ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/316

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ވަސީމު ދޮންތުއްތު

ބައެއް ބަދަލުކުރިޚިލާފު ރައުޔެއް
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 25 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 25 ނޮވެމްބަރު 2026ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 200/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 200/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައަޅައި، ވަކިކުރުމަކީ އަންފެއަރ ޑިސްމިސަލް އެއްކަމަށް ނިންމައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ ދަށުން މުވައްޒަފު ވަޒީފާއަށް ރުޖޫޢަކޮށް، ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތައް (އެއް މަހުގެ މުސާރަ އުނިކޮށް) ނަގައިދިނުމަށް ނިންމިއެވެ.
ވާޤިޢާ
ތެޔޮ ސަޕްލައިކުރާ ކުންފުންޏެއްގެ ލޮޖިސްޓިކް ޑިޕާރޓްމަންޓުގައި ބާރޖު ކުރޫއެއްގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފަކު، އުޅަނދަކަށް ތެޔޮ އެޅުމުގައި ކުންފުނީގެ ތެޔޮ ޑެލިވަރީ ޕްރޮސީޖަރއާ ޚިލާފަށް އިތުރަށް ތެޔޮ ދޫކުރިކަމަށް ތުހުމަތުކޮށް، ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމަށްފަހު ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރިއެވެ. ވަކިކުރިކަން އެންގި ލިޔުމުގައި ސަބަބު ބަޔާންކޮށްފައެއް، ތަޙުޤީޤު ރިޕޯޓެއް ނެތެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ކުންފުނީގެ ތެޔޮ ޑެލިވަރީ ޕްރޮސީޖަރ އެނގިހުރެ އެއާ ޚިލާފަށް ތެޔޮ ދޫކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރެވިދާނެ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްތޯ، އަދި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ ޙާލަތުގައި މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރެވޭނެތޯ ނުވަތަ ނަގައިދެވޭނީ ކޮން މިންވަރެއްގެ ބަދަލެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ކުންފުނިން ބުނީ ޕްރޮސީޖަރއާ އެނގިހުރެ ޚިލާފުވުމަކީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށާއި، ތަޙުޤީޤު ރިޕޯޓެއް ނެތުމާއި ވަކިކުރި ޗިޓުގައި ސަބަބު ބަޔާންނުކުރުމަކީ އިޖުރާއީ ޢަދުލުވެރިކަން ގެއްލޭ ކަމެއް ނޫންކަމަށާއި، އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް ރުޖޫޢަނުކުރަންވާނެކަމަށާއި، މުވައްޒަފަށް ލިބުނު އާމްދަނީ ސާބިތުކުރުމުގެ ބުރަ ކުންފުނީގެ މައްޗަށް ނާޅަންވާނެކަމަށެވެ. މުވައްޒަފު ބުނީ ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާތީ ޓްރައިބިއުނަލުގެ ނިންމުން ރަނގަޅުކަމަށެވެ.
ކޯޓުގެ ސަބަބުތައް
ކޯޓުގެ ހުރިހާ ފަނޑިޔާރުން ވެސް ފެނިވަޑައިގަތީ، ކުންފުނީގެ މައިގަނޑު މަސައްކަތާ ސީދާ ގުޅޭ ޑެލިވަރީ ޕްރޮސީޖަރ އެނގިހުރެ ޚިލާފުވުމަކީ، އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވިދާނެ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށާއި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާތީ ވަޒީފާއަށް ރުޖޫޢަ ނުކުރެވޭނެކަމަށެވެ. އަޣްލަބިއްޔަތުގެ ރައުޔުގައި، ތުހުމަތާ ގުޅޭ މަޢުލޫމާތު ދީ ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވީނަމަވެސް، ތަޙުޤީޤު ފުރިހަމަނުކޮށް އަދި ވަކިކުރި ސަބަބު ލިޔުމުގައި ބަޔާންނުކޮށް ވަކިކުރުމުން އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާތީ، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު (2017/SC-A/38) އާއި އިސްމާޢީލް މަސްޢޫދު (2014/SC-A/27) ޤަޟިއްޔާތަކަށް ބަލައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެ އެކަށީގެންވާ މުއްދަތަކީ 2 މަސްކަމަށް ބަލައި، 2 މަހުގެ މުސާރައާ އެއްވަރުގެ ބަދަލު ނަގައިދިނުމަށް ނިންމިއެވެ. ރިޔާސަތުގެ ފަނޑިޔާރަށް ފެނިވަޑައިގަތީ އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމުވެފައިވާތީ ޓްރައިބިއުނަލުގެ ނިންމުން މުޅިން ބާޠިލުކުރަންވާނެކަމަށެވެ.

ނިންމުން

ބައެއް ބަދަލުކުރި

ވަޒީފާއަށް ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަށް ޓްރައިބިއުނަލުން ކަނޑައެޅި ބައި އިއްތިފާޤުން ބާޠިލުކޮށް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ކަނޑައެޅި ބަޔަށް ތާއީދުކޮށް، 02 މަސްދުވަހުގެ މުސާރައާ އެއްވަރުގެ ބަދަލު ނަގައިދިނުމަށް އަޣްލަބިއްޔަތުން ނިންމި (ބައެއް ބަދަލުކުރި)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި، (ށ) ގައި ބުނެފައިވާ ފަދައިން ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ. ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ޙާލަތެއްގައެވެ. އެއީ: ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކުރުން؛ ނުވަތަ ޚިޔާނާތެއް ވެފައިވުން، މިއެވެ.

HN2 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލެވޭނީ، އެ ޢަމަލަކީ، އެ ޢަމަލުގެ ސަބަބުން މުވައްޒަފާއި ވަޒީފާދިން ފަރާތާއި ދެމެދު އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއްކަމަށްވާނަމައެވެ. އެ ޣައިރު ސުލޫކީ ޢަމަލަކީ ދެފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުކަމެއްކަމުގައި ވާނަމަ؛ ނުވަތަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށްވާނަމަ؛ ނުވަތަ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީގޮތުން ނުވަތަ ސީދާ ގޮތެއްގައި ޚިލާފުކަމެއްކަމަށް ވާނަމަ؛ އެ ޢަމަލަކީ ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވާނޭފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބެލެވޭނެއެވެ.

HN3 ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި، އަދި އެ މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

HN4 ޣައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

HN5 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތުމުގެ އިތުރަށް، އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމުވެފައި އޮތުމަކީ ލާޒިމް ކަމެކެވެ. ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައިވެސް، އެ މުވައްޒަފާމެދު ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހެއެވެ. އެހެންނަމަވެސް، ވަޒީފާއިން ވަކިކުރަންޖެހުނު ޙާލަތާއި، ވަގުތާއި، އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބަލާއިރު، ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރަންޖެހޭ ކޮންމެ ފަހަރަކު، އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ މިންވަރަށް، އެ އިޖުރާއަތާ އެއްގޮތަށް، އެ ފުރުޞަތު ފަހިކޮށްނުދެވިދާނެއެވެ.

HN6 އިސްތިސްނާއީ ޙާލަތްތަކުގައި، ވަޒީފާދޭ ފަރާތަށް ނުވަތަ ތަނަށް މުވައްޒަފުގެ ފުށުން ގެއްލުން ލިބިދާނެނަމަ، ވަގުތުން ވަކިކުރެވިދާނެއެވެ. ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުޞަތުދެވޭ މިންވަރު ކަނޑައެޅެނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތާއި އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބެލެވިގެންނެވެ. އަދި ކޮންމެ ޙާލަތެއްގައި، ލިޔުމުން ޖަވާބުދާރީވުމަށް ފުރުޞަތު ނުދެވުނުކަމުގައިވިޔަސް ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލުކުރެވިދާނެއެވެ.

HN7 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްފަހު، ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވާނަމަ، ވަޒީފާއިން ވަކިކުރުމާ ގުޅޭ އިދާރީ ތަޙުޤީޤު ރިޕޯޓެއް ނެތުމަކީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް، އިޖުރާއީ ޢަދުލުވެރިކަން މުޠުލަޤަށް ޤާއިމުކޮށްފައި ނުވާކަމަށް ކަނޑައެޅިދާނެ ސަބަބެއް ނޫނެވެ.

HN8 ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކިގޮތެއް އަންގަންދެން ވަޒީފާގެ މަސްއޫލިއްޔަތުން މުވައްޒަފު ދުރުކުރުމަށްފަހު، ނޯޓިހެއް ނުދީ ވަޒީފާއިން ވަކިކޮށްފައިވާއިރު، އެގޮތަށް އެކަން ކުރަން ނިންމީ އިދާރީ ތަޙުޤީޤު ފުރިހަމަކުރުމަށްފަހުގައި ކަމަށްނުވާނަމަ، އަދި ވަޒީފާއިން ވަކިކޮށް ދޫކުރި ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްފައިނުވާނަމަ، އިޖުރާއީ ޢަދުލުވެރިކަން އެންމެ ފުރިހަމައަށް ޤާއިމުކުރެވުނީކަމުގައި ނުބެލެވޭނެއެވެ.

HN9 މުވައްޒަފުގެ ޢަމަލުތައް ހުރީ ކޮންމެ ސިފައެއްގައިކަމަށް ވަޒީފާދޭ ފަރާތަށް ފެނުނުނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަ ކުރަންޖެހޭ ލާޒިމް އިޖުރާއަތު ފުރިހަމަ ނުކުރުމަކީ ވަޒީފާދޭ ފަރާތަށް އެކަން ނުކޮށް ދޫކޮށްލުމުގެ ނުވަތަ އެކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫނެވެ. ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ޤާނޫނު ލާޒިމުކުރާ އިޖުރާއަތު ފުރިހަމަކޮށްފައިނުވާނަމަ، އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމްވާނެއެވެ. ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާނަމަ، ނަގައިދެވޭ ބަދަލުގެ ޢަދަދު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ޙާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ ޢަދަދަށްވުރެ ކުޑަވާންޖެހޭނެއެވެ. އަދި އެ ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްކުރާ އިޖުރާއީ އިންސާފު ޤާއިމުކޮށްފައިނުވާތީ، ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެކެވެ.

HN10 ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތްނަމަވެސް، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާނަމަ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫޢައެއް ނުކުރެވޭނެއެވެ. އެ ޙާލަތުގައި ނަގައިދެވޭނީ ހަމައެކަނި ބަދަލެކެވެ.

HN11 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިއޮވެމެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާނަމަ، ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތް މިންވަރުގެ މައްޗަށާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތުގެ މައްޗަށް ރިޢާޔަތްކޮށް ނަގައިދެވޭ ޢަދުލުވެރި ބަދަލަކަށެވެ. އަދި އެ ބަދަލުގެ މިންވަރު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ޙާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ މިންވަރަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

HN12 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ޙާލަތުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނޭކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް، ބަދަލުގެ ގޮތުގައި ޢާއްމު އުޞޫލެއްގެ ގޮތުން ނަގައިދެނީ 03 (ތިނެއް) މަސްދުވަހުގެ މުސާރައާ އެއްވަރުގެ ޢަދަދެކެވެ. އެހެންނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނޭކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް، ބަދަލުގެ މިންވަރު އެއަށްވުރެ ކުޑަކޮށް ނަގައިދެވިދާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ޢަލީ އަމީރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙުމަދު ޢަލީ، އަޙުމަދު ޢަލީ ލީގަލް ފަރމް
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޢަބްދުﷲ ޖަމީލް މޫސާ، ދީބާނާޒް ފަހުމީ
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުﷲ ޖަމީލް މޫސާ · ތާއީދުކުރެއްވީ: ދީބާނާޒް ފަހުމީ
ޚިލާފު ރައުޔު
މުޙައްމަދު ޝަނީޒް ޢަބްދުﷲ

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ދިވެހިރާއްޖޭގެ ހައިކޯޓު ދިވެހިރާއްޖެ

ޤަޟިއްޔާ ނަންބަރު: 2021/HC-A/316

އިސްތިއުނާފުކުރި ފަރާތް: ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

އިސްތިއުނާފު ރައްދުވި ފަރާތް: ވަސީމު ދޮންތުއްތު

މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ ފަނޑިޔާރު ދީބާނާޒް ފަހުމީ

ނިމުނު ތާރީޚް:

16 ޖުމާދަލްއާޚިރާ 1448 25 ނޮވެންބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް:

07 ރަބީއުލްއައްވަލް 1443 13 އޮކްޓޫބަރު 2021

އިސްތިއުނާފުކުރެވުނު މައްސަލަ:

ނަންބަރު: 200/VTR/2020

ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް

ބާވަތް: ވަޒީފާއާބެހޭ

ހުށަހެޅުނު ތާރީޚް: 16 ސެޕްޓެންބަރު 2020

ނިމުނު ތާރީޚް: 08 ސެޕްޓެންބަރު 2021

އިސްތިއުނާފުކުރި ފަރާތް

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު: ލީގަލް ކައުންސެލް ޢަލީ އާމިރު

އިސްތިއުނާފު ރައްދުވި ފަރާތް

ވަސީމު ދޮންތުއްތު ޤާނޫނީ ވަކީލު: އަޙްމަދު ޢަލީ، އަޙްމަދު ޢަލީ ލީގަލް ފަރމް

ވަޒީފާއާބެހޭ- މައުޟޫޢީ ޢަދުލުވެރިކަން- ޣައިރު ސުލޫކީ ޢަމަލު އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާ ޙާލަތް - ބަދަލުނަގައި ދިނުން- ބަދަލުގެ މިންވަރު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

ތަޢާރުފު

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200/VTR/2020 މައްސަލަ ނިންމާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށް ބުނެ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް(މީގެ ފަހުން"ފިއުލް ސަޕްލައިސް މޯލްޑިވްސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް")ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި އިސްތިއުނާފު ރައްދުވާ ފަރާތަކީ ވަސީމު ދޮންތުއްތު(މީގެ ފަހުން "ވަސީމު ދޮންތުއްތު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް")ގެ މައްޗަށެވެ.

ކަން ހިނގާފައިވާ ގޮތް:

2ވަސީމު ދޮންތުއްތު އަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ލޮޖިސްޓިކް ޑިޕާރޓްމަންޓުގައި ބާރޖު ކުރޫއެއްގެ ވަޒީފާ އަދާކުރަމުންދިޔަ މީހެކެވެ.

3ވަސީމު ދޮންތުއްތު، 08 ޖުލައި 2020 ގައި 'ސެކިއުބަސްބަރ' ކިޔާ އުޅަނދަކަށް ތެޔޮ އެޅުމަށްފަހު އިތުރަށް ތެޔޮދޫކުރިކަމަށް ތުހުމަތުކޮށް، 23 ޖުލައި 2020 ގައި އެކުންފުނީގެ ވަޒީފާއިން އޭނާ ވަކިކުރިއެވެ.

4ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200/VTR/2020 މައްސަލައަކީ ވަޒީފާއިން ވަކިކުރި މައްސަލަ ވަސިމު ދޮންތުއްތުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލި މައްސަލައެވެ.

5އެ މައްސަލައިގައި އެދިފައިވަނީ ވަޒީފާ އަނބުރާ ހޯދައިދިނުމަށާއި، ދާއިމީ ވަޒީފާއެއްގައި ހުރި މީހަކަށް ވެފައި ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާތީ، 3 (ތިނެއް) މަސްދުވަހުގެ ނޯޓިސްއަށްވާ ފައިސާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރާ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމަ ޙައްޤުވާނެ މުސާރައާއި އެންމެހައި ޢިނާޔަތްތަކާއެކު ޢަދުލުވެރި ބަދަލެއް ނަގައިދިނުމަށެވެ.

6ވަޒީފާއާބެހޭ ޓްރައިބިއުނަލްނަންބަރު 200/VTR/2020 މައްސަލައިގައި ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ. " ....... ވަސީމު ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރެވިފައި ނުވާކަމަށް ބުރަވެވޭތީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވަޒީފާއިން ވަސީމު ދޮންތުއްތު ވަކިކުރި ވަކިކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފު، އަންފެއަރ ޑިސްމިސަލް (unfair dismissal) އެއް ކަމުގައި ކަނޑައަޅައި،

ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން މުވައްޒަފަށް ލިބޭ ޤާނޫނީ ޙައްޤުތަކަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާއަށް ރިޢާޔަތްކޮށް، އިސްވެފާހަގަކުރެވުނު ފަދައިން ވަސީމު ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ވަސީމު ދޮންތުއްތު އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، ވަސީމު ދޮންތުއްތުއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި،

ވަސީމު ދޮންތުއްތު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، ވަސީމު ދޮންތުއްތު ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި، އެހެންނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ކުންފުނީގެ 'ތެޔޮ ޑެލިވަރީ ޕްރޮސީޖަރ' ގައި ބަޔާންކޮށްފައިވާ ކަންތައްތައް އެނގިހުރެ، އެ ޕްރޮސީޖަރއާ ޚިލާފަށް ޢަމަލުކޮށްފައިވާކަން މި މައްސަލައިގެ ތެރެއިން އެނގެން އޮތުމުން މައްސަލަ ހުށަހެޅި ފަރާތުގެ މަސައްކަތުގެ އަޚްލާޤު އެންމެ އެދެވޭ ގޮތުގައި ބަހައްޓާފައިނުވާކަމަށް ބުރަވެވޭތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އިސްވެބަޔާންކުރެވުނު މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާގައި ހުރިނަމަ، ލިބޭނެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާގެ ތެރެއިން މައްސަލަ ހުށަހެޅި ފަރާތް އަދާކުރި މަޤާމުގެ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ -/3,000ރ. (ތިން ހާސް ރުފިޔާ)، ލިވިންގ އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ -/3,500ރ. (ތިން ހާސް ފަސް ސަތޭކަ ރުފިޔާ)، ހާރޑްޝިޕް އެލަވަންސްގެ ގޮތުގައި ލިބެމުންދިޔަ މުސާރައިގެ %5 (ފަހެއް އިންސައްތަ) އަށްވާ -/150ރ. (ސަތޭކަ ފަންސާސް ރުފިޔާ) ގެ ނިސްބަތުން 1 (އެކެއް) މަސްދުވަހުގެ މުސާރައަށްވާ -/6,650ރ. (ހަ ހާސް ހަ ސަތޭކަ ފަންސާސް ރުފިޔާ) އުނިކުރުމުން ޖެހޭ ފައިސާގެ ޢަދަދު ވަސީމް ދޮންތުއްތުއަށް ދިނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް،

އިސްވެބަޔާންކުރެވުނު ކަންތައްތައް މިއަދު (08 ސެޕްޓެންބަރު 2021) އިން ފެށިގެން ރަސްމީ ބަންދުނޫން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޛުކުރުމަށްފަހު އެކަން ހަމަޖެހޭތާ ރަސްމީ ބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގާ އަމުރުކޮށް، މި މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން މި މައްސަލަ ނިންމައިފީމެވެ."

އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް

7ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 200/VTR/2020 މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

7.1 އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުން އެކަށީގެންވާ މަޤުބޫލު ސަބަބެއް ނެތިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅުމުގައި ތަޠުބީޤުކުރި ހަމައަކީ ނުވަތަ މިންގަނޑަކީ މަދަނީ މައްސަލަތައް ސާބިތުކުރުމުގައި ނުވަތަ އިދާރީ ފިޔަވަޅު އެޅުމުގައި ބަލަންޖެހޭ މިންގަނޑަށްވުރެ ހަރުކަށި މިންގަނޑަކުން ވަޒަންކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ އުޞޫލާއި ޚިލާފަށް ކަމަށާއި؛

7.2 އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ކަމަށް ނިންމާފައިވަނީ، ޢާންމު ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި ބަލަންޖެހޭނެ ކަމަށް މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް އެކަށީގެންވާ ބުރަދަނެއް ނުދީ، ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުންތަކާއި، ހެކިތައް ވަޒަންކުރުމުގައި މައްސަލަ ބެލި މެންބަރުންގެ އަމިއްލަ ރައުޔަށް ބުރަވެ ކަމަށާއި؛

7.3 މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ދަށު މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން އެއަށް ތަބާވާންޖެހޭ ނިންމުންތަކެއް ކަމަށްވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން ރުޖޫޢަކުރުމަށް ނިންމާފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާއިދު (2015/R-20) ގެ 39 ވަނަ މާއްދާއާ ޚިލާފަށް ކަމަށާއި؛ އަދި

7.4 އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލުގެ ގޮތުގައި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަލުން އަނބުރާ އިޢާދަކުރުމާ ހަމައަށް 01 (އެކެއް) މަސްދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް އުނިކުރުމަށް ނަގައިދީފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް އެއްވެސް ވަޒީފާއެއް އަދާކޮށް މުސާރައެއް ލިބިފައިވާކަން މައްސަލަ ރައްދުވިފަރާތުން ސާބިތުކޮށްދިނުމަށް އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާތީ ކަމަށް ބުނެ، އިސްތިއުނާފު ރައްދުވާ ފަރާތް އެއްވެސް ވަޒީފާއެއް އަދާކޮށް މުސާރައެއް ހޯދިކަން ސާބިތުކުރުމުގެ ބުރަ އިސްތިއުނާފު ކުރާ ފަރާތަށް އަނބުރާލާފައިވަނީ މިބާވަތުގެ މައްސަލަތަކުގައި މަތީ މަރުޙަލާތަކުން ނިންމާފައިވާ ނިންމުން ތަކާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ

8އިސްތިއުނާފީ ފުރަތަމަ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، ތެޔޮ އެޅުމާ ގުޅޭ ޑެލިވަރީ ޕްރޮސީޖަރއާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޢަމަލުކޮށްފައިވާ ކަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވެސް ފާހަގަކޮށްފައިވާ ކަމަށާއި، އެ ޢަމަލަކީ ފާޅުކަންބޮޑު ޣައިރު ޞުލޫކީ ޢަމަލެއް ކަމަށާއި އެހެންކަމުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމަށާއި، އެހެންކަމުން އެފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ދެކޭކަމަށެވެ.

9ދެވަނަ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ކަނޑައަޅާފައިވަނީ ތަޙުޤީޤު ރިޕޯޓު ނެތުމާއި ވަޒީފާއިން ވަކިކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެންކަން ބަޔާންކޮށްފައި ނެތުމުން ކަމަށާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުން ކަމުގައި ބެލުމުގައި ފުރިހަމަވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަންކަން މަތީ މަރުޙަލާގެ ނިންމުންތަކުގައި ކަނޑައަޅާފައިވާއިރު، ތަޙުޤީޤީ ރިޕޯޓެއް ނެތުމަކީ އަދި އޭނާ ވަޒީފާއިން ވަކިކުރީ ކޮން މައްސަލައެއްގައިކަން ޗިޓުގައި ބަޔާން ކޮށްފައި ނެތުމަކީ އެއީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުކުރީ ކަމުގައި ބަލަންޖެހޭނެ ކަންތައްތަކެއް ގޮތުގައި ހިމެނިފައި ހުރި ކަންތައްތަކެއް ނޫންކަމަށާއި މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށާއި މި މައްސަލައިގައި ވަޒީފާއާ ޓްރައިބިއުނަލުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ދެކޭކަމަށެވެ.

10ތިންވަނަ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައެޅޭ ޙާލަތުގައި ފުރަތަމަ ފަރުވާއަކީ ވަޒީފާ އިއާދަކުރުން ކަމުގައިވީނަމަވެސް އެ ފަރުވާއިން ދުރަށް ދެވިދާނެ ޙާލަތްތަކެއް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ކަމަށާއި އެކަން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުން އެނގެން އޮތްކަމަށާއި، އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާއަށް ބަލާއިރު، ކުރިން ހުރި ވަޒީފާ ދިނުމާ ދުރަށް ދެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި އެ ގުޅުން ނެތްކަމުގައި ވާނަމަ ވަޒީފާއަށް ރުޖޫޢަ ކުރުމަކީ އެއީ ކުރެވިދާނެ ކަމެއް ނޫން ކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ކަމަށާއި، އެކަންކަން ކަނޑައެޅެނީ ކޮންމެ މައްސަލައެއްގައިވެސް މައްސަލައިގެ ބާވަތަށާއި ޙާލަތަށާއި ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކުރެވިގެން ކަމަށާއި މި މައްސަލައަށް ބަލާއިރު، މި މައްސަލައަކީ ތެޔޮ ޑެލިވަރީ ކުރުމުގައި ޑެލިވަރީ ޕްރޮސީޖަރއާ ޚިލާފަށް ޢަމަލު ކުރުމުގެ ސަބަބުން ކުންފުންޏަށް ދިމާވި ގެއްލުމެއްގެ މައްޗަށް ބިނާވެފައި އޮތް ހާދިސާއެއް ކަމަށާއި، މީގެ ސަބަބުން ކުންފުނީގެ ބިޒްނަސް އިމޭޖަށް އޭގެ އަސަރު ކޮށްފައިވާ ކަމަށާއި، މިފަދަ ޙާލަތެއްގައި ހުރި މީހަކު އަނެއްކާ އަލުން އަނބުރާ އެ ވަޒީފާއަށް ރުޖޫޢަކުރުމަކީ އެންމެ ޢަދުލުވެރިގޮތް ނޫންކަމަށާއި، މައްސަލަ ބެލުމުގައި މުވައްޒަފާ އަދި ވަޒީފާ ދިން ފަރާތާ، އެ ދެ ފަރާތުގެ ޙައްޤުތަކާއި މަސްލަޙަތުތައް ވެސް ހިމާޔަތް ކުރަންވާނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާޢިދުގެ 39 ވަނަ މާއްދާގައިވެސް ބަޔާންކުރާ ކަމަށެވެ.

11ހަތަރުވަނަ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަލުން އޭނާއަށް އިޢާދަކުރި ދުވަހާ ހަމައަށް މުސާރައިގެ ގޮތުގައި އަދި ޢިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ހުރިހާ އެއްޗެއް، އެ ދެމެދަށް އެއް މަހުގެ މުސާރައާ ޢިނާޔަތް ކަނޑާފައި ދެން ލިބެންޖެހޭގޮތަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވަނީ މަތީ މަރުޙަލާތަކުން ނިންމާފައިވާ ނިންމުންތަކާއި ޚިލާފަށްކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނާއި މަތީމަރުޙަލާއިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، މުވައްޒަފަށް ލިބުނު ގެއްލުމުގެ މިންވަރު ސާބިތުކޮށްދިނުން އެއީ ވަޒީފާ ދިން ފަރާތުގެ މައްޗަށް އޮތް ޒިންމާއެއްނޫން ކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުން ދިޔައިރުގައި ވަސީމު ދޮންތުއްތު ވަޒީފާއެއް އަދާކުރަމުން ދިޔަކަމުގެ މަޢުލޫމާތު އިސްތިއުނާފުކުރާ ފަރާތުން ޙިއްޞާކޮށްފައިނުވާކަމަށް ކަނޑައަޅާފައިވާއިރު އެއީ އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭ ކަމެއް ނޫންކަމަށާއި، ގެއްލުން ކުޑަކުރުމަށްޓަކައި ކުރީ ކޮން ކަމެއްތޯ، ވަޒީފާއެއް ހޯދަން ކުރި މަސައްކަތަކީ ކޮބައިތޯ، އޭނާހުރީ ވަޒީފާއެއްގައިތޯ އާމްދަނީގެ ގޮތުގައި މިހާރު ލިބެނީ ކޯއްޗެއްތޯ، މި ކަންކަން ސާފުކުރުމަކީ އެއީ ޓްރައިބިއުނަލުން ކުރަންޖެހޭ ކަމެއްކަމަށާއި، މަތީ މަރުޙަލާއިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު މުޅި މުއްދަތު ތެރޭގައި މުވައްޒަފަކަށް ގެއްލިފައިވާ އެންމެހައި މުސާރައާއި ޢިނާޔަތްތައް އެކުގައި ނަގައިދިނުމަކީ ކޮންމެހެން ލާޒިމު ކަމެއްނޫން ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

12އިސްތިއުނާފުކުރާ ފަރާތުން އެދެނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބަކާ ލައިގެން ޑިއު ޕްރޮސެސް ފުރިހަމަ ކުރުމަށްފަހު ކަމަށް ކަނޑައަޅައިދިނުމާއި އެކު، އިސްތިއުނާފު ރައްދުވާ ފަރާތަށް ވަޒީފާ އިޢާދަކޮށްދީ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިޢާދަކުރާ ދުވަހާ ހަމައަށް އެއްމަހުގެ މުސާރައާއި ޢިނާޔަތް އުނިކުރުމަށްފަހު ނަގައިދިނުމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުން ބާޠިލު ކޮށްދިނުމަށްކަމަށެވެ.

އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި ދެއްކި ވާހަކަތަކުގެ ޚުލާސާ

13އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިސްތިއުނާފު ރައްވާ ފަރާތުން ދެއްކި ވާހަކަ ތަކުގައި ބުނެފައިވަނީ؛

13.1 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޤަވާޢިދުގެ 39 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަލާއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ ދެ ފަރާތުގެ މަޞްލަޙަތަށް ބެލިގެން ކަމަށާއި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ދެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަން އެނގޭ ކަމަށާއި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވޭފަދަ ސަބަބެއް މި މައްސަލައިގައި ނެތްކަމަށާއި، ވަޒީފާއިން ވަކިކޮށްފައިވަނީ ތުހުމަތު ކުރެވުނު ކަމާގުޅިގެން އެކަށީގެންވާ ތަޙުޤީޤެއް ކުރެވި އެ ތަޙުޤީޤު ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ތަޙުޤީޤުން އެ ޢަމަލު އޭނާ ހިންގިކަމަށް ސާބިތުވެގެންކަން އެނގެން ނެތްކަމަށާއި، އަދި ވަޒީފާއިން ވަކިކުރި ޗިޓުގައިވެސް އޭނާ ކުރި ކުށެއް ބަޔާންކޮށްފައިނުވާ ކަމަށާއި އަދި އޭނާ ހާޒިރުކޮށް ބަޔާން ނެގިއިރުގައި ކުށެއްގެ ތުހުމަތު ކުރެވިގެން އެ ކުށާއި ގުޅިގެން ކުރެވޭ ސުވާލެއްކަމަކަށް އެ ބަޔާނުން އެނގެން ނެތްކަމަށެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެއްވެސް ލިޔުމެއްގައިވެސް އެފަދަ ގޮތަކަށް ބަޔާން ކޮށްފައިވެސް ނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައި ވަނީ އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅާ ޙާލަތުގައި ވަޒީފާ ދޭން ނިންމި ނިންމުމަކީ މިއީ ރަނގަޅު ނިންމުމެއް ކަމަށް ދެކޭކަމަށެވެ.

13.2 އަދި މައުޟޫއީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ޓްރައިބިއުނަލުން ކަނޑައެޅުމުގައި ވާޞިލުވިގޮތް މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިންމި ރިޕޯޓުގެ 13 ވަނަ ޕެރެގްރާފާއި 14 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ އަމިއްލަ ރައުޔަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.

13.3 ވަޒީފާއިއާދަ ކުރަން ނިންމި ނިންމުމަކީ، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލު ކުރަންވީ ޤާނޫނީ އުޞޫލުތައް ބަޔާން ކޮށްފައިވާ ޤަޟިއްޔާއެއްކަމަށްވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް މީހަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައި އެ މީހަކު ވަޒީފާއަށް އަލުން ރުޖޫޢަ ކޮށްދޭންޖެހޭ ކަމަށް ދެކޭކަމަށެވެ. ވަޒީފާއަށް އިޢާދަކުރާ ޙާލަތުގައި އޭނާ ކުރި ޢަމަލަށް ބަލާއިރުގައި އިސްތިއުނާފު ރައްދުވާ ފަރާތް ތެޔޮ ބާޖަކަށް އަލުން އައްޔަންކުރަން ނުރުހޭކަމަށް ފާހަގަކުރާއިރު އިސްތިއުނާފުކުރާ ކުންފުންޏަކީ ބޮޑު ކުންފުންޏެއް ކަމަށާއި ވީމާ ތެޔޮ ބޯޓެއްނޫން އެހެން ތަނަކުންވެސް ވަޒީފާއެއް ދިނުމުގެ އިޚުތިޔާރު އެ ފަރާތަށް އޮންނާނެކަމަށެވެ. އެހެންކަމުން ވަޒީފާ އިޢާދަކޮށްފައިވަނީ ޤާނޫނީ ހަމަތަކާއި އެއްގޮތަށް މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކޮށްގެންކަން ޓްރައިބިއުނަލުގެ ރިޕޯޓުގެ 15 ނަންބަރުން އެނގޭކަމަށެވެ.

13.4 ހަތަރުވަނަ އިސްތިއުނާފީ ނުކުތާއާ ގުޅޭގޮތުން ބުނެފައިވަނީ، މިފަދަ މައްސަލަ ތަކުގައި ބަދަލު ނަގައި ދިނުމުގައި ވަޒީފާއިން ވަކިކުރި ފަރާތް، އިތުރު ވަޒީފާއެއް އަދާކުރާ ކަމާއި ލިބޭ މުސާރައާ އަދި އެހެން ގޮތަކުން ނަމަވެސް ލިބޭނެ އާމްދަނީއެއް ސާބިތުކޮށްދިނުމަކީ އެއީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ހައިކޯޓުގެ ނަންބަރު 2018/HC-A/111 ޤަޟިއްޔާއަށް ބަލާއިރު އެނގެން އޮންނަ ކަމަށެވެ.

ޓްރައިބިއުނަލްގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު އަޑުއެހުމެއްގައި، އެހެން ވަޒީފާއެއް އަދާކުރަންތޯ އިސްތިއުނާފު ރައްދުވާ ފަރާތާ ސުވާލުކުރި ކަމަށާއި ވަޒީފާ އަދާނުކުރާކަން އޭނަ ޔަޤީންކޮށްދިން ކަމަށާއި، އިސްތިއުނާފު ކުރާ ފަރާތުން އެކަމާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި އަދި ވަޒީފާ އަދާކުރިކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް އިސްތިއުނާފުކުރާ ފަރާތުން ހުށަނާޅާކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

14އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ޢަމަލު ކުރުމަށް އިސްތިއުނާފު ކުރާ ފަރާތުގެ މައްޗަށް އަމުރު ކޮށްދިނުމަށާއި އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މި މައްސަލަ ނިންމާފައިވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައިދިނުމަށްކަމަށެވެ.

ޝަރީޢަތަށް ފާހަގަކުރެވުނު ކަންކަން

15މިމައްސަލައިގައި އޮތް ސުވާލަކީ، "ތެޔޮ ޑެލިވަރީ ޕްރޮސީޖަރ" އާ ޚިލާފުވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިސް ދިނުމެއްނެތި މީހަކު ވަޒީފާއިން ވަކިކުރެވިދާނެފަދަ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބެލެވިދާނެތޯ ނުވަތަ ނޫންތޯ އެވެ.

16ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ، "މައްސަލަ ހުށަހެޅި ފަރާތުން ތެޔޮ ޑެލިވަރީކޮށްދޭއިރު ބައެއް ތަންތަނަށް ޕައިޕްލައިން ފިލްނުކޮށް ތެޔޮ ދޫކުރާކަމަށާއި، ކަސްޓަމަރު ޕައިޕްލައިން ފިލްކޮށްދޭން އެދިއްޖެނަމަ އެކަން އެގޮތަށް ކޮށްފައިވާކަމުގައި ބަޔާންކޮށްފައިވުމުން، މައްސަލަ ހުށަހެޅި ފަރާތުން ކުންފުނީގެ 'ތެޔޮ ޑެލިވަރީ ޕްރޮސީޖަރ' ގައި ބަޔާންކޮށްފައިވާ ކަންތައްތައް އެނގިހުރެ، އެ ޕްރޮސީޖަރއާ ޚިލާފަށް ތެޔޮ ދޫކުރުމުގައި ޢަމަލުކޮށްފައިވާކަމުގައި ބުރަވެވޭ" ކަމަށާއި، އެހެންނަމަވެސް އެއީ ފަރުވާ ކުޑަކުރުމެއް ކަމަށާއި، ފަރުވާކުޑަކުރުމަކީ ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއްކަމުގައި ބުރަނުވެވޭ ކަމުގައެވެ. އަދި އެކަމުގެ ނަތީޖާއަކަށްވެގެންދާނީ އިސްލާޙީ ފިޔަވަޅު އެޅުންކަމަށާއި، އެއީ ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިސް ދިނުމެއްނެތި މީހަކު ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއްކަމުގައި ބުރަނުވެވޭކަމުގައެވެ.

17މި އިސްތިއުނާފުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު އިސްވެ ބަޔާންކުރެވުނު ޢަމަލަކީ، ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައެވެ. އަދި ކުންފުނީގެ އުޞޫލުތައް އެނގިހުރެ އެއަށް ޢަމަލު ނުކުރުމަކީ، ޑެލިބެރޭޓް އެކްޝަންއެއް ކަމަށާއި، މިޙާލަތުގައި އެވަނީ ފާޅުކަންބޮޑު ޑެލިބެރޭޓް ޣައިރު ސުލޫކީ ޢަމަލެއް ކޮށްފައިކަމުގައެވެ.

މުވައްޒަފު ކުރިކަމަށް ބުނާ އަމަލު:

1808 ޖުލައި 2020 ގައި ސަފާރީ އުޅަނދަކަށް 10،000 (ދިހަ ހާސް) ލިޓަރު ޑީސަލް ޑެލިވަރީ ކުރިއިރު، އެއިން 2500 (ދެހާސް ފަސްސަތޭކަ) ލިޓަރު މަދުވާ ކަމަށް ބުނެ ސަފާރީ ހިންގާ ކުންފުނިން ޝަކުވާ ހުށަހެޅުމުން، އެ މައްސަލަ އިދާރީގޮތުން ބަލައި، ތެޔޮ ޑެލިވަރީކުރި މުވައްޒަފުންގެ ބަޔާން ނަގައި، ބެލިބެލުމުގައި، ސަފާރީއަށް ތެޔޮ ޑެލިވަރީ ކުރުމުގައި މަކަރާއި އޮޅުވާލުމުގެ ޢަމަލުތައް ހިންގައިވާކަން އެކަށީގެންވާ ހަމަތަކުން ބުރަވެވޭތީއާއި މިކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބައިވެރިވުން އޮތްކަމުގައި އިސްތިއުނާފު ކުރާ ފަރާތަށް ބުރަވެވިފައިވުން.

އިތުބާރު ގެއްލިފައިވާ ކަމަށް ބުނާ ސަބަބުތަކާއި ތުހުމަތުކުރި ޢަމަލުން ނިކުތްކަމަށްބުނާ ނަތީޖާ:

19އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުތަކުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް މާލީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ކުންފުނިން ވިޔަފާރި ކުރަމުންއައި މުހިންމު ކަސްޓަމަރެއް ގެއްލި، އެ ކަސްޓަމަރުގެ ވިޔަފާރި ކުންފުންޏަށް ގެއްލިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކަސްޓަމަރުންގެ މެދުގައި ކުންފުންޏާ މެދު ގޯސް ތަސައްވުރެއް އުފެދި، ކުންފުނީގެ ކޯޕަރޭޓް އިމޭޖަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރުތައްކޮށް، މި އިންޑަސްޓްރީގައި އިސްތިއުނާފު ކުރާ ފަރާތާ މެދު ދެކެމުން އަންނަ ގޮތަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާ އަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ކުރި ޢަމަލަކީ، ފަރުވާކުޑަކުރުމުގެ އަމަލެއްކަމުގައި ބަލައި، އިސްލާޙީ ފިޔަވަޅު އަޅައިގެން ރަނގަޅު ކުރެވިދާނެ އަމަލެއްތޯ ބެލުން.

20ވަޒީފާއެއް އަދާކުރަމުންދާއިރު، ކުންފުނީގެ ނުވަތަ ވަޒީފާ އަދާކުރާ ތަނުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި، ޕްރޮސީޖަރތަކަށް އަމަލުކުރުމުގައި ރަނުން ރަނަށް ކަންކަން ކުރަމުން ދިއުމަކީ، ހުރިހާ ހާލަތެއްގައި ކުރެވިދާނެ ކަމަކަށް ނުވެދާނެއެވެ. ފަހަރުގައި އަތް ދަށުން ކަމެއް ވެއްޓިފައިވެސް އޮވެދާނެއެވެ. އިންސާނުންނަށްވީތީ މަސައްކަތުގެ ތެރޭގައި ކުށެއް ކުރެވުމަކީ ނުވަތަ ކަމެއް އަތުން ދޫވުމަކީ (oversight) ވެދާނެ ކަމެކެވެ. ނަމަވެސް، އެފަދަ ހާލަތެއް ދިމާވުމުން އެކަމަކަށް އިންސާފުވެރިކަމާއެކު ބަލާނެ މިންގަނޑުތަކެއް އޮތުމަކީ މުއައްސަސާއެއްގެ ހިންގުން ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

21މިފަދަ ހާލަތްތަކުގައި، އެ ޚިލާފުވި ކަމަކީ ކޮބައިތޯއާއި، އެކަން ކުރަން ކަނޑައެޅިފައި އޮތް ގޮތް ވަޒީފާ އަދާކުރާ ފަރާތަށް އެނގިފައިވާ މިންވަރަށާއި، އެކަމަކީ ކުންފުނީގެ މައިގަނޑު މަސައްކަތާ (core business) ސީދާ ގުޅުންހުރި، ނާޒުކު ކަމެއްތޯ ބެލުމާއި، އެކަމެއް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުން ނުވަތަ ކުރިމަތިލާންޖެހިދާނެ ކަންކަމަކީ ކޮބައިތޯއާއި، އެކަން ނުކޮށް ދޫކޮށްލުމުން، މާލީ ގޮތުން ނުވަތަ ކުންފުނީގެ އަބުރަށް އުނިކަން އަންނާނެ ފަދަ ނުރައްކަލެއް އޮތްތޯ ބެލުމާއި، އެކަން ވަކި ގޮތަކަށް ކުރުމުން، އެކަމުން ނަޖާއިޒު ފައިދާއެއް ނެގުމުގެ ފުރުޞަތު އޮތް މިންވަރަށް ބެލުމާއި، އެކަން ވަކި ގޮތަކަށް ކުރުމުގައި އަމިއްލަ ފައިދާއެއް ހޯދުމުގެ ނިޔަތެއް އޮތްތޯ ނުވަތަ ނޫންތޯ ބެލުމަކީ މުހިންމު ކަމެކެވެ. މިފަދަކަމެއް އޮތުމުގެ ސަބަބުން، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރުގެ ގުޅުން ނެތިވެ، ކުންފުނީގެ އަސާސީ މަސައްކަތަށް ނޭދެވޭ އަސަރުކުރާފަދަ ގޮތަކަށް، އެނގިހުރެ އިޖުރާއަތުތަކާ ޚިލާފުވުމަކީ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބެލެވޭނެއެވެ.

22މި މައްސަލައަށް ބަލާއިރު، ކުންފުނީގެ ޑެލިވަރީ ޕްރޮސީޖަރ އެނގިހުރެ، އެ ޕްރޮސީޖަރއާ ޚިލާފަށް ތެޔޮ ދޫކުރުމުގައި އަމަލުކޮށްފައިވާކަމަށް، ޓްރައިބިއުނަލްއިން ކަނޑައަޅާފައިވެއެވެ.

23ޑެލިވަރީ ޕްރިސީޖަރއާ ޚިލާފަށް ކުރިކަމަކީ، ކުންފުނީގެ މައިގަނޑު މަސައްކަތާ (core business) ސީދާ ގުޅުންހުރި، އަދި އެކަމެއް ދޫކޮށްލުމުގެ ސަބަބުން، ކުންފުންޏަށް މީހުންކުރާ އިތުބާރު ގެއްލި، ކުންފުނީގެ ކޯޕަރޭޓް އިމޭޖަށް އުނިކަން ލިބިދާނެ އަދި، ކުންފުނީގެ ވިޔަފާރިއަށް ގެއްލުންވެ، ކަސްޓަމަރުން ގެއްލިދާނެފަދަ ކަމެކެވެ.

24ހަމައެހެންމެ، އެކަމަކީ، ނާޖާއިޒު ފައިދާއެއް ނަގަމުންދާފަދަ ކަމެއްކަމަށް ދެކި، ކުންފުނީގެ ކަންބޮޑުވުން އޮތް ކަމަކަށްވާއިރު، އެފަދަ މުހިންމު ޕްރޮސީޖަރއެއް އެނގިހުރެ ދޫކޮށްލުމަކީ، މި ހާލަތުގައި ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ދެކެމެވެ. އެހެންކަމުން، ވަޒީފާއާބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިސް ދިނުމެއްނެތި މީހަކު ވަޒީފާއިން ވަކިކުރުމަށް ކުންފުނިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ދެކެމެވެ.

އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ ބެލުން.

25އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިނުވާކަމަށް ޓްރައިބިއުނަލްއިން ކަނޑައަޅާފައިވަނީ، މައްސަލަ ތަޙުޤީޤުކޮށްފައިވާކަން ސާބިތުކޮށްދިނުމުގެ ބޭނުމަށް، ތަޙުޤީޤު ރިޕޯޓެއް ހުށަހަޅާފައި ނެތުމާއި، ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި، ވަޒީފާއިން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން ބަޔާންކޮށްފައި ނެތުމުންނެވެ. އެއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް ޤަޟިއްޔާއާ ޙަވާލާދީއެވެ. އެ ޤަޟިއްޔާއަކީ 24 ޖޫން 2010 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެކެވެ. އޭގެފަހުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކަށް ބަލާއިރު، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބެލުމުގައި، ފުރިހަމަވޭތޯ ބަލާނެ އެންމެ ކުޑަ މިންވަރު ބަޔާންކޮށްފައިވެއެވެ.

26އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ވ. އަޙުމަދު ވާޞިފް ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަމާގުޅޭ ގޮތުން ކަނޑައަޅާފައިވާ އުޞޫލަކީ؛

26.1 ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމާއި،

26.2 މުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމާގުޅޭ މަޢުލޫމާތު އެ މުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދިނުމަށްފަހު ތުހުމަތުކުރެވުނު ކަންކަމާއި ގުޅިގެން ދިފާޢުވުމަށް ވަޒީފާދޭ ފަރާތުން ފުރުޞަތު ދިނުމެވެ.

27އެހެންކަމުން، ޚާއްސަ ތަޙުޤީޤު ރިޕޯޓެއް ނެތުމާއި، ވަކި ފޯމެޓަކަށް ވަޒީފާއިން ވަކިކުރާ ޗިޓު ނެތުމަކީ އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަކޮށްފައިނުވާކަމަށް އެކުގައި ކަނޑައެޅިދާނެ ސަބަބެއް ނޫނެވެ. އެކަންކަންވެސް ފުރިހަމަކުރެވުނުނަމަ އަދި މާ ރަނގަޅުވީހެވެ. އެހެންނަމަވެސް އަސާސީ މިންގަނޑަކީ (Natural Justice) ގެ އުޞޫލުތައް ފުރިހަމަވުމެވެ.

28މި މައްސަލައަށް ބަލާއިރު، ޓްރައިބިއުނަލްގެ ނިންމުމުގެ 13.2 ވަނަ ނުކުތާގައި، "މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކަމާބެހޭ މަޢުލޫމާތު އެ ފަރާތަށް ދިނުމަށްފަހު، ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަން" އެނގެން އޮންނަކަމަށް ޓްރައިބިއުނަލްއިން ބަޔާންކޮށްފައިވުމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސިވިލް ސަރވިސް ކޮމިޝަން (މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް) ވ. އަޙުމަދު ވާޞިފް ޤަޟިއްޔާއާ އެއްގޮތަށް އިޖުރާއީ އަދުލުވެރިކަން ފުރިހަމަވެފައިވާކަމަށް ބަލަންޖެހެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް:

29ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތީންހުރުމުން، މި މައްސަލަ އިސްތިއުނާފު ކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށް، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ މައުޟޫއީ އަދި އިޖުރާއީ ޢަދުލުވެރިކަން (ލާޒިމު އިޖުރާއަތުތައް) ފުރިހަމަކުރުމަށްފަހުގައި ކަމުގައި ކަނޑައަޅައި، މި މައްސަލަ ނިންމަން ފެނެއެވެ.

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު:

30ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކޮށްފައިވަނީ، "ސެކިއުބަސްބަރ" ނަމަކަށް ކިޔާ އުޅަނދަކަށް ކުންފުނީގެ ތެޔޮ އެޅުމުގައި އިތުރަށް ތެޔޮދޫކުރިކަމަށް ތުހުމަތުކޮށް، 14 ޖުލައި 2020 ގައި، ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކިގޮތެއް އަންގަންދެން ވަޒީފާގެ މަސްއޫލިއްޔަތުން ދުރުކުރުމަށްފަހު، 23 ޖުލައި 2020 ގައި، ނޯޓިހެއް ދިނުމަކާ ނުލައެވެ. އެއީ، ކުންފުނީގެ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ، ކުންފުންޏަށް ގެއްލުންތަކެއް ލިބިދާނެކަމަށް އެކަށީގެންވާ ހަމަތަކުން ކުންފުންޏަށް ޤަބޫލުކުރެވޭތީއެވެ.

31ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައެވެ.

32ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި އެބުނާ ފަދައިން "މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާ" ކަމަށް ބަލާނެ ޙާލަތްތައް އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެއީ:

(ހ) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛

(ށ) ޚިޔާނާތެއް ވެފައިވުން، މިއެވެ.

33HN1ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުން، ނޯޓިސް ނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި، (ށ) ގައި ބުނެފައިވާ ފަދައިން ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ. ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ޙާލަތެއްގައެވެ. އެއީ:

(ހ) ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކުރުން؛ ނުވަތަ

(ށ) ޚިޔާނާތެއް ވެފައިވުން، މިއެވެ.

ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަން ދެނެގަންނާނެ ގޮތް

34HN2ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށް ބެލެވޭނީ، އެ ޢަމަލަކީ، އެ ޢަމަލުގެ ސަބަބުން މުވައްޒަފާއި ވަޒީފާދިން ފަރާތާއި ދެމެދު އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއްކަމަށްވާނަމައެވެ. މުވައްޒަފުގެ ޣައިރު ސުލޫކީ ޢަމަލަކީ އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ ޢަމަލެއްކަމުގައިވާނަމަ، އެއީ މުވައްޒަފާއި ވަޒީފާދިން ފަރާތާއި ދެމެދު އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއްކަމުގައި ބެލެވޭނެއެވެ. އެގޮތުން އެ ޣައިރު ސުލޫކީ ޢަމަލަކީ:

(ހ) ދެފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުކަމެއްކަމުގައި ވާނަމަ؛ ނުވަތަ

(ށ) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށްވާނަމަ؛ ނުވަތަ

(ނ) އެކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމްތަކާ އަސާސީގޮތުން ނުވަތަ ސީދާ ގޮތެއްގައި ޚިލާފުކަމެއްކަމަށް ވާނަމަ؛

އެ ޢަމަލަކީ ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވާނޭފަދަ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބެލެވޭނެއެވެ.

35HN3އަދި އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި، އަދި އެ މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބަލާނެ ކަންތައްތަކާ ގުޅޭގޮތުން އިސްވެ ބަޔާންވެދިޔަ މިންގަނޑަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެތައް ޤަޟިއްޔާއެއްގައި ނަގަހައްޓަމުން އަންނަ މިންގަނޑެކެވެ.

36HN4އެހެންކަމުން ޣައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، މުވައްޒަފު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

37މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ވަސީމް ދޮންތުއްތުގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލަކީ، އަދި ކުންފުނީގެ ޑެލިވަރީ ޕްރޮސީޖަރ އެނގިހުރެ، އެ ޕްރޮސީޖަރއާ ޚިލާފަށް ތެޔޮ ދޫކުރުމުގައި ވަސީމް ދޮންތުއްތު ޢަމަލުކޮށްފައިވާ ގޮތަކީ، ވަޒީފާދިން ކުންފުނީގެ ވިޔަފާރީގެ ޒާތަށާއި ބާވަތަށްބަލާއިރު، އެ ކުންފުންޏާއި ވަސީމް ދޮންތުއްތުއާއި ދެމެދުގައި އޮންނަންޖެހޭ އިތުބާރާއި، އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމުގައިވާތީއާއި، އަދި ކަން ހިނގާފައިވާގޮތުން، ވަސީމް ދޮންތުއްތު އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެރިވެރިކަމާއެކު އަދާކުރުމަށް ހުރަސް އެޅިފައިވާކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ކުންފުނިން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި އަހުރެންނަށްވެސް އެއްބަސްވެވެއެވެ. އެހެންކަމުން ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމުގައި އަހުރެންވެސް ދެކެމެވެ.

38HN5މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތުމުގެ އިތުރަށް، އިޖުރާއީ ޢަދުލުވެރިކަންވެސް ޤާއިމުވެފައި އޮތުމަކީ ލާޒިމް ކަމެކެވެ. ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައިވެސް، އެ މުވައްޒަފާމެދު ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހެއެވެ. އެހެންނަމަވެސް، ވަޒީފާއިން ވަކިކުރަންޖެހުނު ޙާލަތާއި، ވަގުތާއި، އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބަލާއިރު، ނޯޓިހެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރަންޖެހޭ ކޮންމެ ފަހަރަކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު އަސްލަމް ވ. އަޕަރ ސައުތު ޔުޓިލިޓީސް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރާ މިންވަރަށް، އެ އިޖުރާއަތާ އެއްގޮތަށް، އެ ފުރުޞަތު ފަހިކޮށްނުދެވިދާނެއެވެ.

39HN6އެގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާއަށް ބަލާއިރު، އިސްތިސްނާއީ ޙާލަތްތަކުގައި، ވަޒީފާދޭ ފަރާތަށް ނުވަތަ ތަނަށް މުވައްޒަފުގެ ފުށުން ގެއްލުން ލިބިދާނެނަމަ، ވަގުތުން ވަކިކުރެވިދާނެކަން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން ޤަޟިއްޔާއަށް ބަލާއިރު، ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުޞަތުދެވޭ މިންވަރު ކަނޑައެޅެނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތާއި އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބެލެވިގެންނެވެ. އަދި ކޮންމެ ޙާލަތެއްގައި، ލިޔުމުން ޖަވާބުދާރީވުމަށް ފުރުޞަތު ނުދެވުނުކަމުގައިވިޔަސް ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލުކުރެވިދާނެކަން އެނގެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޒާހިރު ޤަޟިއްޔާގައިވެސް ވަނީ އެވާހަކައަށް ތާކީދުކޮށް، އެވާހަކަ ނަޤުލުކޮށްފައެވެ.

40HN7މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށްފަހު، ޖަވާބުދާރިވުމަށް ފުރުޞަތު ދީފައިވާކަން އެނގެން އޮވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގެ 13.2 ވަނަ ޕެރެގްރާފުގައިވެސް އެކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމާ ގުޅޭ އިދާރީ ތަޙުޤީޤު ރިޕޯޓެއް ނެތުމަކީ، އެ ސަބަބުގެ މައްޗަށް ބިނާކޮށް، އިޖުރާއީ ޢަދުލުވެރިކަން މުޠުލަޤަށް ޤާއިމުކޮށްފައި ނުވާކަމަށް ކަނޑައެޅިދާނެ ސަބަބެއްކަމުގައި އަހުރެން ނުދެކެވެ.

41HN8އެހެންނަމަވެސް، ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ވަކިގޮތެއް އަންގަންދެން ވަޒީފާގެ މަސްއޫލިއްޔަތުން ވަސީމް ދޮންތުއްތު ދުރުކުރުމަށްފަހު، އޭގެ 09 (ނުވައެއް) ދުވަސް ފަހުން ނޯޓިހެއް ނުދީ ވަޒީފާއިންވަކިކޮށްފައިވާއިރު، އެގޮތަށް އެކަން ކުރަން ނިންމީ އިދާރީ ތަޙުޤީޤު ފުރިހަމަކުރުމަށްފަހުގައި ކަމަށްނުވާނަމަ، އަދި ވަޒީފާއިން ވަކިކޮށް ދޫކުރި ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބު ބަޔާންކޮށްފައިނުވާނަމަ، އިޖުރާއީ ޢަދުލުވެރިކަން އެންމެ ފުރިހަމައަށް ޤާއިމުކުރެވުނީކަމުގައި ނުބެލެވޭނެއެވެ.

42HN9މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ ޙާލަތުގައި ބަދަލުދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، މުވައްޒަފުގެ ޢަމަލުތައް ހުރީ ކޮންމެ ސިފައެއްގައިކަމަށް ވަޒީފާދޭ ފަރާތަށް ފެނުނުނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަ ކުރަންޖެހޭ ލާޒިމް އިޖުރާއަތު ފުރިހަމަ ނުކުރުމަކީ ވަޒީފާދޭ ފަރާތަށް އެކަން ނުކޮށް ދޫކޮށްލުމުގެ ނުވަތަ އެކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ޤާނޫނު ލާޒިމުކުރާ އިޖުރާއަތު ފުރިހަމަކޮށްފައިނުވާނަމަ، އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމްވާނެކަމަށެވެ. ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާނަމަ، ނަގައިދެވޭ ބަދަލުގެ ޢަދަދު، މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ޙާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ ޢަދަދަށްވުރެ ކުޑަވާންޖެހޭނެކަމަށެވެ. އަދި އެ ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްކުރާ އިޖުރާއީ އިންސާފު ޤާއިމުކޮށްފައިނުވާތީ، ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެއްކަމަށެވެ.

43HN10HN11ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ގޮތުން، ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތްނަމަވެސް، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާނަމަ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫޢައެއް ނުކުރެވޭނެއެވެ. އެ ޙާލަތުގައި ނަގައިދެވޭނީ ހަމައެކަނި ބަދަލެކެވެ. އެގޮތުން، މައުޟޫޢީ ޢަދުލުކުވެރިކަން ޤާއިމުވެފައިއޮވެމެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާނަމަ، ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތް މިންވަރުގެ މައްޗަށާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތުގެ މައްޗަށް ރިޢާޔަތްކޮށް ނަގައިދެވޭ ޢަދުލުވެރި ބަދަލަކަށެވެ. އަދި އެ ބަދަލަގެ މިންވަރު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ޙާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ މިންވަރަށްވުރެ ބޮޑުވެގެން ނުވާނެކަމީ ޤަޟާއީ ސަވާބިޤުތަކުން އިސްތިޤުރާރުވެފައިވާ އަސާސީ އުޞޫލެކެވެ.

44HN12މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ ޙާލަތުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނޭކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް، ބަދަލުގެ ގޮތުގައި ޢާއްމު އުޞޫލެއްގެ ގޮތުން ނަގައިދެނީ 03 (ތިނެއް) މަސްދުވަހުގެ މުސާރައާ އެއްވަރުގެ ޢަދަދެކެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކަށް ބަލާއިރު، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނޭކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް، ބަދަލުގެ މިންވަރު އެއަށްވުރެ ކުޑަކޮށް ނަގައިދީފައިވާތީވެސް ފެނެއެވެ.

45މި އިސްތިއުނާފުގައި މިހާރު މިއޮތް މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތް ނިންމުމަށް ހޭދަވާނޭކަމަށް ބެލެވޭ އެކަށީގެންވާ މުއްދަތަކީ 02 (ދޭއް) މަސް ދުވަސްކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އެހެންކަމުން މި މައްސަލައިގައި، ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވީނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކޮށްފައިނުވާތީ، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ކިބައިން ވަސީމް ދޮންތުއްތުއަށް މި މައްސަލައިގައި ނަގައިދޭން ފެންނަ މިންވަރަކީ ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 02 (ދޭއް) މަސް ދުވަހުގެ މުސާރައާ އެއްވަރުގެ ޢަދަދެއްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.

މައްސަލަ ނިންމަން ފެންނަގޮތް:

46ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތީންހުރުމުން؛

(1) ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ވަޒީފާއިން ވަސީމް ދޮންތުއްތު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށާއި، ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށާއި، ވަޒީފާ އަނބުރާ ރުޖޫޢަކުރުމާ ހަމައަށް މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/2020 ނިންމުމުގައި ކަނޑައަޅާފައިވާ ބައި ބާޠިލުކޮށް،

(2) ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް އެ ނިންމުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކޮށް،

(3) ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަސީމް ދޮންތުއްތު ވަކިކުރިއިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 02 (ދޭއް) މަސްދުވަހުގެ މުސާރައާ އެއްވަރުގެ ޢަދަދެއް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން ވަސީމް ދޮންތުއްތުއަށް ނަގައިދިނުމަށް ކަނޑައަޅައި، މިފައިސާ މި މައްސަލަ ނިންމާ ތާރީޚުން ފެށިގެން 01 (އެކެއް) މަސް ދުވަސް ތެރޭގައި ވަސީމް ދޮންތުއްތުއަށް ދެއްކުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔު:

47މި މައްސަލައިގައި، އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

48ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތީންހުރުމުން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަސީމް ދޮންތުއްތު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށާއި، ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށާއި، ވަޒީފާ އަނބުރާ ރުޖޫޢަކުރުމާ ހަމައަށް މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 200/VTR/2020 ނިންމުމުގައި ކަނޑައަޅާފައިވާ ބައި ބާޠިލުކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،

ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް އެނިންމުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކޮށް، ވަސީމް ދޮންތުއްތު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަސީމް ދޮންތުއްތު ވަކިކުރިއިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 02 (ދޭއް) މަސް ދުވަހުގެ މުސާރައާ އެއްވަރުގެ ޢަދަދެއް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެފައިސާ މިއަދު (25 ނޮވެންބަރު 2026 ) ން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވަސީމް ދޮންތުއްތުއަށް ދައްކާ ޚަލާޞްކުރުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އިސްފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ދީބާނާޒް ފަހުމީ

ފުޓްނޯޓު

  1. ރަޖިސްޓަރީ ނަންބަރު C-358/2000
  2. […]
  3. ޤާނޫނު ނަންބަރު 2/2008
  4. ޤާނޫނު ނަންބަރު 2/2008
  5. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާ
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޟިއްޔާ
  7. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/08 ޤަޟިއްޔާ
  8. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް (2017/SC-A/14) ޤަޟިއްޔާ
  9. އބމ. ޕެރެގްރާފު 21.
  10. އބމ. ޕެރެގްރާފު 23.
  11. އބމ. ޕެރެގްރާފު 24
  12. ފާޅުކަންބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމުގައި ބަލާނެ މިންގަނޑަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (2014/SC-A/27) ޤަޟިއްޔާއާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް (2017/SC-A/14) ޤަޟިއްޔާއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް [2021] SC 08 ޤަޟިއްޔާއާއި، އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2024] SC 54 ޤަޟިއްޔާއާއި އަދި މިނޫންވެސް އެތައް ޤަޟިއްޔާއެއްގައި ބަޔާންކޮށްފައިވާ މިންގަނޑެކެވެ.
  13. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާ
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/23 ޤަޟިއްޔާ
  15. އބމ. ޕެރެގްރާފު 28
  16. [2023] SC 21
  17. އބމ. ޕެރެގްރާފު 45
  18. [2026] SC 19
  19. އބމ. ޕެރެގްރާފު 40
  20. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ
  21. އބމ. ޕެރެގްރާފު 48
  22. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 ޤަޟިއްޔާ
  23. އބމ. ޕެރެގްރާފު 31
  24. މި އުޞޫލަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (2014/SC-A/27) ޤަޟިއްޔާއާއި، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު (2017/SC-A/38) ޤަޟިއްޔާއާއި އަދި މިނޫންވެސް އެތައް ޤަޟިއްޔާއެއްގައި ބަޔާންކޮށްފައިވާ އުޞޫލެކެވެ.
  25. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު (2017/SC-A/38) ޤަޟިއްޔާއަށް ބަލާއިރު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވީނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ، އެ މައްސަލައިގައި ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ކަނޑައަޅާފައިވަނީ، މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 02 (ދޭއް) މަސްދުވަހުގެ މުސާރައާ އެއްވަރުގެ ޢަދަދެކެވެ. އެއީ، އެ މައްސަލައިގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނެކަމަށް ބެލެވޭ އެކަށީގެންވާ މުއްދަތަކީ 02 (ދޭއް) މަސްދުވަސްކަމަށް ބެލެވިގެންނެވެ.
  26. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

މި ޤަޟިއްޔާއާ ގުޅޭ ވީޑިއޯއެއް ނުފެނޭ.

ޝެއަރ ކުރައްވާ