—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
2576830-2241552518410-796925219075-3536954005580-466090ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު: 2014/SC-A/52
ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: އަޙްމަދު ނާޡިމް
މައްސަލައިގެ ބާވަތް: މަކަރާއި ޙީލަތް ހެދުން
ހުށަހެޅުނު ތާރީޚް: 08 ސެޕްޓެމްބަރ 2014
ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޑިސެމްބަރ 2014
ނިމުނު ތާރީޚް: 06 އޭޕްރީލް 2015
މައްސަލަ ނިންމި ގަޑި:
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ އަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު: 2012/HC-A/197
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 05 ޖުލައި 2012
ނިމުނު ތާރީޚް: 13 ފެބުރުވަރީ 2014
ފާހަގަ ކުރެވުނު ނުކުތާތައް
1- މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލެވިފައިވާ މައްސަލައެކެވެ. އަދި މި ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައިވެސް ދަޢުވާލިބުނު މ. ނިޔަދުރު އަޙްމަދު ނާޡިމްއެވެ.
2- ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާ ތާރީޚަކީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަސްކަމަށްވެފައި، އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވާ ތާރީޚަކީ 08 ސެޕްޓެމްބަރ 2014 ކަމަށްވާއިރު ހައިކޯޓުގެ ނިންމުންތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެވިފައިވާ މުއްދަތަކީ ޢާންމު ޙާލަތްތަކުގައި 90 ދުވަސްކަމަށްވިޔަސް، އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން އެ މާއްދާގެ (ހ) ގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ހުށަނޭޅޭ މައްސަލަތައް އެ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ސުޕްރީމް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ އިސްވެ އިޝާރާތްކުރެވުނު މުއްދަތު ފާއިތުވުމަށްފަހުގައިވެސް އެ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) ގައި ސާފު ބަހުން ބުނެފައިވާތީ، މި މައްސަލަ އިލްތިމާސްކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަކުތަކުގެ މައްޗަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަން ކަށަވަރުކުރުމުގެ ދުސްތޫރީ ޕްރިންސިޕަލްގެ މައްޗަށް ބަލައި ވިސްނުމަށްފަހު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 40 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގެންފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3- ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން 5 ސަބަބެއް ހުށަހަޅައި އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ހ. ފުރަތަމަ ސަބަބަކީ، ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ހިންގަވާ ނިންމަވާފައިވުން. ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގެ 1.2 ގެ (ކ) ގައި "ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކޮށްފިނަމަ ދަޢުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުންކުރާ ދަޢުވާގެ ތަފްޞީލާއި ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާ ހެކިތައް ބަޔާންކުރުމަށް ޤާޟީ ދައުލަތުގެ ވަކީލަށް އަންގާނީއެވެ. މިގޮތަށް އެންގުމުން، ދައުލަތުގެ ވަކީލު ދަޢުވާގެ ތަފްޞީލާއި، އެދަޢުވާ ޘާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާނޭ ހެކިތަށް ބަޔާންކުރާނީއެވެ. ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅާނޭ ހެކިތައް ބަޔާންކުރުމުން އެއަށް ޖަވާބުދިނުމަށް ދަޢުވާ ލިބޭ މީހާއަށް އަންގާނީއެވެ. މިގޮތަށް އެންގުމުން ދަޢުވާ ލިބޭ މީހާ ދަޢުވާއަށް ޖަވާބުދީ ދަޢުވާ ލިބޭ މީހާ ހުށަހަޅާނޭ ހެކިތައް ބަޔާންކުރާނީއެވެ. އެއަށްފަހު އޮންނަ ޝަރީޢަތުގެ އަޑުއެހުންތަކުގައި އޮންނާނީ ދައުލަތުގެ ފަރާތުން އެއަށް ހެކި ހުށަހެޅުމާއި، އެއަށް ދަޢުވާ ލިބޭ މީހާ ޖަވާބުދިނުމާއި، ދަޢުވާ ލިބޭ މީހާ ބޭނުންވާ ހެކި ހުށަހެޅުމާއި، އެއަށް ދައުލަތުގެ ފަރާތުން ޖަވާބުދިނުމެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި އަޙްމަދު ނާޡިމްގެ މައްސަލައިގައި ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާ ބެހޭ ޤަވާޢިދާ ޚިލާފަށް އަދި ޖިނާއީ އެހެނިހެން މައްސަލަތަކުގައި ކޯޓުން ޢަމަލުކުރައްވަމުން ގެންދާ އުޞޫލާވެސް ޚިލާފަށް، ދަޢުވާ ޘާބިތުކުރުމަށްޓަކައި ދައުލަތުން ހެކި ހުށަހެޅުމުން އަޙްމަދު ނާޡިމްގެ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވެ، ދިފާއީ ހެކި ހުށަހަޅާފައިވަނިކޮށް ދައުލަތުން ހުށަހަޅާފައިވާ ހެކިން ޙާޟިރުކުރެއްވުމަކާނުލައި މައްސަލައިގައި ޙުކުމްކުރައްވާ މައްސަލަ ނިންމަވާފައިވާކަމާއި، ދައުލަތުން އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ މަކަރާއި ޙީލަތުގެ ދަޢުވާ ސާފުވެއްޖެ ކަމަށާއި ދަޢުވާގެ އަސްލަށާ އަސާސްތަކަށް އިންކާރުކުރާކަމަށާއި ދަޢުވާގައިވާ ކަންކަން ހިނގާފައިވާ ގޮތާއި އެކަންކަމާ ބެހޭ އެއްވެސް މަޢުލޫމާތެއް އަޙްމަދު ނާޡިމަށް ނޭނގޭކަމަށް ބުނާ ބުނުން ޘާބިތުކޮށްދިނުމަށް ނާޡިމް ހުށަހެޅި އެއްވެސް ހެއްކެއް ޝަރީޢަތަށް ޙާޟިރުކުރައްވާފައެއް ނުވެއެވެ. އަދި އަޙްމަދު ނާޡިމް ބުނާ ބުނުން ނަފީކުރުމަށް ދައުލަތަށް ފުރުޞަތު ދެއްވާފައެއްނުވެއެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ 10,000 (ދިހަ ހާސް) ރުފިޔާއިން މަތީ އަދަދެއްގެ ސަރުކާރު ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ މައްސަލަ ނިންމަވާފައިވަނީ ޖިނާއީ މައްސަލަތުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގެ 1.2 ގެ (ކ) އާ ޚިލާފަށް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން.
ށ. ދެވަނަ ސަބަބަކީ، މައްސަލަ ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ރިޢާޔަތްކުރެއްވުމަކާނުލައި މައްސަލަ ނިންމަވާފައިވުން. މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ދައުލަތުން ދަޢުވާކުރި 10,000 (ދިހަ ހާސް) ރުފިޔާއިން މަތީ ޢަދަދެއްގެ ސަރުކާރު ފައިސާއަށް މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ މި މައްސަލައިގައި އަޙްމަދު ނާޡިމް ދަޢުވާއަށް އިންކާރުކުރުމުން ދައުލަތުން ހެކިންގެ ގޮތުގައި ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގައި މަސައްކަތްކުރި 3 މުވައްޒަފަކާއި ކިތާބީ ހެކި ހުށަހަޅާފައިވާކަމާއި ދައުލަތުގެ ދަޢުވާ ޘާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިން ޙާޟިރުކުރެއްވުމަކާނުލައި އަދި ހުށަހަޅާފައިވާ ކިތާބީ ހެކިތަކަށް ރިޢާޔަތްކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވާއިރު މި މައްސަލައިގެ އަސްލު އުފަންވެފައިވަނީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެންކަމަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 6 ވަނަ ނަންބަރުގައި ދަޢުތަލުން ހެކިންގެގޮތުގައި 3 މީހަކު ހުށަހަޅާފައިވާކަން އެނގެން އޮންނައިރު އެ ހެކިންނާމެދު ޢަމަލުކުރައްވާފައިވާގޮތެއް މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންނެތްކަމާއި، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ބަސް ޝަރީޢަތުގައި ނެންގެވުމެއް ނެތި ހަމައެކަނި މައްސަލައިގެ ތަޙުޤީގު ބަޔާންތަކަށް ރިޢާޔަތްކުރައްވާފައިވުމުން ހެކި ވަޒަންކުރެއްވުމުގައި ފަނޑިޔާރު ޢަމަލުކުރައްވާފައިވަނީ އަޝްވާޢީގޮތަކަށް ކަމަށް ދައުލަތުން ދެކޭކަމާއި، ކްރިމިނިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 15 ވަނަ ނަންބަރުގައި މި މައްސަލައިގެ ބިޑް ޑޮކިއުމަންޓް ތައްޔާރުކޮށް ސޮއިކުރި ފަރާތްތަކަކީ މިދަޢުވާ ޘާބިތުކުރުމަށްޓަކައި ދަޢުލަތުން ހުށަހަޅާ ހެކިންނަށްވާތީ އެފަރާތްތަށް ހެކިންގެ ގޮތުގައިވެސް އަދި ޤަރީނާގެ ގޮތުގައިވެސް ޝަރީޢަތަށް ޤަބޫލުކޮށްފައި ނުވާކަމަށް ފާހަގަކުރައްވާފައިވާއިރު މި މައްސަލައިގާ ދައުލަތުން ހެކިންގެގޮތުގައި ހުށަހަޅާފައިވާ ހެކިންގެ ތަޙުޤީގު ބަޔާންތަކާއި އަޙްމަދު ނާޡިމްއާ މައްސަލައާ ހުރި ގުޅުން ޘާބިތުކުރުމަށް ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކަށް އަޙްމަދު ނާޡިމް ކުށުން ބަރީއަކުރެއްވުމުގެގޮތުން ޝަރީޢަތުން ރިޢާޔަތްކުރައްވާފައިވާކަން ކްރިމިނަލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 7، 8، 9، 10، 11، 12، 13 ވަނަ ނަންބަރުގައި ފާހަގަކުރައްވާފައިވާކަމާއި އަދި އެ ހެކިތައް ދައުލަތުގެ ދަޢުވާ ޘާބިތުކުރުމަށްޓަކައި އެއްވެސް މިންވަރަކަށް ބޭނުންކުރުމަށް ފުރުޞަތު ނުދެއްވައި އެކަންކަމަށް ރިޢާޔަތްކުރައްވާފައިނުވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ މުޅިން ޚިލާފަށްކަމަށް ދައުލަތުން ދެކޭކަން.
ނ. ތިންވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައިވާ ތަފާތުނުކުރުމާއި ހަމަހަމަކުރުމުގެ ނައްޞާއި ޚިލާފަށް މައްސަލަ ނިންމާފައިވުން. މި މައްސަލަ ބެއްލެވުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރައްވާފައިވަނީ ޖިނާއީ މައްސަލަތަކުގައި ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާޢިދުގެ 1.2 ގެ (ކ) އާއި މިބާވަތުގެ މައްސަލަތަކުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރައްވަމުން ގެންދަވާ އިޖުރާއާތުތަކާ ޚިލާފަށް ކުށްކުށުގައި ދަޢުވާ ލިބޭ މީހުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ މަބްދައުއާ ކަނޑައެޅިގެން ޚިލާފަށްކަން. މިގޮތުން މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ޝަރީޢަތަށް ބަލައިނުގަންނަ ކަމަށް ވިދާޅުވެ އެހެކިން ޙާޟިރުކުރެއްވުމެއް ނެތި އަދި މައްސަލާގައި ހުށަހަޅާފައިވާ ކިތާބީ ހެއްކަށް ދައުލަތުގެ ދަޢުވާގެ ބޭނުމަށް ބުރަދަން ދެއްވުމެއް ނެތި ޝަރީޢަތުން ތަޙްޤީގު ބަޔާންތަކަށް ރިޢާޔަތްކުރައްވާ މައްސަލާގައި ޙުކުމް ކުރެއްވުމަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައިވާ ހަމަހަމަކަމުގެ މަބްދައުއާ ކަނޑައެޅިގެން ޚިލާފަށް ކުރެއްވިކަމެއް ކަމަށް ދައުލަތުން ދެކޭކަން.
ރ. ހަތަރުވަނަ ސަބަބަކީ، ދައުލަތުން އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނާ ޢަމަލަކީ ތަޖްރީމްކުރެވޭނެ އަމަލެއް ނޫންކަމަށް ކަނޑައަޅުއްވާފައިވުން. ކުންފުންޏެއް ރަޖިސްޓްރީވުމުގެ ނަތީޖާއަކީ ކުންފުނީގެ މެންބަރުންނާއި ވަކިން ވަކި ޤާނޫނީ ޝަޚްސެއް ވުޖޭދަށް އައުންކަމަށްވީނަމަވެސް ކުންފުނީގެ ވިސްނުމާ އެ ކުންފުންޏަކުން ނިންމާ ނިންމުން ބިނާވަނީ އެ ކުންފުންޏެއް ހިންގުމުގައި ހަރަކާތްތެރިވާ ޑައިރެކްޓަރުންގެ ނިންމުންތަކުގެ މައްޗަށްކަމަށާއި، ކުންފުންޏެއް ރަޖިސްޓްރީވުމުން އެ ކުންފުންޏަށް ޤާނޫނީގޮތުން އަމިއްލަ ޝަޚްޞިއްޔަތު ލިބިދީފައިވާކަމާއި ކުންފުނި ނިވާފަތްގަނޑަކަށް ބޭނުންކުރުމާއި ޖިނާއީ ކުށުގެ ޢަމަލުތައް ކުންފުނީގެ ނަމުގައި ކުރުން ފަދަ ކަންކަން އިސްތިސްނާއީ ގޮތެއްގައި ކުންފުނީގެ ބަދަލުގައި ކުންފުނި ހިންގާ ފަރާތްތަށް ޒިންމާކޮށް ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަކީ ޤާނޫނީ ހަމަތަށް ބަލައިގެންފައިވާ ކަމަށާއި، ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންކަންކަމަށް ބެލުމުން، ޤާނޫނާ ޚިލާފުކަމެއް ކުރުމަށް ނުވަތަ މަކަރާއި ޙީލަތްހެދުމަށްޓަކައި ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނިވާފަތްގަނޑަކަށް ބޭނުންކޮށްފިނަމަ އެ ޝަޚްޞިއްޔަތުގެ ބޭނުން ހިފަމުންގެންދިޔަ އެ ކުންފުނީގެ ޑިރެކްޓަރުން އެކަމެއްގެ ޒިންމާ އުފުލުވައި އެ ފަރާތްތަކުގެ މައްޗަށް ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ މަފްހޫމް ކުންފުންޏާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާކަން އެނގޭކަމަށާއި، ޖިނާއީ ކުށެއް ކުރުމަށްޓަކައި ކުންފުންޏެއް ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ކުށްކުރާ މީހުންނާމެދު ދައުލަތުން ދަޢުވާކުރުމާއި އެފަދަ މީހުންގެ މައްޗަށް ދަޢުވާކުރާ މައްސަލަތައް ބަލައިގަނެ މައުޟޫޢީ ގޮތެއްގައި ކުރިއަށްގެންގޮސް ނިންމެވުމަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ޢަމަލުކުރަމުން އަންނަ އުސޫލެއްކަމަށާއި މިގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 98/HC-A/162 ޤަޟިއްޔާގެ ޙުކުމުގައި ކުންފުންޏެއް ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ކުންފުނީގެ ޑިރެކްޓަރުންކުރާ ޖިނާއީ ކުށުގެ ޒިންމާ ޑިރެކްޓަރު ފަރުދީގޮތުން އުފުލަންޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާތީ މިކަމަކީ ދިވެހިރާއްޖޭ ޝަރުޢީ ނިޒާމުގައި ޤަރާރުވެފައިވާ މަބްދައުއެއްކަން އެނގޭކަމަށާއި، އެހެންކަމުން މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ދައުލަތުން ދަޢުވާކުރި 10,000 (ދިހަހާސް) ރުފިޔާގެ މަތީ އަދަދެއްގެ ސަރުކާރު ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށަކީ ޤާނޫނު ނަންބަރު 68/10 (ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ޗެޕްޓަރު 4) ގެ 149 ވަނަ މާއްދާގެ (ރ) ގައި މާނަކޮށް 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާ އާއި، 143 ވަނަ މާއްދާގެ ދަށުން އަދަބު ކަނޑައެޅިފައިވާ ކުށެއްކަމާއި، އެއީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި އެއްގޮތްވާ ގޮތުގެމަތިން ޤާނޫނުގެ ސާފު ނައްޞުން ތަޖްރީމްކުރެވިފައިވާ ކުށަކަށްވާއިރު، މި މައްސަލާގައި މ.ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށަކަށް ނުވާކަމަށް ވިދާޅުވެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާއަށް ރިޢާޔަތްކުރެވިގެން އަދަބު ނުދެވޭނެ ކުށެއްކަމަށް ކަނޑައެޅުއްވުމަކީ ސާފުކޮށް ފެންނަން ހުރި ޤާނޫނީ ނައްޞުތަކާ ޚިލާފުވެފައިވާ ކަމެއްކަން.
ބ. ފަސްވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ޕްރޮސިކުޓަރ ޖެނެރަލަށް ލިބިފައިވާ ބާރުތައް ހަނިވާފަދަ ގޮތަކަށް މައްސަލަ ނިންމަވާފައިވުން. ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ އެންމެހާ ކަންކަން ބެލެހެއްޓުމާއި، ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރުމުގެ އެންމެހާ އުޞޫލުތައް ކަނޑައެޅުމާއި، ތަޙުޤީގުކުރާ އިދާރާތަކުން ހުށަހަޅާ ހެކި ޤަރީނާ ވަޒަންކޮށް ދަޢުވާ އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޖިނާއީ ކުށުގެ ދަޢުވާ އުފުލަންޖެހޭކަމަށް ކަނޑައަޅާ މީހުންގެ މައްޗަށް ކޯޓުތަކުގައި ދަޢުވާ އުފުލުމުގެ ބާރު ޤާނޫނު އަސާސީގެ 223 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/9 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ޕްރޮސިކުޓަރ ޖެނެރަލަށް ލިބިދީފައިވާކަމާއި ކުށުގެ ބާވަތަށާއި، ކުށްކޮށްފައިވާ ޙާލަތަށް ބަލައި ކުށުގެ ޢަމަލުގައި ހިމެނޭ ހެކިންގެ ގޮތުގައި ބޭނުން ހިފިދާނެ ބައެއްގެ މައްޗަށް ދަޢުވާނުކޮށް، އެކުށުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވާ މީހެއްގެ މައްޗަށް ދަޢުވާ އުފުލާ ހެކިބަހުގެ ބޭނުމަށް އެހެން މީހުންގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމުމަކީ މީގެ ކުރިންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ޢަމަލުކޮށްފައިވާ ޢަމަލުކުރަމުން އަންނަ އުސޫލެއްކަމާއި އަދި ތަޙުޤީޤުކުރާ އިދާރާތަކުން ހުށަހަޅާ ހެކިތަކާއި ޤަރީނާތައް ވަޒަންކުރުމަށްފަހު އެ މައްސަލައިގައި ދަޢުވާ އުފުލަންޖެހޭ މީހުން ކަނޑައެޅުމުގައި، ކުށުގެ ބާވަތަށާއި، ކުށްކޮށްފައިވާ ޙާލަތަށާއި އެ މައްސަލައެއްގައި ހިމެނޭ ޢާންމު މަސްލަޙަތުގެ ކުޑަބޮޑުމިނަށް ބަލައި، އެ ކުށުގެ ޢަމަލުގައި ބައިވެރިވި މީހުންގެ ތެރެއިން ކުށުގެ ޢަމަލުގާ އެންމެ ބޮޑަށް ބައިވެރިވާ މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ކުށް ޘާބިތުކުރުން ކަށަވަރުކުރުމަށްޓަކައި، އޭނާއާއެކު ކުށްކުރުމުގައި ބައިވެރިކަމަށް ތުޙުމަތުކުރެވޭ އެހެން މީހުންގެ މައްޗަށް ދަޢުވާނުކޮށް، އެމީހުންގެ ހެކިބަސް ބޭނުންކޮށްގެން ކުށުގު ޢަމަލުގައި އެންމެ ބޮޑަށް ބައިވެރިވި މީހާގެ ނުވަތަ ބައެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމެވުމަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި ބަލައިގެންފައިވާ އުޞޫލެއްކަމާއި އަޙްމަދު ނާޡިމް މެނޭޖިންގް ޑިރެކްޓަރަކަށް ހުރި ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންގެ މައްޗަށް އަޙްމަދު ނާޡިމްގެ ޢަމުރު ހިނގާނެ މިންވަރަށާއި، އެ މުވައްޒަފުންގެ ބާރުވެރިކަން ހުރި މިންވަރަށާއި މި މައްސަލައިގައި އަޙްމަދު ނާޡިމްގެ މައްސަލަޙަތު ހިމެނޭ މިންވަރަށާއި، މި ކުށުގެ މަންފާ އަޙްމަދު ނާޒިމަށް ލިބިފައިވަނީ ކިހާ މިންވަރަކަށް ކަމަށް ބަލާ މި މައްސަލައިގައި މަކަރާއި ޙީލަތްހެދުމުގެ ކުށުގެ މޭސްތިރިއަކީ އަޙްމަދު ނާޡިމްކަން ދައުލަތުން ދެކޭކަމަށާއި ކުށުގެ މޭސްތިރިޔާ އަތުލައިގަތުމަށްޓަކައި ކުށުގައި ޝާމިލުވާ އެހެން މީހުން ހެކިންގެގޮތުގައި ބޭނުންކުރުމަކީ ދުނިޔޭގެ ތަހްޒީބް އަދި ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ ހަރުދަނާ އުސޫލުކަމަށްވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައިވާ މަސްއޫލިއްޔަތާއި ބާރުތަކުގެ އިމުގެތެރެއިން ނިންމާފައިވާ މިނިންމެވުން ބިނާކޮށްފައިވާ ޙާލަތާއި ޙަޤީޤަތްތަކަށް ނުބައްލަވާ ހުށަހަޅާފައިވާ ހެކިތަކާ ޤަރީނާތަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ވަޒަންނުކުރައްވައި މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުތައް ހަނިވާފަދަގޮތަކަށް ކަމަށް ދައުލަތުން ދެކޭކަން.
4- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ދަށުކޯޓާއި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހެކިންގެ ގޮތުގައި ޙާޟިރުކުރެވިފައިވާ ފަރާތްތަކުގެ ހެކިބަހުގެ މައްޗަށް ބަލާއިރު، ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާއިން އިސްތިއުނާފުކުރި ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، އަޙްމަދު ނާޡިމްގެ ޙިއްޞާ އޮންނަ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރަކަށް އަޙްމަދު ނާޡިމް ހުރެ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް 15,000 ދިވެހި ދިދަ ގަތުމަށް ބޭނުންވެގެން 31 ޑިސެމްބަރ 2003 ގައި ކުރިކަމަށްބުނާ އިޢުލާނަކާ ގުޅިގެން، ނަމީރާ އިންޖިނިއަރިންގ ގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިނުވާ ކުންފުންޏެއް ކަމުގައިވާ ސީވިއު ޕްރައިވެޓް ލިމިޓެޑާއި ފާސްޓް ޓެއިލަރސް އާއި މާލެގަމް ޓެއިލަރސް އާއި ނީޑްލް ވޯރކްސް ޓެއިލަރސްއާ މި ނަންތައް ބޭނުންކޮށްގެން ލެޓަރހެޑް ހަދާ، އެތަންތަނުގެ ނަމުގައި އިސްވެ އިޝާރާތްކުރެވުނު 15,000 ދިވެހި ދިދަ ގަތުމުގެ ޕްރޮޖެކްޓަށް އެސްޓިމޭޓް ހުށަހަޅައި، މި ޕްރޮޖެކްޓް މަކަރާއި ޙީލަތުން ކާމިޔާބުކޮށް ޕްރޮޖެކްޓްގެ ޖުމްލަ އަގަށްވާ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ރުފިޔާ މަކަރާއި ޙީލަތުން ހޯދާފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން ދިވެހި ސަރުކާރުގެ ދިހަ ހާސްރުފިޔާ އަށްވުރެ މަތީ ޢަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި އަދި އަޙްމަދު ނާޡިމް މަކަރާއި ޙީލަތުން ހޯދާފައިވާ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ދިވެހި ސަރުކާރަށް ލިބިގަތުމުގެ ދަޢުވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި ދެ ފަރާތުންމެ، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެންއޮވެއެވެ.
5- ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި 2010 ވަނަ އަހަރުގެ މާރޗް މަހުގެ 14 ވަނަ ދުވަހު އަޙްމަދު ނާޡިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އެ ދަޢުވާ ސާފުވެއްޖެކަމަށް ބުނުމާއެކު އެ ދަޢުވާއަށް އިންކާރުކުރާ ކަމަށާއި ދެން އެ މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާނީ އަޙްމަދު ނާޡިމްގެ ވަކީލުކަމުގައި ބުނެފައިވާކަން ފާހަގަކުރެވިފައިވާއިރު، އަދި ދައުލަތުގެ ފަރާތުން އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 08 ވަނަ ދުވަހު ބޭއްވުނު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އަޙްމަދު ނާޡިމްގެ ފަރާތުން ބުނެފައިވަނީ އަޙްމަދު ނާޡިމްގެ މައްޗަށް ދައުލަތުގެ ފަރާތުން މަކަރާއި ޙީލަތް ހެދުމުގެ ދަޢުވާކޮށްފައިވާއިރު، މަކަރާއި ޙީލަތް ހެދުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިއޮތީ ކޮން ޤާނޫނެއްގައިތޯ އާއި އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވާ ގޮތަށް، އެފަދަ ކަމެއް އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާކަމަށްބުނެ އެކަން ފާހަގަކުރުމަށްފަހު، އަޙްމަދު ނާޡިމް މަކަރާއި ޙީލަތް ހަދާފައިވަނީ މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނަށް ކަމަށްވާއިރު، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ރ) ގައި މަކަރާއި ޙީލަތް މާނަކޮށްފައިވަނީ "ޓެކުމަކަށް ނުހިމެނޭ ގޮތަށް އަނެކާއަށް ޙަޤީޤަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާކޮންމެ ކަމެއް" ކަމަށް ބުނެފައިވާއިރު، އަނެކާގެ މާނައިގެ ތެރޭގައި ދައުލަތާއި ސަރުކާރު ނުހިމެނޭކަން ޤާނޫނުގައި އޭނާ ނުވަތަ މީހަކު މާނަކޮށްފައިވާ ގޮތުން ރަނގަޅަށް އެނގެން އޮންނާތީ ދިވެހި ސަރުކާރަށް ނުވަތަ ދައުލަތަށް އަޙްމަދު ނާޡިމް މަކަރާއި ޙީލަތް ހަދާފައިވުމުގެ ތަޞައްވުރެއް ނެތްކަމަށާއި އަޙްމަދު ނާޡިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވާ ކަންކަމަކީ އަޙްމަދު ނާޡިމް ކޮށްފައިވާ ކަމަކަށްނުވާތީ އާއި ދައުލަތުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ކަންކަން ކޮށްފައިވަނީ އަޙްމަދު ނާޡިމް ބުނެގެންކަމަށް ދެ މީހަކު ބުނާބުނުމުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކަށްވާނަމަ، އެ ދަޢުވާ އުފުލަންވާނީ އެކަން ކުރިކަމަށް ބުނެފައިވާ ދެ މީހުންގެ މައްޗަށްކަމަށާއި އެ ދެ ފަރާތުން ކޮށްފައިވާ ކުށެއްގެ ދަޢުވާ އަޙްމަދު ނާޡިމްގެ މައްޗަށް އުފުލަންޖެހޭ ހަމައެއްނެތް ކަމަށާއި، އަދި އަޙްމަދު ނާޡިމްގެ ފަރާތުން އިޖްރާއީ ގޮތުން ކޮށްފައިވާ ދެ އިޢުތިރާޟަކީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމްގެ ތެރޭގައި އިސްތިޤްރާރުވެފައިވާ ދެ އުޞޫލު ކަމަށް ބުނެފައިވާކަން ފާހަގަކުރެވިފައިވާއިރު، އެ ޤަޟިއްޔާގައި ދަޢުވާ ލިބޭ ފަރާތުގެ ހައިސިއްޔަތުން އަޙްމަދު ނާޡިމް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 08 ވަނަ ދުވަހު ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި އަޙްމަދު ނާޡިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާއާމެދު އިންކާރުކުރުމާއެކު އަޙްމަދު ނާޡިމްގެ ޤާނޫނީ ވަކީލު އިޖްރާއީ ގޮތުން ކޮށްފައިވާ އިޢުތިރާޟްތައް އެގޮތުގެމަތިން ތަކުރާރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
6- އަޙްމަދު ނާޡިމްގެ މައްޗަށް އުފުލިފައިވާ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން އަޙްމަދު ނާޡިމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ޖަވާބުދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، 15,000 ދިވެހި ދިދަ ގަތުމަށްޓަކައި އޭރުގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން 2003 ވަނަ އަހަރު ކުރިކަމަށް ބުނާ އިޢުލާނާ ގުޅިގެން ނަމީރާ އިންޖިނިއަރިންގެ ފަރާތުން އަޙްމަދު ނާޡިމްގެ އެންގުމަށް، އެ ކުންފުނީގެ މުވައްޒަފުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިނުވާ އަދި ވުޖޫދުގައިނެތް 04 ތަނެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި، އެ އެސްޓިމޭޓް ކާމިޔާބުކޮށް، ބުނެވިދިޔަ 04 ތަނުގެ ތެރެއިން މާލެގަމް ޓެއިލަރސް މެދުވެރިކޮށް އެ ދިދަތައް ގަތުމާބެހޭ އެގްރިމެންޓްގައި 2004 ވަނަ އަހަރު ސޮއިކޮށްފައިވާކަން ފާހަގަކުރެވިފައިވާއިރު 1997 އިން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް އަޙްމަދު ނާޡިމް އަކީ ނަމީރާ އިންޖިނިއަރިންގގެ ޙިއްޞާދާރެއް ކަމަށާއި ދައުލަތުގެ ފަރާތުން އަޙްމަދު ނާޡިމްގެ މައްޗަށް ކުރާ ދަޢުވާ ޘާބިތުކުރުމަށްޓަކައި، ޑޮކިއުމެންޓްރީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ދިވެހި ދައުލަތުގެ ކަމާބެހޭ ރަސްމީ ލިޔުންތަކުގެ އިތުރުން ޝަފަހީ ހެކީގެ ގޮތުގައި:
1- އަޙްމަދު ސިރާޖް
2- މުޙައްމަދު ނަޞީރު
3- މއ. ގޮމަށިގެ
4- ގ. ހަނީފާ
5-
6-
މި 6 ފަރާތުގެ ނަން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައިފައިވާކަން ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުން ރަނގަޅަށް އެނގެންއޮވެއެވެ.
7- މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ދައުލަތުންކުޅަ މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، އެ ދަޢުވާގެ އަޞްލު ބިނާވެފައިވާ ކަންތައްތައް ކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންކަން ތަޙްޤީޤް ބަޔާންތަކުން އެނގެންއޮންނައިރު، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމެއް ނެތި، އަދި ކުންފުނީގެ މުވައްޒަފުންނަށް ތިބެ ޢަމަލީގޮތުން އެ ދަޢުވާގައި ބުނާ ކަންތައްތައް ސީދާ ގޮތުން ކޮށްފައިވާ ފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައިގަނެ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ފަރުދީގޮތުން ދަޢުވާކޮށްފައިވީ ނަމަވެސް، މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، މި މައްސަލައާ ގުޅިގެން މ. ނިޔަދުރު އަޙްމަދު ނާޡިމް ކޮށްފައިވާ ކަންތައްތަކަކީ ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ތަޖްރީމްކުރެވޭ ވަރުގެ ކަންތައްތަކެއް ނޫންކަމަށް ކަނޑައަޅުއްވާކަން، އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ. އަދި އެ ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ 04 ނުކުތާއެއް ފާހަގަކޮށް ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އޭގެތެރެއިން،
ފުރަތަމަ ނުކުތާއަކީ: ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ހިންގަވާ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކުރެއްވި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދަޢުވާ ޘާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅުއްވާފައިވާ ހެކިތަކަށް ރިޢާޔަތްކުރުމަކާނުލައި މައްސަލަ ނިންމާފައިވާކަމަށް ބުނެ ފާހަގަކުރެއްވި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައިވާ ތަފާތުނުކުރުމާއި ހަމަހަމަކުރުމުގެ ނައްޞާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ: ދައުލަތުން އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ބުނާ ޢަމަލަކީ ތަޖްރީމްކުރެވޭނެ ކަމެއްނޫންކަމަށް ކަނޑައަޅުއްވާފައިވާ ކަމަށްބުނެ ފާހަގަކުރެއްވި ނުކުތާއެވެ.
8- ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 569/CR-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެތަނެއްނެތްކަމަށް ކަނޑައަޅައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުންނާއި ދެ ފަރާތުގެ ބަހުން އެނގެންއޮވެއެވެ.
9- މި މައްސަލައާ ގުޅިގެން ދެ ފަރާތުން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅިގެން ހެކިންގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު ފަރާތްތަކުގެ ހެކިބަހުގެ މައްޗަށާއި ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ކަމާބެހޭ މާއްދާތަކަށާއި މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ އިތުރުން ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާ ކަމަށްބުނެ، ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ- ފުރަތަމަ ކަމަކީ، ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާއިން އިސްތިއުނާފުކުރި ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް އަޙްމަދު ނާޡިމް ހުރެ، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް 15،000 ދިވެހި ދިދަ ގަތުމަށް ބޭނުންވެގެން 2003 ވަނަ އަހަރު ކުރިކަމަށް ބުނާ އިޢުލާނަކާ ގުޅިގެން އަޙްމަދު ނާޡިމްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ ދަށުން ހިނގަމުންދާ ނަމީރާ އިންޖިނިއަރިންގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން ވުޖޫދުވެފައި ނުވާ ސީވިއު ޕްރައިވެޓް ލިމިޓެޑާއި ފާސްޓް ޓެއިލަރސް އާއި މާލެގަމް ޓެއިލަރސް އާއި ނީޑްލް ވޯރކްސް ޓެއިލަރސް ފަދަ ވަހުމީ ނަންތަކެއްގައި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެސްޓިމޭޓް ހުށަހަޅާ 15,000 ދިވެހި ދިދަ ގަތުމުގެ ޕްރޮޖެކްޓް މަކަރާއި ޙީލަތުން ކާމިޔާބުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން އަޙްމަދު ނާޡިމްގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި އަދި އަޙްމަދު ނާޡިމް މަކަރާއި ޙީލަތުން ހޯދާފައިވާ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ރުފިޔާ ސަރުކާރަށް އަނބުރާ ލިބިދިނުމުގެ މައްސަލައިގައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުން އެނގެން އޮތްއިރު، 15,000 ދިވެހި ދިދަ ގަތުމަށް ބޭނުންވެގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ކުރި އިޢުލާނަކާ ގުޅިގެން، އެސްޓިމޭޓް ހުށަހަޅާ އެ އެސްޓިމޭޓް ކާމިޔާބުކޮށް 15,000 ދިވެހި ދިދައިގެ އަގެއްގެގޮތުގައި 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ރުފިޔާ ލިބިގަތްއިރުވެސް، ނަމީރާ އިންޖިނިއަރިންގގެ އެންމެ އިސްވެރިއެއްގެ ގޮތުގައިހުރީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ނާޡިމް ކަމާއި މިކަމުގައި ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުންގެ ދައުރަކީ، އެ ކުންފުނީގެ މުވައްޒަފުންގެ ޙައިސިއްޔަތުން އެ ކުންފުނިން އެ ފަރާތްތަކާއި ޙަވާލުކުރެވޭ މަސައްކަތްތައް އެ ކުންފުނިން އަންގާ ގޮތެއްގެމަތިން ކުރުންކަމާއި ބުނެވިދިޔަ އެސްޓިމޭޓް ތައްޔާރުކުރުމާއި، އަދި އެ އެސްޓިމޭޓް ހުށަހެޅުމާއި އަދި އެކަމާ ގުޅިގެން ކުރަންޖެހުނު ހުރިހާ ކަމެއް ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުން ކުރި ކުރުމުގައި އެ މީހުންގެ އަމިއްލަ މަސްލަހަތެއް ނެތް ކަމާއި އަދި އެ ހުރިހާކަމެއްވެސް ކޮށްފައިވަނީ ނަމީރާ އިންޖިނިއޭރިންގްގެ އެންގުމަށް، އެ ފަރާތުން އަންގާ ގޮތެއްގެމަތިން ކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުގެ އިތުރުން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވުނު ފަރާތްތަކުގެ ހެކި ބަހުން އެނގެންއޮންނަ އޮތުމެވެ.
ށ- ދެވަނަ ކަމަކީ، ނަމީރާ އިންޖިނިއަރިންގގެ އޮފީހުގެ ތެރޭގައި އެ ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ބައެއް އެހެނިހެން ކުންފުނިތަކާއި ތަންތަނުގެ ނަމުގައި ކުރެވޭ މަސައްކަތްތަކެއް ނަމީރާ އިންޖިނިއަރިންގގެ އިސްވެރިންގެ ބެލުމުގެ ދަށުން ހިނގަމުންދިޔަކަމާއި، އެގޮތުގެމަތިން ކުރަމުންދިޔަ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ އެކި ފަރާތްތަކުން އެކިއެކި ކަންކަމަށް ބޭނުންވެގެން ކުރާ އިޢުލާނުތަކާ ގުޅިގެން އެކަމުގައި ވާދަކުރުމަށްޓަކައި އެސްޓިމޭޓް ހުށަހެޅުންކަމާއި، އެގޮތުން ނަމީރާ އިންޖިނިއަރިންގގެ އޮފީހުގައި ހިނގަމުންދިޔަ މަސައްކަތުގެ ތެރޭގައި ނޭޒާ އެންޓަރޕްރައިސަސް އާއި ޓެކް މީޑިއާ އާއި ސީވިއު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ފާސްޓް ޓެއިލަރސް އާއި މާލެގަމް ޓެއިލަރސް އާއި ނީޑްލް ވޯރކްސް ޓެއިލަރސް ފަދަ ތަންތަން ހިމެނޭކަމާއި އަދި 15,000 ދިވެހި ދިދަ ބޭނުންވެގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ކުރި އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހަޅާފައިވަނީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ ލިމިޓެޑްގެ އޮފީހުގައި ހިނގަމުންއައި ވަހުމީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އިސްވެ އިޝާރާތްކުރެވުނު މާލެގަމް ޓެއިލަރސްއާއި ނީޑްލް ވޯރކްސް ޓެއިލަރސް އާއި ފާސްޓް ޓެއިލަރސް އާއި ސީވިއު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މި ހަތަރު ފަރާތުގެ ނަމުގައިކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ 27 ޖެނުއަރީ 2004 ގެ ރަސްމީ ލިއުމުން އެނގެން އޮންނައިރު، މާލެގަމް ޓެއިލަރސްގެ ނަމުގައި ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުން ތައްޔާރުކޮށް ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް ހުށަހެޅި އެސްޓިމޭޓްގައި އެ ތަނުގެ މެނޭޖަރެއްގެ ހައިސިއްޔަތުން ސޮއިކޮށްފައިވަނީ އަޙްމަދު ސިރާޖްކަން ފާހަގަކުރެވިފައިވާއިރު، ނީޑްލް ވޯރކް ޓެއިލަރސްގެ ނަމުގައި ހުށަހަޅާފައިވާ އެސްޓިމޭޓްގައި އެތަނުގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ސޮއިކޮށްފައިވާ މުޙައްމަދު ނަޞީރަކީ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފެއްކަމާއި އަދި ފާސްޓް ޓެއިލަރސްގެ ނަމުގައި ހުށަހަޅާފައިވާ އެސްޓިމޭޓްގައި ޢާއިޝަތު ވަހީދާ އެވެ ކިޔާ ފަރާތަކުން ސޮއިކޮށްފައިވާއިރު، ސީވިއު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުށަހަޅާފައިވާ އެސްޓިމޭޓްގައި ސޮއިކޮށްފައިވަނީ ޙަސަން ވަޙީދު އެވެ ކިޔާ ފަރާތަކުންކަމަށް ވާއިރު، އެ އެސްޓިމޭޓްތަކުގެ ތެރެއިން ސީވިއު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ފާސްޓް ޓެއިލަރސް އާއި މި ދެ ތަނުގެ ނަމުގައި މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަނަށް ހުށަހަޅާފައިވާ މި ދެ އެސްޓިމޭޓްގައިވެސް ރެފް ނަންބަރެއްގެ ގޮތުގައިޖަހާފައިވަނީ އެއް ނަންބަރެއްކަމާއި އަދި އެތަންތަނުގެ ނަމުގައި ހަދާފައިވާ އެސްޓިމޭޓްތަކުގައި އެތަންތަނުގެ ފޯނު ނަންބަރެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ނަމީރާ އިންޖިނިއަރިންގެ ފޯނު ނަންބަރުތައްކަންވެސް މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކުން އެނގެންއޮންނަ އޮތުމެވެ.
ނ- ތިންވަނަ ކަމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މައްޗަށް ވިސްނާ ބަލާއިރު، ކުށެއްކަމަށް ބެލެވޭނީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި މަނާކުރެވިފައިވާ ކަންތައްތަކަށްވެފައި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އެއްވެސް ފަރާތަކީ ކުށެއްގެ ބައިވެރިއެއް ކަމަށް ބެލެވެންވާނީ އެ މީހަކު އެ ކުށެއްކުރުމުގައި ބައިވެރިވާ ބައިވެރިވުމުގެ މައްޗަށްކަމަށް ވާއިރު، ކުންފުންޏެއްގެ މުވައްޒަފަކު އޭނާގެ ވަޒީފާގެ ޙައިސިއްޔަތުން ކުރާކަމަކީ އޭގެ ޒާތުގައި ޝަރީޢަތާއި ޤާނޫނު ހުއްދަނުކުރާ ކަމަކަށް ނުވާނަމަ އެފަދަ މުވައްޒަފަކަށް ކުށް ނިސްބަތްކުރެވެންޖެހޭ ހަމައެއްނެތްކަމާއި އަދި ކުންފުނީގެ އިސްވެރިން ރާވައިގެން ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރާ ކަންކަމުގެ ޒިންމާ އުފުލާނީ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ފަރާތްތައްކަމަށްވާތީ ކުންފުންޏެއްގެ މުވައްޒަފަކު ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ކުށްތަކުގެ ތެރެއިން ކުށެއްގެ ގޮތުގައި ނުހިމެނޭ ހުއްދަ ކަމެއް ކުރުމަކީ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކުންފުނީގެ އިސްވެރިން ހިންގި ކުށުގައި އާދައިގެ މުވައްޒަފުން ބައިވެރިވާ ބައިވެރިވުމެއްކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ބެލެވެންޖެހޭ ސަބަބެއް ނެތަތީ، ނަމީރާ އިންޖިނިއަރިންގގެ ފަރާތުން އެ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާ ޚިޔާލީ ކުންފުންޏަކާއި އިތުރު ތަންތަނުގެ ލެޓަރހެޑް ތައްޔާރުކޮށް އެތަންތަނުގެ ނަމުގައި ޙީލަތްތެރި ގޮތަކުން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެސްޓިމޭޓް ހުށަހަޅާ އެކަން ކާމިޔާބުކޮށް މަކަރާއި ޙީލަތުން 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ރުފިޔާ ލިބިގަނެފައި ވާއިރު، ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުން އެ މަސައްކަތްކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައިކަމާއި އަދި އެކަމުގައި އެ ފަރާތަށް އެއްވެސް މާއްދީ މަންފާއެއް ނުވަތަ އުޖޫރައެއްވިޔަސް ލިބިގެންފައިވާކަން އެނގެންނެތުމާއި، ނަމީރާ އިންޖިނިއަރިންގގެ އިސްވެރިންގެ އެނގުމާއި ފެނުމުގެ ދަށުން އެތަނުގެ ވެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން އު ކުންފުނީގެ މުވައްޒަފުންގެ ހައިސިއްޔަތުން ކުރި މަސައްކަތްތަކަކީ އެކަމުގައި އެ ކުންފުނީގެ މުވައްޒަފުންގެ މައްޗަށް ކުށުގެ ރުކުންތައް ފުރިހަމަވާކަމަކަށް ބެލެވޭނެ ހަމައެއް ނެތުމުން އެ ސަބަބަށްޓަކައި އެ ފަރާތްތަކަކީ ކުށެއްގެ ބައިވެރިންގެ ގޮތުގައި ބަލައި، އެ ފަރާތްތަކުގެ ހެކިބަސް ރައްދުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް އޮތް ފަރާތްތަކެއްކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ނުފެނެއެވެ.
ރ- ހަތަރުވަނަ ކަމަކީ، ޝަރީޢަތާއި ޤާނޫނުގެ ޙުދޫދުން ބޭރުވާ ގޮތަށް ނަމީރާ އިންޖިނިއަރިންގގެ އިސްވެރިން ރާވައިގެން ޙީލަތްތެރި ގޮތަކަށް އެ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން އެކިއެކި ފަރާތްތަކަށް އެސްޓިމޭޓް ހުށަހަޅާ އެކަން ކާމިޔާބުކޮށް މަކަރާއި ޙީލަތުން ސަރުކާރުގެ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް) ރުފިޔާ ލިބިގަތުމުގެ ޒިންމާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭނީ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އެކަން ރާވާ އަދި އެކަމުގެ މަންފާ ލިބިގަތް ފަރާތްކަމަށްވާތީ ނަމީރާ އިންޖިނިއަރިންގގެ ޤާނޫނީ ޝަޚްޞިއްޔަތު އޮޅުވާލައިގެން އެ ކުންފުނި ނިވާފަތްގަނޑަކަށް ހަދައިގެން އެކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން އެ ކުންފުނީގެ މެނޭޖްމަންޓުން ހަދާފައިވާ މަކަރާއި ޙީލަތުގެ ކުށް ޘާބިތުކުރުމަށްޓަކައި ދިވެހި ދައުލަތުގެ ޕްރޮސެކިއުޓަރަ ޖެނެރަލްގެ ފަރާތުން ހެކިންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހެޅި، ހެކިން ޙާޟިރުނުކޮށް ނަމީރާ އިންޖިނިއަރިންގގެ މެނޭޖިންގް ޑިރެކްޓަރުގެ މައްޗަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ ޤާނޫނީ ހަމަތަކުގެމަތިން ކޮށްފައިވާ ޙުކުމެއްނޫންކަން އެނގެންއޮތްއިރު، އެ ދަޢުވާގެ އަޞްލު ބިނާވެފައިވާ ކަންތައްތައް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަން ތަޙްޤީޤީ ބަޔާންތަކުން އެނގެން އޮންނަކަމަށާއި، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމެއް ނެތި، އަދި ކުންފުނީގެ މުވައްޒަފުންނަށް ތިބެ ޢަމަލީގޮތުން އެ ދަޢުވާގައި ބުނާ ކަންތައްތައް ސީދާގޮތުން ކޮށްފައިވާ ފަރާތަކީ ހެކިންގެ ގޮތުގައި ބަލައިގަނެ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ފަރުދީގޮތުން އެ ދަޢުވާކޮށްފައިވީ ނަމަވެސް، އެ މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، މި މައްސަލައާ ގުޅިގެން މ. ނިޔަދުރު އަޙްމަދު ނާޡިމް ކޮށްފައިވާ ކަންތައްތަކަކީ ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ތަޖްރީމްކުރެވޭވަރުގެ ކަންތައްތަކެ އްނޫންކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ކުރެއްވުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށްފައިނުވާކަން ފާޅުކަންބޮޑު ގޮތެއްގައި ފާހަގަކުރެވިފައިވެއެވެ.
ޝަރީޢަތުން ބަލާ މައްސަލަތަކުގައި ނިޔާ ކަނޑައަޅަންވާނީ އެ މައްސަލައަކާ ގުޅިގެން ބަލަންޖެހޭ އެންމެހައި ބެލުންތައް ބެލުމަށްފަހު އަދި ރިޢާޔަތްކުރަންޖެހޭ އެންމެހައި ކަންކަމުގެ މައްޗަށް ޝަރީޢަތުގެ ފަރާތުން ފުރިހަމަޔަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް ވާއިރު، ޝަރުޢީ އަދި ޤާނޫނީގޮތުން ރިޢާޔަތްކުރަންޖެހޭ އަސާސީ އުޞޫލުތަކާއި ފުށުއަރާގޮތަށް ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހެކީގެ ތެރޭގައި ހިމެނޭ ޑޮކިއުމަންޓްރީ ހެއްކާއި ޝަފަހީ ހެކީގެ މައްޗަށް އެއްވެސް މިންވަރަކަށް ރިޢާޔަތްނުކުރެއްވި ނުކުރެއްވުން، ތަބުރީރުކުރުމަށްޓަކައި ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާ އާއި އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ދެއްކެވި ހަމައަކީ، މި މައްސަލާގައި ކަން ހިނގާފައިވާގޮތާ އެއްގޮތްވާ ހަމައެއްނޫންކަމާއި އަދި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެމައްޗަށް ބަލާއިރު، އެ ހަމަޔަކީ، މި މައްސަލާގައި ނަމީރާ އިންޖިނިއަރިންގގެ ފަރާތުން އެ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން އިންތިބާގު ކުރެވިދާނެ ހަމައެއްނޫންކަން ރަނގަޅަށް އެނގެންއޮވެއެވެ. އަދި އިންސާނީ ޢަމަލެއް ތަޖްރީމްކުރުމާއި އެ ޢަމަލެއް ކުރާ މީހެއްގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭ ދަޢުވާ އުފުލުމާއި މިދެކަމަކީ ޤާނޫނީ ނަޒަރަކުން ބަލާއިރު، މުޅިން ތަފާތު ދެ ކަމެއްކަމާއި އެދި އެއީ ދައުލަތުގެ ކަމާބެހޭ ދެ ފަރާތަކުން އަދާކުރަންޖެހޭ ދެ ބާވަތެއްގެ މަސްއޫލިއްޔަތަކަށް ވާއިރު، ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުމާއި ކޯޓަކަށް ހުށަހެޅިފައިވާ ދަޢުވާތަކުގެ ތެރެއިން އަނބުރާ ގެންދަންޖެހިއްޖެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެންނަ ދަޢުވާތައް އަނބުރާ ގެނައުމާއި ކުށެއްކުރިކަމަށް ތުހުމަތުކުރެވިފައިވާ މީހަކަމާ މެދު ދަޢުވާ އުފުލުމަށް ނުވަތަ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށް އެ ނިންމުން ބަދަލުކުރުމާއި ޖިނާއީ މައްސަލަތަކާ ގުޅިގެން ދަޢުވާކުރުމުގެ އެންމެހައި އުޞޫލުތައް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 2008/09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ ދަށުން ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިގެންވާ އިޚްތިޔާރެއްކަން ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2008/09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ހާމަކަން ބޮޑު ގޮތެއްގައި އެނގެން އޮންނައިރު، ކޯޓުތަކުގެ މަސްއޫލިއްޔަތަކީ ޝަރީޢަތަށް ހުށަހެޅޭ ދަޢުވާތައް ބެލުމުގައި ރިޢާޔަތްކޮށް ބަލަންޖެހޭ އެންމެހައި އިޖުރާއާތްތަކާއި އެއްގޮތްވާ ގޮތުގެމަތިން ހުށަހެޅިފައިވާ ދަޢުވާ ބެލުމަށްފަހު، އެ ދައުވާޢާ މެދު އުފެދިފައިވާ ޚުސޫމަތަށް ނިމުމެއް ގެނެސްދޭ ފައިޞަލާކުރަނިވި ނިންމުމެއް ނިންމުންކަމާއި އިންސާނީ ޢަމަލުތަކުގެ ތެރެއިން ޝަރީޢަތާއި ޤާނޫނުގައި ތަޖްރީމްކުރެވިފައިވާ އެއްވެސް ޢަމަލެއް ޝަރީޢަތުގެ ޙުކުމަކުން އަލުން ތަޖްރީމްކުރަންޖެހޭ ނުވަތަ ތަޖްރީމްކުރަންނުޖެހޭ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތަތީ އާއި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނު ނަންބަރު 2008/09 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ ދަށުން ލިބިދޭ އިޚްތިޔާރުގެ ދަށުން ޤާނޫނުގެ ޙުދޫދުގެ ތެރޭގައި ހަމަޔާއި އިންޞާފުގެ ޢާންމު އުޞޫލުތަކާއި ފުށުނާރާނެ ގޮތެއްގެމަތިން އެ އިޚްތިޔާރުތައް ބޭނުންކުރުމަކީ އޭނާއަށް ޤާނޫނީގޮތުން ލިބިގެންވާ އިޚްތިޔާރަކަށްވާތީ ޝަރީޢަތާއި ޤާނޫނުގައި ކުރިއްސުރެ ތަޖްރީމްކުރެވިފައިވާ ކަންތަކުގެ ތެރެއިން މަކަރާއި ޙީލަތް ހެދުމުގެ ކުށަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި، މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޞްލު ބިނާވެފައިވާ ކަންތައްތައް ކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންކަން ތަޙްޤީޤް ބަޔާންތަކުން އެނގެންއޮންނަ ހިނދު، އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމެއްނެތި އަދި ކުންފުނީގެ މުވައްޒަފުންނަށް ތިބެ ޢަމަލީ ގޮތުން މި ދަޢުވާގައި ބުނާ ކަންތައްތައް ސީދާގޮތުން ކޮށްފައިވާ ފަރާތްތަކަކީ ހެކިންގެ ގޮތުގައި ބަލައިގަނެ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މައްޗަށް ފަރުދީގޮތުން އެ ދަޢުވާކޮށްފައިވީ ނަމަވެސް، އެ މައްސަލައިގެ ތަޙްޤީޤަށް ލިބިފައިވާ ބަޔާންތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު މި މައްސަލައާ ގުޅިގެން މ. ނިޔަދުރު އަޙްމަދު ނާޡިމް ކޮށްފައިވާ ކަންތައްތަކަކީ ޤާނޫނީގޮތުންނާއި ޝަރުޢީ ގޮތުން ތަޖްރީމްކުރެވޭވަރުގެ ކަންތައްތަކެއްނޫންކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާ އާއި އަދި މި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ޝަރީޢަތަށް ހުށަހެޅޭ ދަޢުވާތަކާ ގުޅިގެން ޝަރުޢީ އަދި ޤާނޫނީ ގޮތުން ޢަމަލުކުރަންޖެހޭ އިޖްރާއީ އުޞޫލުތަކާއި ޖިނާއީ ޢަދުލުގެ ނިޒާމް އެ އަސާސްތަކެއްގެ މައްޗަށް ޤާއިމްވެފައިވާ އުޞޫލުތަކާއި ފުށުއަރާ ގޮތަށްކަން ފާހަގަކުރެވިފައިވެއެވެ.
ބ- ފަސްވަނަކަމަކީ، ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޓިންގ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރެ، ނަމީރާ އިންޖިނިއަރިންގގެ އޮފީހުގައި އެ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާ ކުންފުންޏަކާއި ބައެއް އެހެން ތަންތަނުގެ ނަމުގައި ލެޓަރހެޑް ހަދާ ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ކުރި އިޢުލާނަކާ ގުޅިގެން ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނުވާ ބުނެވިދިޔަ ކުންފުންޏާއި ތަންތަނުގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ޙީލަތުން އެ ބިޑް ކާމިޔާބުކޮށްފައިވާތީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި މަކަރާއި ޙީލަތުން ހޯދާފައިވާ ފައިސާ ލިބިގަތުމުގެ ދަޢުވާކަމަށްވެފައި، މަކަރާއި ޙީލަތަކީ ޓެކުމަކަށް ނުހިމެނޭގޮތަށް އަނެކާއަށް ޙަޤީޤަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާކޮންމެ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ރ) ގައި ސާފުބަހުން ބުނެފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ ޕްރޮޖެކްޓަށް ކުރިމަތިލާފައިވާ ހަތަރު ފަރާތަކީ:-
1- މާލެގަމް ޓެއިލަރސް
2- ނީޑްލް ވަރކް ޓެއިލަރސް
3- ފާސްޓް ޓެއިލަރސް
4- ސީވިއު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މި ހަތަރު ފަރާތްކަމާ މެދު ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ ދެމެދު ދެބަސްވުމެއްނެތްއިރު، ދަށުކޯޓާއި ހައިކޯޓާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ 27 ޖެނުއަރީ 2014 ގެ ރަސްމީ ލިއުމުން އެކަން އޮޅުންނާރާ ފަދަ ސާފުގޮތަކަށް އެނގެން އޮންނަކަމާއި، އަދި ބުނެވިދިޔަ ގޮތުގެމަތިން އެސްޓިމޭޓް ހުށަހެޅި ހަތަރު ފަރާތަކީވެސް ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައި ނުވާ ތަންތަންކަމާ މެދުވެސް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާއި ދެމެދު ދެބަސްވުމެއްނެތްއިރު، އަދި މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ޝަރުޢީ ލިޔުންތަކުން އެކަން ސާފުކޮށް އެނގެންއޮތުމުން، އެ ތަންތަނަކީ ވުޖޫދުގައިވެސްނެތް ވަހުމީ ތަންތަންކަމާއި އަދި އަޙްމަދު ނާޡިމްގެ މެނޭޖިންގް ޑިރެކްޓަރކަމުގެ ދަށުން ހިނގަމުންދާ ނަމީރާ އިންޖިނިއަރިންގގެ އޮފީހުގައި ނަމީރާ އިންޖިނިއަރިންގގެ އިސްވެރިންގެ އެނގުމާއި ފެނުމުގެ ތެރެއިން، އަދި އަޙްމަދު ނާޡިމްވެސް ހިމެނޭ ގޮތަށް ނަމީރާ އިންޖިނިއަރިންގގެ ލަފަޔާއި އިރުޝާދުގެ ދަށުން އެ އެސްޓިމޭޓް ހަދާ އެތަންތަނުގެ ނަމުގައި ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުން ލައްވާ އެސްޓިމޭޓް ހުށަހަޅައި އަދި އެ އެސްޓިމޭޓް ކާމިޔާބުކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ތަޙްޤީޤް ބަޔާންތަކުންނާއި ކަމާބެހޭ ފަރާތްތަކުން ދިވެހިރާއްޖެގޭ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ރަނގަޅަށް އެނގެންއޮތްއިރު، ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވިފައިނުވާ އަދި ވުޖޫދުގައިވެސްނެތް ހަތަރު ތަނެއްގެ ނަމުގައި އެސްޓިމޭޓް ހަދާ ހުށަހަޅައިގެން ޙީލަތްތެރި ގޮތަކަށް އޮޅުވާލައިގެން ޕްރޮޖެކްޓް ކާމިޔާބުކޮށް ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ލިބިގަނެފައިވާ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް ރުފިޔާ) އަޙްމަދު ނާޡިމްގެ އެންގުމަކަށް ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފަކު އެ ފައިސާ ޖަމާކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 7715-117071-001 އެކައުންޓަކީ އަޙްމަދު ނާޡިމްގެ ޙިއްޞާއޮންނަ ނޭޒާ އެންޓަރޕްރައިސަސްއެވެ ކިޔާ ކުންފުންޏެއްގެ އެކައުންޓެއްކަމާއި އަދި ފަހުން އެ ފައިސާގެ ތެރެއިން 360,0000/- (ތިން ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ) ގެ ޗެކަކަށް ގ. އަރިސް މުޙައްމަދު ރަޝާދު ފައިސާ ނަގާފައިވާއިރު، އެ ފައިސާގެ ތެރެއިން 810,000/- (އަށް ލައްކަ ދިހަ ހާސް ރުފިޔާ) ނަންބަރު 00001 ޗެކުން އަބުރާ ޖަމާކޮށްފައިވަނީ އަޙްމަދު ނާޡިމްގެ މެނޭޖިންގް ޑިރެކްޓަރު ކަމުގެ ދަށުން ހިނގަމުންދާ ނަމީރާ އިންޖިނިއަރިންގގެ ނަންބަރު 7701-121330-001 އެކައުންޓަކަށްކަން މި މައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2009/1152 (16 ޖޫން 2009) ގެ ސިޓީއިން އެނގެންއޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ދިވެހި ދައުލަތުގެ ޕްރޮސެކިޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ 15,000 ދިވެހި ދިދަ ގަތުމަށްޓަކައި ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުން ކުރި އިޢުލާނާ ގުޅިގެން އަޙްމަދު ނާޡިމް މެނޭޖިންގ ޑިރެކްޓަރަކަށްހުރެ ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން (ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންގެ ވަޒީފާގެ ގޮތުގައި) ރާއްޖޭގައި ރަޖިސްޓްރީކޮށްފައި ނެތުމުގެ ސަބަބުން ވުޖޫދުގައިވެސްނުވާ ހަތަރު ތަނެއްގެ ނަމުގައި ލެޓަރހެޑް ހަދާ އެސްޓިމާޓް ހުށަހަޅާ އެ އެސްޓިމޭޓް ކާމިޔާބުކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ޙީލަތްތެރި ގޮތަކަށް އޮޅުވާލައިގެން ތިމާއަށް ފައިދާވާގޮތަށް އަނެކާއަށް ގެއްލުންވާގޮތަށްކަމަށެވެ. އަދި މި ޢަމަލަކީ އަޙްމަދު ނާޡިމްގެ މެނޭޖިންގް ޑިރެކްޓަރުކަމުގެ ދަށުން ހިނގަމުންދާ ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން އަޙްމަދު ނާޡިމްގެވެސް ލަފަޔާއި އިރުޝާދުގެ ދަށުން މަކަރާއި ޙީލަތްތެރި ގޮތަކަށް ރާވައިގެން ނަމީރާ އިންޖިނިއަރިންގއެވެ ކިޔާ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ކުށުގެ ޢަމަލަކަށްވާތީ އެކަމުގެ ޒިންމާ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން އުފުލަންޖެހޭނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ފަދައިން ނަމީރާ އިންޖިނިއަރިންގގެ ޤާނޫނީ ޝަޚްޞިއްޔަތު މަކަރާއި ޙީލަތް ހެދުމަށްޓަކައި ބޭނުންކޮށްފައިވާތީ ބުނެވިދިޔަ ޤާނޫނުގެ 74 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނަމީރާ އިންޖިނިއަރިންގގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ނާޡިމްކަމަށެވެ.
މިކަންކަން މިހެންހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާ އާއި އަދި އެ ޤަޟިއްޔާ އިސްތިއުނާފުކުރި ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާއާ މި ދެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެކެނީ އެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭނެ ކަމަށެވެ.
ޙުކުމް:
ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރަކަށް މ. ނިޔަދުރު އަޙްމަދު ނާޡިމް ހުރެ، އެ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން އަޙްމަދު ނާޡިމްވެސް ހިމެނޭގޮތަށް އެ ކުންފުނީގެ އިސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ޙީލަތްތެރި ގޮތަކަށް، ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިނުވާ އަދި ވުޖޫދުގައިވެސްނެތް ހަތަރު ތަނެއްގެ ނަމުގައި ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެސްޓިމޭޓް ހުށަހަޅައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ރ) ގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން، ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އޮޅުވާލައިގެން އެ މިނިސްޓްރީއިން 15,000 ދިވެހި ދިދަ ގަތުމަށް 2003 ވަނަ އަހަރު ޢާންމުކޮށް ހުޅުވާލި ޕްރޮޖެކްޓް ކާމިޔާބުކޮށް، އެ ޕްރޮޖެކްޓްގެ އަގެއްގެ ގޮތުގައި އެއްބަސްވެވިފައިވާ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް ރުފިޔާ) ލިބިގަނެ، އަދި އެ ފައިސާ އަޙްމަދު ނާޡިމްގެ އެންގުމަކަށް އަޙްމަދު ނާޡިމްގެ ޙިއްޞާ އޮންނަ ނޭޒާ އެންޓަރޕްރައިސަސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު7715-117-071-001 އެކައުންޓަށް ޖަމާކުރުމަށްފަހު، އޭގެތެރެއިން 810,000/- ރ. (އަށް ލައްކަ ދިހަ ހާސް ރުފިޔާ) އަޙްމަދު ނާޡިމްގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ ދަށުން ހިނގަމުންދާ ނަމީރާ އިންޖިނިއަރިންގގެ ނަމުގައި ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 7701-121330-001 އެކައުންޓަށް އަލުން ޖަމާކޮށްފައިވާކަން މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓާއި ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު BML/LEGAL/2009/1152 (16 ޖޫން 2009) ގެ ސިޓީންނާއި އަޙްމަދު ނާޡިމް ސޮއިކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 000004 (08 މާރޗް 2004) ގެ ޗެކާއި ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު 000010 ގެ ޗެކާއި އިތުރު އެހެނިހެން ލިޔުންތަކުންވެސް އެނގެންއޮންނައިރު، 15,000 ދިވެހި ދިދަ ގަތުމަށްޓަކައި އެސްޓިމޭޓް ހުށަހަޅާފައިވާ ވަހުމީ 04 ތަނުގެވެސް މަސްއޫލުވެރިންގެ ގޮތުގައި ނަންޖަހާ ސޮއިކޮށްފައިވަނީ ނަމީރާ އިންޖިނިއަރިންގގެ މުވައްޒަފުން ކަމާއި އަދި އެ ތަންތަނުގެ ފޯނު ނަންބަރުގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ނަމީރާ އިންޖިނިއަރިންގގެ ފޯނު ނަންބަރުކަން މި މައްސަލައާ ގުޅިގެން ހޯދުނު ހޯދުންތަކުންނާއި ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ރަސްމީ ލިޔުންތަކުން އެނގެންއޮތުމުން، މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއާ ގުޅިގެން ކުށް ޘާބިތުވާކަމަށް ނުވަތަ ނޫންކަމަށްވެސް ކަނޑައެޅުއްވަމަކާ ނުލައި އެ ދަޢުވާ ބިނާކޮށްފައިވާ ކަންކަމަކީ ތަޖްރީމްކުރެވޭ ވަރުގެ ކަންތައްތަކެއްނޫން ކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 569/Cr-C/2010 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި އަދި އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ ނަންބަރު 2012/HC-A/197 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމާއި މި ދެ ޙުކުމަކީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލް ދެ ޙުކުމްކަމަށް ކަނޑައަޅައި، ނަމީރާ އިންޖިނިއިރިންގް އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަ ގޮތުގައި (މަކަރާއި ޙީލަތް ހެދުމަށްޓަކައި) ބޭނުންކޮށްގެން ކާމިޔާބުކޮށްފައިވާ ޕްރޮޖެކްޓާ ގުޅިގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓާ ޙަވާލުކުރަންޖެހޭ 15,000 ދިވެހި ދިދަ އެ މިނިސްޓްރީއާ ޙަވާލުކޮށްފައިވާކަން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓްގެ ކަމާބެހޭ މުވައްޒަފުންގެ ތެރެއިން މޫސާ ނަސީމް ކިޔާ މީހަކު ސޮއިކޮށް އެ މިނިސްޓްރީގެ ރަސްމީ ސިއްކަ ޖަހާފައިވާ ނަންބަރު MG/HV/012/2004 (28 މާރޗް 2004) ގެ ތަކެތި ޙަވާލުކުރިކަމުގެ ލިޔުމުން އެނގެން އޮންނާތީ، އެ 15،000 ދިވެހި ދިދައިގެ އަގަށްވާ 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް ރުފިޔާ) މ. ނިޔަދުރު އަޙްމަދު ނާޡިމްގެ އަތުން އަނބުރާ ދިވެހި ދައުލަތަށް ނަގައިދެވޭނެ ތަނެއްނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ނަމީރާ އިންޖިނިއަރިންގ އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން ކުރީގެ މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓަށް އެސްޓިމޭޓް ހުށަހެޅުމާއި އަދި އެ އެސްޓިމޭޓް ކާމިޔާބުކޮށް ޙީލަތްތެރި ގޮތަކަށް 1,425,000/- (އެއް މިލިއަން ހަތަރު ލައްކަ ފަންސަވީސް ހާސް ރުފިޔާ) ލިބިގަތްގަތުމަކީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން މަކަރާއި ޙީލަތް ހެދުމަށްޓަކައި އެ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށާއި އަދި އެ ކުށުގެ ޢަމަލުގެ ޒިންމާ ޝަރީޢަތުގައި އަދި ޤާނޫނީ ގޮތުން އުފުލަންޖެހޭނީ ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 74 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާ ގޮތުގެމަތިން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މ. ނިޔަދުރު، އަޙްމަދު ނާޡިމް ކަމަށްވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 132 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ ދަށުން މ. ނިޔަދުރު އަޙްމަދު ނާޡިމްގެ މައްޗަށް ޢުޤޫބާތް ޙައްޤުވާ ހިނދު، މި މާއްދާތަކުގެ ދަށުން އަޙްމަދު ނާޡިމްގެ މައްޗަށް ކަނޑައަޅަންޖެހޭ ޢުޤޫބާތަކީ، 25 އަހަރަށްވުރެ ދިގު މުއްދަތަކަށް އަރުވާލުން ނުވަތަ ޖަލަށްލުމުގެ ޢުޤޫބާތެއްކަމަށްވެފައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މި ކުށަށް އެއަށްވުރެ ބޮޑު ޢުޤޫބާތެއް ކަނޑައެޅޭނެ ތަނެއް ނެތްކަމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 06 ވަނަ ދުވަހުން ފެށިގެން، މ. ނިޔަދުރު އަޙްމަދު ނާޡިމް 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.