އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/014، 200-L/INDIV/2020/289
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުގެ ރަޖިސްޓްރާ، މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ބުނެ މައްސަލަ ބަލައިނުގަތުމުން، އަޙްމަދު މާޖިދު 19 ނޮވެމްބަރު 2020 ގައި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ތިން މަހުގެ މުއްދަތު ހަމަވެފައިވާތީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތް ކަމަށް ޓްރައިބިއުނަލުން (200-L/INDIV/2020/289) ނިންމިއެވެ. ހައިކޯޓުގެ 2021/HC-A/014 ޤަޟިއްޔާގައި ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކުރުމުން، އަޙްމަދު މާޖިދު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- އަޙްމަދު މާޖިދަކީ ސުޕްރީމް ކޯޓުން އުފެއްދި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރެވެ. ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް ގެނެވުނު ދެވަނަ އިޞްލާޙާ ގުޅިގެން އެކަޑަމީ އުވާލުމުން، 2019 ސެޕްޓެމްބަރު މަހު އޭނާ މަޤާމުން ވަކިކުރެވުނެވެ. އޭރު ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ ސަބަބުން، އިސް މަޤާމުތަކުގެ މުވައްޒަފުންގެ މައްސަލަ ހުށަހަޅަންޖެހުނީ ވަކި މުއްދަތެއް ކަނޑައެޅިފައި ނެތް ސިވިލް ކޯޓަށެވެ. 22 ސެޕްޓެމްބަރު 2020 ގައި ތަންފީޛުވި ޤާނޫނު ނަންބަރު 22/2020 (6 ވަނަ އިޞްލާޙު) ގެ ދަށުން، މިފަދަ މައްސަލަތައް ބަލަންޖެހޭ ތަނަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙުގެ ކުރިން ވަޒީފާއިން ވަކިކުރެވުނު ހިންގުމުގެ އިސް މަޤާމެއްގެ މުވައްޒަފަކު، އެ އިޞްލާޙު ތަންފީޛުވުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ މައްސަލައެއްގައި ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ތިން މަހުގެ މުއްދަތު ގުނަން ފެށޭނީ ވަކިކުރި ތާރީޚުންތޯ ނުވަތަ އިޞްލާޙު ތަންފީޛުވި ތާރީޚުންތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަޙްމަދު މާޖިދު ބުނީ، 6 ވަނަ އިޞްލާޙަކީ އިޖުރާއީ ބަދަލެއް ކަމަށާއި، ޤާނޫނު މާޒީއަށް ނުހިންގުމުގެ މަބްދައު ހައިކޯޓުން ތަޠުބީޤުކުރީ ގޯހަށް ކަމަށާއި، ސިވިލް ކޯޓާއި ޓްރައިބިއުނަލް ދެތަނުން މައްސަލަ ބަލައިނުގަތުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ޙައްޤުން މަޙްރޫމުވި ކަމަށެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނީ، ވަކިކުރީ 5 ސެޕްޓެމްބަރު 2019 ގައި ކަމަށާއި، ޓްރައިބިއުނަލަށް ހުށަހެޅިއިރު ވަޒީފާއާބެހޭ ޤާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގެ ތިން މަހުގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައެޅީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ) ގެ ދަށުން، މައުޟޫޢީ ޤާނޫނުތައް ހިނގަނީ ކުރިއަށް ކަމަށާއި، އިޖުރާއީ ޤާނޫނުތައް ތަންފީޛުވާ ދުވަހުން ފެށިގެން ހުރިހާ ފަރާތަކަށް ހިނގާ ކަމަށެވެ. ދަޢުވާކުރުމުގެ ޙައްޤަކީ މައުޟޫޢީ ޙައްޤެއް ކަމަށްވާތީ، ފަހުން ހެދޭ ޤާނޫނަކުން އެ ޙައްޤު ހަނިކުރެވޭނީ ސަރީޙަ ބަހުން ބުނެފައިވާނަމަ ކަމަށާއި، 6 ވަނަ އިޞްލާޙުގައި އެފަދަ ބުނުމެއް ނެތެވެ. އެހެންކަމުން ތިން މަހުގެ މުއްދަތު ގުނަން ފެށޭނީ 22 ސެޕްޓެމްބަރު 2020 އިން ކަމަށާއި، 19 ނޮވެމްބަރު 2020 ގައި ހުށަހެޅި މައްސަލަ ޓްރައިބިއުނަލުން ބަލަންޖެހޭ ކަމަށް ނިންމިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމާއި ޓްރައިބިއުނަލުގެ ނިންމުން ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޖިނާއީ ގާނޫނުތައް މާޒީއަށް ހިންގައިގެން ނުވާނެކަމަށް ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، މަދަނީ ގާނޫނުތައް މާޒީއަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތެވެ. އެހެން އިބާރާތަކުން ބުނާނަމަ، މަދަނީ ގާނޫނަކުން، އެ ގާނޫނު މާޒީއަށް ހިންގޭނެ ކަމަށް ދޭހަވާނަމަ، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ގާނޫނު ހިންގިދާނެއެވެ.
HN2 މަދަނީ ގާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބްދައު އަކީ، އެ ގާނޫނުން އެހެން ގޮތަކަށް ދޭހަނުވާނަމަ، އެ ގާނޫނަށް އަމަލުކުރާ ތާރީޚުން ފެށިގެން ކުރިއަށް (މުސްތަގުބަލަށް) އެ ގާނޫނު ހިންގުމެވެ. އޭގެ މާނައަކީ، އެ ގާނޫނަކަށް އަމަލުކުރަން ފެށިއިރު އުފެދިފައިވާ މައުލޫއީ ހައްގުތަކާއި ވާޖިބުތަކަށް އަލަށް ހެދޭ ގާނޫނުން އަސަރުނުކުރުމެވެ. މާޒީގައި އުފެދިފައިހުރި ހައްގުތަކާއި ވާޖިބުތަކުގެ މައްޗަށް އަލަށް ހަދާ ގާނޫނު ހިންގަން ރައްޔިތުންގެ މަޖިލީހުން ގަސްތުކުރާނަމަ، އެ ކަން ގާނޫނުގައި ސާފު ސަރީހަ ބަހުން ބަޔާން ކުރަންވާނެއެވެ.
HN3 ނަމަވެސް މައުޟޫއީ ގާނޫނުތަކާ ޚިލާފަށް، އިޖުރާއީ ގާނޫނުތަކަކީ، އެ ގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެހިނދުން ފެށިގެން ހުރިހާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތެވެ. އެކަމުގައި ކުރިން ހިނގިކަމެއް ނުވަތަ ފަހުން ހިނގިކަމެއް ތަފާތުނުކުރެވެއެވެ.
HN4 ދައުވާކުރުމުގެ ހައްގަކީ މައުޟޫއީ ގާނޫނުގެ ދާއިރާގައި ހިމެނޭ ކަމަކަށް ވާތީވެ، ފަހުން ހެދޭ ގާނޫނަކުން އަޙްމަދު މާޖިދުއަށް ލިބިގެންވާ ދައުވާކުރުމުގެ ހައްގު އޭނާގެ ކިބައިން ވަކި ކުރެވޭނީ ނުވަތަ އެ ހައްގު ހަނިކުރެވޭނީ އެ ގާނޫނުގައި އެކަން ސަރީހަބަހުން ބުނެފައިވާނަމަ އެވެ.
HN5 ގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، އިޖުރާއީ ގާނޫނުތައް ހިނގަން ފަށާނީ އެ ގާނޫނަށް އަމަލުކުރަން ފަށާދުވަހުން ކަމުގައިވާތީވެ، ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، އަޙްމަދު މާޖިދުއަށް ވަކިމުއްދަތެއް ނެތި އެއިރު ލިބިއޮތް ދައުވާކުރުމުގެ ހައްގުގެ ދަށުން އޭނާ ވަޒީފާގެ މައްސަލަ ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއަނަލަށެވެ. އަދި ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، އަޙްމަދު މާޖިދުގެ ހާލަތުގައި ތިބި ފަރާތްތަކުން މައްސަލަ ހުށަހަޅާނަމަ ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމުގައިވާތީވެ، ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބުނާ ތިން މަސްދުވަހުގެ މުއްދަތު ގުނަން ފެށޭނީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު.....1
ތައާރުފު .....1 މައްސަލައިގައި ކަން ހިނގާފައިވާ ގޮތް.....1 ވަޒީފާއާބެހޭ ގާނޫނަށް ބަދަލު އައުން.....3 ދައުވާކުރުން.....4 އިސްތިއުނާފީ ނުކުތާތައް.....6 ގާނޫނު މާޒީއަށް ނުހިންގުމުގެ މަބްދައު ގޯސްކޮށް ތަތުބީގުކޮށްފައިވާ ކަމަށް ބުނާ ނުކުތާ.....7 ގާނޫނު މާޒީއަށް ނުހިންގުމުގެ މަބްދައު .....9 އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި އެހެނިހެން ނުކުތާތައް.....12 ނިންމަން ފެންނަގޮތް.....12.....
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު.....12.....
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....13.....
ޙުކުމް .....13..... بِسْدَالرَّائِيمِ އަޙްމަދު މާޖިދު ވ. ޖުޑިޝަލް ސަރވިސް ކޮމިޝަން [2022] SC 73
ފަނޑިޔާރު ޙުސްނުއްސުއޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/014 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، ޒި. ފުވައްމުލައް، ދަޑިމަގު. މުރަކަ، އަޙްމަދު މާޖިދު (މީގެ ފަހުން "އަޙްމަދު މާޖިދު" ކަމަށް ބުނެފައިވާ) ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ކޮމިޝަން" ކަމަށް ބުނެފައިވާ) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަރާރަކުން 31 އޮގަސްޓް 2015 ގައި ޖުޑީޝަލް އެކަޑަމީ (މީގެ ފަހުން "އެކަޑަމީ") ގެ ނަމުގައި އިދާރާއެއް އުފެއްދިއެވެ.
3އަޙްމަދު މާޖިދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްއާ ދެމެދު 5 އޮގަސްޓް 2018 ގައި "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީގެ ޗާންސެލަރގެ އެއްބަސްވުން" މި ނަމުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ. މި އެއްބަސްވުމުގައިވާ ގޮތުން އަޙްމަދު މާޖިދު އަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުފެއްދި އެކަޑަމީގެ އެންމެ އިސް ތަންފީޒީ މުވައްޒަފެވެ.
4އަޙްމަދު މާޖިދު އެކަޑަމީގެ ޗާންސެލަރުގެ މަގާމު އަދާކުރަމުން ގެންދަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ދެވަނަ އިސްލާހު (މީގެ ފަހުން "ދެވަނަ އިސްލާހު") ގެނެވުނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުން އުފައްދާފައިވާ ޖުޑީޝަލް އެކަޑަމީ އުވާލައި އެ ގާނޫނުން އައު ޖުޑީޝަލް އެކަޑަމީއެއް އުފެއްދިއެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުން އުފެއްދި ޖުޑިޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ އެ އިސްލާހުގެ ދަށުން އުފެއްދި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމަށް އެ ގާނޫނުގައި ކަނޑައެޅިއެވެ. ސުޕްރީމް ކޯޓުން އުފައްދާފައިވާ ޖުޑީޝަލް އެކަޑަމީ އުވާލުމާއެކު ސުޕްރީމް ކޯޓުން އުފައްދާފައި އޮތް ޖުޑީޝަލް އެކަޑަމީގެ އެންމެހައި އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، ވަސީލަތްތަކާއި، މާލީ އަދި މަދަނީ ޒިއްމާތަކާއި ހައްގުތައް، އަލަށް އުފެދުނު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ބަދަލުވީ ކަމަށް ދެވަނަ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.
5ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް ގެނެވުނު 2 ވަނަ އިސްލާހާ ގުޅިގެން އެކަޑަމީގެ ޗާންސެލަރުގެ މަގާމުން އަޙްމަދު މާޖިދު ވަކިކޮށްފައިވެއެވެ. އިސްތިއުނާފުކުރެވިފައިވާ ހައިކޯޓުގެ ހުކުމުގެ 7، 8، 9 ވަނަ ޕެރެގްރާފުގައި އެ ކޯޓުން ފާހަގަކޮށްފައިވާ ފަދައިން އަޙްމަދު މާޖިދު އަދާކުރަމުން ގެންދިޔަ ވަޒީފާއިން އޭނާ ވަކިވީ ކޮން ތާރީޚެއްގައިކަން އެނގޭނޭ ސާފު ކަނޑައެޅުމެއް އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނެތެވެ. އަޙްމަދު މާޖިދު ވަޒީފާއިން ވަކިވެފައިވަނީ 2 ވަނަ އިސްލާހަށް އަމަލު ކުރަން ފެށި ތާރީޚު ކަމުގައިވާ 3 ސެޕްޓެމްބަރު 2019 ގައިކަން ނުވަތަ އޭނާ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފަކު ގުޅައި ވަޒީފާއިން ވަކިކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޖަލްސާއަކުން ނިންމާފައިވާކަން އެންގި ދުވަސް ކަމަށްވާ 4 ސެޕްޓެމްބަރު 2019 ތާރީޚުގައިކަން ނުވަތަ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނިންމުން އަޙްމަދު މާޖިދުއަށް ފޮނުވި ތާރީޚުކަމުގައިވާ 5 ސެޕްޓެމްބަރު 2019 ގައިކަން ނުވަތަ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް ޝަން އެޑްމިނިސްޓްރޭޝަނުން 9 ސެޕްޓެމްބަރ ގައި އަޙްމަދު މާޖިދުއަށް ފޮނުވި ނަންބަރު 198-A/2019/73 ސިޓީ އަޙްމަދު މާޖިދުއަށް ލިބުނު ތާރީޚުކަމުގައިވާ 11 ސެޕްޓެމްބަރު 2019 ތާރީޚުގައިކަން ސާފުނުވާ ކަމަށް އިސްތިއުނާފުކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގެ 7، 8، 9 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައި ވެއެވެ.
6މި ބަޔާންކުރި ގޮތަށް 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އަޙްމަދު މާޖިދު އެކަޑަމީގެ ޗާންސެލަރުގެ މަގާމުން ވަކިކުރި ކުރުމަށް އިއުތިރާޒުކޮށް، އޭގެ އެއް އަހަރު ފަހުން، 2 ނޮވެމްބަރު 2020 ގައި އޭނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ގާނޫނަށް ބަދަލު އައުން
7ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) ގެ 34 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، އެ މާއްދާގައި ބަޔާން ކޮށްފައިވާ ފަރާތްތައް ވަޒީފާއާބެހޭ ގާނޫނުގެ 4 ވަނަ ބާބުގެ ހުރިހާ މާއްދާތަކުން އިސްތިސްނާ ކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން، ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ވަޒީފާއާބެހޭ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް، ތަންތަނުގެ މުވައްޒަފުންނަށް ލިބިފައި އޮންނަ ފުރުސަތު، އެ ތަންތަނުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ބަންދުވެފައި ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ތަންތަނުގެ ހިންގުމުގެ އިސްމަގާމުތަކުގައި ތިބޭ މުވައްޒަފުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ވަޒީފާގެ މައްސަލަ ހުށަހެޅުމުގެ ބަދަލުގައި އެފަދަ ފަރާތްތަކުން ވަޒީފާގެ މައްސަލަތައް ހުށަހަޅަންޖެހެނީ ސިވިލް ކޯޓަށެވެ. ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާއާބެހޭ މައްސަލަތައް ޓްރައިބިއުނަލަށް ހުށަހަޅަންޖެހޭނީ ވަޒީފާއިން ވަކިކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައެވެ. ނަމަވެސް ވަޒީފާއާބެހޭ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅުމުގައި އެ ފަދަ މުއްދަތެއް ކަނޑައަޅާފައި ނެތެވެ.
8އަޙްމަދު މާޖިދު ވަޒީފާއިން ވަކިކުރި ފަހުން، ވަޒީފާއާބެހޭ ގާނޫނަށް 6 ވަނަ އިސްލާހު (މީގެ ފަހުން "ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު") ގެނެވި، 22 ސެޕްޓެމްބަރު 2020 ގައި އެ އިސްލާހަށް އަމަލުކުރަން ފަށާފައިވެއެވެ. ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގައި ހިމެނޭ މި މައްސަލައިގެ މައުޟޫއާ ގުޅޭ މާއްދާގައި ބުނެފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭމީހުން އެގާނޫނުގެ 4 ވަނަ ބާބުގެ ހުރިހާ މާއްދާތަކަކުން އިސްތިސްނާ ނުވާނޭ ކަމަށާއި، އެފަދަ ފަރާތްތައް އިސްތިސްނާވާނީ ހަމައެކަނި އެ ގާނޫނުގެ 32 ވަނަ މާއްދާއާއި 37 ވަނަ މާއްދާއާއި 38 ވަނަ މާއްދާއިން ކަމަށެވެ. ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު މި އިސްލާހުގެ ނަތީޖާއެއްގެ ގޮތުން، ތަންތަނުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން ހުށަހަޅާ ވަޒީފާގެ މައްސަލަތައް ވެސް އެ އިސްލާހަށް އަމަލުކުރަން ފެށި ތާރީޚު ކަމުގައިވާ 22 ސެޕްޓެމްބަރު 2020 ގެ ފަހުން ހުށަހަޅަންޖެހެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
ދައުވާކުރުން
9އެކަޑަމީގެ ޗާންސެލަރުގެ މަގާމުން އަޙްމަދު މާޖިދު ވަކިކުރި ކުރުމަށް އިއުތިރާޒުކޮށް، އެ މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހެޅީ 2 ނޮވެމްބަރު 2020 ގައެވެ. އެ މައްސަލަ އަޙްމަދު މާޖިދު ސިވިލް ކޯޓަށް ހުށަހެޅިއިރު، ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލު ކުރަން ފަށާފައިވާތީވެ، ސިވިލް ކޯޓުގެ ރަޖިސްޓްރާ ނިންމާފައިވަނީ އެ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ކޯޓަށް ލިބިގެން ނުވާކަމަށާއި، އެ މައްސަލަ ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމަށެވެ.
10ސިވިލް ކޯޓަށް އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމުމުން، އަޙްމަދު މާޖިދުގެ ފަރާތުން 19 ނޮވެމްބަރު 2020 ގައި އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ. ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 3 މަސް ދުވަހުގެ މުއްދަތު ހަމަވެފައިވާތީވެ، އެ މައްސަލަބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ.
11ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅަން އޮންނަ 3 މަސްދުވަހުގެ މުއްދަތު ހަމަވެފައިވާތީވެ، އަޙްމަދު މާޖިދުގެ ފަރާތުން 19 ނޮވެމްބަރު 2020 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސް ނެތްކަމަށް ޓްރައިބިއުނަލުން ނިންމި ނިންމުން އަޙްމަދު މާޖިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޓްރައިބިއުނަލުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
12ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރުމުން، ހައިކޯޓުގެ އެ ނިންމުން އަހްމަދު މާޖިދުގެ ފަރާތުން އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ. މިއީ އެ އިސްތިއުނާފުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލި ގަޒިއްޔާއެވެ.
އިސްތިއުނާފީ ނުކުތާތައް
13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށްޓަކައި އަޙްމަދު މާޖިދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.
(ހ) ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާއަށް ގެނެވުނު އިސްލާހު މާނަކޮށްފައިވަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާއި، 12 ވަނަ މާއްދާގެ (ހ)، (ނ)، (ބ) އަދި 17 މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާއަށް ގެނެވުނު އިސްލާހަށް އަމަލުކުރުމުގައި ނުވަތަ އެ މާއްދާ މިމައްސަލައަށް ތަތުބީގުކުރުމުގައި "ޕްރިންސިޕަލް އޮފް ނޮން-ރެޓްރޮއެކްޓިވިޓީ" ތަތުބީގުކޮށްފައިވަނީ އިޖުރާއީ ނުވަތަ ޝަކުލީ ގާނޫނީ ގަވާއިދުތައް އެ މަބްދައަށް ތަތުބީގުކުރުމުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމުގައި ވުން.
(ނ) އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތާމެދު ނިންމާފައިވާ ނިންމުންތައް ނިންމާފައިވަނީ އެއްވެސް ގާނޫނީ ނުވަތަ ޝަރުއީ އުސޫލެއްގެ މައްޗަށް ނޫންކަމަށާއި، މި ހާލަތުގައި ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާ މާނަކުރަންވާނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާ އެއްގޮތަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިޚްތިސާސް ސިވިލްކޯޓަށް ނެތް ކަމަށް ނިންމަވައި އަދި އެފަހުން ޓްރައިބިއުނަލަށް އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިޚްތިސާސް އެ ޓްރައިބިއުނަލަށް ނެތް ކަމަށް ނިންމުމުން، އިސްތިއުނާފުކުރާ ފަރާތް ގާނޫނުއަސާސީގެ 42 މާއްދާއިން ލިބިފައިވާ އަސާސީހައްގަކުން މަހުރޫމުވެފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
14އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ އިސްފަސް ތަރުތީބުކޮށް، މި ރައުޔުގައި ފުރަތަމަ ބަލައިލާނީ އަދި ގޮތެއް ކަނޑައަޅާނީ އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަށެވެ. އެއަށްފަހު، ދެންހުރި އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކުރާނަމެވެ. ގާނޫނު މާޒީއަށް ނުހިންގުމުގެ މަބްދައު ގޯސްކޮށް ތަތުބީގުކޮށްފައިވާ ކަމަށް ބުނާ ނުކުތާ
15އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ދެވަނަ ނުކުތާގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާއަށް ގެނެވުނު އިސްލާހަށް އަމަލުކުރުމުގައި ނުވަތަ އެ މާއްދާ މި މައްސަލައަށް ތަތުބީގުކުރުމުގައި 'ޕްރިންސިޕަލް އޮފް ނޮން-ނޮން-ރެޓްރޮއެކްޓިވިޓީ' (ގާނޫނު މާޒީއަށް ތަތުބީގުނުކުރުމުގެ މަބްދައު) ދިވެހިރާއްޖޭގެ ހައިކޯޓުން ތަތުބީގުކޮށްފައިވަނީ އިޖުރާއީ ނުވަތަ ޝަކުލީ ގާނޫނީ ގަވާއިދުތައް އެ މަބްދައުއަށް ތަތުބީގުކުރުމުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން މި ނުކުތާ ތަފްސީލުކޮށްދެމުން ބުނެފައިވަނީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުން އެ ގާނޫނުގެ 34 ވަނަ މާއްދާއަށް ގެނެވުނު އިސްލާހާ އެއްގޮތަށް، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި މައްސަލަ ބެލުމުގެ އިޚްތިސާސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ނިންމުމަކީ ގާނޫނަށް ގެނެވުނު އިސްލާހުގެ އެ މާއްދާ މާޒީއަށް ހިންގުން ކަމަށް ވާނޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ގާނޫނު މާޒީއަށް ނުހިންގުމުގެ އުސޫލު މާނަކޮށް ތަތުބީގުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ހަދާފައިވާ ކުށެއް ކަމަށެވެ.
16އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާފައިވާ އުސޫލަކީ އިޖުރާއީ ގާނޫނީ އުސޫލެއް ކަމަށާއި، އެއީ އެއްވެސް ފަރާތެއްގެ ގާނޫނީ ހައްގަކަށް ނުރަނގަޅު އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށާއި، މި ފަދަ އިޖުރާއީ އުސޫލުތައް މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށްވެސް ހިނގާނެ ކަމަށެވެ. އިތުރަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހު ގެ ދަށުން، ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންދަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ކަމަށްވެފައި، އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅި އިރު، އެ ފަރާތުގެ މައްސަލަ ބެލުމުގެ އިހްތިސާސް ގާނޫނުން ދީފައިވަނީ އެ ޓްރައިބިއުނަލަށް ކަމަށްވާތީވެ، މި ހާލަތުގައި އެ މައްސަލަ ބެލުމަކީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ބ) އާ ޚިލާފުކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
17މަތީގައި މި ބަޔާންކުރި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ނުކުތާއަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސީދާ ޖަވާބު ދީފައި ނެތެވެ. އޭގެ ބަދަލުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ޖުމްލަ ވާހަކަ އަކީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 5 ސެޕްޓެމްބަރު 2019 ގައި ކަމަށާއި، އޭރު ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ސިވިލް ކޯޓަށް ކަމަށާއި ނަމަވެސް ވަޒީފާއާބެހޭ ގާނޫނުގެ 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށީ އޭގެ އަހަރެއްހައި ދުވަސް ފަހުން 22 ސެޕްޓެމްބަރު 2020 ގައި ކަމަށާއި، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ 2 ނޮވެމްބަރު 2020 ގައި ކަމަށާއި، ވަޒީފާއިން ވަކި ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއިރު، ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުން ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ވަޒީފާއާބެހޭ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލް ކޯޓުން ޓްރައިބިއުނަލަށް ބަދަލުވެއްޖެ ކަމަށާއި، ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ފަހުން އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިއިރު، ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބުނާ ތިން މަސްދުވަހުގެ މުއްދަތު ހަމަވެފައިވާތީ ޓްރައިބިއުނަލުން އެ މައްސަލަ ބެލުމުގެ އިޚްތިސާސް ނެތީ ކަމަށެވެ.
ގާނޫނު މާޒީއަށް ނުހިންގުމުގެ މަބްދައު
18HN1ޖިނާއީ ގާނޫނުތައް މާޒީއަށް ހިންގައިގެން ނުވާނެކަމަށް ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ސާފުބަހުން ބަޔާންކޮށްފައި ވެއެވެ. ނަމަވެސް، މަދަނީ ގާނޫނުތައް މާޒީއަށް ނުހިންގޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ، ”ކަނޑައެޅިގެން އެހެން ގޮތަކަށް ދޭހަ ނުވާހާ ހިނދަކު“ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނުތަކާއި އެ ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތައް ހަދާފައިވަނީ އެ ގާނޫނު ވުޖޫދަށް އަންނަ ތާރީޚުން ފެށިގެން ކުރިއަށް ހިނގާ ގޮތަށް ކަމަށް އިފްތިރާޟު ކުރެވޭނެ ކަމަށެވެ. އެހެން އިބާރާތަކުން ބުނާނަމަ، މަދަނީ ގާނޫނަކުން، އެ ގާނޫނު މާޒީއަށް ހިންގޭނެ ކަމަށް ދޭހަވާނަމަ، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ގާނޫނު ހިންގިދާނެއެވެ. އެހެންކަމުން، ޖިނާއީ ގާނޫނުތަކާ ޚިލާފަށް، ބައެއް ބާވަތުގެ މަދަނީ ގާނޫނުތައް މަދަނީ ޖިނާއީ ގާނޫނުތައް މާޒީއަށް ހިންގައިގެން ނުވާނެކަމަށް ބުނެފައިވާ ފަދަ ހަރުކަށި އުސޫލެއް މަދަނީ ގާނޫނުތައް މާޒީއަށް ހިންގުމާ ގުޅޭގޮތުން ނެތްކަން އެނގެއެވެ.
19ގާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބްދައުގެ އަސާސަކީ ބޭއިންސާފުން އެއްކިބާ ވުމެވެ. ނަމަވެސް ވަށައިގެންވާ އެންމެހާ ހާލަތްތަކަށް ރިއާޔަތްކުރާ އިރު، ބައެއް ގާނޫނުތައް، މިސާލަކަށް ވަކި ފަރުވާއެއް ނުވަތަ ވަކި ކަމަކަށް ހައްލެއް ހޯދައިދިނުމަށް ހަދާ ގާނޫނުތައް، މާޒީއަށް ހިންގުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ހާލަތްތަކުގައި އިންސާފު ލިބިދިނުމުގެ ގޮތުން މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް އެފަދަ ގާނޫނެއް ހިންގުމަކީ އެފަދަ ގާނޫނުތަކުގެ މަގްސަދެވެ.
20HN2HN3ކުރިންވެސް ބަޔާންކުރި ފަދައިން، މަދަނީ ގާނޫނުތައް މާޒީއަށް ނުހިންގުމުގެ މަބްދައު އަކީ، އެ ގާނޫނުން އެހެން ގޮތަކަށް ދޭހަނުވާނަމަ، އެ ގާނޫނަށް އަމަލުކުރާ ތާރީޚުން ފެށިގެން ކުރިއަށް (މުސްތަގުބަލަށް) އެ ގާނޫނު ހިންގުމެވެ. އޭގެ މާނައަކީ، އެ ގާނޫނަކަށް އަމަލުކުރަން ފެށިއިރު އުފެދިފައިވާ މައުލޫއީ ހައްގުތަކާއި ވާޖިބުތަކަށް އަލަށް ހެދޭ ގާނޫނުން އަސަރުނުކުރުމެވެ. މާޒީގައި އުފެދިފައިހުރި ހައްގުތަކާއި ވާޖިބުތަކުގެ މައްޗަށް އަލަށް ހަދާ ގާނޫނު ހިންގަން ރައްޔިތުންގެ މަޖިލީހުން ގަސްތުކުރާނަމަ، އެ ކަން ގާނޫނުގައި ސާފު ސަރީހަ ބަހުން ބަޔާން ކުރަންވާނެއެވެ. އިސްވެ މި ބަޔާންކުރީ މައުޟޫއީ ގާނޫނުތަކުގެ ވާހަކައެވެ. ނަމަވެސް މައުޟޫއީ ގާނޫނުތަކާ ޚިލާފަށް، އިޖުރާއީ ގާނޫނުތަކަކީ، އެ ގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެހިނދުން ފެށިގެން ހުރިހާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތެވެ. އެކަމުގައި ކުރިން ހިނގިކަމެއް ނުވަތަ ފަހުން ހިނގިކަމެއް ތަފާތުނުކުރެވެއެވެ. މި އުސޫލު މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ އިޙްސާން ޝަރީފްގެ މައްސަލައިގައި ކަނޑައަޅާފައިވެއެވެ.
21HN4އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ދައުވާކުރުމަކީ އަޙްމަދު މާޖިދުއަށް ލިބިގެންވާ ހައްގެކެވެ. އަދި އެ ހައްގު ވަކި މުއްދަތެއްގެ ތެރޭގައި ބޭނުންކުރުން މަހްދޫދުކުރާ ގާނޫނެއް ކަންހިނގިއިރަކު ނެތެވެ. އަޙްމަދު މާޖިދުއަށް ލިބިގެންވާ ދައުވާކުރުމުގެ ހައްގު ވުޖޫދުގައި ވަނިކޮށް ފާސްކުރެވުނު ވަޒީފާއާބެހޭ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި އަޙްމަދު މާޖިދުގެ ހާލަތުގައި އެކި ތަންތަނުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބި ނުވަތަ އެފަދަ މަގާމުތަކުން ވަކިކުރެވުނު މުވައްޒަފުންނަށް ލިބިގެންވާ ދައުވާކުރުމުގެ ހައްގު އުވާލުމަކީ ނުވަތަ ހަނިކުރުމަކީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހުގެ މަގްސަދެއްކަން އެ ގާނޫނުން އެނގެން ނެތެވެ. ދައުވާކުރުމުގެ ހައްގަކީ މައުޟޫއީ ގާނޫނުގެ ދާއިރާގައި ހިމެނޭ ކަމަކަށް ވާތީވެ، ފަހުން ހެދޭ ގާނޫނަކުން އަޙްމަދު މާޖިދުއަށް ލިބިގެންވާ ދައުވާކުރުމުގެ ހައްގު އޭނާގެ ކިބައިން ވަކި ކުރެވޭނީ ނުވަތަ އެ ހައްގު ހަނިކުރެވޭނީ އެ ގާނޫނުގައި އެކަން ސަރީހަބަހުން ބުނެފައިވާނަމަ އެވެ.
22HN5ގާނޫނުގައި އެހެން ގޮތަކަށް ބުނެފައިނުވާނަމަ، އިޖުރާއީ ގާނޫނުތައް ހިނގަން ފަށާނީ އެ ގާނޫނަށް އަމަލުކުރަން ފަށާދުވަހުން ކަމުގައިވާތީވެ، ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، އަޙްމަދު މާޖިދުއަށް ވަކިމުއްދަތެއް ނެތި އެއިރު ލިބިއޮތް ދައުވާކުރުމުގެ ހައްގުގެ ދަށުން އޭނާ ވަޒީފާގެ މައްސަލަ ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއަނަލަށެވެ. އަދި ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު، އަޙްމަދު މާޖިދުގެ ހާލަތުގައި ތިބި ފަރާތްތަކުން މައްސަލަ ހުށަހަޅާނަމަ ހުށަހަޅަންޖެހޭނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމުގައިވާތީވެ، ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ) ގައި ބުނާ ތިން މަސްދުވަހުގެ މުއްދަތު ގުނަން ފެށޭނީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެންނެވެ.
23ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުނު ތާރީޚަކީ 22 ސެޕްޓެމްބަރު 2020 އެވެ. އަޙްމަދު މާޖިދުގެ ފަރާތުން އިސްތިއުނާފުކުރެވޭ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ 19 ނޮވެމްބަރު 2020 ގައެވެ. ވީމާ، އަޙްމަދު މާޖިދުގެ ފަރާތުން އިސްތިއުނާފުކުރެވޭ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވަނީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 6 ވަނަ އިސްލާހަށް އަމަލުކުރަން ފެށުނު ތާރީޚު ކަމުގައިވާ 22 ސެޕްޓެމްބަރު 2020 އިން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި ކަމަށްވާތީވެ، އަޙްމަދު މާޖިދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ އެ ޓްރައިބިއުނަލުން ބަލަންޖެހޭ މައްސަލައެކެވެ. އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި އެހެނިހެން ނުކުތާތައް
24އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި (1) ވަނަ ނުކުތާއާއި (3) ވަނަ ނުކުތާއާއި (4) ވަނަ ނުކުތާގައި ހުށަހަޅާފައިވާ ކަންކަމަށް އިސްވެ މަތީގައި ބަޔާންކުރި ދެވަނަ ނުކުތާގައި ޖަވާބުދެވިފައިވާތީވެ، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި (1) ވަނަ ނުކުތާއާއި (3) ވަނަ ނުކުތާއާއި (4) ވަނަ ނުކުތާ އަށް ވަކިން ގޮތެއް ކަނޑައަޅަންޖެހޭ ކަމަށް ނުދެކެމެވެ.
ނިންމަން ފެންނަގޮތް
25މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، އަޙްމަދު މާޖިދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 19 ނޮވެމްބަރު 2020 ގައި ހުށަހެޅި މައްސަލަ، މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އަލުން އެ ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، އެ މައްސަލަ ޓްރައިބިއުނަލުން ބަލަންޖެހޭނެ ކަމަށް ކަނޑައަޅަން ފެނެއެވެ.
26މަތީގައިވާ ގޮތަށް މިބަޔާންކުރި މައްސަލަ އަޙްމަދު މާޖިދުގެ ފަރާތުން އަލުން ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކަމަށް މިކޯޓުން ނިންމި ނަމަވެސް، އެ މައްސަލައިގައި ދައުވާލިބޭނޭ ފަރާތަކީ ކޮބައިކަމާމެދު މި މައްސަލައިގައި މި ކޯޓުން ގޮތެއް ކަނޑައަޅާފައި ނުވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
27މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
28މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން: (1) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2021/HC-A/014 ގަޒިއްޔާގެ ހުކުމާއި އެ ގަޒިއްޔާއިން ތާއީދުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-L/INDIV/200-L/INDIV/2020/289 ނިންމުން، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފީމެވެ. (2) އަޙްމަދު މާޖިދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 19 ނޮވެމްބަރު 2020 ގައި ހުށަހެޅި ވަޒީފާއާބެހޭ މައްސަލަ، މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އަލުން އެ ޓްރައިބިއުނަލަށް ހުށަހަޅައިފިނަމަ، އެ މައްސަލަ ޓްރައިބިއުނަލުން ބަލަންޖެހޭނެ ކަމަށް މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ހުކުމް ކުރީ:
ފުޓްނޯޓު
- ގާނޫނު ނަންބަރު 10/2008
- ގާނޫނު ނަންބަރު 11/2019
- ވަޒީފާއާބެހޭ ގާނޫނުގެ 28 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2020
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200-L/INDIV/2020/289 "ޓްރައިބިއުނަލުން ބެލެން ނެތް މައްސަލައެއްކަން އަންގާ ލިޔުން" (07 ޑިސެމްބަރ 2020)
- ގާނޫނު ނަންބަރު 4/2011
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ބ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2020 (ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- ޤާނޫނު ނަންބަރު 11/2019 (ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު)
- އިޙްސާން ޝަރީފްގެ މައްސަލަ (ސުޕްރީމް ކޯޓު)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.