ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
` ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ކޯސްޓްލައިން އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ކޯސްޓްލައިން އިންވެސްޓްމަންޓްސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/276 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) (މީގެ ފަހުން "މީރާ") އަށެވެ.
ތިރީގައި މި ވަނީ މި މައްސަލަ ނިންމަން އަހުރެންނަށް ފެންނަ ގޮތާއި، އެ ކަމަށް އަހުރެން ވާސިލުވި ސަބަބުތަކެވެ.
ކަން ހިނގާފައިވާ ގޮތް
ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ބުނާ ގޮތުން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިޒޯޓްސް އިން 2012 ވަނަ އަހަރަށް ބީ.ޕީ.ޓީ ދެއްކުމުގައި، ދައްކަންޖެހޭ ޢަދަދުގެ އިތުރަށް 8,959,567ރ (އަށް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) މީރާއަށް ދެއްކިފައިވެއެވެ.
ކަންމިހެން ހިނގާފައި ވަނިކޮށް، ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން 2014 ވަނަ އަހަރުގެ ޕީ.ބީ.ޓީ ފުރަތަމަ އިންޓަރިމް ޕޭމަންޓް ގެ ގޮތުގައި 14,904,841ރ (ސާދަ މިލިއަން ނުވަ ލައްކަ ހަތަރު ހާސް އަށް ސަތޭކަ ސާޅީސް އެއް ރުފިޔާ) މީރާ އަށް ދައްކަން ޖެހުނެވެ. މި ފައިސާގެ ތެރެއިން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިޒޯޓްސް އިން 2012 ވަނަ އަހަރު އިތުރަށް ދެއްކިފައިވާ 8,959,567ރ (އަށް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) އުނިކުރުމަށް ފަހު، ބާކީވާ 5,945,274ރ (ފަސް މިލިއަން ނުވަ ލައްކަ ސާޅީސް ފަސް ހާސް ދުއިސައްތަ ހަތްދިހަ ހަތަރު ރުފިޔާ) ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން މީރާ އަށް 05 އޮގަސްޓް 2014 ގައި ދައްކާފައިވެއެވެ. އަދި މި ތާރީޚުގައި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިޒޯޓްސް އިން އިތުރަށް ދެއްކިފައިވާ އަދަދު އުނިކޮށް ދިނުމަށް އެދި ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން މީރާއަށް "އެޖެސްޓްމަންޓް / ރީފަންޑަށް އެދުން" (adjustment/Refund Request) ފޯމު ހުށަހަޅާފައިވެއެވެ.
05 އޮގަސްޓް 2014 ގައި އިތުރަށް ދެއްކިފައިވާ އަދަދު އުނިކޮށް ދިނުމަށް އެދި ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން މީރާ އަށް ހުށަހެޅި ފޯމަށް، އެ އިދާރާ އިން ޖަވާބު ދީފައިވަނީ 09 މާރޗް 2016 ގައެވެ. މި ޖަވާބުގައި ކޯސްޓްލައިން ހޮޓެލްސް އެންޑް ރިޒޯޓްސް އިން އިތުރަށް ދައްކާފައިވާ 8,957,908ރ (އަށް މިލިއަން ނުވަ ލައްކަ ފަންސާސް ހަތް ހާސް ނުވަ ސަތޭކަ އަށް ރުފިޔާ) ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން 2014 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ އަދަދުން އުނިކޮށްދީފައިވާ ކަމަށް މީރާ އިން އެ ކުންފުންޏަށް އަންގާފައި ވެއެވެ. މި ޢަދަދު އުނިކޮށްފައިވަނީ 30 ސެޕްޓެމްބަރ 2015 ގައެވެ. މިއީ މީރާގެ ފަރާތުން އިތުރަށް ދެއްކިފައިވާ ފައިސާގެ ޢަދަދު ކަށަވަރު ކުރުމަށް ކުރި އޮޑިޓް ނިމުނު ތާރީޚު ވެސް މެއެވެ.
2014 ވަނަ އަހަރުގެ ބީ.ޕީ.ޓީ ފުރަތަމަ އިންޓަރިމް ޕޭމަންޓް 03 އޮގަސްޓް 2014 ގެ ކުރިން ދައްކަންޖެހެއެވެ. ކަންމިހެން އޮތްނަމަވެސް، ކުރިން އިޝާރާތް ކުރި ފަދައިން އިތުރަށް ދެއްކިފައިވާ ޓެކުހުގެ ޢަދަދު އުނިކޮށް ދިނުމަށް ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން މީރާ އަށް ފޯމު ހުށަހަޅާފައިވަނީ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ ތާރީޚު ފަހަނައަޅައި ދިޔަތާ ދެ ދުވަސް ފަހުން 05 އޮގަސްޓް 2014 ގައެވެ.
ދެ ފަރާތުގެ ދެމެދުގައި ޚުޞޫމަތެއް އުފަންވެފައިވަނީ 2014 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ ދުވަސް ކަމުގައިވާ 03 އޮގަސްޓް އިން ފެށިގެން، އިތުރަށް ދައްކާފައިވާ ފައިސާ އުނިކޮށްދިން ތާރީޚު ކަމުގައިވާ 30 ސެޕްޓެމްބަރ 2015 އާ ހަމައަށް ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން އިންޓަރިމް ޕޭމަންޓް ދައްކާފައިނުވާ ކަމުގައި ބަލައި، އެ ކުންފުނިން ޖޫރިމަނާ އާއި އިންޓަރެސްޓްގެ ގޮތުގައި ޖުމުލަ 2,367,105/-ރ. (ދެ މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަތް ހާސް ސަތޭކަ ފަހެއް) ރުފިޔާ ދައްކަން މީރާއިން އެންގި ހިސާބުންނެވެ.
ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް
ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ސުންގަޑިއަށް ޓެކްސް ދައްކާފައިނުވާ ކަމުގައި ބަލައި މީރާ އިން އެ ކުންފުނި ޖޫރިމަނާ ކުރުމަށްފަހު ދައްކަން އަންގާފައިވާ ފައިސާގެ ޢަދަދަކީ އެ ކުންފުނިން ދައްކަންޖެހޭ ޢަދަދެއް ނޫން ކަމުގައި ބުނެ ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވެއެވެ.
މި ހުށަހެޅުމުގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ބުނެފައިވަނީ އެ ކުންފުނިން 2014 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑި ފާއިތުވިތާ ދެ ދުވަހުގެ ތެރޭގައި، ކުރިން އެ ކުންފުނިން އިތުރަށް ދެއްކިފައިވާ ޓެކުހުގެ ޢަދަދު އުނިކޮށް ދިނުމަށް 05 އޮގަސްޓް 2014 ގައި މީރާގައި އެދިފައިވާނެ ކަމުގައްޔާއި، އަދި އެ ޢަދަދުން އެ މުއްދަތަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު އުނިކުރުމުން ބާކީވާ މިންވަރު ވެސް ދައްކާފައިވާ ކަމުގައެވެ. އަދި މީރާ އިން އިތުރަށް ދައްކާފައިވާ ފައިސާގެ ޢަދަދު ކަށަވަރު ކުރުމަށް އޮޑިޓެއް ކުރުމަށްފަހު، އެ އޮޑިޓް ނިންމި ދުވަސް ކަމުގައިވާ 30 ސެޕްޓެމްބަރ 2015 ގެ ނިޔަލަށް ޓެކްސް ފައިސާ ދައްކާފައިނުވާ ކަމުގައި ބަލައި، 03 އޮގަސްޓް 2014 އިން ފެށިގެން 30 ސެޕްޓެމްބަރ 2015 ގެ ނިޔަލަށް އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ، މީރާގައި އެ ކުންފުނީގެ ފައިސާ ހުރެމެ، އަދި އެ ފައިސާ އާމެދު ވަކި ގޮތަކަށް ޢަމަލު ކުރުމަށް އެ ކުންފުނިން އެދިފައިވަނިކޮށް ކަމުގައެވެ. މި ހާލަތުގައި އެ ކުންފުންޏަށް އިތުރަށް ދައްކާފައިވާ ފައިސާގެ އެއްވެސް މަންފާއެއް ނުލިބި، ޖޫރިމަނާ ވެގެން ދިއުމަކީ އިންސާފެއް ނޫން ކަމުގައެވެ.
ޓްރައިބިއުނަލްގައި މީރާގެ ފަރާތުން ބުނެފައިވަނީ، މި މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން އިތުރަށް ދައްކާފައިވާ ފައިސާ އުނިކޮށް ދީފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ އިޖުރާއަތު ފުރިހަމަކޮށް އެކަމާގުޅޭ އޮޑިޓެއް ކުރުމަށް ފަހުގައި ކަމަށެވެ. އަދި މި އޮޑިޓް ކުރުމަށްފަހު 30 ސެޕްޓެމްބަރ 2015 ގައި އިތުރަށް ދައްކާފައިވާ ފައިސާ، 2014 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ މުއްދަތުގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ދައްކަންޖެހޭ ފައިސާ އިން އުނިކޮށްދީ އެ ކަން ހަމަޖައްސައިދީފައިވާ ކަމުގައެވެ. އަދި 30 ސެޕްޓެމްބަރ 2015 އާ ހަމައަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ދައްކާފައި ނުވާތީ، އެ ކުންފުނި ޖޫރިމަނާ ކުރެވިފައިވާ ކަމުގައްޔާއި، އެ ޖޫރިމަނާ ކުރުން ރަނގަޅު ނޫންކަމުގައި ބަލާނެ ޤާނޫނީ ސަބަބެއް ނެތް ކަމުގައެވެ.
ދެ ފަރާތުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ޓްރައިބިއުނަލުން ނިންމާފައިވަނީ، އިތުރަށް ދެއްކިފައިވާ ޓެކްސް ފައިސާ އެހެން ފައިސާ އަކުން އުނިކޮށް ދެވޭނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ އިޖުރާއަތު ފުރިހަމަ ކޮށް، އެ ޢަދަދު ކަށަވަރު ކުރުމަށް ގަވާއިދުގައިވާ ގޮތުގެމަތިން އޮޑިޓް ކުރުމަށް ފަހުގައި ކަމުގައެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައި އިތުރަށް ދެއްކޭ ޓެކުހުގެ ފައިސާ "ކުރިއަށް ހުރި ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި" ޓެކްސް ދައްކާފައިވާ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ފައިސާ އިން އުނިކުރުމަށް އޮތް ނަމަވެސް، ކުރިއަށް އޮތް މުއްދަތަށް ހަމަޖައްސާ ފައިސާއަކީ، ފައިސާގެ ޢަދަދު ކަށަވަރު ކުރުމަށް ކުރާ އޮޑިޓް ކުރުމުގެ ކުރިއަށް ފާއިތުވެފައިވާ މުއްދަތަކަށް ހަމަޖެއްސޭނެ ފައިސާއެއް ނޫން ކަމުގައްޔާއި، މި ފައިސާ ހަމަޖެއްސޭނީ އޮޑިޓް ނިމޭ ވަގުތުން ފެށިގެން ކުރިއަށް އޮތް މުއްދަތުގައި ދައްކަންޖެހޭ ޓެކުހުން ކަމުގައެވެ. މީގެ އިތުރަށް ޓެކްސް ދައްކަންޖެހޭ މުއްދަތަށް ޓެކްސް ދައްކާފައި ނުވާނަމަ، އިންޓަރެސްޓާއި ޖޫރިމަނާ އަރަމުންދާނެ ކަމުގައްޔާއި، މި މައްސަލައިގައި މީރާ އިން ޖޫރިމަނާ އާއި އިންޓަރެސްޓާމެދު ޢަމަލު ކޮށްފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައެވެ.
ހައިކޯޓުން މައްސަލަ ނިންމާފައިވާ ގޮތް
ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި ފާހަގަ ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
ފުރަތަމަ ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރު ޓްރައިބިއުނަލުން މާނަކުރަން ޖެހޭނީ ޓެކްސް ދައްކާ ފަރާތުގެ މަސްލަހަތާ އެއްކޮޅަށް ކަމުގައިވީ ނަމަވެސް، އެ ނަންބަރު ޓްރައިބިއުނަލުން މާނަކޮށްފައިވަނީ ޓެކްސް ދައްކާ ފަރާތާ ދެކޮޅަށް، ދެކޮޅު ނުޖެހޭ ނަތީޖާތަކެއް ނުކުންނަ ގޮތަށް ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައެޅުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތު މި މައްސަލައިގައި މީރާ އިން ފުރިހަމަކޮށްފައި ނުވާކަން ޓްރައިބިއުނަލުން ފާހަގަ ކުރުމަށްފަހު، މީރާ އިން ކޯސްޓްލައިން އިންވެސްޓްމަންޓްސް ޖޫރިމަނާކުރި ކުރުން ރަނގަޅު ކަމަށް ނިންމާފައިވަނީ މަދަނީ މައްސަލަތަކުގައި ޢާންމުކޮށް ޢަމަލުކުރާ އުސޫލާ ޚިލާފަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހައިކޯޓުގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު، މި މައްސަލަ ނިންމަމުން އެ ކޯޓުން ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރު ޓްރައިބިއުނަލުން މާނަކޮށްފައިވާ ގޮތާމެދު ސުވާލު އުފައްދާފައިވީ ނަމަވެސް، މި މައްސަލައަކީ ޤާނޫނުގެ އެ މާއްދާ އާއި ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދާ ފުށުއެރުމެއް ވޭތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމުގައެވެ. އަދި މި މައްސަލައިގައި މީރާ އިން އިތުރަށް ދައްކާފައިވާ ޓެކުހާމެދު ޢަމަލު ކޮށްފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤަވާއިދުގެ 69 ވަނަ މާއްދާއާ އެއްގޮތަށް ކަމުގައެވެ. މީގެ އިތުރުން މި މައްސަލައިގައި މީރާ އިން ކަނޑައަޅާފައިވާ ޖޫރިމަނާގެ ޢަދަދަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން މީރާ އިން މަދަނީ އަދަބެއްގެ ގޮތުން ނަގާފައިވާ ފައިސާއެއް ނޫންކަމުގައެވެ. އަދި ޖޫރިމަނާގެ ފައިސާއަކީ އެ ޤާނޫނުގެ 23 ވަނަ މާއްދާގެ (އ) ގެ ދަށުންނާއި 24 ވަނަ މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅޭ ޢަދަދެއް ކަމުގައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް
ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް ހައިކޯޓުން މައްސަލަ ކާމިޔާބު ނުވުމުން، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި އިސްތިއުނާފުގައި އެ ކުންފުނީގެ ފަރާތުން ފާހަގަ ކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ފާހަގަ ކުރި އެންމެ ފުރަތަމަ ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރު ޓްރައިބިއުނަލުން މާނަކޮށްފައިވަނީ ޤާނޫނީ ގޮތުން ދެކޮޅު ޖެހޭ ގޮތަކަށް ނޫން ކަމަށާއި، ޤާނޫނުގެ އެ ނަންބަރު މާނަކުރަން ޖެހޭނީ ޓެކްސް ދައްކާ ފަރާތާ އެއްކޮޅަށް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާ ނަމަވެސް، ހައިކޯޓުން މައްސަލަ ނިންމުމުގައި ޤާނޫނުގެ އެ ނަންބަރާމެދު ފައިސަލާ ކުރަނިވި ނިންމުމެއް ނިންމާފައި ނުވާ ކަމުގައްޔާއި، އަދި އެ ފަދައިން ނިންމި ސަބަބު ވެސް ހައިކޯޓުން ފާހަގަ ކޮށްފައިނުވާ ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ. ވުމާއެކު، މިއީ ސުޕްރީމް ކޯޓުގެ އިބްރާހީމް ރަޝީދު ވ. މަރްޔަމް ޝަކީބާ މައްސަލައިގައި ކަނޑައަޅާފައިވާ ފައިސަލާ ކުރުމަށް ހުށަހެޅުނު ކަންތައް އެއް ފަރާތްކޮށް މައްސަލަ ނުބެލުމުގެ އުސޫލާއި، ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ކަނޑަޅާފައިވާ އިސްތިއުނާފީ ނުކުތާއަށް ރިއާޔަތް ކޮށްގެން މައްސަލަ ބެލުމުގެ އުސޫލާއި، އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން މައްސަލައިގައި ކަނޑައަޅާފައިވާ ހުކުމަށް ވާސިލުވި ސަބަބު ބަޔާން ކުރުމާއި، ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ނުކުތާ ފާހަގަ ކުރުމުގެ އުސޫލާ ޚިލާފަށް ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ބުނެއެވެ.
ދެވަނަ ނުކުތާއަކީ، މި މައްސަލައިގައި މީރާ އިން ކޯސްޓްލައިން އިންވެސްޓްމަންޓްސް ޖޫރިމަނާކުރި ކުރުމަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މަދަނީ އަދަބެއް ނޫންކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނީ ގޮތުން ރަނގަޅު ނޫން މަޞްރަދަކަށް ބިނާކޮށް ކަމުގައްޔާއި، އެ ނިންމުން ހައިކޯޓުން ނިންމާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ 32 ވަނަ މާއްދާ އާއި މީރާގެ ނަންބަރު TR-2013/B26 ޓެކްސް ރޫލިންގ އެއް ފަރާތް ކުރުމަށް ފަހުގައި ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެމުން މީރާގެ ފަރާތުން ފާހަގަ ކޮށްފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރު މާނަކުރުމާމެދު ހައިކޯޓުން ގޮތެއް ނިންމާފައިނުވާ ކަމުގައްޔާއި، އަދި އެ ފަދައިން ގޮތެއް ނުނިންމި ސަބަބު ބަޔާން ކޮށްފައި ނުވުމަކީ އެ ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަމުގައެވެ. އެހެނީ މި މައްސަލައިގައި ޚުޞޫމަތް އުފެދިފައިވަނީ އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާ، ޓެކްސް ދެއްކި ފަރާތް ފިޔަވައި "ތިންވަނަ ފަރާތަކަށް" އުނިކޮށް ދިނުމާމެދުގައި ކަމަށްވާއިރު، އެ އުސޫލުތައް ބަޔާންވެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައި ކަމުގައި ވުމެވެ. އަދި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައި ބަޔާންވެފައިވަނީ އިތުރަށް ޓެކްސް ދެއްކޭ ހާލަތުގައި "ޓެކްސް ދެއްކި ފަރާތުން ކުރިޔަށްހުރި ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި އެ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ފައިސާއިން" އެ ޢަދަދު އުނިކުރުމުގެ ވާހަކަ ކަމުގައިވާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ޙަވާލާދޭ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރަކީ މި މައްސަލައިގައި މާނަ ކުރަންޖެހޭ ނަންބަރެއް ނޫން ކަމުގައި މީރާއިން ފާހަގަ ކުރެއެވެ.
މި މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާއަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ މަދަނީ އަދަބެއް ނޫންކަމުގައި ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި، އެ ޖޫރިމަނާއަކީ އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ މަދަނީ އަދަބެއް ކަމުގައި މީރާގެ ފަރާތުން ބުނެއެވެ. އަދި މި ހާލަތުގައި އެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރަން ނުޖެހޭނެ ކަމުގައި ވެސް މީރާއިން ބުނެފައިވެއެވެ.
ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
މި މައްސަލައިގައި ދެ ފަރާތުގެ ހުށަހެޅުންތަކަށް ބަލާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރަކީ މި މައްސަލައާ ގުޅުންހުރި ނަންބަރެއް ކަން ނުވަތަ ނޫންކަމާއި، އެ ނަންބަރުގައި ބަޔާން ވެފައިވާ " ކުރިޔަށްހުރި ޓެކްސް ދައްކަންޖެހޭ މުއްދަތު" ކަނޑައަޅާނީ ކިހިނަކުން ކަމާމެދު ޝަރީޢަތުން ގޮތެއް ނިންމަންޖެހޭ ކަމުގައި ދެކެމެވެ. އެއަށްފަހު، އިސްތިއުނާފީ ދެވަނަ ނުކުތާގައި ވާހަކަ ދެކެވޭ ޖޫރިމަނާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާންވެފައިވާ "މަދަނީ އަދަބެއް" ކަން ނުވަތަ ނޫންކަމާ މެދު ގޮތެއް ނިންމަންޖެހޭ ކަމުގައި ވެސް ދެކެމެވެ.
އިތުރަށް ދެއްކޭ ޓެކުހާ މެދު ޢަމަލު ކުރެވޭ ގޮތް
ޓެކްސް ދައްކާ ފަރާތުން މީރާ އަށް ފައިސާ ދެއްކުމުގައި، ދައްކަންޖެހޭ މިންވަރަށްވުރެ އިތުރަށް ފައިސާ ދެއްކޭ ޙާލަތުގައި އެ ފައިސާ އަނބުރާ ހޯދުމަށް ފައިސާ ދެއްކި ފަރާތުން މީރާ އަށް ހުށަހެޅެއެވެ. އަދި މި ފަދަ ހުށަހެޅުމެއް މީރާ އަށް ލިބިއްޖެނަމަ، އެ ހުށަހެޅުމާމެދު އަންނަނިވި ދެ ގޮތުން ކުރެ ގޮތަކަށް މީރާ އަށް އަމަލު ކުރެވެއެވެ. ފުރަތަމަ ގޮތަކީ ފައިސާ ދެއްކި ފަރާތުން މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތްނަމަ، އިތުރަށް ދެއްކި ފައިސާ އަނބުރާ އެ ފަރާތަށް ދިނުމެވެ. ދެވަނަ ގޮތަކީ، ކުރިޔަށްހުރި ޓެކްސް ދައްކަންޖެހޭ މުއްދަތުތަކުގައި އެ ފަރާތުން ދައްކަންޖެހޭ ޓެކްސްގެ ފައިސާއިން އެ ޢަދަދު އުނިކުރުމެވެ. މިއީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންވެފައިވާ ކަމާބެހޭ އުސޫލުތަކެވެ.
މި އުސޫލުތައް އިތުރަށް ތަފުސީލު ކޮށްފައިވަނީ އެ ޤާނޫނުން ބާރު ލިބިގެން މީރާ އިން އެކުލަވާލާފައިވާ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައެވެ. އެ މާއްދާ ތިރީގައި މިވަނީއެވެ.
އިތުރަށް ދައްކާ ފައިސާ 69. (ހ) އެއްވެސް ފަރާތަކުން ދައްކަންޖެހޭ އަދަދަށްވުރެ އިތުރަށް މީރާއަށް ފައިސާދައްކައިފައިވާ ހާލަތުތަކުގައި:
އެ އިތުރުވާ އަދަދަކީ ކުރިޔަށް ހުރި މުއްދަތުތަކުގައި އެ ފަރާތުން އެ ރެވެނިއު ކޯޑަކާ ގުޅިގެން ދައްކަންޖެހޭ ފައިސާއިން އަޅައިކެނޑޭނެ އަދަދެކެވެ.
މި މާއްދާގެ (ހ) ގެ (1) ރައްދު ނުވާނަމަ، އެ ފަރާތުން ޓެކްސްއާބެހޭ ޤާނޫނެއްގެ ދަށުން ނުވަތަ އެހެންގޮތަކުން ނަމަވެސް މީރާއަށް ފައިސާ ދައްކަންޖެހޭ އެހެން ރެވެނިއު ކޯޑަކުން، ނުވަތަ ތިންވަނަ ފަރާތަކުން މީރާއަށް ދައްކަންޖެހޭ ފައިސާއަކުން އަޅައިކަނޑައިދިނުމުގެ އިޚުތިޔާރު ކޮމިޝަނަރ ޖެނެރަލަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ (2) ގައި ބަޔާންކޮށްފައިވާ ހާލަތުތަކުގައި، އިތުރަށް ދައްކައިފައިވާ އަދަދު އަޅައިކެނޑުމަށް އެދޭނަމަ "ރީފަންޑް ކުރުމަށް އެދޭ ފޯމު" (MIRA904) ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ކަނޑައަޅައިފައިވާ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކާއެކު މީރާއަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހެޅުމެއް މީރާއަށް ލިބިއްޖެނަމަ، އިތުރަށް ދައްކައިފައިވާ ފައިސާއެއް އަޅައިކެނޑުމުގެ ހުއްދަ ދެވޭނީ އަންނަނިވި ހާލަތުތަކުގައެވެ.
އެ ފަރާތަކުން މީރާއަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނެތުން؛ އަދި
އެ ފަރާތަކުން ދައްކައިފައިވާ އަދަދަކީ ދައްކަންޖެހޭ އަދަދަށްވުރެ އިތުރު އަދަދެއްކަން މީރާއިން ކުރާ އޮޑިޓަކަށްފަހު ނުވަތަ އެނޫންވެސް ގޮތަކުން ޔަގީން ކުރެވުން.
ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަ ކޮށްފައިވަނީ މި މައްސަލައިގައި ހައިކޯޓުގައި އެ ކުންފުނީގެ ފަރާތުން ކުރިމަތި ކުރި މައިގަނޑު ސުވާލަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައިވާ "ކުރިއަށް ހުރި ޓެކްސް ދައްކަންޖެހޭ މުއްދަތު" އަށް ރިޢާޔަތްކޮށް، އިތުރަށް ދެއްކިފައިވާ ޓެކުހުން އުނިކޮށް ދިނުމަށް އެދި ހުށަހެޅުމުން އުނިކޮށް ދޭ ތާރީޚު ކަނޑައަޅާނީ ކިހިނަކުން ކަމާމެދު އެ ކުންފުނިން ކުރިމަތި ކުރި ސުވާލު ކަމުގައެވެ. ނަމަވެސް މި ސުވާލަށް އެ ކޯޓުން ޖަވާބެއްދީފައިނުވާ ކަމުގައެވެ.
މި ނުކުތާގައި ހައިކޯޓުގެ ނިންމުމަށް ރުޖޫޢަވާއިރު، މި މައްސަލައަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދާ ފުށުއެރުމެއް ވޭތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ނުވާތީ، އިތުރަށް ދެއްކިފައިވާ ފައިސާއިން އުނިކޮށްދޭ ތާރީޚު ކަނޑައަޅާނީ ކިހިނަކުން ކަމާމެދު ގޮތެއް ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ. މި ކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ، މި މައްސަލައިގައި މީރާ އިން ފައިސާ އުނިކޮށް ދިނުމާމެދު ގޮތެއް ނިންމާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ އުސޫލުން ކަމަށް ހައިކޯޓަށް ބުރަވެވުމެވެ.
މީރާ އިން މި ނުކުތާއާ ގުޅިގެން މި ކޯޓުގައި ފާހަގަ ކޮށްފައިވަނީ، މި މައްސަލައިގައި އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާ އުނިކޮށް ދީފައިވަނީ "ތިންވަނަ ފަރާތަކަށް" ކަމުގައިވާތީ، މި މައްސަލައިގެ މައްޗަށް ހިނގާނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާ ކަމުގައެވެ. އެހެނީ ތިންވަނަ ފަރާތަކަށް ފައިސާ އުނިކޮށް ދިނުމުގެ ވާހަކައެއް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ. ޤާނޫނުގައި އޮތީ އިތުރަށް ޓެކްސް ދެއްކި ފަރާތަށް، އެ ފަރާތުން ކުރިއަށް ހުރި މުއްދަތުގައި ދައްކަންޖެހޭ ފައިސާއިން އިތުރަށް ދެއްކި ފައިސާ އުނިކުރުމުގެ ވާހަކައެވެ. އަދި މި އުސޫލުން ބަލާއިރު، ހައިކޯޓުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރާ މެދު ގޮތެއް ކަނޑައަޅާފައި ނުވުމަކީ، އެ ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބަލަންޖެހޭނެ ސަބަބެއް ނޫން ކަމުގައެވެ.
ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެކެވެ. ޤާނޫނެއްގައިވާ ވަކި އުސޫލެއް، އެއަށް ވުރެ ފުޅާކުރުމަކީ އެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދަކުން ކުރެވޭނެ ކަމެއް ނޫނެވެ. ގަވާއިދު އަބަދުވެސް ދައުރުވާން ޖެހޭނީ ގާނޫނުން އެކަށައަޅާ އިމުގެ ތެރޭގައެވެ.
މި މާއްދާއަށް މި އުސޫލުތައް ތަޠުބީޤު ކުރާއިރު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގައި ބަޔާންވެފައިވަނީ އިތުރަށް ޓެކްސް ދެއްކި ފަރާތުން ދައްކާފައިވާ ފައިސާ، އެ ފަރާތަށް އުނިކޮށްދިނުމުގެ ވާހަކަ ކަމުގައްޔާއި، ތިންވަނަ ފަރާތަކަށް އުނިކޮށް ދިނުމުގެ ވާހަކަ ބަޔާންވެފައި އޮތީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގައި ކަމުގައި ބުނެ ދައްކާ ވާހަކައިން، ތިންވަނަ ފަރާތަކަށް އުނިކޮށް ދިނުމުގެ އިންތިޒާމުތަކަކީ ޤާނޫނުގައި އެ އިންތިޒާމު އޮތް ވަރަށް ވުރެ އެ އިންތިޒާމު ގަވާއިދުގެ ތެރެއިން ފުޅާވެފައިވާ އިންތިޒާމެއްކަމުގައި ބެލެވެއެވެ. އަދި ކުރިއަށް ގެންގޮސްފައިވާ އިޖުރާއަތެއްކަން އެނގެއެވެ.
މި މައްސަލައިގައި ވާހަކަ ދެކެވޭ އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާއަކީ، ކޯސްޓްލައިން ހޮޓެލްސް އެންޑް ރިޒޯޓްސް އިން 2012 ވަނަ އަހަރަށް ބީ.ޕީ.ޓީ ދެއްކުމުގައި އިތުރަށް ދެއްކިފައިވާ ފައިސާއެއް ނަމަވެސް، އެ ފައިސާއިން އުނިކޮށް ދިނުމަށް އެދިފައިވަނީ ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން ދައްކަން އޮތް ޓެކުހުގެ ފައިސާއިން ކަމުގައި ވެފައި، މި ދެ ކުންފުނީގެ ގުޅުމަކީ ކޮބައިކަން މައްސަލައިން ސާފު ނުވާތީ އާއި، ތިންވަނަ ފަރާތަކުން ދައްކަންޖެހޭ ޓެކުހުން އުނިކޮށް ދިނުމުގެ އިންތިޒާމަކީ، ޓެކްސްގެ ނިޒާމުގައި ކޮންމެހެން އޮތުން މުހިންމު އަދި ޤާނޫނު އެކަމަށް ހުރަސްނާޅާ ނިޒާމެއް ކަމާމެދު މި މައްސަލައިގައި ބަހުސް ކުރެވިފައި ނުވާތީ ކޯސްޓްލައިން އިންވެސްޓްމަންޓްސް އަށް މި ފައިސާއިން އަޅައިކަނޑައި ދިނުމުގައި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ތަރަހައިން ބޭރުވެފައިވާ ކަމާމެދު އަހުރެން ވަކި ގޮތެއް ނުނިންމަމެވެ.
ނަމަވެސް، މި ނުކުތާގައި ފާހަގަ ކުރުން މުހިންމު ކަމަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައިވާ އުސޫލުތަކާ ވަކިން ކިޔޭނެ މާއްދާއެއް ނޫންކަމެވެ. އަދި މި މައްސަލައިގައި ފައިސާ އުނިކޮށްދިނުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ، ޤާނޫނުގެ މާއްދާގެ ދަށުން ނޫންކަމާއި، ގަވާއިދުގެ މާއްދާއިން ލިބޭ ބާރުން ކަމަށް ބުނާ ބުނުމަކީ ޤާނޫނީ ގޮތުން ހަމަޖެހޭ ބުނުމެއް ނޫނެވެ. އަދި ޓްރައިބިއުނަލް މަރުޙަލާގައި މި މައްސަލައިގައި އުފެދިފައިވާ ޤާނޫނީ ސުވާލާމެދު ގޮތެއް ނިންމުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާ އާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާ އާމެދު ވާހަކަ ދައްކާ ބަހުސް ކުރެވިފައިވާތީ އާއި، އެ ބަހުސްތަކާމެދު ގޮތެއް ނިންމުމުގައި ޤާނޫނުގެ 74 ވަނަ މާއްދާ އަށް ޓްރައިބިއުނަލުން ރިޢާޔަތް ކޮށްފައިވާއިރު، އަދި އެ ބަހުސް އެ މޭރުމުން ހައިކޯޓަށް ހުށަހެޅިފައިވާއިރު މި މައްސަލައަކީ، ޤާނޫނާއި ގަވާއިދުގައި ފުށުއެރުމެއްވޭތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމުގައި ބަލައި، ޤާނޫނުގެ 74 ވަނަ މާއްދާއާ ގުޅިފައިވާ ޤާނޫނީ ސުވާލުގައި ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވުމަކީ، ޤާނޫނީ އުސޫލުތަކާ އެއްގޮތަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމުގައި ނުދެކެމެވެ.
ކަންމިހެން އޮތުމުން މި މައްސަލައިގެ މައިގަނޑު ބަހުސް ކަމުގައިވާ އިތުރަށް ދެއްކިފައިވާ ފައިސާ، ކުރިއަށް ދައްކަން ހުރި ޓެކުހުގެ ފައިސާއިން އުނިކޮށް ދިނުމަށް އެދި ހުށަހެޅުމުން ފައިސާ އުނިކުރި ތާރީޚު ކަނޑައަޅާނީ ކިހިނަކުން ކަމާމެދު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނާއި، ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުން ޖަވާބެއް ލިބޭތޯ އެނބުރިލަމެވެ.
ފައިސާ އުނިކުރެވޭނެ ތާރީޚު ކަނޑައެޅުން
އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާ އުނިކުރި ތާރީޚެއް ކަމުގައި ކަނޑައެޅެން ޖެހޭނީ، އެ ކަމަށް އެދި މީރާ އަށް "904" ނަންބަރު ފޯމު ހުށަހަޅާ ތާރީޚު ކަމުގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ބުނެއެވެ. އަދި އަޅައިކަނޑައި ދިނުމާ ގުޅިގެން އިދާރީ ޤާނޫނުގެ 74 ވަނަ މާއްދާގެ (ށ) ގެ 02 ވަނަ ނަންބަރުގައިވާ "ކުރިއަށް ހުރި މުއްދަތު" އަކީ އިތުރަށް ޓެކްސް ދެއްކުނު ފަހުން ކުރިއަށް ހިނގާ މުއްދަތު ކަމުގައި ބަލަންޖެހޭނެ ކަމުގައެވެ. މިއީ ޓެކްސް ދައްކާ ފަރާތުގެ މަސްލަހަތު ހިމާޔަތް ކުރުމުގައި އެ މާއްދާ މާނަ ކުރަންޖެހޭނެ ގޮތް ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.
އަދި މި ނުކުތާގައި މީރާ އިން ދެކޭ ގޮތަށް، ފައިސާ އުނިކޮށްދީފައިވާ ތާރީޚަކީ، މީރާ އިން އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާގައިވާ ފަދައިން އޮޑިޓެއް ކުރުމަށްފަހު، އެ އޮޑިޓްގެ ކުރިއަށް ހިނގާފައިވާ ތާރީޚެއް ކަމުގައި ވެއްޖެނަމަ، ނުވަތަ ޓްރައިބިއުނަލުން ފާހަގަ ކޮށްފައިވާ ގޮތަށް އެ އޮޑިޓްގެ ފަހަށް އަންނަ ތާރީޚެއް ކަމުގައި ވެއްޖެނަމަ، އިތުރަށް މީރާ އަށް ދެއްކިފައިވާ ފައިސާގެ މަންފާއެއް ޓެކްސް ދައްކާ ފަރާތަށް ނުލިބި، އިތުރު ތަކުލީފު އުފުލަން ޖެހޭނެކަން ކޯސްޓްލައިން އިންވެސްޓްމަންޓްސްން ފާހަގަ ކޮށްފައިވެއެވެ.
ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ދައްކާ ވާހަކަތަކަށް ބަލާއިރު، ޓެކްސް ނަގާ ފަރާތެއްގެ ހައިސިއްޔަތުން މީރާ އަށް ލިބިފައިވާ ޤާނޫނީ އެންމެހައި ބާރުތައް ބޭނުން ކުރުމުގައި ޓެކްސް ދައްކާ ފަރާތުގެ ހައްޤުތަކަށް ޙުރުމަތް ތެރިކޮށް ހިތުމަކީ މީރާގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ޓެކްސް ދެއްކުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ޓެކްސް ދައްކާ ފަރާތުން ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރުމަށް މަސައްކަތް ކުރުމާއި، ޓެކްސް ދައްކާ ފަރާތުން އުފުލަންޖެހޭ ތަކުލީފުތައް މަދު ކުރެވޭނެހެން ޓެކްސްގެ ނިޒާމު ހިންގުމަކީ މީރާގެ ޤާނޫނީ ޒިންމާ ތަކެއްކަން އިދާރީ ޤާނޫނުގައިވާ މީރާގެ މަޤުޞަދުތަކަށް ބެލުމުން އެނގެއެވެ.
މި މައްސަލައިގައި ވާހަކަ ދެކެވޭ ފައިސާ އުނިކުރި ކަމުގައި ބަލާނެ ތާރީޚަކީ ކޮބައިކަން ނުވަތަ އެ ތާރީޚުގެ ގޮތުގައި ބަލާނީ ކޮން ތާރީޚެއްކަން އިދާރީ ޤާނޫނުގައި ނުވަތަ އެ ޤާނޫނުން ބާރު ލިބިގެން ހަދާފައިވާ ޤަވާއިދުގައި ބަޔާންވެފައި ނުވެއެވެ. ނަމަވެސް އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާއާ މެދު ޢަމަލު ކުރުމުގެ އިންތިޒާމުތައް މީރާ އިން ހަމަޖައްސައި އެ ކަމަށް ތައްޔާރު ކޮށްފައިވާ "އެޖެސްޓްމަންޓް/ރީފަންޑަށް އެދުން" (adjustment/Refund Request) ފޯމުގެ (މީރާ 904 ވަނަ ފޯމުގެ) 04 ވަނަ ނަންބަރުގައި "މީރާ އަށް ދައްކަންޖެހޭ ފައިސާގެ އަދަދަކުން އުނިކުރުމަށް ބޭނުންވާނަމަ، އެ އަދަދަކާބެހޭ ތަފުސީލު (Details of the liability against which the amount should be offset) ލިޔުމަށް ބައެއް ޚާއްޞަ ކުރެވިފައިވެއެވެ. މި ބައިގައި އެ ފޯމުގެ 03 ވަނަ ނަންބަރުގެ (ބީ) ގައި ނުވަތަ "ޓެކްސް ދައްކާ އެހެން ފަރާތަކުން މީރާއަށް ދައްކަންޖެހިފައިވާ ފައިސާގެ އަދަދުން އުނިކުރުމަށް" (3 (b) Adjust against amounts another taxpayer owes to MIRA) ފޯމު ހުށަހަޅާ ފަރާތުން ބޭނުންވާނަމަ، އެ ފަދައިން އުނިކުރުމަށް ބޭނުންވާ މުއްދަތަކީ ކޮބައިކަން ފާހަގަ ކޮށްދިނުމަށް އިތުރު ދެ ބައެއް ހިމެނިފައިވެއެވެ. މި ދެ ބައިން އެއް ބައިގައި އެ މުއްދަތު ފެށޭ ތާރީޚު ލިޔުމަށްފަހު އަނެއް ބައިގައި މުއްދަތު ނިމޭ ތާރީޚު ލިޔުމަށް އެ ފޯމުގައި އިރުޝާދު ދީފައިވެއެވެ.
މި މައްސަލައިގައި މި އިޝާރާތްކުރި މީރާގެ 904 ނަންބަރު ފޯމު (adjustment/Refund Request) ހުށަހަޅާފައިވެއެވެ. މި ފޯމުގައި އެދިފައިވަނީ، ޓެކްސް ދައްކާ އެހެން ފަރާތަކުން (ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން) މީރާ އަށް ދައްކަންޖެހިފައިވާ ފައިސާގެ އަދަދުން އިތުރަށް ދެއްކިފައިވާ ފައިސާ އުނިކުރުން ކަން ފޯމުގެ 03 ވަނަ ނަންބަރުގެ (ބީ) ގައި ރަނގަޅު ފާހަގަލާފައި ވުމުން އެނގެއެވެ. އަދި އުނިކުރުމަށް އެދޭ މުއްދަތު ފެށޭ ތާރީޚެއްގެ ގޮތުގައި އެ ފޯމުގައި އޮތީ 01 ޖެނުއަރީ 2014 އެވެ. އެ މުއްދަތު ނިމޭ ތާރީޚު ކަމުގައި އޮތީ 21 ޑިސެމްބަރ 2014 އެވެ. އަދި މި ފޯމުގައި ދައްކަންޖެހޭ ޓެކުހުން އުނިކުރުމަށް އެދޭ ފައިސާގެ މިންވަރެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ 8,959,567ރ (އަށް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) އެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޖުމުލަ ދައްކަންޖެހޭ 14,904,841ރ (ސާދަ މިލިއަން ނުވަ ލައްކަ ހަތަރު ހާސް އަށް ސަތޭކަ ސާޅީސް އެއް ރުފިޔާ) އިން އިތުރަށް ދެއްކިފައިވާ 8,959,567ރ (އަށް މިލިއަން ނުވަ ލައްކަ ފަންސާސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) އުނިކުރުމަށް ފަހު، ބާކީވާ 5,945,274ރ (ފަސް މިލިއަން ނުވަ ލައްކަ ސާޅީސް ފަސް ހާސް ދުއިސައްތަ ހަތްދިހަ ހަތަރު ރުފިޔާ) ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން މީރާ އަށް މި ފޯމު ހުށަހެޅި ތާރީޚު ކަމުގައިވާ 05 އޮގަސްޓް 2014 ގައި ދައްކާފައިވެއެވެ. މީގެ އިތުރަށް މި މައްސަލައިގެ ލިޔެކިޔުންތައް ދިރާސާ ކުރުމުން 05 އޮގަސްޓް 2014 އިން ފެށިގެން މީރާ އިން އޮޑިޓް ނިންމައި ފައިސާ އުނިކުރުމާމެދު ނިންމި ގޮތް ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް 09 މާރޗް 2016 ގައި އެންގުމާ ހަމައަށް، މީރާ އަށް ލިބިފައިވާ 904 ފޯމާމެދު (adjustment/Refund Request) ވަކި ގޮތަކަށް ޢަމަލު ކުރެވޭނެކަން، ނުވަތަ އެ ފޯމުގައި ބަޔާންވެފައިވާ ޓެކްސް ފައިސާ އުނިކުރުމަށް ބޭނުންވާ މުއްދަތަށް ފޯމު ހުށަހެޅި ފަރާތުން އެދިފައިވާ ފަދައިން، އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާއިން ހަމަޖެހުނުކަން ނުވަތަ ނޫންކަމާމެދު އެއްވެސް މުޢާމަލާތެއް ކުރެވިފައިވާކަން ލިޔެކިޔުމުން ފެންނަން ނެތެވެ. މިއީ ހައިކޯޓުން ވެސް މި ވާޤިޢާއާ ގުޅިގެން ބަލާފައިވާ ކަމެއްކަން ވެސް ފާހަގަ ކުރަމެވެ.
މި ތަފުސީލުތަކުން އެނގިގެން ދަނީ، ޓެކްސް ދައްކާ ފަރާތުން އިތުރަށް ޓެކްސް ދެއްކޭ ހާލަތުގައި، މީރާ 904 ފޯމު (adjustment/Refund Request) ހުށަހަޅައި، އެ ފޯމުގައި އިތުރަށް ދެއްކިފައިވާ ފައިސާއާ މެދު ޢަމަލު ކުރަން އެދޭ ގޮތަކީ، އެހެން ފަރާތަކުން ދައްކަންޖެހޭ ޓެކުހުގެ ފައިސާއިން އިތުރަށް ދައްކާފައިވާ ޓެކުހުގެ ފައިސާ އުނިކުރުމަށް ކަމުގައި ބަޔާންކޮށް، އަދި އެ އުނިކުރުން ނުވަތަ އަޅައިކެނޑުމަށް އެދޭ މުއްދަތު ވެސް ތަފުސީލުކޮށް ބަޔާންކޮށް، އަދި ކުރިއަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއިން އިތުރަށް ދެއްކިފައިވާ ފައިސާ އުނިކޮށް ނިންމުމުން އެ މުއްދަތުގައި އިތުރަށް ބާކީ ދައްކަންޖެހޭ ފައިސާކަމުގައި ލަފާކުރާ ފައިސާގެ ޢަދަދު ވެސް މީރާ އަށް ދެއްކުމުން، ފައިސާ އުނިކޮށްފައިވާ ތާރީޚެއްގެ ގޮތުގައި ކަނޑައެޅޭނެ ތާރީޚަކީ އެ ފޯމުގައި ބަޔާންވެފައިވާ ތާރީޚު ކަމުގައި ބަލައި، އެކަމަށް އުންމީދުކޮށްގެން ތިބުމުގެ މަހައްލެއް (Legitimate Expectation) އިތުރަށް ދެއްކިފައިވާ ޓެކުހުގެ ފައިސާގެ މަންފާ ލިބުމަށް އެދޭ ފަރާތުގެ ކިބައިގައި މި މައްސަލައިގައި ނަމަ، ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ކިބައިގައި އުފެދޭނެ ކަމުގައި އަހުރެންނަށް ބުރަވެވެއެވެ.
އެހެނީ މިފަދަ އުންމީދެއްގެ މަންފާ ލިބުމުގައި ޢާންމު ގޮތެއްގައި ފުރިހަމަވާންޖެހޭ ދެ ޝަރުޠު މި މައްސަލައިގައި ފުރިހަމަވާ ކަމުގައި އަހުރެން ދެކެމެވެ. ފުރަތަމަ ޝަރުޠަކީ، ޓެކްސް ދައްކާ ފަރާތުން ޢަމަލުކުރުމަށް ޤާނޫނުގައި ސާފު ޞަރީޙަ އިޖުރާއަތެއް ބަޔާންވެފައި އޮތުމެވެ. ކުރިއަށް ދާނެ ސާފު މަގު ބުނެދީފައި އޮތުމެވެ. ދެވަނަ ޝަރުޠަކީ، ޤާނޫނުގައިވާ އިޖުރާއަތު ފުރިހަމަކޮށްފައި ވުމެވެ. ޤާނޫނު ދައްކާފައިވާ މަގުން ހިނގާފައި ވުމެވެ. މި ދެ ޝަރުޠު ފުރިހަމަވާނަމަ، ޤާނޫނާ އެއްގޮތަށް ޢަމަލު ކުރެވެންޖެހޭނެ ކަމުގައި އެ އިޖުރާއަތު ފުރިހަމަ ކުރި ފަރާތަށް އުންމީދެއް އޮންނަންވާނެއެވެ. އެ ފަރާތް ޤާނޫނު ރައްކާތެރިކޮށްދޭނެ ކަމުގައި ދެކެވެންޖެހޭނެއެވެ.
މިކަންކަން މި މައްސަލައިގައި ފުރިހަމަވެފައިވޭތޯ ބަލާއިރު، ކޯސްޓްލައިން އިންވެސްޓްމަންޓްސްއިން ޤާނޫނީ ގޮތުން ދައްކަންޖެހޭ ޓެކްސް ފައިސާ ދައްކަންޖެހޭކަން އެނގިތިބެ، އެ ޒިންމާ އަދާކުރުމުގެ ގޮތުން ދައްކަންޖެހޭ ފައިސާއިން ދައްކަންޖެހޭނެ ކަމުގައި ބެލެވޭ މިންވަރު ދައްކައި، އެ ފައިސާއިން މީރާގައި ހުރިކަމަށް ބެލެވޭ ފައިސާގެ އަދަދާމެދު ޢަމަލު ކުރަން އެދޭ ގޮތް މީރާ އަށް ހުށަހަޅާފައިވެއެވެ. އަދި އެ ހުށަހެޅުމާމެދު ވަކި ގޮތަކަށް ޢަމަލު ކުރެވޭނެކަން ނުވަތަ ނޫންކަމާމެދު އެ ފޯމުގައި އަޅައިކަނޑައި ދިނުމަށް އެދިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު މީރާގެ ފަރާތުން ވަކި އެއްޗެއް އަންގާފައި ނުވެއެވެ. އަދި އިތުރަށް ދެއްކިފައިވާ ފައިސާއާމެދު ވަކި ގޮތަކަށް ޢަމަލު ކުރުމަށް އެދުނު ފަހުން، އެ އެދުމާމެދު ގޮތެއް ނިންމުމަށް ދެ އަހަރެއްހައި ދުވަސް ހޭދަވެފައިވެއެވެ. މި ދެ އަހަރެއްހައި ދުވަހުގެ މުއްދަތަކީ ޓެކްސް ދައްކާ ފަރާތުގެ އަތުގައި އިތުރަށް ދެއްކުނު ފައިސާ ހުރިނަމަ، އެ ފައިސާއިން މަންފާ ހޯދައި، އެ މަންފާއިން ދައުލަތަށް ޓެކުހުގެ ގޮތުގައި މަންފާ ލިބުމުގެ ފުރުސަތު ފަހިވާނެ މުއްދަތެއް ކަމުގައި ވެސް ބެލެވެއެވެ.
މީގެ އިތުރަށް އިތުރަށް ދެއްކިފައިވާ ފައިސާގެ ޢަދަދު ކަށަވަރު ކުރުމަށްޓަކައި އިދާރީ ގަވާއިދުގައިވާ ގޮތުގެ މަތިން އޮޑިޓް ކުރުމަށްފަހު، މި މައްސަލައިގައި މީރާއިން ޢަމަލު ކޮށްފައިވާ ގޮތަށް އޮޑިޓްކުރުމުގެ ކުރީގެ ތާރީޚަކަށް އެ ފައިސާ އަޅައި ކެނޑުމަކީ، ޤާނޫނީ ގޮތުން އެކަމަށް ހުރަހެއް އޮތް ކަމެއްވެސް ނޫނެވެ.
މި ސަބަބަށްޓަކައި އިތުރަށް ދެއްކި ފައިސާ ކުރިއަށް އޮތް ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ދައްކަންޖެހޭ ފައިސާއިން އުނިކޮށްފައިވާ ތާރީޚުގެ ގޮތުގައި މި މައްސަލައިގައި ކަނޑައެޅެންޖެހޭނެ ތާރީޚަކީ މީރާ 904 ވަނަ ފޯމު (adjustment/Refund Request) އެ އިދާރާއަށް ހުށަހަޅައި، އިތުރަށް ދެއްކިފައިވާ ފައިސާ އުނިކުރުމުން ބާކީ ދައްކަންޖެހޭ ފައިސާ ދެއްކި ތާރީޚު ކަމުގައި އަހުރެން ދެކެމެވެ. އެހެނީ ޓެކުހަކީ ދައްކަންޖެހޭ މުއްދަތުތަކެއް ދުރާލައި ޤާނޫނުގައި ކަނޑައެޅިގެން ދައްކާ އެއްޗެކެވެ. އަދި އެ މުއްދަތު ތަކުގައި ނުދެއްކުމުގެ ސަބަބުން އެޅޭ ފިޔަވަޅުތައް އެޅެނީ ވެސް އެ މުއްދަތަށް ރިޢާޔަތް ކޮށްގެންނެވެ. އަދި މުއްދަތުގެ ފަހަނަ އަޅައިދާ ފަހުން ޓެކްސް ދައްކާ ހާލަތުގައި ޖޫރިމަނާ ކުރުން ފަދަ ކަންކަން ކުރަނީ ވެސް ޓެކްސް ދައްކާ ތާރީޚުން ފެށިގެންނެވެ. މިކަންކަމުގެ ސާފު އެއް މިސާލަކީ މިރާގެ ނަންބަރު TR-2013/B26 ޓެކްސް ރޫލިންގ އެވެ. ކަންމިހެން އޮތުމުން މި އުސޫލުން ޢަމަލު ކުރުމުން މެނުވީ، ޤާނޫނު ލާޒިމު ކުރާފަދައިން މީރާ އަށް ޓެކްސް ދައްކާ ފަރާތުގެ ޙައްޤު މި މައްސަލައިގައި ހިމާޔަތް ކުރެވޭނެ، އަދި އެ ފަރާތުން އުފުލަންޖެހޭ ތަކުލީފުތައް މަދު ކުރެވޭނެ ކަމުގައި އަހުރެން ނުދެކެމެވެ.
އަހުރެންވެސް އެއްބަހެވެ. މީރާ އިން އިތުރަށް ދެއްކިފައިވާ ޓެކްސް ފައިސާގެ މިންވަރު ބަލައި ކަށަވަރު ކުރުމަށްފަހު މެނުވީ ކުރިއަށް އޮތް މުއްދަތެއްގައި ދައްކަންޖެހޭ ފައިސާއިން އުނިކޮށް ދިނުމަށް އެދި މީރާ އަށް ހުށަހެޅިފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމެން ނޯންނާނެއެވެ. އެހެނީ އެ އިޖުރާއަތަކީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 69 ވަނަ މާއްދާއިން ލާޒިމު އިޖުރާއަތެކެވެ. ނަމަވެސް، އެ އިޖުރާއަތު ކުރިއަށްދާ މުއްދަތުގައި، ނުވަތަ އެ އިޖުރާއަތު ފުރިހަމަކޮށް ވަކި ގޮތެއް އަންގަންދެން މީރާ އަށް އުނިކޮށް ދިނުމަށް ހުށަހެޅިފައިވާ ހުށަހެޅުމާމެދު ވަކި ގޮތަކަށް ޢަމަލު ކުރެވިފައިވާ ކަމުގައި ނުބެލުމަށް، ވަކި އިރުޝާދެއް މީރާ އިން ދީފައި އޮތް ނަމަ، ނުވަތަ ޤާނޫނާއި ގަވާއިދުގައި، އުނިވާނެ ތާރީޚުގެ ގޮތުގައި ބަލަންވާނީ ވަކި މިވެނި ތާރީޚެއް ކަމުގައި ބަޔާންވެފައި އޮތްނަމަ އަހުރެން މި ނުކުތާއާމެދު މިފަދައިން ވިސްނާނެ ޖާގައެއް ނޯންނާނެއެވެ. މީގެ އިތުރަށް އޮޑިޓް ކުރުމަށްފަހު، އިތުރަށް ދެއްކިފައިވާ ފައިސާ އަޅައިކެނޑުމަށް އެދުނު މުއްދަތަކަށް (އޮޑިޓްގެ ކުރިއަށް އޮތް މުއްދަތަކަށް) އެ ފައިސާއިން އަޅައި ކަނޑައިދިނުމަށް ޤާނޫނީ ގޮތުން އޮތް ހުރަހެއް މީރާގެ ފަރާތުން ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކުން ފާހަގަ ނުވާކަން ވެސް ފާހަގަ ކުރަމެވެ.
ޖޫރިމަނާއާމެދު
2014 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކަންޖެހޭ ދުވަސް ކަމުގައިވާ 03 އޮގަސްޓް އިން ފެށިގެން، އިތުރަށް ދައްކާފައިވާ ފައިސާ މީރާ އިން އުނިކޮށްދިން ތާރީޚު ކަމުގައިވާ 30 ސެޕްޓެމްބަރ 2015 އާ ހަމައަށް ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން އިންޓަރިމް ޕޭމަންޓް ދައްކާފައިނުވާ ކަމުގައި ބަލައި، އެ ކުންފުނިން ޖޫރިމަނާގެ ގޮތުގައި، /-1885989ރ. (އެއްމިލިޔަން އަށްލައްކަ އަށްޑިހަ ފަސްހާސް ނުވަސަތޭކަ އަށްޑިއަނުވަ ރުފިޔާ) އާއި އިންޓަރެސްޓްގެ ގޮތުގައި، /-481116ރ. (ހަތަރު ލައްކަ އަށްޑިހައެއްހާސް އެއްސަތޭކަ ސޯޅަ ރުފިޔާ) އެކު ޖުމުލަ 2,367,105/-ރ. (ދެ މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަތް ހާސް ސަތޭކަ ފަސް ރުފިޔާ) ދައްކަން ނިންމާފައި އޮތް ނިންމުމުގެ ތެރޭގައި ހިމެނޭ ޖޫރިމަނާއަކީ މީރާގެ ފަރާތުން ކަނޑައަޅާފައިވާ މަދަނީ އަދަބެއް ކަމުގައްޔާއި، އެއީ މަދަނީ އަދަބެއް ނޫންކަމުގައި ހައިކޯޓުން ބަލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި އިސްތިއުނާފީ ދެވަނަ ނުކުތާގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ބުނެއެވެ.
މި ވާހަކަތަކަށް މީރާގެ ފަރާތުން ދޭ ރައްދަކީ މި ޖޫރިމަނާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންވެފައިވާ މަދަނީ އަދަބެއް ނޫންކަމުގައްޔާއި، މި ޖޫރިމަނާއަކީ އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އިން ކަނޑައަޅާފައިވާ މަދަނީ އަދަބެއް ކަމުގައެވެ. އަދި މި ޢަދަދު ކަނޑައަޅާފައިވަނީ އެ އަކުރަށް ރިޢާޔަތްކޮށް ޓެކްސް ރޫލިންގ ނަންބަރު TR-2013/B26 ގެ ދަށުން ކަމުގައި މީރާ އިން ބުނެއެވެ. އަދި މި މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސް ޖޫރިމަނާ ކުރެވިފައިވަނީ ޓެކްސް ދައްކަންޖެހޭ މުއްދަތަށް ޓެކްސް ދައްކާފައި ނުވުމުގެ ސަބަބުން ޤާނޫނުގައި އެ ކަމަށް ޖޫރިމަނާ ކަނޑައެޅިފައި ވުމުން ކަމުގައި މީރާ އިން ބުނެފައިވެއެވެ. މި ވާހަކަތަކަށް ފަހު މީރާއިން އެދިފައިވަނީ މި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭނެ ކަމުގައި މީރާ އަށް ޤަބޫލު ކުރެވެނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ކަމުގައިވާތީ، ޖޫރިމަނާ ކަނޑައެޅޭނީ އިދާރީ ޤާނޫނުގެ ދަށުން ކަމުގައި ހައިކޯޓުން ނިންމާފައި އޮތް ނިންމުން ރަނގަޅު ނޫންކަމުގައި ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.
މި އިސްތިއުނާފީ ނުކުތާގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ގޮތެއް ނިންމުމަށް ދަތިވެއެވެ. ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ޙަވާލާދޭ ޓެކްސް ރޫލިންގ އަކީ އެ ފަރާތުން ހައިކޯޓުގައި އެ ރޫލިންގ ވާހަކަ ދައްކާފައިވާ ރޫލިންގއެއް ނޫނެވެ. އަދި މީރާގެ ފަރާތުން ޖޫރިމަނާގެ ހިސާބު ކޮށްފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އާއި، ނަންބަރު TR-2013/B26 ޓެކްސް ރޫލިންގ އަށް ރިޢާޔަތް ކޮށްގެން ކަމުގައި ބުނާ ބުނުމަކީ މި މަރުޙަލާ ފިޔަވައި އެހެން މަރުހަލާއެއްގައި ދައްކާފައިވާ ވާހަކައެއް ނޫނެވެ. މީގެ އިތުރަށް މި މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން މި ކޯޓުގައި ސުވާލު އުފައްދަނީ ހަމައެކަނި ޖޫރިމަނާގެ ފައިސާ ކަމުގައިވާއިރު، އެ ވާހަކަ އެ މޭރުމުން އެ ފަރާތުން ދަށު މަރުޙަލާތަކުގައި ދައްކާފައި ނުވެއެވެ. ޖޫރިމަނާ، އާއި އިންޓްރެސްޓަށް ބަލާއިރު، އެއީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށް ދެ އެއްޗެކެވެ. ހިސާބު ކުރެވޭ ގޮތްވެސް ތަފާތެވެ. މީގެ އިތުރުން ދެ ފަރާތުންމެ، އިންޓަރެސްޓާއި ޖޫރިމަނާއަށް އެކުއެކީގައި އިޝާރާތްކޮށް އިޖުމާލީ ގޮތެއްގައި ޖޫރިމަނާކަމުގައި ތިން މަރުޙަލާގައި ވާހަކަ ދައްކާފައިވުމުން މައްސަލައިގެ އޮޅުން ބޮޅުން އިތުރުވެގެން ދެއެވެ.
އިތުރަށް މި ނުކުތާއާގެން ކުރިއަށް ދިއުމުގެ ކުރިން މި ނުކުތާގައި ހިމެނޭ މައްސަލައިގެ ވާޤިޢާތައް ސާފުކޮށް ބަޔާން ކުރުން މުހިންމު ކަމުގައި ދެކެމެވެ. ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ދައްކާފައިނުވާ ކަމުގައި ބުނެ މީރާ އިން ކޯސްޓްލައިން އިންވެސްޓްމަންޓްސް އިން 2,367,105/ރ. (ދެ މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަތް ހާސް ސަތޭކަ ފަސް ރުފިޔާ) އެ އިދާރާއަށް ދައްކަންޖެހޭ ކަމުގައި ބަޔާންކުރާ ޖުމުލަ ފައިސާގައި ދެ ބައެއް އުޅެއެވެ. އެއް ބަޔަކީ އިންޓަރެސްޓްގެ ގޮތުގައި ދައްކަންޖެހޭ /-481116ރ. (ހަތަރު ލައްކަ އަށްޑިހައެއްހާސް އެއްސަތޭކަ ސޯޅަ ރުފިޔާ) އެވެ. ދެވަނަ ބަޔަކީ /-1885989ރ. (އެއްމިލިޔަން އަށްލައްކަ އަށްޑިހަ ފަސްހާސް ނުވަސަތޭކަ އަށްޑިއަނުވަ ރުފިޔާ) ގެ ޖޫރިމަނާއެވެ. މި ޖޫރިމަނާ ހިސާބުކޮށްފައިވަނީ %0.05 ގެ ރޭޓުންނެވެ. މި މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ސުވާލު އުފައްދަނީ މި ޖޫރިމަނާ އާމެދުގައެވެ.
ޖޫރިމަނާގެ ފައިސާއާ ގުޅިގެން ދެ ފަރާތުންމެ ސުޕްރީމް ކޯޓުގައި މީރާގެ ޓެކްސް ރޫލިންގ އާ ގުޅުވައިގެން ދައްކާފައިވާ ވާހަކަތަކަކީ ސުޕްރީމް ކޯޓުގައި އަލަށް ދައްކާފައިވާ ވާހަކަތަކެކެވެ. އައު ޤާނޫނީ ނުކުތާއެކެވެ. ސުޕްރީމް ކޯޓުގައި އަލަށް ފާހަގަކުރާ ޤާނޫނީ ނުކުތާތަކަށް ފުރުސަތު ދެވެނީ އަންނަނިވި ތިން ޙާލަތުންކުރެ ޙާލަތަކަށް އެ ނުކުތާއެއް ފެތޭނަމައެވެ. މިކަން ސުޕްރީމް ކޯޓުން ނިންމާފައިވާ އެހެނިހެން ނިންމުންތަކުން ކަށަވަރުވެއެވެ. ތިރީގައި މިވަނީ އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެ އިސްތިސްނާ ތިން ޙާލަތެކެވެ.
ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން؛ ނުވަތަ
ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވުން؛ ނުވަތަ
އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުން.
މި އުސޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ވާހަކަ ދެކެވޭ ޖޫރިމަނާގެ ފައިސާއަކީ، ކޯސްޓްލައިން އިންވެސްޓްމަންޓްސްގެ ފަރާތުން ޓެކްސް ދައްކަންޖެހޭ މުއްދަތަށް ޓެކްސް ނުދެއްކުމުގެ ސަބަބުން މީރާ އަށް ދައްކަން ޖެހިފައިވާ ޖޫރިމަނާއެއް ކަމުގައި މީރާގެ ފަރާތުން ބުނެއެވެ. އަދި މި ޖޫރިމަނާ ހިސާބު ކުރާނެ ގޮތުގެ ތަފުސީލުތައް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާން ވެފައި ނުވާއިރު، މި ތަފުސީލުތައް ބަޔާން ވެފައިވަނީ، މީރާ އިން ނެރެފައިވާ ނަންބަރު TR-2013/B26 ޓެކްސް ރޫލިންގގައެވެ. އަދި މި ޓެކްސް ރޫލިންގއަށް ބަލާއިރު، މިއީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ އަދަބުތައް ކަނޑައެޅުމަށް މީރާ އިން ކުރިން ނެރެފައިވާ ރޫލިންގއެއް އުވާލުމަށްފަހު، އޭގެ ބަދަލުގައި ނެރެފައިވާ ރޫލިންގ އެއްކަން އެނގެއެވެ. އަދި ޓެކްސް ރޫލިންގ ތަކަށް ބަލާއިރު، ޓެކްސް ރޫލިންގ ތަކަކީ ޓެކްސް ޤާނޫނާއި، ގަވާއިދުތައް މާނަކުރުމުގައި މީރާ އިން ޢަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރުމަށްޓަކައި ނެރެވޭ އެއްޗެއްކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 84 ވަނަ މާއްދާގެ (ށ) އިން އެނގެއެވެ. ކަންމިހެން އޮތުމުން، މި މައްސަލައިގައި ޖޫރިމަނާއާމެދު ގޮތް ނިންމުމުގައި މީރާގެ ނަންބަރު TR-2013/B26 ޓެކްސް ރޫލންގ އަކީ މި މައްސަލައާ ސީދާ ގުޅި ލާމެހިފައިވާ، އަދި ޤާނޫނު މާނަކުރުމުގައި ރިޢާޔަތް ކުރަންޖެހޭ އެއްޗެއްކަމުގައި ވުމުން އިސްތިއުނާފީ ނުކުތާގައި ގޮތް ކަނޑައެޅުމުގައި ޓެކްސް ރޫލިންގ އާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތް ކުރަންޖެހޭ ކަމުގައި ދެކެމެވެ.
ކަންމިހެން އޮތުމުން ޖޫރިމަނާގެ ފައިސާއަކީ މަދަނީ އަދަބެއްކަން ނުވަތަ ނޫންކަމާމެދު ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ގޮތެއް ކަނޑައެޅުމަށް އެނބުރިލަމެވެ. މި އިސްތިއުނާފީ ނުކުތާގައި ދެ ފަރާތުގެ ވާހަކަތަކުން، ދެ ފަރާތަށްމެ އެއްބަސްވެވޭ ކަމަކީ، މި ޖޫރިމަނާގެ ފައިސާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، ނަންބަރުTR-2013/B26 ޓެކްސް ރޫލިންގގެ ދަށުން ނެގިފައިވާ ފައިސާއެއް ކަމެވެ. ޚިލާފު އޮތީ، މި ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭ ކަމަށް ކަނޑައެޅުމުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނާ އިޖުރާއަތު ފުރިހަމަ ކުރުމާމެދުގައެވެ. މީރާއިން ބުނަމުން އަންނަނީ އެ އިޖުރާއަތު ފުރިހަމަ ކުރަން ނުޖެހޭނެކަމުގައެވެ. ކޯސްޓަލައިންގެ ފަރާތުން ބުނަމުން އަންނަނީ، މި ފައިސާއަކީ މަދަނީ އަދަބެއް ކަމުގައިވުމުން އެ އިޖުރާއަތު ފުރިހަމަ ކުރަންޖެހޭނެ ކަމުގައެވެ.
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއަކީ، އެ ޤާނޫނުގެ 05 ވަނަ ބާބު؛ ކުށާއި އަދަބުތައް ބަޔާންކޮށްފައިވާ ބާބުގައި ހިމެނޭ މާއްދާއެކެވެ. އެ މާއްދާގެ (ހ) އަށް ބަލާއިރު، އެ އަކުރުގައި އޮތީ އަންނަނިވި ޢިބާރާތެވެ.
33 (ހ) ވިތްހޯލްޑިންގ ޓެކްސް ނަމަވެސް، އެއްވެސް ޢަދަދެއްގެ ޓެކްސްއެއް އެ ދައްކަންޖެހޭ ދުވަހަށް ނުދައްކާ ހުރެފި މީހަކަށް ދެވޭނެ މަދަނީ އަދަބަކީ -/250000 (ދެލައްކަ ފަންސާސް ހާސް) ރުފިޔާއިން ނުވަތަ އެންމެ ފަހު ދުވަހާ ހަމައަށް ނުދައްކާ ހުރި ޓެކްސްގެ ޢަދަދުގެ ދެގުނައާ އެއްވަރުގެ ޢަދަދެއް، މި ދެ ޢަދަދުން ބޮޑު ޢަދަދެއްގެ ޖޫރިމަނާއެއް ދެއްކުމެވެ.
ޤާނޫނުގެ އެ އަކުރަށް ބަލާއިރު، އެ އަކުރުގައި ސާފު ބަހުން ޖޫރިމަނާއަކީ މަދަނީ އަދަބެއް ކަމުގައި ސިފަކޮށްފައިވެއެވެ. އަދި މި ބާބުގައި ހިމެނޭ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ކަންކަމުގެ ތަފުސީލު ބަޔާންކުރާ 34 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާ ފެށިގެން އަންނަ އަކުރުގައި؛ (ހ) ގައި އޮތީ "މި ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައަޅާނީ، އެމް.އައި.އާރް.އޭގެ ނިންމުމަކުންނެވެ." މިފަދައިންނެވެ. އަދި މަދަނީ އަދަބު ކަނޑައެޅުމުގެ އިތުރު ތަފުސީލުތައް ބަޔާންކުރަމުން އެ މާއްދާގެ (ނ) ގައި އޮތީ، "މި މާއްދާގެ ދަށުން އަދަބު ކަނޑައެޅިއްޖެނަމަ، އެ ފައިސާ ދައްކަންޖެހޭ މީހާއަށް އެންގުމެއްގެ ސިފައިގާ އެންގި، އަދި މި އެންގުމުގައި އެންގުން ނެރުނު ތާރީޚާއި، އެ ނިންމާފައިވާ ނިންމުމާމެދު އިސްތިއުނާފަށް ހުށަހެޅޭނެ މުއްދަތުވެސް ބަޔާންކުރެވިފައި އޮންނަންޖެހޭނެއެވެ." މި ފަދައިންނެވެ.
ގާނޫނު ކިޔަންވާނީ އެއް ރޮއްޖަކުން ވިޔެފައިވާ އެކަތިގަނޑެއްގެ ގޮތުގައެވެ. މި އުސޫލުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 33 ވަނަ މާއްދާ އާއި، 34 ވަނަ މާއްދާ އާއި ނަންބަރު TR-2013/B26 ޓެކްސް ރޫލިންގ އަށް ބަލާއިރު، 33 ވަނަ މާއްދާގެ (ހ) ގެ ދަށުން މީރާ އިން ކަނޑައަޅާފައިވަނީ މަދަނީ އަދަބެއްކަން ސާފުކޮށް އެނގެއެވެ. 33 ވަނަ މާއްދާގެ (ހ) ގައި އެއީ މަދަނީ އަދަބެއްކަން ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އަދި 34 ވަނަ މާއްދާ ފެށިގެން އަންނައިރު، އެ މާއްދާގައި "މި ޤާނޫނުގެ ދަށުން މަދަނީ އަދަބު ކަނޑައަޅާނީ..." އެވެ ބުނެފައި އޮތުމުން 34 ވަނަ މާއްދާއަކީ މަދަނީ އަދަބެއް ކަމުގައި އެ ޤާނޫނުގައި ބަޔާންވެފައިވާ ހުރިހާ މަދަނީ އަދަބެއްގެ މައްޗަށް ހިނގާނެ މާއްދާއެއް ކަމާމެދު ޝައްކެއް ނުއުފެދެއެވެ. މީގެ އިތުރަށް 34 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެފައިވާ މަދަނީ އަދަބު ކަނޑައެޅުމުގައި އެންގުމެއްގެ ސިފަ އަންނަންޖެހޭނެ ކަމުގައި އޮތް އޮތުމާއި، އެ އެންގުމުގެ ތާރީޚު ބަޔާންކުރުމާއި، އެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅޭނެ މުއްދަތު ބަޔާންކުރުމަށް އޮންނަ އޮތުމަކީ، ހަމައެކަނި 34 ވަނަ މާއްދާއަށް ހަނިވެފައިވާ ކަންކަމެއް ނޫނެވެ. އެއީ 33 ވަނަ މާއްދާގެ (ހ) ހިމެނޭ ގޮތުން ޤާނޫނުގައިވާ މަދަނީ އެންމެހައި އަދަބުތަކުގައި ޢަމަލު ކުރުން ލާޒިމު ކަންކަމެވެ.
މީރާގެ ނަންބަރު TR-2013/B26 ޓެކްސް ރޫލިންގ އަށް ބަލާއިރު އެ ރޫލިންގައި، ޖޫރިމަނާގެ އިތުރުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ނެގޭ އިންޓްރެސްޓްތަކަކީ ވެސް އަދަބު ތަކެއް ކަމުގައި ބަލާފައިވާކަން އެނގެއެވެ. މި ރޫލިންގއަކީ ޓެކްސް ޤާނޫނާއި ގަވާއިދުތައް މާނަ ކުރުމުގެ ވަސީލަތެއް ކަމުގައިވާއިރު، އަދި މި ރޫލިންގތަކަކީ މީރާއިން އެ މައްޗަށް ޢަމަލުކުރުން ޤާނޫނު ލާޒިމުކުރާ އެއްޗެއްކަންވެސް ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނުގެ 84 ވަނަ މާއްދާއިން ސާފުކޮށް އެނގެއެވެ.
މި މައްސަލައިގައި ޖޫރިމަނާގެ އަދަބު ކަނޑައެޅުމުގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވާ އިޖުރާއަތު މީރާއިން ފުރިހަމަކޮށްފައި ނުވެއެވެ. އެއީ މި މައްސަލައިގައި ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ. މީގެ އިތުރަށް މި މައްސަލައިގައި ކޯސްޓްލައިން އިންވެސްޓްމަންޓްސް ޖޫރިމަނާ ކޮށްފައިވަނީ، ޓެކްސް ދައްކަންޖެހޭ މުއްދަތުގައި ޓެކްސް ނުދައްކައިގެން ކަމުގައި މީރާއިން ބުނެ ފާހަގަ ކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ (އ) އާއި 24 ވަނަ މާއްދާގެ (ނ) ފަދަ ޤާނޫނީ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކަކީ، މި މައްސަލައަށް ތަޠުބީޤުވާނެ މާއްދާތަކެއް ކަމުގައި އަހުރެންނަށް ނުފެނެއެވެ. އެހެނީ އެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކަކީ، މީރާގެ ފަރާތުން އަންގަންޖެހޭ އެންގުމެއްނެތި، ޓެކްސް ދައްކާފަރާތުން ޓެކްސް ދެއްކުމަށް ޤާނޫނު ލާޒިމުކޮށްފައި އޮންނަ އޮތުމަށް ޓެކްސް ދައްކާ ފަރާތުން ޢަމަލު ނުކުރުމުން ތަޠުބީޤުވާނެ މާއްދާތަކެއްކަން 23 ވަނަ މާއްދާގެ (ހ) އާއި 24 ވަނަ މާއްދާގެ (ނ) އިން އެނގެއެވެ. އަދި މި މައްސަލައަށް ބަލާއިރު، މި މައްސަލައިގައި އަސްލު ޚުޞޫމަތް ބިނާވެފައިވަނީ ކޯސްޓްލައިންގެ ފަރާތުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށްފަހު، ޤާނޫނުގައި ބުނާ އިތުރަށް ދެއްކިފައިވާ ޓެކްސް ފައިސާއިން ދައްކަންޖެހޭ ޓެކްސް ފައިސާ އުނިކުރުމުގެ އިޖުރާއަތު ފުރިހަމަކުރުމުގެ ތެރޭގައި މީރާއިން ޢަމަލުކޮށްފައިވާ ގޮތުންކަން އެނގެއެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެ ފަރާތުގެ ޒިންމާ އަދާކުރުމުގައި ބަރޯސާވެފައިވަނީ، މީރާގެ އިރުޝާދުތަކަށް ކަންވެސް މައްސަލައިގެ ވާޤިޢާތަކުން އެނގެއެވެ.
ކަންމިހެން އޮތުމުން މި މައްސަލައިގައި މީރާއިން ޖޫރިމަނާ ކަނޑައަޅާފައިވަނީ، ޤާނޫނާ އެއްގޮތަށް ކަމުގައި ނުދެކެމެވެ. އަދި މި ޖޫރިމަނާއަކީ، މަދަނީ އަދަބެއް ނޫންކަމުގައި ހައިކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
މަތީގައި ތަފުސީލުކޮށް ބަޔާންކުރެވުނު ސަބަބުތައް އެ ގޮތުގެ މަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2020/HC-A/276 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކޮށްފައިވާ ޙުކުމެއް ނޫންކަމުގައި ކަނޑައަޅައި އެ ޙުކުމް ބާޠިލުކޮށް މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ކަންކަން އެ ގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/276 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު މަޙާޒު ޢަލީ ޒާހިރު ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.