ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 20 · 2022/SC-A/90

ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 މޭ 2024ދަށު ކޯޓު: ހައިކޯޓު 2021/HC-A/285ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/285، 1918/Cv-C/2020
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކުލީގެ އެއްބަސްވުމުގެ ދަށުން އެޕާޓްމަންޓްތައް ޙަވާލުކުރުމާއި ކުލި ހޯދުމަށް ކުރި ދަޢުވާގައި ސިވިލް ކޯޓުން، 30 ދުވަހުގެ ތެރޭގައި އެޕާޓްމަންޓްތައް ޙަވާލުކޮށް 13 މަހުގެ ކުލި 650,000ރ. ދައްކަން ޙުކުމްކުރިއެވެ. ހައިކޯޓުން އެ ޙުކުމަށް ތާއީދުކުރުމުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
ދެ އެޕާޓްމަންޓް 15 އަހަރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި، 1,812,800ރ. އެޑްވާންސް ކުލި ނަގުދުން ދައްކާފައިވާ ކަމަށް ލިޔެވިފައިވެއެވެ. ތަންތަން ޙަވާލުނުކުރުމުން ދަޢުވާކުރިއެވެ. ތަން ކުއްޔަށްދިން ފަރާތް ބުނީ ފައިސާއެއް ނުލިބޭ ކަމަށާއި، ދަރިފުޅު އޮޅުވާލައިގެން ސޮއިކުރުވި ކަމަށެވެ. ހެކިން ބުނީ ފައިސާ ދިނީ ދަރިފުޅާ ކަމަށެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއްބަސްވުމުގައި އެޑްވާންސް ފައިސާ ލިބިފައިވާކަމަށް ލިޔެވިފައި އޮތުމުން، އެ ފައިސާ ލިބުނުކަމަށް އިންކާރުކުރާ ފަރާތުގެ ޝަފަހީ ހެކި ބަލައިނުގަނެ، މުޤާބިލު އަދާކުރިކަން ކަށަވަރުނުކޮށް ކުލީގެ އެއްބަސްވުން ތަންފީޒުކުރުމަށް ދަށު ކޯޓުތަކުން ނިންމުމަކީ ޞައްޙަ ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތް ބުނީ ފައިސާ އޭނާއަށް ލިބުނުކަން ސާބިތު ނުކޮށް ނިންމުމުން މުޤާބިލުގެ ރުކުން ފުރިހަމަ ނުވާ ކަމަށާއި، ދަޢުވާކުރި ފަރާތުގެ ޝަފަހީ ހެކި ބަލައިގަނެ އޭނާގެ ހެކިން ބަލައިނުގަތުމަކީ ޚަޞްމުންނާ އެއްގޮތަށް ނުހިންގުން ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ބުނީ ފައިސާ ލިބުނުކަން އެއްބަސްވުމުން ފެންނަ ކަމަށާއި، ހެކިން ބަލައިނުގަތް ސަބަބު ދަށު ކޯޓުތަކުން ބަޔާންކޮށްފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ލިޔުމެއްގެ ޞައްޙަކަމަށް އިންކާރުކުރާނަމަ ހެކިބަހުން މުޢާމަލާތު ސާބިތުކުރުމުގެ ފުރުޞަތު ދޭންވާނެއެވެ. ހެކިން ބުނީ ފައިސާ ދިނީ ދަރިފުޅާ ކަމަށް ކަމުން ލިޔުމުގައިވާ ގޮތް ޙަޤީޤަތްކަން ސާފުނުވެއެވެ. ރުކުންތައް ފުރިހަމަވާނަމަ މެނުވީ ކޮންޓްރެކްޓެއް ތަންފީޒުނުކުރެވޭތީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާގެ ދަށުން ތަޙުވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ސިވިލް ކޯޓުގެ 1918/Cv-C/2020 ޙުކުމާއި، އެ ޙުކުމަށް ތާއީދުކޮށް ހައިކޯޓުގެ 2021/HC-A/285 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، މުޤާބިލު ސުލްޠާނާ އަޙްމަދަށް އަދާކޮށްފައިވޭތޯ ކަށަވަރުކޮށް، އޭނާ ހާޟިރުކުރަން އެދުނު ހެކިންގެ ހެކިބަސް ނަގައި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާއާ ޙަވާލާދީ މައްސަލަ ހައިކޯޓަށް ތަޙުވީލުކޮށްފި.

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ދައުވާކުރާ ފަރާތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓެއްގެ ސައްޙަކަމާމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ކުރާނަމަ އަދި ޑޮކިއުމަންޓް ސައްޙަކަން ދަޢުވާކުރާ ފަރާތަށް ސާބިތުކޮށްދެވެން ނެތް ޙާލަތެއްގައި، އެ ޑޮކިއުމަންޓުގައި ބަޔާންކުރާ މުއާމަލާތާއި އެހެނިހެން ވާޤިޢާތައް ހެކިންގެ ހެކިބަހުން ނުވަތަ އެ ނޫންވެސް ޤަރީނާތަކުން ސާބިތުކޮށް ދިނުމުގެ ފުރުސަތު ދައުވާކުރާ ފަރާތަށް ދޭންވާނެއެވެ.

HN2 ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން ހިމެނެއެވެ.

HN3 ޤާނޫނު ގަބޫލުކުރާ ކޮންޓްރެކްޓެއް ތަންފީޒުކުރެވެނީ އެއްބަސްވުމުގެ ރުކުންތައް ފުރިހަމަވާނަމައެވެ. އެއްބަސްވުމުގެ މުޤާބިލު އަދާކޮށްފައިވޭތޯ ކަށަވަރު ނުކުރެވި އެއްބަސްވުން ސައްޙަކަމުގެ މަތީ ތަންފީޒު ކުރެވިދާނެ ކަމަކަށް ނުދެކެމެވެ.

HN4 ތިންވަނަ ފަރާތެއްގެ ނުފޫޒެއް އޮތް ކަމާމެދު ދަށު ކޯޓާއި އަދި ފަހުން ހައިކޯޓުގައި ބަހުސްކުރެވި ގޮތެއް ކަނޑައަޅާފައި ނުވާނަމަ، އެކަމުގެ މައްޗަށް ސުޕްރީމް ކޯޓުން އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ. ހައިކޯޓުން ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުނު ކަންކަމާއި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށްވާއިރު، ހައިކޯޓުން ގޮތެއް ކަނޑައެޅިފައިނުވާ ކަމަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނޯންނާނެއެވެ.

HN5 ލިޔެކިޔުމުން ފެންނަން އޮތީ ޙަޤީޤަތްކަމަށް ސާފު ނުވާ ޙާލަތުގައި، މުޢާމަލާތުގެ ޙަޤީޤަތް ސާބިތުކޮށް ދިނުމުގެ ގޮތުން ޚަޞްމަކު ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނެގުމަކީ އިންސާފަށްޓަކައި މުހިންމު ކަމެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
އަޙްމަދު ނާޠިމް ޢަބްދުއްސައްތާރު، ދި ލިޓިގެންޓްސް އެލް.އެލް.ޕީ
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
މަޢާޝާ ލުޠުފީ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 20 2022/SC-A/90 ޝަރީޢަތް ނިމުނުގޮތް ސުލްޠާނާ އަޙްމަދު ވ. ފިރުދައުސް ޙަނީފް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ނިމުނު ތާރީޚު 02 މޭ 2024

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2021/HC-A/285 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ފިރުދައުސް ޙަނީފް، ގދ. ރަތަފަންދޫ، ގުމްރީވިލާ، ސުލްޠާނާ އަޙްމަދު، މ. ފާގަތިގެ، މާލެ ޤާނޫނީ ވަކީލު: މަޢާޝާ ލުޠުފީ، އަލިފް ލޯ ޗެމްބަރސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު: އަޙްމަދު ނާޠިމް ޢަބްދުއްސައްތާރު، ދި ލިޓިގެންޓްސް އެލް.އެލް.ޕީ

މަދަނީ – އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުން – މުޤާބިލު އަދާކުރުން - ތަޙުވީލުކުރުން – ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 އަދި 19 ވަނަ މާއްދާ

ފިހުރިސްތު

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް

މ. ފާގަތިގެ، މާލެ، ސުލްޠާނާ އަޙްމަދުގެ1 ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2022/SC-A/90 ޤަޟިއްޔާއިން ބަލާފައިވާ މައްސަލައެވެ. މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ. ރަތަފަންދޫ، ގުމްރީވިލާ، ފިރުދައުސް ޙަނީފް2 އެވެ.

ކަންހިނގާފައިވާ ގޮތުގެ ޚުލާސާ

2ފިރުދައުސް ޙަނީފް އާއި ސުލްޠާނާ އަޙްމަދު އާ ދެމެދު 01 ފެބުރުވަރީ 2020 ގައި ލީސް އެގްރީމެންޓެއްގައި (މީގެ ފަހުން "އެއްބަސްވުން" މިހެން އިޝާރާތް ކޮށްފައިވާ) ސޮއިކުރިއެވެ.

3މި އެއްބަސްވުމަކީ މ. ފާގަތިގެ، ތިންވަނަ ފްލޯރގެ 2 ކޮޓަރީގެ އެޕާޓްމެންޓް (ނަންބަރު 301) އާއި ފަސްވަނަ ފްލޯރގެ 3 ކޮޓަރީގެ އެޕާޓްމެންޓް (ނަންބަރު 502) 15 (ފަނަރަ) އަހަރުގެ ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމާ ގުޅޭ އެއްބަސްވުމެކެވެ.

4އެއްބަސްވުމުގެ 1.1 ވަނަ މާއްދާގައި3 އެޑްވާންސް ފައިސާގެ ގޮތުގައި 1,812,800.00ރ. (އެއްމިލިއަން އަށްލައްކަ ބާރަހާސް އަށްސަތޭކަ ރުފިޔާ) ފިރުދައުސް ޙަނީފް ސުލްޠާނާ އަޙްމަދު އަށް އެއްބަސްވުމުގައި ސޮއިކުރި ތާރީޚުގައި ނަގުދު ފައިސާއިން ("އެޑްވާންސް ފައިސާ") ދައްކާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މި އެޑްވާންސް ފައިސާ އަކީ މަހަކު 10,071.11ރ. (ދިހަހާސް ހަތްދިހަ އެއްރުފިޔާ އެގާރަ ލާރި) ނިސްބަތުން އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 15 (ފަނަރަ) އަހަރަށް ދައްކާފައިވާ ފައިސާއެއް ކަމަށްވެސް އެ މާއްދާގައި ލިޔެފައި އޮވެއެވެ.

5އެއްބަސްވުމުގެ 1.16 ވަނަ މާއްދާގައި އެޕާޓްމަންޓް ޙަވާލުކުރަންޖެހޭ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކޮށް އަދި އެޑްވާންސް ފައިސާ ސުލްޠާނާ އަޙްމަދު އަށް ލިބޭ ތާރީޚުން ފެށިގެން 03 (ތިނެއް) މަސް ދުވަސްކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެއްބަސްވުމުގެ 1.18 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާއިރު އެއްވެސް ފަރާތަކަށް އެޕާޓްމަންޓްތައް ކުއްޔަށް ދޫކޮށްފައި ވާނަމަ، ކުއްޔަކީ ފިރުދައުސް ޙަނީފަށް ޙަވާލު ކުރަންޖެހޭ ފައިސާއެއް ކަމަށެވެ.

6ނަމަވެސް، ސުލްޠާނާ އަޙްމަދު އެޕާޓްމަންޓްތައް ޙަވާލުކޮށްފައި ނުވެއެވެ. އަދި އެއްބަސްވެފައިވާ ކަމަށް ބުނެފައިވާ ގޮތަށް ކުލި ފިރުދައުސް ޙަނީފް އަށް ދައްކާފައިވެސް ނުވެއެވެ.

7މިހެންވެ، ސުލްޠާނާ އަޙްމަދުގެ މައްޗަށް ސިވިލް ކޯޓުގައި ފިރުދައުސް ޙަނީފް ދަޢުވާކުރިއެވެ. އެ މައްސަލަ ބެލީ ސިވިލް ކޯޓުގެ ނަންބަރު 1918/Cv-C/2020 ޤަޟިއްޔާ އިންނެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް

8ފިރުދައުސް ޙަނީފްގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރީ އެއްބަސްވުމުގެ ދަށުން ޙަވާލުކުރަންޖެހޭ އެޕާޓްމަންޓްތައް ޙަވާލުކޮށްފައިނުވާތީ އާއި ކުލި ހޯދުމަށެވެ.

9މި ޤަޟިއްޔާގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، އެޕާޓްމަންޓްތައް ފިރުދައުސް ޙަނީފަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ޙަވާލު ކުރަންޖެހޭ ކަމަށް ނިންމައި، 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަހަކު 50,000/-ރ. (ފަންސާސްހާސް ރުފިޔާ) މަގުން 13 (ތޭރަ) މަހުގެ ކުލި ކަމުގައިވާ 650,000/-ރ. (ހަލައްކަ ފަންސާސްހާސް ރުފިޔާ) ސުލްޠާނާ އަޙްމަދުގެ ފަރާތުން ފިރުދައުސް ޙަނީފް އަށް އަދާކުރަންޖެހޭ ކަމަށް ކަނޑައަޅައި، އެޕާޓްމަންޓް ޙަވާލުކުރުމާ ހަމައަށް މަހަކު 50,000/-ރ. (ފަންސާސްހާސް ރުފިޔާ) ގެ މަގުން ލިބެންޖެހި ނުލިބިވާ ކުލި ހޯދުމަށް ދައުވާކުރުމުގެ ޙައްޤު ފިރުދައުސް ޙަނީފް އަށް ލިބިގެންވާ ކަމަށް ކަނޑައަޅައެވެ. މިގޮތަށް ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

9.1. އެއްބަސްވުމުގައި ސުލްޠާނާ އަޙްމަދު ސޮއިކުރިކަމާމެދު އިންކާރު ނުކުރާކަން އެނގެން އޮންނަ ކަމާއި، އެއްބަސްވުމުގައި ސުލްޠާނާ އަޙްމަދު ސޮއިކޮށްފައިވަނީ އޭނާގެ ދަރިފުޅު އިބްރާހީމް ޙުނައިނު އަޙްމަދު އޭނާއަށް ޙަޤީޤަތް އޮޅުވާލައިގެން ކަމަށް ބުނެފައިވީ ނަމަވެސް އެކަމުގައި ކޮންޓްރެކްޓާބެހޭ ޤާނޫނާ4 ޚިލާފަށް ފިރުދައުސް ޙަނީފް ކުރި ޢަމަލެއް ސުލްޠާނާ އަޙްމަދު އަށް ބުނެދެވިފައި ނުވާތީވެ، މިއީ ބާޠިލު ކޮންޓްރެކްޓެއް ކަމުގައި ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން؛

9.2. ސުލްޠާނާ އަޙްމަދުގެ ބަހުންވެސް އެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރިކަމާމެދު ދެކޮޅު ހަދާފައިނުވާކަން އެނގެން އޮންނައިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ސޮއިކުރެވޭ އެ ލިޔުމުގައި އޮތް އެއްޗަކާއި، އޭގެ ޙަޤީޤަތް ރަނގަޅަށް ދެނެގަތުމަކީ ސޮއިކުރާ ފަރާތުގެ މައްޗަށް އޮންނާނޭ މަސްއޫލިއްޔަތަކަށް ވާއިރު، ސޮއިކުރި އެތީގައި އޮތް އެއްޗެއް ނޭނގޭކަމަށް ބުނުމަކީ މަސްއޫލިއްޔަތު އަދާނުކުރުމަށް އޮތް ޙުއްޖަތަކަށް ވެގެންނުވާނެ ކަން؛

9.3. އެއްބަސްވުމުގެ ދަށުން ފިރުދައުސް ޙަނީފް ދައްކަންޖެހޭ އެޑްވާންސް ފައިސާ ޙަވާލުކުރިކަން ސާބިތުކުރުމަށް އޭނާގެ ފަރާތުން ޝަފަހީ ހެކިން ހުށަހަޅައި، އެ ފަރާތްތަކުގެ ހެކިބަސް ޝަރީޢަތުން ނަގާފައިވާއިރު، ޝަފަހީ ހެކިންގެ ބަހުންވެސް ފިރުދައުސް ޙަނީފް އެ ފައިސާ ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހީމް ޙުނައިނާ ޙަވާލުކުރި ކަމާއި އަދި އެ ފައިސާ އެ ގޮތުގެމަތިން ލިބުނުކަން ސުލްޠާނާ އަޙްމަދު އަށް އެނގެން އޮންނާތީ އެއްބަސްވުމުގެ 1 ވަނަ މާއްދާ އަށާއި ހެކިންގެ ހެކިބަހަށް ރިޢާޔަތްކޮށް އެ މާއްދާގައި ބަޔާންކުރާ އެޑްވާންސް ފައިސާ އަކީ ސުލްޠާނާ އަޙްމަދު އަށް ނުލިބޭ ނުވަތަ އެ ފަރާތަށް އެ ފައިސާއަށް ވީގޮތެއް ނޭނގޭ ފައިސާއެއް ކަމުގައި ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަން؛

9.4. އެއްބަސްވުމުގެ 1.16 ވަނަ މާއްދާއަށް ބަލާއިރު އެއްބަސްވުމުގެ ދަށުން ފިރުދައުސް ޙަނީފް އާ ޙަވާލުކުރަންޖެހޭ އެޕާޓްމަންޓްތައް ޙަވާލުކުރުމަށް ސުލްޠާނާ އަޙްމަދު އަށް 03 މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު އެއްބަސްވުމުގެ 1.18 ވަނަ މާއްދާއަށް ބެލުމުން އެއްބަސްވުމުގެ ދަށުން ފިރުދައުސް ޙަނީފް ކުއްޔަށްހިފި ތަންތަން އެހެން ފަރާތަކަށް ކުއްޔަށް ދެވިފައިވާނަމަ، އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެ އެޕާޓްމަންޓުތަކުގެ ކުލި ލިބެންވާނީ ފިރުދައުސް ޙަނީފް އަށް ކަން ބަޔާންކޮށްފައިވާތީ، އެއްބަސްވުމުގެ 1.18 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޕާޓްމަންޓްތައް ޙަވާލުކުރުމާ ހަމައަށް ސުލްޠާނާ އަޙްމަދުގެ ފަރާތުން ފިރުދައުސް ޙަނީފް އަށް މަހަކު 50,000/-ރ. (ފަންސާސްހާސް ރުފިޔާ)5 އަދާކުރަންޖެހޭ ކަމާއި އެގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށްވާ 13 (ތޭރަ) މަސް ދުވަހަށް ޖެހޭ 650,000/-ރ. (ހަލައްކަ ފަންސާސްހާސް ރުފިޔާ) އަކީ ޝަރީޢަތުން ނަގައިދެވިދާނެ ފައިސާއެއްކަން؛

9.5. މި މައްސަލައިގައި އެޑްވާންސް ފައިސާ ދެއްކިކަން ސާބިތުކުރުމަކީ ފިރުދައުސް ޙަނީފްގެ މައްޗަށް އޮންނަ ޒިންމާއަކަށް ވެފައި، ދެފަރާތުން ލިޔެކިޔުމުން ވެފައިވާ އެއްބަސްވުމެއްގައި އެޑްވާންސް ފައިސާ ދެއްކިކަން ނުވަތަ ނޫންކަން ސާފުކޮށް ބަޔާންކޮށްފައިވާއިރު އަދި އެއްބަސްވުމުގައި ހިމެނޭ ބައިވެރިން އެއް ޙާޟިރެއްގައި ތިބެ ސޮއިކުރުމަކީ ޤާނޫނަކުން މަނާނުކުރާ ހިނދެއްގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން މަނާވެގެންވާ ކަމެއް ނޫން ކަމާއި، އެއްބަސްވުމުގެ ދަށުން ފައިސާގެ ކަންކަން ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހީމް ހުނައިނު އަޙްމަދު މެދުވެރިވެ ހިނގިކަން އޭނާއަށް އޮޅިފައި ނެތްކަން މި މައްސަލައިގެ ތެރެއިން ސާފުވާކަން؛

9.6. އެއްބަސްވުމުގައި ސުލްޠާނާ އަޙްމަދު ސޮއިކޮށްފައި ވަނިކޮށް މުޤާބިލު އާދާކޮށްފައިވާކަން ސާބިތުކުރުމަށް ދިފާއެއްގެ ގޮތުން އެ ފަރާތުގެ ދަރިފުޅު އިބްރާޙީމް ޙުނައިން އަޙްމަދު މެދުވެރިކޮށް ހިނގި މި މުޢާމަލާތްތަކަކީ އެ ފަރާތަށް ނޭނގި ހިނގި ކަންތައްތަކެއް ކަމުގައި ދެއްކުމަށާއި އަދި އެއްބަސްވުމުގެ މާއްދާތަކުން ސާފުވާ ކަންކަން ނަފީކުރުމަށް ސުލްޠާނާ އަޙްމަދުގެ ފަރާތުން ހުށަހެޅި ޝަފަހީ ހެކިން ހާޟިރުކުރަންޖެހޭ ސަބަބެއް ނެތަތީ އެ ފަރާތްތައް ޝަރީޢަތަށް ހާޟިރުކޮށްފައި ނުވާކަން.

10ސިވިލް ކޯޓުގެ މި ޤަޟިއްޔާ ސުލްޠާނާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

11ސިވިލް ކޯޓުގެ ނަންބަރު1918/Cv-C/2020 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސުލްޠާނާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު2021/HC-A/285 ޤަޟިއްޔާއިން ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށް މައްސަލަ ނިންމިއެވެ. މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށެވެ.

11.1. މި މައްސަލައިގައި ދެފަރާތުގެ ދެމެދު އެއްބަސްވުމެއް ވެފައިވާކަން އެނގޭކަމާއި އެ އެއްބަސްވުމުގެ 1 ވަނަ މާއްދާއަށް ބެލުމުން އެޑްވާންސް ފައިސާ ދައްކާފައިވާކަން ބަޔާންކޮށްފައިވާތީ ސުލްޠާނާ އަޙްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނަގާފައި ނުވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ނަފީ ކުރެވިދާނެފަދަ ހެއްކަކަށް ޝަފަހީ ހެކިންގެ ހެކިބަސް ނުވާނެތީ ކަމަށް ދެކޭތީ އާއި ސިވިލް ކޯޓު ރިޕޯޓުގެ 8 ވަނަ ނުކުތާގައި ސުލްޠާނާ އަޙްމަދުގެ ފަރާތުން ހުށަހަޅަން ބޭނުންވި ހެކިން ހާޟިރު ނުކުރުމަށް ނިންމި ސަބަބުތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވާތީ މި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-A/36 ޤަޟިއްޔާ6 އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ 05 ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޚިލާފަށް ކަމަށް ނުދެކޭކަން.

11.2. މި މައްސަލައަށް ބަލާއިރު އެއްބަސްވުމުގެ 1.1 ވަނަ މާއްދާއަށް ބެލުމުން އެޑްވާންސް ފައިސާ އެއްބަސްވުމުގެ ސޮއިކުރާ ތާރީޚުގައި ޙަވާލުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮތްއިރު، ސުލްޠާނާ އަޙްމަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއްބަސްވުމުގައި ބުނާ އެޑްވާންސް ފައިސާ އޭނާއަށް ލިބިގެންކަމަށް ބުއްދީގެ ހަމަތަކުން ގަބޫލުކުރަންޖެހޭ ކަމަށާއި މީގެ އިތުރުންވެސް ފިރުދައުސް ޙަނީފްގެ ފަރާތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކި ބަހުންވެސް މި މުޢާމަލާތުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހިމް ޙުނައިން އަޙްމަދު އާ ހެކިވެރިން ފައިސާ ޙަވާލުކުރިކަމާއި އެ ފައިސާ އަކީ މ. ފާގަތިގެ އެޕާޓްމަންޓްތައް ކުއްޔަށް ހިފުމަށް ދައްކާފައިވާ ފައިސާ އެއްކަން އެނގެން އޮތްއިރު އެ ފައިސާ ދިންކަން ސުލްޠާނާ އަޙްމަދު އަށް ވެސް އެނގޭކަން ހެކިންގެ ހެކިބަހުން އެނގެން އޮންނަކަން.

12މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބަޔާންކުރެވުނު ގޮތަށް ނިންމުމާ ގުޅިގެން ސުލްޠާނާ އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް

13ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ ސުލްޠާނާ އަޙްމަދުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅައި ވާހަކަ ދައްކާފައި ވެއެވެ.

13.1. ފުރަތަމަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 15، 18 އަދި 21 ވަނަ ޕެރެގްރާފްގައި "އެޑްވާންސް ފައިސާ ދައްކާފައިވާކަން" ސާބިތުވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާއިރު، ޚުޞޫމާތް އުފެދިގެން އުޅެނީ އެ ފައިސާ އޭގެ ޙައްޤުވެރި ފަރާތަށް ލިބުނުތޯ ނުވަތަ ނޫންތޯ ކަމުގައި ވެފައި، އެ ފައިސާ ސުލްޠާނާ އަޙްމަދު އަށް ލިބުނުކަން ސާބިތުނުކޮށް މައްސަލަ ނިންމާފައިވުމުން މުޤާބިލުގެ ރުކުން ފުރިހަމަ ނުވާކަން.

13.2. ދެވަނަ ނުކުތާ އަކީ، ޝަރީޢަތުން ކަންކަން ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން ކިތާބީ (ޑޮކިއުމެންޓަރީ) ހެއްކާއި ޝަފަހީ (އޯރަލް) ހެއްކާއި މި ދެ ވަޞީލަތުގެ ތެރެއިން، ޝަފަހީ ހެއްކަކީ ކިތާބީ ހެއްކަށްވުރެ، ސާބިތުވުމުގެ ބާރުގެ ހައިސިއްޔަތުން ބަލި ވަސީލަތެއް ކަމުގައި ވިއަސް، އިސްތިޤުރާރުވެފައިވާ ޙާލަތްތަކެއްގައި ޝަފަހީ ހެކި ބަލައިގަންނަންޖެހޭނެ ކަމުގައިވާއިރު، އެ ކަންކަމަށް ރިޢާޔަތްނުކޮށް ޝަފަހީ ހެކި ބަލައިނުގަނެ މައްސަލަ ނިންމާފައިވުން.

އިސްތިއުނާފުގެ ތަފްސީލުގައި ދައްކާފައިވާ ވާހަކަތަކުގެ ޚުލާސާ

14މި އިސްތިއުނާފުގެ ތަފްސީލުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު މި އިސްތިއުނާފު ގައި އޮތް ސުވާލުގެ އަސާސް ބިނާވަނީ ސުލްޠާނާ އަޙްމަދުގެ ފަރާތުން ދަށު ކޯޓަށް ހުށަހަޅާފައިވާ ޝަފަހީ ހެކި ބަލައި ނުގަތުމަށް ނިންމާފައިވާ ނިންމުމަށް ކަން އެނގެއެވެ. އަދި ސުލްޠާނާ އަޙްމަދު ދެކޭ ގޮތުގައި ފިރުދައުސް ޙަނީފް އަށް ދަށުކޯޓަށް ޝަފަހީ ހެކި ހުށަހެޅުމަށް ފުރުސަތު ލިބޭހިނދު އޭނާއަށް ވެސް އެ ފުރުސަތު އޮންނަން ވާނޭކަމަށް ދެކޭ ކަމަށެވެ.

15ސުލްޠާނާ އަޙްމަދުގެ ފަރާތުން ހެކި ހުށަހަޅަން ބޭނުންވަނީ އެއްބަސްވުމުގައި ބަޔާންކުރާ އެޑްވާންސް ފައިސާ ނުލިބޭކަން ސާބިތު ކުރުމަށް ކަމަށެވެ. ނަމަވެސް، ފިރުދައުސް ޙަނީފް ދެކޭގޮތުގައި، ސުލްޠާނާ އަޙްމަދު އަށް ފައިސާ ލިބިފައިވާކަން އެއްބަސްވުމުން ފެންނަން އޮންނަ ކަމާއި، ސުލްޠާނާ އަޙްމަދުގެ ޝަފަހީ ހެކިންގެ ހެކިބަސް ނަގާފައިނުވާ ސަބަބު ދަށު ކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ބެލުމުން އެނގޭ ކަމަށެވެ.

16. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި މި ޚުސޫމަތު އުފަންވެފައިވަނީ

1601 ފެބުރުވަރީ 2020 ގައި މ. ފާގަތިގޭގައި ހުންނަ ސުލްޠާނާ އަޙްމަދުގެ ދެ އެޕާޓްމަންޓެއް ފިރުދައުސް ޙަނީފް އަށް ކުއްޔަށް ދިނުމަށް ވެވިފައިވާ އެއްބަސްވުމަކާ ގުޅިގެންކަން އެނގެއެވެ.

17ދަށު ކޯޓަށް ހުށަހެޅުނު ދައުވާ އަކީ، ފިރުދައުސް ޙަނީފަށް އެއްބަސްވެފައިވާ ގޮތަށް އެޕާޓްމަންޓްތައް ޙަވާލު ކޮށްފައިނުވާތީވެ އެޕާޓްމަންޓްތައް ޙަވާލުކުރުމާއި އަދި އެއްބަސްވެފައިވާ ފަދައިން ސުލްޠާނާ އަޙްމަދު އެ އެޕާޓްމަންޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދީފައި ވާނަމަ، ކުއްޔަކީ ފިރުދައުސް ޙަނީފަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ދެކި، ކުލި ހޯދުމަށެވެ. ދަށު ކޯޓަށް ހުށަހެޅުނު ދަޢުވާ އަށް ސުލްޠާނާ އަޙްމަދު އިންކާރުކުރާ މައިގަނޑު ދެ ދިފާޢެއް ކުރިމަތިކުރި އެވެ. ފުރަތަމަ ދިފާޢަކީ، އެއްބަސްވުމުގެ 1.1 ވަނަ މާއްދާގައި ބުނާ އެޑްވާންސް ފައިސާ ސުލްޠާނާ އަޙްމަދު އަށް ނުލިބޭ ކަމަށެވެ. ދެވަނަ ދިފާޢަކީ، އެއްބަސްވުމުގައި ސުލްޠާނާ އަޙްމަދު ސޮއިކުރުވީ އޭނާގެ ދަރިފުޅު އިބްރާޙީމް ޙުނައިން އަޙްމަދު އޮޅުވާލައިގެން ކަމަށް ބުނާބުމުގެ މައްޗަށެވެ.

18ދަށު ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ އެޑްވާންސް ފައިސާ ސުލްޠާނާ އަޙްމަދު އަށް ލިބިފައިވާ ކަމަށެވެ. އަދި އޮޅުވާލުމެއް ފަދަ ކަމެއް އޮތްނަމަ، އެކަމެއްގެ ޙައްލު ހޯދުމަށް ދައުވާކުރަން ޖެހޭނީ ސުލްޠާނާ އަޙްމަދުގެ ދަރިފުޅުގެ މައްޗަށް ކަމަށް ކަނޑައަޅައެވެ. ދަށު ކޯޓުގެ މި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ދަމަހައްޓާފައެވެ.

19މި އިސްތިއުނާފު ގައި ސުލްޠާނާ އަޙްމަދު އެދިފައި ވަނީ މި މައްސަލައިގެ ވާޤިޢާތައް ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ތަޙުވީލު ކުރުން ނުވަތަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ ޤާނޫނު ގަބޫލުކުރާ އެއްބަސްވުމެއް ނޫންކަމަށް ކަނޑައަޅައި ދިނުމަށެވެ.

20އިސްތިއުނާފު ރައްދުވާ ފިރުދައުސް ޙަނީފް އެދިފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާ7 އަށް ރިޢާޔަތްކޮށް މި މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލަ އެއް ނޫންކަމަށް ކަނޑައަޅައި ދިނުން ނުވަތަ މައުޟޫޢީ ގޮތުން މައްސަލަ ކުރިއަށް ގެންދެވޭ ޙާލަތެއްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ނިންމައި ދިނުމަށެވެ. ނަމަވެސް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާ8 ގައި ބުނާ އިޖުރާއީ ނުކުތާއެއް ފިރުދައުސް ޙަނީފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 34 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހަޅާފައި ނުވާކަމަށް މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގައި ނިންމާފައި ވެއެވެ.

މުޤާބިލު އަދާކުރުން

21އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމެކެވެ. އެއްބަސްވުމުގެ 1.1 ވަނަ މާއްދާގައި "އެޑްވާންސް ޕޭމަންޓް" މި ސުރުޚީގެ ދަށުގައި އޮންނަ މާއްދާ ފިޔަވައި އިތުރު އެހެން މާއްދާ އެއްގައި ފައިސާ ނުވަތަ ކުލި ދެއްކުމާ ގުޅޭގޮތުން އެއްބަސްވުމުގައި އޮތްކަމަކަށް ފާހަގަ ނުކުރެވެއެވެ.

22ސުވާލު އުފެދެނީ މި ދެންނެވި އެޑްވާންސް ފައިސާ ފިރުދައުސް ޙަނީފް ދައްކައި ކޮންޓްރެކްޓްގެ މުޤާބިލު އަދާކޮށްފައިވޭތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ. ފިރުދައުސް ޙަނީފް އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށް ސާބިތު ކުރުމަށް ބުނާ ވާހަކައަކީ އެއްބަސްވުމުގެ 1.1 ވަނަ މާއްދާގައި ސުލްޠާނާ އަޙްމަދު އަށް އެޑްވާންސް ފައިސާ ލިބިފައިވާ ކަމަށް ލިޔެފައި އޮންނާތީއެވެ.

23HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޢާރިފް ވ. އެޕޯލޯ ހޯލްޑިންގްސް ޕވޓ.ލޓޑ9 މި ޤަޟިއްޔާގައި ދައުވާކުރާ ފަރާތުން ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމަންޓެއްގެ ސައްޙަ ކަމާމެދު ދަޢުވާލިބޭ ފަރާތުން އިންކާރު ކުރާނަމަ އަދި ޑޮކިއުމަންޓް ސައްޙަކަން ދަޢުވާކުރާ ފަރާތަށް ސާބިތުކޮށްދެވެން ނެތް ޙާލަތެއްގައި، އެ ޑޮކިއުމަންޓުގައި ބަޔާންކުރާ މުއާމަލާތާއި އެހެނިހެން ވާޤިޢާތައް ހެކިންގެ ހެކިބަހުން ނުވަތަ އެ ނޫންވެސް ޤަރީނާތަކުން ސާބިތުކޮށް ދިނުމުގެ ފުރުސަތު ދައުވާކުރާ ފަރާތަށް ދޭންވާނޭ ކަމަށް ފަނޑިޔާރު ޙުސްނުއްސުޢޫދު ފާހަގަކޮށްފައިވެއެވެ.

24ކުރިމަތީގައި މި އޮތް މައްސަލައަށް މި އުޞޫލު ތަތުބީޤު ކުރާއިރު، ސުލްޠާނާ އަޙްމަދު އަށް އެޑްވާންސް ފައިސާ ލިބިފައިވާކަމަށް ލިޔެކިޔުމުން ފެންނަން އޮތީ ޙަޤީގަތްކަމަށް އޭނާ އިންކާރުމުން ދައުވާކުރާ ފަރާތް، ފިރުދައުސް ޙަނީފް ޝަފަހީ ހެކި ހުށަހެޅިއެވެ. އެއީ، މުޙައްމަދު އަނީލް

(ގ. ޑްރީމްއޮފްގާރޑްން) އާއި ޙަސަން ޝިހާމް (ގ. ކުދިރުވާލިގެ) އަދި ޝައްފާން މުޙައްމަދު

(މ. ޗިޅިޔާޖެހިގެ) އެވެ. މި ތިން ހެކިންގެ ބަހުން ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހީމް ޙުނައިނު އަޙްމަދު އާ ފިރުދައުސް ޙަނީފް ފައިސާ ހަވާލު ކުރާކަމަށް ބުނާކަން އެނގެން އޮވެއެވެ. ނަމަވެސް، މި އިން އެއްވެސް ހެކިވެރިއަކު ސުލްޠާނާ އަޙްމަދު އާ ފައިސާ ޙަވާލު ކުރިކަމަށް ބުނެފައިވާކަން ދޭހަ ނުވެއެވެ. މީގެ ތެރެއިން ދެ ހެކިވެރިއަކު ފައިސާ ޙަވާލުކޮށްފައިވާ ތާރީޚަކީ އެއްބަސްވުމުގެ ސޮއިކުރުމުގެ ކުރިން ކަމަށް ބުނެއެވެ. މި ސަބަބާހުރެ ފިރުދައުސް ޙަނީފްގެ ފަރާތުން އިބްރާހީމް ހުނައިން އަޙްމަދު އާ ޙަވާލުކުރަމުން ދިޔަ ފައިސާ އަކީ ކުރިމަތީގައި މި އޮތް މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ ދަށުން ޙަވާލު ކުރަމުންދިޔަ ފައިސާއެއްތޯ އެއީ ސުވާލެކެވެ. މި ބަހުސަކީ ދަށު ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު އޮތް ބަހުސެކެވެ.

25HN2HN3HN5ވުމާއެކު، ލިޔެކިއުމުން ފެންނަން އޮތީ ޙަޤީގަތްކަމަށް ސާފު ނުވެއެވެ. ސުލްޠާނާ އަޙްމަދު އާ އެޑްވާންސް ފައިސާ ޙަވާލު ކުރިތޯ އެއީ ޖަވާބު ނުލިބި އޮތް ސުވާލެކެވެ. ނަތީޖާއެއްގެ ގޮތުން، ޤާނޫނު ގަބޫލުކުރާ ކޮންޓްރެކްޓެއް ތަންފީޒުކުރެވެނީ އެއްބަސްވުމުގެ ރުކުންތައް10 ފުރިހަމަވާނަމަ ކަމުގައި ކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިބްރާހީމް ޚަލީލް ވ. ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)11 މި ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނާތީވެ ކުރިމަތީގައި މި އޮތް މައްސަލައިގައި ކޮންޓްރެކްޓުގެ ރުކުންތައް ފުރިހަމަވޭތޯ އަލުން ބަލައި، އެއްބަސްވުމުގެ މުޤާބިލު ފިރުދައުސް ޙަނީފް ސުލްތާނާ އަޙްމަދު އަށް އަދާކޮށްފައިވޭތޯ ޔަގީން ކުރެވެންޖެހޭ ކަމަށް ދެކެމެވެ. މިކަން ކަށަވަރު ނުކުރެވި އެއްބަސްވުން ސައްޙަކަން މަތީ ތަންފީޒު ކުރެވިދާނެ ކަމަކަށް ނުދެކެމެވެ.

އެހެނިހެން ކަންކަން

26HN4ސުލްޠާނާ އަޙްމަދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތިންވަނަ ފަރާތެއްގެ (ސުލްޠާނާ އަޙްމަދުގެ ދަރިފުޅު އިބްރާހީމް ޙުނައިނު އަޙްމަދު) ނުރަނގަޅު ނުފޫޒެއް އޮވެގެން ކަމަށް ފާހަގަ ކުރެއެވެ. ތިންވަނަ ފަރާތެއްގެ ނޫފޫޒެއް އޮތް ކަމާމެދު ދަށު ކޯޓާއި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަހުސްކުރެވި ގޮތެއް ކަނޑައަޅާފައި ނުވާތީވެ، އެކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މި މަރުޙަލާގައި ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ.12

27ނަމަވެސް، ފެށުނީއްސުރެ ޝަރީޢަތުގެ އެކި މަރުޙަލާގައި ސުލްޠާނާ އަޙްމަދުގެ ފަރާތުން ފާހަގަ ކުރަމުންދާ އެއް ދިފާޢަކީ އޭނާ އެއްބަސްވުމުގައި ސޮއިކުރުވީ އޭނާގެ ދަރިފުޅު އިބްރާހީމް ހުނައިނު އަޙްމަދު އޮޅުވާލައިގެން ކަމުގައެވެ. އަދި މ. ފާގަތިގޭގެ އެކި ބައިތައް ކުއްޔަށްދީގެން އުފެދިފައިވާ ގިނަ މައްސަލަތަކެއް ޝަރީޢަތުގައި ކުރިއަށް ދާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެއެވެ.13 މީގެ ތެރެއިން އެއް މައްސަލައެއްގައި، ކުރިމަތީގައި މި އޮތް މައްސަލައިގައި ހިމެނޭ މ. ފާގަތިގޭގެ 05 ފްލޯގެ 3 ކޮޓަރީގެ އެޕާޓްމަންޓް (އެޕާޓްމަންޓް ނަންބަރު 502) ފިރުދައުސް ޙަނީފް އަށް ކުއްޔަށްދިން ފަހުން އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާ ކަމަށް ފެންނަ ފެނުމުގައި ދޭހަ ވެއެވެ. މިކަން ދޭހަވަނީ އެޕާޓްމަންޓް ނަންބަރު ދިމާވާތީ އެވެ.14 މިއީ އެއް އެޕާޓްމަންޓެއްތޯ ޔަގީންކުރެވި ކުރިމަތީގައި މިއޮތް މައްސަލައިގެ ނަތީޖާއަށް އެކަމުގެ ސަބަބުން ކުރާނެ އަސަރެއް ދެނެގަތުމަކީ ލާޒިމު ކަމެކެވެ. އަދި

މ. ފާގަތިގޭގެ ބައިތައް ކުއްޔަށް ދިނުމާގުޅޭ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލައެއް އުފަންވެފައިވާ ކަމީ ވެސް ފެންނަން އޮތް ޙަޤީގަތެކެވެ.15

28އެހެންކަމުން، މި ޙާލަތުގައި، ސުލްޠާނާ އަޙްމަދުގެ ފަރާތުން މި މުއާމަލާތުގެ ޙަޤީގަތް ސާބިތުކޮށް ދިނުމުގެ ގޮތުން ހުށަހަޅާފައިވާ ޝަފަހީގެ ހެކިންގެ ހެކިބަސް ނެގުމަކީ އިންސާފަށްޓަކައި މުހިންމު ކަމެއް ކަމުގައި ފެނެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް

29އިސްވެ ދެންނެވުނު ކަންކަމުގެ މައްޗަށް ބިނާކޮށް މި މައްސަލައިގެ ވާޤިޢާތައް ހުށަހެޅިފައިވާ ކަންކަމުގެ އަލީގައި އަލުން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 އަދި 19 ވަނަ މާއްދާ އާ ޙަވާލާދެވި ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ތަޙުވީލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

30މިގޮތުން މި މައްސަލަ ތަޙުވީލު ކުރެވޭއިރު، އެއްބަސްވުމުގައި ބަޔާންކުރާ މުޤާބިލް ސުލްޠާނާ އަޙްމަދު އަށް އަދާކޮށްފައިވޭތޯ ކަށަވަރު ކުރުމާއެކު، އޭނާ މި މައްސަލައިގައި ދަށު ކޯޓުގައި ޙާޟިރުކުރުމަށް އެދުނު ހެކިންގެ ހެކިބަސް ހޯދަންޖެހޭ ކަމަށް ދެކެމެވެ.

31މި ނަތީޖާއަށް ވާސިލުވުމާއެކު ސިވިލް ކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމާއި އަދި އެ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ބާތިލު ކުރަންޖެހޭ ކަމަށް އަހުރެން ދެކެމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު

1918/Cv-C/2020 ޤަޟިއްޔާގެ ޙުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/285 ޤަޟިއްޔާގެ ޙުކުމް ބާތިލުކޮށް، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި މި މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 އަދި 19 ވަނަ މާއްދާ އާ ޙަވާލާދީ، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

މަޙާޒު ޢަލީ ޒާހިރު

ފުޓްނޯޓު

  1. Advance Payment: MVR 1,812,800.00(One Million Eight Hundred Twelve Thousand Eight Hundred), (at the rate of MVR 10,071.11 per month for a period of 15 years). MVR 1,812,800.00 (One Million Eight Hundred Twelve Thousand Eight Hundred) is paid in cash on the date of signing the Contract.
  2. ޤާނޫނު ނަންބަރު 91/4
  3. 2020 ގެ ފެބުރުވަރީ، މާރިޗު އަދި އެޕްރީލް މަހު ކުލީގެ ގޮތުގައި 40,000/-ރ. (ސާޅީސްހާސް ރުފިޔާ) އަދި އެންމެ ފަހުން 2020 ގެ މޭ މަހު ކުލީގެ ގޮތުގައި 50,000/-ރ. (ފަންސާސްހާސް ރުފިޔާ) ފިރުދައުސް ޙަނީފަށް ލިބިފައިވާތީ، ސިވިލް ކޯޓުން 50,000/-ރ. (ފަންސާސްހާސް ރުފިޔާ) މަހު ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ ފިރުދައުސް ޙަނީފަށް އެންމެ ފަހުން ލިބިފައިވާ ކުލީގެ ޢަދަދަށް ބަލައިގެންކަން ސިވިލް ކޯޓުގެ ޝަރީޢަތްނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
  4. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން
  5. ޤާނޫނު ނަންބަރު 2021/32 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ (i)
  6. އބމ
  7. 2017/SC-A/40
  8. ޤާނޫނު ޤަބޫލުކުރާ ނުވަތަ ޤާނޫނު ބާރުދޭ ކޮންޓްރެކްޓެއްގައި ހިމެނޭ ރުކުންތަކަކީ (1) ހުށަހެޅުން، (2) ޤަބޫލުކުރުން، (3) މުޤާބިލް ދިނުން، (4) ޤާނޫނީ ގޮތުން ބަނދެވޭ ގުޅުމެއް އުފެއްދުމުގެ ނިޔަތް އޮތުން، (5) ކޮންޓްރެކްޓް އުފެއްދުމުގެ ޤާބިލިއްޔަތު ހުރުން އަދި (6) ރުހުން އޮތުން ހިމެނެއެވެ.
  9. ސުޕްރީމް ކޯޓުގެ ނަންބަރު 2016/SC-A/16 ޤަޟިއްޔާ، 16 ވަނަ ޕެރެގްރާފް.
  10. ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާނީ ފުރަތަމަ މަރުޙަލާގެ ކޯޓުގައި ހުށަހެޅުނު ކަންކަމާއި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެން ކަމަށްވާއިރު، މި އާންމު ހަމައިން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅިފައިނުވާ ކަމަކަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނޯންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/77 (ދިވެހި ދައުލަތް (އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް) ވ. ހެލްތް އެންޑް ގްލޯ ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާ އަށާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބެލުމުން އެނގެއެވެ.
  11. އިސްތިއުނާފް ފޯމުގެ 5.2
  12. ސިވިލް ކޯޓުގެ ނަންބަރު 1580/Cv-C/2021 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތް.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ