ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2014/SC-A/26ސުޕްރީމް ކޯޓު · 1 ޖޫން 2020 · ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

ނަން ސިއްރުކޮށްފައި ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ސުޕްރީމް ކޯޓު · 1 ޖޫން 2020ބާވަތް: ޖިނާއީ

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން (113/CrC/2010) ކުށް ސާބިތުކޮށް 39 އެތިފަހަރާއި 6 އަހަރުގެ ޖަލު ޙުކުމްކުރިއެވެ. ހައިކޯޓުން (2013/HC-A/82) އެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
ބައްޕައަކު އޭނާގެ ބާލިޣުނުވާ އަންހެން ދަރިފުޅާމެދު ކުޑައިރުން ފެށިގެން ބަދުއަޚްލާޤީ ޢަމަލު ހިންގި ކަމުގެ ދަޢުވާ ދައުލަތުން އުފުލިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ދަޢުވާއެއްގައި، ދަޢުވާ ސާފުނުވުމާއި، ކުއްޖާގެ ޢާއިލާގެ މީހުންގެ ހެކިބަސް ބަލައިގަތުމާއި، ހެއްކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 51 (އ) ގެ ސާބިތުވުމުގެ މިންގަނޑާއި، މެޑިކޯ ލީގަލް ރިޕޯޓާއި ހެކިވެރިން ލީޑްކުރުމާ ބެހޭ ނުކުތާތަކުގެ ސަބަބުން ކުށް ސާބިތުވުން ބާޠިލުވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ބައްޕަ ބުނީ ދަޢުވާ ސާފުނުވާ ކަމަށާއި، ހެކިވެރިންނަކީ ކުއްޖާގެ ޢާއިލާގެ މީހުން ކަމަށާއި، ސާބިތުކޮށްފައިވަނީ 51 (އ) އަށްވުރެ ދަށް މިންގަނޑަކުން ކަމަށާއި، މެޑިކޯ ލީގަލް ރިޕޯޓު ކާފީ ހެއްކެއްގެ ގޮތުގައި ބަލާފައިވާ ކަމަށާއި، ހެކިވެރިން ލީޑްކޮށްފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ދަޢުވާ ސާފުނުވާކަމަށް ދަށު ކޯޓުގައި ނުބުނުމާއި، ގާތްތިމާގެ މީހުންގެ ހެކިބަސް ޝަރުޢީ އުޞޫލުތަކުގެ މަތިން ބަލައިގަނެވޭތީއާއި، ކުށުގެ ރުކުންތައް 51 (އ) ގެ މިންގަނޑަށް ސާބިތުވެފައިވާތީ، ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ނުފެނުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2013/HC-A/82
ފަހުގެ ތާރީޚު
—

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (ކުށް ސާބިތުވުން)

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 6) ދައުލަތުގެ މުވައްޒަފަކު (ރިޔާސީ ކޮމިޝަނެއްގެ މެމްބަރަކު) ދައުލަތާ ދެކޮޅަށް ވަކާލާތުކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައްޔާއި ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގައި ނުވަތަ އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކުގައި ބަޔާންކޮށްފައި ނުވާތީ، އެފަދަ ވަކީލަކަށް ޝަރީޢަތުގެ މަޖިލީހުގައި ޚަޞްމު ތަމްސީލުކުރުމުގެ ފުރުސަތު ދެވިފައިވެއެވެ.

HN2ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 19، 59، 63) ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގައި ނުކުތާއެއް ނަގާއިރު، އެ ނުކުތާއާމެދު ހައިކޯޓުން ނިންމި ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބާއި ގޮތް އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށްދޭން ޖެހެއެވެ.

HN3ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 24–25) ތުހުމަތުކުރެވޭ ކުށަކީ ކޮބައިކަން ދޭހަވާ ބަހަކުން ލަސްނުކޮށް އެންގުމުގެ (ޤާނޫނުއަސާސީގެ 51 (ހ)) މަޤުޞަދަކީ، ތުހުމަތުކުރެވޭ ޢަމަލުތަކުގެ ތަފުސީލު ތުހުމަތުކުރެވޭ މީހާއަށް ފަހުމުވެ ދިފާޢުވުމުގެ ފުރުސަތު ލިބުމެވެ. ދަޢުވާ ސާފުނުވާކަމަށް ދަށު ކޯޓުގައި ނުބުނެ، ހެކި ހާމަކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަށް އެދުނު ޙާލަތެއްގައި، ދަޢުވާ ސާފުނުވާތީ ދިފާޢަށް ހުރަސް އެޅުނުކަމަށް ނުބެލެވެއެވެ.

HN4ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 26–27) ދަޢުވާ އުފުލި ދުވަސްވަރު ޖިނާއީ ދަޢުވާއެއްގައި ހިމަނަންޖެހޭ ބައިތައް ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާއިރު، ދަޢުވާ ވަކި ގޮތަކަށް ފަރުމާކުރުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލާޒިމުނުކުރެވޭނެއެވެ. ނަމަވެސް ދަޢުވާ އޮންނަންވާނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ޙައްޤުތައް ފުރިހަމައަށް ލިބިދެވޭ ގޮތަށެވެ. އަދި އަދަބެއް ދެވޭނީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގެ ޝަރުޠުތައް ފުރިހަމަވާ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންނެވެ.

HN5ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 33–36) ވަކި ގޮތަކަށް ހެކި ލިބިފައިވުން ކީރިތި ޤުރުއާނުގައި ނުވަތަ ޤާނޫނުގައި ކަނޑައަޅާފައި ނުވާ ކުށެއް ސާބިތުކުރުމުގައި، ވަކި ޢަދަދެއްގެ ނުވަތަ ވަކި ބާވަތެއްގެ ހެކިތަކަކަށް ބަރޯސާވުން ފަނޑިޔާރަށް ލާޒިމުނުވެއެވެ. ޤާނޫނާ އެއްގޮތަށް ހޯދާފައިވާ، މައްސަލައާ ގުޅުންހުރި ހުރިހާ ހެއްކެއް ވަޒަންކޮށް އޭގެ މައްޗަށް ރިޢާޔަތްކުރަންވާނެއެވެ.

HN6ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 37–39) ގާތްތިމާގެ މީހުންގެ ހެކިބަހާމެދު ފިޤުހުވެރިން ބަހުސްކޮށްފައިވަނީ ހެކިވެރިޔާ ހުރީ އޭނާގެ ހެކިބަހުގައި ތުހުމަތު އުފެދޭ މަޤާމެއްގައިތޯ (ހެކިބަހުގެ ސަބަބުން މަންފާއެއް ލިބޭ ނުވަތަ ގެއްލުމެއް ދުރުވާ ޙާލަތެއްގައިތޯ) ބެލުމުގެ ދަށުންނެވެ. ހާދިސާ ހިނގި ގެޔަށް ވަދެނިކުމެ އުޅުނު، ޙަޤީޤަތް އެނގުމަށް އެންމެ އެކަށީގެންވާ މަޤާމުގައި ތިބި ގާތްތިމާގެ މީހުންނަކަށް ވުމަކީ ހެކިބަސް ބަލައިނުގަތުމުގެ ސަބަބެއް ނޫނެވެ.

HN7ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 40–41) މައިން ނުވަތަ ބަފައިން ދަރިންގެ މަޞްލަޙަތުގައި ދޭ ހެކިބަސް ހެކިބަހުގެ ދަރަޖައިގައި ޤަބޫލުނުކުރެވުނަސް، އެ ހެކިބަހަށް ބާރުލިބޭ (ކޮރޮބޮރޭޓްކުރާ) ކަންތައްތައް ހުރިނަމަ، އެއީ ބާރުގަދަ ޤަރީނާއެކެވެ.

HN8ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 43–44، 47) ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިފައިވާ ޙާލަތެއްގައި، ހެކިބަސްތަކުގައިވާ ކުދިކުދި ތަފާތުތަކަކީ ވާޤިޢާތައް ނަފީކުރާ ފުށުއެރުންތަކެއް ނޫނެވެ. އަދި ހެކިން ދުރާލައި ރާވައިގެން ހެކިވީ ކަމަށް ބުނުމަށް ބާރުލިބޭ ހުއްޖަތެއް ނެތްނަމަ، އެ ބުނުމަކުން އެކަށީގެންވާ ޝައްކެއް ނުއުފެދެއެވެ. ހެކިވެރިއަކާ ސުވާލުކުރުމުގެ ފުރުސަތު ލިބިހުރެ ސުވާލުނުކޮށް، ފަހުން އެ ހެކިވެރިޔާގެ ބަސް ނުހޯދިކަމަށް ބުނުމަކީ ޙަޤީޤަތް އެހެން ގޮތަކަށް ހުރިކަމަށް ބަލާނެ ސަބަބެއް ނޫނެވެ.

HN9ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 49) ދަޢުވާގައިވާ ތަފާތު ހާދިސާތަކުގެ ތެރެއިން ހާދިސާއެއް ހިނގާފައިވާކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ލިބިއްޖެނަމަ، އެ ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއްކަމުގައި ބަލަންޖެހެއެވެ (2012/SC-A/27، 2013/SC-A/53، 2014/SC-A/19).

HN10ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 53–57) ހެއްކާބެހޭ ޤާނޫނުގެ (24/76) 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހެކިތަކުގެ އަލީގައި ވަކި ޙަޤީޤަތެއް ސާބިތުވިކަމަށް ނިންމުމުގެ އުޞޫލެވެ. ޖިނާއީ ކުށެއް ސާބިތުވުމަކީ ކުށުގެ ހުރިހާ ރުކުނެއް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވުމެވެ (ޤާނޫނުއަސާސީގެ 51 (އ)). ވަކިވަކި ވާޤިޢާތައް ސާބިތުވުމުގެ އުޞޫލާއި ކުށުގެ ރުކުންތައް ސާބިތުވާންޖެހޭ މިންގަނޑަކީ ތަފާތު ދެ ކަމެވެ. އެހެންކަމުން އެ ދެ މާއްދާގައި ފުށުއެރުމެއް ނެތެވެ. 6 ވަނަ މާއްދާއަކީ ޖިނާއީ ކުށް ސާބިތުކުރެވޭނެ ލުއި ދެވަނަ މިންގަނޑެއް ނޫނެވެ.

HN11ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 60–61) ކާފީ ހެއްކަކީ (prima facie) ނަފީކުރާ ހެއްކެއް ނެތް ޙާލަތުގައި، އިތުރު ހެއްކެއް ނެތި ވާޤިޢާއެއް ސާބިތުކުރުމަށް ފުދޭ ހެއްކެވެ. އެހެން ހެކިތަކަށް ބާރުދިނުމަށް ބޭނުންކުރާ މެޑިކޯ ލީގަލް ރިޕޯޓަކީ ކާފީ ހެއްކެއްގެ ގޮތުގައި ބަލާފައިވާ ހެއްކެއް ނޫނެވެ.

HN12ޖިނާއީ › ޖިނާއީ – ބާލިޣުނުވާ ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުން (ދަޢުވާ ސާފުވުން، ގާތްތިމާގެ މީހުންގެ ހެކިބަސް، ސާބިތުވުމުގެ މިންގަނޑު)

(ޕެރ. 64–65) ހެކިވެރިޔާ ލީޑްކުރުމަކީ ހެކިބަސް ލައިދީ، ސުވާލުކުރާ ފަރާތަށް ފަހިވާ ގޮތަށް ޖަވާބު ހޯދުމެވެ. ތަޙްޤީޤަށް ދީފައިވާ ބަޔާން ޝަރީޢަތުގައި އިއްވައި ހެކިވެރިޔާގެ ހަނދާން އާކޮށްދިނުމާއި (memory refresh) ލީޑިންގ ސުވާލު ކުރުމަކީ ތަފާތު ދެ މަފްހޫމެކެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އާއި (އ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ)
  • ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާ، 7 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
  • ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދުގެ 1.2 (ކ)
  • ޤާނޫނު ނަންބަރު 05/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)

ފަނޑިޔާރުން

ބެންޗު
މަޙާޒު ޢަލީ ޒާހިރު، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު · ތާއީދުކުރެއްވީ: ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު: (ފަނޑިޔާރު ޑރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1ދައުލަތުން ކުއްޖާގެ ބައްޕަގެ މައްޗަށް ޖިނާއީ ކޯޓުގައި އުފުލި ބާލިޣު ނުވާ އުފަން ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުގެ ނަންބަރު 113/CrC/2010 (1142/JC/2008) ޤަޟިއްޔާއިން ނިންމާފައިވެއެވެ.

2ދައުލަތުން މި ދަޢުވާ އުފުލާފައިވަނީ ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާގެ މަންމަ (މީގެފަހުން، "ކުއްޖާގެ މަންމަ") އާ ކައިވެނި ކޮށްގެން ލިބިފައިވާ އަންހެން ދަރިފުޅާ (މީގެފަހުން، "ޝަކުވާކުރި ކުއްޖާ") ކުޑައިރުން ފެށިގެން ކުއްޖާގެ ބައްޕަ ބަދުއަޚްލާޤީ ޢަމަލު ހިންގަމުން އައިސްފައިވާތީއެވެ. މި ޢަމަލުތަކުގެ ތެރޭގައި ޝަކުވާކުރި ކުއްޖާގެ މަންމަ ގޭގައި ނޫޅޭ ވަގުތުތަކުގައްޔާއި، ރަށުން ބޭރުގައި ހޭދަ ކުރާ ދުވަސްތަކުގައި ޝަކުވާކުރި ކުއްޖާއާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގައި ޒިނޭ ކުރުން ހިމެނެއެވެ. އަދި ޝަކުވާކުރި ކުއްޖާ އެހެން މީހުންނާ އެކަހެރިކޮށް ހުންނަ ވަގުތުތަކުގައި މި ބާވަތުގެ ޢަމަލުތައް ކުއްޖާގެ ބައްޕަ ހިންގުމާއި، ގޭތެރެއާއި ޢާންމު ތަންތަނުގައި އާދަޔާ ޚިލާފަށް ޝަކުވާކުރި ކުއްޖާ ގައިގޯޅިކޮށްގެން ގެންގުޅުމާއި، ކޮމްޕިއުޓަރުން އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ދެއްކުން ހިމެނެއެވެ. އަދި މީގެ އިތުރުން ޝަކުވާކުރި ކުއްޖާގެ އުމުރުން ގާތްގަނޑަކަށް 10 އަހަރު ފުރެންދެން ޝަކުވާކުރި ކުއްޖާ ގޮވައިގެން ފެންވަރަން ވަނުންފަދަ ކަންކަން ކުރުން ހިމެނެއެވެ.

3ކްރިމިނަލް ކޯޓުން ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވުމުން، އޭނާގެ ފަރާތުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާއިންނެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމި ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.

4މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމުގައި ބުނެ ކުއްޖާގެ ބައްޕަގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ކަނޑައެޅި ނިޔާއެވެ.

އިޖުރާއީ އިޢުތިރާޟު

5މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ތަމްސީލުކުރާ ޤާނޫނީ ވަކީލަކީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުގެ މެމްބަރެއްކަމުގައިވާތީ، ދައުލަތުގެ މުވައްޒަފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ތަޢާރުޟުވާ ކަމެއްކަމުގައިވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ވަކީލަށް މި މައްސަލައިގައި އެ ފަރާތް ތަމްސީލު ކުރެވިދާނެކަން ނުވަތަ ނޫންކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅައި ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.

6HN1މަތީގައިވާ ނުކުތާ ދައުލަތުން ފާހަގަކުރި ނަމަވެސް، ދައުލަތުގެ މުވައްޒަފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފުވާކަމެއްކަމުގައި ބަޔާންވެފައިވާ ޤާނޫނީ ނައްޞެއް ނުވަތަ ޤާނޫނީ އުސޫލެއް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިނުވެއެވެ. މި ނުކުތާއާ ގުޅިގެން ޤާނޫނު ނަންބަރު 05/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 04/2019 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) އާއި، މި ދެ ޤާނޫނުގެ ދަށުން ހެދިފައިވާ ކަމާބެހޭ ޤަވާއިދުތަކުގައި ދައުލަތުގެ މުވައްޒަފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ވަކީލުންގެ ސުލޫކީ މިންގަނޑާ ޚިލާފުވާކަމެއް ކަމުގައި ބަޔާންވެފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ވަކީލަށް ޝަރީޢަތުގެ މަޖިލީހުގައި އެ ފަރާތް ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމަށް ނިންމުނެވެ.

ކްރިމިނަލް ކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް

7ދައުލަތުގެ ފަރާތުން މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުއްޖާގެ ބައްޕަގެ މައްޗަށް ބާލިޣު ނުވާ އުފަން ދަރިއަކާމެދު ހުތުރުކަން ބޮޑުވެގެންވާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ދަޢުވާ އުފުލުމުން އޭނާ ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ. އަދި އޭނާގެ ފަރާތުން ވާހަކަ ދައްކާނީ އޭނާގެ ޤާނޫނީ ވަކީލު ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި ކުއްޖާގެ ބައްޕަ ދަޢުވާއަށް އިންކާރު ކުރުމުން ދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހެކި ހުށަހަޅާފައިވެއެވެ.

8މި ހެކިތަކުގެ ތެރޭގައި އަނިޔާ ލިބުނު، ޝަކުވާކުރި ކުއްޖާއާއި، އެކުއްޖާއާ މެދު ބަދުއަޚްލާޤީ ޢަމަލު ހިންގި މަންޒަރު ދުށް އެހެން ކުޑަ ކުއްޖަކު ހިމެނެއެވެ. އަދި ކުއްޖާގެ ބައްޕައާދަޔާ ޚިލާފަށް ޝަކުވާކުރި ކުއްޖާއާއެކު ގައިގޯޅިކޮށް އުޅޭ މަންޒަރު ފެނިފައިވާކަން ސާބިތުކުރުމަށާއި، ޝަކުވާކުރި ކުއްޖާ ގޮވައިގެން ކުއްޖާގެ ބައްޕަ ފާޚާނާއަށް ވަދެ، ދޮރުތަޅުލައިގެން އޮރިޔާމުން ފެންވަރަން ވަދެތިބިކަން ސާބިތު ކުރުމަށް ހެކިން ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރެކޯޑުވެސް ދައުލަތުން ހުށަހަޅާފައިވެއެވެ.

9ދައުލަތުގެ ފަރާތުން ދަޢުވާ ސާބިތުކުރުމަށް ހެކި ހުށަހެޅުމުން، އެ ހެކިވެރިންނާއި ދަޢުވާ ލިބޭ ފަރާތާ ހުރި ގުޅުން ސާފުކުރުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން އެދިފައިވީ ނަމަވެސް، ކުއްޖާގެ ބައްޕަގެ ދިފާޢުގައި ޖިނާއީ ކޯޓަށް ހެކި ހުށަހަޅާފައި ނުވެއެވެ.

10ކްރިމިނަލް ކޯޓުގައި ދައުލަތުގެ ފަރާތުން ކުއްޖާގެ ބައްޕައާ ދެކޮޅަށް ހުށަހެޅި ހެކިން ކުއްޖާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ދީފައިވެއެވެ. މި ހެކިބަހުން މައިގަނޑު ތިން ކަމެއް ފާހަގަ ކުރެވެއެވެ.

10.1- ފުރަތަމަ ކަމަކީ، ކުއްޖާގެ ބައްޕަ އޭނާގެ އުފަން ދަރި، ޝަކުވާކުރި ކުއްޖާއާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގާކަމަށް ޝަކުވާކުރި ކުއްޖާ ތަޙްޤީޤުގައްޔާއި ޝަރީޢަތުގެ މަޖިލީހުގައި ބުނާކަމެވެ. އަދި ކުއްޖާގެ ބައްޕަގެ ޢަމަލުތައް ހުންނަގޮތާމެދު، ޝަކުވާކުރި ކުއްޖާ އެކި ދުވަސްމަތިން ހިއްސާ ކޮށްފައިވާ މީހުންގެ ތެރެއިން ކްރިމިނަލް ކޯޓަށް ހާޒިރު ކުރެވުނު މީހުން، ތަފާތެއްނެތި އެ ކޯޓުގައި ހެކިބަސް ދީފައިވާކަމެވެ.

10.2- ދެވަނަ ކަމަކީ، ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާއާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގި ދެ ހާދިސާއެއް ފެނިފައިވާ ކަމަށް އަންހެން ކުއްޖަކު ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާކަމެވެ.

10.3- ތިންވަނަ ކަމަކީ، ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާއާއެކު އާދަޔާ ޚިލާފަށް ގައިގޯޅިކޮށް އުޅޭކަމާއި، ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާ ގޮވައިގެން ފާޚާނާއަށް ފެންވަރަން ވަދެފައިވާ ހާދިސާއާމެދު ހެކިވެރިން ތަފާތެއްނެތި އެއްގޮތަކަށް ހެކިބަސް ދީފައިވާކަމެވެ.

11ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވާ ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާ ގުޅިގެން އަންނަނިވި ކަންކަން ކްރިމިނަލް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.

11.1- ޝަކުވާކުރި ކުއްޖާއާމެދު އޭނާގެ ބައްޕަ ބަދުއަޚްލާޤީ ޢަމަލު ހިންގަމުން އަންނަކަމާއި، އެ ޢަމަލުތަކުގެ ތަފުސީލު ޑޮކްޓަރާ ހިއްސާކޮށްފައިވާކަން.

11.2- ޖިންސީ ގޮތުން ޝަކުވާކުރި ކުއްޖާއާ ބެހިފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، ކުރިމަތި ފަރާތަށް ވައްދާފައިވާކަން ހޯދުންތަކުން ފެންނަކަން.

12މި މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކަށާއި، މައްސަލައިގެ ވަށައިގެންހުރި ކަންތައްތަކަށް ބަލާއިރު، ކުއްޖާގެ ބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާގައިވާ ތުހުމަތުތަކަކީ ހިނގާފައިވާ ކަންތައްތަކެއް ކަމަށް ޝަރީޢަތުން ކަނޑައަޅަންޖެހޭ ވަރަށް ހެކި ލިބިފައިވާކަން މައްސަލަ ބެލި ޤާޟީ ނިންމާފައިވެއެވެ. އަދި ބާލިޣު ނުވާ އުފަން ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުން ކުއްޖާގެ ބައްޕަ ކުށްވެރިވާކަމަށް ކަނޑައަޅާފައިއެވެ. އަދަބެއްގެ ގޮތުން މި ހާދިސާ ހިނގިއިރު، މި ބާވަތުގެ މައްސަލަތަކުގައި އަދަބު ކަނޑައަޅަމުން އަންނަ ގަވާއިދު ކަމުގައިވާ، ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 173 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ދަށުން 39 އެތިފަހަރުން ކުއްޖާގެ ބައްޕަ ތަޢުޒީރުކުރުމާއެކު، 06 އަހަރު ދުވަހުގެ މުއްދަތަށް ކުއްޖާގެ ބައްޕަ ޖަލަށްލުމަށް ޙުކުމް ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަ ނިމުނު ގޮތް

13ކްރިމިނަލް ކޯޓުގެ ނަންބަރު 113/CrC/2010 (1142/JC/2008) ޤަޟިއްޔާ އެ ކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ކުއްޖާގެ ބައްޕަ ދިވެހިރާއްޖޭ ހައިކޯޓުގައި 08 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. މި 08 ނުކުތާގައި ވާހަކަ ދެކެވިފައިވަނީ އަންނަނިވި 05 ކަމުގެ މައްޗަށެވެ.

13.1- ކުއްޖާގެ ބައްޕަގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޤާނޫނީ ކޮން ކުށެއްގެ ދަޢުވާއެއްކަން ކްރިމިނަލް ކޯޓުގައި ދައުލަތުން ބުނެފައި ނުވާކަން.

13.2- ކުއްޖާގެ ބައްޕަގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާ މީހުންނަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެ މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ބައެއްކަމަށްވާއިރު، އެ ހެކިންގެ ހެކިބަހަކީ މައްސަލަ ސާބިތު ކުރުމުގެ އަސާސްތަކެއް ކަމުގައި ކްރިމިނަލް ކޯޓުން ބަލައިގެންފައިވުން.

13.3- ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުށް ސާބިތުކުރުމުގައި ގެންގުޅެފައިވަނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާގައިވާ މިންގަނޑުކަމާއި، އެ މިންގަނޑަކީ ޖިނާއީ ކުށް ސާބިތުވާންޖެހޭނެ މިންގަނޑުކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ މިންގަނޑަށްވުރެ ލުއި މިންގަނޑެއްކަން.

13.4- މެޑިކޯ ލީގަލް ރިޕޯޓަކީ ކާފީ ހެއްކެއް ކަމުގައި ކްރިމިނަލް ކޯޓުން ބަލާފައިވާކަން.

13.5- ކްރިމިނަލް ކޯޓުން މައްސަލަ ތަޙްޤީޤު ކުރުމުގައި ބަލާފައިވަނީ ތަޙްޤީޤަށް އެކި މީހުން ދީފައިވާ ބަޔާންތަކުގެ މައްޗަށްކަން.

14ކުއްޖާގެ ބައްޕަގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.

14.1- ދައުލަތުގެ ފަރާތުން ކުއްޖާގެ ބައްޕަގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި އެ ދަޢުވާ ކުރި ސަބަބުތައް ތަފުސީލުކޮށް ބަޔާންކޮށްފައިވާ ކަމާއި، ކްރިމިނަލް ކޯޓުގައި ކުއްޖާގެ ބައްޕަގެ މައްޗަށް ދަޢުވާ ހުށަހެޅުމުން އެ ދަޢުވާ ސާފު ނުވާކަމަށް، ނުވަތަ އެ ދަޢުވާ އިތުރަށް ސާފުކޮށްދިނުމަށް އެދިފައިވާކަން އެނގެން ނެތްކަމާއި، ދަޢުވާ އޮޅުން ނުފިލުމުގެ ސަބަބުން ދިފާޢުވުމަށް ކުއްޖާގެ ބައްޕައަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް ޤަބޫލު ކުރެވޭ ސަބަބެއް ނެތްކަން.

14.2- ކުއްޖާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ދިން މީހުންނަކީ ކުއްޖާގެ ބައްޕައާމެދު ޒާތީ ތަޢައްޞުބެއް ނުވަތަ ޙަސަދަވެރިކަމެއް އޮވެގެން ކުއްޖާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ދީފައިވާ ބައެއްކަމަށް ކުއްޖާގެ ބައްޕަ ފާހަގަ ކުރިނަމަވެސް، އެ ހެކިވެރިން ހެކިބަސް ދީފައިވަނީ އެފަދަ ކަމެއްގެ ސަބަބުންކަމަށް ބެލެވޭ ވަރުގެ ޙުއްޖަތެއް ކުއްޖާގެ ބައްޕައަށް ދެއްކިފައި ނުވާ ކަމަށާއި، މި ފަދަ މައްސަލަތަކުގައި ވަކި ބާވަތެއްގެ ހެކި ހުރުން ޝަރުޢީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން ލާޒިމް ނުވާ ކަމަށާއި، އެހެންކަމުން ވަކި ބާވަތެއްގެ ހެކިތަކެއްގެ މައްޗަށް ބުރަވުން ފަނޑިޔާރުގެ މައްޗަށް ލާޒިމް ނުވާނެކަން.

14.3- ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ހަމައެކަނި ބަރޯސާވެފައިވަނީ ހަމައެކަނި ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަށް ނޫންކަމާއި، ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި މި މައްސަލައިގައި ޝަރީޢަތަށް ހުށަހެޅުނު ހުރިހާ ހެކިތަކަށް ދަށު ކޯޓުން މައްސަލަ ބެލި ޤާޟީ ރިޢާޔަތްކޮށްފައިވާކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

15ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ކުއްޖާގެ ބައްޕަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައިގަނޑު 06 (ހައެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

15.1- ފުރަތަމަ ސަބަބަކީ، އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ކޮބައިކަން ބުނެދޭން ޖެހޭނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބުނެފައިވާއިރު، ކުއްޖާގެ ބައްޕަ ބަދުއަޚްލާޤީ ޢަމަލެއް ފުރިހަމަކުރުމަށް ކުރި ކަމަކީ ކޮބައިކަން ހުށަހެޅުނު ދަޢުވާގައިވެސް އަދި ޝަރީޢަތުގެ މަޖިލީހުގައިވެސް ބުނެދެވިފައި ނުވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

15.2- ދެވަނަ ސަބަބަކީ، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާން ޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށް ކަމުގައި ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SCA/34 ޤަޟިއްޔާއާއި، 2012/SCA/01 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HCA/187 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ބުރަވެފައިވަނީ އިސްވެ ބުނެވުނު ޤަޟިއްޔާތަކުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް ދަށު ކޯޓުގެ ހެކިބަސްތަކަށް ބުރަވެ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

15.3- ތިންވަނަ ސަބަބަކީ، ޖިނާއީ މައްސަލަތައް ސާބިތު ކުރުމަށް ހެއްކާބެހޭ ޤާނޫނަށްވުރެ މަތީ މިންގަނޑެއް (ތްރެޝް ހޯލްޑެއް) ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާއިރު، އެ އުސޫލަށް ޢަމަލު ކުރުމުގެ ބަދަލުގައި އެއަށްވުރެ ދަރަޖައިގެ ގޮތުން ދަށް މިންގަނޑަކުން މި މައްސަލަ ސާބިތުވާކަމަށް ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

15.4- ހަތަރުވަނަ ސަބަބަކީ، ޝަކުވާކުރި ކުއްޖާ ގޮވައިގެން ކުއްޖާގެ ބައްޕަ ފާޚާނާއަށް ފެންވަރަން ވަންނަކަމަށް [ހެކިވެރިޔާ 1] ހެކިބަސް ދީފައިވާއިރު، ހުރިހާ އިރެއްގައި ގޭގައި އިންނަ ޝަކުވާކުރި ކުއްޖާގެ މާމައަށް ކުއްޖާގެ ބައްޕަ، ޝަކުވާކުރި ކުއްޖާ ގޮވައިގެން ފާޚާނާއަށް ފެންވަރަން ވަންނަ މަންޒަރު ފެނިފައި ނުވާއިރު، މާމަގެ ބަހެއް ޝަރީޢަތުން ނުހޯދައި [ހެކިވެރިޔާ 1] ގެ ހެކިބަހަށް ބަރޯސާވެ މައްސަލަ ނިންމާފައިވުމާއި، ޤާނޫނީ އަދި ޝަރުޢީ ގޮތުން ބަލައި ނުގަނެވޭނެ ހެކިވެރިންތަކެއް ދީފައިވާ ހެކިބަހުގެ މައްޗަށް ބުރަވެ މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

15.5- ފަސްވަނަ ސަބަބަކީ، މި މައްސަލަ ނިންމުމުގައި ހެއްކެއްގެ ގޮތުގައި ބަލާފައިވާ ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ހާދިސާ ހިނގިކަމަށް ބުނާ ތާރީޚުގެ ފަހުން ތައްޔާރުކުރި ރިޕޯޓެއްކަމާއި، އެ ރިޕޯޓަކީ ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތު ކުރުމުގައި އެއްވެސް ގޮތަކުން ބޭނުން ކުރެވޭނެ ލިޔުމަކަށް ނުވާއިރު، އެ ލިޔުމަކީ ކާފީ ހެއްކެއް ކަމަށް ބަލައި މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

15.6- ހަވަނަ ސަބަބަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއަކީ ހެއްކާއި އިޢުތިރާފާއި ޤާނޫނާ ޚިލާފަށް ހޯދާ ހެކި ބަޔާންކުރާ މާއްދާއެއް ކަމަށްވާއިރު، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ޝަރީޢަތުގައި މީހަކުވާ އިޢުތިރާފު ފިޔަވައި އެނޫން އެހެން އިޢުތިރާފުތައް ހެއްކެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ބުނެފައިވާއިރު، މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތު ކުރުމަށް ބަލާފައިވަނީ މައްސަލައިގެ ތަޙްޤީޤަށް އެކި މީހުން ދީފައިވާ ބަޔާންތަކުގެ މައްޗަށް ކަމަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގިފައިވަނީ "ވިޓްނެސް ލީޑް" ކޮށްގެން ކަމަށާއި، އަދި ހެކިބަސް ދީފައިވާ މީހުންނަކީ ޢަދުލުވެރިކަން ގެއްލިފައިވާ ބައެއް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.

16ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މައިގަނޑު 06 (ހައެއް) ނުކުތާއެއް ފާހަގަ ކޮށްފައިވެއެވެ.

16.1- ދައުލަތުން ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ބާލިޣު ނުވާ އުފަން ދަރިއަކާމެދު ހުތުރުކަން ބޮޑުވެގެންވާ ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާ ކަމަށާއި، އެ ދަޢުވާ ޖިނާއީ ކޯޓަށް ހުށަހަޅާފައިވަނީ ތުހުމަތުކުރެވޭ ކުށަކީ ކޮބައި ކަމާއި، އެ ކުށް ކުއްޖާގެ ބައްޕަ ކޮށްފައިވާ ކަމަށް ބެލެވޭ ތަފުސީލުތަކާ އެކުގައި ކަމަށާއި، ދަޢުވާ ހުށަހެޅުމުން އެ ދަޢުވާ ސާފު ނުވާ ކަމަށް ނުވަތަ އިތުރަށް ސާފުކޮށްދިނުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން އެދިފައި ނުވާ ކަމަށާއި، ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޞީޣާ ވަކި ގޮތަކަށް އޮތުން ޤާނޫނު ލާޒިމް ނުކުރާކަން.

16.2- ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SCA/34 ޤަޟިއްޔާއާއި 2012/SCA/01 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HCA/187 ޤަޟިއްޔާއަކީ ހުށަހެޅިފައިވާ މައްސަލައާ ތަފާތު މައުޟޫޢެއްގެ މައްސަލަތަކެއް ކަމާއި، އެ މައްސަލަތައް ނިންމުމުގައި ރިޢާޔަތްކޮށްފައިވާ ގިނަ ކަންކަމަކީ މި ބާވަތުގެ މައުޟޫޢުގެ މައްސަލަތަކުގައި ޢަމަލު ކުރެވިދާނެ ކަންކަން ނޫންކަމާއި، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 07 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، މި ބާވަތުގެ މައްސަލަތައް ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ވަކި ބާވަތެއްގެ ވަކި ޢަދަދެއްގެ ހެކިތަކެއްގެ މައްޗަށް ބަރޯސާވުން ފަނޑިޔާރުގެ މައްޗަށް ލާޒިމުވާނެ ކަމަށް ނުދެކޭކަން.

16.3- ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅަންޖެހޭނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި އެ ކުށް ސާބިތުވާން އޮންނަ ހާލަތުގައި ކަމަށާއި، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ފުށުއެރުމެއް ހުރިކަމަށް ނުދެކޭކަން.

16.4- މި މައްސަލައިގައި ކުއްޖާގެ ބައްޕައާ ދެކޮޅަށް ޝަރީޢަތުގައި ހެކިބަސް ދީފައިވާ ހެކިވެރިންނަކީ މި ހާދިސާ އެންމެ ރަނގަޅަށް އެނގޭ، މައްސަލައިގެ ޙަޤީޤަތް އެނގުން އެންމެ އެކަށީގެންވާ މަޤާމުގައި ތިބި މީހުން ކަމަށާއި، އެ ހެކިވެރިންގެ ހެކިބަސް ޤަބޫލު ނުކުރެވޭނެ މަޤުބޫލު ސަބަބެއް ކުއްޖާގެ ބައްޕައަށް ދެއްކިފައި ނުވާ ކަމަށާއި، ހާދިސާ ހިނގާފައިވާ ވަގުތާއި ހާލަތަށް ބަލާއިރު، ޢާއިލީ ގޮތުން ތިމާގެ މީހުންގެ ހެކިބަސް ބަލައިގަތުމަކީ އިސްލާމީ ޝަރުޢީ އުސޫލުތަކުގައި ކަނޑައަޅާފައިވާ ހަމަތަކާއި ތަޢާރުޟުވާ ކަމެއް ނޫން ކަމަށާއި، މައިންބަފައިން އެ މީހުންގެ ދަރިންނާ އެއްކޮޅަށް ދޭ ހެކިބަސް ޤަރީނާގެ ގޮތުގައި ރާއްޖޭގެ ކޯޓުތަކުން ބަލައިގެންފައިވާކަން.

16.5- ކުއްޖާގެ ބައްޕަގެ މައްޗަށް ހުށަހެޅުނު ދަޢުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ހަމައެކަނި ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގެ މައްޗަށް ނޫން ކަމާއި، ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި، މެޑިކޯ ލީގަލް ރިޕޯޓުގެ އިތުރުން، މި މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ކުއްޖާގެ ބައްޕައާ ދެކޮޅަށް ޝަރީޢަތަށް ހާޒިރު ކުރެވުނު ހެކިން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ކޯޓުން ރިޢާޔަތްކޮށްފައިވާކަން.

16.6- މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މައްސަލައިގެ ތަޙްޤީޤަށް އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކުގެ މައްޗަށް ނޫން ކަމަށާއި، މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކުގެ އިތުރުން ހާޒިރު ކުރެވުނު ހެކިންގެ ހެކިބަހަށާއި، ހުށަހެޅުނު އެންމެހައި ޤަރީނާތަކަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ކްރިމިނަލް ކޯޓުން ރިޢާޔަތް ކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ހެކިބަސް ނަގާފައިވަނީ އެހެނިހެން މައްސަލަތަކެކޭ އެއްފަދައިން ޝަރީޢަތަށް ހެކިވެރިން ހާޒިރުކުރުމަށްފަހު، ހެކިބަސް ނެގުމުގައި ޢާންމުކޮށް ޢަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ހެކިބަސް ނެގުމުގައި ޤާނޫނަކާ ނުވަތަ ޤަވާއިދަކާ ޚިލާފުވެފައިވާކަމަށް ނުދެކޭ ކަމަށާއި، ހެކިވެރިއެއްގެ ކިބައިން އަދުލުވެރިކަމުގެ ސިފަ ގެއްލޭފަދަ ކަމެއް ކުރިމަތިވެފައިވާކަމަށް ނުދެކޭ ކަމަށާއި، މި މައްސަލައިގައި ހެއްކަކަށް ހެކިބަސް ލައިދީ، "ވިޓްނެސް ލީޑް" ކޮށްފައި ނުވާނެ ކަމަށާއި، ދައުލަތުގެ ހެކިންނާ ކުރިމަތިލައި، އެ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ކުއްޖާގެ ބައްޕައަށް ލިބިދީފައިވާނެކަން.

ތުހުމަތު ކުރެވޭ ކުށް ސާފު ނުވާ ކަމަށް ބުނާ ބުނުން

17ކުއްޖާގެ ބައްޕަގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށުގެ ޢަމަލު ފުރިހަމަ ކުރުމުގެ ގޮތުން ކުއްޖާގެ ބައްޕަ ކުރި ކަމެއް ދަޢުވާގައިއާއި ޝަރީޢަތުގެ މަޖިލީހުގައިވެސް ދައުލަތުގެ ފަރާތުން ބުނެދީފައި ނުވާކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ. ކުއްޖާގެ ބައްޕަ މި ނުކުތާ ފާހަގަ ކޮށްފައިވަނީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް ބަޔާންކޮށްފައިވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށެވެ. މި އަކުރުގައި އޮންނަނީ، "އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާ ބަހަކުން، ލަސްނުކޮށް އަންގާންވާނެއެވެ." މި ފަދައިންނެވެ.

18މި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

18.1- ދަށު ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި ކުއްޖާގެ ބައްޕަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ކޮބައިކަމާއި، އެ ކުށް ކުއްޖާގެ ބައްޕަ ކޮށްފައިވާ ކަމަށް ބެލެވޭ ސަބަބުތައް ތަފުސީލުކޮށް ބަޔާން ކޮށްފައިވާކަން.

18.2- ދަށު ކޯޓުގައި ދަޢުވާ އުފުލުމުން ދަޢުވާ ސާފު ނުވާ ކަމަށް ބުނެ ނުވަތަ ދަޢުވާ އިތުރަށް ސާފުކޮށްދިނުމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ވާހަކައެއް ދައްކާފައިވާކަން އެނގެން ނެތްކަން.

18.3- ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައިވަނީ ކޮން ކުށެއްގެ ދަޢުވާއެއްކަން އޮޅުންފިލާފައި ނުވާތީ ކުއްޖާގެ ބައްޕައަށް ދިފާޢު ވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ޤަބޫލު ކުރެވޭފަދަ ސަބަބެއް ފެންނަން ނެތްކަން.

19HN2ދަޢުވާ ސާފު ނުވާ ކަމަށް ބުނެ ކުއްޖާގެ ބައްޕަ މި ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކުރި ނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ބޭނުމަށްޓަކައި މި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބަބެއް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތެއް ކުއްޖާގެ ބައްޕަގެ ފަރާތުން ސާފުކޮށްދީފައި ނުވެއެވެ.

20ކުއްޖާގެ ބައްޕަގެ މައްޗަށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ އިއްވާފައިވަނީ 2008 ނޮވެމްބަރު 20 ވަނަ ދުވަހުގައެވެ. މި ތާރީޚުގައި، ޖިނާއީ މައްސަލަތައް ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ، 2008 އޮގަސްޓް 05 ވަނަ ދުވަހުން ފެށިގެން ޢަމަލު ކުރަމުން އަންނަ، ޤާނޫނު ނަންބަރު 06/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 02 ގެ 07 ވަނަ ނަންބަރުގައި ބަޔާންވެފައިވާ "ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދު" ގެ ދަށުންނެވެ.

21ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ގަވާއިދަށް ބަލާއިރު، މީހެއްގެ މައްޗަށް ދަޢުވާ ހުށަހެޅުމުން ދަޢުވާއަށް ޖަވާބުދާރީވެ ދަޢުވާއަށް އިންކާރު ކުރާ ހާލަތުގައި ޢަމަލު ކުރާނެ ގޮތް އެ ގަވާއިދުގެ 1.2 ވަނަ ނަންބަރުގެ (ކ) ގައި އަންނަނިވި ފަދައިން ބަޔާން ކޮށްފައިވެއެވެ.

"ދަޢުވާ ލިބޭ މީހާ ދަޢުވާއަށް އިންކާރުކޮށްފިނަމަ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާގެ ތަފުސީލާއި، ދަޢުވާ ސާބިތު ކުރުމަށް ހުށަހަޅާ ހެކިތައް ބަޔާންކުރުމަށް ޤާޟީ، ދައުލަތުގެ ވަކީލަށް އަންގާނީއެވެ. މިގޮތަށް އެންގުމުން ދައުލަތުގެ ވަކީލު ދަޢުވާގެ ތަފުސީލާއި، އެ ދަޢުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާނޭ ހެކިތައް ބަޔާން ކުރާނީއެވެ. ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހަޅައި، ހުށަހަޅާނޭ ހެކިތައް ބަޔާން ކުރުމުން އެ އަށް ޖަވާބު ދިނުމަށް ދަޢުވާ ލިބޭ މީހާއަށް އަންގާނީއެވެ. މި ގޮތަށް އެންގުމުން ދަޢުވާ ލިބޭ މީހާ ދަޢުވާއަށް ޖަވާބުދީ ދަޢުވާ ލިބޭ މީހާ ހުށަހަޅާނޭ ހެކިތައް ބަޔާން ކުރާނީއެވެ."

22މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުއްޖާގެ ބައްޕަގެ މައްޗަށް ދަޢުވާ އުފުލުމުން ކުއްޖާގެ ބައްޕަ އެ ދަޢުވާއަށް ކަނޑައެޅިގެން އިންކާރު ކުރާ ކަމުގައި ބުނުމަށްފަހު، ކުއްޖާގެ ބައްޕަގެ ފަރާތުން ވާހަކަ ދައްކާނީ ކުއްޖާގެ ބައްޕަގެ ޤާނޫނީ ވަކީލު ކަމުގައި ބުނެފައިވެއެވެ.

23ކުއްޖާގެ ބައްޕަގެ ޤާނޫނީ ވަކީލު، އޭނަގެ މުވައްކިލު ދަޢުވާއަށް އިންކާރު ކުރާކަން ހާމަކުރުމަށްފަހު، އެދިފައިވަނީ ދަޢުވާ ސާބިތު ކުރުމަށްޓަކައި ދައުލަތުން ހުށަހަޅާ ހެކިތަކާއި ޤަރީނާ ތަކަކީ ކޮބައިކަން ސާފު ކޮށްދިނުމަށެވެ. އަދި ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހެޅުމުން "މައްސަލައާ ގުޅިގެން ދައުލަތުން ދެންމެ ވަނީ ހެކިންގެ ނަންތަކެއް ހުށަހަޅުއްވާފައެވެ. މައްސަލައިގައި ހެކިންގެ ގޮތުގައި ހުށަހެޅުއްވި ފަރާތްތަކާ މި މައްސަލައާ އަދި މައްސަލައިގެ ދަޢުވާ ލިބޭ ފަރާތާ ހުރި ގުޅުންތައް ދައުލަތުގެ ވަކީލުގެ އަރިހުން އަޅުގަނޑު ކޮންމެވެސް ވަރަކަށް ސާފުކޮށްލަން ބޭނުންވެއެވެ." މި ފަދައިން ބުނެފައިވެއެވެ.

24HN3އެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ކޮބައިކަން، އެ މީހަކަށް ރަނގަޅަށް ދޭހަވާ ބަހަކުން، ލަސްނުކޮށް އެންގުމުގެ މައިގަނޑު މަޤުޞަދަކީ ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް، އެ މީހާގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލުތަކުގެ ތަފުސީލުތައް ފަހުމުވުމާއި، އެ ކުށުން ދިފާޢުވުމުގެ ފުރުސަތު ލިބުމެވެ.

25ބަޔާންކުރެވުނު މަޤުޞަދުތައް މި މައްސަލައިގައި ހާސިލުވެފައިވާކަން ނުވަތަ ނޫންކަން ވަޒަންކުރާއިރު، ކުއްޖާގެ ބައްޕަގެ މައްޗަށް ދަޢުވާ ހުށަހެޅުމުން ދަޢުވާ ސާފު ނުވާކަމަށް ބުނެފައި ނުވެއެވެ. އަދި ދަޢުވާގައި ބަޔާންކޮށްފައިވާ ކުށާއި، އަދަބު ބަޔާންކޮށްފައިވަނީ ކޮން ޤާނޫނެއްގައި ކަމާމެދު ސުވާލު އުފައްދާފައި ނުވެއެވެ. މިކަންކަމުގެ ބަދަލުގައި، ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާފައިވަނީ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމަށެވެ. އަދި މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޙުކުމް ކުރުމާ ހަމައަށް ކުރިއަށް ދިޔަ ޝަރީޢަތުގެ އަޑުއެހުންތަކުގައި ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލިފައިވާ ދަޢުވާ، ނުވަތަ ދަޢުވާއިން ވަކި ބައެއް ސާފު ނުވާ ކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަކޮށްފައި ނުވެއެވެ.

ދަޢުވާ ވަކި ގޮތަކަށް އޮތުން ލާޒިމުކަން ނުވަތަ ނޫންކަން

26HN4ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި، ދަޢުވާ ކުރެވޭ ކުށާއި އަދަބު ބަޔާންކުރާ ޤާނޫނީ ނައްޞަކަށް ޙަވާލާދެވިފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހަޅާ ނުކުތާއަށް ބަލާއިރު، ކުއްޖާގެ ބައްޕަގެ މައްޗަށް ދަޢުވާ އުފުލި ދުވަސްވަރު، ޖިނާއީ ދަޢުވާއެއްގައި ހިމަނަންޖެހޭ ވަކި ބައިތަކެއް ޤާނޫނެއްގައި، ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއްގައި ބަޔާންވެފައި ނުވެއެވެ. ވުމާއެކު، ޤާނޫނެއްގައި ވަކި ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ދަޢުވާ އުފުލުމުގެ ބާރުގެ ބޭނުން ކުރުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަކި ގޮތަކަށް ޢަމަލު ކުރުން ލާޒިމު ކުރެވޭނެ ޤާނޫނީ ހަމައެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ.

27ޖިނާއީ ދަޢުވާއެއް ފަރުމާ ކުރެވިފައި އޮންނަންވާނެ ގޮތުގެ އުސޫލުތަކެއް ޤާނޫނެއްގައި ބަޔާންވެފައި ނުވިނަމަވެސް، އެފަދަ ދަޢުވާއެއް އޮންނަން ޖެހޭނީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންވެފައިވާ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ މީހުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމައަށް ލިބިދެވޭނެ ފަދައަކުންނެވެ. އަދި މި ފަދަ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި މީހެއްގެ މައްޗަށް އަދަބެއް ދެވޭނީ ސާބިތުވި ކުށާއި އަދަބު ބަޔާންކޮށްފައިވާ ޤާނޫނަކީ ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ކަމުގައިވާނަމައެވެ. މި ކަންކަމުގެ މައްޗަށް ބަލާއިރު، ކުއްޖާގެ ބައްޕަގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ ދަޢުވާއަކީ، ދަޢުވާ ކުރެވޭ ހާދިސާތަކުގެ ތަފުސީލުތަކާއި، އެ ހާދިސާތައް ސާބިތުކުރުމަށް ހުށަހަޅާ ހެކި ފަދަ މުހިންމު ބައިތައް ހިމެނިފައިވާ، އެ ދަޢުވާގެ ދިފާޢު ތައްޔާރުވެވޭނޭހެން ފަރުމާ ކުރެވިފައިވާ ދަޢުވާއެއްކަން ފާހަގަ ކުރެވެއެވެ. އަދި ކުއްޖާގެ ބައްޕަގެ މައްޗަށް އަދަބު ކަނޑައެޅިފައިވާ ޤަވާޢިދަކީ، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ބާޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ޤަވާޢިދެކެވެ.

28ބުނެވިދިޔަ ނުކުތާތަކުގެ އަލީގައި، ކްރިމިނަލް ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު، ދަޢުވާ ނުވަތަ ދަޢުވާއިން ބައެއް ކުއްޖާގެ ބައްޕައަށް ސާފުވެފައި ނުވާ ކަމަށް ބެލެވޭނެ ސަބަބެއް ފާހަގަ ނުކުރެވެއެވެ. އަދި ދަޢުވާ ނުވަތަ ދަޢުވާއިން ބައެއް ސާފު ނުވުމުގެ ސަބަބުން ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލިފައިވާ ކުށުން ދިފާޢު ވުމަށްޓަކައި ހުރަހެއް ކުރިމަތިވެފައިވާ ކަމަށް ނުވަތަ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް ގެއްލިފައިވާކަމަށް ނުބެލެވެއެވެ.

29ވުމާއެކު، ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލުނު ދަޢުވާ ސާފުވެފައި ނުވާ ކަމަށާއި، ދަޢުވާގައި، ދަޢުވާ ކުރެވޭ ކުށާއި އަދަބު ބަޔާންކުރާ ޤާނޫނީ ނައްޞަކަށް ޙަވާލާދެވިފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާތަކާ ގުޅިގެން އެ ކޯޓުން ނިންމާފައިވާ ނިންމުންތަކަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމުގައި އަހުރެން ދެކެމެވެ.

ދަށު ކޯޓަށް ހުށަހެޅުނު ހެކީގެ ޞައްޙަކަން ކަނޑައެޅުން

30މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SCA/34 ޤަޟިއްޔާއާއި 2012/SCA/01 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޖިނާއީ ދަޢުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށް ކަމަށް ބުނާ އުސޫލާ ޚިލާފަށް ކަމަށް ކުއްޖާގެ ބައްޕަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން މި މައްސަލައިގައި ދަށު ކޯޓުން ބަލައިގެންފައިވާ ހެކިންނަކީ ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ބަލައި ނުގަނެވޭނެ ހެކިންތަކެއް ކަމުގައި ކުއްޖާގެ ބައްޕަ ބުނާ ބުނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާ ކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

31ކުއްޖާގެ ބައްޕަގެ މައްޗަށް ދަށު ކޯޓުގައި ހުށަހެޅުނު ހެއްކާއި ޤަރީނާތަކަށް ބަލާއިރު، ކުއްޖާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ދިނުމަށް އަންނަނިވި ހެކިން ހުށަހަޅާފައިވެއެވެ.

31.1- ކުއްޖާގެ ބައްޕަގެ އަންހެން ދަރިފުޅު، ޝަކުވާކުރި ކުއްޖާ.

31.2- ޝަކުވާކުރި ކުއްޖާގެ މަންމައާއި، މާމައާއި، [ހެކިވެރިޔާ 1] އާއި، [ހެކިވެރިޔާ 2] އާއި، [ހެކިވެރިޔާ 2] ގެ ފިރިމީހާ، [ހެކިވެރިޔާ 3] އާއި މި ދެމަފިރިންގެ ދަރި ކުޑަ އަންހެން ކުއްޖާ.

32މަތީގައި ބުނެވިދިޔަ ހެކިންގެ އިތުރުން ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓާއި، މި މައްސަލައިގެ ތަޙްޤީޤަށް އެކި ފަރާތްތަކުން ދީފައިވާ ބަޔާންތައް ހުށަހަޅާފައިވެއެވެ.

33HN5ކުއްޖާގެ ބައްޕައާ ދެކޮޅަށް ދަށު ކޯޓަށް ހުށަހެޅުނު ހެކިތައް ބަލައިގަތުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

33.1- ވަކި ގޮތަކަށް ހެކި ލިބިފައިވުން ބޭނުންވާނެ ކަމަށް ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވާ ކަމެއްގައި މެނުވީ ހެކި ދިނުމާއި، ހޯދުމުގައި ޢަމަލު ކުރެވޭނީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 07 ވަނަ މާއްދާއަށްކަން.

33.2- ކުއްޖާގެ ބައްޕަގެ މައްޗަށް ކޮށްފައިވާ ބާވަތުގެ ދަޢުވާތައް ސާބިތު ކުރުމަށް ވަކި ބާވަތެއްގެ ވަކި ހެކިތަކެއް މެނުވީ ޤަބޫލު ނުކުރެވޭނެ ކަމަށް ކީރިތި ޤުރުއާނުގައި، އަދި މި ހާދިސާ ހިނގާދިޔަ ދުވަސްވަރު ޢަމަލު ކުރެވެމުންދިޔަ އެއްވެސް ޤާނޫނެއްގައި ބަޔާންވެފައި ނުވާކަން.

33.3- ވުމާއެކު، މި ބާވަތުގެ މައްސަލަތައް ސާބިތުވާ ކަމަށް ކަނޑައެޅުމުގައި ވަކި ބާވަތެއްގެ ވަކި ޢަދަދެއްގެ ހެކިތަކެއްގެ މައްޗަށް ބަރޯސާވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމު ނުވާނެކަމާއި، ހުށަހެޅޭ ހެކިތަކުގެ ތެރެއިން ޝަރީޢަތާއި ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކަށް ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭނެކަން.

34ކުއްޖާގެ ބައްޕައާ ދެކޮޅަށް މި މައްސަލައިގައި ހެކިބަސް ދީފައިވާ ހެކިވެރިންނަކީ ޝަރުޢީ އުސޫލުތަކުގެ މަތިން ހެކިބަސް ބަލައި ނުގަނެވޭނެ މީހުން ކަމަށާއި، މިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ. މި ބުނުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ތިރީގައިވާ ތިން ސަބަބުގެ މައްޗަށެވެ.

34.1- މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާ، ކުއްޖާގެ ބައްޕަގެ ދަރިފުޅު، ޝަކުވާކުރި ކުއްޖާއާ އެއްކޮޅަށް ޝަކުވާކުރި ކުއްޖާގެ ޢާއިލާގެ މެމްބަރުން ހެކިބަސް ދީފައިވުން.

34.2- ހެކިބަސް ދީފައިވާ ފަރާތްތަކަކީ ކުއްޖާގެ ބައްޕައަށް "ބޮޑިއެއް ދިނުމަށް" ދުރާލައި ރާވައިގެން ހަސަދަވެރިކަމެއް އޮވެގެން ހެކިބަސް ދީފައިވާ ބައެއް ކަމުގައިވުން.

34.3- ހެކިން ޝަރީޢަތުގައި ދީފައިވާ ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުން.

35ޝަރުޢީ އުސޫލުތަކުގެ މަތިން ކުއްޖާގެ ބައްޕައާ ދެކޮޅަށް ހުށަހެޅުނު ހެކިން ޝަރީޢަތަށް ބަލައިގަތުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.

35.1- މައިން ނުވަތަ ބަފައިން ދަރިންނާ އެއްކޮޅަށް ދަރިންގެ މަސްލަހަތުގައި ދޭ ހެކިބަސް ޢާންމު އުސޫލެއްގެ ގޮތުން ހެކިބަހުގެ ދަރަޖައިގައި ގަބޫލު ނުކުރެވުނު ނަމަވެސް އެފަދަ ހެކިބަސް ޤަރީނާއެއްގެ ގޮތުގައި ބަލައިގަތުން ޝަރުޢީ އުސޫލުތަކުގެ މަތިން ބަލައިގަނެވޭނެކަން.

35.2- މައްސަލައިގެ ހާދިސާ ހިނގާފައިވާ ތަނާއި، ބާވަތާއި ޒާތަށާއި ހާލަތަށް ބަލައި ހެކިބަސް ދީފައިވާ މީހުންގެ ބަސް ޤަބޫލު ނުކުރެވިއްޖެނަމަ އެކަމަކީ އިންސާފު ގާއިމު ކުރުމަށް އޮތް ހުރަހެއް ކަމުގައި ބެލެވޭނެކަން.

35.3- މަތީގައިވާ ސަބަބުތަކަށްޓަކައި މި ހާދިސާގައި ހެކިބަސް ދީފައިވަނީ މި މައްސަލައިގެ ޙަޤީޤަތް އެނގުން އެންމެ އެކަށީގެންވާ މަޤާމުގައި ތިބި، މި ހާދިސާ ހިނގަމުންދިޔަ ވަގުތު ހާދިސާ ހިނގި ތަނުގައި ދިރިއުޅުނު ނުވަތަ އެ ގޭތެރެއަށް ވަދެ އުޅުނު، ޝަކުވާކުރި ކުއްޖާގެ މަންމައާއި، މާމައާއި، [ހެކިވެރިޔާ 1]، [ހެކިވެރިޔާ 2] އާއި، [ހެކިވެރިޔާ 2] ގެ ފިރިމީހާފަދަ ގާތްތިމާގެ މީހުންނަށްވުމީ، އެ މީހުންގެ ހެކިބަސް ބަލައި ނުގަނެވޭނެ ސަބަބެއް ނޫންކަން.

36ވަކި ކުށެއް ސާބިތު ކުރުމަށްޓަކައި ޤާނޫނުގައި ވަކި ޢަދަދެއްގެ ނުވަތަ ވަކި ބާވަތެއްގެ ހެކި ހުރުން ލާޒިމު ނުކުރާނަމަ، އެ ކުށެއް ސާބިތު ކުރުމަށްޓަކައި ވަކި ހެކިތަކަކަށް ބަރޯސާވުން ފަނޑިޔާރަށް ލާޒިމް ނުކުރެވޭނެއެވެ. އަދި ހުށަހެޅޭ ހެކިތަކާއި ޤަރީނާތަކަކީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވިފައި، އަދި އެ ހެކިތަކަކީ މައްސަލައާ ގުޅުން ހުރި ހެކިތަކެއް ކަމަށް ޤަބޫލު ކުރެވޭނަމަ، ކުށް ސާބިތު ކުރުމުގައި އެ ހެކިތައް ވަޒަންކޮށް އެ ހެކިތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

37HN6ގާތްތިމާގެ މީހުންގެ ހެކިބަސް އިސްލާމީ ޝަރީޢަތުގައި ޤަބޫލު ކުރުމާމެދު ފިޤުހުވެރިން ބަހުސް ކޮށްފައިވަނީ ވަކި މައުޟޫޢެއްގެ ދަށުންނެވެ. އެއީ "ހެކިބަސް ދޭ މީހާއަކީ އޭނާގެ ހެކިބަހުގައި ތުހުމަތު އުފެދޭ މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން"، މި މައުޟޫޢުގެ ދަށުންނެވެ. މި މައުޟޫޢު އިތުރަށް ތަފުސީލު ކުރަމުން އެ ހެކިވެރިންނަކީ ހެކިބަސް އަދާ ކުރުމުގެ ސަބަބުން ހެކިވެރިޔާއަށް މަންފާއެއް ލިބި ނުވަތަ ގެއްލުމެއް ދުރުކޮށްދޭ ހާލަތުގައި ހުރި މީހަކު ކަމުގައި ވެގެން ނުވާނެކަމަށް ފިޤުހުވެރިން ބަޔާން ކުރެއެވެ.

38ކުއްޖާގެ ބައްޕަގެ މައްޗަށް ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ހެކިބަސް ދީފައިވާ ޝަކުވާކުރި ކުއްޖާއާ ޢާއިލީ ގޮތުން ތިމާގެ ހެކިވެރިން ހެކިބަސް ދީފައިވަނީ ޝަކުވާކުރި ކުއްޖާއާ އެއްކޮޅަށެވެ. ޝަކުވާކުރި ކުއްޖާއަކީ ކުޑަކުއްޖަކަށްވެފައި، މި ކުއްޖާއަކީ ހެކިބަސް އަދާކުރުމުގެ ސަބަބުން ހެކިވެރިއަކަށް މަންފާއެއް ފޯރުކޮށްދީ، އަދި އެއިން މީހަކަށް ކުރިމަތިވެދާނެ ގެއްލުމެއް ދުރުކޮށްދެވޭ ހާލަތުގައި ހުރި ކުއްޖެއް ނޫނެވެ. މީގެ އިތުރަށް މި ކުއްޖާއަކީ، އެހެން މީހުންގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަމަށް ލިބުން ލާޒިމު ކުއްޖެކެވެ.

39ޝަކުވާކުރި ކުއްޖާއާ އެއްކޮޅަށް ހެކިބަސް ދީފައިވާ އޭނާގެ ތިމާގެ މީހުންނަށް ބަލާއިރު، ޝަރުޢީ ގޮތުން އެ ހެކިބަހާމެދު ބަހުސް ކުރެވިދާނެ ދެ މީހުންނަކީ ޝަކުވާކުރި ކުއްޖާގެ މަންމައާއި މާމަގެ ހެކިބަހެވެ. މި ދެ މީހުންގެ އިތުރުން ހެކިބަސް ދީފައިވާ ޝަކުވާކުރި ކުއްޖާގެ ބޮޑުދައިތައާއި، ބޮޑުބޭބެއާއި، ބޮޑުދައިތަގެ ފިރިމީހާގެ ހެކިބަހަކީ މި މައުޟޫޢުގައި އެ މީހުންގެ ހެކިބަހާމެދު ސުވާލު އުފެއްދުމުގެ ޖާގަ ޝަރުޢީ ގޮތުން އޮތް ބައެއް ނޫނެވެ.

40HN7ޝަކުވާކުރި ކުއްޖާގެ މަންމައާއި މާމަގެ ހެކިބަހަށް ޝަރުޢީ އުސޫލުތައް ތަޠުބީޤު ކުރާއިރު، ފާހަގަކުރެވުނު 36 ވަނަ ނުކުތާގައި ފާހަގަ ކުރި ސަބަބުތައް އެ ގޮތަށް ހުރެފައި، ޝަކުވާކުރި ކުއްޖާގެ މަންމައާއި މާމަގެ ހެކިބަހަށް ބާރު ލިއްބައިދޭ (ކޮރޮބޮރޭޓް ކުރެވޭ) ގިނަ ކަންތައްތަކެއް ފާހަގަ ކުރެވެއެވެ. ތިރީގައި މިވަނީ އެފަދަ ބައެއް ކަންކަމެވެ.

40.1- ޝަކުވާކުރި ކުއްޖާގެ މަންމައާއި މާމަ، ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އަނބިމީހާއަށް ވުރެ ބޮޑަށް ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާއާ ސަމާސާކޮށް ހަދާ ކަމަށާއި، އާދަޔާ ޚިލާފަށް ގައިގޯޅިވެ އުޅޭކަމަށް ބުނެފައިވާއިރު، ކުއްޖާގެ ބައްޕައާދަޔާ ޚިލާފަށް ޝަކުވާކުރި ކުއްޖާއާ އެހެން މީހުންނަށް ފެންނަ ހިސާބުގައި ގައިގޯޅިވެ އުޅޭ ކަމަށް ޝަކުވާކުރި ކުއްޖާއާއި، އެ ކުއްޖާގެ މާމައާއި، މަންމަ ފަރާތު ބޮޑު ދައިތައާއި، [ހެކިވެރިޔާ 1] މަޖިލީހުގައި ބުނެފައިވެއެވެ.

40.2- ޝަކުވާކުރި ކުއްޖާގެ މަންމަ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ސަބަބެއް ނެތި ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާދެކެ ނުރުހުންތެރިވާ ކަމަށް ބަޔާންކޮށްފައިވާއިރު، ޝަކުވާކުރި ކުއްޖާގެ ފަރާތުންވެސް ސަބަބެއް ނެތި އޭނާގެ ބައްޕައާމެދު ނުރުހުންތެރިކަމެއް އޮންނަކަން ފާހަގަ ވެފައިވާކަމަށް ޝަކުވާކުރި ކުއްޖާގެ މާމަ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

40.3- ގޭގައި ހުރި ކޮމްޕިއުޓަރުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ފެނުނު ކަމަށާއި، އެކަމާބެހޭ ގޮތުން ކުއްޖާގެ ބައްޕައާ ސުވާލު ކުރިކަމަށް ޝަކުވާކުރި ކުއްޖާގެ މަންމަ ބުނެފައިވާއިރު، އެ ކޮމްޕިއުޓަރުން އެފަދަ ފޮޓޯތައް ޝަކުވާކުރި ކުއްޖާއަށް އޭނާގެ ބައްޕަ ދެއްކި ކަމުގައި ޝަކުވާކުރި ކުއްޖާ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.

40.4- ކުއްޖާގެ ބައްޕަ ޝަކުވާކުރި ކުއްޖާއާ ބަދުއަޚުލާޤީ ޢަމަލު ހިންގި ގޮތުގެ ތަފުސީލު ޝަކުވާކުރި ކުއްޖާ އޭނާގެ މަންމައާއި މާމައަށް ކިޔައިދީފައިވާއިރު، އެ ވާހަކަތައް ޝަކުވާކުރި ކުއްޖާ ބެލި ޑޮކްޓަރާ ޝަކުވާކުރި ކުއްޖާ ޙިއްސާކުރި ކަމަށާއި، އެ ޑޮކްޓަރު ތައްޔާރުކޮށްފައިވާ ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުގައި ޝަކުވާކުރި ކުއްޖާގެ ކުރިމަތި ފަރާތަށް ވައްދާފައިވާ ކަމަށް ހޯދުންތަކުން ދައްކާ ކަމަށް ބަޔާންކޮށްފައިވެއެވެ.

41ފާހަގަ ކުރެވުނު ނުކުތާތަކުގެ 36 ވަނަ ނަންބަރާއި 38 ވަނަ ނަންބަރުގައި ބަޔާން ކުރެވިދިޔަ ކަންކަން އެ ގޮތަށް ހުރުމުން ޝަކުވާކުރި ކުއްޖާގެ މަންމައާއި މާމަ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހަކީ، ބާރުގަދަ ޤަރީނާއެއްކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ އެ ދެ ފަރާތުން ދީފައިވާ ހެކިބަސް، ހެކިބަހުގެ ގޮތުގައި ބަލައިގަތުމަށް ހުރަސްއެޅޭ ސަބަބުތައް ނެތިގެން ނުދިއުމެވެ. މި ސަބަބުތައް ނައްތައިލެވޭނަމަ، އެ ދެ ފަރާތުގެ ހެކިބަސް ޝަރުޢީ ހަމަތަކުގެ މަތިން ހެކިބަހެއްގެ ގޮތުގައި ބަލައިގަތުމުގައި ހުރަހެއް އޮތްކަމަށް ނުފެނެއެވެ.

42ކުއްޖާގެ ބައްޕައާ ދެކޮޅަށް ހުށަހެޅުނު ހުރިހާ ހެކިން، އެ މީހުންނަށް މައްސަލައިގެ ވާޤިޢާތައް އެނގޭ މިންވަރުން ހެކިބަސް ދީފައިވާކަން ފާހަގަކުރެވެއެވެ. އަދި މި ހެކިބަސް، ޝަކުވާކުރި ކުއްޖާ ޝަރީޢަތުގެ މަޖިލީހުގައި އޭނާއާމެދު ކަންހިނގާފައިވާ ގޮތް ކިޔައިދީފައިވާ ކިޔައިދިނުމާ އެއްގޮތްކަން ފާހަގަވެއެވެ.

43HN8ޝަރީޢަތުގެ މަޖިލީހުގައި ހެކިންގެ ހެކިބަސް ނެގުމުގައި، އެ ހެކިންނާ ކުރިމަތިލައި ސުވާލު ކުރުމުގެ ފުރުސަތު ކުއްޖާގެ ބައްޕައަށް ޝަރީޢަތުން ލިބިދީފައިވެއެވެ. މި އުސޫލުން ހެކިބަސް ދީފައިވާ ހުރިހާ ހެކިންގެ ހެކިބަހަށް ބަލާއިރު، އެކި ފަރާތްތަކުގެ ހެކިބަހުގައި ކުދި ތަފާތު ތަކެއް ހުރިނަމަވެސް، މައްސަލައިގެ ވާޤިޢާތައް ނަފީކުރެވޭވަރުގެ، ނުވަތަ އެ ވާޤިޢާތައް އެނޫން ގޮތަކަށް ހުރިކަމަށް ޤަބޫލު ކުރެވޭ ފުށުއެރުންތަކެއް ނުވަތަ ތަފާތުތަކެއް ފާހަގަ ކުރެވިފައި ނުވެއެވެ.

44ކުއްޖާގެ ބައްޕައާ ދެކޮޅަށް ހުށަހެޅުނު ހެކިންނަކީ ދުރާލައި ރާވައިގެން ކުއްޖާގެ ބައްޕައަށް ބޮނޑިއެއް ދިނުމަށް ނިންމައިގެން ތިބި ބައެއްކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ. ނަމަވެސް، މިފަދައިން ކުއްޖާގެ ބައްޕަ ބުނާ ބުނުން ފިޔަވައި، މިކަމަށް ބާރުލިބޭ އެހެން ހުއްޖަތެއް ކުއްޖާގެ ބައްޕަގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައި ނުވެއެވެ. އަދި މި ފަދައިން ހެއްކެއްނެތި، ކުއްޖާގެ ބައްޕަ ބުނާ ބުނުމަކީ އެކަމުގެ ސަބަބުން ކުއްޖާގެ ބައްޕަގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދޭނެ ކަމެއް ނޫނެވެ.

45ކަން މިހެން ހުރުމާއެކު، މި މައްސަލައިގައި ދަށު ކޯޓަށް ހުށަހެޅުނު ހެކިތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް ރަނގަޅު ކަމުގައި އަހުރެން ދެކެމެވެ.

ކުށުގެ ޢަމަލުތަކުގައި ހިމެނޭ ވަކި ހާދިސާއެއް ސާބިތުކުރުން

46ޝަކުވާކުރި ކުއްޖާ ގޮވައިގެން ކުއްޖާގެ ބައްޕަ ފާޚާނާއަށް ފެންވަރަން ވަންނަކަމަށް [ހެކިވެރިޔާ 1] ހެކިބަސް ދޭއިރު، ހުރިހާ އިރެއްގައި ގޭގައި އިންނަ ޝަކުވާކުރި ކުއްޖާގެ މާމައަށް ކުއްޖާގެ ބައްޕަ، ޝަކުވާކުރި ކުއްޖާ ގޮވައިގެން ފާޚާނާއަށް ފެންވަރަން ވަންނަ މަންޒަރު ފެނިފައި ނުވާއިރު، ޝަކުވާކުރި ކުއްޖާގެ މާމަގެ ބަހެއް ޝަރީޢަތުން ނުހޯދައި [ހެކިވެރިޔާ 1] ގެ ހެކިބަހަށް ބަރޯސާވެ މައްސަލަ ނިންމާފައިވާއިރު، މިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ.

47ކުއްޖާގެ ބައްޕަ ހުށަހަޅާފައިވާ ފަދައިން، ޝަކުވާކުރި ކުއްޖާގެ މާމައަށް ކުއްޖާގެ ބައްޕަ، ޝަކުވާކުރި ކުއްޖާ ގޮވައިގެން ފާޚާނާއަށް ފެންވަރަން ވަންނަ މަންޒަރު ފެނިފައި ނުވާ ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ނުވެއެވެ. އަދި ޝަރީޢަތުގެ މަޖިލީހުގައި ކުއްޖާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ދިން ފަރާތްތަކާ ސުވާލު ކުރުމުގެ ފުރުސަތު ކުއްޖާގެ ބައްޕައަށް ލިބިފައިވާއިރު، މިކަމާ ގުޅިގެން ކުއްޖާގެ ބައްޕަގެ ފަރާތުން ޝަކުވާކުރި ކުއްޖާގެ މާމައާ ސުވާލުކޮށްފައިވާކަން އެނގެން ނެތެވެ.

48މަތީގައި ބުނެވިދިޔަ އުސޫލަށް ބަލާއިރު، ކުއްޖާގެ ބައްޕަ، ޝަކުވާކުރި ކުއްޖާ ގޮވައިގެން ފެންވަރަން ފާޚާނާއަށް ވަންނަ ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވަނީ ހަމައެކަނި [ހެކިވެރިޔާ 1] ނޫނެވެ. [ހެކިވެރިޔާ 1] ގެ އިތުރުން އެ މަންޒަރު އެކި ދުވަސްމަތިން ފެނިފައިވާ ކަމަށް [ހެކިވެރިޔާ 2] އާއި، [ހެކިވެރިޔާ 3] ދަށު ކޯޓުގައި ހެކިބަސް ދީފައިވެއެވެ. އަދި ޚުދު ޝަކުވާކުރި ކުއްޖާ އޭނާގެ ބައްޕަ އޭނާ ގޮވައިގެން ފާޚާނާއަށް ފެންވަރަން ވަންނަކަމާއި، ވަންނައިރު ތިބޭ ގޮތާއި، ފާޚާނާއަށް ވަނުމަށްފަހު ކަންތައް ކުރާ ގޮތް ތަފުސީލުކޮށް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ކިޔައިދީފައިވެއެވެ.

49HN9ކުއްޖާގެ ބައްޕަގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާއަކީ ބާލިޣު ނުވާ އުފަން ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށުގެ ދަޢުވާއަށް ވެފައި، އެ ދަޢުވާގައިވާ ތަފާތު ހާދިސާތަކުގެ ތެރެއިން، ކުއްޖާގެ ބައްޕަ، ޝަކުވާކުރި ކުއްޖާއާއެކު ފާޚާނާއަށް ވަންނަ ކަމަށް ތުހުމަތުކުރެވޭ ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއް ކަމަށް ޝަރީޢަތަށް ޤަބޫލު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ހާދިސާއެކެވެ. މިފަދައިން ހެކި ލިބިފައިވާނަމަ، ދަޢުވާގައިވާ ހާދިސާތަކުގެ ތެރެއިން އެ ހާދިސާއަކީ ހިނގާފައިވާ ހާދިސާއެއްކަމުގައި ބަލަންޖެހެއެވެ. ވުމާއެކު، ޝަކުވާކުރި ކުއްޖާގެ މާމައާ މިކަމުގައި ސުވާލު ނުކުރެވި އޮތުމަކީ، މި މައްސަލައިގެ އެ ޙަޤީޤަތް އޮތީ އެނޫން ގޮތަކަށް ކަމަށް ބަލަންޖެހޭ ސަބަބެއް ނޫނެވެ.

50މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ މަތީގައި ބުނެވިދިޔަ އުސޫލުންނެވެ. ވުމާއެކު، މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޤާނޫނީ ސަބަބެއް ނެތެވެ.

ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)

51ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑަށްވުރެ ދަށް މިންގަނޑަކުން ކަމަށާއި، އެއީ ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާގައިވާ މިންގަނޑު ކަމަށާއި، މިކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުއްޖާގެ ބައްޕަގެ ފަރާތުން ފާހަގަ ކުރިނަމަވެސް، އެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ރިޢާޔަތް ކޮށްފައި ނުވާ ކަމުގައި ކުއްޖާގެ ބައްޕަ ބުނެއެވެ.

52ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ފާހަގަ ކޮށްފައިވަނީ، "މި ދެ މާއްދާ އެކުއެކީގައި ކިޔުމުން މި ދެ މާއްދާގައި ފުށުއެރުމެއް އޮތް ކަމުގައި ނުބެލެވޭ ކަމާއި، އެހެނީ ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއަށް ރިޢާޔަތް ކުރައްވައި ކުށް ސާބިތުވާކަމަށް ނިންމަންޖެހެނީވެސް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ފަދައިން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، އެ ކުށެއް ސާބިތުވާން އޮންނަ ހާލަތްތަކުގައި ކަން އެނގޭކަމާއި..." މި ފަދައިންނެވެ.

53HN10ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ގައި ބަޔާންވެފައިވަނީ އަންނަނިވި ފަދައިންނެވެ.

"ހަގީގަތެއް ސާބިތު ވެއްޖެކަމަށް ޝަރީޢަތުން ބެލޭނީ އެކަން ސާބިތު ކުރުމަށް ކަނޑައެޅިފައިވާ ހަމަތަކުގެމަތިން އެކަމެއް ހިނގާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ގަބޫލު ކުރެވިއްޖެ ހިނދެއްގައެވެ. އަދި ބުއްދި ސަލާމަތުން ހުރި މީހަކު އެކަމެއް ހިނގާފައިވާކަމަށް ބަލައި، އެ މައްޗަށް ޢަމަލު ކުރަންޖެހޭ ފަދަ މިންވަރަކަށް އެކަމެއް ހިނގާފައިވާކަމަށް ޝަރީޢަތުގެ މަޖިލީހަށް ބުރަވެވިއްޖެނަމަ، އެފަދަ ޚާއްޞަ ޙާލަތަށް ކަނޑައެޅިފައިވާ އުސޫލެއްގެމަތިން އެކަމެއްގެ ހަގީގަތް ސާބިތު ވެއްޖެކަމަށް ޝަރީޢަތުގެ މަޖިލީހުން ނިންމިދާނެއެވެ."

54ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއަށް ބަލާއިރު މި މާއްދާގައި ބަޔާންވެފައިވަނީ ހުށަހެޅޭ ހެކިތަކުގެ އަލީގައި މައްސަލައިގެ ޙަޤީޤަތެއް ސާބިތު ވެއްޖެކަމަށް ޝަރީޢަތުން ނިންމުމުގައި އަމަލުކުރާނެ އުސޫލެވެ. އަދި އެ އުސޫލަކީ ބުއްދި ސަލާމަތުން ހުރި މީހަކު އެ ކަމަކީ ހިނގާފައިވާ ކަމެއްކަން ނުވަތަ ނޫންކަން ކަނޑައަޅާ އުސޫލުކަން މި މާއްދާއަށް ބެލުމުން އެނގެއެވެ.

55ޖިނާއީ ކުށް ސާބިތުވާންޖެހޭ މިންގަނޑު ބަޔާންވެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައެވެ. އެ އަކުރުގައި އޮންނަނީ "އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުން ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މި ފަދައިންނެވެ.

56ޖިނާއީ ކުށެއް ސާބިތުވުމަކީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ހުރިހާ ރުކުނެއް ސާބިތުވުމެވެ. ކުށެއްގެ ހުރިހާ ރުކުނެއް ސާބިތުވާކަމަށް ކަނޑައެޅުމުގައި، އެ ކުށުގެ ޢަމަލާ ގުޅިފައިވާ ވަކިވަކި ވާޤިޢާތައް ސާބިތުވާކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ އުސޫލާއި، ކުށުގެ އެންމެހައި ރުކުންތައް އެކަށީގެންވާ މިންވަރެއްގެ ޝައްކެތް ނެތި ސާބިތުވާންޖެހޭ މިންގަނޑަކީ މުޅިން ތަފާތު ދެ ކަމެކެވެ.

57ވުމާއެކު، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 06 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަކީ ފުށުއެރުމެއް އޮތް މާއްދާތަކެއް ކަމުގައި ނުބެލެވެއެވެ. އަދި ހެއްކާބެހޭ ޤާނޫނުގެ 06 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެފައިވާ ޖިނާއީ ކުށް ސާބިތުވާންޖެހޭ މިންގަނޑަށްވުރެ ލުއި، ނުވަތަ ޖިނާއީ ކުށް ސާބިތު ކުރެވިދާނެ ދެވަނަ މިންގަނޑެއްކަމުގައިވެސް ނުބެލެވެއެވެ.

މެޑިކޯ ލީގަލް ރިޕޯޓަކީ ކާފީ ހެއްކެއްކަން ނުވަތަ ނޫންކަން

58މި މައްސަލަ ނިންމުމުގައި ހެއްކެއްގެ ގޮތުގައި ބަލާފައިވާ ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ހާދިސާ ހިނގިކަމަށް ބުނާ ތާރީޚުގެ ފަހުން ތައްޔާރުކުރި ރިޕޯޓެއްކަމާއި، އެ ރިޕޯޓަކީ ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތު ކުރުމުގައި އެއްވެސް ގޮތަކުން ބޭނުން ކުރެވޭނެ ލިޔުމަކަށް ނުވާއިރު، އެ ލިޔުމަކީ ކާފީ ހެއްކެއް ކަމަށް ބަލައި މައްސަލަ ނިންމާފައިވާ ކަމަށާއި، މި ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނަމަވެސް އެ ކޯޓުން މިކަމަށް ރިޢާޔަތް ކޮށްފައި ނުވާ ކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ.

59މަތީގައިވާ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކުރި ނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ބޭނުމަށްޓަކައި މި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބަބެއް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތެއް ކުއްޖާގެ ބައްޕަގެ ފަރާތުން ސާފުކޮށްދީފައި ނުވެއެވެ.

60HN11ކާފީ ހެއްކަކީ (Presumptive or Prima Facie) މައްސަލައިގެ ވާޤިޢާއެއް ސާބިތު ކުރުމަށްޓަކައި ފުދޭ ހެއްކެވެ. އެއީ އެ ވާޤިއާއެއް ސާބިތު ކުރުމަށް އިތުރު އެހެން ހެއްކެއްގެ ބޭނުން ޖެހުމަކާ ނުލައެވެ. އަދި އެއީ އެ ވާޤިޢާއެއް ނަފީ ކުރާނެ ހެކިތަކެއް ނެތް ހާލަތުގައެވެ.

61މި މައްސަލައިގައި ހުށަހެޅުނު ޝަކުވާކުރި ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ކާފީ ހެއްކެއް ކަމުގައި ދަށު ކޯޓުން ކަނޑައަޅާފައި ނުވެއެވެ. މެޑިކޯ ލީގަލް ރިޕޯޓަކީ މި މައްސަލައިގައި ހުށަހެޅުނު އެހެން ހެކިތަކާއި ޤަރީނާތަކަށް ބާރުލިބޭ ހެއްކެއް ކަމުގައްޔާއި، މި މައްސަލައިގައި ކުއްޖާގެ ބައްޕަގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ، މި މައްސަލައިގައި ލިބިފައިވާ އެންމެހައި ހެކިތަކާއި، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކޮށްގެން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މި ނުކުތާގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއްކަމުގައި ދެކެމެވެ.

ވިޓްނެސް ލީޑްކުރުން

62މި މައްސަލައިގައި ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދިން ހެކިވެރިން، ހެކިބަސް ދީފައިވަނީ ތަޙްޤީޤަށް އެ ފަރާތްތަކުން ދީފައިވާ ބަޔާން އިއްވުމުން އެ ބަޔާންތަކުގެ ތަފުސީލުތަކަށް ބުރަވެތިބެ ކަމަށާއި، ތަޙްޤީޤު ބަޔާންތައް އިއްވުމަކީ ވިޓްނެސް ލީޑްކުރުން ކަމަށް ކުއްޖާގެ ބައްޕަ ބުނެއެވެ. އަދި މި ކަމަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމުގައިވެސް ކުއްޖާގެ ބައްޕަ ބުނެއެވެ.

63މަތީގައިވާ ނުކުތާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަކުރި ނަމަވެސް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ ބޭނުމަށްޓަކައި މި ނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުން ޤާނޫނާ ޚިލާފުވާ ސަބަބަބެއް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތެއް ކުއްޖާގެ ބައްޕަގެ ފަރާތުން ސާފުކޮށްދީފައި ނުވެއެވެ.

64HN12ވިޓްނެސް ލީޑް ކުރުމަކީ ހެކިވެރިޔާއަށް ހެކިބަސް ލައިދީ، ސުވާލުކުރާ ފަރާތަށް ފަހިވާގޮތަށް ހެކިވެރިޔާގެ ކިބައިން ޖަވާބު ހޯދުމެވެ. އިސްތިއުނާފު ކުރާ މައްސަލައިގައި ކުއްޖާގެ ބައްޕައާ ދެކޮޅަށް ހުށަހެޅުނު ހެކިންގެ ހެކިބަސް ނެގިފައިވަނީ، ހެކިން ހާޒިރުކުރުމަށްފަހު، އެ ހެކިންނާ މައްސަލައިގެ ދެ ފަރާތަށް ސުވާލު ކުރުމުގެ ފުރުސަތު ދީގެންނެވެ. މިފަދައިން ހެކިންނާ ސުވާލު ކުރުމަށް ދީފައިވާ ފުރުސަތުތަކުގައި ލީޑިންގ ސުވާލުކޮށް ވަކި ގޮތަކަށް ޖަވާބު ހޯދާފައިވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތެވެ. އަދި މިފަދަ ސުވާލުތައް ކުރިމަތި ކުރުމުން އެކަމަށް ކުއްޖާގެ ބައްޕަގެ ފަރާތުން ޝަރީޢަތުގެ މަރުޙަލާގައި އިޢުތިރާޟު ކޮށްފައިވާކަންވެސް އެނގެންނެތެވެ.

65ހެކިން ތަޙްޤީޤު މަރުޙަލާގައި ދީފައިވާ ބަޔާން ޝަރީޢަތުގެ މަޖިލީހުގައި އިއްވައި، ހެކިވެރިންގެ ހަނދާން އާކޮށްދިނުމަކީ، ވިޓްނެސް ލީޑް ކުރުންކަމުގައި ކުއްޖާގެ ބައްޕަ ދެކެއެވެ. ނަމަވެސް، މިފަދައިން ހަނދާން އާކޮށްދިނުމާއި،(Memory refresh) ހެކިބަސް ލައިދިނުމަށް (Leading Questions) ހެކިންނާ ސުވާލު ކުރުމަކީ މުޅިން ދެ މަފްހޫމެކެވެ. މިކަން މިފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންވެސް ފާހަގަ ކޮށްފައިވެއެވެ.

66ވީމާ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ކުއްޖާގެ ބައްޕަގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެންނަށް ނުފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

67މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

68މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ އިސްވެ ބުނެވުނު ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ކުއްޖާގެ ބައްޕަގެ މައްޗަށް ބާލިޣު ނުވާ އުފަން ދަރިއަކާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދުގެ 06 ގެ 173 ވަނަ މާއްދާގެ 07 ވަނަ ނަންބަރުގެ ދަށުން 39 އެތިފަހަރުން ކުއްޖާގެ ބައްޕަ ތަޢުޒީރު ކުރުމާއެކު 06 އަހަރު ދުވަހުގެ މުއްދަތަށް ކުއްޖާގެ ބައްޕަ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު (1142/JC/2008) 113/CrC/2010 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާއިން ތާއީދުކޮށްފައިވާ މައްސަލައާ ގުޅިގެން، ކުއްޖާގެ ބައްޕަގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލާ ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރު

މަޙާޒު ޢަލީ ޒާހިރު

ޢާއިޝާ ޝުޖޫން މުޙައްމަދު

(ފަނޑިޔާރު)

(ފަނޑިޔާރު)

(ފަނޑިޔާރު)

ފުޓްނޯޓު

  1. މި ދަޢުވާ ކުއްޖާގެ ބައްޕަގެ މައްޗަށް ހުށަހެޅުނީ ޖިނާއީ ކޯޓަށެވެ. ނަމަވެސް، އެ ކޯޓުން މި މައްސަލައިގެ ޙުކުމް ކުރުމުގެ ކުރިން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 2010 އޮކްޓޯބަރ 21 ވަނަ ދުވަހު ޢަމަލު ކުރަން ފެށުމުން އެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖިނާއީ ކޯޓުގެ ނަންވަނީ ކްރިމިނަލް ކޯޓަށް ބަދަލުވެފައެވެ. ވުމާއެކު މި ރިޕޯޓުގައި ބޭނުންކޮށްފައިވާނީ ޖިނާއީ ކޯޓުގެ ބަދަލުގައި ކްރިމިނަލް ކޯޓުގެ ނަމެވެ.
  2. އާމިނަތު ޞައްފަތު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  3. ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކަރަޕްޝަން ކޮމިޝަން
  4. ޙުސައިން ނިސާމް އަދި އަޙްމަދު މުހައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
  5. އިސްތިއުނާފު ކުރާފަރާތް ކުއްޖާގެ ބައްޕަ 20 ނޮވެމްބަރު 2008 ވަނަ ދުވަހު ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން.
  6. ކުއްޖާގެ ބައްޕަގެ ވަކީލު، އަޙްމަދު ޒަނީން އާދަމް 20 ނޮވެމްބަރު 2008 ދުވަހު ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން.
  7. Brozicek v Italy (1990) 12 EHRR 371 އަދި، Kamasinski v. Austria (1989) 13 E.H.R.R. 36
  8. މި އަކުރުގައި އޮންނަނީ، "ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާޢިދެއްގެ ދަށުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެ ޤާނޫނެއް ނުވަތަ އެޤަވާޢިދަކީ ޢާންމުކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނެ އަދަބު ސާފުކޮށް ބަޔާން ކޮށްފައި އޮވެގެންނެވެ." މި ފަދައިންނެވެ.
  9. ދައުލަތުގެ ވަކީލު، އެސިސްޓެންޓް ސްޓޭޓް އެޓަރނީ، މަޙްމޫދު ސަލީމް 20 ނޮވެމްބަރު 2008 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން.
  10. الدكتور محمد المصطفى الزحيلي، وسائل الإثبات فى الشريعة الإسلامية في المعاملات المدنية والأحوال الشخصية، الطبعة الثالثة، (مكتبة دار البيان، دمشق، 2016) صـ 145، الدكتور وهبة الزحيلي، موسوعة الفقه الإسلامي والقضايا المعاصرة، (دار الفكر دمشق، 2012) صـ 648، السيد سابق، فقه السنة، (المكتبة العصرية، بيروت، 2005) صـ 396، الدكتور محمد رأفت عثمان، النظام القضائي فى الفقه الإسلامي، (دار البيان، القاهرة، 2010) صـ 371
  11. އބމ. (އބމ ލިޔެވިފައިވަނީ "އިސްވެ ބަޔާންކުރެވުނު މަޞްދަރު" އަށް ހަވާލާ ދިނުމަށެވެ.)
  12. މި ހާދިސާ ހިނގި ދުވަސްވަރު ޢަމަލު ކުރަމުންދިޔަ، ނަމަވެސް މިހާރު ބާޠިލުވެފައިވާ، ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)
  13. އބމ. 16 ވަނަ މާއްދާ
  14. الدكتور محمد المصطفى الزحيلي، وسائل الإثبات فى الشريعة الإسلامية في المعاملات المدنية والأحوال الشخصية، صـ 146، الدكتور وهبة الزحيلي، موسوعة الفقه الإسلامي والقضايا المعاصرة، صـ 487
  15. محمد بن أبي بكر بن أيوب ابن قيم الجوزية أبو عبد الله، الطرق الحكمية في السياسة الشرعية (دار عالم الفوائد) جـ 01، صـ 469، محمد شلتوت، الإسلام عقيدة وشريعة (دار الشروق، 2001)، صـ 240
  16. [ހެކިވެރިޔާ 2] 08 ޖޫން 2009 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން
  17. [ހެކިވެރިޔާ 3] 08 ޖޫން 2009 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން
  18. ޝަކުވާކުރި ކުއްޖާ 08 ޖޫން 2009 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާން
  19. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނަންބަރު 2012/SCA/27 ޤަޟިއްޔާ (އެޓާރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހިރު) އާއި ނަންބަރު 2013/SCA/53 ޤަޟިއްޔާ (ޢަލީ މޫސާ ވ. އާސިޔަތު ނިޒާރު) އާއި ނަންބަރު 2014/SCA/19 ޤަޟިއްޔާ (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ޤަޟިއްޔާއިން މިއީ ދިވެހިރާއްޖޭގައި ޢަމަލުކުރާ ގޮތްކަން އެނގެއެވެ.
  20. އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ 02 ވަނަ އަދި 03 ވަނަ ނުކުތާ
  21. އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ 06 ވަނަ ނުކުތާ
  22. ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާ
  23. Richard M. Glover, Murphy on Evidence, (Oxford University Press, 15th edition, 2015), 19
  24. އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ 08 ވަނަ ނުކުތާ
  25. Steve Uglow, Evidence Text and Materials, (Sweet & Maxwell, South Asian Edition, 2nd edition, 2016), 349, Dennis, The Law of Evidence, (Sweet & Maxwell, South Asian Edition, 5th edition, 2016), 574.
  26. އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ 07 ވަނަ ނުކުތާ
  27. Richard M. Glover, Murphy on Evidence, (Oxford University Press, 15th edition, 2015), 19
  28. އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HCA/82 ޤަޟިއްޔާގެ ފާހަގަ ކުރެވޭ ނުކުތާތަކުގެ 07 ވަނަ ނުކުތާ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ