ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޙާޝިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 229/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްނުކުރާތީ ޤާނޫނާ ޚިލާފު ވަކިކުރުމެއްކަމަށް ކަނޑައަޅައި، 29 (ހ) (1) ގެ ދަށުން ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދިނުމަށް ޓްރައިބިއުނަލުން ނިންމި.
- ވާޤިޢާ
- ތެޔޮ ސަޕްލައިކުރާ ކުންފުންޏެއްގެ ބާޖެއްގައި ކްރޫއެއްގެ ގޮތުގައި ވަޒީފާ އަދާކުރި މީހަކު، ރިސޯޓަކަށް 60,000 ލީޓަރު ތެޔޮ ޑެލިވަރީކުރިއިރު ގާތްގަނޑަކަށް 8,000 ލީޓަރު ތެޔޮ މަދުވި މައްސަލައެއްގައި ބަޔާނެއް ނަގައި، ބާޖުގެ ކެޕްޓަނާއި ފަޅުވެރިންނާއެކު ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ތެޔޮ ޑެލިވަރީއެއްގައި ތެޔޮ މަދުވި މައްސަލައެއްގައި ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރި ބާޖު ކްރޫއެއްގެ މައްސަލައިގައި، ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްތޯ ބެލުމުގައި ޓްރައިބިއުނަލުން ތަޠުބީޤުކުރި މިންގަނޑަކީ ޞައްޙަ މިންގަނޑެއްތޯއާއި، ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކުންފުނީގެ ބަހުސަކީ ޓްރައިބިއުނަލުން ބޮޑަށް ބުރަވެވޭ މިންގަނޑަށްވުރެ ހަރުކަށި މިންގަނޑެއް ތަޠުބީޤުކުރިކަމާއި، ތުހުމަތު އަންގައި ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަމާއި، އިތުބާރު ގެއްލިފައިވާއިރު ވަޒީފާއަށް ރުޖޫޢަކުރުމާއި ބަދަލުގެ މިންވަރު މަތީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފުކަމެވެ. މުވައްޒަފުގެ ބަހުސަކީ ޑެލިވަރީގެ ޒިންމާތައް އޮތީ ކެޕްޓަނަށްކަމާއި، ކެޕްޓަންގެ އިރުޝާދަށް ތަބާވިކަމެވެ.
- ކޯޓުގެ ސަބަބުތައް
- ޑެލިވަރީ ނޯޓުތަކާއި ވެރިފިކޭޝަން ފޯމާއި ތަޙްޤީޤު ރިޕޯޓަށް ބަލާއިރު، ތެޔޮ މަދުވެ އެކަން ބާޖުގެ ތިން މީހުންކުރެ އެކަކުވެސް ނާންގާކަން ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތުވާތީ، ވަކިކުރުމަކީ 23 (ށ) (2) ގެ ބާވަތުގެ އެކަށީގެންވާ ސަބަބަކަށްވާތީއާއި، ތުހުމަތު އަންގައި ބަޔާން ނަގައި ސަބަބާއެކު ނޯޓިސް ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާތީ، ޓްރައިބިއުނަލުގެ ނިންމުން ބާޠިލުކުރި.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުޓްރައިބިއުނަލުގެ ނިންމުން ބާޠިލު؛ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި މުސާރަ ދިނުމުގެ އަމުރު ބާޠިލު
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ އިޚްތިޔާރު ޤާނޫނުގައިވާ ގޮތަށް ޤައިދުކުރުމެވެ؛ އަޚްލާޤު އެކަށީގެންނުވާ މުވައްޒަފަކު ނޯޓިސް ނުދީ ވަކިކުރެވޭނީ 23 ވަނަ މާއްދާގެ (ށ) ގައިވާ ޙާލަތްތަކުގައެވެ (ވަޒީފާގައި ބެހެއްޓުމުން ގެއްލުން ލިބިދާނެކަމަށް ފެނުން، ނުވަތަ ޚިޔާނާތެއް ވެފައިވުން).
HN2 ވަޒީފާއިން ވަކިކުރި ސަބަބު އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމުގެ ބުރަ އޮތީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ (ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ؛ ILO ކޮންވެންޝަން 158 ގެ 9 (2) (a))؛ ވަކިކުރުމުގެ ނިންމުން ބިނާކުރި ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކުރަންވާނީ މަދަނީ މައްސަލަތަކުގެ ބޮޑަށް ބުރަވެވޭ މިންގަނޑުންނެވެ.
HN3 ބޮޑަށް ބުރަވެވޭ މިންގަނޑުގައި، ކަން ހިނގާފައިވާ ގޮތަށާއި ހެކި ޤަރީނާއަށް ބަލައި، ކަން ވުމާއި ނުވުމުން ކޮންގޮތެއް ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ (2018/SC-A/49 ތަބާވެ).
HN4 މައުޟޫޢީ ޢަދުލުވެރިކަމަކީ ވަކިކުރުން ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާވުމެވެ؛ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ ނޯޓިސް ނުދީ ވަކިކުރެވޭ ޢަމަލެއް ނޫނެވެ؛ އެކަން ހުއްދަވާނީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކަމުގައިވާނަމައެވެ، މިސާލަކަށް ވަޒީފާ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވުން ނުވަތަ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭ ކަމެއް މެދުވެރިވުން.
HN5 ތިން މީހުންގެ އެނގުމާއި ފެނުމުގެ ތެރެއިން ކުރެވޭ ތެޔޮ ޑެލިވަރީގައި ތެޔޮ މަދުވެ، އެކަން ކުންފުންޏަށް ނާންގައި، ރިސޯޓުން ޝަކުވާކުރުމުން ބާޖު ދެއްކުމަށް އިންކާރުކުރުމަކީ ވަޒީފާގައި އިހުމާލުވެ ޚިޔާނާތްތެރިވުމެއްކަމަށް މަދަނީ މިންގަނޑުން ސާބިތުވާނަމަ، އެއީ 23 ވަނަ މާއްދާގެ (ށ) ގެ (2) ގައިވާ ބާވަތުގެ ޢަމަލެކެވެ؛ އެފަދަ މުވައްޒަފަކު ވަޒީފާގައި ނުބެހެއްޓުމަށް ނިންމުމަކީ ޖާއިޒު ސަބަބެއްގެ މައްޗަށް ނިންމުމެކެވެ.
HN6 އިޖުރާއީ ޢަދުލުވެރިކަމުގެ ތެރޭގައި ތުހުމަތުކުރެވޭ ކަމުގެ މަޢުލޫމާތު ދެވެން ހުރި މިންވަރަކަށް ދިނުމާއި ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ؛ ޤާނޫނީ ޙައްޤުތައް ބުނެދީ ތުހުމަތު ސާފުކޮށްދީގެން ބަޔާނެއް ނަގައި، ވަކިކުރި ސަބަބު ނޯޓިސްގައި ބަޔާންކޮށްފައިވާނަމަ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ސަމާޙު، ޢާއިޝަތު ލުބްނާ ރާފިޢު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، ފާޠިމަތު ފަރްހީޒާ، މުޙައްމަދު ނިޔާޒް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ނިޔާޒް، ފާޠިމަތު ފަރްހީޒާ
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2021/HC-A/301
އިސްތިއުނާފުކުރި ފަރާތް: ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އިސްތިއުނާފު ރައްދުވި ފަރާތް: މުޙައްމަދު ޙާޝިރު، ވިންޑީރެސްޓް / ހއ.ބާރަށް
މައްސަލައިގެ ބާވަތް:ވަޒީފާއާބެހޭ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
ފަނޑިޔާރު މުޙައްމަދު ނިޔާޒް
ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޞަފަރު 1443 30 ސެޕްޓެމްބަރު 2021 -----------------------------------------------------------------------------------------------------އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 229/VTR/2019
ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 08 އޮކްޓޯބަރު 2019 ނިމުނު ތާރީޚް: 31 އޮގަސްޓް 2021
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މުޙައްމަދު ޙާޝިރު، ވިންޑީރެސްޓް / ހއ.ބާރަށް
ޤާނޫނީ ވަކީލު: އަލްއުސްތާޛް މުޙައްމަދު ސަމާޙު، ސަމާޕެލަސް / ތ.ކަނޑޫދޫ،
އަލްއުސްތާޛާ ޢާއިޝަތު ލުބްނާ ރާފިޢު، ނިރިލި / ކ.ދިއްފުށި
ވަޒީފާއާގުޅޭ- ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 21 އަދި 23 ވަނަ މާއްދާ- މައުޟޫޢީ ޢަދުލުވެރިކަން- އިޖުރާޢީ ޢަދުލުވެރިކަން- ބޮޑަށް ބުރަވެވޭ މިންގަނޑު
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1ހއ.ބާރަށް ވިންޑީރެސްޓް މުޙައްމަދު ޙާޝިރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: (A295118 (މީގެ ފަހުން "މުޙައްމަދު ޙާޝިރު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު:C-358/2000 ) (މީގެ ފަހުން "ފިއުލް ސަޕްލައިސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ކުންފުނި") ގައި ކްރޫއެއްގެ ގޮތުގައި ވަޒީފާއަދާކުރަމުން ދަނިކޮށް، ފިއުލް ސަޕްލައިސްގެ ފަންހާ ބާޖުގައި ކ.ކުޑަހުރާ ރިސޯޓަށް 60,000 (ފަސްދޮޅަސްހާސް) ލީޓަރުގެ ތެޔޮ ޑެލިވަރީކުރަން ދިޔަ ދަތުރުގައި ތެޔޮ މަދުވެފައިވާ މައްސަލައިގައި މުޙައްމަދު ޙާޝިރުގެ މައްޗަށް ތުހުމަތުކޮށް، 9 ޖުލައި 2019ގައި މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު ޙާޝިރު އަދާކުރަމުން ދިޔަ މަޤާމަށް އެ ފަރާތް އަލުން އަނބުރާ ރުޖޫޢަކުރުމަށާއި، މުޙައްމަދު ޙާޝިރު ވަޒީފާގައި ދެމި ހުރި ނަމަ އޭނާއަށް ޙައްޤުވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ފިއުލް ސަޕްލައިސްއަށް ރައްދުވާ ގޮތަށް 08 އޮކްޓޯބަރ 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޙައްމަދު ޙާޝިރު މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2019 މައްސަލައިގެ ގޮތުގައެވެ.
2މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ފިއުލް ސަޕްލައިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މުޙައްމަދު ޙާޝިރުއެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
320 ޑިސެމްބަރު 2018އިން ފެށިގެން މުޙައްމަދު ޙާޝިރު ވަޒީފާއަދާކުރަމުން ދިޔައީ ފިއުލް ސަޕްލައިސްގައެވެ. ވަޒީފާއަދާކުރަމުން ދިޔައީ ކުރޫ-01ގެ މަޤާމުގައި ކަމާއި، މުސާރައަކީ 2,500/-ރ. (ދެހާސް ފައްސަތޭކަ ރުފިޔާ) ކަމާއި، އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ލިވިންގ އެލަވަންސްއަށް 3,500/-ރ. (ތިންހާސް ފައްސަތޭކަ ރުފިޔާ) އާއި، އޮންބޯޑް އެލަވަންސްއަށް 80/-ރ. (އަށްޑިހަ ރުފިޔާ) އާއި، ފިކްސްޑް އޯޓީ އެލަވަންސްއަށް 625/-ރ. (ހަސަތޭކަ ފަންސަވީސް ރުފިޔާ) އާއި ހާރޑްޝިޕް އެލަވަންސްއަށް 125/-ރ. (އެއްސަތޭކަ ފަންސަވީސް ރުފިޔާ) ލިބޭކަން ވަޒީފާގެ އެއްބަސްވުމުން އެނގެއެވެ. އަދި މުސާރަ ހިސާބުކުރެވޭ ގޮތަކީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއި އެކުކަން ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރެއެވެ. މުޙައްމަދު ޙާޝިރު ވަޒީފާ އަދާކުރަމުން ދަނިކޮށް، މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވަނީ 09 ޖުލައި 2019 ގައެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ 06 ޖުލައި 2019ގައި ފަންހާ ބާޖު ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީ ކުރިއިރު، 8,000 (އަށްހާސް) ލީޓަރުގެ ޑީސެލް މަދުވާ މައްސަލައަކާ ގުޅިގެން ގްރީވަންސް އެންޑް ޑިސިޕްލިނަރީ ކޮމިޓީއަށް ލިބިފައިވާ ހެއްކާއި، މުވައްޒަފުގެ ވަޒީފާއާބެހޭ އެއްބަސްވުމަށާއި، މުވައްޒަފުގެ ވަޒީފާއާބެހޭ ބަޔާނަށާއި، ކުންފުނީގެ ޑިސިޕްލިނަރީ ޕޮލިސީއަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ކަމުގައި ފިއުލް ސަޕްލައިސްއިން ބަޔާންކުރެއެވެ.
4މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު ޙާޝިރު ވަޒީފާއާބެހޭ ޓްރައިބިއުލަނަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލައިގެ އަސާސަކީ، ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ އަޅަން ދިޔުމުގެ ތެރޭގައި، ތެޔޮ މަދުވި މައްސަލައިގައި މުޙައްމަދު ޙާޝިރު އޮފީހަށް ހާޒިރުކޮށް، އޭނާގެ ބަޔާނެއް ނަގައި، މަދުވެފައިވާ ތެލުގެ ޒިންމާ މުޙައްމަދު ޙާޝިރު ނަގަންޖެހޭނެކަމަށް ބަޔާންކޮށް ސުވާލުކުރުމުން، ތެޔޮ މަދުވެފައިނުވާނެކަމަށާއި، އެއްވެސް ފަރާތަކުން ތެޔޮ ވިއްކާފައިނުވާނެކަމަށް ބުނެ ބަޔާންދީފައިވަނިކޮށް އަދި މުޙައްމަދު ޙާޝިރު ބޯޓުގެ ކެޕްޓަންގެ އިރުޝާދަށް ތަބާވެފައިވާއިރު، ވައްކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު ޙާޝިރު އަދާކުރަމުން ދިޔަ މަޤާމަށް އަލުން އަނބުރާ ރުޖޫޢަކުރުމަށާއި، މުޙައްމަދު ޙާޝިރު ވަޒީފާގައި ދެމި ހުރި ނަމަ ޙައްޤުވާ މުސާރައާއި އިނާޔަތްތައް ލިބިދިނުމަށާއި، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު ލިބިދިނުމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމިގޮތް:
5ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2019 މައްސަލައަށް ބެލިއިރު އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ،
"ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި މަޖިލީހުގައި ދެފަރާތުން ދެއްކި ވާހަކަތަކަށް ރިޢާޔަތްކޮށް، ބެލިއިރު، ހއ. ބާރަށް، ވިންޑީރެސްޓް، މުޙައްމަދު ޙާޝިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A295118)، 11 ނޮވެމްބަރު 2018 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓު ކްރޫއެއް (ފަޅުވެރިއެއް) ގެ މަޤާމުގައި ވަޒީފާއަދާކުރަމުންދަނިކޮށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަންހާ ބާޖުގައި ކ.ކުޑަހުރާ ރިސޯޓަށް 60,000 (ފަސްދޮޅަސްހާސް) ލީޓަރު ތެޔޮ ޑެލިވަރީކުރަން ދިޔަ ދަތުރުގައި ތެޔޮ މަދުވެފައިވާ މައްސަލައިގައި، މުޙައްމަދު ޙާޝިރު ގެ މައްޗަށް ތުޙުމަތުކޮށް 09 ޖުލައި 2019 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، މުޙައްމަދު ޙާޝިރު އަދާކުރަމުން ދިޔަ މަޤާމަށް އެފަރާތް އަލުން އަނބުރާ ރުޖޫޢަކުރުމަށާއި، މުޙައްމަދު ޙާޝިރު ވަޒީފާގައި ދެމިހުރި ނަމަ އެފަރާތަށް ޙައްޤުވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށާއި، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ ލިބެމުންދާ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރަވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 08 އޮކްޓޫބަރު 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މި މައްސަލައިގައި،
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ޙާލަތެއް މެދުވެރިވެފައިވާތީ، އެފަރާތް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން substantive fairness)) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމެއްނެތި ކަމަށް ބުރަވެވޭ ސަބަބަށްޓަކައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެ ގޮތުގައި ކަނޑައަޅާ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދަލުވެރިކަމާއި އިޖުރާއީ ޢަދަލުވެރިކަން ޤާއިމްކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން މައްސަލަ މުޙައްމަދު ޙާޝިރު އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، މުޙައްމަދު ޙާޝިރަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ މިއަދު (31 އޮގަސްޓް 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މައްސަލަ ހުށަހެޅި މުޙައްމަދު ޙާޝިރަށް އެކީ އެއްފަހަރާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ އަމުރުކޮށް، މައްސަލަ ބެލި މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ނިންމައިފީމެވެ."
މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
6ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ފިއުލް ސަޕްލައިސްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 4 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުން އެކަށީގެންވާ މަޤުބޫލު ސަބަބެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ތަޠުބީޤުކުރި ހަމައަކީ ނުވަތަ މިންގަނޑަކީ މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ނުވަތަ އިދާރީ ފިޔަވަޅެއް އެޅުމުގައި ބަލާ މިންގަނޑަށް ވުރެ ހަރުކަށި މިންގަނޑަކުން ވަޒަންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތިކަމަށް ނިންމާފައިވާ އާންމު ޙާލަތުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ބަލަންޖެހޭ ކަމަށް މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް އެކަށީގެންވާ ބުރަދަނެއް ނުދީ، ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި، ހެކިތައް ވަޒަންކުރުމުގައި މައްސަލަ ބެއްލެވި މެންބަރުން އަމިއްލަ ރަޢުޔުއަށް ބުރަވެ ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ދަށު މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން އެއަށް ޢަމަލުކުރަންޖެހޭ ނިންމުންތަކެއް ކަމަށްވާއިރު، މުޙައްމަދު ޙާޝިރު އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ އިއާދަކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދުގެ 39 ވަނަ މާއްދާއާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއާއި،
މުޙައްމަދު ޙާޝިރުއަށް ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން އަނބުރާ އިއާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދީފައިވަނީ މުޙައްމަދު ޙާޝިރު އެހެން ވަޒީފާއެއް އަދާކުރިކަން ނުވަތަ އެނޫންގޮތަކުން އެހެން އާމްދަނީއެއް ހޯދިކަން ފިއުލް ސަޕްލައިސްއަށް ސާބިތުކޮށްދެވިފައިނުވާތީކަމަށް ބުނެ، މުޙައްމަދު ޙާޝިރު އެހެން އާމްދަނީއެއް ހޯދިކަން ސާބިތުކުރުމުގެ ބުރަ ފިއުލް ސަޕްލައިސްއަށް އަނބުރާލާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
7ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވަނީ 6 ޖުލައި 2019ގައި މުޙައްމަދު ޙާޝިރު ވަޒީފާއަދާކުރަމުންދިޔަ ބާޖު ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީކުރުމުގައި، ބާޖު ކެޕްޓަނާއި ފަޅުވެރިން ގުޅިގެން، ކަސްޓަމަރަށް އޮޅުވާލައި، މީޓަރު ފެބްރިކޭޓްކޮށް، ކަސްޓަމަރަށް މަދުން ތެޔޮ ދޫކޮށް، މަކަރާއި އޮޅުވާލުމުގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭތީ، މުޙައްމަދު ޙާޝިރު ހިމެނޭހެން، މި ޢަމަލު ހިންގުމުގައި ބާޖުގެ ހުރިހާ ފަޅުވެރިން ޝާމިލުވާކަމަށް އެކަށީގެންވާ ހަމަތަކުން ޤަބޫލުކުރެވިގެންކަމަށެވެ. އަދި މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރެވުނު މައްސަލައިގައި އެ ބާޖުގައި ވަޒީފާއަދާކުރި ހުރިހާ ފަރާތްތައް ވަޒިފާއިން ވަކިކުރެވިފައިވާކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ. ކަސްޓަމަރުންނަށް ތެޔޮ ދޫކުރުމުގެ މަސައްކަތް ކުރަނީ ބާޖުގެ ކްރޫން ނުވަތަ ފަޅުވެރިންކަމަށާއި، މިގޮތުން ހޮޅި ގުޅުމާއި، މީޓަރު ބެލުމާއި، މީޓަރު އޮޕަރޭޓްކޮށް، ތެޔޮ ދޫކޮށް ނިމުމުން މީޓަރު ކްލޯޒްކުރުންފަދަ ކަންކަމާއި އަދި މިނޫންވެސް ތެޔޮ ޑިސްޗާޖުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަނީ ފަޅުވެރިން ކަމަށެވެ. މުޙައްމަދު ޙާޝިރުގެ ޢަމަލުތަކުގެ ސަބަބުން، ކުންފުނީގެ ކޯޕަރޭޓް އިމޭޖް ކަސްޓަމަރުންގެ ކުރިމަތީގައި ގެއްލި، ކަސްޓަމަރާއި ކުންފުންޏާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކެނޑިފައިވާއިރު، ރިސޯޓުގެ މާކެޓުގައި ހަރަކާތްތެރިވާ އޮޕަރޭޓަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާކަމަށް ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ. މި ޙާލަތުގައި މުޙައްމަދު ޙާޝިރު ފަދަ މުވައްޒަފުން ކުންފުނީގެ ވަޒީފާގައި ބަހައްޓައިފިނަމަ، ކުންފުންޏަށް ގެއްލުންވެދާނެ ކަމަށް އެކަށީގެންވާ ހަމަތަކުން ފެންނާތީ، އެފަދަ ޙާލަތަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއްކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ.
8ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއީގޮތުން ޢަމަލުކޮށްފައިވަނީ މުޙައްމަދު ޙާޝިރު ހާޒިރުކޮށް، އޭނާއާ މެދު ތުހުމަތުކުރެވޭ ކަންކަމުގެ އެންމެހައި ތަފްޞީލު ދިނުމަށްފަހު، އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދެވިފައިވާކަމަށާއި، މުޙައްމަދު ޙާޝިރުގެ މައްޗަށް ތުހުމަތުކުރާ ކަންކަމުގެ ދިފާއުގައި ޖަވާބުދާރީވުމުގެ ގޮތުން ބަޔާނެއްދީފައިވާކަމަށާއި، މުޙައްމަދު ޙާޝިރު ދީފައިވާ ބަޔާނާއި، މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމާއި ލިބިފައިވާ ހެކިތަކަށް ރިޢާޔަތްކޮށް މައްސަލަ އިދާރީގޮތުން ބަލާފައިވާކަމަށާއި، މައްސަލަ އިދާރީގޮތުން ބެލުމުން މުޙައްމަދު ޙާޝިރު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކުން ކުރެވޭނެ ކަމެއް ނޫންކަމަށް ފެނިގެން، އެ ފަރާތް ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަން އަންގާފައިވާނެކަމަށެވެ. މި މައްސަލަ އިދާރީ ގޮތުން ބެލިއިރު، އަދި މުޙައްމަދު ޙާޝިރު ދިފާއުގައި ބަޔާންދިންއިރު، އެ ބަޔާން ފެށުމުގެ ކުރިން މުޙައްމަދު ޙާޝިރުއަށް ޤާނޫނީ ގޮތުން ލިބިގެންވާ ޙައްޤުތައް މުޙައްމަދު ޙާޝިރުއަށް ބަޔާންކޮށްދީފައިވާކަމަށާއި، ނަމަވެސް، ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަން ނުވަތަ އެ ފަރާތުން އިޚްތިޔާރުކުރާ އެހެން ފަރާތެއްގެ ހާޒިރުގައި ޖަވާބުދާރީވުމަށް ބޭނުންވާކަމަށް މުޙައްމަދު ޙާޝިރު ބުނެފައިނުވާކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ.
9އިސްތިއުނާފީ ތިންވަނަ ނުކުތާ ތަފްޞީލުކުރަމުން ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވަނީ މުވައްޒަފު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސްއަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަ ޤަޟިއްޔާ ގައި ކަނޑައަޅުއްވާފައިވާއިރު، މި ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙާލަތްތައްކުގެ ތެރެއިން "އަނބުރާ އިޔާދަ ނުކުރެވޭވަރަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން" މި ޙާލަތު މެދުވެރިވެފައިވާކަމާއި، ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީ ކުރުމުގައި ކަސްޓަމަރަށް މަކަރު ހަދައި އޮޅުވާލުމުގެ އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާކަމަށް ބުރަވެވިގެން މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވާއިރު، މިފަދަ ޙާލަތުގައި އޭނާ އަނބުރާ ފިއުލް ސަޕްލައިސްގެ ބާޖުގައި ތެޔޮ ޑެލިވަރީކުރުމުގެ ވަޒީފާއަށް ރުޖޫއަކުރުމުން ނިކުންނާނެ ނަތީޖާއަށާއި ފިއުލް ސަޕްލައިސްގެ މަޞްލަޙަތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ.
10އިސްތިއުނާފީ ހަތަރުވަނަ ނުކުތާ ތަފްޞީލުކުރަމުން ފިއުލް ސަޕްލައިސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަޝްރަފް ވަޙީދު) ޤަޟިއްޔާއަށާއި، ނަންބަރު 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް) ޤަޟިއްޔާއަށް ޙަވާލާދީ ބުނެފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ޓްރައިބިއުނަލް ނުވަތަ ކޯޓުތަކުގެ ދައުރަކީ މުވައްޒަފު ވަޒީފާއިން ވަކިކުރީ ޤާނޫނާއި ޚިލާފަށް ކަމުގައިވާނަމަ، އަދި ބަދަލެއް ޙައްޤުވާނަމަ، އެފަދަ މިންވަރެއްގެ ބަދަލެއް މި ޤަޟިއްޔާތަކުގައި ކަނޑައަޅާފައިވަ ގައިޑްލައިންތަކުގެ އަލީގައި ކަނޑައެޅުންކަމަށާއި، މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރިކުރުމުގެ ސަބަބުން ގެއްލުމެއްވެފައިވާނަމަ، އެކަން ސާބިތުކޮށްދިނުމަކީ އެ ފަރާތުގެ ކަމެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް) ޤަޟިއްޔާއިން ސާފުކޮށް އެނގޭކަމަށެވެ. މި މައްސަލަ ނިންމިއިރު މުޙައްމަދު ޙާޝިރު އެހެން ވަޒީފާއެއް އަދާކޮށްފައިވޭތޯ ނުވަތަ އެހެން ވަޒީފާއެއް ހޯދުމަށް ކޮށްފައިވަނީ ކޮން މަސައްކަތެއްތޯ ނުވަތަ ގެއްލުން ކުޑަކުރުމަށް އެއްވެސް މަސައްކަތެއްކޮށްފައިވޭތޯ ސުވާލުކޮށްފައިނުވާކަމަށެވެ. މި މައްސަލައިގައި ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ އިސްތިގުރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާއި ފުށުއަރާގޮތަށް، މުޙައްމަދު ޙާޝިރުއަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށް ކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ.
11ފިއުލް ސަޕްލައިސްގެ ފަރާތުން އެދެނީ މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބަކާ ލައިގެން، ޑިއު ޕްރޮސެސް ފުރިހަމަކުރުމަށް ފަހުކަމަށް ކަނޑައަޅައި، މުޙައްމަދު ޙާޝިރު ވަޒީފާއަށް އިއާދަކޮށްދީ، ވަޒީފާއިން ވަކިކުރު ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރާ ދުވަހާއި ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކުރުމަށް ކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ.
އިސްތިއުނާފީ ނުކުތާތަކަށް މުޙައްމަދު ޙާޝިރުގެ ފަރާތުން ދީފައިވާ ރައްދު
12އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ޙާޝިރުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޙާޝިރު ކުރާ މަސައްކަތުގައި އޭނާގެ ޒިންމާއަކީ ތެޔޮއަޅަން ތަނަކަށް ދިޔައީމަ ބޮލްޓް އަޅާ، ތެޔޮ ހޮޅިދަމާ، ތެޔޮ ހޮޅި ގުޅާ އެކަހަލަކަންކަން ކުރުން ކަމަށާއި، ކަސްޓަމަރުންނާއި އަދި އޮފީހާއި ވާހަކަދެއްކުމަކީ މުޙައްމަދު ޙާޝިރުގެ ޒިންމާއެއްނޫންކަމުގައި މުޙައްމަދު ޙާޝިރު ބުނެފައިވެއެވެ.
13ބޯޓުގައި ހިނގާ ކަންކަން ބަލަހައްޓަނީ މުޙައްމަދު ޙާޝިރު އެކަންޏެއްނޫންކަމަށާއި، އެ ބުނާ ދުވަހެއްގައި މުޙައްމަދު ޙާޝިރު ތެޔޮހޮޅިދަމާ، ތެޔޮ ހޮޅި ގުޅިކަމަށާއި، މުޙައްމަދު ޙާޝިރުއަށް ވުރެ ވެސް ސީނިއަރ މީހުން ބޯޓުގައި ތިބޭނެ ކަމުގައި މުޙައްމަދު ޙާޝިރު ބުނެފައިވެއެވެ.
14ކ.ކުޑަހުރާއަކީ ފިއުލް ސަޕްލައިސްގެ ފަރާތުން އަލަށް ތެޔޮ އެޅި ތަނެއް ނޫންކަމަށާއި، އޭގެ ކުރިން ދުވަހަކުވެސް އެތަނުން ޝަކުވާކޮށްފައިނުވާކަމަށާއި، އެތަނަކީ ޓޭންކަށް ސައުންޑިންގ ލާފައި ހުރި ތަނެއްނޫންކަމުގައި މުޙައްމަދު ޙާޝިރު ބުނެފައިވެއެވެ.
15އެ ހާދިސާ އާއި ގުޅިގެން މުޙައްމަދު ޙާޝިރުގެ ފަރާތުން ބަޔާނެއް ދީފައިވާކަމަށާއި، އެ ދުވަހު އެތަނުގައި މަސައްކަތްކޮށްފައިވާނީ އެހެން ދުވަސްތަކުގައިވެސް މަސައްކަތްކުރާ ގޮތަށް ކަމަށާއި، އަދި ބޯޓަށް ދިމާވެފައިވާ މައްސަލަ ޙިއްސާ ކުރަންޖެހޭ ފަރާތާއި ޙިއްސާ ކޮށްފައިވާކަމުގައި މުޙައްމަދު ޙާޝިރު ބުނެފައިވެއެވެ.
16މުޙައްމަދު ޙާޝިރު އެދެނީ ވަޒިފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައިދިނުމަށް ކަމުގައި މުޙައްމަދު ޙާޝިރު ބުނެފައިވެއެވެ.
މައްސަލައިގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަން
17ވަޒީފާއާބެހޭ ޓްރައިބިއުލްގެ ނަންބަރު 229/VTR/2019 ނިންމުން އިސްތިއުނާފުކޮށް ހުށަހަޅާފައިވާ މި ޤަޟިއްޔާގައި ޝަރީޢަތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކަކީ:
މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ މަޤުބޫލު ސަބަބެއް ނެތި ކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ތަޠުބީޤުކުރި މިންގަނޑަކީ މި ބާވަތުގެ މައްސަލަތައް ވަޒަންކުރަންޖެހޭ މިންގަނޑަށް ވުރެ ހަރުކަށި މިންގަނޑަކުންކަން ނުވަތަ ނޫންކަން (ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ އަދި ވަޒީފާއިން ވަކިކޮށްފައިވަނީ މި ބާވަތުގެ މައްސަލަތައް ސާބިތުކުރުމުގައި ބަލާ މިންގަނޑުގެ ތެރެއިންތޯ)؛
ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަން ނުވަތަ ނޫންކަން؛
ވަޒީފާއަށް އަލުން އަނބުރާ އިއާދަކުރުމަށް ކަނޑައަޅާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށްކަން ނުވަތަ ނޫންކަން؛
މުޙައްމަދު ޙާޝިރުއަށް ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ، މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި އެއްގޮތަށް ކަނޑައަޅާފައިވާ ބަދަލުގެ އަދަދެއްކަން ނުވަތަ ނޫންކަން؛ މިއެވެ.
ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭ ޤާނޫނީ އުޞޫލުތައް
18HN1މަސައްކަތްކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤަކަށްވާހިނދު، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާއާ ގުޅޭ އުޞޫލުތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ބަޔާންކޮށް، އެ ޙައްޤުތައް ހިމާޔަތްކުރުމެވެ. މި ޤާނޫނަކީ މި ޤާނޫނުން އިސްތިސްނާކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް ހިނގާ ތަޠުބީޤުކުރެވޭނެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މި ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރު ޤާނޫނުގައި ބަޔާންކޮށްފައިވާ އިޚްތިޔާރު ގައިދުކުރުމެވެ. މިގޮތުން ވަޒީފާދޭ ފަރާތްތަކުން މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅުއެޅުމާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތަކާއި އިޖުރާއަތުތައް ބަޔާންކުރެއެވެ. އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފުން ވަޒީފާއިން ވަކިކުރުން މަނާކުރުމަކީ މި ޤާނޫނުން ދަމަހައްޓާ އެއް ހަމައެވެ.
19މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް މި ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ނޯޓިސްދެވޭ ފަދަ ޙާލަތެއް މެދުވެރިވެ، ވަޒީފާއިން ވަކިކުރާނަމަ، ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުކާއި އެއް ހަމައަކުން ނޯޓިސް ދޭންވާނެއެވެ. މުވައްޒަފެއްގެ އަޚްލާޤު އެކަށީގެންނުވުމާއިއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުގައި ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒިފާއިން ވަކިކުރެވިދާނެއެވެ. މިފަދައިން ވަޒީފާއަދާކުރާ ފަރާތުގެ މަސައްކަތު އަޚްލާޤު އެކަށީގެން ނުވާ ކަމުގައި ބަލައި، ނޯޓިސް ދިނުމަކާ ނުލައި، ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ. އެއީ:
ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛
ޚިޔާނާތެއް ވެފައިވުން. މިއެވެ.
20HN2މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް، ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިކަން ވަޒީފާއާގުޅޭ އާންމު ކަންކަން ތަންޒީމުކުރަމުން އަންނަ އ.ދ ގެ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ 9 ވަނަ މާއްދާގެ (2) ވަނަ ނަންބަރުގެ (a)ގައި ބަޔާންކުރެއެވެ. މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.
މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން
21މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ އަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި، ކުރެވޭކަމެއްކަން ކަށަވަރުކުރަންވާނެއެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ރެކޮމެންޑޭޝަން 1982 (ނަންބަރު 1966) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު އަމަލުކުރަންޖެހޭ އަދުލުވެރި ހަމަތައް ބަޔާންކުރެއެވެ. މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި (substantive fairness) އިޖުރާއީ އަދުލުވެރިކަން (procedural fairness) ގާއިމުކުރެވިފައި އޮންނަންވާނެކަން ކަނޑައަޅައި، ބަޔާންކުރެއެވެ. މި އުޞޫލަކީ ވަޒީފައާބެހޭ ޤާނޫނު ގައިވެސް އެކުލަވާލާފައިވާ އުޞޫލެކެވެ. ވީމާ، މި ޤާނޫނު ހިންގޭ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ފަހުގައެވެ.
22HN4މައުޟޫއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކުރެވި ވަޒީފާއިން ވަކިކުރުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ (ހ)އަށް ބަލާއިރު، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ، ނުވަތަ އެ މުވައްޒަފެއް ވަޒީފާއަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެ މުވައްޒަފެއްގެ ކިބައިގައި ނެތުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނު އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވެއެވެ.
23HN6އިޖުރާއީ އަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ އަދުލުވެރި އިޖުރާއަތަކަށްވުމެވެ. މީގެ ތެރޭގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކަމުގެ މަޢުލޫމާތު އޭރަކު ދެވެން ހުރި މިންވަރަކަށް ދިނުމާއި، އެ ކަންކަމަށް ޖަބާވުދާރީވުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ.
މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ
24އިސްވެ ބަޔާންކުރަނިވި ފަދައިން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އަދުލުވެރި ސަބަބެއް އޮވެގެންކަމާއި، އަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަކަން ވަޒީފާއާބެހޭ ޤާނޫނުން އެނގެން އޮވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއްވެފައިވާނަމަ، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުނީ އަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަމުގައި ބެލެވެއެވެ. މި މާއްދާގެ ދަށުން ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ (misconduct) އެ ޢަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަކުރާ ކަމަކަށް ނުވުން އެކަށީގެންވެއެވެ. މި މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފަކު ކުރި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކަމަށް ވާނަމައެވެ. ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލެވޭނީ އެ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލަކަށްވާނަމައެވެ. މިގޮތުން ދެ ފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވެފައިވާނަމަ، ނުވަތަ ދެ ފަރާތް ދެމެދު އޮންނަ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް މެދުވެރިވެފައިވާނަމަ ނުވަތަ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވެފައިވާނަމަ، އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ހުއްދަވެދާނެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލަކަށްވެދާނެއެވެ.
25މި މައްސަލައިގައި މުޙައްމަދު ޙާޝިރުއަށް ތުހުމަތުކުރެވިފައިވަނީ 6 ޖުލައި 2019ގައި މުޙައްމަދު ޙާޝިރު ވަޒީފާއަދާކުރަމުން ދިޔަ ބާޖު ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީކުރުމުގެ ތެރޭގައި ތެޔޮ މަދުވެފައިވާކަމުގެ ޝަކުވާ އުފުލި، އެކަން ބެލި ބެލުމުން މުޙައްމަދު ޙާޝިރު ބަޔާންކުރެވުނު ތާރީޚުގައި ރިސޯޓަށް ތެޔޮ ޑެލިވަރީ ކުރުމުގައި އޮޅުވާލާ، ކުންފުނީގެ ވިޔަފާރީގެ މަޞްލަޙަތަށް ބުރުއަރާގޮތަށް އަދި ކަސްޓަރަމުންގެ އިތުބާރު ގެއްލޭ ފަދައިން މަސައްކަތްކޮށްފައިވާތީއާއި، މުޙައްމަދު ޙާޝިރުގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާތައް އަދާކޮށްފައިނުވާކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބަޔާންކޮށްފައިވެއެވެ. މިކަން ބިނާކޮށްފައިވާ އަސާސްތަކަށް ބަލާއިރު:
25.1 ފިއުލް ސަޕްލައިސްގެ 6 ޖުލައި 2019ގެ ޑެލިވަރީ ނޯޓު (ޑެލިވަރީ ނޯޓް ނަންބަރު 54003246) އަށް ބަލާއިރު، އެ ޑެލިވަރީ ނޯޓަކީ ފަންހާ ބާޖުން ފޯރ ސީޒަންސްއިން ހިންގާ ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ނޯޓެއްކަމާއި، މި ނޯޓުގައި 60,000 (ފަސްދޮޅަސްހާސް) ލީޓަރު ތެޔޮ ޑެލިވަރވެފައިވާކަމަށް ބަޔާންކޮށް ކ.ކުޑަހުރާ ފަރާތުން ސޮއިކޮށްފައިވާކަމާއި، މީގެ އިތުރުން މާސްޓަރ މީޓަރ ރީޑިންގ އިން ވެސް 60,000 (ފަސްދޮޅަސްހާސް) ލީޓަރު ތެޔޮ ޑެލިވަރވެފައިވާކަމަށް ބަޔާންކޮށްފައިވީނަމަވެސް، 6 ޖުލައި 2019ގެ ފިއުލް ސަޕްލައިސްގެ ނަންބަރު 54003247 ޑެލިވަރީ ނޯޓުގައި 7,230 (ހަތްހާސް ދުއިސައްތަ ތިރީސް) ލީޓަރު ތެޔޮ އިތުރަށް ޑެލިވަރީކޮށްފައިވާކަމާއި، މާސްޓަރ ރީޑިންޑްއިންވެސް ހަމަ އެ އަދަދު ޑެލިވަރވެފައިވާކަމަށް ބަޔާންކޮށްފައިވާތީ، ކ.ކުޑަހުރާ ރިސޯޓުން 60,000 (ފަސްދޮޅަސްހާސް) ލީޓަރު ތެޔޮ ޑެލިވަރވެފައިވާކަމަށް ބުނެ ފުރަތަމަ ޑެލިވަރީ ނޯޓުގައި ސޮއިކޮށްފައިވީނަމަވެސް، އެއަށް ވުރެ މަދުން ތެޔޮ ޑެލިވަރ ކޮށްފައިވާތީ، 7,230 (ހަތްހާސް ދުއިސައްތަ ތިރީސް) ލީޓަރު ތެޔޮ ދެވަނަ ފަހަރަށް ޑެލިވަރ ކޮށްފައިވާކަން އެނގޭކަން،
25.2 ފިއުލް ސަޕްލައިސްގެ 6 ޖުލައި 2019ގެ "ކުއަންޓިޓީ ވެރިފިކޭޝަން ފޯމް" އަށް ބަލާއިރު، “it was found that there was a shortage of 8399 litre of diesel” މިފަދައިން ބަޔާންކޮށް، ޑިރެކްޓަރ އޮފް ފައިނޭންސް ސުޕްރިންޓެންޑެންޓް އާދަމް ޝަރީފް ސޮއިކޮށްފައިވާކަން،
25.3 ފިއުލް ސަޕްލައިސްގެ ފަންހާ ބާޖު ކ.ކުޑަހުރާ ރިސޯޓް ޑީސަލް ޝޯޓްއާއި ބެހޭ ރިޕޯޓު ން ސޭލްސް ޑިޕާރޓްމަންޓް އެޗްއޯޑީއިން ކ.ކުޑަހުރާ ރިސޯޓުން 8,399 (އަށްހާސް ތިންސަތޭކަ ނުވަދިހަ ނުވައެއް) ލީޓަރު ތެޔޮ މަދުވެގެން އުޅޭ ވާހަކަ އާދަމް ޝަރީފްއަށް ގުޅާ ބުނެފައިވާކަމާއި، އާދަމް ޝަރީފްއާއި މުޙައްމަދު ސިމްޔާންއާއި އިބްރާހީމް ޒަމީރު ރިސޯޓަށް ގޮސް ބާޖުގެ ޓޭންކު ބެލިއިރު، ޓޭންކުގައި ތެޔޮ ހުރިކަމާއި، ބާޖްގެ ތެރޭގައި ތެޔޮ ހުރިވަރު ޔަގީންކުރުމަށްޓަކައި ޓޭންކު ޓު ޓޭންކު ޓްރާންސްފަރ ކުރި އިރު 7,210 (ހަތްހާސް ދުއިސައްތަ ދިހައެއް) ލީޓަރު ތެޔޮ ހުރިކަމަށް ދެއްކިކަމާއި، ރިސޯޓު ޓޭންކުގެ ސައުންޑިން ބަލާ ޗެކްކޮށް، ރިސޯޓު ޓޭންކަށް ތެޔޮ އަޅަން ޖެއްސުނުކަމާއި، ބާޖުގެ މީޓަރުން 7,320 (ހަތްހާސް ތިންސަތޭކަ ވިހި) ލީޓަރު ތެޔޮ ރިސޯޓު ސައުންޑިންއިން 7,346 (ހަތްހާސް ތިންސަތޭކަ ސާޅީސް ހައެއް) ލީޓަރު ތެޔޮ ބާޖުން ނެގުނުކަމަށް ދެއްކިކަމާއި، އަދި ރިސޯޓު ސައުންޑިންއިން ދެއްކި އަދަދު 7,346 (ހަތްހާސް ތިންސަތޭކަ ސާޅީސް ހައެއް) ލީޓަރަށް ޑެލިވަރ ނޯޓެއް ތައްޔާރުކުރެވުނުކަން،
25.4 މި ރިޕޯޓުން ބާޖުގައި ދަތުރު ދިޔަ މީހުންނަކީ 3 (ތިނެއް) މީހުންކަމާއި، އެއީ އިބްރާހީމް އާދަމްއާއި އަޙްމަދު އާދަމްއާއި މުޙައްމަދު ޙާޝިރުކަމުގައި ބަޔާންކޮށްފައިވާކަން އެނގޭކަން،
25.5 ފިއުލް ސަޕްލައިސްގެ އިންޓަރއޮފީސް މެމޯގައި "6 ޖުލައި 2019 ވަނަ ޑިސްޕިއުޓް އެންޑް ރިސޮލިއުޝަން ކޮމިޓީ ވަނީ ކ.ކުޑަހުރާ ފަންހާ ބާރޖު ޑީސެލް ޑެލިވަރީކުރިއިރު 8,000 (އަށްހާސް) ލީޓަރު މަދުވާ މައްސަލަ ތަހުޤީޤުކޮށް، އަދި އެ ކޮމިޓީއަށް ލިބިފައިވާ ބަޔާންތަކާ، ރިޕޯޓަށް ރިޢާޔަތްކޮށް، މައްސަލައާއި ގުޅޭ ގޮތުން ގްރީވަންސް އެންޑް ޑިސިޕްލިނަރީ ކޮމިޓީ މަޝްވަރާކުރުމަށްފަހު ވަނީ، ފަންހާ ބާރޖުގެ ކެޕްޓަން އާއި ދަތުރުދިޔަ ފަޅުވެރިން ވަޒީފާއާބެހޭ އެއްބަސްވުމަށާއި، މުވައްޒަފުންގެ ވަޒީފާއާބެހޭ ބަޔާނަށާއި، ކުންފުނީގެ ޑިސިޕްލިނަރީ ޕޮލިސީއަށާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ވަގުތުން ވަގުތަށް ވަޒީފާއިން ވަކިކުރުމަށެވެ." މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭކަން.
26ފިއުލް ސަޕްލައިސްއިން ހިންގި ތަހުޤީޤަށް މުޙައްމަދު ޙާޝިރު ދީފައިވާ ބަޔާނަށް ބަލާއިރު، 6 ޖުލައި 2019ގައި ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީއަށް ގޮސްފައިވާނެކަމަށާއި، ޑެލިވަރީ ކުރުމުގެ ކުރިން މީޓަރު ޗެކްކޮށް ހޮޅި ޕީލްކޮށް ހަދާފައިވާނެކަމަށާއި، އެ ދުވަހު ތެޔޮ އަޅާފައިވަނީ މީޓަރު ބަލައިގެންކަމަށާއި، ތެޔޮ ދޫކޮށް ނިނުމުއިރު 60,000 (ފަސްދޮޅަސްހާސް) ލީޓަރު ޑެލިވަރވެފައިވާކަމަށް ދައްކާކަމަށާއި، ރިސޯޓުން ކުޑަ އެއްޗެއް ބަލާކަމަށް ބުނާތީ އެތަނުގައި މަޑުކުރިކަމަށާއި، އިރުކޮޅެއް ފަހުން ރިސޯޓުން ތެޔޮ މަދުވާކަމަށް ބުނިކަމަށާއި، ބާޖުގައި ޑީސަލް އިތުރަށް ހުރިކަމަށް ފާހަގަނުވާކަމަށާއި، ތެޔޮ މަދުވެގެން އެއްވެސް މީހަކަށް އަންގާފައިނުވަނީ އެއީ ކެޕްޓަން ކުރަންޖެހޭ ކަމަކަށްވާތީކަމުގައި މުޙައްމަދު ޙާޝިރު ބުނެ، 7 ޖުލައި 2019ގައި ބަޔާންދީފައިވެއެވެ.
27އިސްވެ ބަޔާންކުރަނިވި ކަންކަމަށް ބަލާއިރު، 6 ޖުލައި 2019ގައި ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީކުރުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ރިސޯޓު މީހުންނަށް ޝައްކުވެގެން، އެކަން ފިއުލް ސަޕްލައިސްއަށް އަންގާ، ފިއުލް ސަޕްލައިސްގެ މުވައްޒަފުން އެތަނަށް ގޮސް ބެލި ބެލުމުން، ތެޔޮ މަދުން ޑެލިވަރކޮށްފައިވާކަން އެނގުނުކަމަށްވެއެވެ. އެވަގުތު އެތަނަށް ދިޔަ ފިއުލް ސަޕްލައިސްގެ ސުޕަރއިންޓެންޑެންޓް އާދަމް ޝަރީފް ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި "...މީޓަރުން ތެޔޮ ހަމައަށް ފޯރުކޮށްދީފައިވާކަމަށް ދައްކާފައިވަނީ ތެޔޮ ދޫކުރާއިރު ވައިވައްދާލަނީކަމަށާއި، އެހެންކަމުން މީޓަރު އެނބުރުނަމަވެސް "ޕޮރޮޑަކްޓް" ހުންނަނީ ޓޭންކުގައިކަމަށާއި، މި މައްސަލައާ ގުޅިގެން ތެޔޮ މަދުވެފައިވާކަން ބާޖުގެ އެއްވެސް ފަރާތުން އެއްވެސް މުވައްޒަފަކު އަންގާފައިނުވާކަމަށާއި، އެކަން އަންގާފައިވަނީ ކަސްޓަމަރުން..." މިފަދައިން ބަޔާންދީފައިވެއެވެ. ޙަޤީޤަތަކީ މި ދުވަހު ތެޔޮ ސަޕްލައިކުރުމުގައި ގޯހެއް ހިނގާފައިވާކަމެވެ. އަދި ތެޔޮ މަދުން ޑެލިވަރވެފައިވާކަމުގެ ޝަކުވާ ރިސޯޓުން ކުރި ނަމަވެސް، ބާޖުގައި ތިބި 3 މީހުން ކުރެ އެކަކުވެސް އެކަން ފިއުލް ސަޕްލައިސްއަށް އަންގާފައިނުވާކަމެވެ.
28ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކޮށްފައިވަނީ ތެޔޮ ސަޕްލައިކުރުމުގައި ތެޔޮ އަޅަންޖެހޭ އަދަދު ކަށަވަރުކުރުމާއި، ރަނިންގް ފިއުލް ބެލެންސް ހުރިވަރު ކަށަވަރުކުރުމާއި، މެއިން އިންޖީން، ޖަނަރޭޓަރު، ކާގޯވޭލްކްތައް އަދި ކާގޯ ލައިނުގައި މައްސަލައެއް އުޅޭތޯ ބެލުމާއި، މީޓަރުގައި ޖަހާފައިވާ ސީލްހުރިތޯ ބަލައި، ސީލް ނެތްކަމުގައިވާނަމަ، އެކަން ލޮޖިސްޓިކް ޑިޕާޓްމަންޓަށް އެނގުންފަދަ ކަންކަމަކީ ބާޖުގެ ކެޕްޓަނަކަށް ހުރި ފަރާތެއްގެ ޒިންމާއެއްކަމަށްވާތީ، މުޙައްމަދު ޙާޝިރު ތެޔޮ ޑެލިވަރކުރުމުގައި ތަބާވެފައިވަނީ ކެޕްޓަންގެ އިރުޝާދަށްކަން ބަޔާންކޮށްފައިވާތީ، ފިއުލް ސަޕްލައިސްއިން ބަޔާންކޮށްފައިވާ ކަންކަމަކީ މުޙައްމަދު ޙާޝިރުގެ މަސްޢޫލިއްޔަތަކަށްނުވާތީ، 6 ޖުލައި 2019ގައި ހިންގާފައިވާ ހާދިސާއަކީ މުޙައްމަދު ޙާޝިރުގެ އިހުމާލުން ދިމާވެފައިވާ ހާދިސާއެއްކަމަށް ބުރަނުވެވޭކަމުގެ މައްޗަށެވެ.
29ފިއުލް ސަޕްލައިސް އާއި މުޙައްމަދު ޙާޝިރުއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވުމާއި، މާފުނުކުރެވޭ ފަދަ ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި ނުވަތަ އޭނާ ވަޒީފާގައި ހުރުމުން ކުންފުންޏަށް ލިބިދާނެ ބޮޑު ގެއްލުމެއް ތަޞައްވަރުކުރެވިއްޖެ ހިނދެއްގައި ނުވަތަ ކުންފުނީގެ މުދަލަށް ނުވަތަ ފައިސާއަށް ޚިޔާނާތެއްވެފައިވާކަން ސާބިތުކުރެވޭފަދަ ހެއްކާއި ޤަރީނާ ލިބިއްޖެނަމަ އެއްވެސް އެންގުމަކާ ނުލާ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވާކަން ބަޔާންކުރެއެވެ. މިގޮތުން ކުންފުނީގެ މުދަލަކުން ނުވަތަ ފައިސާއިން ވައްކަންކުރުމާއި، މުވައްޒަފަކު ކުންފުނީގެ މުދަލަކަށް ނުވަތަ އިމާރާތަކަށް ގަސްދުގައި ގެއްލުންދިނުމާއި، ކުންފުނީގެ މުވައްޒަފަކު ކުންފުނީގެ އަގުވެއްޓޭފަދަ ނުވަތަ ކުންފުންޏަށް ހުތުރުނަން ލިބޭ ފަދަ އަޚްލާޤީގޮތުން ދަށު ދަރަޖައިގެ ޢަމަލެއްކުރުމަކީ އެއްވެސް ކަހަލަ ނޯޓިސްއެއް ނުދީ، ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތްތައް ކަމުގައި ބަޔާންކުރެއެވެ. މިއީ ކުންފުނީގެ "ޑިސިޕްލިން އެންޑް ސްޓަފް ޓަރމިނޭޝަން ޕޮލިސީ" ގައި ބަޔާންކުރާ ހަމައެވެ. މީގެ އިތުރުން ވަޒީފާލިބޭ ފަރާތް އަބަދުވެސް މަސައްކަތް ކުރަންވާނީ ވަޒީފާދޭ ފަރާތުގެ ކުރިއެރުވުމަށާއި ފައިދާއަށްކަމާއި، މިގޮތުން އެއްވެސް ފަރާތެއްގެ ނުވަތަ އެއްވެސް ކުންފުންޏެއްގެ ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ކޮށްގެންވާނެކަމެއްނޫންކަމުގައި ބަޔާންކުރެއެވެ.
30އިސްވެ ބަޔާންކުރަނިވި 18 ވަނަ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ، މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑުކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ޤާނޫނުގައި އިސްތިޤުރާރުވެފައިވެއެވެ.
31HN3މި މިންގަނޑުން ބެލުމުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ފާހަގަކުރައްވަނީ:
"ކަން ހިނގާފައިވާ ގޮތްކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެ ތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް، ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތް ކަމަށް ވެދާނޭ ތިން ގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އެ ގޮތްތައް އަތުރާލުމުން، އެ ތަނުން ކަންވުމާ އެންމެ ގާތްގޮތް ނުވަތަ ކަންވެފައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވޭ ގޮތް އޮންނާނީ ހޯދިފައެވެ.
އިނގިރޭސި ވިލާތުގެ ހައިކޯޓުގެ ގަޒިއްޔާއެއް ކަމުގައިވާ މިލަރ ވ. މިނިސްޓަރ އޮފް ޕެންޝަންސް ގަޒިއްޔާގައި ލޯޑް ޑެނިންގ ބުނެފައިވަނީ: "ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް އެކަން ވެފައިވާކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވޭވަރުވެއްޖެ ނަމަ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. ނަމަވެސް ދެ ގޮތްވެސް އެއީ ކަންވެފައި އޮވެދާނެ ގޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވަނީއެވެ."
ޕަސެންޓޭޖުގެ އުސޫލުން ބަޔާންކުރާ ކަމަށް ވެއްޖިއްޔާ، ކަމެއް ވެފައިވާ ކަމަށް %50 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ ދައުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީއެވެ. އެއާ ޚިލާފަށް ކަންވެފައިވާ ކަމަށް %51 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ އެ ދައުވާ ދައުވާކުރާ ފަރާތަށް ކާމިޔާބު ވާނެއެވެ. އެހެންކަމުން ބޮޑަށް ގަބޫލުކުރެވޭ ގޮތުގެ މިންވަރަކީ %1 ގެ ތަފާތެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ."
32އެހެންކަމުން، ބޮޑަށް ބުރަވެވޭ މިންގަނޑު ކަނޑައެޅުމުގައި ކަން ހިނގާފައިވާ ގޮތަށާއި، ހުށަހަޅާފައިވާ ހެކި ގަރީނާއަށް ރިޢާޔަތްކޮށް، އެންމެ ގާތް ގޮތަކީ ކަން ވުމަށް ވުރެ ކަން ނުވުންތޯ ނުވަތަ ކަންވުން ގާތްތޯ ފަނޑިޔާރު ވަޒަންކުރަންވާނެއެވެ.
33HN5މިކަންކަމުގެ އަލީގައި، ފިއުލް ސަޕްލައިސްއިން ކޮށްފައިވާ ތަހުޤީޤަށާއި، މި ބާވަތުގެ މަސައްކަތުގައި ކަން ހިނގާގޮތަށާއި، އަދި ވަޒީފާގެ އެއްބަސްވުމަށް ބަލައި، 6 ޖުލައި 2019ގައި ކ.ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީކުރުމަށް ބައިވެރިވީ ކެޕްޓަންގެ އިތުރުން 2 (ދޭއް) ފަޅުވެރިކަން އެނގެއެވެ. ތެޔޮ އެޅުމުގައި މި ތިން ފަރާތަކީ އެކަން ކުޅައުމުގެ ކުރާ އެކި މަސައްކަތްތަކުގެ ދަރަޖައިން ޝާމިލްވާ ތިން ފަރާތެވެ. އެ ދުވަހު ތެޔޮ ޑެލިވަރކުރުމުގައި ތެޔޮ މަދުވެފައިވާކަމުގައި އެއްވެސް ސުވާލެއްނެތެވެ. ތެޔޮ މަދުވެފައިވަނީ ކީއްވެގެންކަމެއް ބާޖުގައި ތިބި ފަރާތްތަކަށް ސާފުކޮށް ބުނެދެވިފައެއްނުވެއެވެ. ބާޖުގައި މައްސަލައެއް ނުވަތަ ތެޔޮ ޑެލިވަރީ ސިސްޓަމްގައި މައްސަލައެއް ހުރި ކަމަކަށް އެނގޭކަށްނެތެވެ. އަދި މީގެ އިތުރުން ރިސޯޓުން ތެޔޮ މަދުވާކަމަށް ބުނުމުން، ތެޔޮ ޑެލިވަރކުރަން ދިޔަ މުވައްޒަފުން ބޯޓު ދެއްކުމަށް އިންކާރުކުރިކަން އެނގެއެވެ. މީގެ ނަތީޖާއަކީ ތެޔޮ ޑެލިވަރކުރުމުގައި އިހުމާލުވެ، ޚިޔާނާތްވެރިވެފައިވާކަމެވެ. ބާޖުގައި ތިން މީހުން ތިބޭއިރު، އަދި ބާޖުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ބަލާއިރު، މިއީ ތިން މީހުންގެ އެނގުމާއި ފެނުމުގެ ތެރެއިން ހިނގާނޭކަމަކެވެ. އެހެންކަމުން، މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި އެކަމެއް ސާބިތުކުރަން އޮންނަ މިންގަނޑުން ވަޒީފާއަދާކުރުމުގައި އިހުމާލުވެ، ޚިޔާނާތްތެރިވެފައިވާކަން އެނގޭހިނދު، ވަޒީފާއާބެހޭ އެއްބަސްވުމުގައި ބަޔާންކުރާ ކަންކަމާއި މުޙައްމަދު ޙާޝިރު ޚިލާފުވެފައިވާކަން އަހުރެންނަށް ޤަބޫލުކުރެވެއެވެ.
34މި ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާފަދަ ޢަމަލެކެވެ. މި ކަން މިފަދައިން ހިނގުމުން ފިއުލް ސަޕްލައިސްގެ ދުވަސްވީ ކަސްޓަމަރެއް ގެއްލުމަކީ، އެއީ ކުންފުންޏަށް ގެއްލުންވެފައިވާކަމެއް ކަމުގައި ފިއުލް ސަޕްލައިސްގެ ފަރާތުން ބުނެފައިވެއެވެ. މުޙައްމަދު ޙާޝިރު މިފަދަ ޢަމަލެއް ކޮށްފައިވާކަން މަދަނީ މިންގަނޑުން ސާބިތުވާކަމަށް ދެކޭ ހިނދު، މިފަދަ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ އޭނާގެ ސަބަބުން ކުންފުންޏަށް އިތުރު ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށާއި، އަދި މުޙައްމަދު ޙާޝިރުގެ މައްޗަށް ސާބިތުވެފައިވާ ޢަމަލުގެ ބާވަތަށް ބަލާއިރު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއް ކަމަށް ނުފެންނަކަމަށް ފިއުލް ސަޕްލައިސްއިން ނިންމާފައިވާ ނިންމުން ބިނާކޮށްފައިވަނީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ޖާއިޒު ސަބަބެއްގެ މައްޗަށް ކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ. މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރުމުގައި ފިއުލް ސަޕްލައިސްއިން މައުޟޫއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށްވެސް އަހުރެން ދެކެމެވެ.
އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ
35އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އަދުލުވެރި ނިންމުމަކަށް ވާސިލުވުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ބެލުމުގައި ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތުތައް ފުރިހަމަކުރުމެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމައެވެ. އެގޮތުން؛
އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހު؛
އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެމުވައްޒަފަކަށް އެންގުމަށްފަހު؛
އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި، އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުސަތު އޮތްކަން އެމުވައްޒަފަކަށް އެނގުމަށްފަހު؛
އެމުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އެމުވައްޒަފަކަށް ދިނުމަށްފަހު؛
އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް ނިންމުމަށްފަހު؛
އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
36މަތީގައިވާ ކަންކަމުގެ މައްޗަށް މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބަލާއިރު، މުޙައްމަދު ޙާޝިރުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން 7 ޖުލައި 2019ގައި މުޙައްމަދު ޙާޝިރުގެ ބަޔާނެއް ނަގާފައިވެއެވެ. މި ބަޔާނަށް ބަލާއިރު، މި ބަޔާން ނެގުމުގެ ކުރިން މުޙައްމަދު ޙާޝިރުއަށް ޤާނޫނުން ލިބިދޭ ޤާނޫނީ ޙައްޤުތައް ބަޔާން ނެގި ފަރާތުން މުޙައްމަދު ޙާޝިރުއަށް ބުނެދީފައިވާކަން އެނގެއެވެ. އަދި ބަޔާނަކީ 6 ޖުލައި 2019ގައި ކ. ކުޑަހުރާ ރިސޯޓަށް ތެޔޮ ޑެލިވަރީ ކުރުމުގައި ދިމާވި މައްސަލަތަކާއި ގުޅޭ ގޮތުން ނެގިފައިވާ ބަޔާނެއްކަން އެނގޭކަމާއި، އަދި މި ހާދިސާ ހިނގާދިޔަގޮތް މުޙައްމަދު ޙާޝިރު ކިޔައިދީފައިވާކަން މި ބަޔާނުން އެނގެއެވެ.
37މީގެ އިތުރުން ކުންފުނީގެ "ޑިސިޕްލިން އެންޑް ސްޓަފް ޓަރމިނޭޝަން ޕޮލިސީ" ގައި ބަޔާންކުރަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ލިޔުމުން ނޯޓިސް ދޭންޖެހޭނެކަމަށެވެ. އަދި ފާޅުކަންބޮޑު ޣައިރުސުލޫކީ، ސީރިއަސް ޢަމަލުތަކުގައި މުވައްޒަފު ވަޒީފާގައި ބެހެއްޓުމަކީ ކުންފުންޏަށް ގެއްލުންލިބިދެނިވި ކަމެއްނަމަ، އެ ވަގުތު ނޯޓިސް ނުދީވެސް އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވޭނެކަމާއި، އެހެނަސް، މި ނޯޓިސް ފަހުން ދޭންޖެހޭނެކަމުގައި ބަޔާންކުރެއެވެ. މުޙައްމަދު ޙާޝިރު 7 ޖުލައި 2019ގައި ދީފައިވާ ބަޔާނަކީ މުޙައްމަދު ޙާޝިރުއަށް ޤާނޫނީގޮތުން ލިބިގެންވާ ޙައްޤުތައް އޭނާއަށް ލިބިގެންވާކަން ބުނެދެވި، މުޙައްމަދު ޙާޝިރުގެ މައްޗަށް ތުހުމަތުކުރެވިގެން އުޅޭ މައްސަލަ އޭނާއަށް ސާފުކޮށްދެވި، އެއަށް ޖަބާވުދާރީވުމުގެ ގޮތުން ދީފައިވާ ބަޔާނެއްކަން ސާފެވެ. އެހެނީ އެ ބަޔާނުގައި ކަން ހިނގާދިޔަކަމަށް މުޙައްމަދު ޙާޝިރު ދެކުނުގޮތް އޭނާ ބަޔާންކޮށްފައިވާތީއެވެ. މީގެ އިތުރުން، މުޙައްމަދު ޙާޝިރު 09 ޖުލައި 2019ގައި ވަޒީފާއިން ވަކިކޮށް، މި ނޯޓިސްގައި މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު ބަޔާންކޮށްފައިވެއެވެ. މިކަންކަމުގެ އަލީގައި، މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމުގައި ދެކެމެވެ.
38އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން، އަހުރެން ދެކެނީ މުޙައްމަދު ޙާޝިރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލުކުރަންޖެހޭކަމަށެވެ.
39މިފަދައިން ނިންމުމާއިއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މުޙައްމަދު ޙާޝިރު ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، އަދި މުޙައްމަދު ޙާޝިރުއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، އަދި ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި މުސާރައާއި ޢިނާޔާތްތައް ދިނުމަށް ނިންމާފައިވާ ނިންމުންވެސް ބާޠިލުވާނެއެވެ.
ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު؛
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 229/VTR/2019 މައްސަލައިގެ ނިންމުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށް، އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
ފާޠިމަތު ފަރްހީޒާ
މުޙައްމަދު ނިޔާޒް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަދި (ށ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1)
- ގަވާއިދު ނަންބަރު 2015/R-20 (ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ގަވާއިދު) ގެ 39 ވަނަ މާއްދާ
- ILO Termination of Employment Convention, 1982 (No. 158), Articles 4, 7, 9(2)(a)
- ILO Termination of Employment Recommendation, 1982 (No. 166)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 އަދި 284 ވަނަ މާއްދާ (އިސްތިއުނާފުގެ އިޖުރާއަތު)
- 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް)
- 2014/SC-A/30 (ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ވ. އިސްމާޢީލް މަސްޢޫދު)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2011/HC-A/134 (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު މުޙައްމަދު)
- 2014/SC-A/08 (ސިވިލް ސަރވިސް ކޮމިޝަން / މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ވ. އަޙްމަދު ވާޞިފް)
- 2019/SC-A/68 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް)
- 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް)
- 2010/HC-A/24 (ރީތި ރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަލީ މުޢާޒު)
- 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަޝްރަފް ވަޙީދު)
- 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް)
- Khaw Yao Shun v Petroliam Nasional Berhad (Petronas) [2019] ILJU 292
- Miller v Minister of Pensions (އިނގިރޭސި ވިލާތް)
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.