ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2019/SC-L/90

ޙުސައިން ޝިޔާމް ވ. ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

ސުޕްރީމް ކޯޓުހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނު ނަންބަރު…
21 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 މާރިޗު 2020ދަށު ކޯޓު: ހައިކޯޓު HC-RM/2019/37(NR)ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
HC-RM/2019/37(NR)، 11/CV-C-HD/2016، 349/HMC/2015
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ގޯތި ވިއްކުމުގެ އެއްބަސްވުން ބާޠިލުކުރުމާމެދު ޙުސައިން ޝިޔާމް ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން ބަލާނެ ތަނެއް ނެތްކަމަށް ނިންމިއެވެ. އެ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާރު ބަލައިނުގަތުމުން، އެ ނިންމުމަށް ބަދަލު ގެނައުމަށް ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމިއެވެ.
ވާޤިޢާ
ހުޅުމާލޭގެ ގޯއްޗެއް ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙުސައިން ޝިޔާމްއާ ދެމެދު 27 ފެބްރުއަރީ 2007 ގައި އެއްބަސްވުމެއް ވެވުނެވެ. ގޯތީގެ އަގު އެއްބަސްވުމުގައިވާ ގޮތަށް ނުދައްކާ، ނޯޓިސް ދިނުމުންވެސް ނުދެއްކުމުން، އެއްބަސްވުން ބާޠިލުކޮށް ގޯތި ހަވާލުކުރުމަށް ކުންފުނިން އެންގިއެވެ. އެ އެންގުމަށް ޢަމަލުކުރަން ނުޖެހޭނެކަމަށާއި އެއްބަސްވުން ދެމިއޮތްކަމަށް ކަނޑައަޅައިދިނުމަށް އެދި އޭނާ ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނަށް މައްސަލަ ހުށަހެޅިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގެ ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުގެ ފަނޑިޔާރުން ނިންމީ ޤާނޫނާ އެއްގޮތަށްތޯއާއި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައިވާފަދަ އިސްތިއުނާފުކުރުމުގެ ސަބަބެއް ހައިކޯޓަށް ހުށަހެޅިފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޙުސައިން ޝިޔާމްގެ ފަރާތުން ބުނީ 21 މެއި 2015 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 3,040,870.13 ރުފިޔާ ހިސާބުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. ނަމަވެސް އެކަން ދަލީލުކުރާ ހެއްކެއް ދަށު ކޯޓުގައި ދެއްކިފައިނުވާކަމަށް ގާޟީ ފާހަގަކުރިއެވެ. ސުޕްރީމް ކޯޓުގެ އިޖުރާއީ އަޑުއެހުމުގައި ދެފަރާތުން ވާހަކަ ދެއްކި ނަމަވެސް، ނިންމުމުގައި ދެފަރާތުގެ ހުށަހެޅުންތައް ތަފްޞީލުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
ކޯޓުގެ ސަބަބުތައް
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް އިސްތިއުނާފުކުރެވޭނީ ގާނޫނީ ކުށެއް ނުވަތަ ބާޠިލު އިޖުރާއަތެއް ހުރުމުންނެވެ. ގޯހެއް ހަދާފައިވާކަމަށް ނުވަތަ ހެކިތަކަށް ރިޢާޔަތްނުކުރާކަމަށް ހަމައެކަނި ބުނުމުން އެ މިންގަނޑު ފުރިހަމަނުވެއެވެ. ހުއްދަ ދެވޭނީ ކާމިޔާބުވުމުގެ އެކަށީގެންވާ ފުރުޞަތެއް ހުރި ގާނޫނީ ބަހުސެއް ހުރުމުންނެވެ. ގޯތީގެ އަގު ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުންކަން ސާބިތުވެފައިވާއިރު، އިތުރު ސަބަބެއް ނުދައްކާތީ ހައިކޯޓުގެ ނިންމުން ޤާނޫނާ އެއްގޮތެވެ.

ނިންމުން

ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނު ނަންބަރު…

ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާފަދަ ސަބަބެއް އޮތްކަން ދެއްކިފައިނުވާތީ، ހައިކޯޓުގެ HC-RM/2019/37(NR) ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ފަނޑިޔާރުންގެ އިއްތިފާޤުން ނިންމި. ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގެ 11/CV-C-HD/2016 ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމި ނިންމުމެއްކަމަށް ކަނޑައެޅި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، ނުވަތަ ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން ހުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައިވުން ފަދަ މައިގަނޑު ދެ ހާލަތުން ހާލަތެއް މެދުވެރިވެފައި އޮތްނަމައެވެ.

HN2 ދަށު ކޯޓުގައި މައްސަލަ ބެލުމުގައި ހުރި އިޖުރާއީ އައިބުތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ފުދޭނީ، އަޑުއެހުން ބޭއްވުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން، ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ހުރަސް އަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން، ހުކުމުގައި ނުވަތަ ނިންމުމުގައި ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއިނެތުން، އަދި ހުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން ފަދަ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ލިސްޓުކޮށްފައިވާ އިޖުރާއީ އައިބުތަކެވެ.

HN3 ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން އެ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުންވެސް އެ މިންގަނޑަށް ވާސިލުނުވެވެއެވެ.

HN4 ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް، ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ނުވަތަ ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް، ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާ ބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. އެފަދަ ކަމެއް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.

HN5 ސާބިތު ހެއްކެއް ނެތި ކަމެއް ހިނގާފައިވާކަމަށް ނުވަތަ ހިނގާފައި ނެތް ކަމަށް ބެލުމާއި، ސާބިތު ހެއްކެއް ނެތި ކަމެއްގެ ހަގީގަތެއް އޮތް ކަމަށް ނުވަތަ ނެތްކަމަށް ބަލައިގެން އެއިން ވަކިގޮތަކަށް ކަމެއް ދޭހަކުރުމަކީ، އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތް ކަމަށް ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތް ކަމަށް ބެލެވިދާނެ ގޮތުގެ ބައެއް މިސާލުތަކެވެ.

HN6 އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ މިންގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަންޏެވެ. އެނޫން މައްސަލަތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރ އާއި ފަނޑިޔާރުންގެ ޒިއްމާއެކެވެ.

HN7 އިސްތިއުނާފުކުރުމަށް އިސްތިއުނާފީ ކޯޓުގެ ހުއްދަ ހޯދަން އޮންނަ އޮތުމަކީ، އަދުލު އިންސާފު ގާއިމުކުރަން ލިބިފައިވާ މަދު ވަސީލަތްތައް، މެރިޓެއް ނެތް މައްސަލަތައް ބަލައި އިސްރާފުވެގެން ނުދާނޭގޮތް ހެދުމުގެ ބޭނުމުގައި ގާނޫނުން ހަމަޖައްސާފައި އޮންނަ އޮތުމެކެވެ. އިސްތިއުނާފުކުރާނޭ ގާނޫނީ ސަބަބެއް ނެތް މައްސަލަތަކުގައި، ފައިސާ ދެއްކުން ލަސްކުރުމުގެ ބޭނުމުގައި ނުވަތަ ދަށު ކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި އިސްތިއުނާފީ މަރުހަލާގެ ބޭނުން ތައައްސަފީ ގޮތުން ބޭނުންކުރުން ހުއްޓުވައި އިންސާފުގެ ރާސްތާ ކުރު ކުރުމަކީ ކޯޓުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ.

HN8 އިސްތިއުނާފީ ދައުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ މިންގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އެ މައްސަލައަކީ އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް އޮތް މައްސަލައެއް ކަމަށްވާނަމައެވެ.

HN9 ވިއްކުމާގަތުން ހިމެނޭ ކޮންޓްރެކްޓެއްގެ ދަށުން ގަންނަން އެއްބަސްވާ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތަށް ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުމެވެ.

HN10 ގަންނަ ފަރާތުން އަގު އަދާކުރުމަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ދައްކާފައި ނުވާކަމަށް ދަށު ކޯޓަށް ސާބިތުވެފައިވާ ހިނދު، އަދި އެކަމަކީ ކޮންޓްރެކްޓުގެ ޖައުހަރީ މާއްދާއަކާއި ޚިލާފުވެފައި އޮތް އޮތުމެއް ކަމަށްވާއިރު، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެހެން އިތުރުކަމެއް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި ނެތްނަމަ، އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާ ނިންމުމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.

މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓު

ފޯމް ނަންބަރު: 2019/SC-L/90

ދަޢުވާކުރާ ފަރާތް: ޙުސައިން ޝިޔާމް، މ. ތްރީއޭވިލާ، މާލެ (ދ.ރ.ކާޑު ނަންބަރުA046496 )

ދަޢުވާ ލިބޭ ފަރާތް: ހައުސިންގ ޑިވެލްޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-793/2008)

މައްސަލައިގެ ބާވަތް: އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު

އިސްތިއުނާފުކުރެވުނު ނިންމުން

ނަންބަރު: HC-RM/2019/37(NR)

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތައާރުފު

[1]ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގެ ނަންބަރު 11/CV-C-HD/2016 (349/HMC/2015) ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައުވާ ރައްދުވާ ގޮތަށް މ. ތްރީއޭވިލާ، މާލެ، ޙުސައިން ޝިޔާމް (ދ.ރ.ކާޑު ނަންބަރުA046496 ) (މީގެ ފަހުން " ޙުސައިން ޝިޔާމް") ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބަލާއިރު، ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްްދާގައި ބުނާފަދަ ހާލަތެއް އޮތް ކަމަށް ނުފެންނާތީ، އެ މައްސަލަ ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރ ނިންމެވުމުން ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމުގެ ހުއްދައަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅިއެވެ.

[2]ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން އަލުން ބަލައިދިނުމުގެ ހުއްދައަށް އެދި ޙުސައިން ޝިޔާމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގެ ނަންބަރު 11/CV-C-HD/2016 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި އެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަނެވެނެް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރ ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ހަރުދަނާ މަގުބޫލު ސަބަބެއް ޙުސައިން ޝިޔާމްގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވެއެވެ.

[3]ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރ ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ހަރުދަނާ މަގުބޫލު ސަބަބެއް ޙުސައިން ޝިޔާމްގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމުމުން، އެ ނިންމުން އިސްތިއުނާފުކުރުމަށް ޙުސައިން ޝިޔާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

[4]އެހެންކަމުން، މިއީ، ޙުސައިން ޝިޔާމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދިނުމަށް ފެންނަ މައްސަލައެއްތޯ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބޭއްވި އިޖުރާއީ އަޑުއެހުމުގައި، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ޙުސައިން ޝިޔާމް އާއި އެ މައްސަލަ ރައްދުވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ދެއްކި ވާހަކަތަކާއި މި ދެފަރާތުން މި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމަށްފަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

[5]ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން، ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ޙުސައިން ޝިޔާމް އަށް ވިއްކުމާބެހޭ ގޮތުން މި ދެފަރާތުގެ ދެމެދުގައި 27 ފެބްރުއަރީ 2007 ދުވަހު އެގްރީމެންޓެއްގައި (މީގެ ފަހުން "އެގްރީމެންޓު") ސޮއިކުރިއެވެ.

[6]ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ގަތުމުގެ އަގުގެ ގޮތުގައި ވިއްކުމުގެ އެގްރީމަންޓުގެ ދަށުން ޙުސައިން ޝިޔާމްގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އަށް ދައްކަންޖެހޭ ފައިސާ އެގްރީމެންޓުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދައްކާފައި ނުވާތީވެ، އެއްބަސްވުމުގައިވާ ގޮތުގެމަތިން ދޭންޖެހޭ ނޯޓިސް ދިނުމުން އެ ނޯޓިސްގައިވާ ގޮތަށް ފައިސާ ދައްކާފައި ނުވާތީވެ، ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާ ހަވާލުކުރުމަށް ޙުސައިން ޝިޔާމް އަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން އެންގުމުން، ޙުސައިން ޝިޔާމްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނަށް ހުށަހެޅިއެވެ.

[7]އެ މައްސަލަ ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން ބެލުމަށްފަހު ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުން ނިންމަވާފައިވަނީ: ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ޙުސައިން ޝިޔާމް އާދެމެދު 27 ފެބްރުއަރީ 2007 ގައި ސޮއިކޮށްފައިވާ ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ގޯތީގެ އަގު އަދާކުރުމަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް ދައްކަންޖެހޭ ފައިސާ ދައްކައި އަގު އަދާކޮށްފައި ނުވާތީވެ، އެއްބަސްވުމުގައިވާ ފަދައިން އެއްބަސްވުން ބާތިލުކޮށް ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކުރުމަށް އެ ކުންފުނީގެ ފަރާތުން ޙުސައިން ޝިޔާމް އަށް އަންގާފައިވާ އެންގުމަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އަދި ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ވިއްކުމާބެހޭ ގޮތުން 27 ފެބްރުއަރީ 2007 ގައި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ގޯތި ވިއްކުމުގެ އެއްބަސްވުން ދެމިއޮތް ކަމަށް، ޝަރީއަތުން ބަލާނެ ތަނެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މައްސަލަ

[8]ސުޕްރީމް ކޯޓުން ބަލާ މި މައްސަލައަކީ، ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގެ ނަންބަރު11/CV-C-HD/2016 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙުސައިން ޝިޔާމްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގަނެވެނެް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ރަޖިސްޓްރަރ ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ފަދަ ހަރުދަނާ މަގުބޫލު ސަބަބެއް ޙުސައިން ޝިޔާމްގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ބުނެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ނިންމަވާފައިވާ ނިންމުން ނިންމަވާފައިވަނީ ގާނޫނާ އެއްގޮތަށްތޯ އާއި ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެމަތިން ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގެ ނަންބަރު 11/CV-C-HD/2016 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނޭ ސަބަބެއް ޙުސައިން ޝިޔާމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިފައިވޭތޯއެވެ.

ޤާނޫނު

[9]ދަށު ކޯޓަކުން ނިންމާ މައްސަލައެއް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް ހައިކޯޓަށް ހުށަހެޅޭނެ ހާލަތްތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައެވެ. އެ މާއްދާ ބުނާ ގޮތުން ދަށު ކޯޓަކުން ނިންމާ މައްސަލަތައް ނުވަތަ ޓްރައިބިއުނަލަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނީ މައިގަނޑު ދެ ހާލަތެއް މެދުވެރިވެފައި އޮތްނަމައެވެ. އެއީ:

(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.

(ށ) ހުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން ހުކުމަށް ނުވަތަ ނިންމުމަށް އަސަރުފޯރުވި އިޖުރާއަތަކީ ބާތިލު އިޖުރާއަތެއް ކަމުގައިވުން.

[10]މި ދެ ނުކުތާ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، ދަށު ކޯޓުގައި މައްސަލަ ބެލުމުގައި ހުރި އިޖުރާއީ އައިބުތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ފުދޭނީ ކޮން އިޖުރާއީ އައިބުތަކަކުންކަން 43 ވަނަ މާއްދާގައި ލިސްޓުކޮށްފައިވެއެވެ. އެއީ:

[11]އަޑުއެެހުން ބޭއްވުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.

[12]ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ ނުވަތަ ނިޔާވެރިއަކީ އެ މައްސަލައެއް ބެލުމަށް ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ހުރަސް އަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ނުވަތަ ނިޔާވެރިއަކު ކަމުގައިވުން.

[13]ހުކުމުގައި ނުވަތަ ނިންމުމުގައި ހުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއިނެތުން.

[14]ހުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.

[15]ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލުއިންސާފަށް ހުރަސް އެޅޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު ގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.

[16]ގިނަ ގައުމުތަކުގެ މަތީ ކޯޓުތަކުން އިސްތިއުނާފުކުރުމުގެ މައްސަލަތައް ބަލައިގަތުމުގައި ދަށު ކޯޓުގެ ފަނޑިޔާރު މައްސަލަ ނިންމެވި ގޮތާބެހޭ ގޮތުން ބަހުސްއުފެދޭ ކަމަށް ބުނުމުގެ އިތުރަށްވެސް އެކަމުގައި ކޯޓުން ބަލަންޖެހޭ އިތުރު ކަންކަން ހިމެނިގެންވާކަން ދައްކަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. މިސާލަކަށް އޮސްޓްރޭލިއާގެ ނިއުސައުތް ވޭލްސް ގެ ކޯޓް އޮފް އެޕީލް އިން ބުނެފައިވަނީ:

[17]“. . . an applicant for leave must demonstrate something more than that the trial judge was arguably wrong in the conclusion arrived at.”

[18]މި ބަޔާންކުރި ކަންކަން ފުޅާކޮށް އެ ކޯޓުން ނިންމި އެހެން ގަޒިއްޔާއެއްގައި ބުނެފައިވަނީ ތިރީގައިމިވާ ގޮތަށެވެ.

[19]“. . . that ordinarily it was appropriate to grant leave to appeal only concerning matters that involve issues of principle, questions of general public importance or an injustice which is reasonably clear, in the sense of going beyond [what is] merely arguable."

[20]ތިރީގައި ފާހަގަކޮށްފައިމިވަނީ، އިސްތިއުނާފުކުރަން ހުށަހަޅާ ހުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ގާނޫނާ ޚިލާފަށްކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތް ކަމަށް ނުވަތަ ގާނޫނު ތަތުބީގުކުރުމުގައި ނުވަތަ ގާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ގަބޫލުކުރެވޭ ސަބަބެއް އޮތް ކަމަށް ބެލެވިދާނެ ގޮތުގެ ބައެއް މިސާލުތަކެވެ.

(ހ) ސާބިތު ހެއްކެއް ނެތި ކަމެއް ހިނގާފައިވާކަމަށް ނުވަތަ ހިނގާފައި ނެތް ކަމަށް ބެލުން.

(ށ) ސާބިތު ހެއްކެއް ނެތި ކަމެއްގެ ހަގީގަތެއް އޮތް ކަމަށް ނުވަތަ ނެތްކަމަށް ބަލައިގެން އެއިން ވަކިގޮތަކަށް ކަމެއް ދޭހަކުރުން.

[21]އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންވާނީ، ހަމައެކަނި އިސްތިއުނާފަށް ހުށަހެޅުމަށް ހުއްދަދޭ މިންގަނޑު ގިރާކުރެވޭ މައްސަލަތަކުގައި އެކަންޏެވެ. އެނޫން މައްސަލަތަކުގައި އިސްތިއުނާފުކުރުމުގެ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުއްދަ ނުދިނުމަކީ ކޯޓުތަކުގެ ރަޖިސްޓްރާރ އާއި ފަނޑިޔާރުންގެ ޒިއްމާއެކެވެ. އިސްތިއުނާފުކުރުމަށް އިސްތިއުނާފީ ކޯޓުގެ ހުއްދަ ހޯދަން އޮންނަ އޮތުމަކީ، އަދުލު އިންސާފު ގާއިމުކުރަން ލިބިފައިވާ މަދު ވަސީލަތްތައް، މެރިޓެއް ނެތް މައްސަލަތައް ބަލައި އިސްރާފުވެގެން ނުދާނޭގޮތް ހެދުމުގެ ބޭނުމުގައި ގާނޫނުން ހަމަޖައްސާފައި އޮންނަ އޮތުމެކެވެ. ހަމައެއާއެކު، އިސްތިއުނާފުކުރާނޭ ގާނޫނީ ސަބަބެއް ނެތް މައްސަލަތަކުގައި، ކަނޑައެޅިގެން ފައިސާ ދައްކަންޖެހޭ ފަރާތަށް ފައިސާ ދެއްކުން ލަސްކުރުމުގެ ބޭނުމުގައި ނުވަތަ ދަށު ކޯޓުން ކުރަން އަންގާފައިވާ ކަމެއް ނުކޮށް ލަސްކުރުމުގެ ބޭނުމުގައި އެ މައްސަލައެއް ކޯޓުތަކުގެ އިސްތިއުނާފީ މަރުހަލާއަށް ވައްދައިގެން އެ މަރުހަލާގެ ބޭނުން ތައައްސަފީގޮތުން ބޭނުންކޮށް އަނެކުންނަށް ގެއްލުން ކުރުމުގެ ނިޔަތުގައި އެކަންކުރުން ހުއްޓުވައި އިންސާފުގެ ރާސްތާ ކުރު ކުރުމަކީ ކޯޓުތަކުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެކެވެ.

[22]އިސްތިއުނާފީ ދައުވާއަކީ އިސްތިއުނާފުކުރުމުގެ ހުއްދަ ކޯޓުން ދޭންޖެހޭ މިންގަނޑު ގިރާކުރާ މައްސަލައެއް ކަމަށް ކަނޑައަޅާނީ އެ މައްސަލައަކީ އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް އޮތް މައްސަލައެއް ކަމަށްވާނަމައެވެ.

[23]މި މައްސަލައަށް ބަލާއިރު، ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ޙުސައިން ޝިޔާމް އާ ދެމެދު 27 ފެބްރުއަރީ 2007 ގައި ސޮއިކޮށްފައިވާ ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ގޯތީގެ އަގު އަދާކުރުމަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ޙުސައިން ޝިޔާމް ދައްކާފައި ނުވާކަމަށް މި މައްސަލަ ބެލި ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަނުގައި ކުރެވުނު ޝަރީއަތަށް ސާބިތުވެފައިވެއެވެ. އަދި 21 މެއި 2015 ގެ ނިޔަލަށް އެއްބަސްވުމުގެ ދަށުން ޙުސައިން ޝިޔާމް ދައްކަންޖެހޭ 3,040,870/13ރ. (ތިން މިލިއަން ސާޅީސްހާސް އަށް ސަތޭކަ ހަތްދިހަ ރުފިޔާ ތޭރަ ލާރި) އަކީ އެހާތަނަށް ދައްކަންޖެހޭ ފައިސާކަމަށް ހިސާބުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށް ކަމަށް ޙުސައިން ޝިޔާމްގެ ފަރާތުން ބުނެފައިވާއިރު، އެ އަދަދު ހިސާބުކޮށްފައިވަނީ އެއްބަސްވުމާ ޚިލާފަށްކަން ދަލީލުކުރާ އެއްވެސް ހެއްކެއް ޙުސައިން ޝިޔާމްގެ ފަރާތުން ދެއްކިފައި ނުވާކަމަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަން ގައި މައްސަލަ ބެއްލެވި ގާޒީ ވަނީ ވިދާޅުވެފައެވެ.

[24]ވިއްކުމާގަތުން ހިމެނޭ ކޮންޓްރެކްޓެއްގެ ދަށުން ގަންނަން އެއްބަސްވާ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ގޮތަށް ނުދެއްކުމަކީ އެއްބަސްވުމުގެ ޖައުހަރީ މާއްދާއަކާ ޚިލާފުވުން ކަމުގައި ވާއިރު، މި މައްސަލައިގައި ހުޅުމާލެ ލޮޓް ނަންބަރު 10387 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ޙުސައިން ޝިޔާމް އާދެމެދު 27 ފެބްރުއަރީ 2007 ގައި ސޮއިކޮށްފައިވާ ގޯތި ވިއްކުމުގެ އެއްބަސްވުމުގެ ދަށުން ގޯތީގެ އަގު އަދާކުރުމަށް އެއްބަސްވުމުގައި އެއްބަސްވެފައިވާ ގޮތަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތަށް ޙުސައިން ޝިޔާމް ދައްކާފައި ނުވާކަމަށް ސިވިލް ކޯޓު ހުޅުމާލެ ޑިވިޝަން އަށް ސާބިތުވެފައިވާ ހިނދު، އަދި އެކަމަކީ ކޮންޓްރެކްޓުގެ ޖައުހަރީ މާއްދާއަކާއި ޚިލާފުވެފައި އޮތް އޮތުމެއް ކަމަށްވާއިރު، މިކަން ބަޔާންކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ އެހެން އިތުރުކަމެއް އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓަށް ހުށަހަޅާފައި އޮތްކަމަށް އެނގެން ނެތަތީވެ، މި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި އޮތް އޮތުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.

[25]ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރަޢުޔު:

[26]މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

[27]ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު:

[28]މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތް

[29]އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމާއެކު، ހައިކޯޓުގެ ނަންބަރުHC-RM/2019/37(NR) ނިންމުން އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މ. ތްރީއޭވިލާ، މާލެ، ޙުސައިން ޝިޔާމް ގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބަލާއިރު، ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރެވޭނެ ކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގައި ބުނާ ފަދަ ސަބަބެއް އޮތްކަމަށް މ. ތްރީއޭވިލާ، މާލެ، ޙުސައިން ޝިޔާމް އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެއްކިފައި ނުވާތީ، މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދު (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
  • ހައިކޯޓުގެ ގަވާއިދު (2011) ގެ 27 ވަނަ މާއްދާ

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ