ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2008/SC-A/09ސުޕްރީމް ކޯޓު · 5 ޖުލައި 2009 · މަދަނީ – ބާޠިލުވި އެއްބަސްވުމަށްފަހު ޢިމާރާތަށް ކުލި ކަނޑައެޅުން

އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
6 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ޖުލައި 2009ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މަދަނީ ކޯޓުން (1055/MC/99) 22 ނޮވެމްބަރު 1998 ން ފެށިގެން ގޯތި ޙަވާލުކުރަންދެން ދޭންޖެހޭ ފައިސާއިން މަހަކު 5,000 ރުފިޔާ ކުލީގެ ގޮތުގައި ކެނޑޭނެ ކަމަށާއި 1158/MC/97 ގެ ޙުކުމަށް ޢަމަލުކުރަން ނިންމިއެވެ. ހައިކޯޓުން (2000/HC-A/45) އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ގޯތި ވިއްކުމަށް 1996 ގައި ވެވުނު އެއްބަސްވުން މަދަނީ ކޯޓުން (1158/MC/97) ބާޠިލުކޮށް، ގޯތީގެ ވެރިފަރާތުން ނަގާފައިވާ 868,000 ރުފިޔާ އަނބުރާ ދޭން އަދި ގޯތި ވެރިފަރާތާ ޙަވާލުކުރަން، ދެފަރާތަށްވެސް އެއްމަހުގެ ތެރޭގައި ޢަމަލުކުރުމަށް 1998 ގައި ޙުކުމްކުރިއެވެ. ދެފަރާތުންވެސް ޢަމަލުނުކުރުމުން ގޯތީގެ ވެރިފަރާތުން މަހަކު 5,000 ރުފިޔާގެ ކުލި ހޯދަން ދަޢުވާކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގޯތި ވިއްކުމުގެ އެއްބަސްވުން ބާޠިލުކުރުމަށްފަހު، ގަންނަން އެއްބަސްވި ފަރާތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރުމުން، އެ ފަރާތް ގޯތީގައި ހުރުމުގެ ޙައްޤު ލިބޭތޯ، ނުވަތަ ގޯތީގެ ވެރިފަރާތަށް ކުލި ހޯދުމުގެ ޙައްޤު ލިބޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިލްތިމާސްކުރި ފަރާތް ބުނީ، އެއް މަރުޙަލާގެ ކޯޓަކުން އެއް މުޢާމަލާތަކާ ގުޅިގެން ތަޢާރުޟުވާ ދެ ޙުކުމެއް ނުކުރެވޭނެ ކަމަށާއި، ފައިސާ ދިނުމުން ގޯތިން ނުކުންނަން ޖެހޭ ކަމަށް 815/MC/98 ގައި ކަނޑައެޅިފައިވާއިރު ޙުކުމުން ބާރުލިބިގެން ހުންނަ ހުރުމަށް ކުލި ނުނެގޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ފުރަތަމަ ނުކުތާ ހައިކޯޓަށް ހުށަހަޅާފައި ނުވާތީ އޭގެ މައްޗަށް ގޮތެއް ނުކަނޑައަޅައެވެ. އެއްބަސްވުން ބާޠިލުވުމުން ދެފަރާތް ކުރީގެ ޙާލަތަށް ރުޖޫޢަވާތީ، ފައިސާ ލިބެންދެން ގޯތީގައި ހުރުމުގެ ޙައްޤެއް ޙުކުމުން ނުދެއެވެ؛ ރުހުމެއްނެތި ތަން ބޭނުންކުރުމަކީ ނުޙައްޤު މަންފާއެއް ލިބިގަތުމަށްވާތީ ކުލި ކަނޑައެޅުމަކީ ވެރިފަރާތުގެ ޙައްޤެވެ. އަދި ކުލި ކަނޑައެޅުމުން އަޞްލު ޙުކުމަށް ބަދަލެއް ނާދެއެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2000/HC-A/45
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ހައިކޯޓުގައި އިސްތިއުނާފުކުރެވި ނިމިފައިވާ މައްސަލައެއްގެ ޝަރީޢަތް ސުޕްރީމް ކޯޓުން ބެލޭނީ، ހައިކޯޓުގެ ޤަޟިއްޔާގައި ބެލިފައިވާ ކަންތައްތަކުގެ ތެރޭގައި ޤާނޫނީ ކަމަކާމެދު ނުވަތަ ޝަރުޢީ އުޞޫލަކާމެދު ރިޢާޔަތް ނުކުރެވި ކަމެއްވާނަމަ، އެކަން ފާހަގަކޮށް ހުށަހަޅާ ކަންތައްތަކެވެ. ހައިކޯޓަށް ހުށަހެޅިފައި ނުވާ ނުކުތާއަކާމެދު ހައިކޯޓުން ބެލުމަށްފަހު ގޮތެއް ކަނޑައަޅާފައިނުވާތީ، އެނުކުތާއާމެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅެން ނެތެވެ.

އިލްތިމާސް ކުރެވިފައިނުވާ ޤަޟިއްޔާއެއްގެ ޞައްޙަކަމުގެ މައްޗަށް ގޮތެއް ކަނޑައެޅެން ނެތެވެ.

ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލް ކުރެއްވުމުން، އެހިނދުން ފެށިގެން ދެފަރާތް ދެމެދުގައި ވެވުނު އެއްބަސްވުން ނިމުމަކަށް އައިސް، އޭގެ ދަށުން ކުރާން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އަންނާނެއެވެ. އެގްރިމެންޓުގެ ބައިވެރިން ކުރިންތިބި ޙާލަތަށް ރުޖޫޢަވެ، އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެ އަޞްލު ޙާލަތަށް ބަދަލުވާނެއެވެ؛ ގޯތީގެ އަގުގެ ގޮތުގައި ލިބިފައިވާ ފައިސާ އަނބުރާ ދޭންޖެހި، ލިބިގެންދިޔަ ގޯތި ވެރިފަރާތާ ޙަވާލު ކުރަންޖެހޭނެއެވެ.

އެގްރިމެންޓެއް ބާޠިލްކަމަށް ކޯޓުން ކަނޑައެޅުމުން، އެއެގްރިމެންޓުގެ ދަށުން ލިބިދޭ ދެފަރާތުގެ ޙައްޤެއްވާނަމަ، އެޙައްޤު ޙިމާޔަތް ކޮށްދޭ އެއްޗަކީ ކޯޓުގެ ޙުކުމެވެ.

ޙުކުމުގައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި ދެފަރާތުންވެސް އެއްތާރީޚަކުން ފެށިގެން ޢަމަލު ކުރަން ޖެހޭނަމަ، ޙުކުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެއްފަރާތުން އޭނާގެ ޒިންމާ އަދާ ނުކުރުމަކީ، އަނެއްފަރާތުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމަށް އޮތް ސަބަބެއް ނޫނެވެ. ފައިސާ ލިބެންދެން ކުރަންޖެހޭ ކަމެއް ތަންފީޒުނުކޮށް ހުރުމުގެ ފުރުޞަތު ޙުކުމުން ލިބިދީފައި ނުވާއިރު، އެނޫންގޮތަކަށް ޙުކުމް ތަރުޖަމާ ކުރުމަކީ ޙުކުމުގެ މަޤުޞަދާ ޚިލާފަށް ކުރެވޭ ތަރުޖަމާއެކެވެ.

އެމީހަކަށް ޙައްޤު ނޫންގޮތަކަށް މީހެއްގެ މުދަލަކުން މުއްސަދިކަމެއް ނުވަތަ ފައިދާއެއް ލިބިގަތުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ހަމަތައް ހުއްދަކުރާ ކަމެއް ނޫނެވެ. ދެފަރާތް ދެމެދުގައި ކުރެވުނު އެގްރިމެންޓް ބާޠިލް ކުރެވިފައި ވާހިނދު، އެ މުޢާމަލާތުގެ ދަށުން ފައިސާއެއް ލިބެންޖެހޭ ކަމަށް ވިއަސް، ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި އަނެކާގެ ތަނެއް ބޭނުން ކުރަމުން ދިއުމަކީ އަންޖަސްޓު އެންރިޗްމެންޓެއް ނުވަތަ ނުޙައްޤު މަންފާއެއް ލިބިގަތުމަށް ފަހިވާ ކަމަކަށް ވާހިނދު، އެތަނަށް ކުއްޔެއް ކަނޑައެޅުމަކީ ތަނުގެ ވެރިފަރާތަށް އޮތް ޙައްޤެކެވެ.

ޙުކުމެއްގެ މަޤުޞަދާއި މަފުހޫމަށް އޮޅުން އަރާގޮތަށް އެއަށްވުރެ ފަހުން ހަމަ އެކޯޓުން ކޮށްފައިވާ ޙުކުމެއް ވުޖޫދުގައި އޮތުމަކުން އަޞްލު ޙުކުމުގެ ފާޢިލިއްޔަތު ނެތިގެން ނުދާނެއެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
  • 1158/MC/97 (މަދަނީ ކޯޓު)
  • 98/HC-A/103 (ހައިކޯޓު)
  • 815/MC/98 (މަދަނީ ކޯޓު)

ފަނޑިޔާރުން

ބެންޗު
ޔޫސުފް ޙުސައިން، ޢަބްދުﷲ ޢަރީފް، އަޙުމަދު ފާއިޒު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

މައްސަލައިގެ ޚުލާޞާ

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2000/HC-A/45 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫން ކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން […] .ޚ […] ([…] ) އަޙްމަދު ލަޠީފް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައި ވަނިކޮށް 07 އޯގަސްޓް 2008 ގައި ޢަމަލު ކުރަން ފެއްޓުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) ގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ފާހަގަ ކުރެވުނު ނުކުތާތައް.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 45//HC-A2000 ޤަޟިއްޔާ ނިންމަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތަކެއް ހުރިކަމަށް ބުނެ އެކަންކަން ފާހަގަކޮށް ސުޕްރީމް ކޯޓުގައި އަޙުމަދު ލަޠީފު އިލްތިމާސް ކުރުމުން ބަލާފައިވާ މައްސަލައެވެ.

ހައިކޯޓުގެ ނަންބަރު 45//HC-A2000 ޤަޟިއްޔާއަށް ބަލާއިރު މުޙައްމަދު ޒާހިރުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗެއްކަމަށްވާ "މ. ރިޔާ" އަޙުމަދު ލަޠީފަށް ވިއްކުމަށް 24 ޖުލައި 1996 ގައި ވެވުނު އެއްބަސްވުން ބާޠިލްކޮށް އަދި އެ އެއްބަސްވުމުގެ ދަށުން މުޙައްމަދު ޒާހިރު ނަގާފައިވާ 868,000/-ރ. (އަށްލައްކަ ފަސްދޮޅަސްއަށްހާސް) ރުފިޔާ އަޙުމަދު ލަޠީފަށް ދެއްކުމަށާއި "މ. ރިޔާ" އެވެކިޔާ ގޯތި މުޙައްމަދު ޒާހިރާ ޙަވާލުކުރުމަށް މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ދެފަރާތުންވެސް ޢަމަލުކޮށްފައި ނުވާހިނދު، އެގޯތީގައި އަޙުމަދު ލަޠީފު ހުންނަ ހުރުމަށް 1998 ޖުލައި 24 ވަނަ ދުވަހުން ފެށިގެން މަހަކު -/5000ރ. (ފަސްހާސް ރުފިޔާ) ގެ ކުއްޔެއް ދޭންޖެހޭނެކަމަށް ބުނެ 1998 ނޮވެމްބަރު 22 ވަނަ ދުވަހު މުޙައްމަދު ޒާހިރު ފޮނުވި ސިޓީ ލިބިފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި އަޙުމަދު ލަޠީފު ޤަބޫލު ކޮށްފައި ވާތީ، އެތާރީޚުން ފެށިގެން މުޙައްމަދު ޒާހިރާ އެގޯތި ޙަވާލު ކުރަންދެން އަޙުމަދު ލަޠީފު، މަޙައްމަދު ޒާހިރަށް ދޭންޖެހޭ ފައިސާއިން ކުލީގެ ގޮތުގައި މަހަކު -/5000ރ. (ފަސްހާސް) ރުފިޔާ ކެނޑެމުން ދާނެކަމަށާއި މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގައި އަޙުމަދު ލަޠީފުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ޢަމަލު ކުރުމަށް އަޙުމަދު ލަޠީފަށް އެންގެވި މަދަނީކޯޓުގެ 1055/MC/99 ނަންބަރު ޤަޟިއްޔާގައި ކުރެއްވި ޙުކުމާމެދު ހައިކޯޓުން ބެއްލެވުމަށްފަހު، "މ. ރިޔާ" ގެ ކުލީގެ ގޮތުގައި މުޙައްމަދު ޒާހިރު ހުށަހަޅާފައިވާ -/5000ރ. (ފަސްހާސް) ރުފިޔާގެ ކުއްޔަކީ އެކަށީގެންވާ ކުއްޔެއް ކަމަށާއި މުޙައްމަދު ޒާހިރަށް އެގޯތީގެ ބޭނުން ނުކުރެވި އަޙުމަދު ލަޠީފުގެ ބެލުމުގެ ދަށުގައި ގޯތި އޮންނަ ދުވަސްތަކަށް މުޙައްމަދު ޒާހިރަށް ކުލި ލިބެން ޖެހޭނެކަމަށް މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާތީ މަދަނީކޯޓުގެ 1055/MC/99 ނަންބަރު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ހައިކޯޓުން ތާއީދު ކުރައްވާފައި ވަނީކަން އެގެއެވެ.

މަދަނީކޯޓުގެ ޙުކުމަށް ހައިކޯޓުން ތާއީދު ކުރެއްވުމުގެ ނަތީޖާއަކީ ދަށުކޯޓުގެ ނިންމެވުން ޞައްޙަކަމަށް ހައިކޯޓުން ކަނޑައެޅުއްވުންކަމާއި ހައިކޯޓުން ތާއީދުކުރެއްވި ދަށުކޯޓުގެ ނިންމެވުމަށް ބަލާއިރު އޭގެތެރެއިން ފުރަތަމަކަމަކީ 1998 ނޮވެމްބަރު 22 ވަނަ ދުވަހުން ފެށިގެން "މ. ރިޔާ" މުޙައްމަދު ޒާހިރާ ޙަވާލު ކުރަންދެން އަޙުމަދު ލަޠީފު، މުޙައްމަދު ޒާހިރަށް ދޭންޖެހޭ ފައިސާއިން ކުލީގެ ގޮތުގައި މަހަކު -/5000ރ. (ފަސްހާސް) ރުފިޔާ ކެނޑެމުން ދާނެކަމަށް ކަނޑައެޅުއްވުންކަމާއި ދެވަނަކަމަކީ މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގައި އަޙުމަދު ލަޠީފުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ޢަމަލު ކުރުމަށް އަޙުމަދު ލަޠީފަށް އަންގަވާފައި ވުމެއެވެ. އެހެނީ 1998 ވަނަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި "މ. ރިޔާ" އެވެކިޔާ ގޯތި މުޙައްމަދު ޒާހިރާ ޙަވާލު ކުރުމަށް ކުރެއްވި ޙުކުމާ އެއްގޮތަށް ޢަމަލު ކުރުމަށް އަންގަވާފައިވުމެވެ.

އިސްވެ ބަޔާންކުރެވުނު ފަދައިން ދަށު ކޯޓުގެ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކުރެއްވުމުން، އެނިންމުމާމެދު ހިތްހަމަ ނުޖެހޭކަމަށް ބުނެ އަޙުމަދު ލަޠީފު އިލްތިމާސް ކޮށްފައިވާ ނުކުތާތަކަށް ބަލާއިރު، ފުރަތަމަ ނުކުތާއަކީ މަދަނީކޯޓުގެ 1055/MC/99 ނަންބަރު ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަކީ މި މުޢާމަލާތާ ގުޅިގެން އެކޯޓުން އޭގެކުރިން ކޮށްފައިވާ ޙުކުމަކާ ތަޢާރުޟުވާ ޙުކުމަކަށްވެފައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކަށް ބަލާއިރު އެއްމަރުޙަލާގެ ކޯޓަކުން އެއްމުޢާމަލާތަކާ ގުޅިގެން ތަޢާރުޟުވާ ދެޙުކުމެއް ނުކުރެވޭއިރު މަދަނީކޯޓުން ފަހުން ކުރެއްވި ޙުކުމަކީ ޞައްޙަ ޙުކުމެއްކަމަށް ހައިކޯޓުން ކަނޑައެޅުއްވުން ކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.

ދެވަނަނުކުތާއަކީ "މ. ރިޔާ" އެވެކިޔާ ގޯތިން އަޙުމަދު ލަޠީފު ނުކުންނަން ޖެހެނީ މުޙައްމަދު ޒާހިރު ދޭންޖެހޭ ފައިސާ ދިނުމުންކަމަށް މަދަނީކޯޓުގެ 815/MC/98 ނަންބަރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައި ވާއިރު، ކޯޓުގެ ޙުކުމުން ބާރު ލިބިގެން އެތަނުގައި ހުންނަ ހުރުމަށް ކުއްޔެއް ކަނޑައަޅުއްވާފައި ނިންމެވި ނިންމެވުމަށް ހައިކޯޓުން ތާއީދު ކުރެއްވުންކަމަށް ބުނެ ފާހަގަ ކޮށްފައިވާ ނުކުތާއެވެ.

އިސްތިއުނާފީ އުޞޫލުތަކަށް ރިޢާޔަތްކޮށް އިސްވެދިޔަ ދެނުކުތާއަށް ބަލާއިރު ހައިކޯޓުގައި އިސްތިއުނާފުކުރެވި ނިމިފައިވާ މައްސަލައެއްގެ ޝަރީޢަތް ސުޕްރީމް ކޯޓުން ބެލޭނީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގައި ވާގޮތުގެމަތިން، ހައިކޯޓުގެ ޤަޟިއްޔާގައި ބެލިފައިވާ ކަންތައްތަކުގެ ތެރޭގައި ޤާނޫނީ ކަމަކާމެދު ނުވަތަ ޝަރުޢީ އުޞޫލަކާމެދު ރިޢާޔަތް ނުކުރެވި ކަމެއްވާނަމަ، އެކަން ފާހަގަކޮށް ހުށަހަޅާ ކަންތައްތައް ކަމަށްވާތީ، އެއްމަރުޙަލާގެ ކޯޓަކުން އެއްމުޢާމަލާތަކާ ގުޅިގެން ތަޢާރުޟުވާ ދެޙުކުމެއް ނުކުރެވޭނެކަމަށް ބުނާ ނުކުތާއަކީ ހައިކޯޓުން ބައްލަވާފައިވާ ނުކުތާއެއްތޯ ބެލުމުގެ ގޮތުން މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅި ނުކުތާތަކަށް ބެލިއިރު 06 ނުކުތާއެއް ފާހަގަކޮށް ހުށަހަޅާފައިވާއިރު، ބަޔާންވެދިޔަ ނުކުތާ އެކޯޓަށް ހުށަހެޅިފައި ނުވުމުގެ ސަބަބުން އެނުކުތާއާމެދު ހައިކޯޓުން ބެއްލެވުމަށްފަހު ގޮތެއް ކަނޑައަޅާފައިނުވާތީ މިކޯޓުން އެނުކުތާއަމެދު ގޮތެއް ކަނޑައެޅެން ނެތްކަމެއެވެ.

"މ. ރިޔާ" އިން އަޙުމަދު ލަޠީފު ނިކުންނަން ޖެހޭނީ މުޙައްމަދު ޒާހިރު ދޭންޖެހޭ ފައިސާ ދިނުމުން ކަމުގައި މަދަނީކޯޓުގެ 815/MC/98 ނަންބަރު ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައި ވުމުން، އެޙުކުމުން ބާރު ލިބިގެން ހުންނަ ހުރުމަށް އެމީހެއްގެ އަތުން ކުއްޔެތް ނެގުމަކީ ޤާނޫނީގޮތުން ބަލާއިރު ކުރެވޭނެ ކަމެއް ނޫންކަމަށް ބުނާ ނުކުތާ ބެލެމުގެ ގޮތުން "މ. ރިޔާ" އެވެކިޔާ ގޯތީ ބޭނުން ކުރުމުގެ ފުރުޞަތު ނުވަތަ އެގޯތީގައި ހުރުމުގެ ފުރުޞަތު އަޙުމަދު ލަޠީފަށް ލިބިގެންދިޔަ ގޮތުގެމައްޗަށް ބަލާއިރު، މިމައްސަލައާ ގުޅިގެން ހިނގާފައި ހުރި ޤަޟިއްޔާތަކުން އެގެންހުރި ޙަޤީޤަތަކީ "މ. ރިޔާ" އެކިޔާ ގޯތީގައި ހުރުމުގެ ފުރުޞަތު އަޙުމަދު ލަޠީފަށް ލިބިގެންގޮސްފައި ވަނީ އަޙުމަދު ލަޠީފާ މުޙައްމަދު ޒާހިރާ ދެމެދު، "މ. ރިޔާ" އެވެކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓެއްގެ ދަށުންކަމާއި ނަމަވެސް އެ އެގްރިމެންޓް ބާޠިލް ކަމަށް ކަނޑައެޅުއްވި މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 98/HC-A/103 ޤަޟިއްޔާގައި ތާއީދު ކުރެއްވިހިނދު އެ އެގްރިމެންޓްގެ ދަށުން ކުރެވުނު ވިޔަފާރީގެ މުޢާމަލާތް ބާޠިލް ވެއްޖެއަތީވެ، މަދަނީ ކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ ކަންތައްތަކަށްވުރެ އިތުރު ޙައްޤުތަކެއް އެޤަޟިއްޔާގެ ދަށުން އެއްވެސް ފަރާތަކަށް ލިބިދީފައި ނެތްކަމާއި މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދިނުމަށް އެދި ހުށަހެޅުމުން ބެއްލެވި އެކޯޓުގެ 815/MC/98 ނަންބަރު ޤަޟިއްޔާ އިލްތިމާސް ކުރެވިފައިނުވާތީ އެޤަޟިއްޔާގެ ޞައްޙަކަމުގެ މައްޗަށް ގޮތެއް ކަނޑައެޅެންނެތް ކަމަށްވިއަސް، އެޤަޟިއްޔާގެ ޙުކުމަށް ބަލާއިރު "މުޙައްމަދު ޒާހިރު، އަޙުމަދު ލަޠީފަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން އަޙުމަދު ލަޠީފު ޢިމާރާތް މުޙައްމަދު ޒާހިރާ ޙަވާލުކުރުން" މިފަދައިން މާނަ ކުރައްވާފައި އޮތް ކަމަށްވިއަސް އަޙުމަދު ލަޠީފަށް މުޙައްމަދު ޒާހިރު ދެރުމަކީ އެކަމުގެ ސަބަބުން މުޙައްމަދު ޒާހިރުގެ މިލްކު ތަނަކުން މަންފާ ލިބިގަތުމަށް މުޙައްމަދު ޒާހިރަށް އޮތް ޤާނޫނީ ހުރަހަކަށް ނުވެފައި އަދި މުޙައްމަދު ޒާހިރު ޢަމަލު ކުރަންޖެހޭ ޙުކުމުގެބަޔަށް ޢަމަލުނުކޮށް އަޙުމަދު ލަޠީފު ޢަމަލު ކުރަންޖެހޭ ޙުކުމުގެބައި ތަންފީޒު ކުރަން އެދުމުގެ ޙައްޤު މުޙައްމަދު ޒާހިރަށް ލިބިގެން ނުވާކަމަށް ކުރެއްވި ޙުކުމަކީ އެޙުކުމުގެ ސަބަބުން މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގައި ކަނޑައަޅުއްވާފައިވާ އެއްވެސް ކަމަކަށް ބަދަލެއް އަންނަ ޙުކުމެއް ނޫންކަމާއި އެޙުކުމުގައިވާ ކަންތައްތަކަކީ ތަންފީޒުވާންޖެހޭ ކަންތައްތަކަށްވާތީވެ، އަޙުމަދު ލަޠީފުގެ ފަރާތުންވެސް އެކިފަހަރުމަތިން މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމް ތަންފީޛު ކޮށްދިނުމަށް އެދި ހުށަހެޅުމުން ސާބިތު ދަރަނީގެ މައްސަލަތަކާމެދު ޢަމަލުކުރައްވާ އުޞޫލުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާތައް ހުރިކަން އެގެއެވެ.

"މ. ރިޔާ" އެވެކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލް ކުރެއްވުމުން، އެހިނދުން ފެށިގެން ދެފަރާތް ދެމެދުގައި ވެވުނު އެއްބަސްވުން ނިމުމަކަށް އައިސްފައި ވާތީ އޭގެ ދަށުން ކުރާން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އައިސްފައި ވާކަމާއި އަދި އެގްރިމެންޓުގެ ބައިވެރިން ކުރިންތިބި ޙާލަތަށް ރުޖޫޢަ ވެފައިވާކަމާއި އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެއަޞްލު ޙާލަތަށް ބަދަލުވެފައި ވާކަމާއި މިކަމުގެ ސަބަބުން ގޯތީގެ އަގުގެ ގޮތުގައި އެގްރިމެންޓުގެ ދަށުން މުޙައްމަދު ޒާހިރަށް ލިބިފައިވާ ފައިސާއަކީ އަޙުމަދު ލަޠީފަށް އަނބުރާ ދޭންޖެހިއްޖެ އެއްޗެއްކަމާއި އަދި އެގްރިމެންޓުގެ ދަށުން އަޙުމަދު ލަޠީފަށް ލިބިގެންދިޔަ ގޯތި މުޙައްމަދު ޒާހިރާ ޙަވާލު ކުރަންޖެހޭ ކަމާއި މިކަންކަމަކީ މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގެ މަޤުޞަދުކަންއެގެއެވެ.

މުޙައްމަދު ޒާހިރު އަތުން ލިބެންޖެހޭ 868,000/-ރ. (އަށްލައްކަ ފަސްދޮޅަސްއަށްހާސް) ރުފިޔާ ލިބެންދެން "މ. ރިޔާ" އެވެކިޔާ ގޯތިގައި ހުރުމުގެ ޙައްޤު އަޙުމަދު ލަޠީފަށް ލިބިދޭ ޤާނޫނީ ހަމައެއްވޭތޯ ބަލާއިރު، މިދެފަރާތް ދެމެދުގައި ކުރެވުނު އެގްރިމެންޓު ބާޠިލްކަމަށް ކޯޓުން ކަނޑައެޅުއްވުމުން އެއެގްރިމެންޓުގެ ދަށުން ލިބިދޭ ދެފަރާތުގެ ޙައްޤެއްވާނަމަ، އެޙައްޤު ޙިމާޔަތް ކޮށްދޭ އެއްޗަކީ ކޯޓުގެ ޙުކުމް ކަމަށް ވާތީ، އެގްރިމެންޓް ބާޠިލްވުމުގެ ސަބަބުން އޭގެ ބައިވެރިންކުރެ އަޙުމަދު ލަޠީފަށް ލިބިދޭ ޙައްޤަކީ އެގްރިމެންޓު ދަށުން މުޙައްމަދު ޒާހިރަށް އަޙުމަދު ލަޠީފު ދީފައިވާ 868,000/-ރ. (އަށްލައްކަ ފަސްދޮޅަސްއަށްހާސް) ރުފިޔާ އަނބުރާ އަޙުމަދު ލަޠީފަށް ލިބެންޖެހޭ އެއްޗެއްގޮތުގައި ކަނޑައެޅިގެން ދިއުންކަމާއި، މުޙައްމަދު ޒާހިރަށް ލިބިދޭ ޙައްޤަކީ "މ. ރިޔާ" އެވެކިޔާ ގޯތި އަނބުރާ ލިބެންޖެހޭ ތަނެއްގޮތުގައި ހަމަޖެހިގެން ދިއުންކަމާއި، ޙުކުމުގައިވާ މިކަންކަން ތަންފީޒު ކުރުމަށްޓަކައި ދެފަރާތަށްވެސް އޮތް މަގަކީ 21/5/1998 އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެއްފަރާތުން އަނެއްފަރާތުގެ ޙައްޤުގައި ކުރަންޖެހޭ ކަންކަން ކުރުންކަމާއި މިގޮތުން މުޙައްމަދު ޒާހިރުގެ މައްޗަށް ސާބިތުވި ފައިސާ 21/5/1998 އިން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އަޙުމަދު ލަޠީފަށް އަދާކުރަންޖެހޭއިރު، ހަމަ އެތާރީޚުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި "މ. ރިޔާ" އެވެކިޔާ ގޯތި މުޙައްމަދު ޒާހިރާ ޙަވާލު ކުރުމަށް އަޙުމަދު ލަޠީފަށް އަންގަވާފައިވާކަމާއި މިގޮތުގެމަތީން ޙުކުމުގައިވާ ކަންކަން ތަންފީޒު ކުރުމަށްޓަކައި ދެފަރާތުންވެސް އެއްތާރީޚަކުން ފެށިގެން ޢަމަލު ކުރަން ޖެހޭކަން މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގެ ޞަރީޙަ ނައްޞުން އެގެން އޮންނައިރު އެޤަޟިއްޔާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަޙުމަދު ލަޠީފުގެ ފަރާތުން "މ. ރިޔާ" މުޙައްމަދު ޒާހިރާ ޙަވާލު ކޮށްފައި ނުވުމަކީ ޙުކުމުގެ ދަށުން މުޙައްމަދު ޒާހިރު އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމަށް އޮތް ސަބަބެއް ނޫންކަމާއި ހަމައެފަދައިން އެޤަޟިއްޔާގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި މުޙައްމަދު ޒާހިރު ދައްކަންޖެހޭ ފައިސާ އަޙުމަދު ލަޠީފަށް ދައްކާފައި ނުވުމަކީ އަޙުމަދު ލަޠީފުގެ ފަރާތުން "މ. ރިޔާ" މުޙައްމަދު ޒާހިރާ ޙަވާލު ނުކޮށް ހުރުމުގެ ޙައްޤު އަޙުމަދު ލަޠީފަށް ލިބިދޭ ސަބަބެއް ނޫންކަމާއި މުޙައްމަދު ޒާހިރު އަތުން ލިބެންޖެހޭ ފައިސާ ލިބެންދެން އަޙުމަދު ލަޠީފު ކުރަންޖެހޭ ކަމެއް ތަންފީޒުނުކޮށް ހުރުމުގެ ފުރުޞަތު އެޤަޟިއްޔާއިން ލިބިދީފައި ނުވާއިރު، އެނޫންގޮތަކަށް މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމް ތަރުޖަމާ ކުރުމަކީ މަދަނީކޯޓުގެ އެޤަޟިއްޔާއަށް ތާޢީދު ކުރެއްވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 98/HC-A/103 ޤަޟިއްޔާގެ މަޤުޞަދާ ޚިލާފަށް ކުރެވޭ ތަރުޖަމާއެއްކަން އެގެއެވެ.

ކުލި ކަނޑައެޅުން ޞައްޙަކަމަށް، ތާޢީދު ކުރެއްވުމުގައި ހައިކޯޓުން ބައްލަވާފައިވާ މިންގަޑުތަކަށް ބަލާއިރު، މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރައްވާފައި ވަނީ "އުވިގޮސްފައިވާ މުޢާމަލާތެއްގެ ދަށުން މުޙައްމަދު ޒާހިރު އަތުން އަޙުމަދު ލަޠީފަށް ލިބެންވާ ފައިސާއަކީ އަދާކުރަން ޖެހިފައިވާ ދަރަންޏެއް ކަމަށާއި މުޙައްމަދު ޒާހިރުގެ ޢިމާރާތާއި ގޯތީގެ ބޭނުން އަޙުމަދު ލަޠީފު ކުރަމުންދާތީ އަޙުމަދު ލަޠީފުގެ އަތުން ކުއްޔެއް ލިބެންވާނެކަމަށް ދެކިގެން މަދަނީ ކޯޓުގައި މުޙައްމަދު ޒާހިރު ކުރި ދަޢުވާއަކީ ޤަބޫލު ކުރެވޭ ދަޢުވާއެއްކަމަށާއި މުޙައްމަދު ޒާހިރަށް ގޯތީގެ ބޭނުން ނުކުރެވި އަޙުމަދު ލަޠީފުގެ ބެލުމުގެ ދަށުގައި ގޯތި އޮންނަ ދުވަސްތަކަށް އަޙުމަދު ލަޠީފުގެ ފަރާތުން މުޙައްމަދު ޒާހިރަށް ކުއްޔެށް ދޭންޖެހޭނެ ކަމަށެވެ." މިފަދައިންކަމާއި ފާހަގަކުރެވުނު މިކަންކަމަށް ޤާނޫނީހަމަތަކުން ބަލާއިރު އެމީހަކަށް ޙައްޤު ނޫންގޮތަކަށް މީހެއްގެ މުދަލަކުން މުއްސަދިކަމެއް ނުވަތަ ފައިދާއެއް ލިބިގަތުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ހަމަތައް ހުއްދަކުރާ ކަމަކަށް ނުވާހިނދު އަދި މިދެފަރާތް ދެމެދުގައި ކުރެވުނު އެގްރިމެންޓް ބާޠިލް ކުރެވިފައި ވާހިނދު އަދި އެއްމުޢާމަލާތެއްގެ ދަށުން މުޙައްމަދު ޒާހިރު އަތުން ޢަޙުމަދު ލަޠީފަށް ލިބެންޖެހޭ ފައިސާއެއް އޮތްކަމަށް ވިއަސް ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި މުޙައްމަދު ޒާހިރުގެ ތަނެއް އަޙުމަދު ލަޠީފު ބޭނުން ކުރަމުން ދިއުމަކީ އަންޖަސްޓު އެންރިޗްމެންޓެއް ނުވަތަ ނުޙައްޤު މަންފާއެއް ލިބިގަތުމަށް ފަހިވާ ކަމަކަށް ވާހިނދު އެތަނަށް ކުއްޔެއް ކަނޑައެޅުމަކީ ތަނުގެ ވެރިފަރާތަށް އޮތް ޙައްޤެއް ކަމާއި އެހެންނަމަވެސް އެފަދަކުއްޔެއް ކަނޑައެޅުމުގެ ސަބަބުން މަދަނީކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގައި ސާބިތު ކުރައްވާފައިވާ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް މުޙައްމަދު ޒާހިރުގެ މައްޗަށް ކުރައްވާފައި ޙުކުމުގެ ބަޔަށް، ހައިކޯޓުން ތާއީދު ކުރައްވާފައިވާ މަދަނީކޯޓުގެ 1055/MC/99 ނަންބަރު ޤަޟިއްޔާގެ ޙުކުމުގެ ސަބަބުން ބަދަލު އައިސްފައިވާކަން އެޤަޟިއްޔާގެ ޙުކުމަށް ބަލާއިރު އެގެން ނެތްކަން ފާހަގަ ކުރެވެއެވެ.

އިލްތިމާސް ކުރުމުގައި ބަޔާންކޮށްފައިވާ ނުކުތާގެ ތެރެއިން އެނުކުތާއެއްގެ މައްޗަށް ދަށުކޯޓުން ގޮތެއް ކަނޑައެޅި ހައިކޯޓުން ތާއީދު ކޮށްފައިވާ އެއްނުކުތާއަކީ 1998 ނޮވެމްބަރު 22 ވަނަ ދުވަހުން ފެށިގެން […] އެވެކިޔާ ގޯތި މުޙައްމަދު ޒާހިރާ އަޙުމަދު ލަޠީފު ޙަވާލު ކުރަންދެން، އަޙުމަދު ލަޠީފު މުޙައްމަދު ޒާހިރަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކުލީގެ ގޮތުގައި މަހަކު -/5000ރ. (ފަސްހާސް) ރުފިޔާ ކެނޑެމުން ދާނެކަމަށް ކަނޑައެޅުއްވި ނުކުތާކަމާއި މިނުކުތާ ކަނޑައެޅުއްވުމުގައި ރިޢާޔަތް ކުރެވުނު، ވަށައިގެންހުރި ޙަޤީޤަތްކަމަށް ދަށުކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުންނާއި ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުން އެނގެންހުރި ކަންތައްތައް ބެލިފައި ހުރިކަން ފާހަގަ ކުރެވޭކަމާއި އެހެނީ މިމައްސަލައިގައި ފާޅުކަންބޮޑު ގޮތެއްގައި އެގެންއޮތް ޙަޤީޤަތަކީ ވަކިމީހަކަށް އިސްކަމެއްނެތި މުޙައްމަދު ޒާހިރަށްވެސް އަޙުމަދު ލަޠީފަށްވެސް އަންގަވާފައި ވަނީ މަދަނީކޯޓުގެ1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމް ކުރެއްވި ދުވަހުން (21 މެއި 1998) ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި ޙުކުމުގައި އެމީހެއްގެ މައްޗަށް ކުރުމަށް ލާޒިމް ކޮށްފައިވާ ކަންތައް ކުރުމަށްކަން އެޙުކުމުގެ ޞަރީޙަ ނައްޞުން އެގެން އޮތްއިރު، އެޙުކުމުގެ މަޤުޞަދާއި މަފުހޫމަށް އޮޅުން އަރާގޮތަށް އެއަށްވުރެ ފަހުން ހަމަ އެކޯޓުން ކޮށްފައިވާ ޙުކުމެއް ވުޖޫދުގައި އޮތުމަކުން އަޞްލު ޙުކުމް އެބަހީ 1158/MC/97 ނަންބަރު ޤަޟިއްޔާގެ ޙުކުމުގެ ފާޢިލިއްޔަތު ނެތިގެން ނުދާނެކަމީ ޤާނޫނީ ހަމަތަކުން ބަލާއިރު ސާބިތު ޙަޤީޤަތެއްކަން އެގޭކަމާއި އަދި އެޙަޤީޤަތްތަކަށް ބެލިގެން އަޙުމަދު ލަޠީފުގެ މައްޗަށް "ކުލި" ލާޒިމް ކުރުމުގައި ރިޢާޔަތް ކުރެވިފައިވާ އުޞޫލުތަކަކީ ޝަރުޢީ އަދި ޤާނޫނީ މަބާދިއުތަކާ އެއްގޮތްވާ އުޞޫލުތަކެއްކަންވެސް އެގެއެވެ.

ޙުކުމް

ވީމާ، އިސްވެބަޔާން ކުރެވުނު ޤާނޫނީ ނުކުތާތަކަށް ރިޢާޔަތް ކުރާއިރު "މ. ރިޔާ" ގައި އަޙުމަދު ލަޠީފު ހުންނަ ހުރުމަށް 1998 ނޮވެމްބަރު 22 ވަނަ ދުވަހުން ފެށިގެން ([…] މުޙައްމަދު ޒާހިރުއާ، އަޙުމަދު ލަޠީފު ޙަވާލު ކުރަންދެން) އަޙުމަދު ލަޠީފު، މުޙައްމަދު ޒާހިރަށް ދޭންޖެހޭ ފައިސާގެ ތެރެއިން ކުލީގެ ގޮތުގައި މަހަކު -/5000ރ. (ފަސްހާސް) ރުފިޔާ ކެނޑެމުން ދާނެކަމަށް އަދި މަދަނީ ކޯޓުގެ 1158/MC/97 ނަންބަރު ޤަޟިއްޔާގައި އަޙުމަދު ލަޠީފުގެ މައްޗަށް ކުރައްވާފައިވާ ޙުކުމަށް ޢަމަލު ކުރުމަށް އަޙުމަދު ލަޠީފަށް އަންގަވާފައިވާ މަދަނީ ކޯޓުގެ 1055/MC/99 ނަންބަރު ޤަޟިއްޔާގައި ކުރެއްވި ޙުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން، އެކޯޓުގެ ނަންބަރު 45//HC-A2000 ޤަޟިއްޔާގައި ނިންމަވާފައިވަނީ ރަނގަޅަށްކަމަށް، މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މައްސަލަ ބެލި ފަނޑިޔާރުން:

ފަނޑިޔާރު ޔޫސުފް ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު އަޙުމަދު ފާއިޒު ޙުސައިން

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ