މޫސާ ޙުސައިން ވ. އިބްރާހީމް ޔޫސުފް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2017/HC-A/139، 31/Cv-C/2012
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ބާކީ އަގާއި ވަކީލު ފީއާއި، ޝަރުޠު ޖަޒާއީގެ ދަށުން 286,192,032 ރުފިޔާގެ ޖޫރިމަނާ ނަގައިދިނެވެ. ހައިކޯޓުން ޖޫރިމަނާ ކުޑަކޮށް، އަޞްލީ އިލްތިޒާމާ އެއްހަމައަށް 227,570 ރުފިޔާއަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- 2006 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން މޫސާ ޙުސައިނާއި އިބްރާހީމް ޒަރީރު، އިބްރާހީމް ޔޫސުފްގެ އަތުން 240,000 ރުފިޔާގެ މުދާ ގަތެވެ. އަގަށް ދިން ޗެކްތައް ބައުންސްވިއެވެ. އަގު ނުދައްކައިފިނަމަ ނުދެއްކިވާ ފައިސާގެ 80% ދުވާލަކަށް ޖޫރިމަނާގެ ގޮތުގައި ދިނުމަށް އެއްބަސްވުމުގައި ވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވިއްކި މުދަލުގެ އަގު ނުދައްކައިފިނަމަ ނުދެއްކިވާ ޢަދަދުގެ 80% ދުވާލަކަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭނެ ކަމަށް އެއްބަސްވުމުގައިވާ ޝަރުޠު ޖަޒާއީ ތަންފީޒުކޮށް ޖޫރިމަނާ ފައިސާ ނަގައިދެވިދާނެތޯ، އަދި ހައިކޯޓުން ޖޫރިމަނާ ކުޑަކޮށް އަޞްލީ އިލްތިޒާމާ އެއްހަމައަށް ނަގައިދިނުން ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- މޫސާ ޙުސައިނާއި އިބްރާހީމް ޒަރީރު ބުނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދެވެނީ ގެއްލުމެއް ވެގެން ކަމަށާއި، ޖޫރިމަނާއަކީ އިންތިހާއަށް ބޮޑު ޢަދަދެއް ކަމަށެވެ. އިބްރާހީމް ޔޫސުފް ބުނީ އެއްބަސްވެފައިވާ ޖޫރިމަނާ ތަންފީޒުކުރަންޖެހޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޝަރުޠު ޖަޒާއީއާ ގުޅޭ ގޮތުން މިހާރު ޢަމަލުކުރަނީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙްގެ ހަމަތަކަށެވެ. 13 ވަނަ މާއްދާއަކީ ސާނަވީ އިލްތިޒާމެއް ކަމަށާއި، ޖޫރިމަނާގައި ޞައްޙަ މަސްލަޙަތެއް ސާބިތު ނުވާތީއާއި އެއީ ނުބައްދަލު މާލީ އުޤޫބާތެއް ކަމުން އެ މާއްދާ ތަންފީޒު ނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ 2017/HC-A/139 ޙުކުމުގައި ޖޫރިމަނާ ފައިސާގެ ގޮތުގައި 227,570 ރުފިޔާ މޫސާ ޙުސައިނާއި އިބްރާހީމް ޒަރީރު އިބްރާހީމް ޔޫސުފަށް ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކުރެވުނެވެ. ހައިކޯޓުގެ ޙުކުމުގައި ސާބިތުވެފައިވާ، މުދަލުގެ އަގުން ނުދެއްކިވާ 227,570 ރުފިޔާއާއި ޤާނޫނީ ވަކީލު ފީގެ ގޮތުގައި 20,000 ރުފިޔާ (ޖުމްލަ 247,570 ރުފިޔާ) އިބްރާހީމް ޔޫސުފަށް ދެއްކުމަށްޓަކައި، ޙުކުމްކުރި ދުވަހުން ފެށިގެން 30 މަސްދުވަހުގެ ތެރޭގައި މަހަކަށް ޖެހޭ ޢަދަދެއް ސިވިލް ކޯޓަށް ދެއްކުމަށް މޫސާ ޙުސައިނާއި އިބްރާހީމް ޒަރީރަށް އަންގައި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެވުނެވެ. ސިވިލް ކޯޓުން ނަގައިދިން ޖޫރިމަނާ އަލުން ޤާއިމުކުރުމަށް އިބްރާހީމް ޔޫސުފް (2021/SC-A/38) އެދުނު އެދުން ކާމިޔާބު ނުވިއެވެ.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސިވިލް ކޯޓުން ދަރަނި ސާބިތުވެފައިވާ ފަރާތްތަކާ ދެމެދު އެ ދަރަނި ހަމަހަމައަށް ބަހާލުމަށް ހައިކޯޓުގައި ބަހުސްކުރެވި ގޮތެއް ކަނޑައެޅިފައި ނުވާއިރު، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބިނާކުރެވުނީ ޖޫރިމަނާ ފައިސާ އެކަނި ނަމަ، ދަރަނި ދައްކަންޖެހޭ ނިސްބަތް ހައިކޯޓުން ބަހާލާފައި ނުވާކަމަށް ބުނެ އިޝާރަތްކުރާ ނުކުތާ އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރު ނުކުތާ އެކެވެ.
HN2 ޖޫރިމަނާ ފައިސާ އާ ގުޅޭގޮތުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި، އެ ޤަޟިއްޔާގައި ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ހަމަތަކުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ހިޖުރަކޮށްފައެވެ. މިހާރު ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރެވެނީ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށެވެ.
HN3 ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ޚުލާޞާ އަކީ، ޖަޒާއީ ޝަރުޠެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާ އަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައި ދިނުމާމެދު ގޮތެއް ނިންމުމެވެ. އަދި މިފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާ އަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަމައެވެ.
HN4 އެއްބަސްވުމެއްގައި ހިމަނާފައިވާ މާއްދާ އަކީ ޖަޒާއީ ޝަރުޠެއްތޯ ބެލުމުގައި، ކަމާގުޅޭ މާއްދާ އަކީ އަސާސީ އިލްތިޒާމްއަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއްތޯއާއި، އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތު (އެއްބަސްވުމާ ޚިލާފުނުވާ ފަރާތް) ގެ ޞައްޙަ މަސްލަހަތުގެ ތަބީއަތާއި މިންވަރާއި، ސާނަވީ އިލްތިޒާމުގެ ނަތީޖާ އަކީ މައުސޫމް ފަރާތުގެ ޞައްޙަ މަސްލަހަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުންތޯ ބަލަންވާނެއެވެ.
HN5 އެއްބަސްވުމެއްގެ ދަށުން އަސާސީ އިލްތިޒާމެއްކަމަށް ބަލަނީ އެ އެއްބަސްވުމުގައި އެއް ފަރާތުން ކުރާނެކަމަށް ވައުދުވާ ކަންކަމަށެވެ. މިއާ ޚިލާފަށް ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފެދޭ އިލްތިޒާމެވެ. އާންމުކޮށް އެ ހާލަތުގައި އުފެދޭ ސާނަވީ އިލްތިޒާމުގައި ހިމެނޭނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުންނެވެ.
HN6 ކޯޓުން ބަލާނީ ސާނަވީ އިލްތިޒާމެއް ފުރިހަމަ ކުރުމުން މަންފާ ލިބޭ ފަރާތް ނުވަތަ މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތު ތަކެއް ހިމާޔަތްކުރެވިގެންދޭތޯ އާއި އެ މަސްލަޙަތުގެ ތަބީއަތާއި މިންވަރަށެވެ. ޞައްޙަ މަސްލަޙަތެއް ސާބިތުކޮށް ދިނުމުގައި މައުސޫމް ފަރާތަށް ލިބޭ މާލީ ގެއްލުމުގެ އިތުރުން، އެހެނިހެން ވިޔަފާރީގެ ގެއްލުން ސާބިތުކޮށް ދެވިދާނެއެވެ.
HN7 މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތު ހިމާޔަތްކުރުން އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތުން އުފުލަންޖެހޭ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތަކަށް ވެގެން ނުވާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތު ސާބިތުކޮށް ދިނުމަކުން އަދި ނުފުދެއެވެ. މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތާއި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ސާނަވީ އިލްތިޒާމްގެ ދަށުން އުފުލަންޖެހޭ ބުރަ ނުބައްދަލު ވެގެން ނުވާނެއެވެ.
HN8 ޝަރުޠު ޖަޒާއީއާ ގުޅޭ ހަމަތައް އެއްބަސްވުމުގެ މާއްދާއަކަށް ތަތުބީޤުކުރެވޭއިރު، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދެވޭ އަދަބެއްގެ ގޮތުން ދައްކަންޖެހޭ ކޮންމެ ފައިސާ އަކީ އެއީ ޖޫރިމަނާ ގޮތުގައި ވިޔަސް ނުވަތަ މި ނޫންވެސް ނަމެއްގައި ކަނޑައެޅިފައި ހުންނަ މާލީ އިލްތިޒާމުތައް ހިމެނޭ މާއްދާތައް ކޯޓުތަކުން ތަންފީޒު ނުކޮށްދިނުމެވެ.
HN9 އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ނުދެއްކިއްޖެނަމަ އެ ހިނދަކު ނުދެއްކިވާ ފައިސާގެ ޢަދަދުގެ އިންސައްތައަކަށްވާ ފައިސާގެ އަދަދެއް ޖޫރިމަނާގެ ގޮތުގައި ދުވާލަކު ދައްކަންޖެހޭނެ ކަމަށް ބަޔާންކުރާ ޝަރުތަކީ ސާނަވީ އިލްތިޒާމެކެވެ. އެއީ އެއްބަސްވެފައިވާ ގޮތަށް މުދަލުގެ އަގު ދެއްކުމަށް އޮތް އަސާސީ އިލްތިޒާމާ ޚިލާފުވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ތަބައީ އިލްތިޒާމެކެވެ.
HN10 އެއްބަސްވުމުގައިވާ ޖޫރިމަނާ ފައިސާ އަކީ ސާނަވީ އިލްތިޒާމެއް ކަމާއި، ހޯދުމަށް އެދޭ ފައިސާގައި ޞައްޙަ މަސްލަޙަތެއް އޮތްކަން ސާބިތު ނުވާހިނދު، އަދި ހޯދުމަށް އެދޭ ފައިސާ އަކީ މުދަލުގެ އަގު ނުދެއްކުމުގެ ސަބަބުން ކަނޑައެޅިފައިވާ އަދާ ނުކުރެވޭނެވަރު ބޮޑު މާލީ އުޤޫބާތެއްކަމަށް ވާހިނދު، އެ ޖޫރިމަނާ ފައިސާ ލިބިދިނުމަށް އެ މާއްދާ ތަންފީޒުކުރެވިދާނެ ކަމަކަށް ނުދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހިމް ޢަލީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޝަހީމް އަޙްމަދު
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 02 އިސްތިއުނާފީ މައްސަލަ ހުށަހެޅުނެވެ.
(ހ) ފުރަތަމަ މައްސަލަ އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/36 ޤަޟިއްޔާ އިން ބެލިފައިވާ ކ. މާލެ، މއ. ސައިނާހިޔާ، އިބްރާހީމް ޔޫސުފްގެ މައްޗަށް ރައްދުވާ ގޮތަށް ސ. މަރަދޫފޭދޫ، ފެހި، މޫސާ ޙުސައިން ހުށަހެޅި މައްސަލަ އެވެ.
(ށ) ދެވަނަ މައްސަލަ އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/38 ޤަޟިއްޔާ އިން ސ. ހިތަދޫ، ޝާން، އިބްރާހީމް ޒަރީރު އާއި ސ. މަރަދޫފޭދޫ، ފެހި، މޫސާ ޙުސައިންގެ މައްޗަށް ރައްދުވާ ގޮތަށް ކ. މާލެ، މއ. ސައިނާހިޔާ، އިބްރާހީމް ޔޫސުފް ހުށަހެޅި މައްސަލަ އެވެ.
2މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު، ބުނެވުނު 02 އިސްތިއުނާފީ މައްސަލަ އެއްކޮށް ހިންގުމަށްފަހު، އެ 02 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ. އަދި މި 02 އިސްތިއުނާފީ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު 2021/SC-A/36 މައްސަލައަށް އިބްރާހީމް ޒަރީރު ވަނީ ތަދައްޚުލު ވެފައެވެ.
3މި 02 މައްސަލައިގައިވާ މައުޟޫއަކީ އިބްރާހީމް ޔޫސުފް އާއި މުސާ ޙުސައިން އަދި އިބްރާހީމް ޒަރީރު ޝާމިލުވެފައިވާ މުއާމަލާތެއްގައި އެއްބަސްވެފައިވާ ގޮތަށް މޫސާ ޙުސައިން މުދަލުގެ އަގު ނުދެއްކުމުގެ ސަބަބުން އެއްބަސްވެފައިވާ ފަދައިން އިބްރާހީމް ޔޫސުފް ޖަޒާއީ ޝަރުޠު ތަންފީޒުކޮށް ޖޫރިމަނާ ފައިސާ ހޯދުމެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
4ފަތުރުވެރިންނަށް ވިއްކާ އެކި ބާވަތުގެ މުދާ ތަކެއް ("މުދާ") ގަތުމާއި ވިއްކުމާއި ބެހޭގޮތުން މުދާ ވިއްކާ ފަރާތުގެ ހައިސިއްޔަތުން އިބްރާހީމް ޔޫސުފް އާއި މުދާ ގަންނަ ފަރާތުގެ ހައިސިއްޔަތުން މޫސާ ޙުސައިން އަދި އިބްރާހީމް ޒަރީރުގެ މެދުގައި 01 އޮކްޓޫބަރު 2006 ގައި އެއްބަސްވުމެއްގައި ("އެއްބަސްވުން") ސޮއިކުރެވުނެވެ.
5މި އެއްބަސްވުމުގެ ދަށުން ގަނެފައިވާ މުދަލުގެ ޖުމްލަ އަގަކީ 240,000/-ރ. (ދެލައްކަ ސާޅީސްހާސް ރުފިޔާ) އެވެ. އަދި އެއްބަސްވުމުގެ 06 ވަނަ މާއްދާގައި އެއްބަސްވުމުގެ ދަށުން ގަންނަ މުދަލުގެ އަގު މުދަލުގެ ވެރިފަރާތަށް 01 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ދައްކަން އޮވެއެވެ. މި މުއްދަތުގެ ތެރޭގައި 06 (ހައެއް) ފަހަރެއްގެ މަތިން ފައިސާ ދައްކަން އެއްބަސްވެ، އެއްބަސްވުމުގެ 9 ވަނަ މާއްދާ އާއި 10 ވަނަ މާއްދާ ގައިވާ ގޮތުގެމަތިން ކަނޑައެޅޭ ތާރީޚުގައި ފައިސާ ދައްކާ ޚަލާސްކުރުމަށްޓަކައި 06 ޗެކެއް އިބްރާހީމް ޒަރީރު ދޫކޮށްފައި ވެއެވެ.
6އެއްބަސްވުމުގެ 13 ވަނަ މާއްދާގައި މުދަލުގެ އަގު ކަނޑައެޅިފައިވާ މުއްދަތަށް ނުލިބިއްޖެނަމަ، ނުދެއްކިވާ ފައިސާގެ 80% (އަށްޑިހަ އިންސައްތަ) އަށްވާ ފައިސާ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް ދިނުމާއި އަދި ވަކީލުގެ އުޖޫރައަށް 20,000/-ރ. (ވިހިހާސް ރުފިޔާ) އެއްފަހަރާ އިބްރާހީމް ޔޫސުފްއަށް ދިނުމަށް އިބްރާހީމް ޒަރީރު އާއި މޫސާ ޙުސައިން އެއްބަސްވެފައި ވާކަން އެނގެން އޮވެއެވެ.
7އިބްރާހީމް ޔޫސުފްގެ އަތުން ގަނެފައިވާ މުދަލުގެ އަގަށްވާ 240,000/-ރ. (ދެލައްކަ ސާޅީސްހާސް ރުފިޔާ) ގެ ތެރެއިން ނުދައްކާ އޮތް 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އާއި އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާއަށްވާ 80% (އަށްޑިހަ އިންސައްތަ) ފައިސާ އާއި ވަކީލުގެ އުޖޫރައަށްވާ 20,000/-ރ. (ވިހިހާސް ރުފިޔާ) އެކީ އެއްފަހަރާ ހޯދުމަށް އެދި އިބްރާހީމް ޔޫސުފްގެ ފަރާތުން މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
ސިވިލް ކޯޓުން ނިންމިގޮތް
8މުދަލުގެ އަގާއި ޖޫރިމަނާ އާއި ވަކީލު ފީ ހޯދުމަށްޓަކައި އިބްރާހީމް ޔޫސުފް ސިވިލް ކޯޓުގައި ދައުވާކުރުމުން މި މައްސަލަ ނިމިފައި ވަނީ އޭނާއާ އެއްކޮޅަށެވެ. ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައި ވެއެވެ.
މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އިބްރާހީމް ޒަރީރުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ހުޅުވާފައިވާ އެކައުންޓުން އޭނާ ދޫކޮށްފައިވާ 06 ޑޭޓެޑް ޗެކަށް، އެ ޗެކްތައް ދޫކުރި ތާރީޚުތަކުގައި ބަރާބަރަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން ޗެކް ދޫކުރި އިބްރާހީމް ޒަރީރު ދީފައިވާކަން.
އެއްބަސްވުމުގެ 13 ވަނަ މާއްދާގައި އިސްވެ ބުނެވުނު ޗެކްތަކުގެ ތެރެއިން ޗެކެއްގެ މައްސަލައެއްގައި ޝަރީޢަތުގެ މަރުޙަލާ އާއި ހަމައަށް ދާންޖެހިއްޖެނަމަ އެ ފައިސާ ދިނުމަށް ކަނޑައެޅިފައިވާ ދުވަހުން ފެށިގެން އެ ފައިސާ އިބްރާހީމް ޔޫސުފް އަށް ލިބުމަށް ދާންދެން ފައިސާ ނުލިބިވާ ކޮންމެ ދުވަހަކަށް ނުދެއްކިވާ ފައިސާގެ 80% (އަށްޑިހަ އިންސައްތަ) އަށްވާ ފައިސާ ޖޫރިމަނާގެ ގޮތުގައި އާއި ވަކީލުގެ އުޖޫރައަށްވާ 20,000/-ރ. (ވިހިހާސް ރުފިޔާ) އިބްރާހީމް ޔޫސުފްއަށް ދިނުމަށް މޫސާ ޙުސައިން އަދި އިބްރާހީމް ޒަރީރު އެއްބަސްވެފައި ވާކަން.
އެއްބަސްވުމުގައި ހިމެނޭ މުދާ އެ އަގަށް އެއްބަސްވެ އިބްރާހީމް ޔޫސުފްގެ އަތުން ގަނެ އެ މުދާ ލިބިގަތްފައިވާ ކަމަށް މުދާ ގަތް ފަރާތް ކަމުގައި އެއްބަސްވުމުގައި ބަޔާންވެގެންވާ މޫސާ ޙުސައިން ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައި ވާކަން.
ބަޔާންވެދިޔަ ޗެކްތަކަށް އެ ތާރީޚު ތަކުގައި އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން ފައިސާ ނުލިބި ޗެކްތައް ބައުންސްވެފައި ވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުން.
މުދަލުގެ އަގުގެ ތެރެއިން 12,430/-ރ. (ބާރަހާސް ހަތަރުސަތޭކަ ތިރީސް ރުފިޔާ) ފިޔަވައި އެއްވެސް ފައިސާއެއް މިހާތަނަށް ދައްކާފައި ވާކަން ޝަރީޢަތަށް ސާބިތު ނުވާކަން.
ވުމާއެކު، މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ދައްކަންޖެހޭ ބާކީ ޢަދަދަކީ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) ކަމާއި އެއްބަސްވުމުގައި ބަޔާންވެގެންވާ ގޮތުގެމަތިން އެ ފައިސާ ދީފައި ނުވާތީވެ، އެއްބަސްވުމުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޖަޒާޢީ ޝަރުތެއްގެ ގޮތުގައި ދޭންޖެހޭ ޖޫރިމަނާ ދައްކަން ޖެހޭކަން.
މިގޮތުން މި ރައުޔުގެ 8.6 ގައި ބަޔާންކުރާ އަގުގެ ތެރެއިން ނުދެއްކިފައިވާ ފައިސާގެ 80% (އަށްޑިހަ އިންސައްތަ) 182,056/-ރ. (އެއްލައްކަ އަށްޑިހަ ދެހާސް ފަންސާސް ހަ ރުފިޔާ) އަކީ ދުވާލަކަށް ޖޫރިމަނާ ފައިސާގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަމާއި، މުދަލުގެ އަގު އަދާކުރުމަށް ދީފައިވާ އެންމެ ފަހުގެ ޑޭޓެޑް ޗެކްގެ ތާރީޚު ކަމުގައިވާ 07 ސެޕްޓެންބަރު 2007 އިން ފެށިގެން ޖޫރިމަނާ ފައިސާ ހޯދުމަށް އެދިފައިވާ އެންމެ ފަހު ތާރީޚް ކަމުގައިވާ 29 ޑިސެންބަރު 2011 ގެ ނިޔަލަށް ވޭތުވެފައިވާ 1572 ދުވަހުގެ ނިޔަލަށް އަރާފައިވާ ޖުމްލަ 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިޔަ ދެހާސް ތިރީސް ދެރުފިޔާ) އާއި ވަކީލުގެ އުޖޫރައަށް ދޭން އެއްބަސްވެފައިވާ 20,000/-ރ. (ވިހިހާސް ރުފިޔާ) އާއި އެކު ޖުމްލަ 286,212,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިޔަން ދެލައްކަ ބާރަހާސް ތިރީސް ދެ ރުފިޔާ) މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ ފަރާތުން އިބްރާހީމް ޔޫސުފްއަށް ދޭންޖެހޭ ފައިސާއެއް ކަން.
9ބަޔާންވެދިޔަ ގޮތަށް މި މައްސަލަ ނިމުމާ ވިދިގެން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
10ސިވިލް ކޯޓުގެ ނިންމުން މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާ އިން އެ މައްސަލަ ބެލިއެވެ. އެ ދެފަރާތުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ ސިވިލް ކޯޓުން ކަނޑައަޅާފައިވާ ޖޫރިމަނާގެ މައްޗަށެވެ. ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކުރާ މުދަލުގެ އަގުގެ ތެރެއިން ނުދެއްކިވާ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އާއި ވަކީލު ފީ ގޮތުގައި ކަނޑައަޅާފައިވާ 20,000/-ރ. (ވިހިހާސް ރުފިޔާ) ދެއްކުމަށް މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ ދެބަސްވުމެއް ނެތްކަން އެނގެއެވެ.
11ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައަޅާފައި ވަނީ ޖޫރިމަނާ ފައިސާގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ޚުލާސާ ތިރީގައި އެ ވަނީއެވެ.
ސިވިލް ކޯޓުގެ ޙުކުމުގައި އެއްބަސްވުމުގެ ދަށުން ގަނެފައިވާ މުދަލުގެ އަގަށް މުދާ ގަތް ފަރާތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދީވާ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އަކީ މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ ފަރާތުން އިބްރާހީމް ޔޫސުފްއަށް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ބަޔަށް ތާއީދުކުރުން.
މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު މުދާ ގަތްފަރާތުގެ ހައިސިއްޔަތުން ދައްކަންޖެހޭ ފައިސާގެ ތެރެއިން 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) ދީފައި ނުވާތީ ޖަޒާއީ ޝަރުޠުގެ ދަށުން ޖޫރިމަނާގެ ގޮތުގައި 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ތިރީސް ދެ ރުފިޔާ) މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ ފަރާތުން އިބްރާހީމް ޔޫސުފްއަށް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކުރުން.
ޖޫރިމަނާ ފައިސާގެ ޢަދަދު މި މުއާމަލާތުގެ އަޞްލީ އިލްތިޒާމާ އެއްހަމަ އަކަށް ކުޑަކޮށް، މި މައްސަލައިގައި ނަގައިދެވޭ ޖޫރިމަނާގެ ޢަދަދަކީ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) ކަމަށް ކަނޑައަޅައި ޙުކުމްކުރުން.
ބަޔާންވެދިޔަ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ލިމިޓެޑް އާއި މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް އަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަރޯސާވެފައި ވެއެވެ.
ޖަޒާއީ ޝަރުތަކީ ދެފަރާތެއްގެ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގެ ދަށުން އެ ކޮންޓްރެކްޓުގެ ބައިވެރިއެއްގެ މައްޗަށް އަދާކުރުން ލާޒިމުވާ އިލްތިޒާމެއް އަދާ ނުކުރުމުން ނުވަތަ އެ އިލްތިޒާމެއް އަދާނުކޮށް ލަސްކުރުމުގެ ސަބަބުން ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު މިންވަރު ތަސައްވަރުކޮށް ކުރިއާލައި ކަނޑައަޅައި، ވެވޭ އެއްބަސްވުމަކަށް ނުވަތަ ޝަރުތަކަށް ވާހިނދު، މިފަދަ ބަދަލު ތަކަކީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގައި ހިމެނިދާނެ އަދި ކޯޓުތަކުން ނަގައިދެވިދާނެ ބަދަލެއްކަން އެނގެއެވެ.
ޖަޒާއީ ޝަރުތަކީ އެކަށީގެންވާ މުނާސިބު ބަދަލަކަށް ވާންޖެހޭނެ ކަމާއި އެ ބަދަލު ކަނޑައެޅުމުގައި ތައައްސުފުވެ ލިބޭ ގެއްލުމާ އެކަށީގެން ނުވާވަރުގެ މާބޮޑު މިންވަރެއްގެ ބަދަލަކީ އިސްލާމީ ޝަރީޢަތާއި މި ޒަމާނުގެ ތަފާތު ޤާނޫނީ ނިޒާމު ތަކުގައި އިސްތިޤުރާރު ވެފައިވާ އަޙްކާމުތަކާ ޚިލާފުކަމެއް ކަމާއި، އަދި ބައެއް ނިޒާމުތަކުގައި ޖަޒާއީ ޝަރުޠުގެ މިންވަރު އެ ކޮންޓްރެކްޓުގެ އަޞްލީ އިލްތިޒާމަށްވުރެ ބޮޑުވުން ހުއްދަ ނުކުރެއެވެ.
12ވުމާއެކު، މި މައްސަލައިގައި އަސްލީ އިލްތިޒާމް އަކީ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) ކަމަށް ވެފައި، ޖަޒާއީ ޝަރުޠުގެ ދަށުން ދުވާލަކަށް އެ ޢަދަދު 80% (އަށްޑިހަ އިންސައްތަ) އަށްވާ ޖޫރިމަނާ ފައިސާގެ ގޮތުގައި ކޮންމެ ދުވަހަކަށް 182,056/-ރ. (އެއްލައްކަ އަށްޑިހަ ދެހާސް ފަންސާސް ހަ ރުފިޔާ) ގެ ނިސްބަތުން ޖުމްލަ 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ތިރީސް ދެ ރުފިޔާ) ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ ލިބިދާނެ ގެއްލުމަކާ ނުބައްދަލު އަދި އެފަދަ ގެއްލުމަކަށް ފަރުވާ ލިބިދިނުމަށް ގަބޫލުކުރެވޭ މިންވަރަށް ވުރެ ބޮޑު ޢަދަދަކަށްވާތީ އެ ޢަދަދަކީ އަޞްލީ އިލްތިޒާމުގެ ދަށުން އަދާކުރަންޖެހި އަދާނުކުރެވިވާ ޢަދަދަށްވުރެ އެތަށްހާސް ގުނައަށްވުރެ ވެސް ބޮޑު ޢަދަދަކަށްވާތީ އެއީ ލިބިދާނެކަމަށް ތަޞައްވުރުކުރެވޭ ނުވަތަ ބެލެވޭ ގެއްލުމަކާ ނުވަތަ ފާއިތުވެދާނޭ މަޞްލަޙަތަކާ ނުވަތަ ފައިދާއަކާ ނުބައްދަލު އެކަށީގެންވާ ވަރަށްވުރެ ތަޢައްސުފުކޮށް، ޝަރުޠު ޖަޒާއީގެ ދަށުން ކޯޓުން ނަގައިދެވޭ ބަދަލުގެ މިންވަރާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާ ފުށުއަރާގޮތަށް ކަނޑައަޅާފައިވާ މިންވަރެކެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވުނެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި 02 މައްސަލައެއް ހުށަހެޅުނެއެވެ. މިގޮތުން މޫސާ ޙުސައިން ހުށަހެޅި މައްސަލައަށް ބަލާލުމަށްފަހު އިބްރާހީމް ޔޫސުޕް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްޗަށް ބަލާލާނަމެވެ. އަދި އިބްރާހީމް ޒަރީރު ތަދައްޚުލުވެ ފާހަގަކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ވެސް ބަލާލަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/36 ޤަޟިއްޔާ
15މޫސާ ޙުސައިން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/36 ޤަޟިއްޔާ އެވެ. މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އޭނާ ހުށަހަޅާފައިވާ 03 ނުކުތާ ތިރީގައި އެ ވަނީއެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާ ނިންމާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާއި ފުށުއަރާ ގޮތަކަށް ކަމާއި، މިއީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރެވޭ ޢާއްމު އުޞޫލުތަކުގެ ދަށުން ކޮން އަސާސެއްގެ މައްޗަށް ބިނާކޮށް ނަގައިދެވިފައިވާ ޖޫރިމަނާއެއްކަން ސާފުވާން ނެތުން.
(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާ އިން މޫސާ ޙުސައިން، އަސްލީ އިލްތިޒާމުގެ ދަށުން އަދާ ނުކުރެވިވާ ފައިސާގެ 100% (ސަތޭކަ އިންސައްތަ) ޖޫރިމަނާވާ ގޮތަށް ކަނޑައެޅުއްވި އެޅުއްވުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫންކަން.
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާ އިން މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ މައްޗަށް ފައިސާ ދެއްކުމަށް ކަނޑައެޅުއްވިއިރު، ދެމީހުންނަށް ވަކިން ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައެޅިފައި ނުވުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫންކަން.
އިބްރާހީމް ޒަރީރުގެ ފަރާތުން ތަދައްޚުލުވެ ފާހަގަކުރި ނުކުތާތައް
16މޫސާ ޙުސައިން ހުށަހަޅާފައިވާ އިސްތިއުނާފަށް ތަދައްޚުލުވެ ހުށަހަޅާފައި ވަނީ އަންނަނިވި 03 ނުކުތާއެވެ.
(ހ) ދިވެހިރާއްޖޭގެ ހައިކޯޓު ނަންބަރު 2017/SC-A/139 ޤަޟިއްޔާ ނިންމާފައި ވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާ ޚިލާފު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ޢަމަލުކުރެވޭ އުސޫލުތަކުގެ ދަށުން ކޮން އަސާސެއްގެ ޖޫރިމަނާ އެއްކަން ސާފުވެފައި ނެތްކަން.
(ށ) ހައިކޯޓުގެ ނަންބަރު 2017/SC-A/139ޤަޟިއްޔާ ނިންމާފައި ވަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-A/16 ޤަޟިއްޔާ އާ ޚިލާފަށް ކަމަށްވުން.
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/SC-A/139ޤަޟިއްޔާ އިން މުސާ ޙުސައިން އާއި އިބްރާހިމް ޒަރީރުގެ މައްޗަށް ފައިސާ ދައްކަން ކަނޑައެޅީ ދެމީހުން ވަކިވަކިން ދައްކަންޖެހޭ ފައިސާގެ މިންވަރު އިންސާފުވެރި ނިންމުމެއް ނޫންކަން ކަނޑައެޅިފައި ނުވުމަކީ އެ ނުކުތާއަށް ބަލާއިރު މޫސާ ޙުސައިން އާއި އިބްރާހިމް ޒަރީރު މުއާމަލާތްކޮށްފައި ވަނީ ކުންފުންޏެއްގެ ދަށުންނެއް ނޫން ކަމާއި އަދި ޕާޓްނަރޝިޕް ވިޔަފާރިއެއްގެ ދަށުން ވެސް ނޫންކަން.
މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ހުށަހަޅާފައިވާ އިސްތިއުނާފުގެ ޚުލާސާ
17މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު މޫސާ ޙުސައިން 03 ނުކުތާ ހުށަހަޅާފައިވާ ހިނދު، އިބްރާހީމް ޒަރީރު މި މައްސަލައިގެ ތެރެއަށް ތަދައްޚުލުވެ 03 ނުކުތާއެއް ފާހަގަކޮށްފައިވާއިރު އެއީ މޫސާ ޙުސައިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ ތަކުގައިވާ މައިގަނޑު ކަންކަމެވެ. އަދި މި ކަންކަން ބިނާ ވަނީ 02 ކަމެއްގެ މައްޗަށެވެ.
18ފުރަތަމަ ކަމަކީ، ޖޫރިމަނާ ފައިސާ ނުވަތަ ޖަޒާއީ ޝަރުޠު ކަނޑައަޅާފައިވާ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާއި މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޚިލާފަށް ދެކޭ ކަމަށެވެ. މިގޮތުން މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ފާހަގަކުރާ މައިގަނޑު ކަމަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ނަގައިދެވެނީ ގެއްލުމެއް ވެގެން ކަމާއި، އިބްރާހީމް ޔޫސުފް އަށް ޖޫރިމަނާ ފައިސާ ނަގައިދީފައި ވަނީ ފައިސާ ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމެއް ބަޔާންކުރުމެއްނެތި ކަމަށް ދެކޭ ކަމާއި އަދި ކަނޑައެޅިފައިވާ ޖޫރިމަނާ އަކީ އިންތިހާއަށް ބޮޑު ތައައްސުފީކޮށް ކަނޑައެޅިފައިވާ ޢަދަދެއް ކަމަށެވެ.
19ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ފައިސާ ދެއްކުމަށް މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ މައްޗަށް ކަނޑައެޅުނުއިރު، ދެމީހުން ފައިސާ ދައްކަންޖެހޭ މިންވަރު ކަނޑައެޅިފައި ނުވުމުގެ ސަބަބުން ސާބިތުވެފައިވާ ދަރަނި ދައްކާ ޚަލާސްނުކުރެވުނީ ދެމީހުންވެސް މިންޖުނުވާނެތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިންސާފުވެރި ނޫންކަމަށް ބުނާ ބުނުމެކެވެ.
20HN1މި މުއާމަލާތް ހިނގާފައިވާ ގޮތާއި އަދި އެއްބަސްވުމުގެ މާއްދާތަށް ބެލުމުން އިބްރާހީމް ޔޫސުފް އާއި މުއާމަލާތު ކޮށްފައި ވަނީ މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު އެކުގައި ކަން އެނގޭ ކަމާއި އަދި ފައިސާ ދެއްކުމަށް އެއްބަސްވެފައި ވަނީ ދެމީހުން އެކީގައި ކަމަށް އެއްބަސްވުމުގެ 15 ވަނަ މާއްދާ އެކަނި ބެލުމުން އެނގެއެވެ. އެއްބަސްވުމުގައި މުދަލުގެ އަގު އިބްރާހީމް ޔޫސުފް އަށް އަގު އަދާކުރުމުގެ ޒިންމާ އާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ހުރިހާ މާއްދާ އެއްގައި، ފައިސާ ދެއްކުމުގެ ޒިންމާ އުފުލުމަށް އެއްބަސްވެފައި ވަނީ މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު އާ ދެމީހުން އެކު އެކީގައެވެ. ސިވިލް ކޯޓުން ދަރަނި ސާބިތުވެފައި ވަނީ މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ މައްޗަށެވެ. އޭގެ ފަހުން އެ ދަރަނި ހަމަހަމައަށް ބަހާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަހުސްކުރެވި ގޮތެއް ކަނޑައެޅިފައި ނުވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް މޫސާ ހުސައިން އާއި އިބްރާހީމް ޒަރީރު ހުށަހެޅި އިސްތިއުނާފު ބިނާކުރެވުނީ ޖޫރިމަނާ ފައިސާ އެކަނިއެވެ. ވުމާއެކު، މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ބުނާ އެ ދެފަރާތުން ދަރަނި ދައްކަންޖެހޭ ނިސްބަތް ހަމަހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަހާލާފައި ނުވާކަމަށް ބުނެ އިޝާރަތްކުރާ ނުކުތާ އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިން ބޭރު ނުކުތާ އެކެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/38 ޤަޟިއްޔާ
21އިބްރާހީމް ޔޫސުފް މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/38 ޤަޟިއްޔާ އިންނެވެ. އަދި އޭނާ ހުށަހަޅާފައިވާ މައިގަނޑު ނުކުތާގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ ނަންބަރު 31/Cv-C/2012 ޤަޟިއްޔާގައި ޙުކުމްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިއާޔަތްކުރެވިގެން ކަމާއި އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ އެއްގޮތަށް ކަމަށްވުން ޖަޒާއީ ޝަރުޠުގެ ދަށުން ސިވިލް ކޯޓުން ނަގާދީފައިވާ 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ތިރީސް ދެ ރުފިޔާ) ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލް ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށްވުން.
އިބްރާހީމް ޔޫސުފްގެ އިސްތިއުނާފުގެ ޚުލާސާ
22އިބްރާހީމް ޔޫސުފްގެ އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައިގަނޑު ބިނާވެފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ޖޫރިމަނާ ފައިސާ ހޯދުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުން ޖޫރިމަނާ ފައިސާ ކުޑަކޮށްފައި އޮތްއޮތުމުގެ މައްޗަށެވެ. މިގޮތުން އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން އެއްބަސްވެފައިވާ ޖޫރިމަނާ އަކީ އިބްރާހީމް ޔޫސުފް އަށް ލިބެންޖެހޭނެ ފައިސާއެއް ކަމާއި އެއީ އެއްބަސްވެފައިވާ ގޮތް ކަމާއި، ޢަޤުދެއްވެއްޖެނަމަ، އެ ޢަޤުދަކަށް އިޙްތިރާމް ކުރެވި ތަންފީޒު ކުރެވެންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާ
23އިސްވެ ބުނެވުނު ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޝަރީޢަތުގެ ކުރިމަތީގައިވާ ސުވާލަކީ އެއްބަސްވުމުގެ 13 ވަނަ މާއްދާގައިވާ ޖަޒާއީ ޝަރުޠު ތަންފީޒުކޮށް ޖޫރިމަނާ ފައިސާ ނަގައިދެވިދާނެ ތޯއެވެ. މި މާއްދާ ގައި ވަނީ، މުދަލުގެ އަގު އަދާކުރުމަށްޓަކައި ދޫކޮށްފައިވާ ޗެކުތަކުގެ މައްސަލައަށް ފައިސާ ނުލިބިގެން ޝަރީޢަތަށް ދާންޖެހިއްޖެނަމަ، ފައިސާ ދިނުމަށް ކަނޑައެޅިފައިވާ ދުވަހުން ފެށިގެން ފައިސާ އިބްރާހީމް ޔޫސުފަށް ލިބެންދެން ނުދެއްކިވާ ފައިސާގެ 80% (އަށްޑިހަ އިންސައްތަ) އަށްވާ ފައިސާ ދުވާލަކަށް ޖޫރިމަނާގެ ގޮތުގައި ހިނގާނެ ކަމާއި އަދި ވަކީލު ފީގެ ގޮތުގައި 20,000/-ރ. (ވިހިހާސް ރުފިޔާ) އިބްރާހީމް ޔޫސުފް އަށް ދެއްކުމަށް މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު އެއްބަސްވެފައިވެއެވެ.
24ވަކީލު ފީގެ ގޮތުގައި 20,000/-ރ. (ވިހިހާސް ރުފިޔާ) ދެއްކުމާ މެދު މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ ދެބަސްވުމެއް ނެތެވެ. ޚުސޫމަތު އުފެދިފައި ވަނީ އެއްބަސްވުމުގެ 13 ވަނަ މާއްދާގައިވާ ޖޫރިމަނާ ފައިސާ އެކަނިއެވެ.
ޖޫރިމަނާ ފައިސާ އާ ގުޅޭ އުޞޫލު
25HN2ޖޫރިމަނާ ފައިސާ އާ ގުޅޭގޮތުން މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އަދި އެ ޤަޟިއްޔާގައި ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަކުރުމާއި، ގެއްލުމުގެ އާންދާޒާ ކުރުމެއް ނެތި އެއްބަސްވުމުގައި ޝަރުޠު ޖަޒާއީ ހިމެނިފައިވާތީ އެ ހިމެނިފައިވާ ގޮތެއްގެ މަތިން އެފަދަ މައްދާތައް ތަންފީޒުކުރުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ހަމަތަކުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ހިޖުރަކޮށްފަ އެވެ.
26HN3މިހާރު ޖޫރިމަނާ ފައިސާއާ ގުޅޭގޮތުން ޢަމަލުކުރެވެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފަހުން ނިންމާފައިވާ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށެވެ. ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ޚުލާޞާ އަކީ، ޖަޒާއީ ޝަރުޠެއްގެ ދަށުން ހޯދުމަށް އެދޭ ފައިސާގެ މިންވަރަކީ، އެއްބަސްވުމުގައި ޖޫރިމަނާ ނުވަތަ ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން ހިމެނިފައިވާ މާއްދާ އަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއްތޯ (ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ) ނުވަތަ އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތަށް ޢުޤޫބާތެއް ކުރިމަތި ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެއްތޯ (ޕެނަލްޓީ ކްލޯޒްއެއްތޯ) ބެލުމަށްފަހު، ޝަރުޠު ޖަޒާއީގެ ދަށުން ފައިސާ ނަގައި ދިނުމާމެދު ގޮތެއް ނިންމުމެވެ. އަދި މިފަދައިން ބަލާބެލުމުގައި އެ ފައިސާ ނަގައިދެވޭނީ، އެ ފައިސާ އަކީ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުންވާނެ މިންވަރުގެ އެކަށޭނަ އަންދާޒާއެއް ކަމަށް ވާނަމައެވެ.
27HN4މިގޮތުން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް މި ޤަޟިއްޔާގައި އެއްބަސްވުމެއްގައި ހިމަނާފައިވާ މާއްދާ އަކީ ޖަޒާއީ ޝަރުޠެއްތޯ ބެލުމުގައި އެފަދަ މާއްދާ އެއްގައި އަންނަނިވި ކަންކަން ފުރިހަމަ ވާނަމަ އެއީ ޖަޒާއީ ޝަރުޠެއް ކަމަށް ބެލެވިދާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
(ހ) ކަމާގުޅޭ މާއްދާ އަކީ އަސާސީ އިލްތިޒާމްއަކާ ޚިލާފުވުމުގެ ސަބަބުން އުފެދިފައިވާ ސާނަވީ އިލްތިޒާމެއް ތޯ
(ށ) އަސާސީ އިލްތިޒާމް އަދާކުރުމުގައި މައުސޫމް ފަރާތު (އެއްބަސްވުމާ ޚިލާފުނުވާ ފަރާތް) ގެ ޞައްޙަ މަސްލަހަތުގެ ތަބީއަތާއި މިންވަރު
(ނ) ސާނަވީ އިލްތިޒާމުގެ ނަތީޖާ އަކީ މައުސޫމް ފަރާތުގެ ޞައްޙަ މަސްލަހަތާ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތެއް އެއްބަސްވުމާ ޚިލާފުވި ފަރާތުން ތަޙައްމަލުކުރުން
28HN5HN6HN7ބަޔާންކުރެވިފައިވާ ހަމަތައް ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މި ޤަޟިއްޔާގައި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ޝަރަޙަކޮށްދީފައި ވަނީ އަންނަނިވި ފަދައިންނެވެ.
އަސާސީ އިލްތިޒާމާއި ސާނަވީ އިލްތިޒާމް
(ހ) އެއްބަސްވުމެއްގެ ދަށުން އަސާސީ އިލްތިޒާމެއްކަމަށް ބަލަނީ އެ އެއްބަސްވުމުގައި އެއް ފަރާތުން ކުރާނެކަމަށް ވައުދުވާ ކަންކަމަށެވެ. މިއާ ޚިލާފަށް ސާނަވީ އިލްތިޒާމަކީ އަސާސީ އިލްތިޒާމެއް ފުރިހަމަ ނުކުރެވުމުގެ ސަބަބުން އުފެދޭ އިލްތިޒާމެވެ. އާންމުކޮށް އެ ހާލަތުގައި އުފެދޭ ސާނަވީ އިލްތިޒާމުގައި ހިމެނޭނީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުންނެވެ.
މައުސޫމް ފަރާތުގެ ސައްހަ މަސްލަހަތު
(ށ) މި ހާލަތުގައި ކޯޓުން ބަލާނީ ސާނަވީ އިލްތިޒާމެއް ފުރިހަމަ ކުރުމުން މަންފާ ލިބޭ ފަރާތް ނުވަތަ މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތު ތަކެއް ހިމާޔަތްކުރެވިގެންދޭތޯ އާއި އެ މަސްލަޙަތުގެ ތަބީއަތާއި މިންވަރަށެވެ. ޞައްޙަ މަސްލަޙަތެއް ސާބިތުކޮށް ދިނުމުގައި މައުސޫމް ފަރާތަށް ލިބޭ މާލީ ގެއްލުމުގެ އިތުރުން، އެހެނިހެން ވިޔަފާރީގެ ގެއްލުން ސާބިތުކޮށް ދެވިދާނެއެވެ. ނަމަވެސް ޢަމަލީގޮތުން، އެހެނިހެން ގެއްލުން އެއީ ސާބިތުކޮށްދޭން އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ޢާންމުކޮށް، އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ މާއްދާ އެއްގައި އެ އެއްބަސްވުމާ ޚިލާފުވުމާ ގުޅިގެން ލިބޭ ގެއްލުމަށް ބަދަލު ހޯދުމުގެ އިތުރުން، އެހެނިހެން މަސްލަޙަތުތައް ހިމެނިފައި ވުމަކީ ނާދިރު ކަމެކެވެ.
ނުބައްދަލު ބުރަ ނުވަތަ އުޤޫބާތް
(ނ) މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތު ހިމާޔަތްކުރުން އެއީ އެއްބަސްވުމާ ޚިލާފުވާ ފަރާތުން އުފުލަންޖެހޭ ނުބައްދަލު ބުރައެއް ނުވަތަ އުޤޫބާތަކަށް ވެގެން ނުވާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތު ސާބިތުކޮށް ދިނުމަކުން އަދި ނުފުދެއެވެ. މައުސޫމް ފަރާތުގެ ޞައްޙަ މަސްލަޙަތާއި، އެއްބަސްވުމާ ޚިލާފުވި ފަރާތުގެ ސާނަވީ އިލްތިޒާމްގެ ދަށުން އުފުލަންޖެހޭ ބުރަ ނުބައްދަލު ވެގެން ނުވާނެއެވެ.
29HN8ބަޔާންވެދިޔަ ހަމަތައް އެއްބަސްވުމުގެ މާއްދާއަކަށް ތަތުބީޤުކުރެވޭއިރު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ދެވޭ އަދަބެއްގެ ގޮތުން ދައްކަންޖެހޭ ކޮންމެ ފައިސާ އަކީ އެއީ ޖޫރިމަނާ ގޮތުގައި ވިޔަސް ނުވަތަ މި ނޫންވެސް ނަމެއްގައި ކަނޑައެޅިފައި ހުންނަ މާލީ އިލްތިޒާމުތައް ހިމެނޭ މާއްދާތައް ކޯޓުތަކުން ތަންފީޒު ނުކޮށްދިނުމެވެ.
އުޞޫލު ތަތުބީޤުކުރުން
30ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް އާއި ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މި ދެ ޤަޟިއްޔާގެ އަލީގައި އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ މުދަލުގެ އަގުން ނުދެއްކިވާ ފައިސާގެ ޢަދަދުގެ 80% (އަށްޑިހަ އިންސައްތަ) އަށްވާ ފައިސާ ދުވާލަކަށް ޖޫރިމަނާގެ ގޮތުގައި ހިނގާނެ ކަމަށް ބަޔާންކުރާ މާއްދާ ތަންފީޒު ކުރެވިދާނެތޯ ނަޒަރު ކުރާއިރު އަންނަނިވިކަން ފާހަގަކުރަމެވެ.
އަސާސީ އިލްތިޒާމަކާ ޚިލާފުވުން އޮތް ސާނަވީ އިލްތިޒާމެއްތޯ
31HN9އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ނުދެއްކިއްޖެނަމަ އެ ހިނދަކު ނުދެއްކިވާ ފައިސާގެ ޢަދަދުގެ 80% (އަށްޑިހަ އިންސައްތަ) އަށްވާ ފައިސާގެ އަދަދެއް ޖޫރިމަނާގެ ގޮތުގައި ދުވާލަކު ދައްކަންޖެހޭނެ ކަމަށް އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތަކީ ސާނަވީ އިލްތިޒާމެކެވެ. އެއީ އެއްބަސްވެފައިވާ ގޮތަށް މުދަލުގެ އަގު ދެއްކުމަށް އޮތް އަސާސީ އިލްތިޒާމާ ޚިލާފުވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ތަބައީ އިލްތިޒާމެކެވެ.
ޞައްޙަ މަސްލަޙަތެއް އޮތްތޯ
32މި މުއާމަލާތުގައި އިބްރާހީމް ޔޫސުފް ހޯދުމަށް އެދޭ ޖޫރިމަނާ ފައިސާގެ ޞައްޙަ މަސްލަޙަތެއް އޮތްތޯ ބަލާއިރު، މުއާމަލާތުގައި ނުލިބިވާ ފައިސާ އަކީ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އެވެ. އަދި އެ ޢަދަދުގެ %80 (އަށްޑިހަ އިންސައްތަ) އަކީ ކޮންމެ ދުވަހަކަށް 182,056/-ރ. (އެއްލައްކަ އަށްޑިހަ ދެހާސް ފަންސާސް ހަ ރުފިޔާ) އެވެ. މި ނިސްބަތުން ހޯދުމަށް އެދޭ 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ތިރީސް ދެ ރުފިޔާ) ޖޫރިމަނާ ފައިސާ އަކީ އިންތިހާއަށް އެތަށް ގުނައަކަށް ބޮޑު ޢަދަދެއް ކަމަށް ވެފައި، އެ ޢަދަދު އިބްރާހީމް ޔޫސުފް އަށް ޙައްޤުވާ ކަމަށް ބަޔާންކުރާ ޞައްޙަ މަސްލަހަތެއް އޮތްކަމަށް ސާބިތު ނުވެއެވެ.
33އިބްރާހީމް ޔޫސުފް ދެކޭ ގޮތުގައި މުދަލުގެ އަގު ނުލިބެން 13 އަހަރު ފާއިތުވެގެން ގޮސްފައިވާ ކަމާއި އެކަމުގެ ސަބަބުން ބޮޑެތި ގެއްލުމެއް ވެފައިވާ ކަމަށެވެ. ނަމަވެސް މުދަލުގެ އަގު ނުލިބިގެން އޭނާ ހޯދުމަށް އެދޭ 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ތިރީސް ދެ ރުފިޔާ) ގެ ގެއްލުމެއް ވެދާނެ ކަމަށް ގަބޫލުނުކުރެވޭ ހިނދު، މުދަލުގެ އަގު އެއްބަސްވެފައިވާ ގޮތުގެމަތިން އޭނާ އަށް ލިބުނު ނަމަވެސް އެ ފައިސާ އިން ނަފާ ހޯދައިގެން ވެސް އިބްރާހީމް ޔޫސުފް އެދިފައިވާ ޖޫރިމަނާ ފައިސާގެ މިންވަރުގެ ބަދަލެއް އޭނާ އަށް ޙައްޤުވާ ކަމަށް ތަބްރީރުކުރެވިދާނެ ހަމައެއް އޮތްކަމަކަށް ނުދެކެމެވެ.
ނުބައްދަލު ބުރަ ނުވަތަ އުޤޫބާތެއްތޯ
34ސިވިލް ކޯޓުން ނަގާދީފައިވާ 286,192,032/-ރ. (ދުއިސައްތަ އަށްޑިހަ ހަމިލިއަން އެއްލައްކަ ނުވަދިހަ ދެހާސް ތިރީސް ދެ ރުފިޔާ) އަކީ ޖޫރިމަނާ ފައިސާ ކަމަށް ވެފައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެ ޢަދަދު މި މުއާމަލާތުގައި ހިމެނޭ އަސްލީ އިލްތިޒާމު، މުދަލުގެ އަގުން އިބްރާހީމް ޔޫސުފް އަށް ނުލިބިފައިވާ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އެއް ހަމައަކަށް ޖޫރިމަނާ ފައިސާ ކުޑަކޮށްފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ޖޫރިމަނާ ފައިސާ ކުޑަކޮށްފައި ވަނީ މީގެ ކުރިން ޖޫރިމަނާ ފައިސާ ނަގައިދިނުމުގައި ތަބާވަމުން ދިޔަ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ބަރޯސާވެގެން ނެވެ. ނަމަވެސް އެ ޤަޟިއްޔާގައި ޝަރުޠު ޖަޒާއީ އާ ގުޅޭގޮތުން ކަނޑައަޅާފައިވާ ހަމަތަކަކީ ޢަމަލުނުކުރެވޭ އުވިގޮސްފައިވާ ހަމަތަކެއް ކަން ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް އަށް ބެލުމުން އެނގޭތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ބާޠިލު ކުރަންޖެހޭކަމަށް ދެކެމެވެ.
35އިބްރާހީމް ޔޫސުފް ހޯދުމަށް އެދޭ ފައިސާ އަކީ މި މުއާމަލާތުގެ އަދާކުރަންޖެހޭ މުދަލުގެ އަގާ ނުބަދައްދަލު އެތަށް ގުނައަކުން ބޮޑު މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރު ތަހައްމަލު ކުރަންޖެހިފައިވާ މާލީ އުގޫބާތެކެވެ.
36HN10ވުމާއެކު، ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ގަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށް ރިޢާޔަތްކުރެވި އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ބުނާ ޖޫރިމަނާ ފައިސާ އަކީ، ސާނަވީ އިލްތިޒާމެއް ކަމާއި އަދި އިބްރާހީމް ޔޫސުފް ހޯދުމަށް އެދޭ ފައިސާގައި އޭނާގެ ޞައްޙަ މަސްލަޙަތެއް އޮތްކަން ސާބިތު ނުވާހިނދު، ހޯދުމަށް އެދޭ ފައިސާ އަކީ މި މުއާމަލާތުގައި އޮތް މުދަލުގެ އަގު ނުދެއްކުމުގެ ސަބަބުން ކަނޑައެޅިފައިވާ އަދާ ނުކުރެވޭނެވަރު ބޮޑު މާލީ އުޤޫބާތެއްކަމަށް ވާހިނދު، އެއްބަސްވުމުގެ 13 ވަނަ މާއްދާގައި ހިމެނޭ ޖޫރިމަނާ ފައިސާ ލިބިދިނުމަށް އެ މާއްދާ ތަންފީޒުކުރެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.
37ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139ޤަޟިއްޔާގައި މި މުއާމަލާތުގައި ހިމެނޭ އަޞްލީ އިލްތިޒާމުގެ ނިސްބަތުން ނަގައިދެވޭނެ ޖޫރިމަނާ ފައިސާގެ ޢަދަދަކީ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލުކޮށް ދެން އެ ޤަޟިއްޔާގައި ބަޔާންކުރާ މި މުއާމަލާތުގައި މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ މައްޗަށް ސާބިތުވެފައިވާ މުދަލުގެ އަގުން ނުދެއްކިވާ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އާއި ޤާނޫނީ ވަކީލު ފީގެ ގޮތުގައި 20,000/-ރ. (ވިހިހާސް ރުފިޔާ) އިބްރާހީމް ޔޫސުފް އަށް ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައި އޮތްއޮތުމަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
38މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
39މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތުގެމަތިން ހުރުމުން:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާގައި މޫސާ ޙުސައިން (A016803) އާއި އިބްރާހީމް ޒަރީރު ((A064149 ޖޫރިމަނާ ފައިސާގެ ގޮތުގައި 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އިބްރާހީމް ޔޫސުފް އަށް ދައްކަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/139 ޤަޟިއްޔާގައި މޫސާ ޙުސައިން (A016803) އާއި އިބްރާހީމް ޒަރީރު ((A064149 މައްޗަށް ސާބިތުވެފައިވާ މުދަލުގެ އަގުން ނުދެއްކިވާ 227,570/-ރ. (ދެލައްކަ ހަތާވީސްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އާއި ޤާނޫނީ ވަކީލު ފީގެ ގޮތުގައި 20,000/-ރ. (ވިހިހާސް ރުފިޔާ) އެކު ޖުމްލަ 247,570/-ރ. (ދެލައްކަ ސާޅީސްހަތްހާސް ފަސްސަތޭކަ ހަތްދިހަ ރުފިޔާ) އިބްރާހީމް ޔޫސުފް އަށް ދެއްކުމަކަށްޓަކައި މިއަދުން ފެށިގެން 30 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ މަހަކަށް ޖެހޭ ޢަދަދެއް ސިވިލް ކޯޓަށް ދެއްކުމަށް މޫސާ ޙުސައިން އާއި އިބްރާހީމް ޒަރީރުގެ މައްޗަށް އަންގައި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
ޙުސްނުއްސުޢޫދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙް ޤަޟިއްޔާ
- ކޮރަލްގޭޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ މައިކްރޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އައި.އެންޑް.ޓީ މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ ސީ.ޕީ.އެސް. މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަރކްސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ
- ސުޕްރީމް ކޯޓުގެ 2015/SC-A/16
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.