ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2022] SC 88 · 2021/SC-A/31, 2021/SC-A/32, 2021/SC-A/33, 2021/SC-A/34, 2021/SC-A/35

ޢަލީ ޢައްޒާމް، މުނީރު މޫސާ، މުޖުތަބާ ޢަލީ، މުޙައްމަދު މުޖުތަބާ އަދި މުޙައްމަދު އިރުފާނު ވ. މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2022ދަށު ކޯޓު: ހައިކޯޓު 2018/HC-A/36، 2018/HC-A/37، 2018/HC-A/38، 2018/HC-A/39، 2018/HC-A/40ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-A/36، 2018/HC-A/37، 2018/HC-A/38، 2018/HC-A/39، 2018/HC-A/40، 54/VTR/2017، 55/VTR/2017، 56/VTR/2017، 57/VTR/2017، 60/VTR/2017
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ފަސް މުވައްޒަފުން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައި ބަދަލު ނަގައިދިނެވެ. ހައިކޯޓުން އެ ނިންމުންތައް ބާޠިލުކޮށް، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ނިންމިއެވެ.
ވާޤިޢާ
ތަފާތުކުރުމުގެ ޝަކުވާ ހުށަހަޅަން 2017 ފެބްރުއަރީ 7 ގައި ދިވެހި މުވައްޒަފުން އެޗް.އާރު އޮފީހަށް ދިޔުމުން، އެމީހުން ރެކްރިއޭޝަން ހޯލަށް އެއްވިއެވެ. އެއްވުމުގައި އެއްވެސް ގެއްލުމެއް ނުވެއެވެ. 40 އަށްވުރެ ގިނަ މީހުން ބައިވެރިވި ނަމަވެސް ކުންފުނިން ނޯޓިސް ނުދީ ވަކިކުރީ ފަސް މީހުންނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުލްހަވެރި އެއްވުމެއްގައި ބައިވެރިވި މުވައްޒަފުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދިން ބަދަލު ޤާނޫނާ އެއްގޮތްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުވައްޒަފުން ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ތަފާތުކޮށް ވަކިކުރި ކަމަށާއި، ތަޙުޤީޤު ކޮމިޓީގައި ތަޢައްޞުބު ހުރި މެމްބަރަކު ހިމެނުނު ކަމަށެވެ. ކުންފުނިން ބުނީ ފިޔަވަޅު އެޅީ އެއްވުން ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހުންނަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ތަފާތުކުރުން ކުންފުންޏަށް ތަބްރީރު ނުކުރެވުނު ކަމާއި، ސުލްހަވެރި އެއްވުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭ ސަބަބެއް ނޫން ކަމާއި، ތުހުމަތު ކުރެވުނު މެމްބަރަކު ހިމެނޭ ކޮމިޓީއަކުން ތަޙުޤީޤުކުރުމަކީ އަދާލަތާ ނުބައްދަލު ކަމަށް ކޯޓުން ކަނޑައެޅިއެވެ. އިތުބާރު ގެއްލިފައިވާތީ ރުޖޫޢަ ނުކޮށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލު ދެވުނެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ 2018/HC-A/36، 2018/HC-A/37، 2018/HC-A/38، 2018/HC-A/39 އަދި 2018/HC-A/40 ގެ ޙުކުމްތައް ބާޠިލުކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުންތަކުގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ބައި ބާޠިލުކުރެވުނެވެ. ދެފަރާތާ ދެމެދު އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް އަނބުރާ އިޢާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 6 މަސްދުވަހުގެ އަސާސީ މުސާރަ ދިނުމަށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށް ކުންފުންޏަށް އަންގައި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރެވުނެވެ. އިތުރު ގެއްލުމެއްގެ ބަދަލު ހޯދުމަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުންތައް ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އަލީގައި ބެލުމަށް މި ޙުކުމުން ހުރަހެއް ނެތެވެ.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއިން ވަކިކުރުމުގައި ވެސް އެއްހަމައެއްގައި ތިބޭ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ.

HN2 އެންމެންގެ މެދުގައި ހަމަހަމަކަމާއެކު މުޢާމަލާތު ކުރެވުމާއި ތަފާތުކުރުމުން ރައްކާތެރިވެފައި ވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެކެވެ. ވަޒީފާއިން ވަކިކުރުމުގައި އެއްހަމައެއްގައި ތިބި މުވައްޒަފުންނާމެދު ތަފާތުކޮށް ޢަމަލުކޮށްފައިވުމަކީ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯ ބަލައި ވަޒަންކުރުމުގައި ރިޢާޔަތް ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

HN3 މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (Substantive Fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމުކުރުމަށްފަހުގައެވެ. މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވުމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ޢަދުލުވެރި އެކަށީގެންވާ ސަބަބެއް އޮތުމެވެ. އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވުމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއާތުތަކަކީ ޢަދުލުވެރި އިޖުރާއާތަކަށް ވުމެވެ.

HN4 އިޙްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމަކީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް އެފަރާތްތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤެކެވެ. ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި، އެއްވެސް ފަރާތެއްގެ ނަފުސަށް އަދި މުދަލަކަށް ގެއްލުމެއް ނުވާނޭ ގޮތެއްގެ މަތީން ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުންފަދަ ކަންކަން އިޙްތިޖާޖު ކުރުމުގެ ތެރޭގައި ހިމެނެއެވެ.

HN5 ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން، ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކުން ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައެވެ.

HN6 ތަޙުޤީޤު ކޮމިޓީގެ މެމްބަރެއްގެ މައްޗަށް ކުރެވުނު ތުހުމަތުގެ ޙަޤީޤަތްތައް ދެނެގަތުމަށް ވަޒީފާދޭ ފަރާތުން އެއްވެސް ތަހުޤީޤެއް ނުވަތަ ސުވާލެއް ކޮށްފައިނުވުމުގެ ނަތީޖާއަކީ، ހިންގާފައިވާ އިދާރީ ތަހުޤީޤު ހިންގުމުގައި ހެޔޮ ނިޔަތް އޮތްކަމާއިމެދު ސުވާލުއުފެދޭ ޙާލަތެއް ވުޖޫދުވުމެވެ. ތުހުމަތުތަކެއް ކުރެވިފައިވާ މީހަކު ހިމަނައިގެން އިދާރީ ތަހުޤީޤު ހިންގުމުގެ ނަތީޖާއަކީ، އިދާރީ ތަހުޤީޤުގެ މިސްރާބު ބަދަލުވުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް އޮތުމެވެ.

HN7 ތަހްޤީޤު ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އިން މީހަކާ ގުޅޭގޮތުން ކުރި ޝަކުވާ ބެލުމެއްނެތި، އެ މީހާ އިނދެގެން ތަހްޤީޤު ބަޔާންތައް ނަގާފައިވާއިރު، އެކަމުގައި މަސްލަހަތު ފުށުއެރުމެއްވާތީ، ވަޒީފާއިން ވަކިކުރުމުގައި ބޭރުފުށަށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައި ވާކަމަށް ފެނުނު ނަމަވެސް، އަދާލަތު (natural justice) ގެ ހަމަތަކަށް ބަލާއިރު އެ މީހާ ތަޙުޤީޤު ކޮމިޓީގައި ހިމެނިގެން މުވައްޒަފުންގެ މައްސަލަ ނިންމުމަކީ އެކަށޭނަ ގޮތެއް ނޫނެވެ.

HN8 ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ ޚިލާފުތަކާއި މައްސަލަތައް ޙައްލުކުރުމަށް، ހަޅުތާލު ކުރުމުގެ ކުރިން، ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް ޙައްލެއްހޯދުމަށް މަސައްކަތްކުރުމަކީ ދެފަރާތަށްވެސް ލާޒިމްކަމެކެވެ. ވަޒީފާދޭ ފަރާތުން މުވައްޒަފުންނާއިމެދު ތަފާތުކޮށް މުޢާމަލާތު ކުރުމުގެ ޝަކުވާ ހުށަހަޅަން މުވައްޒަފުން ދިޔަކަމާއި، އެއްވުމަކީ ވަޒީފާދޭ ފަރާތުގެ އެގުމާއި ފެނުމުގެ ތެރެއިން ހިނގިކަމެއް ކަމާއި، އެކަން ހިނގާފައިވަނީ ސުލްހަވެރިކަމާއެކު ކަމަށްވާނަމަ، ޤަވާޢިދު ނަންބަރު 2011/R-12 ގެ 6 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް މުވައްޒަފުން އެއްވެސް ކަމެއް ކުރިކަމަށް ބެލެވޭނެ ތަނެއް ނެތެވެ.

HN9 ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމެއްނެތި ކަމަށް ވިޔަސް، ދެފަރާތް ދެމެދު އުފެދިފައިވާ ޝަކުވާތަކާއި ހިނގައިދިޔަ ކަންކަމަށް ބަލާއިރު ދެފަރާތް ދެމެދު އޮންނަން ޖެހޭ އިތުބާރު ކުރިން އޮތްގޮތަށް ދެމި ނޯންނާނެ ކަމަށް ބެލުމުގެ ޖާގަ އޮތްނަމަ، ވަޒީފާ އަނބުރާ އިއާދަ ނުކޮށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ބަދަލެއް މުވައްޒަފުންނަށް ޙައްޤުވާނެއެވެ.

HN10 ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ބަދަލެއް ނިންމި ކަމުގައި ވިޔަސް، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އަދި އެފަދަ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުންތައް ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި ބަލައި، ގޮތެއް ކަނޑައެޅުމަށް ހުރަހެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އިސްމާޢީލް ވިޝާމް، މުޙައްމަދު ޒާހިރު، ވިޝާމް، ޒާހިރު އެންޑް ކޯ އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢައްބާސް ޝަރީފު
ބެންޗު
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/36 ޤަޟިއްޔާ އާއި، ނަންބަރު 2018/HC-A/37 ޤަޟިއްޔާއާއި، ނަންބަރު 2018/HC-A/38 ޤަޟިއްޔާ އާއި، ނަންބަރު 2018/HC-A/39 ޤަޟިއްޔާއާއި، ނަންބަރު 2018/HC-A/40 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، ސ. ފޭދޫ، ހިރިގާ، ޢަލީ ޢައްޒާމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A298105) އާއި، މާލެ، ދަފްތަރު ނަންބަރު ރސ 4128، މުނީރު މޫސާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A167586) އާއި، ހއ. ބާރަށް، މަޚުމާގެ، މުޖުތަބާ ޢަލީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A075786) އާއި، ށ. ކޮމަންޑޫ، ބެނިސަން، މުޙައްމަދު މުޖުތަބާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A268360) އާއި، ށ. ބިލެތްފަހި، ހިރިޔާ، މުޙައްމަދު އިރުފާނު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A323393) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތްތައް" ކަމަށް ބުނެފައިވާ) ފަރާތްތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަތަކެކެވެ. މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވަނީ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތުގެ) މައްޗަށެވެ.

2މިއީ، އެއް ފަރާތެއްގެ މައްޗަށް ދައުވާ ރައްދުވާގޮތަށް، އެއް ހާދިސާއަކާ ގުޅިގެން އިސްތިއުނާފީ އެއް ނުކުތާތަކެއްގެ މައްޗަށް، ވަކި ފަސް މީހަކު އިސްތިއުނާފު ކޮށްފައިވާ ފަސް ޤަޟިއްޔާ ކަމުގައިވާތީ، މި ފަސް މައްސަލައިގެ ޝަރީޢަތްތައް ހިންގާފައިވަނީ އެކު އެކީގައެވެ. އަދި މިއީ މި ފަސް މައްސަލަ އެކުގައި އަޑުއެހުމަށްފަހު މި ފަސް މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

3އިސްތިއުނާފު ރައްދުވާ ފަރާތުން ހިންގާ ހުޅުލޭ އައިލެންޑް ހޮޓެލް (މީގެފަހުން "އެޗް.އައި.އެޗް" ކަމަށް ބުނެފައިވާ ހޮޓެލް) ގައި ޢަލީ ޢައްޒާމް އަދާކުރަމުން ދިޔަ ވަޒީފާއަކީ ކޮންސިއާޖްއެއްގެ ވަޒީފާއެވެ. މުނީރު މޫސާ އަދާކުރަމުން ދިޔަ ވަޒީފާއަކީ ލޯންޑްރީ އެސޯސިއޭޓްއެއްގެ ވަޒީފާއެވެ. މުޖުތަބާ ޢަލީ އަދާކުރަމުން ދިޔަ ވަޒީފާއަކީ ޕްރޮކިއުމަންޓް އެސޯސިއޭޓްއެއްގެ ވަޒީފާއެވެ. މުޙައްމަދު މުޖުތަބާ އަދާކުރަމުން ދިޔަ ވަޒީފާއަކީ ހައުސްކީޕިން އެސޯސިއޭޓްއެއްގެ ވަޒީފާއެވެ. މުޙައްމަދު އިރުފާން އަދާކުރަމުން ދިޔަ ވަޒީފާއަކީ ކޭޝިއަރއެއްގެ ވަޒީފާއެވެ.

4އެޗް.އައި.އެޗް ގައި ބިދޭސީ މުވައްޒަފުންނާ އަޅާ ބަލައި، ދިވެހި މުވައްޒަފުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ ޝަކުވާ 07 ފެބްރުވަރީ 2017 ގައި ހިއުމަން ރިސޯސަސް އޮފީހަށް ހުށަހަޅަން ދިވެހި މުވައްޒަފުންތަކެއް ދިއުމުން، ރެކްރިއޭޝަން ހޯލަށް ޖަމާވުމަށް ހޮޓެލްގެ ހިއުމަން ރިސޯސަސްއިން އިރުޝާދު ދިނުމުން، ޝަކުވާ ކުރުމަށް ދިޔަ ހުރިހާ މުވައްޒަފުން ރެކްރިއޭޝަން ހޯލަށް ޖަމާވި ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

5ތަނުގެ ވެރިންނާއި، މުވައްޒަފުންނާދެމެދު ހިތްހަމަ ނުޖެހުންތަކާއި ޝަކުވާތަކުގެ ވާހަކަތައް ހިއްސާކުރެވި، އެއްވެފައި ތިބި މުވައްޒަފުން ޞުލްޙަވެރިކަމާއެކު އެތަނުން ދިއުމަށް ހޮޓެލްގެ މެނޭޖްމަންޓުން ނަޞޭހަތްތެރިވެފައި ވީނަމަވެސް، މި އެއްވުން ނިމުމަކަށް އައިސްފައިވަނީ ފުލުހުން އެތަނަށް ޙާޟިރުވެ ތަންހުސްކުރަން އެދުމުން ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

6އެ އެއްވުމުގައި ހިނގި ކަންތައްތަކަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފު ކުރާ ފަރާތްތައް 06 މާރޗް 2017 ގައި ވަޒީފާއިން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކި ކުރި ސަބަބުތަކެއްކަމަށް ބުނެފައިވަނީ، ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވެފައިވާތީއާއި، ވެރިންގެ އިރުޝާދަށް ކިޔަމަންވުމަށް ދެކޮޅު ހަދާފައިވާތީއާއި، ތަނުގެ މުވައްޒަފުންގެ މެދުގައި ރުޅިވެރިކަމާ ޢަދާވަތްތެރިކަން އުފެއްދުމަށް މަސައްކަތްކޮށްފައި ވާތީއާއި، މި ކަންކަމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ނަމަށް އުނިކަން ލިބުމަށް މަގުފަހިވާތީއާއި، ގްރޫޕް ހަދައިގެން ހޮޓެލްގެ ޤަވާޢިދުތަކާ ޚިލާފަށް ކަންކަން ކޮށްފައިވާތީ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.

7ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ކަނޑައެޅިގެން ޚިލާފަށް ކަމަށްބުނެ، އިސްތިއުނާފު ކުރާ ފަރާތްތަކުން މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމި ގޮތް

8ވަޒީފާއާބެހޭ ޓްރެބިއުނަލްއަށް ޢަލީ ޢައްޒާމް ހުށަހެޅި މައްސަލައިގެ ނަމްބަރަކީ 55/VTR/2017 އެވެ. މުނީރު މޫސާ ހުށަހެޅި މައްސަލައިގެ ނަމްބަރަކީ 54/VTR/2017 އެވެ. މުޖުތަބާ ޢަލީ ހުށަހެޅި މައްސަލައިގެ ނަމްބަރަކީ 57/VTR/2017 އެވެ. މުޙައްމަދު މުޖުތަބާ ހުށަހެޅި މައްސަލައިގެ ނަމްބަރަކީ 60/VTR/2017 އެވެ. މުޙައްމަދު އިރުފާނު ހުށަހެޅި މައްސަލައިގެ ނަމްބަރަކީ 56/VTR/2017 އެވެ.

9މި ފަސް މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން އަންނަނިވި ކަންތައްތައް ނިންމާފައިވެއެވެ.

އިސްތިއުނާފުކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ 07 ފެބްރުވަރީ 2017 ގައި ހިނގާފައިވާ ހާދިސާގެ މައްޗަށްކަމާއި، ނަމަވެސް އެދުވަހު އެފަރާތްތަކުން މަސައްކަތް ކޮށްފައިވަނީ ވަޒީފާ ދޭފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި މުޢާމަލާތް ކުރުމުގެ ގަވާޢިދުގެ އިމުގެ ތެރެއިން ވާހަކަ ދައްކައިގެން ޙައްލު ހޯދުމަށްކަމަށް ބުރަވެވޭތީ، އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަން،

މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ، އިސްތިއުނާފު ކުރާ ފަރާތްތަކުން އަދާ ކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިޢާދަ ކުރެވެން ނެތްކަން،

ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ދުވަހާ ހަމައަށް އެފަރާތްތައް ވަޒީފާގައި ތިބިނަމަ ލިބޭނެ މުސާރައާއި، ސާރވިސް ޗާޖަށްވާ ފައިސާ އިސްތިއުނާފު ކުރާ ފަރާތްތަކަށް މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގެ ފަރާތުން ދޭންޖެހޭކަން.

10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފު ކަމަށް ބުނެ، މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގެ ފަރާތުން މި ފަސް މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

11ޢަލީ ޢައްޒާމްގެ މައްޗަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަމްބަރު 2018/HC-A/40 ޤަޟިއްޔާއިންނެވެ. މުނީރު މޫސާގެ މައްޗަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަމްބަރު 2018/HC-A/37 ޤަޟިއްޔާއިންނެވެ. މުޖުތަބާ ޢަލީގެ މައްޗަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަމްބަރު 2018/HC-A/39 ޤަޟިއްޔާއިންނެވެ. މުޙައްމަދު މުޖުތަބާގެ މައްޗަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަމްބަރު 2018/HC-A/36 ޤަޟިއްޔާއިންނެވެ. މުޙައްމަދު އިރުފާނުގެ މައްޗަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަމްބަރު 2018/HC-A/38 ޤަޟިއްޔާއިންނެވެ.

12ހައިކޯޓުގެ މި ފަސް ޤަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުންތައް ހައިކޯޓުން ބާޠިލު ކޮށްފައިވެއެވެ. ހައިކޯޓުގެ ނިންމުންތައް ބިނާވެފައިވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

އިސްތިއުނާފުކުރާ ފަރާތްތައް 07 ފެބްރުވަރީ 2017 ގައި މަސައްކަތް ކޮށްފައިވަނީ ވަޒީފާ ދޭފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި މުޢާމަލާތް ކުރުމުގެ ގަވާޢިދުގެ އިމުގެ ތެރެއިން ޙައްލު ހޯދުމަށްކަމަށް ބުރަވެވޭއިރު، އެފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުންތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް، އެ އެއްވުމުގެ ވަކި ހިސާބަކުން ހޮޓެލްގެ މެނޭޖްމަންޓުގެ ވެރިންގެ އަމުރަށް ކިޔަމަންނުވެ މެނޭޖްމަންޓުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވައި، ތަނުގައި އަޑުގަދަކޮށް ހޮޓަލުގެ ހިންގުމަށް ބުރޫއަރާފަދަ ގޮތަށް ޢަމަލުކޮށްފައިވާތީއާއި، ވަޒީފާ އަދާކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތާއި ދެމެދު ދެބަސްވެ މައްސަލައަށް ޙައްލެއް ލިބިފައިނުވާނަމަ، ޙައްލު ހޯދުމަށް މައްސަލަ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅައިގެން ޙައްލު ލިބޭތޯ މަސައްކަތްކުރަންޖެހޭއިރު، އެފަދަ އެއްވެސް މަސައްކަތެއް ކުރެވިފައިނުވާތީ އާއި، މުވައްޒަފުން ހަޅުތާލެއް ކުރަން ބޭނުންވާނަމަ ހަޅުތާލުކުރަން ފެށުމުގެ 03 (ތިނެއް) ދުވަސް ކުރިން ނޯޓިސް ދޭންވާނެކަން ބަޔާންކޮށްފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތްތަކުން ހަޅުތާލު ކޮށްފައިވަނީ އެ ހަޅުތާލާ ގުޅޭ ނޯޓިސް ދިނުމަކާ ނުލައި ކަމުގައި ވާތީ، 07 ފެބްރުވަރީ 2017 ގައި އިސްތިއުނާފު ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ބާއްވާފައިވާ ހަޅުތާލަކީ ވަޒީފާ ދޭފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި މުޢާމަލާތް ކުރުމުގެ ގަވާޢިދާ އެއްގޮތަށް ބާއްވާފައިވާ ހަޅުތާލެއް ނޫންކަން،

ޣައިރު ސުލޫކީ ޢަމަލެއްގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި ވަޒީފާ އަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތެދުވެރިކަމާއެކު ކުރުމަށް ހުރަސްއެޅިފައިވާނަމަ، ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާ ދޭފަރާތަށް ލިބިގެންވާކަމަށާއި، ނޯޓިސް ދިނުމެއްނެތި ވަކިކުރުމަށް ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން،

07 ފެބްރުވަރީ 2017 ގައި ބާއްވާފައިވާ އެއްވުމަކީ ޤަވާއިދުގެ ދާއިރާގެ ތެރޭގައި، އެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އުޞޫލުތަކާ އެއްގޮތަށް ބާއްވާފައިވާ އެއްވުމެއް ނޫންކަމާއި، މުވައްޒަފުންގެ ވައިބަރ ގްރޫޕްގައި ހުރި މެސެޖުތައް ބަލާއިރު މި އެއްވުމަކީ ދުރާލައި ރާވައިގެން އެޗް.އައި.އެޗްގެ މެނޭޖްމަންޓާއި ދެކޮޅަށް ބާއްވާފައިވާ އެއްވުމެއް ކަމުގައި ބެލެވޭކަމަށާއި، އެއްވުމުގެ ބައިވެރިން އެދުނު ކަންކަން ހޮޓަލުގެ މެނޭޖްމަންޓުގެ ފަރާތުން ސާފުކޮށް، ޞުލްޙަވެރިކަމާއެކު ޙައްލު ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން އެންގެން އޮތް ނަމަވެސް، ހޮޓަލުގެ މެނޭޖްމަންޓުން މުވައްޒަފުންނަށް އަންގާފައިވާ އެންގުންތަކަށް ތަބާނުވެ، ހޮޓަލުގެ ތެރޭގައި ހަމަނުޖެހުން އުފެދޭގޮތަށް ދެކޮޅުވެރިކަމާއެކު އަޑުގަދަކޮށް ހޮޓަލުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވައި، ހޮޓަލުގެ މަސައްކަތަށް ބުރޫއަރާފަދަ ގޮތަކަށް އިސްތިއުނާފުކުރާ ފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވެ އިސް ދައުރެއް އަދާކޮށްފައިވާކަން،

އިސްތިއުނާފުކުރާ ފަރާތްތަކުން ހިންގި މި ބުނެވުނު ޢަމަލުތަކަކީ މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ އަޙްލާޤީ ކުށްތަކެއް ކަމަށާއި، ޣައިރު ޤާނޫނީ ޢަމަލުތަކެއް ކަމުން، އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާގައި ބޭތިއްބުމަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމެއް ކަމަށް ބަލައި އެފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުން ވަޒީފާއިން ވަކިކުރި ކުރުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައިވާކަން،

އިސްތިއުނާފު ކުރާ ފަރާތްތަކުގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން ވަޒީފާދޭ ފަރާތަށް އިއާދަނުކުރެވޭ ފަދަ ގެއްލުމެއް ލިބިދާނެކަމަށް ފެންނަ ޙާލަތުގައި، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެކަން،

ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެ، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާ ޙާލަތުގައި ކަމަށްވާތީ، ބަދަލު ނަގައިދިނުމަށް ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

13ހައިކޯޓުގެ ނިންމުންތައް ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފު ކަމަށް ބުނެ، އިސްތިއުނާފު ކުރާ ފަރާތްތަކުން ހައިކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

14ޢަލީ ޢައްޒާމް ގެ މައްސަލަ ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު 2021/SC-A/31 ޤަޟިއްޔާއިންނެވެ. މުނީރު މޫސާ ގެ މައްސަލަ ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު 2021/SC-A/32 ޤަޟިއްޔާއިންނެވެ. މުޖުތަބާ ޢަލީ ގެ މައްސަލަ ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު 2021/SC-A/33 ޤަޟިއްޔާއިންނެވެ. މުޙައްމަދު މުޖުތަބާ ގެ މައްސަލަ ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު 2021/SC-A/34 ޤަޟިއްޔާއިންނެވެ. މުޙައްމަދު އިރުފާނު ގެ މައްސަލަ ހުށަހެޅިފައިވަނީ ސުޕްރީމް ކޯޓުގެ ނަމްބަރު 2021/SC-A/35 ޤަޟިއްޔާއިންނެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

15މި ފަސް މައްސަލައިގައިވެސް އިސްތިއުނާފު ކުރާ ފަރާތްތަކުން ހުށަހަޅާފައިވަނީ އެއް ނުކުތާތަކެކެވެ. އެ ނުކުތާތަކަކީ؛

ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމަވާފައިވުން؛

ވަޒީފާދޭ ފަރާތުން އެކުލަވާލި ތަހުޤީޤު ކޮމިޓީގެ ތަޢައްސުބު (bias / prejudice) އަށް ރިޢާޔަތްކުރުމެއްނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ އިޖުރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމު ކޮށްފައިވާ ކަމަށް ކަނޑައަޅާފައި ވުން؛

ޤަވާޢިދު ނަންބަރު 2011/R-12 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ ޤަވާޢިދު) މާނަކޮށް ތަޠުބީޤު ކުރުމުގައި އާއި، ހެކި ވަޒަންކުރުމުގައި ހުށަހެޅިފައިވާ ހެކިތަކުން ސާފުވާ ޙަޤީޤަތްތަކާއި، މައްސަލައިގެ ވާޤިއާތަކަށް އެކަށީގެންވާ މިންވަރަކަށް ރިޢާޔަތް ކޮށްފައި ނުވުން.

މުވައްޒަފުންގެ މެދުގައި ތަފާތު ކޮށްފައިވާ ކަމަށް ބުނެފައިވުން

16އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ 07 ފެބްރުވަރީ 2017 ގައި ބާއްވާފައިވާ އެއްވުމާއި ގުޅިގެން ކަމަށްވާއިރު، އެ އެއްވުމުގައި 40 (ސާޅީސް) އަށްވުރެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި، އެ އެންމެންގެ ތެރެއިން އިސްތިއުނާފު ކުރާ 05 (ފަހެއް) މީހުން ވަޒީފާއިން ވަކިކުރި ކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވާ ކަމެއް ކަމަށްވާއިރު ހައިކޯޓުގެ ނިންމުމުގައި އެކަމަށް ރިޢާޔަތްކޮށްފައި ނުވާކަމަށް އިސްތިއުނާފު ކުރާފަރާތްތަކުން ބުނެފައިވެއެވެ.

17ޖަވާބުދާރީ ވަމުން އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވާ ވާހަކަތަކަށް ބަލާއިރު، އެ އިހުތިޖާޖުގެ ތެރެއިން ފުރަތަމަ ބެލި ބެލުމުން 08 (އަށެއް) ވަރަކަށް މުވައްޒަފުން އިސްކޮށް އުޅެފައި އޮތްކަމަށް ފެނިގެން، އެ މުވައްޒަފުން ސަސްޕެންޑްކުރުމަށްފަހު، ދެން އަޅަންޖެހޭނީ ކޮން ފިޔަވަޅެއްތޯ ބެލުމުގެ ގޮތުން ތަޙްޤީޤެއް ކުރެވުނުކަމަށާއި، އެ ތަޙްޤީޤަށް އިސްތިއުނާފު ކުރާފަރާތްތައް ގެނެވި، އެ ތަޙްޤީޤުގައި މި މީހުންގެ ބަޔާންތައް ނަގައި، މި މީހުންގެ ބައިވެރިވުން އޮތީ ކިހާވަރަކަށްތޯ ބެލުނު ކަމަށާއި، އެގޮތުން ބެލި ބެލުމުން ފާހަގަވީ ދެ ބާވަތެއްގެ މުވައްޒަފުން ތިބިކަމަށް ކަމަށާއި، އެއް ބަޔަކީ މިކަން ވަކި ދުވަހަކަށް ތާވަލްކޮށްގެން ވަކި ދުވަހަކު ވަކި ގޮތަކަށް ގެންދިއުމަށްޓަކައި ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ބައެއް ކަމަށާއި، އެ ދުވަހު އެތަނަށް އެއްވެ އެތަނުގެ އިހުތިޖާޖުގައި ބައިވެރިވެގެން ކުރިއަށްގެންދިޔަ ބަޔަކު ވެސް އުޅުނުކަމަށެވެ. އެހެންވެ އިސްތިއުނާފު ރައްދުވާ ފަރާތުން ނިންމީ ފިޔަވަޅު އަޅާނީ އެންމެ މަދުން ފިޔަވަޅު އެޅެން އޮތް ބަޔަކަށް ކަމަށެވެ. އެގޮތަށް ބަލާފައި، އެކަން ރާވާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނު މީހުންގެ މައްޗަށް ފިޔަވަޅު އަޅަން ނިންމީ ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތްތަކަކީ އެކަން ހިންގާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތްތައް ކަމަށެވެ.

18ވަޒީފާއިން ވަކިކުރުމުގައި ތަފާތުކުރުން އޮތްކަން ސާބިތުކުރުމުގެ ގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހިންގި ތަހްޤީޤުގައި ނަގާފައިވާ ބަޔާންތަކެއް، ޓްރައިބިއުނަލްއަށް ހުށަހެޅި ކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އެބަޔާންތަކާއި ގުޅުވައިގެން އިސްތިއުނާފު ކުރާ ފަރާތްތަކުން ދެއްކި ވާހަކަތަކަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރު ކޮށްފައި ނުވެއެވެ. ތަފާތުކުރުން އޮތްކަން އިސްތިއުނާފު ރައްދުވާ ފަރާތުން ޖަވާބުދާރީވަމުން ދެއްކި ވާހަކަތަކުން ވެސް އެގެން އޮތްކަން ފާހަގަކުރެވެއެވެ.

19HN1ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ:

"ވަޒީފާ ދިނުމުގަޔާއި، އުޖޫރަ ކަނޑައެޅުމުގަޔާއި، އުޖޫރަ އިތުރުކުރުމުގަޔާއި، ތަމްރީނު ދިނުމުގަޔާއި، ވަޒީފާގެ ޝަރްޠުތަކާއި ވަޒީފާ އަދާކުރާނެގޮތް ކަނޑައެޅުމުގަޔާއި، ވަޒީފާއިން ވަކިކުރުމުގަޔާއި، ވަޒީފާ އަދާކުރުމުގައި ދިމާވާ އެހެނިހެން ކަންކަމުގައި، މީހުންގެ ނަސްލަށް، ކުލަޔަށް، އިޖްތިމާޢީ ނިސްބަތަށް، ދީނަށް، ސިޔާސީގޮތުން ގެންގުޅޭ ޚިޔާލުތަކަށް، ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް، ޖިންސަށް، ކައިވެނީގެ ނިސްބަތަށް، އާއިލާގައި އަދާކުރާ ޒިންމާތަކަށް، މި ޤާނޫނުގައި ޚިލާފުނުވާ ގޮތުން އުމުރަށް، ނުވަތަ ހުރި ނުކުޅެދުންތެރިކަމަށް ބަލައި، މަސައްކަތްކުރާ ހަމަހަމަ މީހުންގެ މެދުގައި އެއްވެސް ގޮތަކުން ތަފާތުކުރުމަކީ މަނާކަމެކެވެ."

20ވަޒީފާއިން ވަކިކުރުމުގައި ވެސް އެއްހަމައެއްގައި ތިބޭ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެއްކަމަށްވާއިރު، އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި އެމީހުންނާއި އެއްހަމައެއްގައި ތިބި މުވައްޒަފުންނާއި ތަފާތުކުރި ކުރުން އިސްތިއުނާފު ރައްދުވާ ފަރާތަށް ތަބްރީރު (Justify) ކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

21HN2އެންމެންގެ މެދުގައި ހަމަހަމަކަމާއެކު މުޢާމަލާތު ކުރެވުމާއި ތަފާތުކުރުމުން ރައްކާތެރިވެފައި ވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެކެވެ. އަދި ހަމައެހެންމެ، ހަމަހަމަކަމާއެކު މުޢާމަލާތް ކުރުމާއި، ކުރާ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ލިބުމާއި، ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކަމާއެކު އުޖޫރަ ލިބުމާއި، އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމަކީ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ އަސާސީ ޙައްޤެއް ކަމަށް ވާއިރު، ވަޒީފާއިން ވަކިކުރުމުގައި އެއްހަމައެއްގައި ތިބި މުވައްޒަފުންނާމެދު ތަފާތުކޮށް ޢަމަލުކޮށްފައިވުމަކީ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްތޯ ބަލައި ވަޒަންކުރުމުގައި ރިޢާޔަތް ނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބެލުން

22HN3މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން(Substantive Fairness) އަދި އިޖުރާއީ ޢަދުލުވެރިކަން(Procedural Fairness) ޤާއިމުކުރުމަށްފަހުގައެވެ. މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވުމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ޢަދުލުވެރި އެކަށީގެންވާ ސަބަބެއް އޮތުމެވެ. އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވުމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއާތުތަކަކީ ޢަދުލުވެރި އިޖުރާއާތަކަށް ވުމެވެ.

23HN4ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި، މިމައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވޭތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

އިޙްތިޖާޖު ކުރުމަށްޓަކައި ހަޅުތާލުކުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައިގެން ތިބުމަކީ، ވަޒީފާ އަދާކުރާ ފަރާތްތަކަށް އެފަރާތްތަކުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤެއް ކަމާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރޭގައި، އެއްވެސް ފަރާތެއްގެ ނަފުސަށް އަދި މުދަލަކަށް ގެއްލުމެއް ނުވާނޭ ގޮތެއްގެ މަތީން ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި، މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުންފަދަ ކަންކަން އިޙްތިޖާޖު ކުރުމުގެ ތެރޭގައި ހިމެނޭކަމެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ހިންގާ އެޗް.އައި.އެޗް ގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި ދިވެހި މުވައްޒަފުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމުގެ ޝަކުވާ ދިވެހި މުވައްޒަފުންގެ މެދުގައި އޮންނަ ކަމަށާއި، އެކަމާއި ގުޅިގެން ވައިބަރ ގްރޫޕެއްގައި މުވައްޒަފުން ޚިޔާލުފާޅުކުރަމުން ދިޔަކަން، ދެފަރާތުގެ ބަހުން އެގެން އޮތްކަމާއި، 07 ފެބްރުއަރީ 2017 ގެ ހަވީރުގެ ވަގުތެއްގައި މުވައްޒަފުންތަކެއް އެ ޝަކުވާތައް ހުށަހަޅަން ހިއުމަން ރިސޯސް އޮފީހަށް ދިޔަކަމަށާއި، އެދުވަހު މުވައްޒަފުންގެ ރެކްރިއޭޝަނަލް ހޯލް (ކާފުމިނީ) އަށް މުވައްޒަފުން އެއްވީ އެ ދުވަހު ހިއުމަން ރިސޯސް އޮފީހަށް ދިޔުމުން، އެޗް.އާރު މެނޭޖަރާއި އެވަގުތުހުރި އެކްޓިންގ ޖީ.އެމް އެދިގެން ކަމަށް އިސްތިއުނާފު ކުރާ ފަރާތްތަކުން ބުނެފައިވާ ކަމާއި، މުވައްޒަފުން އެދުވަހު ކާފުމިނީއަށް އެއްވީ ވަކި މުއައްޒަފެއް ހިމާޔަތް ކުރުމަށް އަޑުއުފުލުމަށް ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނިނަމަވެސް، އެކަމާއި ގުޅޭ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުން ދެފަހަރު ދެގޮތަށް ވާހަކަ ދައްކާފައިވާކަން ވެސް ފާހަގަކުރެވޭކަމެވެ.

އެ ދުވަހު މުވައްޒަފުން އެއްވި ކާފުމިނީ އަކީ އެ ހޮޓަލުގައި މުވައްޒަފުން ބޭނުންކުރަން ޚާއްސަ ރެކްރިއޭޝަން ހޯލެއް ކަމާއި، އެތަނަކީ ޓޫރިސްޓުން ވަދެނިކުމެ އުޅެވޭ ސަރަހައްދެއްގައި ހުރި ތަނެއް ނޫންކަން ދެފަރާތުގެ ބަހުން އެގެން އޮތްކަމާއި، އެދުވަހު މުވައްޒަފުން އެތަނަށް އެއްވިއެއްވުމުގެ ސަބަބުން އެވަގުތު ހޮޓަލުގައި ތިބި ޓޫރިސްޓުންނަށް އުނދަގުލެއް ނުފޯރާނެކަން ފާހަގަކުރެވޭކަމެވެ.

އެ ދުވަހުގެ އެއްވުމުގައި ޝަކުވާތަކާއި ގުޅިގެން އެތަނަށް އެއްވި މުވައްޒަފުން އަޑުއުފުލި ނަމަވެސް، އެއްވެސް މީހެއްގެ ނަފުސަށް އަދި މުދަލަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ލިބިފައި ނުވާކަން ދެފަރާތުގެ ބަހުން އެގެން އޮތްކަމެވެ.

އެތަނުގައި ފުލުހުން ހާޒިރުވެ ތިބިކަން ދެފަރާތުގެ ބަހުން އެގެން އޮތް ކަމާއި، އެއީ ޤާނޫނާއި ޚިލާފު ބައްދަލުވުމެއް ކަމަށް ފުލުހުން ކަނޑައަޅާފައި ނުވާކަމާއި، އެތަނުން އެއްވެސް މީހަކު ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން އެގެން ނެތްކަމާއި، އެތަނުން އެއްވެސް މީހަކާމެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ހާދިސާއާއި ގުޅިގެން ފުލުހުން ތައްޔާރު ކުރި ރިޕޯޓުން އެގެންއޮތްކަން ފާހަގަކުރެވޭކަމެވެ.

24HN5އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންނެވެ. އެމާއްދާގައި ބަޔާންވެގެންވަނީ:

(ހ) ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކުން ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައެވެ.

(ށ) މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތީން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ޙާލަތްތަކުގައެވެ.

(1) ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން؛

(2) ޚިޔާނާތްތެރިވުން.

25އެއްވެސް ނޯޓިސްއެއް ދިނުމެއްނެތި ވަގުތުން ވަޒީފާއިން ވަކި ކުރެވޭނެ ޙާލަތްތައް ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙާލަތެއް މިމައްސަލާގައި އޮތްތޯ ބަލާއިރު، މި ރައުޔުގެ 23 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެއްވެސް ނޯޓިސްއެއް ދިނުމެއްނެތި ވަގުތުން ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް ވުޖޫދުވެފައި އޮތްކަމަށް ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް އަހުރެންނަށް ބުރަނުވެވެއެވެ.

26HN6އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައި އޮތްތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

07 ފެބްރުއަރީ 2017 ގެ އެއްވުމާއި ގުޅިގެން އިސްތިއުނާފުކުރާ ފަރާތްތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިންނަމަވެސް، ތަހްގީގު ހިންގި ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ކިޗަން އެގްޒެކެޓިވް އިބްރާހިމް ނަޢީމް އެކޮމިޓީގައި އިނުމުން މަސްލަޙަތު ފުށުއަރާނެ ކަމަށްބުނެ، ތަހްޤީޤު މަޑުޖައްސައިދިނުމަށް އިސްތިއުނާފުކުރާ ފަރާތްތަކުގެ ތެރެއިން މުނީރު މޫސާ އެދުނު ކަމާއި އެކަން ސާބިތުކުރަން އޭނާގެ ފަރާތުން ހެކި ހުށަހެޅިކަމަށާއި، އެހެންނަމަވެސް އެކަމަށް ފަރުވާލެއްނެތި ތަހްޤީޤު މަޑުޖައްސާނުލައި، އިބްރާހިމް ނަޢީމް ތަހްޤީޤު ކޮމިޓީގައި އިނދެގެން ތަހްޤީޤުކޮށް ނިންމާފައިވާކެމެވެ.

އިބްރާހިމް ނަޢީމް އާމެދު މުނީރު މޫސާ ކުރި ޝަކުވާއަކީ، އިބްރާހިމް ނަޢީމްއަކީ އިސްތިއުނާފު ރައްދުވާ ފަރާތުން މުވައްޒަފުންގެ މެދުގައި ބާއްވާ ތަފާތުކުރުންތަކާއި ގުޅިގެން އަޑުއުފުލުމުގައި އިސްތިއުނާފު ކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި އިސްކޮށް ނަގައިކިޔަން އުޅުނު ފަރާތެއް ކަމަށް ބުނެކަމެވެ.

އެހެންނަމަވެސް، އެތުހުމަތުގެ ޙަޤީޤަތްތައް ދެނެގަތުމަށް އިސްތިއުނާފް ރައްދުވާ ފަރާތުން އެއްވެސް ތަހުޤީޤެއް ނުވަތަ ސުވާލެއް ކޮށްފައިނުވުމުގެ ނަތީޖާއަކީ އިސްތިއުނާފް ރައްދުވާ ފަރާތުން ހިންގާފައިވާ އިދާރީ ތަހުޤީޤު ހިންގުމުގައި ހެޔޮ ނިޔަތް އޮތްކަމާއިމެދު ސުވާލުއުފެދޭ ޙާލަތެއް ވުޖޫދުވުންކަމެވެ.

އިބްރާޙީމް ނަޢީމްގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވާއިރު، އޭނާ ހިމަނައިގެން އިސްތިއުނާފް ރައްދުވާ ފަރާތުން އިދާރީ ތަހުޤީޤު ހިންގުމުގެ ނަތީޖާއަކީ، އެފަރާތުގެ އިދާރީ ތަހުޤީޤުގެ މިސްރާބު ބަދަލުވުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް އޮތުންކަމާއި، އިބްރާޙީމް ނަޢީމްގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކީ، އެތުހުތުމަތުތަކުގެ ސަބަބުން، އިބްރާޙީމް ނަޢީމްގެ އަމިއްލަ މަސްލަޙަތެއް އަދި ޒާތީ ތަޢައްސުބެއް އުފަންވެ، އެތުހުމަތުތަކުން ބަރީޢަވުމާއެކު އިބްރާޙީމް ނަޢީމްގެ ނަން ސާފުކޮށް، އެފަރާތުގެ ޢަމަލެއް ނުވަތަ ބައިވެރިވުމެއްވާނަމަ، އެފަދަ ކަންކަން ފޮރުވުމުގެ ގޯސް ނިޔަތް އެފަރާތުގެ ކިބައިގައި އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުންކަން ފާހަގަކުރެވޭކަމެވެ.

27HN7މި ރައުޔުގެ 26 ވަނަ ޕެރެގްރާފުގައި ބަޔާންވެގެންވާ ކަންކަމަށް ބަލާއިރު، ތަހްގީގު ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އިން އިބްރާހިމް ނަޢީމުއާއި ގުޅޭގޮތުން މުނީރު މޫސާ ކުރި ޝަކުވާ ބެލުމެއްނެތި، އިބްރާހިމް ނަޢީމް އިނދެގެން ތަހްޤީޤު ބަޔާންތައް ނަގާފައިވާއިރު، އެކަމުގައި މަސްލަހަތު ފުށުއެރުމެއްވާތީ، އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި ބޭރުފުށަށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމްވެފައި ވާކަމަށް ފެނުނު ނަމަވެސް، އަދާލާތު (natural justice) ގެ ހަމަތަކަށް ބަލާއިރު އިބްރާހީމް ނަޢީމް ތަޙުޤީޤު ކޮމިޓީގައި ހިމެނިގެން އިސްތިއުނާފު ކުރާ ފަރާތްތަކުގެ މައްސަލަ ނިންމުމަކީ އެކަށޭނަ ގޮތެއް ކަމުގައި ނުވާތީ، މި ނުކުތާގައި ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް އަހުރެންނަށް ބުރަނުވެވެއެވެ.

ހަޅުތާލު ކުރުމުގެ ކުރިން ސުލްޙަވެރިކަމާއެކު ހައްލު ހޯދުމަށް މަސައްކަތް ކުރުން

28HN8ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތް ކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ؛

"ވަޒީފާދޭ ފަރާތާއި އަދި ވަޒީފާއަދާކުރާ ފަރާތާއި ދެމެދު އުފެދޭ ޚިލާފުތަކާއި މައްސަލަތައް ޙައްލުކުރުމަށް، ހަޅުތާލު ކުރުމުގެ ކުރިން، ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް ޙައްލެއްހޯދުމަށް މަސައްކަތްކުރުމަކީ މި ގަވާއިދުގެ ދަށުން ދެފަރާތަށްވެސް ލާޒިމްކަމެކެވެ."

29އިސްތިއުނާފުކުރާ ފަރާތްތަކާއި އިތުރު މުވައްޒަފުންތަކެއް 07 ފެބްރުވަރީ 2017 ގައި ކާފްމިނީއަށް އެއްވުމުގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެޗް.އާރ އޮފީހަށް ދިޔަކަން ދެފަރާތުގެ ބަހުން އެގެއެވެ. އަދި ކާފުނިމީއަށް މުވައްޒަފުން ދިޔައީ އެތަނަށް ދިޔުމަށް އެޗް.އާރ މެނޭޖަރ ބުނެގެން ކަމާއި، އެތަނަށް މުވައްޒަފުން އެއްވީ 18:00 އާއި 18:30 އާއި ދެމެދު ކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އިސްތިއުނާފް ރައްދުވާ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަމާލުކަމަށް މި އެއްވުމާއިބެހޭ ކަންކަން ގެނެސްފައިވަނީވެސް އިސްވެދެންނެވުނު ތާރީޚުގެ 18:30 ގައި ކަން ހާދިސާއާއި ގުޅިގެން ފުލުހުން ތައްޔާރު ކުރި ރިޕޯޓުން އެގެންއޮތްކަން ފާހަގަކުރެވެއެވެ. އަދި އެވަގުތު އިސްތިއުނާފް ރައްދުވާ ފަރާތުގެ ޤާނޫނީ ވަކީލު އެތަނަށް ހާޟިރުވެ ހުރިކަން ވަކީލު ޝަރީޢަތުގައި ދެއްކި ވާހަކަތަކުން އެގެއެވެ.

30ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ ޝަކުވާ އަޑުއެހުމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ހެޔޮނިޔަތް ނެތްކަމަށް ބެލުމުގެ ޖާގަ އޮތްކަން ފާހަގަކުރެވެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން މުވައްޒަފުންނާއިމެދު ތަފާތުކޮށް މުޢާމަލާތު ކުރުމުގެ ޝަކުވާ ހުށަހަޅަން އިސްތިއުނާފު ކުރާ ފަރާތްތަކުން ދިޔަކަމާއި، 07 ފެބްރުވަރީ 2017 ގެ އެއްވުމަކީ އިސްތިއުނާފު ރައްދުވާ ފަރާތުގެ އެގުމާއި ފެނުމުގެ ތެރެއިން ހިނގިކަމެއް ކަމާއި، އެކަން ހިނގާފައިވަނީ ސުލްހަވެރިކަމާއެކު ކަމަށްވާތީ، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް އިސްތިއުނާފު ކުރާ ފަރާތްތަކުން އެއްވެސް ކަމެއް ކުރިކަމަށް ބެލެވޭނެ ތަނެއް ނެތްކަން ފާހަގަކުރެވެއެވެ.

31HN9އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރި ކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކުރުމެއްނެތި ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެން ނަމަވެސް، ދެފަރާތް ދެމެދު އުފެދިފައިވާ ޝަކުވާތަކާއި ހިނގައިދިޔަ ކަންކަމަށް ބަލާއިރު ދެފަރާތް ދެމެދު އޮންނަން ޖެހޭ އިތުބާރު ކުރިން އޮތްގޮތަށް ދެމި ނޯންނާނެ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ. އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާ އަދާކުރަމުން ދިޔައީ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް އެއާޕޯޓުގައި ހުންނަ ހޮޓަލެއްގައި ކަމަށްވުމާއި، ހާދިސާ ހިގިތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވުމާއެކު އިސްތިއުނާފު ކުރާ ފަރާތްތައް އަދާކުރަމުން ދިޔަ ވަޒީފާތަކަށް އަލުން ރުޖޫޢަ ކުރުމަކީ މަސްލަޙަތު ހުރި ގޮތެއް ކަމަށް އަހުރެންނަށް ނުފެނެއެވެ. މިގޮތުން ވަޒީފާ އަނބުރާ އިއާދަ ނުކޮށް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ބަދަލެއް އިސްތިއުނާފު ކުރާ ފަރާތްތަކަށް ޙައްޤު ކަމުގައި އަހުރެން ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

32އިސްތިއުނާފު ކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރި ކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކުރުމެއްނެތި ކަމަށްވާއިރު، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްސަލަތަކުގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ، ބުނެވިދިޔަ ހައިކޯޓުގެ ޙުކުމްތައް ބާޠިލުކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

33ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ވަޒީފާއާއި ބެހޭ ޓްރެބިއުނަލް އިން ޢަދުލުވެރި ބަދަލު ނަގައިދީފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރެބިއުނަލްގެ ނިންމުންތަކުގެ ބަދަލުގެ ބައި ބާޠިލުކުރަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

34އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދުގައި އިތުބާރު ގެއްލިފައިވާތީ، އިސްތިއުނާފު ކުރާ ފަރާތްތަކުން އަދާ ކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިޢާދަ ކުރުމަކީ މަސްލަޙަތު ހުރި ގޮތެއް ކަމަށް އަހުރެންނަށް ނުފެނެއެވެ.

35HN10ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި އިސްތިއުނާފުކުރާ ކޮންމެ ފަރާތަކަށް އެފަރާތެއް އަދާކުރަމުން ދިޔަ ވާޒީފާއެއްގެ 06 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރަ އިސްތިއުނާފު ރައްދުވާ ފަރާތުން ދޭންޖެހޭ ކަމަށް ކަނޑައަޅަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި މިގޮތަށް ނިންމި ކަމުގައި ވިޔަސް، އިސްތިއުނާފުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އަދި އެފަދަ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުންތައް ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މި ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި ބަލައި، ގޮތެއް ކަނޑައެޅުމަށް މި ޤަޟިއްޔާއިން ހުރަހެއް ނެތްކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

36މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

37މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާން ކޮށްފައިވާ ސަބަބުތައް އެގޮތަށް ހުރުމުން؛

ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/36 ޤަޟިއްޔާ އާއި، ނަންބަރު 2018/HC-A/37 ޤަޟިއްޔާއާއި، ނަންބަރު 2018/HC-A/38 ޤަޟިއްޔާ އާއި، ނަންބަރު 2018/HC-A/39 ޤަޟިއްޔާއާއި، ނަންބަރު 2018/HC-A/40 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމްތައް، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

ޤާނޫނާއި ޤަވާޢިދާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށްވާތީ، ވަޒީފާއާބެހޭ ޓްރެބިއުނަލްގެ ނަމްބަރު 55/VTR/2017 މައްސަލައާއި، ނަމްބަރު 54/VTR/2017 މައްސަލައާއި، ނަމްބަރު 57/VTR/2017 މައްސަލައާއި، ނަމްބަރު 60/VTR/2017 މައްސަލައާއި، ނަމްބަރު 56/VTR/2017 މައްސަލާގައި ގެއްލުމުގެ ބަދަލާއިމެދު ނިންމާފައިވާ ނިންމުންތައް، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.

އިސްތިއުނާފުކުރާ ފަރާތްތަކާއި އިސްތިއުނާފު ރައްދުވާ ފަރާތާއި ދެމެދުގައި އިތުބާރު ގެއްލިފައިވާތީ، އިސްތިއުނާފު ކުރާ ފަރާތްތަކުން އަދާ ކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިޢާދަ ކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މައްދާގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި އިސްތިއުނާފުކުރާ ކޮންމެ ފަރާތަކަށް 06 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރަ އިސްތިއުނާފު ރައްދުވާ ފަރާތުން ދޭންޖެހޭ ކަމަށް ކަނޑައަޅައި، އިސްތިއުނާފު ކުރާ ފަރާތްތަކަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގައި، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ)
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
  • ޤަވާޢިދު ނަންބަރު 2011/R-12 (ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ޙައްލުކުރުމުގައި މުޢާމަލާތުކުރުމުގެ ޤަވާޢިދު) ގެ 6 ވަނަ މާއްދާގެ (ހ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (ހަމަހަމަކަމާއި ތަފާތުކުރުމުން ރައްކާތެރިވުމުގެ ޙައްޤު، އިޙްތިޖާޖުކުރުމުގެ ޙައްޤު)
  • ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަޟިއްޔާ

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ