ޢަބްދުﷲ ޖާމިޢު ވ. އެޓާރނީ ޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2021] SC 46
2019/SC-A/75
ޝަރީޢަތް ނިމުނުގޮތް
ޢަބްދުﷲ ޖާމިޢު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު
22 އެޕްރީލް 2021
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/553
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް
އެޓަރނީ ޖެނެރަލްގެ އޮފީސް ޢަބްދުﷲ ޖާމިޢު، ސީސަންގެ، ރ. މަޑުއްވަރި
ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ ޙައްމާދު ވާފިރު
ސްޓޭޓް އެޓަރނީ ސާދިޙު ނަޞީރު މަދަނީ – ބަދަލު ހޯދުން- ވަޒީފާއާ ބެހޭ – ފުލުހުންގެ ވަޒީފާއިން ވަކިކުރުން – ޖިނާއީ ކުށް – ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ)
` ޢަބްދުﷲ ޖާމިޢު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ޢަބްދުﷲ ޖާމިޢު (އައިޑީކާޑް ނަންބަރު (މީގެ ފަހުން: "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޢަބްދުﷲ ޖާމިޢު") ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީސް (މީގެފަހުން: "ދައުލަތް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
ޢަބްދުﷲ ޖާމިޢު އަކީ ޤާނޫނު ނަންބަރު 2008/5 "ފުލުހުންގެ ޤާނޫނު" (މީގެ ފަހުން: "ފުލުހުންގެ ޤާނޫނު 2008") ގެ ދަށުން ހަދާފައިވާ "ތަމްރީނުކުރުމާ ބެހޭ ޤަވާޢިދު" ގެ ދަށުން އަސާސީ ތަމްރީން ހަދަމުން ދިޔަ ފުލުހުންގެ ރެކްރޫޓެކެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގައި އުޅެމުން ރަމަޟާން މަހެއްގެ ދުވާލު ފެންބޮއި ރޯދަ ދޫކޮށްލިކަމަށް ބުނާ މައްސަލައެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނެވެ.
ރޯދައަށްހުރެ ފެންބުއިކަމަށް ޢަބްދުﷲ ޖާމިޢު އިޢުތިރާފުވެފައިވާތީ، އެ މައްސަލަ ތަޙުޤީޤުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ޝަރީޢަތަށް ފޮނުވުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމިއެވެ.
ޢަބްދުﷲ ޖާމިޢުގެ މައްޗަށް ޖިނާއީ ކޯޓުގައި ކުރި ދަޢުވާ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1462/JC/2009 ޤަޟިއްޔާއިންނެވެ. މި ބުނި ޖިނާއީ ކޯޓުގެ ޤަޟިއްޔާގެ ޙުކުމްގައި ވަނީ: "ދެންފަހެ، ޢަބްދުﷲ ޖާމިޢުގެ މައްޗަށް ދައުލަތުން ދަޢުވާކުރި، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން ޢަބްދުﷲ ޖާމިޢު 08 ރަމަޟާން 1429 ދުވަހު ޝަރުޢީ މަޤްބޫލު އުޒުރެއްނެތި އައްޑޫ ޕޮލިސް އެކަޑަމީގެ މެސްރޫމްގައި ހުންނަ ފެން އިސްކުރު ބަރިން ފެންބޮއި ރޯދަ ދޫކޮށްލާފައިވާކަން ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ، ޢަބްދުﷲ ޖާމިޢު އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުﷲ ޖާމިޢު 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށާއި، މީނާ ދޫކޮށްލި ރޯދަ ޤަޟާކުރުމަށް އަންގާ މިގޮތުގެ މަތިން ޙުކުމްކޮށް، މައްސަލަ ނިންމީއެވެ."
ޖިނާއީ ކޯޓުގެ ނަންބަރު 1462/JC/2009 ޤަޟިއްޔާގެ ޙުކުމާ ގުޅިގެން، ޢަބްދުﷲ ޖާމިޢު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޭރު އަދާކުރަމުންދިޔަ ޕޮލިސް ކޮންސްޓަބަލެއްގެ ވަޒީފާއިން، 17 އޮގަސްޓް 2009 ގައި، އޭނާ ވަކިކުރި އެވެ. ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ޖިނާއީ ކޯޓުގެ ނަންބަރު 1462/JC/2009 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު ޢަބްދުﷲ ޖާމިޢު ހިތްހަމަނުޖެހޭތީވެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 30 އޮގަސްޓް 2009 ގައެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 261/HC-A/2009 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ ނިމުނީ 15 އެޕްރީލް 2015 ގައެވެ. ޢަބްދުﷲ ޖާމިޢުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ޖިނާއީ ކޯޓުން ކޮށްފައިވާ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލް ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/261 ޤަޟިއްޔާއިން ޖިނާއީ ކޯޓުގެ ނަންބަރު 1462/JC/2009 ޤަޟިއްޔާގެ ޙުކުމް ބާޠިލްކުރުމާ ގުޅިގެން ޢަބްދުﷲ ޖާމިޢު އަދާކުރި ފުލުހުންގެ ވަޒީފާ އިއާދަ ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުނެވެ. ނަމަވެސް 17 ނޮވެމްބަރު 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަބްދުﷲ ޖާމިޢުއަށް ފޮނުވި "އާއްމު ފަރާތްތަކުން ހުށަހަޅާ ސިޓީގެ ޖަވާބު" ގައި ޖިނާއީ ކޯޓުގެ ޙުކުމް ހައިކޯޓުން ބާޠިލްކޮށްފައިވާތީ އަލުން އަނބުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ އިއާދަކޮށްދިނުމަށް އެދި ޢަބްދުﷲ ޖާމިޢު ހުށަހެޅި ހުށަހެޅުމާ ގުޅިގެން ވަޒީފާ އަލުން އަނބުރާ ދިނުމާމެދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބެލުމަށްފަހު، ޢަބްދުﷲ ޖާމިޢުއަށް ވަޒީފާ އަލުން ދިނުމަށް ނުފެންނަކަމަށް ނިންމާފައިވާކަމަށް އަންގާފައިވެއެވެ.
ޢަބްދުﷲ ޖާމިޢުގެ އެދުމަށް ވަޒީފާ ހަމަޖައްސާދީފައިނުވާތީ، އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި އޭރު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، އެދުވަސްތަކުގެ މުސާރައާއި ޢިނާޔަތްތަކާއި ކުރިއެރުންތައް ލިބިދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސް (ދިވެހި ދައުލަތު) ގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ. މި ދަޢުވާ ހުށަހަޅާފައިވަނީ 24 ޑިސެމްބަރު 2015 ގައެވެ. ޢަބްދުﷲ ޖާމިޢުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2323/Cv-C/2015 ޤަޟިއްޔާއިންނެވެ. ސިވިލް ކޯޓުން ބެލި ޤަޟިއްޔާ ގެ ޙުކުމް ކުރީ 21 ސެޕްޓެމްބަރު 2016 ގައެވެ.
ސިވިލް ކޯޓުގެ ނަންބަރު 2323/Cv-C/2015 ޤަޟިއްޔާ ނިންމާފައިވާ ގޮތާއި މެދު ޢަބްދުﷲ ޖާމިޢު ހިތްހަމަނުޖެހޭތީވެ، އެ ޤަޟިއްޔާ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޢަބްދުﷲ ޖާމިޢު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ރަޖިސްޓްރީކުރެވުނީ 15 ނޮވެމްބަރު 2016 ގައެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައި ނިމުނީ 14 މެއި 2019 ގައެވެ.
ޢަބްދުﷲ ޖާމިޢު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމި ގޮތް
ޢަބްދުﷲ ޖާމިޢު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމާފައިވަނީ؛ މީހަކުކުރި ޢަމަލެއްގައި އުފެދޭ އަޚްލާޤު ކުށުގެ ޖިނާއީ ބައި ސާބިތުނުވުން އެއީ އެ ޢަމަލުގެ އަޚްލާޤުގެ ކުށުގެ އިދާރީ ފިޔަވަޅު އެޅުމުގެ މަދަނީ ބައި ނަފީކުރާ ކަމަށް ނުވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް މަޤާމުގެ ވަޒީފާއިން ޢަބްދުﷲ ޖާމިޢު ވަކިކުރިކުރުން ބާޠިލްކުރާނެ ހަމައެއްނެތްކަމަށް ޝަރީޢަތަށް ސާބިތުވާތީ، ޢަބްދުﷲ ޖާމިޢު އެދިފައިވާގޮތަށް އެ ވަޒީފާ އާއި އެ ދުވަސްތަކުގެ ޢިނާޔަތްތަކާއި ކުރިއެރުން ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
ޢަބްދުﷲ ޖާމިޢު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ ކޯޓުން ނިންމާފައިވާ ގޮތް
ޢަބްދުﷲ ޖާމިޢު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ނިންމާފައިވަނީ؛ މުވައްޒަފަކާމެދު ތައުދީބީ ގޮތުން ފިޔަވަޅު އެޅުމުގެ ބާރަކީ އެ ބާރެއް ޤާނޫނުން ނުވަތަ ޤަވާޢިދުން ދީފައިވާ އިދާރާއެއްގައި އޮންނަ އިދާރީ ބާރެއްކަމަށާއި އެއީ ކޯޓަށް ދީފައިވާ ބާރެއް ނޫންކަމަށެވެ. މިހެންވެ، ސިވިލް ކޯޓުގެ ނަންބަރު 2323/Cv-C/2015 ޤަޟިއްޔާގައި އެ ކޯޓުން ކުރި ޙުކުމް ބާޠިލް ކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތްކަމަށް، މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޢަބްދުﷲ ޖާމިޢު އިސްތިއުނާފުކުރި ނުކުތާތައް އަދި ދައުލަތުން ދިން ރައްދު
މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ޢަބްދުﷲ ޖާމިޢުގެ ފަރާތުން ސުޕްރީމް ކޯޓުގައި 05 (ފަހެއް) ނުކުތާ އެއް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ،
ސިވިލް ކޯޓުގެ ނަންބަރު 2323/Cv-C/2015 ޤަޟިއްޔާ ނިންމެވުމުގައި ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރާ އަސާސީ ޙައްޤު ހަނިވާގޮތަށް މާނަކޮށްފައިވާ ވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާ ގައި ބެލި ބެލުމުގައި ސިވިލް ކޯޓުގެ ނިންމުމަށް ބާރުލިބިދީ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ އާއި،
ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤު ބަޔާންތަކުގައި ހުރި ފުށުއެރުންތަކަށް ރިޢާޔަތް ކުރުމެއްނެތި އަދި އެބަޔާންތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/261 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އަސާސްތަކުގެ ބޭރުން އެބަޔާންތަކަށް ބުރަދަންދީ ނިންމާލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/261 ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން އެ ސަބަބުގެ މައްޗަށް ބިނާކޮށް ވަޒީފާއިން ވަކިކުރި ސަބަބު ނެތިގެން ގޮސްފައިވާއިރު، އެކަމަށް ރިޢާޔަތްކުރުމެއްނެތި ސިވިލް ކޯޓުގެ ނަންބަރު 2323/Cv-C/2015 ޤަޟިއްޔާ ނިންމާފައިވާ ނިންމުމަށް ބާރުދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
ސިވިލް ކޯޓުގެ ނަންބަރު 2323/Cv-C/2015 ޤަޟިއްޔާއިން ބެލެވުނު މައްސަލައިގައި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/24 ޤަޟިއްޔާ ތަޠްބީޤުކުރުމުގައި ދެ ޤަޟިއްޔާގެ މައްސަލައިގައި ވާޤިޢާތައް ނުވަތަ ފެކްޓްސްތަކުގެ ފަރަޤު ހުރިއިރު އެކަންކަމަށް ރިޢާޔަތްކޮށްފައިވާ ނިންމުމަށް ބާރުދީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
ޖިނާއީ ކޯޓުން ކުރި ޙުކުމާ ގުޅިގެން ފުލުހުންގެ ޤާނޫނު ގެ 24 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރިކުރުމާއި މެދު ސުވާލު ނުއުފައްދާކަމާއި، އުފެދިގެން މިއުޅޭ ސުވާލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާގޮތާއި ޚިލާފަށް ޖިނާއީ ކޯޓުން ކޮށްފައިވާ ޙުކުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/261 ޤަޟިއްޔާ ބާޠިލް ކުރުމުން އެނގި ހާމަވެގެން ދިޔައިރު، އޭރު އަދާކުރަމުން ގެންދިޔަ ވަޒީފާ އަނބުރާ ރުޖޫޢަ ކޮށްދީ އޭގެ އަސްލަށް ރުޖޫޢަ ކޮށްދޭން ނުޖެހޭނެތޯ އުފެދިގެން އުޅޭ ސުވާލުކަމަށް ވީއިރު މި މައްސަލައިގެ އަސްލު ސިވިލް ކޯޓުގެ ޤަޟިއްޔާގައި އޮޅުވާލާފައި ވުން ކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
ޢަބްދުﷲ ޖާމިޢު އިސްތިއުނާފު ކުރި ނުކުތާތަކުގެ ރައްދުގައި ދައުލަތުން ބުނަނީ، ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" އަކީ ފުލުހުންގެ ޤާނޫނު 2008 އިން ބާރު ލިބިގެން ފުލުހުންގެ ޤާނޫނު 2008 ގައި ވަޒީފާއާ ބެހޭ ޤަވާޢިދެއް ހަދަން ވާނެކަމަށާއި ފުލުހަކާ މެދު އިދާރީ ޑިސިޕްލިނަރީ ފިޔަވަޅެއް އަޅާނަމަ އަޅަންވާނީ އެ ޤަވާޢިދުގައިވާ ގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވާތީ، ހެދިފައިވާ ޤަވާޢިދެއްކަމަށާއި، މި ޤަވާޢިދުގައި، ޖިނާއީ ކުށެއް ސާބިތު ވުމަކީ އޭގެ ޒާތުގައި ވަޒީފާގައި ދެމި ހުރުމުގެ ޝަރުޠު ގެއްލޭ ކަމެއްކަމަށް ބަޔާން ކުރާތީ، ޖިނާއީ ކުށެއް ސާބިތު ވެގެން އެ ޙުކުމް މަތީ މަރުޙަލާއަކުން ބާޠިލު ކުރުމާ ގުޅިގެން އެފަރާތުގެ ވަޒީފާ އިއާދަ ކޮށްދޭން ޖެހޭނެ ކަމަށް ދައުލަތަށް ޤަބޫލު ނުކުރެވޭކަމަށާ އަދި އެ ޤަވާޢިދުގައި އެގޮތަށް ބަޔާން ކޮށްފަވެސް ނުވާކަމަށެވެ. މީގެ އިތުރަށް، ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަބްދުﷲ ޖާމިޢުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވުމާ ގުޅިގެން ފުލުހުންގެ "ވަޒީފާއާބެހޭ ޤަވާޢިދު" ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވެފައި، ޝަރުޢީ އެއްވެސް މަރުޙަލާއެއްގެ ކޯޓަކުން ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައެޅުމަކީ، އެ މާއްދާއާ ޙަވާލާދީ ފުލުހުންގެ ވަޒީފާއިން އެފަރާތެއް ވަކިކުރެވޭނެކަމެއް ކަމަށާއި ފުލުހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށެއް މަތީ މަރުޙަލާއެއްގެ ކޯޓަކުން ބާޠިލްކުރުމަކީ ހަމައެކަނި އެ ސަބަބަށް ބިނާކޮށް، ބުނެވުނު މާއްދާއާ ޙަވާލާދީ ވަޒީފާއިން ވަކިކޮށްފައިވާ ފުލުހަކަށް އަލުން އަނބުރާ ވަޒީފާ އިޢާދަކޮށްދޭންޖެހޭ ސަބަބެއް ނޫންކަމަށެވެ. ފުލުހުންގެ ޤާނޫނު 2008 ގެ 15 ވަނަ މާއްދާގެ (ވ) އާ ޙަވާލާދީ، ފުލުހަކާމެދު ކުރެވޭ ދަޢުވާއެއް ސާބިތުނުވެއްޖެނަމަ އެކަމުގެ ސަބަބުން އެ ފުލުހަކަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭނެ ކަމަށް ޢަބްދުﷲ ޖާމިޢު ބަޔާންކޮށްފައިވާއިރު، އެފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައިވާތީ، ޤާނޫނާއި ޤަވާޢިދުގެ އިމުގެ ތެރެއިން އަޅާ ފިޔަވަޅަކަށް ދައުލަތުން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެކަމަށެވެ.
ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މައްސަލަ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޢަބްދުﷲ ޖާމިޢު އިސްތިއުނާފު ކުރި ނުކުތާތަކުގެ ތެރެއިން ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ޢަބްދުﷲ ޖާމިޢު އިސްތިއުނާފުކުރި ނުކުތާއެކެވެ. މި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާގެ ނިންމުމުގައިވަނީ، "... ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައި ބަޔާންކުރަނީ ހަމައެކަނި އެމީހަކު "އިޚްތިޔާރުކުރާ" ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ޙައްޤުގެ ވާހަކަ ނަމަވެސް، އަމިއްލަ އިޚްތިޔާރުން އެމީހަކު އާމްދަނީ ހޯދުމަށް ޚިޔާރު ކުރާ އަމިއްލަ މަސައްކަތަކާއި ޚިލާފަށް ވަޒީފާ ދޭފަރާތަކުން މުސާރައާއި އިނާޔަތްދީގެން އަދާކުރަން ހުޅުވާލެވޭ ވަޒީފާތަކަކީ "އިޚްތިޔާރު ކުރާ" ކޮންމެ މީހަކަށް ލިބިދޭންޖެހޭ ވަޒީފާއެއް ނޫންކަމާއި، އެމީހަކު އެ ވަޒީފާއެއް އިޚްތިޔާރު ކުރިނަމަވެސް އެ ވަޒީފާއެއް އޭނާއަށް ދެވޭނީ ވަޒީފާދޭ ފަރާތުން ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން ހޮވި ނުވަތަ ޢައްޔަން ކުރެވި އަދި ޤަބޫލު ކޮށްގެން ކަމާއި، ... ވަޒީފާ އަދާކުރާ ފަރާތާމެދު ވަޒީފާދޭ ފަރާތުން ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން އެމީހަކު އަމިއްލަ އިޚްތިޔާރުން ޚިޔާރުކޮށް ޤަބޫލުކޮށްފައިވާ ވަޒީފާއަކުން ވަކިކުރަންޖެހުމަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ އާ ޚިލާފުކަމެއްނޫން" ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާއާ ގުޅިގެން ބަޔާންކުރި ސަބަބު ރަނގަޅުކަމަށް އަހުރެން ދެކޭތީ މި ނުކުތާގައި އިތުރަށް ބުނަންޖެހޭ އެއްޗެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ.
މި މައްސަލައިގައި މައިގަނޑުގޮތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ، 17 އޯގަސްޓް 2009 އިން ފެށިގެން ޢަބްދުﷲ ޖާމިޢު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޖިނާއީ ކޯޓުގެ ނަންބަރު 145-A/2009/13 (2009 އޯގަސްޓް 17) ޗިޓުން ޢަބްދުﷲ ޖާމިޢު 06 މަސް ދުވަހުގެ މުއްދަތަށް އަރުވާލަން ޙުކުމްކޮށްފައިވާތީ، ވަޒީފާއާ ބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ކަމަށްވާއިރު، ޖިނާއީ ކޯޓުގެ ޙުކުމް ބާޠިލްކޮށް، ކުށް ސާބިތު ނުވާކަމަށް ހައިކޯޓުން ކުރި ޙުކުމާ ގުޅިގެން ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބު ނެތިގޮސްފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރެވޭ ޙާލަތު
ފުލުހުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ނ) އިން ބާރު ލިބިގެން އެކުލަވައިލެވިފައިވާ ވަޒީފާއާބެހޭ ޤަވާޢިދު ގެ 24 ވަނަ މާއްދާގައި ފުލުހަކު ވަޒީފާއިން ވަކި ކުރެވިދާނެ 10 (ދިހައެއް) ޙާލަތެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން އެ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) އާއި (ށ) ފާހަގަކޮށްލެވެއެވެ.
މިގޮތުން، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު ގެ 24 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވަނީ؛
ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް 24. މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެގެންނެވެ.
(ހ) ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއް ކުރުމުން؛
(ށ) މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން؛
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު ގެ 24 ވަނަ މާއްދާގައިވާ މަތީގައި ބަޔާންކުރެވުނު ދެ ޙާލަތަށް ބަލާއިރު، އެ މާއްދާގެ (ށ) ގައި ބަޔާން ކުރާ ޙާލަތުގައި، ޤާނޫނާއި ޤަވާޢިދާ ޚިލާފް ޢަމަލެއް ކޮށްފިކަން ތަޙުޤީޤަށް ސާބިތުވާ ހިސާބުން އެ ފުލުހަކު ވަޒީފާއިން ވަކިކުރުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއަށް އިޚްތިޔާރީގޮތުން، ފުރިހަމަ ބާރު ލިބިފައިވާ ކަމެއްކަން އެނގެއެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އާ ގުޅޭގޮތުން ފާހަގަކުރައްވާފައިވަނީ
"...ފުލުހަކު ވަޒީފައިން ވަކިކުރާ ހާލަތުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަން އެނގެއެވެ. އެގޮތުން ފުލުހުންނަކީ، ހުވައެއްމަތީގައި ތިބެ، ގާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ގާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީވެ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ."
މިހެންނެވެ.
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ގަޒިއްޔާގައި ކަނޑައަޅާފައިވަނީ ފުލުހުންގެ ތަޙުޤީޤަކަށް ދޮގު މައުލޫމާތު ދިން ފުލުހެއް ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.
މިއާ ޚިލާފަށް ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު ގެ 24 ވަނަ މާއްދާ (ހ) ގެ ދަށުން ފުލުހަކު ވަޒީފާއިން ވަކިކުރާނަމަ، އޭނާގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން ޙުކުމެއްކޮށްފައި އޮތުން ލާޒިމުވެއެވެ. އެހެންކަމުން، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދު ގެ 24 ވަނަ މާއްދާގެ (ށ) ގައި ފުލުހަކު ވަޒީފާއިން ވަކިކުރެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބޭނުންކުރެވިދާނެ ލުއި މިންގަނޑަށްވުރެ ހަރުކަށި މިންގަނޑެއް އެ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ތަޠުބީޤުވާނެއެވެ. އެއީ ޖިނާއީ ކުށެއް ސާބިތުކުރުމަށްޓަކައި ޝަރުޢީ ކޯޓުތަކުން ބަރޯސާވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވުމެވެ.
ހުށަހެޅިފައިވާ މައްސަލައަށް ޤަވާޢިދު ތަޠުބީޤުކުރުންމި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމް ނަންބަރު DBMF/2009/19 ގެ "މައްސަލާގައި ފާހަގަކުރެވުނު ނުކުތާތައް" މި ސުރުޚީގެ ދަށުގައި "މި މައްސަލައިގައި ޢަބްދުﷲ ޖާމިޢު، ރޯދައަށް ހުރެ ފެނާއި ބޭސްކޭކަމަށް ބުނެފައިވޭ، އެކަން އޭނާ ކޮށްފައިވަނީ މެޑިކަލްގައި މަސައްކަތްކުރާ މީހާގެ ހުއްދަ ލިބިގެންކަމަށްވެސް ބުނޭ، އެހެންނަމަވެސް މެޑިކަލްއިން އެކަން ދޮގުކުރޭ" މިފަދައިން ބަޔާންކޮށްފައި އޮވެއެވެ. އަދި ބުނެވުނު ފޯމުގެ "ޑިސިޕްލިނަރީ ބޯޑުގެ ނިންމުން"ގައި ޢަބްދުﷲ ޖާމިޢު ރަމަޟާން މަހުގައި ފަރުޟު ރޯދައަށްހުރެ، ފެން ބޮއެ ފަރުޟު ރޯދަ ދޫކޮށްލުމަކީ ޝަރުޢީ މައްސަލައެއްކަމަށް ވުމާއެކު، ޝަރީޢަތުން ގޮތެއް ނިންމުމަށްޓަކައި ޕީ.ޖީ އޮފީހަށް މައްސަލަ ފޮނުވަން ނިންމާފައިވާކަން އެނގެންއޮވެއެވެ. ބޯޑުގެ ޖަލްސާއަށް ޙާޟިރުވި މެންބަރުންގެ ތެރެއިން 7 ފަރާތަކުން މި ލިޔުމުގައި ސޮއިކޮށްފައިވެއެވެ.
ނަތީޖާއެއްގެ ގޮތުން، ޢަބްދުﷲ ޖާމިޢުގެ މައްޗަށް ޖިނާއީ ކޯޓުގައި ދަޢުވާ ކުރެވި، އޭނާގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. އެހެންނަމަވެސް، ޢަބްދުﷲ ޖާމިޢު އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުގެ ނަންބަރު 2009/HC-A/261 ގަޒިއްޔާއިން 15 އޭޕްރިލް 2015 ގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވެއެވެ. ޢަބްދުﷲ ޖާމިޢުއަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ހަވާލުކުރީ ޖިނާއީ ކޯޓުން ޙުކުމްކުރުމާއެކު، ހައިކޯޓުގެ މަރުހަލާ ނިމުމުގެކުރިންނެވެ. އަދި އެ އެންގުމުގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބެއްކަމަށް ބަޔާންކޮށްފައި އޮތީ ޖިނާއީ ކޯޓުން ޢަބްދުﷲ ޖާމިޢު 6 މަސް ދުވަހަށް އަރުވާލަން ޙުކުމްކޮށްފައިވާތީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކުރުމުގެ ފުރިހަމަ އިޚްތިޔާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިދެވިފައި އޮތްކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް އޭނާ ވަޒީފާއިން ވަގުތުން ވަކިކުރުމުގެ ބަދަލުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމީ އެ މައްސަލަ ޝަރުޢީ ކޯޓަކަށް ފޮނުވުމަށެވެ. ދެން އުފެދޭ ސުވާލަކީ، ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޙުކުމެއް ކުރުމަށްފަހު، އިސްތިއުނާފީ މަރުހަލާތަކުން މައްސަލައާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ޢަބްދުﷲ ޖާމިޢުގެ މައްޗަށް ކުށެއް ސާބިތުވެފައިވާކަން ބެލެވިދާނެތޯއެވެ.ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކޯޓުތަކުން ކުރާ މަދަނީ އަދި ޖިނާއީ ޙުކުމްތައް އިސްތިއުނާފު ކުރުމުގެ ޙައްޤަކީ މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުންލިބިދީފައިވާ ޙައްޤެކެވެ. އަދި ޤާނޫނުއަސާސީގެ 66 ވަނަ މާއްދާއަށް ބެލުމުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް އަދި ޤާނޫނެއްގެ ދަށުން ހަދާ ޤަވާޢިދެއްގައިވެސް، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤަކާ ފުށުއަރާގޮތަށް، ޤަވާޢިދެއްގެ މާއްދާއެއް ހިމަނައި އެމައްޗަށް ޢަމަލުކުރުމަކީ ޤާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫންކަން އެނގެއެވެ. އަދި ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތިން ކޮންމެ މީހަކަށްމެ ލިބިގެންވާކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އިން ކަށަވަރުކޮށްދީފައިވެއެވެ. ވުމާއެކު، ޝަރުޢީ ކޯޓަކުން ކުށް ސާބިތުވެ ޙުކުމެއް މީހެއްގެ މައްޗަށް އައިސްފައިވާކަމަށް ބެލެވޭނީ އެ ކޯޓަކުން ކުރި ޙުކުމެއް އެއީ އިސްތިއުނާފު މުއްދަތުތައް ފަހަނައަޅައި ދިއުމަށްފަހު ނިހާއީ ޙުކުމަކަށްވާ ފަހުންނެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކުރީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމުންނެވެ. އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުﷲ ޖާމިޢު އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޢަބްދުﷲ ޖާމިޢުގެ މައްޗަށް ކޯޓުން ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމެވެ.
އެހެންކަމުން، މި ހާލަތުގައި، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ ޢަބްދުﷲ ޖާމިޢު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިންނެއްނޫނެވެ. އެހެނީ، އެ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ހާލަތެއް ޢަބްދުﷲ ޖާމިޢުގެ މައްޗަށް ވުޖޫދުވެފައި ނުވާތީއެވެ.
ޢަބްދުﷲ ޖާމިޢުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމުން، އޭނާގެ ވަޒީފާ އަލުން އަނބުރާ ރުޖޫޢަކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، އެ އިދާރާއިން އެނާއަށް ފޮނުވި "އާއްމު ފަރާތްތަކުން ހުށަހަޅާ ސިޓީގެ ޖަވާބު" ގައި އޭނާއަށް ވަޒީފާ އަލުން އަނބުރާ ދިނުމަށް ނުފެންނަކަމަށް ބަޔާންކޮށްފައިއޮވެއެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ގަޒިއްޔާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިން "އާއްމު ފަރާތްތަކުން ހުށަހަޅާ ސިޓީގެ ޖަވާބު" އަކީ ޢަބްދުﷲ ޖާމިޢުއަށް ވަޒީފާ އަނބުރާ ނުދިނުމަށް ނިންމާފައިވާ ދެވަނަ ނިންމުންކަމަށް ބަލާފައިވެއެވެ.
ކޮންމެ މުވައްޒަފަކުވިޔަސް ވަޒީފާއިން ވަކިކުރާނަމަ އެކަށީގެންވާ ސަބަބެއް އޮންނަންވާނެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދިން "އާއްމު ފަރާތްތަކުން ހުށަހަޅާ ސިޓީގެ ޖަވާބު" އަކީ ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކުރުމަށް އޮތް ޤާނޫނީ ހުއްޖަތެއް ނޫނެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ރަމަޟާން މަހުގެ ދުވާލު ގަޑީގައި ރޯދައަށް ހުރެ ޢަބްދުﷲ ޖާމިޢު ފެން ބުއިމުން، އޭނާ ވަގުތުން ވަޒީފާއިން ވަކިކުރުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ އިދާރާގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދެވިފައިއޮތެވެ. އެހެންނަމަވެސް އެ އިޚްތިޔާރު ބޭނުންނުކޮށް ދޫކޮށްލުމަށް ނިންމީވެސް ހަމަ އެ އިދާރާއިންނެވެ. ޢަބްދުﷲ ޖާމިޢު އެންމެ ފުރަތަމަ ވަޒީފާއިން ވަކިކުރަން މެދުވެރިވި ސަބަބު ނެތި ދިއުމުން، އޭނާއަށް ވަޒީފާ އަނބުރާ ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމި ސަބަބު ނުވަތަ އެ ނިންމުން ބިނާވާ ހަމައަކީ ކޮބައިކަން އެނގޭކަށްނެތެވެ. އެހެންކަމުން، މި މައްސަލައިގައި ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ބަލަންޖެހޭނީ އޭނާއަށް ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައިވާ ސަބަބަށެވެ. އެގޮތުން ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މައްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޢަބްދުﷲ ޖާމިޢުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ނުވެއެވެ. އަދި އެ އަކުރުގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރަންޖެހޭ ހާލަތެއް ވުޖޫދުގައި ނެތެވެ.
ޙައްލު
ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން ނޫންކަމުން، ޢަބްދުﷲ ޖާމިޢުއަށް އޭނާ ކުރިން ހުރި ވަޒީފާ އަލުން އަނބުރާ ރުޖޫޢަކޮށްދެވިދާނެތޯ ބަލާއިރު، މިފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ޢާންމު ހަމަތަކެއް މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ބުނެވުނު ހަމަތަކަކީ ވަޒީފާއާބެހޭ ޤާނޫނާ ހަވާލާދީ ކަނޑައަޅާފައިވާ ކަންކަން ކަމުގައިވީނަމަވެސް، މި މައްސަލައިގައިވާ ހާލަތަށްވެސް އެ ހަމަތައް ތަޠުބީޤު ކުރެވިދާނެކަމަށް ޤަބޫލުކުރެވެއެވެ. އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ހާލަތްތަކުގެ ތެރެއިން އަންނަނިވި ހާލަތްތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ؛
(1) އަނބުރާ އިއާދަނުކުރެވޭނެ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން،
(2) ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން،
(3) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން،
(4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.
ހުށަހެޅިފައިމިވާ މައްސަލައިގައި ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކުރީ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުވި ދުވަސްކަމުގައިވާ 17 އޯގަސްޓް 2009 ގައެވެ. އެހެންކަމުން، ޢަބްދުﷲ ޖާމިޢު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރި ފަހުން 11 (އެގާރަ) އަހަރަށް ވުރެ ދިގު މުއްދަތެއް މިހާރު ފާއިތުވެއްޖެއެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި މަޤާމަކީ ޕޮލިސް ކޮންސްޓަބަލްގެ މަޤާމުކަން ފާހަގަކުރެވެއެވެ.
ޢަބްދުﷲ ޖާމިޢުއަށް 8 ނޮވެންބަރު 2006 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ ހަމަޖައްސައިދިންކަން އެނގެން އޮންނައިރު، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވާ 17 އޯގަސްޓް 2009 އިން ފެށިގެން 11 އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވާ ފަހުން، ޢަބްދުﷲ ޖާމިޢުގެ ވަޒީފާ އަލުން އަނބުރާ ރުޖޫޢަކުރަން އެންގުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމުގައި ނުދެކެމެވެ. އެހެނީ، ފާއިތުވި މުއްދަތުގެ ތެރޭގައި ފުލުހުންގެ ތެރެއަށް އަލަށް ރެކްރޫޓްކުރާ މީހުންގެ ޝަރުޠުތައް ބަދަލުވުމުގެ އިހުތިމާލު އޮތުމާއި، ޢަބްދުﷲ ޖާމިޢުއާ އެކު ރެކްރޫޓު ކުރި ފުލުހުންވެސް އިތުރު ތަމްރީންތައް ހަދައި، އެމީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފަދަ ކަންކަން މިހާރު ބަދަލުވުމުގެ ފުރުޞަތު އޮތްއިރު، ފުލުހުންކުރާ މަސައްކަތުގެ ޠަބީޢަތަށް ރިޢާޔަތްކުރުމާއެކު، ޢަބްދުﷲ ޖާމިޢުއަށް މިހާރު އެ އިދާރާއިން ޕޮލިސް ކޮންސްޓަބަލްގެ ވަޒީފާ ހަމަޖައްސައިދިނުމަށް އެންގުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވާތީއެވެ.
އެހެންކަމުން، ޢަބްދުﷲ ޖާމިޢު ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދާ ޚިލާފަށް ކަމުގައިވާތީ، ޢަބްދުﷲ ޖާމިޢުގެ ވަޒީފާ އަލުން އަނބުރާ ރުޖޫޢަކުރުމަށް އެންގުމުގެ ބަދަލުގައި، މި މައްސަލައިގައިވާ ހާލަތަށް އެންމެ ޢަދުލުވެރި ޙައްލަކީ ޢަބްދުﷲ ޖާމިޢުއަށް ގެއްލުމުގެ ބަދަލު ނަގައިދިނުމެވެ.
ޤާނޫނާ ގަވާއިދާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ރިޢާޔަތް ކުރަންޖެހޭ ކަންކަން މީގެ ކުރިން ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރެވިދާނެއެވެ.
(ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް
(ށ) ވަޒީފާގައި ހޭދަކުރި މުއްދަތު
(ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް
(ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް
(ބ) ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ
(ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ
(ކ) ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ، އަދި މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބެލުން
(އ) ވަޒީފާ ރުޖޫޢަކުރާ ޙާލަތްތަކުގައި މުވައްޒަފަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ
(ވ) ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުންކުރީތީވެކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭންޖެހޭތޯ
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ނަޒީފު ވ. ސިވިލް ސަރވިސް ކޮމިޝަން ގަޒިއްޔާގައި ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންވާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަމާމެދު މި މައްސަލައިގައި ޝަރުޢީ އެއްވެސް މަރުހަލާއެއްގައި ވާހަކަ ދައްކާފައިނުވެއެވެ. އެހެންނަމަވެސް މި މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ޢަބްދުﷲ ޖާމިޢުގެ ފަރާތުން ހުށަހެޅިއިރު، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ޢަބްދުﷲ ޖާމިޢު އެދިފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އިސްވެ ބަޔާންދެވިޔަ ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، އަދި މިނޫންވެސް މި ކޯޓުގެ އެހެނިހެން ގަޒިއްޔާތަކުގައި ކަމާގުޅުންހުރި އުސޫލުތަކަށް ރިޢާޔަތްކުރުމާއެކު، މި މައްސަލައިގައި ޢަބްދުﷲ ޖާމިޢުއަށް ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި މި މައްސަލައަކީ ސިވިލް ކޯޓުން އަލުން ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ވުމާއެކު، މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށްޓަކައި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/553 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލްކޮށް، ޢަބްދުﷲ ޖާމިޢު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ޢަބްދުﷲ ޖާމިޢުއަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށްޓަކައި މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށްޓަކައި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން މަޙާޒު ޢަލީ ޒާހިރު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.