ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 18 · 2025/SC-A/29

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަފްރާޙް ޢަބްދުއްރައްޒާޤު އަދި އިތުރު ފަރާތްތައް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލުޚިލާފު ރައުޔެއް
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 22 ޖޫން 2025ދަށު ކޯޓު: ހައިކޯޓު (OTHR)95-B1/196/2025/10ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
(OTHR)95-B1/196/2025/10
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުން ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމިއެވެ. އެ ޙުކުމް އިސްތިއުނާފުކޮށް ބަންދަށް އެދުމުން، ހައިކޯޓުން ބަންދު ނުކުރަން ނިންމި ނިންމުން [2025] SC 15 ގައި ބާޠިލުކޮށް ތަޙުވީލުކުރިއެވެ. އަލުން ބެލުމުން، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމުގެ ތަފްސީލު ދައުލަތުން ހުށަނާޅާތީ ބަންދުގެ އަމުރު ނުނެރެވޭނެ ކަމަށް ހައިކޯޓުން ނިންމިއެވެ.
ވާޤިޢާ
2017 ޖުލައި 31 ގައި މާލޭގައި މުޙައްމަދު އަނަސްއަށް ވަޅިން ޙަމަލާދީ މަރާލި ހާދިސާއާ ގުޅިގެން، ތިން މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމާއި، ހަތަރު މީހެއްގެ މައްޗަށް އެކަމުގައި ބައިވެރިވުމުގެ ދަޢުވާ، ޤާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ ދަށުން ކުރިއެވެ. ސީސީޓީވީ ފުޓޭޖް ބަލައިނުގަނެ ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާކަމަށް ނިންމުމުން ދައުލަތުން ހައިކޯޓަށް އިސްތިއުނާފުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުމުން، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ވަޒަންކުރާނީ ކޮން މިންގަނޑަކުންތޯ، ދަށުކޯޓުން ހެކިތަކާމެދު ނިންމިގޮތަށް ރިޢާޔަތްކުރެވޭތޯ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްތޯ ބަލާނީ ކިހިނެއްތޯ، އަދި ހައިކޯޓުން [2025] SC 15 ގެ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވޭތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ދައުލަތުން ބުނީ ހައިކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ޤާނޫނުގެ (13/2010) 5 ވަނަ މާއްދާގެ (ށ) އާ ޚިލާފު ނިންމުމެއް ކަމަށާއި، ތުހުމަތުގެ ހެކި ހައިކޯޓަށް ހުށަހެޅި ކަމަށެވެ. ބައެއް ރައްދުވާ ފަރާތްތަކުން ބުނީ 2024/SC-A/19 ގެ ދަށުން ކުށުން ބަރީޢަވުމުން ތުހުމަތު ނެތިގެންދާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
އަޣްލަބިއްޔަތުގެ ރައުޔުގައި ވަނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލަންވާނީ [2021] SC 67 ގެ ފަރުވާތެރި ސަބަބުވެރި މީހެއްގެ މިންގަނޑުން ކަމަށާއި، ދަށުކޯޓުން ހެކިތަކާމެދު ނިންމިގޮތަށް ރިޢާޔަތް ނުކުރެވޭނެ ކަމަށާއި، ސިއްރު ހެކިންގެ ބަޔާން، ސީސީޓީވީ އަދި ކޯލް ޗާޓުން އެ މިންވަރު ހާސިލުވާ ކަމަށާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ކުށުގެ ބާވަތާއި އަނިޔާވެރިކަމާއި ހައްޔަރު ރެކޯޑަށް ބަލާއިރު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށެވެ. ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ޚިލާފު ރައުޔުގައި ވަނީ ހައިކޯޓުގެ ނިންމުމަކީ އެ ކޯޓުގެ އިޚްތިޔާރުގެ ތެރޭގައި ނިންމި ނިންމުމެއް ކަމަށެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ (OTHR)95-B1/196/2025/10 ނިންމުން ބާޠިލުކޮށް، ހައިކޯޓުން ޝަރީޢަތް ނިމެންދެން ބަންދާމެދު ގޮތެއް ނިންމަންދެން އިސްތިއުނާފު ރައްދުވާ ހަތް މީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރެވުނެވެ (އަޣްލަބިއްޔަތުން).

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ދައުލަތުން އެދުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުން، ބަންދާމެދު ގޮތެއް ނިންމުމުގައި ހައިކޯޓުން ފުރަތަމަ ބަލަންޖެހޭނީ އެ މީހަކު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށް ޤާނޫނުގައި ބުނާ ޙާލަތެއް ވުޖޫދުގައި އޮތްތޯ ބަލަންޖެހެނީ، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމައެވެ. ތުހުމަތު ކުރެވޭވަރަށް ހެކި ހުރިތޯ ބެލުމުގެ ކުރިން ޤާނޫނުގައި ބުނެފައިނުވާ އެހެން ކަމެއް ބަލައިގެން ނުވާނެއެވެ.

HN2 ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމަކީ ހަމައެކަނި ޝައްކަކަށްވުރެ މަތީ ދަރަޖައެއް ހާސިލުވުމެވެ. އެއީ ޔަގީން ކަމުގެ މަހައްލާއި ޝައްކުގެ މަހައްލާއި ދެމެދުގެ ދަރަޖައެކެވެ. ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅުނު ވާގިއާތަކާއި ހާލަތަށް ބަލައި، މުއްތަހަމު ކުށްކޮށްފައިވާ ކަމަށް ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭނަމަ އެ މިންވަރު ހާސިލުވެއެވެ. ވާގިއާތަކާއި ހާލަތުތަކުން ކުރެވެނީ ހަމައެކަނި ޝައްކެއް ނަމަ އެވަރުން ނުފުދޭނެއެވެ. ނަމަވެސް ޔަގީނުގެ އިމުގެ ތެރެއަށް ވަނުން ލާޒިމެއް ނޫނެވެ.

HN3 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އިސްތިއުނާފީ މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމުމުގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަން ވަޒަންކުރަންވާނީ، ހުށަހެޅިފައިވާ ހެކިތައް މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2021] SC 67 ގައި ކަނޑައަޅާފައިވާ ހަމަތަކަށް ރިޢާޔަތްކޮށް، ފަރުވާތެރި ސަބަބުވެރި މީހެއްގެ ވިސްނުމުން، އެހެންގޮތަކަށް ބުނާނަމަ، މުޖުތަމަޢުގައި ދިރިއުޅޭ އާދައިގެ އިންސާނެއްގެ ވިސްނުމުން ވިސްނައި ބަލައިގެންނެވެ.

HN4 އިސްތިއުނާފީ މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމާއިރު، ދަށުކޯޓުން މައްސަލާގައި ހުރި ހެކިތަކާމެދު ނިންމިގޮތް ހައިކޯޓުގެ ކުރިމައްޗަށް އިސްތިއުނާފަށް ހުށަހެޅިފައިވާ ޙާލަތުގައި، އެ ހެކިތަކާމެދު ދަށުކޯޓުން ނިންމާފައިވާ ގޮތަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ. ހެކިތަކާ ގުޅޭގޮތުން ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމަށް ހައިކޯޓުން ގޮތެއް ނިންމާނީ މައްސަލަ ނިންމާއިރު ކަމުން، ބަންދާމެދު ގޮތެއް ނިންމުމުގެ ބޭނުމަށް އެކަންކަމަށް ވަކިން ގޮތެއް ނިންމޭނެ ގޮތެއް ނޯންނާނެއެވެ.

HN5 ސުޕްރީމް ކޯޓުން ކަނޑައެޅި އުޞޫލާ އެއްގޮތަށް ގޮތެއް ނިންމުމަށް ހައިކޯޓަށް ތަޙްވީލުކުރި މައްސަލައެއްގައި، ހައިކޯޓުން އެ އުޞޫލާ އެއްގޮތަށް ޢަމަލުނުކުރި ކަމަށް ބުނެ ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ލާޒިމެވެ.

HN6 ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ސަބަބު އޮތްތޯ ބަލަނީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ. އެ ކަންކަމުގެ ތެރެއިން ހުރިހާ ކަމެއް ފުރިހަމަވާން ނުޖެހޭނެއެވެ. ބައެއް ކަންކަން ފުރިހަމަވުމުން ފުދެއެވެ.

HN7 ތުހުމަތު ކުރެވޭ ކުށަކީ ޖަމާޢަތް ހަދައިގެން ޢާންމު ތަނެއްގައި ތޫނު ހަތިޔާރުތަކުން ހަމަލާދީގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ކަމުގައިވެ، އަނިޔާވެރިކަން އިންތިހާއަށް އެކުލެވިގެންވާ ޢަމަލެއް ކަމުގައިވާއިރު، ތުހުމަތު ކުރެވޭ މީހުންނަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ހައްޔަރު ރެކޯޑު އޮތް ބައެއްނަމަ، ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރި ޙާލަތުގައި އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާވެދާނެކަމަށް ބެލެވިދާނެއެވެ.

HN8 ތުހުމަތު ކުރެވޭ މީހުން ބަންދުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވީ ނަމަވެސް، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ބުރޫއަރާނަމަ ބަންދުން ދޫކޮށްލެވޭކަށް ނޯންނާނެއެވެ. މުޖުތަމަޢުގެ ސަލާމަތާއި އަމަންއަމާންކަމަކީ އެންމެމަތީ މަޞްލަޙަތެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢާއިޝަތު ރީޝާ، ޢާއިޝަތު މުޙައްމަދު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
ޢަބްދުﷲ ޙަސީން، އައިނާން އަލީ މުޙައްމަދު، މުޙައްމަދު ރާޣިބް އަޙްމަދު، ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީ، ވެލްޓްރިލައަސް، ދަ ލީގަލް ޗެމްބަރ އެލް.އެލް.ޕީ
ބެންޗު
ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޢާއިޝާ ޝުޖޫން މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

[2025]SC 18

2025/SC-A/29

ޝަރީޢަތް ނިމުނުގޮތް

ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަފްރާޙް ޢަބްދުއްރައްޒާޤު އަދި އިތުރު ފަރާތްތައް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ނިމުނު ތާރީޚު

22 ޖޫން 2025

އިސްތިއުނާފު ކުރެވުނު ނިންމުން

(OTHR)95-B1/196/2025/10

އިސްތިއުނާފުކުރާ ފަރާތް

ޕްރޮސިކިއުޓަރ ޖެނެރަލް

ޤާނޫނީ ވަކީލު:

1ޕަބްލިކް ޕްރޮސިކިއުޓަރ އައިޝަތު ރީޝާ

2ޕަބްލިކް ޕްރޮސިކިއުޓަރ އައިޝަތު މުޙައްމަދު

އިސްތިއުނާފު ރައްދުވާ ފަރާތް

1. އަފްރާޙް ޢަބްދުއްރައްޒާޤު، މ. ލޮނިމިދިލިގެ، މާލެ (އައިޑީކާޑު ނަންބަރު A341911)

2. ޖުނައިހު ޢަބްދުﷲ، ނަންނާރިގެ، ތުނޑި، ލ. ގަން (އައިޑީކާޑު ނަންބަރު A310110)

3ޙަސަން މަޙްފޫޡް، ވެސްޓަންވިލާ، ސ. ފޭދޫ (އައިޑީކާޑު ނަންބަރު A298342)

4މުޙައްމަދު ސާޒް، ގުލްފާމްގެ، ތ. ކިނބިދޫ (އައިޑީކާޑު ނަންބަރު A287563)

5ސިމާޙު މޫސާ، ދަފްތަރު ނަންބަރު ދރ 1746 (އައިޑީކާޑު ނަންބަރު A362377)

6އުޘްމާން ޝަރީފް، މ. ދިމިޝްޤު، މާލެ (އައިޑީކާޑު ނަންބަރު A356923)

7އަޙްމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ (އައިޑީކާޑު ނަންބަރު A383077)

ޤާނޫނީ ވަކީލު:

1. ޢަބްދުﷲ ޙަސީން، ޒުލޭޚާ އެންޑް އެސޯސިއޭޓްސް އެލްއެލްޕީ

2. ޢައިނާން ޢަލީ މުޙައްމަދު، ވެލްޓްރިލައަސް

3. މުޙައްމަދު ރާޣިބް އަޙްމަދު، ދަލީގަލް ޗެމްބަރ އެލްއެލްޕީ

ޖިނާއީ – ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް – ހެކީގެ މިންވަރު – ބަންދުގައި ބެހެއްޓުމަށް އެދުން – ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ - ޤާނޫނު ނަންބަރު 12/2016 ގެ 60 އަދި 199 މާއްދާ

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ

ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަފްރާޙް ޢަބްދުއްރައްޒާޤު އަދި އިތުރު ފަރާތްތައް

[2025]SC 18

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

ތަޢާރުފު

1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B1/196/2025/10 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ނިންމުން" (21 މެއި 2025) ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ރައްދުވަނީ، މާލެ، މ. ލޮނުމިދިލިގެ، އަފްރާޙް ޢަބްދުއްރައްޒާޤު އާއި، ލ. ގަން، ތުނޑި، ނަންނާރިގެ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ޙަސަން މަޙްފޫޡް އާއި، ތ. ކިނބިދޫ، ގުލްފާމްގެ، މުޙައްމަދު ސާޒް އާއި، ދަފްތަރު ނަންބަރު ދރ 1746، ސިމާޙު މޫސާ އާއި، މާލެ، މ. ދިމިޝްޤު، އުޘްމާން ޝަރީފް އާއި، ޅ. ކުރެންދޫ، އަސުރުމާގެ، އަޙްމަދު ޒަޔާން (މީގެފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް") އަށެވެ.

2މި މައްސަލައަކީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 5 ވަނަ އިޞްލާޙްގެ 198-4 ވަނަ މާއްދާގެ (ވ) ގެ ދަށުން 14 (ސާދަ) ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ބާވަތުގެ މައްސަލައެކެވެ.

ކަންހިނގާފައިވާ ގޮތް

331 ޖުލައި 2017 ދުވަހު 21:15 އެހައިކަށްހައިއިރު، ކ.މާލެ ހަދީބީމަގުގައި ހުންނަ ލިޓަސް ސަރވިސް ސެންޓަރު ކައިރީ މަގުމަތީގައި ސައިކަލެއްގެ މަތީގައި ރ.މީދޫ، ފެންފިޔާޒުގެ މުޙައްމަދު އަނަސް އިންދާ، ބަޔަކު ސައިކަލުގައި އެތަނަށް ދިޔަ ވަގުތު، މުޙައްމަދު އަނަސް ދުވެފައި ގޮސް ލިޓަސް ސަރވިސް ސެންޓަރުގެ ތެރެއަށް ވަނުމުން، އެމީހުންގެ ތެރެއިން 4 (ހަތަރެއް) މީހަކު ވަޅި ހިފައިގެން މުޙައްމަދު އަނަސްގެ ފަހަތުން އެ ތަނަށް ވަދެ، މުޙައްމަދު އަނަސްއަށް ވަޅިން ޙަމަލާދީފައިވެއެވެ. އަދި އެ ޙަމަލާތަކުގެ ސަބަބުން ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، އެ ދުވަހުގެ 21:55 އެހައިކަށްހައިއިރު، މުޙައްމަދު އަނަސް ނިޔާވެފައިވެއެވެ.

4މި ހާދިސާއާ ގުޅިގެން ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޢުޘްމާން ޝަރީފްއާއި، އަޙްމަދު ޒަޔާން އާއި، އަފްރާޙް ޢަބްދުއްރައްޒާޤުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅިއެވެ. އަދި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) ގެ ދަށުން ސިމާޙު މޫސާއާއި، ޙަސަން މަޙްފޫޘްއާއި، ޖުނައިހު ޢަބްދުﷲ އާއި، މުޙައްމަދު ސާޒްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅިއެވެ.

5އެ މައްސަލަތައް ކްރިމިނަލް ކޯޓުގެ ނަންބަރު 1168,1169,1216,1217/Cr-C/2017 ޤަޟިއްޔާތަކުން ބެލުމަށްފަހު، މުއްތަހަމުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ. ދައުލަތުން ބުނާގޮތުން އެ ނިންމުމަށް ފަނޑިޔާރު ވާސިލުވީ ކުށްކުރިކަން ދަލާލަތުކޮށްދޭ އެންމެ މުހިއްމު ހެކި ކަމުގައިވާ ސީ.ސީ.ޓީ.ވީ ފުޓޭޖް ހެކީގެ ގޮތުގައި ބަލައިނުގަތުމަށާއި، މައްސަލައިގައި ހުށަހަޅާފައިވާ ކޯލް ޑީޓެއިލްސް ޗާޓާއި، އިންޓެލިޖެންސް ރިޕޯޓުތަކާއި، ތަހްޤީޤު ރިޕޯޓުތަކަށް ބުރަދަނެއް ނުދެވޭނެކަމަށް ނިންމާފައިވުމުގެ ސަބަބުންނެވެ.

6ކްރިމިނަލް ކޯޓުގެ ދެންނެވުނު ޤަޟިއްޔާތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަތައް ހައިކޯޓުގައި ބަލަމުންދަނީ އެ ކޯޓު ނަންބަރު 2024/HC-A/140,141,142,143,144,145,146 ޤަޟިއްޔާތަކުންނެވެ. އަދި ހައިކޯޓަށް ހުށަހަޅާފައިވާ އެ އިސްތިއުނާފުގެ ތެރެއިން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރެދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އެދުނު ހިނދު، އިސްތިއުނާފީ މަރުޙަލާގެ ޝަރީޢަތް ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.

7އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދު ނުކުރުމަށް ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުގެ ޕްރޮސިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 މައްސަލައިގައި ހައިކޯޓުގެ ނިންމުން ބާޠިލުކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަލުން ގޮތެއް ނިންމުމަށް އެ މައްސަލަ ހައިކޯޓަށް ތަޙުވީލުކުރުމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކުރިއެވެ.

8ސުޕްރީމް ކޯޓުން ބުނެވުނު މައްސަލަ ހައިކޯޓަށް ތަޙުވީލުކުރުމާ ގުޅިގެން، ހައިކޯޓުން އެ މައްސަލަ އަލުން ބަލާފައިވެއެވެ.

ހައިކޯޓުން ނިންމިގޮތް

9ހައިކޯޓުން މައްސަލަ ބެލުމަށްފަހު، އެ ކޯޓުގެ ނަންބަރު (OTHR)95-B1/196/2025/10 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް" (21 މެއި 2025) އިން ކަނޑައަޅާފައިވަނީ، މައްސަލައިގެ އިސްތިއުނާފީ މަރުޙަލާ ނިމެންދެން އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރަންޖެހޭ ޙާލަތެއް މި ވަގުތު ނެތްކަމަށެވެ.

10ހައިކޯޓުން މި ފަދައިން ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެކަން އެ ނިންމުމަށް ބެލުމުން އެނގެއެވެ.

10.1 ދަށު ކޯޓުން ޖިނާއީ މައްސަލައެއް ސާބިތުނުވެގެން އިސްތިއުނާފުކުރެވޭ ޙާލަތުގައި، އިސްތިއުނާފީ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ނިންމަންވާނީ، އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ޙާލަތެއްގައި ކަމަށާއި، އަދި ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިނެތްނަމަ، ބަންދުކުރުމުގެ އަމުރެއް ނެރެގެންނުވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން.

10.2 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި، ބަންދުގައި ބެހެއްޓުމަށް ނިންމަންވާނީ، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ޙާލަތެއްގައި ކަމުގައި ބަޔާންކޮށްފައިވުމުން، އެ މިންވަރަށް ހެކި ހުރިތޯ ކޮންމެ މައްސަލައެއްގައިވެސް ދެނެގަންނަންޖެހޭ ކަމާއި، އެއީ އިސްތިއުނާފަށް ހުށަހެޅޭ މިފަދަ ކޮންމެ މައްސަލައެއްގައި ފުރިހަމަވެފައި އޮންނާނެ ޝަރުޠެއް ކަމުގައި ބަލަންޖެހޭނަމަ، ޖިނާއީ ކުށަކާ ގުޅޭ މައްސަލައެއް އިސްތިއުނާފު ކުރުމުން އެ ޝަރުޠު ފުރިހަމަވެފައިވާކަމަށް ބެލުމަށް (presumption) ޤާނޫނުގައި ބަޔާންކޮށްފައި އޮންނާނެކަމަށް ބެލެވޭ ހިނދު، އެފަދައިން ބަޔާންކުރުމުގެ ބަދަލުގައި، ޤާނޫނުގައި ބަޔާންކޮށްފައިވަނީ ބަންދުގައި ބަހައްޓާނަމަ ހެކި ހުރިތޯ ބެލުމަށްކަމަށާއި، އެއީ ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރުންނަށް އިގުތިނާއުވެވޭ މިންވަރަށް ހުށަހެޅި ބަޔާންކޮށްދެވިފައި އޮންނަންވާނެ ކަމެއް ކަމުގައި ދެކޭކަން.

10.3. ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ދެނެގަންނަންވާނީ ހުށަހެޅިފައިވާ އިސްތިއުނާފަށް ބިނާކޮށްގެންކަމަށާއި، ތުހުމަތުކުރެވުނު ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ ބެލުމުގައި ރިޢާޔަތްކުރަންވީ ހެކިތަކަކީ ކޮބައިކަމާއި، އެކަމުގެ ސަބަބުތައް އިސްތިއުނާފުކުރާ ފަރާތުން އެ މައްސަލައެއްގައި ފަނޑިޔާރުންނަށް އިގުތިނާއުވެވޭ މިންވަރަށް ހުށަހަޅައިދީ ބުނެދީފައިނުވާނަމަ، ޖިނާއީ އިޖުރާއަތުގެ 199 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާގޮތަށް ބަންދުކުރުމުގެ އަމުރެއް ކޯޓުން ނެރެގެން ނުވާނެކަން.

10.4. ހައިކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފުން ބަންދާމެދު ގޮތެއް ނިންމުމުގައި ރިޢާޔަތްކުރަންވީ ކަންކަމަކީ ކޮބައިކަމާއި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިކަން ދެނެގަތުމަށް ބޭނުންކުރެވިދާނެ ހެކިތަކަކީ ކޮބައިކަމާއި އަދި އެކަމުން ނުކުންނަ ނަތީޖާއަކީ ކޮބައިކަމެއް ނުވަތަ ތުހުމަތު އުފެދޭ ގޮތަކީ ކޮބައިކަން ބަޔާންކޮށް ދައުލަތުން އެއްވެސް ތަފުސީލެއް ބަޔާންކޮށްފައިނުވާކަން.

10.5. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރިކަމުގެ މައްޗަށް ބުރަވެވޭ ތަފުސީލެއް ދައުލަތުން ހުށަހަޅާފައިނުވާތީ އެފަދަ ޙާލަތެއް އޮތްކަން ކަނޑައެޅެން ނެތް ހިނދު، ބަންދުން ދޫކޮށްލައިފިނަމަ މެދުވެރިވެދާނެ ހާލަތެއް ވަޒަންކުރެވެން ނޯންނާނެ ކަމުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެދެވެން ނެތްކަން.

11ހައިކޯޓުގެ މި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

12މިއީ، ބުނެވުނު ހައިކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައާމެދު މި ކޯޓުން ނިންމި ގޮތެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ އަދި އެއިގެ ރައްދު

13ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އެއް ނުކުތާއެވެ. އެއީ ހައިކޯޓުގެ ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ވަނަ ނަންބަރާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

14ދައުލަތުން އިސްތިއުނާފުކޮށްފައިވާ ނުކުތާގެ ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

14.1. އަފްރާޙް ޢަބްދުއްރައްޒާޤު – މައްސަލައިގައި ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަންކޮށް ކުރިއަށް ދިއުމަށް އެދިފައި ނުވާކަމާއި، އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބުނާނެ ވާހަކައެއް ނެތްކަން.

14.2. ޖުނައިހު ޢަބްދުﷲ – މައްސަލައިގައި ޖަވާބުދާރީވާން ދިން ފުރުސަތުގައި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނުމުން ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަން ކޮށްފައިވާކަމާއި – އިސްތިއުނާފުގެ ޖަވާބުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބިޝާރު އިސްމާޢީލް ޤަޟިއްޔާގަ ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން، ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ނިޔާ ކަނޑައެޅުމުން ކުށުގެ ތުޙުމަތުގެ މަހައްލުން ތުޙުމަތުކުރެވޭ ފަރާތް ވީއްލި މީހާ އެ ޙާލަތުން ނެއްޓިގެންދާ ކަމަށް ބަޔާންކޮށްފައިވާތީ، ކުށުގެ ތުޙުމަތު އޮވެގެން މުއްތަހަމުގެ މައްޗަށް ކޮށްފައިވާ ކުށުގެ ދަޢުވާ ސާބިތުނުވާ ޙާލަތުގަ ނިޔާ ކަނޑައެޅުމަށް މުއްތަހުމުގެ މައްޗަށް ކުރެވުނު ތުޙުމަތުތައް ވެސް ހަމަ އެގޮތުގެމަތިން ނެތިގެންދާނެކަމަށްވާތީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ސަބަބެއް ނެތްކަމަށް ދެކޭ ކަމަށް.

14.3. ޙަސަން މަޙްފޫޡް – ވަކީލު ޢައްޔަނުކޮށްފައިވާކަމާއި – އިސްތިއުނާފުގެ ޖަވާބުގައި ބުނެފައިވަނީ، މި އިސްތިއުނާފީ މައްސަލައިގައި ޢަމަލުކުރަންޖެހޭނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޝަރަހަކޮށްދީފައިވާ އުޞޫލުތަކުގެ މައްޗަށްކަމަށާއި، އެގޮތުން ކުށުގެ ތުޙުމަތުކުރެވޭ މީހަކު އިތުރަށް ބަންދުގަ ބެހެއްޓުމާމެދު ކޯޓުން ގޮތެއް ނިންމުމުގަ ތުޙުމަތުކުރެވޭ މީހަކު ތުޙުމަތުކުރެވުނު ކުށް ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން މައްޗަށާއި އަދި ޤާނޫނުއަސާސީ 49 ވަނަ މާއްދާގަ އެބަޔާންކުރާ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމާމެދު ކަމުގެ މައްޗަށް ރިޔާޢަތްކުރަންޖެހޭކަމުގަ ބަޔާންކޮށްފައިވޭ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ނިޔާ ކަނޑައެޅުމުން ކުށުގެ ތުޙުމަތުގެ މަޙައްލުން ކުށުގެ ތުޙުމަތުކުރެވުނު މީހާ ނެއްޓިގެންދޭ. އެފަދަ ޙާލަތުގަ ކުށުގެ ތުޙުމަތު އޮވެގެން މުއްތަހަމުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ދަށު ކޯޓުން ސާބިތުނުވާކަމަށް ނިޔާ ކަނޑައެޅުމުން މުއްތަހަމުގެ މައްޗަށް ކުރެވުނު ތުޙުމަތު ނެތިގެން ދިޔައީ. އެހެންކަމުން މި ޖަވާބު ހުށަހަޅާ ފަރާތުން އެދޭ ގޮތަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނާނެ ސަބަބެއް ނެތްކަމަށް ނިންމައި ދިނުމަށް އެދިކަން.

14.4. މުޙައްމަދު ސާޒް – މައްސަލައިގައި ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަންކޮށް ކުރިއަށް ދިއުމަށް އެދިފައި ނުވާކަމާއި، އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބުނާނެ ވާހަކައެއް ނެތްކަން.

14.5. ސިމާޙު މޫސާ – މައްސަލައިގައި ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަންކޮށް ކުރިއަށް ދިއުމަށް އެދިފައިވުމުން އެ ފުރުސަތު ދެވިފައިވާކަމާއި، ނަމަވެސް ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަންކޮށްފައި ނުވާކަން. އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބުނާނެ ވާހަކައެއް ނެތްކަން.

14.6. އުޘްމާން ޝަރީފް – މައްސަލައިގައި ޖަވާބުދާރީވާން ދިން ފުރުސަތުގައި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ބުނުމުން ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަން ކޮށްފައިވާކަމާއި – އިސްތިއުނާފުގެ ޖަވާބުގައި ބުނެފައިވަނީ، މި އިސްތިއުނާފީ މައްސަލައިގައި ޢަމަލުކުރަންޖެހޭނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ޝަރަހަކޮށްދީފައިވާ އުޞޫލުތަކުގެ މައްޗަށްކަމަށާއި، އެގޮތުން ކުށުގެ ތުޙުމަތުކުރެވޭ މީހަކު އިތުރަށް ބަންދުގަ ބެހެއްޓުމާމެދު ކޯޓުން ގޮތެއް ނިންމުމުގަ ތުޙުމަތުކުރެވޭ މީހަކު ތުޙުމަތުކުރެވުނު ކުށް ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން މައްޗަށާއި އަދި ޤާނޫނުއަސާސީ 49 ވަނަ މާއްދާގަ އެބަޔާންކުރާ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަމާމެދު ކަމުގެ މައްޗަށް ރިޔާޢަތްކުރަންޖެހޭކަމުގަ ބަޔާންކޮށްފައިވޭ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ބިޝާރު އިސްމާޢީލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ނިޔާ ކަނޑައެޅުމުން ކުށުގެ ތުޙުމަތުގެ މަޙައްލުން ކުށުގެ ތުޙުމަތުކުރެވުނު މީހާ ނެއްޓިގެންދޭ. އެފަދަ ޙާލަތުގަ ކުށުގެ ތުޙުމަތު އޮވެގެން މުއްތަހަމުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ދަށު ކޯޓުން ސާބިތުނުވާކަމަށް ނިޔާ ކަނޑައެޅުމުން މުއްތަހަމުގެ މައްޗަށް ކުރެވުނު ތުޙުމަތު ނެތިގެން ދިޔައީ. އެހެންކަމުން މި ޖަވާބު ހުށަހަޅާ ފަރާތުން އެދޭ ގޮތަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނާނެ ސަބަބެއް ނެތްކަމަށް ނިންމައި ދިނުމަށް އެދިކަން.

14.7. އަޙްމަދު ޒަޔާން – މައްސަލައިގައި ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ވަކީލަކު އައްޔަންކޮށް ކުރިއަށް ދިއުމަށް އެދިފައި ނުވާކަމާއި، އިސްތިއުނާފީ ނުކުތާއާ ގުޅިގެން ބުނާނެ ވާހަކައެއް ނެތްކަން.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާ ގޮތް

15ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާ ތަފްސީލުކުރަމުން ދައުލަތުގެ ފަރާތުން ފާހަކަކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ ކަންކަން ފާހަގަކޮށްފައިވަނީ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާ ގޮތުންކަން ސާފެވެ. އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އާއި (2) ނަންބަރަށް އިސްތިއުނާފީ ނުކުތާގައި ޙަވާލާދީފައިވަނީ ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވާ ގޮތުން، އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމުގައި ބުނެއެވެ.

16ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާއި އެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) އަކީ ދާދި އެއްގޮތަށް އޮތް ދެ މާއްދާއަށްވާއިރު، އަދި މައްސަލައެއް ސާބިތުނުވާ ޙާލަތުގައި މީހުން ބަންދުކުރުމުގައި ބަލާނެ މިންގަނޑަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެކި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވާ މިންގަނޑެއް ކަމުގައިވާއިރު، އެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއިންވެސް މިހާރު ސާފެވެ. އަދި އެހެންކަމުން، ސުޕްރީމް ކޯޓުގެ ޕްރޮސިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 އަށް ޙަވާލާދީ، ދަށުކޯޓުން އެއްފަރާތްކޮށްފައިވާ ހެކިތަކަކީ ހުށަހަޅާފައިނުވާ ހެކިތަކެއް ކަމުގައި ބަލައިގެން ކުރިއަށް ނުދެވޭނެކަމުގައިވެސް ދައުލަތުން ބުނެއެވެ.

17މީގެ އިތުރުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ މީހަކު ބަންދުން ދޫކޮށްލުމަކީ ފަނޑިޔާރަށް އޮންނަ އިޚްތިޔާރެއް ނޫންކަމަށާއި، އެހެންކަމުން، މީހެއްގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ އޮތްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އޚމ [2022] SC 39 މައްސަލައިގެ 15 ވަނަ ނުކުތާ ތަޠުބީޤު ކުރަންޖެހޭ ޙާލަތެއް ނޯންނާނެކަމަށާއި، އަދި އެ މައްސަލަ ތަޠުބީޤުކުރި ނަމަވެސް، އެ މައްސަލައިގެ 15 ވަނަ ނުކުތާގައި ބުނާ ޙާލަތު މި މައްސަލައިގައި އޮތްކަމުގައި ދައުލަތުން ބުނެއެވެ. އަދި މިގޮތުން، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 މައްސަލައިގައި، ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި ހެކިތަކަކީ ވުޖޫދުގައި ނެތް ހެކިތަކެއްކަމަށް ބަލައިގެން ގޮތް ކަނޑަނޭޅޭނެ ކަމަށާއި، ހައިކޯޓުން ކުރަންޖެހޭ ކަމަކީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރިތޯ އާއި ބަންދުކުރަންޖެހޭ ފަދަ ޙާލަތެއް އޮތްތޯ probable cause ގެ މިންގަނޑުން ބެލުންކަމަށް ބުނެ ހައިކޯޓަށް ސާފު އިރުޝާދުތަކެއް ދީފައިވީނަމަވެސް، ސުޕްރީމް ކޯޓުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެވެން ނެތްކަމަށް ހައިކޯޓުން ނިންމާފައިވާކަމުގައާއި، މި މައްސަލައިގައި ހައިކޯޓަށް ޤާނޫނީ މާއްދާތަކާއި ޙުއްޖަތުތަކާއި ވާޤިއީ ކަންކަން ހުށަހަޅާފައިވާކަމަށާއި، ކްރިމިނަލް ކޯޓަށް ހުށަހެޅުނު ސީސީޓީވީ ފުޓެޖްތަކާއި، ކޯލް ޗާޓާއި، ތަޙުޤީޤު ރިޕޯޓާއި، އިންޓެލިޖަންސް ރިޕޯޓަށް އެކަނި ބެލި ނަމަވެސް މި ކުށްކުރުމުގެ އަނިޔާވެރިކަމާއި ކުށުގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބައިވެރިވާގޮތް ސާފުކަމަށާއި، މި މައްސަލައިގައި ހެކި ހުރި ނެތް ގޮތް ދައުލަތުން ހުށަހަޅާފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ޙަޤީޤަތާ ޚިލާފަށް ކަމުގައިވެސް ދައުލަތުން ބުނެއެވެ.

18ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ އާއި 199 ވަނަ މާއްދާ އެއްގޮތްކަމުން، އެ ދެ މާއްދާގެ ދަށުންވެސް މީހުން ބަންދުކުރުމުގައި އަމަލުކުރަންޖެހޭ ގޮތް އެއްގޮތްކަމުގައި ބުނެ ދައުލަތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއަކީ "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ" މީހުންގެ ބަންދާމެދު ގޮތް ކަނޑައެޅުމާ ގުޅޭ މާއްދާއެއްކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މީހުން ބަންދުކުރުމަށް ޙަވާލާދީފައިވަނީ އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ސާބިތުނުވާކަމަށް ނުވަތަ ދަޢުވާ ލިބޭ މީހާ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭކަމަށް މައްސަލަ ބެލި ކޯޓުން ކުރާ ޙުކުމް އިސްތިއުނާފުކުރުމުގެ މަރުޙަލާގައި، ވަކި ހާލަތްތަކެއް ވުޖޫދުގައިވާނަމަ، އެ ފަދަ މީހުން އިސްތިއުނާފު މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމާގުޅޭ މާއްދާއެއްކަން ފާހަގަކުރަމެވެ. އެހެންކަމުން، މި ދެ ޙާލަތުގެ އަސާސީ އެއް ތަފާތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ބަންދުކުރަނީ ކުށެއްގެ ތުހުމަތު އުފުލިފައިވާ މީހެއް ކަމަށްވުމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން ބަންދުކުރަނީ ކުށުގެ ތުހުމަތެއް އެ މީހެއްގެ މައްޗަށް ކުރެވި، އެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވުމުން، އެ މައްސަލަ އިސްތިއުނާފު ކުރާ ހިނދު، އިސްތިއުނާފު ރައްދުވާ ފަރާތް ކަމުގައިވުމެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާއި 199 ވަނަ މާއްދާގެ ދަށުން ހުށަހަޅާނީ މީހަކު ބަންދުކުރުމަށް ކަމުގައިވާނަމަވެސް، މިއީ އެއް މިނަކުން ކިރިދާނެ ދެ މާއްދާއެއް ކަމުގައި ބަލަން ދައްޗެވެ.

19ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 މައްސަލައިގައި އަހުރެން ފާހަގަކޮށްފައިވާ ފަދައިން، މީހަކު ކުށެއްކޮށްފިކަމުގެ ތުހުމަތުކުރެވި، އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުނު ނަމަވެސް، އެ މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ، އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިދެއެވެ. އަދި މި ދެންނެވުނު ޤާއިދާގެ އަލީގައި، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުނު ނަމަވެސް، އެ މީހަކު ބަންދުކުރެވޭނީ ކަނޑައެޅި ބަޔާންކޮށްފައިވާ ވަކި ޙާލަތްތަކެއްގައެވެ. އަދި އަސްލަކީ އެ މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާނަމަ، އެ މީހަކު މިނިވަނެއްގެ ގޮތުގައި ހުރުމެވެ. އަދި އެ މަފްހޫމްގެ ދަށުން، މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކޮށް، އެ މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާނަމަ، އެ މީހަކީ ކުށެއް ނެތް މީހެއްކަމުގައި ބަލަންޖެހެއެވެ.

20ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޮންމެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައިވާތީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް ދަޢުވާކޮށް، އެ މީހެއްގެ މައްޗަށް ކުރާ ދަޢުވާ ކޯޓެއްގައި ސާބިތު ނުވިނަމަވެސް، މުޖުތަމަޢު ރައްކާތެރިކުރުމަށާއި ހެއްކަށް ނުފޫޒުފޯރުވުން ހުއްޓުވުމުގެ މަޤްޞަދުގައި، އެ ނިންމުން ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރާނަމަ، އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރުމަށް ހުށަހެޅުމުގެ އިޚްތިޔާރު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއިން ދައުލަތަށް ލިބިދީފައިވެއެވެ. އެހެންނަމަވެސް، މި މާއްދާގެ ދަށުން މީހަކު ބަންދުކުރުމަށް ހުށަހެޅޭނީ، ދަށުކޯޓުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ހާލަތުގައި، އެ މީހަކު ކުރިކަމަށް ތުހުމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވެފައި، އެކަށީގެންވާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ މީހަކީ (1) އޭނާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ މީހެއް ކަމަށް، ނުވަތަ (2) އޭނާ ފިލައިފާނެ ކަމަށް، ނުވަތަ (3) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤަބޫލުކުރެވޭނަމައެވެ.

21ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 199 ވަނަ މާއްދާ މިހާރު އޮތް ގޮތަށް އިސްލާހުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވެފައި، އެ ބަދަލަށްފަހު ސުޕްރީމް ކޯޓުން އެ މާއްދާއާ ޙަވާލާދީ ނިންމާފައިވާ ފުރަތަމަ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 މައްސަލަ ކަމުގައިވާހިނދު، ޤާނޫނަށް ބަދަލު އައުމުގެ ކުރިން ނިންމާފައިވާ މައްސަލަތަކާއި، ޤާނޫނަށް ބަދަލުއައުމާއެކު ޖިނާއީ އިޖުރާތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި މިހާރު ހިމަނާފައިވާ ތަފްސީލުތައް އެއްފަރާތްކުރުމަށް ފަހު މައްސަލަ ނިންމިދާނެކަމަށް އަހުރެން ނުދެކެމެވެ.

22މިފަދައިން ފާހަގަކުރަން ޖެހެނީ (ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ އާއި އެ ޤާނޫނުގެ 199 ވަނަ މާއްދާގައި މިހާރު ފަރަގުތަކެއް ހުރުމުންނެވެ.

23ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަށް ބެލުމުން، ދަށުކޯޓުގައި މީހެއްގެ މައްޗަށް ކުށް ސާބިތު ވެފައި ނުވާ މީހަކު އިސްތިއުނާފީ މަރުޙަލާގައި ބަންދުކުރެވިދާނެ ޙާލަތްތައް ކަމުގައި އެ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ ޙާލަތްތަކާއި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ޙަވާލާދޭ ޙާލަތްތަކާއި ތަފާތެވެ. އެގޮތުން، (ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ޙަވާލާދޭ ޙާލަތްތަކުގެ ތެރޭގައި ހިމެނޭ 'ކޯޓަށް ހާޒިރުނުވުން' އަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރޭގައި ހިމެނޭ ހާލަތެއް ނޫނެވެ. އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ފިލާފާނެ ކަމަށް ބެލެވޭ މީހާ ބަންދުކުރުމުގެ ބަދަލުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން އެފަދަ މީހަކާމެދު އަޅަން އޮތް ފިޔަވަޅަކީ ފުރުން މަނާކުރުމެވެ.

24މީގެ އިތުރުން، (ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުކުރުމަށްޓަކައި، އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑު ކުށަކަށް ވާންޖެހެއެވެ. މިއީ (ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި) ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކުރާ ދާއިރާއަށްވުރެ ހަނި ދާއިރާއެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާހު ގެނައުމާއެކު، އެ މާއްދާއަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާއާ ޙަވާލާދިނުމަކާއި ނުލައި، ވަކިން ތަޠުބީޤުކުރަންޖެހޭ މާއްދާއެއް ކަމުގައި އަހުރެން ދެކެމެވެ.

25އިސްވެ ބަޔާންކުރި ފަދައިން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް އިސްލާހު ގެނެވުމާ ގުޅިގެން، އިސްތިއުނާފީ މަރުހަލާގައި އެ މާއްދާގެ ދަށުން މީހަކު ބަންދުކުރަންޖެހޭކަން ކަނޑައެޅުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއް ތަޠުބީޤު ނުކުރެވެއެވެ. އެއީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުކުރުމަށް މިހާރު ވަކި ހައްދެއް ކަނޑައަޅާފައިވާތީއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާ މިހާރު އޮތް ގޮތުން، މީހެއްގެ މައްޗަށް ދަޢުވާކޮށްފައިވާ ކުށެއް ސާބިތުނުވާނަމަ، ނުވަތަ އޭނާ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވާނަމަ، ތިން ޙާލަތެއްގައި އެ މީހެއްގެ މައްޗަށް އެޅިދާނެ އޮތީ ދެ ފިޔަވަޅެކެވެ. އެއީ: (1) އެ މީހަކު ފުރުން މަނާނުކޮށްފިނަމަ، އެ މީހަކު ފިލާފާނެކަމަށް ބެލެވޭ ސަބަބުތަކެއް ހުރިނަމަ، އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ނެރުން، އަދި (2) މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭނަމަ، ނުވަތަ އެ މީހަކު ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ހުރިނަމަ އިސްތިއުނާފު މަރުޙަލާ ނިމެންދެން އޭނާ ބަންދުކުރުމުގެ އަމުރެއް ނެރުމެވެ.

26ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މީހަކު ބަންދުގައި ބެހެއްޓުމަށް ދައުލަތުގެ ފަރާތުން އެދޭނަމަ، އެ މީހާ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުން ފުދޭކަމުގައި އަދި މައްސަލައަށް ގޮތް ކަނޑައެޅުމުގައި ޝަހީބް އިބްރާހީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތްކުރަންވާނެ ކަމުގައި ދައުލަތުގެ ފަރާތުން ތަކުރާރުކޮށް ބަޔާންކޮށްފައިވާހިނދު، ޝަހީބް އިބްރާހީމް މައްސަލައިގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގައިވާ އުސޫލުތަކުގެ އަލީގައި، ކުށުގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދު ކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީންކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ މީހަކު އިތުރަށް ބަންދުގައި ބެހެއްޓުމާމެދު ގޮތެއް ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު މައިގަނޑު ދެ ސުވާލެއްގެ ޖަވާބު ހޯދަން ޖެހޭކަމުގައި ބަޔާންކޮށް، ފުރަތަމަ ބަލަންޖެހެނީ ފަނޑިޔާރުގެ ކުރިމައްޗަށްހާޒިރުކޮށްފައިވާ މީހާއާ މެދު ތުހުމަތު ކުރެވުނު ކުށް އޭނާ ކުރިކަމަށް ބާރުދޭ ހެކި ހުރިކަން ނުވަތަ ނޫންކަން ބެލުމުގެ އިތުރުން، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންވެފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް ވުޖޫދުވެދާނެކަން ނުވަތަ ނޫންކަން ފަނޑިޔާރު ބަލަންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މި މައްސަލައަށް ޝަހީބް އިބްރާހީމް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤުކުރި ނަމަވެސް، ދައުލަތުގެ ފަރާތުން ބަންދުކުރުމަށް އެދޭ މީހާ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމުން އެކަނި ނުފުދެއެވެ.

27އެއިގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ބެލުމުން، އެ މާއްދާގެ ދަށުން ބަންދުގައި ބެހެއްޓުމަށް ނިންމަންވާނީ އޭނާއާމެދު ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެ ޙާލަތެއްގައި، އަދި އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭނާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް، ނުވަތަ؛ އޭނާ ފިލައިފާނެ ކަމަށް، ނުވަތަ؛ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ޙާލަތެއް އޮތްނަމަކަން ސާފެވެ. އެހެންކަމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގެ ދަށުން މީހަކު ބަންދުކުރުމަށް ފަނޑިޔާރަށް ނިންމޭނީ، ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމުގެ އިތުރުން، އެމީހަކު ހެކިފޮރުވުމަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރުވުމަށް، ނުވަތަ ފިލުމަށް، ނުވަތަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ހާލަތުގައެވެ.

28އެހެން ގޮތަކަށް ބުނާނަމަ، ޝަހީބް އިބްރާހީމް މައްސަލައިގައި (އެ މައްސަލައިގެ 17 ވަނަ ޕެރެގްރާފްގައި) ކަނޑައަޅާފައިވާ އުސޫލު ތަޠުބީޤު ކުރިނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ގޮތް (މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވުމުން ބަންދުގައި ބެހެއްޓުމަށް އެދޭ ހާލަތުގައި މިހާރު އަމަލު ކުރަން އޮންނަ ގޮތް) ތަޠުބީޤު ކުރިނަމަވެސް، އެއްކަމަކަށް ތުހުމަތުކުރެވުނު ކުށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުން، އަދި ދެވަނަ ކަމަކަށް އެ މީހަކު ބަންދުގައި ބަހައްޓަންޖެހޭ ޙާލަތެއް ވުޖޫދުގައިވާކަން ދައްކުވާ ދިނުމަކީ ދައުލަތުން އަދާ ކުރަންޖެހޭ ޒިންމާއެކެވެ.

29ދެން އޮތް ސުވާލަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތު ނުވުމުން، އެ މައްސަލަ އިސްތިއުނާފު ކުރުމާއެކު، އެ މީހުން ބަންދުކުރަން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިފައިވަނީ މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށްބުނެ ކަމުގައިވާއިރު، އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ (ޤާނޫނުގައި ބަޔާންކޮށްފައިވާ) ސަބަބެއް އޮތްކަން އަދި އެކަން ޝަރީޢަތަށް ދައްކުވައިދޭ ހެކި ހުރިކަން ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވޭތޯއެވެ.

30ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބަހައްޓައިދިނުމަށް އެދުނުއިރު، އެއިން ކޮންމެ މީހެއްގެ މައްޗަށް ވަކި ވަކިން ބަންދުކުރަންޖެހޭ ފަދަ ސަބަބެއް އޮތްތޯ ނުވަތަ ނެތްތޯ ދެނެގަތުމަށްޓަކައި އެ ފަރާތްތަކުގެ މައްޗަށް ހުށަހަޅާ ހެކިތަކާއި، އެ ހެކިތަކުން ފާޅުވާ ޙަޤީޤަތްތަކާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތް ދައުލަތުން (ހުށަހެޅި ސިޓީގައި) ބަޔާންކޮށްދީފައިވާއިރު، ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށްހުރި ހެކިތައް ބަޔާންކޮށްފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ކަނޑައެޅި ފެންނާން އޮތް ޙަޤީޤަތްތަކާ ޚިލާފަށެވެ. އެހެންކަމުން، ހައިކޯޓުގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކޮށްދިނުމަށް އެދުމުގައި ހުށަހަޅާފައިވާ ހެއްކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ސުވާލުކުރުމުން، ކުށް ސާބިތުކުރުމަށްޓަކައި ދަށު ކޯޓަށް ހުށަހަޅާފައިވާ ހެކީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކޮށްދިނުން އެދި ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ އިތުރު އެއް ލިޔުންކަމުގައި ދައުލަތުން ހާމަކޮށްފައިވެއެވެ. އަދި އެ ލިޔުމަކީ ފުލުހުންގެ ފަރާތުން ސަރވެއިލްކުރުމުގެ އަމުރެއް ނެތި، ތިންވަނަ ފަރާތްތަކަކުން ދީފައިވާ މަޢުލޫމާތާއި، ފުލުހުންގެ އެކި ރެކޯޑުތަކުގައި ހުރި މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ "އިންޓެލިޖަންސް ރިޕޯޓެއް" ކަމުގައި ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވެއެވެ.

31އިންޓެލިޖަންސް ރިޕޯޓުތަކަށް ރިޢާޔަތްކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު، ސީދާ މި ބާވަތުގެ މައްސަލައެއްގައި ހަމައެކަނި އެފަދަ ރިޕޯޓެއް ހުށަހަޅާއިގެން ގޮތް ކަނޑައަޅާފައިވާކަން ފެންނާންނެތެވެ. އެހެންނަމަވެސް އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2021] SC 35 ގައި އާމިނަތު އަރީޖް ވަޒީފާއިން ވަކިކޮށްފައިވަނީ އިންޓެލިޖަންސް ރިޕޯޓެއްގައި ހިމެނޭ މަޢުލޫމާތަކާ ގުޅިގެން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައި ވާއިރު، އިންޓެލިޖަންސް ރިޕޯޓެއްގައި ހިމެނޭ މަޢުލޫމާތަކީ، އެ މަޢުލޫމާތުގެ ޞައްޙަކަން އަންގައިދޭ، އެ މައްޗަށް ބުރަވެވިދާނެ އެހެން ކަންތައްތަކެއް ނެތި، އެ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ކަން ނިންމިދާނެ މަޢުލޫމާތުކެއް ނޫން ކަމަށާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް ކަމެއް ސާބިތުކޮށް ދިނުމަށް ހަމަ އެކަނި އިންޓެލިޖަންސް ރިޕޯޓު ނުފުދޭނެކަމުގައި ކަނޑައަޅާފައިވާކަން ފާހަގަވެއެވެ.

32ސުޕްރީމް ކޯޓުގެ އޭޑީކޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ގަސްވެލި އައިލެންޑްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން (1) ދަފްޢު އުފުލާ ފަރާތުން އެކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ހެކި ހުށަހެޅުން (burden of production) އަދި، (2) ހުށަހަޅާ ހެއްކަކީ (އަނެއް ފަރާތުން ހުށަހަޅާ ހެއްކާ އަޅާކިޔާއިރު) އެ ދަފްޢު ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއްގެ ހެއްކަކަށް (burden of persuasion) ވާންޖެހޭކަން ފާހަގަކުރަމެވެ. އަދި އެހެންކަމުން، މި ބާވަތުގެ މައްސަލަތަކުގައި ގޮތް ކަނޑައަޅަންޖެހޭނީ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އެ މީހަކީ ކުށުން ބަރީޢަވެގެންވާ މައުސޫމު މީހެއް ކަމުގައި ބެލުމާއި، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ ފަހަރަކީ މީހެއްގެ މިނިވަންކަން ހިފެހެއްޓި ބަންދުކުރެވިގެން ވާނެ ޙާލަތްތަކެއް ނޫންކަމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މި އަސާސްތައް އެ ނޫން ގޮތަކަށް ފުރޮޅިގެން ދާނަމަ، އެ ކަމަކީ ޤާނޫނު ނެގެހެއްޓުމަށްޓަކައި، އެނޫންގޮތެއް ނެތް ޙާލަތުގައި އެޅޭ އިސްތިސްނާއީ ފިޔަވަޅެއްގެ ގޮތުގައެވެ.

33އެހެންކަމުން، ދައުލަތުގެ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުކުރަންޖެހޭ ވަކިވަކި ސަބަބެއް އޮތްތޯ ނުވަތަ ނެތްތޯ ދެނެގަތުމަށްޓަކައި އެ ފަރާތްތަކުގެ މައްޗަށް ހުށަހަޅާ ހެކިތަކާއި، އެ ހެކިތަކުން ފާޅުވާ ޙަޤީޤަތްތަކާއި، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ގޮތް ދައުލަތުން (ހުށަހެޅި ސިޓީގައި) ބަޔާންކޮށްދީފައިވާ ކަމުގައި ދެކެވުނުނަމަވެސް، ހައިކޯޓުގެ ނިންމުމުގައި އެފަރާތްތަކަކީ ކުށެއްގެ ތުހުމަތު ކުރެވި، އެ ކުށުން މިހާރު ބަރީޢަވެފައިވާ ފަރާތްތަކެއް ކަމުގައިވާތީ، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް އެފަރާތްތައް ބަންދުކުރަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅާފައިވަނީ އެ ކޯޓަށް ހުށަހެޅުނު ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ލިބިވަޑައިގެންވާ އިޚްތިޔާރުގެ ތެރޭގައިކަމަށް އަހުރެންނަށް ބުރަވެވެއެވެ.

34މީގެ އިތުރުން، މި މައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ (ނުވަތަ މި މައްސަލައިގައި ހިމެނޭ ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތައް) މައްޗަށް ދަޢުވާކުރުމުން، ދަށު ކޯޓުގައި އެ ފަރާތްތަކުގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުނުވުމުގެ އިތުރުން، އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކުރެވުނު ކުށް ދަށުކޯޓުގައި ސާބިތުވެފައި ނުވަނީ އެ ފަރާތްތަކަކީ ހަމަ ހަޤީޤަތުގައިވެސް އެ ކުށްކުރި ފަރާތްތައްކަން ހެކިތަކުގެ އަލީގައި ކަށަވަރު ނުކުރެވޭތީ، އެ ބިނާގެ މައްޗަށް ކަމުގައިވުމުން، ކުށުގެ ޢަމަލު ހިންގި އަދި އެ ކުށްކުރުމުގައި ބައިވެރިވި މީހުންނަކީ ކޮބައިކަން (identity) ދަށުކޯޓުގައި ހިންގި މައްސަލައިގެ ތެރެއިން ކަށަވަރުކުރެވިފައި ނުވެއެވެ. މިހާރު މައްސަލަ ހައިކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކޮށްފައިވީ ނަމަވެސް، ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 މައްސަލައިގައިވެސް އަހުރެން ފާހަގަކޮށްފައިވާ ފަދައިން، ކުށުގެ ޢަމަލު ކުރި ނުވަތަ އެކަމުގައި ބައިވެރިވި ފަރާތްތަކަކީ މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައްކަން އެނގޭނެ ގޮތެއް ނެތްހިނދު، ދަށުކޯޓުން މައްސަލައިގައި ގޮތް ކަނޑައެޅުމުގައި ކުށް ކުރި އަދި ކުށުގައި ބައިވެރިވި ފަރާތްތަކަކީ ކޮން ބައެއްކަން ކަށަވަރު ނުވާކަމުގައި ކަނޑައަޅާފައިވަނީ legal technicality އެއްގެ މައްޗަށް ކަމުގައި، ނުވަތަ ގޯހުން ޤާނޫނެއް ނުވަތަ ޤާނޫނީ އުސޫލެއް ތަޠުބީޤުކޮށްގެން ކަމުގައި، ނުވަތަ އެހެންވެސް ސަބަބަކާހުރެ ކަމުގައިވީ ނަމަވެސް، ކުށްކުރި މީހުންގެ އައިޑެންޓިޓީއާ ގުޅޭ ވާޤިއާއާމެދު ހައިކޯޓުގައި އޮތް އިސްތިއުނާފީ މައްސަލައިގެ ތެރެއިން ގޮތެއް ކަނޑައެޅުމަކާ ނުލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ ދަށުން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބައިތިއްބަންޖެހޭ ކަމުގައި ކަނޑައެޅުމަކީ ކުރެވިދާނެ ކަމެއް ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

35މި މައްސަލައަކީ، ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށް ރިޢާޔަތްކޮށް މި މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ހައިކޯޓަށް ފޮނުވުމުން، އެ ކޯޓުން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރެވިފައިވާ މައްސަލައެކެވެ.

36HN1މި ދެންނެވި ސުޕްރީމް ކޯޓުގެ ނިންމުމުގެ ޚުލާސާއަކީ، ކުށް ސާބިތުނުވާކަމަށް ކުރި ޙުކުމް އިސްތިއުނާފުކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ދައުލަތުން އެދުމުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުން، ބަންދާމެދު ގޮތެއް ނިންމުމުގައި ހައި ކޯޓުން ފުރަތަމަ ބަލަން ޖެހޭނީ އެ މީހަކު ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯކަމާއި، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށް ޤާނޫނުގައި ބުނާ ދެ ޙާލަތުންކުރެ ޙާލަތެއް ވުޖޫދުގައި އޮތްތޯ ބަލަން ޖެހެނީ އެމީހަކު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމަ ކަމާއި، ތުހުމަތު ކުރެވޭވަރަށް ހެކި ހުރިތޯ ބެލުމުގެ ކުރިން ހައިކޯޓުން ޤާނޫނުގައި ބުނެފައިނުވާ އެހެން ކަމެއް ބަލާފައިވާއިރު، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށާއި، އެގޮތުން ނުކުންނަ ނަތީޖާވެސް ރަނގަޅު ނުވާނެ ކަމަށާއި، ދަށުކޯޓުން މައްސަލާގައި ހުރި ހެކި ތަކާމެދު ނިންމިގޮތް ހައިކޯޓުގެ ކުރިމައްޗަށް އިސްތިއުނާފަށް ހުށަހެޅިފައިވާ ޙާލަތުގައި، އެ ހެކިތަކާމެދު ދަށުކޯޓުން ނިންފައިވާ ގޮތަށް އިސްތިއުނާފު މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމާއިރު ރިޢާޔަތް ނުކުރެވޭނެ ކަމަށެވެ. މި ގޮތަށް ނިންމައި ބަންދާމެދު އަލުން ގޮތެއް ނިންމަން ހައިކޯޓަށް އެ މައްސަލަ ތަޙްވީލު ކުރެވުނެވެ.

37ނަމަވެސް، ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރި ކަމުގެ މައްޗަށް ބުރަވެވޭފަދަ ތަފްސީލެއް ދައުލަތުން ހުށަހަޅާފައި ނުވާތީ، ޝަރީޢަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންކަމުން، މި ނިންނުން ނިންމާފައިވަނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާއެއްގޮތަށްތޯ މިއީ، މި މައްސަލަގައި އޮތް މައިގަނޑު ސުވާލުކަމަށް އަހުރެންދެކެމެވެ.

38މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މައްޗަށް ކުށްކުރިކަމުގެ ތުހުމަތު ކުރެވޭވަރުގެ ހެކީގެ ތަފްސީލާއި، ބަންދުގައި ބަހައްޓަންޖެހޭ ސަބަބާއި ގުޅޭ ތަފްސީލު ހައިކޯޓަށް ލިޔުމުން ހުށަހަޅާފައި ވާނެ ކަމަށާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެ ތަފްސީލުތައް ބަޔާން ކުރަނިކޮށް ތަފްސީލު ހުށަނޭޅުމަށް ފަނޑިޔާރުން އަންގައިގެން ކުރުކޮށްލީ ކަމަށާއި، ހައިކޯޓަށް ތަފްސީލުތައް ލިޔުމުން ހުށަހަޅާފައިވާނެ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ހަތް މީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ހެކިތަކުގެ ތަފްސީލު ބަޔާންކޮށް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް އެދި ކޮންމެ މީހަކަށް ވަކިން ސިޓީއެއް ހައިކޯޓަށް ފޮނުވި ކަމަށާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުމަތަޢުގެ ސަލާމަތަށް ނުރައްކާވާނެކަން ބަޔާންކޮށް ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ވަކިވަކިން ބަލައި ތަފްސީލު އެ ސިޓީތަކުގައި ދީފައިވާނެކަމަށެވެ.

ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރިކަން ބަލާނެގޮތް

39HN3ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިތޯ ބަލާނެ ގޮތް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މަފްތޫޙް ސަޢީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2021] SC 67 ޤަޟިއްޔާގެ 30 ވަނަ ޕެރެގެރާފްގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. އެ ޤަޟިއްޔާގައި ޕްރޮބަބަލް ކޯޒްގެ މިންގަނޑު ފަނޑިޔާރު ބަޔާންކޮށްދީފައިވަނީ އެމެރިކާގެ ޓްރެފިކް ޤަޟިއްޔާއެއްގެ ނިންމުމަކާ ހަވާލާދީ ކަމަށާއި މި މައްސަލައަކީ މަރުގެ މައްސަލައަކަށް ވެފައި، ދެ މައްސަލާގައި ބާވަތުގެ ފަރަގު އުޅޭކަމަށް ބުނެ ހައިކޯޓުން ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޤަޟިއްޔާގެ ނިންމުމަށް ޢަމަލުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި އެހެން ރަނގަޅު ޤަޟިއްޔާއަކާ ހަވާލާދީ ނަމަވެސް މި މަރުޙަލާގައި ތުހުމަތު ކުރެވޭ ވަރަށް ހެކި ހުންނަންޖެހޭ މިންގަނޑަކީ ކޮބައިކަން ބުނެދީފައިނުވެއެވެ.

40HN2ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިތޯ ބަލާނެ ގޮތް މަފްތޫޙް ސަޢީދު ޤަޟިއްޔާގެ 30 ވަނަ ޕެރެގެރާފްގައި ސުޕްރީމް ކޯޓުން ޝަރަހަ ކޮށްދީފައިވަނީ ވަރަށް ތިލަކޮށް މިސާލުތަކާއެކު ވަރަށް ސާދާކޮށެވެ. އެ ޕެރެގްރާފުގައި ބަޔާންކޮށްފައިވަނީ،

"ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމަކީ ކުރެވޭ ހަމައެކަނި ޝައްކަކަށްވުރެ މަތީ ދަރަޖައެއް ހާސިލުވުމެވެ. އެމިންވަރު ހާސިލުވާނީ އެކަށީގެންވާ މިންވަރަކަށް އިތުބާރުކުރެވޭ ގޮތަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި އެފަރާތަށް އެނގިފައިވާ ވާގިއާތަކާއި ހާލަތަށް ބަލައި މުއްތަހަމު ކުށްކޮށްފައިވާ ކަމަށް ނުވަތަ ކުށް ކުރަމުން ގެންދާ ކަމަށް ފަރުވާތެރި، ސަބަބުވެރި މީހަކަށް ގަބޫލުކުރެވޭނެ ނަމައެވެ. އެއީ ޔަގީން ކަމުގެ މަހައްލާއި ޝައްކުގެ މަހައްލާއި ދެމެދުގެ ދަރަޖައެކެވެ. އިސްވެ މި ބަޔާންކުރި ޓެސްޓު ގައި ފަނޑިޔާރު ރިއާޔަތްކުރަންވާނީ އޭނާގެ ކުރިމައްޗަށް ހުށަހެޅުނު ވާގިއާ ތަކާއި މުއްތަހަމް ކުށްކުރި ކަމަށް ކުރެވޭ ޝައްކުތަކުގެ މައްޗަށެވެ. އެ ވާގިއާ ތަކާއި ހާލަތުތަކުން ކުރެވެނީ މުއްތަހަމް ކުށެއް ކުރިކަމުގެ ހަމައެކަނި ޝައްކެއް ނަމަ އެވަރުން ނުފުދޭނެއެވެ. ޝައްކުގެ މަހައްލުން ނެއްޓި ކައިވަތެއްހާ ތަން ނަމަވެސް ޔަގީނުގެ މަންޒިލާ ދިމާއަށް ހޭރިޔާކުރެވެންވާނެއެވެ. ޔަގީނުގެ އިމުގެ ތެރެއަށް ވަނުން ލާޒިމެއް ނޫނެވެ. މިތަނުގައި "ފަރުވާތެރި، ސަބަބުވެރި މީހެއް" ކަމަށް ބުނެފައި މިވަނީ އެއްވެސް ގާނޫނީ ތަމްރީނެއް ހަދާފައިނުވާ، އާދައިގެ ދިރިއުޅުމެއްގައި އުޅޭ، މަގުމަތިން ދިމާވާ، ނުވަތަ މާލެއިން ރަށަށް ދަތުރުކުރާ ފެރީއަކުން ދިމާވާ މުދައްރިސެއް ނުވަތަ މާވަޑިއެއް ނުވަތަ ކެޔޮޅެއްގެ ވާހަކައެވެ." މިހެންނެވެ.

41ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިކަމަށް ބުނެ ބަންދާއިމެދު ގޮތެއް ނިންމައި ދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި ހެކިތަކަކީ،

1- ސިއްރު ހެކިންގެ ބަޔާންތައް: އެ ބަޔާންތަކުގައި ކުށުގެ ޢަމަލާއި އިސްތިއުނާފު ރައްދުވާ މީހުންނާ ގުޅުވައިގެން އެމީހުންނާ ދެކޮޅަށް އެ ހެކިން ހެކިބަސް ދޭކަމަށް ދައުލަތުން ބުނެފައިވެއެވެ.

2- ސީސީޓީވީ ފޫޓޭޖްތަކާއި ވީޑިއޯ އެނެލެސިސް ރިޕޯޓުތައް: މިއީ ހަތަރު ސައިކަލެއްގައި 8 މީހަކު ހާދިސާ ހިނގިތަނަށް ގޮސް، އެތަނުން ހަތަރު މީހަކު ގަރާޖުތެރެއަށް ވަދެ އަނިޔާ ލިބުނު މީހާއަށް ހަމަލާދިންކަމަށް ދަލާލަތު ކޮށްދޭ، މި މައްސަލަ އެންމެ ވަރުގަދަ އެއް ހެކި ކަމަށާއި، ވީޑިއޯ އެނެލެސިސް ރިޕޯޓުތަކުން، އިސްތިއުނާފު ރައްދުވާ މީހުންނާއި މި މައްސަލައާ ގުޅޭގޮތް އެނގޭނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

3- ކޯލް ޑީޓެއިލް ޗާޓުތައް: މިޗާޓުތަކުން ތުހުމަތު ކުރެވޭ މީހުން ހާދިސާގެ ކުރިންނާއި އޭގެ ފަހުން އެކަކުއަނެކަކަށް ގުޅާފައިވާ ގުޅުންތައް އެނގޭނެ ކަމަށް ބުނެފައިވެއެވެ.

މިއީ ހަމައެކަނި ބަންދާމެދު ގޮތެއް ނިންމައި ދިނުމަށް އެދި ހުށަހެޅިއިރު ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިކަން އަންގައި ދިނުމުގެ ގޮތުން ހުށަހެޅި ހެކިތައް ކަމަށާއި މައްސަލާގެ ޝަރީޢަތަށް އިތުރު ހެކި ހުށަހެޅި ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި ހަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މި ހާދިސާގައި މަރުވި މީހާއަށް ހަމަލާދިން 4 މީހުންގެ ތެރެއިން ޖުވެނައިލް ކޯޓަށް ހުށަހެޅި ކުޑަކުއްޖާގެ މައްސަލާގައި އޭނާގެ މައްޗަށް ހައިކޯޓުން ކުށް ސާބިތުވާކަމަށް ނިންމާފައިވާ ކަމަށް ވެސް ދައުލަތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

42HN5މި މައްސަލައަކީ އިސްތިއުނާފު ރައްދުވާ މީހުންގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރިތޯ ވަޒަންކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ހައިކޯޓަށް މި މައްސަލަ ތަޙްވީލު ކުރުމުން، ސުޕްރީމް ކޯޓުން މި މައްސަލާގައި ކަނޑައެޅި އުޞޫލާ އެއްގޮތަށް ހައިކޯޓުން ޢަމަލުނުކުރި ކަމަށް ބުނެ ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކަށްވާއިރު، މި ކަމުގައި މިހާރު ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ލާޒިމެވެ.

43މިގޮތުން، މި މަރުޙަލާގައި ތުހުމަތު ކުރެވޭ މިންވަރަށް ހެކިހުރިކަން ވަޒަން ކުރަންޖެހޭ މިންގަނޑަކީ، އިސްތިއުނާފު ރައްދުވާ މީހުންނާ ދެކޮޅަށް ހުށަހެޅިފައިވާ ކަމަށް 41 ވަނަ ޕެރެގެރާފްގައި ބަޔާންކޮށްފައިވާ ހެކިތައް، މަފްތޫހު ސަޢީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކަށް ރިޢާޔަތްކުރެވި، ފަރުވާތެރި ސަބަބުވެރި މީހެއްގެ ވިސްނުމުން ވިސްނައި، އެހެންގޮތަކަށް ބުނާނަމަ، މުޖުތަމަޢުގައި ދިރިއުޅޭ އާދައިގެ އިންސާނެއްގެ ވިސްނުމުން ވިސްނައި ބަލާއިރު، އިސްތިއުނާފު ރައްދުވާ މީހުން ކުށްކުރިކަމަށް އެމީހަކަށް ތުހުމަތު ކުރެވޭ މިންވަރަށް ކަންކަން ހުރިތޯ ބެލުމެވެ. އެ މިންގަނޑުން ވަޒަންކުރާއިރު މި ހެކިތަކަކީ އިސްތިއުނާފު ރައްދުވާ މީހުން ކުށްކުރިކަމަށް ތުހުމަތު ކުރުމަށް އެކަށީގެންވާ މިންވަރުގެ ހެކިކަމަށް ބުރަވެވޭތީ، މި މައްސަލާގައި އިސްތިއުނާފު ރައްދުވާ މީހުންގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރި ކަމަށް އަހުރެންނަށް ބުރަވެވެއެވެ.

44HN4މިގޮތަށް ހެކި ވަޒަންކުރާއިރު، ދަށުކޯޓުން މައްސަލާގައި ހުރި ހެކިތަކާމެދު ނިންމިގޮތް ހައިކޯޓުގެ ކުރިމައްޗަށް އިސްތިއުނާފަށް ހުށަހެޅިފައިވާ ޙާލަތުގައި، އެ ހެކިތަކާމެދު ދަށުކޯޓުން ނިންފައިވާ ގޮތަށް އިސްތިއުނާފު މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމާއިރު ރިޢާޔަތް ކޮށްގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އުޘްމާން ޝަރީފް އަދި އިތުރު ފަރާތްތައް [2025] SC 15 ޤަޟިއްޔާގައި ކަނޑައަޅާފައިވާނެއެވެ. ދަށުކޯޓުން މައްސަލާގައި ހުރި ހެކިތަކާމެދު ނިންމިގޮތަށް ރިޢާޔަތްކުރާނަމަ، އިސްތިއުނާފު މަރުޙަލާގައި މީހަކު ބަންދުގައި ބެހެއްޓޭނެ ޙާލަތެއް ވަރަށް ނާންނާނެއެވެ. މި މައްސަލައަށް ބަލާއިރު، ބައެއް ހެކިތައް ދަށުކޯޓުން ބަލައިނުގަނެއެވެ. ބާކީހުރި ހެކިތަކަށް ބުރަދަނެއް ދީފައިނުވެއެވެ. މިގޮތުން ބަންދާމެދު ގޮތެއް ނިންމާ މަޖިލީހަށް ދައުލަތުން ހުށަހަޅާނެ ހެއްކެއް ނޯންނާނެއެވެ. މިގޮތަށް މިކަންކަން އޮތުމުން މުޖުތަމަޢުގެ މަސްލަޙަތަށް އުނިކަން އަންނާނެއެވެ. ހެކިތަކާ ގުޅޭގޮތުން ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމަށް ހައިކޯޓުން ގޮތެއް ނިންމާނީ ހައިކޯޓުން މައްސަލަ ނިންމާއިރުއެވެ. ބަންދާމެދު ގޮތެއް ނިންމުމުގެ ބޭނުމަށް އެކަންކަމަށް ވަކިން ގޮތެއް ނިންމޭނެ ގޮތެއް ނޯންނާނެއެވެ. މިހެން މިކަން އޮތުމުން ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާނީ ދަށުކޯޓުން މައްސަލާގައި ހުރި ހެކިތަކާމެދު ނިންމިގޮތް ހައިކޯޓުގެ ކުރިމައްޗަށް އިސްތިއުނާފަށް ހުށަހެޅިފައިވާ ޙާލަތުގައި، އެ ހެކިތަކާމެދު ދަށުކޯޓުން ނިންފައިވާ ގޮތަށް އިސްތިއުނާފު މަރުޙަލާގައި ބަންދާމެދު ގޮތެއް ނިންމާއިރު ރިޢާޔަތްކޮށްގެން ނުވާނެ ކަމަށެވެ.

ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބަލާނެގޮތް

45HN6އިސްތިއުނާފު ރައްދުވާ ފަރާތްތައް ބަންދުގައި ބައިތިއްބަން ޖެހޭކަމަށް ދައުލަތުން ބުނާ ސަބަބަކީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ބެލެވުމެވެ. މި ސަބަބު އޮތްތޯ ބަލަނީ ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތް ކޮށްގެންނެވެ. އެ މާއްދާގެ އެ އަކުރުގައި ބަޔާންކުރަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި މީހަކު ބަންދުގައި ބެހެއްޓުމުގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެ ކަންކަމެވެ.

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި ފަނޑިޔާރަށް ރިޢާޔަތްކުރެވިދާނެކަމަށް ބަޔާންކޮށްފައިވަނީ:

(ހ) ތުހުމަތުކުރެވޭ މީހާގެ ބަންދާއި، ހައްޔަރުގެ ރެކޯޑުތަކާއި، ކުށުގެ ރެކޯޑު.

(ށ) ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުގައި އަދާކުރާ ދައުރާއި، އޭނާގެ ވަޒީފާއާއި، އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރިނެތް ގޮތް.

(ނ) ތުހުމަތުކުރެވޭ ކުށުގެ ޢަމަލު ހިންގުމުގައި އޭނާ ބައިވެރިވެފައިވާ ގޮތް.

(ރ) ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަބޮޑު މިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަން.

46މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށްޓަކައި މި އަކުރުގައި ހިމެނޭ ހުރިހާ ކަމެއް ފުރިހަމަ ވާން ނުޖެހޭ ކަމަށާއި، މީގެ ތެރެއިން ބައެއް ކަންކަން ފުރިހަމަވުމުން ފުދޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ ޔާމީން ރަޝީދު ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން ފާހަގަކުރެވެއެވެ.

47HN7މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ހަތް މީހުންނަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ގިނަ އަދަދެއްގެ ހައްޔަރު ރެކޯޑު އޮތް ބައެއްކަން ފާހަގަވެއެވެ. މި މައްސަލާގައި މީގެ ތެރެއިން ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމަށް ތުހުމަތު ކުރެވޭއިރު ބަކީ ތިބި ހަތަރު މީހުންގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ތުހުމަތު ކުރެވެއެވެ. ކުށުގެ ބާވަތާއި، ކުށް ކޮށްފައިވާ ޙާލަތާއި، ކުށުގެ ކުޑަބޮޑު މިނާއި، ކުށް ކުރުމުގައި އަނިޔާވެރިކަން ހިމެނޭނަމަ އެކަމަށް ރިޢާޔަތް ކުރަންޖެހޭއިރު، ގަސްތުގައި މީހަކު މެރުމުގެ ކުށަކީ މުޖުތަމަޢެއްގައި ހިނގާނެ އެންމެ ބޮޑު ކުށް ކަމާއި، ކުށުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް ހަދައިގެން ޢާންމު ތަނެއްގައި ކަމާއި، ހަތަރު މީހަކު ވެގެން އެއްފަހަރާ ތޫނު ހަތިޔާރުތަކުން ހަމަލާދީގެން މީހަކު މަރާލާފައިވާއިރު، މިކަމުގައި މި ޢަމަލަކީ އަނިޔާވެރިކަން އިންތިހާއަށް އެކުލެވިގެންވާ ޢަމަލެއްކަން އެނގެން އޮވެއެވެ. މިކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިންގެ ބަޔާންތަކާއި، ސީސީޓީވީ ފޫޓޭޖްތަކާއި އޭގެ އެނެލެސިސް ރިޕޯޓުތަކާއި ކޯލްޑީޓެއިލް ޗާޓުތަކުން ބާރުލިބޭކަން ފާހަގަކުރެވެއެވެ.

48މިކަންކަން މިމަގަށް ހުރުމާއެކު، އިސްތިއުނާފު ރައްދުވާ މި ހަތް މީހުންގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރި ޙާލަތުގައި ބަންދުން ދޫކޮށްލައިފިނަމަ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އެމީހުންގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތާއި އަމަންއަމާންކަމަށް ނުރައްކާވެދާނެކަމަށް ބުރަވެވެއެވެ.

49HN8މި މައްސަލާގައި ތުހުމަތު ކުރެވޭ މި ހަތް މީހުން ބަންދުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެން ނަމަވެސް ބަންދުން ދޫކޮށްލައިފިނަމަ މުޖުމަތަޢުގެ ސަލާމަށް ބުރޫއަރާނަމަ ބަންދުން ދޫކޮށްލެވޭކަށް ނޯންނާނެއެވެ. މި ނިޒާމް ޤާއިމްކޮށްގެން މިހުރިހާ ކަމެއް މިކުރަނީ މުޖުތަމަޢުގެ ސަލާމަތާއި އަމަންއަމާން ކަމަށްޓަކައެވެ. މުޖުތަމަޢުގެ ސަލާމަތާއި އަމަންއަމާން ކަމަކީ އެންމެމަތީ މަޞްލަޙަތެވެ. އެއަށް ބުރޫ އަރާގޮތަށް އެއްވެސްކަމެއް ނުކުރެވޭނެއެވެ.

50މިވަގުތު ކުރެވެން އޮތްކަމަކީ ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް އިސްކަންދީގެން އެ މައްސަލަތައް އަވަހަށް ނިންމުމެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމަންވާނީ މައްސަލައިގެ ޝަރީޢަތް ހިންގާ ފަނޑިޔާރުކަމަށް ޢަމަލުކުރަމުން އަންނަ އުސޫލު އެގޮތުގައި އިންނަ ސަބަބަކީ ވެސް މިއެވެ. ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް މައްސަލަ ބަލާ ފަނޑިޔާރު ނިންމުމުން އެ މައްސަލައަށް އިސްކަން ދެވޭނެކަމަށް ބަލައިގެންނެވެ.

މި މައްސަލަ ނިންމަން ފެންނަ ގޮތް

51މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ހަތް މީހުންގެ މައްޗަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކި ހުރުމާއެކު، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ސަބަބުތަކެއް ހުރުމުން، ހައިކޯޓުގައި މި މައްސަލަތައް ބަލާ ފަނޑިޔާރުންގެ މަޖިލީހުން މި ހަތް މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމަންދެން، މި ހަތް މީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރަން ފެނެއެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

52މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B1/196/2025/10 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމި ނިންމުން" (21 މެއި 2025) ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވާތީއާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާގައި ބަޔާން ވެގެންވާ ފަދައިން، މި މައްސަލާގައި ހިމެނޭ ހަތް މީހުން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، ބަންދުގައި ބައިތިއްބަން ޖެހޭކަމަށް ޤާނޫނުގައި ބުނާ ސަބަބެއް ވުޖޫދުގައި އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަތައް ބަލާ ފަނޑިޔާރުންގެ މަޖިލީހުން މި ހަތް މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމަންދެން، އަފްރާޙް ޢަބްދުއްރައްޒާޤް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A341911) އާއި، ޖުނައިހު ޢަބްދުﷲ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A310110) އާއި، ޙަސަން މަޙްފޫޠް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A298342) އާއި، މުޙައްމަދު ސާޒް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A287563) އާއި، ސިމާޙު މޫސާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A362377) އާއި، އުޘްމާން ޝަރީފް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A356923) އާއި، އަޙްމަދު ޒަޔާން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A383077) ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢަލީ ރަޝީދު ޙުސައިން

ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)

މުޙައްމަދު އިބްރާހީމް

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A341911
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A310110
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A298342
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A287563
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A362377
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A356923
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A383077
  8. މިބާވަތުގެ މައްސަލަތަކުގައި 14 ދުވަސް ގުނާނީ މައްސަލަ ރަޖިސްޓްރީކުރާ ދުވަހުން ފެށިގެންކަމަށާއި އަދި އެ މުއްދަތު ގުނާނީ ރަސްމި ބަންދު ދުވަސްތައް ހިމަނައިގެންކަމަށް އެ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާތީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުއްދަތު ގުނުމުން، މި މައްސަލައިގައި 14 ދުވަސް ހަމަވާ ތާރީޚަކީ، 11 ޖޫން 2025 ކަމުގައިވާހިނދު، މައްސަލައިގައި އިސްތިއުނާފު ރައްދުވާ ބައެއް ފަރާތްތަކުން ވަކީލަކު ޢައްޔަނު ކުރުމުގެ ފުރުސަތަށް އެދިފައިވުމުންނާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އަދި އެއިން ބައެއް ފަރާތްތަކުން ޢައްޔަނު ކޮށްފައިވާ ވަކީލުންގެ ފަރާތުން މައްސަލައިގެ ޖަވާބުދާރީވުމަށް އިތުރު މުއްދަތަކަށް އެދިފައިވުމާއި، މި މުއްދަތުތައް ދިނުމަށް ދައުލަތުގެ ފަރާތުން އެކަމަށް އިއުތިރާޒުކޮށްފައި ނުވާތީއާއި، އަލްހާ ޢީދާ ގުޅިގެން ރަސްމީ ބަންދު ދުވަސްތަކެއް ހުރުމުންނާއި މައްސަލަ ބެލުމަށް ކަނޑައަޅާފައިވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ޗުއްޓީ ހަމަޖެހިފައިވާ ގޮތުން، މި މައްސަލަ ނިންމިފައިވަނީ ބުނެވުނު ތާރީޚަށް ފަހުއެވެ.
  9. ހައިކޯޓުގެ ނަންބަރު (OTHR)95-B1/196/2025/7 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް"
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/21,22,23,24,25,26,27 ޤަޟިއްޔާ
  11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (OTHR)95-B1/196/2025/10 "ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު ނިންމިގޮތް" (21 މެއި 2025)
  12. ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/19 ޤަޟިއްޔާ
  13. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/93 ޤަޟިއްޔާ
  14. އބމ 12
  15. އބމ 10 ގެ 18 އަދި 20 ވަނަ ޕެރެގްރާފް
  16. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 ޤަޟިއްޔާ
  17. އބމ 10 ގެ 18 އަދި 20 ވަނަ ޕެރެގްރާފް
  18. އބމ 10 ގެ ޕެރެގްރާފް 13
  19. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  20. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އަދި 21 ވަނަ މާއްދާ
  21. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާ
  22. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާ
  23. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާ (ށ) ގެ (1) އަދި (ނ).
  24. އބމ 10 ގެ ޕެރެގްރާފް 27 އިން 29 އަށް.
  25. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާ އިސްލާހުކުރުމުގެ ކުރިން، އެ މާއްދާގެ ދަށުން ބަންދުކުރަންޖެހޭ ޙާލަތްތަކަކަށް ހަވާލާދީފައި ނުވެއެވެ. މިއީ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން އެ މާއްދާގެ ދަށުން ބަންދުކުރުމުގައި ގެންގުޅޭނެ މިންގަނޑެއް ކަނޑައަޅަންޖެހުނު ސަބަބު ކަމުގައިވާހިނދު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 199 ވަނަ މާއްދާއަށް ގެނެވުނު އިސްލާޙާއެކު، އެ މާއްދާގެ ދަށުން މީހުން ބަންދުކުރާނެ މިންގަނޑު ބަޔާންކޮށްފައިވާތީ، އެ އިސްލާހަށްފަހު އެ މާއްދާގެ ދަށުން މީހުން ބަންދުކުރުމުގައި ރިޢާޔަތްކުރަންޖެހޭނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.
  26. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާގެ (ށ)
  27. އބމ 12
  28. އބމ 12، ޕެރެގްރާފް 17
  29. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 199 ވަނަ މާއްދާގެ (ނ)
  30. އބމ 12، ޕެރެގްރާފް 23
  31. 16 ޖޫން 2025 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަ، މަޙްޟަރު ބަޔާން، ޞަފުޙާ 11.
  32. މި އިންޓެލިޖަންސް ރިޕޯޓަކީ ހައިކޯޓު މަރުޙަލާގައި ދައުލަތުގެ އެދުމުގެ މަތިން އިސްތިއުނާފު ރައްދުވާ ފަރާތްތަކާއި ހިއްސާކޮށްފައި ނުވާ ރިޕޯޓެއްކަމުގައިވެސް ޕްރޮސިކިއުޓަރ ގެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަޔާންކޮށްފައިވެއެވެ. 16 ޖޫން 2025 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަ، މަޙްޟަރު ބަޔާން، ޞަފުޙާ 19.
  33. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/35 ޤަޟިއްޔާ
  34. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/28 ޤަޟިއްޔާ
  35. ސުޕްރީމް ކޯޓުގެ ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޤަޟިއްޔާގެ ޕެރެގްރާފް 14) މައްސަލައަށް ބެލުމުން، ޙަޤީޤަތްތައް (facts) ސާބިތުކުރާ މިންގަނޑަށް އަލިއަޅުވާލާ، ޙަޤީޤަތެއް އޮތީ އެގޮތުގައި ކަމަށް ބެލޭނީ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހާ ކަންކޮށްފައިވާ ގޮތަކީ ކޮބައިކަން ޝަރީޢަތަށް ޤަބޫލުކުރެވޭ އެކަށީގެންވާ މިންވަރަކަށް (reasonable satisfaction) ހުށަހެޅިއްޖެ ނަމަ ކަމުގައާއި، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރު ދެކޭ ގޮތެއްގެ މައްޗަށް ނުވަތަ ހީވާ ހީވުމެއްގެ މައްޗަށް ކުރެވޭ ޤަބޫލުކުރުމެއް ކަމުގައި ވެގެން ނުވާނެ ކަމުގައާއި، އެކަށީގެންވާ މިންވަރަކަށް އެ ޙަޤީޤަތެއް ހުށަހެޅިއްޖެކަން ޝަރީޢަތުން ޤަބޫލުކުރަންވާނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާގެ އަލީގައި، އެ ހެއްކާއި ޤަރީނާއިން ކަން ހިނގާފައިވާގޮތާއި ތަރުތީބަށް ބަލައި، ކުރެވޭ ތުހުމަތުގެ ކުޑަބޮޑުމިނަށާއި، އެކަމެއް އެފަދައިން ހިނގުމުގެ ފުރުޞަތު އޮތް ނެތް މިންވަރެއް ވަޒަންކޮށް، އަދި އެކަމުގެ ނަތީޖާއަށްވެސް ރިއާޔަތްތެރިކަމެއް ދީގެން ކަމުގައި ބަޔާންކޮށްފައި އޮންނަކަން ފާހަގަކުރަމެވެ.
  36. އބމ 12، ޕެރެގްރާފް 12
  37. އބމ 10 ގެ ޕެރެގްރާފް 38.
  38. އބމ 10
  39. އބމ 10
  40. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/50 ޤަޟިއްޔާ
  41. އބމ
  42. އބމ
  43. އބމ 10
  44. އބމ 10 ގެ 18 ވަނަ ޕެރެގެރާފް
  45. އބމ
  46. ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-A/04
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2016) ގެ 199 ވަނަ މާއްދާ (ށ)، (ނ)، (ރ)
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2016) ގެ 60 ވަނަ މާއްދާ
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2016) ގެ 22 ވަނަ މާއްދާ
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2016) ގެ 5 ވަނަ އިޞްލާޙްގެ 198-4 ވަނަ މާއްދާގެ (ވ) އަދި (މ)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16، 21، 49 ވަނަ މާއްދާ، 51 ވަނަ މާއްދާގެ (އ) އަދި 143 ވަނަ މާއްދާގެ (ރ)
  • ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު (ޤާނޫނު ނަންބަރު 13/2010) ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2)
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 17/2010) ގެ 5 ވަނަ މާއްދާގެ (ހ)، (ނ) އަދި (ބ)
  • ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)
  • 2025/SC-A/21,22,23,24,25,26,27
  • 2021/SC-A/50
  • 2025/SC-A/04
  • 2024/SC-A/19
  • 2020/SC-A/93
  • 2022/SC-A/51
  • 2019/SC-A/35
  • 2013/SC-A/28
  • 2014/SC-A/19

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ