ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 77 · 2021/SC-A/39

އިބްރާހިމް ރަޝީދު، އަޙްމަދު ނަޞީރު އަދި މުޙައްމަދު ޚާލިދު ވ. ޢަބްދުﷲ ޢަޒީޒު

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ނޮވެމްބަރު 2022ދަށު ކޯޓު: ސިވިލް ކޯޓު 2145/Cv-C/2014ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2016/HC-A/386، 2145/Cv-C/2014
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
އިބްރާހިމް ރަޝީދާއި އަޙްމަދު ނަޞީރާއި މުޙައްމަދު ޚާލިދު، ހިއްސާދާރުންގެ އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޢަޒީޒުގެ ޒިންމާތައް އަދާކުރުވުމަށް ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. ސިވިލް ކޯޓުގެ 2145/Cv-C/2014 ޤަޟިއްޔާގައި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (އޭ) ގެ ޒިންމާ 15 ދުވަހުގެ ތެރޭގައި އަދާކުރުމަށް އަމުރުކުރިއެވެ. ހައިކޯޓުގެ 2016/HC-A/386 ޤަޟިއްޔާގައި ޞައްޙަ އެއްބަސްވުމެއް ނެތްކަމަށް ބުނެ ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރުމުން، ދަޢުވާކުރި ފަރާތްތައް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
ޢަބްދުﷲ ޢަޒީޒު ސޯލް ޕްރޮޕްރައިޓަރެއްގެ ގޮތުގައި ހިންގި "ޑިލައިޓް" ވިޔަފާރި، އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ހިއްސާ ބަހައިގެން ހިންގުމަށް 28 އޮގަސްޓް 2014 ގެ ތާރީޚު ޖަހާފައިވާ ހިއްސާދާރުންގެ އެއްބަސްވުމެއް ހުށަހެޅުނެވެ. އެ ލިޔުމުގައިވާ އިނގިލީގެ ނިޝާނަކީ ޢަބްދުﷲ ޢަޒީޒުގެ ނިޝާން ކަމަށާއި ސޮއި ފޯޖުކޮށްފައިވާ ކަމަށް ފުލުހުންގެ ދެ ރިޕޯޓުގައި ބުނެފައިވިއެވެ. ކުންފުނި ރަޖިސްޓަރީކޮށް، އިބްރާހިމް ރަޝީދާއި އަޙްމަދު ނަޞީރު ފައިސާ ޖަމާކޮށް، އެލްސީ ހުޅުވުމާއި ލޯގޯއާ ބެހޭ އީމެއިލްތައް ޢަބްދުﷲ ޢަޒީޒާ އެކު ބަދަލުކުރިއެވެ. 22 ސެޕްޓެމްބަރު 2014 ގެ ބައްދަލުވުމެއްގައި ކުންފުނި އުވާލައި ދެއްކި ފައިސާ އަނބުރާ ދިނުމަށް ހިއްސާދާރުން އެއްބަސްވިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ލިޔުމުގައިވާ ސޮއި ފޯޖުކޮށްފައިވާކަމަށް ބުނެ އިންކާރުކުރި ނަމަވެސް، ޚަޞްމުންގެ ޢަމަލުތަކާއި ބަދަލުކުރި އީމެއިލްތަކުން ހިއްސާދާރުންގެ އެއްބަސްވުމެއް އުފެދިފައިވާކަން ސާބިތުވޭތޯ؛ އަދި ހިއްސާދާރުންގެ އެއްބަސްވުމެއް ތަންފީޛުކުރަން ދަޢުވާކުރުމުގެ ޙައިޞިއްޔަތު ލިބެނީ ކުންފުންޏަށްތޯ ނުވަތަ އެއްބަސްވުމުގެ ބައިވެރިންނަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތްތައް ބުނީ، އިނގިލީގެ ނިޝާނާއި އީމެއިލްތަކާއި ޚަޞްމުންގެ ޢަމަލުތަކުން އެއްބަސްވުން ސާބިތުވާ ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރީ ބޭންގްކޮކުގައި 5 ސެޕްޓެމްބަރު 2014 ގައި ކަމަށާއި، ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ ހައިކޯޓުން ތަޠުބީޤުކުރި ގޮތަކީ ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ އުޞޫލާ ޚިލާފު ގޮތެއް ކަމަށެވެ. ޢަބްދުﷲ ޢަޒީޒު ބުނީ، އެއްވެސް އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށާއި، ލިޔުމުގައިވާ ތާރީޚުގައި ރާއްޖެއިން ބޭރުގައި ހުރި ކަމަށާއި، ސޮއި ފޯޖުކޮށް ނިޝާން އޮޅުވާލައިގެން ޖެހީ މުޙައްމަދު ޚާލިދު ކަމަށާއި، ހިއްސާދާރުންގެ އެއްބަސްވުމެއް ތަންފީޛުކުރަން ދަޢުވާކުރެވޭނީ ކުންފުނިން ކަމަށާއި، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 25 ވަނަ މާއްދާގެ ސަބަބުން ތަންފީޛީ އަމުރެއް ނެރެނުދެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ކޮންޓްރެކްޓެއް ލިޔެ ސޮއިކޮށްފައި އޮތުން ލާޒިމު ނޫން ކަމަށާއި، ޚަޞްމުންގެ ޢަމަލުތަކަށް މައުޟޫޢީ ޓެސްޓު ތަޠުބީޤުކޮށް ބަލާއިރު، އީމެއިލްތަކާއި ފައިސާ ޖަމާކުރި ހެކިތަކާއި މުޙައްމަދު ޒިޔާދުގެ ހެކިބަހުން ހިއްސާދާރުންގެ އެއްބަސްވުމެއް ހެދިފައިވާކަން ސާބިތުވާތީ، ސޮއިގެ ޞައްޙަކަން ވަކިން ތަޙުޤީޤުކުރަން ނުޖެހޭ ކަމަށެވެ. ހިއްސާދާރުންގެ އެއްބަސްވުމުގެ މައްޗަށް ހިނގަނީ ކޮންޓްރެކްޓުގެ ޢާންމު އުޞޫލުތައް ކަމަށްވާތީ، އެ އެއްބަސްވުން ތަންފީޛުކުރަން ދަޢުވާކުރެވޭނީ އެއްބަސްވުމުގެ ބައިވެރިންނަށް ކަމަށާއި، ބައިވެރިއަކަށް ނުވާ ކުންފުންޏަކަށް ނޫން ކަމަށް ކަނޑައެޅިއެވެ. ނަމަވެސް 22 ސެޕްޓެމްބަރު 2014 ގައި ޚަޞްމުން އެއްބަސްވުން ރޫޅާލަން އެއްބަސްވެފައިވާތީ ތަންފީޛުކުރާނެ އެއްބަސްވުމެއް ނެތުމުން، ދަށު ކޯޓުތަކުގެ ޙުކުމްތައް ބާޠިލުކޮށް، ދެއްކި 1,554,192 ރުފިޔާ އެއް މަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ޢަބްދުﷲ ޢަޒީޒަށް އިއްތިފާޤުން އަމުރުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު؛ އެއްބަސްވުން ހެދި ރޫޅާލާފައިވާކަން ކަނޑައަޅައި، ދެއްކި ފައިސާ އަނބުރާ ދިނުމަށް އަމުރު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޚާއްސަ ބާވަތެއްގެ ކޮންޓްރެކްޓެއް އޮންނަންވީ ގޮތް ގާނޫނެއްގައި ބަޔާންކޮށްފައި އޮންނަ ހާލަތުގައި ފިޔަވައި، ކޮންޓްރެކްޓަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. އެހެންކަމުން، ސަރީހަ ބަހުން ނުވަތަ ޒިމްނީ ގޮތުން ވެސް ކޮންޓްރެކްޓެއް އޮވެދާނެއެވެ. މި ދެ ގޮތުންކުރެ ކޮންމެ ގޮތަކަށް ކޮންޓްރެކްޓު އޮތަސް ފުދެއެވެ. ބޭނުންވަނީ ދެފަރާތުގެ އެއްބަސްވުމެވެ. ވީމާ، ކޮންޓްރެކްޓެއް ސައްހަވުމަށްޓަކައި، ކޮންޓްރެކްޓު ލިޔެ ސޮއިކޮށްފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. ދެފަރާތުން ކަންކުރާ ގޮތުންވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށް ދޭހަކުރެވިދާނެއެވެ.

HN2 ވީމާ، އެފަދަ ހާލަތްތަކުގައި، ފިގުހުވެރިން ވިދާޅުވަނީ ވަކިކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެ ގަރާރުވެފައިވާ ކަމަށް އެފަރާތްތަކުގެ އަމަލުތަކުން ދޭހަވާނަމަ، ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށް އިފްތިރާޒުކުރެވޭނެ ކަމަށެވެ. ވަކިކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެފައިވާކަން ދެފަރާތުގެ އަމަލުން އެނގި ސާބިތުވާން އޮތްނަމަ ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށް ބެލިދާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކުގައި ވެސް އެކަށައަޅާފައި ވެއެވެ.

HN3 ހުށަހެޅުމާއި ގަބޫލުކުރުން ފުރިހަމަވެ ޚަސްމުންގެ މެދުގައި ކޮންޓްރެކްޓެއް އުފެދުނުކަމާމެދު ސުވާލުއުފައްދާ މިފަދަ ހާލަތްތަކުގައި، އެއް ނިޔަތެއްގައި ދެ ފަރާތުން އަމަލުތަކެއް ކޮށް، ކޮންޓްރެކްޓަކަށް ދެފަރާތް ވާސިލުވެފައިވޭތޯ ބެލުމަށްޓަކައި ކޯޓުތަކުން ބޭނުންކުރަންވާނީ، ޝަރިއަތުގައި، ބޭރުފުށުން ކަންކަން ކަށަވަރުކުރުމަށް ފަނޑިޔާރުން ބޭނުންކުރާ މައުލޫއީ ޓެސްޓެވެ. އޭގެ މާނައަކީ، ގޮތެއް ކަނޑައެޅުމުގައި ކޯޓުން ބަލާނީ ޚަސްމުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށެވެ. އަދި ލިޔެފައިވާ ލިޔުންތަކަށެވެ. އަދި އެއިން ދޭހަކުރެވޭ ދޭހަކުރުންތަކަށެވެ. ދެފަރާތުގެ ހިތުގައި އޮތް އެއްޗެއް ކަމަށް ދެފަރާތުން ބުނާ އެއްޗަކަށް ކޯޓުން ނުބަލާނެއެވެ. މާނައަކީ، ކޮންޓްރެކްޓެއް އޮތްތޯ ބެލުމަށް ޣައިރުމައުލޫއީ ޓެސްޓެއް ބޭނުމެއް ނުކުރާނެއެވެ. މައުލޫއީ ޓެސްޓު ބޭނުންކުރުމުގެ ބޭނުމަކީ އެ ހާލަތުގައި ދެފަރާތުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސަބަބުވެރި މީހެއްގެ ނަޒަރުގައި އެ ހާލަތުގައި ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައި އޮތްކަމަށް ގަބޫލުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

HN4 އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ގޮތަށް، ކޮންޓްރެކްޓެއް އޮތް ކަމަށް ދޭހަވާ ހާލަތުގައިވެސް ދެފަރާތުގެ އެއްބަސްވުމުގެ އަސާސީ ޝަރުތުތަކަކީ ކޮބައިކަން އެމީހުންގެ އަމަލުން، ނުވަތަ ދައްކާފައިވާ ވާހަކަތަކުން ނުވަތަ ލިޔެފައިވާ ލިޔުންތަކުން، ނުވަތަ އެނޫންވެސް ގޮތަކަށް ސާފުނުވާނަމަ، ސައްހަ ކޮންޓްރެކްޓެއް އޮތްކަމަށް ދޭހަނުކުރެވޭނެއެވެ.

HN5 އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ފަދައިން، ޚަސްމުންގެ މެދުގައި ހިއްސާދާރުންގެ އެއްބަސްވުމެއް އޮތްކަން ޚަސްމުންގެ އަމަލުތަކުން ދޭހަވާން އޮތުމުން، މި މައްސަލައިގައި ވާހަކަދެކެވޭ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައި އޮތް ސޮޔާއި އިނގިލީގެ ނިޝާނުގެ ހަގީގަތާ ހަމައަށް ވަކީން ވާސިލުވުމަށްޓަކައި އެކަން ވަކީން ތަހުގީގުކުރުމުގެ ބޭނުމެއް ނެތެވެ. އެ ލިޔުމުގައި ލިޔެފައިވާ މުއާމަލާތުގެ މައްޗަށް ޚަސްމުންގެ މެދުގައި އެއްބަސްވުމެއް އޮތްކަން ޚަސްމުންގެ މެދުގައި ބަދަލުކުރެވިފައިވާ އީމެއިލްތަކުންނާއި މުޙައްމަދު ޒިޔާދުގެ ހެކިބަހުން ސާބިތުވާން އޮތުމުން ފުދެއެވެ.

HN6 ކޮންޓްރެކްޓު ކުރުމުގެ މިނިވަންކަމުގެ މަބްދައުގެ ދަށުން، ކޮންޓްރެކްޓު ކުރުމަށް ނިންމުމާއި، ކޮންޓްރެކްޓު ކުރާނޭ ފަރާތެއް ކަނޑައެޅުމާއި، ކޮންޓްރެކްޓުގެ ޝަރުތުތައް ކަނޑައެޅުމުގެ މިނިވަންކަން ފަރުދުންނަށާއި ގާނޫނީ ޝަޚްސުންނަށް ލިބިގެންވެއެވެ. ނަމަވެސް މި މިނިވަންކަމަކީ ގާނޫނުގެ އިމުގެ ތެރޭގައި ހިފެހެއްޓިފައިވާ މިނިވަން ކަމެކެވެ. ކޮންޓްރެކްޓު ކުރުމުގެ މިނިވަންކަމުގެ މަބްދައުގެ ދަށުން، ކުންފުންޏެއްގެ ހިއްސާދާރުންގެ މެދުގައި، ހައްގުތަކަކާއި ވާޖިބުތަކެއް އުފެއްދުމަށްޓަކައި އެއްބަސްވުމެއް ގާއިމުކުރުމަކީ ހިއްސާދާރުންނަށް ލިބިގެންވާ މިނިވަންކަމެކެވެ. ނަމަވެސް، ހިއްސާދާރުންގެ މެދުގައި ވެވޭ މިފަދަ އެއްބަސްވުމެއް ކުންފުންޏާބެހޭ ގާނޫނާ ޚިލާފުވާ ގޮތަށް ނުވަތަ އެނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދަކާ ޚިލާފަށް، ނުވަތަ މައިނޯރިޓީ ހިއްސާދާރުންގެ ހައްގުތައް ގެއްލޭގޮތަށް ނުހެދޭނެއެވެ.

HN7 މަތީގައި ބަޔާންކުރި ގޮތަށް ގާއިމްކުރެވޭ ހިއްސާދާރުންގެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނީ، އެހެން އެއްބަސްވުންތަކުގެ މައްޗަށް ވެސް ހިނގާ ކޮންޓްރެކްޓާބެހޭ އާއްމު ގާނޫނީ އުސޫލުތައް ކަމުގައިވާތީވެ، ހިއްސާދާރުންގެ އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅޭނީ އެ އެއްބަސްވުމުގެ ބައިވެރިއަކަށެވެ. އަދި ހިއްސާދާރުންގެ އެއްބަސްވުމުގެ ބައިވެރިއެއް ކަމަށް ނުވާ ފަރާތެއްގެ މައްޗަށް ވެސް އެ އެގްރީމަންޓު ތަންފީޒުނުކުރެވޭނެއެވެ. އާއްމު ގޮތެއްގައި ހިއްސާދާރުންގެ އެއްބަސްވުމުގެ ބައިވެރިއަކަށް ކުންފުނި ނުވާތީވެ، ކުންފުނީގެ މައްޗަށާއި އެއެއްބަސްވުމުގައި ބައިވެރިނުވާ ހިއްސާދާރުންނާއި މެނޭޖަރުންގެ މައްޗަށް ހިއްސާދާރުންގެ އެއްބަސްވުން ތަންފީޒުނުކުރެވޭނެއެވެ. މި ނޫން ގޮތަކަށް ހިއްސާދާރުންގެ އެއްބަސްވުމެއް ކުންފުނީގެ މައްޗަށް ނުވަތަ އެއެއްބަސްވުމުގެ ބައިވެރިނުވާ ފަރާތެއްގެ މައްޗަށް ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނަށް ބަދަލުގެނެސް އެ ގާނޫނުން އެކަން ހުއްދަކޮށްފި ހާލަތެއްގައި އެކަންޏެވެ.

HN8 ކުންފުނިތަކުގެ ކަންކަމުގެ މައްޗަށް ކަންކަން ކަނޑައަޅައި އިންތިޒާމުކުރާ މައިގަނޑު ގާނޫނަކީ ކުންފުންޏާބެހޭ ގާނޫނު ކަމުގައިވީ ނަމަވެސް، އަދި ކުންފުނީގެ ދުސްތޫރީ ލިޔުންތަކަކީ އެކުންފުންޏާއި ހިއްސާދާރުންނާއި، އަދި އެކުންފުންޏެއްގެ އެއް ހިއްސާދާރަކާ އެކުންފުނީގެ އެހެން ހިއްސާދާރުންގެ މެދުގައި ގާއިމުވެފައި އޮންނަ ގާނޫނީ ކޮންޓްރެކްޓެއް ކަމުގައިވީ ނަމަވެސް، ކުންފުންޏާބެހޭ ގާނޫނާއި ގަވާއިދުތަކާއި ކުންފުނީގެ ދުސްތޫރީ ލިޔުންތަކާއި ފުށުނާރާގޮތަށް، އެ ކުންފުނީގެ ހިއްސާދާރުންގެ ބައެއް ގުޅުންތައް އިންތިޒާމުކުރުމަށްޓަކައި ވަކި އެއްބަސްވުމެއް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ގާއިމުކުރުމަކީ ކުންފުންޏާބެހޭ ގާނޫނު ނުވަތަ އެނޫންވެސް ގާނޫނެއް މަނާކުރާ ކަމެއް ނޫނެވެ. އަދި އެއީ ކުންފުންޏަށް ލިބިގެންވާ ވަކި ގާނޫނީ ޝަޚުސުގެ މަފްހޫމާ ފުށުއަރާ ކަމެއްވެސް ނޫނެވެ.

HN9 ކުންފުންޏެއްގެ ހިއްސާދާރުންގެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ އާއްމު އުސޫލުތައް ކަމަށްވާތީ އާއި، އެ ކުންފުންޏަކީ، ހިއްސާދާރުންގެ އެއްބަސްވުމެއްގެ ބައިވެރިއަކަށް ނުވާނަމަ، ހިއްސާދާރުންގެ އެއްބަސްވުމުގެ ދަށުން ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަކަށް ނުލިބޭނެތީ އާއި، މި ގަޒިއްޔާގައި ވާހަކަދެކެވޭ ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގެ ބައިވެރިއަކަށް އަޒާކް ޕްރައިވެޓް ލިމިޓެޑް ނުވާތީވެ، ހަވާލާދެވޭ އަޒާކް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރހޯލްޑަރުންގެ އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅުމުގެ ހައިސިއްޔަތު އަޒާކް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންނުވެއެވެ.

HN10 އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ޢަބްދުﷲ ޢަޒީޒުގެ ފަރާތުން އޭނާގެ އަމިއްލަ ވިޔަފާރީގެ ތެރޭގައި ބޭނުންކޮށްފިނަމަ އެފައިސާ އަށް ޢަބްދުﷲ ޢަޒީޒު ޝަޚްސީގޮތުން ޒިއްމާވާންޖެހެނީ މި ކޯޓުން ކުރިން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ގަޒިއްޔާގެ ޕެރެގްރާފު 41 ން 43 އަށް ހުރި ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިވާ ޒިމްނީ ޓްރަސްޓުގެ މަބްދައުގެ ދަށުންނެވެ. އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އެ އެއްބަސްވުމުގެ ދަށުން ދައްކާފައިވާ އެއްވެސް ފައިސާއެއް ޢަބްދުﷲ ޢަޒީޒުގެ ވިޔަފާރީގައި ބޭނުންކޮށް ދައުރުކޮށް ފައިދާ ހޯދާފައިވާނަމަ، އެއީ ޢަބްދުﷲ ޢަޒީޒުއަށް ލިބޭ ނުހައްގު މުއްސަނދިކަމަކަށް ވާނޭތީވެ، އެފައިދާ ހޯދަން ދައުވާކުރުމަކީ އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރުގެ ހައްގެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ

ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި) ތައާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/386 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، ސ. ހިތަދޫ، […] އިބްރާހިމް ރަޝީދު އާއި ސ. ހިތަދޫ، ކެކްޓަސް، އަޙްމަދު ނަޞީރު އާއި ސ. ހިތަދޫ، […] މުޙައްމަދު ޚާލިދުގެ ފަރާތުން (މިބުނެވުނު ހުރިހާ ފަރާތަތަކަށް އެކުގައި މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތްތައް" ކަމަށް ބުނެ ހަވާލާދީފައިވާ) ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ. ހިތަދޫ، ޑޭޒީފެހި، ޢަބްދުﷲ ޢަޒީޒު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢަބްދުﷲ ޢަޒީޒު") އެވެ.

2މި މައްސަލައިގެ ފެށުމަކީ ޢަބްދުﷲ ޢަޒީޒުއާ ބައިވެރިވެގެން އިސްތިއުނާފުކުރާ ފަރާތްތަކުން ވިޔަފާރިއެއް ކުރުމަށްޓަކައި އެއްބަސްވުމެއް ވެފައިވާ ކަމަށާއި، އަދި އެއްބަސްވުމާ އެއްގޮތަށް ޢަބްދުﷲ ޢަޒީޒު ޢަމަލުނުކުރިކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާއެވެ. އެ ދައުވާގެ ޖަވާބުގައި ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނަމުން އަންނަނީ އެފަރާތްތަކާއެކު އޭނާ އެފަދަ އެއްބަސްވުމެއް ވެފައި ނެތް ކަމަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

3އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އާއި މުޙައްމަދު ޚާލިދު އާއި ޢަބްދުﷲ ޢަޒީޒު ބައިވެރިވެގެން އެކުގައި ވިޔަފާރިކުރުމަށްޓަކައި 'އަޒާކް ޕްރައިވެޓް ލިމިޓެޑް ޝެއަރހޯލްޑަރުންގެ އެއްބަސްވުން' މި ނަމުގައި (މީގެ ފަހުން 'ޝެއަރހޯލްޑަރުންގެ އެއްބަސްވުން' ކަމަށް ބުނެފައިވާ) އެއްބަސްވުމެއް ވެފައިވާ ކަމަށާއި، އެއެއްބަސްވުމުގެ ދަށުން އަޒާކް ޕްރައިވެޓް ލިމިޓެޑް ގެ ނަމުގައި ކުންފުންޏެއް އުފައްދާފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައި ވެއެވެ. އަދި އެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޢަޒީޒު އަދާކުރަންޖެހޭ އިލްތިޒާމުތައް ޢަބްދުﷲ ޢަޒީޒު އަދާކޮށްފައި ނުވާކަމަށް ބުނެ، އެ އިލްތިޒާމުތައް އަދާކުރުމަށް ޢަބްދުﷲ ޢަޒީޒުއަށް އަންގައި އަމުރުކޮށްދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

4އިސްތިއުނާފުކުރާ ފަރާތްތަކުން ހަވާލާދީފައިވާ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގެ ފެށުމުގައިވާ ގޮތުން އެ ލިޔުމަކީ ޢަބްދުﷲ ޢަޒީޒުއާ އެކު އިސްތިއުނާފުކުރާ ފަރާތްތަކުން ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ. އެ ލިޔުމުގެ ފެށުމުގައި ބުނެފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރި ތާރީޚަކީ 28 އޮގަސްޓް 2014 ކަމަށެވެ. އެއްބަސްވުން ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާ އެ ލިޔުމުގެ މުގައްދިމާގައި ބުނެފައިވަނީ އަބްދުﷲ ޢަޒީޒުއަކީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި 'ޑިލައިޓް'ގެ ނަމުގައި ސޯލް ޕްރޮޕްރައިޓަރ އުސޫލުން ވިޔަފާރިއެއް ރަޖިސްޓަރީކޮށްގެން ހިންގާ ފަރާތެއް ކަމަށާއި، ޢަބްދުﷲ ޢަޒީޒު ބޭނުންވަނީ އޭނާގެ ވިޔަފާރި ފުޅާކޮށް އަލުން ތަރުތީބުކޮށް ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއް އުފައްދައިގެން އެކުންފުންޏަށް އޭނާގެ ވިޔަފާރި ބަދަލުކުރުމަށް ކަމަށެވެ. އެގޮތުން އުފައްދާ ކުންފުންޏަށް ކިޔާނީ އަޒާކް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ. އަދި އެ ލިޔުމުގެ މުގައްދިމާގައި އިތުރަށް ބުނެފައިވަނީ އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނި އުފައްދާއިރު އެ ކުންފުނީގެ ހިއްސާގެ ތެރެއިން 2150 ހިއްސާ އިސްތިއުނާފުކުރާ މީހުންގެ ތެރެއިން އިބްރާހިމް ރަޝީދުއަށާއި އަޙްމަދު ނަސީރު ކުރެ ކޮންމެ މީހަކަށް ދޭނެ ކަމަށާއި، އިސްތިއުނާފުކުރާ މީހުންގެ ތެރެއިން މުޙައްމަދު ޚާލިދުއަށް 1500 ހިއްސާ ދޭނެ ކަމަށެވެ. އެ ލިޔުމުގެ 8 ވަނަ މާއްދާގައިވާ ގޮތުން ޢަބްދުﷲ ޢަޒީޒުގެ އަތުގައި އޮންނާނީ ކުންފުނީގެ 4200 ހިއްސާއެވެ.

5ހަވާލާދެވޭ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ޢަޒީޒު ކުންފުންޏަށް ބަދަލު ކުރަންޖެހޭ މުދަލުގެ ތަފްސީލު އެ އެއްބަސްވުމުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެކަން ކުރަންޖެހޭ މުއްދަތުވެސް އެ ލިޔުމުގައި ބަޔާންކޮށްފައި ވެއެވެ.

6އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ހަވާލާދީފައިވާ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބީ) ގައި ބުނާގޮތުން އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަސީރުއާ ދެމީހުންކުރެ ކޮންމެ މީހަކަށް ކަނޑައެޅިފައިވާ 2150 ހިއްސާގެ އަގުގެ ގޮތުގައި ކޮންމެ މީހަކު ކުންފުންޏަށް ދައްކަންޖެހޭ އަދަދަކީ މުޅިއެކު 3,010,000 ރުފިޔާއެވެ. އަދި ލިޔުމުގައިވާ ގޮތުން، އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އެ ދެމީހުންކުރެ ކޮންމެ މީހަކު ހިއްސާގެ އަގުގެ ގޮތުގައި ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 800,000 ރުފިޔާ އެ އެއްބަސްވުމުގައި ސޮއިކުރުމާއެކު އަލަށް އުފައްދާ ކުންފުނީގެ ބޭންކް އެކައުންޓަށް ނުވަތަ ޑިލައިޓް ފިހާރައިގެ އެކައުންޓަށް ޖަމާކުރަންޖެހެއެވެ. އަދި އަގުގެ ޖުމްލަ އަދަދުގެ ތެރެއިން ނުދެއްކި ބާކީ އޮންނަ އަދަދު އެއް އަހަރު ދުވަހުގެ ތެރޭގައި އެ ދެމީހުން ދައްކަންޖެހޭނެ ކަމަށް 9 ވަނަ މާއްދާގެ (އީ) ގައި ބުނެފައި ވެއެވެ. އަދި އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (އޭ) ގައި ބަޔާންވެފައިވާ އެސެޓްތައް ކުންފުންޏަށް ބަދަލުވުމުން، ޢަބްދުﷲ ޢަޒީޒު އާއި މުޙައްމަދު ޚާލިދުގެ ހިއްސާގެ އަގުގެ ގޮތުގައި ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކިފައިވާ ކަމަށް ބަލަންޖެހޭނެ ކަމަށް އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ސީ ގައި ބުނެފައި ވެއެވެ.

7ހަވާލާދީފައިވާ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގެ 14، 15، އަދި 16 ވަނަ މާއްދާގައި އަބްދުﷲ ޢަޒީޒު ކުރަން އެއްބަސްވެފައިވާ ކަންތައްތައް ހިމެނެއެވެ. އަދި އެއްބަސްވުމުގެ ޖަދުވަލުގައި ޢަބްދުﷲ ޢަޒީޒު ކުރަމުންދާ ވިޔަފާރީގައި ހިމެނޭ ކުންފުނީގައި ހިމެނޭ މުދަލުގެ ތަފްސީލުތައް ހިމަނާފައިވެއެވެ.

8އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2145/Cv-C/2014 ގަޒިއްޔާގައެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގެ ޖަވާބުގައި ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުގެ ދައުވާއަކީ ހަގީގަތާ ޚިލާފު ދައުވާއެއް ކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުގެ ދައުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި އޭނާ ސޮއި ނުކުރާ ކަމަށެވެ. އަދި އެ ތާރީޚުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކާއެކު މަޖިލިސް ކޮށްފައިނުވާނޭ ކަމަށެވެ. އެގޮތުން 2014 ވަނަ އަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަހާ ދެމެދުގައި އޭނާ ހުރީ ދިވެހިރާއްޖެއިން ބޭރުގައި ކަމަށް އޭނާ ބުނެފައިވެއެވެ. ސިވިލް ކޯޓުގައި ޢަބްދުﷲ ޢަޒީޒު ދެއްކި ވާހަކައިން އޭނާ ކޯޓަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވަނީ އެ ބުނާ އެއްބަސްވުމުގައި ސޮއިކުރި ތާރީޚުކަމަށް އެ ލިޔުމުގައި ޖަހާފައި އޮތް ތާރީޚަކީ 28 އޮގަސްޓް 2014 ކަމަށްވާއިރު، އެ ތާރީޚުގައި އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި، 28 އޮގަސްޓް 2014 ގެ ތާރީޚުގައި އެ ލިޔުމުގައި ސޮއިކޮށްފައިވާ އަނެއް ތިން މީހުން ތިބީ މާލޭގައި ކަމަށާއި، އެހެންކަމުން އެދުވަހު އެ ލިޔުމުގައި ސޮއިކުރުމުގެ ފުރުސަތެއް އޭނާއަށް ނޯންނާނޭ ކަމަށާއި، އަދި ލިޔުމުގައިވަނީ އޭނާގެ ސޮއި ނޫންކަމަށާއި، އެ ލިޔުމުގައި އޭނާގެ ނަމުގައިކޮށްފައިވާ ސޮޔަކީ އެހެން ފަރާތަކުން ފޯޖްކޮށްފައިވާ ސޮއެއް ކަމަށެވެ.

9މި ލިޔުމުގައި ޢަބްދުﷲ ޢަޒީޒުގެ ފިންގަރޕްރިންޓް ޖަހައި ސޮއިކޮށްފައިނުވާނޭ ކަމަށް އޭނާ ސިވިލް ކޯޓުގައި ބުނުމުން އެ ލިޔުމުގައި އޮތް އޭނާގެ ފިންގަރޕްރިންޓާއި ސޮއި ސައްހަތޯ ބަލައިދިނުމަށް އެދި ސިވިލް ކޯޓުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާފައިވާ ފިންގަރޕްރިންޓް އެނެލިސިސް ރިޕޯޓުގައި ނިންމާފައިވަނީ އެއީ ޢަބްދުﷲ ޢަޒީޒުގެ ފިންގަރޕްރިންޓު ކަމަށެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑޮކިއުމެންޓް އެނެލިސިސް ރިޕޯޓުގައި ބަޔާންކޮށްފައިވަނީ ޢަބްދުﷲ ޢަޒީޒުގެ ނަމުގައި ކޮށްފައިވާ ސޮޔަކީ ސިމިއުލޭޓެޑް މެތަޑް ބޭނުންކޮށްގެން ފޯޖްކޮށްފައިވާ ސޮއެއް ކަމަށް ބެލެވޭ ކަމަށެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

10ސިވިލް ކޯޓުން ކަނޑައެޅީ ޝެއަރހޯލްޑަރުންގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެއެއްބަސްވުމުގެ 9 ވަނަ މާއްދާގެ (އޭ) ގައިވާ އިލްތިޒާމު 15 ދުވަހުގެ ތެރޭގައި ޢަބްދުﷲ ޢަޒީޒުގެ ފަރާތުން އަދާކުރުމަށް ސިވިލް ކޯޓުން އޭނާއަށް އަމުރުކޮށްފައި ވެއެވެ. ޝެއަރހޯލްޑަރުންގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އެއްބަސްވުމުގައިވާ ފިންގަރޑްރިންޓަކީ ޢަބްދުﷲ ޢަޒީޒުގެ ފިންގަރޕްރިންޓު ކަމަށް ފިންގަރޕްރިންޓު އެނެލިސިސް ރިޕޯޓުގައިވާތީވެ، އޭނާގެ ސޮޔަކީ ފޯޖްސޮއެއް ކަމަށް ޑޮކިއުމެންޓު އެނެލިސިސް ރިޕޯޓުގައި އޮތް ނަމަވެސް، ޑޮކިއުމެންޓު އެނެލިސިސް ރިޕޯޓަށް ވުރެ ފިންގަރޕްރިންޓް އެނެލިސިސް ރިޕޯޓުގެ ސައްހަކަމާއި އިތުބާރު ބޮޑުވާނެކަމަށް ކޯޓަށް ފެންނާތީ އާއި، އެއްބަސްވުމެއް ވުޖޫދުވުމަށްޓަކައި އެއްބަސްވުމުގައި ހިމެނޭ ބައިވެރިންކުރެ ބައިވެރިއަކު ރަށުގައި ނުވަތަ އެއް މަޖިލީހެއްގައި ނެތުމަކީ އެ މައްޗަށް ގުޅުވޭ އަދި ޝަރިއަތުން އެއަށް ބުރަދަން ދެވޭ ފަދަ ހެކިތަކެއް ނެތި އެ އެއްބަސްވުމުގައި އެފަރާތުންކޮށްފައިވާ ސޮއި ނުވަތަ ޖަހާފައިވާ އިނގިލީގެ ނިޝާން ނަފީކުރުމަށް ދަލާލަތުކުރާ ކަމެއް ނޫން ކަމަށް ވާތީ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު

11ސިވިލް ކޯޓުގެ ނަންބަރު 2145/Cv-C/2014 ޤަޟިއްޔާ ނިމުނު ގޮތާމެދު ހިތްހަމަނުޖެހިގެން، ޢަބްދުﷲ ޢަޒީޒުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ އިސްތިއުނާފުގެ މައްސަލަ ބަލާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/386 ގަޒިއްޔާގައެވެ. އިސްތިއުނާފުގެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އެގްރީމަންޓުގެ ބައިވެރިންގެ މެދުގައި ފުރިހަމަ އަދި ސައްހަ އެއްބަސްވުމެއް ނެތް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން، ސިވިލް ކޯޓުގެ ނަންބަރު 2145/Cv-C/2014 ގަޒިއްޔާގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފައި ވެއެވެ.

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބިނާކޮށްފައިވާ ސަބަބުތައް ތިރީގައި މިވަނީއެވެ. އެ ސަބަބުތަކަކީ:

(ހ) ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައި ޢަބްދު ﷲ ޢަޒީޒުގެ ނަމުގައިވާ ސޮޔަކީ ފޯޖުކޮށްފައިވާ ސޮއެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)/DER/2015/001 ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓުން އެނގެން އޮތުން.

(ނ) ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައިވާ އިނގިލީގެ ނިޝާނަކީ ޢަބްދުﷲ ޢަޒީޒުގެ ފިންގަރޕްރިންޓާ ދިމާވާ ސޮއެއް ކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު K(d)/FCR/2016/006 ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގައި ބުނެފައިވީ ނަމަވެސް، އެއެއްބަސުވުމުގައި ސޮއިކުރި ތާރީޚު ( 28 އޯގަސްޓު 2014) ގައި، ޢަބްދުﷲ ޢަޒީޒު ދިވެހިރާއްޖޭގައި ނޫޅޭކަން އޭނާގެ ޕާސްޕޯޓުން ސާބިތުވާތީއާއި ޢަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާން ނެގިދާނެފަދަ މަޙައްލެއްގައި ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތެއް ހުރިތޯ ބަލާއިރު، އަބްދުﷲ ޢަޒީޒުގެ ނަމުގައި ހިންގާ "ޑިލައިޓް" ފިހާރައިގެ އެންމެހައި ކަންކަން ބެލެހެއްޓުން އެ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ މުޙައްމަދު ޚާލިދާ ޙަވާލުކޮށްފައިވާކަން ސާބިތުވާތީއާއި، މުޙައްމަދު ޚާލިދަކީ، ޢަބްދުﷲ ޢަޒީޒުގެ ޅިޔަނެއްކަން ޢަބްދުﷲ ޢަޒީޒުގެ ބަހުން އެނގޭތީވެ، އެ ގުޅުމުގެ ސަބަބުން ޢަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާން އޮޅުވާލައިގެން މުޙައްމަދު ޙާލިދަށް ނެގުމުގެ ފުރުޞަތު އޮވެދާނެކަމަށް ގަބޫލުކުރެވޭކަން.

(ބ) އެގްރީމަންޓަކީ ވަކި ގޮތަކަށް އޮތުން ލާޒިމުވާ އެއްޗެއްނޫން ނަމަވެސް އެ އެއެގްރީމަންޓުގައި ވަކިގޮތަކަށް ފުރިހަމަކުރަންޖެހޭ ކަމެއްވާނަމަ އެކަމެއް ފުރިހަމަވާންޖެހޭނެތީއާއި، އެ ގޮތުން ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގައި ޢަބްދުﷲ ޢަޒީޒު ފިޔަވައި އެހެން ހުރިހާ މީހުން އެ އެއްބަސްވުމުގެ ކޮންމެ ސޮފްހާއެއްގައި ސޮއިކޮށްފައިވާއިރު ޢަބްދުﷲ ޢަޒީޒު އެގޮތަށް ކޮންމެ ސޮފްހާއެއްގައި ސޮއިކޮށްފައިނުވާތީވެ، އެ އެއްބަސްވުން ފުރިހަމަވާ ކަމަށް ނުފެނުން.

(ޅ) ޝެއަރހޯލަޑަރުންގެ އެއްބަސްވުން ޑްރާފްޓުކޮށްފައި އޮތީ ހެކިވެރިން ސޮއިކުރަންޖެހޭ ގޮތަށް ފަރުމާކޮށްފައި ކަމަށްވާއިރު، އެއްބަސްވުމުގައި ހެކިވެރިން ސޮއިކުރަން ޖެހޭގޮތަށް ހަދާފައި އޮތްބައި ފުރިހަމަނުކޮށް އޮތުމުން އެ ކޮންޓްރެކްޓު ފުރިހަމަނުވާކަމަށް ދަލާލަތުކޮށްދޭކަމަށް ފެނުން.

ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި ނުކުތާތައް

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ 2016/HC-A/386 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި، އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) ޝެއަރހޯލަޑަރުންގެ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަނޫން އެއްބަސްވުމެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވުން.

(ނ) އެގްރީމަންޓުގައި ޖަހާފައިވާ ޢަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާނަކީ މުޙައްމަދު ޚާލިދު އޮޅުވާލައިގެން ހޯދާފައިވާ އެއްޗެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، އެކަމަށް ބާރުދޭ ހެކި ގަރީނާ ނެތި، އަދި ދައުވާގެ ދަފްއު ސާބިތުކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމުގައިވުން.

(ނ) އެއްބަސްވުމާ އެއްގޮތަށް ޢަބްދުﷲ ޢަޒީޒު އަމަލުކުރިކަން ސާބިތުވާ ހެކި ހުރިއިރު އެ ހެކިތަކަށް ބުރަދަންދީފައި ނެތުން.

(ރ) ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގައި ސޮއިކުރީ މާލޭގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިފްތިރާޒުކޮށްފައިވަނީ، ވާގިއާތައް އިފްތިރާޒުކުރުމުގެ ހަމަތަކާ ޚިލާފަށް ކަމަށްވުން.

(ބ) ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުންޏެއްގެ ހިއްސާދާރުންގެ ހައިސިއްޔަތުން ކަމަށްވާތީވެ، އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅުމުގެ ހައިސިއްޔަތު ލިބޭނީ ކުންފުންޏަށް ކަމަށާއި އެއެއްބަސްވުމުގެ ބައިވެރިންނަށް އެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށް، ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ ގަޒިއްޔާއަށް ތަތުބީގު ކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުވުން، އަދި ޕްރިވިޓީ އޮފް ކޮންޓްރެކްޓުގެ އުސޫލާ ޚިލާފަށް ކަމުގައިވުން.

14މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ދައުވާކުރާ ފަރާތުގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ އިސްތިއުނާފްކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒުއާ ދެމެދުގައި ސައްހަ އެއްބަސްވުމެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ކަން އެނގެއެވެ. ދެންހުރި ނުކުތާތަކަކީ އެ މައިގަނޑު ނުކުތާއަށް ބާރުދިނުމުގެ ގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކެއްކަން އެނގެއެވެ. އެހެންކަމުން މައިގަނޑު އިސްތިއުނާފީ ނުކުތާއަށް ބާރުދިނުމުގެ ގޮތުން ފާހަގަކޮށްފައިވާ ނުކުތާތައްވެސް ބަލާފައިވަނީ އެއް ސުރުޚީ އެއްގެ ދަށުގައެވެ. އެހެންނަމަވެސް، ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުންޏެއްގެ ހިއްސާދާރުންގެ ހައިސިއްޔަތުން ކަމަށްވާތީވެ، އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅުމުގެ ހައިސިއްޔަތު ލިބޭނީ ކުންފުންޏަށް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކުރި ނުކުތާގެ މައްޗަށް ތިރީގައި ރިއާޔަތްކޮށްފައިވާނީ ވަކި ސުރުޚީއެއްގެ ދަށުގައެވެ. މައިގަނޑު އިސްތިއުނާފީ ނުކުތާ އާއި އެ ނުކުތާ ބިނާކޮށްފައިވާ ގޮތް

15އިސްވެ ބަޔާންކުރި ފަދައިން އިސްތިއުނާފުކުރާ ފަރާތްތަކުގެ އިސްތިއުނާފީ މައިގަނޑު ނުކުތާގައި ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒުއާ ދެމެދު ސައްހަ އެއްބަސްވުމެއް އެބައޮތް ކަމަށެވެ. މި ނުކުތާއާ މެދު އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒުއާ ދެމެދު ސައްހަ އެއްބަސްވުމެއް ނެތް ކަމަށެވެ. ޝެއަރހޯލަޑަރުންގެ އެއްބަސްވުމަކީ ސައްހަނޫން އެއްބަސްވުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ސަބަބުތައް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށް ޢަބްދުﷲ ޢަޒީޒު ބުނެފައިވާތީއާއި، އެގްރީމަންޓުގައި ލިޔެފައިވާ ތާރީޚުގައި ޢަބްދުﷲ ޢަޒީޒު ދިވެހިރާއްޖޭގައި އުޅެފައި ނެތްކަން ސާބިތުވާތީއާއި، އެ ލިޔުމުގައިވާ ސޮޔަކީ ފޯޖް ސޮއެއްކަމަށްވާތީއާއި، އެއެއްބަސްވުމުގައި ޖަހާފައިވާ ޢަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާނަކީ އޮޅުވާލައިގެން މުޙައްމަދު ޚާލިދު ޖަހާފައިވާ ސޮއެއް ކަމަށް ބެލެވޭ ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވޭތީ އާއި، އެ ލިޔުމުގެ ހުރިހާ ސަފްހާތަކެއްގައި ޢަބްދުﷲ ޢަޒީޒު ސޮއިކޮށްފައި ނުވާތީއާއި، އެ ލިޔުން ތައްޔާރުކޮށްފައިވަނީ ހެކިން ސޮއިކުރާ ގޮތަށް ކަމަށްވާތީވެ، ހެކިން އޭގައި ސޮއިކޮށްފައި ނުވާތީ ކަމަށެވެ.

16އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ، އެއްބަސްވުމުގައި އޮތް އަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާނުން އެ އެއްބަސްވުމަކީ އިސްތިއުނާފުކުރާ ފަރާތްތަކާއެކުގައި ޢަބްދުﷲ ޢަޒީޒު ވެފައިވާ އެއްބަސްވުމެއްކަން ސާބިތުވާ ކަމަށާއި، އެއްބަސްވުމުގައި ޖަހާފައިވަނީ ޢަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާންކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ތަހުލީލުން ސާބިތުވާ ކަމަށާއި، އެއްބަސްވުމުގައިވާ ސޮޔަކީ ޢަބްދުﷲ ޢަޒީޒުގެ ސޮޔާއި ތަފާތުކޮށް އޮތް ސޮއެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަހުލީލު ރިޕޯޓުގައި ބުނެފައިވީ ނަމަވެސް، އެ ސޮޔަކީ ޢަބްދުﷲ ޢަޒީޒުކޮށްފައިވާ ސޮއެއް ކަމަށާއި، އެ އެއްބަސްވުމަކީ ޢަބްދުﷲ ޢަޒީޒު ވެފައިވާ އެއްބަސްވުމެއްކަން އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓަށް ހުށަހެޅި ކިތާބީ ހެކިތައް ކަމަށްވާ އީމެއިލްތަކުންނާއި، ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށާއި، އެ އެއްބަސްވުމުގައިވާ ގޮތަށް އެއްބަސްވުމުގެ ބައިވެރިން އަމަލުކޮށްފައި އޮތުމުން، އެއެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނާބުނުމަށް އިތުރު ބާރު ލިބޭ ކަމަށެވެ.

17އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ކަންކަން އެ ގޮތަށް ހިނގާފައި ވުމުން، ޢަބްދުﷲ ޢަޒީޒުއާއެކު އެއްބަސްވުމެއް ވެވިފައިވާ ކަމަށް ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކިތަކަށް އިތުރު ބާރު ލިބޭ ކަމަށެވެ.

(ހ) އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ޑިލައިޓް ފިހާރައިގެ އެކައުންޓަށް ޖަމާކުރިކަން.

(ށ) އެއްބަސްވުމުގައި ލިޔެފައިވާ ގޮތަށް ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައި ސޮއިކުރި ހަތަރު ފަރާތުން އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނި އުފެއްދުމުގެ ލިޔެކިޔުންތަކުގައި ސޮއިކޮށް އެ ލިޔުންތައް ރަޖިސްޓްރާ އޮފް ކޮމެޕްނީޒް އަށް ހުށަހަޅައި އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނި ރަޖިސްޓަރީ ކުރިކަން.

(ނ) އެއްބަސްވުމުގައިވާ ގޮތަށް ފިހާރައިގައި ހުރި މުދަލާއި އެހެނިހެން މިލްކިއްޔާތު ކުންފުންޏަށް ބަދަލުކުރުމުގެ ގޮތުން އެތަކެތި އަގުމަގުކުރީ ޢަބްދުﷲ ޢަޒީޒުގެ އެނގުމާއި ފެނުމުގެ ތެރެއިން ކަމުގައިވުން. އަދި އޭނާގެ ބައިވެރިވުމާއި ރުހުންނެތި އެކަން ނުކުރެވޭނެކަން.

18އިސްތިއުނާފުކުރާ ފަރާތްތަކުން އިތުރަށް ބުނެފައިވަނީ، ދަށު ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުﷲ ޢަޒީޒުގެ މައިގަނޑު ދިފާއަކީ އެއްބަސްވުމުގައި ޖަހާފައިވާ ތާރީޚުކަމުގައިވާ 28 އޮގަސްޓް 2014 ގައި އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި، އެހެންކަމުން އެ އެއްބަސްވުމުގައި އެދުވަހު އޭނާއަށް ސޮއިކުރެވޭނެ ގޮތެއް ނޯންނާނެތީވެ، އެއެއްބަސްވުމުގައިވާ އޭނާގެ ސޮޔާއި އިނގިލީގެ ނިޝާނަކީ ފޯޖުކޮށްފައިވާ އެއްޗެއް ކަމަށާއި، އެހެންކަމުން އެއީ ސައްހަ އެއްބަސްވުމެއް ނޫންކަމަށެވެ. އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ އެއްބަސުވުމުގައި 28 އޮގަސްޓް 2014 ގެ ތާރީޚު ލިޔެފައި އޮތް ނަމަވެސް، އެ އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒު ސޮއިކޮށްފައިވަނީ ތައިލަންޑްގެ ބެންގްކޮކްގެ ޕަކާޑީ ހޮޓަލުގައި 5 ސެޕްޓެމްބަރު 2014 ގައި ކަމަށާއި، އެއްބަސްވުމުގެ ބައިވެރިން އެގްރީމަންޓުގައި ސޮއިކުރީ މާލޭގައި ތިބެގެންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ވިސްނިފައި އޮތީ އޮޅުމަކުން ކަމަށެވެ. މައިގަނޑު އިސްތިއުނާފީ ނުކުތާއަށް ޢަބްދުﷲ ޢަޒީޒު ދީފައިވާ ރައްދު

19އިސްތިއުނާފު ރައްދުވާ ފަރާތްކަމަށްވާ ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައިވަނީ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނޭ ކަމަށެވެ. އަދި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރީ 28 އޮގަސްޓް 2014 ގައި ކަމަށާއި، މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެއްބަސްވުމުގައި ސޮއިކުރީ ބޭންގްކޮކުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި އެފަރާތުން ދަށުކޯޓުގައި ދެއްކި ވާހަކައާއި މިހާރު ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކާ ތައާރަޒުވާ ކަމަށެވެ.

20މީގެ އިތުރުން ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައިވަނީ ދެފަރާތުން ބަދަލުކުރެވުނު ކަމަށް އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ހަވާލާދީފައިވާ އީމެއިލްތަކަކީ ކުރިން ދަށުކޯޓުގައި ދެއްކި ވާހަކަތަކެއް ނޫންކަމަށާއި، އެހެންކަމުން އެ ހެކިތަކަށް ސުޕްރީމް ކޯޓުން މިހާރު ރިއާޔަތް ނުކުރެވޭނެ ކަމަށެވެ.

21ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައިވަނީ ޢަބްދުލް ޢަޒީޒު އިނދެގެން އުޅެނީ އިސްތިއުނާފުކުރާ މީހުންގެ ތެރޭގައި ހިމެނޭ މުޙައްމަދު ޚާލިދުގެ ދައްތައަކާއި ކަމަށާއި، ޢަބްދުﷲ ޢަޒީޒު އަކީ ބަލި މީހަކަށް ވުމުން، ފަރުވާ ހޯދުމަށް ގިނައިން ދިރިއުޅެނީ މެލޭސިއާ އާއި ބޭންގްކޮކްގައި ކަމަށާއި، އެހެންކަމުން ފިހާރަ ހިންގުމުގެ ހުރިހާ ކަމަކާއި މާލޭގައި ހުންނަ ހުރިހާ ވިޔަފާރިއަކާއި، ފައިސާއާ ހަވާލުވެ ހުރިހާ ކަމެއް ކުރަނީ މުޙައްމަދު ޚާލިދު ކަމަށް ވުމުން، އޭނާގެ ނަމުގައި ސޮއި ފޯޖުކޮށް އޭނާގެ އިނގިލީގެ ނިޝާން އެ ލިޔުމުގައި އޮޅުވާލައިގެން ޖަހާފައިވަނީ މުޙައްމަދު ޚާލިދުކަމަށް ގަބޫލުކުރެވޭ ކަމަށާއި، މުޙައްމަދު ޚާލިދު އެކަންކޮށްފައިވަނީ، ޢަބްދުﷲ ޢަޒީޒުގެ ވިޔަފާރި ފުޅާކޮށްދިނުމުގެ ވާހަކަ ދައްކައިގެން އެ ވިޔަފާރިއަށް ވެރިވެގަތުމަށްޓަކައި ކަމަށެވެ.

22މީގެ އިތުރުން ކުންފުނި އުފެއްދި ތާރީޚަކީ 28 އޮގަސްޓް 2014 ކަމުގައިވާއިރު، އެ ތާރީޚުގައި ޢަބްދުﷲ ޢަޒީޒު ހުރީ ދިވެހިރާއްޖޭގައި ނޫންކަމަށާއި، ކުންފުނި އުފެއްދުމަށްޓަކައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހެޅި ލިޔުންތަކަކީވެސް ފޯޖުކޮށްގެން އުފައްދާފައިވާ ލިޔުންތަކެއް ކަމަށާއި، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅި ކަމަށާއި، އެ މައްސަލައިގައި ފުލުހުންގެ ނިންމުމަކީ އެއީ މުޙައްމަދު ޚާލިދު ފޯޖުކޮށްފައިވާ ލިޔުންތަކެއް ކަމަށާއި، އެހެން ކަމުން އެ މައްސަލައިގައި މުޙައްމަދު ޚާލިދުގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިނަމަވެސް، އެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފައިނުވާ ކަމަށެވެ. މީގެ އިތުރުން، ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައިވަނީ ކުންފުނި އުފެއްދި ލިޔުންތައް ފޯޖުކުރި މައްސަލަ ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އަށް ހުށަހެޅި ކަމަށާއި، އެކަމާމެދު އަދިވެސް ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ދެފަރާތުން މުއާމަލާތުކޮށްފައިވާ ގޮތުން އެއްބަސްވުމެއް އޮތްކަން ދޭހަކުރުން

23HN1HN2ޚާއްސަ ބާވަތެއްގެ ކޮންޓްރެކްޓެއް އޮންނަންވީ ގޮތް ގާނޫނެއްގައި ބަޔާންކޮށްފައި އޮންނަ ހާލަތުގައި ފިޔަވައި، ކޮންޓްރެކްޓަކީ ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫނެވެ. އެހެންކަމުން، ސަރީހަ ބަހުން ނުވަތަ ޒިމްނީ ގޮތުން ވެސް ކޮންޓްރެކްޓެއް އޮވެދާނެއެވެ. މި ދެ ގޮތުންކުރެ ކޮންމެ ގޮތަކަށް ކޮންޓްރެކްޓު އޮތަސް ފުދެއެވެ. ބޭނުންވަނީ ދެފަރާތުގެ އެއްބަސްވުމެވެ. ވީމާ، ކޮންޓްރެކްޓެއް ސައްހަވުމަށްޓަކައި، ކޮންޓްރެކްޓު ލިޔެ ސޮއިކޮށްފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. ދެފަރާތުން ކަންކުރާ ގޮތުންވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަމަށް ދޭހަކުރެވިދާނެއެވެ. ނަމަވެސް، އެއްބަސްވުމެއް އޮތް ކަމާމެދު ދެފަރާތުގެ ދެމެދުގައި ޚިލާފު އުފެދިގެން ފަނޑިޔާރުގެއަކަށް އައުމުން ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްތޯ ނުވަތަ ނެތްތޯ ކަނޑައެޅުމަކީ ކޮންމެ ފަހަރަކު ފަނޑިޔާރުންނަށް މާފަސޭހަ ކަމަކަށް ނުވެއެވެ. އެއްބަސްވުމުގެ ބައިވެރިންގެ އަމަލުތަކަށް ބަލާއިރު، އޭގެ ތެރެއިން ހުށަހެޅުމަކީ ކޮބައިކަމާއި ގަބޫލުކުރުމަކީ ކޮބައިކަމާއި ކޮންޓްރެކްޓު ވުޖޫދަށް އައި ވަގުތަކީ ކޮބައިކަން ވަކިވަކިން ފާހަގަކޮށް ރޮނގުއަޅައި އިންވަކިކުރުމަކީ ހުރިހާ މައްސަލަތަކުގައި އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ، ފޮތުގައި އޮންނަ ގޮތަށް ދެ ފަރާތުގެ ފިޔަވަޅުތައް ވަކި ތަރުތީބަކުން ފަރުވާތެރިކަމާއެކު އަޅައި، ފޮތުގައި އޮންނަ ގޮތާ ފައިހަމަކުރަމުން ކަންކަން ފުއްދަމުން ދެފަރާތުގެ އަމަލުތައް ފަށުއި ފޭރާމެއްހެން ވިޔަމުން ދިއުމަކީ މުއާމަލާތްކުރާ އެންމެހާ ފަރާތްތަކުން ކޮންމެ ފަހަރަކު އަމަލުކުރާ ގޮތް ކަމަށް ނުވާތީއެވެ. އަދި ވިޔަފާރީގެ އަމަލީ މައިދާނުގައި ކަންކަން ހުންނަ ގޮތަށް ބަލާއިރު، މުއާމަލާތްތައް ކުރުމުގައި އެގޮތަށް ކަންކަން ތަރުތީބުކޮށްގެން ކުރުމަކީ ކޮންމެ ފަހަރަކު ކުރެވޭނެ ކަމެއްވެސް ނޫނެވެ. ވީމާ، އެފަދަ ހާލަތްތަކުގައި، ފިގުހުވެރިން ވިދާޅުވަނީ ވަކިކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެ ގަރާރުވެފައިވާ ކަމަށް އެފަރާތްތަކުގެ އަމަލުތަކުން ދޭހަވާނަމަ، ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށް އިފްތިރާޒުކުރެވޭނެ ކަމަށެވެ. ވަކިކަމަކަށް ދެފަރާތުގެ ވިސްނުން އެއްގޮތްވެފައިވާކަން ދެފަރާތުގެ އަމަލުން އެނގި ސާބިތުވާން އޮތްނަމަ ދެފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައިވާ ކަމަށް ބެލިދާނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކުގައި ވެސް އެކަށައަޅާފައި ވެއެވެ.

24HN3ހުށަހެޅުމާއި ގަބޫލުކުރުން ފުރިހަމަވެ ޚަސްމުންގެ މެދުގައި ކޮންޓްރެކްޓެއް އުފެދުނުކަމާމެދު ސުވާލުއުފައްދާ މިފަދަ ހާލަތްތަކުގައި، އެއް ނިޔަތެއްގައި ދެ ފަރާތުން އަމަލުތަކެއް ކޮށް، ކޮންޓްރެކްޓަކަށް ދެފަރާތް ވާސިލުވެފައިވޭތޯ ބެލުމަށްޓަކައި ކޯޓުތަކުން ބޭނުންކުރަންވާނީ، ޝަރިއަތުގައި، ބޭރުފުށުން ކަންކަން ކަށަވަރުކުރުމަށް ފަނޑިޔާރުން ބޭނުންކުރާ މައުލޫއީ ޓެސްޓެވެ. އޭގެ މާނައަކީ، ގޮތެއް ކަނޑައެޅުމުގައި ކޯޓުން ބަލާނީ ޚަސްމުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށެވެ. އަދި ލިޔެފައިވާ ލިޔުންތަކަށެވެ. އަދި އެއިން ދޭހަކުރެވޭ ދޭހަކުރުންތަކަށެވެ. ދެފަރާތުގެ ހިތުގައި އޮތް އެއްޗެއް ކަމަށް ދެފަރާތުން ބުނާ އެއްޗަކަށް ކޯޓުން ނުބަލާނެއެވެ. މާނައަކީ، ކޮންޓްރެކްޓެއް އޮތްތޯ ބެލުމަށް ޣައިރުމައުލޫއީ ޓެސްޓެއް ބޭނުމެއް ނުކުރާނެއެވެ. މައުލޫއީ ޓެސްޓު ބޭނުންކުރުމުގެ ބޭނުމަކީ އެ ހާލަތުގައި ދެފަރާތުން ކަންކަން ކޮށްފައިވާ ގޮތަށާއި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ސަބަބުވެރި މީހެއްގެ ނަޒަރުގައި އެ ހާލަތުގައި ދެ ފަރާތުގެ ދެމެދުގައި ކޮންޓްރެކްޓެއް އުފެދިފައި އޮތްކަމަށް ގަބޫލުކުރެވޭތޯ ނުވަތަ ނޫންތޯ ބެލުމެވެ.

25HN4އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ގޮތަށް، ކޮންޓްރެކްޓެއް އޮތް ކަމަށް ދޭހަވާ ހާލަތުގައިވެސް ދެފަރާތުގެ އެއްބަސްވުމުގެ އަސާސީ ޝަރުތުތަކަކީ ކޮބައިކަން އެމީހުންގެ އަމަލުން، ނުވަތަ ދައްކާފައިވާ ވާހަކަތަކުން ނުވަތަ ލިޔެފައިވާ ލިޔުންތަކުން، ނުވަތަ އެނޫންވެސް ގޮތަކަށް ސާފުނުވާނަމަ، ސައްހަ ކޮންޓްރެކްޓެއް އޮތްކަމަށް ދޭހަނުކުރެވޭނެއެވެ. ހުށަހެޅިފައިހުރި ހެކިތައް 18 އޮގަސްޓް 2014 ގައި ބަދަލުކުރި އީމެއިލްތައް

2618 އޮގަސްޓް 2014 ދުވަހުގެ މިދ 4:01 ގައި ޢަބްދުﷲ ޢަޒީޒު އަށް މުޙައްމަދު ޚާލިދު ފޮނުވި އީމެއިލްއެއް ދަށު ކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހުށަހެޅިފައި ވެއެވެ. މި އީމެއިލް އަށް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ. އެ އީމެއިލްގައި މުޙައްމަދު ޚާލިދު ބުނެފައިވަނީ ޢަބްދުﷲ ޢަޒީޒުގެ އެދުމުގެ މަތިން އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރުއާ ބައްދަލުކޮށް ޑިލައިޓް ފިހާރައިގެ ވިޔަފާރި އަލަށް އުފެއްދޭ ކުންފުންޏަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދެކެވިއްޖެ ކަމަށާއި، އެމީހުންނާ އެކު ދެކެވުނު ވާހަކައިގެ ޚުލާސާއެއް އެ އީމެއިލްގައި ހިމަނާފައިވާ ކަމަށެވެ. އަދި އެގޮތުން އެފަރާތްތަކާއެކު ދެކެވުނު ވާހަކައިގެ ތެރޭގައި ޢަބްދުﷲ ޢަޒީޒު މަހު މުސާރައެއްގެ ގޮތުގައި ހޯދުމަށް އެދޭ 7000 ޑޮލަރުގެ އަދަދު މާބޮޑުކަމަށް ވާހަކަ ދެކެވުނު ކަމަށާއި، އެހެންކަމުން އެކަން މުރާޖައާކުރަންޖެހޭ ކަމަށާއި، ޑިރެކްޓަރުންގެ މުސާރަ ކަނޑައަޅަންވާނީ އަދާކުރާ މަސްއޫލިއްޔަތުގެ ނިސްބަތުން ކަމަށާއި، އަދި ބާކީ އޮންނަ އަދަދު ޑިވިޑެންޑުން އުނިކުރާގޮތަށް ހަމަޖައްސަން އެއްބަސްވެވުނު ކަމަށެވެ. މިގޮތުން އާ ކުންފުނި 30 އޮގަސްޓު 2014 ގެ ކުރިން އުފައްދަން އެއްބަސްވެފައިވާ ކަމަށް މުޙައްމަދު ޚާލިދު މި އީމެއިލްގައި ލިޔެފައިވެއެވެ. އަދި މި އީމެއިލް އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރުއަށް ކޮޕީ ކޮށްފައިވާތީވެ، އެ އީމެއިލްގައިވާ ކަންކަމަށް އުނިއިތުރެއް އޮތްތޯ އެ އެންމެން ކުރެން މުޙައްމަދު ޚާލިދު އަހާފައިވެއެވެ.

27ހަވާލާ ދެވުނު، މުޙައްމަދު ޚާލިދުގެ އީމެއިލްގެ ޖަވާބުގައި ޢަބްދުﷲ ޢަޒީޒު ހަމަ އެދުވަހުގެ މިދ 4:55 ގައި ފޮނުވި އީމެއިލްގައި ބުނެފައިވަނީ އެ އީމެއިލްގައިވާ ހުރިހާކަމަކަށް އޭނާ އެއްބަސްވާ ކަމަށާއި، މުޙައްމަދު ޚާލިދުގެ މަސައްކަތަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ހިނގަމުންދާ އޮގަސްޓް މަސް ނިމުމުގެ ކުރިން ކުންފުނި އުފައްދައި ނިންމުމަށް ޢަބްދުﷲ ޢަޒީޒު މުޙައްމަދު ޚާލިދުއަށް އަންގާފައި ވެއެވެ. އަދި އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރުގެ ކިބައިން އަވަހަށް ވިޔަފާރީގެ ތެރެއަށް ފައިސާ ލާންޖެހޭ ސަބަބު މި އީމެއިލްގައި ޢަބްދުﷲ ޢަޒީޒު ބަޔާންކޮށްފައި ވެއެވެ. މި އީމެއިލް އަށް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ.

19 އޮގަސްޓްގެ އީމެއިލް

28ޢަބްދުﷲ ޢަޒީޒު 18 އޮގަސްޓް 2014 ދުވަހުގެ މ ފ 4:55 ގައި ފޮނުވި އީމެއިލް އަށް ޙަވާލާދީ 19 އޮގަސްޓް 2014 ދުވަހު ހުރިހާ ފަރާތްތަކަށް މުޙައްމަދު ޚާލިދު ފޮނުވި އީމެއިލް ނިންމާލަމުން ބުނެފައިވަނީ ހަވާލާދޭ މުއާމަލާތާ ގުޅިގެން ހުރިހާ ފަރާތްތަކުން ތިބީ އެއްގަލަކަށް އަރައިކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ: “I hope we all are on the same page now, and if anyone has any concerns or issues to be discussed please raise now so that we can draft the MoU without any delay.” މި އީމެއިލްއަށް ވެސް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ.

ފައިސާ ޖަމާކުރިކަމުގެ ހެކި

29ޝައަރަހޯލްޑަރުންގެ އެއްބަސްވުމުގެ 9 ވަނަ މާއްދާގެ (ބީ) ގައިވާ ގޮތުގެ މަތިން އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަސީރުއާ ދެ މީހުންކުރެ ކޮންމެ މީހަކު ހިއްސާގަތުމަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ކޮންމެ މީހަކު ދައްކަން އެއްބަސްވެފައިވާ 800,000 ރުފިޔާ އެފަރާތްތަކުން ދައްކާފައިވާ ކަމުގެ ކިތާބީ ހެކި އިސްތިއުނާފުކުރާ ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހަޅާފައި ވެއެވެ. މި ކިތާބީ ހެކިތަކަށް ޢަބްދުﷲ ޢަޒީޒު އިއުތިރާފުވެފައިވެއެވެ. ނަމަވެސް ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައިވަނީ އެ ލިޔުންތަކުގައިވާ ފައިސާގެ ތެރޭގައި ޑިލައިޓް ފިހާރައިގެ ފައިސާ ހިމެނޭ ކަމަށެވެ. ޢަބްދުﷲ ޢަޒީޒުގެ ފަރާތުން މިހެން ބުނިކަމަށް ވިޔަސް ޢަބްދުﷲ ޢަޒީޒުއަށް އެކަން ސާބިތުކޮށްދެވިފައި ނުވެއެވެ.

ސޮއިކުރިތަން

30އެއްބަސުވުމުގައި 28 އޮގަސްޓް 2014 ގެ ތާރީޚު ލިޔެފައި އޮތް ނަމަވެސް، އެ އެއްބަސްވުމުގައި އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒު ސޮއިކޮށްފައިވަނީ ތައިލަންޑްގެ ބެންގްކޮކުގެ ޕަކާޑީ ހޮޓަލުގައި 5 ސެޕްޓެމްބަރު 2014 ގައި ކަމަށް ސާބިތުކޮށް ދިނުމުގެ ގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބޭންގްކޮކްއަށް ދަތުރުކޮށް އެފަރާތްތައް ތިބީ ބޭންގްކޮކުގައި ކަން ސާބިތުކުރުމަށް، އިސްތިއުނާފުކުރާ ފަރާތްތަކުން ކިތާބީ ހެކި ހުށަހަޅާފައި ވެއެވެ. މި ހެކިތަކަށް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ.

އިތުރު ކިތާބީ ހެކި

31އިސްތިއުނާފުކުރާ ފަރާތްތަކަށާއި ޢަބްދުﷲ ޢަޒީޒުއަށް 11 ސެޕްޓެމްބަރު 2014 ގައި އަޙްމަދު ނަސީރު ފޮނުވި އީމެއިލް އިން ކުންފުނީގެ ލޯގޯއާއި ސްޓޭމްޕްގެ ނަމޫނާއެއް ފޮނުވުމުން، އެ އީމެއިލްގެ ޖަވާބުގައި، ހަމައެދުވަހު ޢަބްދުﷲ ޢަޒީޒު ފޮނުވި އީމެއިލްގައި އެ ލޯގޯއާއި ސްޓޭމްޕް ތަންކޮޅެއް "ސިމްޕަލް" ކުރުމަށް ލަފާދީފައި ވެއެވެ. މި އީމެއިލް އަށް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ.

3211 ސެޕްޓެމްބަރު 2014 ގައި ޢަބްދުﷲ ޢަޒީޒު މުޙައްމަދު ޚާލިދުއަށް ފޮނުވި އީމެއިލްގައި، "ޗައިނާއަށް އެލްސީ ހުޅުވުމަށް" އަންގާފައިވެއެވެ. އެ އީމެއިލް ޢަބްދުﷲ ޢަޒީޒު، އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަސީރު އަށް ކޮޕީކޮށްފައި ވެއެވެ. މި އީމެއިލް އަށް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ.

3311 ސެޕްޓެމްބަރު 2014 ގައި މުޙައްމަދު ޚާލިދު ޢަބްދުﷲ ޢަޒީޒުއަށާއި، އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަސީރު އަށް ފޮނުވި އީމެއިލް އެއްގައި ބޭންކް އޮފް މޯލްޑިވްސް އިން 50,000 ޑޮލަރުގެ އެލްސީއެއް އެޕްރޫވްކޮށްފި ކަމަށާއި، އަދި ވަގުތުން އެލްސީ ހުޅުވަން ދައްކަންޖެހެނީ އޭގެ %50 ކަމުގައިވާ 25000 ޔޫއެސް ޑޮލަރުކަމަށް ބުނެފައި ވެއެވެ. އަދި އިބްރާހިމް ރަޝީދު ދައްކަންޖެހޭ 25,000 ޔޫއެސް ޑޮލަރު އަޒާކް ޕްރައިވެޓް ލިމިޓެޑް އިން ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރުމަށް އެއީމެއިލްގައި އެދިފައި ވެއެވެ. އަދި އެ އީމެއެއިލްގައި މުޙައްމަދު ޚާލިދު ޢަބްދުﷲ ޢަޒީޒުއަށް ލަފާދީފައިވަނީ ޗައިނާއަށް އިތުރު 50,000 ޔޫއެސް ޑޮލަރުގެ އެލްސީއެއް އެވަގުތު ހުޅުވަން ނުފެންނަ ކަމަށެވެ. މި އީމެއިލް އަށް ޢަބްދުﷲ ޢަޒީޒު އިންކާރުކޮށްފައި ނުވެއެވެ.

މުޙައްމަދު ޒިޔާދުގެ ހެކިބަސް

34މުޙައްމަދު ޒިޔާދުއަކީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ދަށުކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރި ހެއްކެކެވެ. މި ހެކިވެރިޔާ ސިވިލް ކޯޓަށް ދިން ބަޔާނުގައި ބުނެފައިވަނީ އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ހިއްސާދާރުންގެ ބައްދަލުވުމަކަށް އޭނާ ހާޒިރުވި ކަމަށާއި، އެ ބައްދަލުވުމުގައި ބޮޑަށް ވާހަކަ ދެކެވުނީ ކުންފުންޏެއް ހަދައި އެ ކުންފުނީގެ މައްސަލަތަކެއް ދިމާވެ ފައިސާ ހަވާލުކުރުމާބެހޭ ގޮތުން ކަމަށެވެ. އަދި އެ މީހުން ވާހަކަ ދެއްކީ އަޒާކް ޕްރައިވެޓް ލިމިޓެޑް އުވާލައި އެކުންފުނީގައި ހުރި ފައިސާ ހިއްސާދާރުންނަށް އަނބުރާ ހަވާލުކުރުމާ ބެހޭ ގޮތުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ލިކުއިޑޭޓަރަކު އައްޔަންކުރުމާބެހޭ ގޮތުންވެސް ވާހަކަ ދެއްކި ކަމަށެވެ. އަދި އެތަނުގައި އެފައިސާ އެބަހުރި ކަމަށް ވާހަކަ ދެކެވުނުކަމަށެވެ. އަދި އެފައިސާ އެމީހުންނަށް ހަވާލުކުރެވޭނެ ގޮތަކާމެދު ވާހަކަ ދެއްކި ކަމަށެވެ. އަދި ހިއްސާ ގަތުމަށްޓަކައި އެމީހުން ދެއްކި ފައިސާ އަނބުރާ ދޭނެ ކަމަށް ޢަބްދުﷲ ޢަޒީޒު ބުނިކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ. އަދި އެއްބަސްވީ ކުންފުނި އުވާލައި އެފައިސާ ބަހަން ކަމަށްވެސް ވެސް އޭނާ ބުނެފައި ވެއެވެ. ނަމަވެސް އެ ބައްދަލުވުމުގައި ހިތްހަމަ ނުޖެހުން އުފެދިގެން ދިޔައީ، އެ ފައިސާ އަނބުރާ ދޭއިރު އެ ފައިސާގެ މައްޗަށް ފައިދާލުމާ ބެހޭ ގޮތުން ކަމަށެވެ. އެއީ ހިއްސާދާރުންގެ ބައްދަލުވުމެއް ކަމަށާއި، ބައްދަލުވުމުގައި 4 ހިއްސާދާރުން ތިބިކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކައިން ޢަބްދުﷲ ޢަޒީޒު ފިޔަވައި އަނެއް ހިއްސާދާރުން ލާފައިވާ ފައިސާ ޑިލައިޓް ފިހާރައަށް ޚަރަދުކުރެވިފައިވާ ކަން އޭނާއަށް އެނގުނުކަމަށް ހެކިބަހުގައި ބުނެފައިވެއެވެ. އެދުވަހުގެ ޖަލްސާގައި ކުންފުނި އުވާލުމަށް 4 ހިއްސާދާރުން ވެސް އެއްބަސްވެފައިވާ ކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ. ހެކިވެރިޔާ ބުނެފައިވަނީ އެދުވަހުގެ ބައްދަލުވުމަށް އޭނާ ހާޒިރުވީ ގާނޫނީ ވަކީލު ޢަލީ އިބްރާހިމް ދައުވަތު ދީގެން ކަމަށާއި އެ ބައްދަލުވުމުގައި ޢަލީ އިބްރާހިމް ވެސް ބައިވެރިވި ކަމަށެވެ.

35އަތުގައި މިއޮތް މައްސަލައިގައި ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތް ކަމާމެދުގައި އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒުއާ ދެމެދުގައި ޚިލާފުއުފެދިފައި ވުމުންނާއި، ޝެއަރަހޯލްޑަރުންގެ އެއްބަސްވުމުގައި އޮތީ ޢަބްދުﷲ ޢަޒީޒުގެ ސޮއިކަމަށް އޭނާ އިންކާރުކޮށްފައިވާތީވެ، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްތޯ ބެލުމަށްޓަކައި ރުޖޫއަވާންޖެހެނީ ޚަސްމުން ކަންކަން ކޮށްފައިވާ ގޮތްތަކާއި، މި މައްސަލައިގައި ހުށަހެޅިފައިހުރި ކިތާބީ ހެކިތަކާއި، ހެކިންގެ ހެކިބަހުން ދޭހަވާ ގޮތަކީ ކޮބައިތޯ ބެލުމަށެވެ. އެ ހެކިތަކުން ދޭހަވާ ގޮތެއް ބަލައިގެން ނޫނީ ޝަރިއަތުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަށް ގޮތެއް ނުނިންމޭނެއެވެ. އެހެންކަމުން ތިރީގައި މި ބަލައިލަނީ ޚަސްމުންގެ މެދުގައި ކަންހިނގާފައިވާ ގޮތްކަމަށް ހުށަހެޅިފައިވާ ހެކިތަކުން ސާބިތުވާން އޮތްކަންކަމަށެވެ.

36އެގޮތުން، 18 އޮގަސްޓް 2014 ދުވަހުގެ މިދ 4:01 ގައި ޢަބްދުﷲ ޢަޒީޒު އަށް މުޙައްމަދު ޚާލިދުފޮނުވި އީމެއިލް އިން އެނގެނީ ޢަބްދުﷲ ޢަޒީޒުގެ އެދުމުގެ މަތިން މުޙައްމަދު ޚާލިދު، އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރުއާ ބައްދަލުކޮށް ޑިލައިޓް ފިހާރައިގެ ވިޔަފާރި އަލަށް އުފެއްދޭ ކުންފުންޏަކަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަ ދެއްކިކަމެވެ. އަދި ދެކެވުނު ވާހަކައިން ނިކުތް ނަތީޖާ މުޙައްމަދު ޚާލިދުގެ ފަރާތުން ޢަބްދުﷲ ޢަޒީޒުއަށް އެނގުމުން، މި މައްސަލައިގައި ހުށަހެޅި ވާހަކަ ދެކެވިފައިވާ ޝެއަރަހޯލްޑާޒް އެއްބަސްވުމުގައިވާ މުއާމަލާތަށް ޢަބްދުﷲ ޢަޒީޒު ރުހި ގަބޫލުވެ އެގޮތަށް ކުރިއަށް ގޮސް، ލިޔެކިޔުން ފުރިހަމަކޮށް އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނި 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އުފައްދައި ނިންމުމަށް ޢަބްދުﷲ ޢަޒީޒު މުޙައްމަދު ޚާލިދަށް އެންގިކަން ޢަބްދުﷲ ޢަޒީޒު ހަމަ އެދުވަހު މުޙައްމަދު ޚާލިދަށް ފޮނުވި އީމެއިލް އިން ކަށަވަރުކުރެވެއެވެ. އަދި ޚަސްމުން ބަދަލުކުރި އީމެއިލްތަކުގައި ޝެއަރަހޯލްޑާޒް އެއްބަސްވުމުގައި ހިމެނެންޖެހޭ އެންމެހައި ކަންކަމާއި ޝަރުތުތަކާއި، މައުލޫމާތުތައް ހުރިހާ ފަރާތްތަކާއެކު ހިއްސާކުރެވި އެކަންކަމަށް ހުރިހާ ޚަސްމުން ރުހުންދީ އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ވަކިން ޚާއްސަކޮށް، ޢަބްދުﷲ ޢަޒީޒު 18 އޮގަސްޓް 2014 ދުވަހުގެ މ ފ 4:55 ގައި ފޮނުވި އީމެއިލް އަށް ޙަވާލާދީ 19 އޮގަސްޓް 2014 ދުވަހު ހުރިހާ ފަރާތްތަކަށް މުޙައްމަދު ޚާލިދު ފޮނުވި އީމެއިލް ނިންމާލަމުން ހަވާލާދޭ މުއާމަލާތާ ގުޅިގެން ހުރިހާ ފަރާތްތަކުން ތިބީ އެއްގަލަކަށް އަރައިކަމަށް ގަބޫލުކުރާ ކަމަށް ބުނެފައިވުމުންނާއި، އެ އީމެއިލްތަކުން ހިއްސާކުރެވުނު ޑޮކިއުމެންޓުތަކަށާއި، ލިޔެކިޔުންތަކާއި، މާއްދާތަކަށް އެއްވެސް އުނިއިތުރެއް ގެންނަން އެދިފައި ނެތުމުންނާއި، އެއަށްފަހު އެ ލިޔެކިޔުންތަކަށް އެއްވެސް ފަރާތަކުން ބަދަލެއް ގެންނަން ހުށަހަޅާފައި ނެތުމުން، ހުރިހާ ފަރާތްތަކުގެ ވިސްނުން، އެފަރާތްތަކުން ކުރަން ބޭނުންވި މުއާމަލާތުގެ މައްޗަށް ގަރާރުވެ، އެންމެންގެ ވިސްނުން އެއްގޮތް ވެފައިވާކަން އެއްވެސް އޮޅުމެއް ނެތި އެ ލިޔުންތަކުން އެނގެއެވެ. އަދި ހުރިހާ ފަރާތްތަކުގެ ނިޔަތް އެއްގޮތްވެ ވަކި ނިޔަތެއްގައި ހުރިހާ ޚަސްމުން އެއް އަމާޒަކަށް މަސައްކަތް ކޮށްފައިވާކަން އެމީހުންގެ އަމަލުތަކުން ކަށަވަރުކުރެވެއެވެ. އެގޮތުން، އެއްބަސްވުމުގައިވާ ގޮތަށް، އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އެހާތަނަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކޮށްފައިވާކަން ކިތާބީ ހެކިތަކުން ސާބިތުވެއެވެ. އަދި އެލްސީ ހުޅުވުމާބެހޭގޮތުން، ބަދަލުކުރެވިފައިވާ އީމެއިލްތަކުން އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އަލަށް އުފެދޭ ކުންފުންޏަށް ފައިސާލަނީ އެއްބަސްވުމުގައިވާ ގޮތުގެ މަތީން އެންމެން އެކުގައި ވިޔަފާރިކުރުމަށްކަން އެނގެއެވެ. އަދި ކުންފުނީގެ ލޯގޯ އާއި ތައްގަނޑާބެހޭ ގޮތުން، ބަދަލުކުރެވިފައިވާ އީމެއިލްތަކުން، އެއް ނިޔަތުގައި އެންމެން ކުރިއަށް ދިޔަކަން ކަށަވަރުކުރެވެއެވެ. މި ބަޔާންކުރި ކަންކަން މިބުނި ގޮތަށް ހިނގާފައި އޮތުމުން، އަދި މުޙައްމަދު ޒިޔާދުގެ ހެކިބަހަށް ބަލާއިރު، މި މައްސަލައިގައި ހިމެނޭ ޚަސްމުން ގެ ހިއްސާ އެކުލެވޭގޮތަށް އަލަށް އުފެއްދޭ ކުންފުންޏަކަށް ޑިލައިޓް ފިހާރައިގެ ވިޔަފާރި ބަދަލުކޮށް، އަލުން އުފެއްދޭ ކުންފުނި އެގޮތުގެ މަތިން ހިންގުމަށް މި މައްސަލައިގެ ޚަސްމުން އެއްބަސްވެފައިވާކަން އެއްވެސް އޮޅުމެއް ނެތި ސާބިތުވެއެވެ. އަދި އަޒާކް ޕްރައިވެޓް ލިމިޓެޑް އުފައްދައި އެކުންފުނި ހަރަކާތްކުރުވާފައިވަނީ އެއެއްބަސްވުމާ އެއްގޮތަށްކަން ސާބިތުވެއެވެ.

37HN5އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައިގަނޑު ނުކުތާއަށް ބާރު ދިނުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި އިތުރު ނުކުތާތަކުގައި ބުނެފައިވަނީ؛ (1) އެގްރީމަންޓުގައި ޖަހާފައިވާ ޢަބްދުﷲ ޢަޒީޒުގެ އިނގިލީގެ ނިޝާނަކީ މުޙައްމަދު ޚާލިދު އޮޅުވާލައިގެން ހޯދާފައިވާ އެއްޗެއް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، އެކަމަށް ބާރުދޭ ހެކި ގަރީނާ ނެތި، އަދި ދައުވާގެ ދަފްއު ސާބިތުކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށާއި، (2) އެއްބަސްވުމާ އެއްގޮތަށް ޢަބްދުﷲ ޢަޒީޒު އަމަލުކުރިކަން ސާބިތުވާ ހެކި ހުރިއިރު އެ ހެކިތަކަށް ބުރަދަންދީފައި ނެތް ކަމަށާއި، (3) ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގައި ސޮއިކުރީ މާލޭގައި ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިފްތިރާޒުކޮށްފައިވަނީ، ވާގިއާތައް އިފްތިރާޒުކުރުމުގެ ހަމަތަކާ ޚިލާފަށް ކަމަށެވެ. އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ފަދައިން، ޚަސްމުންގެ މެދުގައި ހިއްސާދާރުންގެ އެއްބަސްވުމެއް އޮތްކަން ޚަސްމުންގެ އަމަލުތަކުން ދޭހަވާން އޮތުމުން، މި މައްސަލައިގައި ވާހަކަދެކެވޭ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގައި އޮތް ސޮޔާއި އިނގިލީގެ ނިޝާނުގެ ހަގީގަތާ ހަމައަށް ވަކީން ވާސިލުވުމަށްޓަކައި އެކަން ވަކީން ތަހުގީގުކުރުމުގެ ބޭނުމެއް ނެތެވެ. އެ ލިޔުމުގައި ލިޔެފައިވާ މުއާމަލާތުގެ މައްޗަށް ޚަސްމުންގެ މެދުގައި އެއްބަސްވުމެއް އޮތްކަން ޚަސްމުންގެ މެދުގައި ބަދަލުކުރެވިފައިވާ އީމެއިލްތަކުންނާއި މުޙައްމަދު ޒިޔާދުގެ ހެކިބަހުން ސާބިތުވާން އޮތުމުން ފުދެއެވެ. އަދި އެއްބަސްވުމުގެ އަސާސީ ޝަރުތުތަކަކީ ކޮބައިކަން އެނގެއެވެ. މި މުއާމަލާތް ފުރިހަމަކޮށް ނިންމުމަށް ބޭނުންވާ ކުންފުނި ޚަސްމުން އުފެއްދި ކަމާއި، ކުންފުނި އުފެއްދުމުގެ ލިޔުންތައް އީމެއިލްގެ ޒަރީއާއިން ބަދަލުކުރިކަމާއި، މި މުއާމަލާތް ފައިނަލް ކުރުމާ ބެހޭގޮތުން 2014 ވަނަ އަހަރު ސެޕްޓެމްބަރުމަހު ކުރީކޮޅު އިސްތިއުނާފުކުރާ ފަރާތްތަކުން ބެންގްކޮކްއަށް ގޮސް ޢަބްދުﷲ ޢަޒީޒުއާ ބައްދަލުކުރިކަން ހެކީގެ ގޮތުގައި ހުށަހެޅިފައިވާ އީމެއިލްތަކުން ސާފުކޮށް އެނގެއެވެ. އެއްބަސްވުމާ އެއްގޮތަށް ޢަބްދުﷲ ޢަޒީޒު އަމަލުކުރިކަން ސާބިތުވާ ހެކި ހުރިއިރު އެ ހެކިތަކަށް ހައިކޯޓުން ބުރަދަން ދީފައި ނުވާކަމަށް، ބުނާ ނުކުތާގައި ފާހަގަކުރެވުނީ އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހަޅާފައިވާ ފަދައިން އެފަރާތްތަކުން ހަވާލާ ދީފައިވާ ލިޔުންތަކަކީ ދަށުކޯޓަށްވެސް ހުށަހެޅިފައިވާ ލިޔުންތަކެއް ކަމަށްވާއިރު، އެ ލިޔުންތަކަށް ރިއާޔަތްކުރެވުނު ނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ހިއްސާދާރުންގެ އެއްބަސްވުމުގެ ދަށުން ދައުވާކުރުން

38އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައިގަނޑު ދެވަނަ ނުކުތާގައި ބުނެފައިވަނީ، ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުންޏެއްގެ ހިއްސާދާރުންގެ ހައިސިއްޔަތުން ކަމަށްވާތީވެ، އެ އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅުމުގެ ހައިސިއްޔަތު ލިބޭނީ ކުންފުންޏަށް ކަމަށާއި އެ އެއްބަސްވުމުގެ ބައިވެރިންނަށް އެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުމަކީ ކުންފުންޏާބެހޭ ގާނޫނުގެ 15 ވަނަ މާއްދާއާއި ޕްރިވިޓީ އޮފް ކޮންޓްރެކްޓް މަފްހޫމްއާ ޚިލާފަށް ކަމަށެވެ.

39ޢަބްދުﷲ ޢަޒީޒުގެ ފަރާތުން މި ނުކުތާގައި ބުނެފައިވަނީ ހިއްސާދާރުންގެ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ދަށުކޯޓުން އަމުރުކުރުމަކީ ކުންފުނީގެ ގާނޫނީ ޝަޚުސުގެ މަފްހޫމާ ޚިލާފުކަމެއް ކަމަށާއި، ކުންފުނީގެ ހިއްސާދާރުން ކުންފުނި ހިންގުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ ލިޔުމަކީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުކަމަށާއި، ހިއްސާދާރުންގެ އެއްބަސްވުމަށް އަމަލުކުރުމަށް ކޯޓުން އަމުރުކުރުމަކީ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ބިނާވެފައިވާ ގާނޫނީ މަބްދައުތަކާއި ފުށުއަރާކަމެއް ކަމަށް ދެކޭ ކަމަށާއި، އެހާލަތުގައި ކުންފުނި ހިންގުމުގެ ގާނޫނީ ދުސްތޫރުގެ ބޭނުން ކެނޑޭނޭ ކަމަށް ދެކޭ ކަމަށާއި، މި ބާވަތުގެ ހިއްސާދާރުންގެ އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް ކުންފުނީގެ ރުހުމެއްނެތި ކުންފުންޏެއްގެ ހައްގު ހޯދުމަށް ނުވަތަ ކުންފުނީގެ ހިއްސާގެ އަގު ހޯދުމަށް ދައުވާކުރަންޖެހޭނީ ސީދާ އެކުންފުނިން ކަމަށާއި ކުންފުނީގެ ފަރާތުން އެކުންފުނީގެ ހިއްސާދާރަކު އަނެއް ހިއްސާދާރެއްގެ މައްޗަށް ދައުވާކުރުމަކީ ކުންފުންޏާބެހޭ ގާނޫނީ އުސޫލުތަކުގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ އިސްތިއުނާފުކުރާ ފަރާތަކަކީ ކުންފުނީގެ އަޢުލަބިއްޔަތު އޮތް ހިއްސާދާރުން ކަމަށްވާތީވެ، އެ ހިއްސާދާރުންނަށް ކުންފުނީގެ ރަސްމީ ހައިސިއްޔަތުގެ ދަށުން ކުންފުނީގެ ފަރާތުން ދައުވާކުރުމުގެ ފުރުސަތު އޮތް އިރު ހިއްސާދާރުންގެ ހައިސިއްޔަތުން ފަރުދީގޮތުން ކުންފުނީގެ މުދާ ކުންފުންޏަށް ހޯދުމަށް މި ދައުވާ ނުކެރެވޭނެ ކަމަށް ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ބުނެފައި ވެއެވެ.

40ޢަބްދުﷲ ޢަޒީޒުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދުދެމުން އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތްތަކުން ދައުވާކޮށްފައިވަނީ، ކުންފުނީގެ މައްޗަށް އަމުރެއް ކޮށްދިނުން އެދި ނޫންކަމަށާއި، އެފަރާތްތަކުން ދައުވާކޮށްފައިވަނީ ހިއްސާދާރުންގެ މެދުގައިވާ ޝެއަރހޯލްޑަރސް އެއްބަސްވުމުގެ ދަށުން އެ އެއްބަސްވުމުގެ ބައިވެރިއަކު ކުރަންޖެހޭ ކަމެއް ނުކޮށްގެން ކަމަށްވާއިރު، އެއްބަސްވުމުގެ ބައިވެރިއެއްގެ ހައިސިއްޔަތުން އެ އެއްބަސްވުމުގެ އެހެން ބައިވެރިއެއްގެ މައްޗަށް މި ދައުވާކުރުމުގެ ބާރު ކޮންޓްރެކްޓާބެހޭ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ.

ހިއްސާދާރުންގެ އެއްބަސްވުން

41HN6ކޮންޓްރެކްޓު ކުރުމުގެ މިނިވަންކަމުގެ މަބްދައުގެ ދަށުން، ކޮންޓްރެކްޓު ކުރުމަށް ނިންމުމާއި، ކޮންޓްރެކްޓު ކުރާނޭ ފަރާތެއް ކަނޑައެޅުމާއި، ކޮންޓްރެކްޓުގެ ޝަރުތުތައް ކަނޑައެޅުމުގެ މިނިވަންކަން ފަރުދުންނަށާއި ގާނޫނީ ޝަޚްސުންނަށް ލިބިގެންވެއެވެ. ނަމަވެސް މި މިނިވަންކަމަކީ ގާނޫނުގެ އިމުގެ ތެރޭގައި ހިފެހެއްޓިފައިވާ މިނިވަން ކަމެކެވެ. ކޮންޓްރެކްޓު ކުރުމުގެ މިނިވަންކަމުގެ މަބްދައުގެ ދަށުން، ކުންފުންޏެއްގެ ހިއްސާދާރުންގެ މެދުގައި، ހައްގުތަކަކާއި ވާޖިބުތަކެއް އުފެއްދުމަށްޓަކައި އެއްބަސްވުމެއް ގާއިމުކުރުމަކީ ހިއްސާދާރުންނަށް ލިބިގެންވާ މިނިވަންކަމެކެވެ. ނަމަވެސް، ހިއްސާދާރުންގެ މެދުގައި ވެވޭ މިފަދަ އެއްބަސްވުމެއް ކުންފުންޏާބެހޭ ގާނޫނާ ޚިލާފުވާ ގޮތަށް ނުވަތަ އެނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދަކާ ޚިލާފަށް، ނުވަތަ މައިނޯރިޓީ ހިއްސާދާރުންގެ ހައްގުތައް ގެއްލޭގޮތަށް ނުހެދޭނެއެވެ.

42HN7މަތީގައި ބަޔާންކުރި ގޮތަށް ގާއިމްކުރެވޭ ހިއްސާދާރުންގެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނީ، އެހެން އެއްބަސްވުންތަކުގެ މައްޗަށް ވެސް ހިނގާ ކޮންޓްރެކްޓާބެހޭ އާއްމު ގާނޫނީ އުސޫލުތައް ކަމުގައިވާތީވެ، ހިއްސާދާރުންގެ އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅޭނީ އެ އެއްބަސްވުމުގެ ބައިވެރިއަކަށެވެ. އަދި ހިއްސާދާރުންގެ އެއްބަސްވުމުގެ ބައިވެރިއެއް ކަމަށް ނުވާ ފަރާތެއްގެ މައްޗަށް ވެސް އެ އެގްރީމަންޓު ތަންފީޒުނުކުރެވޭނެއެވެ. އާއްމު ގޮތެއްގައި ހިއްސާދާރުންގެ އެއްބަސްވުމުގެ ބައިވެރިއަކަށް ކުންފުނި ނުވާތީވެ، ކުންފުނީގެ މައްޗަށާއި އެއެއްބަސްވުމުގައި ބައިވެރިނުވާ ހިއްސާދާރުންނާއި މެނޭޖަރުންގެ މައްޗަށް ހިއްސާދާރުންގެ އެއްބަސްވުން ތަންފީޒުނުކުރެވޭނެއެވެ. މި ނޫން ގޮތަކަށް ހިއްސާދާރުންގެ އެއްބަސްވުމެއް ކުންފުނީގެ މައްޗަށް ނުވަތަ އެއެއްބަސްވުމުގެ ބައިވެރިނުވާ ފަރާތެއްގެ މައްޗަށް ތަންފީޒުކުރެވޭނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނަށް ބަދަލުގެނެސް އެ ގާނޫނުން އެކަން ހުއްދަކޮށްފި ހާލަތެއްގައި އެކަންޏެވެ.

43HN8ކުންފުނިތަކުގެ ކަންކަމުގެ މައްޗަށް ކަންކަން ކަނޑައަޅައި އިންތިޒާމުކުރާ މައިގަނޑު ގާނޫނަކީ ކުންފުންޏާބެހޭ ގާނޫނު ކަމުގައިވީ ނަމަވެސް، އަދި ކުންފުނީގެ ދުސްތޫރީ ލިޔުންތަކަކީ އެކުންފުންޏާއި ހިއްސާދާރުންނާއި، އަދި އެކުންފުންޏެއްގެ އެއް ހިއްސާދާރަކާ އެކުންފުނީގެ އެހެން ހިއްސާދާރުންގެ މެދުގައި ގާއިމުވެފައި އޮންނަ ގާނޫނީ ކޮންޓްރެކްޓެއް ކަމުގައިވީ ނަމަވެސް، ކުންފުންޏާބެހޭ ގާނޫނާއި ގަވާއިދުތަކާއި ކުންފުނީގެ ދުސްތޫރީ ލިޔުންތަކާއި ފުށުނާރާގޮތަށް، އެ ކުންފުނީގެ ހިއްސާދާރުންގެ ބައެއް ގުޅުންތައް އިންތިޒާމުކުރުމަށްޓަކައި ވަކި އެއްބަސްވުމެއް ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ގާއިމުކުރުމަކީ ކުންފުންޏާބެހޭ ގާނޫނު ނުވަތަ އެނޫންވެސް ގާނޫނެއް މަނާކުރާ ކަމެއް ނޫނެވެ. އަދި އެއީ ކުންފުންޏަށް ލިބިގެންވާ ވަކި ގާނޫނީ ޝަޚުސުގެ މަފްހޫމާ ފުށުއަރާ ކަމެއްވެސް ނޫނެވެ. ނަމަވެސް، ކުންފުނިތަކާބެހޭ ގިނަކަންކަން ކުންފުންޏާބެހޭ ގާނޫނާއި ގަވާއިދުގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތުމުން، ފަހަކަށް އައިސް ވިޔަފާރީގެ ދާއިރާގައި ކުރެވޭ މިފަދަ ހިއްސާދާރުންގެ އެއްބަސްވުންތަކުގެ ރިވެލި ހަނިވެފައިވާ ކަމަށް ގަބޫލުކުރެވެއެވެ. ހިއްސާދާރުންގެ އެއްބަސްވުންތަކުގެ ރިވެލި ހަނިވެފައިވީ ނަމަވެސް، އެފަދަ އެއްބަސްވުންތައް ހިއްސާދާރުން އުފައްދައި ބޭނުންކުރެއެވެ. އެއީ އެފަދަ އެއްބަސްވުންތަކުގެ ޒަރީއާއިން ވިޔަފާރީގެ މުހިންމު ބޭނުންތަކެއް ހާސިލުކުރެވޭތީއެވެ. އަދި ވިޔަފާރީގެ މުހިންމު މަގްސަދުތައް ހާސިލުކުރުމަށްޓަކައި ކުންފުނީގެ ހިއްސާދާރުންނަށް ލިބިގެންވާ ވޯޓުލުމުގެ ހައްގު، އެފަރާތްތަކުން ބޭނުންކުރާނެ ގޮތާބެހޭ ގޮތުން ހިއްސާދާރުންގެ މެދުގައި ވަކިގޮތަކަށް އެއްބަސްވުމަކީ ކުންފުނީގެ ދުސްތޫރީ ލިޔުންތަކާ ޚިލާފުވާ ކަމެއް ކަމަށް ނުވަތަ ފުށުއަރާ ހާލަތެއް ކަމަށް ނުބެލެވޭނެއެވެ.

44HN9ކުންފުންޏެއްގެ ހިއްސާދާރުންގެ އެއްބަސްވުންތަކުގެ މައްޗަށް ހިނގާނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ އާއްމު އުސޫލުތައް ކަމަށްވާތީ އާއި، އެ ކުންފުންޏަކީ، ހިއްސާދާރުންގެ އެއްބަސްވުމެއްގެ ބައިވެރިއަކަށް ނުވާނަމަ، ހިއްސާދާރުންގެ އެއްބަސްވުމުގެ ދަށުން ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަކަށް ނުލިބޭނެތީ އާއި، މި ގަޒިއްޔާގައި ވާހަކަދެކެވޭ ޝެއަރހޯލަޑަރުންގެ އެއްބަސްވުމުގެ ބައިވެރިއަކަށް އަޒާކް ޕްރައިވެޓް ލިމިޓެޑް ނުވާތީވެ، ހަވާލާދެވޭ އަޒާކް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރހޯލްޑަރުންގެ އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅުމުގެ ހައިސިއްޔަތު އަޒާކް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންނުވެއެވެ. އެހެންކަމުން، އަޒާކް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރހޯލްޑަރުންގެ އެއްބަސްވުން ތަންފީޒުކުރަން ހުށަހެޅޭނީ އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ކަމަށާއި އަޒާކް ޕްރައިވެޓް ލިމިޓެޑްގެ ޝެއަރހޯލްޑަރުންގެ އެއްބަސްވުމުގެ ބައިވެރިންނަށް، އެއެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ ބައިވެރިއެއް ކަމަށްވާ ޢަބްދުﷲ ޢަޒީޒުގެ މައްޗަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައި އޮތީ ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނާ ޚިލާފަށް ކަމަށް ދެކެމެވެ.

ހައްލުތައް

45މި މައްސަލައިގައި ދަށު ކޯޓުގައި އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރުމަށް ކޯޓުން އަމުރުކޮށް ދިނުމަށެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ މި މައްސަލައިގައި ޚަސްމުންގެ މެދުގައި އެއްބަސްވުމެއް އޮތް ކަމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް މި މައްސަލައިގައި ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 25 ވަނަ މާއްދާ އޮތް ގޮތުން ކޮންޓްރެކްޓާ އެއްގޮތަށް އަމަލުކުރުމުގެ އަމުރެއް ނެރެނުދެވޭނެ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުގެ މި ނުކުތާއާމެދު އިސްތިއުނާފުކުރާ ފަރާތްތަކުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ، އެފަރާތްތަކުން ޢަބްދުﷲ ޢަޒީޒުއަށް ދީފައިވާ ފައިސާ އަނބުރާ ދިނުމަށް ސުޕްރީމް ކޯޓުން މި މައްސަލައިގައި އަމުރުކުރުމުން ނުފުދޭނެ ކަމަށާއި، އޭގެ އިތުރަށް އެފައިސާ އެހާ ގިނަ ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތުގެ އަތުގައި ހުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ލިބުމަށްވެސް އެދޭ ކަމަށެވެ.

46މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒުއާ ދެމެދު އޮތް ތައާގުދީ ގުޅުން ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވާ ކަން މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހާޒިރުކުރެވުނު މުޙައްމަދު ޒިޔާދުގެ ހެކިބަހުންނާއި 30 ސެޕްޓެމްބަރު 2014 ގައި އިބްރާހިމް ރަޝީދުގެ ފަރާތުން ޢަބްދުﷲ ޢަޒީޒުއަށާއި، އަޙްމަދުނަސީރުއަށާއި، މުޙައްމަދު ޚާލިދުއަށް ފޮނުވާފައިވާ އީމެއިލްއިންނާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެއެވެ. މުޙައްމަދު ޒިޔާދު ސިވިލް ކޯޓަށް ދިން ހެކިބަހުގައި ބުނެފައިވަނީ އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ ހިއްސާދާރުންގެ ބައްދަލުވުމަކަށް އޭނާ ހާޒިރުވި ކަމަށާއި، އެ ބައްދަލުވުމުގައި ބޮޑަށް ވާހަކަ ދެކެވުނީ ކުންފުންޏެއް ހަދައި އެ ކުންފުނީގެ މައްސަލަތަކެއް ދިމާވެގެން ފައިސާ އަނބުރާ ހަވާލުކުރުމާބެހޭ ގޮތުން ކަމަށެވެ. އަދި އަޒާކް ޕްރައިވެޓް ލިމިޓެޑް އުވާލައި އެކުންފުނީގައި ހުރި ފައިސާ ހިއްސާދާރުންނަށް އަނބުރާ ހަވާލުކުރުމާ ބެހޭ ގޮތުން ވާހަކަ ދެކެވުނު ކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ. އަދި އެ ބައްދަލުވުމުގައި ލިކުއިޑޭޓަރަކު އައްޔަންކުރުމާބެހޭ ގޮތުންވެސް ވާހަކަ ދެއްކި ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެތަނުގައި އެފައިސާ އެބަހުރި ކަމަށާއި، އެފައިސާ އެމީހުންނަށް ހަވާލުކުރެވޭނެ ގޮތަކާމެދު ވާހަކަ ދެއްކި ކަމަށެވެ. އަދި އެމީހުން ހިއްސާ ގަތުމަށްޓަކައި ދެއްކި ފައިސާ އަނބުރާ ދޭނެ ކަމަށް ޢަބްދުﷲ ޢަޒީޒު ބުނިކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ. އަދި އެއްބަސްވީ ކުންފުނި އުވާލައި އެފައިސާ ބަހަން ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ހިތްހަމަ ނުޖެހުން އުފެދިގެން ދިޔައީ، އެ ފައިސާ އަނބުރާ ދޭއިރު އެ ފައިސާގެ މައްޗަށް ފައިދާލުމާ ބެހޭ ގޮތުން ކަމަށެވެ. އަދި އެދުވަހުގެ ޖަލްސާގައި ކުންފުނި އުވާލުމަށް 4 ހިއްސާދާރުން ވެސް އެއްބަސްވެފައިވާ ކަމަށް ހެކިވެރިޔާ ބުނެފައި ވެއެވެ. ހެކިވެރިޔާ ބުނެފައިވަނީ އެދުވަހުގެ ބައްދަލުވުމަށް އޭނާ ހާޒިރުވީ ގާނޫނީ ވަކީލު ޢަލީ އިބްރާހިމް ދައުވަތު ދީގެން ކަމަށާއި އެ ބައްދަލުވުމުގައި ޢަލީ އިބްރާހިމް ވެސް ބައިވެރިވި ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަބްދުﷲ ޢަޒީޒުގެ ފަރާތުންނާއި އިސްތިއުނާފުކުރާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުން އެނގެނީ މުޙައްމަދު ޒިޔާދު ގެ ހެކިބަހުގައި އެ ހަވާލާދޭ ހިއްސާދާރުންގެ ބައްދަލުވުން އޮތީ 22 ސެޕްޓެމްބަރު 2014 ގައި ކަމަށާއި، އެ ބައްދަލުވުމުގައި ކުންފުނި އުވާލުމަށްޓަކައި ލިކުއިޑޭޓަރަކު އައްޔަންކުރަން ވާހަކަ ދެކެވުނު ކަމަށާއި، އިސްތިއުނާފުކުރާ ފަރާތްތަކުން ދީފައިވާ ފައިސާ އަނބުރާ ދިނުމަށް ޢަބްދުﷲ ޢަޒީޒު އެއްބަސްވެފައިވާ ކަމެވެ. އަދި 30 ސެޕްޓެމްބަރު 2014 ގައި އިބްރާހިމް ރަޝީދު ގެ ފަރާތުން ޢަބްދުﷲ ޢަޒީޒުއަށާއި، އަޙްމަދުނަސީރުއަށާއި، މުޙައްމަދު ޚާލިދުއަށް ފޮނުވާފައިވާ އީމެއިލްއިން އިސްތިއުނާފުކުރާ ފަރާތްތަކުން އެގޮތް ގަބޫލުކޮށް ފައިސާ ލިބިގަތުމަށް އެދިފައިވާކަން އެނގެއެވެ.

47HN10އިސްވެދިޔަ ގޮތަށް ކަން ހިނގައި، އެއެއްބަސްވުން ރޫޅާލުމަށް މި މައްސަލައިގެ ޚަސްމުން އެއްބަސްވެފައިވާކަން ހެކިތަކުން އެނގެން އޮތުމުން، ޢަމަލުކުރަން އަންގާނެ އެއްބަސްވުމެއް ޚަސްމުންގެ މެދުގައި މިހާރު ނެތެވެ. އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުން ރުޅާލުމާ ހިސާބަށް (22 ސެޕްޓެމްބަރު 2014 އާ ހަމައަށް) އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އެއެއްބަސްވުމުގެ ދަށުން ޢަބްދުﷲ ޢަޒީޒުގެ އަމިއްލަ ވިޔަފާރިއަށް ޖަމާކޮށްފައިވާ ފައިސާ އިސްތިއުނާފުކުރާ ފަރާތްތަކަށް އަނބުރާ ދޭން ޢަބްދުﷲ ޢަޒީޒުގެ މައްޗަށް ލާޒިމުވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އަޒާކް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ޢަބްދުﷲ ޢަޒީޒުގެ ވިޔަފާރީގައި ހިމަނާފައިވާނަމަ އެފައިސާ ވެސް ޢަބްދުﷲ ޢަޒީޒުގެ ފަރާތުން އިސްތިއުނާފުކުރާ ފަރާތްތަކަށް އަނބުރާ ދޭން ޢަބްދުﷲ ޢަޒީޒުގެ މައްޗަށް ލާޒިމުވެއެވެ. އަޒާކް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ ޢަބްދުﷲ ޢަޒީޒުގެ ފަރާތުން އޭނާގެ އަމިއްލަ ވިޔަފާރީގެ ތެރޭގައި ބޭނުންކޮށްފިނަމަ އެފައިސާ އަށް ޢަބްދުﷲ ޢަޒީޒު ޝަޚްސީގޮތުން ޒިއްމާވާންޖެހެނީ މި ކޯޓުން ކުރިން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ގަޒިއްޔާގެ ޕެރެގްރާފު 41 ން 43 އަށް ހުރި ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިވާ ޒިމްނީ ޓްރަސްޓުގެ މަބްދައުގެ ދަށުންނެވެ. އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު އެ އެއްބަސްވުމުގެ ދަށުން ދައްކާފައިވާ އެއްވެސް ފައިސާއެއް ޢަބްދުﷲ ޢަޒީޒުގެ ވިޔަފާރީގައި ބޭނުންކޮށް ދައުރުކޮށް ފައިދާ ހޯދާފައިވާނަމަ، އެއީ ޢަބްދުﷲ ޢަޒީޒުއަށް ލިބޭ ނުހައްގު މުއްސަނދިކަމަކަށް ވާނޭތީވެ، އެފައިދާ ހޯދަން ދައުވާކުރުމަކީ އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރުގެ ހައްގެކެވެ.

ނިންމަން ފެންނަ ގޮތް

48މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން،

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/386 ގަޒިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 2145/CV-C/2014 ގަޒިއްޔާ ބާތިލުކޮށް، އިސްތިއުނާފުކުރާ ފަރާތްތަކާއި ޢަބްދުﷲ ޢަޒީޒުއާ ދެމެދު އެކުގައި ކުންފުންޏެއް އުފައްދައިގެން، އެކުންފުންޏަށް ޢަބްދުﷲ ޢަޒީޒު ޑިލައިޓް ފިހާރައިގެ ނަމުގައި ކުރަމުން ގެންދިޔަ ވިޔަފާރި ބަދަލުކޮށްގެން ވިޔަފާރި ކުރުމަށްޓަކައި އެ ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ކުރެވުނު ކަމާއި އެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުންކުރެ އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު 1,554,192/- ރ ( އެއް މިލިއަން ފަސްލައްކަ ފަންސާސް ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ދީފައިވާކަމާއި، އެއަށްފަހު އެއެއްބަސްވުން އެފަރާތަކުން އަމިއްލަ ރުހުމުގައި ރޫޅާލާފައިވާކަން ސާބިތުވާކަމަށް ކަނޑައަޅަން ފެނެއެވެ؛ އަދި

(ރ) އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުންކުރެ އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު ދީފައިވާ -1,554,192 ރ ( އެއް މިލިއަން ފަސްލައްކަ ފަންސާސް ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ދެ ރުފިޔާ) އަނބުރާ ދިނުމަށް ޢަބްދުﷲ ޢަޒީޒުގެ މައްޗަށް އަމުރުކުރަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

49މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

50މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން، (1) ސ. ހިތަދޫ ޝަބްނަމްވިލާ އިބްރާހިމް ރަޝީދު އާއި، ސ. ހިތަދޫ ކެކްޓަސް އަޙްމަދު ނަޞީރުއާއި ސ. ހިތަދޫ ފިޔާތޮށިވިލާ މުޙައްމަދު ޚާލިދު އާއި ސ. ހިތަދޫ، ޑޭޒީފެހި، ޢަބްދުﷲ ޢަޒީޒު ގެ މެދުގައި ކުންފުންޏެއް އުފައްދައިގެން، އެކުންފުންޏަށް ޢަބްދުﷲ ޢަޒީޒު ޑިލައިޓް ފިހާރައިގެ ނަމުގައި ކުރަމުން ގެންދިޔަ ވިޔަފާރި ބަދަލުކޮށްގެން ވިޔަފާރި ކުރުމަށްޓަކައި މި އެންމެހައި ފަރާތްތަކުގެ މެދުގައި އެއްބަސްވުމެއް ކުރެވުނު ކަމާއި އެ އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުންކުރެ އިބްރާހިމް ރަޝީދު އާއި އަޙްމަދު ނަޞީރު -1,554,192 ރ ( އެއް މިލިއަން ފަސްލައްކަ ފަންސާސް ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ދެ ރުފިޔާ) ދީފައިވާކަމާއި، އެއަށްފަހު އެއެއްބަސްވުން އެފަރާތްތަކުގެ އަމިއްލަ ރުހުމުގައި ރޫޅާލާފައިވާކަން ސާބިތުވާކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. (2) އެއްބަސްވުމުގެ ދަށުން އިސްތިއުނާފުކުރާ ފަރާތްތަކުންކުރެ އިބްރާހިމް ރަސީދު އާއި އަޙްމަދު ނަޞީރު ދީފައިވާ -1,554,192 ރ ( އެއް މިލިއަން ފަސްލައްކަ ފަންސާސް ހަތަރުހާސް އެއްސަތޭކަ ނުވަދިހަ ދެ ރުފިޔާ)، މިއަދުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ޢަބްދުﷲ ޢަޒީޒުގެ މައްޗަށް އަމުރުކުރަމެވެ. (3) މި ގޮތަށް މި މައްސަލަ ނިމުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/386 ގަޒިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 2145/Cv-C/2014 ގަޒިއްޔާ ބާތިލުވެއްޖެ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ. މި ގަޒިއްޔާ ބަލައި ހުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ3 ދިވެހި ރައްޔިތެއްކަން އަންގައިދޭ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  4. ސްކޯޕް
  5. އިސްތިއުނާފުކުރާ ފަރާތްތަކުގެ ވަކީލް ނަދީމް އިބްރާހިމް ސުޕްރީމް ކޯޓުގައި 25 އޮގަސްޓް 2022 ވަނަ ދުވަހު އޮތް ޝަރިއަތުގެ މަޖިލީހުގައި ދެއްކި ވާހަކަ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު)
  • ޤާނޫނު ނަންބަރު 10/96 (ކުންފުންޏާބެހޭ ޤާނޫނު)
  • ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް (ޕެރ. 41-43)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ