ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- (OTHR)95-B1/196/2025/7، 2024/HC-A/140، 2024/HC-A/141، 2024/HC-A/142، 2024/HC-A/143، 2024/HC-A/144، 2024/HC-A/145، 2024/HC-A/146، 1168/Cr-C/2017، 1169/Cr-C/2017، 1216/Cr-C/2017، 1217/Cr-C/2017
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މީހަކު މެރުމުގެ ދަޢުވާތައް ކްރިމިނަލް ކޯޓުގައި ސާބިތުނުވުމުން ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓަށް އިސްތިއުނާފުކޮށް ބަންދަށް އެދުނެވެ. ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމުމުން އެ ނިންމުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
- ވާޤިޢާ
- 2017 ވަނަ އަހަރު ވަޅިން ޙަމަލާދީ މީހަކު މެރުމާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ދަޢުވާކުރިއެވެ. ސީ.ސީ.ޓީ.ވީ ފުޓޭޖް ހެކީގެ ގޮތުގައި ބަލައިނުގަތުމުން ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމިއެވެ. އިސްތިއުނާފު ކާމިޔާބުވުމުގެ އިޙްތިމާލު ބޮޑުކަން ނުދައްކާތީ ހައިކޯޓުން ބަންދަށް އެދުން ޤަބޫލުނުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމް ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފުކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދުމުން، އިސްތިއުނާފު ކާމިޔާބުވުމުގެ އިޙްތިމާލަށް ބަލައި ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމުމަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ޕްރޮސިކިއުޓަރ ޖެނެރަލް ބުނީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 49 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާގެ ދަށުން ފުރަތަމަ ބަލަންޖެހޭނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ކަމަށާއި، އިސްތިއުނާފު ކާމިޔާބުވުމުގެ އިޙްތިމާލަށް ބެލުމަކީ ޤާނޫނުގައި ބުނާ ކަމެއް ނޫން ކަމަށް އަޣްލަބިއްޔަތު ބުންޏެވެ. ޚިލާފު ރައުޔުގައި ބުނީ ކުށްކުރި މީހުންގެ އައިޑެންޓިޓީ ކަނޑައެޅިފައި ނުވާ ކަމަށެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުގެ (OTHR)95-B1/196/2025/7 ގައި ނިންމި ނިންމުން ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައި ބާޠިލުކޮށް، މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާއާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް މައްސަލަތައް ހައިކޯޓަށް ތަޙްވީލުކުރި. އަޣްލަބިއްޔަތުން؛ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ޚިލާފު ރައުޔެއް ދެއްކެވި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކުށް ސާބިތު ނުވެގެން އިސްތިއުނާފު ކުރާ މައްސަލަތަކުގައި ބަންދާމެދު ގޮތެއް ނިންމުމުގައި އެންމެ ފުރަތަމަ ބަލަންވާނީ ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރިތޯއެވެ. ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ނެތްނަމަ އެމީހަކު ބަންދުގައި ނުބެހެއްޓޭނެއެވެ. އެމީހެއްގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރިނަމަ ދެން ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮވެގެން ނޫނީ އެމީހަކު ބަންދުގައި ބަހައްޓަން ނުނިންމޭނެއެވެ. ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މިއުޞޫލު މިހާރު މިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙުގައި ބަޔާންކޮށްފައެވެ.
HN2 ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފުކޮށް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން އެދުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާގޮތުން، ބަންދާމެދު ގޮތެއް ނިންމުމުގައި ހައިކޯޓުން ފުރަތަމަ ބަލަން ޖެހޭނީ އެމީހަކު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށް ޤާނޫނުގައި ބުނާ ދެޙާލަތުންކުރެ ޙާލަތެއް ވުޖޫދުގައި އޮތްތޯ ބަލަން ޖެހެނީ އެމީހަކު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމައެވެ.
HN3 ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލުމުގެ ކުރިން، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބު ވުމުގެ އިޙްތިމާލު، ނުވަތަ ދަށުކޯޓުގެ ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ބޮޑުކަން ދައްކުވައިދޭ ސަބަބެއް އޮތްތޯ ބެލުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ކުރަން ބުނެފައިވާ ކަމެއް ނޫނެވެ.
HN4 ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާމެދު އެކޯޓުން ނިންމި ގޮތާއި ރިޢާޔަތްކުރި ކަންތައްތަކަށް ފުންކޮށް ބަލައިގެން ނޫނީ މި ކަމަށް ގޮތެއް ނިންމޭނެ ކަމާމެދު ސުވާލު އުފެދެއެވެ. ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާމެދު އެކޯޓުން ނިންމި ގޮތާމެދު ސުވާލު އުފައްދައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވާއިރު، ބަންދާމެދު ގޮތެއް ނިންމާ މަރުޙަލާގައި ދަށުކޯޓުން ހެކިތަކާމެދު ނިންމާފައިވާ ކަންކަމަށް ރިޢާޔަތް ކުރެވިދާނެ ކަމަށް ނުދެކެމެވެ.
HN5 އިސްތިއުނާފީ މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމާނޭގޮތުގެ ތަފްސީލީ އިޖުރާއަތެއް ޤާނޫނުގައި މިވަނީ ލިޔެވިފައެވެ. ކަންކުރަންވީ ގޮތުގެ ތަފްސީލެއް ޤާނޫނުގައި ލިޔެފައިވާއިރު، ޤާނޫނުގައި ކުރަން ބުނެފައިވާ ކަންކަމުގެ އިތުރުން، ކުރަން ބުނެފައި ނެތް ކަމެއް ކުރެވޭނެ ކަމަށް ނުދެކެމެވެ. އެހެން އެކަން ކުރާނަމަ ޤާނޫނުން ޙާޞިލުކުރަން ބޭނުންވި މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެއެވެ.
HN6 ހައިކޯޓުން ކުރަންޖެހޭ ކަމަކީ ފުރަތަމަ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލުމެވެ. އެމިންވަރަށް ހެކި ނެތްނަމަ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ނިންމަންޖެހެއެވެ. ހެކި ހުރިނަމަ، ދެން ބަލަންޖެހޭނީ ބަންދުގައި ބަހައްޓަންޖެހޭކަމަށް ޤާނޫނުގައި ބުނެފައިވާ ސަބަބެއް އޮތްތޯއެވެ. ސަބަބެއް ނެތްނަމަ ބަންދުގައި ބެހެއްޓެން ނެތް ކަމަށް ނިންމާނީއެވެ. ސަބަބެއް އޮތްނަމަ ބަންދުގައި ބަހައްޓަން ނިންމާނީއެވެ. ބަންދުގައި ބަހައްޓަން ނިންމާ ޙާލަތުގައި ކަފާލަތުގެ ދަށުން ޤާނޫނުގައިވާ ގޮތުގެ މަތީން ބަންދުން ދޫކޮށްދިނުމަށް އެދުމުގެ އިޚްތިޔާރު ޤާނޫނުން އެމީހަކަށް ލިބިދެއެވެ.
HN7 މި އިޖުރާއަތު މިގޮތުގައި ކުރިއަށް ގެންދިޔުމުން، މުޖުތަމަޢުގެ ޙައްޤާއި ތުހުމަތު ކުރެވޭ މީހާގެ ޙައްޤު އެއްހަމަކޮށް ތަވާޒުނުކޮށް ގެންދެވޭނެއެވެ. ޙުކުމް ކުރުމުގެ ކުރިން އިސްތިސްނާ ގޮތެއްގައި ނޫނީ މީހަކު ބަންދުގައި ނުހުންނާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މަރްޔަމް ޝަހުމާ، އަޙްމަދު ނައުފަލް
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މުޙައްމަދު ނިޝާން، މުޙައްމަދު ރާޣިބް އަޙްމަދު، ނިޝާން އެންޑް ހިލްމާ ލޯ ޗެމްބާރސް، ދަ ލީގަލް ޗެމްބަރ އެލް.އެލް.ޕީ
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. މުޙައްމަދު އިބްރާހީމް
- ޚިލާފު ރައުޔު
- ޢާއިޝާ ޝުޖޫން މުޙައްމަދު
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޝަރީޢަތް ނިމުނުގޮތް ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 28 އޭޕްރިލް 2025
އިސްތިއުނާފު ކުރެވުނު ނިންމުން (OTHR)95-B1/196/2025/7 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. އުޘްމާން ޝަރީފް، މ. ދިމިޝްޤު، މާލެ
2ޙަސަން މަޙްފޫޡް، ވެސްޓްވިލާ، ސ. ފޭދޫ
3އަޙްމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ
4މުޙައްމަދު ސާޒް، ގުލްފާމްގެ، ތ. ކިނބިދޫ
5އަފްރާޙް ޢަބްދުއްރައްޒާޤު، މ. ލޮނިމިދިލިގެ،
ޤާނޫނީ ވަކީލު:
މުޙައްމަދު ނިޝާން، ނިޝާން އެންޑް ހިލްމާ ލޯ ޗެމްބަރސް
6ސިމާޙު މޫސާ، ދަފްތަރު ނަންބަރު ދރ 1746
7ޖުނައިހު ޢަބްދުﷲ، ނަންނާރިގެ، ތުނޑި، ލ. ގަން ޕްރޮސިކިއުޓަރ ޖެނެރަލް
ޤާނޫނީ ވަކީލު:
ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރ މަރްޔަމް ޝަހުމާ
ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ނައުފަލް ޤާނޫނީ ވަކީލު:
މުޙައްމަދު ރާޣިބް އަޙްމަދު، ދަ ލީގަލް ޗެމްބަރ އެލް.އެލް.ޕީ
ޖިނާއީ – ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް – ޤާނޫނުއަސާސީގެ 49 އަދި 143 ވަނަ މާއްދާ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާ
ފިހުރިސްތު
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1މި މައްސަލަތަކަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B1/196/2025/7 ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހަތް މީހެއްގެ މައްޗަށް ހުށަހެޅި ހަތް މައްސަލައެކެވެ. މި ހަތް މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، މާލެ، މ. ދިމިޝްޤު، އުޘްމާން ޝަރީފް1 އާއި، ދަފްތަރު ނަންބަރު ދރ 1746، ސިމާޙު މޫސާ2 އާއި، ސ. ފޭދޫ، ވެސްޓްވިލާ، ޙަސަން މަޙްފޫޡް3 އާއި، ލ. ގަން، ތުނޑި، ނަންނާރިގެ، ޖުނައިހު ޢަބްދުﷲ4 އާއި، ޅ. ކުރެންދޫ، އަސުރުމާގެ، އަޙްމަދު ޒަޔާން5 އާއި، ތ. ކިނބިދޫ، ގުލްފާމްގެ، މުޙައްމަދު ސާޒް6 އާއި، މާލެ، މ. ލޮނިމިދިލިގެ، އަފްރާޙް ޢަބްދުއްރައްޒާޤު7 (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް" ކަމަށް ބުނެފައިވާ) މި ފަރާތްތަކެވެ.
ކަންހިނގާފައިވާ ގޮތް
231 ޖުލައި 2017 ދުވަހު 21:15 އެހައިކަށްހައިއިރު، ކ. މާލެ ހަދީބީމަގުގައި ހުންނަ ލިޓަސް ސަރވިސް ސެންޓަރު ކައިރީ މަގުމަތީގައި ސައިކަލެއްގެ މަތީގައި ރ. މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސް އިންދާ، ބަޔަކު ސައިކަލުތަކެއްގައި އެތަނަށް ދިޔަ ވަގުތު، މުޙައްމަދު އަނަސް ދުވެފައި ގޮސް ލިޓަސް ސަރވިސް ސެންޓަރުގެ ތެރެއަށް ވަނުމުން، އެމީހުންގެ ތެރެއިން 4 މީހަކު ވަޅިތަކެއް ހިފައިގެން މުޙައްމަދު އަނަސްގެ ފަހަތުން އެތަނަށް ވަދެ، މުޙައްމަދު އަނަސްއަށް ވަޅިން ޙަމަލާދިނުމުން، އެޙަމަލާތަކުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، އެދުވަހުގެ 21:55 އެހައިކަށްހައިއިރު، މުޙައްމަދު އަނަސް ނިޔާވެފައިވެއެވެ. މި ހާދިސާ ގުޅިގެން ޤާނޫނު ނަންބަރު: 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އުޘްމާން ޝަރީފްއާއި، އަޙްމަދު ޒަޔާން އާއި، އަފްރާޙް ޢަބްދުއްރައްޒާޤުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅިއެވެ. އަދި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން ސިމާޙު މޫސާއާއި، ޙަސަން މަޙްފޫޡްއާއި، ޖުނައިހު ޢަބްދުﷲ އާއި، މުޙައްމަދު ސާޒްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅިއެވެ. އެމައްސަލަތައް ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 1168,1169,1216,1217/Cr-C/2017 ޤަޟިއްޔާތަކުންނެވެ.
3މި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. އެ ނިންމުމަށް ވާސިލުވި މައިގަނޑު ސަބަބަކީ، ކުށްކުރިކަން ދަލާލަތުކޮށްދޭ އެންމެ މުހިއްމު ހެކި ކަމުގައިވާ ސީ.ސީ.ޓީ.ވީ ފުޓޭޖް ހެކީގެ ގޮތުގައި ބަލައިނުގަތުން ކަމަށާއި، އޭގެ އިތުރުން މި މައްސަލާގައި ހުށަހަޅާފައިވާ ކޯލް ޑީޓެއިލްސް ޗާޓާއި، އިންޓެލިޖެންސް ރިޕޯޓުތަކާއި، ތަހްޤީޤު ރިޕޯޓުތަކަށް އެއްވެސް ބުރަދަނެއް ނުދެވޭނެކަމަށް ނިންމަވާފައިވުމުން ކަމަށް ދައުލަތުން ބުނެފައިވެއެވެ.
4ކްރިމިނަލް ކޯޓުގެ ނަންބަރު 1168,1169,1216,1217/Cr-C/2017 ޤަޟިއްޔާތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލަތައް ހައިކޯޓުގައި ބަލަމުންދާ އެ ކޯޓު ނަންބަރު
2024/HC-A/140,141,142,143,144,145,146 ޤަޟިއްޔާތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އެދިފައިވެއެވެ.8 މި ފަދައިން އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ޙާލަތުކަމުގައިވާ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވުން އަދިވެސް ވުޖޫދުގައި އޮތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭތީ ކަމަށް ބުނެފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
5ޝަރީޢަތް ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން ހައިކޯޓުގެ ނަންބަރު
(OTHR)95-B1/196/2025/7 ނިންމުމުން އެ ކޯޓުން ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް އިސްތިއުނާފީ މަރުޙަލާގެ ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ ޙާލަތެއް މިވަގުތު ނެތްކަމަށެވެ. މިފަދައިން ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށެވެ.
5.1. ދަށު ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ބަންދާމެދު ގޮތް ނިންމުމާއި، އިސްތިއުނާފީ މަރުޙަލާގައި ބަންދާމެދު ގޮތް ނިންމުމުގައި ފަރަޤުތަކެއް ހުންނަ ކަމާއި، އޭގެ ތެރެއިން އެންމެ ބޮޑު ފަރަޤަކީ، ދަށު ކޯޓުން ބަންދާމެދު ގޮތެއް ނިންމާހިނދު ނިންމަނީ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ނުވަތަ އެ ތުހުމަތު ސާބިތުކުރުމުގެ ގޮތުން ދައުލަތުން ކުރާ ދަޢުވާއާ ގުޅިގެން ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ބާރުދޭ ހެކިހުރުމުގެ މައްޗަށާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް އޮތުމުގެ މައްޗަށް ކަމާއި، މި މައްސަލައިގައި ދަޢުވާކުރެވުނު ކުށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ސާބިތު ނުވާކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާކަން ދެނެގަނެ ހުރުމަކީ އިސްތިއުނާފީ މަރުޙަލާގައި މުހިއްމު ކަމެއްކަން؛
5.2. ކުށެއް ސާބިތުނުވާކަމަށް ކަނޑައަޅާފައިވާ ހިނދެއްގައި އިސްތިއުނާފަށް އެފަދަ މައްސަލައެއް ހުށަހެޅުމަކީ، ނުވަތަ އިސްތިއުނާފީ ކޯޓަކަށް މައްސަލައެއް ބަލައިގަނެ އެ މައްސަލަ ކުރިއަށް ގެންދިއުމަކީ އެ ސަބަބުގެ މައްޗަށް ރިޢާޔަތްކޮށް އެދިފައިވާފަދަ އަމުރެއް ނެރެންޖެހޭ ހަރުދަނާ ސަބަބެއް ނޫންކަމާއި، ދަށުކޯޓުގެ ޙުކުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބަޔާންކޮށްފައިވާ ފަދައިން ފާހަގަކޮށްލެވޭ ބޮޑެތި އަދި ހަރުދަނާ ސަބަބުތަކެއް ނުވަތަ ދަށު ކޯޓުން ހަދާފައިވާ ގޯސްތަކެއް ހުރިކަން އެނގެން އޮތުމަކީ މައްސަލައިގައި އެދިފައިވާފަދަ ބަންދުކުރުމުގެ އަމުރެއް ނެރުމަށްޓަކައި ކޮންމެހެން ފާޅުވެ އޮންނަންވާނެ ކަމެއްކަން؛
5.3. އިސްތިއުނާފީ ކޯޓަކުން މައްސަލަ ބަލައިގެންފައި ވީނަމަވެސް އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު9 ގެ 43 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާ މައްސަލައެއް ކަމަށް ނިންމުމަކީވެސް އެކަށީގެންވާ ކަމެއް ކަމާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ10 އަކީ މިފަދަ ޤަޟިއްޔާއެއް ކަމާއި، އެހެންކަމުން އިސްތިއުނާފީ ކޯޓެއްގެ ރަޖިސްޓްރީކޮށްގެން ޝަރީޢަތް ހިންގުމަކީ ދަށު ކޯޓުގެ ޙުކުމް ބަދަލުވުމުގެ ނުވަތަ މައްސަލަ ކާމިޔާބުވުމުގެ ފުރުޞަތު ބޮޑުކަން ދައްކުވައިދޭ ކަމެއްކަމުގައި ނުވެދާނެކަން.
6ހައިކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު
7ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވަނީ އެއް ނުކުތާއެވެ. އެއީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނު11 ގެ 199 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8މަތީގައި އެވާ އިސްތިއުނާފީ ނުކުތާ ހުށަހެޅުމަށްފަހު ދައުލަތުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތަކުގައި ނިންމާފައިވާ ނިންމުން ބާޠިލުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކޮށްދިނުމަށެވެ.
9އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެކޭގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތަކުގައި ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ ސަބަބެއް ނެތެވެ.
10HN1ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާން ވެގެންވަނީ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ވާހަކައެވެ. ކުށް ސާބިތު ނުވެގެން އިސްތިއުނާފު ކުރާ މައްސަލަތަކުގައި، ބަންދާމެދު ގޮތެއް ނިންމުމަށް ދައުލަތުން އެދޭ ޙާލަތުގައި، ބަންދާމެދު ގޮތެއް ނިންމުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ގިނަ ޤަޟިއްޔާތަކެއްގައި ގޮތް ކަނޑައަޅާފައިވެއެވެ. އޭގެތެރޭގައި އެންމެ މުހިއްމު ޤަޟިއްޔާއަކީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް12 ޤަޟިއްޔާއެވެ. މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް13 ޤަޟިއްޔާއާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހިމް ސައްމާޙް އަޙްމަދު ފަތުޙީ (2)14 ޤަޟިއްޔާ ހިމެނެއެވެ. މި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ މައިގަނޑު އުޞޫލަކީ އެންމެ ފުރަތަމަ ބަލަންވާނީ ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރިތޯއެވެ. ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ނެތްނަމަ އެމީހަކު ބަންދުގައި ނުބެހެއްޓޭނެއެވެ. އެމީހެއްގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރިނަމަ ދެން ބަލަންޖެހޭނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެގެންވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް އޮތްތޯއެވެ. އެއިން ސަބަބެއް އޮވެގެން ނޫނީ އެމީހަކު ބަންދުގައި ބަހައްޓަން ނުނިންމޭނެއެވެ. ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމުގައި ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު15 ގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެއެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ މިއުޞޫލު މިހާރު މިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖިނާއީ އިޖުރައާތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާޙުގައި ބަޔާންކޮށްފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙު
11ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންވެގެންވަނީ، ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފުކުރުމުގެ އިޖުރާއަތެވެ. އެމާއްދާގެ (ހ) ގައި ބަޔާންވެގެންވަނީ، ކުށް ސާބިތުނުވާކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭކަމަށް މައްސަލަ ބެލި ކޯޓުން ކުރާ ޙުކުމް އިސްތިއުނާފުކުރުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާކަމަށެވެ.
12އެމާއްދާގެ (ށ) ގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ.
"މި މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފުކުރާއިރު، ކުށުގެ ދަޢުވާ ލިބުނު މީހާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަކީ މި ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ކަމަށްވެފައި، އަންނަނިވި ޙާލަތްތައް ވުޖޫދުގައިވާނަމަ، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރަކަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވެއެވެ.
1- އޭނާ ބަންދުން ދޫކޮށްލައިފިނަމަ މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން؛
2- އޭނާ ފުރުން މަނާނުކޮށްފިނަމަ މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތު މެދުވެރިވެދާނެ ކަމަށް އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދި ހުށަހެޅުން."
13ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމާއިރު ކަންކުރަންވީ ގޮތުގެ އިޖުރާއަތު އެމާއްދާގެ (ނ)، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ނ)ގައި ބަޔާންވެގެންވަނީ؛
"މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން އެ ހުށަހެޅުން ނިސްބަތްވާ މީހާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ނިންމަންވާނީ، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ޙާލަތެއްގައި، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެ ކަމަށް ޤަބޫލުކުރެވިއްޖެ ޙާލަތެއްގައެވެ.
1- އޭނާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
2- އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
3- އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން."
14އެމާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ؛
"މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމުމުގައި، އެ ހުށަހެޅުން ނިސްބަތްވާ މީހާގެ މައްޗަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތްނަމަ، އަދި މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްވެސް ސަބަބެއް ނެތްނަމަ، ދަޢުވާ ލިބުނު ފަރާތް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެގެންނުވާނެއެވެ."
15އެމާއްދާގެ (ބ) ގައި ބަޔާންވެގެންވަނީ؛
"މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ ހުށަހެޅުން ނިސްބަތްވާ މީހާ ބަންދުގައި ބެހެއްޓުމަށް މި މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކޯޓުން ނިންމައިފިނަމަ، މި ޤާނޫނުގެ 1-201 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެ ކޯޓުގައި އެދުމުގެ އިޚްތިޔާރު އެ ހުށަހެޅުން ނިސްބަތްވާ މީހާއަށް ލިބިގެންވެއެވެ."
މި މައްސަލައަށް ޤާނޫނު ތަޠުބީޤު ކުރުން
16HN2ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފުކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން އެދުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާގޮތުން، ބަންދާމެދު ގޮތެއް ނިންމުމުގައި ހައި ކޯޓުން ފުރަތަމަ ބަލަން ޖެހޭނީ އެމީހަކު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށް ޤާނޫނުގައި ބުނާ ދެޙާލަތުންކުރެ ޙާލަތެއް ވުޖޫދުގައި އޮތްތޯ ބަލަން ޖެހެނީ އެމީހަކު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމައެވެ.
17HN3މި މައްސަލާގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލުމުގެ ކުރިން ހައިކޯޓުން އިތުރު ކަމަކަށް ބަލައި ރިޢާޔަތް ކޮށްފައިވެއެވެ. އެއީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް މައްސަލަ ކާމިޔާބު ވުމުގެ އިޙްތިމާލު، ނުވަތަ ދަށުކޯޓުގެ ޙުކުމް ބަދަލުވުމުގެ އިޙްތިމާލު ބޮޑުކަން ދައްކުވައިދޭ ސަބަބެއް އޮތްތޯ ބެލުމެވެ. މިއީ ޤާނޫނުގައި މިމަރުޙަލާގައި ކުރަން ބުނެފައިވާ ކަމެއް ނޫނެވެ.
18HN4ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާމެދު އެކޯޓުން ނިންމި ގޮތާއި ރިޢާޔަތްކުރި ކަންތައްތަކަށް ފުންކޮށް ބަލައިގެން ނޫނީ މި ކަމަށް ގޮތެއް ނިންމޭނެ ކަމާމެދު ސުވާލު އުފެދެއެވެ. އަދި ދަށުކޯޓަށް ހުށަހެޅުނު ހެކިތަކާމެދު އެކޯޓުން ނިންމި ގޮތާމެދު ސުވާލު އުފައްދައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައިވާއިރު، މި މަރުޙަލާގައި ދަށުކޯޓުން ހެކިތަކާމެދު ނިންމާފައިވާ ކަންކަމަށް ރިޢާޔަތް ކުރެވިދާނެ ކަމަށް ނުދެކެމެވެ. މި މައްސަލައަށް ބަލާއިރު، ކުށްކުރިކަން ދަލާލަތުކޮށްދޭ އެންމެ މުހިއްމު ހެކި ކަމުގައިވާ ސީ.ސީ.ޓީ.ވީ ފުޓޭޖް، ޗެއިން އޮފް ކަސްޓަޑީ ނެތިގެން ހެއްކެއްގެ ގޮތުގައި ބަލައިގެންފައި ނުވުމާއި، އޭގެ އިތުރުން މި މައްސަލާގައި ހުށަހަޅާފައިވާ ކޯލް ޑީޓެއިލްސް ޗާޓާއި، ތަޙްޤީޤު ރިޕޯޓުތަކަށް އެއްވެސް ބުރަދަނެއް ނުދެވޭނެކަމަށް ނިންމަވާފައިވާއިރު، އެއީ ވުޖޫދުގައި ނެތް އެއްޗިހިތަކެއް ކަމަށް ބަލައިގެން ގޮތެއް ނިންމޭ ގޮތަށް އޮތުމަކީ ޢަދުލު އިންސާފަށް ހުރަސްނޭޅި ނުދާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގެ މަޞްލަޙަތަށް އުނިކަން އައުމުގެ އިޙްތިމާލު އެބައޮތެވެ.
19HN5އިސްތިއުނާފީ މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމާނޭގޮތުގެ ތަފްސީލީ އިޖުރާއަތެއް ޤާނޫނުގައި މިވަނީ ލިޔެވިފައެވެ. ކަންކުރަންވީ ގޮތުގެ ތަފްސީލެއް ޤާނޫނުގައި ލިޔެފައިވާއިރު، ޤާނޫނުގައި ކުރަން ބުނެފައިވާ ކަންކަމުގެ އިތުރުން، ކުރަން ބުނެފައި ނެތް ކަމެއް ކުރެވޭނެ ކަމަށް ނުދެކެމެވެ. އެހެން އެކަން ކުރާނަމަ ޤާނޫނުން ޙާޞިލުކުރަން ބޭނުންވި މަޤްޞަދު ޙާޞިލުނުވެ ހިނގައިދާނެއެވެ.
20HN6މި މައްސަލާގައި ހައިކޯޓުން ކުރަންޖެހޭ ކަމަކީ ފުރަތަމަ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލުމެވެ.16 އެމިންވަރަށް ހެކި ނެތްނަމަ ބަންދުގައި ނުބެހެއްޓޭނެ ކަމަށް ނިންމަންޖެހެއެވެ. ހެކި ހުރިނަމަ، ދެން ބަލަންޖެހޭނީ ބަންދުގައި ބަހައްޓަންޖެހޭކަމަށް ޤާނޫނުގައި ބުނެފައިވާ ސަބަބެއް އޮތްތޯއެވެ. ސަބަބެއް ނެތްނަމަ ބަންދުގައި ބެހެއްޓެން ނެތް ކަމަށް ނިންމާނީއެވެ. ސަބަބެއް އޮތްނަމަ ބަންދުގައި ބަހައްޓަން ނިންމާނީއެވެ. ބަންދުގައި ބަހައްޓަން ނިންމާ ޙާލަތުގައި ކަފާލަތުގެ ދަށުން ޤާނޫނުގައިވާ ގޮތުގެ މަތީން ބަންދުން ދޫކޮށްދިނުމަށް އެދުމުގެ އިޚްތިޔާރު ޤާނޫނުން އެމީހަކަށް ލިބިދެއެވެ.
21HN7މި އިޖުރާއަތު މިގޮތުގައި ކުރިއަށް ގެންދިޔުމުން، މުޖުތަމަޢުގެ ޙައްޤާއި ތުހުމަތު ކުރެވޭ މީހާގެ ޙައްޤު އެއްހަމަކޮށް ތަވާޒުނުކޮށް ގެންދެވޭނެއެވެ. ޙުކުމް ކުރުމުގެ ކުރިން އިސްތިސްނާ ގޮތެއްގައި ނޫނީ މީހަކު ބަންދުގައި ނުހުންނާނެއެވެ. ހެކި ނައްތާލުން ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުންފަދަ ކަމެއް ހިނގައިގެން އަދުލު އިންސާފަށް ހުރަސް އެޅިދާނެތީއެވެ. ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެތީއެވެ.
22މިހެން މިކަންކަން ހުރުމުން، މި މައްސަލާގައި ހައިކޯޓުން ބަންދާމެދު ގޮތެއް ނިންމާފައިވަނީ ޤާނޫނުގައި އެކަށައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށްނުވާތީ، ހައިކޯޓުގެ ނިންމުން ބާޠިލުކޮށް، ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންވެގެންވާ އިޖުރާއަތާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ބަންދާމެދު އަލުން ގޮތެއް ނިންމުމަށް މި މައްސަލަ ހައިކޯޓަށް ތަޙުވީލު ކުރުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
23ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ބަލާއިރު، މީހަކު ކުށެއްކޮށްފިކަމުގެ ތުހުމަތުކުރެވި، އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުނު ނަމަވެސް، އެ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ، އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު17 ކޮންމެ މީހަކަށްމެ ލިބިދެއެވެ. އަދި މި ދެންނެވުނު ޤާއިދާގެ އަލީގައި، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނު ނަމަވެސް، އެ މީހަކު ބަންދުކުރެވޭނީ ކަނޑައެޅި ބަޔާންކޮށްފައިވާ ވަކި ޙާލަތްތަކެއްގައެވެ. އަދި އަސްލަކީ އެ މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާނަމަ، އެ މީހަކު މިނިވަނެއްގެ ގޮތުގައި ހުރުމެވެ.18
24ޤާނޫނުއަސާސީއިން ޙައްޤުތަކާއި މިނިވަންކަން ލިބިދީފައިވާ ހިނދު، އިސްވެ ބަޔާންކުރި (ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ) ޙައްޤު ހިމެނޭގޮތުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޮންމެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭ ގޮތްވެސް އެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. އެކަން ކުރެވޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ.19
25މިހެންކަމުން، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް ދަޢުވާކޮށް، އެ މީހެއްގެ މައްޗަށް ކުރާ ދަޢުވާ ކޯޓެއްގައި ސާބިތު ނުވިނަމަވެސް، އެ ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާ ޙާލަތުގައި، އެ މީހަކު ކުރިކަމަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް20 ކަމުގައިވެފައި، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ މީހަކީ (1) އޭނާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއް ކަމަށް، ނުވަތަ (2) އޭނާ ފިލައިފާނެ ކަމަށް، ނުވަތަ (3) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމަ، އެ މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމުގެ ފުރުސަތުވަނީ ޤާނޫނުން ހުޅުވާލާފައެވެ.21 މިއީ ރޭޕް އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޓެރަރިޒަމްއާއި މީހުންމެރުން ފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތު އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ނުވިނަމަވެސް، އެފަދަ ހާލަތެއްގައި އެ މައްސަލައެއް އިސްތިއުނާފުކުރާ ހިނދުވެސް، މުޖުތަމަޢު ރައްކާތެރިކުރުމަށާއި ހެއްކަށް ނުފޫޒުފޯރުވުން ހުއްޓުވުމުގެ މަޤްޞަދުގައި ޤާނޫނުން ކޮށާދީފައިވާ މަގެކެވެ.
26ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 199 ވަނަ މާއްދާ މިހާރު އޮތް ގޮތަށް އިސްލާހުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ނަމަވެސް، އެ ޤާނޫނަށް އަމަލުކުރަން ފެށުނު އިރުވެސް، ޖިނާއީ މައްސަލައެއް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާއިރު ދަޢުވާ ލިބޭ މީހަކީ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެންނަނަމަ، އެ މީހަކު ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް ހައިކޯޓުގައި އެދުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދީފައި އޮތެވެ. އަދި މިހެންކަމުން، ބައެއް މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެފަދަ އަމުރަކަށް އެދި، ބައެއް ޙާލަތްތަކުގައި އެފަދަ އަމުރުތައް ހައިކޯޓުން ނެރެދީފައިވެއެވެ. ހައިކޯޓުން އެފަދަ އަމުރުތައް ނެރެ ނުދީވާ ބައެއް ހާލަތްތަކުގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، މި ކޯޓުން އެ މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވެއެވެ.
27މިގޮތުން، ބުނެވުނު ބާވަތްތަކުގެ މައްސަލަތައް22 ސުޕްރީމް ކޯޓުން ނިންމުމުގައި މި ކޯޓުން މިހާތަނަށް ބަޔާންކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމަން އެދި ހުށަހަޅާ މައްސަލަތަކުގައި ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް23 މައްސަލައިގައި ޝަރަހަކޮށްދީފައިވާ ފަދައިން، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އާއި، 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ގައި ބަޔާން ކޮށްފައިވާ އުސޫލުތައް ތަޠުބީގުކޮށް ކަމުގައެވެ. އަދި ސުޕްރީމް ކޯޓުން މިހެން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ޝަރީޢަތުގެ މަރުހަލާއާއި އިސްތިއުނާފުގެ މަރުހަލާ ފަރަގުކޮށްފައި ނެތުމުން ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.
28މީގެ އިތުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް އެކަމުގެ ތަފުސީލުތައް ބަންދުގައި ބެހެއްޓުމަށް އެދޭ ފަރާތަކުން ޝަރީޢަތަށް ހުށަހަޅަން ޖެހޭކަމުގައި ބަޔާންކޮށް، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބުނާ ކަންކަމަށް24 ރިޢާޔަތްކުރެވިދާނެ ކަމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2)[2024] SC 21 25 މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. އަދި ތުހުމަތުގައިވާ މީހަކު ބަންދުކުރަންޖެހޭ ސަބަބެއް ވުޖޫދުވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ މިންވަރަށް ތަފުސީލުތަށް ހުށަހެޅިފައިވާކަން ބެލުމުގައި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބުނާ ހުރިހާ ކަމެއް ފުރިހަމަވެފައި އޮތުން ލާޒިމު ނޫންކަމުގައާއި، ބަންދުކުރުމަށް ނުވަތަ ނުކުރުމަށް ފަނޑިޔާރު ގޮތް ކަނޑައެޅުމުގައި، ކޮންމެ މައްސަލައެއްގައި ގޮތް ނިންމަންޖެހޭނީ ވަކިވަކިން ކަމުގައާއި، ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބަލަންޖެހޭނީ އެ މައްސަލައަކާ ގުޅިގެން ހުށަހަޅާފައިވާ ކަންކަމުގެ ތަފްސީލަށާއި ޙާލަތާއި ވަށައިގެންވާ ކަންކަމުގެ މައްޗަށް ކަމުގައިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމީން ރަޝީދު[2025] SC 12 26 މައްސަލައިގައި މި ކޯޓުން ކަނޑައަޅާފައިވެއެވެ.
29އަހުރެން ކުރިމަތީގައި މިހާރު މިއޮތް މައްސަލައަށް ބަލާއިރު، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ މިހާރު އޮތް ގޮތަށް އިސްލާހުކުރުމަށްފަހު ސުޕްރީމް ކޯޓުން މި މައުޟޫޢުގައި ގޮތް ކަނޑައަޅާ ފުރަތަމަ މައްސަލައެވެ.27 މި ޤާނޫނީ ތަފާތު މިފަދައިން އޮތްނަމަވެސް، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ އުސޫލުތައް މި މައްސަލައިގައި ތަޠުބީޤުކުރުމަށް އެއްވެސް ޤާނޫނީ ފުށުއެރުމެއް ނުވަތަ ހުރަހެއް ނެތެވެ.
30އެހެންނަމަވެސް، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކާއި28 މި މައްސަލައާ ހުރި އަސާސީ ތަފާތެއް އަހުރެންނަށް ފާހަގަވެއެވެ. އެހެނީ މި މައްސަލަ ހިމެނޭ ގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ނިންމާދިނުން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައިވާ ހުރިހާ މައްސަލަތަކެއްގައި ހިމެނޭ މުއްތަހަމުންނަކީ ދަށު ކޯޓު މަރުޙަލާގައި
އެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާ ފަރާތްތަކެއް ނޫންކަމުގައި ވީނަމަވެސް، އެހެން މައްސަލަތަކާ ޚިލާފަށް، މި މައްސަލައިގައި ހިމެނޭ ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމުން،
އެ ފަރާތްތަކުގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުނުވެވުމުގެ އިތުރުން، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ދަށުކޯޓުގައި ސާބިތުވެފައި ނުވަނީ އެ ފަރާތްތަކަކީ ހަމަ ހަޤީޤަތުގައިވެސް އެ ކުށްކުރި ފަރާތްތައްކަން ހެކިތަކުގެ އަލީގައި ކަށަވަރު ނުކުރެވޭތީ، އެ ބިނާގެ މައްޗަށް ކަމުގައިވުމެވެ. މީގެ މާނައަކީ ކުށުގެ ޢަމަލު ހިންގި އަދި އެ ކުށްކުރުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން (identity) ދަށުކޯޓުގައި ހިންގި މައްސަލައިގެ ތެރެއިން ކަށަވަރުކުރެވިފައި ނުވާކަމެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހާގެ ބަންދާމެދު ގޮތެއް ހައިކޯޓުން ނިންމާފައިވާ ނިންމުންތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް މީގެ ކުރިން ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ އެއްވެސް ނިންމުމަކީ ކުށުގެ ޢަމަލު ހިންގި އަދި އެ ކުށްކުރުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަމާމެދު ސުވާލު އުފެދިފައިވާ މައްސަލަތަކެއް ނޫނެވެ.
31ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވާ ގޮތުން،29 ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދަށުކޯޓުގައި ކުށް ސާބިތުނުވުމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، އިސްތިއުނާފު ކޮށްފައިވާ މައިގަނޑު ނުކުތާއަކީ ދަށުކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ބައެއް ހެކި ދަށުކޯޓުން އެއްފަރާތް ކުރުން ރަނގަޅު ނޫންކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ. ދައުލަތުގެ ފަރާތުން ބަޔާންކުރާ ގޮތުން، މައްސަލައިގައި ހިމެނޭ މުއްތަހަމުންގެ މައްޗަށް ކުށް ސާބިތުވެފައި ނުވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެއްކަށް ދަށުކޯޓުގެ ފަނޑިޔާރު ރިޢާޔަތް ނުކުރެއްވުމަށް ނިންމެވުމުގެ ސަބަބުންނެވެ. އެހެންކަމުން، ދަށުކޯޓުގެ ނިންމުން ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ، ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކުށުގެ ޢަމަލު ހިންގި އަދި އެ ކުށްކުރުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން ކަށަވަރު ކުރެވޭނެ ކަމުގައި ބުނެއެވެ. އެހެންނަމަވެސް، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އެ މައުޟޫޢީ މައްސަލައިގައި އަދި ހައިކޯޓުން ގޮތް ކަނޑައަޅާފައި ނުވާތީ، އެ ނުކުތާއާމެދު މިހާތަނަށް ގޮތެއް ނިމިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ދެމި އޮތީ ދަށުކޯޓުގެ ނިންމުމެވެ. ތުހުމަތުކުރާ ކުށުގެ ޢަމަލު ހިންގި އަދި އެ ކުށްކުރުމުގައި ބައިވެރިވި މީހުންނަކީ ހަމަ ހަޤީޤަތުގައިވެސް މައްސަލައިގައި ހިމެނޭ މުއްތަހަމުން ކަމުގައި އަދި މިހާތަނަށް ކަނޑައަޅާފައިނުވެއެވެ. ނުވަތަ އެ ޢަމަލުތައް ހިންގި މީހުންގެ އަޑެންޓިޓީއާގުޅޭ ވާޤިއާ ކަށަވަރުކުރެވިފައި ނުވެއެވެ.30
32މައްސަލައިގައި ކަންހިނގާފައިވަނީ އިސްވެ ބަޔާންކުރެވުނު ފަދައިން ކަމުގައިވާހިނދު، ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި ހިމެނޭ މުއްތަހަމުން ބަންދުގައި ބައިތިއްބާދިނުން އެދި ހައިކޯޓަށް ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ހައިކޯޓުން އެފަރާތްތައް ބަންދުކޮށްފައި ނުވަނީ ދައުލަތުގެ ފަރާތުން ބަޔާންކުރާ ފަދައިން، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު: 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ) 199 ވަނަ މާއްދާއާ ޚިލާފަށްކަމަށް ކަނޑައެޅިދާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، އަހުރެންނަށް އަންނަނިވި ކަންކަން ފާހަގަވެއެވެ.
33ފުރަތަމަ ކަމަކަށް، އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2)31 މައްސަލައިގައި ބަޔާންކުރާ ފަދައިން، އިސްތިއުނާފީ އޮޅިގަނޑު ގިރާކޮށް ހައިކޯޓަށް މައްސަލަ ބަލައިގަތުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށް އިސްތިއުނާފު ކޯޓުން ބަންދާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭ ކަމެއް ނޫނެވެ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2) މައްސަލަ ހިމެނޭގޮތުން ސުޕްރީމް ކޯޓުން މިހާތަނަށް އެ މައުޟޫޢުގައި ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު، އިސްތިއުނާފު ކޯޓުން ބަންދާމެދު ގޮތެއް ނިންމުމުގައި ބަލަންޖެހޭނީ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް32 ގައި ކަނޑައަޅާފައިވާ ކަންކަމަށެވެ. އެހެނީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރިކަން ނުވަތަ ނޫންކަން ދެނެގަންނަނީ މައްސަލަ އިސްތިއުނާފުކުރުމުގައި ހުށަހަޅާފައިވާ ޤާނޫނީ ބަހުސަށް ބިނާކޮށެވެ. އަދި ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ބަލަންޖެހެނީ ލިބިފައިވާ ހެއްކާއި ޤަރީނާއިން މުއްތަހަމުގެ ފަރާތުން ވަކި ޢަމަލުތަކެއް ފެނިދާނެކަމުގެ އިހްތިމާލުގެ މައްޗަށެވެ.
34ދެވަނަ ކަމަކަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާހު ގެނެވުމާ ގުޅިގެން، އިސްތިއުނާފީ މަރުހަލާގައި އެ މާއްދާގެ ދަށުން މީހަކު ބަންދުކުރަންޖެހޭކަން ކަނޑައެޅުމުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއް ތަޠުބީޤު ނުކުރެވޭނެއެވެ. އެއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ބަންދުކުރުމަށް ވަކި ހައްދެއް ކަނޑައަޅާފައިވާތީއެވެ. މިގޮތުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ މިހާރު އޮތް ގޮތުން، މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށެއް ސާބިތުނުވާނަމަ، ނުވަތަ އޭނާ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާނަމަ، ތިން ހާލަތެއްގައި އެ މީހެއްގެ މައްޗަށް އެޅިދާނެ އޮތީ ދެ ފިޔަވަޅެކެވެ. އެއީ:
34.1. އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރުން –
މިފަދަ އަމުރެއް ނެރެވޭނީ އެ މީހަކު ފުރުން މަނާނުކޮށްފިނަމަ، އެ މީހަކު ފިލާފާނެކަމަށް ބެލެވޭ ސަބަބުތަކެއް ހުރިނަމައެވެ.
34.2. އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރެއް ނެރުން –
މިފަދަ އަމުރެއް ނެރެވޭނީ، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭނަމަ، ނުވަތަ އެ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ހުރިނަމައެވެ.
35ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަށް ބެލުމުން، އެ މީހެއްގެ މައްޗަށް ދަށުކޯޓުގައި ކުށް ސާބިތުނުވާ މީހަކު އިސްތިއުނާފީ މަރުޙަލާގައި ބަންދުކުރެވިދާނެ ހާލަތްތައް ކަމުގައި އެ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ ހާލަތްތަކާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ހަވާލާދޭ ހާލަތްތަކާއި ތަފާތުކަން ފާހަގަވެއެވެ. އެގޮތުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ހަވާލާދޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ 'ކޯޓަށް ހާޒިރުނުވުން' މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ހާލަތެއް ނޫނެވެ. އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ފިލާފާނެ ކަމަށް ބެލެވޭ މީހާ ބަންދުކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އެފަދަ މީހަކާމެދު އަޅަން އޮތް ފިޔަވަޅަކީ ފުރުން މަނާކުރުމެވެ. މީގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުކުރުމަށްޓަކައި، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށެއް ކަމަށްވާންވެސް ޖެހެއެވެ. މިއީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށްވުރެ ހަނި ދާއިރާއެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާހު ގެނައުމާއެކު، އެ މާއްދާއަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ހަވާލާދިނުމަކާ ނުލައި، ވަކިން ތަޠުބީޤުކުރަންޖެހޭ މާއްދާއެއް ކަމުގައި އަހުރެން ދެކެމެވެ.33
36ތިންވަނަ ކަމަކަށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ކަމުގައިވާނަމަވެސް، ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނީ، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ސަބަބެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށާއި، އެކަން ޝަރީޢަތަށް ދައްކުވައިދޭ ހެކި ހުރިކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.
37މި މައްސަލައަށް މި ކަންކަން ތަޠުބީޤުކުރަން ބަލާއިރު، ދަށުކޯޓަށް އެކަށީގެންވާ މިންވަރަށް ކަމާގުޅޭ ހެކި ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނާހިނދު، މި ބާވަތްތަކުގެ މައްސަލަތަކަކީ ދަށުކޯޓުން ކުށް ސާބިތު ނުވުމުން އިސްތިއުނާފީ މަރުޙަލާގައި (ކުށުން ބަރީޢަވެފައިވާ) މީހުން ބަންދުކުރުމަށް ދައުލަތުން އެދޭ މައްސަލަތަކެއް ކަމުން، ދައުލަތުގެ ފަރާތުން ބަންދުކުރުމަށް އެދި ހުށަހަޅަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތްތަކެއް ދެމި އޮތުމުންކަން ދައްކުވައިދޭންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އެފަދަ ހެއްކަކީ ދަށުކޯޓަށް ހުށަހަޅާފައިވާ ހެއްކަކަށްވުން އެކަށީގެންވެއެވެ. ބައެއް ޙާލަތްތަކުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ބަންދުކުރުމުގެ އަމުރަށް އެދޭއިރު އެ މާއްދާގައި ބުނާ ޙަލާތެއް ދެމި އޮތްކަން ޝަރީޢަތަށް ސާބިތުކޮށްދިނުމުގެ ބޭނުމުގައި އައު ހެކި ހުށަހަޅަންޖެހިދާނެވެސް މެއެވެ. މި މައްސަލައިގައި ދައުލަތުގެ ފަރާތުން އައު ހެކި ހުށަހަޅާފައި ނުވާކަމަށާއި، ދައުލަތުގެ ފަރާތުން ބަރޯސާވެފައިވަނީ ދަށުކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ކަމުގައި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވެއެވެ.34 އެހެންނަމަވެސް، އެ ހެކިތަކަކީ މުއްތަހަމުންގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް، އެމީހުން އިސްތިއުނާފީ މަރުޙަލާގައި ބަންދުގައި ބޭތިއްބުމަށް، ނުވަތަ އެހެން ގޮތަކަށް ބުނަނީނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އެ ފަރާތްތައް ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް ދެމި އޮތްކަން ދައްކުވާދޭ ހެކިތަކެއްކަން ނުވަތަ ނޫންކަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން ދައުލަތުން ބަޔާންކޮށްދީފައި ނުވާކަން ފާހަގަވެއެވެ.
38ހަތަރުވަނަ ކަމަކަށް، މި މައްސަލައިގައި ކުށުގެ ޢަމަލު ކުރި ނުވަތަ އެކަމުގައި ބައިވެރިވި ފަރާތްތަކަކީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައްކަން އެނގޭނެ ގޮތެއް ނެތެވެ. ދަށުކޯޓުން މައްސަލައިގައި ގޮތް ކަނޑައެޅުމުގައި ކުށް ކުރި އަދި ކުށުގައި ބައިވެރިވި ފަރާތްތަކަކީ ކޮން ބައެއްކަން ކަށަވަރު ނުވާކަމުގައި ކަނޑައަޅާފައިވަނީ legal technicality އެއްގެ މައްޗަށް ކަމުގައި، ނުވަތަ ގޯހުން ޤާނޫނެއް ނުވަތަ ޤާނޫނީ އުސޫލެއް ތަޠުބީޤުކޮށްގެން ކަމުގައި، ނުވަތަ އެހެންވެސް ސަބަބަކާހުރެ ކަމުގައިވީ ނަމަވެސް، ކުށްކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ ވާޤިއާއާމެދު ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅުމަކާ ނުލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ށ) ގެ ދަށުން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބައިތިއްބަންޖެހޭ ކަމުގައި ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.
39އެހެނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ރ) ބަޔާންކުރާގޮތުން، އެ މާއްދާގެ ދަށުން ގޮތް ނިންމުމުގައި ހުށަހެޅުން ނިސްބަތްވާ މީހާ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް، ނުވަތަ އެ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ އެއްވެސް ސަބަބެއް ނެތްނަމަ، އެފަދަ ފަރާތެއް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެގެން ނުވާނެއެވެ. އަދި މި މައްސަލައިގައި ކުށްކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ ވާޤިއާއާމެދު ގޮތް ކަނޑައަޅާފައި ނެތީސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ހުށަހެޅުން ނިސްބަތްވާ މީހުންނާއި ކުށާއި، އަދި އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބާ ގުޅުވުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.
40ދައުލަތުން ހުށަހަޅާފައިވާ ފަދައިން، ހަމައެކަނި ބަހުސްގެ ބޭނުމަށްޓަކައި، ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާއަށް ބަލާއިރު، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ މީހަކު ބަންދުން ދޫކޮށްލުމަކީ ފަނޑިޔާރަށް އޮންނަ އިޚްތިޔާރެއް ނޫންކަމުގައި ބެލިނަމަވެސް، އަހުރެން ކުރިމަތީގައި މި އޮތް މައްސަލައިގައި، ކުށްކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ ވާޤިއާއާމެދު ގޮތް ކަނޑައަޅާފައި ނުވަނީސް، އެ ޤާނޫނުގައި ބަޔާންކުރާ ކުށެއް ކުރީ އެ މީހުން ނުވަތަ އެއިން ބައެއް މީހުންކަމުގައި ބުނާނެ ގޮތެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
41ފަސްވަނަ ކަމަކަށް، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައާއި އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް[2021] SC 18 35 މައްސަލައާއި އެ ނޫންވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ އެކި މައްސަލަތަކުގައި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ޢަމަލުކުރުން ލާޒިމުވާ ކަން ސާފުކޮށް އެނގެން އޮތްއިރު، އިސްތިއުނާފުކޮށްފައިވާ ހައިކޯޓުގެ ނިންމުމުގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ އުޞޫލުތަކުގެ ބޭރުން އިތުރު މިންގަނޑެއް ބަންދާމެދު ގޮތެއް ނިންމުމުގައި ހިމަނާފައިވާ ކަމަށް ދައުލަތުން ބުނާ ބުނުމަށް ބަލާއިރު، ހައިކޯޓުގެ ނިންމުމުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ މައްސަލަ އެފަރާތާ އެއްކޮޅަށް ނިމުމުގެ އިހްތިމާލު ބޮޑުކަމުގެ މައްޗަށް ހަވާލާދީފައިވަނީ މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ މައުޟޫޢީ ނުކުތާ އެގޮތަށް އޮތުމުން ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އެހެނީ ދައުލަތުން ހުށަހަޅާފައިވާ ފަދައިން އިސްތިއުނާފު ރައްދުވާ މީހުންގެ އައިޑެންޓިޓީއާމެދު ދައުލަތަށް ފަހި ގޮތެއް ކަނޑައެޅޭނެކަން ދައުލަތުން ދެއްކުމަކާ ނުލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އެ މީހުން (ނުވަތަ އެހުށަހެޅުން ރައްދުވާ ފަރާތްތައް) ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމާމެދު ގޮތެއް ކަނޑަނޭޅޭނެތީއެވެ. އެހެންކަމުން، އެ އިތުރު ހާލަތް ހައިކޯޓުގެ ފަރާތުން ހިމަނާފައިވަނީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އެއްފަރާތް ކުރުމަށް ނޫންކަމުގައާއި، އެ ނުކުތާ ހައިކޯޓުގެ ފަރާތުން ހިމަނާފައިވަނީ މި މައްސަލައިގައި ހުރި ހާއްސަ ހާލަތުގެ މައްޗަށް ބިނާކޮށްކަމުގައި އަހުރެން ދެކެމެވެ.
42އަހުރެންގެ ރައުޔުގައި އިސްވެ ބަޔާންކޮށްފައިވާ ސަބަބުތައް އެފަދައިން ހުރުމުން، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ ޤާނޫނީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ހައިކޯޓުގެ ނިންމުން ބާޠިލުކުރާނެ ޤާނޫނީ އަސާސެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
43މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B1/196/2025/7 ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ނިންމުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވާތީ، އެނިންމުން ބާޠިލުކޮށް، މިއަދުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދު ކުރުމާމެދު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އަލުން ގޮތެއް ނިންމުމަށް މި މައްސަލަތައް ހައިކޯޓަށް ތަޙްވީލުކޮށް، ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
ޑރ. މުޙައްމަދު އިބްރާހީމް
ފުޓްނޯޓު
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/95/2024/224 ސިޓީ
- ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
- ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިތޯ ބަލާނެ ގޮތް މަފްތޫޙް ސަޢީދު ވ ޕްރޮސިކިއުޓަރ ޖެނެރަލް [2021] SC 67 ޤަޟިއްޔާގެ 30 ވަނަ ޕެރެގެރާފްގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވާނެއެވެ.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި 21 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާ (ށ) ގެ (1) އަދި (ނ).
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު [2022] SC 68 (ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/84 ޤަޟިއްޔާ(؛ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް [2023] SC 60 (ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/44 ޤަޟިއްޔާ(؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2)[2024] SC 21 (ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/16 ޤަޟިއްޔާ(؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (3)[2024] SC 32 (ސުޕްރީމް ކޯޓުގެ ނަންބަރު
- 4/SC-A/22 ޤަޟިއްޔާ(؛ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމީން ރަޝީދު[2025] SC 12 (ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/04 ޤަޟިއްޔާ( 23 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ 24 ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ އަންނަނިވި ކަންކަމެވެ. (1) ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު (2) ތުހުމަތުކުރެވޭ މިހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިނެތް ގޮތް (3) ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16، 21، 48 ވަނަ މާއްދާގެ (ރ) އަދި 51 ވަނަ މާއްދާގެ (އ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، (ރ) އަދި (ބ)
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 60 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ
- ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ 2020/SC-A/93 (ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- ސުޕްރީމް ކޯޓުގެ 2023/SC-A/44 [2023] SC 60 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޢަލީ ނިފާޒް އަދި އިތުރު 3 ފަރާތެއް)
- ސުޕްރީމް ކޯޓުގެ 2024/SC-A/16 [2024] SC 21 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (2))
- ސުޕްރީމް ކޯޓުގެ 2024/SC-A/22 [2024] SC 32 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ސައްމާޙް އަޙްމަދު ފަތުޙީ (3))
- ސުޕްރީމް ކޯޓުގެ 2022/SC-A/84 [2022] SC 68 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަރުޝަދު ޚާލިދު)
- ސުޕްރީމް ކޯޓުގެ 2025/SC-A/04 [2025] SC 12 (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޔާމީން ރަޝީދު)
- ސުޕްރީމް ކޯޓުގެ [2021] SC 67 (މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް)
- ސުޕްރީމް ކޯޓުގެ [2021] SC 18 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.