ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 51 · 2021/SC-A/82ސުޕްރީމް ކޯޓު · 22 ނޮވެމްބަރު 2023 · ވަޒީފާއާބެހޭ – ވަޒީފާއިން ވަކިކުރުން (ކަނޑުދަތުރުކުރާ މުވައްޒަފުންގެ ދާއިމީ ވަޒީފާ؛ ތަޙުވީލާއި އިޚްތިޞާޞް)

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ވ. މުޙައްމަދު މުޚްތާރު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ނޮވެމްބަރު 2023ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މުވައްޒަފަކީ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ގެ ސަބަބުން ދާއިމީ ވަޒީފާއާ ގުޅޭ 13 ވަނަ މާއްދާގެ ހިމާޔަތުން އިސްތިސްނާވާ މުވައްޒަފެއްތޯ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނޯޓިސް ނުދީ ވަކިކުރުމަކީ ޤާނޫނާ ޚިލާފު ވަކިކުރުމެއްތޯ، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށްފަހު މި ބާވަތުގެ މައްސަލައެއް ސިވިލް ކޯޓަށް ތަޙުވީލުކުރެވޭނެތޯ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ 2018/HC-A/332 ގެ ޙުކުމް ބާޠިލު؛ ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު؛ 14 ދުވަހުގެ ތެރޭގައި ވަޒީފާއަށް ރުޖޫޢަކޮށް އަސާސީ މުސާރައިގެ 6 މަހުގެ ފައިސާ ދިނުމަށް އަމުރު (ފަނޑިޔާރުންގެ އިއްތިފާޤުން). ނޯޓް: 13 ވަނަ މާއްދާ ހިނގާކަމަށް ހައިކޯޓުން ދެކުނު ގޮތަށް ސުޕްރީމް ކޯޓު އެއްބަސްވެ، ހައިކޯޓުގެ ޙުކުމް ބާޠިލުކުރީ އިޚްތިޞާޞް ނެތް ސިވިލް ކޯޓަށް ތަޙުވީލުކުރުމުގެ ސަބަބުން.

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާކުރެވިފައިވަނީ އެ ބާބުގައި ބަޔާންކުރާ ވަޒީފާގެ ޙައްޤުތަކާއި އުޞޫލުތަކުން މުޠުލަޤު ގޮތެއްގައި އެއްކިބާކުރުމަށް ނޫނެވެ؛ ޤާނޫނަކުން މުވައްޒަފަކަށް ލިބިފައިވާ ޙައްޤެއް ނުވަތަ ރައްކާތެރިކަމެއް މަޙްރޫމުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ މަޤްޞަދެއް ނޫނެވެ. (ޕެރ. 20)

HN2ވަޒީފާއާބެހޭ › ވަޒީފާއާބެހޭ – ވަޒީފާއިން ވަކިކުރުން (ކަނޑުދަތުރުކުރާ މުވައްޒަފުންގެ ދާއިމީ ވަޒީފާ؛ ތަޙުވީލާއި އިޚްތިޞާޞް)

ކަނޑުދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ވަޒީފާގެ ތަބީޢަތަށް ބަލައި، ވަޒީފާގެ ދާއިމީ ޔަޤީންކަމާއި ރައްކާތެރިކަން ލިބިފައި އޮތުމަކީ ލާޒިމު ކަމެކެވެ؛ ދާއިމީ ވަޒީފާއާ ގުޅޭ އުޞޫލުތައް ބަޔާންކުރާ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއިން ކަނޑުދަތުރުކުރާ މީހުން އިސްތިސްނާކުރަންޖެހޭ ސަބަބެއް ނެތެވެ؛ މިކަން އިތުރަށް ކަށަވަރުވަނީ 6 ވަނަ އިޞްލާޙަށްފަހު 4 ވަނަ ބާބުން އިސްތިސްނާވަނީ 32، 37 އަދި 38 ވަނަ މާއްދާއިން އެކަނި ކަމަށް ބަޔާންކުރުމުންނެވެ. (ޕެރ. 20–21)

ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫންކަމުގައި ބަލަންޖެހޭނެއެވެ؛ އެހެންކަމުން އެއްބަސްވުން އާކުރަމުން 2 އަހަރާއި 2 މަސް ދުވަހު ވަޒީފާ އަދާކުރި މުވައްޒަފަކީ ދާއިމީ ވަޒީފާއެއްގައި ހުރި މީހެކެވެ. (ޕެރ. 16، 22)

މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނަނީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ؛ ދާއިމީ ވަޒީފާއެއްގައި ހުންނަ މުވައްޒަފަކު ވަކިކުރުމުގެ ކުރިން 22 ވަނަ މާއްދާގެ ދަށުން ނޯޓިސްދިނުން ނުވަތަ 25 ވަނަ މާއްދާގެ ދަށުން ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދިނުމަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބެލުމުގައި ބަލާ އެންމެ އަސާސީ ކަމެވެ؛ ވަޒީފާގެ މުއްދަތު ހަމަވުން ފިޔަވައި އެހެން ސަބަބެއް ނެތި، ނޯޓިސް ނުދީ ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައެއް ނުވެއެވެ. (ޕެރ. 23–25)

22 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، އެހެން ގޮތަކަށް ޤާނޫނުގައި ކަނޑައެޅިފައި ނުވާނަމަ ވަޒީފާގެ މައްސަލަތަކުގެ ޝަކުވާ ހުށަހެޅުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލުވެފައިވާތީ، އޭގެފަހުން މި ބާވަތުގެ މައްސަލައެއް ސިވިލް ކޯޓަށް ތަޙުވީލުކުރުމަކީ ޢަމަލުކުރެވޭ އުޞޫލުތަކާ ޚިލާފު ކަމެކެވެ؛ ކޯޓެއްގެ އިޚްތިޞާޞް ލިބިގެން ނުވާ މައްސަލައެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު އެ ކޯޓަކަށް ލިބިގެން ނުވެއެވެ. (ޕެރ. 27–28)

ވަކިކުރި ސަބަބާއި އެކަމުގައި ޢަމަލުކުރި ގޮތް ދަށު ކޯޓުތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތަފްޞީލުކޮށް ބަޔާންވެ، ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އެއީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައެއް ނޫނެވެ. (ޕެރ. 29)

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)، 13 ވަނަ މާއްދާގެ (ކ) އަދި (އ)، 22 ވަނަ މާއްދާ، 25 ވަނަ މާއްދާ، 27 ވަނަ މާއްދާ، 34 ވަނަ މާއްދާގެ (ހ) ގެ (2)
  • ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 6 ވަނަ އިޞްލާޙު (32، 37 އަދި 38 ވަނަ މާއްދާ ފިޔަވައި 4 ވަނަ ބާބުން އިސްތިސްނާވުން ނިމުން)
  • ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު، 46 ވަނަ މާއްދާގެ (ށ)
  • [2022] SC 59 (އިޙްސާން ޝަރީފްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ)
  • [2022] SC 73 (އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސާރވިސް ކޮމިޝަން)

ފަނޑިޔާރުން

ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޙުސްނުއްސުޢޫދު
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 51 2021/SC-A/82 ޝަރީޢަތް ނިމުނުގޮތް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ވ. މުޙައްމަދު މުޚްތާރު ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު

ނިމުނު ތާރީޚު 22 ނޮވެންބަރު 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2018/HC-A/332 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު މުޚްތާރު، ނެލުން، ގދ. ފިޔޯރި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ވަކީލު: ޖައުފަރު ރަޝީދު، ދަފްތަރު ނަންބަރު ރސ 7499 ވަކީލު: މުޙައްމަދު ސަމާޙު، ތ. ކަނޑޫދޫ، ސަމާޕެލަސް

މަދަނީ – ވަޒީފާއާބެހޭ – ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާ – ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) – މައުޟޫޢީ ޢަދުލުވެރިކަން – އިޖުރާއީ ޢަދުލުވެރިކަން – ވަޒީފާ ރުޖޫޢަކުރުން – ބަދަލު ނަގައިދިނުން

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 2

ތަޢާރުފު 2

ކަންހިނގާފައިވާ ގޮތުގެ ޚުލާސާ 2

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް 4

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް 5

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާޞާ 6

މުޙައްމަދު މުޚްތާރު ހުރީ ދާއިމީ ވަޒީފާ އެއްގައިތޯ 7

މައުޟޫޢީ ޢަދުލުވެރިކަމާއި އަދި އިޖުރާއީ ޢަދުލުވެރިކަން 9

ނިންމަން ފެންނަގޮތް 10

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 11

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 12

ޙުކުމް 12

` ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ވ. މުޙައްމަދު މުޚްތާރު [2023] SC 51 ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/332 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ދެކިގެން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ1 (މީގެ ފަހުން "އެސްޓީއޯ" މިހެން އިޝާރާތްކުރެވިފައިވާ) ގެ ފަރާތުން، ގދ. ފިޔޯރި، ނެލުން، މުޙައްމަދު މުޚްތާރުގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/82 ޤަޟިއްޔާ އިންނެވެ.

2. މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ބުނެވުނު އިސްތިއުނާފީ ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމެވެ.

ކަންހިނގާފައިވާ ގޮތުގެ ޚުލާސާ

3. 06 ނޮވެންބަރު 2014 ގައި މުޙައްމަދު މުޚްތާރު އާއި އެސްޓީއޯ އާ ދެމެދު ވަޒީފާގެ އެއްބަސްވުމެއްގައި ("ވަޒީފާގެ އެއްބަސްވުން") ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ދަށުން މުޙައްމަދު މުޚްތާރު އަދާކުރަމުން ދިޔަ ވަޒީފާއަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އެމްވީ. ތޫރި ބޯޓުގެ ޗީފް އޮފިސަރެއްގެ މަގާމެވެ. މުޙައްމަދު މުޚްތާރުގެ ވަޒީފާގެ އެއްބަސްވުން އެކިފަހަރުމަތިން އައު ކުރިއެވެ. އެގޮތުން

6 ނޮވެންބަރު 2014 އިން 5 ޖަނަވަރީ 2015 އަށް 2 މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގަ އާއި 6 ޖަނަވަރީ 2015 އިން ފެށިގެން 5 ޖަނަވަރީ 2016 އަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އާއި 6 ޖަނަވަރީ 2016 އިން 5 ޖަނަވަރީ 2017 އާ ހަމައަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މުޙައްމަދު މުޚްތާރު ވަޒީފާ އަދާކުރިއެވެ. އެހެންކަމުން ޖުމްލަ 2 (ދޭއް) އަހަރާއި 2 (ދޭއް) މަސްދުވަހު އޭނާ އެސްޓީއޯގައި ވަޒީފާ އަދާކުރިއެވެ.

4. 5 ޖަނަވަރީ 2017 ވަނަ ދުވަހު މުޙައްމަދު މުޚްތާރު އާއި އެސްޓީއޯ އާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރެވެން ނެތް ކަމަށް އަނގަބަހުން ބުނެ މުޙައްމަދު މުޚްތާރު އަދާކުރަމުން ދިޔަ ޗީފް އޮފިސަރގެ މަގާމުން ވަކިކޮށްފައި ވެއެވެ.2

5. މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެ މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުމުން އެ މައްސަލަ އަކީ އެ ޓްރައިބިއުނަލްއަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލައެއް ނޫން ކަމަށް ބުނެ ނިންމާފައިވާތީ3 މުޙައްމަދު މުޚްތާރުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

6. މުޙައްމަދު މުޚްތާރުގެ ފަރާތުން އެސްޓީއޯއަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1595/Cv-C/2017 ޤަޟިއްޔާ އިންނެވެ. މުޙައްމަދު މުޚްތާރުގެ ފަރާތުން އެދިފައިވަނީ އޭނާ އެސްޓީއޯގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާއަށް ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާއަކަށް އަނބުރާ އިއާދަކޮށްދިނުމާއެކު ވަޒީފާ އިއާދަކޮށްދެވެންދެން ލިބެމުން އައި މުސާރަ އާއި ޢިނާޔަތްތައް ލިބިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

7. މުޙައްމަދު މުޚްތާރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ނިންމާފައިވަނީ މުޙައްމަދު މުޚްތާރު އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުތަކުގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވުމުން ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެ ޤާނޫނު ލާޒިމުކުރާ ހިމާޔަތް މުޠުލަޤުކޮށް ދެވިދާނެ ފަރާތްތަކެއް ނޫންކަން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/62 (ލެޝަރ ހޮލިޑޭސް ވ. މުޙައްމަދު ޝަރީފް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާގެ 3 ވަނަ ނުކުތާގެ (ށ) އަށް ރިޢާޔަތްކުރުމުން އެނގެން އޮންނާތީ، މުޙައްމަދު މުޚްތާރުގެ ފަރާތުން އެދިފައިވާ ފަދައިން ކަނޑައެޅެން ނެތް ކަމަށެވެ.

8. އިސްވެ ބުނެވުނު ގޮތަށް މި މައްސަލަ ނިންމުމާ ގުޅިގެން މުޙައްމަދު މުޚްތާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

9. ސިވިލް ކޯޓުގެ ނިންމުން މުޙައްމަދު މުޚްތާރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2018/HC-A/332 ޤަޟިއްޔާއިން އެ މައްސަލަ ބެލިއެވެ.

10. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލާ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެ ޤާނޫނުން ލާޒިމުކުރާ ހިމާޔަތް މުޠުލަޤު ގޮތެއްގައި ދެވިދާނެ ފަރާތެއް ނޫންކަން ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/62 (ލެޝަރ ހޮލިޑޭސް ވ. މުޙައްމަދު ޝަރީފް) ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނުކުތާގެ (ށ) އަށް ރިއާޔަތްކުރުމުން އެނގެން އޮންނަކަން ބަޔާންކޮށް މުޙައްމަދު މުޚްތާރުގެ ފަރާތުން އެދިފައިވާ ފަރުވާ ވަޒީފާ އަނބުރާ ހޯދުމާއި އަދި ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކާއި ބަދަލު ނަގައިދެވެން ނެތްކަމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބަލައި އެ ގޮތުން ބެލޭބެލުމުން ކަނޑައެޅޭ ގޮތެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު މުޚްތާރުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ފަރުވާއާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށެވެ.

11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އެސްޓީއޯގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް

12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/332 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި އެސްޓީއޯގެ ފަރާތުން 03 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

12.1. ފުރަތަމަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާ ކުރެވިފައިވާ މުވައްޒަފަކު އިސްތިސްނާނުވާ ފަރާތެއް ކަމަށް ދޭހަވާ ގޮތަށް ވަޒީފާއާބެހޭ ޤާނޫނު މާނަކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

12.2. ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރި ފަރާތުގެ އިސްތިއުނާފީ ނުކުތާގެ ޙުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 47 ވަނަ މާއްދާގެ (ށ) އާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް4 ޤަޟިއްޔާ އާ ޚިލާފަށް ނިންމާފައިވުން.

12.3. ތިންވަނަ ނުކުތާއަކީ، ކޯޓުތަކުން ޙުކުމް ކުރަންޖެހޭނީ ކޯޓަށް ހުށަހެޅުނު ދައުވާގެ ޞީޣާއަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/66(ލެޝަރ ހޮލިޑޭސް ވ. މުޙައްމަދު ޝަރީފް) ޤަޟިއްޔާގައި ގާއިމުކޮށްފައިވާ އުޞޫލާ ޚިލާފަށް، ހުށަހެޅިފައިވާ ދައުވާގެ އަސާސް ބަދަލުވާ ގޮތަށް އަދި އެދިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ސިވިލް ކޯޓުން ޙުކުމްކުރުން ލާޒިމުވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވުން.

އިސްތިއުނާފީ ނުކުތާތަކުގެ ޚުލާޞާ

13. އެސްޓީއޯގެ ފަރާތުން ހުށަހަޅާފައިވަނީ އިސްތިއުނާފީ ތިން ނުކުތާ އެވެ. މި ނުކުތާތައް ބެހެނީ އަންނަނިވި ދެ ބަޔަށެވެ.

(ހ) ފުރަތަމަ ބަޔަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙު ގެނައުމުގެ ކުރިން އެ ޤާނޫނުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި މާއްދާ ތަކުން އިސްތިސްނާކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާބޯޓުގައި މަސައްކަތްކުރާ މީހުން ހިމެނޭތީވެ މުޙައްމަދު މުޚްތާރަކީ އެސްޓީއޯގެ ކަނޑުދަތުރުކުރާ އުޅަނދެއްގައި ވަޒީފާ އަދާކުރާ ޗީފް އޮފިސަރެއްކަމާއި އަދި ވަޒިފާ ދާއިމީ ކުރުމާ ގުޅޭގޮތުން ޤާނޫނުގެ 4 ވަނަ ބާބުގައި އޮންނަ 13 ވަނަ މާއްދާއިން މުޙައްމަދު މުޚްތާރު އިސްތިސްނާވާ ކަމަށް ދެކި ފާހަގަ ކުރާ ކަންކަން.5

(ށ) ދެވަނަ ބަޔަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އިސްތިއުނާފު ކުރެވުނު ނުކުތާތަކުގެ ބޭރުން ކަންކަން ނިންމާފައިވާ ކަމަށް ބުނެ އިޖުރާއީ ގޮތުން ފާހަގަ ކުރާ ކަންކަން.6

14. މަތީގައި ބަޔާންކުރެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، މި އިސްތިއުނާފުގައި ދައުރުވާ ޤާނޫނީ ސުވާލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުން މުޙައްމަދު މުޚްތާރުގެ ވަޒީފާ ދާއިމީ ވެފައިވޭތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ. ވުމާއެކު މި އިސްތިއުނާފުގައި ގޮތެއް ކަނޑައަޅަންޖެހެނީ އެކަމުގެ މައްޗަށެވެ.

15. އެސްޓީއޯގެ ފަރާތުން ދެކެނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ކުރި މައްޗަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާގެ ހުދޫދުން ބޭރުން ކަންކަން ނިންމާފައިވާ ކަމަށެވެ. އަދި ދަށު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ކަންކަމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ދެކެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް މުޙައްމަދު މުޚްތާރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބިނާވެފައި އޮތީ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން އެ ޤާނޫނުގެ 4 ވަނަ ބާބުން އިސްތިސްނާކުރެވޭނީ ބައިނަލްއަޤުވާމީ ކަނޑުދަތުރު ކުރާމީހުން އެކަނި ކަމަށް ދެކި ދަށުކޯޓު ނިންމުން ގޯސްކަމަށް ބަޔާންކޮށް ދިނުމަށެވެ. މި ނުކުތާގެ ދާއިރާއިން ބޭރުން ނުވަތަ ދަށުކޯޓުގައި ބަހުސްނުކުރެވޭ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމާފައި ނުވާކަމީ މި ރައުޔުގެ 10 ވަނަ ޕްރެގްރާފުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން ސާފުވާ ޙަޤީގަތެކެވެ. ވުމާއެކު މި ނުކުތާގައި އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުފެނެއެވެ.

މުޙައްމަދު މުޚްތާރު ހުރީ ދާއިމީ ވަޒީފާ އެއްގައިތޯ

16. ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވަނީ "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެ އަހަރަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެ ފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތުން އާކޮށްފިކަން، ނުވަތަ އިތުރުކޮށްފިކަން ދޭހަވާނަމަ، އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއް ނޫންކަމުގައި ބަލަންޖެހޭނެއެވެ." މި ފަދައިންނެވެ.

17. މީގެ އިތުރުން 13 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވަނީ "ވަކި މުއްދަތެއް ކަނޑައެޅިފައިވާ ނުވަތަ ވަކި މަސައްކަތަކަށް ޚާއްޞަކޮށްފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ މަޤްޞަދަކީ ނުވަތަ ނަތީޖާއަކީ ވަޒީފާއަދާކުރާ ތަނުގައި އާދައިގެމަތިން އަބަދުވެސް ކުރަންޖެހޭ މަސައްކަތެއް، ދާއިމީ ގޮތެއްގައި ކުރުންމަތީ ދެމިހުރުން ކަމުގައިވާނަމަ، އެ އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ކަމުގައި ބަލަންޖެހޭނެއެވެ." މި ފަދައިންނެވެ.

18. ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި އޮންނަ މާއްދާއަކަށް ވާތީވެ ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައިވާ އުޞޫލުން ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާބޯޓުގައި މަސައްކަތް ކުރާމީހުން ހިމެނޭތީވެ، މުޙައްމަދު މުޚްތާރުގެ ވަޒީފާގެ އެއްބަސްވުމުގެ މައްޗަށް ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާ ހިނގާ އެ މާއްދާގެ މަންފާ އޭނާއަށް ނުލިބޭނެ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

19. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މި ކަމުގައި ދެކޭގޮތް ތަފާތެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަޒީފާއާގުޅޭ އުޞޫލުތަކާއި ޙައްޤުތަކުގެ ތެރެއިން އެ ވަޒީފާއެއްގެ ތަބީޢަތުން އިސްތިސްނާކުރަންޖެހޭ ކަންތައްތައް ފިޔަވައި، އެހެން ކަންތައްތަކުގައި 4 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ވަޒީފާއާގުޅޭ ޙައްޤުތަކާއި އުޞޫލުތަކާއި ހަމަތައް ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ވަޒީފާއާގުޅޭ މައްސަލަތައް ބެލުމުގައި ތަޠުބީޤުކުރުމުގައި ހުރަހެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ. މި އުޞޫލުން މުޙައްމަދު މުޚްތާރު ހުރި ވަޒީފާގެ ތަބީޢަތަށް ބަލައި، ވަޒީފާއާބެހޭ ޤާނޫނުގެ ހަތަރުވަނަ ބާބުން އިސްތިސްނާ ކުރެވިފައި ނުވާކަމަށް ދެކޭ ކަމަށެވެ.7

20. ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމަށް އަހުރެން ވެސް އެއްބަހެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުން އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަރާތްތަކުން އިސްތިސްނާ ކުރެވިފައިވަނީ އެ ބާބުގައި ބަޔާންކުރާ ވަޒީފާގެ ޙައްޤުތަކާއި އުޞޫލުތަކުން މުޠުލަޤު ގޮތެއްގައި އެއްކިބާކުރުމަށް ނޫން ކަމަށް ދެކެމެވެ. އަދި ޤާނޫނަކުން މުވައްޒަފަކަށް ލިބިފައިވާ ޙައްޤެއް ނުވަތަ ރައްކާތެރިކަމެއް މަޙްރޫމު ކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ މަޤްޞަދެއް ނޫންކަން އެނގެއެވެ. މި އުޞޫލުން މުޙައްމަދު މުޚްތާރު އަދާކުރަމުން ދިޔަ ވަޒީފާއަކީ ކަނޑުދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރުން ކަމަށްވެފައި، އެ ވަޒީފާގެ ތަބީޢަތަށް ބަލައި، ގިނަ ވަގުތު ކަނޑުމަތީގައި އުޅެންޖެހުމާއި، ޢާއިލާ އާއި މުޖުތަމަޢުން އެކަހެރިވެގެން ތިބެން ޖެހުމާއި އަދި ވަޒީފާގެ ތަބީޢަތުން އޮންނަ ރިސްކަށް ބަލައި ވަޒީފާގެ ދާއިމީ ޔަޤީންކަމާއި ރައްކާތެރިކަން ލިބިފައި އޮތުމަކީ ލާޒިމު ކަމެކެވެ. ވުމާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ ބާބުގައި އޮންނަ އެ ޤާނޫނުގެ ދާއިމީ ވަޒީފާއާގުޅޭ އުޞޫލުތައް ބަޔާންކުރާ 13 ވަނަ މާއްދާއިން ކަނޑުދަތުރުކުރާ މީހުން އިސްތިސްނާ ކުރަންޖެހޭ ސަބަބެއް ނެތެވެ.

21. މިކަން އިތުރަށް ކަށަވަރުވަނީ 22 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއި އެކުގައެވެ. މި އިޞްލާޙުގައިވާ ގޮތުގެމަތިން، ކުރިން ބުނެވުނު ވަޒީފާއާބެހޭ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް8 އެ ބާބުން އެއްކޮށް އިސްތިސްނާވާ އިސްތިސްނާވުން ނިމުމަކަށް އައިސް، އެ ބާބުން އިސްތިސްނާވެފައިވަނީ ޖުމްލަ 3 (ތިނެއް) މާއްދާ އަކުންކަމަށް ބަޔާންކޮށްފައި ވެއެވެ. އެއީ ޤާނޫނުގެ 32 ވަނަ މާއްދާ9 އާއި 37 ވަނަ މާއްދާ10 އާއި 38 ވަނަ މާއްދާ11 އެވެ. އިސްތިސްނާކުރެވޭ މާއްދާތަކުގެ ތެރޭގައި އިސްތިއުނާފު ކުރެވޭ މައްސަލައިގެ މައުޟޫޢުގައިވާ ޤާނޫނުގެ 13 ވަނަ މާއްދާ ނުހިމެނެއެވެ.

22. ކަންމިހެން އޮތުމުން، މުޙައްމަދު މުޚްތާރު 2 (ދޭއް) އަހަރާއި 2 (ދޭއް) މަސް ދުވަހު އެސްޓީއޯގައި ވަޒީފާ އަދާކުރިކަމާމެދު ދެބަސްވުމެއް ނެތެވެ. މިގޮތުން އޭނާ 6 ނޮވެންބަރު 2014 އިން 5 ޖަނަވަރީ 2017 ގެ ނިޔަލަށް އެސްޓީއޯގައި ވަޒީފާ އަދާކޮށްފައިވާކަން އެނގޭތީވެ، މުޙައްމަދު މުޚްތާރު އެސްޓީއޯގައި އަދާކުރަމުން ދިޔައީ ދާއިމީ ވަޒީފާއެއްގައި ކަން އެނގެއެވެ.

މައުޟޫޢީ ޢަދުލުވެރިކަމާއި އަދި އިޖުރާއީ ޢަދުލުވެރިކަން

23. ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރަން ޖެހެއެވެ. އަދި މި ކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނަނީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ.12 ކުރިމަތީގައި މި އޮތް މައްސަލައަށް ބަލައި، މި ބުރަ އުފުލަންޖެހެނީ ވަޒީފާދޭ ފަރާތުގެ ހައިސިއްޔަތުން އެސްޓީއޯ އިންނެވެ. އެސްޓީއޯއިން މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކުރުމުގައި ބަލާފައިވަނީ އޭނާގެ ވަޒީފާގެ މުއްދަތު ހަމަވުމުން ކަމުގައެވެ. ވަޒީފާގެ މުއްދަތު ހަމަވުން ފިޔަވައި އިތުރު ސަބަބެއް މުޙައްމަދު މުޚްތާރުގެ ވަޒީފާއާ ގުޅޭގޮތުން އެސްޓީއޯގެ ފަރާތުން ފާހަގަ ކޮށްފައި ނުވެއެވެ.

24. މުޙައްމަދު މުޚްތާރު ހުރީ ދާއިމީ ވަޒީފާ އެއްގައެވެ. ދާއިމީ ވަޒީފާއެއްގައި، ހުންނަ މުވައްޒަފަކަށް ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ އުޞޫލުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސްދީ ނުވަތަ ނޯޓިސްގެ ބަދަލުގައި އެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިހުގެ މުއްދަތަށްވާ ފައިސާ ދިނުމަކީ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައިވޭތޯ ބެލުމުގައި ބަލާ އެންމެ އަސާސީ ކަމެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލައި، މުޙައްމަދު މުޚްތާރަށް ނޯޓިސް ލިބިފައި ނުވާކަން އެނގެއެވެ.

25. ވުމާއެކު، މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމު ކުރެވިފައި ނުވެއެވެ.

ނިންމަން ފެންނަގޮތް

26. މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ބަލައި އެ ނިންމޭ ގޮތެއްގެ މައްޗަށް ބިނާކޮށް މުޙައްމަދު މުޚްތާރު އެދިފައިވާ ފަރުވާއާ މެދު ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މައްސަލަ ސިވިލް ކޯޓަށް ތަޙުވީލު ކުރުމަށެވެ.

27. ނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙަށްފަހު މި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވެއެވެ. 22 ސެޕްޓެންބަރު 2020 ގައި ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއި ގުޅިގެން، އެހެން ގޮތަކަށް ޤާނޫނުގައި ކަނޑައެޅިފައި ނުވާނަމަ ވަޒީފާގެ މައްސަލަތަކުގެ ޝަކުވާ ހުށަހެޅުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ވަނީ ބަދަލުވެފައެވެ.

28. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ނިންމާފައިވަނީ

21 ޖޫން 2021 ގައެވެ. އެއިރު ވަޒީފާއާބެހޭ ޤާނޫނުގެ 6 ވަނަ އިސްލާޙަށް ޢަމަލުކުރަން ފަށާފައިވުމާއެކު ސިވިލް ކޯޓަށް މި ބާވަތުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައި ނުވެއެވެ. ކޯޓެއްގެ އިޚްތިޞާޞް ލިބިގެން ނުވާ މައްސަލައެއްގައި ގޮތެއް ކަނޑައެޅުމުގެ ބާރު އެ ކޯޓަކަށް ލިބިގެން ނުވާކަން އެނގެއެވެ.13 ވުމާއެކު، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ސިވިލް ކޯޓަށް ތަޙުވީލުކުރުމަށް ނިންމާފައިވަނީ ޢަމަލުކުރެވޭ އުޞޫލުތަކާ ޚިލާފަށްކަމަށްވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ބާތިލު ކުރަންޖެހޭ ކަމަށް ދެކެމެވެ.

29. އަހުރެންގެ ނަޒަރުގައި، މި މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައެއް ނޫނެވެ. އެހެނީ، މި މައްސަލައިގައި އަލުން ވާޤިޢާ ވަޒަންކޮށް މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކުރި ސަބަބު ކަށަވަރު ކުރަންޖެހޭނެ ތަނެއް ނެތެވެ. މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކުރެވުނު ސަބަބާއި އަދި އެކަމުގައި ޢަމަލުކުރި ގޮތް ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ތަފުޞީލުކޮށް ބަޔާންވެފައި ވެއެވެ. އަދި ވަޒީފާއިން ވަކިކުރި ސަބަބުވަނީ ޝަރީޢަތަށް ސާބިތު ވެފައެވެ.

30. ކަންމިހެން އޮތުމުން، މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، މުޙައްމަދު މުޚްތާރު އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެ ފެންވަރުގެ އެހެން ވަޒީފާ އަކަށް ރުޖޫޢަކޮށް، އޭނާ ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ އަސާސީ މުސާރައިގެ 06 (ހައެއް) މަސް ދުވަހަށްވާ ފައިސާ އޭނާއަށް ޙައްޤުވާ ކަމަށް ކަނޑައަޅަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

31. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

32. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2018/HC-A/332 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކޮށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ގައި މުޙައްމަދު މުޚްތާރު އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/02 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމުގައި ކަނޑައަޅައި މިއަދު

(22 ނޮވެންބަރު 2023) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މުޙައްމަދު މުޚްތާރު އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން މުޙައްމަދު މުޚްތާރަށް ހަމަޖެއްސުމަށާއި، މުޙައްމަދު މުޚްތާރު ވަޒީފާއިން ވަކިކުރިއިރު، ލިބެމުންދިޔަ އަސާސީ މުސާރައިގެ 06 (ހައެއް) މަސްދުވަހަށްވާ ފައިސާ މުޙައްމަދު މުޚްތާރަށް ދިނުމަށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު މުޙައްމަދު އިބްރާހީމް ޙުސްނުއްސުޢޫދު (ރިޔާސަތު)

1 ކުންފުނި ރަޖިސްޓްރީ ނަންބަރު C-186/2001

2 ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، ޓަރމިނޭޝަން ސްލިޕް، 06 ޖަނަވަރީ 2017

3 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 41/VTR/2017

4 2012/SC-A/27

5އިސްތިއުނާފީ ފުރަތަމަ ނުކުތާ

6އިސްތިއުނާފީ ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާ އާއި އަދި އެ ނުކުތާތަކުގެ ތަފުޞީލުގައި ދައްކާފައިވާ ވާހަކަ

7 ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 16 ވަނަ ޕެރެގްރާފް

8 ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) އިން އިސްތިސްނާވާ މުވައްޒަފުންނަކީ (1) ކުއްލި ޙާލަތުގައި މަސައްކަތްކުރާ މީހުން، (2) ކަނޑުދަތުރުކުރާ އުޅަނދު ނުވަތަ މަތިންދާ ބޯޓުގައި މަސައްކަތްކުރާ މީހުން، (3) މިސްކިތު މުދިމުންނާއި މިސްކިތު މަސައްކަތުމީހުން، (4) އޮންކޯލް ޑިއުޓީގައި ތިބޭ ވަގުތުތަކުގައި، އޮންކޯލް ޑިއުޓީގައި ތިބޭ މީހުން، (5) ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުން.

9ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތައް ބަޔާންކުރާ މާއްދާ.

10އިތުރު ގަޑީގެ ހަމަތައް ބަޔާންކުރާ މާއްދާ.

11ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރާއިރު އޯވަރޓައިމް ފައިސާ ހަމަޖެއްސުމާގުޅޭ މާއްދާ.

12 ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ.

13 އިޙްސާން ޝަރީފްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ[ 2022] SC 59 އަދި އަޙްމަދު މާޖިދު ވ.ޖުޑިޝަލް ސާރވިސް ކޮމިޝަން [2022] SC 73

2021/SC-A/82 [2023] SC 51

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ