ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 30 · 2022/SC-A/42, 2022/SC-A/43ސުޕްރީމް ކޯޓު · 16 މޭ 2022

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު އާޒިމާ ޝަކޫރު

ސުޕްރީމް ކޯޓު
10 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 16 މޭ 2022ބާވަތް: އެހެނިހެން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢާއިޝަތު ޢާޒިމާ ޝަކޫރު

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާ ނިމިފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ގަޒިއްޔާގައި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެ ގަޒިއްޔާގައި ހިމެނުނު ދެ ޚަސްމުން ކަމުގައިވާ މ. އާސްތާނާ ޢާއިޝަތު ޢާޒިމާ ޝަކޫރުއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކިވަކީން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ ދެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އެކުއެކުގައި ހިންގުމަށްފަހު އެ ދެފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމެވެ.

މައްސަލައިގެ ފަސްފަހަތް

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މ. އާސްތާނާ، މާލެ، އާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ދެ ޖިނާއީ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2019/Cr-C/70 ޤަޟިއްޔާގައި ބަލަމުންދާ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއާއި އެ ކޯޓުގެ ނަންބަރު 2019/Cr-C/71 ގަޒިއްޔާއިން ބަލަމުންދާ މަނީ ލޯންޑްރިންގ އަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދަޢުވާއެވެ.

މި ބަޔާންކުރެވުނު ދެ ދައުވާ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތިން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވެއެވެ. އާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލާފައިވާ ދެ ދައުވާގެ ޝަރިއަތް ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ހުރި ކަމަށް ބަޔާންކޮށް، ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 360/HC-A/2019 ގަޒިއްޔާގައި ބަޔާންކޮށްފައިވާ ފަދައިން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ޝަރިއަތުން ރިއާޔަތްކުރާނީ އެކަމެއް ހިނގައިފިކަން ނުވަތަ ނުހިނގާކަން ދަލާލަތުކޮށްދޭ މިންވަރަށް ދައުލަތުން ހެކި ހުށަހެޅުމުން ކަމަށްވާއިރު، ދައުލަތުން ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެއްކަށް ރިޢާޔަތްކުރާއިރު، އެ ދެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދެ މައްސަލަ ކަމަށެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފުގެ މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާގައި އެ މައްސަލަބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމީ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދަޢުވާ ކުރިއަށް ގެންދެވޭނެ މިންވަރަށް މަދަނީ މިންގަނޑުން ބަލާއިރު ހެކި ހުރިކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުން ގާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިގެން ހިންގުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދެ އިޖުރާއީ އިއުތިރާޒު ހުށަހެޅިއެވެ. އެއީ:

(ހ) ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ވަކީލެއްގެ ގޮތުގައި ބަލައިގަތުމާ މެދު އިއުތިރާޒު ކުރާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އާއި

(ށ) ޖިނާއީ ދައުވާއެއްގެ އިބްތިދާއީ މަރުހަލާގައި އެ ދައުވާގެ ޝަރިއަތް ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނުންތޯ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މައްދާގެ ދަށުން "މަދަނީ މިންގަނޑުން" ނިންމާ ނިންމުމަކީ، އެ ގާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާ.

މި ދެ ނުކުތާގައިވެސް ހައިކޯޓުން ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެކޮޅަށެވެ. އެހެންކަމުން މި ދެ އިއުތިރާޒާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.

ޝަރިއަތުން ނިންމާ ނިންމުމެއް ނުވަތަ ހުކުމެއް އެ ގަޒިއްޔާގައި ހިމެނޭ ދެ ޚަސްމުންގެ ފަރާތުން ވަކިވަކިން އިސްތިއުނާފުކުރާ ހާލަތުގައި އެ ދެ އިސްތިއުނާފުގެ މައްސަލަ އެކުއެކުގައި ހިންގައި އެ ނުކުތާތަތަކުގެ މައްޗަށް އިސްތިއުނާފީ ކޯޓުގެ އެއް ނިންމުމަކުން އެކުގައި ނިޔާ ކަނޑައެޅުމުގެ އުސޫލުގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާގައި ހައިކޯޓުން ނިންމި ނިންމުންތަކާ ގުޅިގެން އެ ގަޒިއްޔާގައި ހިމެނުނު ދެ ޚަސްމުން ކަމަށްވާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ގޮތް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ މި ނިޔާގައެވެ.

އިސްތިއުނާފީ ނުކުތާތަކާއި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުންތައް އިސްތިއުނާފުކުރުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.

(ހ) އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ވަކީލެއްގެ ގޮތުގައި ބަލައިގަތުމާ މެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި އިޖުރާއީ އިއުތިރާޒުގެ ނުކުތާގައި ގޮތެއް ކަނޑައެޅުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާގެ (ނ) އާ 149 ވަނަ މާއްދާގެ (ނ) މާނަ ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) ޖިނާއީ ދައުވާއެއްގެ އިބްތިދާއީ މަރުހަލާގައި އެ ދައުވާގެ ޝަރިއަތް ކުރިއަށް ގެންދެވިދާނެތޯ ނުވަތަ ނުންތޯ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މައްދާގެ ދަށުން "މަދަނީ މިންގަނޑުން" ނިންމާ ނިންމުމަކީ، އެ ގާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާގެ (ބ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ގެ 168 އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމުގެ ގޮތުން ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ތިން ނުކުތާއެވެ. އެއީ:

(ހ) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން މަދަނީ މިންގަނޑުން ދަޢުވާ ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ނިންމަވާ ނިންމެވުން (ދަޢުވާލިބޭ ފަރާތުގެ އެދުމުގެ މަތިން، އިސްތިއުނާފުގެ ބޭނުމަށްވިޔަސް) ދަޢުވާލިބޭ ފަރާތަށް ލިޔުމުން ލިބިދިނުމަކީ އަދި ނިންމެވިގޮތުގެ ސަބަބުތައް ނިންމެވުމުގައި ބަޔާންކުރުމަކީ ކުރަންޖެހޭނޭ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދީފައިއޮތުމުގެ މަޤުޞަދާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ވަރުދީ މައްސަލައިގެ ނިންމުމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޞާލިޙް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މައްސަލައިގެ ނިންމުމާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގައި ބުނާ އުޞޫލާ ޚިލާފަށް ކަމުގައިވާއިރު އެ ނިންމުން ދަމަހައްޓައި އިސްތިއުނާފު ކުރާ ފަރާތުން ހައިކޯޓުގައި ގޮތް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ނުކުތާތަކާމެދު ހައިކޯޓުގެ މަރުޙަލާގައި ގޮތް ކަނޑައެޅިގެން ދިއުމަކީ ދަށު ކޯޓުގެ މަރުޙަލާގައި ހިނގަމުންދާ މައުޟޫޢީ ދަޢުވާ އަށް އަސަރުކޮށްފާނެ ކަމެއްކަމަށްބުނެ އެކަންކަމާމެދު މައުޟޫއީ ދަޢުވާ ނިމޭއިރު ގޮތް ކަނޑައެޅިދާނެކަމަށް ހައިކޯޓު ޤަޟިއްޔާގައި ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މިންވަރަށް ނުވަތަ prima facie މިންގަނޑުން މައްސަލަ ކުރިޔަށް ގެންދެވޭނެ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައި ނެތިކަމުގައިވާތީ، އެނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ނ) މަނީ ލޯންޑަރ ކުރުމުގައި ޕްރިންސިޕަލް އޮފެންޑަރގެ މައްޗަށް ދަޢުވާ ނުކުރެވޭނެ ޙާލަތުގައި އެކުށަށް މަގުފަހިކޮށްދޭ މީހެއް ޒިންމާ ނަގަންޖެހުމަކީ ކުށުގެ ބާވަތާއި ކުށް ކުރެވިފައިވާ ގޮތަށް ބަލައި ޤާނޫނީ ގޮތުންނާއި ވާޤިޢީ ގޮތުން ގޮތް ކަނޑައެޅޭނެ ކަމެއް ކަމުގައިވާތީ، މި ކަމަކީ ދަށު ކޯޓުގައި މައްސަލަ ބަލަމުންދާއިރު ކުރިއަށް ހުރި މަރުޙަލާގައި ގޮތް ކަނޑައެޅޭނެ ކަންކަން ކަމުގައި ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

މި ކޯޓަށް ދެ ފަރާތުން ވަކިވަކިން ހުށަހަޅާފައިވާ ދެ އިސްތިއުނާފުގެ ގަޒިއްޔާގައި ދެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތްކުރުމުގައި އެންމެ ފުރަތަމަ އަހުރެން ބަލައިލާނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅި ދެ ނުކުތާގެ މައްޗަށެވެ. އެއަށްފަހު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ހުށަހެޅި ނުކުތާތަކާ މެދު އަހުރެންގެ ރައުޔަކީ ކޮބައިކަން ބަޔަންކުރާނަމެވެ.

ގާނޫނީ ވަކީލުއާ ގުޅޭ ނުކުތާ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ނުކުތާގައި ބުނެފައިވަނީ ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 16 ވަނަ ބާބަކީ ވަކީލުން ބަލައިގަތުމާއި ވަކިކުރުމުގެ ބާބު ކަމަށެވެ. މި ބާބުގައި ހިމެނޭ 146 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ވަކާލާތުކުރުމަށް އެދި ހުށަހަޅާ މައްސަލައަކީ އެ ވަކީލަކު މަސައްކަތްކުރި އިދާރާއެއް ނުވަތަ މުއައްސަސާއަކުން ވަކިވުމުގެ ކުރިން، އެ އިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅިފައިވާ ނުވަތަ މަޝްވަރާކުރެވިފައިވާ މައްސަލައެއް ނަމަ، އެފަދަ މައްސަލައެއްގައި ވަކާލާތުކުރުމަށް އައްޔަން ނުކުރެވޭނެ ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް ދަޢުވާކޮށްފައިވާ މައްސަލަތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ދަޢުވާކުރުމުގެ މަރުޙަލާ ކުރިއަށް ދިޔައިރު، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގޮތުގައި އަލްއުސްތާޛާ މަރްޔަމް ނިހާޔަތު މަސައްކަތް ކޮށްފައިވާތީވެ، ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތުން، މި މައްސަލައިގައި މަރްޔަމް ނިހާޔަތަށް ވަކީލެއްގެ ގޮތުގައި ތަމްސީލު ނުކުރެވޭނެ ކަމަށް ދައުލަތުން ދެކޭ ކަމަށެވެ.

މި ދެ ނުކުތާގައި ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ވާހަކަ ދައްކަމުން އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ބުނެވެފައިވަނީ، މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވަނީ އޭނާ އެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ނަމަވެސް، މި މައްސަލައިގެ އެއްވެސް މަރުޙަލާއެއްގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، އޭނާ އެ އޮފީހުގައި އުޅުނުއިރު މި މައްސަލައާ ގުޅޭ މަޝްވަރާއެއް ނުވަތަ އެފަދަ އެއްވެސް މަސައްކަތެއްގައި ބައިވެރިވެފައިނުވާނޭ ކަމަށާއި އެހެންކަމުން، ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަތަކުގައި އޭނާއަށް ޢާއިޝަތު ޢާޒިމާ ޝަކޫރު ތަމްސީލުކުރެވޭނެ ކަމަށެވެ.

ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާގައި ވަނީ އަންނަނިވި ގޮތަށެވެ.

ޖިނާއީ މައްސަލަތަކުގައި ވަކީލުންގެ ގޮތުގައި ކޯޓަށް ބަލައިގަނެވޭނީ، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ވަކީލުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ވަކީލުންނެވެ. (ހ)

މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ވަކާލާތުކުރުމަށް އެދި ހުށަހަޅާ މައްސަލައަކީ އެ ވަކީލަކު ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރި ކޯޓަށް، ފަނޑިޔާރުކަމުން ވަކިވުމުގެ ކުރިން ހުށަހެޅިފައިއޮތް މައްސަލައެއްނަމަ، އެފަދަ މައްސަލައެއްގައި ވަކާލާތުކުރުމަށް ޢައްޔަނެއްނުވެވޭނެއެވެ. (ށ)

މި މާއްދާގެ (ހ) ގައި އެހެންއޮތްނަމަވެސް، ވަކާލާތުކުރުމަށް އެދި ހުށަހަޅާ މައްސަލައަކީ އެވަކީލަކު މަސައްކަތްކުރި އިދާރާއެއް ނުވަތަ މުއައްސަސާއަކުން ވަކިވުމުގެ ކުރިން، އެއިދާރާއަކަށް ނުވަތަ މުއައްސަސާއަކަށް ހުށަހެޅިފައިވާ ނުވަތަ މަޝްވަރާކުރެވިފައިވާ މައްސަލައެއްނަމަ، އެފަދަ މައްސަލައެއްގައި ވަކާލާތުކުރުމަށް ޢައްޔަނެއްނުވެވޭނެއެވެ. (ނ)

ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާގައި ވަނީ އަންނަނިވި ގޮތަށެވެ.

ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ހިމެނޭގޮތުން، ޖިނާއީ މައްސަލައެއްގައި ވަކާލާތުކުރުމަށް އެދި ހުށަހަޅާނީ މި ގަވާއިދުގެ ޖަދުވަލު 38 ގައިވާ ފޯމުންނެވެ. (ހ)

މި މާއްދާގެ (ހ) ގައި ބުނެފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އަޑުއެހުން ބޭއްވުމުގެ ލަސްވެގެން 15 (ފަނަރަ) މިނިޓު ކުރިން އެ ފޯމު ކޯޓަށް ހުށަހަޅަންވާނެއެވެ. (ށ)

ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރާ ފަރާތްތަކާއި ދަޢުވާކުރާ ފަރާތްތަކުގެ ހައިސިއްޔަތުން، އެމީހަކު އެ މައްސަލައެއްގެ ތަޙްޤީޤުކުރުމުގައި ބައިވެރިވެފައިވާ ނުވަތަ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާ މައްސަލަތަކުގައްޔާއި، އަދި އެމީހަކުގެ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި، ދިފާއީ ވަކީލެއްގެ ގޮތުގައި އެމީހަކު ބަލައެއް ނުގަނެވޭނެއެވެ. (ނ)

މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، އިޖުރާއީ ނުކުތާއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނާއި އަލްއުސްތާޛާ މަރްޔަމް ނިހާޔަތުގެ ފަރާތުން ދެއްކެވި ވާހަކަތަކަށާއި، ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާގެ )ނ) އަށް ރިޢާޔަތްކޮށް، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ ވަކީލެއްގެ ގޮތުގައި އަލްއުސްތާޛާ މަރްޔަމް ނިހާޔަތު ބަލައިގަތުމަށް ހުރަސް އެޅޭ ސަބަބެއް އޮތް ކަން އެނގެން ނެތުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކުރި އިޖުރާއީ ނުކުތާ ބަލައިނުގަތުމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާކަމަށެވެ.

މި ފަދަ އިޖުރާއީ އިއުތިރާޒެއް ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ ޝަރިއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ނެގުމުން އެ އިޖުރާއީ އިއުތިރާޒާގުޅިގެން ސުޕްރީމް ކޯޓުގައި އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާގެ )ނ) އިން ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ހަނި ނުކުރާ ކަމަށާއި ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ މާނަކުރަންވާނީ މިނިވަން މާއްދާއެއްގެ ގޮތުގައި ކަމަށާއި، އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވަނީ އެ މައްސަލާގައި ވަކީލެއްގެ ގޮތުން ވަކާލާތުކުރުމަށް ހާޒިރުވި ވަކީލުކަމުގައިވާ އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު އެ އޮފީހުގައި މަސައްކަތްކުރަމުން ގެންދިޔަ ދުވަސްވަރުގައި ކަމަށް ވެފައި، އެ މައްސަލައިގައި އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު އެއްވެސް މިންވަރަކަށް ބައިވެރިވެ، ލަފާދީ، ނުވަތަ މަސައްކަތްކޮށްފައި ނުވިނަމަވެސް، ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ ގެ ދަށުން އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އަދި ހައިކޯޓުގެ ނިންމުމުގައި ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 149 ވަނަ މާއްދާ ވަކި މުއައްސަސާތަކަކަށް ޚާއްސަކޮށްފައި އޮތް ކަމަށް ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ބުނާ ބުނުމަށް ތާއީދެއް ނުކުރެވެއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ މުޙައްމަދު ނިޔާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގެ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ނެގި އެ އިޖުރާއީ އިއުތިރާޒާ ގުޅިގެން ސުޕްރީމް ކޯޓުގައި އެ ގަޒިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމުގައި ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ އާއި 149 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތާ ދުރުވާންޖެހޭ އެއްވެސް ސަބަބެއް މި މައްސަލައިގައި ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ގާނޫނީ ވަކީލު އަލްއުސްތާޒާ މަރްޔަމް ނިހާޔަތު ދެއްކި ވާހަކަތަކުން ފާހަގަކުރެވެން ނެތުމުން، މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ އާއި 149 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުފެނެއެވެ.

ދަޢުވާއާއިގެން ކުރިއަށްދާނެ ތަން އޮތް ކަމަށް ނިންމާ ނިންމުން އިސްތިއުނާފުކުރުމާ ގުޅޭ ނުކުތާ

މި ނުކުތާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން، މައްސަލައިގެ ޝަރިއަތްކުރެވޭނެ ތަން އޮތް ކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރު ނިންމާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މައްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ނޫން ކަމަށާއި، އެ ގޮތަށް އެކަން ބަޔާންކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިޖުރާއީ އިއުތިރާޒުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 115 ވަނަ މާއްދާގެ (ބ) އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއާއި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ގެ 168 އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ، އެ ފަދަ ނިންމުންތަކަކީ އިސްތިއުނާފުކުރެވޭ ބާވަތުގެ ނިންމުންތަކެއް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ސަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށެވެ.

މިނުކުތާއާ ގުޅިގެން ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ބުނެފައިވަނީ، ގަޒިއްޔާއެއްގެ އިބްތިދާއީ މަރުހަލާގައި މައްސަލައެއްގެ ޝަރިއަތް ކުރާނެ ތަން އޮތްތޯ މަދަނީ މިންގަނޑުން ނިންމާފައިވާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ދައުލަތުން ބުނެފައިވަނީ މަދަނީ މިންގަނޑުން މައްސަލައިގެ ޝަރިއަތް ކުރިއަށް ގެންދިއުމަށް ނިންމާ ޙާލަތުގައި އެ ނިންމުން ވަގުތުން ލިޔުމުން ދޫކުރުމުގެ ބަދަލުގައި ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި އެކަން ބަޔާން ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ އަކުރުތަކުގައި ބަޔާންވެފައިވާތީ އެގޮތަށް ދޭހަކޮށްގެން ކަމަށާއި، އެހެންނަމަވެސް އެ ބާވަތުގެ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ސާފު ނައްސެއްގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެއްވެސް މާއްދާއެއްގައި އެ މައްސަލައެއް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ނުވާތީ، ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވާ ކަމަށް ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ބުނެފައި ވެއެވެ. އަދި ހަމައެފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ މިންގަނޑުން ބަލާއިރު މައްސަލައެއްގެ ޝަރިއަތް ކުރިއަށް ނުގެންދަން ނިންމާ ޙާލަތުގައި ދައުލަތުގެ ފަރާތުން އެފަދަ މައްސަލަތައް އިސްތިއުނާފުކުރަމުން ގެންދާ ކަމަށާއި، އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިއަށް ގެންގޮސް ނިންމާފައިވާތީ، އެ ޙައްޤު ހަމަހަމަ ކަމާއެކު އިސްތިއުނާފުކުރާ ފަރާތަށް ވެސް ލިބިދޭންޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި ޝަރިއަތްކުރާނެ ތަން ނެތް ކަމަށް ފަނޑިޔާރު ނިންމާ މައްސަލަތައް ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރެވިދާނެ ކަމަށް ބަޔާންކުރާ މާއްދާއެއްވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނުވަތަ ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް ނެތް ކަމަށާއި، ނަމަވެސް ދައުލަތުން އެފަދަ މައްސަލަތައް އިސްތިއުނާފުކުރުމަށް ދައްކާ ހުއްޖަތަކީ ޝަރިއަތް ހިންގާނެ ތަން ނެތް ކަމަށް ނިންމާ ނިންމުން ސަބަބު ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ކޯޓުން ދޫކުރާތީ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާ ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާޙުކޮށްފައެވެ. އެ މާއްދާ އިސްލާހުކުރުމުގެ ކުރިން އެ މާއްދާ އޮތީ ތިރީގައި މި ނަކަލުކުރާ ގޮތަށެވެ.

"މިޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހިނދަކު، ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ އެއިން ކޯޓަކުން ނިންމާފައިވާ އެނޫންވެސް ނިންމުމެއް، ޤާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ގަބޫލުކުރެވިގެން އެކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ކަމާބެހޭ ފަރާތަކުން ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވިދާނެއެވެ."

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާ ރައްޔިތުންގެ މަޖިލީހުން އިސްލާހުކުރުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 މާއްދާގެ (ހ) ގައިވަނީ އަންނަނިވި ގޮތަށެވެ.

"މިޤާނޫނުގައި ނުވަތަ ޖިނާއީ ކުށް ކަނޑައެޅުމުގެ ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެ މަރުޙަލާގައި ކޯޓަކުން ނިންމަވާފައިވާ ނިންމުމެއް، ޤާނޫނުއަސާސީއާ ނުވަތަ ޝަރުޢީ އުސޫލަކާ ނުވަތަ ޤާނޫނަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމާ ބެހޭ ފަރާތަކުން އެ ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވިދާނެއެވެ."

މި މާއްދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކުރިން ލިޔެފައި އޮތް ގޮތުން ޖިނާއީ މައްސަލައެއްގެ ތެރޭގައި ދަށު ކޯޓަކުން ކޮށްފައިވާ ކޮންމެ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ އެއިން ކޯޓަކުން ނިންމާފައިވާ ކޮންމެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ހައްގު އެ މައްސަލައެއްގައި ހިމެނޭ ކޮންމެ ޚަސްމަކަށް ލިބެއެވެ. ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާ އަށް ގެނެވުނު އިސްލާހުގެ ނަތީޖާއެއްގެ ގޮތުން މިހާރު ޖިނާއީ މައްސަލައެއްގައި އިސްތިއުނާފުކުރެވޭނީ ދަށު ކޯޓަކުން ކޮށްފައިވާ ހުކުމްތަކާއި ނެރެފައިވާ އަމުރުތަކާއި ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާގައި ކޯޓުތަކުން ނިންމާ ނިންމުންތަކެވެ. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފުކުރަން ކުރިން ހުޅުވިފައި އޮތް ފުރުސަތު އެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުން މިވަނީ ހަނިކޮށްފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފުކުރަން ކުރިން ހުޅުވިފައި އޮތް ފުރުސަތު އެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުން ހަނިވުމުގެ ނަތީޖާއަކީ، މައްސަލައެއްގައި ޝަރިއަތްކުރާނޭ ތަން އޮތް މައްސަލައެއްކަމަށް ފަނޑިޔާރު ނިންމާ ނިންމުން އިސްތިއުނާފުކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ގެއްލިގެން ދިއުމެވެ. ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ތަކާބެހޭ ގޮތުން ފަނޑިޔާރު ގޮތެއް ނިންމަނީ ޝަރިއަތުގެ ކުރީގެ މަރުހަލާގައި ކަމަށްވާތީވެ، އެ ސަބަބަށްޓަކައި މައްސަލައެއްގައި ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް ފަނޑިޔާރު ނިންމާ ނިންމުން ވެސް އިސްތިއުނާފުކުރެވޭނެ ކަމަށް ބުނުމަކީވެސް ހަމަޖެހޭކަމެއް ނޫނެވެ. ސަބަބަކީ ގަޒިއްޔާއެއްގެ ޝަރިއަތުގެ ކުރީގެ މަރުހަލާއަކީވެސް ވަކި ބައިތަކަކަށް ބެހިގެން ވަކި ތަރުތީބަކުން މަރުހަލާތަކަކަށް ބަހާލައިގެން ވަކިވަކި ކަންތައްތަކެއް ކުރަންޖެހޭ މަރުހަލާއެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުންނާއި ގަވާއިދުން ސާފުކޮށް އެނގޭތީވެއެވެ.

ކޯޓަށް ހުށަހެޅޭ ޖިނާއީ މައްސަލައަކާ ގުޅިގެން ހިންގަން ޖެހޭ ޝަރިއަތުގެ ކުރީގެ މަރުހަލާ ބެހިގެންވަނީ ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމާ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައިގެ މައްޗަށެވެ.

ޝަރިއަތުގެ ކުރީގެ މަރުހަލާ

( ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ރ) )

އިބްތިދާއީ އަޑުއެހުން

(ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ބާބު 10) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާ

(ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ބާބު 11)

މުއްތަހަމްގެ މައްޗަށް ކުރެވިފައިވާ ދަޢުވާ އޭނާއަށް ސާފުވެފައިވާކަމަށް ނިންމުން

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 110 ވަނަ މާއްދާ) ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާ ނަމަ އެކަމަށް މުއްދަތެއް ކަނޑައެޅުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާ)

މުއްތަހަމް ދަޢުވާއަށް ޖަވާބުދާރީވާ ގޮތެއް ބެލުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 110، 111، 112، އަދި 113 ވަނަ މާއްދާ) ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުމާ ގުޅިގެން ބާއްވަންޖެހޭ އަޑުއެހުންތައް ބޭއްވުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 117 ވަނަ މާއްދާ)

މުއްތަހަމް ދައުވާއަށް އިންކާރުކޮށްފިނަމަ ދެ ފަރާތުން ހެކި ހާމަކުރުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 114 ވަނަ މާއްދާ) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ގޮތެއް ނިންމުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާ)

ޝަރިއަތްކުރާނެ ތަން އޮތް ކަން ނުވަތަ ނެތްކަން ކަނޑައެޅުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 115 އަދި 116 ވަނަ މާއްދާ) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ގޮތް ލިޔުމަކުން ދެފަރާތަށް ދޫކުރުން.

(ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 119 ވަނަ މާއްދާ)

ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާއަށް ދާނީ، މައްސަލައެއްގައި ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް ފަނޑިޔާރު ކަނޑައެޅުމުންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) އިން ސާފުކޮށް އެނގޭތީވެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގައި ޝަރިއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާއަށް ހަވާލާދީފައި އޮތީ، މައްސަލައެއްގައި ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް ފަނޑިޔާރު ކަނޑައެޅުމުން ދެން ފެށޭ މަރުހަލާއަށްކަން އެނގެއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާ އިސްލާހުވުމުގެ ކުރިން މައްސަލައެއްގައި ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ނިންމާ ނިންމުން، އިސްތިއުނާފު ކުރެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންވެފައި އޮތް އޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުން ނިމުމަކަށް އައިސްފައި އޮތުމުން، ޖިނާއީ މައްސަލައެއްގައި ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް އިބްތިދާއީ އަޑުއެހުމުގައި ފަނޑިޔާރު ނިންމާ ނިންމުން، އިސްތިއުނާފުކުރުމުގެ ފުރުސަތު މި ނުކުތާ އިސްތިއުނާފުކުރި ފަރާތަށް އޮތް ކަމަށް ނުދެކެމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 14 ވަނަ މާއްދާއަށް ބަލާއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މައްސަލައެއް ބާތިލުކުރުމަކީ މުޅީން ވަކި އިޖުރާއަތެއްކަން އެނގެއެވެ. އަދި މައްސަލައެއް ބާތިލުކުރުމުން އިސްތިއުނާފުކުރެވޭނެކަން ނުވަތަ ނޫންކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގައި ބަޔާންކޮށްފައި ނެތްކަން ފާހަގަކުރެވެއެވެ. މައްސަލައެއް ބާތިލުކުރުމަށް ކޯޓުން ނިންމާ ނިންމުމަކީ އިސްތިއުނާފުކުރެވިދާނެ ނިންމުމެއްތޯ ނުވަތަ ނޫންތޯ އެއީ މި މައްސަލައިގައި އިސްތިއުނާފުކުރެވިފައިވާ ނުކުތާއެއް ނޫނެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ މިންގަނޑުން ބަލާއިރު މައްސަލައެއްގެ ޝަރިއަތް ކުރިއަށް ނުގެންދަން ނިންމާ ޙާލަތުގައި ދައުލަތުގެ ފަރާތުން އެފަދަ މައްސަލަތައް އިސްތިއުނާފުކުރަމުން ގެންދާ ކަމަށާއި، އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިއަށް ގެންގޮސް ނިންމާފައިވާތީ، އެ ޙައްޤު ހަމަހަމަ ކަމާއެކު އިސްތިއުނާފުކުރާ ފަރާތަށް ވެސް ލިބިދޭންޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށް ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ޝަރިއަތުގައި ފާހަގަކުރި ނުކުތާއަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ނިންމާ އެ ދައުވާގެ ޝަރިއަތް ކުރިއަށް ގެންދިއުމަށް ފަނޑިޔާރު ނިންމާ ނިންމުމާއި އެ ދައުވާގެ ޝަރިއަތްކުރިއަށް ނުގެންދިއުމަށް ނިންމާ ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އަދި އެ ނިންމުމުގެ ނަތީޖާގައި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވޭތީވެ، އެ ފަރަގަކީ ގާނޫނީ ހަމަތަކެއްގެ މައްޗަށް ބިނާވެގެންވާ ފަރަގެއް ކަމަށް ވާތީވެ، އެއީ އެފަދަ މައްސަލަތަކުގައި ދައުވާލިބޭ ފަރާތްތައް ބޭއިންސާފުން ގާނޫނުއަސާސީގައިވާ ހަމަހަމަކަމުގެ އުސޫލާ ޚިލާފަށް ތަފާތުކޮށްފައިވަނީ ކަމަށް ގަބޫލެއް ނުކުރެވެއެވެ. މި ގޮތުން މައްސަލައެއްގެ ޝަރިއަތްކުރާނެ ތަން އޮތްކަމަށް ނިންމާ ނިންމުމަކީ ބަލާބެލުމުގައި އެކަށީގެންވާ މިންވަރަށް ހެކި ހުރިކަމަށް ބުރަވެގެން ނިންމާ ނިންމުމެއް ކަމަށްވެފައި މި ނިންމުމުގެ ނަތީޖާއަކީ މުއްތަހަމާ ދެކޮޅަށްހުރި ހެކިތައް ތަފްސީލީ ގޮތެއްގައި ބަހުސްކުރެވި ތައުނުކުރެވި ވަޒަންކޮށް އެ ހެއްކާމެދު ފަނޑިޔާރު ޝަރިއަތް ނިމޭއިރު ގޮތެއް ކަނޑައަޅާނެ ކަމެކެވެ. އެގޮތުން އެ ނިންމުން އިސްތިއުނާފުނުކުރެވުމަކީ އެ މައްސަލައިގެ އެއްވެސް ފަރާތެއްގެ ހައްގަކަށް ދާއިމަށް އުނިކަން އަންނާނެ ކަމެއް ނޫނެވެ. އެއާ ޚިލާފަށް ދައުވާނުކުރެވޭނެ ކަމަށް ނިންމާ ނިންމުމަކީ ފައިނޭލިޓީއެއް އޮތް ނިންމުމެއް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އެކަށީގެންވާ ވަރަށް ހެކި ނުހުންނަ މައްސަލަތަކުގައިވެސް ދައުވާކުރިއަށް ނުގެންދެވޭނެ ކަމަށް ބަޔާންކުރާ ސަބަބުތައް ހުންނާނެއެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ދެވަނަ ފަހަރަށް ހުށަނޭޅޭނެ މައްސަލަތައް ވެސް ހުންނާނެއެވެ. ކޯޓުން ނިންމާ ކޮންމެ ނިންމުމަކީ އިސްތިއުނާފުކުރެވިދާނެ މައްސަލައެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، ޝަރިއަތް ކުރިއަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާ ނިންމުމެއް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ކަނޑައެޅުމުގެ ނަތީޖާއަކީ އެ ނިންމުމާމެދު ބަހުސްކުރުމުގެ ހުރިހާ ދޮރެއް ބަންދުވެގެން ދިއުމެވެ. އެހެން ކަމުން މަތީގައި ބަޔާންކުރި ދެ ބާވަތުގެ ނިންމުމުގެ ނަތީޖާގައި ތަފާތުތަކެއް ހުރިކަމަށް ގަބޫލުކުރެވެއެވެ. ދައުވާކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައެޅުމުގެ އާޚިރު ނަތީޖާއަކީ ދަށު މަރުހަލާއިންވެސް އަދި އިސްތިއުނާފީ މަރުހަލާއިންވެސް އެ މައްސަލައިގެ ހަގީގަތްތަކާމެދު ބޮޑުވާބިއްލޫރި އަޅައިގެން ބެލުމުގެ ފުރުސަތު އޮތުމެވެ.

މަދަނީ މިންގަނޑުން ޝަރިއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގައި ބުނާ މިންވަރަށް ހެކިނެތީސް ކަމަށް ބުނެ ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/39 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅި ތިން ނުކުތާވެސް ބިނާކޮށްފައިވާ އަސާސަކީ މަދަނީ މިންގަނޑުން ޝަރިއަތް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގައި ބުނާ މިންވަރަށް ނުވަތަ prima facie މިންގަނޑުން މައްސަލަ ކުރިޔަށް ގެންދެވޭނެ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައި ނެތިކަމުގައި ބުނާ ބުނުމުގެ މައްޗަށެވެ.

މިރައުޔުގެ އިސްވެދިޔަ 19 ވަނަ ޕެރެގްރާފުގައި ބުނި ފަދައިން ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަމަށް ކަނޑައަޅައި ކޯޓުން ނިންމާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ކަމަށް ނުވާތީވެ، ޢާއިޝަތު ޢާޒިމާ ޝަކޫރު ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި މި ކޯޓުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތެވެ. އެހެން ނަމަވެސް ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ނުވަތަ ނެތްކަން ކަނޑައަޅައި ކޯޓުން ގޮތެއް ނިންމުމުގައި އެހާތަނަށް ކޯޓަށް ހުށަހެޅިފައިހުރި މައްސަލައިގެ ހެކި ފަނޑިޔާރު ވަޒަންކުރުމާބެހޭ ގޮތުން ރިއާޔަތްކުރަންޖެހޭ ބައެއްކަންކަން ފާހަގަކޮށްލުން މުހިންމުކަމަށް ދެކެމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ދައުވާއަކާ ގުޅިގެން ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ނުވަތަ ނެތްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ފަނޑިޔާރު ކަނޑައެޅުމުގެ ކުރިން އެކަމާބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގެ ޚަސްމުންނަށް ދޭންވާނެއެވެ. އަދި އެފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމަށްފަހު ފަނޑިޔާރު ނިންމާ ނިންމުން ޚަސްމުންނަށް އަންގައި، ފަނޑިޔާރު ނިންމި ނިންމުން އަދި ނިންމުމަށް ވާސިލުވި ސަބަބުތައް ބަޔާންކޮށް މައްސަލައިގެ ފައިލުގައި ރެކޯޑު ކުރަންވާނެއެވެ.

އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮތްނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން މައްސަލައިގައި ޝަރިއަތްކުރާނެ ތަން އޮތްކަމަށް ފަނޑިޔާރު ނިންމައިގެންނުވާނެއެވެ.

(ހ) އިސްތިއުނާފީ ކޯޓަކުން ކުރިން ނިންމާފައި އޮތް ނިންމުމެއްގެ ސަބަބުން އެ ދައުވާގެ ޝަރިއަތް ހިންގެން ނެތުން.

(ށ) އެ ދައުވާއެއް ކުރުމަށް އޮތް ގާނޫނީ މުއްދަތު ފަހަނައަޅައި ދިއުން.

(ނ) އެކަށީގެންވާ މިންވަރަށް ހެކި ނެތުން.

(ރ) ޝަރިއަތްކުރިއަށް ގެންދާނޭ ގާނޫނީ ސަބަބެއް ނެތުން.

(ބ) ދައުވާކުރުމުގައި ގާނޫނެއްގެ ދަށުން ޕްރޮސިކިއުޝަނުން ފުރިހަމަކުރަންޖެހޭ އިޖުރާއަތެއް ފުރިހަމަކޮށްފައި ނެތުން.

އެކަށީގެންވާ މިންވަރަށް ހެކި ހުރިތޯ ބެލުން

ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ކުރިން މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާއާ ގުޅިގެން ޕްރޮސިކިއުޝަނުން އެކަށީގެން މިންވަރަށް ހެކި ހުށަހަޅާފައިވާކަން ނުވަތަ ނެތްކަން ފަނޑިޔާރު ވަޒަންކުރަން ވާނެއެވެ. ޝަރިއަތް ހިންގާނެތަން އޮތް ކަމަށް ކަނޑައެޅުމަށްޓަކައި އެ މައްސަލައެއްގައި މަދަނީ މިންގަނޑުން ހެކި ވަޒަންކުރާއިރު އެކަށީގެންވާ މިންވަރަށް ހެކިހުރިކަން ނުވަތަ ނެތްކަން (prima facie ކޭހެއް އޮތްކަން ނުވަތަ ނެތްކަން) ބިނާވެފައި އޮންނާނީ ކޮންމެ މައްސަލައެއްގައި ވެސް އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި އެ މައްސަލައިގައި ހިމެނޭ ވާގިއާތަކުގެ މައްޗަށެވެ. އެގޮތުން، ޕްރޮސިކިއުޝަންގެ ފަރާތުން މައްސަލައިގެ ދައުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔުންތައް ފަނޑިޔާރު ބަލައި ވަޒަންކުރާއިރު، އެ ލިޔުންތަކުން މުއްތަހަމް ކުށްކުރިކަމުގެ ތުހުމަތު އުފެދޭ ނަމަ، އަދި އެ ތުހުމަތުތަކަށް އެ ލިޔުންތަކުން ޖަވާބު ނުލިބޭނަމަ، އެ މައްސަލައިގެ ޝަރިއަތްކުކުރާނެ ތަން އޮތްކަމަށް ފަނޑިޔާރު ނިންމަންވާނެއެވެ. މީގެ މާނައަކީ ޕްރޮސިކިއުޝަނުން ކޯޓަށް ފޮނުވާ ކޮންމެ މައްސަލައެއް ކުރިއަށް ގެންދިއުމަކީ ކޯޓަށް ލާޒިމުވުމެއް ނޫނެވެ. ފަނޑިޔާރުގެ ކުރިމަތީގައި ހުރި އެންމެހައި ލިޔުންތަކުން އެ ދައުވާގައި ހިމެނޭ ކުށް ދައުވާލިބޭ ފަރާތުން ކޮށްފައި އޮތުމުގެ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުމުން ފުދެއެވެ.

ޕްރޮސިކިއުޝަންގެ ފަރާތުން މައްސަލައިގެ ދައުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔުންތައް ފަނޑިޔާރު ބަލައި ވަޒަންކުރާއިރު، އޭގައި ހިމެނޭ ކަންކަމުން ދައުވާކޮށްފައިވާ ކުށުގެ އެންމެހައި އުންސުރުތައް ހުރިތޯ ބަލަންވާނެއެވެ. ޕްރޮސިކިއުޝަންގެ ފަރާތުން މައްސަލައިގެ ދައުވާ ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔުންތަކަށް ބެލުމުން، މުއްތަހަމް ކުށްކުރިކަމުގެ އަދި ކުށް ނުކުރާ ކަމުގެ އިހުތިމާލުވެސް އޮތްކަމަށް ގަބޫލުކުރެވޭނަމަ، އެ ދެގޮތުންކުރެ އޭނާ ކުށްކުރިކަމަށް ތުހުމަތުވެފައި، އޭނާ ކުށްނުކުރާ ކަމާމެދު ކުރެވޭ ޝައްކު އެއަށްވުރެ ބޮޑުކަމަށް ގަބޫލުކުރެވޭނަމަ، މުއްތަހަމްގެ މައްޗަށް ޝަރިއަތް ކުރިއަށް ގެންދާނެތަނެއް ނެތްކަމަށް ކަނޑައެޅުން ހުއްދަވެގެންވެއެވެ.

ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ ކުރިން މައްސަލައިގެ އެކޮޅުމިކޮޅަށް ބަލައި، ހުށަހެޅިފައި ހުރި އެންމެހާ ހެކިތަކުގެ ޖުމްލަ ނަތީޖާއަށް ރިއާޔަތްކުރުމަކީ ފަނޑިޔާރުގެ ޒިއްމާއެކެވެ. މި މަރުހަލާގައި ކޯޓުން ހެކި ވަޒަންކުރާނީ ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް ފުދޭ މިންވަރުގެ ހެކިހުރިތޯ ބެލުމަށެވެ. ކުށް ސާބިތުކުރުމަށް ފުދޭ މިންވަރުގެ ހެކިހުރިތޯ ބެލުމަކަށް ނޫނެވެ. ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިތޯ ބެލުމަށެވެ.

އިސްވެދިޔަ 19 ވަނަ ޕެރެގްރާފުގައި ބުނި ފަދައިން ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ކަނޑައަޅައި ކޯޓުން ނިންމާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ކަމަށް ނުވާތީވެ، ޢާއިޝަތު ޢާޒިމާ ޝަކޫރު ގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ ލިޔުންތަކުގެ ބުރަދަން، މަތީގައި ބަޔާންކުރެވުނު އުސޫލުތަކާއެއްގޮތަށް ބަލައި ވަޒަންކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ޝަރިއަތް ކުރިއަށް ގެންދާނެތަން އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމުގެ އިޚްތިޔާރު މި މަރުހަލާގައި މި ކޯޓަށް ލިބިގެންވާ ކަމަށް ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

އިސްވެ މަތީގައި ބަޔާންކުރި ކަންކަން އެހެންހުރުމުން:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ އާއި 149 ވަނަ މާއްދާ މާނަކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅަން ފެނެއެވެ.

(ށ) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން، މައްސަލައިގެ ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރު ނިންމާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މައްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ކަމަށް އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ފެނެއެވެ.

(ނ) އިސްވެދިޔަ (ށ) ގައި އެގޮތަށް ކަނޑައެޅުމުން ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާތައް ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅަން ފެނެއެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ މަތީގައި ބަޔާންކުރި ކަންކަން އެހެންހުރުމުން:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުން ޝަރިއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ އާއި 149 ވަނަ މާއްދާ މާނަކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ކަނޑައަޅަމެވެ.

(ށ) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން، މައްސަލައިގެ ޝަރިއަތްކުރާނޭ ތަން އޮތް ކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރު ނިންމާ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މައްދާގެ ދަށުން އިސްތިއުނާފުކުރެވޭނެ ބާވަތުގެ ނިންމުމެއް ކަމަށް އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ބާތިލުކަމަށް ކަނޑައަޅަމެވެ.

(ނ) އިސްވެދިޔަ (ށ) ގައި އެގޮތަށް ކަނޑައެޅުމުން ޢާއިޝަތު ޢާޒިމާ ޝަކޫރުގެ ފަރާތުން އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާތައް ބަލައިގަނެވެން ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޙްމަދު މުޢުތަޞިމް ޢަދުނާންޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ