ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އޭ.ޖީ. ވ. މުޙައްމަދު އަނީކް ޢާމިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2019/HC-A/213، 2019/HC-A/214، 1195/Cv-C/2018
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (1195/Cv-C/2018) ނިންމާފައިވަނީ 1،100،000 އެމެރިކާ ޑޮލަރު ނޫމަޑި އޭޖީއިން އެމްޓެލްއަށް ދައްކަން ޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. ދެފަރާތުން ކުރި އިސްތިއުނާފު އެކުއެކީ ބެލި ހައިކޯޓުން (2019/HC-A/213 އަދި 2019/HC-A/214) ނިންމާފައިވަނީ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމާއި މައްސަލައިގެ ވާޤިޢާ ކަށަވަރުކުރުމަށް މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށެވެ.
- ވާޤިޢާ
- ހއ. ދައްޕަރުގެ ލީޒްހޯލްޑް ޙައްޤުތައް ވިއްކުމަށް ގަންނާނެ ފަރާތެއް ހޯދައިދިނުމުގެ ބަދަލުގައި ނޫމަޑި އޭޖީއިން އެމްޓެލް ވެންޗަރސް ލިމިޓެޑްއަށް ބްރޯކަރޭޖް ފީ ދައްކާގޮތަށް 2012 ގައި އެއްބަސްވުމެއް ވެފައިވާއިރު، 2016 ގައި އެ އެއްބަސްވުމަށް އެޑެންޑަމްއެއް ގެނެވިފައިވެއެވެ. އެމްޓެލްގެ ބޯޑު ރިޒޮލިއުޝަނަކުން ބާރުތަކާއި ޙައްޤުތައް ލިބިފައިވާ ކަމަށް ބުނެ، ފީއާއި ޖޫރިމަނާ ހޯދުމަށް މުޙައްމަދު އަނީކް ޢާމިރު އޭނާގެ ނަމުގައި ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބޯޑު ރިޒޮލިއުޝަނަކުން ކުންފުންޏެއްގެ ޙައްޤުތައް ނަޤުލުކުރެވުނު ނުވަތަ ބާރުތައް ދެވުނު ފަރާތަކަށް، އެ ކުންފުންޏަށް އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ ފައިސާއަށް އަމިއްލަ ނަމުގައި ދަޢުވާކުރުމުގެ ޙައިޘިއްޔަތު ލިބޭތޯ، އަދި ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ކަށަވަރުކުރުމަށް މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުން ޤާނޫނީ އުޞޫލުތަކާ އެއްގޮތްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ނޫމަޑި އޭޖީއިން ބުނެފައިވަނީ، ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ސާބިތުކުރުމުގެ ބުރަ އޮތީ ރައްދުވާ ފަރާތުގެ މައްޗަށް ކަމަށާއި، ބައިވެރިންގެ ރުހުން ނެތި ކުރެވުނު ނޮވޭޝަނަކަށް ބާރުދީފައިވާ ކަމަށާއި، މައްސަލަ ތަޙްވީލުކުރުމުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބޭ ޢަދުލުވެރި ޝަރީޢަތުގެ ޙައްޤަށް އުނިކަން އަންނަ ކަމަށެވެ. މުޙައްމަދު އަނީކް ޢާމިރު ބުނެފައިވަނީ، ރިޒޮލިއުޝަން ދީފައިވާ އެމްޓެލްއިން ޝަކުވާއެއް ނުކުރާއިރު ނޫމަޑި އޭޖީއަށް އޭގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތް ކަމަށާއި، އެއްބަސްވުމުގެ ފައިދާ ލިބެންޖެހޭ ފަރާތަކީ އޭނާކަން ނޫމަޑި އޭޖީއިން ޤަބޫލުކޮށްފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، ބާރުތައް ދިނުމުގައި ޙައްޤުގެ ޙަޤީޤީ ނާޒިރަކީ ބާރުދޭ ފަރާތް ކަމަށާއި ޙައްޤު ނަޤުލުވުމުން ތިންވަނަ ފަރާތް ޙައްޤުގެ ވެރިފަރާތަކަށް ވާ ކަމަށާއި، ލޯ އޮފް ޕްރޮޕަރޓީ އެކްޓް 1925 ގެ 136 ވަނަ މާއްދާއަށް ބަލާއިރު ނަޤުލުކުރުން ތަންފީޛުވަނީ ދަރަނިވެރިޔާއަށް ނޯޓިސް ދިނުމުން ކަމަށާއި، ނޫމަޑި އޭޖީއަށް ނޯޓިސް ދީފައި ނުވާ ކަމަށެވެ. ބާރު ދިނުމެއްކަމުގައި ބެލިނަމަ ދަޢުވާ ހުށަހަޅަންޖެހެނީ އެމްޓެލްގެ ނަމުގައި ކަމަށާއި، ޒިންމާތައް ބަދަލުކުރުމަށް ބައިވެރިންގެ ރުހުމާއެކު އާ އެއްބަސްވުމެއް (ނޮވޭޝަން) ވެފައި ނުވާ ކަމަށާއި، އެމްޓެލްގެ ޤާނޫނީ ޝަޚްޞިއްޔަތު ސާބިތުކުރާ ހެއްކެއް ސިވިލް ކޯޓަށް ހުށަހެޅިފައި ނުވާ ކަމަށެވެ. ރައްދުވާ ފަރާތަށް އިތުރު ފުރުޞަތު ދިނުމަކީ ޢަދުލުވެރި ޝަރީޢަތަށް ހުރަސްއަޅާ ކަމަކަށްވާތީ ތަޙްވީލުކުރުން ރަނގަޅު ނޫން ކަމަށް ބުނެ، މި ދަޢުވާއަކީ މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ކަނޑައަޅައި، ސިވިލް ކޯޓާއި ހައިކޯޓުގެ ޙުކުމްތައް ބާޠިލުކޮށްފައިވެއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނީ ގޮތުން ބާރުތައް ދިނުމުންނާއި، ޙައްޤުތައް ނަޤުލުވުމުން އޭގެން ނިކުންނާނީ ވަރަށް ތަފާތު ދެ ނަތީޖާއެކެވެ. ބާރުތަކެއް ތިންވަނަ ފަރާތަކަށް ދޭނަމަ އެ ބާރުތައް ބޭނުންކޮށްގެން ޙިމާޔަތްކުރެވޭ ޙައްޤުގެ ޙަޤީޤީ ނާޒިރަކީ ބާރުތައް ދޭ ފަރާތެވެ. އެއާ ޚިލާފަށް ޙައްޤެއް ތިންވަނަ ފަރާތަކަށް ނަޤުލުވެއްޖެނަމަ، އެ ޙައްޤުތަކުގެ ވެރި ފަރާތްކަމުގައި ތިންވަނަ ފަރާތް ވެގެންދެއެވެ.
HN2 ޙައްޤުތައް ނަޤުލުކުރުމަށް ކުރެވޭ އެއްބަސްވުން ނުވަތަ އެސައިންމަންޓް އެގްރީމަންޓް ޞައްޙަވުމުގެ ޝަރުޠުތައް ސީދާ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނެއްގައި ބަޔާންވެފައި ނުވެއެވެ. މި މާއްދާއަށް ބަލާއިރު ޙައްޤުތައް ނަޤުލުކުރެވިއްޖެނަމަ އެ މުޢާމަލާތު ތަންފީޛުކުރެވިގެންދަނީ، ނަޤުލުކުރާ ފަރާތުން ޙައްޤު ދޫކޮށްލައިފިކަމުގެ ނޯޓިސް ދަރަނިވެރިޔާއަށް ނުވަތަ އަމާނާތްތެރިޔާއަށް ނުވަތަ އެ ޙައްޤެއް އޭނާގެ ކިބައިން ހޯދުމުގެ އިޚްތިޔާރު އޮތް ފަރާތަކަށް ދިނުމުންނެވެ.
HN3 ދެ ފަރާތު ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެސައިން ކުރެވޭނީ އެއްބަސްވުމުގެ ދަށުން ލިބޭ މަންފާއެއް ކަމަށާއި، އެއްބަސްވުމުގެ ދަށުން އުފެދޭ އިލްތިޒާމްތައް ތިންވަނަ ފަރާތަކަށް ބަދަލުކުރާނަމަ އެއްބަސްވުން އޭގެ ޒާތުގައި ވާނީ ނޮވޭޝަންއަކަށް ކަމަށް، ސުޕްރީމް ކޯޓުގެ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ވެއެވެ.
HN4 ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށާއި، ޤާނޫނީ ވަކީލުން ޢައްޔަންކުރުމަށް ނިންމާ ނިންމުންތަކަކީ ކުންފުންޏެއްގެ އެތެރޭގެ ނިންމުންތަކެއް ކަމުގައިވާއިރު، ނޫމަޑި އޭޖީ ހިމެނޭހެން ހެދިފައިވާ އެއްބަސްވުމަކަށް ގެނެވޭ ބަދަލަކާ ގުޅިގެން އެކަން އެފަރާތުގެ ސަމާލުކަމަށް ނުގެންނަ ޙާލަތުގައި އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހުރަސްއެޅިގެން ދާނެއެވެ.
HN5 އެމްޓެލްގެ ރިޒޮލިއުޝަންއަކީ މުޙައްމަދު އަނީކް ޢާމިރުއަށް ބާރުތަކެއް ދިނުމުގެ ގޮތުން ތައްޔާރުކުރި ލިޔުމެއް ކަމުގައި ބަލާނަމަ، އެ ޙާލަތުގައި ކޯޓަށް ދަޢުވާ ހުށަހެޅޭނީ އެމްޓެލްގެ ނަމުގައިކަން ބާރުތައް ބަދަލުކުރުމުގެ މަފްހޫމަށް ރިޢާޔަތްކުރާއިރު އެނގެއެވެ.
HN6 ނޮވޭޝަންއަކީ ވުޖޫދުގައިވާ އެއްބަސްވުމެއްގެ ބަދަލުގައި އާ އެއްބަސްވުމެއް ހެދުމެވެ. މިގޮތުން ވުޖޫދުގައިވާ އެއްބަސްވުމުގެ ފުރަތަމަ ބައިވެރިޔާއާއި ދެވަނަ ބައިވެރިޔާގެ ބަދަލުގައި ފުރަތަމަ ބައިވެރިޔާއާއި ތިންވަނަ ފަރާތެއް އާ އެއްބަސްވުމަކަށް ވަދެއެވެ. އަދި އާ އެއްބަސްވުމަށް ވަންނަ ތިންވަނަ ފަރާތުން ފުރަތަމަ ވެވުނު އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާގެ ޙައްޤުތަކާއި ޒިންމާތަކާ ޙަވާލުވެއެވެ.
HN7 ނޮވޭޝަންގެ މި ތަޢުރީފަށް ބަލާއިރު، އާ އެއްބަސްވުން ވެވެނީ ފުރަތަމަ ވެވުނު އެއްބަސްވުމުގައި ބައިވެރިންގެ އިޖާބާ ޤަބޫލާ އެކުކަން އެނގެއެވެ.
HN8 ރިޒޮލިއުޝަނެއް އޮތުމަކީ، ނުވަތަ ޑިރެކްޓަރުން ތިބުމަކީ، ނުވަތަ ހަމައެކަނި ޚަސްމުން ބުނާ ބަހަކީ ޝަރުޢީ ކޯޓެއްގައި ޤާނޫނީ ޝަޚްސިއްޔަތު ސާބިތުކޮށްދެވޭ މިންވަރުގެ ކާފީ ހެކިތަކެއް ނޫނެވެ.
HN9 ބަހުސްގެ ބޭނުމަށް މިކަމާ ގުޅިގެން މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ހުށަހަޅާނެ އިތުރު ހުށަހެޅުމެށް ވާނަމަވެސް، އެފަދަ ހުށަހެޅުމަކަށް މަގު ހުޅުވާލުމަކީ އިންސާފުން ކުރެވޭ ޝަރީޢަތަކަށް ހުރަސްއެޅި، އިސްތިއުނާފުކުރާ ނޫމަޑި އޭޖީގެ ޙައްޤުތަކަށް އުނިކަން އަންނާނެފަދަ ފުރުޞަތަކަށްވާނެ ކަމަށް ދެކެމެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ނަޞީރު މުޙައްމަދު، ލީގަލް އެއިޑް ލ.ލ.ޕ
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރަފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/213 އަދި ނަންބަރު 2019/HC-A/214 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް އަންސްޓަލްޓް (މީގެ ފަހުން "ނޫމަޑި އޭޖީ" ކަމަށް ބުނެފައިވާ ފަރާތުން) ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު އަނީކް ޢާމިރު (މީގެ ފަހުން "މުޙައްމަދު އަނީކް ޢާމިރު" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
2މި މައްސަލައިގައި ހިމެނެނީ 21 ނޮވެންބަރު 2012 ގައި ހެދިފައިވާ "އެގްރީމަންޓް ފޯރ ދަ ބްރޯކަރޭޖް ކޮމިޝަން އޮން ދަ ސޭލް އޮފް ލީޒްހޯލްޑް އޮފް ދައްޕަރު" (މީގެފަހުން "ބްރޯކަރޭޒް އެއްބަސްވުން" ކަމަށް ބުނެފައިވާ) އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ބައިވެރިން ކަމުގައި އެއްބަސްވުމުގެ ތިންވަނަ ޞަފްޙާއިން ފެންނަން އޮތީ، އެމްޓެލް ވެންޗަރސް ލިމިޓެޑް (މީގެފަހުން "އެމްޓެލް" ކަމަށް ބުނެފައިވާ ފަރާތް) އާއި ނޫމަޑި އޭޖީ އާއި ސަން އޯޝަން ޕްރައިވެޓް ލިމިޓެޑް އަދި ރާޖެޝް ވެންޗަރސް ޕްރައިވެޓް ލިމިޓެޑްއެވެ. މީގެ ތެރެއިން އެމްޓެލް އަކީ، ހުށަހެޅިފައިމިވާ މައްސަލައިގެ އިސްތިއުނާފު ރައްދުވާ މުޙައްމަދު އަނީކް ޢާމިރުގެ މަޞްލަޙަތު އޮންނަ ކުންފުންޏެއް ކަމަށް މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބުނެއެވެ.
3އެއްބަސްވުމުގެ މަޤުޞަދު ކަމުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ބަޔާންކުރަނީ، ހއ. ދައްޕަރުގެ މައްޗަށް ދިވެހި ސަރުކާރުން ނޫމަޑި އޭޖީއަށް ލިބިދީފައިވާ ލީޒްހޯލްޑް ރައިޓްސް އެހެން ފަރާތަކަށް ވިއްކުމެވެ. އެއްބަސްވުން ވެފައިވަނީ، ލީޒްހޯލްޑް ރައިޓްސް ގަންނާނެ ފަރާތެއް އެމްޓެލް އިން ހޯދުމުން، ސަން އޯޝަން ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ނޫމަޑި އޭޖީއިން އެމްޓެލްއަށް ފައިސާ ދައްކާގޮތަށްކަން ދެ ފަރާތުގެ ވާހަކައިން އެނގެއެވެ. އެއްބަސްވުމުގެ ހަތަރުވަނަ ބައިވެރިޔާގެ އިލްތިޒާމެއް މި މައްސަލައިގެ ތެރެއިން އެއްވެސް ފަރާތަކުން ބަޔާންކޮށްދީފައި ނުވެއެވެ.
4ބްރޯކަރޭޖް އެއްބަސްވުމުގައިވާ ގޮތުން ނޫމަޑި އޭޖީގެ ފަރާތުން އެމްޓެލްއަށް ބްރޯކަރޭޖް ފީގެ ގޮތުގައި ދައްކަންޖެހެނީ ޖުމްލަ -$3،000،000 (ތިން މިލިއަށް އެމެރިކާ ޑޮލަރު)، 03 (ތިނެއް) އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. މިފައިސާ އެމްޓެލްއަށް ދައްކަންޖެހެނީ ސަން އޯޝަން ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށެވެ. އެއްބަސްވެފައިވާ ފަދައިން ފައިސާ ނުދައްކާނަމަ، 30 (ތިރީސް) ދުވަހުގެ ގްރޭސް ޕީރިއަޑްއަކަށްފަހު، ފައިސާ ނުދައްކާ އިތުރުވާ ކޮންމެ މަހަކަށް %1 (އެކެއް އިންސައްތަ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ނެގޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
5އެއްބަސްވުމުގެ ދަށުން އެއްވެސް ސަބަބަކާހުރެ ލީޒް ހޯލްޑް ރައިޓްސް ވިއްކާ ނުލެވިއްޖެނަމަ ބްރޯކަރޭޖް ފީ ދައްކަންނުޖެހި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެއްބަސްވެފައިވެއެވެ. އަދި އެއްބަސްވުން ދެމިއޮންނާނީ އެއްބަސްވުން ވެވުނު ތާރީޚުން ފެށިގެން އެއްބަސްވުމުގައިވާ ފައިސާ ދައްކައި ޚަލާޞްކުރުމާ ހަމައަށެވެ.
6ލީޒްހޯލްޑް ރައިޓްސް ގަނެވިއްކުމަށް އޭޔޫއާރް އޯވަރސީސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްއާއެކު ވެވުނު އެއްބަސްވުމެއް ބާޠިލްކުރެވުނުކަން 2 އޭޕްރިލް 2015 ގައި ނޫމަޑި އޭޖީއިން އެމްޓެލްއަށް އަންގާފައިވެއެވެ. ކަން މިހެން އޮއްވައި، 24 ޖަނަވަރީ 2016 ގައި ބްރޯކަރޭޖް އެއްބަސްވުމަށް އެޑެންޑަމްއެއް ގެނެވިފައިވެއެވެ. މިއީ ބިރުދެއްކުމުގެ ސަބަބުން ވެވުނު އެއްބަސްވުމެއްކަމުގައި ނޫމަޑި އޭޖީގެ ފަރާތުން ބުނެއެވެ. މިއެއްބަސްވުމުގެ މުއްދަތަކީ ނޫމަޑި އޭޖީގެ ފަރާތުން ފައިސާ ދައްކާ ޚަލާޞްކުރެވެންދެން ކަމުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
7ބްރޯކަރޭޖް އެއްބަސްވުމާ އެއްގޮތަށް ނޫމަޑި އޭޖީގެ ފަރާތުން ފައިސާ ނުދައްކާކަމަށާއި، ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ބުނެ، ޚިދުމަތުގެ އަގަށްވާ ފައިސާއާއި ޖޫރިމަނާ ފައިސާ ހޯދުމަށް އެދި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން 14 މާރޗް 2018 ގައި ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައިވެއެވެ. މިދަޢުވާ ރައްދުވެފައިވަނީ ނޫމަޑި އޭޖީ އާއި، ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްއާއި ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.
ސިވިލް ކޯޓުން ނިންމިގޮތް
8ސިވިލް ކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 1195/Cv-C/2018 ޤަޟިއްޔާއިންނެވެ. މި ޤަޟިއްޔާ ސިވިލް ކޯޓުގައި ހިންގާފައިވަނީ ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައެވެ.
9މި ޤަޟިއްޔާގައި އެ ކޯޓުން ޙުކުމްކޮށްފައިވަނީ ނޫމަޑި އޭޖީގެ ފަރާތުން އެމްޓެލްއަށް ފައިސާ ދައްކަން ޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށެވެ. މި ޙުކުމަށް އެ ކޯޓުން ވާޞިލުވުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްފައިވެއެވެ.
9.1- މި ދަޢުވާ މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި ހުށަހަޅާފައި އޮންނަ އޮތުމާމެދު ސުވާލު އުފައްދާފައިވީ ނަމަވެސް، މިނުކުތާއަކީ މައްސަލަ ރައްދުވާ ފަރާތެއް ނުވަތަ ފަރާތްތަކުގެ މަޞްލަޙަތު އޮތްކަމެއް ކަމުގައި ނުވެފައި، އެމްޓެލްގެ އެއްވެސް ހިއްސާދާރަކު މިކަމާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނެތުމުން، ދަޢުވާ ސިވިލް ކޯޓުގައި ބަލައި ކުރިއަށް ގެންދިއުން މަނާކުރާ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނުވާކަން؛
9.2- ދަޢުވާކުރާ ފަރާތުން އެއްބަސްވުމުގެ ދަށުން -$1،700،000 (އެއްމިލިއަށް ހަތްލައްކަ އެމެރިކާ ޑޮލަރު) ހޯދުމަށް އެދޭކަމަށާއި، މިފައިސާ ހިސާބުކުރެވުނު ގޮތް ފަހުގެ ތާރީޚެއްގައި ހުށަހަޅާނެކަމަށް ދަޢުވާކުރާ ފަރާތުން ބުނެފައިވީ ނަމަވެސް އެފަދަ ތަފްޞީލެއް ހުށަހަޅާފައިނުވާތީ ޖޫރިމަނާ ނަގައިދިނުމުގައި ޝަރީޢަތުން ޢަމަލުކުރާ ޢާންމު އުޞޫލަށް ރިޢާޔަތްކުރާއިރު، މިފައިސާއަކީ ޝަރީޢަތުން ނަގައިދެވޭނެ ފައިސާއެއް ނޫންކަން؛
9.3- އޭޔޫއާރު އޯވަރސީސް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް އާއި ނޫމަޑި އޭޖީއާ ދެމެދު ވެވުނު އެއްބަސްވުން ބާޠިލްކޮށްފައިވާކަން ނޫމަޑި އޭޖީގެ ފަރާތުން 2 އެޕްރީލް 2015 ގައި އަންގާފައިވުމުން، 21 ނޮވެންބަރު 2012 ގެ އެއްބަސްވުން ބާޠިލްވެފައިވާކަމަށް ނޫމަޑި އޭޖީގެ ފަރާތުން ބުނި ނަމަވެސް، 24 ޖަނަވަރީ 2016 ގައި ސޮއިކުރެވުނު އެޑެންޑަމްގެ 1 ވަނަ މާއްދާއިން ޕޭމެންޓް ޓަރމްސްއަށާއި، 6 ވަނަ މާއްދާއިން ޑިއުރޭޝަންއަށް އިޞްލާޙް ގެނެސް، އޭގެ ދަށުން ޤާނޫނީގޮތުން ބަނދެވިގަތްކަން އެނގެން އޮންނަކަމާއި، އެޑެންޑަމްގައި ވާގޮތުން ނޫމަޑި އޭޖީގެ ފަރާތުން ދައްކަންޖެހި ނުދެއްކިވާ ފައިސާގެ ޢަދަދަކީ -$1,800,000 (އެއްމިލިއަން އަށްލައްކަ އެމެރިކާ ޑޮލަރު) ކަމަށް ދެ ފަރާތުން އެއްބަސްވެފައިވުމުން، 24 ޖަނަވަރީ 2016 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ ޢަދަދާމެދު ސުވާލު އުފެދިފައި ނުވާކަން.
10އެހެންކަމުން ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން -$1,100,000 (އެއް މިލިއަން އެއްލައްކަ އެމެރިކާ ޑޮލަރު) އަކީ ނޫމަޑި އޭޖީގެ ފަރާތުން އެމްޓެލްއަށް އަދާކުރަންޖެހި ފައިސާކަން މަދަނީ މިންގަނޑުން ސާބިތުވާތީ މިފައިސާ 24 ފެބުރުއަރީ 2019 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް ނޫމަޑި އޭޖީގެ މައްޗަށް އަމުރުކޮށް، ޙުކުމްކޮށްފައިވެއެވެ.
11ސިވިލް ކޯޓުގެ މި ޙުކުމް ނޫމަޑި އޭޖީގެ ފަރާތުންނާއި، މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ވަކިވަކީން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
12ނޫމަޑި އޭޖީގެ ފަރާތުން މުޙައްމަދު އަނީކް ޢާމިރުއަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/213 ޤަޟިއްޔާއިންނެވެ. އަދި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ނޫމަޑި އޭޖީއާއި ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސަސް ޕްރައިވެޓް ލިމިޓެޑް އާއި ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2019/HC-A/214 ޤަޟިއްޔާއިންނެވެ.
13މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މައިގަނޑު ތިން ކަމަކާ ގުޅިގެންނެވެ. އެއީ، 13.1- ނޫމަޑި ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އާއި ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މި ދަޢުވާ ރައްދު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމާއި، 13.2- އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ނަގައި ނުދެވޭނެކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމާއި، 13.3- ބްރޮކަރޭޖް އެއްބަސްވުމަށް ގެނެވުނު އެޑެންޑަމްގައި ސަން އޯޝަންގެ ފަރާތުން ސޮއިކޮށްފައި ނުވާއިރު، އެ އެއްބަސްވުން ޞައްޙަކަމުގައި ސިވިލް ކޯޓުން ނިންމި ނިންމުމެވެ.
14ނޫމަޑި އޭޖީ އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުގައި ފާހަގަކޮށްފައިވާ ކަންކަމަކީ، 14.1- މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި މި ދަޢުވާ ކުރުމުގެ ޙައިޘިއްޔަތު އޭނާއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވުމާއި، 14.2- ބްރޯކަރޭޖް އެއްބަސްވުމުގެ އެޑަންޑަމްގައި ސޮއިކުރެވިފައިވަނީ ބިރުދައްކައިގެން ކަމުގައި ބަޔާންކޮށް ނޫމަޑި އޭޖީއިން ހުށަހެޅި ދިފާޢު އަދި ހެކިތައް ބަލައިނުގަތުމަށް ސިވިލް ކޯޓުން ނިންމާފައިވުމާއި، 14.3- ނޫމަޑި އޭޖީ އަދި މުޙައްމަދު އަނީކް ޢާމިރުވެސް ޤަބޫލުނުކުރާ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވުމެވެ.
15ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑްއަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުނުކުރެވުމާ ގުޅިގެން، އިޢުލާންކުރުމުންވެސް އެފަރާތް ޙާޟިރުވެފައިނުވާތީ، މި ދެ ޤަޟިއްޔާ އެކުއެކީ ހައިކޯޓުގައި ހިންގާފައިވަނީ ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ޙާޟިރުގައެވެ.
16ހައިކޯޓަށް ހުށަހެޅުނު ދެ ޤަޟިއްޔާގައިވާ މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް އެ ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށެވެ.
16.1- ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ މުޙައްމަދު އަނީކް ޢާމިރުގެ މައްޗަށްކަމާއި، މިފަދައިން ދަށު ކޯޓުގައި ސާބިތުކޮށްދީފައިވާކަން އެނގެން ނެތް ކަމާއި، އެހެންކަމުން އެކަން ސާބިތުކުރުމުގެ ގޮތުން މުޙައްމަދު އަނީކް ޢާމިރުއާ ސުވާލުކޮށް ހެކި ހުށަހަޅަން ބޭނުންނަމަ އެފަދައިން ހެކި ހުށަހެޅުމުގެ ފުރުސަތުދީ، ދަށު ކޯޓުން ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމާމެދު ގޮތް ކަނޑައަޅަންޖެހޭކަމާއި، އަދި ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ސާބިތުކޮށްދެވިއްޖެނަމަ ބޯޑު ރިޒޮލިއުޝަންގެ ދަށުން މުޙައްމަދު އަނީކް ޢާމިރުއަށް ދީފައިވާ ޙައްޤުތަކާ ގުޅިގެން މި މައްސަލައިގައި ދަޢުވާކުރުމުގެ ޙައްޤު މުޙައްމަދު އަނީކް ޢާމިރުއަށް އޮތުމާމެދު ބަހުސެއް ނޯންނާނެކަން؛
16.2- ބޯޑު ރިޒޮލިއުޝަންގައި ބަޔާންވެފައިވަނީ އެމްޓެލްއަށް ބްރޯކަރޭޖް އެއްބަސްވުމާ ގުޅިގެން ލިބެންޖެހޭކަމަށް ޤަބޫލުކުރާ ފައިސާއާގުޅޭ ޒިންމާތަކާއި، ޙައްޤުތަކާއި، މަންފާތައް މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލުކޮށްފައިވާކަމާއި، އެހެންކަމުން ބޯޑު ރިޒޮލިއުޝަންގެ ދަށުން މުޢާމަލާތުގައި އެމްޓެލްއަށް އޮތް އެންމެހާ ޒިންމާތައް މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލުކުރެވިފައިވާކަން އެނގޭކަމުން، އެފަދައިން އެފައިސާއާ ގުޅޭ ޒިންމާތަކާއި ޙައްޤުތަކާއި މަންފާތައް މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލުނުކުރެވޭނެ ޤާނޫނީ ސަބަބެއް ނޫމަޑި އޭޖީއަށް ބުނެދެވިފައި ނުވާކަން؛
16.3- އެމްޓެލްއަކީ ދަށު ކޯޓުގެ ދަޢުވާގައި ހިމެނޭ ފަރާތެއް ނޫންކަމާއި، ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމަށް ބެލުމަށްފަހު އެމްޓެލްއަށް ފައިސާ ދެއްކުމަށް ޙުކުމްކޮށްފައިވަނީ އެއްވެސް ފަރާތަކުން ނޭދޭ ކަމެއްގައި ގޮތް ކަނޑަނޭޅުމުގެ އުޞޫލާ ޚިލާފަށް އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމާއި، ހއ. ދައްޕަރުގެ ލީޒްހޯލްޑް ޙައްޤުތައް ވިއްކާލެވުނުތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް މައްސަލައިގެ ޙުކުމަށް އަސަރުކުރާ ވާޤިޢާތައް ދަށު ކޯޓުން ކަށަވަރުކޮށްފައިވާކަން އެނގެން ނެތްކަމާއި، ޙައްޤުތައް ވިއްކާލުމަށްޓަކައި ވެވުނުކަމަށް އެމްޓެލްއިން ބުނާ އެއްބަސްވުމަކީ ދަށު ކޯޓަށް ހުށަހެޅުނު އެއްބަސްވުމެއްކަން އެނގެން ނެތްކަމާއި، އެހެންކަމުން އިސްތިއުނާފީ މަރުޙަލާގައި ގޮތް ކަނޑައެޅިދާނެ މިންވަރަށް ދަށު ކޯޓުން މައްސަލައިގެ ވާޤިޢާ ކަށަވަރުކޮށްފައި ނުވާކަން؛
17އެހެންކަމުން ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޤަޟިއްޔާގައި ހުށަހެޅުނު މައްސަލައިގެ ވާޤިޢާ ކަށަވަރުކޮށް، މިމައްސަލައިގައި ކަނޑައެޅުނު ތަރަހައިގެ ތެރޭގައި އަލުން ބެލުމަށްޓަކައި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް
18ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ނޫމަޑި އޭޖީގެ ފަރާތުންނެވެ. އެގޮތުން އިސްތިއުނާފީ ނުކުތާގެ ގޮތުގައި ނޫމަޑި އޭޖީގެ ފަރާތުން ތިން ނުކުތާ މި ކޯޓަށް ހުށަހަޅާފައިވެއެވެ.
18.1- ފުރަތަމަ ނުކުތާއަކީ، ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ސިވިލް ކޯޓަށް މައްސަލަ ތަޙްވީލުކުރަން ހައިކޯޓުން ނިންމި ނިންމުމަކީ ޝަރީޢަތްކުރުމުގެ ޢާންމު އުޞޫލުތަކާއި، ދަފްޢު ސާބިތުކުރުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ މައްސަލައިގައި ކަނޑައަޅާފައިވާ ކަނޑައެޅުންތަކާ ޚިލާފުކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
18.2- ދެވަނަ ނުކުތާއަކީ، ޤާނޫނީގޮތުން ނޮވޭޓްކުރުމުގައި އެއްބަސްވުމުގެ ބައިވެރިންގެ ރުހުން އޮންނަންޖެހޭއިރު، ރުހުން ނެތިކޮށްފައިވާ ނޮވޭޝަންއަކަށް ބާރުދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
18.3- އިސްތިއުނާފީ ތިންވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ޢަދުލުވެރި ޝަރީޢަތެއް ކުރުމަށް ލިބޭ ޙައްޤަށް އުނިކަން އަންނަގޮތަށް މައްސަލަ ތަޙްވީލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަންކަން
19ނޫމަޑި އޭޖީއިން އިސްތިއުނާފުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހެނީ މައިގަނޑު ދެ ކަމަކާ ގުޅިގެންނެވެ.
19.1- ފުރަތަމަ ކަމަކީ، ސިވިލް ކޯޓަށް މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ހުށަހަޅާފައިވާ ބޯޑު ރިޒޮލިއުޝަނާމެދު ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނީ ގޮތުން ޞައްޙަތޯ ނުވަތަ ނޫންތޯއެވެ.
19.2- ދެވަނަ ކަމަކީ، ހައިކޯޓުން މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން މައްސަލަ އަލުން ބެލުމަށް ތަޙްވީލުކޮށްފައިވުން ޤާނޫނީ އުޞޫލުތަކާ އެއްގޮތްތޯ ނުވަތަ ނޫންތޯއެވެ.
އެމްޓެލްގެ ބޯޑު ރިޒޮލިއުޝަނާމެދު އުފެދިފައިވާ ޚުޞޫމަތު
20ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ ޤަޟިއްޔާއާ ޙަވާލާދީ ނޫމަޑި އޭޖީއިން ބުނެފައިވަނީ، ކޮންމެ މައްސަލައެއްގައިވެސް ހެކި ހުށަހަޅަންޖެހޭނީ ދަފްޢު ހުށަހަޅާ ފަރާތުން ކަމަށާއި، ދަފްޢަކަށް ހެކި ހުށަހެޅުމަކީ ކޯޓުން އެދިގެން ކުރަންޖެހޭ ކަމެއް ނޫންކަމަށާއި، އެއީ އެ ޚަޞްމެއްގެ އިޖާބީ ދައުރުގެ ތެރެއިން އެ ޚަޞްމަކު ކުރަންޖެހޭ ކަމެއްކަމަށެވެ. ހުށަހެޅިފައިވާ މި މައްސަލައިގައި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެމްޓެލްގެ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމާމެދު ނޫމަޑި އޭޖީއިން ސުވާލު އުފައްދާފައިވާއިރު، އެ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ސާބިތުކޮށްދިނުމުގެ ބުރަ މުޙައްމަދު އަނީކް ޢާމިރުއަށް އޮންނާނެ ކަމަށާއި، މިކަން ސިވިލް ކޯޓުން ކަށަވަރުކުރިކަން ފެންނަން ނެތް ކަމަށެވެ.
21ރައްދުގައި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ބުނެފައިވަނީ، އޭނާއަށް ބޯޑު ރިޒޮލިއުޝަން މެދުވެރިކޮށް އެމްޓެލްއިން ބާރުތަކެއް ދީފައިވާކަމަށާއި، ރިޒޮލިއުޝަން ދީފައިވާ އެމްޓެލްގެ ފަރާތުން އެކަމާމެދު ޝަކުވާއެއްކޮށްފައި ނުވާކަމަށާއި، މި ޙާލަތުގައި ނޫމަޑި އޭޖީއަށް އެ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނެތްކަމަށާއި، ހައިކޯޓުގައިވެސް ބޯޑު ރިޒޮލިއުޝަނަށް ބާރުދޭން ނުޖެހޭ ސަބަބެއް ނޫމަޑި އޭޖީއަށް ދެއްކިފައި ނުވާކަމަށެވެ.
22ހައިކޯޓުން ބޯޑު ރިޒޮލިއުޝަނާމެދު ނިންމާފައިވާ ނިންމުމަށް ބަލާއިރު އެ ކޯޓުން ނިންމާފައިވަނީ، ބްރޯކަރޭޖް އެއްބަސްވުމާ ގުޅިގެން އެމްޓެލްއަށް ލިބެންޖެހޭކަމަށް ޤަބޫލުކުރާ ފައިސާއާގުޅޭ ޒިންމާތަކާއި، ޙައްޤުތަކާއި މަންފާތައް މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލު ނުކުރެވޭނެ ޤާނޫނީ ސަބަބެއް ނޫމަޑި އޭޖީއަށް ބުނެދެވިފައި ނުވާކަމަށާއި، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމާ ގުޅިގެން ލިބެންޖެހޭކަމަށް ބުނާ ފައިސާ ހޯދުމަށް އެދި މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި ދަޢުވާކުރުމުގެ ޙައްޤު މި ބޯޑު ރިޒޮލިއުޝަނުން މުޙައްމަދު އަނީކް ޢާމިރުއަށް ލިބިގެންވާ ކަމަށާއި، އެ ރިޒޮލިއުޝަނަކީ ޞައްޙަ ރިޒޮލިއުޝަނެއްކަން ކަށަވަރު ކުރެވިއްޖެނަމަ، ބޯޑު ރިޒޮލިއުޝަންގެ ދަށުން މުޙައްމަދު އަނީކް ޢާމިރުއަށް ދީފައިވާ ޙައްޤުތަކާ ގުޅިގެން މި މައްސަލައިގައި ދަޢުވާކުރުމުގެ ޙައްޤު އޭނާއަށް އޮންނާނެ ކަމަށެވެ. ސިވިލް ކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް ހައިކޯޓުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ކަށަވަރުކުރުން ހިމެނެއެވެ.
23އެމްޓެލްގެ ބޯޑު ރިޒޮލިއުޝަނާ ގުޅިގެން މުޙައްމަދު އަނީކް ޢާމިރު އެކި މޭރުމުން ވާހަކަ ދައްކާފައިވާކަން ފާހަގަވެއެވެ. އެގޮތުން، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުގައި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ބަޔާންކޮށްފައިވަނީ، މި މައްސަލައިގައި ދަޢުވާކުރުމުގެ ޙަޤީޤީ ނުވަތަ އަސްލީ ޙައިޘިއްޔަތު ލިބިގެންވަނީ އެމްޓެލްއަށް ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ފަރުދަކަށް ނުވަތަ ޤާނޫނީ ޝަޚްޞަކަށް ލިބިގެންވާ މިފަދަ ޙައްޤުތަކަކީ، އެފަރާތަކުން އެދޭނަމަ އެހެން ފަރާތަކަށް ދޫކުރެވޭނެ ނުވަތަ ބަދަލުކުރެވޭނެ ޙައްޤުތަކެއް ކަމަށާއި، އެގޮތުން ފަރުދަކުނަމަ ޕަވަރ އޮފް އެޓަރނީ މެދުވެރިކޮށް، ނުވަތަ ޤާނޫނީ ޝަޚްޞެއްނަމަ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރަކުން އެފަދަ ބާރު ދޫކޮށް އެފަރާތަކަށް ލިބިގެންވާ ބާރާއި އިޚްތިޔާރުގެ ބޭނުން އެހެން ފަރާތެއް މެދުވެރިކޮށް ބޭނުންކުރުމުގެ ޙައްޤު އެއިން ލިބިގެންވާކަމާއި، އެފަދަ ފުރުސަތުތައް މަނާކޮށްފައި ނުވަތަ ހަނިކޮށްފައި ނުވާކަމަށެވެ. އެގޮތުން، އެމްޓެލްގެ ޑިރެކްޓަރުންގެ ބޯޑުން 4 ޑިސެންބަރު 2014 ވަނަ ދުވަހު ފާސްކޮށްފައިވާ ޤަރާރުން އެފަރާތަށް ލިބެންޖެހޭ އެންމެހާ ފައިސާ ހޯދުމުގެ ބޭނުމުގައި ދަޢުވާކޮށް، ޝަކުވާ އެނޫންވެސް ކުރަންޖެހޭ އެންމެހާ ކަމެއް ކުރުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު މައްސަލަ ހުށަހަޅާ ފަރާތަށް ދޫކޮށްފައިވާ ކަމުގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ ފޯމުގައި މުޙައްމަދު އަނީކް ޢާމިރު ބަޔާންކޮށްފައިވެއެވެ. އަދި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ބުނެފައިވަނީ އޭނާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޢަމަލުކޮށްފައިވަނީ އެމްޓެލްގެ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ބަޔާންކޮށްފައިވާ މިކަންކަމަށް ބަލާނަމަ، ޙަޤީޤަތުގައި މި ދަޢުވާ ހުށަހެޅިގެން ދާންޖެހެނީ އެމްޓެލްގެ ނަމުގައެވެ. އަދި އެމްޓެލްގެ ފަރާތުން އެމްޓެލްގެ މަޞްލަޙަތު ޙިމާޔަތްކުރާ ފަރާތެއްގެ ގޮތުގައި މުޙައްމަދު އަނީކް ޢާމިރު އެ ކުންފުނި ޝަރީޢަތުގެ މަޖިލީހުގައި ތަމްސީލު ކޮށްފައިވަނީއެވެ.
24ބޯޑު ރިޒޮލިއުޝަން މެދުވެރިކޮށް އޭނާއަށް ޙައްޤުތަކާއި ޒިންމާތަކާއި މަންފާތައް ބަދަލުކޮށްފައިވާ ކަމަށާއި، އޭގެ ކުރިން އެމްޓެލްގެ ޒިންމާއެއްގެ ގޮތުން ރަށް (ހއ. ދައްޕަރު) ގަންނާނެ ފަރާތެއް ހޯދާފައިވާތީ، އޭނާ އަދާކުރަންޖެހޭ ޒިންމާއެއް ނެތް ކަމަށާއި، ބަދަލުވީ މަންފާތަކާއި ޙައްޤުތައް ކަމަށް މުޙައްމަދު އަނީކް ޢާމިރު ހައިކޯޓުގައި ބުނެފައިވެއެވެ. އަދި ސިވިލް ކޯޓަށް މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި މި ދަޢުވާ ހުށަހަޅާފައިވާތީ ނޫމަޑި އޭޖީގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާއަށް ރައްދުދެމުންވެސް މުޙައްމަދު އަނީކް ޢާމިރުގެ މި ވާހަކަ މިފަދައިން ފާހަގަކޮށްފައިވެއެވެ.
25ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފު ކުރާ ފަރާތް (ނޫމަޑި އޭޖީ) ގެ ހުރިހާ ސިޓީތަކެއްވެސް ފޮނުވާފައިވަނީ ހަމަ ސީދާ އިސްތިއުނާފު ރައްދުވާ ފަރާތް (މުޙައްމަދު އަނީކް ޢާމިރު) އަށް އެޑްރެސްކޮށް ކަމަށާއި، ހުރިހާ ޕޭމެންޓް ރިސިޕްޓްތަކުގައިވެސް ފައިސާ ލިބިގަންނަ ފަރާތެއްގެ ގޮތުގައި ޖަހާފައިވަނީ މުޙައްމަދު އަނީކް ޢާމިރު ކަމަށެވެ. އެހެންކަމުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއްބަސްވުމުގެ ދަށުން ކަނޑައަޅާފައިވާ ބެނެފިޓް (ފައިދާ) ލިބެންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ މުޙައްމަދު އަނީކް ޢާމިރުކަން އިސްތިއުނާފުކުރާ ނޫމަޑި އޭޖީގެ ފަރާތުން، އެމްޓެލްގެ ބޯޑު ރިޒޮލިއުޝަނަށް ބަލާފައި ޤަބޫލުކޮށްފި ކަމަށެވެ. އެހެންކަމުން ބޯޑު ރިޒޮލިއުޝަނާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.
26މުޙައްމަދު އަނީކް ޢާމިރުގެ މި ވާހަކަތަކަށް ނަޒަރު ހިންގާލާއިރު، އޭނާއަށް މި ދަޢުވާ ކާމިޔާބު ވެއްޖެނަމަ ލިބިގެންދާނެ ޙައްޤުތަކާއި މަންފާތަކަކީ އެމްޓެލްގެ ބަދަލުގައި އޭނާއަށް ލިބިގެންދާނެ ޙައްޤުތަކާއި މަންފާތަކެއްކަން ބައެއް ފަހަރު ދޭހަވެއެވެ. އަދި ބޯޑު ރިޒޮލިއުޝަނުން އޭނާއަށް ލިބިދީފައިވަނީ ހަމައެކަނި ޝަރީޢަތުގައި އެމްޓެލް ތަމްސީލުކުރުމުގެ ބާރެއް ނޫންކަމާއި، ޙަޤީޤަތުގައި އޭނާ ޙިމާޔަތްކުރަން ދަޢުވާކޮށްފައިވަނީ އޭނާގެ އަމިއްލަ މަޞްލަޙަތުކަމުގައި ވެސް ދޭހަވެއެވެ. ބޯޑު ރިޒޮލިއުޝަންގެ ދަށުން ބާރުތަކެއް ދީފައިވާ ކަމަށް ވެސް ބައެއް ފަހަރު ބުނެފައިވެއެވެ. ޙައްޤުތަކެއް ނަޤުލުކޮށްފައިވާ ކަމަށް ވެސް ބައެއް ފަހަރު ބުނެފައިވެއެވެ.
27ބޯޑު ރިޒޮލިއުޝަނާމެދު ނޫމަޑި އޭޖީއިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ނޫމަޑި އޭޖީގެ ފަރާތުން އެ ރިޒޮލިއުޝަން ސިފަކުރަނީ ޞައްޙަ ނޫން ނޮވޭޝަންއެއްގެ ގޮތުގައެވެ. މި ނޮވޭޝަން ޞައްޙަ ނޫންކަމަށް ނޫމަޑި އޭޖީއިން ފާހަގަކުރާ ސަބަބަކީ އެއްބަސްވުމުގެ ހުރިހާ ބައިވެރިންގެ ރުހުންނެތި ބްރޯކަރޭޖް އެއްބަސްވުމުގައިވާ ޙައްޤުތަކާއި މަންފާތަކުގެ އިތުރުން ޒިންމާތައްވެސް ރިޒޮލިއުޝަންގެ ދަށުން މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލުކޮށްފައިވާތީއެވެ.
ބާރުތައް ދިނުމާއި ޙައްޤުތައް ނަޤުލުވުން
28HN1ޤާނޫނީ ގޮތުން ބާރުތައް ދިނުމުންނާއި، ޙައްޤުތައް ނަޤުލުވުމުން އޭގެން ނިކުންނާނީ ވަރަށް ތަފާތު ދެ ނަތީޖާއެކެވެ. ބާރުތަކެއް ތިންވަނަ ފަރާތަކަށް ދޭނަމަ އެ ބާރުތައް ބޭނުންކޮށްގެން ޙިމާޔަތްކުރެވޭ ޙައްޤުގެ ޙަޤީޤީ ނާޒިރަކީ ބާރުތައް ދޭ ފަރާތެވެ. އެއާ ޚިލާފަށް ޙައްޤެއް ތިންވަނަ ފަރާތަކަށް ނަޤުލުވެއްޖެނަމަ، އެ ޙައްޤުތަކުގެ ވެރި ފަރާތްކަމުގައި ތިންވަނަ ފަރާތް ވެގެންދެއެވެ.
29HN2ޙައްޤުތައް ނަޤުލުކުރުމަށް ކުރެވޭ އެއްބަސްވުން ނުވަތަ އެސައިންމަންޓް އެގްރީމަންޓް ޞައްޙަވުމުގެ ޝަރުޠުތައް ސީދާ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނެއްގައި ބަޔާންވެފައި ނުވެއެވެ. އެހެން ޤައުމުތަކުން މިކަމުގައި ގެންގުޅޭ ހަމައަކީ ކޮބައިތޯ ބަލައިލުމުގެ ގޮތުން އިނގިރޭސި ޤާނޫނަށް ބަލާއިރު، ލޯ އޮފް ޕްރޮޕަރޓީ އެކްޓް 1925 ގެ 136 ވަނަ މާއްދާގައި ބަޔާންވެފައިވަނީ، “Any absolute assignment by writing under the hand of the assignor... of any debt or other legal thing in action, of which express notice in writing has been given to the debtor, trustee or other person from whom the assignor would have been entitled to claim such debt or thing in action, is effectual in law... to pass and transfer from the date of such notice...”
"ދަރަންޏެއް ނުވަތަ ޤާނޫނީ ގޮތުން ދަޢުވާކޮށްގެން ހޯދޭނެ އެނޫންވެސް ޙައްޤެއް، އެ ޙައްޤު ދޫކޮށްލާ ފަރާތުގެ ސޮޔާއެކު ލިޔުމުން ފުރިހަމައަށް ބަދަލުކުރުމާއި... އެކަމުގެ ސަރީޙަ ނޯޓިހެއް ލިޔުމުން ދަރަނިވެރިޔާއަށް ނުވަތަ އަމާނާތްތެރިޔާއަށް ނުވަތަ އެ ޙައްޤެއް އޭނާގެ ކިބައިން ހޯދުމުގެ އިޚްތިޔާރު އޮތް ފަރާތަށް ދީފިނަމަ، އެއީ އެފަދަ ނޯޓިހެއް ދޭ ތާރީޚުން ފެށިގެން ޤާނޫނީ ގޮތުން ޞައްޙަ އަދި ތަންފީޛު ކުރެވޭނެ ކަމެކެވެ..."
މި މާއްދާއަށް ބަލާއިރު ޙައްޤުތައް ނަޤުލުކުރެވިއްޖެނަމަ އެ މުޢާމަލާތު ތަންފީޛުކުރެވިގެންދަނީ، ނަޤުލުކުރާ ފަރާތުން ޙައްޤު ދޫކޮށްލައިފިކަމުގެ ނޯޓިސް ދަރަނިވެރިޔާއަށް ނުވަތަ އަމާނާތްތެރިޔާއަށް ނުވަތަ އެ ޙައްޤެއް އޭނާގެ ކިބައިން ހޯދުމުގެ އިޚްތިޔާރު އޮތް ފަރާތަކަށް ދިނުމުންނެވެ.
30HN3ދެ ފަރާތު ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެސައިން ކުރެވޭނީ އެއްބަސްވުމުގެ ދަށުން ލިބޭ މަންފާއެއް ކަމަށާއި، އެއްބަސްވުމުގެ ދަށުން އުފެދޭ އިލްތިޒާމްތައް ތިންވަނަ ފަރާތަކަށް ބަދަލުކުރާނަމަ އެއްބަސްވުން އޭގެ ޒާތުގައި ވާނީ ނޮވޭޝަންއަކަށް ކަމަށް، ސުޕްރީމް ކޯޓުގެ އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ވެއެވެ.
31މުޙައްމަދު އަނީކް ޢާމިރު ބުނާ ފަދައިން ބޯޑު ރިޒޮލިއުޝަންގެ ދަށުން އޭނާއަށް ނަޤުލުކުރެވިފައިވަނީ ޒިންމާތަކެއް ނޫންކަމާއި، ހަމައެކަނި ޙައްޤުތަކާއި މަންފާތަކެއް ކަމުގައި ބެލިނަމަވެސް، މިކަމުގެ ނޯޓިސް ނޫމަޑި އޭޖީއަށް ދީފައި ނުވާކަން ދެ ފަރާތުގެ ބަހުން އެނގެއެވެ. މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ބުނެފައިވަނީ، ނޫމަޑި އޭޖީއިން އެއްބަސްވުމާ ޚިލާފުވެފައިވާ ޙާލަތުގައި، އެފަރާތަށް ކުންފުނީގެ އެތެރޭގެ ހިންގުމުގައި ނިންމޭ ނިންމުންތަކުން ރައްކާތެރިކަން ލިބިދޭންޖެހޭ އެއްވެސް އަސާސެއް ނެތްކަމަށާއި، އެމްޓެލްއިން ނިންމާ ކޮންމެ ނިންމުމެއް ނޫމަޑި އޭޖީގެ ރުހުން ހޯދުމަށްފަހު ނިންމޭނަމަ، ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށްވެސް ނޫމަޑި އޭޖީގެ ރުހުން ހޯދަންޖެހޭނެ ކަމަށާއި، ވަކީލުން ޢައްޔަން ކުރެވޭނީވެސް ނޫމަޑި އޭޖީގެ ހުއްދަ ލިބިގެން ކަމަށެވެ.
32HN4ޝަރީޢަތަށް މައްސަލަ ހުށަހެޅުމަށާއި، ޤާނޫނީ ވަކީލުން ޢައްޔަންކުރުމަށް ނިންމާ ނިންމުންތަކަކީ ކުންފުންޏެއްގެ އެތެރޭގެ ނިންމުންތަކެއް ކަމުގައިވާއިރު، ނޫމަޑި އޭޖީ ހިމެނޭހެން ހެދިފައިވާ އެއްބަސްވުމަކަށް ގެނެވޭ ބަދަލަކާ ގުޅިގެން އެކަން އެފަރާތުގެ ސަމާލުކަމަށް ނުގެންނަ ޙާލަތުގައި އެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ހުރަސްއެޅިގެން ދާނެއެވެ. އަދި ރިޒޮލިއުޝަން ފާސްކުރެވުނުއިރު ނޫމަޑި އޭޖީއިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި ބެލިނަމަވެސް، ރިޒޮލިއުޝަނެއް މެދުވެރިކޮށް އެއްބަސްވުމާ ގުޅިގެން މިފަދަ ނިންމުމެއް އެމްޓެލްގެ ފަރާތުން ނިންމާފައިވާކަމީ އެއްބަސްވުން އޭރުވެސް ދެމިއޮތް ކަމުގެ ހެއްކެކެވެ. އެހެންކަމުން އެ ރިޒޮލިއުޝަނަކީ ޙައްޤުތަކާއި މަންފާތައް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލިނަމަވެސް، އެ މުޢާމަލާތު ޞައްޙަކަމުގައި ކަނޑައެޅޭނެ ޤާނޫނީ އަސާސެއް މުޙައްމަދު އަނީކް ޢާމިރުއަށް ބުނެދެވިފައި ނުވެއެވެ.
33HN5ހަމަ އެހެންމެ، އެމްޓެލްގެ ރިޒޮލިއުޝަންއަކީ މުޙައްމަދު އަނީކް ޢާމިރުއަށް ބާރުތަކެއް ދިނުމުގެ ގޮތުން ތައްޔާރުކުރި ލިޔުމެއް ކަމުގައި ބަލާނަމަ، އެ ޙާލަތުގައި ކޯޓަށް ދަޢުވާ ހުށަހެޅޭނީ އެމްޓެލްގެ ނަމުގައިކަން ބާރުތައް ބަދަލުކުރުމުގެ މަފްހޫމަށް ރިޢާޔަތްކުރާއިރު އެނގެއެވެ. އެހެން ނަމަވެސް މި މައްސަލައިގައި އެމްޓެލްގެ ނަމުގައި ދަޢުވާއުފުލާފައި ނުވުމަކީ އެ މުޢާމަލާތުގެ ޞައްޙަކަން ނަފީވެގެންދާ ސަބަބެކެވެ.
ނޮވޭޝަން
34HN6HN7ނޮވޭޝަންއަކީ ވުޖޫދުގައިވާ އެއްބަސްވުމެއްގެ ބަދަލުގައި އާ އެއްބަސްވުމެއް ހެދުމެވެ. މިގޮތުން ވުޖޫދުގައިވާ އެއްބަސްވުމުގެ ފުރަތަމަ ބައިވެރިޔާއާއި ދެވަނަ ބައިވެރިޔާގެ ބަދަލުގައި ފުރަތަމަ ބައިވެރިޔާއާއި ތިންވަނަ ފަރާތެއް އާ އެއްބަސްވުމަކަށް ވަދެއެވެ. އަދި އާ އެއްބަސްވުމަށް ވަންނަ ތިންވަނަ ފަރާތުން ފުރަތަމަ ވެވުނު އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާގެ ޙައްޤުތަކާއި ޒިންމާތަކާ ޙަވާލުވެއެވެ. މިފަދައިން ވެވޭ އެއްބަސްވުމުގެ މުޤާބިލަކީ، ފުރަތަމަ ވެވުނު އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަކުރުމުގެ ގޮތުން، އެއްބަސްވުމުން ދެވަނަ ބައިވެރިޔާ ވީއްލުމަށް ފުރަތަމަ ބައިވެރިޔާ އެއްބަސްވުމާއި، ދެވަނަ ބައިވެރިޔާ އޭނާގެ ބަދަލުގައި ތިންވަނަ ފަރާތް އެއްބަސްވުމުގެ ބައިވެރިއަކަށް ހެދުމާއި، އަދި ތިންވަނަ ފަރާތް އާ އެއްބަސްވުމުގައި ބަނދެވުމެވެ. ނޮވޭޝަންގެ މި ތަޢުރީފަށް ބަލާއިރު، އާ އެއްބަސްވުން ވެވެނީ ފުރަތަމަ ވެވުނު އެއްބަސްވުމުގައި ބައިވެރިންގެ އިޖާބާ ޤަބޫލާ އެކުކަން އެނގެއެވެ.
35ހުށަހެޅިފައިވާ މި މައްސަލައިގައި ބްރޯކަރޭޖް އެއްބަސްވުމުގެ ދަށުން އެމްޓެލްގެ މައްޗަށް އޮތް ޒިންމާތައް މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލުކުރުމުގެ ގޮތުން އާ އެއްބަސްވުމަކަށް ވަދެފައި ނުވާކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަހުން އެނގެން އޮވެއެވެ.
36ސުވާލު އުފެދިފައިވާ އެމްޓެލް ރިޒޮލިއުޝަން ފާސްކުރެވުނު ފަހުން 24 ޖަނަވަރީ 2016 ގައި ބްރޯކަރޭޖް ކޮމިޝަން އެއްބަސްވުމުގެ އެޑެންޑަމްއެއްގައި ސޮއިކުރެވުނެވެ. މި އެޑެންޑަމްގައި ސޮއިކޮށްފައިވަނީ އެމްޓެލްއިންނާއި ނޫމަޑި އޭޖީއިންނެވެ. ބްރޯކަރޭޖް އެއްބަސްވުމުގެ ދަށުން އުފެދޭ އެންމެހާ ޒިންމާތަކާއި، ޙައްޤުތަކާއި މަންފާ މުޙައްމަދު އަނީކް ޢާމިރުއަށް ބަދަލުކުރެވިފައިވާނަމަ އެޑެންޑަމްގެ ޙަޤީޤީ ބައިވެރިއަކަށް އޭނާ ނުވީ ކީއްވެކަމެއް މުޙައްމަދު އަނީކް ޢާމިރުއަށް ސާފުކޮށްދެވިފައި ނުވެއެވެ.
ސިވިލް ކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް ހައިކޯޓުން ނިންމި ނިންމުން
37ސިވިލް ކޯޓުން މައްސަލަ ނިންމުމުގައި ބަލާފައިވަނީ މުޙައްމަދު އަނީކް ޢާމިރުއަށް މި ދަޢުވާކުރުމުގެ ޙައިޘިއްޔަތު ލިބިދީފައިވަނީ އެމްޓެލްގެ ބޯޑު ރިޒޮލިއުޝަނުން ކަމަށެވެ. އަދި އޭނާ މި ދަޢުވާއިން ޙިމާޔަތްކުރަން މަސައްކަތް ކޮށްފައިވަނީ އެމްޓެލްގެ މަޞްލަޙަތެއް ކަމަށެވެ. ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމްގެ ޢިބާރާތަށް ބެލުމުން މިކަމަށް ބާރު ލިބެއެވެ. ސިވިލް ކޯޓުގެ ޙުކުމްގައި ބަޔާންކޮށްފައިވަނީ، "... މި މައްސަލައިގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު ފައިސާގެ ތެރެއިން US$1,100,000.00 (އެއްމިލިއަށް އެއްލައްކަ އެމެރިކާ ޑޮލަރު) އަކީ ދައުވާލިބޭ ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސަސް (އަންސްޓަލްޓް) ގެ ފަރާތުން ދަޢުވާކުރާ ފަރާތް ތަމްސީލުކުރާ އެމްޓެލް ވެންޗަރސް ލިމިޓެޑް (ސީޝެލްސް) އަށް އަދާކުރަންޖެހި އަދާނުކޮށްވާ ފައިސާކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި ފައިސާ އެމްޓެލް ވެންޗަރސް ލިމިޓެޑް (ސީޝެލްސް) އަށް ލިބިދިނުމަށްޓަކައި..."
މިފަދައިންނެވެ.
38މުޙައްމަދު އަނީކް ޢާމިރުއަށް ދަޢުވާކުރުމުގެ ޙައިޘިއްޔަތު އެމްޓެލްއިން ދީފައިވާނަމަ އެބާރުތައް ދީފައިވަނީ، ބާރުގެ ބޭނުންކޮށް ކޮން ދަޢުވާއެއްގައި ކޮން ކޯޓަކަށް ޙާޟިރުވެކަމެއް ރިޒޮލިއުޝަނުން އެނގޭކަށް ނެތެވެ. އަދި އެމްޓެލް ތަމްސީލުކުރާ ފަރާތެއްގެ ޙައިޘިއްޔަތުން ކުރުމުގެ ބާރު ލިބިދީފައިވަނީ ކޮންކޮން މުޢާމަލާތެއްކަމެއްވެސް ރިޒޮލިއުޝަނުން އެނގޭކަށް ނެތެވެ. ބަހުސްގެ ބޭނުމަށް ދަޢުވާކުރުމުގެ ބާރު މުޙައްމަދު އަނީކް ޢާމިރުއަށް އެމްޓެލްއިން ދީފައިވަނީ ޞައްޙަކޮށް ކަމުގައި ބެލި ނަމަވެސް، މި ރައުޔުގެ 28 އަދި 32 ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ދަޢުވާކުރާ ފަރާތެއްގެ ގޮތުގައި މުޙައްމަދު އަނީކް ޢާމިރު އޮންނަ އޮތުން ސިވިލް ކޯޓުން ބަލައިގެންފައިވަނީ ގޯސްކޮށްކަން ފާހަގަކުރެވެއެވެ.
39HN8ސިވިލް ކޯޓުން މި މައްސަލައިގައި ގޮތް ކަނޑައަޅާފައިވަނީ އެމްޓެލްއަކީ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ޤާނޫނީ ޝަޚްސެއް ކަމުގައި ބަލައިގެންނެވެ. ކަން މިހެން އޮތްއިރު، ސިވިލް ކޯޓަށް މިކަން ދަލާލަތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ހުށަހެޅިފައިވާކަން އެނގޭކަށް ނެތެވެ. އެހެނީ ރިޒޮލިއުޝަނެއް އޮތުމަކީ، ނުވަތަ ޑިރެކްޓަރުން ތިބުމަކީ، ނުވަތަ ހަމައެކަނި ޚަސްމުން ބުނާ ބަހަކީ ޝަރުޢީ ކޯޓެއްގައި ޤާނޫނީ ޝަޚްސިއްޔަތު ސާބިތުކޮށްދެވޭ މިންވަރުގެ ކާފީ ހެކިތަކެއް ނޫނެވެ.
40މި މައްސަލައިގައި ހިމެނޭ ބްރޯކަރޭޖް އެއްބަސްވުމަށް ގެނެވުނު އެޑެންޑަމްގެ ޞައްޙަކަމާމެދު ނޫމަޑި އޭޖީއިންނާއި މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުންވެސް ސިވިލް ކޯޓުގެ ދަޢުވާގައި ސުވާލު އުފައްދާފައިވެއެވެ. އެހެން ނަމަވެސް އެޑެންޑަމްގެ ޞައްޙަކަމާމެދު ޠަޢުނުކޮށް ނޫމަޑި އޭޖީއިން ހުށަހެޅި ހެކި ބަލައިނުގަންނަން ނިންމި ހިސާބުން، ސިވިލް ކޯޓުން ވަނީ އެ އެޑެންޑަމްއަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އޭގެ ދަށުން ލިބެންޖެހޭ ފައިސާވެސް ނަގައިދީފައެވެ.
41HN9މި މައްސަލައިގައި ސިވިލް ކޯޓުން ގިނަގުނަ ގޯސްތަކެއް ހަދާފައިވާކަން ކަނޑައެޅިގެން ފެންނަން އޮތްއިރު، މައްސަލަ ތަޙްވީލުކޮށްގެން މިހުރިހާ އައިބެއް ފިލުވިދާނެކަމާމެދު ސުވާލު އުފެދެއެވެ. މީގެ އިތުރުން، ސިވިލް ކޯޓުން އަލުން ބަލަންޖެހޭކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަންކަމަކީ ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަން ކަށަވަރުކުރެވި، މައްސަލައިގެ މައުޟޫގައި ހިމެނޭ ކަންކަން ކަމުގައި ވާއިރު، ބޯޑު ރިޒޮލިއުޝަންގެ ޞައްޙަކަމާމެދު ގިނަގުނަ ބަހުސްތަކެއް ކުރެވި، އެއާ ގުޅިގެން ހުށަހެޅުންތައް ހުށަހެޅުމުގެ ގިނަ ފުރުސަތު މުޙައްމަދު އަނީކް ޢާމިރުއަށް ފަހިވެގެން ގޮސްފައިވެއެވެ. މި މައްސަލައިގައި މުޙައްމަދު އަނީކް ޢާމިރު ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމަކަށް ބިނާކޮށް ރިޒޮލިއުޝަނަކީ ޞައްޙަ ލިޔުމެއްކަމުގައި ކަނޑައެޅިދާނެ ޤާނޫނީ ބިނާއެއް ނެތެވެ. އަދި ބަހުސްގެ ބޭނުމަށް މިކަމާ ގުޅިގެން މުޙައްމަދު އަނީކް ޢާމިރުގެ ފަރާތުން ހުށަހަޅާނެ އިތުރު ހުށަހެޅުމެށް ވާނަމަވެސް، އެފަދަ ހުށަހެޅުމަކަށް މަގު ހުޅުވާލުމަކީ އިންސާފުން ކުރެވޭ ޝަރީޢަތަކަށް ހުރަސްއެޅި، އިސްތިއުނާފުކުރާ ނޫމަޑި އޭޖީގެ ޙައްޤުތަކަށް އުނިކަން އަންނާނެފަދަ ފުރުޞަތަކަށްވާނެ ކަމަށް ދެކެމެވެ.
42އެހެންކަމުން އެމްޓެލްގެ ރިޒޮލިއުޝަންގެ ޞައްޙަކަން ކަށަވަރު ކުރުމަށާއި، ހައިކޯޓުން ކަނޑައަޅާފައިވާ ކަންކަން އަލުން ބެލުމަށްޓަކައި ހައިކޯޓުން ސިވިލް ކޯޓަށް މައްސަލަ ތަޙްވީލުކޮށްފައި އޮންނަ އޮތުން ރަނގަޅުކަމަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
43އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމުން، މި ދަޢުވާއަކީ މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި ކުރެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައެޅުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/213 އަދި ނަންބަރު 2019/HC-A/214 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަން ފެނެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
44މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
45މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، މި ދަޢުވާއަކީ މުޙައްމަދު އަނީކް ޢާމިރުގެ ނަމުގައި ކުރެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައަޅައި، ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/213 އަދި ނަންބަރު 2019/HC-A/214 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަބްދުﷲ ޙަމީދު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
މުޙައްމަދު ސަލީމް
ފުޓްނޯޓު
- ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު FC-0003/2013
- ޕާސްޕޯޓު ނަންބަރު
- ‘Agreement for Brokerage Commission on the Sale of Leasehold of Dhapparu Island’ ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 149
- ނޫމަޑި އޭޖީއިން އަނީކް އަށް އެޑްރެސްކޮށް ފޮނުވާފައިވާ އީމެއިލް، ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 179
- ‘Addendum to the Agreement for Brokerage Commission on the Sale of Leasehold of Dhapparu Island Made on November 12, 2012’ ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 172
- ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
- އބމ
- މުޙައްމަދު އަނީކް ޢާމިރުގެ ވަކީލު 2 ޖޫން 2021 ގައި ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައިގެ މަޙްޟަރު ބަޔާން. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/213 އަދި ނަންބަރު 2019/HC-A/214 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 29
- ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 32
- ފެބުރުއަރީ 2025 ގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު އަނީކް އާމިރުގެ ވަކީލު، ޢަބްދުﷲ ނަޞީރު މުޙައްމަދު ދައްކާފައިވާ ވާހަކަގައިގެ މަޙްޟަރު ބަޔާން، ސ. 8
- Law of Property Act 1925, s. 136(1)
- ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/28 ޤަޟިއްޔާ
- ސިވިލް ކޯޓުގެ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް މައްސަލަ ހުށަހަޅާ ފޯމު، ސިވިލް ކޯޓުގެ ނަންބަރު 1195/Cv-C/2018 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު، ސ. 33
- Hugh G Beale (gen ed), Chitty on Contracts (34th edn, Sweet & Maxwell 2021), para 22-089
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
- ލޯ އޮފް ޕްރޮޕަރޓީ އެކްޓް 1925 ގެ 136 ވަނަ މާއްދާ (Law of Property Act 1925, s. 136(1))
- އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާ (2010/SC-A/02)
- އެޗް.އެމް.ލޫލޫ ޕްރައިވެޓް ލިމިޓެޑް ވ. އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (2017/SC-A/28)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.