ވެން އޫރްދް ޝިޕް މެނޭޖްމަންޓް ބީ.ވީ. ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 57 2021/SC-A/113 ޝަރީޢަތް ނިމުނުގޮތް ވެން އޫރްދް ޝިޕް މެނޭޖްމަންޓް ބީ.ވީ. ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު
ނިމުނު ތާރީޚު 29 ނޮވެމްބަރ 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/85 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވެން އޫރްދް ޝިޕް މެނޭޖްމަންޓް ބީ.ވީ. ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: މަރްޔަމް ޔާޝާ، މަންފާ، ހދ. ވައިކަރަދޫ ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
ޓެކްސްއާބެހޭ މައްސަލަ – ޓެކްސް އެގްޒެމްޝަން – ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ – ކަނޑުބޯޓާއި މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރިތަކަށް ދެވޭ ޓެކްސްގެ އިސްތިސްނާ – ހައިކޯޓަށް އާ ދިފާޢު ހުށަހަޅާފައިވުން
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 2
ތަޢާރުފު 2
މައްސަލައިގައި ކަންހިނގާފައިވާ ގޮތް 2
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމިގޮތް 4
ހައިކޯޓުން ނިންމިގޮތް 6
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް 8
އައު ދިފާޢު ހުށަހަޅާފައިވާކަމަށް ބުނާ ބުނުން 9
ވެން އޫރްދްއަށް އިސްތިސްނާ ލިބެންޖެހޭތޯ ނުވަތަ ނޫންތޯ 13
މައްސަލަ ނިންމަން ފެންނަގޮތް 18
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 19
އައު ދިފާޢު ހުށަހަޅާފައިވާކަމަށް ބުނާ ބުނުން 19
ވެން އޫރްދްއަށް އިސްތިސްނާ ލިބެންޖެހޭތޯ ނުވަތަ ނޫންތޯ 20
މައްސަލަ ނިންމަން ފެންނަ ގޮތް 23
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 23
ޙުކުމް 24
` ވެން އޫރްދް ޝިޕް މެނޭޖްމަންޓް ބީ.ވީ. ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ [2023] SC 57 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
ތަޢާރުފު
1. މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/85 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާއި ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށް ކަމަށްބުނެ، އެ ގަޟިއްޔާ ވެން އޫރްދް ޝިޕް މެނޭޖްމަންޓް ބީ.ވީ.1 (މީގެ ފަހުން "ވެން އޫރްދް" ކަމަށް ބުނެފައިވާ) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "މީރާ" ކަމަށް ބުނެފައިވާ) ފަރާތެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2. ނެދަރލެންޑްސްގެ ކުންފުންޏެއްކަމަށްވާ ވެން އޫރްދްއަކީ ދިވެހިރާއްޖޭގައި ހިންގާ ކުންފުންޏަކަށް، ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރ2 އަކާއި ޕުޝް ބޯޓެއް3 ކުއްޔަށް ދިން ކުންފުންޏެކެވެ.
3. މި އުޅަނދުތަކަށް ލިބޭ ކުލިން ޓެކްސް ނެގުމުގެ އިސްތިސްނާ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު4 (މީގެ ފަހުން " ބީޕީޓީ ޤާނޫނު" ކަމަށް ބުނެފައިވާ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ދަށުން ލިބެންޖެހޭކަމަށް ޤަބޫލުކޮށް، އެ އިސްތިސްނާ ހޯދުމަށް ވެން އޫރްދްގެ ފަރާތުން މީރާގައި އެދިފައިވެއެވެ.5
4. ޖަވާބުގައި މީރާގެ ފަރާތުން ބުނެފައިވަނީ ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރުތަކާއި ޕުޝް ބޯޓުތަކަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި ހިމެނޭ އުޅަނދުތަކަކަށް ނުވާތީ، މި މާއްދާގެ ދަށުން ވެން އޫރްދްއަށް އިސްތިސްނާ ދެވެން ނެތްކަމަށެވެ.6
5. މި ނިންމުމާ ގުޅިގެން ވެން އޫރްދްގެ ފަރާތުން މީރާގެ "ނޯޓިސް އޮފް އޮބްޖެކްޝަން" ފޯމުން އިޢުތިރާޟު ހުށަހަޅާފައިވެއެވެ.7 މި ފޯމުގެ ޖަވާބުގައި މީރާއިން ބުނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު8 ގެ 42 ވަނަ މާއްދާގެ ބޭނުމަށް "ނޯޓިސް އޮފް އޮބްޖެކްޝަން" ހުށަހަޅާފައިވަނީ މީރާއިން އަޅާފައިވާ އިދާރީ ފިޔަވަޅަކާ ގުޅިގެންކަމުގައި ނުވާތީ، ވެން އޫރްދްގެ އިޢުތިރާޟު ބަލައިގަނެވެން ނެތްކަމަށެވެ.9
6. މީރާއިން އިސްތިސްނާ ނުދިނުމަށް ނިންމި ނިންމުން މުރާޖަޢާ ކޮށްދިނުމަށްވެސް ވެން އޫރްދްގެ ފަރާތުން އެދިފައިވެއެވެ.10 އެހެންނަމަވެސް އެ ނިންމުން މުރާޖަޢާ ކޮށްދެވެން ނެތްކަމަށް މީރާގެ ފަރާތުން ވެން އޫރްދްއަށް ޖަވާބުދީފައިވެއެވެ.11
7. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ނުދިނުމަށް މީރާއިން ނިންމާފައިވާތީ، އެ ނިންމުން، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމިގޮތް
8. ވެން އޫރްދްގެ ފަރާތުން މީރާއާ ދެކޮޅަށް ހުށަހެޅި މައްސަލައަށް ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ދީފައިވާ ނަންބަރަކީ TAT-CA-W/2017/006 އެވެ. އަދި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް، އިސްތިސްނާ ނުދިނުމަށް މީރާއިން ނިންމި ނިންމުން ރަނގަޅު ކަމުގައި ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
8.1. ބީޕީޓީ ޤާނޫނު ތަރުތީބުވެފައިވާ ގޮތުން އެއްވަނަ ބާބުގައި ޓެކްސް ނެގޭ ގޮތް ބަޔާންކުރުމަށްފަހު ދެވަނަ ބާބުގައި ޓެކްސް ދެއްކުމުން އިސްތިސްނާވާ ފަރާތްތައް ބަޔާންކޮށްފައިވުމުން މި ދެ ބާބު އެކުއެކީ ކިޔުމަކީ ދެވަނަ ބާބުގެ މަފުހޫމް ދެނެގަތުމަށް މުހިންމުކަމެއް ކަމާއި، މިގޮތުން ބީޕީޓީ ޤާނޫނުގެ 4 ވަނަ މާއްދާގެ (ނ) ގައި، ޓެކްސް އަހަރެއްގައި، ދިވެހިރާއްޖޭގައި ދިރިއުޅެމުން ގެންދާ ފަރާތްތަކުން ކަނޑުބޯޓާއި މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި ކުރާނަމަ، އެ ވިޔަފާރިއެއްގެ ޓެކްސް ބިނާކުރެވޭ ފައިދާއިން ޓެކްސް ދައްކަންޖެހޭނެކަމަށް ބަޔާންކޮށް، އެއަށްފަހު، އެފަދަ ވިޔަފާރިއެއް ކުރާ ފަރާތަކީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައި ނުވާނަމަ، އެ ވިޔަފާރީގެ ފައިދާއިން ޓެކްސް ދެއްކުން ވަކި ޝަރުޠުތަކަކާއެކު އިސްތިސްނާ ކޮށްފައިވާކަން؛
8.2. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާ ކަނޑުބޯޓާއި މަތިންދާބޯޓުގެ ވިޔަފާރިއަކީ ކޮބައިކަން ދެނެގަތުމަށް އެ މާއްދާގެ އަރިމަތީ ސުރުޙީގެ ބޭނުން ހިފިދާނެ ކަމާއި، މިގޮތުން ކަނޑުބޯޓާއި މަތިންދާބޯޓުގެ ވިޔަފާރިއަކީ ބައިނަލްއަޤުވާމީ ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓާއި މަތިންދާބޯޓުތައްކަން ބީޕީޓީ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި މާނަކޮށްދީފައިވާކަމާއި، 16 ވަނަ މާއްދާގެ (ހ) ގެ އަރިމަތީ ސުރުޙީގައި މި ޢިބާރާތް ބޭނުންކޮށްފައިވާތީ، މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި ދީފައިވާ މާނަ، 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުޢާމަލާތަށް ދިނުމުން، 16 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާދެނީ ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކުން ދިވެހިރާއްޖޭގައި ހިންގާ ބައިނަލްއަޤުވާމީ ކަނޑުބޯޓާއި މަތިންދާބޯޓުގެ ވިޔަފާރިއަށްކަން އެނގޭކަން؛
8.3. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) މާނަކުރުމަށް، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު12 ގެ 11 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް، އޯއީސީޑީ މޮޑެލް ޓެކްސް ކޮންވެންޝަން އޮން އިންކަމް އެންޑް ކެޕިޓަލް (މީގެފަހުން "މޮޑެލް ކޮންވެންޝަން") ބޭނުންކުރެވިދާނެކަމާއި، އެގޮތުން މޮޑެލް ކޮންވެންޝަންގެ އާޓިކަލް 8 ގައި ވަނީ، މީހުންނާއި މުދާ އުފުލުމުގެ ބައިނަލްއަޤުވާމީ ވިޔަފާރީގައި ބޭނުންކުރާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއް އޮޕަރޭޓް ކުރާ ފަރާތުގެ ވިޔަފާރިން ޓެކްސް ނެގުމުގެ އުސޫލުކަމުން، މިއީ ބީޕީޓީ ޤާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މާނައިގެ އަލީގައި އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) މާނަކުރުމުން ނިކުންނަ ވިޔަފާރީގެ މުޢާމަލާތްކަން އެނގޭކަން؛
8.4. މޮޑެލް ކޮންވެންޝަނަށް ރިޢާޔަތް ކުރާއިރު ކަނޑުބޯޓާއި މަތިންދާބޯޓުގެ ގޮތުގައި ބެލެވެނީ ހަމައެކަނި މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުކަމާއި، މޮޑެލް ކޮންވެންޝަންގެ ކޮމެންޓްރީއަށް ރިޢާޔަތްކުރާއިރު، ޑްރެޖަރާއި މަސްބޯޓުތަކަށް އިސްތިސްނާ ނުދެވޭ ކަމާއި، އެފަދަ އިސްތިސްނާއެއް ދެވެނީ ބައިލެޓްރަލް އެއްބަސްވުމެއް ހެދިގެންކަމަށް މޮޑެލް ކޮންވެންޝަންގެ ކޮމެންޓްރީގައި ބަޔާންކޮށްފައިވާކަން؛
8.5. ބީޕީޓީ ޤާނޫނުގެ 6 ވަނަ މާއްދާއާ ޚިލާފަށް އެ ޤާނޫނުގެ 16 ވަނަ މާއްދާއަކީ ވިތުހޯލްޑިންގ ޓެކްސް އިން އިސްތިސްނާ ދިނުމުގެ މާއްދާއެއް ނޫންކަމާއި، ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ ވިޔަފާރިއެއް ކުރާ ފަރާތަށް ދައްކާ ފައިސާއަކުން އިސްތިސްނާ ދިނުމުގެ ބަދަލުގައި، އެ މާއްދާއިން އިސްތިސްނާ ދެވެނީ އެ ޝަރުތުތައް ފުރިހަމަވާ ވިޔަފާރިއެއްގެ ފައިދާއިން ނެގޭ ޓެކުހަށް ކަމަށްވާތީ، ބީޕީޓީ ޤާނޫނުގެ 6 ވަނަ މާއްދާއާއި، 16 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރީގެ މުޢާމަލާތްތަކަކީ މުޅިން ތަފާތު މުޢާމަލާތްތަކެއްކަން.
9. އެހެންކަމުން ވެން އޫރްދްގެ ފަރާތުން އިސްތިސްނާ ހޯދުމަށް އެދިފައިވާ ޓެކްސް އަކީ ބީޕީޓީ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ތަރަހައިގެ ތެރެއަށް ފެތޭ މުޢާމަލާތަކުން ވިތުހޯލްޑްކޮށްފައިވާ ޓެކްސްއެއް ކަމަށްވާތީ، ވިތުހޯލްޑިންގ ޓެކްސްގެ މުޢާމަލާތްތަކަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާދެވޭ މުޢާމަލާތެއްކަމުގައި ނުވާތީއާއި، 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދިނުމަށްޓަކައި އެ މާއްދާގައި ބަޔާންކުރާ ފަރާތުން ކުރާ ވިޔަފާރިއަކީ މީހުންނާއި މުދާ އުފުލުމަށް ކުރާ ވިޔަފާރިއަކަށް ވާންޖެހޭތީ، އިސްތިސްނާ ނުދިނުމަށް މީރާއިން ނިންމާފައިވާ ނިންމުމަކީ، ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަންގާފައިވާ ޞައްޙަ އެންގުމެއް ކަމުގައި ޓްރައިބިއުނަލުން ކަނޑައަޅާފައިވެއެވެ.
10. ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާއި، ޤަވާޢިދާއި އަދި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ވެން އޫރްދްގެ ފަރާތުން މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
11. ހައި ކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2021/HC-A/85 ގަޟިއްޔާއިންނެވެ. މި ގަޟިއްޔާގައި އަންނަނިވި ކަންތައްތައް ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ.
11.1. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ދެވޭ އިސްތިސްނާއަކީ ހަމައެކަނި ވިޔަފާރި ފައިދާއިން ނެގޭ ޓެކްސްއަށް ދެވޭ އިސްތިސްނާއެއް ކަމަށްވާތީ ވިތުހޯލްޑިންގ ޓެކްސްއަށް އެ އިސްތިސްނާ ނުދެވޭނެކަމަށް، އެއްވެސް ޚަޞްމަކު އެ މޭރުމުން އެކަން ހުށަހަޅާފައި ނުވަނީސް، ޓްރައިބިއުނަލުގެ ނިންމުމުގައި އެގޮތަށް ބަޔާންކޮށްފައިވާއިރު، އެއީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ކަމުގައި ބެލެވޭނެ ހަމައެއް ނެތުމުން އެނިންމުން ބާޠިލްކުރަންޖެހޭކަން؛
11.2. މީރާއިން އިސްތިސްނާ ދިނުމަށް އިންކާރުކޮށްފައިވަނިކޮށް، ވެން އޫރްދް އިން އިސްތިސްނާ ލިބެންޖެހޭކަމަށް ބުނާނަމަ އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮތީ ވެން އޫރްދް އަށް ކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާޢިދުގެ 38 ވަނަ މާއްދައާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގެ 34 ވަނަ މާއްދައަށް ރިޢާޔަތްކުރުމުން އެނގޭއިރު، އިސްތިސްނާ ހޯދުމަށް އެދިފައިވާ ބާވަތުގެ އުޅަނދުތަކަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި ހިމެނޭ އުޅަނދުތަކެއްކަން ސާފުކޮށް ބަޔާންކޮށްދީފައިވާކަން އެނގެން ނެތްކަން؛
11.3. މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 11 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާ މާނަކުރުމަށް މޮޑެލް ކޮންވެންޝަން ބޭނުންކުރެވިދާނެ ކަމާއި، މޮޑެލް ކޮންވެންޝަންގެ އާޓިކަލް 8 ގެ ކޮމެންޓްރީގައި ވާގޮތުން ކަނޑުބޯޓު އަދި މަތިންދާބޯޓު ގެ މާނައިގައި ހިމެނެނީ ހަމައެކަނި މީހުންނާ މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުކަން އެނގެން އޮންނަކަމާއި، ޑްރެޖަރ އާއި މަސްބޯޓު ފަދަ އުޅަނދުފަހަރަށް އިސްތިސްނާ ދެވޭނީ ބައިލެޓެރަލް އެއްބަސްވުމެއް ހެދިގެންކަން ބަޔާންކޮށްފައިވާކަން؛
11.4. ކަނޑުގައި ދުއްވާ ކޮންމެ އުޅަނދަކީ ކަނޑުބޯޓު ދުއްވުމުގެ ވިޔަފާރީގައި ބޭނުންކުރެވޭނެ އުޅަނދެއް ނޫންކަން އެނގެން އޮންނައިރު، ވެން އޫރްދް ގެ ފަރާތުން އިސްތިސްނާ ހޯދުމަށް އެދިފައިވާ އުޅަނދުގެ މައިގަނޑު މަސައްކަތަކީ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ ވެލި އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ މަސައްކަތްކަން ހުށަހަޅާފައިވާ ލިޔުންތަކުންނާއި ދައްކާފައިވާ ވާހަކަތަކުން އެނގޭތީ، މި އުޅަނދަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަނޑުބޯޓުގެ މާނައިގައި ހިމެނޭ އުޅަނދެއް ނޫންކަން.
12. އެހެންކަމުން ޓްރައިބިއުނަލްގެ ނިންމުން ބިނާކުރި އަސާސްތައް ޤާނޫނީ ގޮތުން ރަނގަޅު އަސާސްތަކެއް ކަމުގައި ނުވި ނަމަވެސް، އިސްތިސްނާ ނުދިނުމަށް މީރާއިން ނިންމި ނިންމުމަށް ތާއީދުކޮށް ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި ހައިކޯޓުން ޙުކުމް ކޮށްފައިވެއެވެ.
13. ހައިކޯޓުގެ މި ނިންމުން ޤާނޫނާއި، ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ ވެން އޫރްދް ގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް
14. ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ ވެން އޫރްދްގެ ފަރާތުން އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވެ.
14.1. ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު13 ގެ 32 ވަނަ މާއްދާގެ (ހ) އާއި، އައު ހެކިތަކާއި ދިފާޢުތައް ހައި ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް14 ގަޟިއްޔާއާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް15 ގަޟިއްޔާއާއި، މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ16 ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14.2. ދެވަނަ ނުކުތާއަކީ، ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ހެކި ހުށަހެޅުމަށް ފުރުޞަތު ދޭންޖެހޭ ހިނދު އެ ފުރުޞަތު ދިނުމެއްނެތި، އަދި ނަތީޖާއެއްގެ ގޮތުން އެ ހެއްކަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އައު ދިފާޢު ހުށަހަޅާފައިވާކަމަށް ބުނާ ބުނުން
15. ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ވެން އޫރްދްގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ނުދިނުމަށް ނިންމި ސަބަބުގެ ގޮތުގައި މީރާއިން ހައިކޯޓަށް ހުށަހަޅާފައިވަނީ، ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ ސަބަބާ މުޅިން ތަފާތު ސަބަބެއް ކަމަށެވެ.
16. މި ނުކުތާއަށް ޖަވާބުދާރީވަމުން މީރާއިން ބުނެފައިވަނީ، އިސްތިސްނާ ނުދިނުމަށް މީރާއިން ހައިކޯޓުގައި ހުށަހެޅި ސަބަބާ ގުޅިގެން ޓްރައިބިއުނަލްގައި ވެސް ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެހެންކަމުން އެއީ ހައިކޯޓު މަރުޙަލާގައި މުޅިން އަލަށް ދެކެވުނު ވާހަކައެއްކަމަށް ވެން އޫރްދްގެ ފަރާތުން ބުނާބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
17. ވެން އޫރްދް ގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވަނީ އިސްތިސްނާ ނުދިނުމަށް ނިންމައި މީރާއިން ފޮނުވާފައިވާ މި ސިޓީގައި ބަޔާންކޮށްފައިވާ ސަބަބު ސާފު ނުވާކަމަށެވެ. އެހެނީ، މި އުޅަނދުތައް ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި ނުހިމެނިދާނެ ކިތަންމެ ސަބަބެއް ހުރެދާނެކަމަށެވެ.17
18. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އަންނަނިވި ޢިބާރާތެވެ.
16 (ހ) ޓެކްސް އަހަރެއްގައި ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭމީހެއް، އެފަދަ ވެރިއެއް ނުވަތަ ޗާޓަރކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކުރާ އެފަދަ ވިޔަފާރިއެއްގެ ފައިދާއަކުން؛ އެމީހާ،
(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާނަމަ؛ އަދި
(2) އެހެން އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛
އެފަދަ މީހަކު ވަޒަންވެރިވެފައިވާ ޤައުމަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނުވަތަ އެފަދަ އެހެން ޓެކްސްއަކުން އެފަދަ އިސްތިސްނާއެއް ދީފައިވާކަމަށް ކޮމިޝަނަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުންޏެއް ޤައުމެއްގައި ވަޒަންވެރިވެފައިވާކަމަށް ބެލެވޭނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތް ކޮންޓްރޯލް ކުރެވޭ ޤައުމެއްގައެވެ.
19. މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާ ދެވޭނީ ދެ ޝަރުޠެއް ފުރިހަމަވެގެން ކަމުގައި މީރާއިން ޓްރައިނިއުނަލްގައި ބުނެފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުޠަކީ އިސްތިސްނާއަށް ހުށަހަޅާ ފަރާތް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވުންކަމާއި، އަދި ދެވަނަ ޝަރުޠަކީ، އެފަރާތަކީ ދިވެހިރާއްޖޭގައި އެއްވެސް އިތުރު މަސައްކަތެއް ނުކުރާ ފަރާތަކަށްވުން ކަމުގައި މިރާއިން ބުނެފައިވެއެވެ.18 ހުށަހެޅިފައިވާ މި މައްސަލައިގައި ޚުޞޫމަތު އުފެދިފައިވަނީ ބަޔާންވެދިޔަ ދެވަނަ ޝަރުޠާ ގުޅިގެންނެވެ.
20. މިގޮތުން ދެވަނަ ޝަރުޠު ވެން އޫރްދްގެ ކިބައިގައި ފުރިހަމަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ޓްރައިބިއުނަލް އަށް މީރާއިން ހެކީގެ ގޮތުގައި ވެން އޫރްދްގެ ގްރޫޕް ވެބްސައިޓާއި، ކުއްޔަށްދީފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދެއް ދައްކުވައިދޭ ޔޫޓިއުބް ލިންކެއް ހުށަހަޅާފައިވެއެވެ. މި ހެކިތަކަށް ރިޢާޔަތްކޮށް މީރާއިން ބުނެފައިވަނީ، ވެން އޫރްދްއިން އިތުރު ވިޔަފާރިއެއް ކުރާކަން ވެބްސައިޓަށް ބެލުމުން އެނގޭތީއާއި، ވެން އޫރްދް އިން ދިވެހިރާއްޖޭގައި ބިންހިއްކުމުގެ މަސައްކަތް ކުރާކަން ޔޫޓިއުބް ވީޑިއޯއަށް ބެލުމުން އެނގޭތީ، ވެން އޫރްދްގެ ކިބައިގައި ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާއިން ލާޒިމްކުރާ ދެވަނަ ޝަރުޠު ފުރިހަމަ ނުވާކަމަށެވެ.19
21. މީރާއިން ޓްރައިބިއުނަލަށް ހުށަހެޅި ހެއްކަށް ބިނާކޮށް އިތުރު ވިޔަފާރިއެއް ކުރަނީ ވެން އޫރްދް އިންތޯ ނުވަތަ މުޅިން އެހެން ކުންފުންޏަކުންތޯ މީރާއާ ޓްރައިބިއުނަލުން ކުރެވުނު ސުވާލުގެ ޖަވާބުގައި މީރާއިން ބުނެފައިވަނީ އިތުރު ވިޔަފާރި ކުރަނީ އެހެން ކުންފުންޏަކުން ކަމަށެވެ.20 މީރާއިން ޓްރައިބިއުނަލްއަށް ހުށަހެޅި ދިފާޢު ނާކާމިޔާބުވީ މިހާ ހިސާބުންނެވެ. އެއަށްފަހު މީރާއިން ބުނެފައިވަނީ ވެން އޫރްދް އަށް އިސްތިސްނާ ދިނުމުގައި ކުއްޔަށްދީފައިވާ އުޅަނދުތަކުން ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާފަދަ ކަނޑުދަތުރުފަތުރުގެ ޚިދުމަތްދޭތޯ ބަލަންޖެހޭނެކަމަށެވެ.21
22. ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢިލް22 ގަޟިއްޔާގައި، ވަޙީދު އިސްމާޢީލް ހައިކޯޓުގައި ނަގާފައިވާ ދިފާޢު ސިވިލް ކޯޓުގައި ނަގައި އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަން ސިވިލް ކޯޓުގެ ރިޕޯޓުން އެނގެން ނެތުމުން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ވަޙީދު އިސްމާޢިލްގެ ފަރާތުން ފާހަގަކުރި ދިފާޢަކީ ހައިކޯޓުން އެ ވާޤިއާގެ މައްޗަށް ގޮތް ކަނޑައެޅިދާނެ ވާޤިޢާއެއް ނޫންކަމަށް ކަނޑައަޅާފައިވެއެވެ. ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ23 ގަޟިއްޔާގައިވެސް ކަނޑައަޅާފައިވަނީ މި އުސޫލެވެ.
23. ބަޔާންވެދިޔަ އުސޫލު މި މައްސަލައަށް ތަޠުބީޤު ކުރާއިރު، ހައިކޯޓުގައި މީރާއިން ދިފާޢުގެ ގޮތުގައި ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ޓްރައިބިއުނަލް މަރުޙަލާގައި ވާހަކަ ދައްކާފައިވެއެވެ. މިކަން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަޙުޟަރު ބަޔާނަށް ބެލުމުން އެނގެއެވެ. އެހެން ނަމަވެސް އެ ހުށަހެޅުން މީރާގެ ފަރާތުން ހުށަހަޅާފައިވަނީ ދިފާޢެއްގެ ގޮތުގައެއް ނޫން، ނުވަތަ އިސްތިސްނާ ނުދިން ސަބަބުގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް ޓްރައިބިއުނަލުން ކުރި ސުވާލުތަކަށް ޖަވާބުދާރީވުމުގެ ތެރޭގައެވެ.
24. ޓްރައިބިއުނަލުން ކުރި ސުވާލަށް ޖަވާބުދާރީވުމުގެ ގޮތުން، ވެން އޫރްދްއިން ކުއްޔަށް ދީފައިވާ އުޅަނދުތަކަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ ކަނޑުދަތުރުފަތުރުގެ ވިޔަފާރިކުރާ އުޅަނދުތަކެއް ނޫންކަމުގައި މީރާއިން ބުނި ނަމަވެސް، މި ބުނުން ސާބިތުކުރުމަށްޓަކައި މީރާގެ ފަރާތުން ޓްރައިބިއުނަލްގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ. ޓްރައިބިއުނަލުން ކުރި ސުވާލުގެ ޖަވާބުގައި މީރާއިން ދެއްކި ވާހަކަތަކަކީ މީރާގެ ފަރާތުން ހައިކޯޓުގައި ނެގި ދިފާޢުކަމުގައި ވީނަމަވެސް، އެއީ ޓްރައިބިއުނަލް އަށް މީރާގެ ފަރާތުން ހުށަހެޅި ސަބަބު ކަމުގައި ބަލައިގަނެވޭނެ އަސާސެއް ނެތެވެ. އެހެނީ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި، ނުވަތަ އިސްތިއުނާފުގެ ރައްދުގެ ގޮތުގައި މީރާގެ ފަރާތުން މިކަންކަން ހުށަހަޅާފައި ނުވާތީ، މިކަމުގެ މައްޗަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ވެން އޫރްދްއަށް ޓްރައިބިއުނަލް މަރުޙަލާގައިވަނީ ގެއްލިފައެވެ.
25. ވެން އޫރްދް އަކީ އިތުރު ވިޔަފާރިއެއް ކުރާ ކުންފުންޏެއް ނޫންކަމުގައި ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވުމާއެކު24 މީރާއިން ވެން އޫރްދް އަށް އިސްތިސްނާ ނުދިނުމަށް ނިންމި ސަބަބު ހައިކޯޓު މަރުޙަލާގައި ބަދަލުކޮށްފައިވާކަން މީރާއިން ހައިކޯޓަށް ހުށަހެޅި ޖަވާބު ފޯމަށް ބެލުމުން އެނގެއެވެ.25 މީރާއިން ހައިކޯޓުގައި ބުނެފައިވަނީ ވެން އޫރްދްއަށް ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދިނުމަށް ޝަރުޠު ފުރިހަމަ ނުވާކަމަށް ނިންމާފައިވަނީ، އެފަރާތުން ކުއްޔަށް ދޫކުރާ އުޅަނދަކީ މަތިންދާބޯޓު ނުވަތަ ކަނޑުބޯޓު ދުއްވުމުގެ ވިޔަފާރީގައި ބޭނުންކުރާ އުޅަނދުތަކަކަށް ނުވާތީކަމުގައެވެ.26
26. އެހެންކަމުން، މީރާގެ ފަރާތުން އިސްތިސްނާ ނުދޭން ނިންމި ސަބަބުގެ ގޮތުގައި ހައިކޯޓަށް ހުށަހެޅި ހުށަހެޅުން އެ ކޯޓުން ބަލައިގެންފައިވަނީ ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢިލް27 ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމުގައި ދެކެމެވެ. އަދި މި ސަބަބަށްޓަކައި، ވެން އޫރްދްގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި ގޮތެއް ކަނޑައެޅަންޖެހޭ ކަމުގައި ނުދެކެމެވެ.
ވެން އޫރްދްއަށް އިސްތިސްނާ ލިބެންޖެހޭތޯ ނުވަތަ ނޫންތޯ
27. ވެން އޫރްދްއަށް އިސްތިސްނާ ނުދިނުމަށް ނިންމައި މީރާއިން ފޮނުވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލައިލާނަމެވެ.
‘Please be informed that trailing suction hopper dredgers and push boats are not within the scope of section 16 of the Business Profit Tax Act (Law Number 5/2011) …’
28. މި ޢިބާރާތަށް ބަލާއިރު، އިސްތިސްނާ ނުދޭން ނިންމާފައިވަނީ އެ އުޅަނދުތަކުގައި އެކުލެވޭ ބޭރުފުށުން ފެންނަ ސިފަތަކުގެ ސަބަބުން، ނޫނީ އެ އުޅަނދުތަކުން ކުރާ މަސައްކަތުގެ ސަބަބުންކަމެއް ސާފެއް ނުވެއެވެ. ހައިކޯޓާއި، ސުޕްރީމް ކޯޓުގައި މީރާއިން ބުނެފައިވަނީ ވެން އޫރްދްއަށް އިސްތިސްނާ ދެވެންނެތީ ކުއްޔަށްދީފައިވާ އުޅަނދުތައް ފަސިންޖަރުންނާއި މުދާ އުފުލުމުގެ ވިޔަފާރީގައި ނޫޅޭތީކަމަށެވެ. މިސަބަބު ޞަރީޙަކޮށް ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާއިން ފެންނާކަށް ނެތެވެ.
29. ވެން އޫރްދްއިން ކުއްޔަށްދީފައިވާ އުޅަނދުތަކަކީ ޓްރާންސްޕޮޓޭޝަން ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތަކެއްތޯ ބެލުމަށްޓަކައި މީރާއިން ޙަވާލާދީފައިވަނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ 11 ވަނަ މާއްދާގެ (ކ) އަށް ރިޢާޔަތްކޮށް، މޮޑެލް ކޮންވެންޝަނަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ޓްރާންސްޕޮޓޭޝަން މާނަކުރަނީ މީހުންނާއި މުދާ އުފުލާ އުޅަނދުތަކަށް ކަމަށާއި، ކޮންވެންޝަންގައި ވެސް އެފަދައިން މާނަކޮށްފައިވާކަމަށް މީރާއިން ބުނެއެވެ.28 އަދި މޮޑެލް ކޮންވެންޝަންގެ ދަށުންވެސް ޑްރެޖަރާއި ޕުޝް ބޯޓަށް އިސްތިސްނާ ދެވޭނީ ބައިލެޓްރަލް އެގްރީމަންޓެއް ދެ ޤައުމުގެ ދޭތެރޭގައި ހެދިގެންކަމަށާއި، އެފަދަ އެއްބަސްވުމެއް ދިވެހިރާއްޖެއާއި ނެދަލޭންޑްސްއާ ދެމެދު ހެދިފައި ނުވާކަމަށްވެސް މީރާއިން ބުނެއެވެ.29
30. ބަހުސްގެ ބޭނުމަށް މި މައްސަލައިގައި ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް މޮޑެލް ކޮންވެންޝަނަށް ޙަވާލާދެވިދާނެ ކަމުގައި އިފްތިރާޟު ކޮށްލާނަމެވެ. މޮޑެލް ކޮންވެންޝަންގެ މަޤުޞަދަކީ ބޯޑަރު ހުރަސްކޮށް ކުރެވޭ ވިޔަފާރީގައި އުފަންވާ ޓެކްސްއާ ގުޅުންހުރި ހުރަސްތައް ނައްތާލުމަށްޓަކައި ދޭދޭ ޤައުމުތަކުގެ ދެމެދުގައި ހެދޭ ބައިލެޓެރަލް އެގްރީމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ޓެކުހުން ރެކުމާއި، ޓެކްސް ނުދެއްކުން ފަދަ މައްސަލަތައް ޙައްލުކުރުމަށް މަގުފަހިވާނެ ގޮތްތައް ބަޔާންކުރުމުގެ އިތުރުން، އެއް ޤައުމަށްވުރެ ގިނަ ޤައުމުގައި ޤާއިމްވެފައިވާ ވިޔަފާރިތަކުން ޑަބަލްކޮށް ޓެކްސް ދެއްކުމުން ސަލާމަތްވުމަށް މޮޑެލް ކޮންވެންޝަންގެ އެހީގައި ހެދޭ ބައިލެޓްރަލް އެގްރީމަންޓްތަކުން މަގުފަހިވެގެންދެއެވެ.30 ދިވެހިރާއްޖެއާއި ނެދަލޭންޑްސްއާ ދެމެދު މިފަދަ ބައިލެޓްރަލް އެއްބަސްވުމެއް ހެދިފައިނުވެއެވެ.
31. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ މަޤުޞަދަކީ ކޮބައިތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި މީރާއިން ބުނެފައިވަނީ، މި މާއްދާއަކީ ޝިޕިންގ ކުންފުނިތަކުގެ ސޯސް (source) ޤައުމުތައް ގިނަކަމުން އެފަރާތަށް ލިބޭ އާމްދަނީ އިން ކޮންމެވެސް އެއް ޤައުމަކުން ޓެކްސް ނެގުމުގެ ބޭނުމުގައި އައިސްފައިވާ މާއްދާއެއް ކަމުގައެވެ.31 ވެން އޫރްދް ގެ ފަރާތުން ބުނެފައިވަނީ މި މާއްދާގެ ބޭނުމަކީ ޝިޕިންގ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ޓެކްސް ޓްރީޓީއަކާ ނުލައި ދާޚިލީ ޤާނޫނު
(domestic law) ގެ ތެރެއިން އިސްތިސްނާ ދިނުން ކަމުގައެވެ.32 މި ވާހަކަތަކަށް ނަޒަރު ހިންގާލާއިރު، މި މާއްދާގެ ބޭނުމަކީ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން އެއް ޤައުމަށްވުރެ ގިނަ ޤައުމުން ޓެކްސް ނުނެގޭނެ ގޮތް ހެދުން، ނުވަތަ ޑަބަލް ޓެކްސޭޝަން (double taxation) އިން ސަލާމަތްކޮށްދިނުން ކަމުގައި މައްސަލައިގައި ހިމެނޭ ދެ ފަރާތުން އެއްބަސްވެއެވެ.
32. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެފައިވާ ފުރަތަމަ ޝަރުޠުކަމުގައިވާ، ވިޔަފާރިކުރާ ފަރާތެއް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވުމާއި، އަދި މި މާއްދާގައި އިތުރަށް ބަޔާންވެފައިވާ ޝަރުޠުކަމުގައިވާ އެފަދަ މީހަކު ވަޒަންވެރިވެފައިވާ ޤައުމަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނުވަތަ އެފަދަ އެހެން ޓެކްސްއަކުން އެފަދަ އިސްތިސްނާއެއް ދީފައިވާކަމަށް ކޮމިޝަނަރ ޖެނެރަލްއަށް ޤަބޫލުކުރެވުމާއި، މި ދެ ޝަރުޠަށް ބަލާއިރު، މި މާއްދާގައި ބަޔާންކުރާ ފަދަ ވިޔަފާރިއެއްގެ ފައިދާއިން ޓެކްސް ނެގޭނީ، ދިވެހިރާއްޖޭގެ ބަދަލުގައި މި މާއްދާގައި ބަޔާންކުރާފަދަ ވިޔަފާރިއެއް ކުރާ ފަރާތެއް ވަޒަންވެރިވެފައިވާ ޤައުމަކުންކަމަށް ބުރަވެވެއެވެ.
33. ވެން އޫރްދް އަކީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ކުންފުންޏެއް ނޫނެވެ. އަދި ވެން އޫރްދް އިން ކުރަނީ ކުއްޔަށް ދިނުމުގެ ވިޔަފާރިއެވެ. ކުއްޔަށް ދިނުމުގެ ވިޔަފާރިންވެސް މިފަދަ ކުންފުނިތަކަށް އިސްތިސްނާ ދިނުމަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ އަމާޒެކެވެ. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް ހަދާފައިވާ މީރާގެ ނަންބަރު TR-2015/B43 ޓެކްސް ރޫލިންގ (މީގެފަހުން "މީރާގެ ޓެކްސް ރޫލިންގ") ގެ 4 ވަނަ މާއްދާގައި މިކަން އިތުރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ވަނީ އަންނިވި ފަދައިންނެވެ.
4. ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް، "ކަނޑުބޯޓު ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރ ކޮށްގެން އުޅޭ މީހެއް ... ކުރާ ... ވިޔަފާރި" ގެ ތެރޭގައި އަންނަނިވި ތަކެތި ކުއްޔަށް ދޫކުރުން33 ހިމެނެއެވެ.
(ހ) މަތިންދާ ބޯޓެއް ނުވަތަ ކަނޑުބޯޓެއް؛ ނުވަތަ
(ށ) މަތިންދާ ބޯޓެއް ނުވަތަ ކަނޑުބޯޓެއްގެ އިންޖީނު؛ ނުވަތަ
(ނ) ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ނުވަތަ ކަނޑު ދަތުރުފަތުރާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނަކާ ގުޅިގެން މަތިންދާބޯޓެއްގެ އެއަރވަރދިނަސްއަށް ނުވަތަ ކަނޑުބޯޓެއްގެ ސީވަރދިނަސްއަށް ކޮންމެހެން ބޭނުންވާ ސްޕެއަރ ޕާޓްސް.
34. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރިއަކީ މީރާއިން ބުނާފަދަ ފަސިންޖަރުންނާއި މުދާ އުފުލުމުގެ ވިޔަފާރިއަށް ކޮންމެހެން ވާންޖެހޭނެކަމަށް ބީޕީޓީ ޤާނޫނުގައި، އަދި މީރާގެ ޓެކްސް ރޫލިންގ ގައިވެސް ބަޔާންކޮށްފައި ނުވާހިނދު އެފަދަ މާނަކުރުމެއް މި މާއްދާއަށް އިތުރުކުރެވިދާނެ ކަމުގައި ނުދެކެމެވެ. އެހެނީ މޮޑެލް ކޮންވެންޝަންގެ ދަށުން ބައިލެޓްރަލް ޓްރީޓީއެއް ދިވެހިރާއްޖެއާއި ނެދަލޭންޑްސް އާ ދެމެދު ސޮއި ކުރެވުނު ކަމުގައިވިޔަސް، އެފަދަ އެއްބަސްވުމަކަށް އަންނަހިނދު މޮޑެލް ކޮންވެންޝަންގެ އާރޓިކަލްތައް ފުޅާކޮށް، ހަނިކުރުމަކީ ކުރެވިދާނެކަމެކެވެ. އެފަދަ ނިޔަތެއް މީރާގެ އޮތްނަމަ އެކަން ޓެކްސް ރޫލިންގ ގެ ތެރެއިން ކޮށްފައިވާނެ ކަމުގައި ދެކެމެވެ. އެހެންކަމުން މި މައްސަލައިގައި ހިމެނޭ ޚުޞޫމަތަށް ޙައްލެއް ހޯދުމުގެ ގޮތުން މޮޑެލް ކޮންވެންޝަނަށް ޙަވާލާދިނުމުގެ ބޭނުމެއް އޮތްކަމުގައި ނުދެކެމެވެ.
35. ޓެކްސް ރޫލިންގ އަށް ރިޢާޔަތްކުރަންޖެހެނީ ޓްރާންސްޕޮޓޭޝަން ޚިދުމަތްދޭ ފަރާތްތަކަށް އިސްތިސްނާދިނުމުގެ ބޭނުމަށް ކަމަށާއި، ވެން އޫރްދް އަކީ ޓްރާންސްޕޮޓޭޝަން ޚިދުމަތްދޭ ފަރާތެއް ނޫންކަން އެފަރާތުގެ ބަހުންނާއި، އެފަރާތުގެ ވެބްސައިޓުން އަދި އެހެނިހެން ލިޔެކިޔުންތަކުން އެނގޭކަމަށް މީރާއިން ޓްރައިބިނަލްގައި ބުނެފައިވެއެވެ.34 މި ވާހަކަ ބިނާވަނީ ކޮން އަސާސެއްގެ މައްޗަށްކަމެއް މީރާއަށް ބުނެދެވިފައި ނުވެއެވެ. އަދި ޓެކްސް ރޫލިންގ އަކީ ޓެކްސް ޤާނޫނެއްގެ ދަށުން ހެދިފައިވާ ޤަވާޢިދުތައް ތަންފީޒުކުރުމަށް ބޭނުންވާ ޓެކްސް ޕްރިންސިޕަލްތައް ބަޔާންކޮށް، އެފަދަ ޤާނޫނެއްގެ ދަށުން ނެރޭ ޤަވާޢިދުގެ ބައެއް35 ކަމަށްވާއިރު، ޓެކްސް ރޫލިންގ ގެ މައްޗަށް މޮޑެލް ކޮންވެންޝަނަށް އިސްކަންދިން ސަބަބެއް މީރާއަށް ބުނެދެވިފައި ނުވެއެވެ.
36. ވެން އޫރްދް އަށް އިސްތިސްނާ ނުދޭން މީރާއިން ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވަނީ އިސްތިސްނާ ހޯދުމަށް އެދިފައިވާ އުޅަނދަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަނޑުބޯޓުގެ މާނައިގެ ނުހިމެނޭ އުޅަނދެއްކަމަށް ބަޔާންކޮށެވެ.36 މިފަދައިން ނިންމުމުގައި މީރާގެ ޓެކްސް ރޫލިންގ ގައި "ކަނޑުބޯޓު" މި ބަސް މާނަކޮށްދީފައި ނުވާކަމަށް ބަޔާންކުރުން37 ފިޔަވައި އެ ރޫލިންގ ގައިވާ އެހެން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަށް ނެތެވެ.
37. ކުއްޔަށް ދީފައިވާ އުޅަނދުތައް ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު ދުއްވުމުގެ ވިޔަފާރިއަށް ބޭނުން ނުކުރާތީ، ޓެކުހުން އިސްތިސްނާ ދެވެން ނެތްކަމަށް މީރާއިން ބުނާއިރު، މީރާގެ ޓެކްސް ރޫލިންގ ގެ 4 ވަނަ މާއްދާގެ (ށ) ގައި ބުނާފަދަ އިންޖީނެއް ކުއްޔަށް ދިނުމުން އެފަދަ އިންޖީނެއް އަޅުވާ އުޅަނދަކުން މީރާއިން ބުނާފަދަ ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު ދުއްވުމުގެ ވިޔަފާރި ނުކުރާނަމަ، އެފަދަ އިންޖީނު ކުއްޔަށް ދިން ފަރާތަށް ޓެކުހުން އިސްތިސްނާ ނުދެވޭނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ، އަނެއްކާވެސް ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާއަށް އިތުރުކުރެވެނީ އެ މާއްދާގެ ނައްސުން ފެންނަން ނެތް މާނަކުރުމެކެވެ.
މައްސަލަ ނިންމަން ފެންނަގޮތް
38. ވެން އޫރްދް އަށް އިސްތިސްނާ ނުދިނުމަށް މީރާ އިން ނިންމި ނިންމުން ރަނގަޅު ކަމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމާފައިވަނީ މި މައްސަލައިގައި ހިމެނޭ ދެ ފަރާތުންކުރެ ފަރާތަކުން ހުށަހަޅާފައިވާ ނުކުތާއެއްގެ މައްޗަށް ކަމުގައި ނުވާތީ އެއީ ބާޠިލް ނިންމުމެއް ކަމުގައި ދެކެމެވެ.
39. ވެން އޫރްދް އިން އިސްތިސްނާ ހޯދުމަށް އެދުނު އުޅަނދަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ކަނޑުބޯޓުގެ މާނައިގައި ހިމެނޭ އުޅަނދެއްކަމަށް ނުވާތީ، އިސްތިސްނާ ނުދިނުމަށް މީރާއިން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކޮށްފައިވާ ހައިކޯޓުގެ ޙުކުމްގެ އެ ބައި ބާޠިލްކުރަންޖެހޭ ކަމަށް ދެކެމެވެ.
40. އަދި ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ވެން އޫރްދް އަށް އިސްތިސްނާ ނުދެވޭނެ އެކަށީގެންވާ ސަބަބެއް މީރާގެ ފަރާތުން ހުށަހަޅާފައިނުވާތީ، ވެން އޫރްދް އަށް އެ މާއްދާގެ ދަށުން އިސްތިސްނާ ލިބެންޖެހޭ ކަމުގައި ދެކެމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
އައު ދިފާޢު ހުށަހަޅާފައިވާކަމަށް ބުނާ ބުނުން
41. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު38 ގެ 32 ވަނަ މާއްދާގެ (ހ) އާއި، އައު ހެކިތަކާއި ދިފާޢުތައް ހައި ކޯޓަށް ހުށަހެޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް39 ގަޟިއްޔާއާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް40 ގަޟިއްޔާއާއި، މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ41 ގަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ވެން އޫރްދްގެ ފަރާތުން ބުނި ނަމަވެސް، ބީޕީޓީ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) މާނަކުރުމާބެހޭ ގޮތުން މީރާއިން ދެކޭގޮތް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މަރުހަލާގައި ހުށަހަޅާފައި ވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ޝަމީމް ޢަބްދުﷲ އަބޫބަކުރު ވ. ވަޙީދު އިސްމާޢީލް42 ގަޟިއްޔާއާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ޕިޝަރީޒް ކޮމްޕެނީ ލިމިޓެޑް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް43 ގަޟިއްޔާއާއި، މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ44 ގަޟިއްޔާގައި ކަނޑައަޅާފައިވާ އޮޅިގަނޑު މީރާއިން ޓްރައިބިއުނަލުގެ މަރުހަލާގައި ހުރަސްކޮށްފައިވާ ކަމަށް ދެކެމެވެ.
ވެން އޫރްދްއަށް އިސްތިސްނާ ލިބެންޖެހޭތޯ ނުވަތަ ނޫންތޯ
42. ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވަނީ އަންނަނިވި ޢިބާރާތެވެ.
16 (ހ) ޓެކްސް އަހަރެއްގައި ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭމީހެއް، އެފަދަ ވެރިއެއް ނުވަތަ ޗާޓަރކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކުރާ އެފަދަ ވިޔަފާރިއެއްގެ ފައިދާއަކުން؛ އެމީހާ،
(1) ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާނަމަ؛ އަދި
(2) އެހެން އެއްވެސް ވިޔަފާރިއެއް ނުހިންގާނަމަ؛
އެފަދަ މީހަކު ވަޒަންވެރިވެފައިވާ ޤައުމަކުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ މީހަކަށް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްއިން ނުވަތަ އެފަދަ އެހެން ޓެކްސްއަކުން އެފަދަ އިސްތިސްނާއެއް ދީފައިވާކަމަށް ކޮމިޝަނަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، ޓެކްސް ދެއްކުމުން އިސްތިސްނާވާނެއެވެ.
(ށ) މި މާއްދާގެ ބޭނުމަށްޓަކައި، ކުންފުންޏެއް ޤައުމެއްގައި ވަޒަންވެރިވެފައިވާކަމަށް ބެލެވޭނީ އެ ކުންފުނި ހިންގުމުގެ މައިގަނޑު މަސައްކަތް ކޮންޓްރޯލް ކުރެވޭ ޤައުމެއްގައެވެ.
43. މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާ ދެވިފައިވަނީ އެ ފަރާތަކީ އެ ޓެކްސް އަހަރެއްގައި ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރުކޮށްގެން އުޅޭމީހެއް، އެފަދަ ވެރިއެއް ނުވަތަ ޗާޓަރކޮށްގެން އުޅޭ މީހެއްގެ ގޮތުގައި ކުރާ ފަދަ ވިޔަފާރިއެއްގެ ފައިދާ އަކުންކަން އެނގެއެވެ.
44. މި މައްސަލައިގައި ޚުސޫމަތު އުފެދިފައިވަނީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައިވާ އިސްތިސްނާ އިސްތިއުނާފުކުރާ ފަރާތަށް ހައްގުވޭތޯ ނުވަތަ ނޫންތޯއެވެ. ހައިކޯޓާއި، ސުޕްރީމް ކޯޓުގައި މީރާއިން ބުނެފައިވަނީ ވެން އޫރްދްއަށް އިސްތިސްނާ ދެވެންނެތީ ކުއްޔަށްދީފައިވާ އުޅަނދަކީ ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ "ކަނޑުބޯޓެއް" ކަމަށް ނުވާތީ ކަމަށެވެ. މީރާއިން ބުނެފައިވަނީ އެ އުޅަނދެއް އެއީ ކަނޑުބޯޓެއް ކަމަށްވާނީ އެ އުޅަނދަކީ އެއްތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި މުދާ އުފުލުމުގެ ވިޔަފާރީގައި ބޭނުންކުރާ އުޅަނދެއް ކަމަށްވާނަމެވެ.
45. މި މައްސަލައަށް ބަލާއިރު ނެދަރލެންޑްސްގެ ކުންފުންޏެއްކަމަށްވާ ވެން އޫރްދްއިން ދިވެހިރާއްޖޭގައި ހިންގާ ކުންފުންޏަކަށް ކުއްޔަށްދީފައިވަނީ ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރ45 އަކާއި ޕުޝް ބޯޓެކެވެ.46
46. ޓްރެއިލިންގ ސަކްޝަން ހޮޕަރ ޑްރެޖަރ އަކީ ފެނުގެ އަޑިކޮނެގެން ވެލިނަގައި ބިން ހިއްކަން ގެންގުޅޭ އާލާތަކެވެ. ޕުޝް ބޯޓަކީ އެ ޑްރެޖަރު އެއްތަނުން އަނެއް ތަނަށް ކަފުޖަހައިގެން ދެމުމަށްޓަކައި ގެންގުޅޭ އުޅަނދެކެވެ.
47. ފެނުގެ އަޑިކޮނެގެން ވެލިނަގައި ބިން ހިއްކަން ގެންގުޅޭ އާލާތާއި އެ އެތި ކަފުޖަހާ އުޅަނދަކީ ބީޕީޓީ ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބުނާ "ކަނޑުބޯޓެއް" ގެ ގޮތުގައި މާނަކުރެވޭނެތޯ ބެލުމަށްޓަކައި އަހުރެން ރުޖޫއަވާނީ ސުޕްރީމް ކޯޓުގެ މިނިސްޓްރީ އޮފް ޓޫރިޒަމް ވ. އަތަމާ މެރައިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް47 މައްސަލައިގައި ޤާނޫނު މާނަކުރުމުގައި މިސްރާބު ހިފުމަށް ލިޔެފައިވާ އުސޫލުތަކަށެވެ. ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި، ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނާއި ގާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތައް މާނަކުރުމުގައި މިސްރާބުހިފިދާނެ ތަފާތު ގޮތްތަކެއް މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއިން ކޮންމެ ގޮތަކަށް ގާނޫނެއް މާނަ ކުރުމަށް މިސްރާބުހިފިއަސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. އެއީ، އެއިން ކޮންމެ ގޮތެއް އިޚްތިޔާރުކުރިއަސް މާނަކުރުމުގެ މަސައްކަތް ފެށެނީ ގާނޫނުގެ އިބާރާތާއި އޮނިގަނޑުން ކަމެވެ. އެހެންކަމުން، ކޯޓުން މާނަކުރަންޖެހޭ މާއްދާ ނުވަތަ އިބާރާތް ހިމެނޭ ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. ގާނޫނުގައި ހިމެނޭ ވަކިވަކި ބައިތައް ކޯޓުން ކިޔައި މާނަކުރަންވާނީ މުޅި ގާނޫނުގެ ވަށައިގެންވާ ސިޔާސަތާއި މަގްސަދުގެ ފުޅާ އިމުގެ ތެރޭގައެވެ."
48. ގާނޫނު މާނަ ކުރުމުގެ މި ހަމަޔަށް ބަލާއިރު، ގާނޫނެއްގައިވާ ލަފްޒެއް ނުވަތަ ޖުމްލައެއް މާނަކުރުމަށްޓަކައި މާނަކުރުމުގެ ކޮންމެ ހަމައެއް ބޭނުންކުރި ނަމަވެސް އެންމެ ފުރަތަމަ ބަލަންޖެހޭނީ އެ ލަފްޒެއްގެ ނުވަތަ އެޖުމްލައެއްގެ އިބާރާތުގެ އާއްމު މާނައަށެވެ. އެ މާއްދާއިން ދޭހަވާ އާއްމު މާނައިން ދުރުވާންވާނީ އެ ލަފްޒުގެ މާނައިން އޮޅުން އަރާނަމައެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ލަފްޒަކީ "ކަނޑުބޯޓެއް" ކަމަށްވާއިރު، ދިވެހި ބަހުން ކަނޑުބޯޓޭ ބުނުމުން ދޭހަވަނީ މީރާއިން ބުނެފައިވާހެން އެއްތަނުން އަނެއް ތަނަށް ފަސިންޖަރުންނާއި މުދާ އުފުލާ ކަނޑުގައި ދުއްވާ އުޅަނދުކަމެވެ. ކަނޑުބޯޓުގެ ތެރޭގައި ކޮންނަ ޑްރެޖަރާއި އެ ޑްރެޖަރު ކަފުޖަހަން ގެންގުޅޭ އުޅަނދު ހިމެނޭކަމަށް އެ ލަފްޒުގެ އާއްމު މާނައިން ދޭހައެއް ނުވެއެވެ.
49. މީގެ އިތުރުން ބީޕީޓީ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި "ކަނޑުބޯޓު ނުވަތަ މަތިންދާބޯޓު ދުއްވުމުގެ ވިޔަފާރި" މާނަކޮށްފައިވަނީ "ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރަމުންގެންދާ ކަނޑުބޯޓެއް ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެފަދަ އުޅަނދެއް ޗާޓަރކޮށްގެން އުޅޭ މީހެއް ކުރާ ވިޔަފާރިއަކަށް" މިގޮތަށެވެ. އަދި ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް ހަދާފައިވާ މީރާގެ ނަންބަރު TR-2015/B43 ޓެކްސް ރޫލިންގގެ 4 ވަނަ މާއްދާގެ އިން ބީޕީޓީ ގާނޫނުގެ 4 ވަނަ މާއްދާގެ (ރ) ގައި "ކަނޑުބޯޓު" މާނަކޮށްފައި އޮތް ގޮތަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަން އެނގެއެވެ.
4. ޤާނޫނުގެ 16 ވަނަ މާއްދާގެ ބޭނުމަށް، "ކަނޑުބޯޓު ނުވަތަ މަތިންދާބޯޓެއްގެ ވެރިއެއް ނުވަތަ އެ ފަދަ އުޅަނދެއް ޗާޓަރ ކޮށްގެން އުޅޭ މީހެއް ... ކުރާ ... ވިޔަފާރި" ގެ ތެރޭގައި އަންނަނިވި ތަކެތި ކުއްޔަށް ދޫކުރުން48 ހިމެނެއެވެ.
(ހ) މަތިންދާ ބޯޓެއް ނުވަތަ ކަނޑުބޯޓެއް؛ ނުވަތަ
(ށ) މަތިންދާ ބޯޓެއް ނުވަތަ ކަނޑުބޯޓެއްގެ އިންޖީނު؛ ނުވަތަ
(ނ) ވައިގެ ދަތުރުފަތުރާ ގުޅޭގޮތުން ނުވަތަ ކަނޑު ދަތުރުފަތުރާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނަކާ ގުޅިގެން މަތިންދާބޯޓެއްގެ އެއަރވަރދިނަސްއަށް ނުވަތަ ކަނޑުބޯޓެއްގެ ސީވަރދިނަސްއަށް ކޮންމެހެން ބޭނުންވާ ސްޕެއަރ ޕާޓްސް.
50. މަތީގައި ބަޔާންކުރި ސަބަބުތަކަށްޓަކައި، މި މައްސަލައިގައި ހިމެނޭ ޑްރެޖަރަށާއި އެ ޑްރެޖަރު ކަފުޖަހަން ގެންގުޅޭ އުޅަނދަށް ލިބޭ ކުލިން، ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ލިބެންޖެހޭކަމަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
51. މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން ހައިކޯޓުގެ ނަންބަރު 2021/HC-A/85 ގަޒިއްޔާގެ ހުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ނިންމަން ފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
52. މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން ހައިކޯޓުގެ ނަންބަރު 2021/HC-A/85 ގަޒިއްޔާގެ ހުކުމަށް ބަދަލުގެންނަންޖެހޭނެ ތަނެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު 11052636
2 HAM 318 (ވެސެލް ރަޖިސްޓްރޭޝަން ނަންބަރު 96/2018)
3 BLACKBIRD (ވެސެލް ރަޖިސްޓްރޭޝަން ނަންބަރު 1496/2011)
4 ޤާނޫނު ނަންބަރު 2011/5
5 ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ “Application for Exemption under s. 16 of Business Profit Tax Act” ފޯމު، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 134
6 ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޑޮކިއުމަންޓް 2 ގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު
220-TSD/MISC/LTR/2017/209 (09 އެޕްރީލް 2017) ސިޓީ، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 82
7 ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޑޮކިއުމަންޓް 3 ގެ ގޮތުގައި ހުށަހަޅާފައިވާ “Notice of Objection” ފޯމު، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 83
8 ޤާނޫނު ނަންބަރު 2010/3
9 ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-LSD/MISC/LTR/2017/275 (07 ޖޫން 2017) ސިޓީ، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 86
10 ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޑޮކިއުމަންޓް 5 ގެ ގޮތުގައި ހުށަހަޅާފައިވާ ވެން އޫރްދްގެ ނަންބަރު LCD-CORP-3685790-JNY (08 މޭ 2017) ސިޓީ، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 87
11 ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-TSD/MISC/LTR/2017/300 (22 ޖޫން 2017) ސިޓީ، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 150
12 ޤާނޫނު ނަންބަރު 2011/4
13 ޤާނޫނު ނަންބަރު 22/2010
14 [2021] SC 64
15 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ގަޟިއްޔާ
16 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ގަޟިއްޔާ
17 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/113 ގަޟިއްޔާގެ 24 ނޮވެންބަރު 2022 ގެ އަޑުއެހުމުގައި ވެން އޫރްދް ގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ މަޙުޟަރު ބަޔާން، ސ. 8
18 ޓެކްސް އެޕީލް ޓްރައިބިއުނަލްގައި 01 ނޮވެންބަރު 2020 ގައި މީރާއިން ދައްކާފައިވާ ވާހަކައިގެ މަޙުޟަރު ބަޔާން، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 231
19 އބމ، ސ. 208
20 އބމ، ސ. 217
21 އބމ، ސ. 218
22 އބމ 14
23 އބމ 16
24 ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައުޔުގައި ފާހަގަކުރެވުނު ކަންކަމުގެ ތެރެއިން ހަވަނަކަން، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 14
25 މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި ޖަވާބުގެ ޚުލާޞާގައި ބަޔާންކޮށްފައިވަނީ ވެން އޫރްދް އިން ކުއްޔަށް ދީފައިވާ އުޅަނދުތައް ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ހަމައެކަނި ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކެއްކަމުގައި ނުވާތީ އެ މާއްދާގެ ދަށުން ކަނޑުބޯޓުތައް ދުއްވުމުގެ ވިޔަފާރިން އިސްތިސްނާ ދެވެން ނެތްކަމަށް (ޖަވާބު ހުށަހަޅާ ފޯމު، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު
TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 75)، އެހެން ނަމަވެސް ހައިކޯޓަށް މީރާއިން ހުށަހެޅި ޖަވާބުގައި މުޅިންވެސް ބުނެފައިވަނީ ވެން އޫރްދް އިން ކުއްޔަށް ދީފައިވާ އުޅަނދުން ބީޕީޓީ ޤާނޫނުގެ 16 ވަނަ މާއްދާގައި ބުނާފަދަ ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު ދުއްވުމުގެ ވިޔަފާރީގައި ނޫޅޭތީ އެ އުޅަނދުތައް މި މާއްދާގެ ތަރަހައިގެ ތެރޭގައި ނުހިމެނޭ ކަމަށެވެ (އިސްތިއުނާފީ ދަޢުވާގެ ޖަވާބު ހުށަހަޅާ ފޯމުގެ 4.3.5 އިން 4.3.9 އަށް، ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 108-111)
26 ހައިކޯޓުގެ ނަންބަރު 2021/HC-A/85 ގަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓްގައި ހިމަނާފައިވާ މަޙުޟަރު ބަޔާން، ސ. 17
27 އބމ 14
28 ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/113 ގަޟިއްޔާގެ 24 ނޮވެންބަރު 2022 ގެ އަޑުއެހުމުގައި މީރާގެ ފަރާތުން ދައްކާފައިވާ ވާހަކައިގެ މަޙުޟަރު ބަޔާން، ސ. 10
29 އބމ، ސ. 19
30 OECD.org, Retrieved from https://www.oecd.org/ctp/treaties/model-tax-convention-on-income-and-on-capital-condensed-version-20745419.htm
31 އބމ 28، ސ. 10
32 އބމ 18، ސ. 3
33 ދަށުރޮނގު އިތުރުކުރެވިފައި
34 ޓެކްސް އެޕީލް ޓްރައިބިއުނަލްގައި 01 ނޮވެންބަރު 2020 ގައި މީރާއިން ދައްކާފައިވާ ވާހަކައިގެ މަޙުޟަރު ބަޔާން، ޓެކްސް އެޕީލް ޓްރައިބިއުނަލް ނަންބަރު TAT-CA-W/2017/006 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް، ސ. 211
35 ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 84 ވަނަ މާއްދާގެ (ހ)
36 ހައިކޯޓުގެ ނަންބަރު 2021/HC-A/85 ޝަރީޢަތް ނިމުނުގޮތުގެ 35 ވަނަ ނުކުތާ، ސ. 21
37 އބމ ގެ 35 ވަނަ ނުކުތާ، ސ. 18
38 ޤާނޫނު ނަންބަރު 2010/22
39 [2021] SC 64
40 ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/18 ގަޟިއްޔާ
41 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ގަޟިއްޔާ
42 އބމ 41
43 އބމ 42
44 އބމ 43
45 HAM 318 (ވެސެލް ރަޖިސްޓްރޭޝަން ނަންބަރު 96/2018)
46 BLACKBIRD (ވެސެލް ރަޖިސްޓްރޭޝަން ނަންބަރު 1496/2011)
47 [2021] SC 79
48 ދަށުރޮނގު އިތުރުކުރެވިފައި
2021/SC-A/113 [2023] SC 57
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.