިވާ އެތައް ކަމެއް އަލުން ޝަރުޢީ މަރުޙަލާގެ ތެރެއިން ނިއުޅިގެން ގޮސްދާނެ ކަމެއް ކަމުން ރައްކާތެރި ގޮތެއް ނޫނެވެ. އެފަދަ ޤަޟިއްޔާއެއްގެ ލިސްޓެއްގައި ކުށަކުން ހިމެނިފައިވާ މުދަލެއްގެ ކުށް ރަނގަޅުކުރުމަށް ފޯރުކޮށްދެވޭނީ، އެ މުދާ ލިސްޓުން އުނިކޮށް، ލިސްޓް އެ މިންވަރަށް އިސްލާހުވީ ކަމުގައި ކަނޑައެޅުމެވެ.

HN8 އެއްބަސްވުމަކީ ނުވަތަ ކޮންޓްރެކްޓަކީ ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. މުޢާމަލާތަކާ ގުޅިގެން ކޮންޓްރެކްޓެއް އޮތްކަން ނުވަތަ ނޫންކަން ސާފުކޮށް އެނގެން ނެތްނަމަ، މުޢާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވެ، އެއް ވިސްނުމެއްގައި މުޢާމަލާތު ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާކަމުގެ މައްޗަށް ހެކި ހުރެއްޖެނަމަ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނުވަތަ ކޮންޓްރެކްޓެއް އޮތް ކަމުގައި ބެލެވޭނެއެވެ. މިފަދައިން ބެލުމުގައި މައްސަލައިގައި ލިބިފައިވާ ހެކިތަކަށާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވެންޖެހޭނެއެވެ.

HN9 ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދަޢުވާ ކުރާ މަދަނީ މައްސަލަތަކުގައި ދަޢުވާ ކުރާ ފަރާތުން ހޯދުމަށް އެދޭ އަދަދާއި، އެ އަދަދު ސާބިތު ކުރުމަށް ހުށަހަޅާ ހެކިތަކުން ސާބިތުވާ އަދަދާ ދެމެދު ފަރަގެއް އުޅޭނަމަ، ހެކިތަކުން ސާބިތުވާ ފައިސާގެ އަދަދު ނަގައިދިނުމަކީ ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އުސޫލެވެ.

HN10 މީހެއްގެ މުދާ އެ މީހާއަށް ބޭނުން ނުކުރެވި، އެ މުދާ އަނެއްކާގެ ހިޔާޒަތުގައި އޮވެ، އެ މީހާ އެ މުދާ ބޭނުން ކުރަނީ ތަބައްރުޢުގެ އުސޫލުން މުދަލުގެ ވެރިފަރާތަށް މަންފާއެއް ނުލިބޭ ގޮތަށް ކަން ސާބިތުނުވާ ނަމަ، އެ މުދަލަކީ މުދަލުގެ ވެރިފަރާތަށް ކޮންމެވެސް މަންފާއެއް ލިބޭނެ ފަދައަކުން އަނެކާގެ ހިޔާޒަތުގައި އޮތް މުދަލެއް ކަމުގައި ބަލައި، އެ މުދާ ބޭނުންކުރާ ކުރުމަށް ކުއްޔެއް ކަނޑައެޅުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޢަމަލު ކުރެވެމުން އަންނަ އުސޫލެކެވެ.

HN11 ހެކިންގެ ހެކިބަހުން ކުއްޔަކީ ކޮބައިކަން ސާފުނުވާ ހާލަތުގައި މިސްލީ ކުއްޔެއް ކަނޑައެޅެންޖެހޭނެއެވެ. އެއް ބާވަތުގެ މައްސަލަތަކުގައި އެއް އުސޫލުން ޢަމަލުކޮށް، ނިންމުންތަކުގައި އެއްގޮތްކަމާއި ހަމަހަމަކަން ދަމަހައްޓަން ޖެހެއެވެ.

HN12 ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގައި އެ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެއްކަކީ، އެ ހުށަހެޅުން ސުޕްރީމް ކޯޓަށް ހުށަހަޅާއިރު، ހުށަހެޅުމާއެކު ބަޔާން ކުރަންޖެހޭ އެއްޗެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
މަރްޔަމް ނިހާޔަތު، ޢާއިޝަތު ފަޒްނާ އަޙްމަދު، ދިވެހި ޗެމްބާރސް ލ.ލ.ޕ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ސިޔާޒް، ޢަބްދުﷲ ޢަލީ، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
މަޙާޒު ޢަލީ ޒާހިރު
ރައުޔު ލިޔުނު ފަނޑިޔާރު
މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1ޝަރީޢަތެއްގައި އުޅަނދެއްގެ މިލްކުވެރި ކަމާމެދު މައުޟޫޢީ ގޮތުން ޝަރީޢަތް ކުރުމެއް، ބަހުސްކުރުމެއް ނެތި، އަދި އެ ޝަރީޢަތުގެ ޚަޞްމެއް ކަމުގައި ވެސް ނުވާ މީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި އޮތް އުޅަނދެއް އެހެން ފަރާތެއްގެ އެއްޗެއް ކަމުގައި ކޯޓެއްގެ ނިންމުމުގައި އޮތެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ބަންދުވެ، ނިހާއީ ނިންމުމެއްގެ ދަރަޖަ ލިބިފައިވާ ހާލަތުގައި އެ އުޅަނދުގެ މިލްކުވެރި ކަމާމެދު އުޅަނދު ރަޖިސްޓްރީވެފައި އޮތް ފަރާތަށް އިތުރަށް ބަހުސް ކުރެވިދާނެ ހެއްޔެވެ؟ އަދި މި ހާލަތުގައި އެ ފަދަ ނިންމުމަކަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ދެވިދާނެ ހެއްޔެވެ؟ މިއީ މިއަދު އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައިގައި ބަހުސްކޮށް ގޮތެއް ނިންމަންޖެހޭ މައިގަނޑު ބައެއް ސުވާލުތަކެވެ. މި ސުވާލުތަކަށް ޖަވާބު ހޯދުމުގައި މި މައްސަލައިގެ ފަސްފަހަތަށް އެނބުރި ބަލައިލަމެވެ.

މައްސަލައިގެ ފަސް ފަހަތް

2ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމް އާއި ޢަބްދުﷲ ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A023078) އާ ދެމީހުން ހިއްސާވާ ވިޔަފާރިތަކުގެ ތެރެއިން އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ލިބެންވާ %40 (ސާޅީސް އިންސައްތަ) އިގެ ހިއްސާގެ މިންވަރު ވަކިކުރުމަށް ފަހު، އެ މިންވަރު މޫސާ ފަހީމްގެ ވާރިސުންނަށް ލިބިދިނުމަށް ޙުކުމް ކުރިއެވެ. މި ޙުކުމް ތަންފީޒު ކޮށްދިނުމަށް އެދި އެ ޙުކުމުގައިވާ ގޮތަށް، އެ މިންވަރު ކަނޑައަޅައި ވަކިކޮށް ދިނުމަށް އެދި އަލްމަރުޙޫމު މޫސާ ފަހީމުގެ ވާރިސުންގެ ފަރާތުން މަދަނީ ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިންނެވެ.

3މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ބެލުމަށްފަހު، އެ ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމް އާއި، ޢަބްދުﷲ ޢަލީއާ ދެމީހުންގެ ނަމުގައި ހިނގަމުންދިޔަ ޕާޓްނަރޝިޕާއި، ކުންފުނިތަކާއި، ދެ މީހުންގެ ނަމުގައި ހުރި ދެ މީހުންގެ އެކުވި މުދާތައް ބަހައި ނިންމާފައި ވެއެވެ. މި ފަދައިން ނިންމުމުގައި، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް އެ ޤަޟިއްޔާގައި ޖެއްސިފައިވާ މުދަލާއި، ނަގުދު ފައިސާގެ ލިސްޓެއް މި ޤަޟިއްޔާގައި ހިމެނިފައިވެއެވެ. މި ލިސްޓްގެ 22 ވަނަ އަށް" "އޭ.އޭ.އޭ 10" ނަމަކަށް ކިޔާ އުޅަނދެއް (މީގެ ފަހުން "ލޯންޗް") ހިމެނިފައި ވެއެވެ. މަދަނީ ކޯޓުން މި މައްސަލަ ނިންމާފައިވަނީ 01 ޖޫން 2006 ގައެވެ.

4މަދަނީ ކޯޓުން އެ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ނިންމި ފަހުން، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މައްޗަށް މުޙައްމަދު އަނީސް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042049) އެ ކޯޓުގައި ދަޢުވާއެއް ކުރިއެވެ. މި ދަޢުވާގައި މުޙައްމަދު އަނީސް އެދިފައިވަނީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މިލްކުވެރި ކަމުގައިވާ، އަދި އެމީހުންގެ ހިއްސާ އޮންނަ، ކ. އެރިޔަދޫ އައިލެންޑް ރިސޯޓާއި، އ. ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ބޭނުން ކުރަމުންދިޔަ އޭނާގެ ދޯންޏަކާއި، ލޯންޗަކީ އެ ދެ ރިސޯޓަށް ކުއްޔަށް ދީފައިވާ ދެ އުޅަނދު ކަމުގައިވާތީ، 1994 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2008 ފެބްރުއަރީ މަހުގެ ނިޔަލަށް ލިބެންވާ ކުލީގެ ފައިސާ ނަގައި ދިއުމަށާއި، އަދި އެ ދެ އުޅަނދު މުޙައްމަދު އަނީސްއާ ހަވާލުކުރެވޭ ދުވަހާ ހަމައަށް އިތުރަށް ކުއްޔަށް ލިބެންޖެހޭ ފައިސާ ނަގައި ދިނުމަށާއި، އެ ދެ އުޅަނދު ބޭނުން ކުރެވޭ ހާލަތުގައި އޭނާއަށް ލިބި ދިނުމަށެވެ. މި ޤަޟިއްޔާގައި މުޙައްމަދު އަނީސް ކުލީގެ ފައިސާގެ ގޮތުގައި ހޯދުމަށް އެދިފައިވަނީ، ލޯންޗަށް މަހަކު -/7000ރ. (ހަތްހާސް ރުފިޔާ) އެވެ. އަދި ދޯންޏަށް މަހަކު -/6000ރ. (ހަ ހާސްރުފިޔާ) އެވެ.

5ދެ އުޅަނދުގެ ކުލީގެ ފައިސާ ހޯދުމަށް މުޙައްމަދު އަނީސް ހުށަހެޅި މައްސަލަ ނިންމަމުން މަދަނީ ކޯޓުން ފާހަގަ ކޮށްފައިވަނީ، ލިޔެވިފައިވާ އެއްބަސްވުމެއް ނެތް ނަމަވެސް، މުހައްމަދު އަނީސްގެ ދަޢުވާގައި ބަޔާން ކޮށްފައިވާ ދެ އުޅަނދަކީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ކ. އެރިޔަދޫ އައިލެންޑް ރިސޯޓާއި، އ. ވިލަމެންދޫ އައިލެންޑް ރިސޯޓު މިލްކުވިއިރު، އެއްބަސްވުމެއްގެ ދަށުން އެ ދެ ރިސޯޓުގައި ބޭނުންކުރަމުން ދިޔަ ދެ އުޅަނދު ކަމަށާއި، މި އެއްބަސްވުމަށް އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް އެ ދެ ރިސޯޓު މިލްކުވި ތާރީޚުން (01 ޖޫން 2006 އިން ފެށިގެން) ފެށިގެން އެ ފަރާތްތަކުން ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމުގައެވެ. އަދި އެ ތާރީޚުގެ ކުރިންނާއި، އެ ތާރީޚުގެ ފަހުން ވެސް މި ދެ އުޅަނދު އެ ދެ ރިސޯޓުގައި ބޭނުން ކުރަމުން ދިޔަކަން ސާބިތުވާ ކަމަށާއި، މި ދެ އުޅަނދަކީ އެއްވެސް ކުއްޔަކާ ނުލައި އެ ދެ ރިސޯޓުގައި ބޭނުންކުރި ދެ އުޅަނދުކަން ސާބިތުވެފައި ނުވާހައި ހިނދަކު، މި ދެ އުޅަނދަކީ އުޅަނދުގެ ވެރިފަރާތަށް މަންފާއެއް ލިބޭ ގޮތަށް ދޫކޮށްފައިވާ ދެ އުޅަނދު ކަމުގައި ބަލަންޖެހޭނެ ކަމުގައެވެ.

6ކުލީގެ މިންވަރު ކަނޑައަޅަމުން މަދަނީ ކޯޓުން ފާހަގަ ކޮށްފައިވަނީ މުޙައްމަދު އަނީސް ހޯދުމަށް އެދިފައިވާ ކުލީގެ ފައިސާގެ ޢަދަދަކީ، މި މައްސަލަ ނިންމި ދުވަސްވަރު މިފަދަ އުޅަނދުތައް ކުއްޔަށް ދޭ ރޭޓަށްވުރެ ބޮޑު ކުއްޔެއްކަމަށް ނުބެލެވޭ ކަމަށެވެ. އަދި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުން ވެސް މި ކުއްޔަކީ ބޮޑު ކުއްޔެއް ކަމުގައި ބުނެ އިންކާރު ކޮށްފައި ނުވާކަމުގައެވެ. އަދި ކަންމިހެން އޮތުމުން 01 ޖޫން 2006 އިން ފެށިގެން 30 އޮގަސްޓް 2009 ގެ ނިޔަލަށް ހިނގާފައިވާ 38 މަހާއި 29 ދުވަހަށް ދެ އުޅަނދުގެ ކުލީގެ ގޮތުގައި 506,566/66ރ. (ފަސްލައްކަ ހަހާސް ފަސްސަތޭކަ ފަސްދޮޅަށް ހަ ރުފިޔާ ހަ ލާރި) އަކީ މުޙައްމަދު އަނީސްއަށް ލިބެންޖެހޭ ފައިސާ ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މީގެ އިތުރުން މި ދެ އުޅަނދު 27 އޮގަސްޓް 2009 އިން ފެށިގެން މީލާދީ 01 (އެކެއް) މަސްދުވަހުގެ ތެރޭގައި މުޙައްމަދު އަނީސްއާ ހަވާލު ކުރުމަށް މޫސާ ފަހީމްގެ ވާރިސުންގެ މައްޗަށް މަދަނީ ކޯޓުން އަމުރު ކޮށްފައިވެއެވެ.

7މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ ތެރެއިން ހ. ވާލީވިލާ، މުޙައްމަދު ޝަވީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A023957) އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި އިސްތިއުނާފުގައި ހައިކޯޓުން މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ނިންމުން ދަމަހައްޓާފައި ވެއެވެ. އަދި ހައިކޯޓުން މި މައްސަލަ މުޙައްމަދު ޝަވީދާ ދެކޮޅަށް ނިމުމުން މުހައްމަދު ޝަވީދު އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

8މުހައްމަދު ޝަވީދު އިސްތިއުނާފުކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ އިންނެވެ. އެ މައްސަލަ ބަލައި ނިންމުމުގައި ސުޕްރީމް ކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާ ނިންމި ފަހުން، އެ ޤަޟިއްޔާ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައިނުވާތީ އެއީ ނިހާއީ ނިންމުމެއްކަން. އަދި އެ ޤަޟިއްޔާގައި "އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް އެ ޤަޟިއްޔާގައި ޖެއްސިފައިވާ މުދަލާއި، ނަގުދު ފައިސާގެ ލިސްޓް" ގައި "އޭ.އޭ.އޭ 10" ނަމަކަށް ކިޔާ ލޯންޗް ހިމެނިފައިވުމުން އެ އުޅަނދަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މިލްކެއް ކަން.

26 މެއި 2015 ގައި ޓްރާންސްޕޯޓް އޮތޯރިޓީން މުޙައްމަދު އަނީސްއަށް ދޫކޮށްފައިވާ ރަޖިސްޓްރީ ނަންބަރު P5002A-02 10-T ލޯންޗްގެ ރަޖިސްޓްރީއަކީ، މަދަނީ ކޯޓުގެ ނަބްބަރު 462/MC/2008 ޤަޟިއްޔާއާ ތަޢާރުޟުވާ ގޮތަށް "ހެއްދިފައިވާ ރަޖިސްޓްރީއެއް" ކަމުގައިވާތީ، އެ ރަޖިސްޓްރީގެ މައްޗަށް ބިނާކޮށް މުޙައްމަދު އަނީސްއަކީ ލޯންޗްގެ މިލްކުވެރި ފަރާތްކަމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ނުބެލެވޭނެކަން.

ބެއްލަންވިލާ ދޯންޏަކީ ކުއްޔަށް ދީފައިވާ ދޯންޏެއްކަން އެނގޭނެ ކާފީ ހެއްކެއް ނެތްކަން. އަދި މި އުޅަނދު 01 ޖޫން 2006 ގެ ފަހުން (މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާ ނިމުނުފަހުން) މޫސާ ފަހީމްގެ ވާރިސުން ބޭނުން ކުރިކަން އެނގެން ނެތްކަން.

9މިކަންކަމުގެ އިތުރަށް، ސުޕްރީމް ކޯޓުން މައްސަލަ ނިންމިއިރު، އޮތް ހާލަތުގައި، ބެއްލަންވިލާ ދޯނި، ސުޕްރީމް ކޯޓުން މައްސަލަ ނިންމި ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މުޙައްމަދު އަނީސްއާ ޙަވާލު ކުރުމަށް މޫސާ ފަހީމްގެ ވާރިސުންނަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމާއި، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޙުކުމް ބާޠިލުކަމުގައި ސުޕްރީމް ކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުންތައް

10މި މައްސަލައަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގެ ނިންމުމަކީ ކަނޑައެޅިގެން ޤާނޫނު އެއް ފަރާތް ކުރުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން އެ ނިންމުން އަލުން ބަލައިދިނުމަށް އެދި މުޙައްމަދު އަނީސް ހުށަހަޅާފައިވާ މައްސަލައެކެވެ. މުޙައްމަދު އަނީސްގެ މި ހުށަހެޅުން ބިނާ ކޮށްފައިވަނީ އަންނަނިވި މައިގަނޑު ކަންކަމުގެ މައްޗަށެވެ.

ފުރަތަމަ ކަމަކީ ލޯންޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ނޫންކަމުގައި ނިންމާފައިވަނީ ރަނގަޅަށް ނޫންކަމުގައި ބުނެ ހުށަހަޅާފައިވާ ކަންކަމެވެ. މި ކަންކަމުގެ ތަފުސީލު ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި ހުށަހެޅި ފޯމުގެ 7.1، 7.2، 7.6، 7.7، 7.9 ގައި ފާހަގަ ކޮށްފައި ވެއެވެ. ލޯންޗްގެ މިލްކުވެރި ކަމާމެދު މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަ ކުރާ ކަންކަމުގެ ތަފުސީލަށް ބަލާއިރު، ލޯންޗަކީ މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލޯންޗްގެ ރަޖިސްޓްރީއިން އެނގޭނެ ކަމަށާއި، ރަޖިސްޓްރީއަކީ މިލްކުވެރިކަން ސާބިތު ކުރުމަށްޓަކައި ބޭނުންކުރެވޭނެ އެންމެ ވަރުގަދަ ހެކިކަން މުޙައްމަދު އަނީސް ފާހަގަ ކުރެއެވެ. އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާއަކީ ލޯންޗްގެ މިލްކުވެރި ކަމާމެދު އެއްވެސް މިންވަރަކަށް ޝަރީޢަތުގައި ބަހުސްކޮށް، މައުޟޫޢީ ގޮތުން ގޮތެއް ނިންމާފައިވާ ޤަޟިއްޔާއެއް ނޫން ކަމުގައްޔާއި، މި ލޯންޗްގެ މިލްކުވެރި ފަރާތަކީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންކަމުގައި އެ ފަރާތްތަކުން ވެސް މަދަނީ ކޯޓުގައި ނުބުނާކަމާއި، އަދި އެ ފަރާތްތަކަކީ އެ އުޅަނދުގެ މިލްކުވެރިން ކަމުގައި ކަނޑައަޅައި ދިނުމަށް އެ ފަރާތްތަކުން ސުޕްރީމް ކޯޓުގައި އެދިފައިނުވާކަން ވެސް މުޙައްމަދު އަނީސް ފާހަގަ ކުރެއެވެ.

ދެވަނަ ކަމަކީ، ސުޕްރީމް ކޯޓުގެ ނިންމުމުގައި މުޙައްމަދު އަނީސްގެ ދޯންޏަކީ ކުއްޔަށް ދީފައިވާ އުޅަނދެއް ނޫން ކަމުގައި ނުވަތަ ކުލީގެ މުޢާމަލާތް ސާބިތު ނުވާކަމަށް ނިންމާފައިވަނީ އެ މައްސަލައިގައި މަދަނީ ކޯޓުގައި ސާބިތުވެފައިވާ ވާޤިޢާތަކަށާއި، ޝަރީޢަތަށް ހުށަހެޅުނު ހެކި ތަކަށާއި، އެ މައްސަލައިގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ކަންތަކެވެ. މި ކަމުގެ ތަފުސީލު ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި މުޙައްމަދު އަނީސް ހުށަހެޅި ފޯމުގެ 7.3، އާއި 7.10 ގައި ފާހަގަ ކޮށްފައިވެއެވެ. ކުލީގެ މުޢާމަލާތާ ބެހޭ ގޮތުން މުޙައްމަދު އަނީސް ފާހަގަކުރާ ކަންކަމަށް ބަލާއިރު، ކޮންޓްރެކްޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ކަމުގައި ނުވާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ދެ އުޅަނދަކީ ވެސް، މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާ ނިމުނުއިރު، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް އެ ޤަޟިއްޔާއިން ލިބުނު ދެ ރިސޯޓުގައި ބޭނުންކުރަމުން ދިޔަ ދެ އުޅަނދު ކަމަށާއި، އަދި ބޭނުން ކުރަމުން ގޮސްފައިވަނީ ކުއްޔަށް ކަން މަދަނީ ކޯޓަށް ހުށަހެޅުނު ކިތާބީ ހެއްކާއި، ހެކިންގެ ހެކިބަހުން އެނގޭކަން މުޙައްމަދު އަނީސް ފާހަގަ ކުރެއެވެ. އަދި ދެ އުޅަނދަކީ، ދެ އުޅަނދުގެ ވެރިފަރާތަށް އެއްވެސް މަންފާއެއް ނުލިބޭނެހެން އެހެން ފަރާތެއްގެ ހިޔާޒަތުގެ ދަށުގައި ބާއްވާނެ އެއްޗެއްގެ ގޮތުގައި ބުއްދީގެ ހަމަތަކުން ނުބެލެވޭނެ ކަމުގައި މުޙައްމަދު އަނީސް ފާހަގަ ކުރެއެވެ.

އިތުރު ހުށަހެޅުންތަކެއް

11ބުނެވިދިޔަ ދެކަމުގެ އިތުރަށް، މި މައްސަލައިގައި ވާހަކަ ދެކެވޭ ބެއްލަންވިލާ ދޯނި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ ފަރާތުން މުޙައްމަދު އަނީސްއާ ޙަވާލުކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ފާހަގަ ކޮށްފައިވާ ކަންކަން ފާހަގަ ކޮށްފައިވަނީ ޙަޤީޤަތްތަކާ ޚިލާފަށް ކަމުގައި މުޙައްމަދު އަނީސް ފާހަގަ ކުރެއެވެ.

12މީގެ އިތުރުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ މުޙައްމަދު އަނީސްއާ ދެކޮޅަށް ޤާނޫނާ ޚިލާފަށް ނިންމާފައިވަނީ އެއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަރާތެއްގެ ނުރަނގަޅު ނުފޫޒުންނާއި، އެ ފަނޑިޔާރު މުޙައްމަދު އަނީސާ މެދު އޮންނަ ޒާތީ ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ކަމުގައި މުޙައްމަދު އަނީސް ފާހަގަ ކޮށްފައިވެއެވެ.

މުޙައްމަދު އަނީސް އެދޭ ގޮތް

13މުޙައްމަދު އަނީސް މި މައްސަލަ ހުށަހެޅިއިރު، އެންމެ ފުރަތަމަ އެދިފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ އަލުން ބެލުމަށްފަހު އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލު ކުރުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާއާއި، އެ ޤަޟިއްޔާއަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގެ ޙުކުމަކީ، ޤާނޫނާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް، އެއަށްފަހު، އެކަންކަން އިތުރަށް ތަފުސީލު ކުރުމަށްފަހު، މުޙައްމަދު އަނީސްއާ ދެކޮޅަށް ސުޕްރީމް ކޯޓުން ނިންމާފައިވާ އަންނަނިވި ކަންކަން ބަލައި ދިނުމަށް މުޙައްމަދު އަނީސް އެދިފައިވެއެވެ. މުޙައްމަދު އަނީސް ދެވަނަ ފަހަރަށް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރުމަށްފަހު، މުޙައްމަދު އަނީސް އެދުނު ފަދައިން، މި މައްސަލައިގައި މުޙައްމަދު އަނީސް މި މައްސަލައިގައި "އެދޭ ގޮތް" ބަދަލު ކުރުމުގެ ހުއްދަ ދިނުމަށް ނިންމިފައިވެއެވެ.

މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް މިލްކުވެފައިވާ އުޅަނދެއް ކަމުގައި ނިންމާފައިވާ ނިންމުން.

ލޯންޗާއި ދޯނީގެ ކުލީގެ ފައިސާ މުޙައްމަދު އަނީސްއަށް ލިބިދިނުމަށް އަންގާނެ ތަނެއް ނެތްކަމުގައި ނިންމާފައިވާ ނިންމުން.

އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ ނުރުހުމުގައި މުޙައްމަދު އަނީސްއަށް ލޯންޗް ލިބިދިނުމަށް އަންގާނެ ތަނެއް ނެތްކަމުގައި ނިންމާފައިވާ ނިންމުން.

ހުށަހެޅުންތަކަށް ދީފައިވާ ރައްދު

14މުޙައްމަދު އަނީސްގެ ހުށަހެޅުންތަކަށް މުޙައްމަދު ޝަވީދުގެ ފަރާތުން ދީފައިވާ ރައްދުތަކަށް ބަލާއިރު، އެ ރައްދުގައި މައިގަނޑު ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ.

ފުރަތަމަ ކަމަކީ ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި މުޙައްމަދު އަނީސް ހުށަހަޅާފައިވާ މި ހުށަހެޅުން ބިނާވާ އަސްލު މައްސަލައަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާގައި މުޙައްމަދު އަނީސްގެ ލޯންޗެއް ކަމުގައި މުޙައްމަދު އަނީސް ބުނާ ލޯންޗެއް އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް އެ ޤަޟިއްޔާގައި ޖެއްސިގެންވާ މުދަލުގެ ލިސްޓްގައި ހިމެނިފައި އޮންނަ އޮތުން ކަމުގައި މުޙައްމަދު ޝަވީދުގެ ފަރާތުން ބުނެއެވެ. މަދަނީ ކޯޓުގެ އެ ޤަޟިއްޔާ މަދަނީ ކޯޓަށް ހުށަހެޅި ނިމިގެން ދިޔައީ ވެސް މުޙައްމަދު އަނީސްގެ އެނގުމުގެ ތެރެއިން ކަމަށްވެފައި، އެ ޤަޟިއްޔާގައި ކޮންމެ ގޮތަކުން ނަމަވެސް އެ އުޅަނދުގެ ވާހަކަ ހިމެނިފައި އޮތުމުން އެކަމަށް ޤާނޫނީ ގޮތުން ހައްލެއް ގެނެވޭނީ އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްގެން ކަމުގައިވާއިރު، މުޙައްމަދު އަނީސް ނުވަތަ އެހެން ވެސް ފަރާތަކުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިނުވުމުގެ ސަބަބުން އެ ޤަޟިއްޔާގެ ޙުކުމަކީ ނިހާއީ ޙުކުމެއްގެ ބާރު ލިބިފައިވާ ޙުކުމެއް ކަމުގައިވާތީ، މިހާރު މުޙައްމަދު އަނީސްއަށް އެ ޤަޟިއްޔާގެ ޙުކުމުގައި އިސްތިޤުރާރުވެފައިވާ ކަމެއް އެ ނޫން ގޮތަކަށް ބަދަލު ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމުގައި މުޙައްމަދު ޝަވީދުގެ ފަރާތުން ފާހަގަ ކުރެއެވެ. އަދި މިކަން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ސާފުކޮށް ބަޔާން ކޮށްފައިވާއިރު، މިއީ އެ ޤަޟިއްޔާގެ ނިންމުން އަލުން ބަލައި މުރާޖަޢާކޮށްގެން ހައްލެއް ލިބޭނެ ކަމެއް ނޫންކަމުގައި ވެސް މުޙައްމަދު ޝަވީދުގެ ފަރާތުން ފާހަގަ ކުރެއެވެ.

ދެވަނަ ކަމަކީ، މި މައްސަލައިގައި މުޙައްމަދު އަނީސް ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އެ ކަންކަމަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި، ސުޕްރީމް ކޯޓުގެ ނިންމުމެއް އަލުން ބެލިދާނެކަމަށް ބަޔާންކުރާ ހާލަތްތަކުން ކުރެ ހާލަތަކަށް ފެތޭ މައްސަލައެއް ނޫންކަމުގައި ބުނެ މުޙައްމަދު ޝަވީދުގެ ފަރާތުން ފާހަގަ ކުރާ ފާހަގަ ކުރުމެވެ.

ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

15މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ދެ ނުކުތާއެއް ހިމެނެއެވެ.

ފުރަތަމަ ނުކުތާއަކީ، އަދި އެންމެ މުހިންމު ނުކުތާއަކީ މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯންޗަކީ މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަމުގައި ވެފައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2008 ޤަޟިއްޔާ ނިންމިއިރު، އެ ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލާއި ފައިސާގެ ލިސްޓްގައި އެ އުޅަނދު ހިމެނިފައި އޮވެ، އެ ޤަޟިއްޔާގެ ނިންމުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ލިބިފައިވުމުން އެ ލޯންޗްގެ މިލްކުވެރި ފަރާތަކީ މުޙައްމަދު އަނީސް ކަމުގައި ނުބެލެވޭނެ ކަމުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި އަސާސީ ގޯހެއް ހެދިފައި އޮތުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވާކަން ނުވަތަ ނޫންކަމާ މެދުގައެވެ.

ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯންޗާއި، ދޯންޏަކީ، މުޙައްމަދު އަނީސް ބުނާފަދައިން ކުއްޔަށް ދީފައިވާ ދެ އުޅަނދުކަން ނުވަތަ ނޫންކަމާ މެދުގައެވެ. މި ގޮތުން ކުލީގެ މުޢާމަލާތް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ނިންމުމުގައި، އަސާސީ ގޯހެއް ހެދިފައިވާކަން ނުވަތަ ނޫންކަން ދެނެގަންނަންޖެހެއެވެ.

16މި ދެ ކަންތަކުގައި ގޮތް ކަނޑައެޅުމަށް ފަހުގައި، ބެއްލަންވިލާ ދޯނި މުޙައްމަދު އަނީސްއާ ޙަވާލު ކުރުމާމެދުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމާމެދު މުޙައްމަދު އަނީސް ފާހަގަ ކުރާ ކަންތަކުގައްޔާއި، ސުޕްރީމް ކޯޓުން ކުރިން މައްސަލަ ބެލި ފަނޑިޔާރެއް މި މައްސަލަ އެއިރު ވަކި ގޮތަކަށް ނިންމަށް މަސައްކަތްކޮށް ނުފޫޒު ފޯރުވިކަމަށް ބުނެ މުޙައްމަދު އަނީސް ހުށަހަޅާފައިވާ ހުށަހެޅުމާމެދު ވެސް ގޮތެއް ނިންމާނަމެވެ.

17މަތީގައި މި ފާހަގަ ކުރި ކަންކަމާމެދު ގޮތެއް ނިންމުމުގައި އަހުރެންގެ ކުރިމަތީގައި އޮތް މައިގަނޑު އަދި މުހިންމު ސުވާލަކީ މިއީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް އަލުން ބަލައި ދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމުގައިވާއިރު، މި މައްސަލަ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުން ކުރެ ހާލަތަކަށް ފެތޭ ހެއްޔެވެ؟ މި ސުވާލެވެ.

18HN1ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާއަށް ބަލާއިރު، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރެވޭނީ ހަމައެކަނި ފާޅުކަންބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާ ނަމައެވެ. އަދި މި މާއްދާއަށް ބަލާއިރު ފާޅުކަން ބޮޑު ބޭއިންސާފެއް އޮވެގެން ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖަޢާ ކުރެވިދާނެ ތިން ހާލަތެއް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢަލީ ވ. ފާޠިމަތު ފަރީދާ އާއި އިތުރު 7 ފަރާތެއް [2021] SC 95 މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަ ކުރައްވާފައިވެއެވެ. އެ ތިން ހާލަތު ތިރީގައި މިވަނީއެވެ.

މުރާޖައާކުރަން އެދި ހުށަހަޅާ ހުކުމަކީ ނުވަތަ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް، ގާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވެފައި، އެ ނިންމުން ބަދަލުނުކޮށްފިނަމަ، އެ ނިންމުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެދާނެ ކަމަށް ފެންނަ ހާލަތު؛ ނުވަތަ

މުރާޖައާކުރަން އެދި ހުށަހަޅާ ހުކުމަކީ ނުވަތަ ނިންމުމަކީ މައްސަލަ ނިންމާ ފަހުން އައު ހެކި ލިބި، އެ ހެއްކަށް ރިއާޔަތް ނުކޮށްފިނަމަ ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެދާނެ ހުކުމެއް ނުވަތަ ނިންމުމެއް ކަމަށް ފެންނަ ހާލަތު؛ ނުވަތަ

މުރާޖައާކުރަން އެދި ހުށަހަޅާ ހުކުމަކީ ނުވަތަ ނިންމުމަކީ، އެ ހުކުމް ނުވަތަ އެ ނިންމުން ބަދަލުނުކޮށްފި ނަމަ، ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރި ވެދާނެ ކަމަށް ސުޕްރީމް ކޯޓަށް ފެނުން؛ މިއެވެ.

19ޝަރީޢަތުގެ ކުރިމަތީގައި މި އޮތް މައްސަލައަކީ، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުންކުރެ ހާލަތަކަށް ފެތޭ މައްސަލައެއްކަން އެނގިގެންދާނީ މައްސަލަ ހުށަހެޅި ފަރާތުން ފާހަގަ ކުރި ވަކިވަކި ނުކުތާތަކަށް ބަލައިގެން ކަމުގައިވާތީ، އަހުރެން ދެން މި ބަލާލަނީ އެ ނުކުތާތަކުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ ބަލައި ނިންމުމުގައި އަސާސީ ގޯހެއް ހެދިފައި އޮތުމުގެ ސަބަބުން ފާޅުކަން ބޮޑު ބޭއިންސާފެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ބެލުމަށެވެ.

ލޯންޗްގެ މިލްކުވެރިކަން

2029 ޖޫން 1978 އިން ފެށިގެން ޢަމަލު ކުރަމުން އަންނަ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގެ 01 ވަނަ މާއްދާގައި ބަޔާންވެފައިވަނީ،

"ދިވެހިރާއްޖޭގައި އުފައްދާ ކަނޑުގައި ދުއްވާ އުޅަނދުތަކާއި، ރާއްޖޭން ބޭރުން ގެންނަ އެހެން ގައުމެއްގައި ރަޖިސްޓްރީ ކުރެވިފައިނުވާ ކަނޑުގައި ދުއްވާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ދުއްވަންވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންސްގައި ރަޖިސްޓަރީ ކޮށްގެންނެވެ." މި ފަދައިންނެވެ.

21HN2މުދަލެއް ރަޖިސްޓްރީ ކުރުން ޤާނޫނީ ގޮތުން ލާޒިމު ކުރުމަށްފަހު، ވަކި މީހެއްގެ ނަމުގައި އެ މުދަލެއް ރަޖިސްޓްރީ ކުރުމަށްފަހު ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަކީ، އެ މުދަލުގެ މިލްކުވެރިކަން ސާބިތު ކުރުމުގައި ބޭނުން ކުރެވޭނެ އެންމެ ބާރުގަދަ ހެއްކެވެ. މިކަން އިތުރަށް އެނގިގެންދަނީ ސުޕްރީމް ކޯޓުގެ އިބްރާހީމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދު މައްސަލައިންނެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ޤާނޫނުގައިވާ ގޮތުގެމަތިން ދައުލަތުގެ ކަމާބެހޭ އިދާރާއަކުން، މީހެއްގެ ނަމުގައި މުދަލެއް ރަޖިސްޓްރީކޮށް އެކަން ކަށަވަރުކުރުމަށް އެފަދަ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ރަޖިސްޓްރީއަކީ އެ މުދަލުގެ މިލްކުވެރިކަން، އެ މުދަލެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހަކަށް އޮތްކަން ކަށަވަރުކަމާއި ޔަޤީންކަމާއެކު ހާމަކޮށްދެނިވި، އެންމެންގެ މައްޗަށް އޮތް ދަލީލެއްކަމާއި މިގޮތުން، ޤާނޫނީގޮތުން ރަޖިސްޓްރީކުރުން ލާޒިމުވާފަދަ މުދަލެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަސްމީގޮތުން ރަޖިސްޓްރީކުރެވިއްޖެނަމަ އެކަން ކަށަވަރުކޮށްދޭ ރަސްމީ ރަޖިސްޓްރީއަކީ، އެއްވެސް ޝައްކެއްނެތި އެ މުދާ އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މީހަކީ އެ މުދަލުގެ މިލްކުވެރިފަރާތްކަން އެނގޭ ޔަޤީނީ ދަލީލެއްކަމާއި އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު މިލްކެއް މީހެއްގެ ނަމުގައި ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓްރީކޮށް އެ އިދާރާއިން އެކަން ކަށަވަރު ކޮށްދިނުމުގެ ގޮތުން ދޫކުރާ ރަސްމީ ރަޖިސްޓްރީގެ ލިޔުމަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ މުޠުލަޤު ބާރު އެއަށްލިބިފައިވާ ވަސީލަތްތަކުގެ ތެރޭގައިހިމެނޭ ވަސީލަތެއްކަމާއި އަދި އެފަދަ ލިޔުމަކީ ޙަޤީޤަތާ ޚިލާފު ދޮގު (ފޯރޖް) ލިޔުމެއްކަން ނުވަތަ އެ ނޫން އެހެން ގޮތެއް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތު ނުވާހާ ހިނދަކު އޭގެ ޙުއްޖިއްޔަތު ވެއްޓިގެން ނުދާނެ ލިޔުމެއްކަމާއި،..."

22މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަކުރާ ގޮތުން "އޭ.އޭ.އޭ 10" ރަޖިސްޓްރީ ނަންބަރުP5002A-02 10-T ލޯންޗަކީ މުޙައްމަދު އަނީސްގެ ނަމުގައި 1991 ޑިސެމްބަރ 14 ދުވަހު ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެކެވެ. އުޅަނދުގެ މި މަޢުލޫމާތު 2003 އޭޕްރިލް 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މުޙައްމަދު އަނީސަށް ދޫކޮށްފައިވާ އުޅަނދުގެ ރަޖިސްޓްރީން އެނގެއެވެ. މި ރަޖިސްޓްރީއަކީ މި މައްސަލަ މީގެ ކުރިން ބެލުނު ތިން މަރުޙަލާގެ ކޯޓުތަކަށް މުޙައްމަދު އަނީސް ހުށަހަޅާފައިވާ ރަޖިސްޓްރީއެކެވެ.

23މި ހިސާބުން އުސޫލެއްގެ ގޮތުން ވާހަކަ ދެކެވޭ ލޯންޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ކަމުގައި ނިންމިދާނެއެވެ. ނަމަވެސް މިފަދައިން ނިންމުމުގެ ކުރިން، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއިން އެކަމަށް ހުރަހެއް އަޅާކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. ސަބަބަކީ އެ ޤަޟިއްޔާގައި މި އުޅަނދަކީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލެއް ކަމުގައި ކަނޑައެޅިފައި އެބައޮތެވެ. އަދި އެ ޤަޟިއްޔާއަކީ އެއްވެސް ފަރާތަކުން އިސްތިއުނާފު ކޮށްފައި ނުވާ ޤަޟިއްޔާއެއް ކަން ވެސް މި މައްސަލައިގައި ދެކެވުނު ވާހަކަތަކުން އެނގެއެވެ. ކަންމިހެން އޮތުމުން ދެން އަހުރެން ބަލާނީ އެ ޤަޟިއްޔާގެ ނިންމުމަކީ މި އުޅަނދުގެ މިލްކުވެރިއަކީ މުޙައްމަދު އަނީސް ނޫންކަމުގައި ނުވަތަ އެ މިލްކުވެރިކަން މުޙައްމަދު އަނީސްގެ ކިބައިން ނަފީ ވެގެންދާނެ ސަބަބެއް ކަން ނުވަތަ ނޫން ކަމާމެދު ގޮތެއް ނިންމުމަށެވެ.

ލޯންޗްގެ މިލްކުވެރިކަމާ މެދު އުފައްދާ ސުވާލު

24ކުރިން އަހުރެން ބަޔާންކުރި ފަދައިން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލާއި ފައިސާގެ ލިސްޓްގައި ހިމެނިފައިވާ އުޅަނދެކެވެ. މި އުޅަނދު އޮތީ އެ ލިސްޓްގެ މަތިން ފެށިގެން 22 ވަނަ އަށެވެ. އެ ލިސްޓްގައިވާ އެހެން އުޅަނދުތަކެކޭ އެއްފަދައިން ލިސްޓްގައި މި އުޅަނދުގެ ރަޖިސްޓްރީ ނަންބަރެއް ނެތެވެ. ލިސްޓްގައި މި ލޯންޗްގެ ނަމަކަށް އޮތީ "އޭ.އޭ.އޭ 10 ސްޕީޑް ބޯޓު" މިހެންނެވެ. އުޅަނދުގެ ރަޖިސްޓްރީ ނަންބަރު އެ ލިސްޓްގައި ނެތް ނަމަވެސް، މިއީ މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ، ރަޖިސްޓްރީ ނަންބަރުP5002A-02 10-T އުޅަނދު ކަމާމެދު މި މައްސަލައިގައި ބަހުސެއް އުފެދިފައި ނުވެއެވެ.

25މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިފައިވާ މުދަލާއި ފައިސާގެ ލިސްޓަކީ ޝަރީޢަތުން އެ މުދަލާއި ފައިސާއަކީ ކޮބައިކަން ބެލުމަށްފަހު އެކުލަވާލާފައިވާ ލިސްޓެއްކަން އެނގެއެވެ. މި ގޮތުން "އޭ.އޭ.އޭ 10" ސްޕީޑް ބޯޓު ނުވަތަ ލޯންޗް ފިޔަވައި އެ ލިސްޓްގައިވާ ގިނަ އުޅަނދުތަކުގެ ރަޖިސްޓްރީގެ ކޮޕީތައް އެ ޤަޟިއްޔާގެ ޝަރީޢަތަށް، މަދަނީ ކޯޓަށް ހުށަހެޅުނުކަން އެނގެއެވެ. އަދި މި ލޯންޗްގެ މިލްކުވެރިކަމާމެދު މައުޟޫޢީ ގޮތެއްގައި މަދަނީ ކޯޓުގައި އެ ޤަޟިއްޔާގެ ތެރޭގައި ބަހުސްކޮށްފައިވާ ކަން އެނގެން ނެތެވެ. މި ކަންކަންވަނީ ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި މި މޭރުމުން ފާހަގަ ކޮށްފައެވެ.

26މީގެ އިތުރަށް މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާއާއި، މުރާޖަޢާ ކުރުމަށް މުހައްމަދު އަނީސް ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ނިންމުމުގައި މި ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލާއި ފައިސާގެ ލިސްޓްގައި ހިމެނިފައިވާ އުޅަނދެއްކަން ފާހަގަކޮށް، އެ ޤަޟިއްޔާގެ ނިންމުމުގެ އެ ނުކުތާއާ ޙަވާލާ ދީގެން ނޫން ގޮތަކަށް މި ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މުދަލެއް ކަމުގައި އެ ފަރާތްތަކުން ބުނެފައި ނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ލޯންޗްގެ މިލްކުވެރިކަން އެ ފަރާތްތަކަށް ލިބިގެންވާ އެހެން ސަބަބެއް އޮވެ އެ ސަބަބުގެ މައްޗަށް ބުރަވެ އެ ފަރާތްތަކުން ވާހަކަ ދައްކާފައި ނުވެއެވެ.

27ހަމަ މިމޭރުމުން ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާއާ ހަވާލާދީ، ސުޕްރީމް ކޯޓުގެ ނިންމުން މުރާޖިޢާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލަ ރައްދުވާ މުޙައްމަދު ޝަވީދުގެ ފަރާތުން އެ ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ މިލްކުވެރި ކަމުގައިވާ އުޅަނދެއް ކަމުގައި ބުނެފައިވެއެވެ. އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ފުރުސަތު މުޙައްމަދު އަނީސްއަށް ލިބިފައި އޮތް ކަމުގައްޔާއި، އެ ޤަޟިއްޔާ މުޙައްމަދު އަނީސް ނުވަތަ އެހެން ފަރާތަކުން ނަމަވެސް އިސްތިއުނާފު ކޮށްފައި ނުވުމުގެ ސަބަބުން އެ ޤަޟިއްޔާގެ ޙުކުމަކީ ނިހާއީ ޙުކުމެއް ކަމަށްވާތީ، މިހާރު މި ލޯންޗްގެ މިލްކުވެރިކަމާމެދު އިތުރަށް ބަހުސް ކުރުމުގެ ޖާގައެއް ނެތްކަމުގައި މުޙައްމަދު ޝަވީދުގެ ފަރާތުން ފާހަގަ ކޮށްފައިވެއެވެ. އަދި މިކަމަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމެއް ކަމުގައި ވެސް މުޙައްމަދު ޝަވީދުގެ ފަރަތުން މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ލޯންޗްގެ މިލްކުވެރިކަމާމެދު ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުން

28ސުޕްރީމް ކޯޓުން ލޯންޗްގެ މިލްކުވެރިކަމާމެދު ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއާ ޙަވާލާދީ ވާހަކަ ދެކެވޭ ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ އުޅަނދެއް ކަމުގައި މައްސަލަ އިސްތިއުނާފު ކުރި މުޙައްމަދު ޝަވީދުގެ ފަރާތުން ވާހަކަ ދައްކައި އެ ނުކުތާ ސުޕްރީމް ކޯޓުގައި "އިލްތިމާސް" ކޮށްފައިވާ ކަމުގައެވެ. އެއަށްފަހު، އިތުރަށް ތަފުސީލު ކުރަމުން އެ ލޯންޗަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް އެ ޤަޟިއްޔާގައި ޖެއްސިގެންވާ މުދަލުގެ ލިސްޓްގައި ހިމެނޭ މުދަލެއް ކަމުގައިވެފައި، މަދަނީ ކޯޓުގެ އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގެ ބާރުން އެ ލޯންޗަކީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މުދަލެއް ކަން ސާފުކޮށް އެނގޭކަމުގައި ސުޕްރީމް ކޯޓުން އެ ޤަޟިއްޔާގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

29އިތުރަށް ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ، މި ލޯންޗަކީ 14 ޑިސެމްބަރ 1991 ދުވަހުން ފެށިގެން މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ލޯންޗެއްކަން އެ އުޅަނދަށް ޓްރާސްޕޯޓު އޮތޯރިޓީއިން 26 މެއި 2015 ގައި ހަދައިދީފައިވާ އެ އުޅަނދުގެ ރަޖިސްޓްރީއިން އެނގެން އޮތް ނަމަވެސް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ބާޠިލުނުވެ ދެމި އޮތް ޙުކުމެއްކަން އެނގެން އޮންނާތީ އެ ޙުކުމް މައުޖޫދުވެ ދެމިއޮތުމުން އެ ލޯންޗަށް 26 މެއި 2015 ގައި ޓްރާންސްޕޯޓް އޮތޯރިޓީއިން ހަދައިދީފައިވާ ރަޖިސްޓަރީއަކީ، އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާ ތަޢާރަޟުވާ ގޮތަށް އެ ލޯންޗަށް ހެއްދިފައިވާ އެއްވެސް ރަޖިސްޓްރީއަކީ އެ ލޯންޗްގެ މިހާރުގެ މިލްކުވެރި ފަރާތަކީ މުޙައްމަދު އަނީސް ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބެލެވޭނެ ތަނެއް އޮތް ލިޔުންތަކެއް ނޫންކަމުގައެވެ.

މިލްކުވެރިކަމާ ގުޅުންހުރި ނުކުތާ އިސްތިއުނާފު ކުރިތަ؟

30ލޯންޗްގެ މިލްކުވެރިކަމާމެދު މުޙައްމަދު އަނީސް ފާހަގަ ކުރާ އެއް ކަމަކީ، ލޯންޗަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މުދަލެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެއިން ފަރާތަކުން ސުޕްރީމް ކޯޓުގައި އެދިފައިނުވާ ކަމުގައެވެ. މި ނުކުތާއަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއާ ޙަވާލާދީ، ލޯންޗަކީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މިލްކު އުޅަނދެއް ކަމުގައި ބުނެ، އެ ނުކުތާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަމަށް ސުޕްރީމް ކޯޓުން އެ ޤަޟިއްޔާގެ ނިންމުމުގައި ފާހަގަ ކޮށްފައި އޮތްނަމަވެސް، އެ ނުކުތާއަކީ އެ ޤަޟިއްޔާގައި މުޙައްމަދު ޝަވީދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ނުކުތާއެއް ނޫންކަމެވެ.

31މިކަމަށް ލިބޭ ހެކިތަކަށް ބަލާއިރު، ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި، އެ ނުކުތާއެއް ހިމެނިފައި ނުވެއެވެ. އަދި ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގެ "ޝަރީޢަތް ނިމުނު ގޮތުގެ ޚުލާޞާ" ގައި ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ފާހަގަ ކުރި ނުކުތާތަކުގެ ތެރޭގައި ވެސް މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއާ ޙަވާލާދީ ލޯންޗްގެ މިލްކުވެރިކަން އޮތީ ވަކި ގޮތަކަށް ކަމުގައި ބުނެ އިސްތިއުނާފު ނުކުތާއެއް ހުށަހެޅިކަމުގައި ބަޔާންވެފައި ނުވެއެވެ.

32މީގެ އިތުރަށް މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވުނު ފުރަތަމަ އަޑުއެހުމުގައި އިސްތިއުނާފު ކުރި މުޙައްމަދު ޝަވީދުގެ ޤާނޫނީ ވަކީލު ހުށަހެޅި ނުކުތާތަކުގެ ތަފުސީލުގައި ވެސް މިކަން ފާހަގަ ކޮށްފައިނުވެއެވެ. އަދި އިސްތިއުނާފީ ފޯމުގައި ހިމެނިފައިނުވާ އިސްތިއުނާފީ އައު ނުކުތާއެއްގެ ގޮތުގައި މި ނުކުތާ ހުށަހެޅުމަށް މަސައްކަތް ކޮށްފައިވާކަން މަޙްޟަރު ބަޔާންތަކުން އެނގެން ނެތެވެ. މީގެ އިތުރަށް، މުޙައްމަދު ޝަވީދުގެ ޤާނޫނީ ވަކީލު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލައަކީ އުޅަނދުތަކުގެ މިލްކުވެރިކަމާމެދު ސުވާލު އުފެދިގެން އުޅޭ މައްސަލައެއް ނޫންކަމުގައި ބުނެފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އެ ވަކީލުގެ ވާހަކަތަކުގައި ލޯންޗާއި، ދޯނީގެ މިލްކުވެރިކަން ފަރަގުކޮށް ވާހަކަ ދައްކާފައި ނުވާކަންވެސް މަޙްޟަރު ބަޔާންތައް ބެލުމުން އެނގެއެވެ.

33ނަމަވެސް، 2012 ޑިސެމްބަރ 10 ވަނަ ދުވަހު މި މައްސަލައިގައި އަޑުއެހުންތައް ނިމުނު ފަހުން 02 އަހަރާއި، 02 މަހާއި، 02 ދުވަސް ފަހުން 2015 ފެބުރުވަރީ 12 ވަނަ ދުވަހު މި މައްސަލަ އެންމެ ފުރަތަމަ ބެއްލެވި ފަނޑިޔާރުންގެ ބެންޗް ބަދަލުވުމާ ގުޅިގެން އިތުރު އަޑުއެހުން ތަކެއް ބޭއްވުނުކަން ރެކޯޑުތަކުން ދައްކައެވެ. އެ އަޑުއެހުން ތަކުގައި މުޙައްމަދު ޝަވީދުގެ ޤާނޫނީ ވަކީލު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއާ ޙަވާލާދީ ލޯންޗްގެ މިލްކުވެރި ފަރާތާމެދު ވާހަކަ ދައްކާފައިވެއެވެ. އަދި މި ވާހަކަތަކަށް މުޙައްމަދު އަނީސް އާއި މުޙައްމަދު އަނީސްގެ ޤާނޫނީ ވަކީލު ޖަވާބު ދީފައިވެއެވެ.

34މި ކަންކަން މިހެން ހުރުމުން، ލޯންޗްގެ މިލްކުވެރިކަމާމެދު ސުޕްރީމް ކޯޓުން މީގެ ކުރިން ގޮތެއް ނިންމާފައިވަނީ ކޯޓުގެ ކުރިމައްޗަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަކާ ގުޅިގެން ނޫންކަމުގައި ބަލަންޖެހެއެވެ.

ލޯންޗްގެ ރަޖިސްޓްރީ ދޫކުރި ތާރީޚު

35މުޙައްމަދު އަނީސް މި މައްސަލައިގައި ވާހަކަ ދެކެވޭ ދެ އުޅަނދުގެ ކުލި ހޯދުމަށް އެދި މަދަނީ ކޯޓަށް ހުށަހެޅި މައްސަލައިގައްޔާއި، އަދި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ބެލި މައްސަލައިގައި ހުށަހެޅިފައިވާ ލޯންޗްގެ ރަޖިސްޓްރީއަކީ 28 އޭޕްރިލް 2003 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ރަޖިސްޓްރީއެކެވެ. މިއީ ސުޕްރީމް ކޯޓަށް ވެސް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ ކުރިއަށް ދިޔައިރު ހުށަހެޅިފައިވާ ރަޖިސްޓްރީއެކެވެ. މީގެ އިތުރުން 26 މެއި 2015 ގައި ހެއްދިފައިވާ ރަޖިސްޓްރީގެ ކޮޕީއެއް ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގެ ލިޔުންތަކުގެ ތެރޭގައި ހިމެނިފައި ނުވެއެވެ. އެހެން ނަމަވެސް ފަހުގެ ރަޖިސްޓްރީއަކީ، ކުރީގެ ރަޖިސްޓްރީ ހުށަހެޅުމަށް މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށް ދިޔައިރު، ސުޕްރީމް ކޯޓުން އެންގުމުން އެ ރަޖިސްޓްރީ ހުށަހެޅުމަށްޓަކައި ރަޖިސްޓްރީ ހޯދާ ނުފެނުމުން ފަހުން ހައްދާފައިވާ ރަޖިސްޓްރީ އެއްކަމުގައި މިކަމާ ގުޅިގެން ސުވާލު ކުރުމުން މުޙައްމަދު އަނީސް ބުނެފައިވެއެވެ.

36ބަހުސްގެ ބޭނުމަށްޓަކައި، 28 އޭޕްރިލް 2003 ގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ ލޯންޗްގެ ރަޖިސްޓްރީއާއި، 26 މެއި 2015 ގައި އެ އުޅަނދަށް ދޫކޮށްފައިވާ ދެވަނަ ރަޖިސްޓްރީއަކީ، ބަހުސްގެ ބޭނުމަށްޓަކައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމާ ތަޢާރުޟުވާ ގޮތަށް ހެއްދިފައިވާ ދެ ރަޖިސްޓްރީ ކަމުގައި، ބަލައިގެން އަހުރެން ކުރިއަށް ދާނަމަވެ. ސުވާލަކީ، މި ލޯންޗަކީ މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ އުޅަނދެއްކަން، ރަޖިސްޓްރީތަކުން އެނގުނު ނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި އެ އުޅަނދު އެހެން ފަރާތްތަކަކަށް ލިބިދީފައިވާ އުޅަނދެއްކަމުގައި އޮތް އޮތުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ލިބިދާނެ ހެއްޔެވެ؟

ލޯންޗާމެދު ނިންމާފައިވަނީ ނިހާއީ ނިންމުމެއް ތޯ؟

37އާންމު ގޮތެއްގައި ނިހާއީ ނިންމުމަކީ ކޮބައިކަން ބަޔާން ކޮށްދިނުމުގެ ގޮތުން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން) ވ. ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް [2021] SC 42 މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފާހަގަ ކުރައްވާފައިވަނީ،

"... މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ކަންކަމުގެ މައުޟޫޢުގެ މައްޗަށް ގޮތް ކަނޑައެޅި (merit) ވަކާލާތުކުރުން ނިމުމަކަށް ގެންނަ އަދި ޙުކުމް ތަންފީޛުކުރުމުގެ އިތުރުން، މައްސަލައާ ގުޅިގެން ކޯޓުން އިތުރަށް ކަމެއް ނިންމަން ނުޖެހޭ ނިންމުންތަކެވެ."

މި ފަދައިންނެވެ.

38HN3ޤާނޫނީ ގޮތުން ޙުކުމެއް ނުވަތަ ނިންމުމެއް ނިހާއީ ވެފައިވާ ކަމުގައި ބެލެވޭނީ އެ ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފު ކުރުމުގެ އެންމެހައި މަރުޙަލާއެއް ނިމިފައިވުމުން ނުވަތަ އިސްތިއުނާފު ކުރުމަށް އޮތް އެންމެހައި ފުރުސަތު ގެއްލިފައި ވުމެވެ. މިއީ މި މައްސަލައިގައި ދެ ފަރާތުންމެ މި މައްސަލައިގެ ޙުކުމް ނިހާއީ ވުމާއި ނުވުމުގެ މައްޗަށް ވާހަކަ ދައްކައި ހެދި މައުޟޫޢު ވެސް މެއެވެ.

39HN4ރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، އިސްތިއުނާފު ކުރުމުގެ އެންމެހައި މަރުޙަލާއެއް ނިމުނު ކަމުގައި ޢާންމު ގޮތެއްގައި ބެލެވެނީ އިސްތިއުނާފީ އެންމެ ފަހު މަރުޙަލާ ކަމުގައިވާ ސުޕްރީމް ކޯޓުގެ މަރުޙަލާ ނިމުމުންނެވެ. މީގެ އިތުރަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ޢާންމު ގޮތެއްގައި ގެއްލޭ ހާލަތަކީ، މަޤުބޫލު ސަބަބެއް ނެތި، އިސްތިއުނާފު ކުރުމަށް ޤާނޫނުގައި އޮންނަ މުއްދަތުގައި އިސްތިއުނާފު ނުކުރެވޭ ހާލަތެވެ. މި މޭރުމުން ބަލާއިރު، ޤާނޫނުގައި ބަޔާންވެފައިވާ އިސްތިއުނާފުގެ މުއްދަތުގައި އިސްތިއުނާފު ނުކުރެވި، އެ މުއްދަތު ފަހަނައަޅައި ދިޔަ ނަމަވެސް، މަޤުބޫލު ސަބަބެއް މެދުވެރިވި ކަމުގައި ބަލައި އިސްތިސްނާއީ ޙާލަތްތަކެއްގައި އިސްތިއުނާފު ބަލައިގަންނަ ސަބަބުތަކެއް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި އެކަށައެޅި ޢަމަލު ކުރެވެމުން ދެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މި ސަބަބުތަކަކީ، މިއިން ސަބަބެއް އެ ނިންމުމަކަށް ކުރިމަތި ވެއްޖެނަމަ، އެ ނިންމުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ގެއްލިގެން ދިއުމުގެ އިހުތިމާލު ކުރިމަތިވެދާނެ ސަބަބުތަކެކެވެ. ތިރީގައި މިވަނީ މިފަދަ ބައެއް ސަބަބުތަކެވެ.

ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެގެންވަނީ ޚަޞްމަކު ހެދި މަކަރާއި ޙީލަތެއްގެ މައްޗަށް ކަމުގައިވުން.

ޚަޞްމެއްގެ ޙައްޤު ގެއްލޭނެފަދަ ޖައުހަރީ ސަބަބުތަކެއްގެ މައްޗަށް ފުރަތަމަ މަރުޙަލާގެ ޙުކުމް ބިނާވެފައިވުން.

ފުރަތަމަ މަރުހަލާގެ ކޯޓުގެ ހުކުމް ނުވަތަ ޓްރައިބިއުނަލުގެ ނިންމުން ބިނާވެގެންވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އަދުލުއިންސާފަށް ހުރަސްއެޅޭގޮތަށް ކަމަށްވުން.

40HN5މަތީގައި މި ބަޔާންކުރި ކަންކަމަށް ބަލާއިރު، ކޯޓަކުން ކުރާ ޙުކުމަކަށް ނިހާއީ ސިފަ ލިބިގެންދާނީ، ޤާނޫނާ އެއްގޮތަށް އިންސާފުވެރި ކަމާއެކު އެ މައްސަލަ ނިމިފައިވާ ނަމައެވެ. އެ ޙުކުމް ބިނާކުރި ސަބަބުތައް ނުވަތަ އަސާސްތައް ވަރުގަދަ ވެގެންނެވެ. ޤާނޫނާ އެއްގޮތަށް އެ ސަބަބުތައް ހުރެގެންނެވެ. ޙުކުމެއް ބިނާކުރި އަސާސްތަކަކީ ޤާނޫނާ ޚިލާފު އަސާސްތަކެއް ނަމަ، އެ އަސާސްތަކުގެ މަތީގައި އެ އެ ޙުކުމެއް އިސްތިޤުރާރުވެ ހަރެއް ނުލާނެއެވެ. މި ސަބަބަށްޓަކައި އެ ފަދަ ނިންމުމެއް އިސްތިއުނާފު ކުރުމަށް ޤާނޫނުގައި އޮންނަ މުއްދަތު ފަހަނައަޅައި ޒަމާންތަކެއް ދިޔަ ނަމަވެސް، އިސްތިއުނާފުގެ ދޮރު އާޚިރުގައި ހުޅުވި އެ މައްސަލައިގެ ނިންމުމާމެދު ބަހުސްކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.

41HN6މި އުސޫލުން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި މުޙައްމަދު އަނީސްގެ ލޯންޗާމެދު ނިންމާފައިވާ ނިންމުމަކީ، ނިހާއީ ނިންމުމެއްކަން ނުވަތަ ނޫންކަމަށް ބަލާއިރު އަންނަނިވި ކަންކަން ފާހަގަ ވެއެވެ.

މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯންޗަކީ 1991 ޑިސެމްބަރ 14 ދުވަހުން މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ އުޅަނދެއްކަން އެ އުޅަނދަށް 2003 އޭޕްރިލް 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހަދައިދީފައިވާ ރަޖިސްޓްރީއިން އެނގެއެވެ. މި ރަޖިސްޓްރީއަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާ އާއި، އެ ޤަޟިއްޔާއާ ގުޅިގެން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފީ މައްސަލަތަކުގެ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނިފައިވާ ރަޖިސްޓްރީއެކެވެ. އަދި މިއީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގެ ދަށުން އޮތުން ލާޒިމު ރަޖިސްޓްރީއެއް ކަމުގައިވުމުން، މިއީ ހެއްކާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގެ ދަށުން، އުޅަނދުގެ މިލްކުވެރިކަން ސާބިތު ކުރުމަށް ޝަރީޢަތުގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ ހެއްކެވެ.

01 ޖޫން 2006 ގައި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ އެ ކޯޓުން ނިންމިއިރު، އެ ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލާއި ފައިސާގެ ލިސްޓްގައި މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލޯންޗް ހިމެނިފައި ވީނަމަވެސް، މަދަނީ ކޯޓުގެ އެ ޤަޟިއްޔާގެ މައުޟޫޢަކީ، އަލްމަރުޙޫމު މޫސާ ފަހީމް އާއި ޢަބްދުﷲ ޢަލީ އާއި މި ދެ މީހުން ހިއްސާވާ ވިޔަފާރި ތަކުގެ ތެރެއިން އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ލިބެންވާ 40 (ސާޅީސް) އިންސައްތައިގެ ހިއްސާގެ މިންވަރު ވަކި ކުރުންކަން އެ ޤަޟިއްޔާއިން އެނގެއެވެ. އަދި މުޙައްމަދު އަނީސަކީ އެ ޤަޟިއްޔާގެ ޚަޞްމެއް ނޫނެވެ. އަދި މުޙައްމަދު އަނީސްގެ މުދަލަކާމެދު ގޮތެއް ނިންމުމަކީ، އެ ޤަޟިއްޔާގެ މައުޟޫޢުގެ ތެރޭގައި ހިމެނޭ ކަމެއްވެސް ނޫނެވެ. މީގެ އިތުރުން އެ ޤަޟިއްޔާގައި މި ލޯންޗްގެ މިލްކުވެރި ކަމާމެދު މައުޟޫޢީ ގޮތުން އެއްވެސް މިންވަރަކަށް ބަހުސްކުރެވިފައި ނުވެއެވެ. އެހެންކަމުން، އެ ޤަޟިއްޔާގެ މުޙައްމަދު އަނީސްގެ މުދަލެއް އެހެން ފަރާތަކަށް ލިބިދީފައިވަނީ، އެ ޤަޟިއްޔާގެ މައުޟޫޢުން ބޭރުންކަން ސާފުކޮށް އެނގެއެވެ.

42ކަންމިހެން އޮތުމުން މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ މައުޟޫޢުން ބޭރުން، އަދި އެ މައްސަލައިގެ ޚަޞްމެއް ކަމުގައި ވެސް ނުހިމެނޭ، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލޯންޗެއް، ޤާނޫނީ އެއްވެސް އަސާސެއް ނެތި، އެހެން ފަރާތަކަށް ލިބިގެންވާ މުދަލެއްކަމުގައި ކަނޑައަޅާފައި އޮތް އޮތުމަކީ، ލޯންޗާމެދު ނިންމާފައިވާ ނިންމުމަށް ނިހާއީ ނިންމުމެއްގެ ދަރަޖަ ދެވިދާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މަދަނީ ކޯޓުގެ މި އަސާސެއް ނެތް ނިންމުމުގެ މައްޗަށް ބުރަވެ، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލޯންޗަކީ، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ މުދަލެއްކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު2012/SC-A/30 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ، ޤާނޫނީ އުސޫލުތައް އެއްފަރާތް ކުރުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމުގައި އަހުރެން ދެކެމެވެ.

ދެވޭނެ ފަރުވާ

43މުޙައްމަދު އަނީސްގެ ލޯންޗާމެދު މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ނިހާއީ ނިންމުމެއް ނޫނެވެ. ނަމަވެސް އެ ކަމަށް ޤާނޫނީ ގޮތުން ފޯރު ކޮށްދެވޭނީ ކޮން ހައްލެއް ހެއްޔެވެ؟

44ޤާނޫނީ ގޮތުން ހައްލެއް ފޯރު ކޮށްދިނުމުގެ ކުރިން، މީހެއްގެ މުދަލެއް އެހެން ބަޔަކަށް ލިބިފައިވާ މުދަލެއްގެ ގޮތުގައި މަދަނީ ކޯޓުގެ ނިންމުމުގައި ހިމެނުނު ސަބަބަށް ރުޖޫޢަވާން ޖެހެއެވެ. އެ ނިންމުމަށް ބަލާއިރު، ލޯންޗްގެ މިލްކުވެރިކަމާމެދު އެއްވެސް މިންވަރެއްގެ ބަހުސެއް އެ މައްސަލައިގައި ކޮށްފައި ނުވެއެވެ. އެ ޤަޟިއްޔާގައި ގޮތެއް ކަނޑައެޅިފައިވާ އެހެން އުޅަނދުތަކާ ޚިލާފަށް ލޯންޗްގެ ރަޖިސްޓްރީ ވެސް އެ ޤަޟިއްޔާގެ ލިޔުންތަކުގެ ތެރޭގައި ނެތެވެ. އަދި މި ލޯންޗަކީ ކުރިންވެސް އިޝާރާތް ކުރި ފަދައިން މަދަނީ ކޯޓުން ބެލުނު މައްސަލައިގެ މައުޟޫޢުގައި ހިމެނޭނެ އުޅަނދެއް ވެސް ނޫނެވެ. އެހެނީ މަދަނީ ކޯޓުގެ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2003/HC-A/127 ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމް އާއި ޢަބްދުﷲ ޢަލީ އާ ދެމީހުން ހިއްސާވާ ވިޔަފާރިތަކުގެ ތެރެއިން އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ލިބެންވާ %40 (ސާޅީސް އިންސައްތަ) އިގެ ހިއްސާގެ މިންވަރު ވަކިކުރުމަށް ފަހު، އެ މިންވަރު މޫސާ ފަހީމްގެ ވާރިސުންނަށް ލިބިދިނުމަށްޓަކައި ހިންގުނު މައްސަލައެކެވެ.

45ކަން މިހެން އޮތުމުން މަދަނީ ކޯޓުގެ ނިންމުމުގައި އެ ލޯންޗާމެދު ގޮތެއް ނިމިފައި އޮތް އޮތުމަކީ، ގިނަ މުދާތަކެއް ބެހި މައްސަލައެއްގައި ކުށަކުން އެ ލޯންޗްގެ މައުލޫމާތު ހިމެނިފައި އޮތް އޮތުމެއް ކަމުގައި ބުރަވެވެއެވެ. މިކަމަށް ބާރު ލިބޭ އެންމެ ބޮޑު ހެއްކަކީ، މި ލޯންޗަކީ މުޙައްމަދު އަނީސްގެ ނަމުގައި ކުރިއްސުރެ ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއްކަމާއި، އެ ރަޖިސްޓްރީއަކީ ޞައްޙަ ނޫން ރަޖިސްޓްރީ އެއްކަމުގައި ބުނެ އެ ފަދަ މޭރުމަކުން އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުން އެއްވެސް އިރެއްގައި ސުވާލު އުފައްދައި، ބަހުސްކޮށްފައި ނުވުމެވެ.

ކުށް އިސްލާހު ކުރުން

46މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަށް ބަލާއިރު، އެ ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލާއި ފައިސާގެ ލިސްޓްގައި މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ވެފައިވާ ލޯންޗް ހިމެނިފައިވަނީ އަތު ކުށަކުން ކަމުގައި ނުބެލެވެއެވެ. އަތު ކުށެއް ނުވަތަ އިމްލާ ކުށެއް ކަމުގައި ބެލެވޭނެ މިންވަރަށް ވުރެ ގިނަ މައުލޫމާތު އެ ލޯންޗާބެހޭ ގޮތުން އެ ލިސްޓްގައި ހިމެނިފައިވެއެވެ.

47HN7މި ކުށް ރަނގަޅު ކުރުމަށްޓަކައި މި މައްސަލައިގައި ދެވެން އޮތް ފަރުވާއަކީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުންކަމުގައި ވެސް އަހުރެންނަށް ބުރަ ނުވެއެވެ. މި ސަބަބުތަކުގެ ތެރެއިން އެންމެ މުހިންމު ސަބަބަކީ،

މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާއަކީ އެތައް ބައިވަރު ވިޔަފާރިއަކާއި، ގިނަ މުދާތަކަކާ ގުޅިގެން ނިންމުންތަކެއް ނިންމާފައިވާ މައްސަލައަކަށް ވެފައި އެ މައްސަލަ ނިމުނު ފަހުން ގިނަ އަހަރު ތަކެއް ފާއިތުވެފައިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ގިނަ އަހަރުތަކެއް ފާއިތުވެ، އެކަމުގެ މައްޗަށް އިތުރު އެތައް ބައެއްގެ ގިނަގުނަ ޙައްޤުތަކެއް އެ ޤަޟިއްޔާގެ ނިންމުމުގެ މައްޗަށް މިހާރު ތަރުތީބު ވެފައިވާ ކަމުގައި ބެލެވުމެވެ. މި ހާލަތުގައި އެ ޤަޟިއްޔާގެ އިސްތިއުނާފެއް ހުޅުވައިލުމަކީ އެ ޤަޟިއްޔާގައި ނިމިފައިވާ ނިންމުންތަކާމެދު އަލުން ބަހުސް ކުރުމަށް ޖާގަދެވި، އެތައް ފަރާތެއްގެ ޙައްޤުތަކަކާ ގުޅިފައިވާ އެތައް ކަމެއް އަލުން ޝަރުޢީ މަރުޙަލާގެ ތެރެއިން ނިއުޅިގެން ގޮސްދާނެ ކަމެއް ކަމުގައި ވުމެވެ. މިއީ ރައްކާތެރި ގޮތެއް ކަމުގައި ނުފެނެއެވެ.

މީގެ އިތުރަށް ބަހުސްގެ ބޭނުމަށްޓަކައި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުގެ ފުރުސަތު ހުޅުވާލެވުނު ނަމަވެސް، އެ ޤަޟިއްޔާއާ ގުޅިގެން ޝަރުޢީ މަރުޙަލާތަކުގައި ދައްކާނެ އައު ވާހަކަތަކެއް ހުންނާނެ ކަމުގައި ނުބެލެވެއެވެ. އެހެނީ މަދަނީ ކޯޓަށް މުޙައްމަދު އަނީސް މި ދެ އުޅަނދުގެ ކުލި ހޯދުމަށް އެދި ހުށަހެޅި މައްސަލައިގެ ތެރޭގައި، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާ ގުޅިގެން މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ލޯންޗުގެ މިލްކުވެރިކަމާމެދު ތަފުސީލުކޮށް މުޙައްމަދު އަނީސް އާއި، އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޝަރުޢީ އެކި މަރުޙަލާތަކުގައި ތަފުސީލުކޮށް އެތައް ވާހަކަތަކެއް ދެކެވިފައިވެއެވެ. އަދި މި ވާހަކަތަކާ ގުޅިގެން ޝަރީޢަތުން ނިންމުންތަކެއް ވެސް ނިންމާފައިވެއެވެ. ކަންމިހެން އޮތުމުން، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ އިސްތިއުނާފު ހަމައެކަނި ލޯންޗްގެ ރަޖިސްޓްރީއާމެދު ބަހުސްކުރުމަށް ހުޅުވައިލުން ވެސް ވެގެންދާނީ، ޚަޞްމުންނާއި، ޝަރީޢަތުގެ ވަގުތު ބޭކާރުވުމެއް ކަމުގައެވެ.

48ކަންމިހެން އޮތުމުން އަހުރެންނަށް މި މައްސަލައިގައި ފޯރުކޮށް ދިނުމަށް ފެންނަ ހައްލަކީ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ޖެއްސިގެންވާ މުދަލާއި ފައިސާގެ ލިސްޓުން، އެ ލިސްޓްގެ މަތިން ފެށިގެން 22 ވަނަ އަށް އޮތް "އޭ.އޭ.އޭ 10" (ސްޕީޑް ބޯޓް) އުނިކޮށް، އެ ލިސްޓް އެ މިންވަރަށް އިސްލާހުވީ ކަމުގައި ކަނޑައެޅުމެވެ. އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުން، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ފިޔަވައި، އެހެން އަސާސަކަށް ބުރަވެ، މި ލޯންޗަކީ އެ ފަރާތްތަކުގެ މިލްކު އުޅަނދެއް ކަމުގައި ބުނެ އެ ފަދައިން ވާހަކަ ދައްކައި، މި އުޅަނދުގެ މިލްކުވެރިކަމާމެދު އެ ޝަރީޢަތް ތަކުގައި ސުވާލު އުފައްދާފައި އޮތްނަމަ އަހުރެން މި ހައްލު މި ފަދައިން ފޯރުކޮށް ދިނުމާމެދު އިތުރަށް ވިސްނީމުހެވެ.

ކުލީގެ މުޢާމަލާތް ސާބިތުވޭތަ؟

49މުޙައްމަދު އަނީސް ބުނާ ގޮތުން މި މައްސަލައިގައި ވާހަކަ ދެކެވޭ ލޯންޗާއި ދޯންޏަކީ ކުއްޔަށް ދީފައިވާ ދެ އުޅަނދުކަން ސާބިތު ނުވާކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައެވެ. މި ގޮތުން މި މައްސަލައިގައި މުޙައްމަދު އަނީސް އާއި، މި ދެ އުޅަނދު އޮތް ރިސޯޓުތަކުގެ މެނޭޖްމަންޓާ ދެމެދު ކުލީގެ އެއްބަސްވުމެއް އޮތްކަން ސާބިތު ނުވާކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، ޤާނޫނުގައި ވަކި ގޮތަކަށް ލާޒިމު ކޮށްފައި ނުވާނަމަ، އެއްބަސްވުމަކީ ވަކި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމުގައެވެ. އަދި، މީހެއްގެ މުދަލެއް އެމީހަކަށް ބޭނުން ނުކުރެވި އަނެކާގެ ހިޔާޒަތުގައި އެ މުދާ އޮންނަ ދުވަސްތަކަށް މުދަލުގެ ވެރިފަރާތަށް ކުއްޔެއް ދޭންޖެހޭނެ ކަމުގައެވެ. އަދި މި ކަންކަމަކީ މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމުގައިވާއިރު، މި ނިންމުންތައް އެއްފަރާތް ކުރުމަށްފަހު ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ މުޙައްމަދު އަނީސާ ދެކޮޅަށް ނިންމާފައިވުމުން މުޙައްމަދު އަނީސަށް ފާޅުކަން ބޮޑު ބޭއިންސާފެއް ކުރިމަތިވެފައިވާ ކަމުގައެވެ.

50ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަށް ބަލާއިރު ކުލީގެ މުޢާމަލާތާ ގުޅިގެން އެ ނިންމުމުގައި މުޅިންވެސް ވާހަކަ ދެކެވިފައިވަނީ މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ދޯންޏާ ބެހޭ ގޮތުންނެވެ. އަދި އެ ނިންމުމަށް ބަލާއިރު، ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވަނީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ނިންމުމަށް ބަލާއިރު، އެ ޤަޟިއްޔާގައި ހެކިބަސް ދީފައިވާ ހެކިންގެ ބަހަށް ބަލާއިރު، މުޙައްމަދު އަނީސްގެ މި ދޯނި ކުއްޔަށް ދިނުމާމެދު މުޙައްމަދު އަނީސްއާއި، މި ދޯނި ބޭނުންކުރަމުން ދިޔަ ރިސޯޓުތަކުގެ މެނޭޖްމަންޓާ ދެމެދު އެއްބަސްވުމެއް އޮތްކަން އެ ހެކިންނަށް ކަށަވަރުކަމާމެދު ބުނެދެވިފައި ނުވާކަމުގައެވެ. އަދި ހެކިންގެ ހެކިބަހަކީ ކުލީގެ މުޢާމަލާތް ސާބިތު ކުރުމަށް ކާފީ ހެކިބަހެއް ނޫންކަމުގައެވެ. މީގެ އިތުރަށް މިފަދަ އެއްބަސްވުމެއް އޮތްކަން މުޙައްމަދު އަނީސްއާއި، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުން އެ ޤަޟިއްޔާގައި ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތްކަމުގައެވެ.

51ސުޕްރީމް ކޯޓުގެ ނިންމުމުގައި ދޯނީގެ ކުއްޔާމެދު ބަހުސް ކުރެވިފައިވީ ނަމަވެސް، މި މައްސަލައިގައި ދަށު މަރުޙަލާއާއި، ހައިކޯޓުގެ މަރުޙަލާގައި ކުލީގެ މުޢާމަލާތާމެދު ބަހުސްކޮށްފައިވަނީ ދޯންޏާއި ލޯންޗާ އެކުއެކީގައި ކަމުގައިވާތީ މި ރައުޔުގައި، ދެން އަހުރެން ބަލާނީ އެ ދެ އުޅަނދުގެ ކުލީގެ މުޢާމަލާތާމެދު އެ ދެ މަރުޙަލާގައި ފާހަގަ ކޮށްފައިވާ ކަންކަމާމެދުގައެވެ.

52މުޙައްމަދު އަނީސް ބުނާ ފަދައިން މި ދެ އުޅަނދަކީ ކުއްޔަށް ދީފައި އޮތް ދެ އުޅަނދުކަން ނުވަތަ ނޫންކަން މަދަނީ ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ވަޒަންކުރުމުގައި މި މައްސަލައިގައި މަދަނީ ކޯޓަށް ހާޒިރުވި ހެކިންގެ ހެކިބަހަށް ބުރަވެފައިވެއެވެ. އަދި ވަކިވަކި ހެކިން ދައްކާފައިވާ ވާހަކަތައް ފާހަގަ ކުރުމަށްފަހު،

"މި ދެ އުޅަނދަކީ، މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީ އާއި އަލްމަރުޙޫމު މޫސާ ފަހީމްއާ ދެމީހުން ހިއްސާވާ އޭ.އޭ.އޭ ޓްރޭޑިންގ ކޮމްޕެނީ އެވެ ކިޔާ ޕާޓްނަރޝިޕާއި ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔުނު ކުންފުނީގެ ފަރާތުން ހިންގަމުންދިޔަ ދެ ރިސޯޓުކަމުގައިވާ ކ. އަތޮޅު އެރިޔަދޫ ރިސޯޓާއި، އ. ވިލަމެންދޫ ރިސޯޓުގައި ބޭނުން ކުރަމުންދިޔަ ދެ އުޅަނދު"

ކަމާއި، މި ދެ އުޅަނދަކީ މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ނިމުނުއިރު އެ ދެ ރިސޯޓުގައި ބޭނުން ކުރަމުން ދިޔަ ދެ އުޅަނދުކަން ފާހަގަ ކޮށްފައިވެއެވެ.

53ހެކިންގެ ހެކިބަހުން ދޭހަކުރެވޭ ކަންކަން ވަކިވަކިން ބަޔާން ކުރުމަށްފަހު، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ މި ދެ އުޅަނދަކީ

"މ. ތްރީއޭވިލާ ޢަބްދުﷲ ޢަލީ އާއި އަލްމަރުޙޫމު މޫސާ ފަހީމްއާ ދެމީހުން ހިއްސާވާ ޕާރޓްނަރޝިޕާއި، ކުންފުނިތަކާއި، ދެމީހުން އެކުވި (ދެމީހުން ހަމަހަމަވާ) މުދަލާއި އެތަންތަން އެ ގޮތުގައި ހިނގަމުންދިޔައިރު، މި ދެ އުޅަނދުގެ ވެރިފަރާތާއި، އެ ދެރިސޯޓުގެ ވެރިފަރާތާ ދެމެދު އުފެދިފައިވާ ކޮންޓްރެކްޓެއްގެ ދަށުން އެ ދެ ރިސޯޓުގައި ބޭނުން ކުރެވެމުންދިޔަ"

ދެ އުޅަނދު ކަމުގައެވެ.

54އަދި މި ފަދައިން ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށް ނިންމުމުގައި މި ދެ އުޅަނދަކީ،

"މި ދެ ރިސޯޓުގެ މިލްކުވެރި ފަރާތް ފިޔަވައި އެހެން ފަރާތެއްގެ ދެ އުޅަނދުކަމުގައި ވީހިނދު، މި ދެ އުޅަނދަކީ އެއްވެސް ކުއްޔަކާ ނުލާ މި ދެ ރިސޯޓުގައި ބޭނުންކުރަން ދީފައިވާ ދެ އުޅަނދުކަން ސާބިތު ނުވާހާ ހިނދަކު ބެލެވޭނީ ކުއްޔަށް ދީފައިވާ ނުވަތަ އުޅަނދުގެ ވެރިފަރާތަށް މަންފާއެއް ލިބޭ ގޮތަށް ބޭއްވިފައިވާ ދެ އުޅަނދު ކަމުގައި ކަމާއި، އަދި އުޅަނދުގެ ވެރިފަރާތަށް އެއްވެސް މަންފާއެއް ނުލިބޭ ގޮތުގައި ތަބައްރުޢެއްގެ ގޮތުން މި ދެ އުޅަނދު އެ ދެ ރިސޯޓުގައި ބޭނުންކުރަން ބޭއްވުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު މުސްތަހީލު ކަމެއް"

ކަމުގައި މަދަނީ ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

55ދެ އުޅަނދުގެ ކުލީގެ މުޢާމަލާތާ ގުޅިގެން މުހައްމަދު އަނީސްއާއި، އެ ދެ އުޅަނދު ބޭނުންކުރަމުން ދިޔަ ދެ ރިސޯޓުގެ މެނޭޖްމަންޓާ ދެމެދު ކޮންޓްރެއްޓެއް އުފެދިފައިވާ ކަމުގައި ކަނޑައެޅުމަށްފަހު، އެ ކޮންޓްރެކްޓަކީ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ ނިމުނު ތާރީޚު ކަމުގައިވާ 01 ޖޫން 2006 އިން ފެށިގެން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުން ހުރުމަތްތެރިކޮށް ހިތަންޖެހޭ ކޮންޓްރެކްޓެއްކަމުގައި މަދަނީ ކޯޓުގެ ނިންމުމުގައި ފާހަގަ ކޮށްފައިވެއެވެ.

56މަދަނީ ކޯޓުގެ ނިންމުމުގައި ކުލީގެ މުޢާމަލާތާ ގުޅިގެން ފާހަގަ ކޮށްފައިވާ ކަންކަން އެ ފަދައިން ހައިކޯޓުގެ ނިންމުމުގައި ވެސް ފާހަގަ ކޮށްފައިވެއެވެ.

57HN10ކުލީގެ މުޢާމަލާތެއް ސާބިތުވާކަމަށް މަދަނީ ކޯޓުގެ ނިންމުމުގައި ބުރަވެފައިވަނީ، ހެކިންގެ ހެކިބަހުގެ އިތުރަށް އިފްތިރާޟެއްގެ މައްޗަށް ކަން އެ ނިންމުން ބެލުމުން އެނގެއެވެ. މި އިފްތިރާޟަކީ، މީހެއްގެ މުދާ އަނެކާއަށް ކުއްޔަށް ދީފައިވާ ކަމުގައި އެމީހާ ބުނާއިރު، އެ މުދާ އަނެއްކާގެ ހިޔާޒަތުގައި އޮވެ، އެމީހާ އެ މުދާ ބޭނުން ކުރަނީ ތަބައްރުޢުގެ އުސޫލުން، މުދަލުގެ ވެރިފަރާތަށް މަންފާއެއް ނުލިބޭ ގޮތަށް ކަން ސާބިތުނުވާ ނަމަ، އެ މުދަލަކީ މުދަލުގެ ވެރިފަރާތަށް ކޮންމެވެސް މަންފާއެއް ލިބޭނެ ފަދައަކުން އަނެކާގެ ހިޔާޒަތުގައި އޮތް މުދަލެއް ކަމުގައި ބެލެވޭ ބެލެވުމެވެ.

58މި މައްސަލައިގެ ލިޔުންތައް ދިރާސާ ކުރުމުން މި އިފްތިރާޟުގެ އިތުރަށް މި މައްސަލައިގައި ވާހަކަ ދެކެވޭ ދެ އުޅަނދަކީ އުޅަނދުގެ ވެރިފަރާތަށް ކުއްޔެއް ލިބޭ ގޮތަށް ދެ ރިސޯޓުގައި ބޭނުންކުރެވެމުން ދިޔަ ދެ އުޅަނދު ކަމުގައި ހެކިބަސް ދީފައިވެއެވެ.

މި ގޮތުން ހެއްކެއްގެ ގޮތުގައި ހާޒިރު ކުރެވުނު ސ. މަރަދޫފޭދޫ އެވަރލާސްޓް މުޙައްމަދު މަޖީދުގެ ހެކިބަހުގައި "ނަމަވެސް އެ ދެއުޅަނދުގެ ކުއްޔަކީ ކޮބާ ކަމެއް އަޅުގަނޑަށް އެނގިފައިނުވެއެވެ. އެ ދެއުޅަނދު އޮންނަކީ ކުއްޔަށްކަން އަޅުގަނޑަށް އެނގޭ ސަބަބަކީ މުޙައްމަދު އަނީސް އަޅުގަނޑުގެ ގާތުގައި ބަލަހައްޓަން ބުނެފައި އޮތުމާއި، ބެއްލަންވިލާ ދޯނީގެ ކުލީގެ ތެރެއިން މަހަކު -/500ރ (ފަސްސަތޭކަ) ރުފިޔާވެސް އުޅަނދުތައް ބަލަހައްޓާތީ، އަޅުގަނޑަށް މުހައްމަދު އަނީސް ދޭތީއާއި، އެ އުޅަނދުތަކަށް ކުލި ދޭކަން އަޅުގަނޑަށް އެނގިފައިވާތީއެވެ." މި ފަދައިން ބުނެފައިވެއެވެ. އަދި މުޙައްމަދު މަޖީދުގެ ހެކިބަހުގައި، ލޯންޗް އެރިޔަދޫ ރިސޯޓުގައި ދުއްވިކަމަށާއި، ފަހުން އެ ލޯންޗް އ. ވިލަމެންދޫގައި ދުއްވިކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަދަނީ ކޯޓުން 462/MC/2004 ނިންމިފަހުން ދޯނި އެރިޔަދޫގައި ބޭނުންކުރިކަން އޭނާއަށް އެނގޭ ކަމުގައި ބުނެފައިވެއެވެ.

އަދި ހެއްކެއްގެ ގޮތުގައި ހާޒިރު ކުރެވުނު ދަފްތަރު ނަންބަރު 5086 ޢަބްދުﷲ ޢަލީގެ ހެކިބަހުގައި "މި ދެ އުޅަނދު ކުއްޔަށް ހިފާފައިވަނީ ކިހާ ވަރަކަން ނޭނގޭ" ކަމުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެރިޔަދޫ ރިސޯޓު ހެދިއިރު، ދޯނި އެރިޔަދޫގައި ދުއްވިކަމުގައި ބުނެފައިވެއެވެ.

ހެއްކެއްގެ ގޮތުގައި ހާޒިރު ކުރެވުނު ސ. ހިތަދޫ ސީސަންގެ ތައުފީޤް ޚަލީލްގެ ހެކިބަހުގައި "މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ 01 ޖޫން 2006 ގައި ނިމުނު އިރު އަޅުގަނޑުހުރީ ވިލަމެންދޫގައެވެ. އެއީ ވިލަމެންދޫގައި ހުރެފައި ފިލިތެލަށް ދިޔަތާ 20 ވަނައަށް ވީ ދުވަހެވެ. އެ ދުވަސްވަރު ވިލަމެންދޫގައި “AAA 10” ނަންބަރު ސްޕީޑް ބޯޓު ދުއްވައެވެ." މިފަދައިން ބުނެ ހެކިބަސް ދީފައިވެއެވެ. މީގެ އިތުރުން "ކުންފުނި ބެހުމުގެ މައްސަލަ ނިމުނުއިރުގައި ކ. އެރިޔަދޫގައި ބެއްލަންވިލާ (ފެންޓަސީ) ދޯނި އޮތެވެ. ދޯނި އޮތީ ބޭނުންކުރެވޭ ހާލަތުގައެވެ." މި ފަދައިން ބުނެ ހެކިބަސް ދީފައިވެއެވެ.

ހެކެއްގެ ގޮތުގައި ހާޒިރު ކުރެވުނު ކ. ކާށިދޫ ޝަމީމް ސަލީމް 01 ޖޫން 2006 ގެ ފަހުން މުޙައްމަދު އަނީސްގެ ލޯންޗް ވިލަމެންދޫގައި ބޭނުންކުރިކަމުގައި ހެކިބަސް ދީފައިވެއެވެ. އަދި އެރިޔަދޫ ރިސޯޓުގައި ބެއްލަންވިލާ ދޯނި ދުއްވާކަން އެނގޭ ކަމުގައި ޝަމީމް ސަލީމް ހެކިބަސް ދީފައިވެއެވެ.

59HN8އެއްބަސްވުމަކީ ނުވަތަ ކޮންޓްރެކްޓަކީ ޤާނޫނު އެހެން ގޮތަކަށް ކަނޑަނާޅާނަމަ، ވަކި މިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. މި މޭރުމުން ބަލާއިރު، މުޢާމަލާތަކާ ގުޅިގެން ކޮންޓެކްޓެއް އޮތްކަން ނުވަތަ ނޫންކަން ސާފުކޮށް އެނގެން ނެތްނަމަ، މުޢާމަލާތުގެ މައިގަނޑު ކަންކަމަށް ދެ ފަރާތުން އެއްބަސްވެ، އެއް ވިސްނުމެއްގައި މުޢާމަލާތު ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކޮށްފައިވާކަމުގެ މައްޗަށް ހެކި ހުރެއްޖެނަމަ، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނުވަތަ ކޮންޓްރެކްޓެއް އޮތް ކަމުގައި ބެލެވޭނެއެވެ. މިފަދައިން ބެލުމުގައި މައްސަލައިގައި ލިބިފައިވާ ހެކިތަކަށާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވެންޖެހޭނެ ކަމުގައި ދެކެމެވެ.

60މި މައްސަލައަށް ބަލާއިރު، ދެބަސްނުވެވޭ ޙަޤީޤަތްތަކީ، މި މައްސަލައިގައި ވާހަކަ ދެކެވޭ ދެ އުޅަނދަކީ މުޙައްމަދު އަނީސްގެ ދެ އުޅަނދުކަމެވެ. އަދި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާ 01 ޖޫން 2006 ގައި ނިމުމުގެ ކުރިން، އެ ޤަޟިއްޔާއިން އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ލިބުނު ދެ ރިސޯޓެއްގައި ބޭނުން ކުރަމުން ދިޔަ ދެ އުޅަނދުކަމެވެ. އަދި އެ ދެ އުޅަނދަކީ، އެ ތާރީޚާ ހަމައަށް ބޭނުންކުރެވޭ ހާލަތުގައިއޮތް ދެ އުޅަނދުކަމެވެ. މީގެ އިތުރަށް، އެ ދެ އުޅަނދަކީ، އުޅަނދުގެ ވެރިފަރާތަށް ކުއްޔެއް ލިބޭ ގޮތަށް އެ ދެ ރިސޯޓުގައި ބޭނުންކުރާ ދެ އުޅަނދުކަމާއި، ނަމަވެސް ކުއްޔަކީ ކޮބައިކަން ނޭނގޭކަން މި މައްސަލައިގައި މަދަނީ ކޯޓަށް ހާޒިރު ކުރެވުނު ދެ ހެކިން ހެކިބަސް ދެމުން ބުނެފައިވެއެވެ. މިކަންކަން މިހެން ހުރުމުން، ކުއްޔަށް ދިން ފަރާތަކާއި، ކުއްޔަށް ދެވުނު އެއްޗަކާއި، ކުއްޔަށް ދެވުނު އެތި ބޭނުންކުރި ނުވަތަ ކުއްޔަށް ހިފި ފަރާތެއް ތިބިކަން ހެކިންގެ ހެކިބަހުން ސާފުކޮށް އެނގެއެވެ. މިއިން އެއްވެސް ކަމަކީ، މަދަނީ ކޯޓުން ކުލީގެ މައްސަލަ ހިނގަމުންދިޔައިރު، މިކަންކަން ނަފީ ކުރުމަށްޓަކައި، ނުވަތަ މިކަންކަން އޮތީ މިގޮތުގައި ނޫންކަން ސާބިތު ކުރުމަށްޓަކައި އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ ފަރާތުން މަދަނީ ކޯޓުގައި އެއްވެސް ހެއްކެއް ހުށަހެޅި ކަންކަމެއް ނޫނެވެ.

61HN9ކަން މިހެން އޮތުމުން މި މައްސަލައިގައި މަދަނީ ކޯޓަށް ހާޒިރު ކުރެވުނު ހެކިންގެ ހެކިބަހުން މުޢާމަލާތާ ގުޅިގެން ހެކިބަސް ލިބިފައިވާ މިންވަރަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި އެއްވެސް ބުރަދަނެއް ދީފައިނުވާކަމުގައި ބުނަންޖެހެއެވެ. މި ގޮތުން ސުޕްރީމް ކޯޓުގެ އެ ނިންމުމުގައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ދޯންޏާމެދު ހެކިން ދީފައިވާ ހެކިބަހާމެދު، "މުޙައްމަދު އަނީސް ބުނެފައިވާ ގޮތުގެމަތިން މަހަކު -/6000ރ (ހަހާސްރުފިޔާ) ގެ ކުއްޔަށް 1988 ގެ ޖުލައި މަހުން ފެށިގެން މުޙައްމަދު އަނީސްގެ ދައުވާގައި ބުނާ ދެ ރިސޯޓުގައި ބޭނުންކުރުމަށް މުޙައްމަދު އަނީސް ކުއްޔަށް ދޫކޮށްފައިވާ އުޅަނދެއްކަން ނުވަތަ އެއްވެސް އިރެއްގައި އެ ދެ ރިސޯޓުގައި ނުވަތަ އެ ދެ ރިސޯޓުން ކުރެ އެއްވެސް ރިސޯޓެއްގައި ބޭނުންކުރުމަށް މުޙައްމަދު އަނީސް ކުއްޔަށް ދޫކޮށްފައިވާ އުޅަނދެއްކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުވުމަށް ފުދޭވަރުގެ ކާފީ ހެކިބަހެއް އެފަރާތްތަކުން ދެވިފައިވާކަމަށް ބެލެވޭނެ ތަނެއް ނެތް" ކަމުގައި ބަޔާން ކޮށްފައިވަނީ، އިންސާފުގެ އުސޫލުތަކުން އެއްކިބާވެ، މަދަނީ ކޯޓުން މި މައްސަލައިގައި ސާބިތުވެފައިވާ ވާޤިޢާ ތަކުގެ މިންވަރަށާއި، ހެކިން ދީފައިވާ ހެކިބަހުން ހެކި ލިބޭ މިންވަރަށް ދޭންޖެހޭ ބުރަދަން އެއްވެސް މިންވަރަކަށް ދިނުމެއް ނެތިކަމުގައި އަހުރެން ދެކެމެވެ. އަދި އެ ފަދައިން ބަޔާންކޮށްފައި އެވަނީ، ވަކި އަދަދެއްގެ ފައިސާ ހޯދުމަށް ދަޢުވާ ކުރާ މަދަނީ މައްސަލަތަކުގައި ދަޢުވާ ކުރާ ފަރާތުން ހޯދުމަށް އެދޭ އަދަދާއި، އެ އަދަދު ސާބިތު ކުރުމަށް ހުށަހަޅާ ހެކިތަކުން ސާބިތުވާ އަދަދާ ދެމެދު ފަރަގެއް އުޅޭނަމަ، ހެކިތަކުން ސާބިތުވާ ފައިސާގެ އަދަދު ނަގައިދިނުމަށް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އުސޫލާ ޚިލާފަށް ކަމުގައިވެސް ބުނަންޖެހެއެވެ.

62ހެކިންގެ ހެކިބަހުންނާއި، މައްސަލައިގައި ދަށު މަރުޙަލާގައި ދެކެވިފައިވާ ވާހަކަތަކުން ސާފުކޮށް އެނގިފައިނުވަނީ މި ދެ އުޅަނދު ކުއްޔަށް ދީފައިވާ ކުލީގެ މިންވަރަކީ ކޮބައިކަމެވެ. މި ސަބަބަށްޓަކައި މަދަނީ ކޯޓުން މި މައްސަލަ ނިންމުމުގައި މިސްލީ ކުއްޔެއް ކަނޑައަޅާފައިވެއެވެ. ސުވާލަކީ މި ހާލަތުގައި މިސްލީ ކުއްޔެއް ކަނޑައެޅިދާނެ ހެއްޔެވެ؟

މިސްލީ ކުލި ކަނޑައެޅުން

63މީހެއްގެ މުދާ އެ މީހާއަށް ބޭނުން ނުކުރެވި، އެ މުދާ އަނެއްކާގެ ހިޔާޒަތުގައި އޮވެ، އެ މީހާ އެ މުދާ ބޭނުން ކުރަނީ ތަބައްރުޢުގެ އުސޫލުން މުދަލުގެ ވެރިފަރާތަށް މަންފާއެއް ނުލިބޭ ގޮތަށް ކަން ސާބިތުނުވާ ނަމަ، އެ މުދަލަކީ މުދަލުގެ ވެރިފަރާތަށް ކޮންމެވެސް މަންފާއެއް ލިބޭނެ ފަދައަކުން އަނެކާގެ ހިޔާޒަތުގައި އޮތް މުދަލެއް ކަމުގައި ބަލައި، އެ މުދާ ބޭނުންކުރާ ކުރުމަށް ކުއްޔެއް ކަނޑައެޅުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޢަމަލު ކުރެވެމުން އަންނަ އުސޫލެކެވެ. މި އުސޫލު، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ 23 ޖުލައި 2015 ގައި ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު މައްސަލައިގައި ބޭނުން ކޮށްފައިވެއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ 05 ޖުލައި 2009 ގައެވެ.

64މުޙައްމަދު އަނީސްގެ ދެ އުޅަނދަށް ކުލި ލިބެންޖެހޭނެ ކަމުގައި ބުނެ އޭނާ މަދަނީ ކޯޓުގައި ކުރި ދަޢުވާގައި އެ ކޯޓުން މިސްލީ ކުއްޔެއް ކަނޑައަޅައި، 30 އޮގަސްޓް 2009 ގައި އެ މައްސަލަ ނިންމިއިރު، އަދި އޭގެ ފަހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރެވި، ހައިކޯޓުން މައްސަލައާ މެދު ގޮތެއް ނިންމިއިރު ވެސް ކުރިން ބަޔާންކުރެވުނު އިފްތިރާޟަށް ބުރަވެ، މިސްލީ ކުއްޔެއް ޝަރީޢަތުން ކަނޑައެޅުމަކީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޢަމަލުކުރެވޭ އަދި، އެ އުސޫލު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ އުސޫލެއްކަން އެނގެއެވެ. އަދި މި އިފްތިރާޟަކީ، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ ކުރިއަށް ދިޔައިރު، ދެ ފަރާތުންމެ ޝަރީޢަތުގައި އެ އިފްތިރާޟާމެދު ބަހުސްކޮށްފައިވާ ކަމެއްވެސް މެއެވެ.

65HN11މިކަންކަން މިހެން ހުރިއިރު، ކުރިންވެސް އިޝާރާތް ކުރިފަދައިން، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެ އުޅަނދެއް އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންނަށް ލިބުނު ދެ ރިސޯޓެއްގައި އެ ދެ ރިސޯޓު އެ ފަރާތްތަކަށް ލިބުމުގެ ކުރިންނާއި ފަހުން ބޭނުންކުރިކަން، އަދި އެ ދެ އުޅަނދަކީ ކުއްޔަށް ދޫކޮށްފައިވާ ދެ އުޅަނދެއްކަމުގައި ހެކިން ދީފައިވާ ހެކިބަހުން ސާބިތުވާއިރު، މިކަންކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި އެއްވެސް ބުރަދަނެއް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. އަދި އެހެކިންގެ ހެކިބަހުން ކުއްޔަކީ ކޮބައިކަން ސާފުނުވާ ހާލަތުގައި މިސްލީ ކުއްޔެއް ކަނޑައެޅެންޖެހޭނެ ކަމުގައި ދެކެމެވެ. އަދި މިފަދައިން މި މައްސަލައިގައި ސުޕްރީމް ކޯޓުން މިސްލީ ކުއްޔެއް ކަނޑައެޅިފައި ނުވުމުގެ ސަބަބުން އެއް ބާވަތުގެ މައްސަލަތަކުގައި އެއް އުސޫލުން ޢަމަލުކޮށް، ނިންމުންތަކުގައި އެއްގޮތްކަމާއި ހަމަހަމަކަން ދަމަހައްޓަންޖެހޭ އުސޫލު މި މައްސަލައިގައި ދެމެހެއްޓިފައިވާ ކަމުގައި އަހުރެން ނުދެކެމެވެ. އަދި މިކަމުގެ ސަބަބުން މި މައްސަލައިގައި އިންސާފު ގާއިމުވެފައިވާކަމުގައި އަހުރެން ނުދެކެމެވެ.

66މި ސަބަބަށްޓަކައި، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގައި މުޙައްމަދު އަނީސްގެ ދެ އުޅަނދުގެ ކުލީގެ ގޮތުގައި މުޙައްމަދު އަނީސަށް ލިބިދިނުމަށް ކަނޑައަޅާފައިވާ ފައިސާގެ މިންވަރަކީ، އެ ދެ އުޅަނދުގެ މިސްލީ ކުއްޔެއްގެ ގޮތުގައި މުޙައްމަދު އަނީސަށް ލިބެންޖެހޭ ފައިސާ ފައިސާކަމުގައި އަހުރެން ދެކެމެވެ.

އުޅަނދުތައް ޙަވާލުކުރުން

67ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައިދިނުމަށް އެދި މުޙައްމަދު އަނީސް ހުށަހެޅި ފޯމުގެ 7.4 ގައި މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަ ކޮށްފައިވަނީ، "މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ދަށުން އެރިޔަދޫ އައިލެންޑް ރިސޯޓު މަރްޙޫމު މޫސާ ފަހީމްގެ ވާރިޘުންނަށް ލިބުނުފަހުން އެ އުޅަނދު (ބެއްލަންވިލާ ދޯނި) އެ ރިސޯޓުން ގެންދިއުމަށް އެއްވެސް ހުރަހެއް އަޅާފައިވާކަމާމެދު މަރްޙޫމު މޫސާ ފަހީމްގެ ވާރިޘުން ކޮށްފައިވަނީ އިންކާރުކަން އެނގެން އޮންނާތީއާއި އެ އުޅަނދު އެ ރިސޯޓުން ގެންދިއުމަށް މަރްޙޫމު މޫސާ ފަހީމްގެ ވާރިޘުން ހުރަސްއަޅާފައިވާކަމަށް ބެލެވޭ އެއްވެސް ކަމެއް މުޙައްމަދު އަނީސްގެ ފަރާތުން ޝަރީޢަތަށް ސާބިތުވާ ވަރުގެ ކާފީ ހެކި ހުށަހެޅިފައިވާ ނުވާކަން އެނގެން އޮންނާތީ އާއި މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގެ ޙުކުމުން މަރްޙޫމު މޫސާ ފަހީމްގެ ވާރިޘުންނަށް މިލްކުވި ރިސޯޓަކުން ކުރެ ރިސޯޓެއްގައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ "ބެއްލަންވިލާ" އެވެ ކިޔާ އުޅަނދު އޮތްކަން މޫސާ ފަހީމްގެ ވާރިޘުންނަށް އެނގުމުން އެ އުޅަނދު މުޙައްމަދު އަނީސްއާ ޙަވާލުކުރުމަށް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން މަސައްކަތްކޮށްފައި ވާކަމުގެ މައްޗަށް އިސްވެ ބަޔާންވެދިޔަ ގޮތުގެމަތިން ހެކި ލިބިފައިވާކަމުގައި" ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައެވެ. މި ނުކުތާ ޤާނޫނާ ޚިލާފަށް ސުޕްރީމް ކޯޓުން ނިންމި ކަމަށް ބަޔާންކުރި ނަމަވެސް އެކަމުގެ ތަފުސީލެއް ސުޕްރީމް ކޯޓުގެ ނިންމުން އަލުން ބަލައި ދިނުމަށް އެދި މުޙައްމަދު އަނީސް ހުށަހެޅި ފޯމުގައި ނުވަތަ އެ ފޯމުގައިވާ ނުކުތާތައް ޝަރީޢަތަށް ހުށަހެޅުމުގެ ތެރޭގައި ތަފުސީލުކޮށްދީފައި ނުވެއެވެ.

68މި ނުކުތާއާމެދު މުޙައްމަދު އަނީސްގެ ފަރާތުން ހަމައެކަނި ފާހަގަ ކޮށްފައިވަނީ، މަދަނީ ކޯޓުގެ ނަންބަރު 462/MC/2004 ޤަޟިއްޔާގައި މި މައްސަލައިގައި ވާހަކަ ދެކެވޭ މުޙައްމަދު އަނީސްގެ ދެ އުޅަނދު މުޙައްމަދު އަނީސްއާ ހަވާލު ކުރެވެންދެން އެ ދެ އުޅަނދު ބެލެހެއްޓުމަކީ އަލްމަރުޙޫމު މޫސާ ފަހީމްގެ ވާރިސުންގެ ޒިންމާއެއްކަމުގައި ބަޔާންކޮށްފައި އޮންނަ އޮތުމެވެ. ނަމަވެސް ކުރިން އިޝާރާތް ކުރިހެން، ސުޕްރީމް ކޯޓުން މި ނުކުތާއާމެދު ނިންމި ނިންމުގައި ޤާނޫނު އެއްފަރާތް ކުރި ގޮތެއް ބަޔާންކޮށް، މި ނުކުތާގެ ތަފުސީލެއް މުޙައްމަދު އަނީސްގެ ފަރާތުން ޝަރީޢަތަށް ހާމަކުރެވިފައިނުވާތީ، މި ނުކުތާއާމެދު ގޮތެއް ކަނޑައަޅާނެ ތަނެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

69އަދި އުޅަނދުތައް ހަވާލުކުރުމާމެދު މި މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅިފައި ނުވި ނަމަވެސް، އެކަމަކީ މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ތެރެއިން ގޮތްތަކެއް ކަނޑައެޅުމުގެ ފުރުސަތު އޮތްކަމެއް ކަން ފާހަގަ ކުރަމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ ގުޅިގެން ފާހަގަ ކުރި ނުކުތާ

70HN12ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި މުޙައްމަދު އަނީސް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ޙުކުމް ކުރައްވާފައިވަނީ އެ ދުވަސްވަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަރާތެއްގެ ނުފޫޒުން، މުޙައްމަދު އަނީސްއާމެދު އޮތް ޒާތީ ހިތްހަމަ ނުޖެހުމެއްގެ ސަބަބުންކަމުގައި މުޙައްމަދު އަނީސް ބުނެ އެކަން ފާހަގަ ކޮށްފައިވެއެވެ. މި ފަދައިން މުޙައްމަދު އަނީސް ފާހަގަ ކުރި ނަމަވެސް، މިއީ ކޮން ފަނޑިޔާރެއްކަމާއި، މައްސަލައަށް ފަނޑިޔާރަކު ނުފޫޒު ފޯރުވިކަން ނުވަތަ މުޙައްމަދު އަނީސާމެދު ޒާތީ ހިތްހަމަ ނުޖެހުމެއް އޮތްކަން އެނގޭނެ އެއްވެސް ހެއްކެއް މި މައްސަލަ ހުށަހެޅިއިރު، މުޙައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގައި އެ މައްސަލަ ސާބިތު ކުރުމަށް ބޭނުންވާ ހެއްކަކީ، އެ ހުށަހެޅުން ސުޕްރީމް ކޯޓަށް ހުށަހަޅާއިރު، ހުށަހެޅުމާއެކު ބަޔާން ކުރަންޖެހޭ އެއްޗެކެވެ. މި ކަމަށްޓަކައި ކޯޓަށް ހުށަހެޅޭ ފޯމުތަކުގައި ޚާއްޞަ ބައެއް ހިމެނިފައިވެއެވެ. މިފަދައިން ފޯމު ހުށަހެޅިއިރު، ލިބިފައިނުވާ، ހެކިތަކެއް ހުރެގެން އެކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނައި ނަމަ، އަހުރެން އެ ފަދަ ހެއްކެއް ހުށަހެޅުމަށް ފުރުސަތު ދިނުމާމެދު އިތުރަށް ވިސްނީމުހެވެ.

71މީގެ އިތުރުން މި މައްސަލައަކީ އާ ހެކިތަކެއް ހުރުމުގެ ސަބަބުން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް އަލުން ބަލައި ދިނުމަށްއެދި މުހައްމަދު އަނީސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމުގައި މުޙައްމަދު އަނީސްގެ ފަރާތުން ފާހަގަ ކުރެއެވެ.

72މި ދެންނެވި ސަބަބުތައް މިހެން ހުރުމުން މި ނުކުތާއާ ގުޅިގެން އައު ހެކި ހުށަހެޅުމުގެ ފުރުސަތު ނުދިނުމަށް މި މައްސަލައިގެ އަޑުއެހުމުގެ ތެރޭގައި އަހުރެންވާނީ އެހެން ފަނޑިޔާރުންގެ މަޝްވަރާއާއެކު ނިންމާފައެވެ. ވުމާއެކު، މި ނުކުތާގައިވެސް ޝަރީޢަތުން ގޮތެއް ކަނޑައެޅޭނެ ތަނެއް އޮތްކަމުގައި ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

73މަތީގައި އަހުރެން ތަފުސީލުކޮށް ބަޔާންކުރި ކަންކަމުގެ މައްޗަށް ބިނާކޮށް،

މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު P5002A-02 10-T ލޯންޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ނިންމާފައިވަނީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމަށްފަހުގައި ކަމަށްވާތީ އެ ނިންމުމުގެ އެބައި ބާޠިލު ކުރުމަށްފަހު، އެ ލޯންޗަކީ މުޙައްމަދު އަނީސްގެ އުޅަނދެއްކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ. އަދި އެ ލޯންޗްގެ މިލްކުވެރިކަމާމެދު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ނިންމުންތައް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއް ގޮތަށް ކަމުގައި ކަނޑައަޅަން ފެނެއެވެ.

އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު P5001A-04 10-T ދޯންޏަށް މިސްލީ ކުއްޔެއް ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ނިންމާފައިވާ ބައި ބާޠިލު ކަމުގައި ކަނޑައަޅައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު P5002A-02 10-T ލޯންޗާއި، ރަޖިސްޓަރީ ނަންބަރު P5001A-04 10-T ދޯންޏަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް މުހައްމަދު އަނީސް ކުއްޔަށް ދީފައިވާ ދެ އުޅަނދު ކަމުގައްޔާއި، އެ ދެ އުޅަނދަށް މިސްލީ ކުއްޔެއްގެ ގޮތުގައި އެ ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިސްލީ ކުއްޔަކީ ޤާނޫނާ އެއްގޮތަށް ކަނޑައަޅާފައިވާ ކުއްޔެއް ކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެ އުޅަނދު (ރަޖިސްޓްރީ ނަންބަރު P5002A-02 10-T ލޯންޗާއި، ރަޖިސްޓްރީ ނަންބަރު P5001A-04 10-T ދޯނި) މުޙައްމަދު އަނީސްއާ ހަވާލު ކުރުމަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ތެރެއިން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމުގައި ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

74މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

75މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން؛

މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރުP5002A-02 10-T ލޯންޗަކީ މުޙައްމަދު އަނީސްގެ މިލްކެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި ނިންމާފައިވަނީ ކަނޑައެޅިގެން ޤާނޫނު އެއްފަރާތް ކުރުމަށްފަހުގައި ކަމަށްވާތީ އެ ނިންމުމުގެ އެބައި ބާޠިލު ކުރުމަށްފަހު، އެ ލޯންޗަކީ މުޙައްމަދު އަނީސްގެ އުޅަނދެއްކަމުގައި ކަނޑައަޅައި، އެ ލޯންޗްގެ މިލްކުވެރިކަމާމެދު މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ނިންމުންތައް ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއް ގޮތަށް ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/30 ޤަޟިއްޔާގައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު P5001A-04 10-T ދޯންޏަށް މިސްލީ ކުއްޔެއް ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ނިންމާފައިވާ ބައި ބާޠިލު ކަމުގައި ކަނޑައަޅައި، މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީވެފައިވާ ރަޖިސްޓްރީ ނަންބަރު P5002A-02 10-T ލޯންޗާއި، ރަޖިސްޓަރީ ނަންބަރު P5001A-04 10-T ދޯންޏަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާއާއި، އެ ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ބަލާފައިވާ އެ ކޯޓުގެ ނަންބަރު 2009/HC-A/319 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތަށް މުހައްމަދު އަނީސް ކުއްޔަށް ދީފައިވާ ދެ އުޅަނދު ކަމުގައްޔާއި، އެ ދެ އުޅަނދަށް މިސްލީ ކުއްޔެއްގެ ގޮތުގައި އެ ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ މިސްލީ ކުއްޔަކީ ޤާނޫނާ އެއްގޮތަށް ކަނޑައަޅާފައިވާ ކުއްޔެއް ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

އަދި މުޙައްމަދު އަނީސްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ދެ އުޅަނދު (ރަޖިސްޓްރީ ނަންބަރު P5002A-02 10-T ލޯންޗާއި، ރަޖިސްޓްރީ ނަންބަރު P5001A-04 10-T ދޯނި) މުޙައްމަދު އަނީސްއާ ހަވާލު ކުރުމަކީ، މަދަނީ ކޯޓުގެ ނަންބަރު 352/MC/2008 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ތެރެއިން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމުގައި މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު (ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

ޑރ. މުޙައްމަދު އިބްރާހީމް

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ