ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2023] SC 52 · 2022/SC-A/01, 2022/SC-A/03

ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް ވ. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
3 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ނޮވެމްބަރު 2023ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2019/HC-A/51
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

—

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން އާބިޓްރޭޝަން ސެންޓަރެއް ނެތުމުން މައްސަލަ ބެލޭނެކަމަށް ބަލައި، 67,360,917 ރުފިޔާގެ ބަދަލު ނަގައިދިނުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން އާބިޓްރޭޝަނާއި ގެއްލުމުގެ މާއްދާގެ ނުކުތާތަކުގައި ސިވިލް ކޯޓާ އެއްގޮތަށް ނިންމި ނަމަވެސް، ވަކި ސްޕީޑެއް ލާޒިމުކޮށްފައި ނުވާތީ ޚިލާފުވުން ސާބިތުނުވާކަމަށް ބަލައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ވާޤިޢާ
8 އޭޕްރިލް 2015 ގައި ފޯކަސް އިންފޯކޮމާއި އުރީދޫ ކޭޝިންގ އެގްރިމެންޓުގައި ސޮއިކުރިއެވެ. އުރީދޫއަށް އައިއެސްޕީ ލައިސަންސް ލިބުމުން، ވާދަވެރިކަމުގެ ސަބަބުން ގަސްތުގައި ކޭޝިންގ ޚިދުމަތުގެ ސްޕީޑު ދަށްކޮށް ކަސްޓަމަރުން ގެއްލުނު ކަމަށް ބުނެ ފޯކަސް އިންފޯކޮމުން ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. އެގްރިމެންޓުގެ 28 ވަނަ މާއްދާގައި ޚިލާފުތައް އާބިޓްރޭޝަނަށް ހުށަހަޅަން ބަޔާންކޮށްފައިވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއްބަސްވުމުގައި އާބިޓްރޭޝަން ޚިޔާރުކޮށްފައިވަނިކޮށް، ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ޤާއިމުވެފައި ނެތް ޙާލަތުގައި ސިވިލް ކޯޓަށް މައްސަލަ ބެލޭނެތޯ؛ ކޭޝިންގ ޚިދުމަތުގެ ސްޕީޑު ދަށްކޮށް އުރީދޫއިން އެއްބަސްވުމާ ޚިލާފުވި ކަމާއި ގެއްލުމުގެ ސަބަބީ ގުޅުން ފޯކަސް އިންފޯކޮމަށް ސާބިތުވޭތޯ؛ އަދި އެއްބަސްވުމުގެ ޒިންމާ ހަނިކުރާ މާއްދާގެ ސަބަބުން ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ހުރަސްއެޅޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ހައިކޯޓުން ފަރާތްތަކުން ނުނަގާ ނުކުތާއެއްގައި ގޮތް ނިންމި ކަމަށާއި، ސާބިތުކުރުމުގެ ބުރައާއި ބޮޑަށް ބުރަވެވޭ ގޮތުގެ އުސޫލާ ޚިލާފުވި ކަމަށް ފޯކަސް އިންފޯކޮމް ބުނެއެވެ. އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ކޯޓަށް މައްސަލަ ނުބެލޭނެ ކަމަށާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ނުދެވޭނެ ކަމަށް އުރީދޫ ބުނެއެވެ.
ކޯޓުގެ ސަބަބުތައް
ސެޕަރަބިލިޓީގެ އުސޫލުގެ ދަށުން، އާބިޓްރޭޝަން ސެންޓަރެއް ނެތުމުން ތަންފީޛުނުކުރެވޭ އާބިޓްރޭޝަނުގެ މާއްދާއަކުން ކޯޓަށް ދިއުމުގެ ޙައްޤު ނުގެއްލެއެވެ. އެގްރިމެންޓުގައި ވަކި ސްޕީޑެއް ލާޒިމުކޮށްފައި ނުވާތީއާއި، ޚިދުމަތް ދަށްވުމާއި ކަސްޓަމަރުން ގެއްލުމާ އުރީދޫގެ ޢަމަލު ގުޅުވާ ހެކި ބޮޑަށް ބުރަވެވޭ މިންވަރަށް ނެތުމުން ދަޢުވާ ސާބިތެއް ނުވެއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ދެ އިސްތިއުނާފުވެސް ބާޠިލު، ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަދަނީ – ކޮންޓްރެކްޓް (އާބިޓްރޭޝަން، އެއްބަސްވުމާ ޚިލާފުވުން، ސާބިތުކުރުމުގެ ބުރަ)

HN1 އެއްބަސްވުމެއްގައި ދެފަރާތު ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރުމަށް އާބިޓްރޭޝަން ޚިޔާރުކޮށްފައިވާނަމަ، ޢާންމު އުސޫލަކީ އެ މައްސަލަތައް އާބިޓްރޭޝަނަށް ހުށަހެޅުމެވެ. އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދަޢުވާލިބޭ ފަރާތުން ފުރަތަމަ ފުރުޞަތުގައި އާބިޓްރޭޝަނަށް އެދި، އެއްބަސްވުމަކީ ބާޠިލު ނުވަތަ ޢަމަލުކުރެވެން ނެތް ނުވަތަ ތަބާވެވެން ނެތް އެއްބަސްވުމެއްކަމަށް ކޯޓަށް ނުފެންނަނަމަ، މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް އަމުރުކުރުން ކޯޓުގެ މައްޗަށް ލާޒިމުވެއެވެ.

HN2 އާބިޓްރޭޝަނުގެ އެއްބަސްވުމަކީ ވަކިން އޮންނަ އެއްބަސްވުމަކަށް ނުވަތަ އެއްބަސްވުމެއްގެ މާއްދާއަކަށް ވެދާނެއެވެ (އާބިޓްރޭޝަނުގެ ޤާނޫނުގެ 12 ވަނަ މާއްދާ). ޕްރިންސިޕަލް އޮފް ސެޕަރަބިލިޓީ (30 ވަނަ މާއްދާ) ގެ ދަށުން އާބިޓްރޭޝަނުގެ މާއްދާއަކީ މައުޟޫޢީ އެއްބަސްވުމާ ވަކިން އޮންނަ މިނިވަން އެއްބަސްވުމެކެވެ؛ އެކަކަށް ޢަމަލުނުކުރެވުމަކީ ނުވަތަ ޞައްޙަނުވުމަކީ އަނެކަކަށް އަސަރުކުރާ ކަމެއް ނޫނެވެ.

HN3 އެއްބަސްވުން ވެވުނުއިރާއި ދަޢުވާ ކޯޓަށް ހުށަހަޅައި ނިމުނުއިރު ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ނުވަތަ އާބިޓްރޭޝަނުގެ މައްސަލަތައް ބަލާނެ ވަސީލަތްތަކެއް ޤާއިމުވެފައި ނެތްނަމަ، އެ އާބިޓްރޭޝަނުގެ އެއްބަސްވުމަކީ ތަންފީޛުކުރެވެން ނެތް އެއްބަސްވުމެކެވެ؛ 15 ވަނަ މާއްދާގެ (ހ) ގެ ޝަރުޠުތައް ފުރިހަމަވިޔަސް އެ މާއްދާއާ އެއްގޮތަށް ޢަމަލުކުރެވޭނީ އާބިޓްރޭޝަން ސެންޓަރު ޤާއިމުވެފައިހުރިނަމައެވެ. އާބިޓްރޭޝަނުގެ އެއްބަސްވުމަށް ޢަމަލުނުކުރެވުމަކީ މައުޟޫޢީ އެއްބަސްވުމުގެ އިލްތިޒާމުތަކުން ބަރީޢަވުމަށް ނުވަތަ އިންޞާފު ހޯދުމަށް ކޯޓަށް ދިއުމުގެ މަގު ބަންދުކުރުމަށް ސަބަބެއް ނޫނެވެ؛ އެހެން ގޮތަކަށް އެއްބަސްވެފައި ނުވާނަމަ ދެފަރާތަށްވެސް ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ.

HN4 ދަޢުވާލިބޭ ފަރާތުން ދަށު ކޯޓުގައި އެއްބަސްވުމާ ޚިލާފުވުމާއި ގެއްލުމާ ގުޅުމަށް އިންކާރުކޮށްފައިވާއިރު، އެއްބަސްވުމާ ޚިލާފުވެފައިނުވާކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ދަށު ކޯޓުގައި ކުރެވުނު ދަޢުވާގެ ބޭރުން ގޮތް ކަނޑައެޅުމެއް ނޫނެވެ؛ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ހައިކޯޓުން މައްސަލަ ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސްކޮށެވެ.

HN5 ދަޢުވާއެއް ސާބިތުކޮށްދިނުމުގެ ބުރަ އަބަދުވެސް އުފުލަންޖެހެނީ ދަޢުވާކުރާ ފަރާތެވެ؛ ދިފާޢީ ދަފްޢު ސާބިތުކުރުމަކީ ދަޢުވާލިބޭ ފަރާތުގެ މަސްއޫލިއްޔަތެކެވެ. މަދަނީ މައްސަލަތަކުގައި ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ ގޮތެވެ (balance of probabilities)؛ ކަމެއް ނުވުމަށްވުރެ ވުމަށް ބޮޑަށް ބުރަވެވޭނަމަ ބުރަ އަދާވެއެވެ، ނަމަވެސް ދެގޮތަކީވެސް ހަމަހަމަ ގޮތުން ވެދާނެ ގޮތް ކަމަށް ފެނިއްޖެނަމަ ސާބިތުކުރުމުގެ މަސްއޫލިއްޔަތު އަދާވެފައެއް ނުވެއެވެ.

HN6 ޚިދުމަތެއް ދޭން ބޭނުންކުރާ ލައިނެއް ނުވަތަ އާލާތެއްގެ ކެޕޭސިޓީއަކީ، އެ ކެޕޭސިޓީއަށް ޚިދުމަތް ދިނުމަށް ދެފަރާތް އެއްބަސްވެފައިވާކަމުގެ ދަލީލެއް ނޫނެވެ. އެއްބަސްވުމުގައި ވަކި ސްޕީޑަކަށް ނުވަތަ ފެންވަރަކަށް ޚިދުމަތް ދިނުން ލާޒިމުކޮށްފައި ނުވާއިރު، އަދި ފުރަތަމަ އެ ފެންވަރަކަށް ޚިދުމަތް ދިންކަމުގެ ހެއްކެއް ނެތްއިރު، ޚިދުމަތުގެ ފެންވަރު ދަށްވީކަމަށް ބުނެ އެއްބަސްވުމާ ޚިލާފުވިކަން ސާބިތެއް ނުވާނެއެވެ.

HN7 އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން ގެއްލުނު ކަސްޓަމަރުންގެ ބަދަލު ހޯދާނަމަ، ދަޢުވާލިބޭ ފަރާތުގެ ޢަމަލާއި ގެއްލުމާ ދެމެދު ސަބަބީ ގުޅުން ދަޢުވާކުރާ ފަރާތުން އެކަށީގެންވާ ހެކިން ސާބިތުކޮށްދޭންޖެހޭނެއެވެ. ތިންވަނަ ފަރާތްތަކުގެ ދައުރު ޝާމިލުވާ ޙާލަތުގައި، ގެއްލުން ވީ ދަޢުވާލިބޭ ފަރާތުގެ ޢަމަލަކުން ކަމަށާއި ތިންވަނަ ފަރާތްތަކުގެ ސަބަބުން ކަމަށް ބެލުމުގެ ފުރުޞަތު ހަމަހަމަ ނަމަ ދަޢުވާ ސާބިތެއް ނުވާނެއެވެ. ވާދަވެރިކަމަށް ހުރަސްއަޅާ (anti-competitive) ޢަމަލުތައް ފާޅުނުވެދާނެ ނަމަވެސް، ތުހުމަތުކުރާ ޢަމަލާ ސީދާ ގުޅުވާލެވޭ މިންވަރަށް ހެކި ހުށަހަޅަންޖެހޭނެއެވެ.

HN8 ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންޓްރެކްޓެއްގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާ މާއްދާއަކީ ބާޠިލު މާއްދާއަކަށް ވާތީ، ނުސީދާ ނުވަތަ ނަތީޖާގެ ގޮތުން ލިބޭ ގެއްލުމުގެ ޒިންމާ އުނިކުރާ މާއްދާއެއް އެއްބަސްވުމުގައި އޮތަސް، އެއްބަސްވުމާ ޚިލާފުވިކަން ސާބިތުވެއްޖެނަމަ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުރަސް ނާޅާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 13 ޑިސެމްބަރު 2021 · ރަޖިސްޓްރީކުރީ 2 ޖަނަވަރީ 2022 · ނިމުނީ 23 ނޮވެމްބަރު 2023 (22.7 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 52 2022/SC-A/01

2022/SC-A/03 ޝަރީޢަތް ނިމުނުގޮތް ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް ވ. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 23 ނޮވެމްބަރ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/51 2022/SC-A/01 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، ކުންފުނި ރަޖިސްޓްރީ ނަންބަރު C-0633/2004 ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް، ކުންފުނި ރަޖިސްޓްރީ ނަންބަރު C-02/2003 ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ދީނާ ޙުސައިން، އެސް.އެޗް.ސީ ލޯޔަރސް އެލް.އެލް.ޕީ

މޫސާ ޢާލީމް

މުޙައްމަދު ޝަހުދީ އަންވަރު

ޙުސައިން ސިރާޖް، އެސް.އެންޑް.އޭ ލޯޔަރސް އެލް.އެލް.ޕީ 2022/SC-A/03 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ

ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 15 އަދި 30 ވަނަ މާއްދާ، އާބިޓްރޭޝަން އެއްބަސްވުމާއި މައުލޫއީ އެއްބަސްވުމުގެ ތަފާތުވުމުގެ މަފްހޫމް، ޕްރިންސިޕަލް އޮފް ސެޕަރަބިލިޓީ، principle of separability، އެގްރިމަންޓާ ޚިލާފުވިކަން ސާބިތުކޮށްދިނުމުގެ ބުރަ، ބޮޑަށް ބުރަވެވޭގޮތް

ފިހުރިސްތު

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1

ތަޢާރުފު 1

މައްސަލައިގައި ކަން ހިނގާފައިވާގޮތް 2

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް 3

ހައިކޯޓުން މައްސަލަ ނިންމިގޮތް 5

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން 7

ފޯކަސް އިންފޯކޮމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް 8

އުރީދޫގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް 8

އާބިޓްރޭޝަނުގެ އުސޫލުން މައްސަލަ ބެލުން 9

(ހ) އާބިޓްރޭޝަން އެއްބަސްވުމާއި މައުލޫޢީ އެއްބަސްވުން ތަފާތުވުމުގެ މަފްހޫމް 12

(ށ) ކޭޝިންގ އެގްރިމެންޓުގެ 28 ވަނަ މާއްދާ 14

(ނ) އުސޫލު ތަތުބީޤުކުރުން 15

ފޯކަސް އިންފޯކޮމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް 18

(ހ) ހުށަހަޅާފައިނުވާ އައު ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ގޮތް ނިންމުން 18

(ށ) އުރީދޫއިން އެގްރިމެންޓާ ޚިލާފުވިކަމަށް ފޯކަސް އިންފޯކޮމްއިން ބުނާ ބުނުން 20

(ނ) ސާބިތުކޮށްދިނުމުގެ ބުރަ 21

(ރ) މި މައްސަލައިގައި ދަޢުވާ ސާބިތުވެފައިވޭތޯ 23

އެއްބަސްވުމުގެ ދަށުން ބަދަލު ނަގައިދެވިދާނެކަމަށް ކަނޑައެޅީ ޤާނޫނާ ޚިލާފަށްކަމަށް އުރީދޫއިން ބުނާބުނުން 28

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 30

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 30

ޙުކުމް 31

` ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް ވ. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ [2023] SC 52 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-02/2003، މީގެ ފަހުން "ފޯކަސް އިންފޯކޮމް") އާއި އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، (ރަޖިސްޓްރީ ނަންބަރު C-0633/2004، މީގެ ފަހުން "އުރީދޫ") އާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދެފަރާތު ދެމެދު އުފެދިފައިވާ ޚުޞޫމާތަކާ ގުޅޭ މައްސަލައެކެވެ.

2ފޯކަސް އިންފޯކޮމް އާއި އުރީދޫއާ ދެމެދު ވެފައިވާ "އިންޓަރނެޓް ސަރވިސަސް ރީސޭލް އެންޑް އެކްސެސް ޓު ކޭޝިންގ އެގްރިމެންޓް" (މީގެ ފަހުން "ކޭޝިންގ އެގްރިމެންޓް" ނުވަތަ "އެގްރިމެންޓް") ގެ މާއްދާތަކާ އެއްގޮތަށް އުރީދޫއިން ޢަމަލުކޮށްފައި ނުވާތީ، އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅާ ދިނުމަށް އެދި ފޯކަސް އިންފޯކޮމްއިން ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާއިން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކުރީ އުރީދޫއިން ދެމުން ދިޔަ ޚިދުމަތް ދަށްކޮށްފައިވުމުގެ ސަބަބުން ފޯކަސް އިންފޯކޮމްގެ ވިޔަފާރިއަށް ގެއްލުން ލިބިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ ފޯކަސް އިންފޯކޮމްއަށް ބަދަލު ނަގައިދިނުމަށެވެ. އުރީދޫގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެލި ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާއިން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.

3ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ފޯކަސް އިންފޯކޮމްގެ ފަރާތުންނާއި އުރީދޫގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ފޯކަސް އިންފޯކޮމްގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/01 ގަޒިއްޔާއިންނެވެ. އުރީދޫގެ ފަރާތުން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/03 ގަޒިއްޔާއިންނެވެ. އެހެންކަމުން، މި ދެ މައްސަލަ ސުޕްރީމް ކޯޓުގައި ހިންގާފައިވަނީ އެކުއެކީގައެވެ.

މައްސަލައިގައި ކަން ހިނގާފައިވާގޮތް

4ފޯކަސް އިންފޯކޮމް އާއި އުރީދޫއާ ދެމެދު 8 އޭޕްރިލް 2015 ގައި ކޭޝިންގ އެގްރިމެންޓް ގައި ސޮއިކުރިއެވެ. މި އެގްރިމެންޓުގެ ދަށުން ދެފަރާތުގެ ކަސްޓަމަރުންނަށް އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ފޯކަސް އިންފޯކޮމްގެ އިންޓަރނެޓް ރީސެލަރއެއްގެ ގޮތުގައި އުރީދޫ އައްޔަން ކުރިއެވެ.1 އަދި ފޯކަސް އިންފޯކޮމްއަށް ކޭޝިންގގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން އެއްބަސްވެފައިވެއެވެ.2 އެއްބަސްވުމުގެ މުއްދަތަކީ 5 (ފަހެއް) އަހަރު ދުވަހެވެ.3

5ފޯކަސް އިންފޯކޮމްގެ ފަރާތުން ތުހުމަތު ކުރަނީ ކޭޝިންގ އެގްރިމެންޓުގައި ސޮއިކުރި ފަހުން، އުރީދޫއަށް ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބުމުން، ދެފަރާތުގެ ދެމެދުގައިވި އެގްރިމެންޓާ އެއްގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި، އެ އެގްރިމެންޓާ އުރީދޫއިން ޚިލާފުވެ، ފޯކަސް އިންފޯކޮމްގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެގްރިމެންޓުގެ ދަށުން ލިބެންޖެހޭ ޚިދުމަތުގެ ފެންވަރު ދަށްކުރުމުގެ ނިޔަތުގައި ގަސްތުގައި އުރީދޫއިން މަސައްކަތް ކޮށްފައިވާކަމަށެވެ.4 އަދި އެގޮތުން، އެގްރިމެންޓުގެ ދަށުން ފޯކަސް އިންފޯކޮމްއަށް ލިބެންޖެހޭ ކޭޝިންގގެ ޚިދުމަތް އުރީދޫންއިން ދަށް ކުރުމުން، ފޯކަސް އިންފޯކޮމްގެ ކަސްޓަމަރުންނަށް ލިބޭ އިންޓަރނެޓްގެ ޚިދުމަތް އިންތިހާއަށް ދަށްވެގެންދިޔަކަމަށެވެ.5

6އެހެންކަމުން، ފޯކަސް އިންފޯކޮމްއިން އުރީދޫގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާއިން ދަޢުވާކުރީ އުރީދޫއިން ކޭޝިންގ އެގްރިމެންޓާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދީ، ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ6 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

7ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާގައި އެ ކޯޓުން ޙުކުމްކުރީ އުރީދޫއިން ދެމުންދިޔަ ޚިދުމަތް ދަށްކުރުމުގެ ސަބަބުން ފޯކަސް އިންފޯކޮމްއަށް ގެއްލުން ލިބިފައިވާކަމަށާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 67,360,917.00ރ. (ފަސްދޮޅަސް ހަތްމިލިއަން ތިންލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ) އުރީދޫއިން ފޯކަސް އިންފޯކޮމްއަށް ދައްކަންޖެހޭކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

7.1 އެގްރިމެންޓްގެ ދަށުން އުފެދޭ ޚިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާއެކު 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހައްލު ނުކުރެވިއްޖެނަމަ، އެކަމެއް ހައްލުކުރުމަށް ހުށަހަޅަންޖެހޭނީ އެގްރިމަންޓުގެ 28 ވަނަ މާއްދާގެ ދަށުން އާބިޓްރޭޝަނުގެ ޤާނޫނުގެ7 ދަށުން އުފައްދާފައިވާ އާބިޓްރޭޝަން ސެންޓަރަށްކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ސެންޓަރަށް މައްސަލައެއް ހުށަހެޅުމުގެ އިދާރީ އެއްވެސް އިންތިޒާމެއް އެހައިތަނަށް ހަމަޖެހިފައިނުވާކަން ލިޔުންތަކުން އެނގެން އޮތުމާއެކު، އެ އާބިޓްރޭޝަން ސެންޓަރަށް މި މައްސަލަ ހައްލުކުރުމަށް ހުށަހެޅޭނެ އެއްވެސް ގޮތެއް ނެތް ހިނދު، ދެފަރާތު ދެމެދު ސޮއިކުރެވިފައިވާ އެގްރިމަންޓުގައި އެގޮތަށް އޮތުމަކީ މި މައްސަލައަށް ފަރުވާއެއް ހޯދުމަށް ޝަރީޢަތަށް އައުމަށް އޮތް ހުރަހެއް ކަމުގައި ނުވާކަން.

7.2 ކޭޝިންގ އެގްރިމެންޓްގެ ދަށުން އުރީދޫއިން ދެމުންދިޔަ ކޭޝިންގގެ ޚިދުމަތް 700 Mbps އިން 50 Mbps އަށް ދަށްކޮށްފައިވާކަން ފޯކަސް އިންފޯކޮމްގެ ފަރާތުން ހުށަހަޅާފައިވާ ޚިދުމަތް ދެމުން އަންނަގޮތުގެ ޗާޓުން އެނގެން އޮންނައިރު، އެ ޚިދުމަތް ދަށްނުވާކަން ދައްކުވައިދޭ ޗާޓެއް އުރީދޫގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަން.

7.3 އުރީދޫއިން ދެމުންދިޔަ ކޭޝިންގގެ ޚިދުމަތް ދަށްކުރުމުގެ ސަބަބުން ފޯކަސް އިންފޯކޮމްއިން ދެމުންދިޔަ ޚިދުމަތް ލަސްވެ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެ ކުންފުނީގެ ޚިދުމަތް ބޭނުން ކުރަމުންދިޔަ ބައެއް ކަސްޓަމަރުން ގެއްލި މިކަމުގެ ސަބަބުން ފޯކަސް އިންފޯކޮމްއަށް ގެއްލުން ލިބިފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަން.

7.4 ފޯކަސް އިންފޯކޮމްއަށް ލިބިފައިވާ ގެއްލުމުގެ ގޮތުގައި "21 ކޮންސަލްޓިންގ އެލް.އެލް.ޕީ" ގެ ފަރާތުން ތައްޔާރުކޮށްފައިވާ ލޮސް އޮފް ރެވެނިއު ރިޕޯޓުގައި ބަޔާންކޮށްފައިވަނީ 67,360,917.00ރ. (ފަސްދޮޅަސް ހަތްމިލިއަން ތިންލައްކަ ފަސްދޮޅަސްހާސް ނުވަސަތޭކަ ސަތާރަ ރުފިޔާ) ކަމަށްވާތީ، ފޯކަސް އިންފޯކޮމްއިން ދަޢުވާގައި އެދިފައިވާ ޖުމްލަ 1,578,450.63ރ. (އެއްމިލިއަން ފަސްލައްކަ ހަތްދިހަ އަށްހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ ފަސްދޮޅަސް ތިންލާރި) އާއި US$8,165,000.00 (އަށްމިލިއަން އެއްލައްކަ ފަސްދޮޅަސް ފަސްހާސް އެމެރިކާ ޑޮލަރު) ގެ ޢަދަދަށްވާ ފައިސާ ނަގައިދެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން.

7.5 ކޭޝިންގ އެގްރިމެންޓްގެ 13 ވަނަ މާއްދާއާ 16 ވަނަ މާއްދާގެ (ސީ) އަދި 23 ވަނަ މާއްދާއަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާގޮތުގެ މަތިން ބަދަލު ހޯދުމަށް ޝަރީޢަތަށް އައުމަށް ޤާނޫނީގޮތުން ހުރަސް އަޅާ މާއްދާތަކެއް ކަމުގައި ނުވާކަން.

7.6 އެގްރިމަންޓާ ޚިލާފުވުމުގެ ސަބަބުން ފޯކަސް އިންފޯކޮމްއަށް ލިބިފައިވާ ގެއްލުމުގެ މިންވަރު ބަލާ ވަޒަންކުރުމުގައި މިނިވަން އޮޑިޓް ފާމެއްކަމަށްވާ "21 ކޮންސަލްޓިން އެލް.އެލް.ޕީ" ގެ ފަރާތުން ތައްޔާރުކޮށްފައިވާ "ލޮސް އޮފް ރެވެނިއު" ރިޕޯޓަކީ މިބާވަތުގެ ކަންކަމުގައި ބޭނުންކުރެވޭ އިންޓަރނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ރިޕޯޓެއްކަމުން މި ދަޢުވާގައި ހިމެނޭ ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި އެ ރިޕޯޓަކީ ހުއްޖަތެއްކަމުގައި ޝަރީޢަތަށް ބުރަވެވޭކަން.

ހައިކޯޓުން މައްސަލަ ނިންމިގޮތް

8ބުނެވުނު ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް އުރީދޫގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށްފައިވެއެވެ. ހައިކޯޓުން މިގޮތަށް ނިންމީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

8.1 ކޭޝިންގ އެގްރިމަންޓުގެ 28 ވަނަ މާއްދާގައި އާބިޓްރޭޝަނުގެ ޤާނޫނާ ޙަވާލާދީ އަދި އާބިޓްރޭޝަން ކުރިއަށްގެންދާނީ ދިވެހިރާއްޖޭގައި ދިވެހިބަހުންކަމަށް އޮތްނަމަވެސް، އެފަދައިން އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމު އޭރު ހަމަޖެހިފައި ނެތުމަކީ، އެއްބަސްވުމާމެދު ޚިލާފު އުފެދޭ ހާލަތުގައި އަދި އެއްބަސްވުމާ ވަކި ފަރާތަކުން ޚިލާފުވާ ހާލަތުގައި ކަމާބެހޭ ކޯޓުން ފަރުވާއެއް ހޯދުމަށް އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް ހުރަހެއް އޮތްކަމެއްކަމަށް ނުދެކޭކަމަށާއި، އަދި އެއްބަސްވުމުގައި ސިވިލް ކޯޓަށް އެއްބަސްވުމާގުޅޭ މައްސަލައެއް ނުބެލޭނެކަމަށް ބަޔާންކޮށްފައި ނުވާއިރު، ސިވިލް ކޯޓަށް މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް އުރީދޫއިން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަން.

8.2 އެގްރިމަންޓުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްދީފައިވަނީ އެއްބަސްވުމުގެ ދެ ބައިވެރިންވެސް ޒިންމާ ނަގަންނުޖެހޭނެ ގެއްލުންތައް ކަމާއި، މީގެ ތެރޭގައި ސީދާ ގެއްލުން (direct loss) ހިމެނިގެންނުވާކަމާއި، އެހެންކަމުން އެއްބަސްވުމުގެ ދަށުން އެއްވެސް ގެއްލުމެއްގެ ބަދަލެއް ނަގައިނުދެވޭނެކަމަށް އުރީދޫއިން ބުނާ ބުނުމަކީ އެއްބަސްވުމަށް ބަލާއިރު ރަނގަޅު ބުނުމެއް ނޫންކަމާއި، އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ސީދާ ލިބޭ ގެއްލުން (direct loss) ނަގައިދިނުމަށް އެއްބަސްވުން ހުރަސްނާޅާކަމާއި، އަދި އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ނަގައިދެވޭނެކަމަށް ސިވިލް ކޯޓުން މާނަކޮށްފައިވަނީ ރަނގަޅަށްކަން.

8.3 ކޭޝިންގ އެގްރިމެންޓް ވެފައިވަނީ ދެފަރާތުގެ ކަސްޓަމަރުންނަށް ދެމުންދިޔަ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކަމާއި، އެގޮތުން އެއްބަސްވުމުގެ ދަށުން ފޯކަސް އިންފޯކޮމްގެ "އިންޓަރނެޓް ރީސެލަރ" އެއްގެ ގޮތުން އުރީދޫ އައްޔަންވިކަމާއި، އަދި ފޯކަސް އިންފޯކޮމްއަށް ކޭޝިންގގެ ޚިދުމަތް ފޯރުކޮށްދިނުމަށް އުރީދޫއިން އެއްބަސްވެފައިވާކަމާއި، އެހެންކަމުން، އެއްފަރާތުން އަނެއް ފަރާތަށް ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގައި އަނެއް ފަރާތުންވެސް ޚިދުމަތެއް ދޭން އެއްބަސްވެފައިވާކަމާއި، އަދި އެ ޚިދުމަތުގެ ސަބަބުން ދެފަރާތަށްވެސް މަންފާތަކެއް ޙާޞިލު ކުރެވޭނެކަން އެނގެން އޮތުމުން، އެއްވެސް މުޤާބިލެއް ނުވަތަ ކޮންސިޑަރޭޝަންއެއް ނެތް އެއްބަސްވުމެއްކަމަށް އުރީދޫއިން ބުނެފައިވާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަން.

8.4 އުރީދޫއިން ކޭޝިންގގެ ޚިދުމަތް ދީފައިނުވާކަމަށް ފޯކަސް އިންފޯކޮމްއިން ބުނެފައި ނުވާކަމަށާއި، ނަމަވެސް ބުނެފައިވަނީ އެގްރިމެންޓުގެ ދަށުން އުރީދޫއިން ފޯރުކޮށްދެމުންދިޔަ ޚިދުމަތުގެ ސްޕީޑް ދަށްކޮށްފައިވާ ކަމަށާއި އެކަމަކީ އެގްރިމެންޓާ ޚިލާފުވުން ކަމަށާއި، އެގްރިމެންޓަށް ބަލާއިރު، އެގްރިމެންޓުގެ އެއްވެސް މާއްދާއެއްގައި އުރީދޫއިން ފޯކަސް އިންފޯކޮމްއަށް ކޭޝިންގގެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ވަކި ސްޕީޑް ލިމިޓެއް ބަޔާންކޮށްފައި ނުވާކަމަށާއި، އުރީދޫއިން ދެމުންދިޔަ ޚިދުމަތް ދަށްވެފައިވާކަމަށް ބުނެ ފޯކަސް އިންފޯކޮމްއިން ޗާޓެއް ހުށަހަޅާފައިވީނަމަވެސް، އެ ޚިދުމަތް ދަށްވީ އުރީދޫއިން ގަސްދުގައިކުރި ކަމަކުންކަމެއް ފޯކަސް އިންފޯކޮމްއަށް ސާބިތުކޮށްދެވިފައިނުވާކަމަށާއި އަދި ކޭޝިންގެ ޚިދުމަތް އުރީދޫއިން ފޯރުކޮށްދީފައިވާކަމާމެދު ފޯކަސް އިންފޯކޮމްއިންވެސް ސުވާލު އުފައްދާފައިނުވާކަން އަދި އެއްބަސްވުމުގައި ލާޒިމުކޮށްފައިނުވާ ކަމަކާ ގުޅިގެން އުރީދޫއިން އެއްބަސްވުމާ ޚިލާފުވީކަމަށް ބެލެވޭނެ ހަމައެއް ނެތްކަން.

8.5 އެހެންކަމުން، އުރީދޫއިން އެއްބަސްވުމާ ޚިލާފުވެފައިވާކަން ފޯކަސް އިންފޯކޮމްއަށް ސާބިތުކޮށްދެވިފައިނުވާތީ، ދަށުކޯޓުގައި ފޯކަސް އިންފޯކޮމްއިން ކޮށްފައިވާ ދަޢުވާގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފޯކަސް އިންފޯކޮމްއަށް ޤާނޫނީގޮތުން ލިބިދޭންޖެހޭ ބަދަލެއް އޮތްކަމުގައި ނުދެކޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން

9ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ފޯކަސް އިންފޯކޮމްގެ ފަރާތުންނާއި އުރީދޫގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ފޯކަސް އިންފޯކޮމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

10ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ފޯކަސް އިންފޯކޮމްގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ހުށަހަޅައި ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ.

10.1 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ8 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ ޔޫސުފް ރިޟާ9 ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

10.2 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ޙުކުމްކުރުމުގައި ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ބުރަދަން ދީފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްތަފާ10 ގަޒިއްޔާގައި ދަފްޢު ސާބިތުކުރުމުގެ ބުރައާއި، preponderance of evidence އާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އުރީދޫގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

11ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އުރީދޫގެ ފަރާތުންވެސް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މައިގަނޑު 2 (ދޭއް) ނުކުތާއެކެވެ.

11.1 ކޭޝިންގ އެގްރިމަންޓުގެ 28 ވަނަ މާއްދާގެ ދަށުން، އެ އެގްރިމަންޓުގެ ދަށުން އުފެދޭ ޚިޔާލު ތަފާތުވުންތައް ޞުލްޙަވެރިކަމާއެކު 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހައްލުނުކުރެވިއްޖެނަމަ، އެކަމެއް ހައްލުކުރަންޖެހޭނީ ހަމައެކަނި އާބިޓްރޭޝަނުގެ ޤާނޫނުގެ11 ދަށުން އާބިޓްރޭޝަންއަށް ކަމަށް ބަޔާންކޮށްފައި ވުމުންނާއި، އެކަމަށް އެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް، މި މައްސަލަ އާބިޓްރޭޝަނުން ބަލަން އުރީދޫއިން އެދުނުނަމަވެސް، މި މައްސަލަ ސިވިލް ކޯޓަށް ބެލޭނެކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

11.2 ކޭޝިންގ އެގްރިމަންޓުގެ 23 ވަނަ މާއްދާގެ ދަށުން، އެ އެގްރިމަންޓަކީ އެއްވެސް ކަހަލަ ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށްވެފައިވާ އެގްރިމަންޓެއް ނޫންކަމަށްވީ ނަމަވެސް، އެ މާއްދާގެ ދަށުން "ސީދާ ގެއްލުން" (direct loss) ހިމެނިގެން ނުވާކަމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.

12ފޯކަސް އިންފޯކޮމްގެ ފަރާތުންނާއި އުރީދޫގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ބަލާއިރު، މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް އޮތްކަމާމެދު އުރީދޫގެ ފަރާތުން ސުވާލު އުފައްދާފައިވާތީ، އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދިނުމުގައި އެންމެ ފުރަތަމަ އެ ނުކުތާއަށް އަލިއަޅުވާލާނަމެވެ. އަދި އެއަށްފަހު ފޯކަސް އިންފޯކޮމްގެ ފަރާތުން ހުށަހަޅާފައިވާ ދެ ނުކުތާއަށް ޖަވާބު ދިނުމަށްފަހު، އުރީދޫގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާއަށް އަލިއަޅުވާލާނަމެވެ.

އާބިޓްރޭޝަނުގެ އުސޫލުން މައްސަލަ ބެލުން

13މި ނުކުތާއާ ގުޅިގެން އުރީދޫގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ފޯކަސް އިންފޯކޮމްއާއި އުރީދޫއާ ދެމެދު ވެފައިވާ ކޭޝިންގ އެގްރިމަންޓުގެ 28 ވަނަ މާއްދާގައި އެ އެގްރިމަންޓުގެ ދަށުން އުފެދޭ ޚިޔާލު ތަފާތުވުންތައް ހައްލުކުރަންޖެހޭނީ އާބިޓްރޭޝަން މެދުވެރިކޮށްކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މި މައްސަލަ އާބިޓްރޭޝަނުން ބަލަން އުރީދޫއިން އެދުނުނަމަވެސް، މި މައްސަލަ ސިވިލް ކޯޓަށް ބެލޭނެކަމަށް އެ ކޯޓުންނާއި ހައިކޯޓުން ނިންމާފައިވަނީ އެގްރިމެންޓާ ޚިލާފަށްކަމަށެވެ.

14ދެފަރާތު ދެމެދުވި އެގްރިމެންޓުގެ 28 ވަނަ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

In the event that a dispute is not resolved amicably within a period of three (3) months, the matter shall be submitted for exclusive resolution under the Arbitration Act (Law No.10/2013). The place of arbitration shall be the Maldives and the language of the proceedings shall be Dhivehi. The procedural law of the place of arbitration shall apply where the Rules are silent.

15ކޭޝިންގ އެގްރިމެންޓުގައި އާބިޓްރޭޝަން ޚިޔާރުކޮށްފައިވަނިކޮށް، މި މައްސަލައަކީ ޝަރުޢީ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް އުރީދޫގެ ފަރާތުން ބުނެއެވެ.

16އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

(ހ) އެއްވެސް ޝަރުޢީ ކޯޓަކަށް ހުށަހެޅޭ މައްސަލައަކީ އާބިޓްރޭޝަނުގެ އުސޫލުން ނިންމުމަށް އެއްބަސްވުމެއް އޮތް މައްސަލައެއް ކަމުގައިވާނަމަ، އަދި އެ މައްސަލައާ ގުޅޭގޮތުން އަންނަނިވި ދެ ޝަރުޠު ފުރިހަމަވާނަމަ، އެ ހިސާބުން އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުން ހުއްޓާލައި، އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް އެ ކޯޓުން އަމުރުކުރަންވާނެއެވެ.

(1) އެ މައްސަލައިގައި ޖަވާބުދާރީވުމަށް ދަޢުވާލިބޭ ފަރާތަށް ލިބޭ ފުރަތަމަ ފުރުޞަތުގައި އާބިޓްރޭޝަނުގެ އުސޫލުން އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާކަމަށް އެ ކޯޓުގައި ބަޔާންކުރުން؛ އަދި

(2) އެ މައްސަލަ ނިސްބަތްވާ ނުވަތަ އެ މައްޗަށް އެ މައްސަލަ ބިނާވާ އެއްބަސްވުމަކީ، ބާޠިލު ނުވަތަ ޢަމަލުކުރެވެން ނެތް ނުވަތަ ތަބާވެވެން ނެތް އެއްބަސްވުމެއްކަމަށް އެ ކޯޓަށް ނުފެނުން.

(ށ) އާބިޓްރޭޝަނުގެ އުސޫލުން ނިންމުމަށް އެއްބަސްވުމެއް އޮތް މައްސަލައެއް ކޯޓަކަށް ހުށަހެޅިފައިވީ ނަމަވެސް، އާބިޓްރޭޝަނުގެ އުސޫލުން އެ މައްސަލައެއް ކުރިއަށްގެންދަން ފެށުމާއި، ފަށާފައި އޮތް މައްސަލައެއްނަމަ ކުރިއަށް ގެންދިޔުމާއި، ކުރިއަށް ގެންގޮސް އެ މައްސަލައެއް ނިންމުމުގެ އިޚްތިޔާރު، އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންވެއެވެ. އެއީ، އެ މައްސަލަ މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓެއްގައި އޮތްކަމުގައި ވީނަމަވެހެވެ.

17އުރީދޫގެ ފަރާތުން ބުނަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާނަމަ، އެ މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔުން ހުއްޓާލައި، އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ކޯޓުން އަމުރުކުރަން ޖެހޭކަމަށް ޤާނޫނު ލާޒިމުކުރާކަމަށެވެ. އަދި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގައި ކޮންޓްރެކްޓާ ގުޅިގެން އުފެދޭ އެއްވެސް ޚިލާފެއް ހަމަޖެއްސުމަށްޓަކައި، އެ ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، ތަހުކީމްގެ އުސޫލަށް ޢަމަލުކުރަން ކޮންޓްރެކްޓުގެ ބައިވެރިއަކަށްޖެހޭނަމަ، އެ މާއްދާއަކީ ޤާނޫނު ހުއްދަކުރާ މާއްދާއެއްކަމަށެވެ. އެހެންކަމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގެ ދަށުންވެސް އެގްރިމެންޓުގެ ބައިވެރިންގެ މައްޗަށް އާބިޓްރޭޝަން ލާޒިމުވާނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުމަށް ޤާނޫނު ހުރަސްނާޅާކަމަށް އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

18މި ނުކުތާގެ ޖަވާބުގައި ފޯކަސް އިންފޯކޮމްއިން ބުނެފައިވަނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބްޓްރޭޝަން ސެންޓަރުގެ އޮފީސް ޤާއިމުކުރެވިފައިވަނީ 2019 ގައި ކަމަށާއި، މައްސަލަ ހުށަހެޅުމާއި ބަލައިގަތުމުގެ އިޖުރާއަތު ހަމަޖެހިގެން ދިޔައީ 2020 ގައި ކަމަށާއި، އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތު ހަމަވިނަމަވެސް، ރާއްޖޭގައި އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިނުވާތީ، ފޯކަސް އިންފޯކޮމްއަށް އިންސާފު ހޯދުމަށް އޭރުއޮތް ހަމައެކަނި ރާސްތާއަކީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުންކަމަށެވެ. އަދި އެގްރިމެންޓުގެ 28 ވަނަ މާއްދާއަކީ ޑިފެކްޓިވް (defective) މާއްދާއެއް ކަމަށާއި، އާބިޓްރޭޝަންގައި ބޭނުންކުރާ ސެޕަރަބިލިޓީ (separability) ގެ އުސޫލުން އެއްބަސްވުމުގައި ހިމެނޭ އާބިޓްރޭޝަން އެގްރިމެންޓް ފްރަސްޓްރޭޓްވެ (frustrate) އޭގެ މައްޗަށް އިތުރަށް ޢަމަލު ނުކުރެވޭނެކަމަށެވެ.

19HN1އުރީދޫގެ ފަރާތުން ދަށު ކޯޓުގައި ނެގި މި އިޖުރާއީ ނުކުތާއަށް ބަލާއިރު، ޢާންމު އުސޫލަކީ އެއްބަސްވުމެއްގައި ދެފަރާތު ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާނީ އާބިޓްރޭޝަނަށްކަމަށް ދެފަރާތުން އެއްބަސްވާނަމަ، އެފަދަ މައްސަލައެއް ހުށަހަޅަންޖެހޭނީ އާބިޓްރޭޝަނަށެވެ. އަދި އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުންވެސް، ދެފަރާތު ދެމެދު މައްސަލަ ހައްލުކުރުމަށް އެއްބަސްވުމުގައި އާބިޓްރޭޝަން ޚިޔާރުކުރާނަމަ، މައްސަލަ ކޯޓުގައި ކުރިއަށްދާއިރު ދަޢުވާ ލިބޭ ފަރާތުން އާބިޓްރޭޝަންގެ އުސޫލުން މައްސަލަ ހައްލުކުރުމަށްއެދޭ ނަމަ، އަދި އެ މައްސަލައިގައިވާ އެއްބަސްވުމަކީ ބާޠިލު ނުވަތަ ޢަމަލުކުރެވެން ނެތް، ނުވަތަ ތަބާވެވެން ނެތް އެއްބަސްވުމެއްކަމަށް ކޯޓަށް ނުފެންނަނަމަ، އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް އަމުރުކުރުމަށް ކޯޓުގެ މައްޗަށްވެސް ލާޒިމުވެއެވެ.

20ސުވާލަކީ، އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާ ހުށަހެޅިފައިމިވާ މައްސަލައިގެ މައްޗަށް ތަތުބީޤުކުރެވިދާނެ ހެއްޔެވެ؟

(ހ) އާބިޓްރޭޝަން އެއްބަސްވުމާއި މައުލޫޢީ އެއްބަސްވުން ތަފާތުވުމުގެ މަފްހޫމް

21HN2ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި އާބިޓްރޭޝަނުގެ އެއްބަސްވުންކަމަށް ބަލަނީ ދެފަރާތެއްގެ ދެމެދުގައި، ނުވަތަ އެއަށް ވުރެ ގިނަ ފަރާތްތަކެއްގެ މެދުގައި އުފެދިފައިވާ ޤާނޫނީ ގުޅުމެއްގެ ތެރެއިން، ނުވަތަ އެ ގުޅުމުގެ ސަބަބުން، ނުވަތަ އެގުޅުމާއެކުގައި ކުރިއަށް ދިޔުމުގައި އުފެދޭ ވަކި މައްސަލައެއް، ނުވަތަ ވަކި މައްސަލަތަކެއް ނުވަތަ ހަމަ ކޮންމެ މައްސަލައެއްމެ، އާބިޓްރޭޝަނުގެ އުސޫލުން ހައްލުކުރުމަށް އެއްބަސްވާ އެއްބަސްވުންކަމަށެވެ. އެހެންގޮތަކަށް ބުނާނަމަ، އާބިޓްރޭޝަނުގެ އެއްބަސްވުމަކީ ދެފަރާތު ދެމެދުގައިކުރާ މުޢާމަލާތެއްގައި ނިކުންނަ މައްސަލަތައް ހައްލުކުރުމަށް އާބިޓްރޭޝަން ޚިޔާރުކުރުމަށް އެއްބަސްވާ އެއްބަސްވުމެވެ.

22މިފަދަ އެއްބަސްވުމެއް އެއީ ދެފަރާތުގެ ދެމެދުގައި ވަކިން އޮންނަ އެއްބަސްވުމަކަށްވެސް ވެދާނެއެވެ. ނުވަތަ ދެފަރާތު ދެމެދުގައި އޮތް އެއްބަސްވުމެއްގެ މާއްދާއަކަށްވެސް ވެދާނެކަން އާބިޓްރޭޝަނުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ށ) އިން އެނގެން އޮވެއެވެ.

23ފޯކަސް އިންފޯކޮމްއިން ޕްރިންސިޕަލް އޮފް ސެޕަރަބިލިޓީ (principle of separability) ފާހަގަކޮށްފައިވެއެވެ. މި އުސޫލުގެ ދަށުން ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމެއްގައި އާބިޓްރޭޝަނުގެ އުސޫލުން މައްސަލަ ހައްލުކުރުމަށްވާ އެއްބަސްވުމާއި، ދެފަރާތުގެ ދެމެދުގައި ކުރެވުނު މުއާމަލާތާ ގުޅޭ އެއްބަސްވުމަކީ ތަފާތު ދެ އެއްބަސްވުމެކެވެ. އާބިޓްރޭޝަނާބެހޭ ގޮތުން ދެފަރާތުން އެއްބަސްވާ ކަންކަމަކީ މައްސަލަ ބަލާނެ އިޖުރާއަތާ ގުޅޭގޮތުން އެއްބަސްވާ ކަންކަން ކަމުގައިވާއިރު، ދެ ފަރާތު ދެމެދުގައި ކުރެވުނު މުއާމަލާތާގުޅޭ މައުލޫއީ ކަންކަމަކީ އިޖުރާއަތާ ގުޅޭ ގޮތުންވާ އެއްބަސްވުމާ މުޅިން ތަފާތު ކަމެކެވެ.

24ދުނިޔޭގެ އެކި ޖުރިސްޑިކްޝަންތަކުގައި އާބިޓްރޭޝަންއާ ގުޅޭ އެއްބަސްވުންތަކުގައި ޕްރިންސިޕަލް އޮފް ސެޕަރަބިލިޓީ ބޭނުންކޮށްއުޅެއެވެ. އާބިޓްރޭޝަނުގެ އެއްބަސްވުމާއި މައުލޫއީ އެއްބަސްވުމާ ދެމެދު ފަރަގު ގެންގުޅުމުގެ މައިގަނޑު ބޭނުމަކީ މައުލޫއީ އެއްބަސްވުން ސައްޙަ ނޫންވާ ހާލަތްތަކުގައި، ނުވަތަ އާބިޓްރޭޝަނުގެ އެއްބަސްވުން ސައްޙަ ނޫންވާ ހާލަތްތަކުގައި، މި ދެ އެއްބަސްވުމުގެ ކަންކަން ވަކިކޮށް، އެއް އެއްބަސްވުމުގައި ނެރެވޭ ޤާނޫނީ ނަތީޖާއިން އަނެއް އެއްބަސްވުމަށް އަސަރު ނުފޯރުވުމެވެ. މިސާލަކަށް ދެފަރާތު ދެމެދުގައި އޮތް އާބިޓްރޭޝަނާބެހޭ އެއްބަސްވުމެއް ސައްޙަ ނުވުމަކީ އެ ދެ ފަރާތް ދެމެދުގައި އޮތް އަސްލު މައުލޫއީ އެއްބަސްވުންވެސް ސައްޙަ ނޫންކަމަށް ބަލަންޖެހޭ ސަބަބެއްނޫނެވެ. އެއް އެއްބަސްވުން ސައްޙަ ނުވުމަކީ އަނެއް އެއްބަސްވުމުގެ ސައްޙަކަމަށް އަސަރުކުރާނެ ކަމެއް ނޫނެވެ.

25ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ޕްރިންސިޕަލް އޮފް ސެޕަރަބިލިޓީ ބަލައިގެންފައިވެއެވެ. އެގޮތުން، އެ މާއްދާގެ (ހ) ގައި އެއްބަސްވުމެއްގައި އޮންނަ އާބިޓްރޭޝަނާ ގުޅޭ މާއްދާއަކީ ވަކިން އޮތް މިނިވަން އާބިޓްރޭޝަނުގެ އެއްބަސްވުމެއް ކަމުގައި ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ށ) ގައި އެއްބަސްވުމެއްގައި އެކުލެވޭ މައުލޫއީ މާއްދާއެއް ނުވަތަ މާއްދާތައް ބާޠިލުކަމަށް ކަނޑައެޅުމަކީ އާބިޓްރޭޝަނުގެ މާއްދާ ސައްޙަ ނޫންކަމަށް ބަލަންވީ ސަބަބެއް ނޫންކަން އެއަކުރަށް ބެލުމުން އެނގެއެވެ.

(ށ) ކޭޝިންގ އެގްރިމެންޓުގެ 28 ވަނަ މާއްދާ

26ކޭޝިންގ އެގްރިމެންޓުގެ 28 ވަނަ މާއްދާގެ އިބާރާތަށް ބަލާއިރު، އާބިޓްރޭޝަނު އޮންނާނެ ތަނަކީ ދިވެހިރާއްޖޭކަމަށް ބަޔާންކޮށް، އަދި ކުރިއަށް ގެންދާނީ ދިވެހި ބަހުންކަމުގައި ބަޔާންކޮށްފައިވެއެވެ. ވަކި ގޮތަކަށް ކަމެއް ކަނޑައަޅާފައިނުވާނަމަ، އާބިޓްރޭޝަން އޮންނަ ތަނުގެ އިޖުރާއީ ޤާނޫނު ހިނގާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

27އިޖުރާއީ ޤާނޫނަކީ އާބިޓްރޭޝަން އޮންނަ ތަނުގެ ޤާނޫނުކަމަށް ބަޔާންކޮށްފައި އޮތުމުން، ދެފަރާތު ދެމެދުވި އެގްރިމެންޓުގެ 28 ވަނަ މާއްދާގެ ދަށުން އާބިޓްރޭޝަން ސީޓްއަކީ ދިވެހިރާއްޖޭކަމަށް ބެލެވެއެވެ. ފޯކަސް އިންފޯކޮމްގެ ފަރާތުންވެސް އަދި އުރީދޫގެ ފަރާތުންވެސް މިކަމަށް ދެކޮޅު ނުހަދައެވެ.

(ނ) އުސޫލު ތަތުބީޤުކުރުން

28އާބިޓްރޭޝަނުގެ ސީޓަކީ ދިވެހިރާއްޖެ ކަމުގައިވާއިރު، ރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އާބިޓްރޭޝަނުގެ މާއްދާއަކީ ދެފަރާތު ދެމެދު މައުލޫއީގޮތުންވި ކޭޝިންގ އެގްރިމެންޓާ ވަކިން އޮތް މިނިވަން އެއްބަސްވުމެއް ކަމުގައި ބަލަންޖެހެއެވެ. މާނައަކީ، އެއް އެއްބަސްވުމަށް ޢަމަލު ނުކުރެވުމަކީ އަނެއް އެއްބަސްވުމަށްވެސް ޢަމަލު ނުކުރާން އޮތް ހުއްޖަތެއް ނޫނެވެ.

29HN3ފޯކަސް އިންފޯކޮމްއާއި އުރީދޫއާ ދެމެދު ވެވުނު އާބިޓްރޭޝަނާބެހޭ އެއްބަސްވުމަކީ ތަންފީޒު ކުރެވޭ އެއްބަސްވުމެއްތޯ ބަލާއިރު، މި މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުނީ 5 ޑިސެމްބަރު 2017 ގައި ކަމުގައިވާއިރު، އެ މައްސަލަ އެ ކޯޓުން ނިންމީ 25 ޑިސެމްބަރު 2018 ގައެވެ. ދިވެހިރާއްޖޭގެ އާބިޓްރޭޝަނު ޤާނޫނުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރ އުފެދުނީ 2019 ގައެވެ. އަދި ތަނުގެ ޚިދުމަތް ފޯރުކޮށްދޭންފެށީ 2020 ވަނަ އަހަރުގައެވެ.12

30ވުމާއެކު، ފޯކަސް އިންފޯކޮމްއިން ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާއިން އުރީދޫގެ މައްޗަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައި ނިމުނުއިރުވެސް ރާއްޖޭގައި އާބިޓްރޭޝަންގެ މައްސަލަތައް ބަލައި ހިންގާނެ ވަސީލަތްތައް ޤާއިމުވެފައިނުވެއެވެ. މީގެ ނަތީޖާއަކީ ފޯކަސް އިންފޯކޮމްއާއި އުރީދޫއާ ދެމެދުވެފައިވާ އާބިޓްރޭޝަނުގެ އެއްބަސްވުމަކީ އެ އެއްބަސްވުން ވިއިރުވެސް އަދި ފޯކަސް އިންފޯކޮމްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި މައްސަލަ ނިމުނުއިރުގައިވެސް ތަންފީޒުކުރެވެން އޮތް އެއްބަސްވުމެއް ނޫނެވެ. އާބިޓްރޭޝަނުގެ އެއްބަސްވުމުގެ ދަށުން މައްސަލަ ހައްލުކުރުމަށް ޚިޔާރުކުރި ދިވެހިރާއްޖޭގެ އާބިޓްރޭޝަން ސެންޓަރަކީ އޭރު ވުޖޫދުގައި ހުރި ތަނެއް ނޫނެވެ. ވުޖޫދުގައި އޭރު އޮތީ އެފަދަ ތަނެއް ޤާއިމުކޮށްފައި ހުންނަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައި އޮތް އޮތުން އެކަންޏެވެ.

31ސިވިލް ކޯޓުންނާއި ހައިކޯޓުން މި މައްސަލަ ނިންމީ އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް އުރީދޫއިން ބުނެއެވެ. ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ނ) ގެ ނަތީޖާއަކީ އެ ޤާނޫނުން އާބިޓްރޭޝަން ބަލައިގަތުމެވެ. ހުށަހެޅިފައިމިވާ މައްސަލައިގައި ސިވިލް ކޯޓުންވެސް، އަދި، ހައިކޯޓުންވެސް އާބިޓްރޭޝަނުގެ އުސޫލުތައް ބަލައިގަނެއެވެ. އަދި ފޯކަސް އިންފޯކޮމްއިންވެސް އާބިޓްރޭޝަނަށް ދެކޮޅު ނުހަދައެވެ.

32އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ދެ ޝަރުތުކަމުގައިވާ އާބިޓްރޭޝަނުގެ އުސޫލުން މައްސަލަ ހައްލުކުރުމަށް ބޭނުންވާ ކަމަށް ދަޢުވާލިބޭ ފަރާތުން ކޯޓުގައި އެދުން އަދި މައްސަލަ ބިނާވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމަކަށްވާންޖެހޭ ކަމަށް އޮންނަ އޮތުމުގެ މައްޗަށް ބަލާއިރު، އުރީދޫގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާގެ ޝަރީޢަތް ހިނގަމުން ދިޔައިރު މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ބޭނުންވާކަމަށް އުރީދޫއިން އެދިފައިވާކަން އެނގެން އޮވެއެވެ. އަދި މައްސަލަ ބިނާވާ ކޭޝިންގ އެގްރިމެންޓަކީ ބާޠިލު ނުވަތަ ޢަމަލުކުރެވެން ނެތް ނުވަތަ ތަބާވެވެން ނެތް އެގްރިމެންޓެއްކަމަށް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ކަނޑައަޅާފައިނުވެއެވެ.

33އުރީދޫގެ ފަރާތުން ފާހަގަކުރާ މި ދެ ޝަރުތަކީ އޭގެ ޒާތުގައި މައްސަލަ ކޯޓުން ބޭރުކޮށް އާބިޓްރޭޝަނަށް ހުށަހެޅުމަށް ފުރިހަމަވާ ދެ ޝަރުތެވެ. އެހެންނަމަވެސް، ދެފަރާތު ދެމެދުވި އާބިޓްރޭޝަނުގެ އެއްބަސްވުން، އެއީ ދެފަރާތު ދެމެދުވި އެގްރިމެންޓުގެ 28 ވަނަ މާއްދާ އަކީ، އޭރު ތަންފީޒު ކުރެވެން އޮތް މާއްދާއެއް ނޫނެވެ. އާބިޓްރޭޝަނުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބުނާ ޝަރުތުތައް ފުރިހަމަވެ، އެ އަކުރާ އެއްގޮތަށް ޢަމަލުކުރެވޭނީ އާބިޓްރޭޝަނު ސެންޓަރު ގާއިމުވެފައި ހުރިނަމައެވެ.

34ދެފަރާތު ދެމެދު އޮތް އާބިޓްރޭޝަނުގެ އެއްބަސްވުމަށް ޢަމަލު ނުކުރެވުމަކީ، ދެފަރާތުންވި ކޭޝިންގ އެގްރިމެންޓަށް ޢަމަލުކުރުން މަޑުޖައްސާލައި، ނުވަތަ އެ އެގްރިމެންޓުގެ ދަށުން ދެފަރާތުން އުފުލަންޖެހޭ އިލްތިޒާމްތަކުން ބަރީޢަވުމަށް، ނުވަތަ އެއް ފަރާތުން އެގްރިމެންޓާ ޚިލާފުވާ ހާލަތުގައި، އަނެއް ފަރާތުން އިންސާފު ހޯދުމަށް އޮތް މަގު އެއްކޮށް ބަންދުކޮށްލުމަށް އޮތް ސަބަބެއް ނޫނެވެ. ޕްރިންސިޕަލް އޮފް ސެޕަރަބިލިޓީގެ ދަށުން އާބިޓްރޭޝަނުގެ އެއްބަސްވުމަކީ އެ އެއްބަސްވުން ވިއިރުވެސް ޢަމަލުކުރެވެން ނެތް، އަދި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެ ކޯޓުން މައްސަލަ ނިންމިއިރުވެސް ޢަމަލުކުރެވެން ނެތް އެއްބަސްވުމެއް ކަމުގައިވާ ހިނދު، ދިވެހިރާއްޖޭގެ އާބިޓްރޭޝަނުގެ ޤާނޫނުގެ ދަށުން ކޭޝިންގ އެގްރިމެންޓަކީ އާބިޓްރޭޝަނުގެ އެއްބަސްވުމާ މުޅިން ވަކި، މިނިވަން އެއްބަސްވުމެއްކަމަށް ބަލައި، ކޭޝިންގ އެގްރިމެންޓުގެ ދަށުން އުފެދޭ މައްސަލަތައް ހައްލު ކުރާނެ އިތުރު އެހެން ގޮތަކަށް ދެފަރާތުން އެއްބަސްވެފައިނުވާނަމަ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، އެ މައްސަލައެއް ޝަރުޢީ ކޯޓަކަށް ހުށަހެޅުމުގެ ހައްޤު މައްސަލައިގެ ދެފަރާތަށްވެސް ލިބިގެންވެއެވެ.

35އެހެންކަމުން، ދެފަރާތުން އާބިޓްރޭޝަނަށް ދާން އެއްބަސްވި ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެވެން ނެތުމުގެ ސަބަބުން، ފޯކަސް އިންފޯކޮމްގެ ފަރާތުން މި މައްސަލަ ޝަރުޢީ ކޯޓަކަށް ހުށަހެޅުމުގެ ހުރަހެއް ނެތްކަމަށް ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި އަހުރެން ދެކެމެވެ.

ފޯކަސް އިންފޯކޮމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

36ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާ އިސްތިއުނާފު ކުރަމުން ފޯކަސް އިންފޯކޮމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހެޅި ދެ ނުކުތާގައި ފާހަގަކޮށްފައިވާ އެކި އެކި ކަންކަން ތިރީގައި ވަކި ސުރުޚީތަކަކަށް ބަހާލެވިފައިވާނެއެވެ.

(ހ) ހުށަހަޅާފައިނުވާ އައު ނުކުތާއެއްގެ މައްޗަށް ހައިކޯޓުން ގޮތް ނިންމުން

37ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ ޔޫސުފް ރިޟާ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ފޯކަސް އިންފޯކޮމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

38މިނުކުތާގެ ތަފުސީލުގައި ފޯކަސް އިންފޯކޮމްގެ ފަރާތުން ބުނެފައިވަނީ އުރީދޫ ގެ ފަރާތުން އެގްރިމަންޓާ ޚިލާފުވެފައި ނުވާކަމަށް (breach) ހައިކޯޓުން ނިންމާފައިވާއިރު، އެގްރިމަންޓާ ޚިލާފުވެފައި ނުވާކަމަށް ބުނެ އެއްވެސް ހުށަހެޅުމެއް އުރީދޫގެ ފަރާތުން ސިވިލް ކޯޓާއި ހައިކޯޓުގައި ހުށަހަޅާފައިނުވާ ކަމަށެވެ. އެގޮތުން، މައްސަލަ ބެލުމުގައި ފަނޑިޔާރުން ރިޢާޔަތް ކުރަންޖެހޭނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ކަމަށާއި، ދަޢުވާ ސާބިތުކުރުމުގެ ބުރަ އަބަދުވެސް އުފުލަންޖެހެނީ އެ އިސްތިއުނާފެއްކުރާ ފަރާތުންކަމަށާއި، އަދި މިއީ މައްސަލަ ބެލުމުގެ ތެރޭގައި ފަނޑިޔާރުންނަށް ފާހަގަކުރެވިފައިވާ އައު ނުކުތާއެއް ކަމުން، މި ނުކުތާއަށް ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ ޚަޞްމުން (މައްސަލައިގެ ދެފަރާތް) ގެ ބަހެއް ހޯދަންވާނެ ކަމަށެވެ.

39HN4އުރީދޫ ގެ ފަރާތުން ކޭޝިންގ އެގްރިމަންޓާ ޚިލާފުވެފައިނުވާކަމަށް ބުނެ ނުކުތާއެއް ސިވިލް ކޯޓުގައާއި ހައިކޯޓުގައި ހުށަހަޅާފައިނުވާކަމަށް ފޯކަސް އިންފޯކޮމްގެ ފަރާތުން ބުނެފައިވާއިރު، މި މައްސަލައިގައި ފޯކަސް އިންފޯކޮމްގެ ފަރާތުން ސިވިލް ކޯޓުގައި ހުށަހެޅި ދަޢުވާއަކީ އުރީދޫގެ ފަރާތުން ކޭޝިންގ އެގްރިމަންޓުގައިވާ މާއްދާތަކާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާތީ، އުރީދޫގެ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މި ދަޢުވާއާ ގުޅިގެން ސިވިލް ކޯޓުގައި އުރީދޫގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި ކޭޝިންގެ ޚިދުމަތް ނުދިނުމުގެ ގޮތުން އުރީދޫއިންކުރީ ކޮން ޢަމަލެއްކަން، އަދި ކުރި ޢަމަލަކާއި ފޯކަސް އިންފޯކޮމްއަށް ލިބުނު ގެއްލުމަކާ އޮތީ ކޮން ގުޅުމެއްކަން ފޯކަސް އިންފޯކޮމްއަށް ބުނެދެވިފައިނުވާކަމަށް ބުނެ ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު އިންކާރުކޮށްފައިވާކަން އެނގެއެވެ.13 މި ބުނާ ބުނުން ހައިކޯޓުގައިވެސް އުރީދޫގެ ފަރާތުން ދަމަހައްޓާފައިވެއެވެ. އުރީދޫގެ ފަރާތުން ހައިކޯޓުގައިވެސް ބުނެފައިވަނީ އެގްރިމެންޓްގެ ދަށުން އެއްވެސް ގެއްލުމުގެ ބަދަލެއް ދޭން ނުޖެހޭކަމަށާއި، އަދި ބަހުސްގެ ބޭނުމަށްޓަކައި ގެއްލުމުގެ ބަދަލަކީ ދޭންޖެހޭ އެއްޗެއްކަމަށް ބެލި ނަމަވެސް، އުރީދޫގެ ފަރާތުން ކުރި ކަމެއް އަދި ލިބުނު ގެއްލުމެއްވާނަމަ، އެ ގެއްލުމަކާ އުރީދޫއާ ހުރި ގުޅުމެއް ފޯކަސް އިންފޯކޮމްއަށް ސާފުކޮށް ބުނެދެވިފައި ނުވާކަމަށެވެ.14

40ޝަރީޢަތް ކުރުމުގައި ޢަމަލުކުރެވޭ ޢާންމު އުޞޫލަކީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ދަޢުވާއެއްގައި ހުށަހެޅޭ ހެއްކާއި ޤަރީނާ ވަޒަންކުރުމަށްފަހު އެ ދަޢުވާއާމެދު ފަނޑިޔާރު ގޮތެއް ކަނޑައެޅުމެވެ. ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާގައި ހުށަހެޅުނު ދަޢުވާއަކީ ދެފަރާތުގެ ދެމެދުގައިވި ކޭޝިންގ އެގްރިމަންޓާ އުރީދޫގެ ފަރާތުން ޚިލާފުވެފައިވާކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދުން ކަމުގައިވާއިރު، މި ދަޢުވާއާ ގުޅިގެން ފަނޑިޔާރު ގޮތެއް ކަނޑައަޅަން ޖެހޭނީ ކޭޝިންގ އެގްރިމަންޓާ އުރީދޫގެ ފަރާތުން ޚިލާފުވިތޯއާއި، ޚިލާފުވެފައިވާނަމަ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުންނެވެ. އަދި ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ އުރީދޫއިން އެގްރިމަންޓާ ޚިލާފުވެފައިވާތީ ބަދަލު ނަގައިދިނުމަށެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ15 32 ގެ ވަނަ މާއްދާގެ (ހ) ގައި ހައިކޯޓުން މައްސަލައެއް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ބަޔާންކޮށްފައިވާއިރު، ހައިކޯޓުން އުރީދޫގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް، އުރީދޫގެ ފަރާތުން އެގްރިމަންޓާ ޚިލާފުވެފައި ނުވާކަމަށް ކަނޑައެޅުމަކީ ދަށު ކޯޓުގައި ކޮށްފައިވާ ދަޢުވާގެ ބޭރުން ގޮތް ކަނޑައެޅުންކަމުގައި އަހުރެން ނުދެކެމެވެ.

(ށ) އުރީދޫއިން އެގްރިމެންޓާ ޚިލާފުވިކަމަށް ފޯކަސް އިންފޯކޮމްއިން ބުނާ ބުނުން

41ފޯކަސް އިންފޯކޮމް އާއި އުރީދޫއާ ދެމެދު ވެވުނު އެގްރިމެންޓުގައި، ފޯކަސް އިންފޯކޮމްގެ އައިއެސްޕީ ލައިސެންސްގެ ދަށުން އުރީދޫއަށް ފޯކަސް އިންފޯކޮމްގެ އިންޓަނެޓްގެ ޚިދުމަތް އަލުން ވިއްކުން ހުއްދަކުރެއެވެ. އަދި އުރީދޫއިން ކޭޝިންގގެ ޚިދުމަތްތައް ފޯކަސް އިންފޯކޮމްއަށް ފޯރުކޮށްދޭންޖެހެއެވެ.

42ފޯކަސް އިންފޯކޮމްއިން ބުނެފައިވަނީ އެމެރިކާގެ ކުންފުނި ގޫގްލް އެލްއެލްސީ އިން ކޭޝިންގ ޚިދުމަތް ހޯދުމަށްޓަކައި ފިޒިކަލް ސަރވަރއެއް ގެނައުމަށް ކޮލިފައިވަނީ ފޯކަސް އިންފޯކޮމް އާއި އުރީދޫއާ ދެފަރާތުގެ ކަސްޓަމަރުންގެ ޑޭޓާ ޔޫސޭޖް އެއްކޮށްލުމުން ކަމަށެވެ.

43ކަން މިހެން އޮތްއިރު، ކޭޝިންގ އެގްރިމެންޓުގައި ސޮއިކުރިތާ ގާތްގަނޑަކަށް 3 މަސް ފަހުން އުރީދޫއަށް އިންޓަނެޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ނުވަތަ އައިއެސްޕީ ލައިސެންސް ލިބިފައިވާކަމަށް ކަމާބެހޭ އިދާރާއިން އުރީދޫއަށް އެންގިއެވެ. އަދި އައިއެސްޕީއާ ބެހޭ އެއްބަސްވުމުގައި އުރީދޫއިން ސޮއިކޮށްފައިވަނީ 14 ޑިސެމްބަރު 2015 ގައިކަމަށް އުރީދޫގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ. އުރީދޫއަށް އައިއެސްޕީ ލައިސަންސް ލިބުމަކީ ދެފަރާތުގެ ދެމެދުގައިވި ކޭޝިންގ އެގްރިމެންޓާ އެއްގޮތަށް އުރީދޫއިން ޢަމަލުކުރުމަށް ބާރުއަޅާކަމެއް ނޫންކަމަށް ފޯކަސް އިންފޯކޮމްގެ ވާހަކަތަކުން ދޭހަވެއެވެ. އަދި މި ވިސްނުން ބިނާވަނީ އުރީދޫއަށް އައިއެސްޕީ ލައިސަންސް ލިބުމުން އެކުންފުނި ފޯކަސް އިންފޯކޮމްއާ ވާދަވެރި މަހައްލަކަށް ބަދަލުވުމުގެ މައްޗަށެވެ.

44އެގޮތުން، ކޭޝިންގގެ ޚިދުމަތްތައް ވަކި ފެންވަރަކަށް ބަހައްޓަންޖެހޭކަމަށް ފޯކަސް އިންފޯކޮމްއިން ބުނެއެވެ. މިފަދަ ޚިދުމަތެއް ދިނުމަށް އެކަށީގެންވާ ސްޕީޑަކީ އޭރުގެ ޔޫސެޖްހުރި މިންވަރަށް ބަލާފައި 700 Mbps އާއި 1 Gbps އާދެމެދުގެ ލިންކް ސްޕީޑުކަން އުރީދޫއަށް އެނގޭކަމަށާއި، އަދި މިކަން ދަލީލުކޮށްދެނީ ޚިދުމަތް ފަށައިގެންއިރު އެ މިންވަރުގައި ސްޕީޑު ހުރުމުންކަމަށް ފޯކަސް އިންފޯކޮމްއިން ބުނެއެވެ.

45ކޭޝިންގގެ ޚިދުމަތް ދަށްކޮށްފައިވާކަން ސާބިތުކޮށްދިނުމަށްޓަކައި ފޯކަސް އިންފޯކޮމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ކިތާބީ ހެއްކަކީ؛

(1) ޚިދުމަތުގެ ސްޕީޑާ ގުޅޭ ގޮތުން ދެފަރާތުގެ ދެމެދުގައި ކުރެވުނު އީމެއިލް މުޢާމަލާތްތައް

(2) ފޯކަސް އިންފޯކޮމްއަށް ގެއްލުނު ކަސްޓަމަރުންގެ ތަފްސީލު

(ނ) ސާބިތުކޮށްދިނުމުގެ ބުރަ

46HN5ދަޢުވާއެއް ސާބިތުކޮށްދިނުމުގެ ބުރަ އަބަދުވެސް އުފުލާނީ ދަޢުވާކުރާ ފަރާތުންނެވެ. އަދި ދިފާއީ ދަފްއު ސާބިތުކުރުމަކީ ދަޢުވާ ލިބޭ ފަރާތުން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ (2011)16 ގަޒިއްޔާގައި މި އުސޫލު ނަގަހައްޓާފައިވެއެވެ. ފޯކަސް އިންފޯކޮމްއިން ބުނެފައިވަނީ އެކުންފުނީގެ ދަފްއު އެ ކުންފުންޏަށް ސާބިތުކޮށްދެވިފައިވަނިކޮށް އަދި އުރީދޫގެ ފަރާތުން ދިފާއީ ދަފްއު ސާބިތުކޮށްދިނުމަށްޓަކައި އެއްވެސް ހެއްކެއް ހުށަނާޅަނީސް، އުރީދޫއިން ބުނި ބުނުމެއްގެ މައްޗަށް ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށެވެ.

47މަދަނީ މައްސަލަތަކުގައި ދަޢުވާ ސާބިތުކުރުމުގެ މިންގަނޑަކީ ބޮޑަށް ބުރަވެވޭ ގޮތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން (2020)17 ގަޒިއްޔާގައިވެސް ބަލައިގަނެފައިވާ އާންމު އުސޫލަކީ، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް އެކަންވެފައިވާ ކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވެވޭވަރު ވެއްޖެނަމަ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީކަމަށެވެ.18 ނަމަވެސް ދެގޮތަކީވެސް ކަންވެފައި އޮތްގޮތް ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާކަމަށެވެ.19

48މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން (2020) ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ޕަސެންޓޭޖުގެ މިސާލު ނަންގަވާފައިވެއެވެ. އެގޮތުން، ކަމެއް ވެފައިވާކަމަށް 50% އަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ދަޢުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީކަމަށް ބެލިދާނެއެވެ.20 އެއާ ޚިލާފަށް ކަންވެފައިވާ ކަމަށް %51 އަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ އެ ދަޢުވާ، ދަޢުވާކުރާ ފަރާތަށް ކާމިޔާބުވީކަމަށް ބެލިދާނެއެވެ.

(ރ) މި މައްސަލައިގައި ދަޢުވާ ސާބިތުވެފައިވޭތޯ

49ފޯކަސް އިންފޯކޮމްއިންކުރި މުޅި ދަޢުވާ ބިނާވަނީ އެ ކުންފުންޏާއި އުރީދޫއާ ދެމެދު ވެވުނު ކޭޝިންގ އެގްރިމެންޓާ ޚިލާފަށް ޚިދުމަތް ލިބެންޖެހޭ ފެންވަރަށްވުރެ ދަށް ފެންވަރެއްގައި އުރީދޫގެ ކިބައިން ޚިދުމަތް ލިބެމުންދިޔަކަމަށެވެ.

50HN6ފުރަތަމަ ކަމަކަށް، ކޭޝިންގގެ ޚިދުމަތް ލިބެންޖެހޭ ވަކި ސްޕީޑެއް، ނުވަތަ ކޭޝިންގގެ ޚިދުމަތުގެ ސަބަބުން އިންޓަނެޓް ވަކި ސްޕީޑެއްގައި ހުރުން ލާޒިމުކުރާ އެއްވެސް މާއްދާއެއް ދެފަރާތު ދެމެދުވި ކޭޝިންގ އެގްރިމެންޓުގައި ބަޔާންކޮށްފައިނުވެއެވެ.

51ދެވަނަ ކަމަކަށް، އެގްރިމެންޓުގެ އިލްތިޒާމްތައް ތަންފީޒުކުރަމުން ގެންދިޔައިރު، ދެފަރާތުގެ ޢަމަލުތައް ހުރި ގޮތުން، ފުރަތަމަކޮޅު ވަކި މިންވަރެއްގައި އިންޓަރނެޓުގެ ސްޕީޑު ހުރިކަން އެނގެން އޮންނާތީ، ފަހުން އެ ސްޕީޑު ދަށްވެފައިވަނީ އުރީދޫއިން ބޭންޑްވިޑްތް ބަދަލުކުރުމުން ނުވަތަ ގަސްތުގައި ކުޅަ ޢަމަލެއްގެ ސަބަބުންކަން ސާބިތުވާކަމަށް ފޯކަސް އިންފޯކޮމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވާ ބުނުމުގެ މައްޗަށް ބަލާއިރު، އުރީދޫއިން ފުރަތަމަކޮޅު ޚިދުމަތް ދެމުން ގެންދިޔައިރު، އިންޓަނެޓުގެ ސްޕީޑު މަތިކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، އެ ސްޕީޑަކީ ފޯކަސް އިންފޯކޮމްއިން ދަޢުވާކުރާ 700 Mbps އާއި 1 Gbps އާދެމެދުގެ ސްޕީޑެއް ނޫނެވެ. 700 Mbps އާއި 1 Gbps އާދެމެދުގެ ސްޕީޑެއް އަލަށް ޚިދުމަތް ދިންއިރު ހުރިކަން އެނގެނީ ކޮން ލިޔުމަކުންތޯ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފޯކަސް އިންފޯކޮމްއާ ސުވާލު ކުރުމުން، އެ ކުންފުނިން ބުނެފައިވަނީ ކޭޝިންގގެ ޚިދުމަތަށް އުރީދޫއިން ދީފައިވާ ލައިނުގައި 1 Gbps ގެ ކެޕޭސިޓީ ހުންނައިރު، އެއިގެ ފުލް ކެޕޭސިޓީއަށް އުރީދޫގެ ފަރާތުން ޚިދުމަތް ދީފައިނުވާކަމަށެވެ.

52ލައިނުގައި ހުންނަ ކެޕޭސިޓީގެ ނިސްބަތަކީ އެ ނިސްބަތަށް ޚިދުމަތް ދިނުން ލާޒިމުކުރުމަށް ދެފަރާތުން އެއްބަސްވެފައިވާކަން ދަލީލުކޮށްދޭކަމެއް ނޫނެވެ. އެއާ ޚިލާފަށް މި މައްސަލައިގައި ހުށަހެޅުނު އީމެއިލްތަކުގައި އެޓޭޗްކުރެވިފައިވާ ޚިދުމަތް ލިބުނު ގޮތުގެ ޗާޓު ނުވަތަ ގްރާފްތަކުން 700 Mbps އާއި 1 Gbps އާދެމެދުގެ ސްޕީޑެއްގައި ދެފަރާތުން އެގްރިމެންޓުގައި ސޮއިކުރިއިރުން ފެށިގެން ފޯކަސް އިންފޯކޮމްއަށް ޚިދުމަތް ލިބިގެންދިޔަކަން އެނގެން އޮތްނަމަ، އެކަން ވާނީ ފޯކަސް އިންފޯކޮމްއިން ދައްކާ ވާހަކަތަކަށް ބާރު ލިބިގެންދާނެ ވާގިއާ (fact) އެއް ކަމުގައި އަހުރެން ދެކެމެވެ.

53އެހެންނަމަވެސް، ދެފަރާތު ދެމެދު ބަދަލު ކުރެވުނު އީމެއިލްތަކުގައިވާ ގްރާފްތަކުން، ފޯކަސް އިންފޯކޮމްއިން ބުނާ ސްޕީޑަކަށް އުރީދޫގެ ފަރާތުން އެއްވެސް އިރެއްގައި ޚިދުމަތް ލިބުނުކަން އެނގޭކަށް ނެތެވެ.

54ފޯކަސް އިންފޯކޮމްއިން ލިބުނުކަމަށް ބުނާ އުރީދޫގެ ޚިދުމަތުގެ ސްޕީޑު އެކިފަހަރުމަތިން ހުންނަނީ އެކި ވަރުވަރުގައެވެ. ނަމަވެސް އެންމެ ދަށް ސްޕީޑަކީ 50 Mbps އަށްވުރެ ދަށް ސްޕީޑެއްކަން ފާހަގަކުރެވެއެވެ.

55ދެފަރާތު ދެމެދު ކުރެވުނު އީމެއިލް މުޢާމަލާތްތަކުގައި، ކޭޝިންގގެ ޚިދުމަތާ ގުޅިގެން ތަކުރާރުކޮށް ފޯކަސް އިންފޯކޮމްއިން އުރީދޫއަށް ޝަކުވާކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިވެސް އުރީދޫގެ ފަރާތުން ބުނަމުން ދިޔަ ފަދައިން، އީމެއިލްތަކުގެ ޖަވާބުގައިވެސް އުރީދޫއިން ބުނަމުން ދިޔައީ، އުރީދޫގެ ފަރާތުން ސްޕީޑު ދަށްކުރުމަށް ވަކި ކަމެއް ކޮށްފައިނުވާނެކަމަށެވެ. އަދި ބޭންޑްވިޑްތްއަށްވެސް ބަދަލެއް ގެނެސްފައިނުވާނެކަމަށް އެ އީމެއިލްތަކުގައި ބަޔާންކޮށްފައިވެއެވެ.

56ހަމަ އެފަދައިން، ސްޕީޑު ދަށްވުމަކީ ގޫގްލް ނުވަތަ އަކަމައިގެ ސަބަބުން ދިމާވެދާނެ ކަމެއްކަމަށް އުރީދޫގެ ފަރާތުންކޮށްފައިވާ އީމެއިލްތަކުގައި ބަޔާންކޮށްފައިވާއިރު، ޚުދު ފޯކަސް އިންފޯކޮމްގެ އީމެއިލްއަކުންވެސް އެކަން ޤަބޫލުކުރާކަން އެނގެން އޮވެއެވެ.21

57HN7މިހާ ހިސާބަށް އަންނައިރު، އުރީދޫގެ ފަރާތުން ގަސްތުގައި ސްޕީޑު ދަށްކުރުމުގެ ގޮތުން ކަމެއް ކޮށްފައިވާކަމާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ، މި މައްސަލައިގައި ތިންވަނަ ފަރާތެއްގެ ދައުރު ޝާމިލުވާތީއެވެ. އުރީދޫއަށް ފޯކަސް އިންފޯކޮމްގެ ފަރާތުން ޝަކުވާކުރާ ފަހުންވެސް ސްޕީޑު ރަނގަޅުވެފައިވާކަމަށް ފޯކަސް އިންފޯކޮމްގެ ފަރާތުން ބުނިނަމަވެސް، ތިންވަނަ ފަރާތެއްގެ ދައުރު މި މައްސަލައިގައި ޝާމިލުވާތީވެ، ސީދާ އުރީދޫއިން ކޭޝިންގގެ ޚިދުމަތުގެ ސްޕީޑަށް ބަދަލު ގެންނަކަން ޒިންމާކުރުވޭފަދަ ވާގިއާއެއް ފޯކަސް އިންފޯކޮމްއަށް ސާބިތުކޮށްދެވިފައިވާކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ.

58ޚިދުމަތްދޭ ފަރާތަށް ޝަކުވާއެއް ކުރުމަށްފަހު، ކުއްލި ގޮތަކަށް ޚިދުމަތުގެ ފެންވަރު ރަނގަޅުވެދާނެއެވެ. މިއީ ޤަބޫލުކުރެވޭ ކަމެކެވެ. އުރީދޫއިން ކުރިކަމެއްގެ ސަބަބުން ޚިދުމަތުގެ ސްޕީޑު ދަށްވީކަމުގައިވެދާނެއެވެ. އެއިގެ %50 ފުރުސަތެއް އެބައޮތެވެ. ނަމަވެސް މި މައްސަލައިގައި އުރީދޫގެ އިތުރުން ގޫގްލް އަދި އަކަމައި ޝާމިލުވާކަމަށް މައްސަލައިގެ ދެފަރާތުންވެސް ޚިލާފު ނުއުފައްދާ ކަމަށްޓަކައި، ކޭޝިންގގެ ޚިދުމަތް ދަށްވެފައިވަނީ، ބުނެވުނު ތިންވަނަ ފަރާތްތަކުގެ ސަބަބުންކަމަށް ބެލުމުގެ %50 ފުރުސަތުވެސް އެބައޮތެވެ.

59ތިންވަނަ ކަމަކަށް މޯޓިވްއަށް ޖެހިލާނަމެވެ. ފޯކަސް އިންފޯކޮމްއިން ބުނަނީ ކޭޝިންގގެ ޚިދުމަތް އުރީދޫއިން ގަސްތުގައި ދަށްކޮށްފައިވަނީ އުރީދޫއަށް އައިއެސްޕީ ލައިސަންސް ލިބުމުން، ފޯކަސް އިންފޯކޮމްއާ ވިޔަފާރީގެ ގޮތުން ވާދަވެރި މަހައްލެއްގައި ހުރުމުންކަމަށެވެ.

60ނަމަވެސް އުރީދޫގެ ފަރާތުން ބުނެފައިވަނީ އެއްވެސް އިރެއްގައި ފޯކަސް އިންފޯކޮމްއަކީ އެ ކުންފުންޏާ ވާދަވެރި މަހައްލެއްގައި ހުރި ކުންފުންޏެއް ނޫންކަމަށާއި، ފޯކަސް އިންފޯކޮމްއާއެކު ކޭޝިންގ އެގްރިމެންޓުގައި ސޮއިކުރުމުގެ މާކުރިންވެސް އުރީދޫގެ ބޮޑު ކަސްޓަމަރ ބޭސްއެއް އޮންނަކަމަށާއި، ފޯކަސް އިންފޯކޮމްއާ ނުލައިވެސް ގޫގްލްގެ ކޭޝިންގ ސަރވަރ އުރީދޫއަށް ގެނެވިދާނެކަމަށެވެ.

61މި ނުކުތާއާ ގުޅިގެންވެސް، ވިޔަފާރީގެ މަސްލަހަތުގެ ފުށުއެރުމެއް އުރީދޫގެ ކިބައިގައި އޮތްކަން ސާބިތުކޮށްދޭންޖެހޭނީ ފޯކަސް އިންފޯކޮމްއަށެވެ. ނަމަވެސް އުރީދޫއިން މިކަމަށް އިންކާރުކުރާ ހާލަތުގައި، އަދި ފޯކަސް އިންފޯކޮމްއިން އިތުރު ހެއްކެއް ހުށަހަޅާފައިނުވާ ހާލަތުގައި، ފޯކަސް އިންފޯކޮމްއަށް މި ވާގިއާ ސާބިތުކޮށްދެވިފައިނުވެއެވެ.

62ހަތަރުވަނަ ކަމަކަށް ފޯކަސް އިންފޯކޮމްއަށް އުރީދޫގެ ސަބަބުން ކަސްޓަމަރުން ގެއްލިފައިވާކަމަށް ބުނާއިރު، ކަސްޓަމަރުން ގެއްލުނީ އުރީދޫ ކުޅަ ޢަމަލެއްގެ ސަބަބުންކަން ސާބިތުކޮށްދިނުމަކީ އަނެއްކާވެސް ފޯކަސް އިންފޯކޮމްއިން އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. ބަހުސްގެ ބޭނުމަށްޓަކައި މި މައްސަލައިގައި އުރީދޫއިން ކޭޝިންގގެ ޚިދުމަތް ދަށްކުރިކަން ސާބިތުވީކަމަށް ބަލަމާ ހިނގާށެވެ. އެހެންކަމުގައި ވަނީނަމަ ގެއްލުނު ކަސްޓަމަރުން ގެއްލުނީ ސީދާ ސްޕީޑު ދަށްވުމުގެ ސަބަބުން، އެފަރާތްތަކުން އިންޓަނެޓް ބޭނުންކުރުމުގެ ހުރަހެއް އޮވެގެންކަން ފޯކަސް އިންފޯކޮމްއިން ސާބިތުކޮށްދޭންޖެހޭނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އުރީދޫއިން ކޭޝިންގގެ ޚިދުމަތް ދަށްކުރުމުގެ ޢަމަލާއި ގެއްލުނު ކަސްޓަމަރުން ގެއްލުނީ އެކަމުގެ ސަބަބުންކަން ގުޅުވާލަދޭ އެކަށީގެންވާ ހެކި ހުށަހަޅަންޖެހެއެވެ.

63މި މައްސަލައިގައި ފޯކަސް އިންފޯކޮމްއިން ކުރާ ތުހުމަތެއް ފިޔަވައި ބޮޑަށް ބުރަވެވޭ މިންވަރަށް ވާގިއާ ސާބިތުވާ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވެއެވެ.

64ފަސްވަނަ ކަމަކަށް، އުރީދޫގެ ކޭޝިންގ ޚިދުމަތް "ފިޓް ފޯރ ޕަރޕަސް" ނުވަތަ ކަމަށް އެކަށީގެންނުވާކަމަށް ފޯކަސް އިންފޯކޮމްގެ ފަރާތުން ބުނެފައިވެއެވެ. މި ހާލަތުގައި އެކަމަކަށް އެކަށީގެންނުވާ ކަމަކީ، ނުވަތަ ފިޓް ފޯރ ޕަރޕަސް ކަނޑައަޅާނެ މިންގަނޑަކީ ކޮބައިތޯ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފޯކަސް އިންފޯކޮމްއާ ސުވާލުކުރުމުން، އެ ކުންފުނިން ބުނެފައިވަނީ ފިޓް ފޯ ޕަރޕަސް އަކީ ސަރވަރގެ ފުލް ކެޕޭސިޓީގައި ޚިދުމަތް ދިނުންކަމަށެވެ.

65ކުރިންވެސް ފާހަގަކުރި ފަދައިން ޚިދުމަތެއް ދޭން ބޭނުންކުރާ އާލާތެއްގައި ހުންނަ ކެޕޭސިޓީއަކީ އެ ޚިދުމަތް ވަކި ފެންވަރަކަށް ފޯރުކޮށްދިނުމަށް ދެފަރާތުންވެވޭ އެއްބަސްވުމެއް ނޫނެވެ. ފޯކަސް އިންފޯކޮމްއަށް ކަސްޓަމަރުން ލިބިފައިވަނީ ސަރވަރގެ ފުލް ކެޕޭސިޓީގައިވާ ސްޕީޑަށް ޚިދުމަތް ހޯދުމަށްކަމެއް ދެއްކިފައިނުވެއެވެ.

66އެންޓި ކޮމްޕެޓިޓިވް ޢަމަލުތަކަކީ އަބަދުމެ ފާޅުކަން ބޮޑު ގޮތެއްގައި އެނގެން ހުންނާނެ ކަންކަމަށް ނުވެދާނެއެވެ. މިކަން ޚާއްސަކޮށް ޓެކްނޮލޮޖީގެ ޚިދުމަތްދޭ ދާއިރާތަކުން ފާހަގަކުރެވެއެވެ. ނަމަވެސް ފޯކަސް އިންފޯކޮމްއިން ހުށަހަޅާފައިވާ ހެއްކާއި، އުރީދޫއިން ކުރިކަމަށް ބުނާ ޢަމަލު ސީދާ ގުޅުވާލެވޭ މިންވަރަށް ހެކި ހުށަހެޅިފައި ހުންނަން ޖެހޭނެއެވެ. ފޯކަސް އިންފޯކޮމްއިން ބުނާ ފަދައިން، އުރީދޫއިން ކޭޝިންގ ޚިދުމަތުގެ ރޭޓު ލިމިޓްކުރިކަމުގެ މާއްދީ ހެކި ފޯކަސް އިންފޯކޮމްއަށް ސީދާ ނުލިބިދާނެއެވެ. ނަމަވެސް ހުށަހެޅި ގްރާފްތަކުންނާއި، ކުރެވުނު އީމެއިލް މުޢާމަލާތްތަކުންނާއި އުރީދޫއިން ކޭޝިންގގެ ޚިދުމަތް ގަސްތުގައި ދަށްކުރިކަމާއި، ނަތީޖާއެއްގެ ގޮތުން އެތައް ކަސްޓަމަރުންނެއް ފޯކަސް އިންފޯކޮމް ދޫކޮށްލައި އުރީދޫގެ ޚިދުމަތް ހޯދިކަން ގުޅުވާލަދެވޭ މިންވަރަށް މި މައްސަލައިގައި ފޯކަސް އިންފޯކޮމްއަށް ވާގިއާ ސާބިތުކޮށްދެވިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކޭޝިންގގެ ޚިދުމަތުގެ ފެންވަރު އުރީދޫއިން ދަށްކުރިކަމަކީ އެކަމެއް އެއީ ނުހިނގުމަށްވުރެ ހިނގި ކަމެއްކަމަށް ބޮޑަށް ބުރަވެވޭ މިންވަރަށް ފޯކަސް އިންފޯކޮމްއަށް މައްސަލަ ސާބިތުކޮށްދެވިފައިނުވެއެވެ.

67އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ދެފަރާތު ދެމެދުވި ކޭޝިންގ އެގްރިމެންޓުގައި ވަކި ސްޕީޑެއްގައި ޚިދުމަތް ދިނުމަށް އެއްބަސްވެފައިނުވުމުގެ އިތުރުން، ވަކިމިންވަރަކަށް އުރީދޫއިން ޚިދުމަތް ދޭންޖެހޭކަން ސާބިތުވާ ހެއްކެއް ފޯކަސް އިންފޯކޮމްގެ ފަރާތުން ހުށަހަޅާފައިނުވާތީ، ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ދެކެމެވެ.

އެއްބަސްވުމުގެ ދަށުން ބަދަލު ނަގައިދެވިދާނެކަމަށް ކަނޑައެޅީ ޤާނޫނާ ޚިލާފަށްކަމަށް އުރީދޫއިން ބުނާބުނުން

68އުރީދޫ އާއި ފޯކަސް އިންފޯކޮމްއާ ދެމެދު ސޮއިކުރެވުނު ކޭޝިންގ އެގްރިމެންޓްގެ 23 ވަނަ މާއްދާގެ ދަށުން އެއްވެސް ކަހަލަ ސީދާ ނުވަތަ ނުސީދާ ބަދަލެއް ނަގައިދިނުމަށް ދެފަރާތުން އެއްބަސްވެފައި ނުވާކަމަށް އުރީދޫގެ ފަރާތުން ބުނެއެވެ. އަދި ކޮންޓްރެކްޓުގައި ސަރީޙަ ބަހުން ސީދާ ގެއްލުމުގެ ވާހަކަ ލިޔެފައި ނެތް ނަމަވެސް، ޚުޞޫމާތަށް ހައްލެއް ހޯދައިދިނުމުގެ ޒަރޫރަތްތެރިކަން އުފެދޭ ހާލަތުގައި ކޮންޓްރެކްޓްގެ ޒިމްނީ މާއްދާތައް ބޭނުންކޮށްގެން ޚުޞޫމާތަށް ޙައްލެއް ގެނައުމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ޢާންމު އުސޫލުތައް ހުއްދަކުރާކަމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓުއަރިޒަމް) ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް22 ގަޒިއްޔާގައި ބަޔާންކޮށްފައިވާކަމަށް އުރީދޫގެ ފަރާތުން ބުނެއެވެ.

69މިނުކުތާއާ ގުޅިގެން، ފޯކަސް އިންފޯކޮމްގެ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ސީދާ ލިބޭ ގެއްލުން (direct loss) ނަގައިދިނުމަށް އެއްބަސްވުން ހުރަސްނާޅާކަމަށެވެ. އަދި މިއީ ޤާނޫނީގޮތުން ބަނދެވިފައިވާ އެއްބަސްވުމެއްކަމަށްވާތީ، ފޯކަސް އިންފޯކޮމްއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤަކީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފޯކަސް އިންފޯކޮމްއަށް ލިބިގެންވާ ޙައްޤެއްކަމަށާއި، އަދި މި ޙައްޤަކީ އެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ގައިދު ކުރެވިދާނެ ޙައްޤެއް ނޫންކަމަށް ބުނެފައިވެއެވެ.

70އެގްރިމެންޓްގެ ދަށުން އެއްފަރާތުން އަނެއް ފަރާތަށް ޚިދުމަތް ދިނުމަށް އެއްބަސްވެފައިވަނީ ދެފަރާތުން ދިނުމަށް އެއްބަސްވެފައިވާ ޚިދުމަތަށް އަގެއް ނަގާގޮތަކަށް ނޫނެވެ.23 ނަމަވެސް، ދެފަރާތް ގުޅިގެން މި ޚިދުމަތް ދިނުމަށް އެއްބަސްވެފައިވަނީ ދެފަރާތުންވެސް އެފަރާތުގެ ކަސްޓަމަރުންނަށް ދެމުންގެންދާ އިންޓަރނެޓްގެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމުގެ ނިޔަތުގައި ކަސްޓަމަރުންގެ ތަޖުރިބާއާއި ޚިދުމަތުގެ ފެންވަރު އިހުނަށްވުރެ ރަނގަޅުކުރުމަށެވެ.24

71ފޯކަސް އިންފޯކޮމްއާއި އުރީދޫ އާ ދެމެދު ވެފައިވާ ކޭޝިންގ އެގްރިމެންޓްގެ 23 ވަނަ މާއްދާގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ.

Neither party shall in any event be liable to each other for any indirect, economic, incidental, special, punitive or consequential loss including, without limitation loss of profit, loss of income, loss of good will, loss of anticipated savings, loss of revenue, loss of a commercial opportunity or contract, whether or not the other party has been advised of the possibility of such loss.

72މިފަދައިން އެއްބަސްވުމުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އެގްރިމެންޓްގެ 16 ވަނަ މާއްދާގައި25 އެގްރިމެންޓްގެ ދަށުން އުފައްދާ އިލްތިޒާމްތައް ތަންފީޒުކުރެވޭނީ އެގްރިމެންޓްގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށްކަމަށް ބަޔާންކޮށްފައިވެއެވެ.

73HN8މި މައްސަލައިގައި ފޯކަސް އިންފޯކޮމްގެ ދަޢުވާ ސާބިތުނުވާ ކަމަށްޓަކައި ގެއްލުމުގެ ބަދަލު ނަގައިދިނުމާބެހޭ ބޮޑު ބަހުސަކަށް ދާންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ. ނަމަވެސް ފޯކަސް އިންފޯކޮމްއިން ފާހަގަކޮށްފައިވާ ފަދައިން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި "ކޮންޓްރެކްޓެއްގައި އޮންނަ އެއްވެސް މާއްދާއަކުން، އޭގެ ބައިވެރިއަކަށް ޤާނޫނީ ފިޔަވަޅު އެޅުން މަނާކުރާނަމަ، އެ މާއްދާއަކީ ބާޠިލު މާއްދާއެކެވެ" މިހެން އޮންނަ އޮތުމަށް ރިޢާޔަތް ކުރާއިރު، މި މައްސަލައިގައި އުރީދޫއިން ކޮންޓްރެކްޓާ ޚިލާފުވިކަން ސާބިތުވިނަމަ، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ހުރަސް އެޅޭކަމުގައި އަހުރެން ނުދެކެމެވެ.

74އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

75މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

76މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

1 "އިންޓަރނެޓް ސަރވިސަސް ރީސޭލް އެންޑް އެކްސެސް ޓު ކޭޝިންގ އެގްރީމެންޓް" ގެ 10 (a) ވަނަ މާއްދާ

2 އބމ ގެ 10 (b) ވަނަ މާއްދާ

3 އބމ ގެ 9 ވަނަ މާއްދާ

4 ސިވިލް ކޯޓުގެ ނަންބަރު 3441/Cv-C/2017 ގަޒިއްޔާގައި ފޯކަސް އިންފޯކޮމްއިން ހުށަހެޅި "މުދަލާއި ފައިސާއާބެހޭ ބޮޑެތި މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު" ގެ 8.5

5 އބމ 8.6

6 ޤާނޫނު ނަންބަރު 4/91

7 ޤާނޫނު ނަންބަރު 13/2013

8 ޤާނޫނު ނަންބަރު 13/2010

9 [2021] SC 98

10 ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ގަޒިއްޔާ

11 ޤާނޫނު ނަންބަރު 10/2013

12 މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރގެ ވެބްސައިޓުގައިވާ މަޢުލޫމާތު (miac.gov.mv)

13 އުރީދޫގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އިސްތިއުނާފު ފޯމުގެ ޖަވާބުގެ 7.14

14 އުރީދޫގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2019/HC-A/51 ގަޒިއްޔާއާ ގުޅިގެން 12 އޮކްޓޯބަރު 2020 ގައި ދައްކާފައިވާ ވާހަކަ ސަފުހާ 4-15

15 ޤާނޫނު ނަންބަރު 22/2010

16 ނަންބަރު 2010/SC-A/02 ގަޒިއްޔާ

17 ނަންބަރު 2018/SC-A/49 ގަޒިއްޔާ

18 މިއީ އިނގިރޭސި ވިލާތުގެ މިލަރ ވ. މިނިސްޓަރ އޮފް ޕެންޝަންސް ގަޒިއްޔާގެ ލޯޑް ޑެނިންގގެ ބަސްކޮޅަކާ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޒިއްޔާގައި ހަވާލާދީފައިވާ ތަންކޮޅެކެވެ. އބމ ގެ ޕެރެގްރާފް 41

19 އބމ

20 އބމ

21 އާދީއްތަ، 11 އޮކްޓޯބަރު 2015 ހެނދުނު 9:35 ގައި ފޯކަސް އިންފޯކޮމްއިން އުރީދޫއަށް ފޮނުވާފައިވާ އީމެއިލް

22 [2021] SC 79

23 ކޭޝިންގ އެގްރިމެންޓްގެ 13 ވަނަ މާއްދާ

24 އބމ ގެ ޕްރީއެމްބްލް (C )

25 This agreement is legal, valid, and its binding obligations are enforceable against it in accordance with its terms.

2022/SC-A/01, 2022/SC-A/03 [2023] SC 52

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ