ޔޫސުފް މޫސާ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2023/HC-A/79
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މެޖިސްޓްރޭޓް ކޯޓުން ކުއްޖާގެ ބަހުގައި ފުށުއެރުން ހުރިކަމަށް ބުނެ ދަޢުވާ ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގެ މިންވަރަށް ސާބިތުނުވާކަމަށް ނިންމިއެވެ. ހައިކޯޓުން އެ ޙުކުމް ބާޠިލުކޮށް، ކުއްޖާގެ ބަސް އާދަޔާ ޚިލާފަށް ތެދު ކަމަށް ކަނޑައަޅައި ކުށް ސާބިތުކޮށް 15 އަހަރުގެ ޖަލު ޙުކުމް ކުރިއެވެ.
- ވާޤިޢާ
- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރެ އެ ކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި ކަމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9ވަނަ މާއްދާގެ (ށ) ގެ ދަށުން ކުރި ދަޢުވާއެކެވެ. ކުޑައިރުން ފެށިގެން ގޯނާ ލިބުނު ކަމަށް ކުއްޖާ ހާމަކުރީ ފަހުގެ ހާދިސާއެއް ކިޔައިދޭއިރުއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއް ކަމަށް ހައިކޯޓުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ސާބިޤާތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާއާ އެއްގޮތަށްތޯ، ލަސްވެގެން ކިޔައިދިން ބަސް ބަލައިގަނެވޭތޯ، އަދި ދިފާޢީ ގާތްތިމާގެ ހެކިންގެ ބަހަށް ބުރަދަން ނުދިނުން ޞައްޙަތޯ. ހައިކޯޓަށް ނުހުށަހެޅި ނުކުތާ ސުޕްރީމް ކޯޓުގައި އައު ނުކުތާއެއްގެ ގޮތުގައި ބަލައިގަނެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ކުއްޖާގެ ބަހުގައި ފުށުއެރުން ހުރި ކަމަށާއި، ދިފާޢީ ހެކިން އެއްފަރާތްކުރީ ގޯސްކޮށް ކަމަށާއި، ލަސްވެގެން ކިޔައިދިން ބަސް ޤާނޫނު ނަންބަރު 12/2009 ގެ 47ވަނަ މާއްދާގެ (ޅ) އަދި (އ) ގެ ދަށުން ނުގަނެވޭނެ ކަމަށާއި، ޢަމަލަކީ ޖިންސީ ޢަމަލެއް ނޫން ކަމަށެވެ. ދައުލަތުން ބުނީ ބައެއް ނުކުތާ އައު ނުކުތާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތާރީޚާއި ތަފްސީލު ނެތުމާއި ޢިބާރާތް ތަފާތުވުމަކީ ފުށުއެރުމެއް ނޫނެވެ. އަޚްލާޤަކީ ޤާނޫނު ދަންނަ ދިފާޢެއް ނޫނެވެ. ތުހުމަތު އުފެދޭ މަޤާމުގައިވާ ހެކިންގެ ބަހަށް ބުރަދަން ނުދިނުން ޞައްޙައެވެ. ލަސްވުން ވަޒަންކުރަނީ ކުއްޖާގެ ޙާލަތަށް ބަލައިގެންނެވެ. ހައިކޯޓަށް ނުހުށަހެޅި ނުކުތާތައް ބަލައިނުގަނެވެއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލު، ހައިކޯޓުގެ ޙުކުމް ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާ ނަމަ، އެ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެއެވެ. ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި: (1) ކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ އާއި، (2) ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، (3) ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެއެވެ.
HN2 ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ މިންވަރުގެ ހެކިބަހެއްތޯ ބެލުމަށްޓަކައި އެ ހެކިބަހުގެ އެތެރެ ފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމާއި ކުއްޖާގެ ތެދުވެރިކަމާއި، ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުރަނގަޅު ނިޔަތެއް އޮތްތޯ ބަލަންޖެހެއެވެ. ކުއްޖާގެ އަޚްލާޤު ވަކިގޮތަކަށް ހުރުމަކީ ނުވަތަ ނެތުމަކީ އެ ކުއްޖެއްގެ ތެދުވެރިކަން ވަޒަންކުރަން ބޭނުންކުރެވޭ ސިފައެއް ކަމުގައި ނުވަތަ އެ ކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގަން މެދުވެރިވި ސަބަބުކަމުގައި ބެލެވިގެން ނުވާނެއެވެ.
HN3 ކުއްޖާގެ ހެކިބަސް ބޭރު ފުށުން އެއްގޮތްތޯ ބެލުމުގައި ކުއްޖާ ފުރަތަމަ ހާދިސާ ހިނގިގޮތް ކަމަށް ބުނެ ކިޔާދީފައިވާ ދިނުން، އެކި ފަރާތްތަކުގައި ކިޔާދޭ އިރުވެސް މައިގަނޑު ގޮތެއްގައި އެއްގޮތްވެފައި، ބޮޑު ފުށުއެރުންތަކެއް ނެތްކަމުގައިވާނަމަ، ކުއްޖާގެ ބަސް ބޭރު ފުށުން އެއްގޮތް ކަމުގައި ބެލިދާނެއެވެ. އަދި ކުއްޖާގެ ހެކިބަސް އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމަށްޓަކައި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްސީލުތަކެއް ހުރިތޯ ބަލަންޖެހެއެވެ. އެ ގޮތުން ކުއްޖާ ކިޔައިދޭ ދިނުމުގައި ހާދިސާ ހިނގި ތަނާއި ވަގުތު ބަޔާންކޮށްދިނުމާއި، އެ ނޫންވެސް ހާދިސާއާ ގުޅުންހުރި ވާހަކަތައް އެކި މަހައްލުގައި ކިޔައިދޭ ދިނުން އެއްގޮތްވޭތޯ ބެލިދާނެއެވެ.
HN4 ކުޑަކުދިންގެ ބަހާމެދު ގޮތެއް ކަނޑައަޅާއިރު، ޅަފުރާއަކީ ކުދިންގެ ސިކުނޑި އުފެދި ތަރައްޤީވަމުން އަންނަ ދުވަސްވަރު ކަމުގައިވާތީ، ނުވަތަ ޖިންސީ ގޯނާގެ އަމަލު ހިންގި ފަރާތްތަކަކީ ކުއްޖާއާމެދު އެފަދަ އަމަލެއް ހިންގުމުގެ ކުރިންވެސް އެ ކުއްޖަކާ އާއިލީ ގުޅުމެއް ނުވަތަ ބާރުވެރި ގުޅުމެއް އޮންނަ ފަރާތްތައް ކަމުގައިވާތީ، އެއިން ސަބަބަކާ ހުރެ ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްސީލު ހަނދާންނެތުމަކީ ނުވަތަ ތަފްސީލު ފަހުން ކިޔައިދޭން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެއްކަމުގައިވާތީ، އެ ކުއްޖާ ކުރިން ކިޔައިދިން ދިނުމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކަކުން ބާރުލިބޭނަމަ، އެ ހެކިބަސް ބަލައިގަންނަން ޖެހެއެވެ.
HN5 ކުޑައިރުން ފެށިގެން ޖިންސީ ގޯނާކުރަމުންއައި ކަމަށާއި، މިފަދަ ހާދިސާތައް އެތައް ފަހަރަކު ހިނގާފައިވާކަމަށް ކުއްޖާ ބުނާ ޙާލަތެއްގައި، ހާދިސާތައް ހިނގައިދިޔަ ތާރީޚުތަކާއި، އަތްލާފައިވަނީ ސީދާ ކޮން ތަނެއްގައިކަން ވަކިވަކިން ބުނެފައި ނެތުމަކީ ކުއްޖާގެ ހެކިބަހުގައި އެކަށީގެންވާ ތަފްސީލް ނެތްކަމަށް ބެލެވޭނެ ކަމެއް ނޫނެވެ. އަދި ތަފްސީލް ދިނުމުގެ ގޮތުން ތަޙުޤީޤުގައި ބޭނުން ކުރި ޢިބާރާތް ނޫން އެހެން ޢިބާރާތެއް ޝަރީޢަތުގައި ބޭނުންކޮށްފައި އޮތުމަކީ ކުއްޖާގެ ހެކިބަހުގައި ފުށުއެރުން ހުރި ކަމަށް ބެލެވޭނެ ސަބަބެއްވެސް ނޫނެވެ.
HN6 ކުއްޖާގެ އިޖްތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތުން، ޔަޤީންކަމާއި ކަށަވަރު ކަމާއެކު މިއީ ހިނގާފައިވާ ހާދިސާއެއްކަމަށް ބުނެފައި ނުވުމަކީ، ރިޕޯޓް ތައްޔާރުކުރި ފަރާތްތަކުގެ ނިންމުމާމެދު ސުވާލު އުފެދޭ ކަމެއް ނޫނެވެ. އެހެނީ، މި ރިޕޯޓް ތައްޔާރުކުރި ފަރާތަކީ ހާދިސާތައް ހިނގި މަންޒަރު ލޮލުން ދެކެފައިވާ ފަރާތެއް ކަމަށް ނުވާއިރު، އެ ފަރާތުން ތައްޔާރުކުރާ ރިޕޯޓްގެ ނިންމުންތައް ބިނާވާނީ ކުއްޖާގެ ފަރާތުން ކިޔައިދޭ ކިޔައިދިނުންތަކާއި ކުއްޖާއާ ގުޅުންހުރި އެކި ފަރާތްތަކުން ދޭ މަޢުލޫމާތުގެ މައްޗަށް ކަމަށް ވާތީއެވެ.
HN7 ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވަނީ މިވެނި ހާދިސާއަކާ ގުޅިގެން ކަން ސީދާ ބުނަން ނޭނގިދާނެ ކަމާއި، އޭގެ ތެރޭގައި ކުއްޖާއަށް ދިމާވެފައިވާ އެހެން ކަންކަންވެސް ހުރުމަކީ އެކަށީގެންވާ ކަމެވެ. މީހެއްގެ ނަފްސާނީ ހާލަތަށް އަސަރުކުރާނެ އެއް ކަމަކަށްވުރެ ގިނަ ކަންތައްތަކެއް ކުރިމަތިވެފައި ހުރުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން، ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި ފަރާތުން ވަކި ހާދިސާއެއް ރޫލްއައުޓް ނުކުރެވޭނެ ކަމަށް ބުނުމުން، ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގުމުގެ ސަބަބުން ނޫންކަމަށް ދޭހަވާ ކަމަކަށް ނުފެނެއެވެ.
HN8 ކުއްޖާއަކީ އަޚްލާޤާއި، އުޅުން ރަނގަޅު ކުއްޖެއް ނޫންކަމަށް ބުނެ ހުށަހަޅާ ދިފާޢަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ދަންނަ ދިފާޢެއް ނޫނެވެ. އެހެންކަމުން، ކުއްޖާގެ އަޚްލާޤާ ގުޅޭގޮތުން ފާހަގަކުރާ ކަންކަމަކީ ޝަރީޢަތުން އެއަށް ބުރަދަން ދޭންޖެހޭނެ ކަމެއް ނޫނެވެ؛ އަދި ކުއްޖާގެ އަޚްލާޤާ ގުޅޭގޮތުން ހެކިވެރިން ދައްކާ ވާހަކަތަކަށް ބުރަދަން ދޭންޖެހޭކަމަކަށް ނުދެކެމެވެ.
HN9 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާއާއި 18ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެންނެވެ. އެހެންކަމުން، ހައިކޯޓަށް ހުށަނޭޅޭ އައު ޤާނޫނީ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައިގަތުމަކީ ޚާއްޞަ އިސްތިސްނާއީ ޙާލަތްތަކެއްގައި ނޫނީ ކުރެވޭ ކަމެއް ނޫނެވެ. އެ އިސްތިސްނާއީ ދެ ހާލަތަކީ: (ހ) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން؛ ނުވަތަ (ށ) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުމެވެ.
HN10 ސުޕްރީމް ކޯޓުގައި ފާހަގަކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކަކީ ޢާންމު އުސޫލުތަކެއް ނޫނެވެ. އެއީ އިސްތިސްނާތަކެކެވެ. ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ އާންމު އުސޫލުތައް ބަޔާންވެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާގައެވެ. މި އާންމު އުސޫލުތަކުގެ ޚުލާޞާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މި އިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އާންމު ގޮތެއްގައި އެ ކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ.
HN11 ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަން، އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ފުރުސަތުގައި ހައިކޯޓަށް ހުށަހަޅާފައި ނުވާނަމަ، އަދި ހައިކޯޓަށް ނުހުށަހެޅުނު ނަމަވެސް އެ ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައި ނުވާނަމަ، އެ ނުކުތާއަކީ އައު ނުކުތާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ހުށަހެޅުމެއް ނޫނެވެ.
HN12 ގާތްތިމާގެ މީހުންގެ ހެކިބަސް ގަބޫލުކުރުމާމެދު ފިޤުހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، މައިންބަފައިން (ޢާއިލީގޮތުން ކިތަންމެ މަތިވި ކަމުގައިވިޔަސް) އެމީހުންގެ ދަރިންނާ އެއްކޮޅަށް (ޢާއިލީގޮތުން ކިތަންމެ ދަށަށް ދިޔަ ކަމުގައިވިޔަސް) ދޭ ހެކިބަސް، އަދި ދަރިން އެ މީހުންގެ މައިންބަފައިންނާ އެއްކޮޅަށް ދޭ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އަޚަކު އޭނާގެ އެހެން އަޚަކަށްޓަކައި ދޭ ހެކިބަސް ގަބޫލުކުރެވޭނެއެވެ. އަދި ބޮޑުބޭބެއާއި، ބޮޑުބޭބެ ކިޔާ މީހުންގެ ހެކިބަސް އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ޤަބޫލުކުރެވޭނެކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ.
HN13 ޖުމްހޫރުންގެ އަރިހުގައި ދެމަފިރިން އެކަކު އަނެކަކުގެ މައްޗަށް ދޭ ހެކިބަސް ގަބޫލު ނުކުރެވޭނެއެވެ. ސަބަބަކީ، އެކަކު އަނެކަކުގެ ކިބައިން ޙަޖުބުކުރާނެ މީހަކު ނެތި ވާރުތަވުމާއި، އާންމު ގޮތެއްގައި އެކަކު އަނެކަކުގެ ފަރާތުން މާލީ މަންފާ ލިބުމެވެ. މީގެ އިތުރުން، ދެމަފިރިންނަކީ އެކަކު އަނެކަކުގެ ކިބައިން އާންމުގޮތެއްގައި އެހީތެރިކަމާއި މަދަދު ލިބިލިބި ތިބޭ ބަޔަކަށް ވުމުން އެ މީހުންގެ ހެކިބަސް އެކަކާ އެއްކޮޅަށް ގަބޫލު ނުކުރެވޭނެއެވެ.
HN14 ގާތްތިމާގެ މީހުންގެ ހެކިބަސް އިސްލާމީ ޝަރީޢަތުގައި ގަބޫލުކުރުމާމެދު ފިޤުހުވެރިން ބަހުސްކޮށްފައިވަނީ ”ހެކިބަސް ދޭ މީހާއަކީ އޭނާގެ ހެކިބަހުގައި ތުހުމަތު އުފެދޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން“، މި މައުޟޫޢުގެ ދަށުންނެވެ. އެ ގޮތުން އެ ހެކިވެރިންނަކީ ހެކިބަސް އަދާ ކުރުމުގެ ސަބަބުން ހެކިވެރިޔާއަށް މަންފާއެއް ލިބި ނުވަތަ ގެއްލުމެއް ދުރުކޮށްދޭ ހާލަތުގައި ހުރި މީހަކު ކަމުގައި ވެގެން ނުވާނެއެވެ. ވަކި ދަރަޖައަކަށް ތިމާގެ މީހުން ޖިނާއީ މައްސަލަތަކުގައި ހެކިބަސްދޭ ހާލަތަކީ ހެކިބަސް ދިނުން ހެކިވެރިޔާގެ މައްޗަށް މަނާވެގެންވާ ހާލަތެކެވެ. އަދި ބައެއް ހާލަތްތަކުގައި ހެކިވެރިޔާގެ ހެކިބަހަކީ އެ ހެކިބަހުން އެކަނި ޖިނާއީ މައްސަލަ ސާބިތުކުރުމަށް ފުދޭ ދަލީލެއް ކަމުގައި ނުވި ނަމަވެސް، އެ ހެކިބަހަށް ތާއީދު ލިބޭ އެހެން ދަލީލުތަކާއި ޤަރީނާތަކާއެކު ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަ ހެކިބަހެކެވެ.
HN15 ކުއްޖާއާ ޢާއިލީ ގޮތުން ތިމާގެ މީހުން ތުހުމަތުކުރެވޭ ފަރާތާ ދެކޮޅަށް ހެކިބަސް ދީފައިވީ ނަމަވެސް، ކުޑަކުއްޖަކީ ހެކިބަސް އަދާކުރުމުގެ ސަބަބުން ހެކިވެރިއަކަށް މަންފާއެއް ފޯރުކޮށްދީ، އަދި އެއިން މީހަކަށް ކުރިމަތިވެދާނެ ގެއްލުމެއް ދުރުކޮށްދެވޭ ހާލަތުގައި ހުރި ކުއްޖެއް ނޫނެވެ. މީގެ އިތުރަށް އެ ކުއްޖާއަކީ، އެހެން މީހުންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބުން ލާޒިމު ކުއްޖެކެވެ. އެއާ ޚިލާފަށް، ތުހުމަތުކުރެވޭ ފަރާތަކީ ތަސައްރަފު ފުރިފައިހުރި ބޮޑު މީހެކެވެ.
HN16 ދަށު ކޯޓާއި ހައިކޯޓުގެ ރިޕޯޓުގައި ހިމަނާފައި ނުވާ، އަދި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު ލިޔުމެއްވެސް ނޫން، ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއަކުން ހެކިވެރިއެއްގެ ހެކިބަހަށް ބާރު ލިބޭ ކަމަށް ނިންމިދާނެކަމަކަށް ނުފެނެއެވެ.
HN17 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (ޅ) އާއި (އ) ގައި ލަސްނުވެ ކިޔައިދިނުމަށް އޮންނައިރު، (ޅ) އާއި (އ) އާ ދެމެދުގައި ބަޔާންކޮށްފައިވާ (ކ) ގައި، ކުއްޖާއާ ދޭތެރޭ ކަންވީގޮތް ކިޔައިދޭން ވަކި ވަގުތެއް ބަޔާންކޮށްފައި ނުވެއެވެ.
HN18 މި ފަދަ ކޮންމެ މައްސަލައެއްގައި ކުއްޖާ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުމުގައި ބަލާ އަސާސީ ހަމައަކީ ކުއްޖާގެ ޙާލަތާއި، ކުއްޖާގެ އުމުރާއި މިޒާޖު ފަދަ ކަންކަމެވެ. މި ފަދަ މައްސަލައެއްގައި އަވަސް ނުވަތަ ލަސް މިން، ވަޒަންކުރެވޭނީ އާންމު ގޮތެއްގައި މުއްދަތު ނުވަތަ ވަގުތު ގުނާ ހަމައަކުން ނޫނެވެ. މި ފަދަ މައްސަލައެއްގެ ވާހަކަ އެހެން ފަރާތަކާ ޙިއްސާކޮށް ކިޔައިދިނުމަށް ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ ބައެއް ފަހަރު އަހަރުތަކެއް ވެސް ފާއިތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހާދިސާ ކިޔައިދިނުން ލަސްވުމަކީ އެ ބަހުގެ ބާރު ދެރަވެގެންދާ ސަބަބެއް ނޫނެވެ.
HN19 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ޚާއްޞަ އުސޫލުތަކެއް ލިޔަން ޖެހުނީ އެ ފަދަ މައްސަލަތަކުގައި ދިމާވާކަންކަން ޙައްލުކުރުމަށް ކަމަށްވެފައި، އެ ޤާނޫނުގެ 47ވަނަ މާއްދާގައިވާ އަކުރުތައް ކިޔުމުގައި ބަލަންޖެހޭ ޙައްލު ހޯދައިދިނުމުގެ އުސޫލުތައް ކުރިޔަށް ނެރެން ޖެހެއެވެ. ހެކި ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަސް ކަމަށްވެފައި، އެންމެ އަވަހަށް ނުވަތަ އެކަން ހިނގި ވަގުތު އެ ކުއްޖާއަށް އެހެން ފަރާތަކާ އެކަން ޙިއްސާނުކުރެވޭ ފަދަ ސަބަބެއް މެދުވެރިވާ ޙާލަތެއްގައި އެ ކުއްޖާއަށް އިންސާފުގެ ދޮރު ބަންދުވުމަކީ ޤާނޫނުގެ މަޤުސަދެއް ނޫނެވެ.
HN20 ކުއްޖަކު މި ފަދަ ވާހަކަތައް ކިޔައިނުދީފާނެ ބައިވަރު ސަބަބުތަކެއް ހުރެދާނެއެވެ. އެ ގޮތުން، ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރުމަށް ކުޑަކުދިން ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި، ރިޕޯޓްކޮށްފިނަމަ އެ ކުއްޖާއަށާއި ކުއްޖާގެ އާއިލާއަށް ނޭދެވޭ އަސަރުކުރާނެކަމަށް ގަބޫލުކުރެވުމާއި، އުމުރު ހަގުވުމުގެ ސަބަބުން ކުއްޖާއަށް ދިމާވި ކަންތައްތައް ރަނގަޅަށް ވިސްނައިނުގަނެވުމާއި، ކިޔައިދިނުމަށް ބޭނުންވާ ޢިބާރާތްތަކާއި ބަސްމަގު އެކަށީގެންވާ ވަރަށް އެނގިފައިނުވުން ހިމެނެއެވެ.
HN21 ފަހުން ހިނގައިދިޔަ ކަމެއްގެ ވާހަކަ ކިޔައިދިނުމުގެ ތެރެއިން އޭގެ ކުރިން ހިނގައިދިޔަ ކަންތައްތައް ވެސް ކިޔައިދިނުމަކީ އެކަށީގެންވާ ކަމެކެވެ. ކުއްޖާ ކުޑައިރު ހިނގައިދިޔަ ކަންތައްތައް، ފަހުގެ ހާދިސާއަކާ ގުޅުވައިގެން ކުއްޖާ ކިޔައިދީފައިވުމަކީ، ކުއްޖާގެ ބަހުގެ ބާރު ދަށްވެގެން ދާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެފަދައިން ކިޔައިދޭ ކިޔައިދިނުމުގައި އެކަށީގެންވާ ލަސްވުމެއް އޮތްކަމަށް ބަލަންޖެހޭކަމަކަށް ވެސް ނުފެނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ރާޣިބް އަޙްމަދު، ދަ ލީގަލް ޗެމްބަރ އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- އިބްރާހީމް ނާޞިޙް، މަރްޔަމް ޝަހުމާ، އަޙްމަދު ނައުފަލް
- ބެންޗު
- ޢަބްދުﷲ ޙަމީދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަބްދުﷲ ޙަމީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދުކުރައްވާފައި)
ތައާރަފު
1މި މައްސަލައަކީ، ޔޫސުފް މޫސާ، އޭނާގެ އަނބިމީހާއާ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއަކާ މެދު ޖިންސީ ޢަމަލުހިންގާފައިވާކަމަށް ބުނެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޔޫސުފް މޫސާގެ މައްޗަށް އުފުލި މައްސަލައެކެވެ.
2މި މައްސަލަ ބަލައި ޙުކުމްކޮށްފައިވަނީ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ކޯޓުގެ ނަންބަރު ޤަޟިއްޔާއިން ޔޫސުފް މޫސާގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ ޔޫސުފް މޫސާގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ.
3މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ނަންބަރު 2023/HC-A/79 ޤަޟިއްޔާއިން މައްސަލަ ބެލުމަށްފަހު، [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ޔޫސުފް މޫސާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރި ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޔޫސުފް މޫސާ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކަނޑައެޅިއެވެ.
4މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/79 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށެވެ.
ކަން ހިނގާފައިވާ ގޮތް
5މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ (މީގެ ފަހުން "ކުޑަކުއްޖާ" ނުވަތަ "ކުއްޖާ" ކަމުގައި ބުނެފައިވާ)، އެ ކުއްޖާގެ މައިފުށުގެ ބޮޑުދައިތަގެ ގޭގައި ބެހެއްޓުމަށްފަހު، ކުއްޖާގެ މަންމައާއި ބައްޕަ ރަށުން ބޭރަށް ބޭސްފަރުވާއަކަށް ދިޔައެވެ. ޔޫސުފް މޫސާއަކީ، ބޮޑުދައިތަގެ ފިރިމީހާއެވެ. އަދި އެއިރު 15 އަހަރުގެ އެ ކުއްޖާ ބަހައްޓާފައިވަނީ ޔޫސުފް މޫސާ އާއި އޭނާގެ އަނބިމީހާ ދިރިއުޅޭ ގޭގައެވެ.
62021 އޮކްޓޯބަރު 29ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްވެ ބުނެވުނު ގޭގެ މަތީ ބުރީގައި ހުރި ކޮޓަރިއެއްގައި ކުއްޖާ ނިދާފައި އޮތްވައި ހޭލެވުނު ގަޑީގައި، ކޮޓަރީގައި މީހަކު އުޅޭހެން ހީވި ކަމަށާއި، ބުރަކަށީގެ މެދެއްހާ ހިސާބުގައި އަތްލީމާ އެއީ ޔޫސުފް މޫސާކަން އެނގުނު ކަމަށާއި، ކަރާ ހަމައިން އަތްލީމާ ތެދުވެ އެ ތަނަށް ވަދެއުޅެނީ ކީއްވެތޯ ސުވާލުކުރުމުން، މީހަކު ކޮޓަރީގައި އުޅޭހެން ހީވެގެން ބަލައިލަން އައީ ކަމަށް ޔޫސުފް މޫސާ ބުނިކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި ކޮޓަރީގެ ދޮރު ތަޅުލާފައި ހުއްޓާ މީހަކު ވަންނާނީ ކިހިނެއްތޯ ކުއްޖާ ސުވާލުކުރުމުން، ކުޑަދޮރު ހުޅުވާފައި ހުރީމާ ކަމަށް ބުނެ ޔޫސުފް މޫސާ ކޮޓަރިން ނިކުމެގެން ދިޔައީ ކަމަށް ކުއްޖާ ބުނެފައިވެއެވެ.
7ހަމަ އެރޭ، ޔޫސުފް މޫސާ އެ ކޮޓަރިއަށް ވަދެ ކުއްޖާގެ ގައިގައި އަތްލި ވާހަކައާއި، އޭގެ ކުރިން ޔޫސުފް މޫސާ ކުއްޖާއަށް ޖިންސީ އަނިޔާކުރި ކަމަށް ބުނެ، ވަރަށް ތަފްސީލުކޮށް މެސެޖްތަކެއް ލިޔެ އެކި ފަރާތްތަކަށް އެ ކުއްޖާ ފޮނުވިއެވެ.
8އޭގެ ޖެހިގެން އައި ދުވަހު ކުއްޖާގެ އެއްބަފާ ބޭބެގެ ފަރާތުން ކުއްޖާގެ މަންމައަށް ކުއްޖާ ކުރި މެސެޖުގެ މަޢުލޫމާތު ލިބުމުން، ކުއްޖާއަށް ފޯނުން ގުޅައި އެ ކަން ސާފުކުރުމުން، ޔޫސުފް މޫސާ ކުއްޖާ ނިދާފައި އޮތް ކޮޓަރިއަށް ވަދެ، ގައިގައި އަތްލި ކަމަށާއި، ޔޫސުފް މޫސާ އެ ކުއްޖާއަށް ފޯނުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކައި، ޖިންސީ ޢަމަލު ހިންގާ ކަމަށް ކުއްޖާގެ މަންމަ ގާތުގައި ބުންޏެވެ.
92021 އޮކްޓޫބަރު 31 ގައި، ނަން ހާމަކުރަން ބޭނުންނުވާ ފަރާތަކުން މި ހާދިސާގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް ގެނައުމުން، [REDACTED] ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރާއި ފުލުހުން ގުޅިގެން މި މައްސަލަ ތަހުޤީޤުކުރަން ފެށިއެވެ.
102021 ނޮވެންބަރު 01 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި ތަޙުޤީޤުގައި ކުއްޖާ ބުނެފައިވަނީ:
10.. ކުއްޖާގެ ޢުމުރުން ވަރަށް ޅައިރުގައި، ކާމޭޒު ކައިރިއަށް ކުއްޖާ ގެންގޮސް މެންދުރުގެ ވަގުތުތަކުގައި ޔޫސުފް މޫސާ އެ ކުއްޖާ ލައްވާ ޔޫސުފް މޫސާގެ ތަންތާގައި ކުއްޖާގެ އަތް ޖައްސުވަން ޔޫސުފް މޫސާ މަސައްކަތްކުރިކަމަށާއި، ލަފާކުރެވޭ ގޮތުގައި އެއީ 2009 ނުވަތަ 2010ވަނަ އަހަރު ކަމަށާއި، އަދި އެ ފަހުން އެ ކަންތައް މަޑުޖެހިލިކަމަށާއި؛
10.. ނަމަވެސް، ކުއްޖާގެ މަންމަ ބޭސްފަރުވާއަކަށް ރަށުން ބޭރަށް ގޮސް ހުރި ދުވަސްވަރެއްގައި ސްކޫލް ނިމިގެން ގެއަށް އައިސް ކޮޓަރީގައި ތަޅުލައިގެން ނިދާފައި އޮންނައިރު ޔޫސުފް މޫސާ ކޮޓަރީގެ ތަޅު ހުޅުވައިގެން އެ ކޮޓަރިއަށް ވަދެ ކުއްޖާގެ ގައިގައި އަތްލާން ވަރަށް ގިނައިން މަސައްކަތްކުރާކަމަށާއި، އެ ގޮތުން ހެދުން މަތިން މޭމަތީގައި އަތްލާން މަސައްކަތް ކުރާކަމަށާއި، ނަމަވެސް އެ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނީ އާއިލާ ތެރޭގައި މައްސަލަޖެހިދާނެކަމުގެ ބިރު ހީވުމުންކަމަށާއި؛
10.. އަދި ޔޫސުފް މޫސާ އާއި އޭނާގެ އަނބިމީހާގެ ކޮޓަރީގައި ކުއްޖާ ނިދާފައި އޮތް ރެއެއްގައި، ޔޫސުފް މޫސާ ކޮޓަރިއަށް ވަދެ ކުއްޖާގެ އަތުގައި ހިފަހައްޓައި އަތް ގެންގޮސް އަތްޖައްސަން ނުޖެހޭ ތަނެއްގައި ޖެއްސުވި ކަމަށާއި، މި ނޫނަސް އެކި ދުވަސްތަކުގައި ޔޫސުފް މޫސާ ކުއްޖާގެ މޭމައްޗާ ކައިރި ކޮނޑުމަތިން އަތްލާ ހަދާކަމަށާއި، މި ވާހަކަ މީގެ ކުރިން އެއްވެސް މީހެއް ގާތުގައި ނުބުނާކަމަށާއި؛
10.. ކުއްޖާގެ މަންމަ މާލެދިޔަ އެހެން ދުވަސްވަރެއްގައި ކުއްޖާ ނިދަނީ ޔޫސުފް މޫސާ އާއި އޭނާގެ އަނބިމީހާ ނިދާ ކޮޓަރީގައި ކަމަށާއި، ކުއްޖާ ނިދަނީ ގޮދަޑިއެއް އަޅައިގެން ތިރީގައި ކަމަށާއި، ޔޫސުފް މޫސާ އާއި އޭނާގެ އަނބިމީހާ ނިދަނީ އެނދުގައި ކަމަށާއި، ނިދާ ވަގުތުގައި ޔޫސުފް މޫސާ، ފޯނުން ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބަލާކަމަށާއި، އެ މަންޒަރު ކުއްޖާއަށް ފެންނަ ކަމަށާއި، އެ މަންޒަރު ކުއްޖާއަށް ފެންނާނެކަން ޔޫސުފް މޫސާއަށް އެނގޭނެކަމަށާއި؛
10.. އަދި، 2021 އޮކްޓޫބަރު 29ވަނަ ދުވަހުގެ ރޭ، ކުއްޖާ އެކަނި ނިދާފައި އޮތް ކޮޓަރީގެ ބެލްކަންޏަށް ނިކުންނަ ކުޑަދޮރު ހުރީ ތަޅު ނުލައި ކަމަށާއި، އެ ރޭ ޔޫސުފް މޫސާ ވަދެ ކުއްޖާ ބިއްދޮށަށް އެނބުރި އޮތްވާ ކުއްޖާގެ ބުރަކަށްޓާއި ކޮނޑުމަތީގައި އަތްލިކަމަށާއި، އަދި ކުއްޖާ ތެދުވެ ޔޫސުފް މޫސާގެ ގާތުގައި ”ކީއްހޭ ތިކުރަނީ“ އެހުމުން ”މިކޮޓަރި ތެރޭ މީހަކު އުޅޭހެން ހީވެގެން ބަލާލާށޭ ވަނީ“ މިހެން ބުނިކަމަށެވެ.
11ޔޫސުފް މޫސާގެ ފަރާތުން ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވާތީވެ، މި ކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ އަސަރުކޮށްފައިވާ މިންވަރު ބެލުމަށް 2021 ޑިސެންބަރު 06 ގައި ސައިކޮލޮޖިކަލް އެސެސްމަންޓެއް ހެދުނެވެ. މި އެސެސްމަންޓުގައި ކުއްޖާގެ ސައިކޮލޮޖިކަލް ޓެސްޓުތަކެއް ހެދުމުގެ ގޮތުން ކުއްޖާ އާއި ކުއްޖާގެ މަންމަ އާއި ބައްޕައާ އިންޓަވިއުކުރެވުނެވެ. މި އެސެސްމެންޓް ހެދުމަށްފަހު ސައިކޮލޮޖިސްޓް ލިޔެފައިވާ ރިޕޯޓުގައި ނިންމާފައިވަނީ ޔޫސުފް މޫސާގެ ފަރާތުން ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވުމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ އަސަރުތަކެއް ކޮށްފައިވާކަމަށެވެ.
ދަށުކޯޓުގެ ދަޢުވާ ބިނާކުރި ހެކިތައް
12ޔޫސުފް މޫސާގެ މައްޗަށް ދައުލަތުން ކުރި ދަޢުވާ ބިނާކޮށްފައިވަނީ ތިރީގައި މިވާ ހެކިތަކުގެ މައްޗަށެވެ.
(ހ) ކުއްޖާ ދީފައިވާ ބަޔާން.
(ށ) ކުއްޖާގެ މަންމަގެ ބަޔާން.
(ނ) ކުއްޖާ އެންމެ ފުރަތަމަ ހާދިސާ ކިޔައިދިން، ކުއްޖާއާ ތިމާގެ ދައްތަ ދީފައިވާ ބަޔާން.
(ރ) ކުއްޖާ އެންމެ ފުރަތަމަ ހާދިސާ ކިޔައިދިން، ކުއްޖާގެ އެއްބަނޑު ބޭބެ ދީފައިވާ ބަޔާން.
(ބ) ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް އަދި ސައިކޮލޮޖިކަލް އެސެސްމެންޓް ހެދި ފަރާތުން ދީފައިވާ ހެކިބަސް.
(ޅ) ކުއްޖާގެ ޙާލަތު ވަޒަންކުރާ ރިޕޯޓް އަދި އެ ރިޕޯޓް ތައްޔާރުކުރި ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރގެ ހެކިބަސް.
(ކ) ކުއްޖާގެ ފޯނުގެ ފޮރެންސިކް ރިޕޯޓު އަދި އެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަސް.
(އ) ކުއްޖާއަށް ޔޫސުފް މޫސާ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދެއްކި ވާހަކަ ކިޔައިދިން ކުއްޖާގެ ހެކިބަސް.
(މ) ހާދިސާ ހިނގި ތަނާ ގުޅޭ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް.
ދަޢުވާ
13ބަޔާންވެދިޔަ ހެކިތަކުގެ މައްޗަށް ބިނާކޮށް ޔޫސުފް މޫސާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ.
ދަށުކޯޓުގެ ނިންމުން
14މި ދަޢުވާއާ ގުޅިގެން [REDACTED] މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ، ޔޫސުފް މޫސާގެ މައްޗަށް ދައުލަތުން ކުޅަ ދަޢުވާ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގައި ކަނޑައަޅާފައިވާ މިންވަރަށް ޝަރީޢަތަށް ސާބިތު ނުވާކަމަށެވެ.
15[REDACTED] މެޖިސްޓްރޭޓް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ، ޔޫސުފް މޫސާ، ކުއްޖާއަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ދައްކާފައިވަނީ ޔޫސުފް މޫސާ އާއި އޭނާގެ އަންހެނުން ނިދަންތިބި ކޮޓަރީގެ ތަޅުން މަތީގައި އަޅާފައި އޮތް ގޮދަޑިއެއް މަތީގައި ކުއްޖާ އޮތްވާކަމަށް ޝަރީޢަތުގެ މަޖިލިހުގައި ކުއްޖާ ބުނިއިރު، ކުއްޖާގެ އެއްބަފާ ބޭބެ ގާތުގައި ބުނެފައިވަނީ މި ވީޑިއޯ ދައްކާފައިވަނީ ކުއްޖާ، ޔޫސުފް މޫސާއާ އޭނާގެ އަނބިމީހާއާ ދޭތެރޭ ނިދަން އެނދުމަތީގައި ތިބޭއިރުކަމަށާއި، އެހެންކަމުން މިއީ ކުއްޖާގެ ބަހުގައި ހުރި ޖައުހަރީ ފުށުއެރުމެއްކަމަށެވެ. އަދި ދިފާޢުން ހުށަހަޅާފައިވާ ހެކިވެރިއެއްކަމަށްވާ ޔޫސުފް މޫސާގެ ކާފަދަރިއެއް ގާތުގައި ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށް ކުއްޖާ ބުނެފައިވާކަމަށާއި، އެހެންކަމުން ޔޫސުފް މޫސާއާމެދު ކުއްޖާގެ ހިތުގައި ހަސަދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކުރެވޭކަމަށެވެ. މީގެ އިތުރަށް، ޔޫސުފް މޫސާގެ ފަރާތުން އޭގެ ކުރިން ލިބުނުކަމަށް ބުނާ ޖިންސީ ގޯނާގެ ވާހަކަ އާއި ހާދިސާ ހިނގި ރޭގެ ވާހަކަތަކާ މާބޮޑު ތަފާތެއް ނެތްއިރު، އޭގެ ކުރިން މި ވާހަކަ ނުދައްކާ ހުރުމަށްފަހު، 2021 އޮކްޓޫބަރު 30 ގެ ފަހުން މި ހާދިސާގެ ވާހަކަ ހިއްސާކުރުމުން، ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށްބުނެ ހެކިވެރިޔާ ދީފައިވާ ހެކިބަހުގައި ފާހަގަކުރި ކަންތަކާމެދު ސުވާލު އުފެދޭކަމަށެވެ.
16މީގެ އިތުރަށް، [REDACTED] މެޖިސްޓްރޭޓް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ، ހާދިސާ ހިނގި ރޭ ކުއްޖާ އޮތް ކޮޓަރިއަކީ އެ ތަނުގެ ހުރިހާ ދޮރެއްގައިވެސް ތަޅާއި ތަންޑު ހަރުކުރެވިފައިވާ ތަނެއްކަން ފުލުހުންގެ ތަޙުޤީޤުން އެނގެން އޮންނަކަމަށާއި، ތަޅުދަނޑި ބޭނުންނުކޮށް އެ ކޮޓަރިއަށް އެއްވެސް ފަރާތަކަށް ނުވަދެވޭނެ ކަމަށެވެ. އަދި، ހާދިސާ ހިނގި ރޭ ޔޫސުފް މޫސާގެ މައްޗަށް ތުހުމަތުކުރެވިފައިވާ އެއްވެސް ޢަމަލެއް ހިނގާފައިވާކަން ހާދިސާ ހިނގި ގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.
17ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓާ ގުޅިގެން [REDACTED] މެޖިސްޓްރޭޓް ކޯޓުން ބުނެފައިވަނީ، ހެކިވެރިންގެ ބަހުން ކުއްޖާގެ ބަލަން ހެޔޮ ނުވާވަރުގެ ފޮޓޯތަކެއް ފެތުރިފައިވާކަން އެނގޭކަމަށާއި، އެ ކަމުގެ ސަބަބުންވެސް ކުއްޖާއަށް ނަފްސާނީ އަސަރުކޮށްފާނެ ކަމަށެވެ. އެހެންކަމުން، ސައިކޮލޮޖިކަލް އެސެސްމަންޓްގައި ކުއްޖާއަށް ނަފްސާނީ ގެއްލުމެއް ލިބިފައިވާކަމަށް ބުނެފައިވީނަމަވެސް، ނަފްސާނީ ގެއްލުން ލިބިފައިވާ އަސްލު ސަބަބު ދެނެގަތުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
18މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ [REDACTED] މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލުކޮށްފައެވެ. އެ ޙުކުމް ބާތިލުކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.
18. ކުއްޖާ ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނާއި، މައްސަލަ ބެލި ފަނޑިޔާރުގެ ޙާޟިރުގައި ކުއްޖާ ދެއްކި ވާހަކަތަކާއި، ހާދިސާ ހިނގި ރޭ ކުއްޖާގެ ތިމާގެ ދައްތައަށް ސްނެޕްޗެޓް މެދުވެރިކޮށް މެސެޖްކޮށްފައި ކިޔައިދިން ވާހަކަތަކާއި، ކުއްޖާގެ އެއްބަނޑު ބޭބެއަށް ކިޔައިދިން ވާހަކަތަކާއި، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ހެދިއިރު ކުއްޖާ ދައްކާފައިވާ ވާހަކަތަކާއި، ކުއްޖާގެ މަންމައަށް ކުއްޖާ ކިޔައިދިން ވާހަކަ އާއި، ކުއްޖާގެ ތިމާގެ އެހެން ކުއްޖަކަށް ކިޔައިދިން ވާހަކަތަކަކީ ޝަރީޢަތުން އަސާސަކަށް ބަލަންޖެހޭ ކުއްޖާގެ ކިޔައިދިނުންތަކެއްކަން؛
18.. 2021 އޮކްޓޫބަރު 29 ގެ ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި ތަޙުޤީޤުގައި ހާދިސާ ހިނގި ގޮތާމެދު ކުއްޖާ ދައްކާފައިވާ ވާހަކަތަކާއި، ޝަރީޢަތުގައި ހެކިބަސް ދެމުން ކުއްޖާ ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ކުއްޖާއަށް ޖިންސީ ގޯނާ ކުރިމަތިވި ހާދިސާތަކުގެ ތަފްސީލު އެއްގޮތަކަށް ކިޔައިދީފައިވާކަން؛
18. ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކުއްޖާއަށް ފެންނަ ގޮތަށް ޔޫސުފް މޫސާ ބަލާކަމަށާއި، ކުއްޖާއަށް އެ މަންޒަރު ފެންނާނެކަން ޔޫސުފް މޫސާއަށް އެނގޭނެކަމަށް ކުއްޖާ ބުނެފައިވާއިރު، ދައުލަތުން ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުއްޖާގެ ތިމާގެ ކުއްޖާ ގާތުގައި ކުއްޖާއަށް އެ ވީޑިއޯ ފެނުނީ ކުއްޖާއަށް ހޭލެވުނު ވަގުތެއްގައި ކަމަށާއި، ޔޫސުފް މޫސާ އެ ވީޑިއޯ ގަސްތުގައި ދެއްކީކަމަށް ނުބުނި ނަމަވެސް، އަދި ކުއްޖާ ހޭލައި އޮތްކަންވެސް ޔޫސުފް މޫސާއަށް ނޭނގޭނެކަމަށް ކުއްޖާ ބުނިނަމަވެސް، ޔޫސުފް މޫސާ ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ބެލީ ކުއްޖާއަށް ވީޑިއޯ ފެނުމުގެ އިޙްތިމާލު އޮތްކަން އެނގިހުރެ ކަމުގައިވާއިރު، އޮރިޔާން މަންޒަރު އެކުލެވޭ ވީޑިއޯ ކުއްޖާއަށް ފެންނަގޮތަށް ބެލުމުގައި، ޔޫސުފް މޫސާއަށް ކުއްޖާ ހޭލާ އޮތްކަން އެނގުމާއި ނުއެންގުމަކީ މި މައްސަލައިގެ މުހިންމު ވާޤިޢާއެއް ނޫންކަން؛
18.. ކުއްޖާގެ އެއްބަނޑު ބޭބެ ޝަރީޢަތަށް ހެކިބަސް ދިނުމުގައި ޔޫސުފް މޫސާގެ ގޭގައި ކުއްޖާ ނިދާއިރު، ކުއްޖާ ނިދަނީ އެނދުގައި ކަމަށާއި ކުއްޖާއަށް ޔޫސުފް މޫސާގެ ލަދުވެތި ގުނަވަން ފެންނަގޮތަށް އޮންނަ ކަމަށް އަދި ކުއްޖާގެ ގައިގެ ފަލަމަސްގަނޑުގައި ޔޫސުފް މޫސާ އަތްލި ކަމަށް ބުނެފައިވާ ވާހަކަ އެހެން އެއްވެސް މަޙައްލެއްގައި ދައްކާފައި ނުވިނަމަވެސް، އެހެން ހުރިހާ މަޙައްލެއްގައި ކުއްޖާއާމެދު ހިންގާފައިވާ ކަންކަން ކުއްޖާގެ އެއްބަނޑު ބޭބެއަށް ހަމައެފަދައިން ކުއްޖާ ކިޔައިދީފައިވާކަން ފާހަގަކުރެވޭކަން؛
18.. އިސްވެ ބުނެވުނު ފުށުއެރުންތަކަކީ ޖައުހަރީ ފުށުއެރުންތަކެއްތޯ ބަލާއިރު ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ގޮތުން އަނިޔާ ލިބުނު ދުވަސްވަރު ހިނގި ކަންކަން ކިޔައިދީފައިވަނީ އެ ހާދިސާ ހިނގުމަށްފަހު އެތައް އަހަރެއް ފަހުން ކަމާއި، ނަމަވެސް ކުއްޖާއަށް ކުރިމަތިވި ކަންކަމުގެ ވާހަކަ ހަމަ އެ މޭރުމުން ކުއްޖާ ހުރިހާ މަހައްލެއްގައިވެސް ކިޔައިދީފައިވަނީ އެއްގޮތަކަށް ކަމާއި، ހާދިސާ ހިނގި ރޭ ކުއްޖާ ނިދާފައި އޮތްވާ ކޮޓަރިއަށް ވަދެ ކުއްޖާގެ ބުރަކަށީގައި ޔޫސުފް މޫސާ އަތްލި ކަމަށް ބުނާ ހާދިސާވެސް އެއްވެސް ފުށުއެރުމެއް ނެތި ކުއްޖާ ކިޔައިދީފައިވާކަން؛
18.. ކުއްޖާގެ ފޮޓޯތަކެއް ލީކުވުމުގެ ސަބަބުން ރަށުތެރޭ ވާހަކަތަކެއް ފެތުރިފައިވާކަމުގެ ވާޤިޢާއާ ގުޅުވައި އެ ވާޤިޢާގެ މައްޗަށް ބިނާކޮށް، ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓުން ކުއްޖާއަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ އަސްލު ސަބަބު ދެނެގަތުމަކީ، ފަސޭހައިން ކުރެވިދާނެ ކަމެއް ނޫންކަމަށް ދަށުކޯޓުން ބުނިނަމަވެސް، ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓަށް ބަލާއިރު، އެ ރިޕޯޓު ހެދިފައިވާ ސަބަބަކީ ކުއްޖާއަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވާތީ، އެ ކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ އަސަރުކޮށްފައިވާ މިންވަރު ބެލުންކަން އެ ރިޕޯޓަށް ބެލުމުން އެނގޭ ކަމާއި، މި ސައިކޮލޮޖިކަލް އެސެސްމަންޓްގައި ކުއްޖާއާ ގުޅުވައި ކުއްޖާގެ ވީޑިއޯތަކެއް ލީކުވި ވާހަކައެއް ނުވަތަ ރަށު ތެރޭ ކުއްޖާއޭ ކިޔައިގެން ދެކެވޭ ވާހަކަތަކަށް ނިސްބަތްކޮށްފައި ނުވާކަމާއި، އެ ރިޕޯޓަކީ ޖިންސީ އަނިޔާގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށް އެ ރިޕޯޓް ތައްޔާރުކުރި ސައިކޮލޮޖިސްޓަށް ފާހަގަކުރެވިގެން ހަދާފައިވާ ރިޕޯޓެއް ކަމާއި، އެހެންކަމުން، ދަށުކޯޓުން އެ ރިޕޯޓު އެއްފަރާތްކޮށްފައިވަނީ ރަނގަޅަށް ނޫންކަން؛
18.. މި މައްސަލައިގައި ދިފާޢީ ހެކިންގެ ގޮތުން ހުށަހެޅި ޔޫސުފް މޫސާގެ އަންހެނުން ހެކިބަސް ދެމުން ކުއްޖާ އާއި ޔޫސުފް މޫސާއާ ތިން މީހުން އެއްވެސް ދުވަހަކު އެއްކޮށް އެއް ކޮޓަރިއެއްގައި ނުނިދާކަމަށް ބުނާ ބުނުމާ ޚިލާފަށް އެ ގޭގައި ދިރިއުޅޭ ގެ ހެކިބަހުގައި އެ ތިން މީހުން އެއް ކޮޓަރިއެއްގައި ނިދާކަމަށް ބުނެފައިވާތީ، ޔޫސުފް މޫސާގެ އަންހެނުން ހެކިބަސް އަދާކޮށްފައިވަނީ ޔޫސުފް މޫސާގެ މަސްލަޙަތުގައިކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮންނަކަން؛
18.. ކުއްޖާއަކީ އަޚްލާޤީ ގޮތުން ރަނގަޅު ނޫން ކުއްޖެއްކަމަށް ރަށުތެރޭ ވާހަކަ ދެކެވޭ ކަމަށާއި، ކުއްޖާގެ ފޮޓޯތަކެއް ރަށުތެރެއަށް ލީކުވެފައިވާ ކަމަށާއި، ނަމަވެސް މި ކަން ސާބިތުކުރުމަށް ޔޫސުފް މޫސާއާ ޢާއިލީ ގުޅުން ނެތް އެހެން އެއްވެސް ފަރާތެއް ހުށަހަޅާފައި ނުވާކަމާއި، ޔޫސުފް މޫސާގެ ކާފަދަރިއަކަށް 8 ކުއްޖާ ލޯބި ހުށަހެޅިކަމަށާއި، މި ވާހަކަ ކާފަދަރި ފިޔަވައި އެހެން ފަރާތަކަށް ނޭނގޭކަމާއި، އެ ބަހަށް ބާރުދޭ އިތުރު ޤަރީނާއެއްވެސް ނެތަތީ، ކުއްޖާގެ އަޚްލާޤާ ބެހޭ ގޮތުން ހެކިބަސް ދިން ދިފާޢީ ދެ ހެކިވެރިން ކަމުގައިވާ ކާފަދަރިފުޅާ އަދި ޔޫސުފް މޫސާއަށް ބޮޑުބޭބެ ކިޔާ ކުއްޖާގެ 9 ހެކިބަސް އެއްފަރާތް ކުރަންޖެހޭނެކަން؛
18.. ޔޫސުފް މޫސާ ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަ، ކުރިން ހިއްސާނުކޮށް ހުރެ، އެރޭ އެ ވާހަކަ ހިއްސާކުރީ ޔޫސުފް މޫސާއާ މެދު އޮތް ރުޅިވެރިކަމުގެ ސަބަބުން ކަމަށް ދިފާޢުން ބުނާއިރު ކާފަދަރިފުޅުގެ ހެކިބަސް ފިޔަވައި ޔޫސުފް މޫސާއާމެދު ކުއްޖާގެ ހިތުގައި އެ ފަދަ ރުޅިވެރިކަމެއް އޮންނަން ވީ ސަބަބު ބުނެދެވިފައި ނުވާކަން، އަދި އެކަން ސާބިތުކުރުމަށް އިތުރު އެއްވެސް ހެއްކެއް ހުށައަޅާފައި ނުވާކަން؛
18.. ކުއްޖާ އެކި މަޙައްލުތަކުގައި ތަފްސީލީ ގޮތެއްގައި ކުއްޖާއާމެދު ކަންހިނގައިދިޔަ ގޮތް ކުއްޖާ ކިޔައިދީފައިވާކަމާއި، ކުއްޖާ އެ ވާހަކަ ކިޔައިދިން ފަރާތްތަކުންވެސް ޖައުހަރީ ފުށުއެރުމެއް ނެތި ޝަރީޢަތުގައި ހެކިބަސް އަދާކޮށްފައިވަނީ ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމުގައި ހުރި ތަފްސީލުތައް ހިމެނޭހެންކަން؛
18.. ބުނެވުނު ކަންކަން އެފަދައިން ހުރުމުންނާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި ކުއްޖާ ކިޔައިދޭ ކިޔައިދިނުން އެތެރެފުށާއި ބޭރުފުށުން އެއްގޮތް ކަމަށްވާތީ، ކުއްޖާ ކިޔައިދިން ކިޔައިދިނުމަކީ، އާދަޔާ ޚިލާފަށް ތެދު ކިޔައިދިނުމެއްކަން ބަލަންޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
19މި މައްސަލަ އިސްތިއުނާފުކޮށް ޔޫސުފް މޫސާގެ ފަރާތުން 4 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
19.. ފުރަތަމަ ނުކުތާއަކީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފު ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު 12 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ނުބަލައި، އެ ހެކިބަހުގެ މައްޗަށް ބިނާކޮށްކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. މިނުކުތާގައި ޔޫސުފް މޫސާގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ކުއްޖާއާމެދު ކަންވީގޮތްކަމަށް ކުއްޖާ ކިޔައިދޭ ދިނުމަކީ އާދަޔާ ޚިލާފު ތެދު ހެކިބަހެއްކަމަށް ޤަބޫލުކުރެވޭނީ އެ ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްވާނަމަ ކަމަށްވާއިރު، ކުއްޖާ ހެކިވެރިންނަށް ހާދިސާ ކިޔައިދިން ދިނުމުގައިވެސް އަދި ތަޙުޤީޤަށް ދިން ބަޔާނާއި ކޯޓަށް ދިން ބަޔާނުގައިވެސް ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށާއި، އަދި އެކި ހެކިވެރިންނަށް ކުއްޖާ ހާދިސާ ކިޔައިދީފައިވަނީ އެކި ގޮތްގޮތަށް އަދި އެކި މިންވަރަށް ކަމަށެވެ. އެގޮތުން، ”އަތްލަން ނުޖެހޭ ތަނެއްގައި“ ކުއްޖާގެ އަތް ޔޫސުފް މޫސާ ޖެއްސުވިކަމަށް ބުނާ ދެ ހާދިސާއާ ގުޅިގެން ކުއްޖާ ތަޙުޤީޤަށް ދިން ބަޔާނުގައި އަތްލެއްވުމަށް މަސައްކަތްކުރީ ޔޫސުފް މޫސާގެ ގައިގެ ކޮން ތަނެއްގައި ކަން ބުނެފައި ނުވާ އިރު، ދަށުކޯޓަށް ދީފައިވާ ބަޔާނުގައި ޔޫސުފް މޫސާގެ ޖިންސީ ގުނަވަނުގައި ކުއްޖާގެ އަތް ޖައްސުވަން މަސައްކަތްކުރިކަމަށް ކުއްޖާ ބުނެފައިވާކަމަށެވެ. މީގެ އިތުރަށް ޔޫސުފް މޫސާގެ ފަރާތުން ބުނެފައިވަނީ، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭ ފަދަ ތަފްސީލީ ގޮތަކަށް ކުއްޖާއާމެދު ކަންވީގޮތް ކުއްޖާ ކިޔައިދީފައި ނުވާކަމަށެވެ. އެ ގޮތުން، ކުއްޖާގެ ގައިގައި ޔޫސުފް މޫސާ އަތްލިކަމަށް ބުނާ ހާދިސާތަކާ ގުޅިގެން، ކުއްޖާގެ މޭމަތީގައި އަތްލީ ކަމަށް ބުނާއިރު، ޔޫސުފް މޫސާ އަތްލީ މޭމަތީގެ ކޮންތަނެއްގައި ކަމެއް ސާފުނުވާކަމަށާއި، މި ހާދިސާ ހިނގި ތާރީޚެއްވެސް ބަޔާންކޮށްފައި ނުވާކަމަށެވެ. އަދި 29 އޮކްޓޫބަރު 2021 ގައި ހިނގިކަމަށް ބުނާ ހާދިސާގައި ކުއްޖާގެ ބުރަކަށީގައްޔާއި ކޮނޑުމަތީގައި އަތްލިކަމަށް ބުނާއިރު، ދަށު ކޯޓަށް ދީފައިވާ ބަޔާނުގައި ބުރަކަށީގައްޔާއި ކަރުމަތީގައި އަތްލިކަމަށް ބުނެފައިވާކަމަށާއި، މި ކަމަކީ ޖިންސީ ޢަމަލު ހިންގުމުގެ މަޤްޞަދެއްގައި ކުރިކަމެއް ކަމުގައި ނުވާނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ޖިންސީ ޢަމަލުގެ ތެރޭގައި ހިމެނޭ ޢަމަލެއް ނޫންކަމަށާއި، އެރޭ ޔޫސުފް މޫސާ ކަންކޮށްފައިވާ ގޮތްކަމަށް ކުއްޖާ ބުނާ ގޮތަށް ޢާންމު މީހެއްގެ ވިސްނުމުން ވިސްނާއިރު، ޖިންސީ ޢަމަލެއް ހިންގުމުގެ ނިޔަތް ނުވަތަ މަޤްޞަދު ނެތްކަން އެނގޭކަމަށާއި، ކުއްޖާގެ ބަޔާންތަކާއި ހެކިންގެ ހެކިބަހަށް ބަލާއިރު، އެ ހާދިސާތައް ފުލުހުންނަށް ކިޔައިދީފައިވާ ފަދަ ތަފްސީލްތަކާއެކު ހެކިންނަށް ކިޔައިދީފައިނުވާކަން އެނގޭކަމަށާއި، އެހެންކަމުން، ކުއްޖާއާމެދު ކަންވީގޮތް އެކި މީހުންގެ ކައިރީގައި ކުއްޖާ ބުނެފައިވަނީ އެކި ގޮތަށް ކަމަށާއި، ތަފްސީލް ހިމެނޭހެން ކިޔައިދީފައި ނުވާކަމަށާއި، ވާހަކަ ކިޔައިދިނުމުގައި އޮޅުވާލުން ހުރިކަން ސާފުކޮށް ފެންނަން އޮތުމުން، ކުއްޖާގެ ހެކިބަހަކީ އިތުބާރުކުރެވޭފަދަ ހެކިބަހަކަށް ނުވާތީ، އެ ހެކިބަސް އެތެރެ ފުށުން އެއްގޮތްކަމަށް ނުފެންނަކަމަށާއި، ކުއްޖާގެ ހެކިބަސް ބޭރު ފުށުން އެއްގޮތްވޭތޯ ބެލުމަށް، ޤާނޫނުގައި ބަޔާންކުރާ ވަސީލަތްތަކުގެ ތެރެއިން ލިބެން އޮތީ ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓާއި އިޖްތިމާޢީ ހާލަތު ވަޒަންކުރި ރިޕޯޓު ކަމަށާއި، ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓުގައި ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވަނީ ޖިންސީ ޢަމަލުތަކެއް ހިންގުމުގެ ސަބަބުން ކަމަށް ބެލެވޭކަމަށް ލިޔެފައިވީނަމަވެސް، އެ ރިޕޯޓް ތައްޔާރުކުރި ފަރާތުން ކޯޓުގައި ހެކިބަސް ދެމުން، ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގުމުގެ ސަބަބުން ކަމަށް ރޫލްއައުޓް ނުކުރެވޭނެކަމަށް ބުނެފައިވާކަމަށާއި، އަދި ކުއްޖާ ކިޔައިދޭ ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއްތޯ އިޖްތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތާ ސުވާލުކުރުމުން، ސީދާ ކަނޑައެޅިގެން އެހެން ދަންނަވަން ނޭނގޭކަމަށް ބުނެ ޖަވާބު ދީފައިވާތީ، މި ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތަކުގެ ނިންމުމާމެދު ސުވާލު އުފެދޭގޮތަށް ކޯޓުގައި ހެކިބަސް އަދާކޮށްފައިވާތީ، މި މައްސަލަ ނިންމުމުގައި އެ ރިޕޯޓުތަކަށް ރިޢާޔަތްކުރެވިދާނެކަމަށް ނުދެކޭކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ކަމުގައިވާ އާއި އެ ރަށު ހެކިބަސް ދިނުމަށް އިންކާރުކުރި ސަބަބަކީ، ކުޑަކުއްޖާއަކީ އަޚްލާޤު ރަނގަޅުނޫން ކުއްޖެއްކަމާއި، ތަފާތު ގޮތްގޮތަށް ދޮގު ހަދައިގެން ވާހަކަ ދައްކާ ކުއްޖަކަށްވާތީ ކަން އެ ފަރާތްތަކުން މެޖިސްޓްރޭޓް ކޯޓަށް ފޮނުވި ސިޓީތަކުން އެނގޭ ކަމަށާއި، ކުއްޖާއަކީ އަޚްލާޤު ރަނގަޅުނޫން ކުއްޖެއްކަމަށް ބުނަނީ ޔޫސުފް މޫސާގެ ފަރާތުން ހުށަހެޅި ދެ ހެކިން ކަމަށާއި، އިތުރު ހެއްކެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ބުނެފައިވަނީ ހެކިތަކުން ފާޅުކަން ބޮޑުގޮތެއްގައި ފެންނަން ހުރި ކަންކަމަށް ރިޢާޔަތްކުރުމެއް ނެތި ކަމަށާއި، ކުއްޖާގެ ބަރަހަނާ ފޮޓޯތަކެއް ލީކުވި މައްސަލައަކީ ޕޮލިސް ސަރވިސްއަށް ހުށަހެޅި ތަޙްޤީޤުކުރެވުނު މައްސަލައެއްކަން ކުއްޖާގެ މަންމަގެ ހެކިބަހުންނާއި، ދިފާޢުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ގެ ސިޓީން އެނގޭކަމަށާއި، އެހެންކަމުން ކުއްޖާއަކީ އަޚްލާޤާއި، އުޅުން ރަނގަޅު ކުއްޖެއް ނޫންކަމަށް ޔޫސުފް މޫސާގެ ފަރާތުން ނަގާފައިވާ ދިފާޢު ޝަރީޢަތަށް ސާބިތުކޮށްދެވިފައިވާކަން އެނގޭ ކަމަށާއި، އެ މައްސަލަ ތަޙުޤީޤުކުރި ރިޕޯޓު ހޯއްދަވައިދެއްވައި އެއަށް ރިޢާޔަތްކޮށްދެއްވުމަށް ޔޫސުފް މޫސާގެ ފަރާތުން ދަށު ކޯޓުގައި އެދިފައިވާނެ ކަމަށާއި، ނަމަވެސް ދަށު ކޯޓުން އެ ރިޕޯޓު ހޯއްދަވާފައި ނުވާކަމަށާއި، ކުއްޖާގެ އަޚްލާޤާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމެވުމުގައިވެސް އެ ރިޕޯޓަށް ރިޢާޔަތްކުރިކަން އެނގޭކަށް ނެތްކަމަށާއި، ދަށު ކޯޓުގެ ޝަރީޢަތުގައި، ޔޫސުފް މޫސާ ދެކެ އެއްވެސް ވަރަކަށް ރުޅިއާދޭތޯ ކުއްޖާއާ ސުވާލުކުރުމުން އަބަދުވެސް ރުޅިއަންނަކަމަށް ބުނެ ކުއްޖާ ޖަވާބު ދީފައިވާކަމަށާއި، މި މައްސަލައަކީ ޢާއިލާގެ ތެރޭގައި ހަސަދަވެރިކަން އިތުރުވެ ޖައްސާފައިވާ މައްސަލައެއް ކަމަށް ދައުލަތުން ހުށަހެޅި ހެއްކެއް ކަމުގައިވާ ދަށު ކޯޓަށް ފޮނުވާފައިވާ ސިޓީން އެނގެން އޮތުމުން، ޔޫސުފް މޫސާއަށް ލަނޑެއްދޭނެ ކަމަށް ކުޑަކުއްޖާ ބުނެފައިވާ ކަމަށް ހެކި ކާފަދަރި ބުނާ ބުނުމަށް ބާރުލިބޭކަން އެނގޭކަމަށާއި، އަދި ކުއްޖާގެ މަންމަ މާލެ ދާއިރު ކުއްޖާގެ ދައްތަގެ ގާތުގައި ހުރުމަށް ބޭނުން ނުވެގެން އެ ވާހަކަ އޭނާގެ މަންމަގެ ގާތުގައި ދެއްކުމުން، ކުއްޖާ ބޭނުންވާ ގޮތަށް ގޭގައި ހުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަން ކުއްޖާގެ ދައްތަ އި މަންމަގެ ބަހުން އެނގެން އޮތުމާއި، ކުއްޖާގެ ޢުމުރުން ހަތަރު އަހަރުން ފެށިގެން ޔޫސުފް މޫސާ ޖިންސީ ޢަމަލު ހިންގާ ކަމަށް ބުނާއިރު، އެ ވާހަކަތައް ކިޔައިނުދީ ގިނަ އަހަރުތަކެއް ވަންދެން ހުރުމަށްފަހު، ފަހުން ހިނގިކަމަށްބުނާ ހާދިސާއަކާ ގުޅިގެން އޭގެ ކުރީގައި ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެފައިވުމުން، ޔޫސުފް މޫސާއާމެދު ޝަކުވާކުރުމުގައި ކުއްޖާގެ ރުޅިވެރިކަމާއި ނުބައި ނިޔަތް އޮތްކަން ދޭހަވާކަމަށާއި، މީގެ އިތުރަށް، ޔޫސުފް މޫސާގެ ފަރާތުން ބުނެފައިވަނީ، ކުއްޖާ ދޭ ބަޔާނަކީ އާދަޔާ ޚިލާފު ތެދު ހެކިބަހެއްކަމަށް ޤަބޫލުކުރެވޭނީ އެ ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވާނަމަ ކަމާއި، ކުއްޖާގެ އަޚުލާޤާއި، އުޅުމާއި ޢަމަލުތައް ހުންނަ ގޮތަށް ބަލަންވާނެކަމާއި، މުއްތަހަމާމެދު އެ ފަދަ ޝަކުވާއެއްކުރުމުގައި ކުއްޖާގެ ނުބައި ނިޔަތެއް އޮތްތޯ ބަލަންވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާއިރު، މި މައްސަލާގައި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތް ނޫންކަމަށާއި، ކުއްޖާއަކީ އަޚްލާޤާއި އުޅުން ރަނގަޅު ކުއްޖެއްނޫންކަމަށާއި، ކުއްޖާ ބުނާ ގިނަ ހާދިސާތައް ކިޔައިދީފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ އެތައް އަހަރެއް ފަހުން ކަމަށާއި، ޔޫސުފް މޫސާއާމެދު އަބަދުވެސް ރުޅިވެރިކަން އޮންނަކަމަށް ދަށުކޯޓުގައި ކުއްޖާ ބުނެފައިވާތީ، ޔޫސުފް މޫސާއާމެދު ހަދައިގެން ދޮގު ވާހަކައެއް ދެއްކުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށެވެ. އަދި އެހެންކަމުން، މި ކަންކަމުގެ މައްޗަށް ރިޢާޔަތް ނުކޮށް ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފު ތެދުކަމަށް ޤަބޫލުކުރެވޭ ވަރުގެ ހެކިބަހެއް ނޫންކަން އެނގޭކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތް ކަމަށް ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އިސްވެ ބުނެވުނު އުސޫލާ ޚިލާފަށް ކަމަށެވެ.
19.. ދެވަނަ ނުކުތާއަކީ، ދިފާޢުން ހުށަހަޅާ ހެކިން ޝަރީޢަތަށް ޤަބޫލު ނުކުރެވޭނެކަމަށް ދެކޭނަމަ، އެ ކަން ހުށަހެޅުމަކީ، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ހުށަހަޅަންޖެހޭ ހުށަހެޅުމެއްކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ 3 އިން އެނގޭއިރު، މި މައްސަލައިގައި ޔޫސުފް މޫސާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ތެރެއިން ހެއްކެއް ޤަބޫލު ނުކުރެވޭނެ ކަމަށް ނުވަތަ އެ ހެއްކަށް ރިޢާޔަތް ނުކުރެވޭނެ ކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައި ނުވާއިރު، އަދި ދަށު ކޯޓުގައިވެސް އެ ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެ ޤާނޫނީ ސަބަބެއް ދެއްކިފައި ނުވާއިރު، ޔޫސުފް މޫސާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެކަމަށް ނިންމަވާފައިވަނީ، ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) އާއި، ހެއްކާބެހޭ ޤާނޫނުގެ 46ވަނަ މާއްދާއާއި 47ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1)ވަނަ ނަންބަރާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާގައި ޔޫސުފް މޫސާގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޔޫސުފް މޫސާގެ ފަރާތުން ހުށަހެޅި ހެކިވެރިންކަމުގައިވާ ޔޫސުފް މޫސާގެ އަނބިމީހާ [REDACTED] އާއި، ޔޫސުފް މޫސާގެ ކާފަދަރިފުޅަކާއި، ޔޫސުފް މޫސާއަށް ބޮޑުބޭބެ ކިޔާ ކުއްޖެއްގެ ހެކިބަސް ޝަރީޢަތުން އެއްފަރާތްކޮށްފައިވަނީ، ގާތްތިމާގެ ކަމުގެ ގުޅުމެއްވާ ޙާލަތުގައިވެސް އިތުރު ހެކިން އެ ކަމަށް ބާރު ލިބިދޭނަމަ އެ ހެއްކަށް ބުރަދަން ދެވޭނެކަމަށް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާއިރު ކަމަށާއި، އެހެންކަމުން، އެ ނިންމުމަކީ ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ (ރ) އާ ޚިލާފު ނިންމުމެއްކަމަށެވެ. އަދި ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިބްރާހީމް ތަންވީރު އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، ހާދިސާ ހިނގާފައިވާ ތަނާއި ޙާލަތަށް ބަލާއިރު، ގާތްތިމާގެ މީހުން ނޫން އެހެން ބަޔަކު އެ ތަނެއްގައި ނުތިބޭ ޙާލަތެއްގައި އެ ތާނގައި ތިބި ގާތްތިމާގެ މީހުންގެ ހެކިބަސް ޤަބޫލުކުރެވިދާނެކަމަށް ކަނޑައަޅާފައިވާއިރު، 2021 އޮކްޓޫބަރު 29ވަނަ ދުވަހުގެ ރޭގައި ހިނގިކަމަށް ބުނާ ހާދިސާއާ ގުޅޭ ކަންކަމުގެ އެންމެ ރަނގަޅު މަޢުލޫމާތު އެނގޭނެ މީހުންނަށް ތިބޭނީ އެ ގޭގައި އެ ވަގުތު ދިރިއުޅުނު ބަޔަކާއި ކުއްޖާ ބެލެހެއްޓުމާ ޙަވާލުވެހުރި މީހަކު ކަމުގައިވާއިރު، ކުއްޖާގެ ބޮޑުދައިތަ ކަމުގައިވާ ޔޫސުފް މޫސާގެ އަނބިމީހާގެ ހެކިބަސް އެއްފަރާތްކޮށް، ދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ކުއްޖާއާ ޢާއިލީ ގޮތުން ގާތްތިމާގެ މީހުންގެ ހެކިބަސް ޤަބޫލުކުރުމަކީ، ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރި ޝަރީޢަތެއް ލިބުމުގެ ޙައްޤުން ޔޫސުފް މޫސާ މަޙްރޫމް ވެފައިވާ ކަމެއް ކަމަށާއި، ޔޫސުފް މޫސާގެ ފަރާތުން ދިފާޢުގައި ހުށަހެޅި ހުރިހާ ހެކިންނަކީ ހެއްކާބެހޭ ޤާނޫނުގެ 46ވަނަ މާއްދާ އާއި އެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކެއް ކަމަށާއި، އަދި ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް އުނިވެފައިވާ ބައެއްވެސް ނޫންކަމަށެވެ. މީގެ އިތުރަށް ޔޫސުފް މޫސާގެ ފަރާތުން މި ނުކުތާގައި ބުނެފައިވަނީ، ކުއްޖާގެ އަޚްލާޤު ހުރިގޮތް ސާބިތުކުރުމުގެ ގޮތުން ހުށަހެޅި ހެކިވެރިޔާ ގެ ހެކިބަސް އެއްފަރާތް ކުރިއިރު، އޭނާގެ ހެކިބަހަށް ބާރުދޭ ހެއްކަކު ހުށަހަޅާފައި ނުވާކަމަށް ހައިކޯޓުން ބުނެފައިވާކަމަށާއި، ވަކި ހެއްކެއް ހުށަނޭޅުމަކީ ހުށަހެޅި ހެކި ބަލައިނުގަނެވޭނެ ސަބަބެއް ނޫންކަމަށެވެ. ހަމަ އެހެންމެ، ޔޫސުފް މޫސާގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ތާއީދުލިބޭ އިތުރު ހެކި ހުށަހަޅާފައިވާކަން ދަށު ކޯޓަށް ހުށަހެޅިފައިވާ ހެކިތަކުން ސާފުކޮށް ފެންނަން އޮތްއިރު، އެ ފަދަ ހެކިތައް ނެތްކަމަށް ބަޔާންކޮށް، ދިފާޢުން ހުށަހެޅި ހެކި ބަލައިނުގަނެވޭނެކަމަށް ނިންމި ނިންމުމަކީވެސް ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން ޔޫސުފް މޫސާ މަޙްރޫމް ވާގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މީގެ އިތުރަށް، ދިފާޢުން ހުށަހެޅި ހެއްކެއް ޝަރީޢަތަށް ބަލައިނުގަނެވޭނެކަމަށް ދަށު ކޯޓުގައި ބުނެ، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ހުށަހެޅުމެއް ހުށަނާޅައި އިސްތިއުނާފީ މަރުޙަލާގައި އަލަށް އެ ހެކިން ބަލައިނުގަނެވޭނެކަމަށް ހުށަހެޅި ހުށަހެޅުމަކީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާއާ ޚިލާފު ހުށަހެޅުމެއް ކަމަށެވެ. އަދި އެ ހުށަހެޅުން ބަލައިގަނެ ޔޫސުފް މޫސާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިން އެއްފަރާތްކޮށް، އެ ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެކަމަށް ނިންމާފައިވަނީ ހެއްކާބެހޭ ޤާނޫނުގެ 46ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 47ވަނަ މާއްދާ އާއި، އެ ޤާނޫނުގެ 51ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (1) އަދި (2) ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ.
19.. ތިންވަނަ ނުކުތާއަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (ޅ) އާއި (އ) ގެ ދަށުން ކުޑަކުއްޖާ ކިޔައިދޭ ކިޔައިދިނުން ނުވަތަ ކުޑަކުއްޖާ ދޭ ބަޔާން ހެއްކެއްގެ ގޮތުގައި ޤަބޫލުކުރެވޭނީ، ކުޑަކުއްޖާ ދީފައިވާ ބަޔާނަކީ އެ ކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެ ކަމެއް ހިނގުމާ ދެމެދު މާގިނަ ދުވަސްތަކެއް ނުވަނީސް ދީފައިވާ ބަޔާނަކަށް ވާނަމަ، އަދި ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް ހެއްކެއްގެ ގޮތުގައި ޤަބޫލުކުރެވޭނީ، ހާދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާދިގު މުއްދަތެއް ފާއިތު ނުވަނީސް ކިޔައިދީފައިވާ ކިޔައިދިނުމެއް ކަމުގައިވާނަމަކަން އެނގޭއިރު، މި މައްސަލައިގައި 29 އޮކްޓޫބަރު 2021 ގައި ހިނގިކަމަށް ކުޑަކުއްޖާ ބުނާ ހާދިސާ ނޫން އެހެން ހާދިސާތައް ކުޑަކުއްޖާ ކިޔައިދީ، ބަޔާންދީފައިވަނީ އެ ހާދިސާތައް ހިނގިކަމަށްބުނާ ތާރީޚާ ދެމެދު ގިނަ އަހަރުތަކެއް ފާއިތުވެދިޔަ ފަހުން ކަމުގައިވާތީ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައިވެސް އެ ހާދިސާތައް ކިޔައިދީފައިވަނީ އެ ހާދިސާތައް ހިނގާދިޔަތާ އެތައް އަހަރުތަކެއް ފާއިތުވީ ފަހުންކަމަށް ފާހަގަކޮށްފައި ވީނަމަވެސް، އެ ކަމަށް ރިޢާޔަތްކުރުމެއްނެތި، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުން ނުވަތަ ކުއްޖާގެ ބަޔާން ޤަބޫލުކުރުމަށް ނިންމާފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (ޅ) އާއި (އ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1ވަނަ ނަންބަރާ ޚިލާފަށް ކަމަށްބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާގައި ޔޫސުފް މޫސާގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތައް ބިނާވެފައިވަނީ ކުޑަކުއްޖާ ކިޔައިދޭކިޔައިދިނުމުގެ މައްޗަށް ކަމަށާއި، ކުއްޖާ ކިޔައިދޭ ކިޔައިދިނުންތައް ޤަބޫލުކުރެވޭނެ ޝަރުޠުތައް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (ޅ) އާއި (އ) ގައި ބަޔާންކޮށްފައިވާއިރު، ކުއްޖާ ކިޔައިދޭ ހާދިސާތައް ކިޔައިދިން ވަގުތާއި އެ ހާދިސާތައް ހިނގިކަމަށްބުނާ ވަގުތާ ދެމެދު ދިގު މުއްދަތެއް ފާއިތުވެފައިވާތީ، ކުއްޖާގެ ހެކިބަހުގައިވާ ކުރިން ހިނގާފައިވާ ކަމަށްބުނާ ހާދިސާތަކުގައި ފުރިހަމަވާންޖެހޭ ޝަރުޠު ފުރިހަމަނުވާ ކަމުގައެވެ. އަދި ހަމަ އެހެންމެ، މި މައްސަލައިގައި ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ގޮތުން އަނިޔާ ލިބުނުކަމަށްބުނާ ދުވަސްވަރު ހިނގި ކަންކަން ކިޔައިދީފައިވަނީ އެ ހާދިސާ ހިނގުމަށްފަހު އެތައް އަހަރެއް ފަހުން ކަމަށް ހައިކޯޓުގެ ޙުކުމްގެ 23ވަނަ ޕެރެގްރާފްގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމަށް ބުރަދަން ދީފައިވަނީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 1ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ.
19.. ހަތަރުވަނަ ނުކުތާއަކީ، 2021 އޮކްޓޫބަރު 29 ގެ ރޭ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ކުއްޖާ ބުނާ ކަންތައްތަކަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ، ޖިންސީ ކުށުގެ ޢަމަލެއް ކަމުގައި ބެލެވޭ ކަމެއް ކަމަށްނުވާއިރު، ޔޫސުފް މޫސާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގިކަމަށް ނިންމާފައިވަނީ، އެ ޤާނޫނުގެ 3ވަނަ މާއްދާގެ (ށ) އާއި 60ވަނަ މާއްދާގެ (ނ) އަދި (ރ) އާއި ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ. މި ނުކުތާގައި ޔޫސުފް މޫސާގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، މި ބާވަތުގެ މައްސަލަތައް ބެލުމުގައި މުއްތަހަމުގެ މަސްލަހަތަށްވެސް ރިޢާޔަތްކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، މި މައްސަލައިގައި ކުޑަކުއްޖާގެ ބަޔާނަށް ބަލާއިރު، 2021 އޮކްޓޫބަރު 29ވަނަ ދުވަހުގެ ރޭ ކުއްޖާގެ ޖިންސީ ގުނަވަނެއްގައި އަދި ޖިންސީ އަރާމެއް ހޯދައިގަނެވޭ ހިސާބެއްގައި އަދި ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައި ނުވަތަ ޝަހުވާނީ މަޤްސަދެއް ހާސިލުކުރުމަށް ބެލެވޭ ފަދަ ޢަމަލެއް ޔޫސުފް މޫސާ ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން، ޤާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިނުވާ ޢަމަލަކަށް އަދަބުދީގެން ނުވާނެ ކަމަށާއި، މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނުއަސާސީގެ 59ވަނަ މާއްދާގެ (ހ) އާއި 51ވަނަ މާއްދާގެ (އ) އިން އެނގޭކަމަށެވެ. މިނުކުތާގައި، ޔޫސުފް މޫސާގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ދައުލަތުގެ ހެކިންނަކީ ކުޑަކުއްޖާ އާއި އެ ކުއްޖާ ބުނިކަމަށް ބުނެ އެ ކުއްޖާގެ ވާހަކަ ތަކުރާރުކުރާ ފަރާތްތައް ކަމަށާއި، އެ ކުއްޖާގެ ހެކިބަހަށް ނުވަތަ ބުނާބުނުމަށް ބާރުލިބިދޭ ފަދަ އެހެން ހެއްކަކު ނުވަތަ ކުއްޖާގެ ހެކިބަހަށް ކޮރޮބޮރޭޓް ކުރެވޭފަދަ މިނިވަން އިތުރު ހެކިން ހުށަހަޅާފައި ނުވާތީ، ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށާއި، އެހެންކަމުން، ޔޫސުފް މޫސާގެ މައްޗަށް ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތް މިންވަރަށް މިދަޢުވާ ސާބިތުނުވާ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް
20މަތީގައި ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާތައް ފާހަގަކުރުމަށްފަހު، ޔޫސުފް މޫސާގެ ފަރާތުން އެދިފައިވަނީ، މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށާއި ޔޫސުފް މޫސާގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/79 ޤަޟިއްޔާގައި ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްދެއްވައި، ޔޫސުފް މޫސާ ވަގުތުން މިނިވަންކުރުމަށް އަމުރުކޮށް ދެއްވުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދައުލަތުން ދެއްކި ވާހަކަ
21އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ:
21.. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމެވުމުގައި، އެ ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 13ވަނަ ނުކުތާއިން 23ވަނަ ނުކުތާގެ ނިޔަލަށް ކުއްޖާގެ ހެކިބަހުގައި ބޭރު ފުށާއި، އެތެރެ ފުށުން އެއްގޮތްކަން ބަލާފައިވާކަމަށާއި، އަދި އެ ފުށުއެރުންތަކަކީ، ޖައުހަރީ ފުށުއެރުންތަކަކަށް ނުވާ ސަބަބު ދިވެހިރާއްޖޭގެ ހައިކޯޓުން ޤަޟިއްޔާ ނިންމެވިއިރު ފާހަގަކުރައްވާފައިވާކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން މައްސަލައިގައި ލިބުނު ހެކިތައް ނަކަލުކުރުމުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ކަނޑައަޅާފައިވާ އުސޫލު ގޯސްވާ ގޮތެއް ބުނެދީފައި ނުވާކަމަށާއި، އެހެންކަމުން، މި ނުކުތާގައި ޤާނޫނީ ބަހުސެއް އުފެދޭ ސުވާލެއް އޮތްކަމަކަށް ނުދެކޭ ކަމަށެވެ.
21.. ކުއްޖާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤެއް ހިންގިކަމަށާއި، އެ ލިޔުން ހޯދަން އެދުނުކަމަށާއި، އެ އަށް ރިޢާޔަތްކޮށްފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، ހެކި ހޯދުމަށް ވަކި އިޖުރާއަތުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ހަމަ ބުނެލާ ބުނެލުމަކަށް ރިޕޯޓެއް ހޯދައި އެއަށް ޝަރީޢަތުން ބުރަދަން ދޭކަށް ނުޖެހޭކަމަށާއި، އެ ފަދަ ރިޕޯޓަކީ މައްސަލައާ ގުޅުންހުރި ރިޕޯޓެއްނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް އެ ހެކި ހޯދައި ހުށަހެޅުމަކީ، އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން، މި ނުކުތާއަކީވެސް ބުރަދަން ދެވިދާނެ ނުކުތާއެއްކަމަކަށް ނުފެންނަ ކަމަށެވެ.
21.. މި މައްސަލައާ ގުޅިގެން ދެ މީހަކު ކޯޓަށް ފޮނުވިކަމަށް ބުނާ ސިޓީއަކަށް ރިޢާޔަތްކުރުމަށް އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާއިރު، ޝަރީޢަތުން މައްސަލަ ނިންމުމުގައި ރިޢާޔަތްކުރަންޖެހެނީ މައްސަލައިގައި ޝަރީޢަތަށް ހުށަހެޅޭ ހެއްކަށް ކަމަށާއި، މީހަކު ކޯޓަށް ސިޓީއެއް ފޮނުވުމުން އެއަށް ބުރަދަންދީ މައްސަލަ ނިންމުމަކީ ޤާނޫނީ ނިޒާމު ދަންނަކަމެއް ނޫން ކަމަށާއި، އެ ފަދަ އުސޫލެއް އޮތްކަމަށް ބުނާނަމަ، އެ އުސޫލެއް ނުވަތަ ޤާނޫނީ ހަމައެއް ދެއްކުމަކީ، އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެއް ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ ސިޓީތައް ފޮނުވި ފަރާތްތައް ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވިނަމަ، އެ ކަންވެސް އިސްތިއުނާފުކުރާ ފަރާތަށް ކުރެވުނީސް ކަމަށެވެ.
21.. ކުއްޖާގެ ޢުމުރުން ވަރަށް ހަގު ޢުމުރުން ފެށިގެން، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާއަށް ޖިންސީ ގޯނާކުރާކަމަށް ކުއްޖާ ބުނާއިރު، އަނިޔާލިބުނު ކުއްޖާ އިސްތިއުނާފުކުރާ މީހާދެކެ ރަހުމުކުރަންވީ ސަބަބެއް ނުވަތަ ލޯބިވާންވީ ސަބަބެއް ބުއްދީގެ ހަމަތަކުން ބަލާއިރު ނޯންނާނެ ކަމަށާއި، ވަކިން ޚާއްޞަކޮށް ކުއްޖަކަށް ރައްކާތެރިކަން ދޭންޖެހޭ މަޤާމެއްގައި ހުންނަ މީހަކު ކުއްޖާއަށް ގޯނާކުރަމުންދާއިރު، ކުއްޖާއަށް އެ ކަމުން ތަސައްލީއެއް ނުލިބި، މީހަކާ ޙިއްޞާނުކޮށް އުޅެން ޖެހުމުން ރުޅި އަންނާނެ ކަމަށާއި، އެ ފަދައިން ކުއްޖަކު ރުޅި އައުމަކީ ކުއްޖާގެ ހެކިބަސް ޤަބޫލުނުކުރެވޭނެ ނުވަތަ އެއާމެދު ސުވާލުއުފައްދަންޖެހޭ ސަބަބެއްނަމަ، މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމަކީ މުސްތަހީލުކަމެއް ކަމަށެވެ.
21.. އިސްތިއުނާފުކުރާ ފަރާތުން [REDACTED] ގެ ހެކިބަހާއި [REDACTED] ގެ ހެކިބަހުގައި ފުށުއެރުމެއް ނެތްކަމަށް ބުނާއިރު، އެ ހެކިބަހުގައި ފުށުއެރުން އޮތްކަމަކީ މަޙްޟަރު ބަޔާނުން ސާފުކޮށް ފެންނަން އޮތްކަމެއް ކަމަށާއި، ރީ-އެގްޒެމިނޭޝަންގައި [REDACTED] އާ ކުރެވުނު ސުވާލުންވެސް ސާފުވީ، ދަޢުވާލިބޭ މީހާއާ އަނިޔާލިބުނު ކުއްޖާ ބައެއް ފަހަރު އެއް ކޮޓަރިއެއްގައި ނިދާކަން ކަމަށާއި، ނަމަވެސް [REDACTED] ގެ ހެކިބަހުގައި ބުނަނީ، އެ ކޮޓަރީގައި ދަޢުވާލިބޭ މީހާއާ އެއްކޮށް، އެއްވެސް ދުވަހަކު އަނިޔާލިބުނު ކުއްޖާ އެ ކޮޓަރީގައި ނުނިދާކަން ކަމަށާއި، އެހެންކަމުން، އެ ހެކި އެއްފަރާތް ކުރުމަށް ދައުލަތުން ދަށު ކޯޓުގައިވެސް ފާހަގަކުރި ހުއްޖަތު އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމެވުމުގައި ބެއްލެވި ޤާނޫނީ ސަބަބަށްވެސް ބާރު ލިބިދޭކަމަށެވެ.
22އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ:
22. އިސްތިއުނާފީ ދެވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގައި ނުދައްކާ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަކީ، ދަށު ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގެ 9ވަނަ ނުކުތާއަށް ބެލުމުން، މިއީ ހުށަހެޅޭނެ ނުކުތާއެއް ނޫންކަމަށާއި، ބަހުސްގެ ބޭނުމަށް މިއީ ހުށަހެޅިދާނެ ނުކުތާއެއް ކަމުގައި ބެލިނަމަވެސް، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަނޭޅުމަކީ ނުވަތަ އެ މަރުޙަލާގައި ހެއްކެއް ބަލައިގަތުމަކީ އެ ހެއްކަކަށް އޭގެ ޒާތުގައި އޮޓޮމެޓިކުން ބުރަދަން ދޭންޖެހޭ ސަބަބެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއަށް ބެލުމުންވެސް، ޝަރީޢަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުޙަލާގައި ހެއްކެއް ބަލައިގަތުމަށް ނިންމުމުގައި ބަލަނީ ލުއި މިންގަނޑަކުންކަމާއި، އެ މަރުޙަލާގައި ހެއްކެއް ބަލައިގަތުމަށް ނިންމިކަމުގައިވީނަމަވެސް، މައްސަލައިގައި ހެކިބަސް ނަގައި، ހެކި ވަޒަންކުރުމުގެ މަރުޙަލާގައި ފާހަގަކުރާ ކަންކަމުގެ ޢަލީގައި ހެއްކަކީ ބަލައިނުގަނެވޭނެ ހެއްކެއްކަމުގައި ކަނޑައަޅައި، އެ ހެއްކަކަށް އެއްވެސް ބުރަދަނެއް ނުދިނުމުގެ ފުރުޞަތު އޮތްކަން ސާފު ކަމަށެވެ.
22. މި ނުކުތާއާ ގުޅިގެން، މި މައްސަލައިގައި [REDACTED] ގެ ހެކިބަހަށް ބުރަދަން ދީފައިނުވަނީ ޤާނޫނާ ޚިލާފަށް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާ ނިންމުމުގައި ހަދާފައިވާ ޤާނޫނީ ގޯހެއް ފާހަގަކޮށްފައިނުވާ ކަމަށާއި، މީގެ ކުރިންވެސް ފާހަގަކުރި ފަދައިން [REDACTED] ގެ ހެކިބަހުގައި ފުށުއެރުންތައް ހުރުމުން، މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާ ވާހަކަ ހަމަޖައްސާނެ ވާޤިޢީ އަދި ޤާނޫނީ ބިނާއެއްވެސް އޮތްކަމުގައި ނުދެކޭކަމަށެވެ.
22. ކުއްޖާގެ އަޚްލާޤަކީ އޭގެ ޒާތުގައި، މި ބާވަތުގެ މައްސަލަތަކުގައި ބަލަންޖެހޭ ކަމެއް ނޫންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ޤަޟިއްޔާއިން އެނގޭ ކަމަށާއި، އަޚްލާޤަކީ ރިޢާޔަތްކުރެވިދާނެ ކަމެއް ކަމަށް އަޣުލަބިއްޔަތު ރައުޔުގައިވާގޮތަށް ބެލިނަމަވެސް، އެ ކަމަކީ މުޅިން ވަކިން ބަލަންޖެހޭ ކަމެއް ނޫން ކަމަށާއި، ކުއްޖާގެ އަޚްލާޤުގެ ސަބަބުން ކުއްޖާ ވަކި މީހަކާ ގުޅޭގޮތުން ދޮގެއް ހަދަންޖެހޭކަން ބުނެދޭން ޖެހޭކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާގޮތަށް ޤާނޫނު މާނަކުރާނަމަ، ކުއްޖެއްގެ އަޚްލާޤު ގޯސްވުމަކީ، ކުއްޖާއަށް ޖިންސީ ގޯނާކުރުމަށްޓަކައި ދެވޭ ލައިސެންސެއްގެ ގޮތުގައި މާނަކުރެވިދާނެ ކަމަށާއި، ހަމައެއާއެކު، ކުއްޖާގެ އުޅުމާއި އަޚްލާޤު ގޯސްވެދާނެ ސަބަބަކަށް ޖިންސީ ގޯނާކުރުން ވާއިރު، އެ ހިސާބުން ކުއްޖާ ދައްކާ ވާހަކައަށް ބުރަދަން ނުދޭންވެއްޖެނަމަ، ޤާނޫނުއަސާސީން ދައުލަތަށާއި މުޖުތަމަޢުގެ މައްޗަށް ކުޑަކުދިންނަށް ޚާއްޞަ ރައްކާތެރިކަން ދޭން އޮންނަ މަސްއޫލިއްޔަތު އެއްފަރާތްކުރެވޭނެ ކަމަށާއި، މި މައްސަލައިގެ ނިސްބަތުން އަޚްލާޤަށް ރިޢާޔަތްކުރަން ބެލިނަމަވެސް، ކުއްޖާގެ އަޚްލާޤު ގޯސްކަން އަދި އެކަމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތާމެދު ދޮގުހަދަންޖެހޭ ސަބަބެއް އޮތްކަމުގައި ދެއްކިފައި ނުވާ ކަމަށެވެ.
23އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، ކުއްޖާގެ ފަރާތުން ކިޔައިދޭ ކިޔައިދިނުންތައް އެތައް އަހަރެއް ފަހުން ކިޔައިދީފައިވުމުން، އެ ނުކުތާތަކަށް ބުރަދަން ނުދެވޭނެކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނާއިރު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބެލުމުންވެސް، އެ ނިންމުމުގައި ކުއްޖާ އެ ވާހަކަތައް ފަހުން ދައްކަންޖެހޭ ސަބަބު ވަނީ ބަޔާންކުރައްވާފައި ކަމަށާއި، އެ ސަބަބަކީ، ކުއްޖާ އެ ވާހަކަތައް ދައްކައިފިނަމަ، ކުއްޖާއަށް ލޯބި ލިބެމުންދިޔަ އާއިލާގެ ތެރޭގައި މައްސަލަ ޖެހިދާނެކަމަށް ކުއްޖާއަށް ޤަބޫލުކުރެވުން ކަމަށާއި، މިއީ ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު، އަނިޔާއެއް ލިބެމުންދާ ކުޑަކުއްޖަކު އެ އަނިޔާ ދިގުދެމިގެންދާ ގޮތެއްގައި ބަރުދާސްތުކުރި ނަމަވެސް، އެ ވާހަކަ އެ ހާދިސާއެއް ހިނގާ ދުވަހު އާއިލާއަށް ކިޔައިނުދީފާނެ ސަބަބެއް ކަމަށާއި، މީގެ އިތުރުން، އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް ޤަޟިއްޔާގައިވެސް، ކުއްޖާއަކީ އާއިލާގެ ލޯބި ލިބިގެން ބޮޑުވާ ކުއްޖެއްކަމުގައިވާނަމަ، ހަމަ ހާދިސާ ހިނގާތަނާ ހިއްސާކުރަންޖެހޭނެކަމަކަށް ބަޔާންކުރައްވާފައިނުވާ ކަމަށާއި، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ޤާނޫނު މާނަކުރާކަމުގައި ވަނީނަމަ، ބަލަންޖެހޭނީ ހުރިހާ ކުދިންނަކީވެސް އެއް ކަމެއް ހިނގުމުން އެއް ގޮތަކަށް އެ ކަމަށް ރިއެކްޓްކުރާނެ ކުދިންކަމަށް ކަމަށާއި، މި ވިސްނުމަކީ އިންސާނީ ފިތުރަތާއި ކުދިންގެ އަމިއްލަވަންތަކަމާވެސް މުޅިން ފުށުއަރާ ކަމެއް ކަމަށެވެ.
24އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި، އެހެންކަމުން މި ނުކުތާއަކީ ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގެ 9ވަނަ ނުކުތާއަށް ރިޢާޔަތްކޮށް ހުށަހެޅޭނެ ނުކުތާއެއް ނޫން ކަމަށާއި، ބަހުސްގެ ބޭނުމަށް މި ނުކުތާއަށް ރައްދުދޭން ބަލާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 60ވަނަ މާއްދާގެ
(ނ) ގައި ޖިންސީ ނިޔަތް އަދި އެ މާއްދާގެ (ރ) ގައި ޖިންސީ ޢަމަލު މާނަކޮށްދީފައިވާ ކަމަށާއި، މި ދެ މާނަކުރުމަށް ބަލާއިރު، ޖިންސީ ނިޔަތެއްގައި ކުރާ ޖިންސީ ޢަމަލެއްތޯ ބެލުމަށް އެ ޙާލަތަކަށް ރިޢާޔަތްކުރަންޖެހޭ ކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ރޭގަނޑު ވަގުތުގައި ގޭގެ އެންމެން ނިދާފައި ތިއްބާ، އަންހެން ކުއްޖަކު އެކަނި ނިދަން އޮތް ކޮޓަރިއެއްގެ ކުޑަދޮރުން ވަގަށް ފިރިހެނަކު ވަދެ، އެ ކުއްޖާގެ ބުރަކަށީގައި އަދި ކަރުގައި ނުވަތަ ކޮނޑުގައި އަތްލަންޖެހޭ ސަބަބެއް ނެތް ކަމަށާއި، މި ޙާލަތާއި، މީގެ ކުރިން ކުއްޖާއާ މެދު އިސްތިއުނާފުކުރާ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުން، މިއީ ޝަހުވާނީ އެދުންވެރިކަމެއް އޮވެގެން ކުރިކަމެއްކަން ދޭހަވާ ކަމަށާއި، އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ކުއްޖާގެ ގައިގައި އަތްލާފައިވަނީ ޖިންސީ ނިޔަތެއް އޮވެގެންކަމުގައި ބަލަންޖެހޭކަމަށެވެ.
ދައުލަތުން އެދޭ ގޮތް
25މަތީގައި ބަޔާންކުރެވުނު ފަދައިން އިސްތިއުނާފީ ނުކުތާއަށް ރައްދު ދިނުމަށްފަހު، ދައުލަތުގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ 2023/HC-A/70 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމުގައި ކަނޑައަޅުއްވައިދެއްވުމަށެވެ.
26މި މައްސަލައި ގޮތް ކަނޑައެޅުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ވަކި ވަކިން ބަލައިލާނަމެވެ.
އިސްތިއުނާފީ ފުރަތަމަ ނުކުތާ
27އިސްތިއުނާފީ ފުރަތަމަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފު ތެދުކަމަށް ޤަބޫލުކުރެވޭ ހެކިބަހެއްކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށް ހައިކޯޓުން އެކަށީގެންވާ ގޮތެއްގައި ބަލާފައިނުވާ ކަމަށެވެ.
ހެކި ވަޒަންކުރުމުގެ މިންގަނޑު
28HN1ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ބަލާއިރު، ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާ ނަމަ، އެ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކުރެވިދާނެކަމަށް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން، ކުޑަކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި: (1) ކުއްޖާގެ ހެކިބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ އާއި، (2) ޝަކުވާ އުފުލި ފަރާތުގެ އަޚުލާޤާއި އަމަލުތަކާއި، ކުއްޖާގެ އުޅުން ހުންނަ ގޮތުގެ މައްޗަށާއި، (3) ކުއްޖާ މުއްތަހަމާބެހޭ ގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ ބެލިދާނެކަމަށް ބަޔާންކުރައްވާފައިވެއެވެ.
29HN2ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުޚްތާރު 44 ޤަޟިއްޔާއަށް ފަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ދިވެހި ދައުލަތް ވ. ޢަލީ ޝާހު 45 ޤަޟިއްޔާގައި، ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ޚިލާފަށް ގަބޫލުކުރެވޭ މިންވަރުގެ ހެކިބަހެއްތޯ ބެލުމަށްޓަކައި އެ ހެކިބަހުގެ އެތެރެ ފުށުންނާއި ބޭރުފުށުން އެއްގޮތްވޭތޯ ބެލުމާއި ކުއްޖާގެ ތެދުވެރިކަމާއި، ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުރަނގަޅު ނިޔަތެއް އޮތްތޯ ބަލަންޖެހޭކަމަށް ކަނޑައަޅުއްވާފައިވެއެވެ. މިގޮތުން ކުއްޖާގެ އަޚްލާޤު ވަކިގޮތަކަށް ހުރުމަކީ ނުވަތަ ނެތުމަކީ އެ ކުއްޖެއްގެ ތެދުވެރިކަން ވަޒަންކުރަން ބޭނުންކުރެވޭ ސިފައެއް ކަމުގައި ނުވަތަ އެ ކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގަން މެދުވެރިވި ސަބަބުކަމުގައި ބެލެވިގެން ނުވާނެކަމަށް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ.
30HN3ކުއްޖާގެ ހެކިބަސް ބޭރު ފުށުން އެއްގޮތްތޯ ބެލުމުގައި ކުއްޖާ ފުރަތަމަ ހާދިސާ ހިނގިގޮތް ކަމަށް ބުނެ ކިޔާދީފައިވާ ދިނުން، އެކި ފަރާތްތަކުގައި ކިޔާދޭ އިރުވެސް މައިގަނޑު ގޮތެއްގައި އެއްގޮތްވެފައި، ބޮޑު ފުށުއެރުންތަކެއް ނެތްކަމުގައިވާނަމަ، ކުއްޖާގެ ބަސް ބޭރު ފުށުން އެއްގޮތް ކަމުގައި ބެލިދާނެއެވެ. އަދި ކުއްޖާގެ ހެކިބަސް އެތެރެ ފުށުން އެއްގޮތްވޭތޯ ބެލުމަށްޓަކައި ކުޑަކުއްޖާ ކިޔައިދޭ ވާހަކަތަކުގައި، ތެދުބަހުން ވާހަކައެއް ކިޔައިދޭ މީހަކު ކިޔައިދޭނޭ ފަދަ ތަފްސީލުތަކެއް ހުރިތޯ ބަލަންޖެހެއެވެ. އެ ގޮތުން ކުއްޖާ ކިޔައިދޭ ދިނުމުގައި ހާދިސާ ހިނގި ތަނާއި ވަގުތު ބަޔާންކޮށްދިނުމާއި، އެ ނޫންވެސް ހާދިސާއާ ގުޅުންހުރި ވާހަކަތައް އެކި މަހައްލުގައި ކިޔައިދޭ ދިނުން އެއްގޮތްވޭތޯ ބެލިދާނެއެވެ.
31HN4އެ ގޮތުން ކުޑަކުދިންގެ ބަހާމެދު ގޮތެއް ކަނޑައަޅާއިރު، ޅަފުރާއަކީ ކުދިންގެ ސިކުނޑި އުފެދި ތަރައްޤީވަމުން އަންނަ ދުވަސްވަރު ކަމުގައިވާތީ، ނުވަތަ ޖިންސީ ގޯނާގެ އަމަލު ހިންގި ފަރާތްތަކަކީ ކުއްޖާއާމެދު އެފަދަ އަމަލެއް ހިންގުމުގެ ކުރިންވެސް އެ ކުއްޖަކާ އާއިލީ ގުޅުމެއް ނުވަތަ ބާރުވެރި ގުޅުމެއް އޮންނަ ފަރާތްތައް ކަމުގައިވާތީ، އެއިން ސަބަބަކާ ހުރެ ކުއްޖާގެ ހެކިބަހުގައި ތަފާތެއް ހުރުމަކީ ނުވަތަ ތަފްސީލު ހަނދާންނެތުމަކީ ނުވަތަ ތަފްސީލު ފަހުން ކިޔައިދޭން ބޭނުން ނުވުމަކީ އެކަށީގެންވާ ކަމެއްކަމުގައިވާތީ، އެ ކުއްޖާ ކުރިން ކިޔައިދިން ދިނުމަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވަސީލަތަކުން ނުވަތަ ވަސީލަތްތަކަކުން ބާރުލިބޭނަމަ، އެ ހެކިބަސް ބަލައިގަންނަން ޖެހޭކަމުގައި ދެކެމެވެ.
32މި މައްސަލާގައި ހިމެނޭ ކުއްޖާގެ ހެކިބަހުގައި ހުރި ފުށުއެރުންތައް ކަމަށް ޔޫސުފް މޫސާގެ ފަރާތުން ފާހަގަކުރާ ކަންކަމަށް ބަލާއިރު، ”އަތްލަން ނުޖެހޭ ތަނެއްގައި“ ކުއްޖާގެ އަތް ޔޫސުފް މޫސާ ޖެއްސުވިކަމަށް ބުނާ ދެ ހާދިސާއާ ގުޅިގެން ކުއްޖާ ތަޙުޤީޤަށް ދިން ބަޔާނުގައި އަތްލެއްވުމަށް މަސައްކަތްކުރީ ޔޫސުފް މޫސާގެ ގައިގެ ކޮން ތަނެއްގައި ކަން ބުނެފައި ނުވާއިރު، ދަށުކޯޓަށް ދީފައިވާ ބަޔާނުގައި ޔޫސުފް މޫސާގެ ޖިންސީ ގުނަވަނުގައި ކުއްޖާގެ އަތް ޖައްސުވަން މަސައްކަތްކުރިކަމަށް ކުއްޖާ ބުނެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. ކުއްޖާ ތަޙުޤީޤަށް ދީފައިވާ ބަޔާނުގެ ދެވަނަ ޞަފްޙާގައި ކުއްޖާ ކިޔައިދީފައިވަނީ، ކުއްޖާ ނިދާފައި އޮއްވާ އައިސް އަތުގައި ހިފައި، ޔޫސުފް މޫސާގެ ހަށިގަނޑުގެ ތަނެއްގައި އަތް ޖައްސަން މަސައްކަތް ކުރުމުން، ޔޫސުފް މޫސާ ހުރީ ތިރިން އެއްޗެއް ނުލައިކަން ކުއްޖާއަށް އެނގުނު ކަމަށެވެ. މީގެ އިތުރުން، ކުއްޖާގެ ގައިގައި ޔޫސުފް މޫސާ އަތްލިކަމަށް ބުނާ ހާދިސާތަކާ ގުޅިގެން، ކުއްޖާގެ މޭމަތީގައި އަތްލީ ކަމަށް ބުނާއިރު، ޔޫސުފް މޫސާ އަތްލީ މޭމަތީގެ ކޮންތަނެއްގައި ކަމެއް ސާފުނުވާކަމަށާއި، މިހާދިސާ ހިނގި ތާރީޚެއްވެސް ބަޔާންކޮށްފައި ނުވާކަމަށް ޔޫސުފް މޫސާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ކުއްޖާ ދަށުކޯޓުގެ ޝަރީޢަތުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ ”...ދެން އެ ދިޔައިމަވެސް އުޅޭނެ ގައިގައި އަތްލާ ކަންތައްތައް ކުރަންވެގެން ދެން މަންމަމެން ރަށުގައި ތިބޭއިރުވެސް ކާން މޭޒުކައިރީ އިންނައިރުވެސް އައިސް އުޅޭނީ އަތުގައި ކޮނޑު ކައިރީގައި ހިފަން މޭމަތީގައި އަތްލެވޭގޮތަށް“ މިފަދައިންނެވެ.
33HN5ކުއްޖާގެ އުމުރުން ގާތްގަނޑަކަށް 4 (ހަތަރެއް) އަހަރުން ފެށިގެން ކުއްޖާއަށް ޖިންސީ ގޯނާކުރަމުންއައި ކަމަށާއި، މިފަދަ ހާދިސާތައް އެތައް ފަހަރަކު ހިނގާފައިވާކަމަށް ބުނާކަން ކުއްޖާ ދީފައިވާ ބަޔާނުން އެނގެއެވެ. އެހެންކަމުން ހާދިސާތައް ހިނގައިދިޔަ ތާރީޚުތަކާއި، އަތްލާފައިވަނީ ސީދާ ކޮން ތަނެއްގައިކަން ވަކިވަކިން ބުނެފައި ނެތުމަކީ ކުއްޖާގެ ހެކިބަހުގައި އެކަށީގެންވާ ތަފްސީލް ނެތްކަމަށް ބެލެވޭނެ ކަމެއް ކަމަށް ނުދެކެމެވެ. އަދި ތަފްސީލް ދިނުމުގެ ގޮތުން ތަޙުޤީޤުގައި ބޭނުން ކުރި ޢިބާރާތް ނޫން އެހެން ޢިބާރާތެއް ޝަރީޢަތުގައި ބޭނުންކޮށްފައި އޮތުމަކީ ކުއްޖާގެ ހެކިބަހުގައި ފުށުއެރުން ހުރި ކަމަށް ބެލެވޭނެ ސަބަބެއް ކަމަށްވެސް ނުދެކެމެވެ.
34HN6މި ނުކުތާގައި ޔޫސުފް މޫސާގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، ކުއްޖާގެ އިޖްތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓާއި ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި ފަރާތްތަކުގެ ނިންމުމާމެދު ސުވާލު އުފެދޭގޮތަށް ކޯޓުގައި ހެކިބަސް އަދާކޮށްފައިވާތީ، މި މައްސަލަ ނިންމުމުގައި އެ ރިޕޯޓުތަކަށް ރިޢާޔަތްކުރެވިދާނެކަމަށް ނުދެކޭކަމަށެވެ. އިޖްތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތުން ދަށުކޯޓަށް ހެކިބަސް ދިންއިރު ބުނެފައިވަނީ، އެ ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއްކަން ނުވަތަ ނޫންކަން ސީދާ ނުދެންނެވޭނެ ކަމަށާއި، އެހެންނަމަވެސް އެ އުމުރުގެ ކުއްޖަކު އެ ފަދަ ކަމެއް ދިމާވި ކަމަށް ދޮގު ހަދައިގެން ދެއްކުމުގެ ބޭނުމަކީ ކޮބައިކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ފަރާތުގެ ރައުޔަކީ ކޮންމެވެސް ހާދިސާތަކެއް ހިނގާފައި ވާކަމާއި، ނަމަވެސް ސީދާ ހިނގި ކަންކަން ބުނަން ނޭނގޭނެ ކަމަށެވެ. އިޖްތިމާޢީ ހާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯޓު ތައްޔާރުކުރި ފަރާތާ ކޮށްފައިވާ ސުވާލަކީވެސް، ހާދިސާއަކީ ކުއްޖާއާމެދު ހިނގާފައި އޮތް ހާދިސާއެއް ކަމަށް ބެލެވޭތޯ ކަމަށްވާއިރު، އެ ފަރާތުގެ ރައުޔަކީ ކުއްޖާއަށް މި ފަދަ ހާދިސާއެއް ހިނގާފައި އޮތް ކަމަށް ބެލެވުން ކަން އެނގެއެވެ. އަދި ޔަޤީންކަމާއި ކަށަވަރު ކަމާއެކު މިއީ ހިނގާފައިވާ ހާދިސާއެއްކަމަށް ބުނެފައި ނުވުމަކީ، ރިޕޯޓް ތައްޔާރުކުރި ފަރާތްތަކުގެ ނިންމުމާމެދު ސުވާލު އުފެދޭ ކަމެއް ކަމުގައި ނުދެކެމެވެ. އެހެނީ، މި ރިޕޯޓް ތައްޔާރުކުރި ފަރާތަކީ ހާދިސާތައް ހިނގި މަންޒަރު ލޮލުން ދެކެފައިވާ ފަރާތެއް ކަމަށް ނުވާއިރު، އެ ފަރާތުން ތައްޔާރުކުރާ ރިޕޯޓްގެ ނިންމުންތައް ބިނާވާނީ ކުއްޖާގެ ފަރާތުން ކިޔައިދޭ ކިޔައިދިނުންތަކާއި ކުއްޖާއާ ގުޅުންހުރި އެކި ފަރާތްތަކުން ދޭ މަޢުލޫމާތުގެ މައްޗަށް ކަމަށް ވާތީއެވެ.
35HN7ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގުމުގެ ސަބަބުން ކަމަށް ރޫލްއައުޓް ނުކުރެވޭނެކަމަށް ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި ފަރާތުން ބުނެފައިވާ ބުނުމަށް ދެން ބަލާލާނަމެވެ. ކުއްޖާގެ ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި ފަރާތުން ދަށު ކޯޓުގައި ހެކިބަސް ދެމުން ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން ވަރަށް ގިނަ އެހެން ކަންތައްތަކެއް ވެސް ހުރި ކަމަށާއި، އެ ގޮތުން ރަށުތެރޭގައި ހާދިސާގެ ވާހަކަ ދެއްކުމާއި، ފެމިލީ ތެރޭގައި ހިނގާ އަރާރުންތަކާ ގުޅިގެން މެދުވެރިވާ ކަންކަން ހިމެނޭކަމަށާއި، އެހެންކަމުން ވަކި ހާދިސާއެއް ރޫލްއައުޓް ނުކުރެވޭނެ ކަމަށެވެ. މިއިން ދޭހަވާ ކަމަކީ، ކުއްޖާއަށް ނަފްސާނީގޮތުން އަސަރުކޮށްފައިވަނީ މިވެނި ހާދިސާއަކާ ގުޅިގެން ކަން ސީދާ ބުނަން ނޭނގިދާނެ ކަމާއި، އޭގެ ތެރޭގައި ކުއްޖާއަށް ދިމާވެފައިވާ އެހެން ކަންކަންވެސް ހުރުމަކީ އެކަށީގެންވާ ކަމެވެ. މީހެއްގެ ނަފްސާނީ ހާލަތަށް އަސަރުކުރާނެ އެއް ކަމަކަށްވުރެ ގިނަ ކަންތައްތަކެއް ކުރިމަތިވެފައި ހުރުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން، ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި ފަރާތުގެ ހެކިބަހުން، ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވަނީ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގުމުގެ ސަބަބުން ނޫންކަމަށް ދޭހަވާ ކަމަކަށް ނުފެނެއެވެ.
36HN8އިސްވެ ފާހަގަކޮށްފައިވާ ފަދައިން، ކުއްޖާގެ އަޚްލާޤު ވަކިގޮތަކަށް ހުރުމަކީ ނުވަތަ ނެތުމަކީ އެ ކުއްޖެއްގެ ތެދުވެރިކަން ވަޒަންކުރަން ބޭނުންކުރެވޭ ސިފައެއް ކަމުގައި ނުވަތަ އެ ކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގަން މެދުވެރިވި ސަބަބުކަމުގައި ބެލެވިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވާ ދިވެހި ދައުލަތް ވ. ޢަލީ ޝާހު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ކުއްޖާއަކީ އަޚްލާޤާއި، އުޅުން ރަނގަޅު ކުއްޖެއް ނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ޝަރީޢަތަށް ދިފާޢެއް ހުށަހަޅާފައިވާ ކަމަށް ބުނާއިރު، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ދަންނަ ދިފާޢެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. އެހެންކަމުން، ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ދަށުން ކުއްޖާގެ އަޚްލާޤާ ގުޅޭގޮތުން ޔޫސުފް މޫސާގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަކީ ޝަރީޢަތުން އެއަށް ބުރަދަން ދޭންޖެހޭނެ ކަމެއް ކަމަށް ނުދެކެމެވެ.
37ދެން އޮތް ސުވާލަކީ، ކުއްޖާ މުއްތަހަމާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުރަނގަޅު ނިޔަތެއް އޮތްތޯ ނުވަތަ ނޫންތޯއެވެ. ޔޫސުފް މޫސާއާމެދު ކުއްޖާގެ ކިބައިގައި ރުޅިވެރިކަން އޮތްކަމަށް ބުނެ ޔޫސުފް މޫސާގެ ފަރާތުން ފާހަގަކޮށްފައިވަނީ، ޔޫސުފް މޫސާ ދެކެ ރުޅިއާދޭތޯ ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާއާ ސުވާލުކުރުމުން ”އަބަދުވެސް ރުޅި އަންނަކަމަށް“ ކުއްޖާ ބުނެފައިވާ ބުނުމާއި، ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށް ކުއްޖާ ބުނެފައިވާކަމަށް ހެކިވެރިޔާ ބުނާ ބުނުމެވެ. އަދި މި މައްސަލައަކީ ޢާއިލާ ތެރޭގައި ހަސަދަވެރިކަން އިތުރުވެ ޖައްސާފައިވާ މައްސަލައެއް ކަމަށް ބުނެ ދައުލަތުގެ ހެއްކެއް ކަމަށްވާ ދަށު ކޯޓަށް ފޮނުވާފައިވާކަމަށް ބުނާ ސިޓީއެކެވެ. ނަމަވެސް، މި ސިޓީއަކީ ދަށު ކޯޓާއި ހައިކޯޓުގެ ރިޕޯޓުގައި ހިމަނާފައިވާ ސިޓީއެއް ނޫނެވެ. އަދި މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު ލިޔުމެއްވެސް ނޫނެވެ.
38ކުއްޖާގެ އުމުރުން ގާތްގަނޑަކަށް 4 (ހަތަރެއް) އަހަރުން ފެށިގެން ޔޫސުފް މޫސާގެ ފަރާތުން ކުއްޖާއަށް ޖިންސީ ގޯނާ ލިބެމުންއައި ކަމަށް ކުއްޖާ ބުނާއިރު، ޔޫސުފް މޫސާދެކެ އަބަދުވެސް ރުޅިއަންނަ ކަމަށް ކުއްޖާ ބުނެފައިވަނީ އެ ސަބަބަށްޓަކައިކަމަށް ވުމަކީ، އާންމު ފަރުދެއްގެ ވިސްނުމުން ބަލާއިރު އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށް ކުއްޖާ ބުނެފައިވާކަމަށް ހެކިވެރިޔާ ބުނެފައިވަނީ، ލޯބީގެ ގޮތުން ގުޅުމަށް ކުއްޖާ ހުށަހެޅުމުން، އެ ކަމާ ބެހޭ ގޮތުން ޔޫސުފް މޫސާއާ މަޝްވަރާކުރުމުން ކުއްޖާއަކީ، ރަނގަޅު ކުއްޖެއް ނޫންކަމަށް ހެކިވެރިޔާ ގާތު ޔޫސުފް މޫސާ ބުނެފައިވާތީ އެ ކަމާ ގުޅިގެން ކަން އެނގެއެވެ. ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށް ކުއްޖާ ބުނިކަމަށް ހެކިވެރިޔާ ބުނާ ދުވަސްވަރު ހެކިވެރިޔާގެ އުމުރަކީ ހީވާގޮތުން 15 އަހަރު ކަމަށް އޭނާ ބުނެފައިވެއެވެ. ކުއްޖާ އެހެން ބުނިތާ އެތައް ދުވަހެއް ފާއިތުވި ފަހުން، އެ ކަމާ ގުޅިގެން ޔޫސުފް މޫސާއާ ދެކޮޅަށް ކުއްޖާގެ ފަރާތުން މި މައްސަލަ ހުށަހެޅީކަމަށް ޤަބޫލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ޔޫސުފް މޫސާއަށް ބުނެދެވިފައެއް ނުވެއެވެ.
އިސްތިއުނާފީ ދެވަނަ ނުކުތާ
39އިސްތިއުނާފީ ދެވަނަ ނުކުތާގެ ދަށުން އެއްކަމަކަށް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، ޔޫސުފް މޫސާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ތެރެއިން ހެއްކެއް ގަބޫލު ނުކުރެވޭނެ ނުވަތަ އެ ހެއްކަށް ރިޢާޔަތް ނުކުރެވޭނެ ކަމަށް ބުނެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅާފައި ނުވާއިރު، އަދި ދަށު ކޯޓުގައިވެސް އެ ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެ ޤާނޫނީ ސަބަބެއް ދެއްކިފައި ނުވާއިރު، ޔޫސުފް މޫސާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެކަމަށް ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ 3ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ.
40HN9ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ފަދައިން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާއާއި 18ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން އިސްތިއުނާފީ މައްސަލަ ބަލާނީ ހައިކޯޓުގައި ނިންމި ނިންމުން އެއީ އަސާސްކަމުގައި ބަލައިގެންނެވެ. އެހެންކަމުން، ހައިކޯޓަށް ހުށަނޭޅޭ އައު ޤާނޫނީ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައިގަތުމަކީ ޚާއްޞަ އިސްތިސްނާއީ ޙާލަތްތަކެއްގައި ނޫނީ ކުރެވޭ ކަމެއް ނޫނެވެ. އެގޮތުން އެ ޤަޟިއްޔާގައި އައު ޤާނޫނީ ބަހުސަކަށް ފުރުޞަތު ހުޅުވާލެވިދާނެ އިސްތިސްނާއީ 02 (ދޭއް) ދެ ހާލަތެއް ބަޔާންކޮށްފައިވެއެވެ. އެއީ:
(ހ) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންޞާފުޤާއިމްކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވުން؛ ނުވަތަ
(ށ) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވުމެވެ.
41HN10ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ، ސުޕްރީމް ކޯޓުގައި ފާހަގަކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަނޭޝަނަލް (ލަބުއާން) ލިމިޓެޑް، މި ދެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ، ކަޕޫރުﷲ ޔޫސުފް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ ޢާންމު އުސޫލުތަކެއް ނޫންކަމަށެވެ. އެއީ އިސްތިސްނާތަކެއްކަމަށެވެ. ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭނެ އާންމު އުސޫލުތައް ބަޔާންވެފައިވަނީ ކޯޓުތަކުގެ ޤާނޫނުގެ 16ވަނަ މާއްދާގައެވެ. މި އާންމު އުސޫލުތަކުގެ ޚުލާޞާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މި އިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އާންމު ގޮތެއްގައި އެ ކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ.
42HN11ޔޫސުފް މޫސާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެކަމަށް ހައިކޯޓުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ 3ވަނަ ނަންބަރާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާއަކީ މި ކޯޓަށް ހުށަހެޅިދާނެ ނުކުތާއެއްތޯ ބަލާއިރު، ދިފާޢީ ހެކިންގެ ހެކިބަހަށް ބުރަދަން ދިނުމާ ގުޅޭގޮތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކަތައް އަމާޒުކުރެވިފައި އޮތީ ގާތްތިމާގެ މީހުންގެ ހެކިބަސް ބަލައިގަތުމާ ގުޅޭގޮތުންނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ 3ވަނަ ނަންބަރާ އާ ހަވާލާދީ މި ނުކުތާގައި ފާހަގަކުރާ ކަންކަމަކީ ހައިކޯޓަށް ހުށަހެޅި އެކަމުގެ މައްޗަށް ވާހަކަ ދެކެވިފައިވާ ކަންކަމެއް ނޫނެވެ. ހައިކޯޓަށް މި ނުކުތާ ހުށަހެޅިފައި ނުވިނަމަވެސް މި ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައެއް ނުވެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119ވަނަ މާއްދާގެ (ހ) ގެ 3ވަނަ ނަންބަރާ ހަވާލާދީ މި ނުކުތާގެ ދަށުން ފާހަގަކުރާ ކަންކަމަކީ ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަމަށްވެފައި، އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ފުރުސަތުގައި އެ ކަންކަން ހައިކޯޓަށް ހުށަހަޅާފައި ނުވާތީ އެ ނުކުތާއަކީ އައު ނުކުތާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ހުށަހެޅުމެއް ކަމަކަށް ނުފެނެއެވެ.
43އިސްތިއުނާފީ ދެވަނަ ނުކުތާގެ ދަށުން އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ފާހަގަކޮށްފައިވަނީ، ޔޫސުފް މޫސާގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ހެކިބަހަށް ރިޢާޔަތް ނުކުރެވޭނެކަމަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) އާއި، ހެއްކާބެހޭ ޤާނޫނުގެ 46ވަނަ މާއްދާއާއި 47ވަނަ މާއްދާ62އާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި (ށ) ގެ (1) ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ.
ގާތްތިމާގެ މީހުންގެ ހެކިބަސް
44HN12ގާތްތިމާގެ މީހުންގެ ހެކިބަސް ގަބޫލުކުރުމާމެދު ފިޤުހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ، މައިންބަފައިން (ޢާއިލީގޮތުން ކިތަންމެ މަތިވި ކަމުގައިވިޔަސް) އެމީހުންގެ ދަރިންނާ އެއްކޮޅަށް (ޢާއިލީގޮތުން ކިތަންމެ ދަށަށް ދިޔަ ކަމުގައިވިޔަސް) ދޭ ހެކިބަސް، އަދި ދަރިން އެ މީހުންގެ މައިންބަފައިންނާ އެއްކޮޅަށް ދޭ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އަޚަކު އޭނާގެ އެހެން އަޚަކަށްޓަކައި ދޭ ހެކިބަސް ގަބޫލުކުރެވޭނެއެވެ. އަދި ބޮޑުބޭބެއާއި، ބޮޑުބޭބެ ކިޔާ މީހުންގެ ހެކިބަސް އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ޤަބޫލުކުރެވޭނެކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. ސަބަބަކީ، އާދަކާދައިގެ ގޮތުން ބަލާއިރު ޢާންމު ގޮތެއްގައި ބޮޑުބޭބެއިންނާއި އެ މީހުންނަށް ބޮޑުބޭބެ ކިޔާ މީހުންނަކީ އެއްބަޔަކު އަނެއް ބައެއްގެ ކިބައިން މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން މުސްތަޤިއްލު ބަޔަކަށް ވުމާއި، އެ ދެފަރާތުގެ މެދުގައި ތުހުމަތުތަކެއް ނެތުމެވެ.
45HN13ދެމަފިރިން އެކަކު އަނެކަކާ އެއްކޮޅަށް ދޭ ހެކިބަސް ގަބޫލުކުރުމާމެދު ފިޤުހު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ޖުމްހޫރުންގެ އަރިހުގައި ދެމަފިރިން އެކަކު އަނެކަކުގެ މައްޗަށް ދޭ ހެކިބަސް ގަބޫލު ނުކުރެވޭނެއެވެ. ސަބަބަކީ، އެކަކު އަނެކަކުގެ ކިބައިން ޙަޖުބުކުރާނެ މީހަކު ނެތި ވާރުތަވުމާއި، އާންމު ގޮތެއްގައި އެކަކު އަނެކަކުގެ ފަރާތުން މާލީ މަންފާ ލިބުމެވެ. މީގެ އިތުރުން، ދެމަފިރިންނަކީ އެކަކު އަނެކަކުގެ ކިބައިން އާންމުގޮތެއްގައި އެހީތެރިކަމާއި މަދަދު ލިބިލިބި ތިބޭ ބަޔަކަށް ވުމުން އެ މީހުންގެ ހެކިބަސް އެކަކާ އެއްކޮޅަށް ގަބޫލު ނުކުރެވޭނެއެވެ.
46HN14ގާތްތިމާގެ މީހުންގެ ހެކިބަސް އިސްލާމީ ޝަރީޢަތުގައި ގަބޫލުކުރުމާމެދު ފިޤުހުވެރިން ބަހުސްކޮށްފައިވަނީ ވަކި މައުޟޫޢެއްގެ ދަށުންނެވެ. އެއީ ”ހެކިބަސް ދޭ މީހާއަކީ އޭނާގެ ހެކިބަހުގައި ތުހުމަތު އުފެދޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން“، މި މައުޟޫޢުގެ ދަށުންނެވެ. އެ ގޮތުން އެ ހެކިވެރިންނަކީ ހެކިބަސް އަދާ ކުރުމުގެ ސަބަބުން ހެކިވެރިޔާއަށް މަންފާއެއް ލިބި ނުވަތަ ގެއްލުމެއް ދުރުކޮށްދޭ ހާލަތުގައި ހުރި މީހަކު ކަމުގައި ވެގެން ނުވާނެކަމަށް ފިޤުހުވެރިން ބަޔާން ކުރާކަމުގައި ސުޕްރީމް ކޯޓުގެ ޢަދުނާނު ޙުސައިން ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ވަކި ދަރަޖައަކަށް ތިމާގެ މީހުން ޖިނާއީ މައްސަލަތަކުގައި ހެކިބަސްދޭ ހާލަތަކީ ހެކިބަސް ދިނުން ހެކިވެރިޔާގެ މައްޗަށް މަނާވެގެންވާ ހާލަތެއް ކަމަށް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޙުސައިން ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ބައެއް ހާލަތްތަކުގައި ހެކިވެރިޔާގެ ހެކިބަހަކީ އެ ހެކިބަހުން އެކަނި ޖިނާއީ މައްސަލަ ސާބިތުކުރުމަށް ފުދޭ ދަލީލެއް ކަމުގައި ނުވި ނަމަވެސް، އެ ހެކިބަހަށް ތާއީދު ލިބޭ އެހެން ދަލީލުތަކާއި ޤަރީނާތަކާއެކު ޖިނާއީ މައްސަލަ ސާބިތުކުރުން ހުއްދަ ހެކިބަހެއް ކަމުގައި އެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
47HN15ޔޫސުފް މޫސާގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ކުއްޖާއާ ޢާއިލީ ގޮތުން ތިމާގެ މީހުން ޔޫސުފް މޫސާއާ ދެކޮޅަށްވެސް ހެކިބަސް ދީފައިވެއެވެ. ނަމަވެސް މި މައްސަލާގައި ހިމެނޭ ކުއްޖާއަކީ ކުޑަކުއްޖަކަށްވެފައި، މި ކުއްޖާއަކީ ހެކިބަސް އަދާކުރުމުގެ ސަބަބުން ހެކިވެރިއަކަށް މަންފާއެއް ފޯރުކޮށްދީ، އަދި އެއިން މީހަކަށް ކުރިމަތިވެދާނެ ގެއްލުމެއް ދުރުކޮށްދެވޭ ހާލަތުގައި ހުރި ކުއްޖެއް ނޫނެވެ. މީގެ އިތުރަށް މި ކުއްޖާއަކީ، އެހެން މީހުންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބުން ލާޒިމު ކުއްޖެކެވެ.
48އެއާ ޚިލާފަށް، ޔޫސުފް މޫސާއަކީ ތަސައްރަފު ފުރިފައިހުރި ބޮޑު މީހެކެވެ. ޔޫސުފް މޫސާގެ ޙާލަތާއި ކުއްޖާގެ ޙާލަތް އެގޮތުން ތަފާތެވެ. ޔޫސުފް މޫސާގެ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން އަކީ އޭނާގެ އަނބިމީހާއެވެ. އަކީ އޭނާގެ ކާފަދަރިއެކެވެ. އަކީ ޔޫސުފް މޫސާގެ އެއްބަނޑު ފަރާތެއްގެ ދަރިއެއްގެ ދަރިއެކެވެ. އަކީ ޔޫސުފް މޫސާއަށް ދޮންބައްޕަ ކިޔާ މީހެއްގެ އަނބިމީހާއެވެ. ހެކިބަސް ދީފައިވާ މި މީހުންނަށް ބަލާއިރު، ޝަރުޢީ ގޮތުން އެ ހެކިބަހާމެދު ބަހުސް ކުރެވިދާނެ ދެ މީހުންނަކީ ޔޫސުފް މޫސާގެ އަނބިމީހާ އާއި ކާފަދަރިފުޅުގެ ހެކިބަހެވެ. މި ދެ މީހުންގެ އިތުރުން ހެކިބަސް ދީފައިވާ ފަރާތްތަކުގެ ހެކިބަހަކީ މި މައުޟޫޢުގައި އެ މީހުންގެ ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ޖާގަ ޝަރުޢީ ގޮތުން އޮތް ބައެއް ނޫނެވެ.
49ގެ ހެކިބަހަށް ބުރަދަން ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ގެ ހެކިބަހާއި އެގޭގައި ދިރިއުޅޭ ގެ ހެކިބަހާ ފުށުއެރުން ހުރުމުގެ ސަބަބުން، ހެކިބަސް އަދާކޮށްފައިވަނީ ޔޫސުފް މޫސާގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ކަމަށް ފެންނާތީއެވެ. ދަށު ކޯޓުގައި ހެކިބަސް ދިންއިރުގައި ބުނެފައިވަނީ، އެއްވެސް އިރެއްގައި ޔޫސުފް މޫސާއާ ދެމީހުން ނިދާ ކޮޓަރީގައި ކުއްޖާ ނިންދަވާފައި ނުވާނެ ކަމަށާއި، ކުއްޖާއާ ދެމީހުން އެއްކޮށް ނިދާފައިވާނެ ކަމަށާއި، ދެތިން ހަތަރު ރެއަކު ނިދިފަ ނޯންނާނެކަމެއް ނޭނގޭ ކަމަށާއި، ޔޫސުފް މޫސާއާ ދެމީހުން އެއްކޮށް ނިދާ ކޮޓަރީގައި ކުއްޖާ ނިދާފައި ނޯންނާނެ ކަމަށެވެ. ދީފައިވާ ހެކިބަހުގައި ބުނެފައިވަނީ، ބައެއް ފަހަރު ޔޫސުފް މޫސާއާއި ކުއްޖާއާ ތިން މީހުން އެއް ކޮޓަރިއެއްގައި ނިދާކަމަށެވެ. މި ދެ ހެކިބަހުގައި ފުށުއެރުން ހުރިކަން ފެންނަން އެބައޮތެވެ. އިސްތިއުނާފުކުރާ ފަރާތުގެ ނިސްބަތުން ބަލާއިރު ތުހުމަތު ކުރެވޭފަދަ މަޤާމެއްގައި ހުރި މީހެއް ކަމަށްވާއިރު، އޭނާ ހެކިބަސް ދީފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މަޞްލަޙަތު ހިމާޔަތްކުރުމަށް ކަމަށް ބެލެވޭ ކަންތައްތަކެއް ހުރިކަމަށް ގަބޫލުކުރެވެއެވެ.
50HN16ދެން އޮތީ ކާފަދަރިފުޅާއި 74 ބޮޑު ބޭބެކިޔާ ކުއްޖާގެ ހެކިބަހެވެ. ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން، ކުއްޖާގެ އަޚްލާޤު ވަކިގޮތަކަށް ހުރުމަކީ ނުވަތަ ނެތުމަކީ އެ ކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގަން މެދުވެރިވި ސަބަބު ކަމުގައި ބެލެވިގެން ނުވާނެއެވެ. ވުމާއެކު، ކުއްޖާގެ އަޚްލާޤާ ގުޅޭގޮތުން މި ދެ ހެކިވެރިން ދައްކާފައިވާ ވާހަކަތަކަށް ބުރަދަން ދޭންޖެހޭކަމަކަށް ނުދެކެމެވެ. އޭގެ އިތުރުން، ކާފަދަރިއަކީ ވެސް އިސްތިއުނާފުކުރާ ފަރާތުގެ ނިސްބަތުން ބަލާއިރު ތުހުމަތު ކުރެވޭފަދަ މަޤާމެއްގައި ހުރި މީހެއް ކަމަށްވާއިރު، ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށް ކުއްޖާ ބުނި ކަމަށް ބުނާ ބުނުމަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ނެތެވެ. ދައުލަތުން ހުށަހެޅި ހެއްކެއް ކަމުގައިވާ ދަށު ކޯޓަށް ފޮނުވާފައިވާ ސިޓީއެއްގައި، މި މައްސަލައަކީ ޢާއިލާގެ ތެރޭގައި ހަސަދަވެރިކަން އިތުރުވެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެފައިވުމުން، ޔޫސުފް މޫސާއަށް ލަނޑެއް ދޭނެކަމަށް ކާފަދަރި ބުނާ ބުނުމަށް ބާރު ލިބޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ނަމަވެސް، މި ސިޓީއަކީ ދަށު ކޯޓާއި ހައިކޯޓުގެ ރިޕޯޓުގައި ހިމަނާފައިވާ ލިޔުމެއް ނޫނެވެ. އަދި މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު ލިޔުމެއް ވެސް ނޫނެވެ. މި މައްސަލައަކީ ޢާއިލާގެ ތެރޭގައި ހަސަދަވެރިކަން އިތުރުވެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އަށް ގަބޫލުކުރެވޭ ސަބަބެއް ވެސް އެނގޭކަށް ނެތެވެ. އެހެންކަމުން، ފޮނުވާފައިވާ ކަމަށް ބުނާ ސިޓީއަކުން ކާފަދަރީގެ ހެކިބަހަށް ބާރު ލިބޭ ކަމަށް ނިންމިދާނެކަމަކަށް ނުފެނެއެވެ.
51އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، އި ކާފަދަރިއާއި ބޮޑުބޭބެކިޔާ ކުއްޖާގެ ހެކިބަހަށް ބުރަދަން ނުދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަކަށް ނުފެނެއެވެ.
އިސްތިއުނާފީ ތިންވަނަ ނުކުތާ
52އިސްތިއުނާފީ ތިންވަނަ ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، މި މައްސަލައިގައި 2021 އޮކްޓޫބަރު 29 ގައި ހިނގިކަމަށް ކުޑަކުއްޖާ ބުނާ ހާދިސާ ނޫން އެހެން ހާދިސާތައް ކުޑަކުއްޖާ ކިޔައިދީ، ބަޔާންދީފައިވަނީ އެ ހާދިސާތައް ހިނގިކަމަށްބުނާ ތާރީޚާ ދެމެދު ގިނަ އަހަރުތަކެއް ފާއިތުވެދިޔަ ފަހުންކަމަށްވާއިރު، އެ ކަމަށް ރިޢާޔަތްކުރުމެއްނެތި، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުން ނުވަތަ ކުއްޖާގެ ބަޔާން ގަބޫލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (ޅ) އާއި، (އ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ 1ވަނަ ނަންބަރާ ޚިލާފަށް ކަމަށެވެ. ހާދިސާ ކިޔައިދީފައިވުމުގައި ނުވަތަ ބަޔާން ދިނުމުގައި ލަސްވެފައިވޭތޯ ބެލުން
53ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: ހެކީގެ ނިސްބަތް 47. އެހެން ޤާނޫނެއްގައި، ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ މިންގަނޑުކަމަށް ނުވަތަ ޝަރީޢަތަށް ޤަބޫލުކުރާ ހެކީގެ ބާވަތްކަމަށް އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި ނުވަތަ މި ޤާނޫނުގެ ދަށުން އުފުލޭ ދަޢުވާއެއްގައި، މީހަކު، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގައިފިކަން ސާބިތުކުރުމަށްޓަކައި، ނުވަތަ މި ޤާނޫނުގައިވާ ކުށެއް ސާބިތުކުރުމަށްޓަކައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ފަސް ބާވަތެއްގެ ހެކި ހުރެއްޖެކަމަށްވާނަމަ، އެ ހެއްކަކީ، ޤާނޫނުއަސާސީގެ 51ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ލިބިފައިވާ ހެކިކަމުގައި ބެލެވޭނެއެވެ.
(ހ) ޖިންސީ ޢަމަލު ކުޑަކުއްޖަކާއެކު ހިންގައިފިކަން ސާބިތުކޮށްދޭ ރަސްމީ ލިޔުމެއް.
(ށ) ސައިންޓިފިކް ތަޙްލީލުތަކުން ދައްކާ ނަތީޖާ.
(ނ) ލޮލަށް ފެނުނު މީހުންގެ ހެކީގެ ބަޔާން.
(ރ) ފޮރެންސިކް ނިޝާންތަކުންނާއި ތަޙްލީލުތަކުން ލިބޭ ހެކި.
(ބ) ވީޑިއޯ ރެކޯޑުތަކުން ލިބޭ ހެކި.
(ޅ) އެކަމެއް ހިނގުމުން ދާދިއަވަހަށް ނުވަތަ އެކަމެއް ހިނގުމާދެމެދު ގިނަދުވަސްތަކެއް ނުވަނީސް ކުއްޖާގެ މައިންބަފައިންނަށް، ނުވަތަ ގާތްތިމާގެ މީހަކަށް، ނުވަތަ ރަޙްމަތްތެރިއަކަށް، ނުވަތަ ޑޮކްޓަރަކަށް، ނުވަތަ ޞިއްޙީ އެހީތެރިއަކަށް، ނުވަތަ ސައިކޮލޮޖިސްޓަކަށް، ނުވަތަ ސައިކިއޭޓްރިސްޓަކަށް، މައްސަލަ ތަޙްޤީޤުކުރާ ފުލުހަކަށް ނުވަތަ ކުޑަކުދިން ރައްކާތެރިކުރުމުގެ ޚިދުމަތުގައި މަސައްކަތްކުރާ މީހަކަށް ކުޑަކުއްޖާ ދީފައިވާ ބަޔާން.
(ކ) އޭނާއާމެދު ކަންވީގޮތްކަމަށް ނުވަތަ އެކަން ހިނގާދިޔަގޮތްކަމަށް ކުޑަކުއްޖާ ކިޔައިދީފައިވާ ބަޔާން.
(އ) މީހަކާ ބެހޭގޮތުން ޙަޤީޤަތެއްނެތް ވާހަކަތަކެއް ހަދައިގެން، ނުވަތަ އަލަށް އުފައްދައިގެން ކިޔައިދިނުންކަމަށް ބެލެވޭނެ ސަބަބެއްނެތި ނުވަތަ ޙާދިސާ ހިނގި ވަގުތާއި އެ ވާހަކަ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތުނުވަނީސް، ކުޑަކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް.
(ވ) ކުޑަކުއްޖާ ކިޔައިދޭ އެއްޗަކާ އެކުއްޖާއަށް ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުންކަމަށް ޑޮކްޓަރީގޮތުން ފާހަގަވާންހުރި ކަންކަމާއި ފޮރެންސިކް ތަޙްލީލުތަކުން ފާހަގަވާންހުރި ކަންކަން ދިމާވުން.
(މ) އެކުއްޖާއާއެކު ޖިންސީ ޢަމަލު ހިންގި މީހަކީ ކުރިން ޖިންސީ ޢަމަލު ހިންގި މީހެއްކަން ސާބިތުވެފައިވުން.
(ފ) މާއްދީ ހެކި.
(ދ) މައްސަލަ ބަލާ ފަރާތުން ކުއްޖާއާ އިންޓަރވިއުކުރުމުން ކުއްޖާ ކިޔައިދީފައިވާ ވާހަކަ. މި ފަދައިންނެވެ.
54HN17ބަޔާންވެ ދިޔަ 47ވަނަ މާއްދާގެ އަކުރުތަކަށް ބަލާއިރު (ޅ) ގައި ”އެކަމެއް ހިނގުމުން ދާދި އަވަހަށް ނުވަތަ އެ ކަމެއް ހިނގުމާ ދެމެދު ގިނަ ދުވަސްތަކެއް ނުވަނީސް.....“ އާއި، (އ) ގައި ”.....ޙާދިސާ ހިނގި ވަގުތާއި އެ ވާހަކަ، ކުއްޖާ ކިޔައިދިން ވަގުތާ ދެމެދު މާ ދިގު މުއްދަތެއް ފާއިތު ނުވަނީސް، ކުއްޖާ ކިޔައިދީފައިވާ ކިޔައިދިނުމެއް.“ މި ދެ އަކުރުގައި ލަސްނުވެ ކިޔައިދިނުމަށް އޮންނައިރު، (ޅ) އާއި (އ) އާ ދެމެދުގައި ބަޔާންކޮށްފައިވާ (ކ) ގައި، ކުއްޖާއާ ދޭތެރޭ ކަންވީގޮތް ކިޔައިދޭން ވަކި ވަގުތެއް ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
55HN18ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަބްދުލްމުހައިމިން އާދަމް ޤަޟިއްޔާގައި، މި ފަދަ ކޮންމެ މައްސަލައެއްގައި ކުއްޖާ ކިޔައިދިނުން ލަސްވެފައިވޭތޯ ބެލުމުގައި ބަލާ އަސާސީ ހަމައަކީ ކުއްޖާގެ ޙާލަތާއި، ކުއްޖާގެ އުމުރާއި މިޒާޖު ފަދަ ކަންކަން ކަމަށާއި، މި ފަދަ މައްސަލައެއްގައި އަވަސް ނުވަތަ ލަސް މިން، ވަޒަންކުރެވޭނީ އާންމު ގޮތެއްގައި މުއްދަތު ނުވަތަ ވަގުތު ގުނާ ހަމައަކުން ނޫންކަމަށާއި، މި ފަދަ މައްސަލައެއްގެ ވާހަކަ އެހެން ފަރާތަކާ ޙިއްސާކޮށް ކިޔައިދިނުމަށް ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ ބައެއް ފަހަރު އަހަރުތަކެއް ވެސް ފާއިތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަދި ހާދިސާ ކިޔައިދިނުން ލަސްވުމަކީ އެ ބަހުގެ ބާރު ދެރަވެގެންދާ ސަބަބެއް ނޫން ކަމަށް ކަނޑައަޅުއްވާފައިވެއެވެ.
56HN19މީގެ އިތުރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގައި ޚާއްޞަ އުސޫލުތަކެއް ލިޔަން ޖެހުނީ އެ ފަދަ މައްސަލަތަކުގައި ދިމާވާކަންކަން ޙައްލުކުރުމަށް ކަމަށްވެފައި، އެ ޤާނޫނުގެ 47ވަނަ މާއްދާގައިވާ އަކުރުތައް ކިޔުމުގައި ބަލަންޖެހޭ ޙައްލު ހޯދައިދިނުމުގެ އުސޫލުތައް ކުރިޔަށް ނެރެން ޖެހޭކަމަށާއި، ހެކި ސާބިތުކުރުމުގެ އަސާސަކީ ކުއްޖާގެ ބަސް ކަމަށްވެފައި، އެންމެ އަވަހަށް ނުވަތަ އެކަން ހިނގި ވަގުތު އެ ކުއްޖާއަށް އެހެން ފަރާތަކާ އެކަން ޙިއްސާނުކުރެވޭ ފަދަ ސަބަބެއް މެދުވެރިވާ ޙާލަތެއްގައި އެ ކުއްޖާއަށް އިންސާފުގެ ދޮރު ބަންދުވުމަކީ ޤާނޫނުގެ މަޤުސަދެއް ނޫން ކަމުގައި ވެސް ޢަބްދުލްމުހައިމިން އާދަމް ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވެއެވެ.
57HN20އިސްތިއުނާފުކުރެވިފައިވާ މި މައްސަލާގައި ކުއްޖާ ކިޔައިދީފައިވާ ކަންކަމަށް ބަލާއިރު، ކުއްޖާގެ އުމުރުން ވަރަށް ކުޑައިރުން ފެށިގެން ޔޫސުފް މޫސާގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އައި ކަމަށް ކުއްޖާ ބުނެފައިވެއެވެ. އަދި މި ވާހަކަތައް ކުރިން ކިޔައިދީފައި ނުވަނީ އާއިލާ ތެރޭގައި މައްސަލަ ޖެހޭނެކަން އެނގޭތީ ބިރުން ކަމަށް ކުއްޖާ ބުނެފައިވެއެވެ. ކުއްޖަކު މި ފަދަ ވާހަކަތައް ކިޔައިނުދީފާނެ ބައިވަރު ސަބަބުތަކެއް ހުރެދާނެއެވެ. އެ ގޮތުން، ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރުމަށް ކުޑަކުދިން ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި، ރިޕޯޓްކޮށްފިނަމަ އެ ކުއްޖާއަށާއި ކުއްޖާގެ އާއިލާއަށް ނޭދެވޭ އަސަރުކުރާނެކަމަށް ގަބޫލުކުރެވުމާއި، އުމުރު ހަގުވުމުގެ ސަބަބުން ކުއްޖާއަށް ދިމާވި ކަންތައްތައް ރަނގަޅަށް ވިސްނައިނުގަނެވުމާއި، ކިޔައިދިނުމަށް ބޭނުންވާ ޢިބާރާތްތަކާއި ބަސްމަގު އެކަށީގެންވާ ވަރަށް އެނގިފައިނުވުން ހިމެނެއެވެ.
58HN212021 އޮކްޓޫބަރު 29 ގެ ހާދިސާ ހިނގިތާ މާގިނަ ވަގުތުތަކެއް ފާއިތުވުމުގެ ކުރިން ކުއްޖާ އެ ވާހަކަތައް ކުއްޖާގެ އާއިލާގެ ފަރާތްތަކަށް ކިޔައިދީފައިވެއެވެ. އޭގެ ކުރިން ދިމާވި ކަންތައްތައް ކުއްޖާ ކިޔައިދީފައިވަނީ، 2021 އޮކްޓޫބަރު 29 ގެ ހާދިސާ ކިޔައިދިނުމުގެ ތެރެއިންނެވެ. މި ގޮތަށް ފަހުން ހިނގައިދިޔަ ކަމެއްގެ ވާހަކަ ކިޔައިދިނުމުގެ ތެރެއިން އޭގެ ކުރިން ހިނގައިދިޔަ ކަންތައްތައް ވެސް ކިޔައިދިނުމަކީ އެކަށީގެންވާ ކަމެކެވެ. ކުއްޖާ ކުޑައިރު ހިނގައިދިޔަ ކަންތައްތައް، ފަހުގެ ހާދިސާއަކާ ގުޅުވައިގެން ކުއްޖާ ކިޔައިދީފައިވުމަކީ، ކުއްޖާގެ ބަހުގެ ބާރު ދަށްވެގެން ދާނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެފަދައިން ކިޔައިދޭ ކިޔައިދިނުމުގައި އެކަށީގެންވާ ލަސްވުމެއް އޮތްކަމަށް ބަލަންޖެހޭކަމަކަށް ވެސް ނުފެނެއެވެ.
59މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުންނާއި، ޢަބްދުލްމުހައިމިން އާދަމް ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ޝަކުވާ އުފުލުމުގެ މުއްދަތާމެދު ކަނޑައަޅާފައިވާ ކަނޑައެޅުމުގެ އަލީގައި، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 47ވަނަ މާއްދާގެ (ޅ) އާއި، (އ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) އާއި، (ށ) ގެ 1ވަނަ ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ހުށަހެޅުމަށް ޤާނޫނީ ބުރަދަނެއް ދެވިދާނެކަމުގައި ނުދެކެމެވެ.
އިސްތިއުނާފީ ހަތަރުވަނަ ނުކުތާ
60އިސްތިއުނާފީ ހަތަރުވަނަ ނުކުތާގައި، 2021 އޮކްޓޫބަރު 29 ގެ ރޭ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ކުއްޖާ ބުނާ ކަންތައްތަކަކީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ، ޖިންސީ ކުށުގެ ޢަމަލެއް ކަމުގައި ބެލެވޭ ކަމެއް ނޫންކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. މި ނުކުތާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ދަށު ކޯޓުގައި ދައްކާފައިވާ ވާހަކަތަކެއް ނޫން ކަމަށާއި، އެހެންކަމުން މި ނުކުތާއަކީ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ނުކުތާއެއް ނޫން ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
61ދަށުކޯޓަށް ހުށަހަޅާފައިނުވާ އައު ނުކުތާއެއް އިސްތިއުނާފީ މަރުހަލާގައި ހުށަހެޅުމާ ގުޅޭގޮތުން ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާއާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ޤަޟިއްޔާ އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަނޭޝަނަލް (ލަބުއާން) ލިމިޓެޑް، މި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތައް މި ރައުޔުގެ 41ވަނަ ނުކުތާގައި ފާހަގަކޮށްފައިވާނެއެވެ. އެ އުސޫލުތަކަށް ރިޢާޔަތްކޮށް، 2021 އޮކްޓޫބަރު 29 ގެ ރޭ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގިކަމަށް ކުއްޖާ ބުނާ ކަންތައްތަކަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު 84 ގައި ބަޔާންކޮށްފައިވާ ޖިންސީ ކުށުގެ ޢަމަލެއް ކަމުގައި ބެލެވޭ ކަމެއް ނޫންކަމަށް ބުނެ އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާއަކީ މި ކޯޓަށް ހުށަހެޅިދާނެ ނުކުތާއެއްތޯ ބަލާއިރު، މި ނުކުތާގައި ފާހަގަކުރާ ކަންކަމަކީ އެއާމެދު ދަށު ކޯޓުގައި ވެސް އަދި ހައިކޯޓުގައި ވެސް ވާހަކަ ދެކެވިފައިވާ ކަންކަމެއް ނޫނެވެ.
62އެއިގެ އިތުރުން، ދަށު ކޯޓަށާއި ހައިކޯޓަށް މި ނުކުތާ ހުށަހަޅާފައި ނުވިނަމަވެސް މި ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަންނަންޖެހޭ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައެއް ނުވެއެވެ. އަދި މި ނުކުތާގެ ދަށުން ފާހަގަކުރާ ކަންކަމަކީ ވެސް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަންކަން ކަމަށްވެފައި، އިސްތިއުނާފުކުރާ ފަރާތަށް ލިބުނު ފުރުސަތުގައި އެ ކަންކަން ހައިކޯޓަށް ހުށަހަޅާފައި ނުވާތީ އެ ކަންކަމަކީ، މިހާރު ސުޕްރީމް ކޯޓަށް އަލަށް ބަލައިގަނެވޭނެ ކަންކަން ކަމަކަށް ނުދެކެމެވެ.
ނިންމަން ފެންނަ ގޮތް
63ބަޔާންވެދިޔަ ކަންކަމަށް ބަލާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/79 ޤަޟިއްޔާގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
64މި މައްސަލައިގައި ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
65މި މައްސަލައިގައި ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެގޮތުގެ މަތީން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2023/HC-A/79 ޤަޟިއްޔާ ނިންމާފައިވަނީ، ޝަރުޢީ ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމުގައި ބަލާނެ ތަނެއް ނެތް ކަމަށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
ޢަބްދުﷲ ޙަމީދު
(ރިޔާސަތު)
ޑރ. މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- […]
- ޤާނޫނު ނަންބަރު 12/2009
- […]
- މެޖިސްޓްރޭޓް ކޯޓުގެ [REDACTED] ޤަޟިއްޔާގެ މަޙްޟަރު B3ގެ 34 ޞ.108
- ޤާނޫނު ނަންބަރު 12/2009
- [REDACTED]
- [REDACTED]
- […]
- […]
- ސުޕްރީމް ކޯޓުގެ 2019/SC-A/77 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 12/2009
- ސުޕްރީމް ކޯޓުގެ 2019/SC-A/77 ޤަޟިއްޔާ
- […]
- ސުޕްރީމް ކޯޓުގެ 2019/SC-A/77 ޤަޟިއްޔާ
- އ.ބ.މ
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 11/2022
- ޤާނޫނު ނަންބަރު 12/2016
- ޤާނޫނު ނަންބަރު 13/2010
- [REDACTED]
- [REDACTED]
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/01 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/120 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 11/2022
- […]
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 22/2010
- ޤާނޫނު ނަންބަރު 11/2022
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 12/2009
- ޤާނޫނު ނަންބަރު 12/2009
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 12/2009
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 12/2009
- ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/75 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/60 ޤަޟިއްޔާ (މި ޤަޟިއްޔާގެ ރަނގަޅު ގޮތަކީ "ޙުސައިން ސާމިރު ވ. ޕްރޮސިކިއުޓަރ ޖެނެރަލް" އެވެ.)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/42 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/77 ޤަޟިއްޔާ
- އ.ބ.މ
- އ.ބ.މ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/16 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/16 ޤަޟިއްޔާގެ 19ވަނަ ޕެރެގްރާފް.
- އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރި ފަރާތުން ދަށު ކޯޓަށް ދީފައިވާ ބަޔާން (މަޙްޟަރު B3ގެ 34 ޞ.74)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2017/SC-A/16 ޤަޟިއްޔާ
- […]
- […]
- […]
- ޤާނޫނު ނަންބަރު 12/2016
- ސުޕްރީމް ކޯޓުގެ 2019/SC-A/57 ޤަޟިއްޔާ.
- އ.ބ.މ.
- ސުޕްރީމް ކޯޓުގެ 2021/SC-A/107 ޤަޟިއްޔާ.
- ސުޕްރީމް ކޯޓުގެ 2021/SC-A/106 ޤަޟިއްޔާ.
- ޤާނޫނު ނަންބަރު 12/2016
- އ.ބ.މ
- އ.ބ.މ
- ޤާނޫނުއަސާސީގެ 42ވަނަ މާއްދާގެ (ށ) - "ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ."
- ޤާނޫނު ނަންބަރު 11/2022
- ހެއްކާބެހޭ ޤާނޫނުގެ 46ވަނަ މާއްދާއާއި 47ވަނަ މާއްދާއަކީ، ހެކިބަސްދިނުމުގެ ޤާބިލްކަން ހުރި ފަރާތްތަކާއި، ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް ބަޔާންކުރާ މާއްދާތަކެވެ.
- ޤާނޫނު ނަންބަރު 13/2010
- ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ހ) - "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެއެވެ." ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރަނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަމެވެ. އެގޮތުން އެ އަކުރުގެ 1ވަނަ ނަންބަރުގައި މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވެއެވެ.
- وسائل الإثبات في الشريعة الإسلامية في المعاملات المدنية والأحوال الشخصية، للدكتور محمد الزحيلي، 1/130-131 ، الطبعة الأولي، مكتبة دارالبيان، دمشق، بيروت.
- އ.ބ.މ
- އ.ބ.މ
- އެ.ބ.މ.
- ސުޕްރީމް ކޯޓުގެ 2014/SC-A/26 ޤަޟިއްޔާ.
- ސުޕްރީމް ކޯޓުގެ 2012/SC-A/01 ޤަޟިއްޔާ.
- […]
- ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަސް (މަޙްޟަރު B3 ގެ 34 ޞ.56)
- ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަސް (މަޙްޟަރު B3 ގެ 34 ޞ.57)
- […]
- […]
- ޤާނޫނު ނަންބަރު 12/2009
- ޤާނޫނު ނަންބަރު 13/2010
- ޤާނޫނު ނަންބަރު 12/2009
- ސުޕްރީމް ކޯޓުގެ 2020/SC-A/42 ޤަޟިއްޔާ.
- ޤާނޫނު ނަންބަރު 12/2009
- ސުޕްރީމް ކޯޓުގެ 2019/SC-A/57 ޤަޟިއްޔާ.
- ސުޕްރީމް ކޯޓުގެ 2021/SC-A/107 ޤަޟިއްޔާ.
- ސުޕްރީމް ކޯޓުގެ 2021/SC-A/106 ޤަޟިއްޔާ.
- ޤާނޫނު ނަންބަރު 12/2009
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 9ވަނަ މާއްދާގެ (ހ) އަދި (ށ)
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 12/2009) 47ވަނަ މާއްދާ (ޅ)، (ކ)، (އ)
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (ޤާނޫނު ނަންބަރު 22/2010) ގެ 16ވަނަ މާއްދާ އަދި 18ވަނަ މާއްދާ
- 2019/SC-A/77
- 2017/SC-A/16
- 2019/SC-A/57
- 2021/SC-A/107
- 2021/SC-A/106
- 2014/SC-A/26
- 2012/SC-A/01
- 2020/SC-A/42
- 2022/SC-A/75
- 2020/SC-A/60
- 2011/HC-A/120
ޝަރީޢަތުގެ ވީޑިއޯ
މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.