އާމިނަތު ޝަރީފް ވ. ޑރ. އަޙްމަދު ޝަރީފް އާއި އިތުރު 4 ފަރާތް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/401، 925/Cv-C/2020
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ބަންޑާރަ ގޯތީގެ ބިން ބެހެނިވެރިންނަށް ޢައްޔަންކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ގުރުއަތުން ދިމާވި ޗާޓާ އެއްގޮތަށް ގޯތި ދެބަޔަކަށް ބައިކޮށް ޙުކުމްކުރިއެވެ. އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުން ކަނޑައެޅުމުން، މި އިސްތިއުނާފު ހުށަހެޅުނީއެވެ.
- ވާޤިޢާ
- ހަ ބެހެނިވެރިންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯތީގެ ބިން ބައިކުރުމަށް ދެ ޗާޓެއް ހުށަހެޅުނެވެ. ޗާޓަކާމެދު އެއްބަސްނުވުމުން، ހުރިހާ ޚަޞްމުންގެ ރުހުމާއެކު ގުރުއަތުލުމުން ދިމާވީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި ޗާޓެވެ. އެ ޗާޓުގެ މައްޗަށް މާލޭ ސިޓީ ކައުންސިލުން ކުރަހައި ފޮނުވި ޗާޓާ އެއްގޮތަށް ދަށު ކޯޓުން ޙުކުމްކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ގޯތީގެ ބިން ޢައްޔަންކުރުމަށް ޗާޓު ޚިޔާރުކުރުމަށް ގުރުއަތުލުމުގައި ޢަދުލުވެރިކަން ގެއްލިފައިވޭތޯ އަދި ދަށު ކޯޓުގައި ހުށަނާޅާ މާލޭ ޕްލޭނިންގ ގަވާއިދާ ގުޅޭ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައިގަނެވޭނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ގުރުއަތު ނެގުމުގައި ހަމަހަމަކަމާއި ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށާއި، ދިމާވި ޗާޓަކީ ވައިއާއި އަލި ނުލިބޭ، މާލޭ ޕްލޭނިންގ ގަވާއިދާ ޚިލާފު ޗާޓެއް ކަމަށާއި، މިއީ ޤާނޫނުއަސާސީގެ 20 އަދި 42 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށެވެ. ރައްދުވާ ފަރާތްތަކުން ބުނީ ގުރުއަތަށް ދިޔައީ އެ ފަރާތުގެ ރުހުމާއެކު ކަމަށާއި، ގަވާއިދާ ގުޅޭ ނުކުތާ ދަށު ކޯޓުގައި ނުދެއްކޭ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ގުރުއަތު ނެގީ ހުރިހާ ޚަޞްމުންގެ ރުހުމާއެކު ކަމަށާއި، ގުރުއަތުގެ ކުރިންނާއި ފަހުން ދިން ބަޔާންތަކުގައި އުޞޫލީ ޝަކުވާއެއް ނެތްކަމަށް ކޯޓުން ފާހަގަކުރިއެވެ. މާލޭ ސިޓީ ކައުންސިލުން ކަށަވަރުކުރި ޗާޓަކީ ގަވާއިދާ ޚިލާފު ޗާޓެއްކަން ސާބިތު ނުވާހާ ހިނދަކު އެހެން ބުނެވޭނެ ހަމައެއް ނެތެވެ. ދަށު ކޯޓުގައި ނުދެއްކި ނުކުތާއެއް އިސްތިއުނާފީ މަރުޙަލާގައި ހުށަނޭޅޭތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި މި އިސްތިއުނާފު ނުހިމެނޭކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 2021/HC-A/401 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ފަނޑިޔާރުންގެ އިއްތިފާޤުން އެ ޙުކުމް ޤާއިމްކުރި. މި އިސްތިއުނާފަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ހުށަހަޅާފައިވާ އިސްތިއުނާފެއް ނޫންކަމަށް ކޯޓުން ދެކުނު. ސިވިލް ކޯޓުގެ 925/Cv-C/2020 ގެ ނިންމުން ބަދަލެއްނުވެ ދެމިހުރި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ބިން ޢައްޔަން ކުރުމަށް ޗާޓެއް އިޚްތިޔާރު ކުރުމުގައި ގުރުއަތު ނަގާފައިވަނީ ހުރިހާ ޚަސްމުންގެ ރުހުމާއެކުކަން އެނގެން އޮންނަ ހިނދު، އެ ކަމުގައި ބިން ޢައްޔަންކުރުމުގައި ގެންގުޅޭ އާންމު އުޞޫލުތަކާ ޚިލާފު އެއްވެސްކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
HN2 ބިން ޢައްޔަންކުރެވޭ މައްސަލަތަކުގައި ހުށަހެޅޭ ޗާޓުތައް ކުރަހާފައިވާ ގޮތް ކޯޓުން ކަށަވަރު ކުރެއެވެ. ޝަރީޢަތުން އެ މައްޗަށް ޙުކުމްކޮށްފައިވާ ޗާޓަކީ، މާލޭ ސިޓީ ކައުންސިލުން ކަށަވަރުކުރެވިފައިވާ ޗާޓަކަށްވެފައި އެ ޗާޓަކީ އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، މާލޭ ޕްލޭނިންގ ގަވާއިދު އާ އެއްގޮތަށް ކުރަހާފައިވާ ޗާޓެއް ނޫންކަމަށް ބުނެވިދާނެ ހަމައެއް ނެތެވެ.
HN3 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ބެލުމުގައި އަސާސަކަށް ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށެވެ. އެ ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނޯވެއެވެ.
HN4 ދަށު މަރުޙަލާގައި ވާހަކަ ނުދެއްކޭ ނުކުތާއެއް، ހުށަނޭޅޭ ހެއްކެއް، އޭގެ މަތީ އިސްތިއުނާފީ މަރުޙަލާގެ ކޯޓަށް ހުށަނޭޅުމެވެ. ސިވިލް ކޯޓުގައި ފާހަގަ ނުކުރާ ކަމެއް، ނުވަތަ ހެއްކެއް ހައިކޯޓަށް ހުށަނޭޅުމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަނާޅާ ކަމެއް، ނުވަތަ ހެއްކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަނޭޅުމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ފައިޞަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 45 2024/SC-A/07 ޝަރީޢަތް ނިމުނުގޮތް އާމިނަތު ޝަރީފް ވ. ޑރ. އަޙްމަދު ޝަރީފް އާއި އިތުރު 4 ފަރާތް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ނިމުނު ތާރީޚު 03 ސެޕްޓެންބަރު 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/401 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ޑރ. އަޙްމަދު ޝަރީފް، މ. ލިންކްހައުސް އާމިނަތު ޝަރީފް، މ. ލިންކްހައުސް ޞާބިރާ، މ. ލިންކްހައުސް ޤާނޫނީ ވަކީލު: ޢަބްދުﷲ ރަޝީދު، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ ޑރ. މައުމޫން ޝަރީފް، މ. ލިންކްހައުސް މަޙަމޫދާ ޝަރީފް، މ. ލިންކްހައުސް ޢާއިޝަތު ޝަރީފް، މ. ލިންކްހައުސް ޤާނޫނީ ވަކީލު: މުޙައްމަދު ފައިސަލް، ފައިސަލް އެންޑް ކޯ އެލް.އެލް.ޕީ
މަދަނީ – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ – ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/401 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މ. ލިންކްހައުސް، އާމިނަތު ޝަރީފް1ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2024/SC-A/07 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ މ. ލިންކްހައުސް، ޑރ. އަޙްމަދު ޝަރީފް2 އާއި މ. ލިންކްހައުސް، ޞާބިރާ3 އާއި މ. ލިންކްހައުސް، ޑރ. މައުމޫން ޝަރީފް4 އާއި މ. ލިންކްހައުސް، މަޙަމޫދާ ޝަރީފް5 އާއި މ. ލިންކްހައުސް، ޢާއިޝަތު ޝަރީފް6ގެ މައްޗަށެވެ.
ކަންހިނގާފައިވާ ގޮތް
2މ. ލިންކްހައުސް އަކީ 2,737 (ދެހާސް ހަތްސަތޭކަ ތިރީސް ހަތެއް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެކެވެ. މި ގޯތި ރަޖިސްޓްރީކޮށްފައި ވަނީ 06 (ހައެއް) ބެހެނިވެރިންގެ ނަމުގައެވެ. އެއީ، މ. ލިންކްހައުސް، އާމިނަތު ޝަރީފް އާއި މ. ލިންކްހައުސް، ޑރ. އަޙްމަދު ޝަރީފް، އާއި މ. ލިންކްހައުސް، ޞާބިރާ، އާއި މ. ލިންކްހައުސް، ޑރ. މައުމޫން ޝަރީފް އާއި މ. ލިންކްހައުސް، މަޙަމޫދާ ޝަރީފް އާއި މ. ލިންކްހައުސް، ޢާއިޝަތު ޝަރީފް އެވެ.
3މި ގޯތީގެ ބިން ޢައްޔަންކޮށް ދިނުމަށް އެދި ޞާބިރާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 925/Cv-C/2020 ޤަޟިއްޔާ އިންނެވެ.
4ބިން ޢައްޔަންކުރުމަށް ބޭނުންވާ މަޤުސަދަކީ އެކުގައި ޢިމާރާތްކުރުމަށް ބޭނުންވާތީވެކަން މި މައްސަލައިގެ ޝަރީޢަތުގެ އެކި މަރުޙަލާތަކުގައި ޚަސްމުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. މިގޮތުން ގޯތީގެ މިލްކުވެރިންގެ ތެރެއިން އެކުގައި ޢިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލިބޭ ބައިތައް ޖެހިޖެހިގެން އެކުގައި އޮންނަ ގޮތުގެ މައްޗަށް ބިން ބައިކޮށް ޢައްޔަންކޮށްދިނުމަށް ދަށު ކޯޓުގައި އެދުނެވެ. އަދި ބިން ޢައްޔަންކުރުމަށް އެދިފައިވަނީ ދެ ބަޔަކަށެވެ. އެއީ، އިސްތިއުނާފު ކުރާ ފަރާތް ކަމުގައިވާ އާމިނަތު ޝަރީފަށް ލިބޭ ބައި ވަކިން އަދި ދެންތިބި ފަރާތްތައް އެއްބައެއްގެ ގޮތުގައެވެ.
5ދަށު ކޯޓަށް ބިން ޢައްޔަންކުރުމަށްޓަކައި ހުށަހެޅުނު ދެ ޗާޓުގެ ތެރެއިން ޑރ. އަޙްމަދު ޝަރީފް ހުށަހެޅި ޗާޓަށް އާމިނަތު ޝަރީފް ފިޔަވައި ދެންތިބި ފަރާތްތައް ރުހެއެވެ. އަދި އާމިނަތު ޝަރީފް ހުށަހެޅި ޗާޓަށް ދެންތިބި ފަރާތްތައް ނުރުހެއެވެ. އެހެންކަމުން، ބިން ޢައްޔަންކުރުމުގެ ޗާޓު ޚިޔާރުކުރުމުގައި އޮތް ދެބަސްވުމަށް އޮތް ޙައްލަކީ ގުރުއަތުލުން ކަމުގައިވާތީވެ، ސިވިލް ކޯޓުގެ ނަންބަރު 925/Cv-C/2020 ޤަޟިއްޔާގެ ތެރެއިން ގުރުލާފައި ވާހިނދު، ގުރުއަތުން ދިމާވީ
ޑރ. އަޙްމަދު ޝަރީފް ހުށަހެޅި ޗާޓެވެ. އެހެންކަމުން، އެ ޗާޓުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން މައްސަލަ ނިންމިއެވެ.
6މ. ލިންކްހައުސް އެވެކިޔާ7 ބަންޑާރަ ގޯތީގެ ބިން ޢައްޔަންކުރުމަށް އެދި ޞާބިރާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 425-B5/144/2021/270 (28 ސެޕްޓެންބަރު 2021) ސިޓީއާއެކު ފޮނުވި ޗާޓާ އެއްގޮތަށް
މ. ލިންކްހައުސް އެވެކިޔާ ބަންޑާރަ ގޯތި 02 (ދޭއް) ބަޔަށް ބައިކޮށް، އެ ޗާޓުގައިވާ 2,142 (ދެހާސް އެއްސަތޭކަ ސާޅީސްދޭއް) އަކަފޫޓޫގެ ބަޔަކީ ބެހެނިވެރިންކުރެ ޞާބިރާ އާއި ޑރ. އަޙްމަދު ޝަރީފް އާއި ޑރ. މައުމޫން ޝަރީފް އާއި މަޙަމޫދާ ޝަރީފް އާއި ޢާއިޝަތު ޝަރީފްގެ ބައި ކަމަށާއި އަދި 456 (ހަތަރުސަތޭކަ ފަންސާސްހަޔެއް) އަކަފޫޓުގެ ބަޔަކީ ބެހެނިވެރިންގެ ތެރެއިން އާމިނަތު ޝަރީފްގެ ބައިކަމަށް ކަނޑައަޅައެވެ.
7ސިވިލް ކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމުގައި ބުނެ އާމިނަތު ޝަރީފްގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.8 ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފުގައި އާމިނަތު ޝަރީފްގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާ އެކެވެ.
8އެ ނުކުތާއަކީ ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައަކީ މ. ލިންކްހައުސް ގޯތި ބައިކޮށް ބެހުމާގުޅޭ މައްސަލައެއް ކަމަށާއި ގޯތި ބައިކުރުމަށް ހުށަހެޅުނު ޗާޓުތަކަށް ބެހެނިވެރިންގެ މެދުގައި އެއްބަސްވުމަށް އާދެވިފައިނުވާއިރު ބިން ބައިކޮށް ޢައްޔަންކުރުމުގައި ބޭނުންކުރެވުނު ޗާޓަކީ މާލޭ ޕްލޭނިންގ ގަވާއިދާ ޚިލާފު އަދި ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް އޮތް ޗާޓެއް ކަމަށާއި ޗާޓު އިޚްތިޔާރުކޮށް ގުރުއަތުލުމުގައި ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2019/HC-A/95ޤަޟިއްޔާ އާ ޚިލާފަށް ކަމަށާއި މި ޗާޓުގެ މައްޗަށް ބިން ބައިކޮށް ޢައްޔަންކުރުމަކީ މާލޭ ޕްލޭނިންގ ގަވާއިދާއި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
9އާމިނަތު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރި އިސްތިއުނާފު ނިމިފައިވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ. މި ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ވާސިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މ.ލިންކްހައުސް އެވެކިޔާ ބަންޑާރަ ގޯތި 02 (ދޭއް) ބަޔަށް ބައިކުރެވޭއިރު، ޗާޓު ޚިޔާރުކުރުމުގައި ގުރުއަތަށް ގޮސްފައިވާ ކަމާއި، ގުރުއަތުން ނިމޭ ގޮތެއްގެ މައްޗަށް ބިނާކޮށް މައްސަލަ ނިމިގެންދާނެކަން އިސްތިއުނާފު ކުރާ ފަރާތާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް އެނގޭނެ ކަމާއި ގުރުއަތު ނެގުމުގެ ކުރިންވެސް އަދި ފަހުންވެސް ގުރުއަތު ނެގުމުގައި ޢަމަލުކުރި ގޮތާދެމެދު ޝަކުވާއެއް އޮތްކަން ފާހަގަކުރެވިފައި ނުވާކަން.9
(ށ) ދެވަނަ ކަމަކީ، ބިންބައި ކުރުމަށް ހުށަހެޅުނު ޗާޓަކީ މާލޭ ޕްލޭނިންގ ގަވާއިދުތަކާއި އެއްގޮތް ނޫން ޗާޓެއް ކަމަށް ދެކި ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، އެއްވެސް މިންވަރަކަށް އިޝާރާތްކުރެވިފައިވާ ކަމަކަށް ނުވާތީވެ، ދަށު ކޯޓުގައި ވާހަކަ ނުދެކެވޭ ނުވަތަ ގޮތެއް ކަނޑައެޅިފައިނުވާ ކަމެއްގެ މައްޗަށް ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމުގެ އުޞޫލަށް ނަޒަރުކޮށް އެ ނުކުތާ ބަލައި ގަނެފައި ނުވާކަން.10
10ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ އާމިނަތު ޝަރީފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފު
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން އާމިނަތު ޝަރީފްގެ ފަރާތުން ފާހަގަކޮށްފައިވަނީ އިސްތިއުނާފީ އެންމެ ނުކުތާ އެކެވެ. މި ނުކުތާގައި ބުނެފައިވަނީ
މ. ލިންކްހައުސްގެ ބިންބައިކޮށް ޢައްޔަންކުރުމުގެ މައްސަލައިގައި ގޯތީގެ ބެހެނިވެރިންގެ ގޮތުގައި ތިބި 60 ފަރާތުގެ ތެރެއިން 50 ފަރާތުން ހުށަހެޅި ޗާޓަކީ އެމީހަކަށް ލިބޭ ބައިތަކަށް މާލޭ ޕްލޭނިންގ ގަވާއިދާ އެއްގޮތަށް ވަޔާއިއަވި ލިބޭގޮތަށް އަދި ވަކިން އެކްސެސް ލިބޭގޮތަށް އޮތް ޗާޓަކަށް ނުވުމާއެކު އެކަން ޝަރީޢަތުގައި ފާހަގަކުރުމުން، އެ ފަރާތުން ބޭނުންވަނީ އެކުގައި ތިބެން ކަމަށް ޝަރީޢަތުގައި ބުނެފައިވާއިރު، އެ ބުނުމުގެ މައްޗަށް ކޯޓުން ޗާޓު ބަލައިގަނެފައިވާތީ، ގޯތި ބައިކުރުމުގެ މައްސަލަ އެއްގައި ގޯތީގެ ވަކިބަޔަކު އެކުގައި ތިބުމަށް ހުށަހަޅާ ޗާޓެއް ބަލައިގަނެ ބިން ޢައްޔަންކުރެވެން ޖެހޭނީ އެހެން ފަރާތްތަކުން އެކަމަށް އިއުތިރާޟު ނުކުރާ ހާލަތެއްގައި ކަމަށްވާތީ އާއި، އެ ފަރާތްތަކުން ހުށަހެޅި ޗާޓުގައި ވަނީ އިސްތިއުނާފު ކުރާ ފަރާތް ގޯތީގެ ހުޅަނގު ދެކުނުން ބިއްދޮށުކަނަށް ލުމަށްފަހު، އެތަނަށް 4 ފޫޓުގެ ހަނި ގޯޅިއަކުން ވަދެނުކުމެވޭ ގޮތަށް ކަމަށްވާތީ އާއި، ޗާޓު އިޚްތިޔާރު ކުރުމަށް ނެގުނު ގުރުއަތުލުމުގައި އިސްތިއުނާފު ރައްދުވާ ކޮންމެ މީހަކަށް ވަކިން ޗާޓު އިޚްތިޔާރު ކުރުމަށް ގުރުނެގުމަށް ފުރުސަތު ދީފައިވާތީ ޗާޓު އިޚްތިޔާރު ކުރުމުގައި ޢަދުލުވެރިކަން ގެއްލިފައިވާތީ އާއި، ގޯތި ހުރިހާ ބައިވެރިންގެ މެދުގައި ޢަދުލުވެރިކަމާއި ހަމަހަމަކަން ގެއްލިގެން ދާގޮތަށް ގުރުއަތު ނަގާފައިވާތީ އެ ނިންމެވުމަކީ ޢަދުލު އިންސާފުގެ ޢާންމު ހަމަތަކާ ޚިލާފު ނިންމެވުމަކަށްވާތީ، އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކޮށް ދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ އާއި 42 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ޚިލާފަށް ކަމުގައެވެ.
12މި އިސްތިއުނާފު ހުށަހެޅުމަށްފަހު އާމިނަތު ޝަރީފް އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ އާއި އެ ޤަޟިއްޔާ ބިނާވާ ދަށު ކޯޓުގެ ނިންމުން ބާތިލުކޮށް، މާލޭ ޕްލޭނިންގ ގަވާއިދަށް ފެތޭ ޗާޓަކާ އެއްގޮތަށް ގޯތި ބައިކުރުމަށާއި އަދި ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތު ލިބޭ އިންސާފުވެރި އުސޫލަކުން ގުރުއަތުގެ ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އެދި އަމުރުކޮށް ދިނުމަށެވެ.
13އިސްތިއުނާފީ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، އިސްތިއުނާފު ކުރެވިފައިވާ ނުކުތާ އަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މިންވަރަށް އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ކަމަށް ނުވާތީ، މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމުގައި ނުދެކޭ ކަމަށެވެ. އިތުރަށް ތަފުސީލުގައި ވާހަކަ ދައްކަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތުން ދަށު ކޯޓުގައި މާލޭ ޕްލޭނިންގ ގަވާއިދު އަދި ގުރުއަތުލުމާ ގުޅޭ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށާއި، ދަށު ކޯޓުގައި ގުރުއަތުލުން ކުރިއަށް ގެންދެވުނީ އިސްތިއުނާފު ކުރާ ފަރާތުގެ ރުހުމާއެކުގައި ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މާލޭ ޕްލޭނިންގ ގަވާއިދުގެ މާއްދާތަކާއި ޙަވާލާދީ ވާހަކަ ދެކެވުނު ނަމަވެސް ދަށު ކޯޓުގައި އެބަހުސް ކޮށްފައި ނެތަތީވެ، އެކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.
ގުރުއަތު ނެގުމާގުޅޭ
14މި އިސްތިއުނާފުގައި ވާހަކަ ދެކެވޭ ފުރަތަމަ ކަމަކީ، ޗާޓު އިޚްތިޔާރު ކުރުމަށް ނަގާފައިވާ ގުރުއަތާގުޅޭ ގޮތުންނެވެ. އިސްތިއުނާފު ހުށަހަޅާފައިވާ އާމިނަތު ޝަރީފް ދެކޭ ގޮތުގައި، ގުރުއަތު ނެގުމުގައި ޢަމަލުކޮށްފައިވާ ގޮތް އިންސާފުވެރިއެއް ނޫނެވެ. މިގޮތަށް އެ ފަރާތުން ބުނާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ޗާޓު އިޚްތިޔާރު ކުރުމަށް ނެގުނު ގުރުއަތުލުމުގައި އިސްތިއުނާފު ރައްދުވާ ކޮންމެ މީހަކަށް ވަކި ވަކިން ޗާޓު އިޚްތިޔާރު ކުރުމަށް ފުރުސަތު ދީފައިވާތީވެ ޗާޓު އިޚްތިޔާރު ކުރުމުގައި ހަމަހަމަ ކަމާއި ޢަދުލުވެރިކަން ގެއްލިފައިވާ ކަމަށެވެ.
15މި މައްސަލައިގައި ބިން ޢައްޔަންކުރުމުގައި ދަށު ކޯޓުގައި ގުރުއަތުލާފައި ވަނީ 09 ސެޕްޓެންބަރު 2021 ގައެވެ. ގުރުއަތަށް ހުށަހެޅުނީ ދެ ޗާޓެކެވެ. ގުރުއަތަށް ދިޔައީ، ގުރުއަތުން ނިމޭގޮތެއްގެ މައްޗަށް އެންމެން ރުހި ގަބޫލުވެގެންނެވެ. އާމިނަތު ޝަރީފް ހުށަހެޅި ޗާޓު ގުރުއަތުން ދިމާވިނަމަ، ދެންދިބި އެންމެން އެ ޗާޓު ގަބޫލުކޮށް އެ ޗާޓުގައިވާ ގޮތަށް ޝަރީޢަތުން ގޮތެއް ނިންމާނެކަން ހުރިހާ ޚަސްމުންނަށް އެނގެއެވެ. ހަމަ މިގޮތަށް ދެވަނަ ޗާޓު ހުށަހެޅީ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ޑރ. އަޙްމަދު ޝަރީފް އެވެ. މި ޗާޓު ގުރުއަތުން ދިމާވެއްޖެނަމަވެސް، ދެންތިބި އެންމެން އެ ޗާޓު ގަބޫލުކޮށް ޝަރީޢަތުން ގޮތެއް ކަނޑައަޅާނީ އެ ޗާޓުގެ މައްޗަށް ބިނާކޮށް ކަންވެސް އެނގެއެވެ.
16ގުރުއަތުން ދިމާވީ ޑރ. އަޙްމަދު ޝަރީފް ހުށަހެޅި ޗާޓެވެ. ގުރުއަތު ނަގާ ނިމުނުއިރުވެސް
ކަންހިނގާ ދިޔަގޮތުގެ މައްޗަށް އާމިނަތު ޝަރީފްގެ އުސޫލީ ޝަކުވާއެއް ނެތެވެ.
09 ސެޕްޓެންބަރު 2021 ގައި އާމިނަތު ޝަރީފްގެ ފަރާތުން ދެ ބަޔާނެއް ދީފައި ވެއެވެ. އެއް ބަޔާނަކީ ގުރުއަތުލުމުގެ ކުރިން ދީފައިވާ ބަޔާނެކެވެ. އަދި އަނެއް ބަޔާނަކީ ގުރުއަތުލުމަށްފަހު ދީފައިވާ ބަޔާނެކެވެ. ގުރުއަތުލުމުގެ ކުރިން ދީފައިވާ ބަޔާނުގައި އާމިނަތު ޝަރީފްގެ ފަރާތުން ޗާޓެއް ހުށަހަޅާކަން އެނގެއެވެ. ގުރުއަތުލުމުގެ އުޞޫލީ ޝަކުވާއެއް ނެތެވެ. އަދި ގުރުއަތުލުމަށްފަހު ނެގުނު ބަޔާނުގައިވެސް އުޞޫލީ ޝަކުވާއެއް ނެތެވެ. ހަމައެކަނި، ފާހަގަކޮށްފައިވަނީ ޑރ. އަޙްމަދު ޝަރީފްގެ ފަރާތުން ހުށަހެޅި ޗާޓު ގުރުއަތުން ދިމާވެފައިވާތީވެ، ބިން ޢައްޔަންކުރެވޭއިރު، އިސްތިއުނާފު ކުރާ ފަރާތުގެ ބަޔަށް ވަދެވެން އޮންނަ ބަޔަށް ގޯޅިއެއް ނެގުމުގެ ސަބަބުން އޭނާއަށް ލިބެންޖެހޭ ބަޔަށް އުނިއިތުރެއް ނައުމަށް އެދޭކަމާއި، އެގޮތަށް ރުހޭނަމަ، މި މައްސަލައިގައި ހިމެނޭ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަގުމަގު ކުރަން ބޭނުން ނުވާކަމަށެވެ. މި ހުށަހެޅުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ގަބޫލުކޮށްފައިވާކަން އެނގޭ ކަމާއި، އެއަށްފަހު ޑރ. އަޙްމަދު ޝަރީފް ހުށަހެޅި ޗާޓުގެ މައްޗަށް ބިނާކޮށް މި މައްސަލަ ދަށު ކޯޓުގައި ނިމިގެން ދިޔައީއެވެ.
17HN1ކަންމިހެން އޮތުމުން، ބިން ޢައްޔަން ކުރުމަށް ޗާޓެއް އިޚްތިޔާރު ކުރުމުގައި ގުރުއަތު ނަގާފައިވަނީ ހުރިހާ ޚަސްމުންގެ ރުހުމާއެކުކަން އެނގެން އޮންނަ ހިނދު، އެ ކަމުގައި ބިން ޢައްޔަންކުރުމުގައި ގެންގުޅޭ އާންމު އުޞޫލުތަކާ ޚިލާފު އެއްވެސްކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
18އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން އެހެންގޮތަކަށް ފުރޮޅާލުމަށް އާމިނަތު ޝަރީފްގެ ފަރާތުން ޙަވާލާދެވިފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ޤާނޫނުން ލިބިދޭ ހަމަހަމަކަމާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބުނާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުން އާމިނަތު ޝަރީފް އެއްކިބާކޮށްފައިވާ ކަމަށް ބުނިކަމުގައި ވިޔަސް އެކަން ބަލައިގަނެވިދާނެ އެއްވެސް ސަބަބެއް އޭނާގެ ފަރާތުން ސާފުކޮށް ދެވިފައި ނުވެއެވެ.
މާލޭ ޕްލޭނިންގ ގަވާއިދާ ގުޅޭ
19މި އިސްތިއުނާފުގައި އާމިނަތު ޝަރީފް ފާހަގަކޮށްފައިވާ ދެވަނަ ކަމަކީ ގުރުއަތުން ދިމާވި ޗާޓަކީ މާލޭ ޕްލޭނިންގ ގަވާއިދުތަކާ އެއްގޮތަށް ކުރަހާފައިވާ ޗާޓެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ގަވާއިދުގައިވާ ގޮތުގެމަތިން ވަޔާއި އަވި ނުލިބޭތީއެވެ.
20HN2ބިން ޢައްޔަންކުރެވޭ މައްސަލަތަކުގައި ހުށަހެޅޭ ޗާޓުތައް ކުރަހާފައިވާ ގޮތް ކޯޓުން ކަށަވަރު ކުރެއެވެ. މި މައްސަލައިގައި ވެސް ގުރުއަތުން ދިމާވި ޗާޓުގެ މައްޗަށް ބިނާކޮށް މ. ލިންކްހައުސްގެ ޗާޓު ކުރައްސަވައިދެއްވުމަށް 15 ސެޕްޓެންބަރު 2021 ގައި މާލޭ ސިޓީ ކައުންސިލް އިދާރާގައި
ސިވިލް ކޯޓުން އެދުނެވެ.11 މި ސިޓީގެ ޖަވާބު މާލޭ ސިޓީ ކައުންސިލް އިދާރާ އިން
28 ސެޕްޓެންބަރު 2021 ގައި ދީފައި ވެއެވެ.12 މި ސިޓީއާއެކު މ. ލިންކްހައުސްގެ ޗާޓު
ޑރ. އަޙްމަދު ޝަރީފް ހުށަހެޅި ޗާޓުގެ މައްޗަށް ބިނާކޮށް ކުރައްސަވާ ފޮނުވާފައި ވެއެވެ. މި ކުރެހުމުގެ މައްޗަށް ބިނާކޮށް ދަށު ކޯޓުން ޙުކުމްކޮށްފައި ވާކަން ސިވިލް ކޯޓުގެ ޙުކުމުގެ ސީދާ ނައްސުން ފެންނަން އެބައޮތެވެ.
21HN3ކަންމިހެން އޮތްއިރު، ޝަރީޢަތުން އެ މައްޗަށް ޙުކުމްކޮށްފައިވާ ޗާޓަކީ، މާލޭ ސިޓީ ކައުންސިލުން ކަށަވަރުކުރެވިފައިވާ ޗާޓަކަށްވެފައި އެ ޗާޓަކީ އެހެން ގޮތަކަށް ސާބިތު ނުވާހާ ހިނދަކު، މާލޭ ޕްލޭނިންގ ގަވާއިދު އާ އެއްގޮތަށް ކުރަހާފައިވާ ޗާޓެއް ނޫންކަމަށް ބުނެވިދާނެ ހަމައެއް ނެތެވެ. އިސްތިއުނާފު ކުރާ ފަރާތުން ފާހަގަ ކުރާ މި ބަހުސަކީ ދަށު ކޯޓުގައި ޗާޓުތައް ހުށަހެޅި ގުރުއަތަށް ދިޔުމުގެ ކުރިން އޮތް ބަހުސެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައުޟޫގައި ގޮތެއް ކަނޑައަޅާފައި ނުވެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ބެލުމުގައި އަސާސަކަށް ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށެވެ. އެ ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނޯވެއެވެ.
22HN4އެހެން ގޮތަކަށް ބުނާނަމަ، ދަށު މަރުޙަލާގައި ވާހަކަ ނުދެއްކޭ ނުކުތާއެއް، ހުށަނޭޅޭ ހެއްކެއް، އޭގެ މަތީ އިސްތިއުނާފީ މަރުޙަލާގެ ކޯޓަށް ހުށަނޭޅުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު13 މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން ސިވިލް ކޯޓުގައި ފާހަގަ ނުކުރާ ކަމެއް، ނުވަތަ ހެއްކެއް ހައިކޯޓަށް ހުށަނޭޅުމެވެ.14 އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަނާޅާ ކަމެއް، ނުވަތަ ހެއްކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަނޭޅުމެވެ. އެހެންކަމުން، އާމިނަތު ޝަރީފްގެ ފަރާތުން މާލޭ ޕްލޭނިންގ ގަވާއިދާ ގުޅުވައި ފާހަގަ ކުރާ ނުކުތާގެ މައްޗަށް މި މަރުހަލާގައި ގޮތެއް ކަނޑައެޅިދާނެ ކަމަކަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
23އިސްވެ ބުނެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފެއް ކަމަކަށް ނުދެކެމެވެ.
24އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/401 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އަހުރެންނަށް މި މައްސަލައިގައި ފާހަގަކުރެވިފައި ނުވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
25މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
26މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ މަތީގައިވާ ކަންކަން އެފަދައިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/401 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
ޢަލީ ރަޝީދު ޙުސައިން
ފުޓްނޯޓު
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 16 ވަނަ ޕެރެގްރާފް
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ރިޕޯޓުގެ 20، 21 ވަނަ ޕެރެގްރާފް
- ސިވިލް ކޯޓުގެ ނަންބަރު 144-B3-CR2/425/2021/245 ސިޓީ (15 ސެޕްޓެންބަރު 2021)
- މާލޭ ސިޓީ ކައުންސިލުގެ އިދާރާ ނަންބަރު 425-B5/144/2021/270 ސިޓީ (28 ސެޕްޓެންބަރު 2021)
- ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/14 ޤަޟިއްޔާ
- މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކުގައި ޙަވާލާދީފައި ވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39 މައްސަލަ އާއި، މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް[2022] SC 22 މައްސަލަ އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް[2022] SC 23 މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2022] SC 26މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް [2022] SC 70މައްސަލަ ފާހަގަ ކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)
- ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ (2)
- މާލޭ ޕްލޭނިންގ ގަވާއިދު
- ސުޕްރީމް ކޯޓުގެ 2009/SC-A/14 (ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު)
- ސުޕްރީމް ކޯޓުގެ [2022] SC 39 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ)
- ސުޕްރީމް ކޯޓުގެ [2022] SC 22 (މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2022] SC 23 (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ [2022] SC 26 (އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ [2022] SC 70 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް)
- ހައިކޯޓުގެ 2019/HC-A/95
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.